Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނުވާނަން ތަފާތެއް… 22

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
April 2, 2020 10 Mins Read
4 Comments

”ކީކޭތަ ދެންމެ ތިބުނީ؟…” ގިޔާންއަށް ބަލާލަމުން ރޭޝަމް އެހިއެވެ. އެއަށްފަހު އޭނަގެ ނަޒަރު އަމާޒުވެގެން ދިޔައީ މަލްސާއަށެވެ. އޭނައަށް މަލްސާގެ ފަރާތުން ފެނުނީ ހާސްކަމެވެ.

”އޫޕްސް، ސިރެއްތަ އެއީ، އެހެންވެއްޖެއްޔާ ސޮރީ…” ގިޔާން ބުނެލިއެވެ. މަލްސާއަށް ވެފައި ހުރި ގޮތް ފެނި ގިޔާން ގާތަށް އައީ ނުލަފާ ހިންޏެކެވެ. ނަމަވެސް، ދޮންތަގެ ސިއްރު ބޭޒާރުކޮށްލެވުމުން އޭނަ މަޢާފަށް އެދުނެވެ.

”ސޯ ޔޫ ޑިޗްޑް މީ ޓު ގޯ އޮން އެ ޑޭޓް؟…” ރޭޝަމް އެހިއެވެ.

”ގިޔާގެ އަނގަ އަންހެނަކުއްޖަކަށް ވުރެން ހަލުވި ވީމަ ވާހާ ކަންތަކޭ، ސޮރީ، ރޭޝް އަހަރެން ހުރީ ބުނަން ވެގެންނޭ… ކުއްލިޔަކަށް އަޝްކާން ޑިނާރއަށް ދާން ބުނީމަ ނޫނެކޭ ބުނަން ނުކެރުނީ…” ރޭޝަމްގެ އަތުގައި ހިފާލަމުން މަލްސާ މަޢާފަށް އެދުނެވެ. ރޭޝަމް އޭނަގެ މޫނު އަނެއް ފަރާތަށް އަނބުރާލަމުން ތުންއަނބުރާލިއެވެ. އެކަމަކު އަޝްކާންގެ ނަން އިވުމާއެކު ހައިރާންކަމާއެކު މަލްސާއަށް ބަލާލައިފިއެވެ.

”އަޝްކާންއާ އެކީގަތަ ދިޔައީ؟…” ދެލޯބޮޑުކޮށްލަމުން ރޭޝަމް ސުވާލުކުރިއެވެ.

”ދެން ކާކާ އެކުގަތަ އަހަރެން ދާނީ!…” ވިސްނާލުމެއް ނެތި މަލްސާއަށް ބުނެވުނެވެ. އެކަން ރޭކާލުމުން އޭނައަށް އަނގަމަތީ އަތް އަޅާލެވުނެވެ.

”އަހަރެން ހިޔެއް ނުކުރަން ތިދެމީހުން އެހާ ސީރިޔަސް ކަމަކަށް، ފަހުންފަހުން އައިސް އެހާ ވަރަށް އަޝްކާންގެ ވާހަކަ ނުދައްކާތީ ދެން އަހަންވެސް އަހަން ނުކެރިފަ ހުރީ، އެކަމަކު މަށަށް ސިއްރުން އުޅުނުކަން ފަޅާ މިއެރީ އަދިކިރިޔާއެއްނު، ޔޫ ހޭވް ޓު ޓެލް މީ އެވްރީތިންގް…” އެކުވެރިޔާއާ މެދު ރޭޝަމް ހުރީ ވަރަށް އުފާވެފައެވެ. ތޫލި ހަޅޭކެއްގެ އަޑާއެކު މަލްސާގެ ގައިގައި ބައްދާލިއެވެ. އެވަގުތު ފިހާރައިގައި ތިބި މީހުންގެ ނަޒަރު ދެއެކުވެރީންނަށް ހުއްޓުނުތަން ފެނުމުން ގިޔާން ލަދުގަންނަ ގޮތްވިއެވެ. ދޮންތައާއި ރޭޝަމް ހީވަނީ ދެމޮޔައިންހެން ވިއްޔާއެވެ.

”ކާކުތަ ތިއަޝްކާން އަކީ؟…” ދެއެކުވެރިން ދައްކަމުން ދިޔަ ސިއްރު ވާހަކަތަކަށް ކަންފަތް ދިއްކޮށްގެން ހުރި ގިޔާންއަށް ނާހާ ނުހުރެވުނެވެ. އޭނަވެސް އެނގެން ބޭނުންވިއެވެ. ދޮންތަ މީހަކާ ރައްޓެހިވާނަމަ ވަނަވަރު އެނގެން ބޭނުންވީތީއެވެ.

”ހޫނނނ، ދެން އުމުރާ ނުގުޅޭ ވާހަކައޭ މީ، ދިސް އިސް ގާރލްސް ޓޯކް، ޔޫ ސްޓޭ އަވޭ…” ގިޔާންއާ ދިމާއަށް ލޯއަޅާލަމުން ރޭޝަމް ބުނެލިއެވެ. އަދި މަލްސާގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތީ ރޭވެދިޔަ ކަންތަކުގެ ތަފުސީލުތައް އޮޅުން ފިލުވަމުންނެވެ. ގިޔާން ވެސް އޭނަގެ އަތުގައި ހުރި ކޮތަޅުތަކާއެކު ދެފަރާތަށް ބޯހޫރަމުން ކުރިއަށް ހިނގައިގަތެވެ. ދޮންތަގެ ތުންފަތުގައިވި ހިނިތުންވުމާއި އުފާވެރިކަން ފެނި އެއީ ދޮންތައަށް ވަރަށް ހާއްސަފަރާތެއް ކަމުގައި ގިޔާންއަށް ޔަޤީންކުރެވުނެވެ. ދޮންތައަށްޓަކައި އޭނަ އުފާވިއެވެ. ވަގުތު ޖެހުމުން އާއިލާއަށް ތަޢާރަފްކޮށްދޭނެކަން އެނގޭތީ މަލްސާއަށް އުނދަގޫނުކުރަން އޭނަ ނިންމިއެވެ.

*****

ފަހަކަށް އައިސް މަލްސާގެ ތުންފަތުން ނުފިލާ ހިނިތުންވުމެއް ފެންނާތީ ޖަމީލާގެ ހިތުގައި ސުވާލުތަކެއް އުފެދިއްޖެއެވެ. ހަމައެއާއެކު އެއުފާވެރިކަމާ ގުޅިފައިވަނީ ކުރީރޭ އޭނައަށް ފެނުނު ޒުވާނާއާއި ކަން ޔަޤީންކުރެވުމުން، އެއީ ކާކުކަން ހޯދަން އޭނަ މަލްސާއަށް ފާރަލާން ފެށިއެވެ. އޮފީސްނިމޭ ގަޑީގައި މަލްސާ ގެއަށް އަންނަނީ ޒަމާނީ ކާރެއްގައިކަން ވެސް އޭނައަށް ފާހަގަ ކުރެވެން ފެށިއެވެ. އިތުރަށް ޝައްކު އުފެދެނީ ގޭ ހުންނަ ގޯޅިގަނޑަށް ވަނުމުގެ ބަދަލުގައި ކާރު މައިމަގަށް މަޑުކުރުމުން މަލްސާ ފައިބާތީއެވެ. އެއީ އޭނައަށް އެނގިދާނެތީ މަލްސާ ކުރަމުން ދިޔަ ކަމެއްކަން ވެސް ޖަމީލާއަށް ރޭކާލިއެވެ. ނުވީތާކަށް މަލްސާއާއެކު ފެންނަ ޒުވާނާއަކީ ކާކުކަން ނޭގިގެންވެސް ރުޅިގަދަވާ ގޮތްވިއެވެ. ދަންނަ ވައްތަރު ޖަހިއެއް ކަމަކު ފެނުނުތަނެއް ވިސްނައިގަންނަން އުނދަގޫވިއެވެ.

ޖަމީލާއަކީ އޭނަ ހީކުރާހާ ވިސްނުންތޫނު މީހެއް ނޫނެވެ. އެއްތަނަކުން ފެންނަ މީހަކު ދެވަނަ ފަހަރަށް ފެނިއްޖެނަމަ ވަނިކުރަން ގިނަ ފަހަރަށް އޭނައަށް ނޭގެއެވެ. އެހާސްކަމެއްގެ ތެރޭގައި ވަނިކޮށް، އޭނަގެ މޭގަނޑުން އިތުރަށް ދިލަ ނަގަން ފެށީ އެޒުވާނާގެ ކިބައިން މުއްސަނދިކަމުގެ ކުލަވަރު ފެންނާތީއެވެ. މުއްސަނދިކަމުގެ ލައްޒަތު މަލްސާއަށް ލިބެން ޖަމީލާ ބޭނުމެއް ނުވެއެވެ. ތެދު ބުނާނަމަ ދިރިއުޅުމުގެ މައިދާނުގައި މަލްސާއަށް އެއްވެސް ކާމިޔާބެއް ލިބޭތަން ދުށުމަށް އޭނައަށް ކެތެއް ނުކުރެވޭނެއެވެ. ހުރިހާ މޮޅެއް ލިބެން އޭނަ ބޭނުންވަނީ އޭނަގެ ދަރިފުޅު ނޫރާލް އަށެވެ. މަލްސާއަށް ލިބޭނެ ކޮންމެ ނާކާމިޔާބީއަކީ އޭނަގެ ހިތުގެ ފިނިކަމަށް ވާނެކަން ގައިމެވެ.

”ވަރެއްގެ ރަންޑިގަނޑެއް… ޔަޤީން ފައިސާކޮޅުގެ ދަހިވެތިކަމުގެ އެސޮރުގެ ބޯކަމުން އެދަނީ، އެކަމަކު އެއޮތް ރަގަޅު ޝުއައިބުގެ ގާތަށް ދާކަށް ބޭނުމެއް ނުވި، ޒުވާން ރީތި ފިރިހެނުންނަށް ކަން ނޭގޭ އޭނަ ހިތްކިޔަނީ، ހާދަހާވާ ފޫއްސެއްވެޔޭ، ރަގަޅު ބޮޑިއެއް އޭނައަށް ލިބިއްޖެއްޔާ ރަގަޅީ… ބޮޑު ބަލާއެކޭ…” ޖަމީލާ ބަދުދުޢާ ކުރަމުން ދިޔައީ މަލްސާގެ ދިރިއުޅުން އަނދަވަޅަކަށް ވެއްޓުމަށް އެދިއެވެ. މަލްސާއަށް ދެރައެއް ލިބިގެން ނޫނީ އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

*****

ޓީރޫމްގައި ހުރި މަލްސާ ސިއްސައިގެން ދިޔައީ އޭނަގެ ފުރަގަހުން އައިސް އަޝްކާން ބައްދައިގަތީމައެވެ. ފުރަގަހުން އައިސް މަލްސާގެ ބަނޑުގައި ދެއަތުން ވަށާލަމުން މަލްސާގެ ކޮނޑުގައި ދަތްދޮޅިޖައްސާލިއެވެ. ކޮފީއެއް ގިރަން ހުރި މަލްސާ ދިޔައީ ފިނިވެގެންނެވެ. ކޮފީ ގިރަން ހިފަހައްޓައިގެން ހުރި ސަމުސަލާއެކު އޭނަ ގަބުވެއްޖެއެވެ. އެތެރެއަށް ލާން އުޅުނު ނޭވާވެސް ހިނދުރީގައި ތާށިވެއްޖެއެވެ. ހިތުގެ ވިންދު އަވަސްވެގެން ދިޔައީ މީހާ ބިރުގަންނަ ވަރަށެވެ.

”ސޮރީ…” މަލްސާ ގަނޑުވެފައި ހުރިކަން ފާހަގަ ކުރެވުމުން އަޝްކާން ދުރަށް ޖެހިލިއެވެ. އޭނަ ކައިރިވެލައިފިނަމަ މަލްސާއަށް ވާ ގޮތްތަކުން އަޝްކާންގެ ގާތަށް އަންނަނީ ލާނެއް ހިންޏެކެވެ. މަލްސާގެ އަތުގައި މާ ނޫންކަމަށް ހެދިފައި ބީހިލިޔަސް މަލްސާ ހުންނަނީ ފިނިވެފައެވެ. ރަކިވެފައެވެ. އެބަދަލުތައް އޭނައަށް ކަމުދެއެވެ.

”ބޯޑް މީޓިންގް ކިހިނެއްތަ ދިއައީ؟…” ހިތުގެ ވިންދު ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން މަލްސާ ބުނެލިއެވެ. އަޝްކާން އެތާހުރި ކެބިނެޓްގެ މަތީގައި އިށީނެވެ. އަދި މަލްސާއަށް ނަޒަރު ހުއްޓާލިއެވެ. ނުބެލިކަމުގައި ވިޔަސް އަޝްކާންގެ ތޫނު ނަޒަރު އޭނައަށް އަމާޒުވެފައިވާކަން މަލްސާއަށް އިހުސާސްކުރެވެމުން ދިޔައެވެ.

”ރަގަޅަށް ދިޔައީ… އަހަންނަށް ދޭންތަ ކޮފީ ތިހަދަނީ…” ސަމާސާ ރާގަކަށް އަޝްކާން އެހިއެވެ.

”މިއަދު ކުޑަކޮށް ނިދިއަންނަ ގޮތް ވާތީ މިއުޅެނީ…” މަލްސާ ބުނެލިއެވެ.

”ކޭންއައި ހެލްޕް ޔޫ؟…” މަލްސާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަދޭން އަޝްކާން ބޭނުންވިއެވެ. އޭނަ އައިސް މަލްސާގެ އަތުން ކޮފީތަށި އަތުލަން އުޅުނެވެ. އެކަމުގެ ތެރޭން އަޝްކާންގެ އަތުގެ އިނިގިލިތަކުގެ ކުރި މަލްސާގެ އަތްތިލައިގައި ބީހިގެން ދިޔައެވެ. އެ ބީހުމުގެ ހޫނުކަން އިހުސާސްކުރެވުމާއެކު މަލްސާ ސިހޭ ގޮތް ވިއެވެ. އެދަނޑިވަޅުގައި އަޝްކާންއަށް ހީގަނެވުނެވެ. އަޝްކާންގެ އަޑުގެ ދަށުން މަލްސާއަށް ވެސް ހެވިއްޖެއެވެ. ހުވަފެނީ އާލަމެއްގެ ތެރޭގައި އުޅޭވޭ ކަހަލައެވެ.

”ކީއްވެތަ ތިހާ ބިރުން ތިއުޅެނީ، އަހަރެން މަލްސާ ނުކާނަމޭ…” އަޝްކާން ހިނިތުންވުމަކާއެކު ބުނެލިއެވެ. ރަކިވެފައި ހުރި މަލްސާ އޭނަގެ މޫނަށް ފައިބާފައި ހުރި އިސްތަށިތައް ކަންފަތުގައި އަޅުވާލިއެވެ. އަދި އުޅަނބޮށީގައި ހިފަހައްޓާލަމުން އަޝްކާންއަށް ބަލާލިއެވެ. އެވަގުތު ސަމާސާއަކަށް މަލްސާއާއި ގާތްވެލަން އަޝްކާން އުޅުމުން މަލްސާއަށް ފަހަތަށް ޖެހިލެވުނެވެ. މުޅިހަށިގަނޑުގައި ޖަޒުބާތުގެ ރާޅުބާނީތަކެއް ދުވެލިއެވެ.

”ވިތް ލޮޓްސް އޮފް ލަވް ފްރޮމް މީ…” މަލްސާ އަތަށް އޮފީތަށި ދިއްކޮށްލަމުން އަޝްކާން ދަތްތައް ފެންނަވަރަށް ހިނިތުންވެލިއެވެ. އެހިނިތުންވުމުގެ ތެރެއަށް މަލްސާ ގެއްލުނެވެ. ހޭވެރިކަންވީ އޭނަގެ ލޯކުރިމަތިން އަޝްކާން އަތް ހުރާލުމުންނެވެ. އެހަރަކާތުން އޭނަ ސިހުނެވެ.

”ޔޫ ލުކް ބިއުޓިފުލް ވެން ޔޫއަރ ޝައި…” އަޝްކަން ބުނެލިއެވެ. ދެލޯބިވެރިން އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ވަނިކޮށް ސިއްސައިގެން ދިޔައީ މީހަކު ކަރުކެހިލި އަޑަށެވެ. އަޑުއައީ ދޮރާދިމާލުންނެވެ. އަވަސްއަވަހަށް އެދިމާއަށް ބަލާލެވުނު އިރު ތިބީ ކައްޔިސްއާއި ދިމްނާއެވެ.

ދިމްނާގެ ފަސްމަހުގެ ބަނޑު ފާހަގަކުރެވެން ފަށާފައިވާއިރު ކުރިއަށްވުރެން ހަށިގަނޑުގައި މަސްޖަހައި ރީތިވެފައި ވެއެވެ. ސިއްހަތު ރަގަޅުކަމަށް ދައްކައެވެ. ކުރިން ފެންނަ ހިތާމައާއި މޮޅިވެރިކަމުގެ އަސަރުތައް މިހާރު އެދެލޮލުގައި ނުވެއެވެ. އެއާޚިލާފަށް ފެންނަނީ އުއްމީދުގެކުލަވަރުތަކެވެ. އާއިލާއާއި އެކުވެރިންގެ ލޯތްބާއި އަޅާލުމުގެ ސަބަބުން ހިނިތުންވާން މިހާރު ދިމްނާ ދަސްކޮށްފިއެވެ. ހިތްވަރާއެކު ދިރިއުޅުމާ ކުރިމަތިލަމުން ދިޔައީ މާޒީގެ ހިޔަނިތަކުން މުސްތަގުބަލު އަނދިރިވެގެން ދާން ބޭނުން ނުވާތީއެވެ. އަދިވެސް އެކަނިވެރިކަމުގެ އުދާސްކަން އެހިތުގައި ވެއެވެ. ނަމަވެސް އެޖަޒުބާތުތަކުގެ ތެރޭގައި ނަފުސު ބަނދެވިގެން ދިއުމުގެ ފުރުސަތެއް އޭނަ ނުދެއެވެ. އެކަނިވެރިކަން ވަށާލާ ހިނދު އޭނަގެ ބައިވެރިޔަކަށް ވަނީ ބަނޑުގައިވާ ތުއްތުދަރިފުޅުވެ. އެދަރިފުޅުގެ ތޮޅުންތަކުން ދިމްނާގެ ހިތަށް ފިނިކަން ގެނެސްދެއެވެ. އުދާސްތަކުން އަރައިގަންނަން އިތުރު ހިތްވަރެއް ލިބެއެވެ.

ކުންފުނީގެ މާކެޓިންގް މެނޭޖަރުގެ މަޤާމު ބައްޕައާއި އަޝްކާން އޭނައަށް ހުށަހެޅިކަމުގައި ވިޔަސް ދިމްނާ ވަނީ އެޚިޔާލު ދޫކޮށްލާފައެވެ. ކިތަންމެ ކުރަން ކިތަންމެ ބޭނުން ވިޔަސް، ބަލިވެ އިނުމުން އެންމެ ރަގަޅަށް އެމަސްއޫލިއްޔަތު އަދާނުކުރެވިދާނެތީއެވެ. ތިންމަހުގައި ދިމްނާގެ ބަނޑުން ލޭ އައިސްގެން ޑޮކްޓަރަށް ދެއްކުމުން ވަނީ ގިނަގިނައިން ބެޑްރެސްޓް ނެގުމަށް ބުނެފައެވެ. އެހެންވުމުން ވިހައި ގަދަވެގެން ނޫނީ މަސައްކަތުގެ މާހައުލަށް ނުނިކުންނަން ދިމްނާ ވަނީ ނިންމާފައެވެ. އޭނަގެ އެނިންމުމަށް އެންމެންވެސް އިހުތިރާމްކުރިއެވެ.

ކައްޔިސް އާއި ދިމްނާ ފެންނައިރަށް މަލްސާ އަވަސްއަވަހަށް އަޝްކާންއާއި ދުރަށް ޖެހިލިއެވެ. މަލްސާއާއި ހިލާފަށް އެއްވެސްކަމެއް ސިއްރުކުރަން އުޅޭ ފަދަ ކުލަވަރެއްގެ އަޝްކާންގެ މޫނުގައި ނުވިއެވެ. އޭގެ ސަބަބުން މަލްސާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ.

”ހާދަ އިޝްގީ މާހައުލެކޭ ދޯ…” ހިނިގަނޑު އޮއްބަން މަސައްކަތްކުރާ ހާލު ދިމްނާއަށް ބަލާލަމުން ކައްޔިސް ބުނެލިއެވެ. ދިމްނާ ވެސް ހުރީ މަޖާވެފައެވެ. އަޝްކާން ވަނީ މަލްސާގެ ވާހަކަތައް އޭނައާއި ހިއްސާކޮށްފައެވެ. މަލްސާއަށް ލޯބި ހުށަހެޅި ދުވަހުގެ އުފާވެރިކަން ފުރަތަމަ ހިއްސާކުރީ އޭނައާއެވެ. އަޝްކާން އެހާ ބޮޑަށް އުފާވެފައި ހުރި ދުވަހެއް އެނޫނީ އޭނަ ދުވަހަކު ވެސް ނުދެކެއެވެ. އެއުފާވެރިކަން ފެނި މާތްﷲއަށް ހަމްދުކުރެވުނެވެ. ދުޢާކުރެވުނެވެ. ކޮއްކޮގެ ހުވަފެންތަކާއި އުއްމީދުތައް ހަޤީޤަތަކަށް ވުމަށްއެދި ދެންނެވުނެވެ. ދުނިޔޭގެ ހުރިހާ އުފަލެއް ކޮއްކޮއަށް ހާސިލުވުމަށް އެދި ވެސް މެއެވެ.

”އާނ، އެންމެފަހުން މަލްސާއާއި އޮފިޝިއަލީ ބައްދަލުވުމުގެ ފުރުސަތު ލިބުނީތާ… މީ ޝާންގެ ދޮންތަ، ދިމްނާ… ހެހެހެ…” އެކުވެރިކަމުގެ ރާގަކަށް ދިމްނާ ބުނެލިއެވެ. އަދި ސަލާމަށް އަތް ދިއްކޮށްލިއެވެ. ނުކެރިފައި ހުރި މަލްސާ ފުންނޭވާއެއް ދޫކޮށްލަމުން ދިމްނާގެ އަތުގައި ހިފިއެވެ. އޭނައަށް ދިމްނާއަކީ ކާކުކަން ވަނީ ދަސްވެފައެވެ. ވަކިން ހާއްސަ ގޮތެއްގައި މީގެ މަސްތަކެއް ކުރިން މީޑިއާއަށް ތިލަވެގެން ދިޔަ ޚަބަރުތަކުންނެވެ. އެކަމާ އޭނަ ވަރަށް ހަމްދަރުދީވިއެވެ. އަޝްކާންގެ ގާތުން ދިމްނާގެ ޚަބަރު އޮޅުންފިލުވިއެއް ކަމަކު ބައްދަލުވުމުގެ ފުރުސަތު މިލުބުނީ އަދި ކިރިޔާއެވެ.

”މަލްސާ…” ފިނިވެފައިވި އަޑަކުން މަލްސާ ބުނެލިއެވެ. މަލްސާއަށް ބަލަން ހުރި ދިމްނާ އިހުނަށްވުރެން ބޮޑަށް ހިނިތުންވެލިއެވެ.

”އެނގޭތަ؟، އަހަރެން ހިޔެއް ނުކުރަން ޝާންއަށް ކަމުދާނެ ކަހަލަ ކުއްޖަކު ދުވަހަކު ފެނިދާނެއޭ، ސްކޫލްގަ އުޅުނު ދުވަސްވަރާއި ކޮލެޖްގައި އުޅުނު ދުވަސްވަރުވެސް އަންހެންކުދިންގެ ފަރާތުން ލިބުނު ހުރިހާ ހުށަހެޅުމަކަށް ދިޔައީ ދެކޮޅު ހަދަމުން، އެންމެފަހުން އަހަންނާއި އެލީއަށް ޖެހުނީ ޝާންގެ ގާތަށް އަންނަ ކުދިން ފަހަތުން އިލޮށިފަތި ހިފައިގެން ދުވަން…. ހެހެހެ، މަލްސާއާއި ބައްދަލުވީމަ ވަރަށް އުފާވެއްޖެ، އަބަދު ޝާންގެ ކަމަކީ މަލްސާގެ ވާހަކަދެއްކުން، ބައްދަލުކުރަން އެދުމުން ވެސް ބުނީ ފުރަތަމަ ލޯބި ހުށަހަޅާފަޔޯ، މަލްސާއަށް ލޯބި ހުށަހަޅަން އުޅުނު ރޭވެސް ހުރީ ވަރަށް ބިރުން، އަހަރެންގެ ފޯނުގަ އިންނާނެ ވީޑިއޯއެއް… ބަލަން ބޭނުންތަ؟…” ދިމްނާ ބޭނުންވީ މަލްސާއާއި އެކުވެރިކަން ބަދަހި ކުރާށެވެ. ކޮއްކޮގެ ހޮވުން އޭނައަށް ކަމުދިޔައެވެ. މަލްސާގެ މަޑުމައިތިރަކަމާއި ސާދާކަން އޭނައަށް ފާހަގަކުރެވުނެވެ.

”ޓު ބީ އޮނެސްޓް ވީ އާރ ރިލީވްޑް، އަހަރުމެން ހީކުރީ ޝާން އަކީ ގޭއި އެއް ކަމަށް، ހުވާ މިބުނީ، އަންހެންކުއްޖަކު ފެންނައިރަށް ދުވާނީ ވިއްޔާ…” ކައްޔިސްގެ ޖުމްލައާއެކު ކައްޔިސްއާއި ދިމާއަށް އަޝްކާން ހިނގައިގަތެވެ. ވިސްނައިގެން ހުރި ކައްޔިސް، އަޝްކާންގެ އަތްދަށުނުވާން ދުއްވައިގަތެވެ. ދެއެކުވެރީން ޖަހަމުން ދިޔަ ސަކަރާތް ބަލަން މަލްސާއާއި ދިމްނާ ތިއްބެވެ.

”ޝާންއަކީ ވަރަށް މަދުން ނޫނީ މީހުންނަށް އޮޕެންވާ މީހެއް ނޫން، އެކަމަކު މަލްސާއާއި ބައްދަލުވިފަހުން މުޅިން އެހެން މީހަކަށް ބަދަލުވެއްޖެހެން ހީވަނީ، ހީ ރިއަލީ ލަވްސް ޔޫ އެ ލޮޓް، ފުރަތަމަ ފަހަރަށް ޝާންގެ މިސިފަތައް މިފެންނަނީ… އަހަރެން ވަރަށް އުފާވެއްޖެ…” މަލްސާގެ އަތުގައި ހިފާލަމުން ދިމްނާ ބުނެލިއެވެ. ޝުކުރުވެރިކަން އެދެލޮލުގައި ވިއެވެ.

”ޔޫ މޭކް ހިމް ހެޕީ، އައެމް ތޭންކްފުލް ފޯރ ދެޓް… މީހުން ބުނާ އެއްވެސް އެއްޗަކަށް މަލްސާ ދެރަނުވައްޗޭ، އަހަންނަށް އެނގޭ މަލްސާ ވަރަށް ގިނަ ކަންތަކާ މެދުގައި ވިސްނާކަން، ވަކިން ހާއްސަކޮށް މީހުން ބުނެފާނެ އެއްޗަކާ މެދު، އެޖެހިލުންވުން އަހަންނަށް އެބަފެނޭ، މީހުން ކޮންމެއެއްޗެކޭ ބުންޏަސް ހިތްވަރު ދެރަނުކުރާތި… ވަޓް މެޓާރސް އިސް ވަޓް ޔޫ ބޯތް ވޯންޓް… އަހަރެންގެ ސަޕޯޓް މަލްސާއަށް ލިބޭނެ…” ދިމްނާ ބުނެލިއެވެ. ދިމްނާގެ ވާހަކަތަކުން މަލްސާއަށް ހަމަޖެހުމެއް ގެނެސްދިނެވެ.

”ބޭނުންތަ އެރޭ ޝާން އުޅުނު ގޮތުގެ ވީޑިއޯ ބަލަން، ހެމުންހެމުން ގޮސް މަރުވެދާނެ…” ދިމްނާ ބުނެލިއެވެ. އެއަޑު ކައްޔިސްގެ ފަހަތުން ދުވަމުން ދިޔަ އަޝްކާންއަށް އަޑުއިވުނެވެ. އެއާއެކު ފިޔަވަޅުތަކުގެ މިސްރާބު އޭނަ ބަދަލުކޮށްލިއެވެ. ހަލުވިކޮށް ހިނގައިގަތީ ދިމްނާ ގާތަށް ދިއުމަށެވެ. އެބުނާ ވީޑިއޯއެއް މަލްސާއަށް ފެންނަން އޭނަ ބޭނުމެއް ނުވެއެވެ.

”ޝާން…” އޭނަގެ އަތުން އަޝްކާން ފޯނު ޖަހައިގަތުމާއެކު ދިމްނާއަށް ބުނެވުނެވެ.

”ލަދުން ނޭ އެއުޅެނީ… ހީހީ ބިނދޭވަރު ވާނެ އެވީޑިއޯ ބަލައިފިއްޔާ…” އަވަސްނޭވާތަކެއް ދޫކުރަމުން ދިޔަ ކައްޔިސް ބުނެލިއެވެ. އަޝްކާންގެ އަތުގައި ނުޖެހެންވެގެން ދުވުމުގެ ސަބަބުން އޭނަ ހުރީ ވަރުބަލިވެފައެވެ.

”ހެހެހެހެހެ… ތދެއް ތިބުނީ؟…” ދިމްނާއަށް ހީގަނެވުނެވެ.

”އަސްލު ކީއްކުރަންތަ ތި ދެމީހުން ތިއައީ؟… ދޮންތަ ތީ ބެޑް ރެސްޓް ނަގަން ޖެހޭ މީހެއް ނޫންތަ؟…” އަޝްކާން އޭނަގެ ގަމީހުގައިވި ރޫތައް ރީތިކޮށްލަމުން ބުނެލިއެވެ.

”ހަމަ ޝާންއާ ބައްދަލުކޮށްލަން ބޭނުންވެގެން… ކިހިނެއްވީ؟، ހިތްހަމަނުޖެހުނީތަ؟… މިހާރު ޝާންއާ ބައްދަލުކުރަން އަހަރުމެން އަންނަން ވެސް ބޭނުން ނުވަނީތަ؟… ނޫނީ ދުރާލާ އެޕޮއިންޓްމެންޓެއް ނަގަން ޖެހެނީތަ؟…” ދިމްނާ ތުންދިގުކޮށްލަމުން އަހާލިއެވެ.

”ނޫން، އެހެނެއް ނޫން… ދޮންތާ…” ދިމްނާ ދެރަވެއްޖެޔޭ ހިތާ އަޝްކާންއަށް ބުނެވުނެވެ. އެހިނދު ދިމްނާއަށް ބާރުބާރަށް ހީގަނެވިއްޖެއެވެ.

”މިހާރު މިއުޅޭ ކައްޔިސްގެ ފަރާތުން ސަމާސާކުރަން ދަސްކުރީ ދޯ؟… ޔޫ އާރ ސްޕެންޑިންގް ވޭއި ޓޫ މަޗް ޓައިމް ވިތް ހިމް، ދޮންތަގެ ތެރަޕިސްޓް ބަދަލު ކުރަންވީ، އަހަންނަށް ނޭގޭ ކިޔާގެ ޕޭޝަންޓުން އިތުރަށް މޮޔަނުވަނީ ކީއްވެގެން ކަމެއް…” ކައްޔިސްއަށް ނަޒަރެއް ދެމުން އަޝްކާން ބުނެލިއެވެ. ދެން އޭނަ ބަލާލީ ދިމްނާ އަށެވެ.

”އަބަދު ސީރިޔަސްވެގެން ނުތިބެވޭނެއެއްނު، މަޖާކޮށް ހީސަމާސާކުރަން ވާނެ ދޯ، އޭރަށް ދިރިއުޅުން އުފާވެރިވާނީ، މަލްސާ ބުނަނީ ކީކޭ… އަޝްކާން ކަހަލަ ފޫހި މީހާގަނޑަކަށް ވާންތަ ބޭނުމީ…” އަޝްކާންގެ ކޮނޑަށް އަތްވައްޓާލަމުން ކައްޔިސް ބުނެލިއެވެ. ބުމަ އަރުވާލަމުން އޭނަ މަލްސާއަށް ބަލާލިއެވެ.

”ޝާންއަކީ ފޫހި މީހެއް ނޫން…” މަލްސާ ބުންޏެވެ.

”އޯހ، ބައިވެސް ހިފަން ފެސީ ދޯ…” ދިމާކުރާ ރާގަކަށް ކައްޔިސް ބުނެލިއެވެ.

*****

ހަފްތާއެއް ފަހެވެ. ފަހަކަށް އައިސް އޮފީހުގައި މަލްސާ މާ ވަރަކަށް ބިޒީކޮށް އުޅޭތީ ގޭތެރޭގެ ކަންތައްތަކަށް އޭނައަށް ސަމާލުކަން ދެވޭ ވަރު ކުޑަވެއްޖެއެވެ. އެކަމާ ހުރެ ޖަމީލާ ހުންނަނީ މަލްސާ ދެކެ ރުޅި އައިސްފައެވެ. އޭނަ ހީކުރީ އޭނައަށް އުނދަގޫކުރަން ގަސްދުގައި މަލްސާ ކުރަމުން ދިޔަ ކަމެއްކަމަށެވެ. ނުވީތާކަށް ގިޔާންއަށް އޮސްޓްރޭލިއާގެ ޔުނިވާރސިޓީއަކުން ހިލޭ ޑޮކްޓަރީކަން ކިޔެވުމުގެ ފުރުސަތު ލިބުމުން އެކަމާ ވެސް ޖަމީލާ ހުންނަނީ ރުޅިގަދަވެފައެވެ. ހުސޭނުގެ ދަރިންނަށް ވިޔަސް، ގިޔާންއާއި މަލްސާގެ މުސްތަޤުބަލު އުޖާލާވަމުން ދިޔަ ތަން ފެނި އެކަން ހަޖަމުކުރަން ޖަމީލާއަށް ދަތިކަމަކަށް ވެއްޖެއެވެ. ނުވީތާކަށް ނޫރާލްގެ އުޅުމާއި މެދު އޭނަ ވަރަށް ހިތްހަމަނުޖެހުނެވެ. ގެއަށް ވަންނަނީ ހާލަކުން ފަހަރަކުއެވެ. ވަޒީފާއަކަށް ދާކަށް ބޭނުމެއް ނުވެއެވެ. ހަވީރު ދަޅައަށް ރީތިވެގެން އެދާ ތަނެއް ނޭގެއެވެ. ނޫރާލްގެ އަތަށް ފައިސާ އަރާގޮތެއް ވެސް އޭނައަކަށް ނޭގެއެވެ. އެކަންތަކާ ވިސްނަމުން ގޮސް އެންމެފަހުން އޭނަގެ ސިކުނޑި ފަޅައިގެން ދާން ކައިރިވެއްޖެއެވެ.

ހެނދުނު މަލްސާ އޮފީހަށް ދިޔަތާ އިރުކޮޅެއް ފަހުން ގެއަށް އައި ނޫރާލް ފެނުމުން ސޯފާގައި އޮތް ޖަމީލާ ރުޅިވެރިކަމާއެކު ހަޅޭއްލަވައިގަތެވެ.

”ކޮންތާކުން ކަލޭ ތިއައީ؟…” ޖަމީލާ ރުޅިވެރިކަމާއެކު ބުނެލިއެވެ. ހާސްކަން ލިބިފައިވި ނޫރާލް ޖަމީލާއަށް ސަމާލުކަމެއް ނުދިނެވެ. އޭނަގެ އަތުގައި އޮތް ކޮތަޅު ޖަމީލާއަށް ނުފެންނާނެހެން ހެދުމުގެ ފަސްބައިގެ ތެރެއަށްލައި ސިއްރުކުރަމުން އަވަސްވެގަތީ ކޮޓަރިއަށް ދިއުމަށެވެ.

”ބޮޑު ނޮހޮރައްޕާނަކަށް ވެއްޖެޔޭ، މިގޭގަ ކަމެއް ނެތިފަ ހުންނަނީ ކަލޭ އެކަނި، ވަޒީފާއަކަށް ދަނީއެއް ނޫން… ރެއާދުވާލު ގެއިން ބޭރުގައި… ދޭ ނަސޭހަތެއްގައި ހިފަނީއެއް ވެސް ނޫން…” ޖަމީލާގެ އަޑު އިތުރަށް ގަދަވިއެވެ. އޭނަ ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް ނޫރާލްއަށް އެއްޗެއް ނުވިސްނޭނެކަން އެނގޭތީ ކަރުތެރޭގައި ރިއްސަން ފެށުމުން ޖެހުނީ ހުއްޓާލާށެވެ. އޭރު ގޭތެރޭގައި އަޑުގަދަވެގެން ގިޔާން ކޮޓަރިން ނިކުމެއްޖެއެވެ. ގިޔާން ފެންނައިރަށް ކަރުގައި ރިއްސަމުން ދިޔަ ހާލު އަނެއްކާ ވެސް ޖަމީލާ ހަޅޭއްލަވަން ފަށައިފިއެވެ.

”ދެން ހުރި ބަލާވެރިކަން އެފާވީ، ހުވާ މިބުނީ މަގޭ ބޯފަޅައިގެން ދާވަރުވެޔޭ…” ގިޔާންއާ ދިމާއަށް ލޯއަޅާލަމުން ޖަމީލާ ބުނެލިއެވެ. ޖަމީލާގެ އަޑަށްވެފައ ހުރި ގޮތުން ގިޔާން ގާތަށް ހިނިއައެވެ. ނުވީތާކަށް މޫނަށް އެޖައްސާ ވައްތަރުތަކުން ނުހީ ހުރެވޭ ގޮތެއް ނޫން ވިއްޔާއެވެ. އައިސްލަމާރިން ފެންފުޅިއެއް ނަގައިގެން އޭނަ ދިޔައީ ކޮޓަރިއަށެވެ. ޖަމީލާއަށް ޖެއްސުމެއްކޮށްލަމުންނެވެ.

ގިޔާން ކޮޓަރިއަށް ދަމުން ޓީވީގެ ކަރަންޓް ކަނޑާފައި ދިއުމުން ޖަމީލާ ފުންމައިގެންފައި ސޯފާއިން ތެދުވެއްޖެއެވެ. އެހާތަނަށް ގިޔާން ހެމުންހެމުން ގޮސް އޭނަގެ ކޮޓަރިއަށް ވަދެފިއެވެ. ލޯއަޅައިގެން ހުރި ޖަމީލާ ފިހިގަނޑެއް ހިފައިގެން އައީ އޭނަގެ އިސްކޮޅުގެ ކުރުކަމުގެ ސަބަބުން ސްވިޗާ ހަމައަށް އަތް ނުފޯރުމުންނެވެ. ވަރަށް ހާލުން ސްވިޗް ޖެއްސުނު އިރު އޭނަ ދާހިއްލައިފިއެވެ.

*****

މެންދުރަށް ކައްކަން ޖެހުމުން ވެސް ޖަމީލާ ހުރީ ރުޅި ގަދަވެފައެވެ. ކުރާ މަސައްކަތަށް ވުރެން ތަޅުވަމުން ދިޔަ އަނގަ ހަލުވިއެވެ. އަޑުއަހާނެ މީހަކު ނެތް އިރުގައި ވެސް މެއެވެ. މެންދުރު ނަމާދަށް ދިޔަ ގިޔާންއަށް އެމަންޒަރު ފެނި އައީ ނުލަފާ ހިންޏެވެ. އޭނައަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

”ހުރިހާ ކަމެއް ކުރަން މިޖެހެނީ އަހަންނަށް، ގެއަކަށް ނޯކަރީ ކުރަން ދިޔަޔަސް މިއަށްވުރެން ރަގަޅުވާނެ، އެމަހަރާނީ ހޭއަރުވާލާނަން މިއަދު ގެއަށް އައީމަ، ލައްކަ ދުވަހު ކެތްކޮށްފިން، އޭނަ ފިރިހެނުން ހޯދަމުން މުޅި މާލެއަށް ގިނަވެގެން އުޅޭ އިރު މަ މިހުންނަން ޖެހެނީ އޭނަގެ ބައްޕައަށާ އޭނަގެ ކޮއްކޮއަށް ގުލާމީ ކޮށްދޭން، ނުވާނެ މަށަކަށް، ރަގަޅު ބޮޑިއެއް ބޮއެގެން ނޫނީ އޭނަ މައިތިރިއެއް ނުވާނެ…” ކުދިކިޔަމުން ޖަމީލާ ބުނެލިއެވެ. މެންދުރު ކައްކާ ސުފުރާމަތި ތައްޔާރުކޮށްލެވުނު އިރު އޭނަ ހުރީ އަވަދިވެފައެވެ. ފެންވަރަން އޭނަ ދިޔައީ ވެފައި ހުރި ހޫނެއްގެ ސަބަބުންނެވެ.

ޖަމީލާ ފެންވަރައިގެން އައިއިރު ގިޔާން ޓީވީ ބަލަން އިން ތަން ފެނި ތުން އަނބުރާލިއެވެ. ކާން ފަށަން އުޅެފައި ވެސް ނޫރާލްގެ ޚަބަރެއް ބަލަން އޭނަ ބޭނުން ވިއެވެ. ތަށިތައް އަތުރާލާފައި އޭނަ ދިޔައީ ނޫރާލްގެ ކޮޓަރި އަށެވެ. ދޮރުގައި ޓަކި ދިނުމުން ޖަވާބެއް ނުލިބުނެވެ. އިރުކޮޅެއްފަހުން އޭނަ ދޮރު ހުޅުވާލިއެވެ. ކޮޓަރިއަކު ނޫރާލްއެއް ނެތެވެ. ފާޚަނާގައި ކަމަށް ހިތާ އޭނަ ފާޚަނާގެ ދޮރުގައި ޓަކިދެމުން ހުޅުވާލިއެވެ. އެތާކު ވެސް ނޫރާލް އެއް ނެތެވެ.

”މިހާރު އެދިޔައީ ކޮންތާކަށް؟… ވަރެއްގެ އަންހެން ދަރިއެއް މަށަށް ލިބިފައި މިހިރީ…” ބުމަކައިރިކޮށްލަމުން ޖަމީލާ ބުނެލިއެވެ. ފާޚަނާގެ ދޮރު ލައްޕަން އުޅުނު ވަގުތު އޭނަގެ ސަމާލުކަން ހުއްޓުނީ މޫނު ދޮންނަ ތަށިގަނޑު މަތީ އޮތް އެއްޗަކަށެވެ.

ޖަމީލާއަށް މޫނުދޮންނަ ތަށިގަނޑާ ކައިރިވެލެވުނެވެ. ފަރުވާތެރިކަމާއެކު އެއަށް ބަލަމުން އޭތި އޭނަ ނެގިއެވެ. އެއާއެކު ޖަމީލާގެ ދެލޯބޮޑު ވެއްޖެއެވެ. އެއީ ކޯޗެއް ކަމާއި އޭގެ ބޭނުން އޭނައަށް ރަގަޅަށް އެނގެއެވެ. އަހަރުތަކެއް ކުރިން ބަލިވެ އިނީއޭ ހިތާ އާއިލާ މީހެއްގެ އިރުޝާދުގެ ދަށުން އޭގެ އެއްޗެއް އޭނަ ބޭނުން ކުރިއެވެ. ޒަމާން ތަރައްގީވެފައިވާ ވަރު އޭނައަށް އެނގުނީ އެދުވަހުއެވެ. ޑޮކްޓަރަށް ދައްކައިގެން ގަނަ ތެޅުމުގެ ބަދަލުގައި ފަސޭހައިން ކަންތައް ހޯދިދާނެކަން އެނގުނީތީއެވެ.

ޓެސްޓް ކިޓްގައި އޮތް ނަތީޖާ ފެނުމާއެކު ޖަމީލާ ހުރީ ގަނޑުވެފައެވެ. އިރުކޮޅެއް އެގޮތުގެ މަތިން ފާއިތުވެގެން ދިޔައެވެ. ދެވަނަ ސިކުންތުގައި އޭނަގެ ގާތަށް އައީ ރުޅިއެވެ. އަތުގެ ތެރެއަށް އެޓެސްޓް ކިޓް ލަމުން މުށްކަވާލެވުނެވެ.

”ކޮބާ މަބުނި ގޮތް ވެފައެއްނު މިއޮތި، އެރަންޑި ރަގަޅަށް ހޭއަރުވާލާނަން މިއަދު… ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތޭ، ބޭނުންހާ ގޮތަކަށް ފިރިހެނުން ގައިގަ ހޭކަމުން ގޮސް މިއޮތީ ބޮޑިއެއް ބޮވިފައެއްނު… ރަގަޅަށް އެވީ، ވާންވީ ގޮތް މިއީ، އެކަހަލަ މީހުން ދުނިޔެއަށް ބަދުނާމުވީމަ ރަގަޅީ… ހުރި ގޮތް ކުޑަކަން ބަލާބަލަ، ޗީޑި…” ޖަމީލާގެ ވިސްނުމަށް އައީ ހަމަ އެންމެ ނަމެކެވެ. އިތުރު އެއްވެސް ގޮތަކަށް ވިސްނާކަށް އޭނަ ބޭނުމެއް ނުވިއެވެ. މަލްސާގެ ބޮލުގައި އޭނަ އިލްޒާމު އަޅުވާ ނިންމައިފިއެވެ. ދުނިޔެއަށް ބޭޒާރު ކުރާނެ ގޮތެއް ވެސް ވިސްނިއެވެ. މިއީ މަލްސާގެ ފަރާތުން ބަދަލު ހިފަން އޭނައަށް ލިބުނު ރަނުގެ ފުރުސަތެކެވެ. ހަމަލާދޭނެ ވަގުތާއި ދަނޑިވަޅުވެސް ސިކުނޑީގައި ކުރަހާލެވުނެވެ. އެހިނދު ޖަމީލާގެ ތުންފަތަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.

*****

ޖަމީލާ އިންތިޒާރުކުރަމުން އައި ވަގުތު ޖެހުނީ ހަވީރު ފަހެއްޖެހި ފަހުންނެވެ. އޭރު އޮފީސް ނިންމާލުމަށްފަހު ހުސޭން ގޭގައި އުޅެއެވެ. ގިޔާން ވެސް ވީ އޭނަގެ ކޮޓަރީގައެވެ. އެއީ ޖަމީލާ ބޭނުން ވި ގޮތެވެ. ދައްކަން އުޅޭ ވާހަކަ އިތުރަށް ހޫނުވާން އޭނަ ބޭނުމެވެ. މަލްސާ ބަދުނާމުކޮށްލައިގެން މެނުވީ އޭނަގެ ހިތަށް ދެނެއް ރާހަތެއް ނުލިބޭނެއެވެ. މަލްސާގެ ހަޤީޤަތް އޭނައަށް ހާމަވެފައިވާއިރު އެކަންތައް ފަޅާއަރުވާލަން އޭނަ ހުރީ ކެތްމަދުވެފައެވެ. ފާޑުފާޑަށް މާލެއަށް ގިނަވެގެން އުޅުމަށްފަހު ރަގަޅު ބޮނޑިއެއް އެވަނީ ލިބިފައެވެ. އެވަރުން ވެސް ލަދެއްހަޔާތެއް ނެތެވެ. ތިމާއަށް އަރައިގަނެވުނު ފާފައިގެ ހިލަމެއް ނުވާއިރު ބޭރަށް ނިކުންނަން ޖެހިލުމެއް ނުވެއެވެ. ކޮންފަދަ މުޑުދާރު އަންހެންކުއްޖެކެވެ. ހުޅަނގުގެ ކާފަރުން އުޅޭ ވައްޓަފާޅި މާ ކަމުދަނީ ކަމަށް ވެދާނެއެވެ. މިފަހަރު އޭނަ ރަގަޅު ފިލާވަޅެއް މަލްސާއަށް ދޭނެއެވެ. ލަދުގަންނަވާލީނުން ދިރިހުރުމުގެ ހުޅުކޮޅުވެސް ނިވާލާނެއެވެ.

މަޅިފަތުރައިގެން ހުޝިޔާރުވެ ހުރި ޖަމީލާއަށް ގެއަށް ވަން މަލްސާ ފެނުމާއެކު ރުޅި މޫނު ހަދާލެވުނެވެ. މަލްސާ ފެނި އޭނަގެ މޭވެސް ނުބައި ކުރިއެވެ. ކޮށްގެން އެއުޅޭ މުޑުދާރު ކަންތަކުގެ ސަބަބުންނެވެ. ކައިވެނީގެ ބޭރުން ހަރާން ގުޅުންތައް ހިންގައި އެހެރީ ނަހަލާލަށް ބަލިވެފައެވެ. ރަށްމެދަށް ވިހަން އުޅޭ އިރުގައި ވެސް ލަދުހަޔާތުގެ ކަންފުޅެއް ނެތެވެ. މަގުމައްޗަށް ނިކުމެ އުޅޭއިރު ތިމާ ބޭޒާރު ވާނެ ދުވަހެއް އަންނާނެކަން ރޭކާނުލާ ކަހަލައެވެ.

ޖަމީލާ މޫނު ހަދާލިއެވެ. އެއަށްފަހު ސޯފާއިން ތެދުވީ ހަޅޭއްލަވައިގަންނަމުންނެވެ.

”ގަނަ ތެޅިތެޅިފަ އާދެވޭވަރުވެއްޖެދޯ؟… މަގޭ ހިތަށް އަރާ ކަލޭ ތިވައްތަރަށް އުޅޭ އިރު ހަމަ ލަދެއްނުގަނޭބާވައޭ…” އަޑަށް ބާރުލަމުން ޖަމީލާ ބުނެލިއެވެ. ފައިވާން ހަރުގަނޑުކައިރިއަށް ހުއްޓިހުރި މަލްސާއަށް ލިބުނީ ހައިރާންކަމެވެ. ޖަމީލާ ބުނަން އުޅޭ އެއްޗެއް އޭނައަކަށް ނޭގުނެވެ. އެހާ ރުޅި އައިސްފައި ހުރި ސަބަބެއް ވެސް މެއެވެ. ފަޔާ ވަކިކޮށްލި ބޫޓު ހަރުގަނޑުގައި ބަހައްޓަމުން ޖަމީލާއަށް އޭނަ ބަލާލިއެވެ. އެމޫނުން ފެނުނު ޝުޢޫރުތަކުން އޭނަގެ މެޔަށް ބިރުވެރިކަން ފޭދުނެވެ. ޖަމީލާ ރުޅިއަންނަ ވަރުގެ ކަމަކަށް ކުރެވުނީ ކޮންކަމެއް ބާވައޭ އަވަސްއަވަހަށް ވިސްނާލެވުނެވެ. ގޭގެ މަސައްކަތުގައި އަތްގާތްކޮށް ނުދެވޭތީ ހެއްޔެވެ؟ ނަމަވެސް މިހާރު އެފެންނަނީ އެފަދަ ކުލަވަރެއް ނޫނެވެ. އެރުޅިވެރިކަމާ ގުޅިފައިވަނީ މުޅިން އެހެންކަމެކޭ އޭނަގެ ޒަމީރު ބުނެލިއެވެ.

”ތިމާ ވަރުގެ މާތް މީހަކު ނެތްކަމަށް ހެދިގެން އެބަ އުޅެއެއްނު، ގޮތްކުޑަ އަންހެނާ، ކަލެއާ ހެދި އަހަރުމެން ބަދުނާމު ވާނެވަރެއް ނޭގޭތަ، ހުރެބަލަ، މިފަހަރު ކުޅި ދައްކާލާނަން…” ޖަމީލާ ދިޔަގޮތަށް ގޮސް ހިފީ މަލްސާގެ އިސްތަށިގަނޑުގައެވެ. އަތުގެ އިނގިލިތަކުގެ ތެރެއަށް އިސްތަށިގަނޑު އޮޅާލަމުން ވާންކޮށްލީ މަލްސާއަށް ތަދުވާނެ ވަރަށެވެ.

މަލްސާގެ އަރުތެރޭން ވޭނީ ހަޅޭކެއްގެ އަޑު ބޭރުވެއްޖެއެވެ. ޖަމީލާގެ އަތްދަށުން މިންޖުވާން ގެނެވުނު ހަރަކާތުން މަލްސާގެ ކޮނޑުގައި އޮތް އަތްދަބަސް ވެސް ބިންމައްޗަށް ވެއްޓިއްޖެއެވެ. ބޮލަށް އަރަމުން ދިޔަ ވާންކަމުން މަލްސާއަށް ރޮވުނެވެ.

”ފިރިހެނުންނަށް ތިއްތިދެއްކެމުން ވަރަށް ގިނަ ދުވަހު ކަލެއަށް އުޅެވިއްޖެ…” ޖަމީލާ ހަޅޭއްލަވައިގަތެވެ. އަޑުގަދަވެގެން ކޮޓަރިން ފުރަތަމަ ނިކުތީ ގިޔާންއެވެ. ދޮންތަގެ ބޮލުގައި ޖަމީލާ ހިފަހައްޓައިގެން ހުރި މަންޒަރު ފެނުމާއެކު ވައިސޫރިޔެއްގެ ބާރު މިނުގައި އެދިމާއަށް ގިޔާން ދިޔައެވެ.

”ދޫކުރޭ…” ޖަމީލާއާއި މަލްސާގެ ދެމެދަށް ވަނީ ގިޔާން އެވެ.

ޖަމީލާ އިތުރަށް ރުޅި ގަދަވިއެވެ. އޭނަ ގަދަހަދަމުން ދަނިކޮށް އެންމެފަހުން ކުރިއެރުން ލިބުނީ ގިޔާން އަށެވެ. ޖަމީލާގެ ވަކިތަކުގެ ދަށުން އޭނަ މަލްސާ މިންޖުކޮށްދިނެވެ. އެއަށްފަހު ޖަމީލައާއި މަލްސާގެ ދެމެދުގައި މަޑުކޮށްލައިގެން ހުރީ މަލްސާގެ އައްޑަނައެއްގެ ގޮތުގައެވެ.

ޖަމީލާއަށް މަލާމާތުގެ ހިނިގަނޑެއް ޖަހާލެވުނެވެ. ހުސޭނު ކޮޓަރިން ނިކުމެގެން އައީ އެދަނޑިވަޅުގައެވެ.

”ދުރުގަ ހުރެގެން ދައްކާ ވާހަކައެއް ކަލޭ ދައްކަން ޖެހޭނީ، ދެން ނިކަން ދޮންތަ ގަޔަށް އަތް އިސްކޮށްބަލަ…” ޖަމީލާއާ ދިމާއަށް ޝަހާދަތްއިނގިލި ދިއްކޮށްލަމުން ގިޔާން ބުނެލިއެވެ. ރުޅިއައިސް ގިޔާން ހުރީ ރަތްވެފައެވެ. ތުރުތުރުއަޅައެވެ.

”ކިހިނެއް ވެގެންތަ މިއުޅެނީ؟…” ބޮޑުކޮޓަރިއަށް އައި ހުސޭނު އަޑު ހަރުކޮށް ބުނެލިއެވެ. ”ކޮންގޮތަކަށްތަ ގިޔާން ވާހަކަ ތި ދައްކަނީ… އެއީ ގިޔާންގެ މަންމައެއް ނޫންތަ؟…”

(ނުނިމޭ)

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ވާނަމޭ އުމުރަށް އެކީ ޖާނާ 10

Next

އިމްތިހާން

Next
April 3, 2020

އިމްތިހާން

Previews
April 2, 2020

ވާނަމޭ އުމުރަށް އެކީ ޖާނާ 10

4 Comments!

  1. Ibsha says:
    April 2, 2020 at 11:40 pm

    Varah reethi

  2. Yan♥️ says:
    April 2, 2020 at 11:53 pm

    Varah reethi Masha Allah curious to know what will happen next

  3. Nukko says:
    April 3, 2020 at 12:39 am

    Jameela ah reethi ladeh libeyne

  4. imkko says:
    April 3, 2020 at 1:37 pm

    Mi baives v reethi … alhey noo … malsa ah ehn nuhadhaa

Comments are closed.


All Right Reserved!