Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާނަމޭ އުމުރަށް އެކީ ޖާނާ 12

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
April 4, 2020 10 Mins Read
9 Comments

އީރަމް ކުއްލިގޮތަކަށް ކްލިނިކަށް ދާންޖެހުމާއި އެކު އޮފީސް ނިންމިގޮތަށް މީކާން ހުރިތޯވެސް ބަލައިނުލާ އަވަސްއަވަހަށް ދިޔައެވެ. ނާޒީ ނިކަން އަވަހަށް އައުމަށް އެދުމުން އޭނާވެސް ބެލީ ވީހާވެސް އަވަހަށް ދެވޭތޯއެވެ. އޭނާ ނާޒީގެ ކޮޓަރިއަށް ވަތްއިރު ޓެސްޓް ރިޕޯޓުތަކަކާއިއެކު އިތުރު ބިދޭސީމީހަކު ފެނި އޭނާގެ ފިޔަވަޅުތަށް ހުއްޓުނެވެ. އޭރު ނާޒީ ދިޔައީ އޭނާ ކައިރި އެތަށް ވާހަކަތަކެއް ދައްކަމުންނެވެ.

“އޭނާގެ ހުރޭ ނަފްސާނީ ބަލިތަށްވެސް.. އެންޒައިޓީ ވެސް… މިކޮޅުން ސްޕީޗްތެރަޕީއަށްވުރެ ބޮޑަށް ޑިޕްރެޝަންއާއި އެއާއި ގުޅިގެން އަންނަ ކަންތައްތަކަށް ވަރަށް ބޭސްކޮށް ވަރަށް ގިނަ ފަރުވާދެވުނު.. މިހާރު އޭނާ ކުރިއަށްވުރެ ވަރަށް ބޮޑުތަން ރަނގަޅު.. ޑިޕްރެޝަންގެ އަލާމާތްތަށް މިހާރު ފެންނަލެއް ވަރަށް މަދު..” ނާޒީ އަތުގެ އިޝާރާތުން އީރަމްއަށް އިށީންނަށް އެދިފައި ވާހަކަ ދައްކާ ނިންމީ އިނގިރޭސި ބަހުންނެވެ. ބިދޭސީ ޑޮކްޓަރު އީރަމްއަށް ބަލާލުމަށްފަހު އަތުގައި ހުރި ކަރުދާސްތަކުގައިވާ ލިޔުންތަކާއި ރިޕޯޓުތަކަށް ބަލައިލިއެވެ. ނާޒީ ދައްކަމުންދިޔައީ އީރަމްގެ ވާހަކަކަން އޭނާއަށް އެނގުނެވެ. އަދި ޑޮކްޓަރު ބަލަމުންދިޔައީ އީރަމްގެ ރިޕޯޓުތަށްކަން އެނގުނީ މީގެ އަހަރުތަކެއް ކުރިން ހަދާފައި އޮތް ރިޕޯޓެއް މޭޒުމަތީ އޮއްވާ ފެނިގެންނެވެ. އެ ޑޮކްޓަރު ދިޔައީ އެންމެ ފުރަތަމަ ރިޕޯޓުތަކާއި ފަހުން ހެދި ރިޕޯޓުތަކުގައި ހުރި ބަދަލުތަށް ފާހަގަގޮށް އަޅާކިޔަމުންނެވެ.

“ކިހިނެއްވެގެން މިހެން ދިމާވީ؟ އީރަމް އަކީ ކުރީގައި ނޯރމަލް ކުއްޖެއްނު؟ ކޮންކަހަލަ ކަމަކާއިވެގެންތަ މިހެން މިދިމާވީ؟ އަހަރެންނަށް އިނގޭ ދިމާވީ ކުޑަކަމެއްނޫންކަން..” ޑޮކްޓަރުގެ ސުވާލުން އީރަމް ހިންދިރުވާލިއެވެ. އަދި ނާޒީއަށް ބަލައިލިއެވެ. އެއީ ނާޒީއަށްވެސް ސިއްރުވެފައިވާ ބޮޑު ސިއްރެކެވެ. އީރަމްގެ ނޭވައި އަވަސްވެ ހިތުގެ ހިނގުން އަވަސްވެގެންދިޔައެވެ. އަބަދުވެސް ލޮލުކުރިމަތީ ހިނގަހިނގަ ހުންނަ އެ ހާދިސާއާއި އެއާއި ގުޅިގެން ދިމާވި ކަންތައްތަކާއި މަންމަ ދެއްކި ވާހަކަތަކާއި މަންމަ ރުއިރުއިމާއި ފިހިފައި އޮތް މަންމަގެ ހަށިގަނޑު އަނެއްކާވެސް އެތަށް ދުވަސްތަކެއްފަހުން އެދެލޮލަށް ފެންނަމުންދިޔައެވެ. މާހައުލު ބަދަލުވެ އޭނާގެ ކުރިމަތީ ދިޔައީ އެ މަންޒަރުތަށް އަނެއްކާވެސް ކުޅެވެމުންނެވެ. އެ ނުބައި މީހާގެ އިންޒާރުތަކާއި އޭނާގެ ފުށުން މަންމައަށް ލިބުނު އަނިޔާތަކެވެ. އެއަށްފަހު މަންމަފަދައިން މަރުވެ ދިޔަ އެތަށްކުދިންތަކެއްގެ މައިންބަފައިންނެވެ. އަނދާ އަޅިއަށްވެގެން ނެރެމުންދިޔަ ހަށިތަކެވެ. އެއްވެފައި ތިބި މީހުންގެ ރުއިމާ ހަޅޭކެވެ. ކައިރި ހުރި ލަމްޔާ ރޮމުންދިޔަގޮތެވެ. އުއްމީދުގެ ބޮކި ދިއްލާލާފައިވެސް ލިބުނު ވޭންތަކުން ސަލާމަތްނުވެވި މަރުވެދިޔަ މަންމައެވެ. އީރަމްގެ ހާލު ގޯސްވެގެން ދިޔަތަން ފެނި ނާޒީ އޭނާގެ ނަމުން އެތަކެއް ފަހަރު ގޮވިއެވެ. އީރަމް އިށީނދެ އިން ގޮނޑިމަތިން އަރިއަޅާލިއިރު އޭނާގެ ދެލޯ މެރުނެވެ. ޑޮކްޓަރާއި ނުހަނު ކައިރީ އީރަމް އިނެއްކަމަކު ޑޮކްޓަރަށްވެސް އެހީނުވެވި އުޅެނިކޮށް ހޭނެތިގެން ވެއްޓުނު އީރަމް ތަޅުންގަނޑުމައްޗަށް ވެއްޓުނުގޮތަކަށް ނިއްކުރިމަތި ފަޅައިގެންގޮސް ހަމައެސިކުންތުގައި ލޭގެ ކޯރު އެތާ ހައްދާލިއެވެ. “އީރަމް…” ނާޒީ ހާސްވެފައި ހަޅޭލަވައިގަނެވުނުއިރު ޑޮކްޓަރުވެސް ބެލީ އީރަމް ނެގޭތޯއެވެ.

……………………………

ލޭމަނާވެފައި އޮތެއްކަމަކު ނިއްކުރިމަތިން ފަޅައިގެން ގޮއްސާ އޮތްތަން އޮތީ ފޭވެފައެވެ. ދެލޯ މެރިފައިވާއިރު އީރަމްގެ ހަރަކާތްތަށް ދިޔައީ ލަސްވަމުންނެވެ. ހިތުގެ ހިނގުން ނޯރމަލްވެލާފައި އަނެއްކާވެސް ދަށްވެގެންދިޔުމާއި އެކު ޑޮކްޓަރުންތަށް އެތަނުގައި ފަރުވާކުރަން އަވަސްވެގަނެއެވެ. އެކަމާއި ވެގެން ލޭމަނާކުރެވުނެއްކަމަކު ފޭވެފައި އިން ޒަހަމު ފަހަން ގިނައިރުތަކެއް ވެގެންދިޔައެވެ. ކަރުނަވީ ދެލޮލަކާއި އެކު އީރަމްއަށް ނަޒަރު ހުއްޓާލައިގެން ދުރުގައި ހުރި ނާޒީ ދިޔައީ ނަރުހުންގެ ހަރަކާތްތަކަށް ބަލަމުންނެވެ. ހާރޓުބީޓުދައްކާ މެޝިނުން އޭނާގެ ހިތުގެ ހިނގުން އިހު ހުރިގޮތަށް ރުޖޫއަވެފައި ވިއެއްކަމަކު އީރަމް އަދިވެސް އޮތީ ހޭނެތިފައެވެ.

“މާފުކުރޭ.. އަހަރެންނަށް އިނގޭ އެހާ ޑައިރެކްޓްކޮށް ސުވާލުކުރަން ނުޖެހޭނެކަން އެކަމު އެ ބިރާއި ދުރުވުމަށްވުރެ ރަނގަޅީ އެއާއި ކުރިމަތިލުން..” އިނގިރޭސި ބަހުން ވާހަކަދެއްކި ޑޮކްޓަރު ފަރުހާންގެ އަޑަށް ނާޒީ އެދިމާލަށް ކަޅިއެއްލިއެވެ. ފަރުހާންއަކީ މިއަދު އިންޑިޔާއިން ގެނެވުނު ޑޮކްޓަރެވެ. އީރަމްގެ ހުރިހާ ވާހަކަތަކެއް ހިއްސާކުރުމަށްފަހު އީރަމް ގެންނަން އޭނާ އެދުނީ މިކަހަލަ ކަމެއްކުރަންކަމެއް ނާޒީއަކަށް ނޭނގުނެވެ. ނަމަވެސް ޑޮކްޓަރު އެދެއްކީ ރަނގަޅުވާހަކައެކެވެ.

“އިނގެޔޭ.. އެކަމު އީރަމްގެ ހާލު އެއަށްވުރެ ނާޒުކު.. އީރަމް ނޭނގެ ކީއްވެކަމެއް އެކަމާއި ކުރިމަތިލާން ބޭނުންނުވަނީ… އަހަރެން ގަބޫލުކުރަން ތިހުރިހާކަމެއްވެސް…. އަހަރެންވެސް އުއްމީދުކޮށްގެންހުރީ ޖަވާބަކަށް.. މިހާރު ހާދަ ދުވަހެއްވެއްޖެޔޭ…” ފަރުހާން އަށް ޖަވާބުދީފާ ނާޒީ ދުރަށް ހިނގައިގަތެވެ.

ދެތުންފަތް އެތެރެއަށް ފިއްތާލައިގެންހުރެ އަނެއްކާވެސް ފޯނުނަގާ މީކާންއަށް ގުޅޭތޯ އޭނާ މަސައްކަތްކުރިއެވެ. މިފަހަރުވެސް މީކާންގެ ފޯނު ކެނޑެންދެން އޭނާއަށް ކަންފަތުގައި ޖަހައިގެންހުރެވުނީއެވެ. އީރަމް ގެ ހާލަތު ގޯސްވަމުންދާނަމަ އޭނާ ހޮސްޕިޓަލަކަށް ބަދަލުކުރެވިގެންދާނެއެވެ. އެކުލިނިކްގައި ފެންވަރުގެ މަސައްކަތްކުރެވޭ އާލާތްތަށް ހުއްޓެއްކަމަކު އެކަމާއި ބެހޭ ޑޮކްޓަރު ނެތުމުން އެއްވެސް ރިސްކެއް ނަގާކަން ނާޒީ ބޭނުމެއްނުވެއެވެ. އީރަމްގެ ހާލަތާއި ގުޅިގެން ގުޅޭނެ އިތުރު މީހެއްވެސް ނެތީ ދެދުވަސްކުރިން އީރަމް އޭނާގެ ދޮންމަންމަ ރަށަށްފުރައިގެން ދިޔަ ހަބަރު ދިނުމުންނެވެ. ދޮންމަންމަ ރަށަށް ބަދަލުވީ ކައިވެނި ކުރުމަށްކަމަށާއި އީރަމް ކިތަންމެ ދާން ބޭނުންވިޔަސް ނުދެވޭތީ ދެރަވާވަހަކަ ބުނި ހަނދާންވިއެވެ. އީރަމް ދެއްކި ވާހަކަތަކަށް ގެއްލިފައި ހުރި ނާޒީ ސިހުނީ ފޯނު ވެގެންދިޔަ އަޑަށެވެ.

…………………

އަހަރީ ޕާޓީ ހަމަޖެއްސުމުގެ ގޮތުން ރިސޯޓުގެ މެނޭޖަރާއި އެކު ކުރެވުނު ކުއްލި ބައްދަލުވުމެއް ނިންމާފައި މީކާން ފޯނު ބަލާލިއިރު ނާޒީގެ ނަމްބަރުން ގުޅާފައި އޮތްތަން ފެނި ދެބުމަ ގޮށްޖަހާލިއެވެ. އެހާވަރަށް ނާޒީ ގުޅާފައި އޮންނާނީ ކޮންމެވެސް ކަމެއްވީމާކަން އޭނާއަށް އިނގުނެވެ. ފުރަތަމަވެސް އޭނާއަށް ދެވުނީ ބިއްލޫރިގަނޑު ކައިރިއަށެވެ. އީރަމްއާއި ހަމްދާއެއްވެސް ނެތެވެ. އެދެމީހުންވެސް ދިޔައީކަން ޔަޤީންވުމުން އޭނާ ބިރުގަތީ އީރަމްއާއި މެދުގައެވެ. އީރަމްއަށް ކަމެއް ނުވުމަށް އެދި އުއްމީދުކުރާހާލު އޭނާ ފޯނުން ނާޒީއަށް ގުޅާލިއެވެ.

“ހަ.. ހަލޯ.. މީކާން.. އީރަމް… އާދެވިދާނެތަ ކްލިނިކަށް…” ނާޒީގެ ވާހަކައިން އެއީ އީރަމްއާއި ގުޅުންހުރި ވާހަކައަކަށްވުމުން މީކާން ހިތްތެޅިލިއެވެ. ބިރުވެރިކަން ހިތުގައި ވަށާލުމާއި އެކު އޭނާ އަވަސްވެގަތީ އޮފީހުން ނިކުތުމަށެވެ. އޮފީހާއި އެހާ ދުރުނޫން ހިސާބެއްގައި ހުންނަ ކުލިނިކްއަށް އޭނާ މިޝްރާބުޖެހީ ކާރުގައެވެ. އޭރުވެސް އޭނާގެ ހިތް އެތަށް ސުވާލުތަކަކުން ފުނިޖެހެމުންދިޔައެވެ. އީރަމްއަށްޓަކައި އޭނާ ބިރުގަނެއެވެ. އެ ނާޒުކު މަލަށް އެއްވެސް ކަމެއް ވާކަށް އޭނާ ނޭދެއެވެ. ދެވަނަ ފަހަރަށް އޭނާއަށް ހާއްސަމީހަކު ގެއްލޭކަށް ނޭދެއެވެ. މީކާން އަންނަންދެން ކުލިނިކްގެ ދޮރުމަތީ ނާޒީ ހުއްޓެވެ. މީކާން އައުމާއި އެކު ނާޒީއަށް މީކާންގެ ގައިގާ އޮޅުލައިގަނެފައި ގަދަޔަށް ރޮއެގަނެވުނެވެ. ވީގޮތް އޮޅުންފިލުވަން ބޭނުންވެފައި ހުރި މީކާން އެތަކެއް ސުވާލުތަކެއް ނާޒީއަށް ކުރިއެވެ. ނާޒީގެ ދުލުން އީރަމްގެ ނަންފިޔަވާ އިތުރު އެއްޗެއް ނުނިކުތުމުން މީކާންއެތެރެއަށް ވަންނަން މަސައްކަތްކުރިއެވެ. ނާޒީ ވަގުތުން މީކާން ހުއްޓުވިއެވެ.

“އެހެންވިއްޔާ ވީގޮތެއް ބުނޭ.. އީރަމް އަށް ކިހިނެއްވީތަ..؟” ނާޒީގެ އަތްފޮޅާލި މީކާން ހުރީ ހިތްހަމަނުޖެހިފައެވެ. ހިތުގެ އަޑު މުޅި ހިސާބުގަނޑަށް އިއްވަމުން ދިޔަ މީކާންގެ ދެބުމަ ހުރީ ގޮށްޖެހިފައެވެ. ނާޒީ މީކާން ގެ އަތުގައި ހިފަހައްޓައިގެން ހުރެ ހުރިހާ ވާހަކައެއް ހިއްސާކުރުމާއި އެކު މީކާންގެ ދެލޯ ބޮޑުވިއެވެ.

“ކޮބާ އެމީހާ؟؟ އޭނ…” ނާޒީގެ އަތް ފޮޅާލާފައި މީކާން އެހެން ބުނީ އެތެރެއަށް ދެމިގަންނަމުންނެވެ. އީރަމްއަށް އެހެން އެވީ އެ ޑޮކްޓަރެއްގެ ސަބަބުންކަމުން އޭނާ ހުރީ ވަރަށް ރުޅިއައިއްސައެވެ. އެ ޑޮކްޓަރު ފެނިއްޖެނަމަ އޭނާގެ އަތުން މިއަދު ސަލާމަތެއްނުވާނެއެވެ.

” ނޫން މީކާން… އަޑުއަހާބަލަ އެހަށް.. އެގޮތަށްކަންތައް ކުރީ ކޮންމެވެސް ކަމެއް…..”

“ކޮންކަމެއްވެގެން… އޭނ؟ ނާޒީވެސް ކުޅިބަލަން އިނީތަ؟ އޭނާ ކީއްކުރަން އެހެން އަހަންވީކީ؟؟؟”

“އާދޭ އަހަރެންނާއި އެކު….” ނާޒީ އެހެން ބުނެފައި މީކާންގެ އަތުގައި ހިފާ ދަމާހަލާފައި ގޮތަކަށް އޭނާގެ ކެބިންތެރެއަށް ވެއްދިއެވެ. މީކާން އަޑުގަދަކުރަމުންދިޔައީތީ އެތާ ތިބި އެތަށްބައެއްގެ ނަޒަރު މީކާންއަށް ހުރީ ހުއްޓިފައެވެ. މީކާން އީރަމް ކައިރިއަށް ދާން ބޭނުންވިޔަސް ނާޒީ މަޑުކުރުމަށްއެދި ބޮޑު ސިޓީއުރަތަކެއްގައި ހުރި އެއްޗެހިތަކެއް ނަގައި މީކާންއަށް ދައްކަންފެށިއެވެ.

“ޑޮކްޓަރ ފަރުހާން އީރަމްގެ ރިޕޯޓުތަށް ވަރަށް ރަނގަޅަށް ބަލައިފި.. އޭނާ އަކީ މޮޅު ޑޮކްޓަރެއް.. އޭނާ އަހަރެންނަށް ދެއްކި އެއްޗެއް މީކާންއަށްވެސް ދައްކާނަން…” ނާޒީ އެހެންބުނެފައި ބޮލުގެ ދެ ސްކޭންއެއް ނެގިއެވެ. އެއަށްފަހު މޭޒުމަތީ ދޭތިވެސް ބާއްވާފައި ގެންގުޅޭ ފަތިކޮޅަކުން އޭގައި ޖެއްސިއެވެ.

“މިއީ އީރަމް ކުޑައިރު މިކޮޅަށް އައިއްސާ ނެގި ސްކޭން.. މިއީ ކުރިންދުވަހު ނެގި ސްކޭން.. މީކާން މިދިމާ ބަލާބަ.. މީ އީރަމްއަށް އެހެން ދިމާވުމަށް މެދުވެރިވި ސަބަބު… މި ކުޑަކުޑަ ނާރު…. އެކަމް ބަލާ މި ސްކޭން… ތަފާތެއް ނޫންތަ؟؟” ނާޒީ އެހެން ބުނުމުން މީކާން ވަރަށް ރަނގަޅަށް އެ ސްކޭންތަކަށް ބަލައިލިއެވެ. މާ ބޮޑު ފަރަގެއް ނެތަސް ނާޒީ އެދެއްކި ކުޑަކުޑަ ތަންކޮޅެއްގައި އިން ކުޑަ ތަފާތެއް މީކާންއަށް ފާހަގަކުރެވުމުން ނާޒީ ވާހަކަ ކުރިއަށް ގެންދިޔައެވެ.

“މީނަ ކުޑަކުޑަ ޒަހަމުގެ ސަބަބުން އީރަމްއަށް އެހެންއެވީ.. މިއީ އީރަމްއަށް ލިބުނު ސިހުމާއި އެކު ސިކުނޑީގެ ނާރަކަށް ލިބުނު ގެއްލުމެއް… އެކަމް އެންމެ ފަހުން ނެގި ސްކޭންގައި އީރަމް ގެ ހުރިހާ ކަމެއްވެސް ނޯރމަލް.. އޭނާގެ ޒަހަމު ހީލްވެއްޖެ.. އޭގެ މާނައަކީ އީރަމް ނުޖެހޭނޭ ސާރޖަރީ ހަދާކަށް.. ކުރީގެ ރިޕޯޓުބަލާފައި ފަރުހާން ބުނީ ވަރަށް ބޮޑު ސާރޖަރީއެއް ހަދަންޖެހޭނޭ… އެކަމް އީރަމްގެ ފަހު ސްކޭންގައި އެއްވެސް މައްސަލައެއްނެތް.. މާނައަކީ އީރަމް މިހާރު ނޯރމަލްއޭ.. އެއްވެސް ސާރޖަރީއެއް ހަދާކަށްނުޖެހޭނޭ… ..” ނާޒިގެ ވާހަކައިން މީކާންއަށް ލިބުނީ ހައިރާންކަމެކެވެ. އެކަން ޔަޤީންކުރެވިގެންދިޔައީ ހެއްކެއްގެ ގޮތުގައި ފަރުހާން ހަދާފައި އޮތް ރިޕޯޓުތަކާއި އީރަމްގެ ކުރިއާއި މިހާރުގެ ޓެސްޓުތަކުގެ ނަތީޖާ އަޅާކިޔާފައި ލިޔުނު އޮބްސާރވޭޝަންތަށް ދެއްކުމުންނެވެ.

“ދެން.. ކީއްވެ އީރަމްއަށް ވަހަކަނުދެއްކެނީ؟”

“އީރަމްގެ ސިކުނޑި ހީލްވިޔަސް އީރަމްއަށް އާދަވެފައި ހުރިކަމަކުން ސަލާމަތްކުރަން އުނދަގޫވާނެ.. އީރަމް ލައްވުވާ ވާހަކަދައްކުވަން ފަރުހާން ބުނަނީ.. ސްޕީޗްތެރަޕީ ރަނގަޅަށް ގެންދިޔުމަށް.. އަދި އެޑްވާންސް ލެވަލްއެއްގައި އީރަމްގެ ފަރުވާކުރަން… އީރަމްއަށް އިނގޭނެ އަޑުނެރެން.. އީރަމްޖެހޭނީ އެ ގުނަވަންތަކަށް ފޯރސްކުރުވަން.. އެތަށް އަހަރެއްވަންދެން ބޭނުންނުކޮށް ހުރި މެޝެނެކޭ އީރަމްއެކޭ ތަފާތެއް ނެތް.. ލަސްލަހުން އީރަމްލައްވުވާ ޖެހޭނީ އެ ގުނަވަންތަކުގެ ބޭނުންހިފާނެ ގޮތް ހަނދާންކޮށްދީ އެ މަސައްކަތްކުރުވަން.. އީރަމް އެ ބިރުގަންނަކަމެއް އޮޅުންފިލުވުމަކީ ވަރަށް މުހިންމުކަމެއް.. އީރަމްގެ ސިކުނޑީގައި އެކަންތައް ވާހިނދަކު އީރަމް އެކަހެރި ދުނިޔެއަކުން، އެ ހަމަހިމޭން ދުނިޔެއަކުން ސަލާމަތެއްނުވާނެ…”

ނާޒީގެ ވާހަކައިން މީކާން އުފާވިއެއްކަމަކު މިދަނޑިވަޅުގައި އީރަމް އަށް ވެފައި އޮތްގޮތަކުން އެ އުފާވެރިކަންވެސް ފިލައިގެންދިޔައެވެ. ނާޒީ ކައިރި އެދެމުންދިޔައީ އީރަމް ކައިރިއަށް ގެންދިޔުމަށެވެ. އީރަމް ބަލާލަން ބޭނުންވާކަމަށް އެތަކެއް ފަހަރު އޭނާ ބުނަމުންދިޔައެވެ.

……….

ކުރިމަތީ ހަރަކާތްހުއްޓިފައި އޮތް އީރަމް ފެނި މީކާންގެ ދެލޯ ކަރުނުން ފުރުނެވެ. ނިއްކުރީގައި ލެވުނު ޒަހަމު ފޮރުވާލެވިފައިވަނީ ބޮލުގެ ފަހަތަށާއި އެއްކޮށް އޮޅާލެވިފައިވާ ހުދު ބެންޑޭޖުގަނޑުންނެވެ. ނާޒީ ބުނިހެން ހަރަކާތްހުއްޓިފައި އީރަމް އޮންނައިރު ހީވަނީ ޑޯލްއެއްހެންނެވެ. އެމޫނުމަތިން ތާޒާކަން ފިލާފައިވާއިރު އީރަމް އާއި މެދު މީކާން ކަންތައްބޮޑުވާންފެށިއެވެ. އަދި ކައިރި ހުރި ނާޒީ ކައިރި އީރަމް ހޭއަރާނީ ކޮންއިރަކުތޯ ސުވާލުކުރިއެވެ.

“ނޭނގެ.. އެކަމް އަހަރެމެން މިބަލަނީ ކުރިއަށް އޮތް ހަ ގަޑީއިރަށް.. ހޭ ނާރައިފިނަމަ އީރަމް އޭޑީކޭ އަށް ބަދަލުކުރެވޭނެ… އީރަމްއަށް ބޭނުންވާނެ ފަރުވާ މިތަނުން ލިބެން ހުއްޓަސް އެކަމާއި ގުޅޭ މީހުން މިވަގުތު ލިބެން ނެތުމުން މިހެން މިބުނީ…” ނާޒީ އެހެން ބުނުމުން މީކާން އީރަމް އޮށޯވެއޮތް އެނދާއި ޖެހިގެން އިން ގޮނޑީގައި އިށީނދެލިއެވެ. މީކާން ގަބޫލުކުރަން ބޭނުންނުވިޔަސް އީރަމްއަށްޓަކައި އެހިތުގައި ލޯބިވާކަން ނާޒީއަށް ކަށަވަރުވެއްޖެއެވެ. މީކާންގެ ދެލޮލުން ފެންނަމުންދިޔަ އަސަރުތަކާއި ދެލޮލުން ފޭބި ކަރުނައިން އެކަނިވެސް މީކާންގެ ހިތުގެ އަޑު ނާޒީއަށް އިއްވާލިއެވެ.

………….

ނާޒީގެ އެދުމަށް ފެންވަރާ ތާޒާވެލުމަށްފަހު ޖަމާޢަތުގައި އަޞުރުނަމާދުކޮށްލައިގެން މީކާން އެނބުރިއާއިރު އީރަމް އޮތް ކޮޓަރީ ތެރޭގައި ނަރުހުންތަށް ދިޔައީ ހަރަކާތްތެރިވަމުންނެވެ. އޭނާ ވަގުތުން ވީގޮތެއް އޮޅުންފިލުވަން އެތަނުތެރެއަށް ވަނުމުން އިވިގެންދިޔައީ މެޝިނުން އިވެމުންދިޔަ “ބީޕް ބީޕް”ގެ އަޑެވެ. މީކާން އެތެރެއަށް ވަތްތަން ފެނި ނާޒީ ވަގުތުން އޭނާ ކައިރި ދިއުމަށް އެދުނެވެ.

“ނޫން.. ކިހިނެއްވީ އީރަމްއަށް.. އީރަމް….. ޕްލީސް ނާޒީ އަހަރެން ހުރިޔަދީ…” މީކާން ގަދަހަދަންފެށިއެވެ. އީރަމްގެ ހަށިގަނޑު ހުއްޓިފައިވިއެއްކަމަކު އެތެރޭގައި އުފެދެމުންދިޔަ ތޫފާނުގެ އަސަރު އެ މެޝިނުގެ އަޑު ދިޔައީ ހެކިވަމުންނެވެ.

“މިހެން ވާނަމަ ޕޭޝެންޓް ސަލާމަތްކުރަން އުނދަގޫވާނެ… މިވަގުތުން މިވަގުތަށް އޭނާއަށް ފަރުވާ ނުލިބިއްޖެނަމަ…” ކުލިނިކްގައި މަސައްކަތްކުރާ އެކުވެރި ޑޮކްޓަރު ބުނި އެއްޗަކުން ނާޒީ އަވަސްވެގަތީ އީރަމް ގެންދެވޭނެ ގޮތެއް ހަމަޖައްސާށެވެ. މީކާން އާއި މީކާން ނެރެން މަސައްކަތްކުރަމުން ދިޔަ ނާޒީއާއި އެއްވަރަށް އެތާ ތިބި އެންމެންގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. މެޝިނުގެ އަޑު ކެނޑިގެންދިޔުމާއި އެކު އިވުނީ އީރަމްގެ އަޑެވެ.

“ނޫން… މިތަނުން އަހަރެން ނެރޭ…. ޕްލީސް.. މަންމާ…” އީރަމް ގެ މެރިފައިވާ ދެލޮލުން ކަރުނަތަށް ފައިބަމުންދިޔައީ ވަކިވަރަކަށްނޫނެވެ. އީރަމްގެ އަނގައިން އެ ބަސްތަށް ނިކުތްގޮތަކާއި މެދު ބަހުސްކުރުމުގެ ބަދަލުގައި އީރަމް ކައިރިއަށް ނާޒީއާއި މީކާން ހަރުފިޔަވަޅުތަކެއްގައި ދިޔައެވެ.

“އޭނާ ހޭލުއްވަންޖެހޭނެ.. އަަވަސް..” ހައިރާންވެފައި ހުރި ނާޒީއަށް ޑޮކްޓަރު އިރުޝާދު ދިނުމާއި އެކު ނާޒީ އަވަސްވެގަތީ އީރަމް ހޭއެރުވުމަށެވެ. އީރަމް އެގޮތަށް އޮވެއްޖެނަމަ އެއީ އިތުރަށް އީރަމްގެ ހާލު ގޯސްވެގެންދާނޭ ކަމެއްކަން ނާޒީއަށް އިނގެއެވެ. މީކާން ކޮޓަރިން ނިކުތުމުގެ ބަދަލުގައި ދުރުގައި މަޑުކޮށްލައިގެން ހުރީ ނާޒީ ކުރަމުން ދިޔަ މަސައްކަތަށް ފުން ނަޒަރެއް ދީގެންނެވެ. ފަރުހާންވެސް އެތާ ނާޒީ ކައިރި ހުރެ އިރުޝާދުތަށް ދެމުންދިޔައެވެ. އީރަމް އިތުރު އެއްޗެއް ނުބުންޏެއްކަމަކު އޭނާގެ މެރިފައިވާ ދެލޮލުން ކަރުނަނުހިކެއެވެ. ހަށިގަނޑު ފިނިވެ ހަންގަނޑު ހުދުވާންފަށައިފިހެންވެސް ހީވެއެވެ. އީރަމް ގެ ދެލޮލުން ނުހިކޭ ކަރުނައަކީ އޭނާ އެގަޑިގައި އުޅެމުންދިޔަ ދުނިޔޭގެ ވޭންދެނިވިކަން ހާމަކޮށްދޭ އެއްކަމެވެ.

ކުޑަ ބައްތިއަކުން އީރަމްގެ ލޮލަށް އަލިކުރަމުން ދިޔަ ނާޒީއަށް ސިހުންވެރިކަން ލިބުނީ އީރަމް ފުންނޭވަޔަކާއި އެކު ދެލޯ ހުޅުވާލިމަންޒަރު ފެނިފައެވެ. ވަގުތުން އޮކްސިޖަން މާސްކު ނޭފަތުގައި އަޅުވާލުމަށްފަހު އިތުރަށް ކުރަންޖެހޭ ކަންތައްތަށް ކޮށްނިންމާލާފައި ފަރުހާން ނިކުމެގެންދިޔައީ މީކާންގެ ކޮނޑުގައި ޖަހާލާފައެވެ. ނާޒީއަށް ބަލަހައްޓައިގެން އޮތް އީރަމް ގެ މަންޒަރު ވަނީ ފުސްވެފައެވެ. އުނދަގުލަކުން ލެވެމުން ދިޔަ ނޭވާއަށް ބާރުކުރަން މަސައްކަތްކުރަމުން ދިޔައިރު ހަނދާނަށް ގެންނަން މަސައްކަތްކުރީ އޭނާއަށް ވީގޮތެކެވެ. ”

އީރަމް… އަހަރެން އެބަފެނޭތަ؟؟ އަހަރެން…” ނާޒީ އެސުވާލުކޮށްލުމާއި އެކު މީކާން އެނދާއި ދިމާއަށް ހަރުފިޔަވަޅުތަކެއް އެޅިއެވެ. އީރަމް ބޯޖަހާލާފައި ދެން ނަޒަރު ހުއްޓާލީ މީކާންއަށެވެ. މީކާންގެ މޫނުމަތިން ނުފިލާވި ހާސްކަމާއި ކަންބޮޑުވުމުގެ ސަބަބުން އީރަމް އެކަމާއި މެދު ސުވާލުކުރަން ބޭނުންވިއެއްކަމަކު އޭނާގެ އަތްފަތި އައްސިވެފައިހުރުމުގެ ސަބަބުން ހަރަކާތެއްނުކުރިއެވެ. އެކަން ނާޒީއަށް ފާހަގަކުރެވުނެވެ.

ދެގަޑީއިރުވަންދެން ބެލިބެލުމުން އީރަމްއަށް ވާހަކަނުދެއްކޭކަން ނާޒީއާއި ފަރުހާނައަށް ޔަޤީންވިއެވެ. އޭނާ ހޭނެތިފައިވާހާލު އެގޮތަށް ކަންތައްވީ އޭނާގެ ސިކުނޑި ކުޅެލި މަންޒަރަކުންކަން އެދެމީހުންނަށްވެސް އިނގެއެވެ. މީކާން އީރަމް ކައިރި ދުރަށްނުގޮސް އެހުރިހާ އިރު އިނެވެ. އީރަމްގެ ހާލު މޮނީޓަރ ކުރަމުން އާއި އެންމެންވެސް އޭނާގެ ހާލު ރަނގަޅުކަމަށް ބުނަމުންދިޔައީތީ މީކާން އުފާވިއެވެ. ނަމަވެސް އީރަމްގެ ނިއްކުރިއަށް ލިބިފައިވާ ބޮޑު ގެއްލުމާއި މެދު މީކާން ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ޑިއުޓީ ގަޑި ހަމަކޮށްފައި ނާޒީ އީރަމް ކައިރިއަށް އައީ ޖޫސްޕެކެޓުތަކެއް ހިފައިގެންނެވެ.

“މިގަޑީގައި ރަނގަޅީ ދިޔާއެއްޗެއް ބުއިން… ގައިގާ ވަރުޖެހޭ ދިޔާ އެއްޗެހި… ހެހެހެ..” ނާޒީ އެހެން ބުނެފައި އީރަމްއަށް އެނދުގައި ހަމަޖެހެން އެހީވެދިނެވެ. އެނދުގައި ލައްގަނެލެވުމާއި އެކު އީރަމްގެ ހަރުވެފައިވާ މަސްތަކަށް ވާންވުމުން ދެތިންފަހަރު ތަޅުވާލިއެވެ.

“ކިހިނެއްވީ އަހަރެންނަށް.. ބޮލަށް މީ ކީއްވެފައި؟” ހިތުގައި އުފެދުނު އެންމެ ބޮޑު ސުވާލު އީރަމް އަހާލިއެވެ. އޭނާ ނާޒީ ކައިރިއަށް އައި ހަނދާންވިއެއްކަމަކު ދެންވީގޮތެއް ހަނދާންކޮށްކޮށްވެސްނުވިއެވެ.

“އީރަމް ވެއްޓިފައި ބޯފަޅައިގެންދިޔައީ.. ދެން ހަނދާންކުރަން އުޅޭނެކަމެއްނެތް މާ ތަދުވެދާނެ… އޯކޭ؟ އެހެންނޫނަސް އީރަމްގެ ސަބަބުން މުޅި ކްލިނިކް އެލާރޓަށް އައިއްސާ އޮތީ.. އެހެންވީމަ އިތުރަށް ވިސްނައިގެން އަނެއްކާ އެލާރޓަށް ގެންނަންޖެހިދާނެ. ހެހެހެ” އެހެން ބުނެފައި ނާޒީ ނެގިމަޑުވެފައި އިން މީކާންއަށް ބަލައިލިއެވެ. އެދެމީހުންނަށް ވަގުތު ދިނުމުގެ ގޮތުން އޭނާ ފަހުން އަންނާނެކަމަށްބުނެފައި އެތަނުން ނިކުމެގެންދިޔައީ މީކާންގެ އަތަށް ޖޫސްޕެކެޓެއް ލައިދީފައެވެ.

ޕެކެޓު ބޯން އިން އީރަމްއަށް ފުންނަޒަރެއް ދީގެން އިން މީކާންގެ ހިތަށް ތަސައްލީއެއްލިބުނީ މީކާންއަށް ބަލާލާފައި އީރަމް ދިން ހިނިތުންވުމުންނެވެ. މީކާންއަށް ހީވީ އީރަމް އޭނާ ކައިރިއަށް އެއައީ މަރުގެ ތުންފަތްމަތީ އޮވެފާހެންނެވެ. އީރަމް ގެއްލިދާނެކަމުގެ ބިރު އޭނާ އިހުސާސްކުރާކަށްނޭދެއެވެ. އޭނާ ހުރީ އީރަމް ގެއްލިދާނެއަތީ ވަރަށް ބިރުގަނެފައެވެ. މީކާން އީރަމްގެ އަތުގައި ހިފަހައްޓާލާފައި ބާރުކޮށްލިއެވެ. އެއަށްފަހު އެއަތުގައި ތުންފަތް ޖައްސާލައިގެން އިސްޖަހާލައިގެން އެތަށް އިރަކުއިނެވެ. މީކާންގެ ހަރަކާތްތަށް ހުރިގޮތުން އީރަމްގެ ހިތް އަވަސްވަމުންދިޔައެވެ. މީކާންގެ ހަރަކާތްތަކުން އޭނާއަށް ކޮށްފައިވާ އަސަރުތަށް އީރަމްއަށް ދިޔައީ އިހުސާސްވަމުންނެވެ.

“އަހަރެން  ވަރަށް ބިރުގަތް އީރަމް.. ދުވަހަކުވެސް އަހަރެން ގޮތްހުސްނުވާވަރަށް މިއަދު ވި.. އީރަމްއަށްޓަކައި ކުރާނެ ކަމެއް ނޭނގިގެން….” މީކާންގެ ހިތުގައިވި އުދާސްތަށް ބޭރުކޮށްލުމުން އީރަމް ހީލިއެވެ. އޭނާއާއި މެދު މީކާން ވިސްނާވަރު ދިޔައީ އިހުސާސްވަމުންނެވެ. ހަމައެހެންމެ އޭނާގެހިތުގައި އީރަމްއަށް ދެވިފައިވާ މަޤާމު ސާފުކޮށް ދިޔައީ ފެންނަމުންނެވެ.

“އަދި އެހާ ބިރުގަންނާކަށް ނުވޭނު.. މީކާން.. އަހަރެން ބޯ އެކަންޏެއްނު ފަޅައިގެން ދިޔައީ…” އީރަމް ބުނެލިއެވެ. މީކާން ބޯޖަހާލާފައި އީރަމްގެ އަތަށް ބޮސްދިނެވެ.

ގޮނޑީގައި އިށީނދެ އިން މީކާން ނިންޖާއި ޖެހޭތަން ބަލަން އޮތް އީރަމްއަށް ލޮލުފިޔައެއްޖަހާލަންވެސް އުނދަގޫވެގެންދިޔައީ ދުވަސްތަކެއް ފަހުން ހަނދާންވެގެންދިޔަ ކަޅު ހާދިސާގެ އަޑުތަކާއި މަންޒަރުތަށް ފެންނަމުންދިޔައީމައެވެ. އީރަމްގެ ހަނދާނަށް ދެން އައީ އޭނާ ނާޒީމެން ކޮޓަރިއަށް ވަނުމާއި އެކު ނާޒީ ދެއްކި ވާހަކަތަކެވެ. އެއަށްފަހު ޑޮކްޓަރު ސީދާ އޭނާގެ މޫނަށް ބަލާލާފައި އެހި ސުވާލުތަކެވެ. އީރަމްގެ ހާލު ގޯސްވެގެންދިޔައީ އެހިސާބުންނެވެ. ހާލު ގޯސްވަމުންދިޔަ ކަން އަންގަންފެށި މެޝިނުގެ އަޑަށް މީކާން ސިއްސައިގެން ގޮސް އީރަމްއަށް ބަލާލެވުނުއިރު އީރަމްގެ ހަށިގަނޑު ދިޔައީ އާދަޔާ ޚިލާފަށް ތެޅެމުންނެވެ. މާގިނައިރުތަކެއްނުވެ ނަރުހަކާއި ޑޮކްޓަރަކު އައުމުން މީކާންއަށް ޖެހުނީ އެތަނުން ނިކުންނާށެވެ. ފޯނުން އޭނާ ނާޒީއަށް ގުޅަމުންދިޔައީ ނާޒީގެ ހަބަރެއް ނެތިގެންނެވެ. ދެލޮލަށް ކަރުނަޖަމާވާންފަށާފައި ހުރި މީކާންއަނެއްކާވެސް ފަސްއެނބުރި އޭނާ ނިކުތް ކޮޓަރީގެ ދޮރަށް ބަލާލިއެވެ.

…………………

 

(ފަސްދުވަސް ފަސް.)

ނެގިމަޑުވެފައި އޮފީސްތެރޭގެ މަސައްކަތަށް މަސްއޫލުވެ އިން މީކާންގެ މޫނުމަތިން އެއްވެސް އުޖާލާކަމެއްނުފެނެއެވެ. ނުނިދުމުގެ ސަބަބުން ފިރިހެންވަންތަ މޫނަށް އައިސްފައިވާ ބަދަލުގެ ވާހަކަ އޮފީސް އެންމެންވެސް ދިޔައީ ދައްކަމުންނެވެ. ކުރާ އެއްވެސްކަމެއްގައި ދިރުމެއްނުވެއެވެ. ކޮންމެ ކަމެއްގައިވެސް ފެންނަނީ މަޖުބޫރީކަމެވެ. ނަމުގައި ކުރަމުން ދިޔަ މަސައްކަތް ހުއްޓުމަކަށް އައީ ދޮރުގައި ޓަކިޖަހާފައި ވަތް ހަމްދާގެ އަޑަށެވެ.

“ކޮން އިރަކުންތަ ޔޫސުފު ވަޒީފާއަށް ނިކުންނާނީ؟ މިހާރު ކިތަށް ދުވަސްތަ މިވީ؟” މީކާން ގެ ސުވާލަށް ހަމްދާ ޖަވާބުދިންލެއް އަވަހެވެ.

“މިހާރު ތިން ހަފްތާ ވަނީ.. ޔޫސުފު ސަރ ގެ ޗުއްޓީ މި ހަފްތާތެރޭ ހަމަވާނެ އެކަމު އަޅުގަނޑަށް ހީވަނީ ނޯޕޭ ލީވް ނަގައިގެން ވިޔަސް ޔޫސުފް ސަރ އަދި އޮފީހަށް ނުދުރުވާނެހެން…” ހަމްދާއަށް އަޑުއިވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް އޭނާއަށް އިނގޭ އެއްޗެއް ހިއްސާކުރުމުން މީކާން އެވާހަކައެއް އޮޅުންފިލުވިއެވެ.

“ނޭނގެ އަޅުގަނޑަށް އިވުނު ގޮތުގައި ޔޫސުފް ސަރ ލީވް ނެގީ ސަރ ގެ މަންމަ މުނާ މޭމްގެ އެދިލެއްވުމަކަށް…” މީކާންއަށް އިވުނު ވާހަކައިން ދެބުމަ ގޮށްޖަހާލެވުނެވެ. މީގެކުރިންވެސް ޔޫސުފްއާއި މުނާއަކީ ގާތްބައެއްކަން އޭނާއަށް އިނގެއެވެ. ކުރީގައި މަންމަގެ އޮފީހުގައި މަންމަގެ ދަށުން މަސައްކަތްކުރި ހީވާގި ވިސްނުންތޫނު މީހެކެވެ. ނަމަވެސް މަންމަގެ އެދުމަކަށް ޔޫސުފު ޗުއްޓީ ނަގަންވީ ކީއްވެހެއްޔެވެ؟

“ފަހަރެއްގައި ވެދާނެ އިންޑިޔާއަށް ގެންދަންކަމަށް… މަންމަ އާއި އެންމެ ފަހުން ވާހަކަދެއްކުނު ދުވަހުވެސް ބުންޏެއްނު ވަރަށް ބިޒީ ވާހަކަ..” މުނާއަށް ކުރާ އިތުބާރެއްގެ މައްޗަށް ބިނާކޮށްމީކާން އޭނާގެ ގޮތް ނިންމާލިއެވެ. މަންމަ ވެއްޖެނަމަ ކުރާނީ ކޮންމެކަމެއްވެސް ރަނގަޅަށްކަން އޭނާ ގަބޫލުކުރެއެވެ.

“ސަރ.. އީރަމް މިހާރު ކިހިނެއްތަ؟” ހަމްދާ އޭނާގެ މަސައްކަތް ނިންމާލާފައި ދިޔުމުގެ ކުރިން އެ ސުވާލުކޮށްލިއެވެ.

“އާދެބަލަ އީރަމްގެ ހާލު ބަލަން ހޮސްޕިޓަލަށް.. ފަހަރެއްގައި ހަމްދާގެ އަޑަށް އީރަމް ހޭއަރާފާނެއެއްނު…” އީރަމް އޮތް ހާލު އަންގާލަމުން މީކާން އެހެން ބުނީ ރީތި ހިނިތުންވުމަކާއި އެކުގައެވެ. އޮފީހުގައި އީރަމްއާއި ނުލާ ހޭދަވި ފަސްދުވަހު އެކަނިވެރިކަން އިހުސާސްކުރާނީ ހަމައެކަނި މީކާންއެއްނޫނެވެ. ހަމްދާއާއި އެކު އޮފީހުގައި އީރަމްއާއި ގާތްކޮށް އުޅޭ އެންމެންނަށްވެސް އީރަމް މަތިން ހަނދާންވާނެކަން ގައިމެވެ. އެއްވެސް އަޑަކާއި ނުލާ، ހަމައެކަނި އިޝާރާތުގެ ބަހުން އެންމެން އޭނާގެ ޖާދޫގައި ޖައްސާފައި ހުރި އީރަމް އަށް މީކާންގެ މުވައްޒަފުން އިޙްތިރާމްކުރާވަރު އޭނާއަށް ވަނީ ފެނިފައެވެ. މަސައްކަތްތެރި އަދި ފުރިހަމައަށް މަސައްކަތް ނިންމާ ކުއްޖަކަށް އީރަމް ވީތީ އެމީހުން އެތަށް ތައުރީފެއްވެސް އީރަމްއަށް އިއްވައެވެ. ފާއިތުވި މީޓިންގައި މުވައްޒަފުންގެ އެދިލެއްވުމަކަށް އަހަރީ ޕާޓީވެސް ވަނީ ލަސްކުރެވިފައެވެ. އޭގެ ސަބަބު ކިތަންމެ މޮޅެތި ބަހަނާތަކުން ފޮރުވަން އުޅުނަސް މީކާންއަކަށް ނުފޮރުވުނެވެ.

“އަޅުގަނޑުމެން އެންމެން ވާހަކަދައްކާފައި ހިތަށްއެރީ، ރިސޯޓުގައި މި ނިންމާލެވޭ އަހަރެމެންގެ ބޮޑު ޕްރޮޖްކްޓްގެ މަސައްކަތް ނިންމާފައި އެކަމުގެ އުފަލުގަޔާއި ބިލޭޓެޑް އަހަރީ ޕާޓީއާއި އެއްކޮށް ބާއްވަން.. އޭރުން ދެގުނަ އުފާވެރިކަން ލިބޭނެ.. މި ޕްރޮޖެކްޓާއި އެކު މި ވިޔަފާރި މާ ބޮޑަށް ފުޅާވެގެން ދާނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަން.. އަދި މި ކާމިޔާބުވެއްޖެނަމަ އެ އުފާ ފާޅުކުރަން ކޮންމެހެންވެސް ޖެހޭނެ..” މީޓިންތެރޭގައި މުވައްޒަފުންގެ ފަރާތުން ވާހަކަދެއްކީ ހަމްދާއެވެ. އެކަމަށް އެންމެންގެ ތާއީދު ލިބުމާއި އެކު އެންމެންވެސް ޖޯޝާއި އެކު މަސައްކަތަށް ރުޖޫއަވެގެންދިޔައީ ބޮޑު އުއްމީދަކާއި އެކުގައެވެ. މީކާންގެ އެއްބަސްވުންވެގެންދިޔައީ މުވައްޒަފުންނަށް ލިބުނު އިތުރު ހިތްވަރަކަށެވެ.

އޮފީސް ނިންމާލުމަށްފަހު މީކާން އެހުރިގޮތަށް ދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. އެރެއިން އެރެއަށް އީރަމް ހޮސްޕިޓަލަށް ގެންދެވުނުއިރު ހޭނާރާތާ ފަސްދުވަސް ވެގެން ހިނގައްޖެއެވެ. އީރަމްގެ ދޮންމަންމައަށް އެ ހަބަރު ދިނުމުން ރަށުގައި ނުހުރެ ވަގުތުން އޭނާ މާލެއައިސް އީރަމްކައިރި މަޑުކުރުންވެގެންދިޔައީ އޮފީހުގެ ޒިންމާއަދާކުރަންޖެހޭ މީކާންއަށާއި އެކި ގަޑިތަކުގައި ޑިއުޓީ އަދާކުރާ ނާޒީއަށް ލިބުނު ތަސައްލީއެކެވެ. މީކާން ހޮސްޕިޓަލުތެރެއަށް ވަތްގޮތަށް ލިފްޓަށް އެރުމަށްފަހު އޭނާ ދާންބޭނުންވާ ފަންގިފިލާގެ ނަމްބަރަށް ފިތާލިއެވެ. އޭރު ލިފްޓުތެރޭގައި އިތުރުބައެއްވެސް ތިއްބެވެ. ލިފްޓުން ފޭބުމަށްފަހު ފަރިތަކަމާއި އެކު ހިނގާލާފައި ދިޔަ މީކާން ދިޔައީ ކައިރިންލާފައި ދިޔަ ނަރުހުންނަށް ބަލާލުމަށްފަހު ހިނިތުންވުމެއް ދެމުންނެވެ. އައި މަގުމަތީ ފެނުނު މޭވާ ފިހާރައިން ގަތް މޭވާތަށް އަތުގައި ހުރި ކޮތަޅުގައި ހުއްޓެވެ. މީކާން ދޮރުހުޅުވާލާ ވަންނަނިކޮށް ފޯނު ރިންގުވިއެވެ. ގުޅަނީ އޭނާގެ މަންމައެވެ.

“މްމް.. ކީކޭ މަންމާ؟”

“މީކާން ދަރިފުޅު ރަނގަޅުތަ؟ މިހާރު މަންމަ ގުޅާފަހަރަކު ނޫނީ ބައްދަލެއްނުވޭ… މީކާން ނުވެސް ގުޅަމެއްނު… ގޭގައި މަސައްކަތްކުރާ މީހާއަށް މިއަދު ގުޅާލާ ގޭގެ ކަންތައް ބަލާލިން.. އޭނާވެސް ބުނި މީކާން މިހާރު ވަރަށް މަދުންނޭ ގޭގައި އުޅެނީ… ރޭގަނޑު ގިނަފަހަރު ގެޔަށް ނާންނަވާހަކަވެސް ބުނި؟ ކިހިނެއްވީތަ؟ ކީއްކުރަނީ މީކާން މާ ބުރައީތަ؟”

“އޮފީހުގައިވެސް ބިޒީ.. މިހާރު ވަރަށް ބޮޑު ޕްރޮޖެކްޓެއް ލިބިގެން މިއުޅެނީ.. އިތުރު ވާހަކަދެން ދައްކާނީ މަންމައައީމަ..”

މީކާން އެހެން ބުނުމުން މުނާ ފޯނު ބޭއްވީ އެދުވަސް ވަރަށް ގާތްކަމަށް ބުނެފައެވެ. އީރަމްގެ ވާހަކަ ބުނަން ބޭނުންވެފައި ހުއްޓަސް އޭނާ ބޭނުންވީ މަންމައާއި ބައްދަލުކޮށް އެވާހަކަދައްކާށެވެ. މީކާން ކޮޓަރި ދޮރުހުޅުވާ އެތެރެއަށް ވަތްއިރު އީރަމްގެ ދޮންމަންމަ ކަމަށްވާ ނަޒީރާ އާއި އޭނާގެ ފިރިމީހާ އެތާ އިނެވެ. ހަބަރު ލިބުނު ގޮތުގައި އީރަމްއާއި އެވަރަށް ފޮށެން އުޅޭ ސާނިހު ހުރީ ރަށުގައެވެ. މީކާން ފެނިފައި ނަޒީރާ ހިނިތުންވުމެއް ދީފައި ތެދުވީ މީކާން ދިއްކުރި ކޮތަޅުގައި ހިފާށެވެ. އީރަމް އާއި ދޭތެރޭ ނަޒީރާ އާއި އޭނާގެ ފިރިމީހާ ބަހައްޓާ ގާތްކަމަށް މީކާން ޝުކުރުވެރިވިއެވެ. ނަޒީރާއަކީ އީރަމްގެ ދޮންމަންމައަށްވިއެއްކަމަކު މަންމައެއްގެ ހުރިހާ ޒިންމާއެއް އޭނާ އަދާކުރީ އަދި މިހާރުވެސް އަދާކުރަމުން ދަނީ ހިތްހެޔޮކަމާއި އެކުގައެވެ. އެއްވެސް ބަދަލަކަށް ނޭދިއެވެ. އީރަމްގެ ފަރާތުންނާއި ނާޒީގެ ފަރާތުން އެނގުނުގޮތުގައި އީރަމް އަމިއްލަ ފައިމައްޗަށް ތެދުވެ އިސްއުފުލާ ދުނިޔެއާއި ކުރިމަތިލުމުގެ ހިތްވަރު ލިބުނީ ނަޒީރާގެ ފަރާތުންނެވެ.

“އަހަރެން އަސްލު ވަރަށް ލޯބިވޭ އީރަމްދެކެ.. އެންމެ ފުރަތަމަ އެކުއްޖާ ފެނުނުއިރުވެސް ހިތުގައި ލޯބި ޖެހުނު… އަބަދުވެސް އިބޫ ކައިރި އަހަރެން ދައްކަނީ އީރަމްގެ ވާހަކަ.. އީރަމް ނުފެނުނީމަ އަހަރެން ހާދަ ދެރަވެޔޭ… އެހެން ތާކަށް ބަދަލުވާ ވާހަކަ ބުނީމަވެސް ވަރަށް ދެރަވި… އީރަމް ނުކައި ހުރެދާނެއަތީ، އީރަމްއަށް އެއްޗެއް ބޭނުންވެފައި އެކަމު ނުލިބި ހުރެދާނެއަތީ، އަބަދު ފިކުރުކުރެވޭ… ރަށަށް ބަދަލުވީ މާލޭގައި އިތުރަށް އުޅޭހިތްނުވާތީ.. އެކަމު އީރަމް އާއި މެދު ވިސްނާ ފިކުރުކުރަން އަބަދުވެސް…އީރަމްއަކީ މިހާރު އަމިއްލައަށް ކަންތައްކުރެވޭ އަންހެނެއް.. އެކަމް އަހަރެންނަށް އީރަމް ލިބުނުއިރު އީރަމްއަކީ ހަރަކާތެއްވެސް ކޮށްލަން ނޭނގޭ ވާހަކަދައްކަން ނޭނގޭ ކުޑަކުއްޖެކޭ އެއްފަދަ… އަބަދު އީރަމް އަށް ހުރިހާ ކަމެއް ކޮށްދޭތީ އެކަމަށް އާދަވެފައި ހުންނަނީ…” ފެންކަޅިވެފައި ހުރެ ނަޒީރާ ދައްކަމުންދިޔަ ވާހަކައިން މީކާންވެސް ދެރަވިއެވެ. ނަޒީރާގެ ފިރިމީހާ އިބްރާހިމް ދިޔައީ އޭނާ ހަމަޖެއްސުވޭތޯ މަސައްކަތްކުރަމުންނެވެ. މީކާންގެ އެދުމަށް ދެމަފިރިން ގެޔަށް ދިޔައީ އަބަދުވެސް އެގޮތަށް ކަންތައް ކުރާތީއެވެ. އޮފީހުން އައުމަށްފަހު އީރަމް ކައިރިން ދުރަށް ދާން ނޭދޭ މީކާން ގެޔަށް ދާނީ ނާޒީ އައުމުން ތާޒާވެލުމަށްފަހު ކެއުމަށް އިންސާފުކުރާށެވެ. އިޝާ ނަމާދަށްފަހު އަންނަމީހާ ދެން ގެޔަށް ދާނީ އޮފީހަށް ދާން ތައްޔާރުވާށެވެ.

ނުނިމޭ..

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ނުވާނަން ތަފާތެއް… 25 (ފަހުބައި)

Next

އަހަރެންގެ ވާހަކަ… 4 (ހަތަރުވަނަބައި)

Next
April 4, 2020

އަހަރެންގެ ވާހަކަ… 4 (ހަތަރުވަނަބައި)

Previews
April 4, 2020

ނުވާނަން ތަފާތެއް… 25 (ފަހުބައި)

9 Comments!

  1. Ryn says:
    April 4, 2020 at 10:27 am

    Salaam and good morning. How is it? A very big twist is about to come. KEEP WAITING. Vrh avahah hurihaa kudhinge hithuga ufedhifaivaa suvaaluthakah javaabu libeyne. Thankyou for reading. Take care 🙂

  2. Thiththa Faa says:
    April 4, 2020 at 10:32 am

    ❤️

  3. Liyaaa says:
    April 4, 2020 at 11:24 am

    Aaaah ???♥️?. Nice

  4. LXO . MEZO says:
    April 4, 2020 at 2:22 pm

    nice story

  5. Afu says:
    April 4, 2020 at 2:51 pm

    Gud morning … Masha Allah Ryn mi baives varah salhi …. Owwn thank u .. luv u .. take care #stayhome

  6. Yan♥️ says:
    April 4, 2020 at 4:13 pm

    Lamyaa any tha ?
    Varah reethi Masha Allah

  7. ? princess ? says:
    April 4, 2020 at 5:16 pm

    …,……………???????..,…,……………
    U2
    TC

  8. Han says:
    April 4, 2020 at 7:46 pm

    Aslu lamya aky ehen kujjakah kiya name eh kanneyge. Bt kurin ves meekan lwbi v hama eeram dheke. Nan olhifa othy kanneyge. Bt waiting for next? When is that?

  9. Ryn says:
    April 4, 2020 at 10:56 pm

    Thankyou everyone!! Have a good night 🙂

Comments are closed.


All Right Reserved!