
އީރަމްގެހިތުގައިވާ އެއްޗެއް މީކާންއަށް އެނގިގެންދިޔުމުން އިތުރަށް އީރަމް އެކަން ސިއްރުކުރާކަށް ނޭދެއެވެ. އޭނާ ދުލުގައި ބަސްތައް ތާށިވެފައި ހުއްޓެއްކަމަކު ހިތުގައިވާ އިހުސާސްތައް އެހިތުގައި ބާއްވާކަށް ނޭދެއެވެ. އެހެންކަމުން ނުހަނު ގާތުން ފެންނަމުންދިޔަ ރީތި ޒުވާނާގެ އަތުގައި އީރަމް ހިފަހައްޓާލިއެވެ. އެއްޗެއް ބުނަން ބޭނުންވެފައި ހުރި އީރަމްއަށް ނަޒަރު ހުއްޓާލި މީކާންގެ ހިތްދިޔައީ ތެޅިގަނެގެންނެވެ. އެދެލޮލުން އެކަނިވެސް އޭނާ ބުނަން އުޅޭ އެއްޗެއް އެނގިގެންދިޔައެވެ. ނުހަނު ސާފުކޮށް އީރަމްގެ އިހުސާސްތަށް އެބޮޑުދެލޮލުން ދިޔައީ ފެންނަމުންނެވެ. ހައިރާންވެފައި އެދެލޮލަށް ބަލަހައްޓައިގެން މީކާންއަށް ހުރެވުނީ އެހެންވެއެވެ. އީރަމް ފުންނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އަތުގައި އޮތް ފޯނުނަގާ އެއްޗެއް ޓައިޕްކުރަންފެށިއެވެ. އޭނާ ކުރާ ހަރަކާތްތަކުން މީކާންއަށް އެއްޗެއް ދޭހަނުވެދާނެކަމުގެ ބިރުއޮވެގެންނެވެ.
“އަޅުގަނޑަށް އިނގޭ މިހެން ބުނަން އަސްލު ނުވާނެކަން.. އަޅުގަނޑުގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އެހެން މީހަކަށް އުނދަގުލެއް ޖެހިގެންނުވާނެކަން.. އަޅުގަނޑުގެ ދުލުގައި ތަޅުއެޅުވިފައިވިއެއްކަމަކު މިހިތުގައި ހިނގާ އިހުސާސްތަކަކީ ތަޅުލެވޭ އެއްޗެއްނޫން.. އެކަން އެނގުނު މީކާން ފެނުނު ފުރަތަމަ ދުވަހުވެސް… މީކާން ފެންނަ ކޮންމެ ދުވަހަކުވެސް…އަޅުގަނޑުގެ ހިތް ހީވަނީ މޭފަޅާފައި ނިކުންނަން އުޅޭހެން.. ފަހަރެއްގައި މިބުނެވެނީ ވަރަށް ފިލްމީ ވާހަކަތަށްކަމަށް ވެދާނެ.. އެކަމް އަޅުގަނޑު އެހެންމީހަކާއި މެދު ދުވަހަކުވެސް އިހުސާސްނުކުރެވޭ ކަންތައްތައް މީކާންއަށްޓަކައި ކުރެވޭ.. އަޅުގަނޑަށް އިނގޭ މީކާންގެ ދިރިއުޅުމަށް އަޅުގަނޑު ހާއްސަނޫންކަން.. އަޅުގަނޑު ލިބިދާނެ ޖަވާބަކުން ބިރެއްނުގަނޭ. އަޅުގަނޑަށް ކަންތައްތަކާއި ކުރިމަތިލާން އިނގޭ… އަޅުގަނޑު ވަރަށް ލޯބިވޭ މީކާންދެކެ.. ވަރަށް ބޮޑަށް ލޯބިވޭ.. މީކާންގެ ކޮންމެ އާދައެއްދެކެ.. ރުޅިއައީމަ ދެބުމަ ގޮށްޖަހާގޮތާއި، ދެރަވީމަ އަމިއްލަ އިސްތަށިގަނޑުގައި ހިފާ ގޮތާއި، ހާސްވީމާ ދެފައި ތެޅުވޭ ގޮތާއި އުފާވީމަ ދެލޯމަރާލާފައި ހީލާގޮތާއި، މިހުރިހާ ކަމެއްދެކެވެސް.. ވަރަށް ލޯބިވޭ… އައި ލަވް ޔޫ މީކާން..”
އީރަމްގެ އިނގިލިތަށް ގެންގުޅުނުލެއް ހަލުވިކަމުން މީކާން ހައިރާންވިއެވެ. އޭނާގެ ދުލުން ހާމަކުރަން ބޭނުންވާ ކިތަންމެ ކަމެއް އެފަދައިން ޓައިޕްކޮށްގެން ހިއްސާކޮށްފައި ހުރެދާނެބާއޭ މިކާންގެ ހިތަށް އަރަމުންދިޔައެވެ. އީރަމް ފޯނު ލޮކްކޮށްލުމަށްފަހު މީކާންއަށް ބަލައިލިއެވެ. މީކާންގެ ފޯނަށް އައި މެސެޖާއި އެކު ފޯނު ހުޅުވާލާ މެސެޖު ކިޔާލިއެވެ. އޭގެ ކުރިން އީރަމްގެފަރާތުން ލިބިފައި އިން ފޮޓޯގަނޑު ފެނި އޭނާ ހިނިއައެވެ. އަދި ކުރިން އެ ފޮޓޯ ނުފެނުނުކަމަށްޓަކައި ޗުސްތަޅުވާލިއެވެ. ލިޔެފައިވާ އެއްޗެއް ކިޔަމުންދިޔަ މީކާންގެހިތަށް ވަމުންދިޔަ ގޮތް ހުދު އޭނާއަކަށްވެސް ނޭނގުނެވެ. ނަމަވެސް އެބޮޑު މެސެޖުގައިވަނީ އީރަމްގެ ހިތްބަންޑުންކޮށްލައިގެން ލިޔެފައިވާ ރީތި ބަސްތަކެކެވެ. ފޮނި އިބާރާތްތަކެކެވެ. މީކާން އަމިއްލައަށްވެސް ފާހަގަނުކުރެވޭ އޭނާގެ އާދަތަކުގެ ވާހަކަތަށް ދައްކާފައިވުމުން ހިނިއަންނަގޮތްވިއެވެ. އީރަމް އަށް އޭނާ އެހާ ހާއްސަވެދާނެކަމަކަށް މީކާންއަކަށް ކުރިއަކުން ނޭނގެއެވެ. ކޮންމެ ޖުމްލައެއްގައި ވަނީ ތެދުހަޤީޤަތްކަން އީރަމްގެ ދެލޮލުން ދިޔައީ ހާމަވަމުންނެވެ. މީކާންގެ މޫނަށް އީރަމް ބަލަހައްޓައިގެން ހުރިއިރު އޭނާ ހުރީ ހަޤީޤަތުގައި ލިބިދާނެ ޖަވާބަކުން އޭނާ ދެން ކަންތައްކުރާނެ ގޮތެއް ނޭނގިފައެވެ. މީކާން އަށް އީރަމް އެހާ ހާއްސަނުވާނަމަ އީރަމްއަށްޓަކައި އެހުރިހާ ކަމެއް އޭނާ ނުކުރީހެވެ. އެކަން ނާޒީ ދެއްކިވާހަކަތަކުންވެސް ކަށަވަރުވެގެންދިޔައެވެ.
“އީރަމް..” މީކާން ގޮވާލީ ލޯބިން ފުރިގެންވާ އަޑަކުންނެވެ. އީރަމްގެ ދެއަތުގައި މީކާން ހިފަހައްޓާލުމަށްފަހު މަޑުމަޑުން ފިތާލިއެވެ. މީކާން ބަލަންހުރިގޮތުން އީރަމް ގެ ހިތްތެޅެންފެށިއެވެ. ގައިން ހީބިހިނަގަންފެށިއެވެ. ބަނޑުގައި ކޮކާ އުދުހެނީބާއެވެ؟ ނޫނީ އޭނާއަށް ގޭސްޓްރިކްވަނީބާއެވެ؟ އަނެއްކާ ހިތާއި އެއްވަރަށް ހަށިގަނޑުގެހުރިހާ ގުނަވަނެއްވެސް ތެޅެނީބާއެވެ؟
“އަހަރެންނަށް އީރަމްއަކީ ވަރަށް ހާއްސަކުއްޖެއް.. އަހަރެންނަށް އީރަމް އެހާ ހާއްސަވީމަކަންނޭނގެ އީރަމްއަށްޓަކައި ގެންނަން ބޭނުންވި ބަދަލުތަކެއްގެ ސަބަބުން އަމިއްލަ ގައިގާ ހިފާފަހުރި އެތަށް ގޯސް އާދަތަކެއް ރަނގަޅުވެގެންދިޔައީ.. އީރަމްއާއި މެދު ވިސްނަން ހަދައިގެން އަހަރެންނަށް ދެން ތިބި ހުރިހާ މުވައްޒަފުންނާއި މެދު ވިސްނަންފެށުނު.. މީހުންގެ އިހުސާސްތަކަށް ޤަދަރުކުރެވެން ފެށުނު.. އީރަމްއަށް އިނގޭތަ އެންމެ ފުރަތަމަ އަހަރެން ސައިންލޭންގްއޭޖް ދަސްކުރަން ބޭނުންވެގެން ހިތަށްއެރި އެއްޗެއް.. އަހަރެންނަށް އެ އެންމެންގެތެރެއިން އީރަމްގެ ސޫރަ އެންމެ ފުރަތަމަ ފެންނަހެން، އީރަމް އަނގައިން ނުބުނެ، އަތުން ނުލިޔެ އެބުނާ ހުރިހާ އެއްޗެއް އެނގޭ ހަމައެކަނި އަދި އެ އެންމެންގެ ތެރެއިން އެ އެއްޗެހި އަޑުއިވޭ ފުރަތަމަ މީހާއަށް އަހަރެން ވާންބޭނުމޭ.. އަހަރެންނަކީ އެއްއިރަކުވެސް މީހަކު އުފާކުރާކަށް ނޫނީ މީހެއްގެ ދިރިއުޅުމަށްޓަކައި ނޫނީ އެމީހަކަށްޓަކައި ކަމެއްކޮށްދިން މީހެއްނޫން… އެއިން އެކަނިވެސް އިނގޭނެ އަހަރެންނަށް އީރަމް ހާއްސަވާވަރު… ފަހަރެއްގައި މިއީ ލޯތްބޭ ބުނަން އަދި އުނދަގޫވެދާނެ.. އަހަރެން އަދި އޮޅުންފިލުވަންޖެހޭ ބައިވަރު ކަންތަށް އެބަހުރި.. އަހަރެންނަށްވެސް އަދި ނޭނގޭ މިވާނުވާއެއް.. އެކަމް. އީރަމް… ހިތަށް އަރުވާލާ އަހަރެންނާއި އީރަމް މިހިނގަނީ އެއްމަގަކުންނޭ… އިޓްސް ޖަސްޓް، އީރަމް ތިހިނގަނީ އަހަރެންނަށްވުރެ ތަންކޮޅެއް ކުރީގައި، އީރަމް ތިހިނގަނީ އަހަރެންނަށްވުރެ ތަންކޮޅެއް ބާރަށް.. އެކަމް އަހަރެމެން މި ހިނގަނީ އެއްރާސްތާއެއްގައި އަހަރެމެންގެ މަންޒިލަކީ އެއްތަނެއް… އަހަރެން ވަރަށް އަވަހަށް އީރަމްގެ އަތުގައި ހިފާނަން.. އެއަށްފަހު ދެމީހުން އެއްކޮށް ހިނގާނީ.. އެދުސް އަންނަންދެން އީރަމްއަށް އަހަރެންނަށްޓަކައި އިންތިޒާރު ކުރެވޭނެތަ؟؟ މްމް؟”
މީކާން ގެ ވާހަކަ ނިންމާފައި ދިނީ ލުއި ހިނިތުންވުމެކެވެ. މީކާން ދައްކަމުންދިޔަ ވާހަކަތަށް ކަނުލާ އަޑުއަހަން ހުރި އީރަމްގެ ދެލޮލުން ކަރުނަ ނިރާލިއެވެ. އޭނާއަށް ނޭނގި މީކާން އޭނާއަށްޓަކައި އެތަށްކަމެއް ކޮށްފިކަން އިނގިގެންދިޔުމާއި އެކު ހިތަށްލިބުނީ އުފާވެރިކަމެކެވެ. އަދި ފަހުން މީކާން އެދެއްކި ވާހަކަތަކުން މީކާން ވަރަށް އަވަހަށް އީރަމް ކައިރިއަށް އަންނާނެކަމާއި އެހިތުގައި އީރަމްއަށްޓަކައި ހާއްސަކަމެއް ވާކަން އީރަމްއަށް އިހުސާސްވިއެވެ. އީރަމް ގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތަށް އައީ އުފަލުންކަމެއް ނުވަތަ ދެރަވެގެންކަމެއް ނޭނގިފައި ހުރި މީކާން އެއަތުތެރެއަށް އީރަމް ލާފައި ބައްދާލީ ނުހަނު ލޯބިންނެވެ. އީރަމްގެ ބޮލުގައި ދަތްދޮޅި އަޅުވާލައިގެން ހުރެ އީރަމްއަށް ފުރުސަތު ދިނުމުގެ ގޮތުން މީކާން މަޑުކޮށްލައިގެން ހުއްޓެވެ. ނަމަވެސް މީކާންގެ އެ ހަރަކާތުން އީރަމްއަށް ދިޔައީ އިތުރަށް ރޮވެމުންނެވެ. ފިރިހެނެއްގެ ފަރާތުން އެފަދަ ގާތްކަމެއް ލިބިފައިނުވާ އީރަމްއަށް ދިރިއުޅެން އައު އުއްމީދެއް ވަނީ ލިބިފައެވެ. ރަނގަޅުވާން މަސައްކަތްކުރާނެ މަދު ސަބަބުތަކުތެރެއަށް އިތުރު ސަބަބެއް އިތުރުވެފައެވެ. އޭނާއަށްޓަކައި ފިރިހެނަކު ދުވަހަކުވެސް އެކަހަލަ ކަމެއްކޮށްފައެއްނުވެއެވެ. އެކަމާއިވެގެން އޭނާގެ ހިތުގައި ޖެހި ރޮވެމުންދިޔައެއްކަމަކު އެއަށްވުރެ ބޮޑަށް އޭނާ ހުރީ އުފާވެފައެވެ.
“ޝްޝްޝް.. ޝަޝްޝް. ދެން ހުއްޓާލާ…. ތިރޮނީ ދެރަވެގެންތަ؟ ނޫނީ އުފާވެގެންތަ؟” މީކާން އީރަމް ދުރުކޮށްލަމުން އެސުވާލުކޮށްލީ މިކާންގެ އަތުން އީރަމްގެ ކަރުނަތަށް ފޮހެދެމުންނެވެ. ނަމަވެސް ފޮހެލާ ކޮންމެފަހަރަކު ކަރުނަތަށް އަނެއްކާވެސް ފައިބާގެންދެއެވެ. އީރަމް ހަމަޖެހެންދެން އެތާ ކައިރި ގޮނޑި އެއްގައި އީރަމް ބޭންދުމަށްފަހު އީރަމްގެ ކުރިމައްޗަށް ވާނޭހެން މީކާން އިށީންދެލިއެވެ. އެއަށްފަހު އީރަމްގެ ދެއަތުގައި ހިފަހައްޓައިގެންއިނދެ މަޑުމަޑުން އެދެއަތް ތަޅުވާލަ ތަޅުވާލައިނެވެ. އީރަމް ހަމަޖެހެން ނެގި ވަގުތު ދިގުދެމިގެންދިޔައެވެ. ތިރީގައި ހިނގަމުންދިޔަ ޕާޓީއަށް ލަވަކިޔާ ގުރޫޕެއް އައިސް ފޯރިނަގަނަގާފައި ލަވަކިޔަމުންދިޔަ އަޑުވެސްދިޔައީ އިވެމުންނެވެ. އެއްޗެއް ނުބުނެ ހަރަކާތެއްވެސް ކޮށްނުލާ އީރަމް އިނުމުން މީކާން ތެދުވިއެވެ. “ހިނގާ ތިރިއަށް ދާން.. ދޯ؟” މީކާން އެހެން ބުނީ އޭނާ މިހުރިހާއިރު ދެއްކި ވާހަކަތަށް އީރަމް ނަގައިގަނެ އެއަށް ނިންމުމެއް ނިންމަން ވަގުތު ބޭނުންވާނެކަން އެނގޭތީއެވެ. އީރަމްވެސް ދެކޮޅުހެދުމެއްނެތި މީކާންއާއި އެކު ހިނގައިގަތެވެ. މީކާން އޭރުވެސް ހުރީ އީރަމްގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އެކަމާއިވެގެން އީރަމްގެ ހިތަށް ލިބެމުންދިޔައީ އުފާވެރިކަމެވެ.
ލަވަކިޔަމުންދިޔަ ބައިވެރިންނަށް ބަލަހައްޓައިގެންއިން ނާޒީގެ ލޮލުގައި އީރަމް އަޅައިގަތުމާއި އެކު ވަގުތުން އޭނާ ކައިރިއަށް އައުމަށް އިޝާރާތްކުރިއެވެ. ގޮނޑިއެއްގައި އީރަމް ބޭންދުމަށްފަހު ނާޒީ އޭނާއާއި ވީ ފަޅިއަށް އީރަމްގެ މޫނު އަނބުރާލިއެވެ. “ރޮވިފައިތަ؟ އަހަރެންގެ ކޮއްކޮ ކަމެއް ކުރީދޯ؟؟ މީކާން.. ކީއްކުރީ.. ބުނޭ؟؟” ހިތުގައި ބިރުވެރިކަން އުފެދުނެއްކަމަކު އެކަން ނުދެއްކުމުގެ ގޮތުން ނާޒީ މީކާންގެ ގައިގާ ޖަހާފައި ސުވާލުތަށް އޮއްސާލިއެވެ. މީކާން ޖަވާބުދިނުމެއްނެތި އެތަނުން ހިނގައިގަތުމުން ނާޒީ އީރަމްއާއި ވާހަކަދައްކަން މަސައްކަތްކުރިއެވެ. އެތާތެރޭ ހިނގަމުންދިޔަ ކަންތައްތަކަށްވުރެ ބޮޑަށް އޭނާ ހުރީ އީރަމްއާއި މީކާންއާއި މެދު ހިނގި ކަންތައްތަށް އިނގެން ބޭނުންވެފައެވެ. “އަހަރެން ބުނީ އޭނާ ދެކެ ލޯބިވާވަހަކަ..” ނާޒީ ސުވާލުތަށް ކުރުމުގެ ކުރިން އީރަމް އަތުގެ އިޝާރާތުން ޖަވާބުދިނެވެ. ނާޒީ ދެންހުރި ސުވާލުތަށްވެސް އީރަމްއާއި ކުރީ އަނގައިން ބުނުމަކާއި ނުލާ އަތުގެ އިޝާރާތްތަކުންނެވެ. ހައިރާންވެފައި ވީގޮތް އޮޅުން ފިލުވަން ނާޒީ ބޭނުންވީ އީރަމް ގެ ޖަވާބަށް މީކާން ދިން އެއްޗެއް އިނގެންބޭނުންވާތީއެވެ. ނަމަވެސް އީރަމް ޖަވާބެއް ދޭންވާއިރަށް އިވިގެންދިޔައީ ލަވަ ކެނޑުނުއަޑެވެ.
އެދެމީހުންގެ ނަޒަރު އެދިމާލަށް ހުއްޓުނުއިރު މައިކު ހިފަހައްޓާލައިގެން ރެޑީވީ މީކާންއެވެ. އީރަމްއެކޭ އެއްފަދައިން ނާޒީވެސް ހުރީ މީކާން ކުރަން އުޅޭކަމަކުން ހައިރާންވެފައެވެ. “މިއީ މިރޭ އަހަރެންގެ ދިރިއުޅުމަށް އައި ކުޑަ ޕަރީއަކަށް ހާއްސަކޮށްފައި ކިޔައިދޭ ލަވައެއް… އެކަމް އެއީ ނާޒީއެއްނޫން ވަރަށް ބޮޑަށް ސޮރީ..” އީރަމްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ މީކާން އެހެން ބުނުމާއި އެކު އެންމެން ހަޅޭލަވައިގަތެވެ. މީކާންގެ ދެބެންގެ ދެދަރި ބޭބެތަކާއި ކޮއްކޮތަކުގެ އަޑު މުޅިތާ ހިފާލިއެވެ. ސަލީމާއާއި ސަމީމާވެސް ހައިރާންވެފައި ތިބެވުނީ މީކާން ކުރަން އުޅޭކަމަކުންނެވެ. މީކާން ކީ އެޑްޝީރަންގެ ‘ޕާރފެކްޓް’ އެލަވައެވެ. މާހައުލާއި ގުޅުވާލައިގެން ކިޔަމުން ދިޔަ ލަވައިން އެންމެންގެ ހިތްތަށްވެސް ދިޔައީ ރާގާއި އެއްވަރަށް ނަށަމުންނެވެ.
“އައި ހޭވް ފެއިތް އިން ވަޓް އައިސީ،
ނައު އައި ނޯ އައި ހޭވް މެޓް އޭން އޭންޖަލް އިން ޕާރސަން
އެންޑް ޝީ ލުކްސް ޕާރފެކްޓް
އައި ޑޯންޓް ޑިސާރވް ދިސް،
ޔޫ ލުކް ޕާރފެކްޓް ޓްނައިޓް..”
އެންމެންގެ ތެރެއިން ޖެހިލުމެއްނެތި މީކާން ލަވަކިޔާ ނިންމާލީ އެލަވައިގެ ކޮންމެ ބައިތެއްގައި އޭނާގެ ހިތުގައިވާ އިހުސާސްތަށް އެ ކުޑަ ކުޑަ ޕަރީއަށް އަންގައިދިނުމުގެ ގޮތުންނެވެ. މީކާން އަށް ތަރުހީބު ލިބިގެންދިޔައެވެ. އޭނާގެ ދޮންދައްތަ ފަރާތު ބޭބެއާއި އޭނާއަށްވުރެ އަހަރުތަކެއް ކުޑަ ފިރިހެންކޮއްކޮ އައިސް އޭނާގެ ގައިގާ އޮޅުލައިގަތެވެ. އަދިވެސް އެސްފިޔަޖަހާލަން ނޭނގިފައި އިން އީރަމްގެ ދެލޮލަށް ޖަމާވެފައިވަނީ ކަރުނައެވެ. ނާޒީއަށް އެމަންޒަރު ފެނި އީރަމްގެ އަތުގައި ހިފަހައްޓާލުމުން އީރަމް ދިޔައީ ސިއްސައިގެންނެވެ. “ޖަވާބު ލިބިއްޖެ؟” ނާޒީ ގެ ސުވާލާއި އެކު އީރަމް ބޯޖަހާލިއެވެ. މީކާން އަންނަ މަންޒަރު ބަލަހައްޓައިގެން އީރަމް އަށް އިނދެވުނެވެ. ނަޒަރު ވަކިކޮށްލުމެއްނެތި މީކާން އައިސް އީރަމް ކައިރީ މަޑުކޮށްލިއެވެ. ދުވަހަކުވެސް އެހާ ހާއްސަ ކަމެއް އިހުސާސްކުރެވިފައިނުވާ އީރަމްގެ ހިތްދިޔައީ ފުރިގެން ބަންޑުންވަމުންނެވެ. ހަޅޭލަވައިގަނެ އެތަކެއްފަހަރު މީކާން ކައިރި ލޯބިވެޔޭ ބުނަން ބޭނުންވިޔަސް އޭނާ އަށް މިފަހަރުވެސް ހުރަސްއެޅީ އޭނާގެ ނުކުޅެދުންތެރިކަމެވެ.
ޕާޓީ ނިމުމަކަށް އަންނަންވެފައި އޮތުމުން މީކާން ބެލީ އީރަމްގެ ރީތި ތަސްވީރުތަކެއް ނެގޭތޯއެވެ. ފޯނުންނާއި ކެމެރާއިން އީރަމްގެ ކޮންމެ ހަރަކާތަކާއި ތަސްވީރަށް ތައްޔާރުވާން ނަގާ މަދުސިކުންތުކޮޅުގައި އަންނަ ބަދަލުތަކާއި މީކާން ބުނާ އެއްޗެއްސަށް ހިނިއަންނަ ގޮތް ވަނީ އޭނާ ނެގި ތަސްވީރުތަކުތެރޭ ގައިދުވެފައެވެ. ދެމީހުން ކެއުމައިގެން އުޅުނީދެނެވެ. އީރަމް ކައިރި މިއަށްވުރެ މާބޮޑު ވާހަކައެއް ދައްކަންވެފައި އޮތްކަން މީކާންއަށް އިނގެއެވެ. ނަމަވެސް އީރަމް އެހާ އުފާކޮށްލާފައި އަނެއްކާ ދެރަކުރާނީ ކިހިނެއްހެއްޔެވެ؟ އެހެންވިޔަސް ދޮގުތަކުގެ މައްޗަށް އުފެދޭ ގުޅުމަށްވުރެ ތެދުބުނެ އުފެދޭ ހިތްދަތިކަން އޭނާއަށް މާ ރަނގަޅެވެ. ހިތަށް މާ ތަސައްލީލިބެއެވެ. މީކާން ތެދުތެދަށް އިހުސާސްތަށް ކިޔައިދިނުމުން އީރަމް ހުރީ އުފާވެފައެވެ. ކުޑަމިނުން އޭނާ އަކީ މީކާންއަށް ހާއްސަކުއްޖެއްކަންވަނީ ޔަޤީންވެފައިކަމުން އޭނާގެ ހިތުގައި އިތުރުބިރުވެރިކަމެއް ނެތެވެ. މީކާންއަށް ކުރަންޖެހޭ އިންތިޒާރު ކިތަންމެ ދިގުވިޔަސް އޭނާ ހުރީ ކުރަން ތައްޔާރުވެގެންނެވެ. އެއީ ހަމައެކަނި މީކާންދެކެ ލޯބިވާތީކީ އެއް ނޫނެވެ. މީކާންއަށާއި މީކާން ދެއްކި ކޮންމެ ވާހަކައަކަށް އިތުބާރުކުރެވޭތީއެވެ.
“ހިނގާލަން ދަމާ؟” މީކާން އެހެން ބުނުމުން އީރަމް އެއްބަސްވިއެވެ. މީކާން އީރަމްގެ އަތުގައި ހިފައިގެން ޕާޓީ ހޯލުން ބޭރަށް ނިކުތެވެ. ދަންގަޑިއެއްކަމުން މަގުމަތިން ހުރަސްކުރަމުންދިޔަ ދުއްވާތަކެތި މަދެވެ. ނަމަވެސް ޕާޓީއިން ނިކުމެގެން ދާ މީހުން ގިނަވުމުން އެހިސާބު ވަނީ އެދަންގަޑީގައިވެސް ހަލަބޮލިވެފައެވެ. މީކާން އީރަމް ގޮވައިގެން ހިނގައިގަތީ ދުރުމަގަކުންނެވެ. ހެދުން ހިއްލާލައިގެން ހިނގަމުންދިޔަ އީރަމް އިރުއިރުކޮޅާ ފައިވާނުގައި ހެދުން އަޅައިގަނެހެދުމަށް ދަމައިގަންނަންޖެހެއެވެ. އެންމެފަހުން އޭނާ ދެއަތަށް ފައިވާންނަގާ ހުސްފަޔާއި ހިނގަންފެށީ ފައިތިލައަށް އެކަމުން ލިބެމުންދިޔަ ތަދެއްގެ ސަބަބުންނެވެ. “ހިނގާ ދާން ކާރުގައި..” އީރަމްގެ ހުސްފަޔާ ހިނގާނެއަތީ ލިބިދާނެ ގެއްލުމަކަށް ވިސްނާ މީކާން އެހެންބުނުމާއި އެކު އީރަމް ދެކޮޅުހެދިއެވެ. މީކާންވެސް އިތުރު އެއްޗެއް ނުބުނެ ހިނގަމުންދިޔައީ ދާދި ކައިރިން ފެންނަމުންދިޔަ ރަސްފަންނާއި ދިމާލަށެވެ.
ދެމީހުން އެދިޔަގޮތަށް ގޮސް މަޑުކޮށްލީ ގާތަކުކައިރިއެވެ. ގާތަށް މައްޗަށް ޖަހަމުންދިޔަ ރާޅު ތަކުގެ އަސަރު މުޅިތަނުންދިޔައީ ފެންނަމުންނެވެ. އީރަމް ފާރުބުރިމަތީ ބޭންދުމަށްފަހު މީކާން ދެފައިމައްޗަށް އިށީނދެފައި އީރަމްގެ ފައިތިލައިގައި ހުރި ވެލިތަށް އަތުން ފޮހެލިއެވެ. އެކަމާއި ދެކޮޅުހަދަން މަސައްކަތްކުރަމުން އީރަމް ދިޔައެއްކަމަކު އޭނާއަށް މީކާން ހުއްޓުވޭނެހެއްޔެވެ؟ އީރަމް އާއި ޖެހިގެން އިށީނުމަށްފަހު މީކާން ފަހަތުގައި ދެއަތް ވިއްދާލާފައި އުޑުމައްޗަށް ފުންނަޒަރެއްދިނެވެ. އޭނާގެ ހިތުގައިވާ ހާއްސަ އިހުސާސްތަށް ހިއްސާކުރެވުނުފަދައިން ހިތްދަތި އިހުސާސްތަށްވެސް އީރަމްއާއި ހިއްސާކުރަން ބޭނުންވެއެވެ. އެކަމަށް އޭނާ އަމިއްލަ ނަފްސު ތައްޔާރުކުރަން ވަގުތުކޮޅެއްނެގިއެވެ. ފެންނަމުންދިޔަ މާހައުލަށާއި އިވެމުންދިޔަ ރާޅުގެ އަޑުތަކުން އީރަމް ހިތްހަމަޖެހިފައި އިނދެވުނީ މީކާންގެ މޫނަށް ބަލަހައްޓައިގެންނެވެ. އެހިތުގައި އުތުރި އަރަމުން އަންނަ އުފާވެރިކަން އަދި އެއްފަހަރު މީކާންއަށާއި މުޅި ދުނިޔެއަށް އިއްވާލަން އޭނާ ހުރީ ބޭނުންވެފައެވެ.
“އަހަރެން އީރަމްއަށް ކިޔައިދޭން މިއުޅެނީ ވަރަށް ބޮޑު ވާހަކަތަކެއް.. މި ވާހަކަތަކަކީ އަހަރެންނާއި އެކު ދިހަ އަހަރު ހޭދަކުރި، ހިތި ހަނދާންތަކަކުން ގުޅިފައިވި ސިއްރުތަކެއް.. އަހަރެން ވަރަށް ބޭނުންވޭ އީރަމްއަށް މިވާހަކަތަށް ކިޔައިދޭން.. އެއީ އީރަމް ދެރަކޮށްލުމުގެ ނިޔަތުގައެއްނޫން.. އެކަމް މިވާހަކަ ނުކިޔައިދީ ހުއްޓާ އީރަމްއަށް ފަހުން ލިބިދާނެ ދެރަ މާ ބޮޑުވާނެތީ.. ހަމައެކަނި އީރަމްއަށްޓަކައެއްނޫން.. ހުދު އަހަރެންވެސް ބޭނުންވޭ މިވާހަތަކަށް ކިޔައިދޭއިރު އަހަރެންގެ އިހުސާސްތަށް ބަންޑުންކޮށްލަން ފަސޭހަވާނެ އަޑުއެހުންތެރިއެއް.. އެމީހަކީ އީރަމް ކަމުގައި އަހަރެންގެ ހިތްބުނޭ….” މީކާންގެ ވާހަކަ ހުއްޓުމާއި އެކު އީރަމް އަވަސްއަވަހަށް ބޯޖަހާލީ އޭނާ އަޑުއަހަން ތައްޔާރުކަމުގައި ބުނުމުގެ ގޮތުންނެވެ. ނަމަވެސް އޭނާގެ ހިތްނުތަވަސްވެގެންދިޔައީ މީކާން އެހާ ބޮޑުވާހަކައެއް ބުނަންއުޅޭތީއާއި އެކަމުން އީރަމް ދެރަވަނީ ކިހިނެއްވެގެންތޯ ހިތާއި ސުވާލުކުރެވޭވަރުންނެވެ.
“އީރަމް.. އަހަރެން އެހެންކުއްޖެއްދެކެ ވަރަށް ބޮޑަށް ލޯބިވޭ.. އަދިވެސް ލޯބިވޭ.. އެއީ އަހަރެންނަށް ހަޔާތުގައި ވެވުނު ފުރަތަމަ ލޯބި، ފުރަތަމަ ނަޒަރުން ވެވުނު ލޯބި… އެކަމު އޭނާ މިދުނިޔެއަކު ނެތް.. ފަހަރެއްގައި އޭނާގެ ކުށްވެރިއަކީ އަހަރެން.. އޭނާގެ ދިރިއުޅުމަށް ވަރަށް ހިތާމަވެރި ކަމެއްމެދުވެރިވި… އެކަމުގައި އޭނާ ކުށްވެރިކުރީ އަހަރެންގެ އާއިލާ… އަހަރެން އެދުވަހުން ފަށައިގެން އެކުއްޖާއާއި ދުރުވީ އަހަރެންގެ ސަބަބުން އޭނާއަށް އިތުރު ހިތާމަތަކެއް ލިބިދާނެއަތީ، އޭނާ ގެ ހިތުގައި އަހަރެންނަށްޓަކައި ނަފުރަތު އޮވެދާނެއަތީ، އަހަރެންނަކީ ކޮން އާއިލާއެއްގެ މީހެއްކަން އެނގި ލޯބީގައި ކޮޅުފައިން ޖަހާފާނެއަތީ.. އެހެންވެ ލޯބިވާވާހަކަވެސް ފޮރުވީ.. އަހަރެން އޭނާއަށް ކިތަންމެ ކަމެއް ކޮށްދޭހިތްވި.. ރޯތަން ފެނި ކަރުނަ ފޮހެދޭހިތްވި، އަހަރެން އެބަހުރީމޭ ބުނާހިތްވި.. އެކަމް އޭނާއަށް ހާއްސަ އެކަކު އޭނާ ދޫކޮށްލިފަދައިން އަހަރެންވެސް އޭނާ ދޫކޮށްލާފައި ދިޔައީ.. ވަރަށް ދުރަށް.. އަހަރެން އެނބުރި އައިއްސާވެސް އޭނާ ނުހޯދަން އެކަމް އޭނާއަށް ދިމާވި ހާދިސާގައި ކުށްވެރިކުރެވުނީ އަބަދުވެސް އަހަރެން… އަހަރެން ފެނި، އަހަރެންގެ ހަޤީޤަތް އެނގި އެހިތަށް ތަދުވެދާނެކަމަށްޓަކައި އަހަރެން އޭނާއާއި ދުރުވީ އެކަމް އަހަރެން ހިއެއްނުކުރަން އަހަރެން އެނބުރި އަންނައިރު އޭނާ މިދުނިޔޭގައިވެސް ނުހުރެދާނެއެކޭ.. އެހިތާމާގައި އޭނާ ނިމިދިޔައީ، ފަހަރެއްގައި އޭނާ އެކަން ނުކުރީސްކަންނޭނގެ އަހަރެން އޭނާއާއި ކުރިމަތިލީނަމަ… ގުޅުން ވަރުގަދަކޮށް އެކުވެރިއެއްގެ ހައިސިއްޔަތުންވެސް އޭނާގެ ހިތާމަތަށް ހިއްސާކުރެވޭ ބައިވެރިއަކަށް ވެވުނުނަމަ… ކުޑަމިނުން އޭނާދެކެ ލޯބިވާ ވާހަކަ ބުނެވުނުނަމަ.. ގައިމުވެސް އޭރުން އޭނާއަށް އެނގުނިސް އެ ރީތިކަމަށާއި އެ ލޯބި ސިފަތަކަށް ލޯބިން މަރުދިން މީހަކު ހުރިކަން.. ފަހަރެއްގައި އަހަރެންގެ ލޯބި ވީސްކަންނޭގެ އޭނާ އެ ހިތާމަތަކުން އަރައިގަންނާން އެހީވެދޭނެ އެއްޗަކަށް.. އެކަމް އަހަރެން ކިހިނެއް މި ލޯބި ދޭނީއޭނާއަށް… އޭނާގެ ހިތުގައި އަހަރެންނަށާއި އަހަރެންގެ އާއިލާއަށް އޮތީ ނަފުރަތު….. އަހަރެންގެ ސަބަބުން….”
މީކާންގެ ދެލޯ ފެންކަޅިވެގެންދިޔައެވެ. އޭނާގެ ޖުމްލަ ފުރިހަމަނުކުރަނިސް އީރަމް އޭނާގެ އަތުގައި ހިފަހައްޓާލިއެވެ. އީރަމްއާއި މެދު ވިސްނައިނުލާ އޭނާ ޖަޒުބާތުގައި ޖެހި އެހުރިހާ ވާހަކައެއް ކިޔައިދެވުނުކަމާއި މެދު ހައިރާންވެފައި އިނދެވުނީ އީރަމްގެ ދެލޮލުން ކަރުނަ ނިރާލިތަން ފެނިފައެވެ. އެހާ ފަސޭހައިން އޭނާއަށް އެހިތުގައިވާ “ކުށްވެރި” އިހުސާސްތަށް ބޭރުކޮށްލެވުނީ ކިހިނެއްހެއްޔެވެ؟ އީރަމް ގެ ބޮޑުލޮލުން ފޭބި ކަރުނަތަށް އޭނާ ފޮހެލުމަށްފަހު އަނެއްކާވެސް މީކާންގެއަތުގައި ހިފަހައްޓާލިއެވެ. މީކާންގެ ހިތުގައި އެހެން ކުއްޖަކު ރަސްކަން ކުރާކަން އެނގުމުން ލިބުނު ހިތްދަތިކަމަށްވުރެ ބޮޑަށް އޭނާއަށް މީކާން އުޅުނުގޮތާއި އޭނާގެ ހިތުގައި އުފެދިފައިވާ ހިތާމަތަކުގެ ވާހަކައެނގި ލިބުނު ހިތްދަތިކަން މާބޮޑެވެ. މީކާންއަށް ވާހަކަ ކުރިއަށް ގެންދަން ލިބުނީ އިތުރު ހިތްވަރެކެވެ. ހިތުގައިވާ ގިލަން އޭނާ ހިއްސާކުރަމުންދިޔައީ ލަމްޔާގެ ރީތިނަން ހާމަކުރުމެއްނެތިއެވެ. ލަމްޔާދެކެ ވަމުން އަންނަ ސާފުލޯބި އިބާރާތްކުރަމުންދިޔައީ ލަމްޔާގެ ސޫރަފަދަ ރީތި އަދި ހޮވާލެވޭ ހާއްސަ ސިފަތަށް އެކުލަވާލައިގެންނެވެ. އެހިތުގައި އެތަށް އަހަރުތަކެއްވަންދެން ޖެހިފައިވާ ކަޅުލައްގަނޑާއި އެކަމުން އޭނާއަށް ދިމާވި ނަފްސާނީ ބަލިކަމުގެ އިތުރަށް އެހިތަށް ލިބުނިއްޔާ ލިބުނު ހިތާމަތަކެއްގެ ވާހަކަ މީކާން ކިޔައިދިނެވެ. މީކާންގެ ހިތުގައިވާ ބަރު ލުއިވަމުންދިޔަ އިހުސާސްވެގެންދިޔައިރު އީރަމްއަށް ދިޔައީ މީކާންގެ ހިތުގައި މިހުރިހާ ދުވަހު ވީ ގިލަންވެރިކަމުގެ އަޑުއިވި އިތުރަށް ދެރަވެ ހިތުގައިޖެހެމުންނެވެ. މީކާންގެ ދިރިއުޅުމަށް އައި ބަދަލުގެ މައިގަނޑު އަސްލަކީ އެއީކަމަށް މީކާން ބުނެދިނެވެ.
“އެކަމް އަހަރެން ދޮގެއްނުހަދަން އީރަމް… އަހަރެންނަށް އީރަމް ހާއްސަވީ އީރަމްގެ ހުންނަ މަޑުމައިތިރިކަމާއި ހިތްތިރިކަމުގެ ސަބަބުން.. އަހަރެން ވަރަށް ބޭނުން އީރަމް އުފާކުރަން.. އެހެންވެ ކަންނޭނގެ އެދުވަހު އީރަމް ބުނި އެންމެ ޖުމްލައެއްގެ ސަބަބުން އެވަގުތުން ވަގުތަށް ނާޒީއާއި ބައްދަލުކޮށް ކުލާސްތަށް ނަގަންފެށުނީ… އީރަމްގެ ރައްކާތެރިކަމަށްޓަކައި އަހަރެން ފިކުރުކުރެވޭތީ ކަންނޭނގެ އީރަމް ގެޔަށް ލާފައިވެސް އެތަށް އިރެއްވަންދެން އެތާ އިނދެވެނީ…. އަހަރެންނަކީ މޮޔައެއްކަންނޭނގެ އެކަމް އަހަރެން ބޭނުންވޭ އީރަމްއަށް މިހުރިހާ ވާހަކައެއް ކިޔައިދޭން.. އަހަރެންނަށް އިނގޭ އެއްޗަކީ އަހަރެން އެކުއްޖާދެކެ ވަރަށް ލޯބިވާކަން.. އެކަމް އީރަމް އަކީ އަހަރެންނަށް ވަރަށް ހާއްސަކުއްޖެއް.. އެހެންވެ އަހަރެން ބުނީ އީރަމް ކައިރި، މިހުރިހާ އޮޅުންގަނޑަކުން އަހަރެން ސަލާމަތްވަންދެން އީރަމް އަހަރެންނަށް އިންތިޒާރުކުރާނަންހޭ… އަހަރެންނަށް ފެނޭ އީރަމް އަހަރެންގެ ކުރިން ހިނގާފާ ދާތަން، އެކަމް އަހަރެން ދުވެފައި އީރަމްއާއި ހަމައަށް އަރަންދެން މި ރާސްތާއާއި މަންޒިލް ބަދަލުކުރުމެއްނެތި ހިނގަމުން ދާނަންތަ؟ އީރަމް އަހަރެންނަށް އިތުބާރުކޮށް އަހަރެންނަށްޓަކައި އިންތިޒާރު ކުރާނަންތަ؟” މީކާން ވާހަކަ އަޑުއިވިފައި އީރަމްއަށް ކުރަމުންދިޔަ އަސަރުތަކުން އޭނާއަށް ޖަވާބެއްދޭންވީ އުނދަގޫކަމަކަށެވެ. މީކާންގެ ދުލުން މިއަދު އޭނާގެ ދިރިއުޅުމަށް އީރަމް ހާއްސަވާހަކަ އެބުނީ ކިތަށްފަހަރުކަމެއްވެސް ނޭނގެއެވެ. އެދެލޮލުން ދިޔައީ އޭނާ ދެއްކި ވާހަތަކުގައިވާ ތެދުވެރިކަން ސާފުކޮށް ފެންނަމުންނެވެ. އީރަމް މީކާންއަށް އިންތިޒާރު ނުކުރަންވީ ކިއްވެހެއްޔެވެ؟
އީރަމް ނޭފަތް ދަމާލުމަށްފަހު މޫނުމައްޗަށް ވެއްޓެމުންދިޔަ އިސްތަށިތަށް އެއްފަރާތްކޮށްލިއެވެ. މޫނުމަތީވާ ކަރުނައިގެ ދިގު ރޮނގުގައި އިސްތަށިތަށް އިރުއިރުކޮޅާ ތަތްލާވަރުން އެތަކެއްފަހަރު މޫނުގައި އަތްހާކާފައި އެ ފޮހުނެވެ. ނަމަވެސް އީރަމްގެ ލޯ ދިޔައީ ހުއްޓުމެއްނެތް ކަރުނަތަކެއް ބާލަމުންނެވެ. އީރަމްއަށް މަޖުބޫރުކުރަން ބޭނުންނުވާ މީކާން އިނީ މަޑުކޮށްލައިގެންނެވެ. އީރަމް ވިސްނާވަރަކަށް ވިސްނާފައި ޖަވާބެއްދެންދެން އޭނާ އިނީ އީރަމްއަށް ބަލަހައްޓައިގެންނެވެ. ވަޔާއި ވިހުރެމުންދިޔަ އިސްތަށިތަކުން ލިބެމުންދިޔަ ގޯނާއިން އީރަމް އަށް ދިޔައީ އުނދަގޫވަމުންކަން އެނގި، މީކާން އޭނާގެ ދެއަތުން އީރަމްގެ އިސްތަށިގަނޑު އޮޅާލާފައި ހިފަހައްޓާލިއެވެ. އީރަމް އިސްއުފުލާ މީކާންގެ މޫނަށް ބަލައިލިއިރު ދެމީހުންނަށްވެސް ތިބެވުނުލެއް ގާތްކަމުން ދެހިތުގެ ހިނގުން އަވަސްވެގެންދިޔައެވެ.
…….
ލަސްފިޔަވަޅުތަކެއްގައި އެނބުރި ޕާޓީ އޮތް ދިމާލަށް ދެމީހުން ހިނގަމުންދިޔައީ މީކާންގެ ކާރުގައި ގެޔަށް ދިޔުމުގެ ގޮތުންނެވެ. އެނބުރި ދާން އުޅުނީވެސް އީރަމް ހުސްފަޔާ ކަމުން މީކާން އޭނާ އަރައިގެން ހުރި ބޫޓުބާލާ އީރަމްއަށް ދިނެވެ. އީރަމް އެވަގުތު މީ ފިލްމެއްނޫނޭ ބުނުމުން މީކާން ހޭންފެށިއެވެ.
“ފިލްމުނޫނަސް، އަސްލު ދިރިއުޅުމުގައިވެސް އަޅާލުމާއި ލޯބި ދޭންޖެހޭ ކުދިންނަށް ޖެހޭނެ ހުރިހާ ކަމެއްގައިވެސް އެއްބާރުލުންދޭން.. އައި މަގުމަތީ އީރަމް ހުސްފަޔާ އައީ.. މިފަހަރު އަހަރެން ދާނީ..” މީކާންގެ ޖަވާބުގައިވަނީ ހަކުރުކޮޅެއްހާ ‘ސްވީޓް’ އިހުސާސްއެކެވެ. އީރަމްގެ އުސްފައިވާން އެއަތުން ހިފަހައްޓާލައިގެން އަނެއްއަތުން އީރަމްގެ އަތުގައި ހިފަހައްޓާލައިގެން ހުސްފަޔާހިނގަމުންދިޔަ މީކާން ހުރީ އީރަމް ހިނގަމުންދިޔަ ގޮތަށް ނަޒަރު ހުއްޓާލައިގެންނެވެ. ކުޑަކުޑަ ދެފަޔަށް މީކާންގެ ފަޔާއި އެއްވަރަށް ހުރި ބޫޓުގެ ބޮޑުކަން ދިޔައީ ހާމަވަމުންނެވެ. އީރަމް ގެ ފަރާތުން އަދިވެސް ޖަވާބެއް ލިބިފައިނުވުމުން އެކަމާއި މީކާންގެ ހިތުގައި ސުވާލުތަކެއް ވިއެއްކަމަކު އެ ބަންޑުންކޮށްލަން އޭނާ ފަސްޖެހެއެވެ. ހިތަށް އެތަށްގޮތަކުން ލުއިވުމާއި އެކު އޭނާގެ ހަށިގަނޑަށްވެސް ދިޔައީ އެކަމުގެ އަރާމު ލިބެމުންނެވެ. އޭނާއަށް އެވާހަކަތަށް އެހާ ދުވަސްވަންދެން ގެންގުޅެވި އެ ހިއްސާމިކުރެވުނީ އެންމެ އެކަށީގެންވާ މީހާއަށްކަން އޭނާގެ ހިތްބުނެއެވެ.
“އަހަރެން ވަރަށް ހަނދާންވޭ… ސުކޫލު ދުވަސްކޮޅު، އަހަރެންނަށް ވަރަށް ގިނައިން ފެނޭ ކުއްޖެއް.. އަހަރެންނަށް އެކުއްޖާގެ ނަމެއް ނޭނގުނު.. އެކަމް އަބަދުވެސް ފެންނާނީ ވަރަށް އެކަނިވެރިވެފައި ހުންނަތަން.. އަހަރެން ބަލާލާ ކޮންމެފަހަރަކު އޭނާ މޫނު އަނބުރާލާނެ… ދެން އޭނާ އެހެން ހަދާ ސަބަބު ނޭންގޭތީ އަހަރެން ގެ ހިތް އެ ގޮތްނޭނގޭ ފިރިހެންކުއްޖާއާއި މެދު ޝައުގުވެރިވެގެންދިޔަ.. ވަރަށް ވާހަކަވެސް ދައްކާހިތްވި.. އޭނާ އެވަރަކަށް އަހަރެންނަށް އެބަލަނީ ކިހިނެއްވެތޯ އިނގެންވެސް ބޭނުންވި.. އެއްދުވަހަކު އޮޅުމަކުން އަނިޔާވެރި ހަދިޔަލެއްވެސް ދެވުނު.. ހެހެހެ.. އަހަރެންނަށް އޭނާ އެންމެ ފަހުން ފެނުނު ދުވަހު އޭނާ ހުރީ ސީދާ އަހަރެންގެ މޫނަށް ބަލަހައްޓައިގެން.. ވަރަށް ދުރުގައި… އެންމެންގެ ތެރޭގައި.. އެމީހުންގެތެރެއަށް އޭނާވެސް ގެއްލިދިޔައީ، އޭގެފަހުން އޭނާއަށް ނުފެނެ.. އެއީ ކަންނޭގެ ހަޔާތުގައި އަހަރެންނަށް ފިރިހެންކުއްޖަކާއި މެދު އެހާ ޝައުގުވެރިވެވުނު ފަހަރަކީ.. އެކަމް އެހެން އެވީ، އެކުއްޖާ އުޅުނުގޮތުން… ހެހެހެހެ..” އީރަމްގެ ވާހަކަތަކުން މީކާންއަށްވެސް ހެވުނެވެ. އެހެންޏާ އީރަމް ގެންގުޅޭ ސްޕީޑަށްވުރެ ލަސްކޮށްފައިވަނީ މީކާންއަށް އެޖުމްލަތަކުން މާނަ ދޭހަކުރަން ފަސޭހަކުރަންކަން މީކާންއަށްވެސް އިނގެއެވެ. ބައެއް ހަރަކާތްތަކުގެ މާނަ ނަގައިގަންނަން މީކާންއަށް އުނދަގޫވިއެއްކަމަކު އޭނާ އަށް އީރަމް ދެއްކި ވާހަކަތަށް ދޭހަވިއެވެ. އެދެމީހުންގެވެސް މާޒީގައި ކޮންމެވެސް އެކަކު ވާކަން އެނގި އެވާހަކަ ފާހަގަކޮށްފައި މީކާން ބުނީ އީރަމްގެ ޖަވާބަކަށް އޭނާ އިންތިޒާރުކުރާކަމެވެ. އީރަމްގެ ޖަވާބު ގެޔަށް ގޮސް މެސެޖުން ފޮނުވާލާނެކަމަށް މީކާން ކައިރި ބުނުމުން މީކާން ބޯޖަހާލިއެވެ.
ނިމުނީ
9 Comments!
Comments are closed.
Salaam and Surprise. Yes this is a very surprising post. I just love how honest they are with each other. Ehvx foruvumehnethi hurihaa kamehves hihsaakurey eba, That’s what we should do too. Kaakah ingeyny midhuniyemathy thibeyne ireh, maruvaane ireh, so why not we shout and let the whole world know what we feel inside. Aailaa gulhumeh viyas nuvatha rahtehikamuge gulhun noony ehen gulhumakun gulhifaa thibi myhunah vx ebajehey handhaankohladhen emyhunge sababun dhiriulhumah hiyyvareh libigendhaakamah! Emyhundheke loabivaakamaa, e haahsa myhun dhiriulhumugaa thibythii ekamaa shukurukuraakanvx jeheyne share kuran. Share some love with your loved ones because WHY NOT?
Thankyou for reading, Next part in sha allah tomorrow morning (morning ga nukurevihjehya konms gadiehga kohladheynan)
Have a great night, let us obey all the rules and stay safe inside and also lets us save ourselves and loved ones. Take caree. And i have noticed some armys here, so lets say, I PURPLE YOU ALL (I love you all). Thankyou.
Maasha allah …. what a big suprise …. vaahaka e upload vey tho faaraya indha thi up kohly … thnxx …. n yehhhhhhhh eeraam n meekaan finally hithuga oi eche bunefi …. i hope meekaan n eeram fahun ekoh gulheyne kamah ….. btw story v v v v v v habeys …. love this story n love u ryn ❤❤❤❤❤❤ good nyt
Thankyou imkko. Have a very good night and love you too ❤️
Varah reethi mipartves Thanks avahah up kohdhyteeve
Thankyou sifoo ☺️❤️
Varah reethi Masha Allah good night stay home
vvvvvv reethi maasha allah.. waiting for the next part keep it up ????????????
eeram ei lamyaa hen heevny.ebunynu ehdhuvahu ladeh dhevune vaahka. meekaan ge lolah kanneyge lamyaa ge fothuge kan vadhuny. eeram aa lamyaa ge vaahka varh ehgoi
Wow varah salhi mi part ves … Alhe thank u Ryn …. Prefect lava ves ebain OMG …. Varah salhi Masha Allah …. Ryn u are the best … Luv u