”ނަތާޝާ. ކިހިނެއްތަ؟ މިގުޅާލީ ވަރަށް ބޮޑު ކަމަކުއޭ.” އާކިފްގެ އެދުމުގެ މަތިން ޒާހިދާ ވާހަކަ ދައްކަމުން ދިޔައީ އޭނާގެ އެކުވެރި ނަތާޝާއާއެވެ. ”ހަމަ ވަރަށް ރަނގަޅު. އަނެއްކާ ކޮން ކަމަކު ބާ ތިގުޅާލީ؟”
”އާކިފްވެސް މިހާރު ރަށުގަ އުޅޭބަ. ކިހާ ދުވަހެއް ވެއްޖެ އަހަރެމެން ބައްދަލު ނުވާތާ. އެއްސުފުރާ މަތިން ނުކާލާތާ. އެހެންވެ. މާދަން ހަވީރު ހަތަރަކަށް ދައުވަތު ދޭން ވެގެން ގުޅާލީ މި. އެންމެން ގޮވާގެން އަންނައްޗެ.” ނަތާޝާގެ ޖަވާބެއް ލިބުމުން ޒާހިދާ ވަގުތުން ފޯނު ކަނޑާލީއެވެ. އަދި އާކިފްގެ މޫނަށް ބަލާލީ ވާހަކައެއް ބުނަން އުޅޭ ފަދަ ގޮތަކަށެވެ. ”އާކިފް.”
ޒާހިދާގެ އަޑަށް ފޯނަށް ގެއްލިފައި އިން އާކިފް ދިޔައީ ސިއްސައިގެންނެވެ. ވަގުތުން ހަމައަކަށް އެޅެމުން ހޫމް އޭ ބުނެލީ ޒާހިދާއަށް އޭނާގެ ނަޒަރު ހުއްޓާލައިގެން އިނެއެވެ. ”އަހަރެން މި ހިތަށް އަރަނީ އާކިފްއަށް އެނޫން ކުއްޖެއް މިގެޔަށް ގެންނަން ނުފެނުނީ ބާވައޭ. ދެންމެވެސް އަހަރެންނަށް ފެނުން އެކުއްޖާއާ އައިލީޝް އާ ދެމީހުން. އަހަރެން އެހާ ހިތްހަމައެއް ނުޖެހޭ އެކުއްޖާ އާ މެދު. ފޮނުވާލަން ވީ ނުން. އަނެއްކޮޅުން ރުފިޔާއެއްވެސް ދޭނީއެއް ނުން. ގެޔަށް ލާރިއެއްވެސް ލިބޭނީ ރުފިޔާ ދެވޭ ވަރުގެ މީހެއް ވެއްދީމައެއް ނުން. ފަގީރު ނިކަމެތި ކުއްޖެއް.” ޒާހިދާ ބޭނުންވީ ކޮންމެވެސް ގޮތަކުން އާކިފްގެ ބޮލަށް އެރިލައިށެވެ. އެކުއްޖާ ހުރެއްޖާ އޭނާ ކުރަން ހުރި ކަންތައް ނުކުރެވޭނެތީއެވެ.
”ޒާހިދާ! އަހަރެން ހިޔެއް ނުކުރަން ޒާހިދާ ތި ގޮަތަށް ވާހަކަ ދައްކަ ފާނެ ކަމަކަށް. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ދަރިއެއް. އެމީހުން ކިތަންމެ ފަގީރަކަސް ހުރީ ރުފިޔާ ދޭން ތައްޔާރަށް. އެކަމު އަހަރެން އެކަށް ދެކޮޅު ހެދީ. ފަގީރު ކުއްޖެއް ގެނަޔަސް ޒާހިދާ ކީއްވެ ނައިޝަމްދެކެ ތިހާ ރުޅި އަންނަނީ ތި؟ ބަލަ ޒާހިދާވެސް އުޅުނީ އެހާލަކު ނޫންތަ؟ އަހަރެންނެއް ނޫންތަ ޒާހިދާއަށް އެހީ މި ވަނީ؟ އަހަރެން ޒާހިދާއާ ކައިވެނި ނުކުރިނަމަ ޒާހިދާ އުޅޭނީ ކޮންފަދަ ހާލެއްގައިތަ؟” އާކިފްގެ ގާތަށް އައީ ރުޅިއެވެ. ޒާހިދާގެ ވިސްނުން ހުރިގޮތުންނެވެ. އެންމެ ހިނދުކޮޅަކަަށް ވެސް ދެން ޒާހިދާއާ ވާހަކަ ނުދައްކާ އާކިފް ނިދަން އޮށޯތީ ޒާހިދާގެ ވިސްނުމާ މެދު ހިތާމަވެސް ކުރަމުންނެވެ. ޒާހިދާ އައި ރުޅީގައި އެނދު މައްޗަށް ޖެހިގަތީ ނައިޝަމްއަށް ކުދި ކިޔަމުންނެވެ. އަދި އާކިފްއަށް ލޯ އަޅާލަމުންނެވެ.
***
ފަތިހުގެ ހިތްގައިމު ވަގުތުގައި އައިލީޝް ހުއްޓިލައިގެން ހުރީ ފިނިފެންމާ ގަސްތަކުގެ ކައިރީގައިއެވެ. ރަތްކުލައާއި ފިޔާތޮށި ކުލައިގެ ފޮޅިފައިވާ ފިނިފެންމާ ތަކުން ގަސްތައްވެސް ޖަރީކޮށްލާފައިވާ އިރު އެމަންޒަރު އިތުރަށް ފުރިހަމަ ކޮށްދެނީ މާތަކުގައި ފޮނި ބޯން އުޅުނު ކުދިކުދި ކޮކާތަކުގެ ސަބަބުންނެވެ. ފިނިފިނި ވައި ރޯޅިތައް ގަސްތަކުގެ ފަތްތައް ތަޅުވާލައިފާ ދާއިރު އައިލީޝްގެ ހަށީގަނޑުގައި އެވައިރޯޅިތައް ޖެހިލައި ގޮތުން އޭނާގެ ގައިގައި ހުރި ހުރިހާ ލޯލިތަކެއް ކޮޅަށްޖެހެމުން ދިޔައެވެ. މާހައުލުގައި ހިފާލާފައި ހުރި ކޮވެލިތަކާއި ދޫނިތަކުގެ މިޔުޒިކީ ރާގުން އެވަގުތު ކޮޅުގެ އަރާމުކަން ދެގުނަވެގެން ދެއެވެ. ނަމަވެސް އެއިން އެއްވެސް ކަމަކުން އައިލީޝްގެ ހިތަށް ހަމަޖެހުމެއް ލިބުނި ހެންނެއް ހިޔެއް ނުވެއެވެ. އެއިން އެއްވެސް ކަމަކަުން އޭނާގެ ސިކުނޑިއަށް ލުޔެއް ލިބުނު ހެންނެއް ހިޔެއް ނުވެއެވެ. ހީވާ ގޮތުން އޭނާ އަދިވެސް ވިސްނަމުން އެދަނީ ރޭގައިވީ ކަންތަކާއި މެދުއެވެ.
”އަހަރެން ދެން ކިހިނެއް ހަދާނީ. ޔޫހާގެ ސަބަބުން މިއަދު އަހަރެންނަށް ނައިޝަމްގެ ކުރިމައްޗަށް އަރަން ނުވެސް ކެރޭނެ. ނައިޝަމް ހުންނާނި ވަރަށް ދެރަވެފަ. އާހް. ދެން ކިހިނެއް ހަދާނީ.” އައިލީޝް އޭނާގެ މޫނަށް މާޔޫސްކަން ވެރިކުރުވައިގެން މާހައުލުގައި އުދުހެމުން ދިޔަ ކޮކާތަކަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. ޜޭގައިވީ ކަންތަކާއި އޭނާގެ ހިތް ރޮމުން ދިޔައިރު ސިކުނޑިވެސް ދިޔައީ ރޮމުންނެވެ. ”އަހަރެންނަށް ދުވަހަކު އުފަލެއް ލިބެން ނެތީ ހެއްޔެވެ؟ ދުވަހަކު ލޯތްބެއް ލިބެން ނެތީ ހެއްޔެވެ؟ އެހެން ވެއްޖެކަމަށް ކަމަށް ވަނީ ނަމަ އަހަރެން މިދުނިޔޭގައި ހުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ހިތާމަ އާއި މާޔޫސްކަން ފިޔަވައި އަހަރެންގެ އެކައްޗެއްވެސް މިއަދު ނެތީ ހެއްޔެވެ؟ އަހަރެންނަށް ހަމަޖެހުމެއް ލިބެން އޮތީ މަހަކު ތިން ދުވަހު ހެއްޔެވެ؟ ނޫނީ ދެދުވަހު ހެއްޔެވެ؟ މިއީ އިންސާފު ހެއްޔެވެ؟ އަހަރެންނަށް ވަކި އުފަލެއް ލިބެން ނެތީ ކީއްވެ ހެއްޔެވެ؟ ލޯތްބެއް ލިބެން ނެތީ ކީއްވެ ހެއްޔެވެ؟ މަންމައެއްގެ ލޯބި އަހަރެންނަށް ލިބެން ހަމަ ނެތީ ހެއްޔެވެ؟
އައިލީޝްއަށް ހުރި ތަނަށް ތިިރިވެވުނީ ހިތަށް ކުރަމުން ދިޔަ ވޭނެއްގެ ސަބަބުންނެވެ. އެ ހިތުގައި މިއަދު އަޅަމުންދާ ވޭން އެހެން މީހަކަށް އިހްސާސްވެސް ނުކޮށްލެވޭނެކަން ކަށަވަރެވެ. ގަދަކަމުން އާކިފްގެ ކުރިމަތީގައި ”ފޭކް” ހިނިތުންވުމެއް އައިލީޝް އަޅުވައިގެން އުޅުނެއް ކަމަކު އޭނާގެ ހިތުގައި އެތައް ޒަޚްމެއް ވެއެވެ. އެތައް ޝަކުވާއެއް ވެއެވެ. އެތައް އުދާހެއް ވެއެވެ. ނަމަވެސް އެ އުދާސްތަކުން މިންޖުވާނެ ގޮތެއް، ކުރާނެ ކަމެއް އެއްވެސް ވަރަކަށް އައިލީޝްއަކަށް ނުވިސްނެއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ކޮންމެ ދުވަހަކު އެއް ކަމަކާއި ކުރިމަތި ލާން ޖެހުމުން އެ ހަށިގަނޑު އެވަނީ ބަލިކަށިވެފައިއެވެ. ކެތްކުރަން ދަތިވެފައިއެވެ.
***
ނައިޝަމްގެ ހާލަކީތޯއެވެ. ރޭގައި ޔޫހާ އޭނާއަށް ދިމާލަށް ބުނި ކޮންމެ ބަހެއް އަދިވެސް ދިޔައީ އޭނާގެ ކަންފަތުގައި މެދުކެނޑުމެއްނެތި ގުގުމަމުންނެވެ. ރުއިމުގެ ސަބަބުން ލޮލުން ނަގަމުން ދިޔަ ދިލައަށް ކެތްކުރަމުން ދިޔަ ނަމަވެސް ނައިޝަމްގެ ހިތުގައި އަޅުމުން ދިޔަ ވޭނަށް ކެތް ކުރުން އޭނާއަށްވީ ދަތިތަކަށެވެ. ”އަހަރެންނަށް ހަމަ މިނޫން ގޮތެއް ނެތީ ހެއްޔެވެ؟ ކޮންމެ މީހަކުވެސް އަހަރެންނާ ދިމާލަށް ފަގީރެކޭ ކިޔާއިރު އަހަރެންގެ މި ހިތަށް ވާ ތަދު އެމީހުންނަށް އިހްސާސް ކުރަން ނޭނގެނީ ހެއްޔެވެ؟ މި ހިތުގައި އަޅަމުންދާ ވޭން ނޭނގެނީ ހެއްޔެވެ؟ މީ ކޮން ކަހަލަ ދުނިޔެއެއް ހެއްޔެވެ؟ މަންމައާއި ބައްޕަގެ ފަރާތުން މެނުވީ އެހެން މީހެއްގެ ފަރާތުން އަހަރެންނަށް އެހެން ލޯތްބެއް ލިބެން ހަމަ ނެތީ ހެއްޔެވެ؟ ފަގީރަކަސް ނިކަމެއްޗަކަސް އަހަރެންނަކީވެސް ހަމަ އިންސާނެކެވެ.”
ނައިޝަމް އުންމީދު ކޮށްގެން ހުރީ މާލެ އާ ދެވުމުން ރަށު މީހުން އޭޏާއަށް ކުރަމުން ދިޔަ މަލާމާތްތަކުން ދުރުވެވުނީ ކަމަށެވެ. ނަމަވެސް ކަންތައް ދިޔައީ ހީކުރި ގޮތާ މުޅިން ދެކޮޅަށެެވެ. ކުރިއަށް އޮތްތާގައި ނައިޝަމްއަށް އެގޭގައި އުޅެވޭނެ ކަމާމެދު އޭނާއަށް ޝައްކެވެ. ރަށުގައި މީހުން ކުރަމުން ދިޔަ މަލާމާތަށް ކިތަންމެ ކެތްކޮށްގެން ހުރި ނަމަވެސް ދެން އެނާގެ ގަޔަކު ކެތް ކުރާނެ ވަރުގެ ހިތްވަރެއް ނެތެވެ. ކެތެކޮށްކޮށް އެހިތް މިހާރު ވަރުބަލިވެއްޖެއެވެ. ވަރު ދޫވެއްޖެއެވެ. ރަށުގައި ހުރި އިރު މަންމައާއި ބައްޕަގެ ހިތްވަރުގެ ބަސްތައް ލިބުނެއް ކަމަކު މިއަދު އޭނާގެ ގާތުގައި އެކަކުވެސް ނެތެވެ. ހިތްވަރުގެ ބަހެއް ބުނާކަށް އެންމެ މީހެއްވެސް ނެތެވެ. އެހެންކަމަށް ވެއްޖެނަމަ އޭނާއަށް މިކަމުގައި ކެތް ކުރެވޭނެ ހެއްޔެވެ؟ ހުދު މިއީ ނައިޝަމްގެ ހިތުގައިވެސް އުތުރިއަރަމުން އަންނަ ސުވާލެކެވެ. މަންމައާއި ބައްޕަގެ ލޯބިވެތި ފިރުމުންތަކާއި ހިތްވަރުގެ ބަސްތަކުން ކެތް ކޮށްލައިގެން އޭ ލެވެލް ނިންމައިލި ނަމަވެސް މިއަދު އޭނާ މާލެއަށް ކުރަން އައި ކަންތައް ކުރެވޭނެ ކަމާއި މެދު އޭނާގެ ހިތުގައި ދިޔައީ އެތައް ސުވާލެއް އުފެދެމުންނެވެ. މަންމައާއި ބައްޕަގެ އުންމީދުތައް ހާސިލް ކުރެވޭނެ ކަމާއިމެދުވެސް މިއަދު އޭނާއަށް ޝައްކެވެ.
***
ހެނދުނު އިރުއެރީންސުރެ ޝަމްހާ އަވަދިނެތި ބަދިގޭގައި އުޅުނީ ލާން ކާނެ އެއްޗެއް ހެދުމުގައިއެވެ. އޭނާގެ ފިރިމީހާ އިޝާމް ހޭލަން ވާ އިރަށް އެއީ އޭނާއަށް ކުރަން ލާޒިމްކަމެއް ފަދައެވެ. ނަމަވެސް ޑޮކްޓަރުން އޭނާއަށް ގިނައިން މަސައްކަތް ކުރުން މަނާކޮށްފައި ވާތީ އިޝާމް ކޮންމެ ދުވަހަކުވެސް އޭނާއަށް ނަސޭހަތްތެރި ވަމުން އައީ އެކަމަށެވެ. ނަމަވެސް ޝަމްހާ ކަހައިތާ ހިރުވައިވެސް ނުލައިއެވެ. އޭނާގެ މަސައްކަތް އޭޏާ ދިޔައީ އެންމެ ފުރިހަމައަށް ކުރަމުންނެވެ. ދެމީހުންނަށް ވާނެ ވަރަށް ކެއްކުމަށް ފަހު ޝަމްހާ ދެން އުޅުނީ ކަނޑާފަައި ހުރި ބަބުކެޔޮ ތަކުގެ ތޮށިމަށާށެވެ. އެއްކަމަކަށް ފަހު އެނެއް ކަމެއް އޭނާ ކުރަމުން ދިޔައިރު ހީވަނީ މެޝިނެއް ހެންނެވެ. އެހައިވެސް ހަލުވިއެވެ.
”މިއަދުވެސް ޝަމްހާ ތިއުޅެނި މާ ބުރަކޮށް. އަހަރެން ކިތައް ފަހަރު ޝަމްހާ ކައިރީ ބުނަންވީ އެހައި ބުރަކޮށް ނޫޅޭށޭ. އަހަރެން ބޭނުމެއް ނޫނޭ ޝަމްހާ ތިހައި ބުރަކޮށް އުޅޭކަށް. ތިހެން އުޅުނެއްކަމަކު އަހަަރެންވެސް މިހުރީ އެހީވާން. ޝަމްހާ ހޭލާ ގަޑިއަކު އަހަރެންނަށްވެސް ގޮވާލަބަަލަ.” އިޝާމް އޭނާ ބޭނުންވާ ގޮތް ކޮންމެ ދުވަހަކު ޝަމްހާގެ ގާތުގައި ބުންޏެއްކަމަކު އަޑުއަހައި ނަމަތާއެވެ. ނަމަވެސް އެކަންތައް ކޮންމެ ދުވަހަކު އިޝާމް ތަކުރާރު ކުރަނީ އެއްވެސް ފޫހިކަމެއް ނެތިއެވެ. ”ކީއްކުރަން ބަބުކެޔޮ މަށަނީ ތި؟”
”މިއުޅެނީ ނަަައިޝަމްއަށް ފޮނުވާލަން ބަބުކެޔޮ ކޮޅަކާ ކާޖާ ކޮޅެއް ހަދާލަން. އެސޮރު ވަރަށް ހަނދާން ވާނެ މީއްޗެހި މަތިން. އެހެންވެ.” ޝަމްހާ އޭނާ ކުރަމުން ދިޔަ މަސައްކަތައް ސަމާލުވެލައިގެން އިނެ ބުނެލިއެވެ. އިޝާމްއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.
***
”އައިލީޝް! އައިލީޝް..” ޒާހިދާ އަޑުގެ ނެތްކޮޅަށް އައިލީޝްއަށް ގޮވަމުން އައި އިރު ހީވަނީ ތަނެއްގައި ރޯވެގެން އުޅޭ ހެންނެވެ. ނަމަވެސް ހަމައެކަނި ތަފާތީ އޭނާގެ އަޑުގައި ރުޅިވެރިކަން ހުރުމުންނެވެ. ”ލައްބަ ދައްތާ. ކިހިނެއްތޯ ވީ؟” މާގަސްތަށް ކައިރީގައި ހުރި އައިލީޝް ދުވެފައި އައިސް ޒާހިދާގެ ކުރިމައްޗަށް އެރީ އަވަސްވެފައިވާ ހިތަކާއިގެންނެވެ.
”ލައްބަ ދައްތާއޭ. ބަލަ އަހަރެން ނުބުނަންތަ އައިލީޝް ގާތު އަހަރެންނާ ދިމާލަށް ދައްތާއޭ ނުކިޔާށެކޭ. ޒާހިދާއޭ ކިޔާ. އަހަރެން ބޭނުމެއް ނޫން ތިދުލުން އަހަރެންނާ ދިމާލަށް ދައްތައެކޭ މަންމައެކޭ ކިޔާކަށް. މިހާރު ކާން ހެދިއްޖެ ތަ؟ ކަލޭގެ ބައްޕަ އެބައާދޭ ތައްޔާރުވެލައިގެން ކާން. އަންނަން ވާއިރަށް ކާން ތައްޔާރު ކޮށްފަ ބަހައްޓާތި.” ޒާހިދާ އޭނާގެ ހަރުއަޑުން ވާހަކަ ދައްކަމުން ދިޔައިރު ގޭގައި ތިބި އެކަކަށްވެސް އެކަން ރޭކާ ނުލައި ފަދައެވެ. ޒާހިދާގެ ކޮންމެ ބަހަކަށް އައިލީޝް ކެތްކޮށްލައިގެން ހުރިއިރު ލިބިދާނެ ހަމަލާއަކަށް އޭނާގެ ހިތް ދިޔައީ ބިރުން ތެޅިފޮޅެމުންނެވެ. ހަމަލާއަކަށް ކިތަންމެ ތައްޔާރު ވެގެން ހުރި ނަމަވެސް ޒާހިދާ އޭނާގެ އަތުގެ ހުރި ބާރެއް ލާފައި އައިލީޝް ކޮއްޕާލާފައި ދިޔުމުން އައިލީޝް ގޮސް ބަނޑުވަތައް ވެއްޓުނީއެވެ. ލިބުނި ތަދަށް އޭނާގެ ހަށިގަނޑު ބާރުގަދަކޮށްލައިގެން ކޮޅަށް ތެދުވި ނަމަވެސް އެ ހަށިގަނޑުގައި ނުރިއްސާ އެންމެ މަސްކޮޅެއްވެސް ނެތެވެ. އިތުރު ހަމަލާއެއް ލިބެން ބޭނުން ނުވާތީ އައިލީޝް އޭނާގެ އަތްމަތި އަވަސްކޮށްލީ އާކިފްމެން ކާން އަންނަންވާ އިރަށް ކާން އެއްޗެއް ހަދައިލެވޭތޯއެެވެ.
***
”ނަތާޝާއަށް ހީވަނީ ޔޫނާން ކީކޭ ހެން ބުނާނީ؟ ޒައިކްގެ ހިޔާލު ހުންނާނެ ގޮތް ނޭނގޭތީ ވެސް އަހަރެން ވަރަށް ބިރު އެބަގަނޭ.” ޝާހިދުއަށް އަދިވެސް ވިސްނެމުން ދިޔައީ އެދެމީހުން ދޭނެ ޖަވާބެއް ނޭނގޭތީ އެކަމާއެވެ. ”ޝާހިދު ތިކަމާ އެހާ ހާސް ނުވެބަލަ. އިރާދަކުރެއްވިއްޔާ އަހަރެމެން މި އެދުމަކަށް އެމީހުން ދެކޮޅެއް ނުހަދާނެ. ދެން ތިކަމާ ނުވިސްނާ. މިއަދު އެބައޮތް ޒާހިދާގެ ދައުވަތެއްވެސް ލިބިފަ. ހަތަރުގަޑި ބައިގަ.” ނަތާޝާ އެނދުން ތެދުވެލައިގެން މޫނު ދޮވެ ތައްޔާރުވެލަން ދިޔައީ ހެނދުނު ކާނެ އެއްޗެއް ތައްޔާރު ކޮށްލުމަށެވެ.
”ނުވިސްނާ ހުންނާނީވެސް ކިހިނެއް؟ އަހަރެން އެކަނި މާ އެކަންޏެއް ދެނެއް އެ ތިން ރެސްޓޯރެންޓެއް ނުހިންގޭނެ. މީހުންވެސް އަހަރެންނަށް ކުރަނީ މަލާމާތް މިހާރު. ބޮޑުވެފައި ތިބި ދެފިރިހެން ދަރިން ގޭގައި ބައިތިއްބާފައި ހުންނާތީ. އެއްވެސް މަސައްކަތެއް ނުކޮށް. ނުކިޔަވާ.” ޝާހިދުގެ ލޮލުން ކަރުނައެއް ވެއްޓިގެން ދިޔައީ އޭނާއަށް ނުވެސް އެނގި ހުއްޓައެވެ.
***
”އާކިފް. އާކިފް! އެއޮށްގެން މިހާރު އަށެއް ޖަހަނީ. ސައި ބޯން ތެދުވަންނަންވީ ނުން.” ޒާހިދާ އާކިފްއަށް ގޮވަމުން ދިޔައިރު އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމުގެ އަސަރުތަކެވެ. ހީވާގޮތުން އޭނާއަދިވެސް ރޭގައި އަދި އައިލީޝްއާ މެދު ހިނގާ ދިޔަ ކަންތަކާއި މެދު ހަމައަކަށް ނޭޅެނީއެވެ. ”ހާދަ އަވަހަކަށް މިއަދު ސައި ތައްޔާރު ކޮށްލީ. އެހެންޏާ ދިހައެއް ޖަހާކަންހާއިރު ޒާހިދާ އައިސް އަހަންނަށް ގޮވާނީވެސް. މިއަދު އަނެއްކާ ކިހިނެއްވީ؟” އާކިފް ވާހަކަ ދައްކަމުން ދިޔަ ރާގުން ރޭގައި ހިނގައި ދިޔަ އެއްވެސް ކަމެއް އޭނާގެ ހަނދާނަކު ނެތް ފަދައެވެ.
”އާން އެ. އައިލީޝް މިއަދު ތަންކޮޅެއް އަވަހަށް ބަދިގެއަށް ވަދެ ސައި ތައްޔާރު ކޮށްލާފަ ހުރީ. އަހަރެން ދެން އަތްގާތް ކޮށްލަދޭން ދިޔާއީމެވެސް ބުނީ މިއަދު މަންމަ ވަންނާނެ ކަމެއް ނެތޯ ބަދިގެއަކަށް. އައިލީޝް ވަރަށް ރަނގަޅޭ. ގިނަ ފަހަރު އަހަރެންނަށް ނުޖެހޭނެ ގޭގެ އެއްކަމެއް ވެސް ކުރާކަށް. އެހެރީ ވާ ރަންދަރިޔެއް އާކިފްއަށް ލިބިފައި.” ޒާހިދާ އޭނާގެ ފަހު ޖުމުލަ ބުނެލީ ދަތްތަކަށް ބާރު އަރުވާލަމުން މަލާމާތުގެ ރާގަކަށެވެ. ނަމަވެސް އާކިފްއަށް އެކަމެއް ފާހަގަވި ހެންނެއް ހިޔެއް ނުވެއެވެ. ޒާހިދާގެ ބުނެލި ބަސްތަކުން ހިތަހަމަޖެހިފައި އާކިފް އިން އިރު ޒާހިދާގެ ހިތުން އެދެމީހުންނަށް ޓަކައި އަދަމުން ދިޔައީ ރުޅިވެރިކަމުގެ ހޫނު އަލިފާނެއެވެ. އިތުރަށް އާކިފް ބުނަމުން ދިޔަ ކޮންމެ ޖުމުލައެއް ވީ އެއަލިފާން ގަނޑަށް އެޅެމުން ދިޔަ އިތުރު ދަރުތަކަކަށެވެ. އެހެންނަމަވެސް ޒާހިދާއަށް އޭނާގެ ރުޅި ހިފަހައްޓާލެވުނީ ހަމަ ކިރިޔާއެވެ.
އާކިފް ތައްޔާރު ވެލައިގެން ކާގެއަށް ވަންއިރު އައިލީޝް ހުރިހާ ކަމެއް ކޮށް ނިންމާފައި މޭޒުމައްޗަށް ތަށިތައް އަރުވަނީއެވެ. ނަމަވެސް އަވަސްއަރުވާލައިގެން އުޅުނު އައިލީޝްއަށް އެތަނަށް މީހަކު އައިސް ހުރިކަމެއް ރޭކައިވެސް ނުލައިއެވެ. ”ދަރިފުޅާ! ހާދަ އަވަސް އަރުވައިލައިގެން. ބައްޕަ ވަރަށް އުފާވޭ ދަރިފުޅާ މެދު. ދޮންމަންމަވެސް ދަރިފުޅުގެ ހެޔޮ ވާހަކަ ބައްޕަގެ ގާތު ބުނާނެ ކޮންމެ ދުވަހަކު. ދަރިފުޅު ތިއުޅެނީ ދަރިފުޅުގެ މަންމަ އުޅޭ ގޮތަށް. މަންމަވެސް ބޭނުމެއް ނުވާނެ ގޭގެ މަސައްކަތެއް މާމަ ކުރާކަށް. ހުރިހާ ކަމެއްވެސް ކުރާނި މަންމަ.” އާކިފް އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އޭނާގެ މޫނުމަތީގައި ވަނީ މަސްނޫއީ ހިނިތުންވުމެކެވެ. ނަމަވެސް އައިލީޝްގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައާއި ވަރުބަލިކަމެވެ.
”އާކިފް! ދެން އިށީނޭ ކާން. މިއަދު ޖެހޭނުން އަދި އެ ނައިޝަމްގެ ކޮލެޖްގެ ކަންތައް ހަމަޖައްސަންވެސް. އައިލީޝް ދޭބަލަ ނައިޝަމްއަށާއި ޔޫހާއަށް ގޮވާލަން. އަދިވެސް ނިދާފަ ކަންނޭނގެ.” ވަރުބަލިވެގެން ގޮސް ހަލާކުވެފައި ހުރި ނަމަވެސް އައިލީޝް ބެލީ ޒާހިދާ ބުނަމުން ދިޔަ ކޮންމެ ކަމެއްވެސް ކުރެވޭތޯއެވެ. ލިބެމުންދާ އަނިޔާތަކުން ސަލާމާތްވާށެވެ. ނަމަވެސް ނައިޝަމްއަށް ގޮވަން ޖެހުމުން އައިލީޝް ހުރީ އެކަމާ ޖެހިލުންވެފައިއެވެ. ހިތް ބިރުގަނެފައިއެވެ. ނައިޝަމް ބުނާނެ، ހަދާނެ ގޮތެއް ނޭނގޭތީއެވެ.
***
ކުކުޅު ހާލާއެއްކޮށް ހޭލައިގެން ޔުނާން ޖިމަށް ދިޔައީ އޭނާގެ ކަސްރަތީ ހަށިގަނޑު އިތުރަށް ވަރުގަދަ ކުރުމަށް ޓަކައިއެވެ. އެއީ އޭނާގެ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ނަމާދު ނުކުރެވުނަސް ޖިމަށް ދެވޭތޯ ކޮންމެ ދުވަހަކުވެސް ބަލާނެއެވެ. ނަމަވެސް މިއަދު އޭނާއަށް އެކަމަށް ސަމާލުކަމެއް ނުދެވުނެވެ. ޖިމަށް ދާ ހިތެއްވެސް އޭނާގެ ނެތެވެ. އެނދުމަތީގައި އޮށޯވެލައިގެން އޮވެ ވިސްނަމުން ދިޔައީ ޝާހިދު ދެއްކި ވާހަކަތަކާއި މެދުއެވެ. ވަޒީފާއަކަށް ދާކަހަލަ އެއްވެސް ހިޔާލެއް އަދިވެސް އޭނާ ނުގެންގުޅެއެވެ. ނަމަވެސް ޝާހިދު އެވަރަށް އާދޭސް ކުރުމުން އެކަން ކުރަން ޔުނާން ނިންމީ އޭނާއަކީ ދުވަހަކުވެސް ޝާހިދުގެ އަދި ނަތާޝާގެ އެދުމަކަށްވެސް ނޫނެކޭ ބުނެފައިނުވާ މީހަކަށް ވުމުންނެވެ. ފުރަތަމަ އެކަމެއް ކުރަން ޖެހުމުން ޝަކުވާ ކުރި ނަމަވެސް ފަހުން އޭނާއަކީ އެކަމެއް އެންމެ ފުރިހަމައަށް ކޮށް ނިންމާލާ މީހެކެވެ.
***
ނައިޝަމްގެ ކޮޓަރީގެ ދޮރު ކުރި މައްޗަށް އަރައި އައިލީޝް ހުރީ ދޮރުގައި ޓަކި ޖަހަންވެސް ނުކެރިފައިއެވެ. އޭނާ ކުރަމުން ދިޔަ ކޮންމެ ހަރަކާތެއްގައިވެސް ޖެހިލުން ވުމެއްވިކަން ބަލައިލި ކޮންމެ މީހަކަށްވެސް ފާހަގަވާނެއެވެ. ނައިޝަމްއަށް ގޮވުމުގެ ބަދަލުގައި އިރުކޮޅެއް ވަންދެން އައިލީޝް ދޮރުގައި ލެގިލައިގެން ހުރީ ރޭގައި ނައިޝަމްގެ މޫނުމަތިން ފެނުނު ހިތާމައާއި ލޮލުން ވެއްޓުނު ކަރުނަ ސިފަކޮށްލާށެވެ. ނަމަވެސް އެހެން ހުއްޓައި އައިލީޝް ސިއްސައިގެން ދިޔައީ ކޮޓަރީގެ ދޮރު ހުޅުވާލުމުންނެވެ. އަމިއްލަ ހަށިގަނޑު ނުހިފެހެއްޓި ވެއްޓެން ދިޔުމާއިއެކު އޭނާގެ ދެލޯ މަރައި ބާރުކޮށްލީ ތަދުވިޔަސް ހެޔޮކަމަށް ނިންމައިގެންނެވެ.
~ ނުނިމޭ ~
4 Comments!
Comments are closed.
finally…….MASHA allah ?varah varah reeethi mi part vx ?cant wait to read next ?…. sis whn is next? …lysm?
thanks friend
Varah varah reethi mi part vx….masha allah….waiting for the nxt…
thanks kairaa