ނުވާނަން ތަފާތެއް… 24
ޒަމާންތަކަކަށް ދެމިގެން ދިޔަ ނަފުރަތާއި ރުޅިވެރިކަމުގެ ހަނގުރާމައަށް ދާއިމީ ހައްލެއް ލިބި ހިތަށް ސުލްހަވެރިކަން ވެރިވެގެން ދިއުމުން ޖަމީލާގެ ނަފުސަށް ފިނިކަމެއް ލިބުނެވެ. ޖިސްމަށް އަބަދު ލިބިލިބި ހުރި ހޫނުކަމާއި ދިލަކަން ފަސޭހަވެގެން ދިޔަ ކަހަލައެވެ. މަޢާފަށް އެދެވުމުން އެތައް ޓަނުގެ ބަރުދަން ސިކުނޑިން ލުއިވެގެން ދިޔަ ކަމުގެ އިހުސާސް ކުރެވުނެވެ. މުޅި މީހާއަށް ހަމަޖެހުމެއް ލިބުނު ކަހަލައެވެ. މަލްސާއާއި ހިނިތުންވުމެއް ބަދަލުކޮށްލެވުނެވެ.
ޖަމީލާގެ ލޮލުގެ ހިމަކޮޅުން ލާފައި ފައިބައިގެން ދިޔަ ކަރުނަ ތިކިތައް މަލްސާ ފޮހެލަދިނެވެ. އޯގާތެރިކަމާއެކުގައެވެ. ޝުކުރުވެރިކަން ޖަމީލާގެ ލޮލުގައި ވިއެވެ. އޭނަގެ ހުރިހާ އުނިސިފަތަކާއެކުވެސް އޭނައަށް މަލްސާ މަޢާފްކުރުމުން އެހިތުން މަލްސާއަށް ހާއްސަ މަޤާމެއް ދެވުނެވެ. އެއީ މަލްސާގެ ހިތުގައި ބުރަކަމެއް ނެތްކަން އަންގައި ދިންކަމުގެ ހެއްކެކެވެ. ދެރަވީ އެފަދަ މާތް ކުއްޖެއްގެ ދިރިއުޅުން ހަލާކުކޮށްލަން މިހުރިހާ ދުވަހު މަސައްކަތްކުރެވުނީތީއެވެ. ހާދަ ދެރައެވެ.
”އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ރަގަޅުވާނެ، ޑޮކްޓަރު ދީފަ ހުރި އިރުޝާދުތަކަށް ބޯލެނބީމަ އަވަހަށް ރަގަޅުވާނީ، ބަރުދަންވެސް މާމަތިކަމަށް އަންގާފައިވަނީ، އެބަޖެހޭ ދިހަ ކިލޯ ލުއިކުރަން… ގެއަށް ދޫކުރީމަ ފާޑުފާޑުގެ އެއްޗެއް ދެނެއް މަންމައަށް ނުކެވޭނެ، މިއަދު ޑައިޓީޝަން އައިސް ދޭ ތާވަލާއެއްކޮށް ކަންތައް ކުރިއަށް ގެންދަން ޖެހޭނީ، ހީވަނީ މާދަމާ ދޫކޮށްލާނެހެން…” މަލްސާ ހިނިތުންވުމަކާއެކު ބުނެލިއެވެ. މަލްސާ ހުރީ ހިތްހަމަޖެހިފައެވެ. އެކަމުގެ އަސަރު އޭނަގެ މޫނުމަތިން ފާޅުވެއެވެ.
”ކޮންދުވަހަކުތަ ގިޔާން ފުރަނީ؟… ސްކޮލަޝިޕް ލިބިފައެއްނު އޮތީ…” ޖަމީލާ އެހިއެވެ.
”އަންނަ ހަފުތާގަ ފުރާ ގޮތަށް އޮތީ، މިކޮޅުން ކުރަންޖެހޭ ކަންތަކާ އެކޮޅަށް ދިއުމަށް ނިންމަންޖެހޭ ކަންތައް މިހާރު ނިމިފަ އޮތީ… ގޭތެރޭގެ ހާލަތުވެސް ދަނީ ރަގަޅުވަމުން…” މަލްސާ ބުންޏެވެ. ނޫރާލްގެ ޚަބަރު އޮޅުންފިލުވަން ޖަމީލާން ބޭނުން ވެފައިވާކަން މަލްސާއަށް ނަގައިގަނެވުނެވެ. ޖަމީލާ އެސުވާލުނުކޮށް އޮތީ އަދިވެސް އެހިތުގައި ޝަކުވާތަކާއި ރުޅިވެރިކަން ވީތީއެވެ. ވާނީވެސް އެހެންތާއެވެ. އެހާ ބޮޑަށް ލޯބި ދީގެން ބޮޑުކުރި ދަރިފުޅު ކަތިމަގެއް ހިޔާރުކުރުމުން އެކަމުގެ އުދާސްކަން ހިތުގައި ވާނެއެވެ.
”ނޫރާލްވެސް ރަގަޅު…” މަލްސާ ބުނެލިއެވެ. ޖަމީލާއަށް ދިމާވި ކަންތަކަށް ފަހު ނޫރާލް ހުންނަނީ ނެގިމަޑުވެފައެވެ. އަބަދު ހުންނަނީ ހިމޭންވެފައެވެ. ކިތަންމެ ވާހަކައެއް ދެއްކިޔަސް އަނގަޔަކުން ނުބުނާނެއެވެ. އެހެނަސް ލަސްލަހުން ވިޔަސް ރަގަޅު ބަދަލުތަކެއް އާދެއެވެ. ކުރިއަށް އޮތީ އުނދަގޫ އަޑިގުޑަން ދުވަސްތަކެއްކަމުން އެކަމާއި ކުރިމަތިލާނެ ގޮތަކާ މެދު ވިސްނަން މަލްސާއަށް ވަނީ މަޖުބޫރުވެފައެވެ. ހަޤީޤަތް އެނގެން ފެށުމުން މީހުންގެ ފަރާތުން ނޫރާލްއަށް މަލާމާތުގެ ބަސްތައް އަމާޒުވާނެއެވެ. ޢާއިލާއަށް ވެސް ބަދުބަސްތައް އަމާޒުވާނެއެވެ. އެހެންވާން ފަށާ ދުވަހަކުން، އެކަންތަކުގެ ތެރޭގައި ސިކުނޑި ހާސްކުރަން މަލްސާ ބޭނުމެއް ނުވެއެވެ. ނޫރާލް ހުރީ ކުރެވުނު ކަންތަކާ މެދު ދެރަވެފައެވެ. ހަޤީޤަތް އޭނައަށް ކިޔާ ނުދިނަސް ހުރީ ވަރަށް މާޔޫސްވެފައެވެ. ދިރިއުޅުމާއި ކުރިމަތިލާން ފަސްޖެހިފައެވެ. ނިކަމެތިވެފައެވެ. ނޫރާލްގެ ހިތްވަރެއް ކަމުގައި އޭނަ ވާން މަލްސާ ބޭނުމެވެ. މަދަދުވެރިކަން ފޯރުކޮށްދޭން ވެސް މެއެވެ. މީހުންގެ ދުލުކުރީގެ ވިހައާއި ބަދުބަސްތަކުން ނޫރާލް ސަލާމަތްކޮށްދޭން ވެސް އޭނަ ބޭނުމެވެ.
”އޭނަގެ ވާހަކަ ނުދެއްކިއްޔާ ރަގަޅީ…” ޖަމީލާ ނުރުހުމާއެކު ބުނެލިއެވެ. މަލްސާ އިތުރަށް އެވާހަކައެއް ނުދެއްކިއެވެ. ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހުރިހާކަމެއް ހަމައަކަށް އެޅެން ވަގުތު ނަގާނެއެވެ. ކިތަންމެ ދުވަހެއް ނެގިޔަސް އާއިލާގެ ގުޅުންތައް ރަގަޅުކުރަން މަލްސާ އަޒުމު ކަނޑައެޅިއެވެ. އެކަހެރިކަން ނޫރާލްއަށް އިހުސާސްވާން އޭނަ ބޭނުމެއް ނޫނެވެ.
*****
ޖަމީލާއަށް ނިދިފައި އޮތް ވަގުތެވެ. މަލްސާ އިނީ ފޫހިވެފައެވެ. ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމެއް ބަލަން އިންދާ އޭނަގެ ފޯނު ރިންގްވާން ފެށިއެވެ. އަވަސްއަވަހަށް އަތްދަބަހުގައި އޮތް ފޯނު ނެގީ އޭގެ ރިންގްގެ ސަބަބުން ޖަމީލާއަށް އުނދަގޫވެދާނެތީއެވެ. ރިންގްޓޯން ކަނޑާލަމުން ސްކްރީނަށް މަލްސާ ބަލާލިއެވެ. ގުޅަނީ އަޝްކާން އެވެ. މަލްސާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ފޯނަށް ޖަވާބުދޭން ހަލުވި ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
”ހަލޯ…” ކޮރިޑޯއަށް ނިކުމެވުމުން މަލްސާ ބުނެލިއެވެ.
”މިއަދު ވަރަށް ފާޑަކަށްދާ ދުވަހެއް، އެކަމަކު މަލްގެ އަޑު އިވުމުން ދުވަސް ފުރިހަމަ ވެއްޖެހެން ހީވަނީ…” އަޝްކާންގެ އަޑު އިވުނެވެ. ”މިހާރު މަންމަ ކިހިނެއްތަ؟…”
”މަންމަ ރަގަޅު…” މަލްސާއަށް ހިނިތުންވެވުނެވެ. ޖަމީލާއަށް އައި ބަދަލު އަޝްކާންއާ ހިއްސާކުރަން އޭނަގެ ކެތްތެރިކަން ކުޑަވިއެވެ. އެކަން އޭނަގެ އަޑުން ހާމަވެއެވެ.
”އައިމް ސޯ ހެޕީ…” މަލްސާގެ އަޑުގައިވި ޖޯޝު އަޝްކާންއާ ހަމައަށް ފޯރިއެވެ. ބޭއިހްތިޔާރުގައި އޭނައަށް ހިނިތުންވެވުނީ އެހެންވެއެވެ. މަލްސާގެ ކޮންމެ އުފަލަކީ އޭނައަށް ވެސް ލިބޭ އުފަލެއްކަމުގެ އިހުސާސްކުރެވެއެވެ.
”ހީވަނީ އުފާވެރި ޚަބަރެއް ލިބިއްޖެހެން، އަހަންނާ ހިއްސާނުކުރާނަންތަ؟…” އަޝްކާން ބުންޏެވެ.
”މަންމަ ފުރަތަމަ ފަހަރަށް އަހަންނާ ލޯބިން ވާހަކަދައްކައިފި، ހިތަށް ލިބުނު ފިނިކަން ބަޔާންކޮށްދޭން ވެސް ދަތިވި، އަހަރެން ވަރަށް އުފާވެއްޖެ… އިރާދަކުރެއްވިއްޔާ މިއީ ރަގަޅު ފާލެއް… ހުރިހާކަމެއް ހަމައަކަށް އެޅިދާނެކަމަށް ފެނުނު ނިޝާނެއް…” މަލްސާގެ އަޑުގައި ވަނީ އުއްމީދެވެ.
”ވަރަށް އުފާވެއްޖެ… ނޫރާލް އެއްވެސް އެއްޗެއް ކިޔައިދީފިތަ؟…” އަޝްކާން އޮޅުންފިލުވަން ބޭނުން ވިއެވެ. އެއީ ބަޔަކުމީހުން ހިންގި ޖަރީމާއެއް ނަމަ މަލްސާގެ އާއިލާއަށް އިންސާފު ހޯދައިދޭން އޭނަ ބޭނުން ވިއެވެ.
”އަދި އެވާހަކަދައްކަން ބޭނުން ނުވެފަ ހުންނަނީ… އެހެންވެ ދެން އެކަންތައް ފަސްކޮށްލައިގެން މިހުންނަނީ، ނޫރާލްއަށް ވަގުތު ބޭނުންވާނެތީ…” މަލްސާ ބުންޏެވެ.
”ދެން އަހަރެންގެ ވާހަކަ ބާއްވާފަ ޝާންގެ ދުވަސް ދިޔަ ގޮތް ކިޔާދީބަލަ…” މަލްސާ ބޭނުންވީ އެހެން މައުޟޫޢުއަކަށް ވާހަކަދައްކާށެވެ. މަލްސާގެ އެއިޝާރާތް އަޝްކާންއަށް ނަގައިގަނެވުނެވެ.
”ހުސް މީޓިންގްތައް އޮތީ، ކުންފުނީގެ އަހަރީ ދުވަސް އަންނާތީ އެކަމުން ވެސް ސަލާމަތް ނުވެވިގެން މިއުޅެނީ… ވަރަށް ޓަޔަޑް…” އަޝްކާންގެ އަޑުގައި ވަރުބަލިކަން ވިއެވެ.
ގަޑިއެއްހާ އިރު ވަންދެން އަޝްކާން އާއި ވާހަކަދައްކަން މަލްސާ ހުއްޓެވެ. ހިއްސާކުރެވެމުން ދިޔަ ލޯބީގެ ވާހަކަތަކުން އެދެމެދުގައި ވިންދު ޖަހަމުން އައި ލޯތްބަށް އިތުރު ފުރިހަމަކަމެއް ގެނެސްދެމުން ދިޔައެވެ. މަލްސާގެ ތުންފަތުން ހިނިތުންވުން އެންމެ ހިނދުކޮޅަކަށް ވެސް ފިލައިގެން ނުދެއެވެ. އަޝްކާން ވެސް ހަމަ އެފަދައެވެ. އެދެމެދުގައިވާ ސާފު އަދި ފުރިހަމަ ލޯބިން ދެހިތަށް ވެސް ރާހަތު ގެނެސްދެމުން ދިޔައެވެ.
”ކުޑަ ކަމެއް ކުރަން ޖެހިއްޖެ، ދެން ބާއްވަނީ އިނގޭ… ފަހުން ގުޅާނަން، ލަވް ޔޫ…” އަޝްކާން ފޯނު ބޭއްވުމުގެ ކުރިން ބުންޏެވެ.
”ލަވް ޔޫ…” ފޯނު ކަނޑާލުމުގެ ކުރިން މަލްސާ ވެސް ބުނެލިއެވެ. ފޯނު ކަންފަތާ ވަކިކޮށްލަމުން ފޯނަށް ބަލަން އިރުކޮޅެއް ވަންދެން މަލްސާއަށް ހުރެވުނެވެ. އޭރު އެތުންފަތުގައި ވަނީ މާނަ ފުން ހިނިތުންވުމެކެވެ. ދެލޮލުގައި ވިދާބަބުޅަމުން ދިޔައީ އުފާވެރިކަމެވެ.
*****
ހުސޭނު ހޮސްޕިޓަލަށް ދިއުމުން މަލްސާއަށް ގެއަށް އާދެވުނީ ރޭގަނޑުވީ ފަހުންނެވެ. އޭނަ ހުރީ ވަރުބަލިވެފައެވެ. ކޮޓަރިއަށް ވަންއިރު ނޫރާލް އޮތީ އެނދުގައެވެ. ހަރަކާތެއްކޮށްނުލާ ސީލިންގްއަށް ބަލަހައްޓައިގެންނެވެ.
‘ނޫރާލް!، އެއްޗެއް ކައިފިންތަ؟…” ރީތިވާ މޭޒުމަތީ އޭނަގެ އަތްދަބަސް ބާއްވަމުން މަލްސާ އެހިއެވެ. މަލްސާގެ އަޑަށް ނޫރާލް ބަލާލިއެއްކަމަކު އަނގަޔަކުން ނުބުންޏެވެ.
”ނޫޑުލްސް ކައްކަންތަ؟…” ނޫރާލްއަށް ކަމުދާ އެއްޗެއް ތައްޔާރުކޮށްލަން ބޭނުންވާތީ މަލްސާ އެހިއެވެ.
”ކާކަށް ބޭނުމެއް ނޫން…” ނޫރާލް ބުނެލިއެވެ. އެކަމާ މަލްސާ ހިތްހަމަނުޖެހުނެވެ.
”ނޫރާލް ތިހެން ހިއްސަހަތަށް ފަރުވާކުޑަކުރާކަށް ނުވާނެ، ކަމެއް ދިމާވެއްޖެއްޔާ ކިހާ ދެރަ… މިހާރު އިތުރު ފަރާތަކާ މެދު ވެސް ނޫރާލް ވިސްނަންޖެހޭނެ… ދެން ތިހެން ނޯވެ ތެދުވޭ، ހިނގާ ދޮންތައާއެކު ބަދިގެއަށް…” މަލްސާ ނަސޭހަތްތެރިވިއެވެ.
”ކަމެއް ވެއްޖެއްޔާ ރަގަޅީ ވެސް، އޭރުން އަހަންނާމެދު ވިސްނާކަށް ނުޖެހޭނެއެއްނު، އަހަރެންގެ ސަބަބުން އާއިލާގެ އެންމެން ބަދުނާމުވީ، ބައްޕަވެސް ހުންނަނީ ރުޅިއައިސްފަ، އޮފީހުގެ އުޅޭ މީހުންގެ ފަރާތުން ބައްޕައަށް މަލާމާތުގެ ބަސްތައް ރައްދުވާނެކަން ޔަޤީން، މި އިމާރާތުގެ މީހުންވެސް ފާޑުފާޑުގެ ވާހަކަ ދައްކާ…” ނޫރާލް އެއްވެސް އަސަރެއް ނެތް ގޮތަކަށް ބުނެލިއެވެ.
ހަމްދަރުދީގެ ނަޒަރަކުން މަލްސާއަށް ބަލާލެވުނެވެ. ނޫރާލްގެ ހިތްދަތިކަން އޭނައަށް އިހުސާސްކުރެވުނެވެ.
”ނޫރާލް، ކިތައް ފަހަރު ބުނާނީ ތިހެން ވާހަކަ ނުދައްކާށޭ… މީހުންގެ ދުލުގައި އަހަރުމެންނަކަށް ނުހިފެހެއްޓޭނެ… އެމީހުން ދައްކާވާހަކައެއް ވެސް ނުހުއްޓުވޭނެ… ނޫރާލްއަށް ކުރެވުނީ ގޯސްކަމެއްކަން ވިސްނިއްޖެއެއްނު، އެކަމަށް ތައުބާ ވެއްޖެއީމެއްނު، އައު އަޒުމަކާއެކު ދިރިއުޅުމާ ކުރިމަތިލާން ބޭނުމެއްނު؟… ދެން ކީއްވެ މީހުން ދައްކާ ވާހަކަތަކާ މެދު ވިސްނަންވީ؟… ބައްޕައާއި މަންމައަށް ވަގުތު ދީ، އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ރަގަޅުވާނެ، މިއީ ގިނަގިނައިން ތައުބާވެ ކުރެވުނު ފާފަތައް ފުއްސަވައިދެއްވުން އެދި މާތްﷲއަށް ދަންނަވަންވީ ވަގުތު، އެފަދަ ފާފައެއް ތަކުރާރު ނުވާނެ ފަދައިން ދުޢާކުރަންވީ ވަގުތު، ގިނަގިނައިން ތައުބާވެ ތިމާގެ ހިތުގައި އިސްލާމްދީނުގެ ނޫރު ލެއްވުން އެދި ދުޢާކުރަންވީ ވަގުތު… ނޫރާލް… ދިރިއުޅުމުގައި ތަފާތު އިމްތިހާނުތަކާއި ކުރިމަތިވާނެ، މިވެސް އެފަދަ އިމްތިހާނެއް، ހިތްދަތިވެ މާޔޫސްވާނެކަން ދޮންތައަށް އެނގޭ، މީހުންގެ ބަސްތަކަށް ޖެހިލުންވާނެކަން ވެސް އެނގޭ، އެކަމަކު އެކަމާ ބިރުގަނެއްޖަނަމަ ދިރިއުޅުން އިތުރަށް ބަރުބާދުވެގެން ދިއުން ނޫންކަމެއް ނުވާނެ… އޭރުން ޝައިތާނެ ވަސްވާސްތަކަށް ހެއްލި އިތުރު ފާފަތަކެއް އަރައިގަނެވޭނީ…” ނޫރާލްގެ މަގަތުގައި އިށީންނަމުން މަލްސާ ބުންޏެވެ. މަލްސާގެ ވާހަކަތަކުން ނޫރާލްއަށް ރޮވިއްޖެއެވެ.
”އަހަރެން ބޭނުން ހިތްވަރުކުރަން…” ނޫރާލް ރޮމުންރޮމުން ބުންޏެވެ. މަލްސާއަށް ނޫރާލްގެ ގައިގައި ބައްދާލެވުނެވެ. އެފަދަ ހިތްހެޔޮކަމަށް ބޭނުންވެފައިވި ނޫރާލްއަށް ގިސްލެވުނެވެ. ނޫރާލްގެ ރުއިމުގެ އަޑު އިވުމުން ކަންބޮޑުވި ގިޔާން އައިސް ކޮޓަރީގެ ދޮރުގައި ޓަކިދޭން ފެށިއެވެ.
”ގިޔާ، ބޭރުގައި މަޑުކޮށްލާ، އެބަ ނިކުންނަން އިރުކޮޅަކުން…” ނޫރާލް ހުރީ އެކަނި ނޫންކަން ގިޔާންއަށް މަލްސާ އަންގާލިއެވެ. ގިޔާންއަށް މަލްސާގެ އަޑުއިވުމުން ހިތްހަމަޖެހުން ލިބުނެވެ. އޭނަ އަނބުރާލާފައި ކޮޓަރިއަށް ދިޔަ އެވެ.
”ދެން ހުއްޓާލާ، ވަރަށް ހިތްވަރުކުރަން ޖެހޭނެ، މަންމައާއި ބައްޕައަށް ވަގުތު ދީ، ނޫރާލްއަށް ކުރެވުނު ކަންތަކާ މެދު ދެރަވެފައި ހުރިކަން އަންގާދީ، އެމީހުންގެ އިތުބާރު ހޯދާން މަސައްކަތްކުރޭ، އޭރުން ހިތަށް ފިނިކަމެއް ލިބޭނެ…” މަލްސާ ބުނެލިއެވެ.
”ދޮންތަ އެހީމެއްނު މިއީ ކާކުގެ ދަރިއެއްހޭ…” ހިމޭންކަމުގެ ވަގުތުކޮޅަކަށް ފަހު ނޫރާލް ބުނެލިއެވެ. އެވާހަކަ ދައްކަން އުނދަގޫ ވިޔަސް ނޫރާލް ހާމަކުރިއެވެ.
”އަހަންނަކަށް ބުނަން ނޭގޭ… ރައްޓެއްސެއްގެ ދައުވަތަކަށް ޕާޓީކުރަން ސަފާރީއަކަށް ގޮސް ހުއްޓާ ދިމާވި މީހެއް އެއީ، ބޭރު މީހެއް އެއީ… ރަލާއި ޑްރަގްސް ނަގައިގެން ހުރީމަ އެހާ ބޮޑަކަށް ނޭގޭ ވީނުވީއެއް… ހަމަހޭވެރިކަން ވިއިރު އަހަރެންވީ ސަފާރީގެ ކޮޓަރިއެއްގައި… އޭނައަށް ނެތް އަހަރެން ހޭ އެރިއިރަކު… އޭނަގެ މާބޮޑު ތަފުސީލެއް ވެސް އަހަންނަކަށް ނޭގޭ، އަހަރެންގެ ރައްޓެހިންނަކަށް ވެސް އެއީ ކާކުކަމެއް ނޭގޭ، ވަރަށް ގިނަ ބޭރުމީހުން ބައިވެރިވި އެޕާޓީގައި، މަސްތުގެ ހާލަތުގައި ހުރުމުން އޭނަ ވަކިކުރަން ވެސް އަހަންނަކަށް ނޭގުނު…” ގިސްލުމުގެ އަޑަކުން ނޫރާލް ބުނެލިއެވެ.
”މިވާހަކަތައް އަޑުއިވުމުން އަހަރެން ދެކެ ފަކުރު އެބަގަނޭ ދޯ؟… މަލްސާއަށް ބަލާލަމުން ނޫރާލް ބުނެލިއެވެ.
”ނޫން، ކީއްވެ އެފަދައިން އަހަރެން ވިސްނަންވީ… ހިޔާރުކުރެވުނު ގޯސް އެކުވެރިން ނޫރާލްއަށް ނުބައިކަންތައް ކުރުމަށް ދައުވަތު ދިނީ، ރަލާއި މަސްތުވާތަކެއްޗަކީ ހުރިހާ ނުބައިކަމެއް އަސްލު، އެހާލަތުގައި ދެން އިތުރު ފާފަތަށް ވެސް ކުރެވޭނެ، ނޫރާލް ދެން އެފަދަ ކަމެއް ނުކުރާނަން ކަމަށް ދޮންތައަށް ވަޢުދުވޭ، ފުރިހަމަ ތައުބާއަކުން ތައުބާވެ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް އުޅޭނަން ކަމަށް ވަޢުދުވޭ… ފާފަތައް ފުއްސަވައިދެއްވުން އެދި މާތްﷲއަށް ދަންނަވާ، އަދި ތައުބާގެ ދޮރު ބަންދެއް ނުވޭ، ހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު ފާފަފުއްސެވުން އެދި ދުޢާ ކުރެވޭނެ…” މަލްސާ ބުނެލިއެވެ. އޭނަ އެތައް ނަސޭހަތެއް ނޫރާލްއަށް ދިނެވެ. އެކަމުގެ ހެޔޮ ބަދަލުތައް ވެސް ފެނުންނެވެ.
*****
ޖެހިގެން އައި ދުވަހު ޖަމީލާ ގާތަށް ދިޔައިރު މަލްސާ ދިޔައީ ނޫރާލް ގޮވައިގެންނެވެ. ނޫރާލް ފެނުމުން ޖަމީލާ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. އަދި މަލްސާ ގާތު ނޫރާލް އެތަނުން ނެރުމަށް ބުނެލީ ހަރުކަށިކަމާއެކުގައެވެ.
މަންމަގެ ރުޅިވެރިކަން ފެނި ނޫރާލް ޖެހިލުން ވިއެވެ. އެތަނުން ދާން އޭނަ އުޅުނެވެ. އޭގެ ކުރިން ނޫރާލްގެ އަތުގައި މަލްސާ ހިފެހެއްޓިއެވެ. ނޫރާލްއަށް ހިތްވަރުދީ އިސްނެގުމަށް މަލްސާ ބުންޏެވެ. އެހެންނޫންނަމަ މައްސަލަތަކަށް ދުވަހަކު ހައްލެއް ނުލިބޭނެއެވެ.
މަލްސާ އެތަނުން ނިކުތީ ޖަމީލާއާއި ނޫރާލްއަށް ވަގުތު ދެމުންނެވެ. މަލްސާ ދިއުމާއެކު މާހައުލަށް ވެރެވީ އިތުރު ނުތަނަވަސްކަމެވެ. ނޫރާލް ހުރީ ދުރުގައެވެ. މަންމައާ ދިމާއަށް ބަލަހައްޓައިގެންނެވެ. ހިތްވަރުކޮށްލަމުން އޭނަ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.
”މަންމާ…” ކުރެހިފައިވާ އަޑަކުން ނޫރާލް ގޮވާލިއެވެ.
”މަށަށް ގޮވާނެ ކަމެއް ނެތް، ކަލޭ ވީ މިތަނުން ނިކުންނަން…” ޖަމީލާ ރުންކުރު ރާގަކަށް ބުނެލިއެވެ. އަނބުރާލާފައި ދާން ނޫރާލްގެ ހިތަށް އެރިއެވެ. އެހިނދު އޭނަގެ ފައިގައި ކަސްތޮޅު އެޅުނީ މަލްސާގެ ވާހަތަކުންނެވެ. މާޒީ ހަނދާން ނައްތާލާފައި މުސްތަޤުބަލާ ކުރިމަތިލައިގެން މެނުވީ ހިތުގެ ޒަހަމްތަކަށް ޝިފާއެއް ލިބުމެއް ނެތެވެ. މަންމަ އޭނައަށް މަޢާފްނުކުރިކަމުގައި ވިޔަސް އޭނަ ބަދަލުވެއްޖެކަން އަންގަން ނޫރާލް ބޭނުން ވިއެވެ. އޭނައަކީ ކުރީގެ ޖާހިލު ނޫރާލް ނޫންކަން ސާބިތުކޮށްދޭން ބޭނުން ވިއެވެ.
ރޮމުންރޮމުން ނޫރާލް ވާހަކަދެއްކިއެވެ. އޭނައަށް މަޢާފްކޮށްދިނުމަށް އެދުނެވެ. ހަޔާތުގެ ހުރިހާ ހިތިކަމެއް އޭނަ ހިއްސާކުރިއެވެ. އަދި އޭނަ އިސްލާހުވާން ބޭނުންކަމާއި ދިރިއުޅުމާއި ކުރިމަތިލާން ބޭނުންވާ ވާހަކަ ވެސް ބުންޏެވެ.
”އަހަންނަށް އެނގޭ މަންމަގެ ހިތުގައި ވަރަށް ބޮޑަށް ޖެއްސިއްޖެކަން… މަންމާ… އަހަންނަށް ކުރެވުނު ކަންތަކާ މެދު މިއަދު އަހަރެން ލަދުގަނޭ، މަންމަ ދިން ތަރުބިއްޔަތު ދޫކޮށްލެވުނީ އަހަރެންގެ ނުބައިކަމުން، މަންމަ ދަސްކޮށްދިން ރީތި ގޮތްތަކުގެ މަތީގައި އަހަންނަށް ސާބިތު ނުވެވުނީ، މިއީ މަންމަ ދިން ތަރުބިއްޔަތުގައި އުނިކަމެއް ހުރުމުގެ ސަބަބުން ވީކަމެއް ނޫން، ހެވާ ނުބައި އެނގިހުރެ އަހަންނަށް ކުރެވުނު ކަމެއް، މިކަމުގައި އޮތީ ހަމައެކަނި އަހަރެންގެ ހިއްސާ، އަހަންނަށް މަޢާފްކުރުން މަންމައަށް ފަސޭހަ ނުވާނެކަން އެނގޭ، އަހަރެންގެ ސަބަބުން ޢާއިލާ ބޮޑު ބަދުނާމަކަށް ހުށަހެޅިއްޖެކަން ވެސް އެނގޭ، އެކަމަކު… އެކަމަކު އަހަރެން ބޭނުން ހުރިހާކަމެއް ރަގަޅުކުރަން، އަހަރެން އިސްލާހުވެއްޖެކަން މަންމައަށް އަނގައިދޭން…” ރޮމުން ގިސްލަމުން ނޫރާލް ބުނެލިއެވެ. އެވާހަކަތަކުން ޖަމީލާގެ ހިތަށް އަސަރުކުރިއެވެ. ނަމަވެސް އޭނަ އޮތީ ރުޅިވެރިކަން ކުރިއަށް ނެރެގެންނެވެ. ނޫރާލްއަށް މަޢާފްކުރަން އޭނަ ބޭނުމެއް ނުވިއެވެ.
ރޮއެފައި މަންމަގެ ގާތު ނޫރާލް އާދޭސްކުރިއެވެ. ހިތްފުރެން ދެން އޭނަ ކަރުނަ އޮއްސިއެވެ. ރިހުން އެކުލެވިގެންވި ރުއިމުގެ އަޑުން ޖަމީލާގެ ހިތަށް ފުން އަސަރުތަކެއް ކުރުވިޔަސް އޭނަ އަނގަޔަކުން ނުބުންޏެވެ.
*****
ވަގުތަކީ ހުރިހާކަމަށް ވާ ފަރުވާއެވެ. ޒަހަމްތައް ފަސޭހަކޮށްދީ ހިތުގެ އުދާސްތަކާ ދުރުކޮށްދެއެވެ. އައު ބާބުތައް ދިރިއުޅުމުގައި ހުޅުވާލަދީ މާޒީގެ ހިތިކަން ހަނދާނުން ފޮހެލަން މަދަދުވެރިއަކަށް ވެއެވެ. ނޫރާލް ވެސް އޭނަގެ މާޒީން ފިލާވަޅުތައް ލިބިގެން ދިރިއުޅުމާއި ކުރިމަތިލައިފިއެވެ. އައު އަޒުމެއްގެ މަތީގައެވެ. މީހުންގެ ފަރާތުން އޭނައަށް މަލާމާތާއި ބަދު ބަސްތައް އަމާޒުވެއެވެ. ހިތަށް ވަރަށް އުނދަގޫވިއެވެ. ނަމަވެސް އޭނަ ހިތްވަރުކުރިއެވެ. ކެތްތެރިވިއެވެ. ހިތްމަރުވާ ފަދަ ހާލަތު ދިމާވި ހިނދު މަދުވެރިކަމަށް އޭނަ އެދުނީ އާލަމްތަކުގެ ވެރި ﷲގެ ހަޟުރަތުންނެވެ. އިސްލާމްދީނުގެ ރަގަޅު އާދަތައް ދިރިއުޅުމަށް ގެނެވުމުން ނަފުސަށް ފިނިކަން ލިބެން ފެށިއެވެ. ކުރިން އަރައިގަނެވުނު ފާހިޝް އަމަލުތައް ހިތަށް ގެނެވުމުން ނޫރާލްގެ ލޮލުން ކަރުނަ ހިލިގެންދެއެވެ. ބިރުވެރިކަން ހިތަށް ވެރިވެ މީހާ ރޫރޫއަޅައިގެން ދެއެވެ. އެފަދަ ވަގުތުގައި ފާފަފުއްސެވުމަށް އެދި ދުޢާކުރެވެއެވެ. އޭނަގެ ތައުބާ ޤަބޫލުކުރެއްވުމަށް އެދި ވެސް މެއެވެ.
*****
ގިޔާން ފުރަން އޮތް ދުވަހެވެ. ފުރުމުގެ ކުރިން ހުސޭންއާއި ޖަމީލާގެ ފަރާތުން ވެސް ހެޔޮ ދުޢާ ލިބުނެވެ. ކުރިއަށް ވުރެން ޖަމީލާއާއި ގިޔާންގެ ގުޅުން ވަނީ ރަގަޅުވެފައެވެ. ގިޔާން ފުރުވަން އެއާރޕޯޓަށް ދާން ޖަމީލާ އުޅުނެވެ. ނަމަވެސް، ގިނަ ވަގުތު އަރާމުކުރަން ބުނެފައިވުމުން އެކަމާ މަލްސާ ދެކޮޅު ހެދިއެވެ. އޭނަ ގިޔާން ގޮވައިގެން ހިނގައިދާނެ ކަމަށް ބުނެލިއެވެ. ހުސޭން ވެސް ދާކަށް މަލްސާ އެއްބަހެއް ނުވިއެވެ. އުޒުރެއްކަމުގައި ދެއްކީ ޖަމީލާ ގޭގައި އެކަނި ވެދާނެކަމަށެވެ.
”ވަޓްސް ހެޕެނިންގް، ކީއްވެ އެންމެން ކައިރީގައި ގޭގައި މަޑުކުރަން ބުނީ؟…” ފޮށި ހިފައިގެން ސިޑިން ފައިބަމުން ދިޔަ ގިޔާން، އޭނަގެ ކުރީގައި ހުރި މަލްސާއަށް ބަލާލިއެވެ.
”ހުރިހާއެއްޗެއް ހަމަތަ؟…” ގިޔާންގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި މަލްސާ އެހިއެވެ.
”އާނއެކޭ، މިހާރު ފަންސާސްވަނަ ފަހަރު ތި ސުވާލު ތިކުރީ، ދެން ބުނެބަލަ ކީއްވެ ހަމައެކަނި ދޮންތަ ތިދަނީ؟…” ގިޔާން ބުނެލިއެވެ. އޭރު ދެބައިންނަށް މަގަށް ނިކުމެވިއްޖެއެވެ.
”މެންދުރު ގަޑި ދޯ، ޓެކްސީއެއް ހޯދުން ފަސޭހަކަމަކަށް ނުވާނެ…” ޗޮކެއް ކަނޑާލަމުން ގިޔާން ބުނެލިއެވެ. މަލްސާ އޭނަގެ ފޯނު ނަގައި ނަންބަރަކަށް ޑައިލްކޮށްލި ތަނާ ކަޅުކުލައިގެ ޕްރައިވެޓް ކާރެއް ގޯޅިއަށް ވަންތަން ގިޔާންއަށް ފެނުނެވެ. އިތުރު ހައިރާންކަމެއް ލިބުނީ ކާރު އައިސް އެމީހުން ކުރިމައްޗަށް މަޑުކޮށްލުމުންނެވެ. ވާނުވާ ނޭގިފައި ހުރި ގިޔާން އެއްފަހަރު މަލްސާއަށް އަނެއްފަހަރު ކާރުން ފޭބި އިސްކޮޅުން ދިގު ޒުވާނާއަށް ބަލާލިއެވެ.
”ގިޔާން ދޯ؟… އަޝްކާން…” ހިނިތުންވުމަކާއެކު ގިޔާންއަށް އަތްދިއްކޮށްލަމުން އަޝްކާން ބުނެލިއެވެ. ފަރުވާތެރިކަމާއެކު އަޝްކާންއަށް ބަލަން ގިޔާން ހުއްޓެވެ. އެއަށްފަހު މަލްސާއާ ކައިރިއަށް ޖެހިލަމުން ސުވާލެއް ކޮށްލިއެވެ.
”އިސް ދިސް ޔޯރ ބޯއިފްރެންޑް؟…” ގިޔާން ވަރަށް ސިއްރުން ސުވާލުކުރިއެވެ.
”ހޫމްމްމް… ދެން ސަލާންކޮށްބަލަ…” އަޝްކާން ދިއްކޮށްލައިގެން ހުރި އަތުގައި ހިފުމަށް މަލްސާ އެދުނެވެ. އަޝްކާންއަށް ފުން ނަޒަރެއްދެމުން، މަލްސާ އެދުނު ފަދައިން ގިޔާން ކަންތައްކުރިއެވެ.
”މީތަ ހަމައެކަނި ހުރި ލަގެޖްއަކީ؟…” ގިޔާން ހިފަހައްޓައިގެން ހުރި ފޮއްޓަށް ނަޒަރު ހިންގާލަމުން އަޝްކާން އެހިއެވެ. ޖަވާބެއްގެ ގޮތުން ގިޔާން ބޯޖަހާލިއެވެ.
ކާރުގެ ޑިކީ ހުޅުވާލަމުން ގިޔާންގެ ފޮށި ކާރަށް އެރުވީ އަޝްކާން އެވެ. އަދި މަލްސާ އަރަން ކާރުގެ ކުރީ ސީޓުގެ ދޮރުފަތް ހުޅުވާލަދެމުން ގިޔާން ގާތު ވެސް ކާރަށް އެރުމަށް ބުނެލިއެވެ. އަޝްކާންއަށް ބަލަން ހުރި ގިޔާން ކާރަށް އެރިއެވެ. އޭނައަށް ޤަބޫލުކުރަން އުނދަގޫވެފައިވީ އަޝްކާންއަކީ ކާކުކަން އެނގޭތީއެވެ. ސްކޫލްގައި އުޅުނު ދުވަސްވަރު ސެމިނާރއެއްގައި ހާއްސަ މެހުމާނެއްގެ ގޮތުގައި އަޝްކާން ބައިވެރިވިއެވެ. އެހާ ފަސޭހައިން ވަކިކުރަން އެނގުނީ ވެސް އެހެންވެއެވެ. ކޮންމެއަކަސް ދޮންތައާ މެދު އޭނަ އުފާވިއެވެ.
*****
”އަޅޭ ދޮންތަގެ ބޭބީ ދޮންތަ ދޫކޮށްފަ ދެން ދަނީތަ؟…” ފުރާމީހުންގެ ޓާރމިނަލްގެ ކައިރިއަށް އާދެވުމުން ގިޔާންގެ ގައިގައި މަލްސާ ބައްދާލިއެވެ. އޭނަ ހުރީ ޖަޒުބާތީ ވެފައެވެ.
”ދޮންތާ މީހުން އެބަބަލައޭ…” ވަށައިގެން ނަޒަރު ހިންގަން ފެށި ގިޔާން ލަދުރަކި ރާގަކަށް ބުނެލިއެވެ.
”ކޮބާ މައްސަލައަކީ؟، ދެން ވަރަށް ފޫހިވެޔޭ… ޔަޤީނޭ މިތާ ތިބި އަންހެންކުދިންގެ ސަމާލުކަން ނުލިބިދާނެތީކަން ތިއުޅެނީ، ދޮންތަ ބައްދާލިޔަސް އެވަރު ބޮޑުވެފަ ހުންނާނީ…” ގިޔާންއާ ދުރަށް ޖެހިލަމުން މަލްސާ ތުންދިގުކޮށްލިއެވެ. އަޝްކާންއަށް ހެވުނެވެ. އެއަޑަށް އަޝްކާންއާ ދިމާއަށް މަލްސާ ލޯއަޅާލިއެވެ. އެއާއެކު އަވަސްއަވަހަށް ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ހިނިގަނޑު އޮއްބާލަން އަޝްކާން މަސައްކަތްކުރިއެވެ.
ވާދައުގެ ސަލާމްކޮށްލެވުނު ހިނދު މަލްސާ ހުރީ ފެންކަޅިވެފައެވެ. ގިޔާންއާއި ވަކިވާން ޖެހޭތީއެވެ. ގިޔާން ވެސް ހުރީ ދެރަވެފައެވެ.
”ބަސްއަހައިގެން ކިޔައްވެޗޭ…” ގިޔާންއާއި ސަލާންކޮށްލަމުން މަލްސާ ބުނެލިއެވެ. އަޝްކާން ވެސް ގިޔާންއަށް ބާއްޖަވެރި މުސްތަޤުބަލަކަށް އެދެނެވެ. ހިނިތުންވެލަމުން ގިޔާން އެތެރެއަށް ވަންނަން ހިނގައިގަތެވެ. ވަކިހިސާބަކަށް ގޮސް އޭނަ ހުއްޓުނެވެ. އަދި އަނބުރާލާފައި އައިސް މަލްސާގެ ގައިގައި ބައްދާލިއެވެ. އޭނަ އަންނަންދެކަށް އަމާނާތެއް ފަދައިން މަލްސާ ބަލައިދިނުމަށް އަޝްކާންގެ ގާތުން ގިޔާން އެދުނެވެ. ގިޔާންއަށް ބަލާލަމުން އަޝްކާން ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ. އެއީ ގިޔާންގެ ހިތަށް ފިނިކަން ގެނެސްދިން ވަގުތުކޮޅެކެވެ. އަޝްކާންގެ އަތްމައްޗަށް ދޮންތަ ދޫކޮށްފައިދިއުމަށް އެއްވެސް ހާސްކަމެއް އޭނަގެ ހިތަކު މިހާރު ނެތެވެ. ދޮންތަދެކެ އަޝްކާންވާ ލޯބި އޭނައަށް ފެނުނީތީއެވެ.
*****
”ބަރްކާ، އަހަންނަށް ވަރަށް އެހެން ކަހަލަ ވާހަކައެއް އަޑުއިވިއްޖެ އަޝްކާންއާ ގުޅޭ ގޮތުން…” އާދައިގެ މަތިން ފޮނިއަނގަތަޅަން އެކުވެރިންނާއެކު ބަރްކާ އިނީ މާލޭގެ ނަން މަޝްހޫރު ރެސްޓޯރެންޓެއްގައެވެ. ޝީޝާބޮމުން ދިޔައިރު އޭގެ ދުންގަނޑުން މުޅި މާހައުލު ވަނީ ކިލަނބު ވެފައެވެ.
ރަހުމާގެ ޖުމްލައިން ތުނބުގައި ޖައްސާލި ޝީޝާގެ ހޮޅިގަނޑުން ބަރްކާއަށް ދޫކޮށްނުލެވުނީ ކިރިޔާއެވެ. ހައިރާންކަމާއެކު އޭނަ ބަލާލީ ރަހުމާ އަށެވެ.
ބަރްކާގެ ނަޒަރުގެ ތޫނުކަމުން ރަހުމާ ޖެހިލުންވާ ގޮތް ވިއެވެ.
”އަހަންނަށް ޔަޤީނެއް ނޫން އިނގޭ، މަގޭ ރައްޓެއްސަކަށް ކޮންމެވެސް ގޮތަކުން އަޑު އިވިގެން އަހަރެން ގާތު ބުނީ، އޭނަ ވެސް ދަންނަ ކޮންމެވެސް މީހެއްގެ ފާތުންނޯ އޭނައަށް އެނގުނީ…” ރަހުމާ އޭނައަށް އެވާހަކައެއް އަޑުއިވުނު ގޮތުގެ ތަފުސީލު ދިނެވެ.
”ޝާންއަކީ މިހާރު މާލާގެ ހުރި އެންމެ މަޝްހޫރު ޒުވާން ވިޔަފާރިވެރިޔާ، އަންނަ މަހުގައި އޮތް ކުންފުނީގެ އަހަރީ ޖަލްސާގައި ކުންފުނީގެ ސީ.އީ.އޯ އަކަށް ވެސް އައްޔަންކުރެވޭނެ، މީހުން ޝާންގެ ކާމިޔާބީގެ ވާހަކަދައްކާނެ، އެއީ އާކަމެއް ނޫން!…” ފަހުރުވެރިކަމާއެކު ބަރްކާ ބުނެލިއެވެ.
ބަރްކާ ސަޅިބައިސާ ކަނޑާލުމުން ރަހުމާއާއި ސަލްމާ އެކަކު އަނެކަކާ ނަޒަރު ބަދަލުކޮށްލިއެވެ.
”ކާމިޔާބީގެ ވާހަކައެއް ނޫނޭ، އަންހެންކުއްޖެއްގެ ވާހަކައޭ…” ރަހުމާ ޒާތަކަށް ބުނެލިއެވެ. އެއާއެކު ބަރްކާއަށް ސިހުން ލިބިއްޖެއެވެ.
”އޮފީހުގެ އުޅޭ ކުއްޖަކާ ރައްޓެހިވެގެން ނޯ އުޅެނީ… ވަރަށް ދުވަސް ވެއްޖެޔޯ އެގަނޑެއްގަންނަތާ…. އަޅެ ބަރްކާއަކަށް ނޭގޭތަ…” ސަލްމާ ވެސް ރަހުމާގެ ވާހަކަތަކަށް އެއްބާރުލުން ދިނެވެ.
”ހެހެހެ، ތިވާނީ އޮޅުމަކަށް، އަޝްކާން ނޫޅެނެ އޮފީހު ކުއްޖަކާ އެކުގައި… ވެދާނެއެއްނު އޮފީހުގެ ކަމެއްގައި ދަނިކޮށް ފެނުނީކަމަށް ވެސް، މީހުން ނުލާހިކު މޮޅު ވާނެ ވާހަކަ ހަދަން…” ނުތަނަވަސްކަމުގެ ހިނިގަނޑަކާއެކު ބަރްކާ ބުނެލިއެވެ. އޭރު އޭނައަށް ހާސްކަން ލިބިއްޖެއެވެ. އިންކާރުކުރިޔަސް އެކަމުގެ ހަޤީޤަތް ހޯދުން މުހިންމުކަމަށް އޭނައަށް ވެއްޖެއެވެ. ހިސާބަކަށް އޭނަ ބިރު ގަތީ އެއީ ތެދަކަށް ވެދާނެތީއެވެ.
”އޮފީހުން ބޭރުން ވެސް އެއަންހެނާއާއެކީ ފެނިގެން އެބަހުރި އަޑު އަރާފަ… ބަރްކާއަށް މިއިން އެއްވެސްކަމެއް ނޭގޭތަ؟، އަހަރެން ހީކުރީ ޝާންގެ ހުރިހާ ކަމެއް އެންމެ ރަގަޅަށް އެނގެނީ ބަރްކާއަށް ކަމަށް…” ރަހުމާ ބުނެލިއެވެ.
”އަޝްކާންގެ ދުވަސް ވެސް ތި ދިޔައީ ކަންނޭގެ… މިރާއްޖެތެރޭ ރަންޑީންގެ ބަލާވެރިކަން ނިކަން ބޮޑު ވާނެ، މުއްސަންޖެއް ފެންނައިރަށް ހޭބަލިވެފަ ތިބޭނީ، ކަންތައް ބޮއްސުންލައިގެން ނުދަނީސް ބަރްކާއަށް ކުރެވުނުކަމެއް ކުރޭ، އެހެން ނޫނީ އަތަކު ނުޖެހޭނެ…” ސަލްމާ ބުންޏެވެ.
”ބަރްކާ ބުނީމެއްނު އަޝްކާންގެ ކައިވެނި ހަމަޖައްސަން އުޅޭ ވާހަކަ، އެކަން އަވަސްކުރަން އުޅޭ، އޭރަށް މިކަމުން ސަލާމަތްވެވޭނީ، މަށަށް ޖެހުނު ހާލު ބަރްކާއަށް ނުޖެހިއްޖެއްޔާ ކިތަންމެހާ ވެސް ރަގަޅު……” ރަހުމާ ނަސޭހަތްތެރިވިއެވެ.
”އާނ، އެއީ ރަގަޅު ހައްލެއް، މަޖުބޫރުކޮށްގެން ކައިވެންޏަށް އަޝްކާން އެއްބަސްކުރުވާ…” ސަލްމާ އިތުރުކޮށްލިއެވެ.
ނުތަނަވަސްކަން ލިބުނު ބަރްކާއަށް ވިސްނާލަން މަޖުބޫރު ވެއްޖެއެވެ.
”އެކަމަކު ކިހިނެއް؟، ނަތާޝާ ބުނީ އެލީން ބޭނުންވާ ގޮތް އެނގިގެންނޯ އެއްވެސްކަމެއް ކުރާނީ…” ބަރްކާއަށް ބުނެވުނެވެ. އެލީންއާއި އަޝްކާންގެ ކައިވެނި ރާވަމުން ދިޔަކަން އޭނަ އައީ ސިއްރުކުރަމުންނެވެ. އެކަން ޔަޤީންކޮށްފައި މެނުވީ އެކުވެރިންނަށް ނާންގަން ވެގެންނެވެ. ނަމަވެސް ލިބުނު ހާސްކަމުގައި އޭނަގެ ދުލުކުރިއަށް އެވާހަކަތައް އައިސްފިއެވެ.
”އެލީންއާތަ އަޝްކާންގެ ކައިވެނި ހަމަޖައްސަން ބަރްކާ ތިއުޅެނީ؟… އެކަމަކު އެލީން އުޅެނީ އެހެން ކުއްޖަކާ އިންނާށޭ އަހަރެން އަޑުއެހީ، އަހަރެންގެ ދައްތަގެ ދަރިފުޅު އުޅެނީ އެލީން ކިޔެވި ޔުނިވާރސިޓީގަ، ކްލިނިކަލް ހަދަން އުޅުނުއިރު ހޮސްޕިޓަލުން ބައްދަލުވި ބޭރު ޑޮކްޓަރަކާ އިންނަންށޯ އެލީން އުޅެނީ، ރާއްޖެ އަންނައިރު އެސޮރު ގޮވައިގެންނޯ އަންނަނީ ނަތާޝާއަށް ދައްކަން… އަޅެ އަހަރުމެންނަށް މިވަރު އެނގޭއިރު ކީއްވެތަ ބަރްކާއަށް ނޭގެނީ؟… ގައިމު ނަތާޝާ އެއީ ބަރްކާގެ އެންމެ ގާތް އެކުވެރިޔާއެއްނު… އޭނަ ނުބުނެ ސިއްރުކުރީތަ؟… ނޫނީ އޭނަގެ ދަރި އުޅޭ ގޮތް އޭނައަށް ހަމަ ނޭގެނީތަ؟…” ސަލްމާ ދެލޯބޮޑުކޮށްލަމުން ބުނެލިއެވެ.
ބަރްކާއަށް ހީވީ ކަންފަތް ދޮށުގައި ބާރުގަދަ ބޮމެއް ގޮއްވާލެވުނުހެންނެވެ. މީހާ އިނީ ބަސްހުއްޓިފައެވެ. އިވުނު ވާހަކަތައް ޤަބޫލުކުރަން އޭނަ ބޭނުމެއް ނޫނެވެ. އެހެން ވެގެން ނުވާނެއެވެ. އަޝްކާންއާއި ކައިވެނިކުރަން އޭނައަށް ފެނުނު ހަމައެކަނި ކުއްޖަކީ އެލީން އެވެ. ނަމަވެސް ވަމުން މިދާ ގޮތުން އޭނަގެ ހިތް ބިރުގަނެއްޖެއެވެ. ނުތަނަވަސްވެއްޖެއެވެ.
”އަހަރެން ދާން ވެއްޖެ…” ބަރްކާ އަވަސްއަވަހަށް ތެދުވުނެވެ. އޭނަގެ ސިކުނޑިވަނީ ހާސްކަމެއްގެ ތެރޭގައެވެ. އަތްދަބަސް ނަގަމުން އޭނަ ހިނގައިގަތީ އެތަނުން ނިކުންނާށެވެ. މުޅި މީހާގެ ވުޖޫދު ހީވަނީ އެނބުރެމުންދާ ހެންނެވެ.
*****
”ހެހެހެ، ރަގަޅު ބޮޑިއެއް މިފަހަރު ލިބޭނެ އޭނައަށް، ލައްކަ ފޮންޏެއް ކެނޑިއެއްނު އަހަރުމެންގެ ގާތު އަޝްކާންއޭ ކިޔައިގެން…” ބަރްކާ ނިކުމެގެން ދިއުމުން ރަހުމާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.
”މިފަހަރު ރަގަޅަށް ހޭއަރާނެ، ދިމްނާއަށް ދިމާވި ކަންތަކަށް ވުރެން މިފަހަރު ބޮޑު ކަމަކާ ލައިގަންނާނެހެން ހީވަނީ، ނަސީބެއް ނަތާޝާގެ އަންހެންދަރިއާ އަޝްކާންއާ ކައިވެނީގެ ކަންތައް ހަމަނުޖެހުނުކަން، އެހެންނޫންނަމަ ލައްކަ ސަޅިބައިސާއެއް ކެނޑީހޭ، ހެހެހެ… އެލީން ފައްކަލޭ ދޯ، ބޭރު ކުއްޖެއްވިއްޔާ އެ ނެގީ، ބަރްކާއަށް މިފަހަރު ވަރުގަދަ ބޮޑިއެއް ލިބޭނެ، ލައްކަ މަޖާވާނެ އެތަން ބަލަން… އެކަމަކު މަ އަޑު އެހީ އަޝްކާން އެގެންގުޅޭ ކުއްޖާ ވަރަށް ރީއްޗޯ…” ސަލްމާ ހެމުންހެމުން ބުންޏެވެ.
”ރީއްޗަކަސް ފަގީރު އާއިލާއަކުން އައިސްފައި ހުރީ، ފޯރިއެއް ހުންނާނެ މިފަހަރު…” ރަހުމާ ހީގަތެވެ. ”ތިމާގެ ފެންވަރު ބަރްކާއަށް ފެންނާނެ… ރަގަޅީ ބޮޑު ލަދެއްގަ ބެދިއްޖެއްޔާ…”
*****
ދުވަހުގެ ހަތަރުދަން ބަރްކާ ހޭދަކުރީ ނުތަނަވަސްކަމުގެ ތެރޭގައެވެ. ނަފުސަށް ލިބުނު ހާސްކަމުގައި ހަޤީޤަތް ހޯދަން މީހަކާ އޭނަ ހަވާލުކުރިއެވެ. އެބުނާ އަންހެންކުއްޖެއްގެ ވަނަވަރު އެނގެން ބޭނުންވީތީއެވެ. ހަމަހިލާ އެކަމާ ރުހެވޭކަށް ނެތެވެ. އިތުރު އުދާސްކަމެއް ލިބުނީ އަޝްކާންއާއި އެލީންގެ ކައިވެނީގެ ހުވަފެނުގައި ހަޤީޤީ ކުލަ ޖެހުމުގެ އުއްމީދު ގެއްލުނީތީއެވެ. އެލީން ބައިވެރިޔަކު ހިޔާރުކޮށްފިކަން އެނގުމުން ބަރްކާގެ ހަޖަމުނުބައިވެއްޖެއެވެ. އެކަމެއްގެ ތެރޭގައި ވަނިކޮށް އިތުރު ބޮލު ރިހުމަކާ ކުރިމަތިވީ އޭނަގެ ލޯކުރިމައްޗަށް އެލީން ފާޅުވި ހިސާބުންނެވެ.
”ހޭއި ބަރްކާ އާންޓީ…” ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުރި ބަރްކާ ސިއްސައިގެން ދިޔައީ އެލީންގެ އަޑަށެވެ. ބޮޑުކޮޓަރީގެ ދޮރާ ދިމާއަށް ބަލާލެވުނު ހިނދު، އެލީން އުފަލުން ފުމެމުން އެތެރެއަށް ވަންނަނީއެވެ. އެލީންގެ ފަހަތުގައި ހުރި ޒުވާނާ އޭނަގެ ލޮލުގައި އަޅައިގަތެވެ. ހިތުގައި އޮތް ބިރުވެރިކަން ހަޤީޤަތަށް ވެގެން ދިޔަތަން ފެނި ބަރްކާގެ މެޔަށް ލޮޅުންއަރައިފިއެވެ. ހިނިތުންވާން ނޭގިފައި އޭނައަށް ހުރެވުނީ ގަބުވެފައެވެ.
”އޯހ، ސޯ ހެޕީ ޓު ފައިނަލީ މީޓް ޔޫ، އަންނާނަމޭ ބުނީ ދުވަހަށް ވުރެން އެތައް ދުވަހެއް ފަހުން މިއާދެވުނީ ވެސް، ގެއަށް ދިއުމުގެ ކުރީން ފުރަތަމަ ވެސް މިއައީ ބަރްކާ އާންޓީ ކައިރިއަށް، ކޮބާތަ ދީމް؟… ޝާން އެބައުޅޭތަ؟…” ދުވެފައި އައިސް ބަރްކާގެ ގައިގައި ބައްދާލަމުން އެލީން ބުނެލިއެވެ. ބަރްކާ ގަދަކަމުން ހިނިތުންވެލިއެވެ. އޭނަގެ ނަޒަރު އެލީންއާއެކުގައި އައި ޒުވާނާއާ ވައްކެއް ނުވިއެވެ. އޭނައަށް ބޮޑު ބިރެއް ފެންނަ ކަހަލައެވެ.
ބަރްކާގެ ތޫނު ނަޒަރު އެޒުވާނާއަށް އުނދަގޫވިއެއްކަމަކު، އޭނަ ހިނިތުންވެލިއެވެ.
”އޫޕްސް، ހަނދާން ނެތުނީއޭ… މީ އިޒެކީލް…” އެލީން ކުރު ތައާރަފެއް ދިނެވެ. ބަރްކާ ގަދަކަމުން ހިނިތުންވެލިއެވެ. ދެން ކުރާނެ އިތުރުކަމެއް ނެތެވެ. ހަޤީޤަތަށް ފިލަން ދުވޭކަށް ނެތެވެ.
”މީ އެލީން ރައްޓެހިވެގެން އުޅޭ ކުއްޖާތަ…” މޮޅިވެރިކަމުގެ ރާގަކަށް ބަރްކާ ސުވާލުކޮށްލިއެވެ.
”ހޫމްމްމް، އާންޓީއަށް އަހަރެންގެ ހޮވުން ކަމުދޭތަ؟… ފުރަތަމަވެސް މިގެނައީ އާންޓީއާ ބައްދަލުކުރުވަން، އަދި މަންމައަށް ވެސް މުޅިއަކުން ނާންގާ މިއުޅެނީ… ހެހެހެ…. ކޮބާތަ ދީމް؟….” އެލީން ބުނެލިއެވެ. ބަރްކާ ހުރީ އުދާސްކަމެއްގެ ތެރޭގައެވެ.
”ކޮޓަރީގަ ވީ…” މާޔޫސްކަން ވެރިވެފައިވާ ހާލު ބަރްކާއަށް ބުނެވުނެވެ.
”އެލީ؟…” ކުއްލިޔަކަށް އިވުނީ ދިމްނާގެ އަޑެވެ. އެއާއެކު އެލީން ދުއްވައިގަތްތަން ފެނުނީ ސިޑީއާ ދިމާއަށެވެ. ދިމްނާ ފެނުމުން އޭނަގެ އުފާވެރިކަން ކޮންޓްރޯލްކުރަން އުނދަގޫވެއްޖެއެވެ.
”އޯހ ދީމް، އެންމެފަހުން މީޓް ވީ، ބޭބީ ކިހިނެއްތަ؟…” ދިމްނާގެ ބަނޑުގައި އަތްޖައްސާލަމުން އެލީން ބުނެލިއެވެ. އުފަލުން ގޮސް އެލީންގެ ދެފައި ބިމުގައި ހަރުނުލައެވެ.
”އަދިވެސް އެއްކަލަ ބޭބީ ގޮތްގަނޑު ނުދޭދޯ…” އެލީންއާ ދިމާކޮށްލަމުން ދިމްނާ ބުނެލިއެވެ.
”ބަލަ އަހަރެން ވާނީ އަބަދު ވެސް ބޭބީ އަކަށޭ…” އެލީން ހީގަތެވެ. ”އޯހ… އަދި އަހަރެންގެ ބީއެފް ދައްކާ ނުލެވެއްއެނު، ސަޕްރައިޒް ދޭންވެގެން މިހުރިހާ ދުވަހު ސިއްރެއްގެ ގޮތުގައި ބޭއްވީ، ދެއާރ ހީ އިސް، ހޭންޑްސަމް ދޯ…”
(ނުނިމޭ)
10 Comments!
Comments are closed.
Will upload the last part sometime tomorrow. In Sha Allah. Hope everyone will like this episode too. So far how are the redemption arc of the characters? Do you guys like it? What is you overall feedback and expectations for the finale? Leave your opinions below and stay indoors and safe, eat healthy food. 🙂
Last part ey thibuny thinimaa lanytha Yan mi buny barkaa gabooleh nuvaaaneh nu ashkàn and malsa gulhey ka dhen ekamah haleh genany last part in that means mi vaahakaiga inany 25 episodes ?
Theega maana aky baaky innaany last part ey tha?
Varah reethi varah reethi ❤
Maasha allah … mi baives v v v v reethi …. cant believe maadhama last ep kemah ves …. gonna miss this story so much …. i really hope ashkaan and malsa ah ithuru hurahe nethi gulheveyne kamah …. alhe dhn kihaa rangalhu barka ah heyo visnun libuniyyaa … btw love this story … well done …. waiting for the next ep ❤❤❤❤❤
Oh my god
vaahaka v reethi
I hate barkaa
namah balaalaafa ves heevey bodaameeheh hen
malsaa and ashkaan ge dhiriulhun halaaku kollaafiyyaathaa
hehe
dhen innaanee last part tha
alhey kihinehbaa vaanee dho
Dhen iny emme fahu episode tha?
Mibaives varah salhi
Total 25 episodes, so next will be the last episode. Hope you’ll like the finale too. Gave my best, and very curious to see the readers opinions. 🙂
Wow salhi ingey
Very beautiful I love it