
އާދައިގެ މަތިން އަހަރެން ލޯހުޅުވާލީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. މިސްކިތް އިންނަނީ ނުލާހިކު ކައިރީގައި ކަމުން އެހަމަހިމޭން ފަތިސް ގަޑީގައި ހީވަނީ ކަންފަތް ބުޑުން ބަންގި ގޮވާލާހެންނެވެ. މުޅި ފަޒާގައި އެއަޑު ދިޔައީ އެކޯ ވަމުންނެވެ. ނަމާދު ކޮށްލައިގެން ޖައްސައިލީ މިއަދުގެ ކަންކަން ކުޑަކޮށް ރާވާލައިފައެވެ. އަންނަން އޮތް ކޮޅިގަނޑުގެ ކުދަ ހިލަމެއް ވިނަމަވެސް އަހަރެން އެނދުގައި އަރާމުކޮށް ނިދާފައެއް ނޯންނާނަމެވެ. ނަމަވެސް ‘ނަމަ’ އަކުން ކެކޭނެ ރިހައެއް ނޯންނާނެއެވެ.
***
އަށެއްޖަހާއިރު އަހަރެން ތެދުވީ އެއީ އެގަޑި އަކީ ބައްޕަވެސް ސައިބޯން ނިކުންނާނެ ގަޑިކަން އިނގޭތީވެ އެވެ. ފެންވަރާ ތާޒާ ވެލައިގެން އަހަރެން ނިކުތްއިރު މޫނުމަތީގައިވި ހިތްހަމަ ޖެހުމުގެ އަސަރު ދައްކައިދެނީ އަހަރެންގެ ފިޔާތޮށި ކުލައަރާ ތުނި ތުންފަތުގައިވި ރީތި ހިނިތުން ވުމުންނެވެ.
އިސާހިތަކު އަހަރެންގެ ތުންފަތުގައިވި ހިނިތުންވުން ގެއްލުނީ ލިވިންގް ރޫމްގައި ދެއަތް ފުރަގަހަށް ލައި ޖޯޑު ކޮށްލައިގެން ދެކޮޅައް ހިނގަހިނގާ ހުރި ބައްޕަ އާއި ގޮނޑި ސެޓުގައި ވިހަ ހިނިތުންވުމެއް ވެރި ކުރުވައިގެން އިން ދޮންމަންމަ ފެނިފައެވެ. ބައްޕަގެ މޫނުމަތީގެ ކުލަވަރު ފެނިފައި އަހަރެންނަށް ކަންތައްތައް އެހާ ރަނގަޅު ނޫންކަން އިނގުނެވެ. އަނެއްކަ އެނޯޓް ބައްޕަ އަށް ފެނުނީ ބާވަ އެވެ. އަވަހަށް އަހަރެން ބައްޕަ ގާތައް ޖެހިލީމެވެ. ބައްޕަ އަހަރެންނަށް ބަލާލި ހިތްހަމަ ނުޖެހުމުގެ ކުލަވަރާއެކު އަހަރެންނަށް ހުރި ފިޔަވަޅު މައްޗައް ގަނޑުވިއެވެ.
އޭރު ދޮންމަންމަ ދެއްކެން ވެގެން ކިނބޫ ކަރުނަ އޮއްސަމުން ދިޔައެވެ. ބައްޕަ އަހަރެންނާއި ސުވާލުކުރީ ދުވަހަކު ނުބުނާހާ ހަރުކަށި ކޮށެވެ. “އާޝާ ބައްޕަ އަށް އިނގޭ ސަމީރާ މިގޭގައި އުޅޭތީވެ އާޝާ ހިތްހަމަ ނުޖެހޭކަން.. އެކަމަކު ބައްޕަ ހިއެއް ނުކުރަން އާޝާ މިވަރު ކޮށްލަފާނެ ކަމަކަށް… ހިތްހަމަ ނުޖެހުނަސް ނުވާނެއެއްނު ދޮގުވާހަކަ ފަތުރާކަށް… ދޮގު ވާހަކަ ފެތުރުމަކީ ހާދަ ނުބައި ކަމެކޭ އާޝާ..”
ބައްޕަގެ އަތުގައި އޮތް ނޯޓު ދައްކާލަމުން ބުނެލިއެވެ. އެއީ އެނުލަފާ ދޮންމަންމަ ކުރި ކަންތައްތައް ކަން އަހަންނައް ރޭކާލިއެވެ. އަހަރެން އަމިއްލަ ނަފްސުގެ ދިފާޢުގައި ވާހަކަ ދައްކަން ފެށީެވެ. “ބައްޕާ.. ނޫން.. ސަމިއްތަ ދައްކަނީ ދޮގުވާހަކަ… އަހަރެން…….” އަހަރެންނަށް ބުނެވުނީ މިހާ ހިސާބަށެވެ. ބައްޕަ ވަރަށް ބާރައް ވާހަކަ ދައްކަން ފެށިއެވެ. އަހަރެންވެސް ދިޔައީ ިސއްސައިގެންނެވެ. ބައްޕަ އަހަރެންނާއި ދިމާލަށް މިހާ ބާރާއް ވާހަކަ ދައްކަން ޖެހުނީ ހަމަ ދޮންމަންމަގެ ސަބަބުން ކަން އަހަރެންނައް އިނގުނެވެ.
“އިނަފް…….. ހުއްޓާލާ އާޝާ!!!.. މިހާރު ފުދިއްޖެ…” އަހަރެންގެ ބައްޕަ މިހެން ކިޔައިފައި ހަރު ހިނގުމުގައި ބޭރައް ނިކުމެގެން ދިޔައީ ގޭގެ މައިދޮރު ބަންލާފައި ޖަހާފައެވެ. ކުއްލިއަކަށް މިވީ ކިހިނެތް ހެއްޔެވެ؟ ސަމިއްތަ ގޮތައް ބައްޕަވެސް އަހަރެން ދެކެ ރުޅި އަންނަން ފެށީ ހެއްޔެވެ؟ އަހަރެން ކެތް ކުރާނީ ފަހެ ކިހިނަކުން ހެއްޔެވެ؟ މިއޮތް ބޮޑު ތޫފަނުގައި އަހަރެން އެކަނި ވީހެއްޔެވެ؟ މިކޮޅިގަނޑުގައި އަހަރެން ސަލާމަތް ނުވެ ނިމިގެން ދާނީ ހެއްޔެވެ؟ އަހަރެންގެ އެއްވެސް ހުވަފެނެއް ފުރިހަމަ ނުވާނީ ހެއްޔެވެ؟ އަހަރެންގެ ލޯބިވާ އެންމެން އަހަރެން ދޫކޮށްލާފައި ދަނީ ކީއްވެ ހެއްޔެވެ؟ ލޯބިވާ އެންމެން އަހަރެން ދެކެ ރުޅި އަންނަނީ އަހަރެންގެ ހުރި ކޮން އުނި ސިފައަކުން ހެއްޔެވެ؟
ދޮންމަންމަ ކޮޓަރިއަށް ދިޔައީ އަހަރެންނަށް މަލާމާތުގެ ހިނިގަނޑެއް ޖަހާލައިފައެވެ. ހަފްތާއެއް ފަހުން އަހަރެންގެ ލޯބިވާ ބައްޕަ އަނެއކާވެސް ރިސޯޓައްދާން ފުރިއެވެ. އެހަފްތާގެ ތެރޭ ބައްޕަ އަހަރެންނަށް ރުހުމުގެ ލޮލަކުން ބަލާނުލައެވެ. އެއްޗެކޭވެސް ބުނެލީ އިނގިލިން ގުނާލެވޭހާ މަދު ފަހަރަކު އެވެ. އެއްގޮތަކަށްވެސް ވާހަކަ ނުދައްކައޭ ބުނުން ދޮގަކަށް ނުވާނެއެވެ. އަހަރެން ދުނިޔެމަތިން ފޫހިވާން ފެށިއެވެ. އެއްވެސް މީހަކު އަހަރެންދެކެ ލޯބިނުވެއޭ އަހަރެންގެ ހިތައް އަރަން ފެށިއެވެ. ބޭކާރު މީހެކޭ ހިތައް އަރަން ފެށިއެވެ.
ބައްޕަ ފުރައިގެން ދިޔުމުން ދޮންމަންމަ އަށް ހީވީ ދެޢީދު އެއްފަހަރާ ލައިގަތް ހެންނެވެ. ސްކޫލަށް ދިޔުމުގެ ކުރިއަށް ހެނދުނުގެ ސައި ތައްޔާރުކޮށް މުޅި ގޯތި ކުނިކަހަން ޖެހެއެވެ. އިންޓަވަލް އަށް އައިސް ދާން ޖެހެނީ މެންދުރައް ކައްކަން ތައްޔާރު ކޮށްފައެވެ. ނޫނީ ދެނޖަހޭނީ އިލޮށިފައްޗެއް ގަންނަން ށެވެ. ސްކޫލައް ދަމުން އަހަރެންނާއި ދޮންމަންމަގެ ހުރިހާ ކަމަކާއި ނުވިތާކަށް ގޭތެރޭގައި ޖެހުނު ކަމެއް ކުރާއިރުވެސް ކުޑަމިނުން އާޝާ ކައިފިންހޭ ވެސް އަހާނުލައެވެ. އޭނާ ބަލަނީ އަރާމު ކުރެވޭ ތޯއެވެ. މަޖާ ކުރެވޭތޯ އެވެ. ހީވަނީ ދަތް ހުރި ދުވަހު ކާށި ހަމަ ރަނގަޅައްވެސް ކާން އުޅޭހެންނެވެ. މިހެން ވުމުގެ ސަބަބުން ސަމިއްތަވެސް ކުރިއަށް ވުރެ ފަލަވެފައި ބޮޑު ބަނޑެއް ލައިފިއެވެ. މިގޮތައް އަހަރެންގެ ޙަޔާތުގެ ޞަފްހާތައް އުކެމުން ދިޔައެވެ.
އެއީވެސް އެކަހަލަ ދުވަހެކެވެ. ސްކޫލުން އައިސް އަހަރެން އުޅުނީ ގޭތެރޭގެ ތަންތަން ފުހުމުގައެވެ. ތުވާލިކޮޅެއް ހިފައިގެން އަހަރެން ވަރަށް ފަރުވާތެރިކަމާއެކު ތަންތަން ފުހެމުން ގެންދިޔައީމެވެ. ސަމިއްތަ ދިޔައީ އަހަރެންނާއި މަސައްކަތް ޙަވާލު ކޮށްފައި ބޭރަށެވެ. މިހާރު އޭނާގެ ކަމަކީ ގޭތެރޭގައި އުޅެންޏާ ޓީވީ ބެލުމެވެ. އެހެންނޫނީ ކައިކައިގެން ނިދުމެވެ. އެހެންނޫނީ ބޭރައް ދިޔުމެވެ. ކުރާކަމެއްވެސް އިނގެނީ އެއް ނޫނެވެ. އޭނާ އަށް ނަމާދަކީ އޮންނަ އެއްޗެެއް ކަންވެސް ނޭނގެއެވެ. އަހަރެން ޓީވި ރެކު ފުހަމުން ފުހަމުން ގޮސް އެ ރެކުގައި އިން ސަމިއްތަގެ ފޮޓޯ ފްރޭމެއް ފުހަން ނެގީމެވެ. އަބަދުވެސް އަހަރެން ކުރާ މަސައްކަތް ރަނގަޅައް ކުރެވޭތޯ ބަލަމުން އަހަރެން ގެންދަމެވެ. ނޫނީ އަހަރެންނަށް ލިބޭނީ ދޮންމަންމަގެ އަތުގެ ހަމަލާއެވެ.
އެފްރޭމް ވަރަށް ބަލައިގެން އަތުތެރޭގައި އަހަރެން ގެންގުޅުނީ މެވެ. ފުހެފައި އަހަރެން އެބެހެއްޓީ އެއެތި ކުރިންވެސް ހުރިތާގައެވެ. ނަމަވެސް އެބެއްޓުނު ގޮތަކުން އޭތި މުށިގަނޑު މައްޗައް ވެއްޓެން ދިޔައެވެ. އަހަރެން އަވަހަށް ދެއަތް ދިއްކޮށްފައި އޭތި ހިފާފައި ގަޔާ ކައިރިއަށް ދަމާލީމެވެ. އަހަރެންގެ ބަނޑާ އަތާދޭތެރެއިން އޭތިވެއްޓި ޖެހުނީ މުށިގަނޑު މަތީގައެވެ. ވަގުތުން ބިއްލޫރި ކޮޅުތައް އެކިތަންތަނަށް ބުރައިގެން ދިޔައެވެ. ހުރިހާ ކަމެއްވެސްވީ ވަރަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ކަމުން އަހަރެންނަށް އިނދެވުނީ ކަންފަތް މަތީގައި އަތް އަޅާލައިގެންނެވެ.
އަހަރެންނަށް ނޭނގުނީ އެވަގުތު ސަމިއްތަ ދޮރުމަތީގައި ހުރިކަމެވެ. އަހަރެންނަށް ކަންފަތް މަތިން އަތް ނެގުނީ ސަމިއްްތަގެ ބާރު އަޑުން އަހަރެންނައް ގޮވާލުމުގެ ސަބަބުންނެވެ. އަހަރެންގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުން ދިޔައެވެ. މިއަދުގެ ކަންތަކާ ލައިގަތީއޭ އަހަރެންގެ ހިތައް އެރިއެވެ. އަހަރެން އަވަހަށް ބިއްލުރި ކޮޅުތައް ނަގަން އިށީނީމެވެ. ނަމަވެސް ސަމިއްތަ އެއައި ބާރުމިނުގައި އަހަރެންގެ އިސްތަށިގަނޑުގެ ބުޑުގައި ހިފާ އަތައް އޮޅާލައިފައި ލައްކެއް ޖެހިބޮނޑީ އަހަރެން ކޮއްޅައްނެގިއެވެ.
“އާހް!!! ސަ.. މިއްތާ… ތަދުވޭ.. އާހްހްހް!!!” ވީތަދުން އަހަރެންނަށް ރޮއެ ގަނެވުނެވެ. “ހެވޭ ތަދުވިއަސް.. ތަދުކުރާށޭ މިއުޅެނީ ވެސް.. އެހެންވީމައި ތަދުވާނެއްނު.. ކަލޭ ކީކޭ ހިތައް އަރައިގެން ކުރި ކަމެއްތަ އެއީ.. އޭނ.. ބުނެބަލަ.. މަގޭ ހުރިހާ ރީތި ތަކެތިތައް މީއްޗަކު އެބަ ހަލާކު ކުރެއޭ…” އިސްތަށިގަނޑައް ވާން ކޮށްލަމުން ސަމިއްތަ މިހެން ބުނެލީ ދަތް ކުނޑި ވިކާލަމުންނެވެ. އަހަރެންގެވެސް ހިތައް އެރިއެވެ. މިފަހަރަކު އަހަރެންވެސް ދުލެއް ނުކުރާނަމެވެ. ހަނު ހުއްޓަކަސް އެއްވެސް ކަމެއް ނުވާނެއެވެ. “ސަމިއް.. ތާ….. އެއީ.. އަހަރެން.. ގަސް.. ތުގައެއް.. ނު.. ނޫނޭ… އޭތި ވެއްޓި ތެޅުނީއޭ…..” އަހަރެން ވަރަށް ހިތް ވަރުން ބުނެލީމެވެ.
އެވަގުތު އޭނާ ހިފަހައްޓައިގެން ހުރި އަތުން ނޫން އަނެއް އަތުން އަހަރެންގެ މޫނު މައްޗައް އަތުގެ ވަރުގަދަ ހޫނު ހަމަލާ އެއް އެރިއެވެ. ޖެހިލެއް ބާރުކަމުނާއި އެވަގުތު ސަމިއްތަ ދޫކޮށްލުމުން އަހަރެން މުށިގަނޑު މައްޗައް ވެއްޓުނެވެ. ބޮލަށް އެނބުރުން އަރާފައި ހުރުމުން ވާނުވާވެސް އަހަރެންނަކަށް ނޭނގުނެވެ. އޭރު އަހަރެންގެ ދޮން ކޯތާފަތުގައި ފަސް އިނގިލީގެ ނިށާން ރަތް ކުލައިން ފާޅުވާން އިނެވެ. އޭރު މުޅި ކޯތާފަތް އޮތީ ނޫފާ ގަންފައެވެ. “ކަލޭ ލަދެއްވެސް ނުގަނޭތަ މަގޭ ކުރިމަތީ ޒުވާބު ކުރާކަށް.. ހުރެބެލަ ނިކަން… މިފަހަރު ކުޅި ދައްކާލާނަން… މިހާރު މީނާ މާބޮޑައްވެސް އަނގަ ގަދަ ވެއްޖެ..”
މިހެން ކިޔާފައި ސަމިއްތަ ނެގީ ކައިރީ އިން ފިހިގަނޑެވެ. އަހަރެންނަށް ވާން މިއުޅެނީ ކީއްކަން ރޭކާލިއެވެ. “ނޫން.. ނޫން!!!” ވާނެ ތަދު އިޙުސާސް ވުމާއެކު އިޚްތިޔާރުން ބޭރުގައި އަހަރެންގެ އަނގައިން އެބަސްތައް ބޭރު ވިއެވެ. ރުޅިއައިސް ރަތް ވެފައި އިން ސަމިއްތަ އަށް މިއަޑު ފޯރާނީ ކިހިނަކުން ހެއްޔެވެ. ރުޅިއައިސް ހުއްޓާ އަހަރެންނަށް އެހެން ބުނެވުމުން އަމިއްލަ ނަފްސު ކުއްވެރި ކުރެވެން ފެށުނެވެ. އަނދައަނދާ ހުރި އަލިފާނައް އަމިއްލަ އަތުން އަތުން ޕެޓްރޯލް އެޅީއެވެ.
އައި ގޮތައް އައިސް އަހަރެންގެ ފައިގައި ފަސްވަރަކަށް ފަހަރު ޖެހު ޖެހީ ނުން ފިހިގަނޑު ދެފަޅި އައް ބިންދާލިއެވެ. އަހަރެން އޮތީ ގުޑިވެސް ނުލެވިފައެވެ. ވާތު ފައިގެ އެކި ތަންތާކައި ޖެހުމުން އަހަރެންނަށް ހިނގަންވެސް އުނދަގޫ ވިއެވެ. ނަމަވެސް ކުރާނީ ކިއެއް ހެއްޔެވެ. މީއަހަރެންގެ ޙާލެވެ. މިކަމުން ސަލާމަތް ކުރާނީ ކާކު ހެއްޔެވެ. އެއްމެ ލޯބިވާ ބައްޕަވެސް މިހާރު އަހަރެން ދެކެ ވަނީ ފޫއްސެވެ.
ވަރަށް ޙާލުން އޮތް ތަނުން ތެދުވެގެން އަހަރެން ކޮޓަރިއަށް ވަނީމެވެ. ތަދުވާވަރުން ނުތެދުވެވިފައި ޢަޞުރު ވަންދެން އަހަރެން އޮތީމެވެ. ތަދު ނުފިލިއަސް އަހަރެން ގޮނޑީ އިނދެގެން ނަމާދު ކޮށްލީމެވެ.
ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތު ވަމުން ދެއެވެ. އެނުބައި ދޮންމަންމަގެ ވަކިތަކުގެ ދަށުގައި އަހަރެންގެ ނަފްސު ގައިދު ވަމުން ދިޔައެވެ. ބައްޕަ އިނދެގެން ގެއައް ގެނައި މީހެއްގެ ސަބަބުން އަހަރެންގެ ފުރާވަރުގެ ދުވަސްވަރު ދުވަސްވަރު ވީ އެންމެ ހިތި ހަނދާނެއް ގެނުވާ ދުވަސް ވަރަކެވެ. އެހީއެއް ދިއްކޮށްލާނެ އަތެއް ނުވެއެވެ. ލޯނިވާ ބައްޕަވެސް ފެންނަނީ ތިންމަހުން އެއްމަހު ކަހަލަ ގޮތަކަށެވެ. ޗުއްޓީ އެއްވެސް ނަގަނީ ހިތައް އެރިއްޔާއެވެ. މިގޮތައްގޮސް އަހަރެންނަށް ބާރަ އަހަރު ފުރެނީ އެވެ. އެދުވަސް ދިމާވަނީ ބައްޕަގެ ޗުއްޓީ އަށެވެ. އަހަރެން މާބޮޑު ކަމަކަށް އުއްމީދެއްވެސް ނުކުރަމެވެ. އުފަލެއްވެސް ނުވެއެވެ. ހަދިޔާ އަކަށްވެސް އުއްމީދެއް ނުކުރަމެވެ. ނަމަވެސް އެދުވަހު ލިބުނު ވަރުގެ ބޮޑު ހަދިޔާއެއް އުމުރު ދުވަހު ވެސް ލިބޭނެ ހެނެއް ހިއެއް ނުވެއެވެ.
އެއީ އަހަރެންނަށް ބާރަ އަހަރު ފުރުނު ދުވަހެވެ. އަބަދުވެސް މެންދުރު އެކެއްޖަހާއިރު ބައްޕަ ކާން އަންނާނެއެވެ. ނަމަވެސް ދިމާވި ގޮތަކުން އަހަރެންނަށް އެދުވަހު ބަތް ކެއްކުނު ލެއް ލަސްވީއެވެ. ބަރާބަރު އެކެއްޖެހީ އިރައް ދޮންމަންމަ ވަޑައި ގެންފިއެވެ. އޭރު ބައްޕަވެސް ފަހަތުން ފޯނު ކޮއްޓަމުން އާދެއެވެ. ސަމިއްތަ އައި ގޮތައްއައި އަހަރެންގެ އަތުގެ އުޅަނބޮއްޓާ ހިސާބުން ހިފައި އަނެއް އަތުން އަހަރެންގެ ކޮލަށް ފިތާލިއެވެ. ފިތާލިލެއް ބާރުކަމުން އަނގައިން ލޭރަހަލިއެވެ. އޭރު ތާޒާ ކަރުނަ ފައިބަން ތައްޔާރު ވެފައިވި ލޮލާއެކު ބައްޕަ އަށް އަހަރެން ބަލާލީ އާދޭހުގެ ނަޒަރަކުންނެވެ.
ބައްޕަ ފޯނުން ނަޒަރު ވަކިކޮށްނުލައި މޭޒު ދޮށުގައި އިށީންދުމުން އަހަރެން ދުވަހަކު ހިތުގައި ނުޖެހޭ ވަރަށް އެދުވަހު ހިތުގައި ޖެހުނެވެ. ލޮލުތެރޭގައި ބޮނޑިކޮށްލައިގެން ހުރި ކަރުނަތައް ކޯރެއްހެން ކޯތާފަތް މައްޗައް ފައިބައިގެން ދިޔައެވެ. ސަމިއްތަގެ މޫނުމައްޗައް ވެރިވި މަލާމާތުގެ ހިނިތުންވުން ފެނި އަހަރެން އޭނާދެކެ އިތުރަށް ފޫހިވުން ނޫންކަމެއް ނުވިއެވެ.
އިރުކޮޅަކުން ދޮންމަންމަ އަހަރެންގެ ކޮލުން ދޫކޮށްލިއެވެ. “ބައްޕާ!” އާދެހުގެ ރާގެއްގައި އަހަރެން ބައްޕައަށް ގޮވާލީ އެނުބައި އިންސާނާގެ ކިބައިން އަހަރެން ސަލާމަތް ކޮށްދޭނެ ކަމުގެ ފޮނި އުއްމީދާއެކީ އެވެ. އެކަމަކު ވީ އަހަރެން ހުވަފެނުންވެސް ނުދެކޭ މަންޒަރެކެވެ. އަހަރެންގެ ހިތައް އެރިއެވެ. އެއީ ހަމަ އަހަރެންގެ ލޯބިވާ ބައްޕަ ބާއެވެ. ނަމަވެސް އެބައްޕަ އެހެން ހަދާފާނެކަމަށް އަހަރެނ ދުވަހަކުވެސް ހީނުކުރަމެވެ.
އަހަރެން ހިތައް އެވަގުތު އެރިއެވެ. އަހަރެން މީ ހާދަ ބަދުނަސީބު ވެރި ކުއްޖެކެވެ. އެހެން ކުދިންހެން އަހަރެންވެސް އުފާވެރި އާއިލާއެއްގެ ހުވަފެން ދެކުނީމެވެ. އެހުވަފެނުގައި ކުލަޖެހިފައި އޮއްވާ ކުއްލިއަކަށް އަހަރެންގެ އާއިލާ އަށް މިޖެހުނީ ކާކުގެ އެސްފީނާ އެއްބާއޭ އަހަރެންގެ ހިތައް އެރިއެވެ.
މިހުރިހާ ކަމެއް ވާއިރު އަހަރެންގެ މަންމަ ކޮބާ ހެއްޔެވެ؟ ދެއަހަރު ވީއިރު އެމަންމަ އަހަރެންގެ ލޮލައްވެސް ފެނިނުލައެވެ. އެމަންމަ އަހަރެންދެކެ ލޯބިވޭބާއެވެ؟ އެމަންމަ އަހަރެން ދެކިލަން ބޭނުންވޭ ބާއެވެ؟ އެހެން ކުދިންހެން އަހަރެންގެ ވާހަކަ ހިއްސާ ކުރާން އަހަރެންގެ މަންމަ ބޭނުމެވެ. ނަމަވެސް އަހަރެންގެ މަންމަ ހުރެ އެންމެ ދުރުގައި ވަނީ ވެސް އެމަންމަ އެވެ.
_ނުނިމޭ
3 Comments!
Comments are closed.
Varah reethi Masha Allah ? konirakun next part
jazaakallah khairan
next part thursday ga insha allah…