ކައި ނިމުމުން އެންމެންވެސް އެމީހެއްގެ ކޮޓަރިއަށް ވަނުމާއިއެކު ހަލަބޮލި ގޭތެރެ ހިމޭންވެގެން ދިޔައެވެ. ނަމަވެސް ކޮޓަރިއަށް ވަނެ ފަނަރަ ވަރަކަށް މިނެޓް ފަހުން ޒާހިދާ ކޮޓަރިން ނުކުމެގެން އައީ އޭނާގެ ކަންފަތުގައި ފޯނު ޖައްސައިލައިގެން ހުރެއެވެ. ”ސާބަހޭ މާޖިދު. ދެން ތިހާ ވަރަށް ނުގުޅަބަލަ. އާކިފްވެސް އެބައުޅޭ ގޭގަ. އޭނާއަށް މިކަންތައް އިނގިއްޖާ ކަމަކު ނުދާނެ. އެކަމު އަހަރެން އެބޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ. އާކިފް ދިޔުމުން އެކަމު.”
***
ޒައިކް އާއި ޔުނާން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ ޝާހިދު ކައި ނިމޭނެ އިރަކަށެވެ. ބުނަން އުޅޭ ވާހަކައެއް ނޭނގޭތީ އެދެމީހުންނަށް ކެވުނީވެސް ވަރަށް މަދުންނެވެ. ދެމީހުން ވެސް އުންމީދު ކޮށްގެން ހުރީ ޝާހިދު އަނެއްކާވެސް ދެމީޙުން ލަންޑަނަށް ފޮނުވާލަން އުޅޭ ކަމަށެވެ. އެހެންކަމުން ހިތުގެ އެއް ކަނެއްގައި އުފާވެރިކަން އޮތް އިރު އެނެއްފަރާތުގައި ވަނީ ބިރުވެރިކަމެވެ.
”ދަރިފުޅުމެން ހާދަ ކުޑަކޮށް ތި ކެއީ. ބަޑުހައި ވެސް ނުވަނީތަ؟ ޝާހިދު ފެންތަށިން ކޯވަރެއް ބޯލިއެވެ. އެއަށްފަހު ޒައިކް އަދި ޔުނާންގެ މޫނަށްވެސް ވަރަށް ރަނގަޅަށް ބަލައިލިއެވެ.
”އެހެންނު ވާނީ. ޝާހިދު މާކުރިން ބުނެފި ވިޔަ ވާހަކައެއް ބުނަން އެބައޮތޭ. އެހެންވެ ކަންނޭގެ ދޯ ރަނގަޅަށް ނުކެވުނީވެސް.” ނަތާޝާ ހުރިހާ އެންމެންގެ ތަށިތައް ސިންކަށް ލައިފައި އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
”ބައްޕާ. ދެން ލަސްނުކޮށް ތި ބުނަން އުޅޭ ވާހަކަ ބުނޭ.” ޒައިކްއަކަށް މަޑަކުން ނީދެވުނެވެ. ”ބައްޕަ އަނެއްކާ އަޅުގަނޑުމެން ތިއުޅެނީ ލަންޑަނަށް ފޮނުވައިލަން ތޯ؟ އެހެންކަމަށް ވެއްޖެ ނަމަ އަޅުގަނޑު މިހުރީ ހޭވައްލާ ތައްޔާރަށް.” ޔުނާންއަށްވެސް މަޑަކުން ނީދެވުނެވެ. އޭނާއަކީ އަނގަގަދަ މަޖާ މިޒާޖެއްގެ މީހެއްކަމުން ، ކޮންމެ ބަހެއްވެސް ދުލުން ބުނެލާނީ މީހުން ހެއްވާލުމުގެ ބޭނުމުގައިއެވެ. ނަމަވެސް ޔުނާންއަށްވުރެ ދެއަހަރު ދޮށި ޒައިކް އަކީ އޭގެ އިދިކޮޅެވެ. ބަސްއެހާ މަދުވާނެއެވެ.
”ނޫނޭ ދަރިފުޅާ. މިފަހަރު ބައްޕަ ދަރިފުޅުމެން ފޮނުވަން މިއުޅެނީ ލަންޑަނަކަށް ނޫން. މިހާރު ދަރިފުޅުމެން ތިތިބީ އަށާރަ އަހަރު ފުރިފައި. އެހެންވެ ބައްޕަ ބޭނުމެއް ނޫން ދަރިފުޅުމެން އުމުރު ހުސްވަންދެން ގޭގައި އެހެންނޫނީ އެކި ގައުމުތަކުގައި މަޖާކުރަން އުޅޭކަށް. ބައްޕަ ބޭނުމީ ދަރިފުޅުމެން ހަރުދަނާ ބަޔަކަށް ހަދަން. ދަރިފުޅުމެން ވަޒީފާއަކަށް ދާން ބައްޕަމެން ބޭނުން. މަންމައާއި ބައްޕަ ވަރަށް ވިސްނާފަ މިހެން މިބުނީ. ދެން ދަރިފުޅުމެންގެ ހިޔާލު މިކަމަށް ބުނޭ.” ޝާހިދު އޭނާ ބުނަން ހުރި ވާހަކަ ނިންމާލިއިރު ޒައިކްއާއި ޔުނާންގެ މޫނުމަތިން ފެނިގެން ދިޔައީ މާޔޫސްކަމާއި ފޫހިކަމެވެ. ދެމީހުންކުރެ އެކަކުވެސް ވަޒީފާއަކަށް ދާން ބޭނުންވާ ހެނެއް ހިޔެއް ނުވެއެވެ. ޔުނާން ވަގުތުން އެކަމާ ދެކޮޅު ހަދަން އުޅުނިއިރު ޒައިކް އިނީ ޝާހިދު ދެއްކި ވާހަކަތަކަށް ވަރަށް ފުންކޮށް ވިސްނާށެވެ.
”އެކަމަކު ބައްޕާ. މިހުރިހާ ދުވަހުވެސް ބައްޕަ އަޅުގަނޑުމެން ގާތު ތިކަހަލަ ވާހަކައެއް ނުދައްކަމެއްނު. ދެން ކީއްވެ މިއަދު؟ އަޅުގަނޑު އެއްވެސް ވަރަކަށް ބޭނުމެއް ނޫން ވަޒީފާއަކަށް ދާކަަށް. އަޅުގަނޑުމެން ވަޒީފާއަކަށް ނުދިޔަޔަސް މިގެޔަށް ރުފިޔާ ލިބޭބައެއްނު. ބައްޕަގެ ތިން ރެސްޓޯރެންޓް މާލޭގައި ހުންނައިރު އަޅުގަނޑުމެން ކީއްކުރަންތޯ އިތުރު ވަޒީފާއަކަށް ނުކުންނަންވީ؟”
ޔުނާންގެ ވާހަކަތައް ހުރި ގޮތުން ޝާހިދު އާއި ނަތާޝާގެ ހިތް މާޔޫސްވެގެން ދިޔައެވެ. ދެމީހުންވެސް އުންމީދުކޮށްގެން ހުރީ ޔުނާން ވަޒީފާއަކަށް ދާނެކަމަށެވެ. ޒައިކް ނުކުރިޔަސް ޔުނާން ކުރާނެ ކަމަަށެވެ. ނަމަވެސް ދެމީހުންނަށްވެސް ދެން އިންތިޒާރު ކުރެވެމުން ދިޔައީ ޒައިކްގެ ބަހަކަށެވެ. ޒައިކްގެ ހިޔާލު އަދި ހުންނާނެ ގޮތް ނޭނގޭތިއާއިއެކު ޝާހިދުގެ ހިތް ދިޔައީ ނުހަނު ބާރަށް ތެޅެމުންނެވެ.
”ބައްޕާ. އަޅުގަނޑު ބޭނުން ތިކަމާ އަދި ވިސްނާލަން.” ޒައިކް ވަރަށް ފުންކޮށް ވިސްނާލުމަށްފަހު އޭނާ ބޭނުންގޮތް ބުނެލިއެވެ. ޝާހިދު އެއްވެސް ހުރަހެއްނެތި ޒައިކްއަށް އެފުރުސަތު ދިނީ އިތުރު ފުރުސަތެއް ދީގެން ނަމަވެސް ޒައިކް އެމީހުން އުފާވާނެފަދަ ބަހެއް ބުނޭތޯއެވެ.
”ދަރިފުޅު ދެން އެންމެ ރަނގަޅު ދިޔަޔަސް. އެކަމު ބައްޕަ ބޭޏުން އަދި ޔުނާން އާ ވާހަކަ ދައްކާލަން.” ޒައިކްއަށް ދިޔުމަށް ހުއްްދަ ދިނުމާއިއެކު ނުހަނު ހަލުވި ފިޔަވަޅުތަކަކާއިއެކު ސިޑީގެ ހަރުފަތްތައް ގިރާ ކުރުމަށްފަހު އޭނާގެ ކޮޓަރިއަށް ގޮސް ވަނެވެ. ”ދަރިފުޅަށްވެސް ވިސްނެން ޖެހޭނެ ބައްޕަ އެކަނި މި ތިން ރެސްޓޯރެންޓެއް ނުހިންގޭނެކަން. ދަރިފުޅުމެންގެ އެހީ ބައްޕަ ވަރަށް ބޮޑަށް ބޭނުން. ބައްޕަ ގަސްތުކޮށްގެން މިހުރީވެސް ތިން މީހުންނަށް ތިން ރެސްޓޯރެންޓް ބަހައިލައިގެން މިކަމުގައި އެއްކޮށް ކުރިއަށް ދާން. އޭރުން ވަރަށް ފަސޭހަ ވާނެކަމަށް ބަލައިގެން. ފަހަރުގައި ދަރިފުޅުމެންގެ ހިތްވަރާއި މަސައްކަތުން އަދި ރެސްޓޯރެންޓަށް ގެންނަ ކުޑަކުޑަ ބަދަލަކުންވެސް މިހާރު ގެޔަށް ލިބޭވަރު ގިނަވެދާނެ. އެހެންވެ ބައްޕަ ދަރިފުޅުމެންގެ އެހީއެއް ހޯދަން މިއުޅެނީ.” ނަތާޝާވެސް ދިޔައީ ޝާހިދުގެ ކޮންމެ ބަހަކަށް ހިތްވަރުދެމުންނެވެ.
”މަންމަމެން އަދި ދޭނަން ދަރިފުޅަށް މިކަމާ ވިސްނާލަން ވަގުތު ކޮޅެއް. ދެން ދަރިފުޅު ދިޔަޔަސް ހެޔޮ.” ނަތާޝާ ޔުނާންގެ ބޮލުގައި ވަރަށް ލޯބިން ފިރުމާލިއެވެ. ހަމައެއާއިއެކު ޔުނާންވެސް އެދެމީހުންނަށް ހިނިތުންވުމެއް ރައްދު ކޮށްފައި ކޮޓަރިއަށް ގޮސް ވަނީ ޝާހިދު ދެއްކި ވާހަކަތަކަށް ވިސްނުމަށް އަޒުމު ކަނޑައަަޅައިގެންނެވެ.
***
ރޭގަނޑުގެ ހަމަ ހިމޭން ވަގުތުގައި ކޮޓަރީގެ އެއްފަރާތުގައި އިން ސޯފާގައި އާކިފް އިށީންދެލައިގެން އިނީ އަތަށް ސިޓީއެއް ކަހަލަ އެއްޗެއް ލައިގެންނެވެ. ޔަގީނުންވެސް އެވާނީ ނައިޝަމްގެ ބައްޕަ އިޝާމް ދިން ސިޓީއަށެވެ. ”އާކިފް. އަހަރެންގެ ނައިޝަމް ވަރަށް ރަނގަޅަށް ބަލައިދެއްޗެ. އަހަރެން ނެތް ދުވަހެއްގައިވެސް މިކަން ކޮށްދޭތި. އެއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު. އަހަރެންގެ ދެލޮލުގެ ނޫރު. އެދަރިފުޅަށް ކަމެއް ވެއްޖާ ނޭނގޭ ވާނެ ގޮތެއްވެސް. އަހަރެން އާކިފްއަށް ނައިޝަމް ހަވާލު މި ކުރީވެސް އާކިފްއަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުން. އަހަރެމެން ދެމީޙުންގެ ކުރީގެ އެކުވެރިކަމަށް ޓަކައިވެސް އަހަރެންނަށް މިކަން ކޮށްދޭން ވާނެ.” ސިޓީ ކިޔައި ނިމުމާއިއެކު އާކިފް އަޒުމެއް ކަނޑައެޅިއެވެ. އޭނާގެ އަމިއްލަ ދަރިއެއް ފަދައިން ނައިޝަމް ރަނގަޅަށް ބެލުމަށެވެ. އެއްވެސް ކަމަކަށް ދަތި ނުވާ ގޮތަށެވެ. އެސިޓީ ކިޔައި ނިމުމާއިއެކު ދެން އާކިފްގެ ލޮލުގައި އަޅައިގަތީ ގަނޑުގެ އަނެއްފަރާތުގައި ލިޔެފައި އިން ނަމްބަރެވެ. ލަސްތަކެއްނުކޮށް އާކިފް މަސައްކަތް ކުރީ އެނަމްބަރަށް ގުޅޭތޯއެވެ. ފޯނުގައި ނަމްބަރު ޖަހަައިލުމަށްފަހު އެނަމްބަރަށް ގުޅިއިރުވެސް އާކިފްގެ ކެތްތެރިކަން ދިޔައީ ކޮޅުންލަމުންނެވެ. އެންމެ ކުޑައިރުގެ އެކުވެރިޔާގެ އަޑު އަހައިލައި ހާލުއަހުވާލު އޮޅުންފިލުވައިލައި ހިތުންނެވެ.
”ހަލޯ. ކޮން ބޭފުޅެއްތޯ؟” އެކޮޅުން ފޯނު ނެގީ އަންހެނެކެވެ. މާލަސްތަކެއް ކުރަން ނަހަދައި އާކިފް ވާޙަކަ ދައްކަން ފެށިއެވެ.
”މިއީ އާކިފް. ތިއީ އިޝާމްގެ އަންހެނުން ތޯ؟” އެކޮޅުން ދެން އިވެން ފެށީ އެއަންހެން މީހާ މީހަކަށް ގޮވަން ފެށިއަޑެވެ. އެމީހާ ގޮވަމުން ދިޔައީ ކާކަށްކަމެއް ރަނގަޅަކަށް އާކިފްއަކަށް ސާފެއް ނުވެއެވެ. އެހެންކަމުން އަދިވެސް ކެތްތެރިކަމާއިއެކު އިންތިޒާރު ކުރަމުން ދިޔައީ އޭނާގެ އެކުވެރިޔާއާ ވާހަކަދައްކާލެވޭނެ އިރަކަށެވެ.
”ހަލޯ. އާކިފް. ކިހިނެެއްތަ؟” އެކޮޅުން ހަލުވިކަމާއިއެކު ފިރިހެނަކު ވާހަކަަދައްކަމުން ދިޔައެވެ. ”ވަރަށް ރަނގަޅު. ތީ އިޝާމްތަ؟” އާކިފްއަށް ވަމުންދާ ގޮތް ހުރީ ގަބޫލު ނުކުރެވިފައިއެވެ. އޭނާ ހުވަފެނުންވެސް އެކުވެރިޔާއާ ވާހަކަ ދައްކާތަން ދެކިފައިއެއް ނުވެއެވެ. ”އާން މީ އިޝާމް. މިއަދު ވަރަށް އުފާވެއްޖެ އާކިފް އާ ވާހަކަދައްކަން ފުރުސަތު ލިބުނީމަ. އަހަރެން ހީކުރީ އާކިފް އަހަރެން މަތިން ހަނދާންވެސް ނުހުންނާނެ ކަމަށް. މިހުރިހާ ދުވަހު އަހަރެންގެ ހަބަރެއްވެސް ނުވެވުނީމަ. އަދި އަހަރެންނަށްވެސް އާކިފްގެ ހަބަރެއް ނުވާތީ.” އިޝާމް ވަރަށް ދެރަވެލާފައި ވާހަކަ ދައްކަން ފެށިއެވެ.
”ކީއްވެ އިޝާމް މަތިން ހަނދާން ނެތެންވީ. ތީ އަހަރެންގެ އެންމެ ކުޑައިރުގެ އެންމެ ގާތް އެކުވެރިޔާ. އަހަރެން މިހުރީ އިޝާމް ވީ ތަނެއް ނޭނގޭތީ އެކަމާ ބިރުން. ބައްދަލު ނުވާތީވެސް. އަހަރެން މިހާރުވެސް މިހުރީ އިޝާމްއާ ބައްދަލުވާ ހިތުން ކެތްމަދުވެފަަ.” އާކިފްވެސް އޭނާގެ ހިތުގެ ހާލު ބުނެލިއެވެ. ދެމީހުން އެތައް އިރަކު ވާހަކަދައްކަން ތިބެފައި މެދުކަނޑާލީ ނައިޝަމްއަށް ވާހަކަ ދައްކާލަން ފުރުސަތު ދެމުންނެވެ.
***
އެނދުމަތީގައި އޮށޯވެލައިގެން އޮތް ނައިޝަމްއަށް ދިޔައީ އޭނާގެ މަންމައާއި ބައްޕަމަތިން ހަނދާންވަމުންނެވެ. ތިންމީހުން އެކުގައި ކޮށްފައި ހުރި ކަންތައް އޭނާގެ ސިކުނޑީގައި ކޮއްޓަމުން ދިޔައީ އިންތިހާއަށެވެ. ހަނދާންވަމުން ދިޔައީވެސް އެހައިވަރަށެވެ. އެހެންކަމުން ހިތަށް ހަމަޖެހުމެއް ހޯދައި ދިނުމަށް ޓަކައި ނައިޝަމް އެނދުން ތެދުވެގެން ގޮސް ކޮޓަރިން ބޭރަށް ނުކުމެވެން ހުރި ބެލްކަންޏަށް ނުކުމެލިއެވެ. ފުރަތަމަވެސް އޭނާގެ ހަށިގަނޑުގައި ބީހިލީ ފިނިފިނި ވައިރޯޅިއެކެވެ. އެއާއިއެކު އެނާގެ ހަށިގަނޑަށް ހީވީ ކަރަންޓް ޝޮކެއް ލިބިގެން ދިޔަހެންނެވެ. ރެއިލިންގްގައި އަތްއަޅުވައިލާގެން ނައިޝަމް ވިސްނަމުން ދިޔައީ އޭނާގެ މައިންބަފައިންނާ މެދުއެވެ. އެދެމީހުންގެ ހާލު ބަލައިލާ ހިތުންވެސް އޭނާގެ ހިތް ދިޔައީ ކެތްމަދުވަމުންނެވެ.
”ނައިޝަމް. ނައިޝަމް. ބައްޕަ މިއޮށް ގުޅީ. އަވަހަށް ވާހަކަދައްކާލަ.” އާކިފް ކޮޓަރިން ނުކުމެގެން ދިޔައީ ނައިޝަމްގެ އަތަށް އޭނާގެ ފޯނު ލައިދެމުންނެވެ. ”ހަލޯ. ބައްޕާ.” ނައިޝަމްގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. މަންމަ އާއި ބައްޕަ ދެކިލާ ހިތް ނުހަނުވިއެވެ. ”ދަރިފުޅާ. ކިހިނެއްތަ؟ ކައިފިންތަ؟ ރަނގަޅުތަ ކަންތައްތައް؟ ބޭބެމެން ދަރިފުޅަށް ރަނގަޅުތަ؟” އިޝާމް އެއްފައްޗަކަަށް ސުވާލުތައް އަމުނައިލިއެވެ.
”ބައްޕާ. އަޅުގަނޑު ހަމަ ވަރަށް ރަނގަޅު. ބައްޕަމެން ކިހިނެއްތަ؟ ހޫމް ކައިފިން. ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅު ބައްޕާ. ބޭބެމެން ވެސް ވަރަށް ހެޔޮ. ބައްޕަމެން ކައިފިންތަ؟ ކޮބާ މަންމަ؟” ނައިޝަމްއަށް ވާހަކަދެއްކުންވީ އުނދަގޫ ކަމަކަށެެވެ. އަޑުގައި މަޑުތުރުތުރެއް ހުއްޓެއްކަމަކު ނައިޝަމް ދިޔައީ އެކަން ފޮރުވަން މަސައްކަތް ކުރަމުންނެވެ. މަންމައާއި ބައްޕައާއި ދުރުގައި އުޅެން ޖެހުމުން އެހިތުގައި އަޅަމުން ދިޔަ ވޭން ބަޔާންކުރަންވެސް ދައްޗެވެ. ”ބައްޕަމެންވެސް އިރާދަކުރެއްވީތީ ވަރަށް ރަނގަޅު. މަންމަވެސް މީނީ މިތާގަ.” ތިން މީހުން އެކުގައި އެތައް ވާހަކައެއް ދެއްކުމަށްފަހު ފޯނު ބާއްވާލީ އާކިފްއަށް ލަސްވެދާނެ ކަމަށް ހީކޮށްފައިއެވެ. މައިންބަފައިންނާ ވާހަކަދައްކާލަން ފުރުސަތު ލިބުމުން ނައިޝަމްގެ ހިތަށް ހިތްހަމަޖެހުމެއް ލިބިގެން ދިޔައީ ބުނެދޭން ނޭނގޭހާވެސް ބޮޑަށެވެ.
ފޯނު ބޭއްވުމާއިއެކު ނައިޝަމް ހަލުވި ފިޔަވަޅުތަކެއްގައި ކޮޓަރިން ނުކުމީ އާކިފްއަށް ފޯނު ދިނުމަށެވެ. ނަމަވެސް ސިޓިންގްރޫމުގައިވެސް އެއްވެސް މީހަކު ފެންނަން ނެތުމުން ނައިޝަމްއަށް ހަދާނެ ގޮތް ހުސްވިއެވެ. އާކިފްގެ ކޮޓަރި ހުންނަ ތަންވެސް ނައިޝަމްއަށް އިނގެނީއެއް ނޫން ވިއްޔާއެވެ. ނަމަވެސް ނައިޝަމްގެ ހިތް ހުއްޓިގެން ދިޔައީ ސީދާ އޭނާއާ ދިމާލަށް ދުވެފައި އައި އައިލީޝް ފެނިފައިއެވެ.
***
”ދެން އައިލީޝް. ދޭންވީ ތި ފޮތް. އަހަރެން ކިޔާތަންވެސް ގެއްލިދާނެ.” ޔޫހާ އައިލީޝްގެ ފަހަތުން ދުވަމުން ދިޔައީ އޭނާގެ އަތުގައި އޮތް ފޮތް އަތުލުމުގެ ބޭނުމުގައިއެވެ. ”ދެން ވާހަކަ ކިޔާނެ ކަމެއް ނެތް. މިހާރު ކޮން އިރެއް ތި ވާހަކައެއް ކިޔަން އޮންނަތާ. އަހަރެން މިހާރު ފޫހިވެގެން ހަލާކުވާ ވަރު ވެއްޖެ. މިރެޔަށް ދެން ނިންމާލަ.” އައިލީޝް ހުރީ އޭނާގެ ގޮތުގައިއެވެ. އެންމެފަހުން ޔޫހާގެ ކޮޓަރިން އައިލީޝް ނުކުމީ ޔޫހާގެ އަތުގައި ނުޖެހެން ވެގެންނެވެ. ޔޫހާގެ ކައިރި ބަލަމުން ދުވެފައި ދިޔައިރު އެންމެ ފަހަރަކުވެސް އައިލީޝް ކުރިމަތި ބަލައިނުލައިއެވެ. ”އައިލީޝް!”
ނުހަނު ބާރަށް ދުވެފައި އައި އައިލީޝް ފެނިފައި ގުޑިލަންވެސް ނޭނގިފައި ނައިޝަމްއަށް ހުރެވުނީ ޖެހި ބުދެއް ހެންނެވެ. ނަމަވެސް ނައިޝަމްއަށް ހޭވެރިކަންވީ އައިލީޝް އައިސް އޭނާގެ ގައިގައި ޖެހި ވެއްޓެން ދިޔުމުންނެވެ. ހަމައެއާއިއެކު ދެމީހުންގެ އަގައިންވެސް މަޑު ހަޅޭކެއްގެ އަޑު ބޭރުވެގެން ދިޔައިރު އައިލީޝް އޮތީ ދެލޯ މަރައި ބާރު ކޮށްލައިގެންނެވެ. ތަޅުންމައްޗަށް ވެއްޓުނު ގޮތުން ގުޑިލަންވެސް ނުކެރިފައި ނައިޝަމްއަށް އޮވެވުނީ ބުރަކައްޓަށް ވަމުންދިޔަ ތަދުންނެވެ. އެނެއްކޮޅުން އައިލީޝްވެސް އޭނާގެ ގައިމަތީގައި އޮތުމުންނެވެ.
”ސޮރީ.” އައިލީޝްއަށް ހޭވެރިކަން ވުމާއިއެކު ނުހަނު އަވަހަށް ނައިޝަމްގެ ގައިމަތިން ތެދުވެލިއެވެ. އަދި އިސްޖަހައިލައިގެން ހުރެ މަޢާފަށް އެދުނެވެ. އޭރު ފަހަތުގައި ހުރެގެން ޔޫހާ ދިޔައީ ނައިޝަމްއަށް ކުދި ކިޔަމުންނެވެ. ”އިޓްސް އޯކޭ. ތަނަކަށް ތަދުވިތަ؟” ނައިޝަމްވެސް ވަމުން ދިޔަ ތަދަށް އޭނާގެ ހަށިގަނޑު ގަދަ ކުރަމުން ކޮޅަށް ތެދުވެލިއެވެ. އަދި އިސްޖަހައިލައިގެން ހުރި އައިލީޝްއަށް ބަލައިލިއެވެ. ”ނޫން ނުވޭ. ނައިޝަމްއަށް ތަދުވިތަ؟” އައިލީޝްގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ނައިޝަމް ބޯ ޖަހައިލިއެވެ.
”ހެއި. މީ ބޭބެގެ ފޯނު. ބޭބެއަށް ރައްދު ކޮށްލެވިދާނެތަ؟ އަހަރެންނަކަށް ނޭނގޭ ބޭބެގެ ކޮޓަރި ހުންނަ ތަނެއް. އެހެންވެ ހަދާނެ ގޮތް ނޭނގިގެން މިހުރީ.” ނައިޝަމް އޭނާގެ ބޯ ކަހައިލަމުން އައިލީޝްއާ ދިމާލަށް ފޯނު ދިއްކޮށްލިއެވެ. އައިލީޝް އިސްޖަހައިލައިގެން ހުރެ ފޯނުގައި ހިފިއިރު އޭނާގެ އަތް ދިޔައީ ތުރުތުރު އަޅަމުންނެވެ. ހިތްވެސް ތެޅެމުން ދިޔަލެއް ބާރު ކަމުން ހީވީ މޭކަށި ފަޅައިފައި ނުކުމެދާނެ ހެންނެވެ.
”ސާބަސް އައިލީޝްއަށް. މަންމައަށް ތިކަންތައް އިނގިއްޖާ ކިހާ ރުޅިއެއް އަންނާނެ. އަދިވެސް ތިއުޅެނީ މަންމަ އައިލީޝްދެކެ ރުޅި އަންނަ ވަރު ކުޑަވެގެންތަ؟ އެހައި ފަގީރު މީހަކާ އައިލީޝް ތިގޮތަށް ވާހަކަދައްކާތަން ފެނުމުން މަންމަ އިތުރަށް އައިލީޝްދެކެ ރުޅި އަންނާނީ.” ޔޫހާ އައިލީޝްގެ ކަންފަތްބުޑުގައި މަޑުމަޑުން ދައްކަމުން ދިޔަ ވާހަކަތައް އެންމެ ރަނގަޅަށްވެސް ދިޔައީ ނައިޝަމްއަށް އިވެމުންނެވެ. ޔޫހާ ބުނަމުން ދިޔަ ކޮންމެ ޖުމުލައެއް ނައިޝަމްގެ ހިތަށް އައިސް ވަނީ ދުނި ތީރުތަކެއް ފަދައިންނެވެ. އޭނާގެ މިލާފައިވާ މޫނު ފޮރުވަމުން ނައިޝަމް ކޮޓަރިއަށް ވަނީ އެހިތަށް ކެތް ނުކުރެވިގެންނެވެ.
އެނދުމަތީގައި އޮށޯވެލައިގެން އޮތް އިރު ނައިޝަމްގެ ލޮލުން ދިޔައީ އިސްކޫރަކުން ފެން ފައިބަންނަ ފަދައިން ކަރުނަތައް ފައިބަމުންނެވެ. އޭނާއާ މެދު އެގޭ މީހުން ދެކެމުން ދިޔަ ގޮތް ހިތަށް ސިފަވެގެން ދިޔުމުން ނައިޝަމްގެ ހިތް ހީވީ ކުދިކުދި ވެގެން ދިޔަ ހެންނެވެ. ފުރަތަމަ ނަޒަރުން އައިލީޝްއަށް ޓަކައި އޭނާގެ ހިތުގައި ވިންދެއް ޖަހައިލި ނަމަވެސް އޭނާއާ އައިލީޝްއާ އެއްވެސް ވަރަކަށް ނުގުޅޭކަން އެނގުމުން ނައިޝަމްގެ ހިތް މޯޅިވެގެން ދިޔައެވެ. އައިލީޝް އަކީ މުއްސަނދި ކުއްޖެކެވެ. އުޅެ އެ ބޮޑުވީ ހަމައަށް ކާން ލިބިގެންނެވެ. އުފަލާިއ އަރާމުގައިއެވެ. ނަމަވެސް ނައިޝަމް އުޅެ ބޮޑު އެވީ އެއްބައި ދުވަސް ދުވަހު އެންމެ އިރަކު ކައިލައިގެން ހުރެއެވެ. އަައިލީޝް ފަދަ މުއްސަނދި ކުއްޖަކަށް ނައިޝަމްގެ ހިތް ކިޔުނީތީ އޭނާގެ އަމިއްލަ ނަފްސަށްވެސް މަލާމާތް ކުރިއެވެ. އޭނާއަށް ކުރިން އެކަން ނުވިސްނުނީތީ އަމިއްލަ ނަފްސުދެކެ އިންތިހާ ދަރަޖައަށް ރުޅި އާ ދެވުނެވެ. ނަމަވެސް ނައިޝަމް ދުވަހަކުވެސް އެހެން މީހަކު އޭނާއާ ދިމާލަށް ފަގީރެކޭ ގޮވާއަޑު އަހާކަށް ބޭނުމެއް ނުވެއެވެ. މީހަކު އެހެން ގޮވާލިއަސް ނައިޝަމްއަށް ހިތްވަރު ދިނުމަށް ޓަކައި މަންމަ ނޫނީ ބައްޕަ ހުރެއެވެ. ނަމަވެސް މިއަދު އޭނާގެ ކައިރީ އެކަކުވެސް ހިތްވަރު ދޭން ނެތުމުން ނައިޝަމްގެ ބޮލަށް އިބިލީސް ސަވާރުވަމުން ދިޔައީ ނުހަނު ހަލުވިކަމާއިއެކުއެވެ. ވިސްނަން ނުޖެހޭ ހިސާބަށްވެސް ނައިޝަމްއަށް ވިސްނެން ފެށުނީ ހިތަށް ތަދުވަމުން ދިޔަލެއް ބޮޑުކަމުންނެވެ. ޔޫހާގެ ވާހަކަތަކުގެ ސަބަބުން ނައިޝަމް އޭނާގެ ހިތުގައި އައިލީޝްއާ މެދު ކުރިލައި ހެދެމުން އައި ލޯބި ފޮހެލަން މަސައްކަތް ކުރިއެވެ. ހިތަށް އެތައް ގޮތަކުން ވިސްނައިދިނެވެ. އެހެން އޮވެފައި ނައިޝަމް އަށް ނިދީގެ ފުން ކަނޑަކަށް ގެބިގެން ދިޔައީ އެސްފިޔަ ޖަހާލާ ހިނދުކޮޅެއްގެ ތެރޭގައިއެވެ.
***
”އަހަރެންނަށް ހީވަނީ ނައިޝަމް ކޮޓަރިއަށް ވަނީ އެ ޔޫހާ އަހަރެން ގާތު ބުނި ވާހަކަ އަޑު އިވުމުންހެން. އަހަރެންނަށް ފެނުނު ނައިޝަމްގެ ލޮލުން ކަރުނައެއް ވެއްޓުނު ތަން.” ވާހަކަ ފޮތަށް ގެއްލިފައި އޮތް ޔޫހާއަށް މީހަކު އެއްޗެކޭ ކިޔައިހެންވެސް ހީނުވެއެވެ. އެހައިވެސް ބޮޑަށް އޭނާ އޮތީ ވާހަކައިގެ ތެެރެއަށް ވަދެފައިއެވެ. އިތުރަށް އައިލީޝްވެސް ޔޫހާ އާ ވާހަކަ ދައްކަން ނުހަދައި ކޮޓަރިން ނުކުމެގެން ދިޔައީ ޒާހިދާ އައިސްދާނެތީއެވެ. ކޮންމެ ރެޔަކު ޒާހިދާ ނިދަން ދާނީ ޔޫހާ ނިދި ތޯ ބަލައިފައެވެ. ނުނިދާނަމަ ކުޑަކުއްޖެއް ފަދައިން ނިންދަވާދީފައިއެވެ. ނަމަވެސް ޒާހިދާގެ އެ އުޅުން ދެކެ ޔޫހާ އަންނަ ރުޅި ބުނަންވެސް ނޭނގެއެވެ.
އާކިފް މާލޭގައި ނޫޅޭ ދުވަސްދުވަހު އައިލީޝްއާ ދިމާލަށް ޒާހިދާ ކިޔައި އެއްޗެހި އެންމެ ކައިރިން އަޑުއަހަން ހުންނާނި ޔޫހާއެވެ. އެއިން ކޮންމެ ފަހަރަކުވެސް ޔޫހާ އައިލީޝްގެ ދިފާއުގައި ނުކުމެއެވެ. ޒާހިދާ އަކީ އާކިފް ގޭގައި އުޅޭ ދުވަސް ދުވަހު ނުހަނު ހެޔޮ މީހެކެވެ. އައިލީޝްއަށް ވެސް އެހައި ހެޔޮ ވާނެއެވެ. އެހެންނަމަވެސް އާކިފް ނޫޅޭ ދުވަސް ދުވަހު ގޭގެ ހުރިހާ ކަމެއް ކުރަން ޖެހޭނީ އައިލީޝްއަށެވެ. ކަމެއް ރަނގަޅަށް ނުކޮށްފިއްޔާ އެއްޗެހި ގޮވާނެއެވެ. ޔޫހާއަށް ވެސް އައިލީޝްއާ ބައިވެރިވެލާކަށް ޒާހިދާ ފުރުސަތެއް ނުދެއެވެ. އާކިފްއަކީ ބޯޓު ދަތުރުކުރާ މީހެއްކަމުން ހުރިހާ ކަމެއް އައިލީޝް އަށް ކުރުމުގެ ބާރު އޮންނަނީ އޭޏާއަށް ލިބިފައިއެވެ. ޒާހިދާއަކީ މަކަރުވެރިކަމާއި ދޮގުވެރިކަމުން ފުރިފައިހުރި މީހެކެވެ. އޭނާގެ ނުބައި ބަސްތަކުން ޔޫހާ އަދި އައިލީޝްގެ ދޫވެސް ބަންދުކޮށްލާފައި ވަނީ ނުހަނު މޮޅަށެވެ.
***
އެނދުގައި ދެފަރާތަަށް ޝަމްހާއަށް ފުރޮޅެމުން ދިޔައީ ލޮލަށް ނިދި ނައިސްގެންނެވެ. އެނެއްކޮޅުން އޭނާގެ ހިތަށް އުނދަގޫވެސް ވަމުން ދިޔައީ އެހައިމެ ބޮޑަށެވެ. ކީއްވެ ކަމެއް އޭނާއަކަށް ނޭނގެއެވެ. ކޮންމެސް ކަމަކާ ދިޔައީ އޭނާ ބިރުގަންނަމުންނެވެ. ފުރަތަމަ ފަހަރަށް ނައިޝަމް އެނާގެ ކައިރީގައި ނެތްކަން އިހްސާސް ވަމުން ދިޔަ ވަރަކަށް އޭނާގެ ހިތް މާބޮޑަށް ބިރުގަންނަން ފަށައެވެ. ނަމަވެސް ކައިރީގައި އިޝާމް ނިދާލާފައި އޮތީ ނުުހަނު އަރާމުކޮށެވެ. ”ޝަމްހާ. އަދިވެސް ނިދި ނާންނަނީތަ؟” ލޯ ހުޅުވައިގެން އޮތް ޝަމްހާއަށް ސިހުން ލިބުނީ އިޝާމްގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ.
”ހޫމް އެއްވެސް ވަރަކަށް އަހަރެންގެ ލޮލަކަށް މިރެޔަކު ނިންޖެއް ނައި. ކޮންމެސް ކަމަކާ ހިތް ބިރުގަނެފަ މިހުންނަނީ. ހިތަށް އަރަނީ ނައިޝަމް އެއުޅެނީ ހަމަޖެހިގެންނެއް ނޫނޭ.”
”ޝަމްހާ. ނައިޝަމް ބުންޏެއްނު ވަރަށް ރަނގަޅޭ ގޭގެ މީހުންވެސް. ހުރިހާކަމެއްވެސް ހަމަ ވަރަށް ރަނގަޅޭ. ދެން ކޮންކަމަކާތަ ތި ފިކުރުބޮޑުވަނީ؟ އެކަމާ އެހާ ވަރަށް ފިކުރު ނުކޮށް ނިދޭތޯ ބަލައި.” އިޝާމްބެލީ ޝަމްހާއަށް ވިނައިިދެވޭތޯއެވެ. އިޝާމްގެ އެބަހަށް ޝަމްހާވެސް ނިދަން މަސައްކަތް ކުރިއެވެ. ހިތަށް އެތައް ގޮތަކުން ވިސްނައިދީގެންވެސް ޝަމްހާ ނިދޭތޯ ބެލިއެވެ. އެކަން އޭނާއަށް ހާސިލްވެސް ވިއެވެ.
***
”ނަތާޝާ. ކިހިނެއްތަ؟ މިގުޅާލީ ވަރަށް ބޮޑު ކަމަކުއޭ.” އާކިފްގެ އެދުމުގެ މަތިން ޒާހިދާ ވާހަކަ ދައްކަމުން ދިޔައީ އޭނާގެ އެކުވެރި ނަތާޝާއާއެވެ. ”ހަމަ ވަރަށް ރަނގަޅު. އަނެއްކާ ކޮން ކަމަކު ބާ ތިގުޅާލީ؟”
~ ނުނިމޭ ~
9 Comments!
Comments are closed.
yey me first dhw.. Masha Allah varah reethi mi part vx curiously waiting for nxt .. hope it will up soon …
yes ur first.. and thanks friend
Varah varah reethi mi part vx…masha allah…waiting for the nxt….and whn nxt…
thanks kairaa
Friend nd kairaa mi binaa kuruvanivi faadu kiya baeh noonnennu.
knme faharaku kureh nooneh nunn .. kuruvaa knme faharaku shakuvaa kuraakah nuvaane.. ?
Me nu mi vaahaka ah faadu kiyumaky alhugandu ge v bodu edhumeh.. Me nu vaahaka aa medhu dhekey gothaa.. btw thanks
Maa sha Allah❤❤❤❤❤❤❤
varah varah varah reethi ❤❤❤
Waiting waiting for the next part❤❤???❤❤❤????
thanks yanaa