ގެޔަށްގޮސް ފެންވަރާ ތާޒާވެލައިގެން އީރަމް އެނދުމައްޗަށް ފުންމާލީ ފޯނު ހުޅުވާލަމުންނެވެ. އެޔަށްފަހު ފަރިތަކަމާއި އެކު އަކުރުތަކުގައި އިނގިލިތަށް ހަރަކާތްކޮށްލަމުން މީކާންގެ ނަމްބަރަށް މެސެޖް ފޮނުވާލީ މީކާންގެ ހިތުގައިވި އުދާސްތަށް ފިލުވާލެވޭހާ ރަނަގަޅު ބަސްތަކަކާއި އުފާވެރި ޖަވާބަކާއި އެކުގައެވެ. މޭމަތީ ފޯނާއި އެކު ދެއަތް އަޅާލައިގެން އޭނާ އޮތްއިރު ސިފަކުރެވެމުންދިޔައީ އީރަމްގެ ފައިގައި ހުރި ވެލިތަށް މީކާން ފޮޅާލަދިންގޮތެވެ. އީރަމްއަށް އުނދަގޫކުރަމުންދިޔަ އިސްތަށިގަނޑު އެއްކޮށްފައި އޭގައި ހިފަހައްޓާލައިގެން އިންގޮތެވެ. އީރަމް ދެކޮޅުހެދުމުންވެސް މީކާންގެ ބޫޓުބާލާފައި އީރަމްގެ ފަޔަށް އެރުވިގޮތެވެ. އެއަނގައިން އީރަމް ހާއްސަވާވަރު ބުނެދިން ކޮންމެ ފަހަރަކު އެމޫނަށް ވެރިކޮށްލާ ހިނިތުންވުމެވެ. އޭނާ ކައިރި އިންތިޒާރު ކުރާނަންތޯ އެހި ފުރަތަމަ ފަހަރު ހަދިޔާކޮށްލި އުއްމީދީ ހިނިތުންވުމެވެ. އީރަމް ފުންނޭވައެއް ދޫކޮށްލާފައި ދެލޯމަރާލީމާވެސް ފެނުނީ މީކާންގެ ސޫރައެވެ. އޭނާ ރަނގަޅަށްވެސް ދީވާނާވެއްޖެއެވެ. އެނދާއި ޖެހިގެން ހުރި ސައިޑް ކަބަޑުމަތީ އިން ފްރޭމް ނަގާ އީރަމް އެނދުމަތީ އިށީނދެ ދެފައި ވައްކޮށްލިއެވެ.
“ލަމް… އަހަރެން މިއަދު މިވާހަކަ ހިއްސާކުރިނަމަ ލަމްއަށް ވާނެގޮތް ހިތަށްއަރަނީ… އަހަރެން ހަނދާންވޭވިއްޔަ އެއްކަލަ ނަންނޭނގޭ ފިރިހެންކުއްޖާގެ ވާހަކަ ބުނެގެން ލަމްޔާއަށް ވީވަރު… ހަމަސްވަންދެން ލޯބީގައި ބަނދެލި އިންސާނާއަށް އަހަރެންދެކެ ލޯބިނުވެވުނަސް، ކޮންމެވެސް ދުވަހަކުން ވާނޭކަމާއި މެދު ގެރެންޓީ އެބައިން.. އޭނާ ހާދަ ގިނަފަހަރަކު ބުންޏޭ އަހަރެން އޭނާއަށް ވަރަށް ހާއްސައޭ.. އަހަރެންފަދަ ވާހަކަނުދެއްކޭ ކުއްޖަކު އޭނާފަދަ ފުރިހަމަ ސިފަތަށް ލިބިގެންވާ ރީތި ޒުވާނަކު ލިބުން ހައްޤުތަ؟ އަހަރެންނަކަށް އެއްގޮތަކަށްވެސް ނޭނގެ ލަމް.. އަހަރެން ބޭނުންވީހާވެސް އަވަހަށް ވާހަކަދައްކަން… ރަނގަޅުވާން….” އީރަމްގެ ޝަކުވާތަށް ވީ ފޮޓޯއިން ފެންނަމުންދިޔަ ލަމްޔާއަށެވެ.
“މީކާން.. އަހަރެންގެ ޖަވާބު ބުނުމުގެ ކުރިން އަހަރެން ބޭނުންވޭ އެއްޗެއް ބުނެލަން.. މީކާން ހީކޮށްފާނެ މީކާން އަކީ ވަރަށް ގޯސްމީހެކޭ ކުށް ވެރިއެކޭ.. އަނދަވަޅަކަށް ވެއްޓެން ގާތްވެފައިވާތަން ފެނިވެސް މީކާންގެ ލޯބިވެރިޔާ ނުނަގާ ދުއްވައިގަތް ފިނޑިއެކޭ… އެކަމް މީކާން.. ކޮންމެ މީހަކީވެސް އެމީހަކު ވެއްޓޭ އަނދަވަޅަކުން، ދިރިއުޅުމުގައި ކުރިމަތިވާ ހިތާމަތަކުން، މީހުންދޭ ހިތްދަތިކަމުން އަމިއްލަ ނަފްސު ރައްކާތެރިކުރަންޖެހޭ ބައެއް. އެކަން ކޮށްދޭކަން އިތުރު ބަޔަކު ނާންނާނެ މީކާން.. އެ އަނދިރި ހޮހޮޅަ ތެރެއަށް އޭނާ ވެއްޓޭނެކަން އެނގިހުރެ މީކާން ދުއްވައިގަތީ ފިނޑިވެގެއްނެއްނޫން، އެކަމް އެއީ އަމިއްލަ ނަފްސު ސަލާމަތްކުރަން.. މީކާން ދުއްވައިގަތީ އަމިއްލަ ނަފްސަށްޓަކައި… މީކާން ހުރި ހާލަތުގައި މީކާންއަށް އިހުސާސްވަމުންދިޔަ ކަންތައްތަށް އެގޮތަށް ހުއްޓާ ކިހިނެއް އެހެންމީހެއްގެ މަދަދުގާރަކަށް ވެވޭނީ؟ އެހެންމީހަކަށްލިބިފައިވާ ގިލަންވެރިކަމާއި ހިތާމަތަކުން ސަލާމަތްކުރެވޭނީ ތިމާ މީހާ އެތަކެތިން ސަލާމަތްވެގެން.. މީކާން އަކީ ކުށްވެރިއެއްނޫން މީކާން… އެކަމް މީކާން ބުނިހެން ފަހަރެއްގައި މީކާން އޭނާއަށްޓަކައި ހުރިނަމަ، ފަހަރެއްގައި މީކާން އޭނާގެ އަތުގައި ހިފިނަމަ އޭނާ އެ އަނދިރިގަނޑުން ސަލާމަތްވިސް… އެކަމް މީކާން އަބަދުވެސް ހަނދާން ބަހައްޓައްޗޭ، ދިރިއުޅުމުގައި އެމީހަކު ނިންމާ ނިންމުމެއްގެ ޒިންމާ ނަގާނީ އެމީހަކު.. އަނިޔާލިބުމަކީ ދެންހުރި މީހާއަށް އަނިޔާދޭންޖެހޭ ސަބަބެއްނޫން މީކާން.. ހަމައެގޮތަށް އަމިއްލަ ދިރިއުޅުން މަތިން ފޫހިވެ އުއްމީދުކަނޑާލުމަށްފަހު އެ އަނދަވަޅުގަނޑުތެރެއަށް އަމިއްލައަށް ވެއްޓިގަތުމަކީ އެމީހަކު އަމިއްލަ އަށް ނިންމި ނިންމުމެއް އަދި އޭގެ ޒިންމާ ނަގަންޖެހޭނީ އެމީހަކު.. އޭނާ ކައިރިން ލާފައި އެހީނުވެ ދިޔަމީހެއް ނޫން އަދި، އޭނާގެ ދިރިއުޅުމަށް އައި، އޭނާއަށް އަނިޔާދިން ނޫނި އޭނާއަށް ހިތާމަތަށް ދިން މީހާއެއްނޫން..”
މީކާން ލިޔެފައިވާ ބޮޑު މެސެޖުގައިވާ އެއްޗެއް ކިޔާލިއެވެ. އެ ބަސްތަކުން އޭނާގެ ހިތަށް ބޮޑު ލުޔެއްލިބެމުންދިޔައެވެ. އެތަކެއްފަހަރު އެ މެސެޖު ތަކުރާރުކޮށް އޭނާ ކިޔަމުންދިޔައެވެ. ނަމަވެސް އެތަށް އަހަރުތަކެއް ވަންދެން ދެމިގެންދިޔަ ކުށްވެރިކަމުގެ އިހުސާސް އޭނާގެ ހިތުން އެހާ ފަސޭހައިން ފިލައިގެންދާނެހެއްޔެވެ؟ އީރަމްގެ ބަސްތަކުގައިވީ ފޮނިކަމާއި އުފާވެރިކަމެވެ. ނަމަވެސް އެ ލަކުނު ބޮޑު ތައްގަނޑެއްހެން ޖެހިފައި އިނދެ އެހިތަށް އެތަށް އަނިޔާއެއް ދެމުންދިޔައެވެ. ހިތަށް އަރަމުންދިޔަ ކޮންމެ މެސެޖެއް އީރަމްއަށް ހިއްސާކުރީ ޖެހިލުމެއްނެތިއެވެ. އޭނާގެ މެސެޖުގައިވަނީ އެހިތަށް އެވަގުތު އަރަމުންދިޔަ ކޮންމެ އެއްޗެކެވެ. ކޮންމެ ޝަކުވާއެކެވެ. ހިތްއެކީ ސާފުކޮށްލާފައި މީކާން އެމެސެޖު ފޮނުވާލިއެވެ. އޭނާގެ ވާހަކަތަށް ހިއްސާކުރަން ޚިޔާރުކުރެވުނީ ރަނގަޅު ބައިވެރިއެއްކަން ޔަޤީންވިއެވެ. ދުވަހަކުވެސް ނުލިބޭފަދަ ހިތްހަމަޖެހުމެއް އޭނާގެ ހިތަށް ދިޔައީ ލިބެމުންނެވެ. އުފުލަމުން ދިޔަ ބަރުން ހަށިގަނޑަށް ކުރަމުންދިޔަ އަސަރުތަށް ލުއިވެގެންދިޔަ ފަދަ އިހުސާސެއް އޭނާއަށް ކުރަމުންދިޔައެވެ.
“އަހަރެމެންގެ ވެރިރަސްކަލާނގެ އަހަރެމެންފަދަ ނިކަމެތި، ނާޒުކު، އަވަހަށް ހިތުގައިޖެހޭ ފަދަ މި އިންސާނުންތަށް މިބިމުގައި ލެއްވިއިރު އެއިން ކޮންމެ އިންސާނަކުވެސް އިމްތިހާނުތަކަކާއި ކުރިމަތިލާންޖެހޭނެކަން ނާންގަވާތަ؟ އަދި އެއްވެސް އިންސާނަކަށް ނުއުފުލެވޭ ވަރުގެ ބުރައެއް ނުޖައްސަވާނެކަން ކީރިތި ޤުރުއާނުގައި އަންގަވާފައެއް ނުވޭތަ؟ ދިމާވާ ކަންތައްތަކުންނާއި ހިތާމަތަކުން ތިމާ ގެންގުޅޭ ކުޑަކުޑަހިތް ބަރުކުރަމުން ދާވަރަކަށް ކޮނޑުގައި އެޅުވިފައިވާ ބަރު ބޮޑުވަމުންދާނެ.. އެންމެފަހުން އެބަރު ދަށުވެ ކިތަންމީހުން އަމިއްލަ އަށް މަރުވާން މަސައްކަތްކޮށް އެކަން ކާމިޔާބުކުރަނީ؟ ޤަބޫލުކުރަން، ނަފްސާނީ ބަލިތަކާއި ދިމާވާ ހިތާމަތަކާއި މީހާގެ އީމާންތެރިކަމާއި ދީންވެރިކަމާއި ނުގުޅުވޭނެކަން… ހިތާމައިގެ ކަޅުވިލާގަނޑު ދަށުގައި ތަނެއް ދޮރެއްނުފެނި ކިތަށް މީހުން ހިނގާ؟ އެއީ ކީއްވެ؟ އެއީ ހެއްދެވި ފަރާތަށް ކުރާ އިތުބާރެއްގެ ސަބަބުން، އެކަލާނގެ ބާއްވާލެއްވެ ބަސްފުޅުތަކުގެ މަތިވެރިކަން ގަބޫލުކޮށް އީމާންވެ އެއަށް އިތުބާރުކުރާތީ… ހިތާމަތަކާއި އަޑިތަކާއި ކިތަންމެ ކުރިމަތިލާންޖެހުނަސް އެކަލާނގެ އަށް ޖަހާލެވޭ ކޮންމެ ސަޖިދައަކާއި އެކު އެކަންތަކަށް ލުޔެއްލިބޭނެކަން މީހުންނަށް ނޭނގެނީ… އެ ބަސްކޮޅުގައިވާ މަތިވެރިކަން ނޭނގެނީ… ތިމާއަށް ނުއުފުލޭ ބުރައެއް ނުޖައްސަވާނެކަމުގެ މާނަ ނޭނގެނީ… އެމާނައިން ދިރިއުޅުމައިގެން ކުރިއަށްދާން ލިބޭ އުއްމީދުގެ ފޮނިކަން އިހުސާށްނުވަނީ… ހިތުގައިވާ ހިތްދަތިކަމާއި އަނިޔާވެރިކަމާއި ކުރިމަތިލައިގެން ލިބޭ އަނިޔާތަތަކުގެ ޒަހަމުތަށް ހިފައިގެން އަހަރެމެން ނުދާންވީ ކީއްވެ؟ އެއާއި ކުރިމަތި ނުލެވެންވީ ކީއްވެ؟
ތިމާއަށް އަރައިނުގަނެވޭނެ ފަދަ ބޮޑު އަޑިގަނޑަކަށް ނުވެއްޓޭނެ… އިންތިޒާރު ދިގުދެމިގެންދިޔަޔަސް، އެ އަޑިގަނޑުން ނިކުމެވޭނެ… ބޭނުމަކީ ހިތްވަރު އަދި އެކަލާނގެއަށާއި އަމިއްލަ ނަފްސަށް ކުރާ އިތުބާރު.. އަމިއްލަ ނަފްސުގެ ސަލާމަތްކުރެވޭނެކަމުގެ އިތުބާރު ނެތްއިރު ކިހިނެއް ޖެހިގެން އޮތް މީހާ ނަގާ އެމީހާއަށް ސަލާމަތްކަން ދޭނީ؟ އެހެންމީހުން ސަލާމަތްކުރަން އެމީހުންގެ ދޯނީގެ ނަގިއްޔަށް ވާއިރު ވިސްނާލަންޖެހޭނެ ފެނުގެ އަޑިއަށް ޤުރުބާންވެގެން ގެނބެމުންމިދަނީ އަމިއްލަ ނަފްސުކަން.. އެކަން ކުރުމުގެ ބޭނުމަކީ ކޮބާ؟ އޮޔާއި ބެހިގެން ދާން ބޭނުންނުވަންޏާ އެމީހެއްގެ ދޯނީގެ ނަގިލި އެއްލާނީ އެމީހަކު.. މީކާން.. އެހެންވެ އަހަރެން މިބުނަނީ، ނިމިދިޔަ ބަޔަކީ އެމީހެއްގެ އަމިއްލަ ނިންމުންތަކުން ނިމިދިޔަ ބައެއް.. އެއީ އެއްވެސް މީހެއްގެ ކުށަކުން ނޫނީ ފުށަކުން ވީކަމެއްނޫން.. އަހަރެންވެސް ހަމަ ތިކަހަލަ ގޮތަކަށް ވަރަށް ގާތް އެކުވެރިޔަކު ގެއްލިދިޔަ.. ކުށްވެރިކަމާއި އެކަނިވެރިކަމުން އަހަރެންގެ ދުނިޔެވެސް ވަށާލި.. އަދިވެސް އަމިއްލަ ނަފްސު ކުށްވެރިކުރެވޭ.. އެކަމް އޭގެ ފައިދާއެއް ކުރާނެތަ؟ އޭނާ އެބުރި އަންނާނެތަ؟ އޭނާ ނިމިދިޔައީ އަމިއްލައަށް…! ކާކަށް އިނގޭނީ ދުވަސްނިމިދާނެ ގޮތެއް ވަގުތު ހިނގާދާނެ ގޮތެއް… އެހެންވީމަ އަހަރެން މީކާން އަށް އިންތިޒާރުކުރާނަން… އަހަރެންގެ ޖަވާބަކީ އެއީ.. އެކަމު އޭގެ ކުރިން އަހަރެން ބޭނުންވޭ މީކާން ތިއަށްވުރެ ރަނގަޅަށް އަމިއްލަ ނަފްސާއި މެދު ކަންތައްކޮށް އަމިއްލަ ނަފްސަށް އިޚްތިރާމްކުރަން، ތި ކުށްވެރިކަމުގެ ގުދަނުން ސަލާމަތްވާން.. ”
ދީނާއި ގުޅުވާލައިގެން އީރަމް ކިޔައިދިން ވާހަކަތަކުން މީކާންގެ ހިތްވަރާއި އީމާންކަމަށް ލިބިގެންދިޔައީ އިތުރު ކުރިއެރުމެކެވެ. ހީވީ ދެން ދިރިއުޅުމުގައި ކުރިއަށް ދާނޭ ރާސްތާ އޭނާއަށްޓަކައި އީރަމް ހުޅުވައިދިނީހެންނެވެ. އީރަމްގެ މެސެޖު ކިޔާފައި އޭނާ ގެ ހިނިތުންވުން ވީ ދެގުނައެވެ. އޭނާ ބޭނުންވިފަދަ ރީތި އަޚުލާގެއްގެ ވެރިއަކަށް އީރަމްވެފައި އޭނާގެ ހިތުގައިވާ އީމާންތެރިކަމާއި ހެއްދެވި ފަރާތަށް ކުރާ އިތުބާރު ފެނި އެކަމާއި އުފާކުރެވުނެވެ. މާތް ﷲއަށް ޓަކައި އޭނާ ފަސްވަގުތު ނަމާދުކުރެއެވެ. ވައްޓައިނުލާ ހުރިހާ އަޅުކަމެއްގައި ބައިވެރިވެއެވެ. ނަމަވެސް މިރެއަށްފަހު އޭނާ އެކުރާ ނަމާދަކީ މާތް ﷲގެ މަގުގައި ސާބިތުވެ ހުރުމަށާއި އަމިއްލަ ނަފްސާއި ފުރާނައިގެ ޡާހިރުކަމަށްޓަކައި ކުރާ އަޅުކަމަކަށް ވާން ބޭނުންވެއެވެ. އެކަން ކުރަންޖެހޭތީ ކުރުމުގެ ބަދަލުގައި ކުރެވޭ ކޮންމެ ނަމާދަކުން އޭގެ ހިކުމަތާއި ބަރަކާތް އެންމެ ފުރިހަމަގޮތުގައި ހޯދަން މީކާން އަޒުމްކަނޑައެޅިގައެވެ. އީރަމްގެ އެ މެސެޖާއި އެކު އޭނާގެ ލޯހުޅުވުނީ ހަމައެކަނި ހިނގަންވީ ރާސްތާ ބަލާކަށްނޫނެވެ. ހެއްދެވިފަރާތުގެ މަގުގައި ކުރެވެންހުރި ހުރިހާކަމެއްކޮށް ދެދުނިޔެ ބާއްޖަވެރިކުރުމަށްޓަކައި ކުރަންހުރި ހުރިހާކަމެއްކުރުމަށްވެސް އެދެލޯ ހުޅުވުނެވެ. އީރަމްއަށް ޝުކުރު ނުވާންވީ ކީއްވެހެއްޔެވެ؟ އޭނާގެ ސަބަބުން މީކާންއަށް މިލިބެނީ ކިހާ ހިތްހަމަޖެހުމެއްހެއްޔެވެ؟ ހަމްދުޘަނާއާއި ތައުރީފު އެންމެފުރަތަމަ ހައްޤުވާނީ އީރަމްފަދަ ހިތްތިރި ކުއްޖަކު އޭނާގެ ދިރިއުޅުމަށް ގެނެސްދިން ވެރި ރަސްކަލާނގެއަށްކަން އެނގި މީކާން ހަމްދުކޮށްލިއެވެ. މަރުވެފައިވާ މީހާއަށްޓަކައި ހިތާމަނުކުރުމަށް އޭނާ ބޭނުންވިއެއްކަމަކު އޭނާގެ ހިތަށް ލިބިފައިވާ އޮޅުންގަނޑުން ސަލާމާތްވާން އޭނާ ވަގުތު ބޭނުންވެއެވެ. ކޮންމެ ގޮތެއްވިޔަސް ލަމްޔާއަކީ މީކާންގެ ލޯތްބެވެ.
……………………………….
ފާއިތުވަމުންދިޔަ ކޮންމެ ދުވަހަކުވެސް އީރަމް އާއި މީކާންގެ ގުޅުންދިޔައީ ވަރުގަދަވަމުންނެވެ. އޮފީސްތެރޭ އެމީހުންނާއި ގާތްކޮށް އުޅޭ މީހުންނަށްވެސް އެދެމީހުންނަސް އައިސްފައިވާ ބަދަލުތަށް ފާހަގަކުރެވެމުންދިޔައެވެ. ނަމަވެސް އިސްނަގާ އެވާހަކަތަށް އެމީހުންނާއި ދައްކާނެ ބައެއްނުވީއެވެ.. ޗުއްޓީނަގައިގެން އެރެއިން އެރެއަށް ރިސޯޓަށް ފުރި ނާޒީ މާލެ އައިގޮތަށް ގުޅީ މީކާންއަށެވެ. މީކާން ކައިރި އީރަމްގެ ވާހަކަތަށް ދައްކަން ބޭނުންވެފައި ހުރިވަރުން އޭނާއަށް ކެތްކުރެވެނީކީވެސް ނޫނެވެ. ދެމީހުން ބައްދަލުވީ ބޮޑުދައްތަގެ ގެއިންނެވެ. ކައިވެންޏަށްފަހު އެދެމީހުން އުޅެން ހަމަޖެހުނީވެސް އެގޭގައެވެ. ސަބަބަކަށްވީ ލާހިންގެ އާއިލާ ގެ އެންމެންވެސް ރާއްޖޭން ބޭރުގައި އުޅުމެވެ. އެހެންކަމުން ސަލީމާގެ އެދުމަށް ލާހިން އިންކާރުކުރަން ބޭނުންނުވީއެވެ. ހާއްސަކޮށް ސަލީމާގެ ހިތްހެޔޮކަމާއި ރަނގަޅުކަމުން ލާހިންގެ ހިތްވަނީ ސަލީމާއަށްޓަކައި ލޯބިންފުރިފައެވެ. ކޮފީތަށި ހިފައިގެން ދެމީހުންވެސް ބެލްކަންޏަށް ނިކުތީ އެހެންމީހުންނަށް އެދެމީހުން ހިއްސާކުރާ ވާހަކަ އަޑުނީއްވަންވެގެންނެވެ. ގޭތެރޭ ފޯރިނަގަނަގާފައި މީހުން އުޅޭވަރުން ނާޒީއާއި މީކާންވެސް ބޭނުންވީ އެގޮތަށް ކަންކުރާށެވެ. ނާޒީ ފުރަތަމަވެސް އޮއްސާލީ އެރޭ އޭނާގެ ހިތުގައި އުފެދުނު ސުވާލުތަކެވެ. މީކާންއާއި އީރަމް ދިމާވިގޮތް މީކާންގެ ދުލުން ސާފުކޮށް އަޑުއަހަން ބޭނުންވިއެވެ. މީކާން އޭނާއާއި އީރަމްގެ ފުރަތަމަ ބައްދަލުވުމުން ފަށައިގެން އެންމެ ފަހު ބައްދަލުވުމާއި އެދޭތެރޭ އެދުވަހު ދެކެވުނު ވާހަކަތަކަށްދަންދެން ހިއްސާކުރިއެވެ. ހަޔާތުގައި ލިބުނު ހަމައެކަނި ގާތްއެކުވެރިޔާއާއި އީރަމްގެ ވާހަކަ ހިއްސާކުރެވޭތީ އޭނާހުރީ ވަރަށް އުފަލުންނެވެ. ހަޔާތުގައި އަލަށް އަންހެންކުއްޖެއްގެ ވާހަކައެދޭތެރޭ ދެކެވޭތީ ހިނިވެސް އައެވެ. އާއިލާގާއި އޭނާ ފަދަ ފިރިހެން ދެބޭބެއާއި ކޮއްކޮ ތިއްބެއްކަމަކު އޭނާ އެންމެ ކުޑައިރުންފަށައިގެންވެސް އެންމެ އެކުވެރިވެވުނީ ނާޒީއާއެވެ. އެއާއިލާގެ ހުރި ހަމައެކަނި އަންހެންކުއްޖާއާއެވެ.
“ހަނދާންވޭތަ އަހަރެން ކުއްޖެއްގެ ވާހަކަ ބުނި ހަނދާން.. އޯކޭ ފޮގެޓް އިޓް.. މީކާން ހަނދާނެއް ނުހުންނާނެ.. އަހަރެން އެކަމު އެއްދުވަހު ކިޔައިދިނިން އީރަމްގެ ވާހަކަ.. އީރަމް އަކީ އަސްލު ނޯރމަލް ކުއްޖެއް.. އަހަރެން ބުނީމެއްނު ޑޯލްއެކޭ…..”
“މިހާރުވެސް އެއީ ޑޯލްއެއްނު… ެހަހަހަ. އޯކޭ އިނގިއްޖޭ ތި ވާހަކަތަށް… ކުރިން ވާހަކަދެއްކޭ އެކަމް ފަހުން ހުއްޓާލި ކުއްޖާ.. ހަރަކާތްހުއްޓިފަ އިން ކުއްޖާގެ ވާހަކަދޯ؟ އަސްލު ކިހިނެއްވީ؟ ތީ އަދި އަހަރެންނަށް ނޭނގޭ ވާހަކަތަކެއް.. އީރަމް އަށް އަސްލު ކިހިނެއްވީ؟”
ނާޒީ ކިޔައިދެންފެށީ އޭނާއާއި އީރަމްގެ ފުރަތަމަ ބައްދަލުވުމެވެ. އީރަމް އޭރު ހަރަކާތްހުއްޓިފައި ހުންނަގޮތާއި އެތަށް މަސައްކަތަކުން އޭނާއަށް ވާހަކަދެއްކޭނެ ގޮތެއް ދަސްކޮށްދެވުނު ގޮތެވެ. “އަހަރެންނަށް އިނގުނު އޭނާ ހުރީ އޭނާ ބޭނުންވާ ވާހަކަތަށް ހިއްސާކުރާނެ ގޮތަކާއި އެ ހިއްސާކުރީމަ އެ ނަގައިގަންނާނެ މީހެއް ބޭނުންވެފައިކަން އެހެންވެ ހިތްވަރު އެލުވާނުލާ އޭނާ ބުދެއްހެން އިންއިރުވެސް އެ ތިންއަހަރުވަންދެން އަހަރެން މަސައްކަތްކުރީ… އީރަމްގެ ބައްޕަ އެންމެ ފުރަތަމަ އަހަރެންނާއި ބައްދަލުކޮށް ހުރިހާ ކަމެއް ކޮށްދިނީ، އެކަމް ފަހުން އޭނާގެ ދޮންމަންމަ.. ދޮންމަންމަ ފަރާތުން އެނގުނުގޮތުގައި އީރަމްއަށް ދިމާވީ ވަރަށް ހިތާމަވެރި ކަމެއް.. އެކަމް އޭނާއަކަށްވެސް މުޅިއަކުން ނޭނގޭ އެއީ ކޮންހާދިސާއެއްކަމެއް.. އީރަމް އާއި ސުވާލުކުރިޔަސް އީރަމްގެ ފަރާތުން ޖަވާބެއް ނާންނާނެ.. ބަދަލުގައި އޭނާ ބިރުގަނެ ޕެނިކްވާނެ.. އީރަމް ގެ ރިޕޯޓުތަކުން އެނގުނުގޮތުގައި އޭނާއަށް ލިބުނު ޝޮކެއްގެ ސަބަބުން އެހެން އެވީ ސިކުނޑިއަށް.. ކުރިންވެސް ލަފާއެރުވުނު ސަރޖަރީއެއް ހަދަން، ފަހަރެއްގައި މިފަހަރުވެސް ޑޮކްޓަރު އެދޭނީ އެކަން ކުރަންކަންނޭނގެ.. އަހަރެމެން އެންމެންނަށްވެސް އިނގޭކަމަކީ އީރަމް ބިރުގަންނަކަން… ބައެއް ހާލަތްތަކުގައި އޭނާ ސިހޭކަން.. އޭނާ ހުރީ ވަރަށް ބޮޑަށް ޑިޕްރެޝަންއަށް ގޮއްސަ.. އޭނާ ބުނި މީހުން އެއްވާ ތަންތަނަށް ދާން އޭނާ ބިރުގަންނަ ވާހަކަ.. އޭނާއަށް މީހުންފެނުނީމަ އުނދަގޫވާ ވާހަކަ.. އޭނާ ވަރަށް ދުވަސްވަންދެން ވަރަށް އެކަހެރި ދިރިއުޅުމެއް އުޅެފައި އެހެރީ ހަމަޔަކަށް އެޅިފައި.. އޭނާގެ ދޮންމަންމަވެސް ވަރަށް އެއްބާރުލުންދިން.. އެހެންވެ އީރަމް ކިޔަވައިގެން ވަޒީފާ އަދާކުރާނެ ހިތްވަރު ލިބުނީ…” ނާޒީ އިތުރަށް އީރަމްގެ ހާލަތުގެ ވާހަކަތަށް ހިއްސާކުރިއެވެ. ސިކުނޑިއަށް ލިބިފައިވާ ގެއްލުމާއި އޭގެ ސަބަބުން އޭނާއަށް އޭރު ވާހަކަނުދެއްކުނުގޮތެވެ. އަދި ރަނގަޅަށް ދައްކާ ވާހަކަތަށްވެސް އަޑުއިވުނީ ވެސް އެތަށް މަސައްކަތަކާއި އެތަށް ދުވަސްތަކެއްގެ ފަރުވާއިންކަމަށް ބުނެދިނެވެ.
ނާޒީ ދައްކަމުންދިޔަ ވާހަކައިން އޭނާގެ ހަނދާނަށް އެދުވަހު ނާޒީ ދެއްކި ވާހަކަތަށްވެސް އައެވެ. އީރަމްއަށް އެ ދިމާވީ ކޮން ހާދިސާއެއްތޯ ބަލަން އޭނާ ކިތަންމެ ބޭނުންވިއެއްކަމަކު ނާޒީ އެކަމަށް އިންކާރުކުރިއެވެ. އީރަމް ބޭނުންވީމަ ނޫނީ އެވާހަކަތަށް ނުބުނާނެކަމާއި އެއާއި ބެހޭގޮތުން ވާހަކަނުދެއްކުމަށްއެދުނެވެ. އެކަމުގެ ސަބަބުން އީރަމްގެ ހާލަތު ގޯސްވެގެންދިޔުން އެކަށީގެންވާކަމަށް ނާޒީ ބުނުމުން މީކާން ދެރަވިއެވެ.
“އެއީ މީކާންއަށް އިތުބާރު ނުކުރާތީއެއްނޫން ނުބުނަނީކީ ނޫނީ ކުރިއަށް އޮތްތާ ބުނަން ނޫޅޭނީވެސް އިތުބާރުނުކުރާތީއެއްނޫން.. އީރަމް ބޭނުމެއްނުވޭ އެވާހަކަތަށް މީހެއްކައިރި ބުނާކަށް.. އެކަމް އީރަމްގެ ބައްޔަށް ފަރުވާކުރަމުންދިޔައިރު އަހަރެންނަށް އިނގޭ ކަމަކީއެ ދިމާވި ކަމަކުން އޭނާގެ ސިކުނޑިއަށް ވަރަށް އަސަރުކޮށްފިކަން… އަދި އޭނާ ނަފްސާނީގޮތުން ހުރީ ވަރަށް ބިރުގަނެފައި…” ނާޒީގެ ވާހަކަތަށް އަޑުއިވިފައި މީކާންގެ ހިތަށް ތަދުވިއެވެ. އެބާރުގަދަ އަތުތެރެއަށް އީރަމްލުމަށްފަހު ދުނިޔެއަށް ފޮރުވާލަން އޭނާ ހުރީ ބޭނުންވެފައެވެ. ހިތާމަތަކާއި އަނިޔާތަކުން އީރަމް ސަލާމަތްކުރަން އޭނާ ބޭނުންވެއެވެ. އީރަމްއަށް ގެއްލުމެއްދީގެން ވާހަކަތަށް ހޯދާކަށް އޭނާ ނޭދެއެވެ. ނާޒީ ދެންބެލީ މީކާންގެ ހިތުގައިވާ އެއްޗެއް ދެނެގަނެވޭތޯއެވެ. އޭނައަށް މީކާން މުހިންމުވީފަދައިން އީރަމްއަކީވެސް އޭނާއަށް މުހިންމު މީހެކެވެ. އީރަމްއަށް އެއްވެސް ދެރައެއް ދޭކަށް އޭނާނޭދެއެވެ. މީކާންގެ ހިތުގައިވާ އެއްޗެއް ހިއްސާކުރުމުން ނާޒީ އުފާވިއެވެ. އަދި އެންމެ އުފާވީ އެވާހަކަތަށް ފޮރުވުމުގެ ބަދަލުގައި ޖެހިލުމެއްނެތި އީރަމްއަށް ކިޔައިދިނީތީއެވެ.
“އަދިވެސް ނާދޭތަ މީކާންމަންމައެއް؟؟”
“ހުމްމް.. ނުވެސް ބުނޭ ވީގޮތެއްވެސް.. މަދުފަހަރަކު ގުޅެނީ.. އެކަމް މެސެޖުކުރޭ ބަރާބަރަށް…”
“ދެން އީރަމްގެ ވާހަކަ އިނގުނީމަ ކިހިނެއްވާނީ؟ މީކާންއަށް އިނގޭނެ ރަނގަޅަށްވެސް ދައްތަގެ ގޮތް.. ހާއްސަކޮށް އީރަމް ކަހަލަ ކުއްޖެއް….”
“އިނގޭ ދޮންނާ… މަންމަ ނުރުހޭނެކަން އިނގޭ. އެކަމް އަހަރެން މަންމައަށް ވިސްނައިދޭނަން.. އެކަމް އީރަމް އަހަރެންގެ ދިރިއުޅުމުން ދުރަކަށް ނުފޮނުވާނަން…”
……………………..
“ދިރިއުޅުމުން ކީއްކުރަން ހަށީގަނޑުންވެސް ދުރުވާންޖެހޭނީ.. އަހަރެންނަށް އެއީ ކާކުކަން އެނގޭދުވަހުން….” ހުރިހާ ކަމަކުން ސަލާމަތްވާން އިންޑިޔާއަށް އައި މުނާއަށް އެހެންބުނެވުނީ ވަހީދުގެ ފަރާތުން އައިސްފައިވާ އިންޒާރުގެ މެސެޖު އަދިއެއްފަހަރު ކިޔާލާފައެވެ. އެދުވަހަށްފަހު ވަހީދުއާއި އަނގައިން ބުނެފައިނުވިއެއްކަމަކު ވަހީދު އެދުވަހު ފޮނުވާފައިހުރި އިންޒާރުގެ މެސެޖުތަށް އޭނާއަށް އަދިވެސް އުނދަގޫކުރެއެވެ. ވަހީދުގެ ފުރާނަ ދުއްވާލާނީ ވަހީދު އެވަރަކުން އޭނާ ފަޅާއަރުވާލަން އޭނާގެ ހެކިތައް ފޮނުވައިގެން އުޅޭ ކުއްޖާގަނޑާއި އެކުގައެވެ. ދުވަހަކަށްފަހު ދުވަހެއް ނިމިގެންދާވަރަކަށް މުނާގެ ހިތުގައި ބިރުވެރިކަން އުފެދިގެންދަނީ އޭނާއަށް މިހެން ފިލަާއިނދެވޭނެ މާ ގިނަދުވަހެއް ނެތްކަން އިހުސާސްވާތީއެވެ. އޭނާގެ ސިއްރު ފަޅާއަރަން ވަރަށް ގާތްވެއްޖެކަން އޭނާއަށް އިނގެނީ އަދިއަދަށްދާންދެންވެސް ހެއްކާއި އެހެކި ފޮނުވި ކުއްޖާގެ ހަބަރެއް ދަބަރެއް ނެތީމައެވެ. އޭނާ ފޮނުވައިގެން އުޅޭ މީހުންނަށްވެސް އެއްވެސް ހަބަރެއް ވަނީ ނުލިބިފައެވެ. ބޮލުގެ ބޭނުން ވަހީދު ރަނގަޅަށް ކުރަމުން އަންނަކަން މުނާއަށް އިނގެއެވެ.
އޭނާ އަދިވެސް ހަނދާންއެބަހުއްޓެވެ. އެދުވަހަކީ އޭނާގެ ހިތުގައި ބިރުވެރިކަން ވަށާލި ފުރަތަމަދުވަހެވެ. އޭނާގެ މުއްސަނދި ދިރިއުޅުމާއި ދުރަށް ޖެހިދާނެކަމުގެ ބިރު އެންމެ ފުރަތަމަ އިހުސާސްވި ދުވަހެވެ.
“އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށް މުނާ ވީއޭ ކިޔާފައި އަހަރެން ނުޖެހޭނެ މުނާ ތިވަށާ ހަޑިއެއް ވަށާކަށް.. އަދި އަހަރެން ބަލާކަށްވެސް ނުހުންނާނަން.. ހަނދާން ބަހައްޓާތި…” ކުރިމަތީ ހުރި ނަބާހާ ގެ އަޑު އިވި މުނާ ދެލޯބޮޑުވިއެވެ. ނަބާހާ އަކީ ގޯސްމަގަށް އަނބުރާލެވޭނެ އެންމެ އުނދަގޫ މީހާއަށްވެފައި ހަޤީޤަތާއި ތެދުމަގުން ކައްސައިނުލާ ހިނގަމުންދާ އަޒުމްވަރުގަދަ އަންހެނެކެވެ. އެގޮތަށް ކަންއޮއްވާ މުނާ ސަލާމަތްވާނެކަމުގެ އުއްމީދެއްނެތެވެ. މުނާބިރުން ގޮސް އިނގިލިތަކާއި ކުޅެވެމުންދިޔައެވެ. އެހާ މަދު ސިކުންތުކޮޅެއްގައި ކުރެވޭނެ ކަމަކާއި މެދު ވިސްނަންވީ އުނދަގޫކަމަކަށެވެ.
ކުރިމަތީ ހުރި ނަބާހާގެ ލޮލުން ފައިބަމުންދިޔަ ކަރުނައިގެ ސަބަބުން މުނާ ހުއްޓުންއެރިއެވެ. ހަމުގެ ކުލަ އަނދިރިއެއްކަމަކު އެރީތިކަމަކީ ސުކޫލުއިރުންފަށައިގެންވެސް އެންމެންގެ ޖާދޫގައި ޖެހޭ އެއްކަމެކެވެ. ކުރީގައި އެންމެން ޖާދޫގައި ޖައްސުވާފައި އުކަމުން ގެންދާ ބޮޑު ބުޅި އިސްތަށިގަނޑު ޝޯލްއަކުން ފޮރުވާލެވިފައިވާއިރު ލޫޅާފަތި ހަށިގަނޑުވެސް ވަނީ ދޫ ބޮޑުހެދުމަކުން ނިވާކުރެވިފައެވެ. ނަބާހާގެ ކާމިޔާބީއަކީ އެ ރީތިކަމެއްނޫނެވެ. އޭނާ މައްޝޫރުވެފައިވަނީ އެ ހަންގަނޑުގެ އޮމާންކަމަކުންނެއްނޫނެވެ. އެދެލޮލުގައިވާ ތޫނުކަމަކުންނޫނެވެ. ނަމަވެސް އެންމެ ފެށުނީއްސުރެވެސް ގެންގުޅޭ އުސޫލުތަކާއި މިންގަނޑުތަކަކުންނެވެ. މަސައްކަތު މައިދާނުގައިވެސް އިސްލާމްދީނަށް ޢަމަލުކުރުމަށް ބާރުއަޅާ ނަބާހާއަށް މުނާގެ މި ނުބައި އަމަލުތަކުން އަންނާނެ ރުޅި މުނާއަށް އިނގެއެވެ. އެދެލޮލުގައިވި އަސަރުތަކުން އެކަނިވެސް އެކަން ދިޔައީ މުނާއަށް ކަށަވަރުވަމުންނެވެ.
“ސޮރީ ނަބާ… އަހަރެންނަށް އެހެން ހަދަންޖެހުނީ ކައިރި އުޅުނު މީހުން ދިން ނުބައި ވަސްވާސްތަކުން.. ކުންފުނި ކުރިއަރުވަން ހިފާލެވިފައި ހުރިވަރުން އަހަރެންނަށް ކުރެވޭ ނުކުރެވޭ ވެސް ނޭނގުނު…” މުނާ ނަބާހާގެ އަތުގައި ހިފަހައްޓާފައި ރޮއެގަތެވެ. ނަބާހާ ފުންނޭވައެއްލިއެވެ. އޭނާގެ ސިކުނޑިގައި ހިނގަމުންދިޔަ ކަމެއް އިނގޭނީ ހަމައެކަނި އޭނާއަށެވެ. ކުރިމަތީ ހުރެ ރުއިމުގެ އެކްޓް ކިތަންމެ ޖެއްސިޔަސް އެ މަޅީގައި ނަބާހާޖެހޭނެކަމާއި މެދު މުނާއަށް ޝައްކެވެ.
“ދެވަނަ ފަހަރަށް އެކަން ނުކުރައްޗޭ މުނާ…! އަހަރެން ވަރަށް ދެރަވެއްޖެ.. އަހަރެންނަށް ކުރިންވެސް އިނގޭ ކުންފުންޏަށް މިލިބެމުންދާ އިތުރު ރުފިޔާތަކަކީ ސައްހަގޮތުގައި ވަންނަ އެއްޗެއް ނޫންކަން… ތިކުރެވެނީ ވަރަށް ގޯސްކަމެއް.. ކާމިޔާބީ ލިބޭނީ ކޮންމެކަމެއްގައިވެސް އިސްލާމްދީނާއި އެއްގޮތަށް ޢަމަލުކޮށް ދީނުގައިވާ އުސޫލުތަކާއި އެއްގޮތަށް ހަރުދަނާ ހަމަތަކެއް ކަނޑައަޅާ އެއަށް އަމަލުކުރެވިގެން…” ނަބާހާ އެހެން ބުނެފައި ހިނގައިގަތީ ބޭރަށެވެ. މުނާ ފުންނޭވައެއް ދޫކޮށްފައި ކަރުނަތަށް ފޮހެލިއެވެ. ނަބާހާ ދެއްކި ކޮންމެ ވާހަކައަކަށް އޭނާ އެއްބަސްވިއެއްކަމަކު ދެނެއް އޭނާއަކަށް ނުހުއްޓޭނެއެވެ. ނުރަނގަޅު އެތަށް ނިންމުންތަކަކުން އޭނާއަށްމިވަނީ ނުރަނގަޅު މަގަށް އެޅި އެމަގުގައި ކުރިއަށް ދާން ޖެހިފައެވެ. ރަނގަޅުމަގު ފެންނަން އޮތެއްކަމަކު މުނާ އިޚްތިޔާރުކުރީ ނުރަނގަޅު މަގެވެ.މުނާ ސިހުނީ ވަދެގެން އައި އާބިދުފެނިފައެވެ. ސަލީމް ހިތްހަމަނުޖެހިފައި ހުރިގޮތުން ހީވަނީ ނަބާހާ ކޮންމެވެސް އެއްޗެއް ކިޔައިގެން އޭނާ އައީހެންނެވެ.
“މީކާން އަނެއްކާވެސް އައު ޓިއުޝަން ސެންޓަރަށް ލީ ކީއްވެ؟ އޭނާ އަކީ ވިސްނުން ތޫނު ކުއްޖެއް.. އެހާ ހަރުކަށިކޮށް އޭނާއަށް އެއްވެސް ރެސްޓެއް ނުދީ ކިޔަވައިދެނީ ކީއްކުރަން؟ މައްސަލައެއް ނެތް ކިޔެވިޔަސް އަދި އެގޮތަށް ކިޔަވައިދިނަސް އެކަމް އެކުއްޖާއަށް ވާނެ ދޯ ދުނިޔޭގެ އެހެން މަންޒަރުތަށްވެސް ދައްކަން… ގެއިން ސުކޫލަށް ސުކޫލުން ގެޔަށް، އެޔަށްފަހު ޓިއުޝަނަށް އަނެއްކާވެސް އެނބުރި ގެޔަށް… އޭނާވެސް ބޭނުންވާނެ ނޫންތަ ބޭރަށް ގޮސް ބޭރުގެ މާހައުލު ބަލާލަން..” ހުރި ހަމައެކަނި ދަރިއަށްޓަކައި ސަލީމް މިއަދުވެސް މުނާއާއި މަޝްވަރާކުރަން ނިންމީ ދާދިދެންމެއަކު މީކާންގެ ޓިއުޝަނަށް ލާން ދިޔަމަގުމަތީ އޭނާގެ ފަރާތުން އިވުނު ޝަކުވާތަކަކުންނެވެ. ބަންދުކޮށްޓެއްގައި މީކާން ބޭންދުމުގެ އެއްވެސް ބޭނުމެއް ސަލީމަކަށް ނުފެނެއެވެ.
“ސަލީމަށް ރަނގަޅަށް އިނގޭނެ އަހަރެން އެހެން ހަދަނީ ކީއްކުރަންކަން.. މިކަމުން ފައިދާކުރާނީ މީކާންއަށް އެކަނި.. އޭނާ ބޭރަށް ދިޔުމުގެ ބޭނުމަކީ ކޮބާ؟ މީކާން ކައިރި ބުނެފައި އޮންނާނީ އެކުވެރިން ގެންގުޅޭނެކަމެއް ނެތޭ.. އެއުޅޭ ނާޒީ ދޯ ދެފަޔަށް އަޑިނުވެގެން އުޅެނީ؟ މީކާން ބޭރަށް ނުގޮސްގެން.. އަހަރެންނަށް އިނގެޔޭ ނަޒީ އެވަރަކުން އެއުޅެނީ ސަލީމާބުނެގެންކަން.. ސަލީމާގެ ގޮތްގަނޑެއްނު އެ ނާޒީ އެހުރީ… އަހަރެން ނޫޅެން ސަލީމާ ހިނގާ މަގަކުން ހިނގާކަށް..” ސަލީމު ކައިރިއަށް ރުޅިއައެވެ. ހާއްސަކޮށް ހުރިހާ ކަމެއްވެސް އޭނާގެ ދައްތައާއި ގުޅުވާތީއެވެ. ސަލީމާއަކީ މުނާއަށްޓަކައި ކިހާ ބޮޑު ޤުރުބާނީއެއް ދިން މީހެއްކަން މުނާއަށް ނުވެސް އެނގެނީހެއްޔެވެ؟ އެކަން ހަނދާނުގައި ނުވެސް ނެތީހެއްޔެވެ؟ އެހާ ހިތްހަރު ވުމުގެ ބޭނުމެއް އެބައޮތްހެއްޔެވެ؟ މުނާ އެގޮތަށް މީކާން ފޮރުވައިގެން ގެންގުޅުމުގެ ބޭނުމަކީ ސަލީމާމެންނާއި އޮތް ގުޅުން ހީނަރުކުރަންކަން ރަނގަޅަށްވެސް އިނގެއެވެ. ރުޅީގެ މައްޗަށް ގަދަހަދަމުން ސަލީމް ވާހަކަދެއްކީ ހަމަޖެހިލާފައެވެ.
“މުނާ ތިހެން ބުނާއިރު ނޭނގޭތަ ތި ކިޔާ ސަލީމާގެ ސަބަބުންނޭ މުނާއަށް…..”
‘ހުއްޓާލާ… އަހަރެން ބޭނުމެއްނޫން ތިވާހަކަ އަޑުއަހާކަށް… އަހަރެން ބޭނުންވާ ގޮތަށް މިކާން އުޅޭނީ.. އަހަރެން ބޭނުންގޮތަކަށް މީކާން ގެންގުޅޭނީ.. އެއީ އަހަރެންގެ ދަރިއެއް..”
“ދަރިއަކަށްވީ ކީއްވެކަންވެސް މުނާއަށް އިނގެންޖެހޭނެއެއްނު… ތިހާ ނުބައި ވިސްނުން ނުވިސްނާ މުނާ…! މީކާން ބަންދުކޮށްގެން އުޅުމުގެ ބޭނުމަކީ ކޮބާ؟ ދަރިންނަށް މިނިވަންކަންވެސް ޖެހޭނޭ ދޭން…”
“ސަލީމްއަށް އަހަރެން ކަންތައް ކުރާ ގޮތް ކަމުނުދަންޏާ އަހަރެންނާއި މީކާންގެ ދިރިއުޅުމުން ސަލާމަތްވެވެން އެބައޮތް…”
“މައްސަލައެއްނެތް.. މީ ނުދައްކާ ވާހަކައެއް.. އެކަމް މީކާންއަށް އެހެން ހެދުމުގެ ބޭނުމަކީ ކޮބާ؟”
ހިޔާލުތަކަށް ގެއްލިފައި އިން މުނާގެ ކަންފަތަށް އިވިގެންދިޔައީ މީގެ އަހަރުތަކެއް ކުރިން ސަލީމު އޭނާއަށް ކުރި ސުވާލެވެ. އެވަގުތު އޭނާގެ ލޮލުން ކަރުނަނިރާލިއެވެ. މީކާންއަކީ އޭނާގެ ދިރިއުޅުމަށް ފަޅުވެފައިވާ ޖާގަ ފުރިހަމަކުރި ނުހަނު އަޚުލާގު ރަނގަޅު ކުއްޖެކެވެ. އެންމެ ކުޑައިރުންފަށައިގެންވެސް އޭނާ އުޅުނީ މުނާ ބުނިގޮތަކަށް މުނާ ހެދިގޮތަކަށް ހެދޭށެވެ. މީކާންގެ ލޮލުގައި މުނާއަށްޓަކައި ވާ ލޯބި ހުދު މުނާއަށްވެސް ފެނެއެވެ. ނަމަވެސް އޭނާ މީކާންއަށް އަނިޔާވެރިވެއެވެ. ތަޅާމަރައިގެންނެއްނޫނެވެ. ދުނިޔޭގެ އަލިކަމުންނާއި މީހުންގެ ގުޅުންތަކުން އެކަހެރިކޮށްގެންނެވެ. މުނާ ފިޔަވާ އިތުރު މީހަކު މީކާންގެ ދިރިއުޅުމުގައި ހުރެގެން ނުވާނޭކަމަށް އޭނާ ބުނެހަދައެވެ. އެދެއަތުތެރެއަށް މީކާންގެ ކުޑަކުޑަ ފުރާނަ ލެވުނުއިރު އޭނާއަށް ކުރި އިހުސާސް ބަޔާންކުރަންވެސް ވީ އުނދަގޫކަމަކަށެވެ. ނަމަވެސް މީކާން ބޮޑުވެގެން އަންނަވަރަށް އެ މައިވަންތަކަމުގެ ލޯބި ފިލައިގެންދާކަށް މާ ގިނަ ވަގުތެއްނުނަގައެވެ. މީކާންގެ ސޫރަމަތިން އޭނާ ފޫހިވިއެވެ. މީކާންދެކެ ފޫހިވިއެވެ. ގެއްލިދިޔަ ފުރާނަމަތިން އޭނާގެ ހަނދާން އައުވާ ކޮންމެފަހަރަކީ މީކާންގެ ސޫރައަށް ނަފުރަތުކުރެވެން ފެށުނު އެއްސަބަބެވެ. އެ ފުރާނައަށްޓަކައި ކުރި އުއްމީދުތަށް ފުނޑުފުނޑުވެގެން ދިޔަ ދިޔުން ހަނދާންވާ ކޮންމެ ވަގުތެއް ވެގެންދިޔައީ މީކާންއަށް އަނިޔާވެރިވެވެނު އެއް ސަބަބަށެވެ. އާއިލާއާއި ދުރުގައި ކޮށީގައި ބަންދުކޮށްގެން މީކާން ގެންގުޅުނެއްކަމަކު މީކާންއަށްޓަކައި އޭނާ ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދެއެވެ.
“އެއީ އަހަރެންނަށް ނުލިބުނު އުފަލެއް އެހެންމީހަކަށް ލިބެން ނޭދޭތީ…. އަހަރެންނަށްވެސް ލޯބި ލިބުނު އެކަމް އަހަރެންނަށް އެލޯތްބަކުން ނުފުދޭ.. މީކާންވެސް ޖެހޭނީ އަހަރެން ނެށި ބެރަށް ނަށަން…” މުނާ ގެދެލޮލުން ކަރުނަތަށް ފައިބައިގެންދިޔައީ އޭނާގެ ޅައުމުރުގެ ހަނދާންތަކެއް އާލާވުމާއި އެކުގައެވެ.
………………
ނުނިމޭ…
7 Comments!
Comments are closed.
Salaam and Jummah Mubaarak. A very big sorry for being late. Also do you agree with Eeram? Eeram ebunihen dhiriulhumaaai dhiriulhumugai dhimaavaa konme kamaky bodu imthihaaneh, hanguraamaeh. Ekamun salaamai vevey ethah ethah gothehvaane. Salaamaivaan noony kurimathinulaan vegen fasdhyfaa dhaa imthihaanuthakaa biruthakaa hanguraamathah thimaa aai bahdhalukuraane goii kaakah ingeyny? ehenvyma ein konme ehchakaai thimaa kurimathi laanvaany kerigen.
“لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا”
ﷲ އެއްވެސް ނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަކަށް މެނުވީ ތަކުލީފެއް ނުޖައްސަވާނެއެވެ.
Maasha allah …. mi baives v reethi …. bas huttifa hama ….. eeraam e bunee hama thedhu vaahaka e … next ep a ithizaaru kuran … ly ❤❤❤❤
Thankyou Imkko. Yes so don’t forget to fight back. Love you too. Take care 🙂
Agree with eeram adhives Yan akah neyge eeram aa lamyaa ge gulhumeh ekam vx vaahaka Hama habeys Masha Allah
Adhi vrh avahah ekan ves engigendhaaney Yan. Thankyou so much. Take care 🙂
Owwwn Ryn mibaives hama habeys igey …. Afu kiyaa enme salhi story mi …. Ryn u haadha molhey Masha Allah ….. Gud luck …. U are the best story writer…. Neyge hama bunaane ehcheh Ryn molhukamunn … Bas huhttifa mihunnanee … . Owwwn luv u …. #stayhome …. Luv u ❤️
Alhey thankyyou Afu! Vrh ufaavey afu ge comment kiyaalevunyma, Thankyou once again. Take care and love you too 🙂