
ނުވާނަން ތަފާތެއް… 21
ބޭރަށް ދާން ރީތިވަމުން ދިޔަ މަލްސާއަށް ކޮޓަރީގެ ދޮރުގައި ޓަކިދޭއަޑު އިވުމުން އައިސް ދޮރު ހުޅުވާލިއެވެ. އޭރު ދޮރު ކުރިމަތީ ހުރީ ގިޔާން އެވެ. ހައިރާންކަމާއެކު އޭނަ މަލްސާއަށް ބަލާލިއެވެ. މާ ވަރަކަށް ރީތިވެގެން ހުރީމައެވެ.
”ތަނަކަށް ދާންތަ ތިއުޅެނީ؟…” ބުމައަރުވާލަމުން ގިޔާން ސުވާލުކުރިއެވެ.
”ހޫމްމްމް، ކަމަކުތަ ތިއައީ؟…” މަލްސާ ބުނެލިއެވެ. އެއަށްފަހު ގިޔާން އެތެރެއަށް ވަންނަން އޭނަ ތަން ދެއްކިއެވެ.
”ހަމަފޫހިވެގެން މިއައީ… އޭލެވެލްގެ ނަތީޖާ ލިބުމުން ދޮންތަ ބުނި ޓްރީޓް އަދިވެސް ނުދެމެއްނު…” ކޮޓަރިއަށް ވަންނަމުން ގިޔާން ބުނެލިއެވެ. އޭރު އޭނަ ފަރުވާތެރިކަމާއެކު ބަލަމުން ދިޔައީ ރީތިވާ މޭޒު ކުރިމަތީ ހުއްޓި ހުރި މަލްސާއަށެވެ. މޫނުގައި ލުއި މޭކަޕެއް ކުރަމުން ލައިގެން ހުރި ގަޔަށް ދޫ ރަތްކުލައިގެ މެކްސީގައި ފަރާތްފަރާތަށް އެނބުރެމުން ދިޔަ ތަން ފެނި އޭނަ ގާތަށް ހިނިވެސް އަތުވެއްޖެއެވެ.
”ދޮންތަ ސެލެރީ ލިބުނުހާ އަވަހަކަށް ދޭނަމޭ، ސްކޮލަޝިޕްގެ ކަންތައް ކިހިނެއް ދަނީ؟…” އިސްތަށިގަނޑުގައި ފުނާއަޅަމުން މަލްސާ ބުނެލިއެވެ. އިސްތަށިގަނޑު ރީތިކޮށްލަމުން ވޫލްކޮޅަކުން އައްސާލަން އުޅުނެވެ. އެގޮތާ މެދު ހިތްހަމަނުޖެހުމުން އެންމެފަހުން އޭނަ ނިންމީ މިނިވަންކަމާއެކު އިސްތަށިގަނޑު ދޫކޮށްލާށެވެ. އުނަގަނޑާ ހަމައަށް އަރާ ފަންއިސްތަށިގަނޑުގައި ދިހުން އެކުލެވިގެންވިއެވެ. ރަތްކުލައިގެ މެކްސީ ހިމަތޮޅި ހަށިގަނޑުގެ ވަނާތަކުގައި ހިފާފައިވާއިރު ނިކަން ހިތްގައިމެވެ. ކޮށްފައިވި ލުއި މޭކަޕުން މަލްސާގެ ރީތިކަމަށް ދިރުން ގެނެސްދެއެވެ. ހިތްހަމަޖެހޭވަރުވުމުން މަލްސާ އޭނަގެ އަތްދަބަސް ކޮނޑުގައި އަޅުވާލިއެވެ.
”ސްކޮލަޝިޕް ކަންތައް ހަމަ ރަގަޅަށް ދަނީ، އަންނަ ހަފްތާގަ ކޮމްފާމްވާނެ، ދޮންތަ ބަލައްޗޭ، ދެން ގިނަ ދުވަހެއްނުވެ ޑޮކްޓަރަކަށް ވާނަން، އޭރުން މިގޭގައި ދޮންތަ ހުންނާކަށް ނުޖެހޭނެ، މިއަށްވުރެން ބޮޑު އަދި ރީތި ގެއަކަށް އަހަރުމެން ދާނީ، އޭރުން މިގޭގެ މީހުންގެ އުނދަގުލެއް ދޮންތައަކަށް ދުވަހަކު ނުޖެހޭނެ…” ގިޔާން ބުނެލިއެވެ. ކޮއްކޮއަށް ބަލާލި މަލްސާއަށް ހެވުނެވެ. އޭނަ ދެކެ ގިޔާންވާ ލޯބި ފެނި އުފާ ވިއެވެ. ހަމައެއާއެކު އޭނަގެ ރައްކާތެރިކަމަށް ދޭ އަހައްމިއްޔަތުކަން ފެނި ތަޖުބާތީ ވިއެވެ.
”ހޫމްމްމް، ގިޔާ ޑޮކްޓަރަކަށް ވާދުވަސް ދެކެން ދޮންތަވެސް ވަރަށް ބޭނުން، ދެން މިގެ ދޯ، ދޮންތަ އެކަމަށް ހައްލެއް ހޯދާނަން، މިހާރު ސޭވް މިކުރަނީވެސް އެހެން އެޕާރޓްމެންޓަކަށް ބަދަލުވެވޭތޯ…” މަލްސާ ބުނެލިއެވެ.
”ތިހާ ވަރަށް ރީތި ވެގެން ތިދަނީ އަނެއްކާ ކޮންތާކަށްތަ؟…” ހަށަންބަނދެލަމުން ގިޔާން އެހިއެވެ. އެއާއެކު ގިޔާން ގާތު ބުނާނެ އެއްޗަކާ މެދު ވިސްނަން ޖެހުނެވެ. ހިސާބަކަށް ހިތް ވެސް ނުތަނަވަސްވިއެވެ. އެކަން ގިޔާންއަށް ފާހަގަ ކުރެވުނެވެ.
”ޑޭޓަކަށް ދާންތަ ތިދަނީ؟…” ބުމަ އަރުވާލަމުން ޔަޤީންކަމާއެކު ގިޔާން ބުނެލިއެވެ. އެސުވާލުން މަލްސާއަށް ހީވީ ވައްކަމެއް ކުރަން އުޅެނިކޮށް ފަޅާއެރީހެންނެވެ. ނުތަނަވަސްކަމުގެ ހިނިގަނޑެއް ޖަހާލަމުން ސުވާލު އޮއްބާލަން އުޅުނެވެ.
”ޑޭޓަކަށް ދާކަށް ނޫން މިދަނީ، ރައްޓެއްސަކާއެކު ޑިނާރއަކަށް…” މަލްސާ ބުނެލިއެވެ.
”ވަޓް ޑިފަރެންސް ޑަޒް އިޓް މޭކް؟… ޔޫ އާރ ގޮއިންގް އޮން އަ ޑޭޓް… ކާކުތަ އެއީ؟…” ގިޔާން އެނގެން ބޭނުންވިއެވެ.
”ދެން މިވަގުތަކު ނޫން، ފަހުން ބުނާނަން…” މަލްސާ އެންމެފަހުން އެއްބަސްވިއެވެ. ފޯނުން ގަޑި ބަލާލަމުން އޭނަ އަވަސްވެގަތީ ދާށެވެ.
”ހީ ބެޓާރ ޓްރީޓް ޔޫ ވެލް، ދޮންތަ ރޯތަން ފެނިއްޖެއްޔާ ތި މީހަކާ ކުރިމަތިލާން ދާނީ އަހަރެން…” މަލްސާގެ ފަހަތުން ނިކުތް އަޝްކާން ބުންޏެވެ.
”ހެހެހެ…” މަލްސާއަށް ހީގަނެވުނެވެ.
”އައެމް ސީރިޔަސް…” ފައިވާން ހަރުގަނޑު ކައިރިއަށް ހުއްޓި ހުރި މަލްސާއަށް ގިޔާން ބުނެލިއެވެ.
”އައި ނޯ، ގިޔާ ތިހީކުރާ ކަހަލަ މީހެއް ނޫނޭ އެއީ، ހީޒް އެ ޖެންޓްލްމޭން…” ހުވަފެނީ ރާގަކަށް މަލްސާ ބުނެލިއެވެ. މަލްސާގެ މޫނުގައި ޝުއޫރުތައް ފެނި، ގިޔާންއަށް އަނގަޔަށް ގޮތެއް ހަދާލެވުނެވެ. އެތަން ފެނުނު މަލްސާއަށް ހީގަނެވުނެވެ.
”ދޮންތަ މިހުންނަނީ ގިޔާގެ ގާރލްފްރެންޑް ދައްކާނެ ދުވަހެއްގެ އިންތިޒާރުގައި…” ގިޔާންއާއި ދިމާކޮށްލަމުން މަލްސާ ބުނެލިއެވެ.
”ދޮންތަގެ ހޮވުން ދައްކާ ދުވަހަކުން އަހަރެންވެސް ދައްކާނަން…” ގިޔާން ރައްދުގައި ބުންޏެވެ.
”ތިބުނީ ހުރެޔޭތަ؟…” މަލްސާ ޝައުގުވެރިވިއެވެ.
”ނޫން…” ގިޔާން އިންކާރުކުރަމުން އަވަސްއަވަހަށް އޭނަގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. އެތަން ބަލަން ހުރި މަލްސާ ދެފަރާތަށް ބޯހޫރާލަމުން ހޭން ފެށިއެވެ.
*****
ބައްދަލުވާން ބުނި ފިހާރަ ކައިރީގައި މަޑުކޮށްލައިގެން މަލްސާ ހުއްޓެވެ. އެހެން ހުރިއިރު އިރުއިރުކޮޅާ އޭނައަށް ފޯނުން ގަޑި ބަލާލެވެއެވެ. އަޝްކާން ބުނި ވަގުތު ފަހަނައަޅައި ހިނގައްޖެތާ ދިހަ މިނެޓް ވީއެވެ. ގުޅާފާނަމޭ ވެސް މަލްސާގެ ހިތަށް އެރިއެވެ. ފޯނުން ނަންބަރު ލިޔެލާފައި ފޮހެލެވެނީއެވެ. ގުޅުމުގެ ހިތްވަރު ނުލިބިގެންނެވެ. އެހެން ހުންނަތާ އިރުކޮޅެއްވީ ފަހުން ޕޭވްމެންޓް ކައިރިއަށް ސައިކަލެއް މަޑުކޮށްލިއެވެ. މަލްސާ ބަލާލިއިރު ސައިކަލުގައި އިނީ އަޝްކާން އެވެ.
”ސޮރީ، ޓްރެފިކްއާ ހެދި ލަސްވީ، ކާރުގަ އާދެވޭވަރު ނުވެގެން އެންމެފަހުން އަނބުރާލާފަ ގެއަށް ގޮސް ސައިކަލުގަ މިއައީ… ސޮރީ، ވަރަށް ގިނަ އިރު ވެއްޖެތަ މަޑުކޮށްގެން ހުންނަތާ؟…” އަޝްކާންއަށް މަލްސާ ފެންނައިރަށް ބުނެލިއެވެ. އޭނަގެ ނަޒަރު މަލްސާއަށް ހުއްޓުމާއެކު އާގަމަ އަރާފައި އިދެވުނެވެ. އޭގެ ސަބަބުން މަލްސާގެ ތުންފަތަށް ވެރިވީ ރަކި ހިނިތުންވުމެކެވެ.
”ނޫން، ދެންމެ މިއައީ…” ފުންނޭވާއެއް ދޫކޮށްލަމުން ހިތުގެ މައްޗަށް ބަރުފޯރުވާން އުޅޭ ހާލު މަލްސާ ވާހަކަދެއްކިއެވެ. ކެޝުއަލް ހެދުމުގައި ވެސް އަޝްކާން ފެންނަނީ ހުވަފެނީ ގޮތަކަށެވެ. ފިރިހެނެއްގެ ފަރާތުން މަލްސާ އެދޭ ހުރިހާ ސިފަތަކެއްގެ ހަމައެކަނި ރާޖާއަކީ އަޝްކާންއެވެ. އެކަން ދުވަހަކު ބަދަލެއް ނުވާނެކަން ގައިމެވެ.
މަލްސާގެ ރީތިކަމަށް ތައުރީފުކުރަން އަޝްކާންގެ ހިތް އެދުނެއް ކަމަކު، ތަނާއި މާހައުލުގެ ގޮތުން އެކަން އޭނަ ފަސްކޮށްލިއެވެ. ހިތުގެ ހާލު އަންގައިދެމުން ބުނަން ބޭނުން ވީތީއެވެ.
ސައިކަލުގެ ފަހަތަށް މަލްސާ އެރުމާއެކު އަޝްކާން ސައިކަލު ދުއްވާލިއެވެ. އޭރު މަލްސާއަށް އިދެވުނީ ފިނިވެފައެވެ. ނޭފަތުގައި ޖެހުނު ލުއި މީރުވަހާއި އަޝްކާންގެ ޖިސްމުގެ ހޫނުކަމުން ހިތް ހީވަނީ ބޭރަށް ފުންމާލަން އުޅޭހެންނެވެ.
*****
ބާޒާރުކޮށްގެން ގެއަށް އަންނަން ހިނގަމުން ދިޔަ ޖަމީލާއަށް މަލްސާ ފެނުމާއެކު ފަރުވާތެރިކަމާއެކު ސައިކަލުގެ ކުރީގައި އިން ޒުވާނާއަށް ސަމާލުކަން ދިނެވެ. އެއީ އޭނައަށް ކުރިން ފެނިފައިވާ ޒުވާނެއްހެން ހީވިއެވެ. އަދިވެސް އިތުރަށް ސަމާލުވެލަމުން ލޮލުގެ ކޮޅަށް ސައިކަލު ގޮސް ގެއްލެން ދެން ބަލަން ހުރެވުނެވެ. ނަމަވެސް އެޒުވާނާ ވަކިކުރާކަށް ނޭގުނެވެ. އޭނަގެ ހިތުގައި ފޫހިކަން އެފެދުނެވެ. ކައިރިން ނުފެނުނަސް އެއީ ރީތި ޒުވާނެއްކަން އެނގެއެވެ. މުއްސަނދިކަމުގެ ކުލަވަރުތައްވެސް އޭނައަށް ފެނުނެވެ. އެކަމާ ހުރެ ޖަމީލާގެ މޫޑު ހަރާބުވިއެވެ. ތުންއަނބުރާލެވުނެވެ. އެފަދަ ރީތިޒުވާނަކު މަލްސާއަށް ލިބެން އޭނަގެ ހިތެއް ނުރުހޭނެއެވެ. ހާއްސަގޮތެއްގައި މުއްސަނދި ޒުވާނަކަށް ވެއްޖެއްޔާއެވެ. އެހިނދު އެފެނުނު ޒުވާނާގެ ވަނަވަރު ހޯދުން މުހިންމު ކަމަކަށް ވެއްޖެއެވެ. އެކަން ކުރާނީ ކިހިނެއް ބާވައޭ އޭނަގެ ހިތަށް އެރިއެވެ. ޖަމީލާއާއި އޭނަގެ ރައްޓެހިންނާ ގިނަ ފަހަރު މޫނެއް ނުޖެހެއެވެ. އެމީހުންގެ ދޮގު ވާހަކަތައް ނެތް ތަންތަނުގައި ދައްކައިގެން މޫނު ކެނޑެނީއެވެ. މައުލޫމާތު ހޯދާނެ އިތުރު ގޮތަކާ މެދު ޖަމީލާއަށް ވިސްނާލެވުނެވެ.
*****
ރޭގަނޑުގެ ކެއުމަށް މަލްސާ ގޮވައިގެން އަޝްކާން ދިޔައީ ހުޅުމާލެއަށެވެ. މާލޭގެ ހަލަބޮލި މާހައުލާ ދުރަށް ދާން ބޭނުން ވީތީއެވެ. އަޝްކާން ހިޔާރުކުރި ރެސްޓޯރެންޓަކީ ދާދި ފަހުން ހުޅި މަޝްހޫރު ސީފުޑް ރެސްޓޯރެންޓެކެވެ. މަލްސާ އެންމެ ގަޔާވަނީ ސީފުޑްއަށް ވީތީއެވެ.
ރޭގަނޑުގެ ކެއުން ކުރިއަށް ދިޔައިރު މާކަ ގިނަ ވާހަކަތަކެއް ނުދެކެވެއެވެ. ކެއުން ނިމުމާއެކު، ބިލަށް ފައިސާ ދައްކަމުން އަޝްކާން އެދުނީ އޭނައާއެކު ދުއްވާލަން ދިއުމަށެވެ. ހައިރާންކަން ލިބުނު މަލްސާ އެއްބަސް ވިއެވެ.
*****
ގޮނޑުދޮށާއި ކައިރިއަށް ދެވުމުން އެތަނަށް މަޑުކުރާ ވާހަކަ މަލްސާ ގާތު ބުނެލިއެވެ. މަލްސާ ހޫމްމްމް ލައްވާލިއެވެ. މިއަދު ކުރި ވިއްސާރައިގެ ހިލަން ދުނިޔެމަތިން ވަނީ ފިލާފައެވެ. ރެއަކީ ހަނދުވަރު ރީތި ރެއަކަށް ވުމުން ސާދަ ވިލޭރޭގެ ބުރުހަމަ ހަނދުގެ ޗާލުކަމާއި ފަރިކަން ފާޅުވަމުން ދިޔައެވެ. ރަނިކަން ކުރަން އޭގެ ތަހުތަށް ސަވާރުވެފައިވާއިރު ތަރިތައްވެސް އެދަރުބާރުގައި ވެއެވެ. ޖެހިލާ ރޯޅިތަކުގައި ވެސް ވަނީ ހިތްގައިމުކަމެވެ. ޗާލުކަމެވެ.
މަލްސާގެ ތުންފަތުގައި މާނަފުން ހިނިތުންވުމެއް ވިއެވެ. ރާޅުގެ ލުއި މިޔުޒިކީއަޑާއި ވައިރޯޅިތައް އެކުވެގެން އަންނަ އިރު ނިކަން ހިތްގައިމެވެ. އެއަޑު އަހާލުމުގެ ނަސީބު އެލިބުނީ ހާދަ ދުވަހެއް ފަހުންނެވެ. ގޮނޑުދޮށުގައި ހިނގަމުން ގޮސް ރާޅުފަށާ ކައިރިވުމުން ދޮންވެލިގަނޑުގެ މަތީގައި މަލްސާ އިށީނެވެ. އަދި ހަށިފުރާ ދޫކޮށްލި ނޭވާއަށްފަހު ހާމައަށް އޮތް އުޑަށް ނަޒަރު ހިންގާލިއެވެ.
އަޝްކާންގެ ފުރިހަމަ ސަމާލުކަން ދެވިފައިވަނީ މަލްސާއަށެވެ. އެފަންއިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔަ ގޮތާއި އެރީތި ތުންފަތަށް ވެރިވާ ލުއި ހިނިތުންވުންތަކުން ހިތަށް ފިނިކަން ގެނެސްދިނެވެ. އެއާއެކު އެދެލޮލުގައިވި މައުސޫމްކަމުން މަލްސާގެ ފުރިހަމަކަށް ހިތާހިތާ ތައުރީފުކުރެވުނެވެ. އެފަދަ ފުރިހަމަ ރީތިކަމެއް އޭނައަށް ފެނިފައި ނުވާކަން ގައިމެވެ. ނޫނީ ހިތް ލޯތްބަށް ދީލައިލުމުން އެހެން ހުރިހާ ރީތިކަމެއް އޭނައަށް ނުފެންނަ ކަހަލައެވެ. އޭނަގެ ސަމާލުކަން އަތުލުމުގައި ކާމިޔާބާއި ކުރިއެރުން ލިބެނީ ހަމައެކަނި މަލްސާ އަށެވެ.
އަޝްކާން ވެސް މަލްސާގެ ގަތުގައި އިށީނެވެ. އަދި ކަކުލުހުޅުގައި އަތް އަޅުވާލަމުން މަލްސާއަށް ބަލާލިއެވެ.
”ޔޫ ލުކް ބިއުޓިފުލް…” މަލްސާގެ މޫނާއި ނަޒަރު ވަކިކުރުމެއް ނެތި އަޝްކާން ބުންޏެވެ. ސިހިފައި މަލްސާއަށް ބަލާލެވުނީ އަޝްކާން އަށެވެ. ހަނދުވަރުގެ ފަނޑުއަލިކަމުގެ ތެރޭން އެތޫނުފިލި ދެލޮލުގައި ވަނީ މުޅިން ތަފާތު ބާރެކެވެ. ހިނދުކޮޅަކަށް ވިޔަސް ހިތުގެ ތެޅުން މަޑުޖެހިލި ކަހަލައެވެ. ރަކި ހިނިތުންވުމެއް ވެސް ތުންފަތާއި ކުޅެލިއެވެ.
”މާޝާﷲ…” އަޝްކާން ބުނެލިއެވެ. ހިތްއަވަސްވެގެން ދިޔަ މަލްސާ އޭނަގެ ނަޒަރު މޫދަށް ހުއްޓާލިއެވެ. ބާރުވެފައިވި ހިތުގެ ތެޅުން އަޝްކާންއަށް އިވޭނެ ބާވައޭ މަލްސާގެ ހިތަށް އެރިއެވެ. އޭނަގެ ބަނޑުގައި ކުދި ކޮކާތައް އުދުހޭހެން ވެސް ހީވެއެވެ.
”އަހަރެން ބުނަން މިއުޅޭ ވާހަކައިން މަލްސާ އެއްގޮތަކަށް ވެސް އަންކޮންފަޓަބްލް ވާކަށް ބޭނުމެއް ނޫން… އަހަރެން ވަރަށް ގިނަ ދުވަސް ވެއްޖެ މިވާހަކަ ބުނަން އުޅޭތާ…” ފުންނޭވާއެއް ދޫކޮށްލަމުން އަޝްކާން ބުނެލިއެވެ. މަލްސާގެ މެޔަށް ފިނިވިއެވެ. އަޝްކާންގެ ބަރު ފިރިހެންވަންތަ އަޑުގައިވި ޝުއޫރުތަކުން ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހިލިއެވެ. އެއަޑުގައި ވަނީ މުޅީން ތަފާތު ޖަޒުބާތެކެވެ. ހިތުގެ ވިންދާ ގައިމު ކުޅެލައިފިއެވެ.
”ކޮން ވާހަކައެއްތަ؟…” މަލްސާއަށް އުނދަގުލުން ބުނެވުނެވެ.
”އަހަންނަށް ހީވަނީ މަލްސާއަށް އެނގޭހެން…” އަޝްކާން ހިނިތުންވުމަކާއެކު ބުނެލިއެވެ. ދެން އެދެމެދަށް ވެރިވީ ހިމޭންކަމެވެ. އިސްވެ ވާހަކަނުއްދާ އިރުކޮޅެއް ވޭތުވެގެން ދިޔައެވެ.
”މަލްސާ ފަސްޖެހިދާނެތީ އަހަރެން ބިރުގަނޭ، އަހަރުމެންގެ ދެމެދުގައިވާ ފަރުގަތަކާ މެދު ވިސްނާ އަހަރެންގެ ހުށަހެޅުން ޤަބޫލުކުރަން ދެކޮޅު ހަދާފާނެތީ ވަކިން ބޮޑަށް ހާސްވެ ފިކުރުބޮޑުވޭ… އަހަރެން ބޭނުމެއް ނޫން އެކަންކަމާ މަލްސާ ވިސްނާކަށް… އަހަންނަށް އަހަރެންގެ ހިތުގެ ޖަޒުބާތުތަކެއް ނުހިފެހެއްޓޭނެ، އަހަންނަށް ވަރަށް ބޮޑަށް މަލްސާ ކަމުދޭ… އެކަމަކު، މަލްސާ ބޭނުންވާ ގޮތަކަށް އަހަރެން ކަންތައް ކުރާނީ…” އަޝްކާން އޭނަގެ ހިތުގެ ހާލަތު މަލްސާއަށް ބަޔާންކޮށްދިނެވެ. މަލްސާ އިނީ ހިމޭންވެފައެވެ. އެކަމާ އަޝްކާންގެ ހިތް ނުތަނަވަސްވިއެވެ. މަލްސާ ވިސްނަމުން ދިޔައީ ކީކޭކަން އެނގެން އޭނަ ބޭނުންވިއެވެ.
”ލޯބިވެވުމުން އިތުރުކަމަކާމެދު ނުވިސްނޭނެ، ބޭނުންވާނީ ލޯބިވާ ފަރާތާއެކު ވާން… އެކުއެކީގައި ހަޔާތުގެ ދުވަސްތައް ތަޖުރިބާކުރަން، އަހަރެންވެސް ބޭނުންވަނީ އެފަދައިން… މަލްސާއާއެކު ވާން… މީހުންބުނާ އެއްޗަކަށް އަހަރެންގެ ސަމާލުކަމެއް ނެތް… ހަމައެކަނި މަލްސާ ދެކޭ ގޮތް އަހަންނަށް މުހިންމީ…” މަލްސާގެ ގާތަށް ޖެހިލަމުން އަޝްކާން ބުނެލިއެވެ. އެއަޑުގައި ވަނީ ތަފާތު ޖަޒުބާތެކެވެ. އަސަރެކެވެ. މަލްސާގެ ހިތުގެ ވިންދާ ކުޅެލިއެވެ. ނޭގި އިންދާ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. އެސްފިޔަތަކަށް ބަރުވެ ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގަތެވެ.
”ރޮނީތަ؟… މަލްސާ ހިތުގައިޖެހޭ އެއްޗެއް އަހަންނަށް ބުނެވުނީތަ؟، އެހެންވެއްޖެއްޔާ އަހަރެން މަޢާފަށް އެދެން، މަލްސާ ބޭނުންވާނަމަ އަހަރެންގެ މި ބަސްނާހާ ހިތަށް ވިސްނައިދޭނަން… އަހަރެން ހީކުރީ މަލްސާވެސް އަހަރެން ދެކެ ގަޔާވާކަމަށް، އެއީ އަހަންނަށް ކުރެވުނު ކުށްހީއަކަށް ވާނަމަ އަހަންނަށް މަޢާފްކޮށްދީ…” އަޝްކާންއަށް މަލްސާއާއި ކުރިމަތިވާނެހެން ކުޑަކަކޫ ޖަހާލެވުނެވެ.
މަލްސާއަށް އަޝްކާން ބަލަމުން ދިޔައީ ކަންބޮޑުވުމާއެކުގައެވެ.
ރޮވެމުން ދިޔަކަން މަލްސާއަށް ރޭކާލީ ދެނެވެ. އަވަސްއަވަހަށް ކަރުނަތައް ފޮހެލަމުން އޭނަ އަޝްކާންއަށް ބަލާލިއެވެ. އަޝްކާންގެ ލޮލުން ފެންނަމުން ދިޔަ ލޯބީގެ ޝުއޫރުތަކުން މަލްސާގެ ހިތަށް ރާހަތު ގެނެސްދިނެވެ. ދިގު އިންތިޒާރަކަށް ނިމުން ގެނެސްދިން ކަހަލައެވެ. އަޝްކާންއަށް އެދިއެދި ހުރި އެހިތުގެ މުރާދު ހާސިލުވިކަހަލައެވެ. މިއީ ހުވަފެނެއް ނަމަ ހޭލާކަށް އޭނަ ބޭނުމެއް ނޫނެވެ. މިހުވަފެނުގެ ތެރޭގައި އަޝްކާންއާއެކު ވާން އޭނަ ބޭނުމެވެ. އެދެމެދުގައި ތަފާތުތަކެއް ވާކަން ހިނދުކޮޅަކަށް ވެސް ހަނދާން ނައްތައެއްނުލައެވެ. ތަފާތު އިމްތިހާނުތަކާއި ކުރިމަތިލާންޖެހޭނެކަން ވެސް މެއެވެ. ނަމަވެސް އަޝްކާން އެހުރީ އޭނައާއެކުގައި ވާށެވެ. އެކުގައި ފައިތިލަ ސާބިތުކުރަން ބޭނުން ވެފައެވެ. މަދުވެރިވާން ތައްޔާރަށެވެ.
”އަހަންނަށް އަޝްކާން އެންމެ ފުރަތަމަ ފެނުނީ ބިޒްނަސް މެގެޒިންއަކުން… އޭރު އަހަރެން އުޅުނީ ކޮލެޖްގައި، އެދުވަހުން ފެށިގެން އަހަރެންގެ ސަމާލުކަން ދެވުނީ އަޝްކާންއަށް، އަޝްކާން ހުންނަ ފަދަ ސިފަތަކެއްގެ ވެރިއަކު އަހަރެން ބޭނުންވީ، އޭރު ހީވީ އަހަންނަށް އަޝްކާން ނުލިބުނަސް އެސިފަތައް ހުރި މީހަކު ލިބިއްޖެއްޔާ ހިތްހަމަޖައްސާލެވިދާނެކަމަށް، ދެމީހުން އައިސް ތިބީ ދެދުނިޔެއަކުން، އޭރު އަހަންނަށް އަޝްކާން ހަމަލޮލަށް ފެނުމުގެ ނަސީބު ދުވަހަކު ލިބޭނެކަމެއް ވެސް އެނގެނީކީ ނޫން، އަޝްކާންގެ ފޮޓޯ ފެނުނުފަހުން އަހަންނަށް ކަމުދާ އިތުރު މީހަކު ނެތް ފަދަ، ރައްޓެހިން ވަރަށް ބޮޑަށް ދިމާކޮށް ހެދި، ބުނީ އަހަރެން ދުވަސްކޮޅަކުން މޮޔަވެދާނެޔޭ، މޮޔައިންގެ ޖަލަށޭ ގެންދަން ޖެހޭނީ… އެކަމަކު ތަޤުދީރުގައި ލިޔެވިފައިވީ ކީކޭކަން އެކަކަށްވެސް ނޭގޭނެ، އެތަގުދީރު އަޝްކާންއާ ހަމައަށް އަހަރެން ގެންގޮސްދިނީ، މިއީ ހުވަފެނެކޭ އަހަންނަށް ހީވާކަހަލަ، އެހާދުވަހު ކުރި އިންތިޒާރު ހަމަ ނިނުނީބާއޭ ހިތަށް އަރަނީ، އަޝްކާންގެ ސެކްރެޓަރީއަކަށް ވުމުން އަހަރެން ވަރަށް މަސައްކަތްކުރިން އަހަރެންގެ ހިތުގައިވާ ޝުއޫރުތައް ވަންހަނާކުރަން… އެކަމަކު އެހެނެއް ނުވި… އަހަންނަށް ނޭގޭ ބުނާނެ އެއްޗެއް ވެސް… މިއީ ހަޤީޤަތްކަން ޤަބޫލުކުރަން މިވަނީ އުނދަގޫވެފައި…” އަޝްކާންއާއި ހަތަރުކަޅި ހަމަކުރަމުން މަލްސާ ބުނެލިއެވެ. އަޝްކާންއަށް ހިނިތުންވެވުނެވެ. މަލްސާގެ ހިތުގައި އޭނައަށް ޓަކައިވި މައުސޫމް ލޯބި އިލްހާމު ވުމުންނެވެ. އުފަލުން ގޮސް ހިތުގެ އިހުސާސްތައް އޭނައަށް ބަންޑުން ކުރެވުނެވެ.
”މިއީ ހުވަފެނެއް ނޫން، އެފޮޓޯޓަކުން ނިކުމެ އަހަރެން މިހިރީ މިއަދު މަލްސާގެ ކުރިމަތީގައި، މަލްސާއާއި ބައްދަލުވުމަށް އަހަރެންގެ ތަޤުދީރުގައި ވީތީ އިތުރު އެއްވެސް އަންހެންކުއްޖަކަށް އަހަރެންގެ ހިތުގައި ޝައުޤުވެރިކަން ނުއުފެދުނީ… އެކަމަކު މަލްސާއާއި ބައްދަލުވި ހިސާބުން އެކަންތައް ބަދަލުވެއްޖެ… ސްޓްރޭންޖް ރައިޓް؟، މާޒީ ހަނދާން ކުރުމުން ކުރި ދިގު އިންތިޒާރަށް ނިމުން އައިސްފިކަން ޤަބޫލުކުރަން ހަމަ ދަތިވަނީތަ؟… އެކަމަކު ޤަބޫލުކުރޭ، އަހަރެން މިހިރީ މަލްސާގެ ގާތުގައި، އަހަރެންގެ ހިތުގައި ވާ ޝުޢޫރުތައް ބަޔާންކޮށްދޭން…” މަލްސާގެ އަތްތިލަ ގެނެސް އޭނަގެ މޭގައި ޖައްސާލަމުން އަޝްކާން ބުންޏެވެ. އެހަރަކާތުން މަލްސާ ގަނޑުވިއެވެ. އަޝްކާންގެ ހިތުގެ ތެޅުން އިހުސާސްކުރެވުނު ހިނދު ނޭވާކުރުވެއްޖެއެވެ. އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ.
”އަހަންނަށް މިވަނީ ލޯބިވެވިފައި، އަހަރެންގެ ހުށަހެޅުން މަލްސާ ޤަބޫލުކުރާނަންތަ…” މަލްސާއާއި ހަތަރުކަޅި ހަމަކުރަމުން އަޝްކާން ބުނެލިއެވެ. ފުންނޭވާތަކެއް ދޫކުރަމުން ދިޔަ މަލްސާ ބޯޖަހާލިއެވެ. އެދެމެދުގައިވާ ހުރިހާ ފަރަގެއް އެއްފަރާތްކޮށްލަމުން ކުރި ހޯދީ ލޯތްބެވެ. ދެހިތުގެ ހާލު ބަޔާންކޮށްދެމުންނެވެ.
”ކޭން އައި ހޯލްޑް ޔޯރ ހޭންޑް؟…” މަލްސާ ގާތު އަޝްކާން އެދުނެވެ. ލަދުރަކިކަމާއެކު މަލްސާއަށް ހިނިތުންވެވުނެވެ. އެއީ ޖަވާބެއް ކަމުގައި އަޝްކާން ދެކުނެވެ. އަދި ދެ ޒުވާނުންގެ އަތުގެ އިނގިލިތައް މަހާލިއެވެ. އުފާވެރިކަމުގެ ވަގުތުކޮޅެކެވެ. ދެހިތުގެ ހާލުވެސް ބަޔާން ކުރެވުނީއެވެ.
*****
”އަހަރެން ބޭނުން އަހަރެންގެ ލައިފްގެ ހުރިހާ ކަމެއް މަލްސާއާއި ހިއްސާކުރަން…” އަޝްކާންގެ ކޮނޑުގައި ބޯއަޅާލައިގެން އިން މަލްސާއަށް ބަލާލަމުން އަޝްކާން ބުނެލިއެވެ.
”އައި ޑިޑްންޓް ހޭވް އެ ހެޕީ ޗައިލްޑްހޫޑް، ބޮޑުވަމުން އައިއިރު އަބަދު ވެސް މަންމައާއި ބައްޕަ އުޅޭނީ ވިޔަފާރި ކަންތަކުގައި، ދޮންތައާއި އަހަންނަށް އެހާ ގިނަ ވަގުތެއް ނުދެވުނު، އަހަންނަށް އެކަނިވެރިކަން އިހުސާސް ނުވާނެހެން ދޮންތަ އަބަދުވެސް މަސައްކަތްކުރާނެ، އެކަމަކުވެސް މަންމައާއި ބައްޕަގެ ލޯބިން މަހުރޫމްވަމުން ދިޔަކަން އިހުސާސްކުރެވޭ، އަހަރެން އެކަންތައް ސިއްރުކޮށްގެން ހުރީ ދޮންތައަށް އެނގުމުން ދެރަވެދާނެތީ، ޝީ ވޯސް އޯލްވޭސް ދެއާރ ފޯރ މީ، ކިޔާ އަދި ކިޔާގެ ކޮއްކޮ އެލީން ވެސް ގެއަށް އައިސް އެކީގައި ވަގުތު ހޭދަކުރާނެ، އެއީ މަންމަގެ ބެސްޓް ފްރެންޑްގެ ކުދީން، އަހަރުމެން ހަތަރުމީހުން ބޮޑުވަމުން އައީ އެކީގައި، ފުރާފުރިހަމަވުމުން މިހާރު ކޮންމެ މީހަކު ދިރިއުޅުމާ ކުރިމަތިލައިފި…” އަޝްކާންގެ އަޑުގައި ހިތިކަމެއް ވިއެވެ. އެދެލޮލުން ލޯތްބަށް ބޭނުންވެފައިވާތަން މަލްސާއަށް ފެނުނެވެ.
”މާ ބޮޑަށް ޖަޒުބާތީ ވެވުނީ ދޯ؟…” މޮޅިވެރިކަން، ހިނިތުންވުމަކުން ސިއްރުކުރަން އަޝްކާން މަސައްކަތްކުރިއެވެ. އެއީ އޭނައަށް ދަސްވެފައިވާ ގޮތެވެ. އެހެންމީހުންނަށް ހިތުގެ އިހުސާސްތައް ސިއްރުކުރުމެވެ. މިހުންނާ ގުޅިގެން އުޅެން އަޝްކާންއަށް އުނދަގޫވާ މައިގަނޑު ސަބަބަކީ ވެސް އެއެވެ.
”އަހަރެންގެ އުމުރުން ސޯޅަ އަހަރުގައި މަންމައާއި ބައްޕަ ވަކިވީ، އޭރު ކޮއްކޮއަށް ވާނީ ބާރަ އަހަރު… ވަކިވުމުގެ ކުރިން ދެމެދުގައި ކުދިކުދި މައްސަލަތައް ޖެހެމުން ދިޔައީ، މަންމަ ވަރަށް ގިނައިން ރޯން ހުންނަތަން ފެނުނު، ބައެއް ރޭރޭ މަންމައާއި ބައްޕަ ޒުވާބުކުރާ އަޑަށް ހޭލެވޭ، އެންމެފަހުން އެނގުނީ ބައްޕަ އުޅޭ އޮފީހުގެ މީހަކާއި ބައްޕަ މެރީކުރަން އުޅުނުކަން، މައްސަލަޖެހެން ފެށީ ދެއަންބަށް ބައްޕަ މެރީކުރަން އުޅުމުން މަންމަ ދެކޮޅު ހެދީތީ، އެންމެފަހުން މަންމަ ވަރިކޮށްލުމަށްފަހު އެމީހާއާއި މެރީކުރީ، އެދުވަހު މަންމަ ވަރަށް ރުއި، ބައްޕަ ގާތު އާދޭސްކުރި، އެކަމަކު މަންމަ ނިކަމެތިވީ، ބައްޕައަށް އެދުވަހު މުހިންމުވީ އެހެން ފަރާތެއް… ބިކަވުމުން މަންމަ ދިޔައީ އަހަރުމެން ގޮވައިގެން މަންމަގެ އުފަން ރަށަށް، ރަށުންވެސް މަންމައަށް ލިބުނީ ހިތްދަތިކަން، މަންމަގެ ޢާއިލާގެ ނުރުހުމުގައި ބައްޕައާ ކައިވެނިކުރުމުން މަންމަދެކެ އެންމެން ތިބީ ރުޅިއައިސްފައި، މަންމަ އަބަދު ފެނުނީ މާޔޫސްވެފައިވާތަން، ހިތްދަތިވެފައިވާތަން، އެހާލުގައި ވަނިކޮށް މަންމަ ކެންސަރު ޖެހުނީ، އެނގުނުއިރު ވެސް ހުރީ ހަތަރުވަނަ ސްޓޭޖުގަ، މަންމަ މަރުވެގެން ދިޔައިރު ދިޔައީ ބައްޕަދެކެ ނަފުރަތުނުކުރުމަށް ވަސިއްޔަތް ކޮށްފައި، މަންމަގެ ނަސޭހަތުގައި ހިފައި އަހަރެން ބައްޕައަށް މަޢާފްކުރީ، އެކަމަކު ކޮއްކޮ ވަރަށް ބޯހަރުވާނެ، ބައްޕަ ދެކެ މިއަދާ ޖެހެންދެން ވެސް ހުންނަނީ ރުޅި އައިސްފަ… އެތައް އަހަރެއް ފަހުން ބައްޕައާ ބައްދަލުވީ މަންމަގެ ޖަނާޒާގައި، އެދުވަހު އެނގުނީ މަރުވުމުގެ ކުރިން ބައްޕައަށް މަންމަ ގުޅިކަން، މަންމަގެ އާއިލާ މީހުންގެ އަތްމައްޗަށް އަހަރުމެން ދޫކޮށްލަން ބޭނުންނުވާތީ ބައްޕަ ގާތު އަހަރުމެންނާ ހަވާލުވާށޭ ބުނީ… އެދުވަހު ބައްޕައައީ އަހަރުމެން ބަލާ، ބައްޕަ އެދުވަހު ހިތާމަކުރަނިކޮށް ފެނުނު، އެކަމަކު ސަބަބެއް ނޭގޭ… ބައްޕަގެ ގާތަށް އައުމުން ދެން ޖެހުނީ ދޮންމަންމަގެ އުނދަގޫތަކާއި ކުރިމަތިލާން، އެކަމަކު މިއަދު ހުރިހާކަމަކަށް އާދަވެއްޖެ، ދޮންމަންމަވެސް ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިއްޖެ… އެވްރީ ފެމިލީ ހޭސް ފްލޯސް، ދެޓްސް ވަޓް މޭކްސް އެ ފެމިލީ…”
މަލްސާ ވެސް އޭނަގެ ހަޔާތުގެ ހިތި ތަޖުރިބާތައް ހިއްސާކުރިއެވެ. އޭގެ ސަބަބުން ދެހިތުގެ ހާލު އަންގާދީ އިތުރަށް ކައިރިކޮށްދިނެވެ. އުދާސްތައް ބޭރުކޮށްލެވުނެވެ.
”މީހުން ބުނާ އެއްޗަކަށް މަލްސާ ސަމާލުކަން ނުދޭތި، އަހަރެން އަބަދު ހުންނާނަން މަލްސާގެ ގާތުގައި، މިއީ އަހަރެން ވާ ވަޢުދެއް… ކޮންމެ ކަހަލަ ކަމަކާ ކުރިމަތިލާން ޖެހުނަސް އެކީގައި ކުރިމަތިލާނީ، އަހަރުމެންގެ ދެމެދުގައިވާ ފަރަގުތަކާ މެދު މަލްސާ ނުވިސްނާތި، އެފަދަ ކަމަކާ މެދު ކަންބޮޑުވާނެކަމެއް ނެތް… މިރޭ މަލްސާގެ އަތުގައި މިހިފީ ދޫކޮށްނުލާނެކަމަށް ވައުދުވަމުން… ސާބިތުކަމާއެކީގައި ވާނަން…”
މަލްސާގެ އަތުގައި ހިފަމުން އަޝްކާން ބުނެލިއެވެ. އެޖުމްލައިން މަލްސާގެ ހިތަށް ފިނިކަން ގެނެސްދިނެވެ. ދެޒުވާނުން ވާހަކަދައްކަން އިރުކޮޅެއް ވަންދެން ތިއްބެވެ. އެވާހަތަކުގެ ތެރޭން ދިމްނާ، ކައްޔިސް، އެލީންއާއެކު ނަގާފައިވާ ފޮޓޯއެއްވެސް އަޝްކާން ދެއްކިއެވެ. އަދި އެކުވެރިންގެ މަޖާ ވާހަކަތައް މަލްސާއާ ހިއްސާކުރިއެވެ.
”އެލީން ވަރަށް އަވަހަށް މިކޮޅަށް އަންނާނެހެން ހީވަނީ، ދާދި ފަހުން ގްރެޖުއޭޓަން ނިމުނީ، އައީމަ މަލް ތަޢާރަފްކޮށްދޭނަން…” އަޝްކާން ބުނެލިއެވެ. މަލްސާ ވެސް ހިނިތުންވެލިއެވެ. އަޝްކާންގެ އެކުވެރިންނާ ގުޅުން ބަދަހިކުރަން އޭނަ ބޭނުންވިއެވެ. އެލީންއަކީ ކައްޔިސްގެ ކޮއްކޮއަށް ވުމުން ސަކަ މިޒާޖެއްގެ އަންހެންކުއްޖަކަށް ވާނެކަމަށް މަލްސާއަށް ލަފާކޮށްލެވުނެވެ.
*****
ހުކުރު ދުވަހެވެ. މަލްސާ ބުނި ފަދައިން ރޭޝަމްގެ ގާތަށް ގިޔާން ގޮވައިގެން މަލްސާ ދިޔައެވެ. އެހެންނޫންނަމަ ރޭޝަމް ހުންނާނީ އަހަރު ނިމެންދެން ތުން ދިގުކޮށްގެންކަން އޭނައަށް އެނގޭތީއެވެ. މެންދުރުގެ ކެއުމުގައި ރޭޝަމްގެ ޢާއިލާއާއެކު ބައިވެރިވުމަށްފަހު މަޑުކޮށްގެން ތިބީ ފިހާރަ ހުޅުވަންދެކަށެވެ. އޭރު ރޭޝަމްގެ ފިރިމީހާ ވެސް ބޭރަށް ގޮސްފިއެވެ. ލިބުނު ފުރުސަތުގައި މަލްސާއާއި ގިޔާން ގޮވައިގެން ފިހާރައަށް ދާން ރޭޝަމް އަވަސްވެގަތެވެ.
”އަހަރެން ގޮވައިގެން ތިއައީ އެއްޗެހި އުފުލަން ދޯ؟، ކާކު ދިން ޚިޔާލެއްތަ މިއީ؟، ދޮންތަ ދޯ؟…” ޝައްކުގެ ނަޒަރަކުން މަލްސާއަށް ބަލާލަމުން ގިޔާން އެހިއެވެ. އޭރު ވަންނަ ކޮންމެ ފިހާރައަކުން ގަންނަމުން ދިޔަ ސާމާނުތައް އެޅި ކޮތަޅުތަކުން ގިޔާންގެ އަތް ވަނީ ފުރިފައެވެ. ”ދެން އިތުރު އެއްޗެއް ގަނެފިނަމަ ކަރުގައި އަޅުވަން ޖެހޭނީ…”
”މިވެސް ވަރެއްގެ ފިރިހެނެއް… މާކަ ބަރެއް ވެސް ނޫނޭ…” ރޭޝަމް ތުން އަނބުރާލަމުން ބުނެލިއެވެ.
”ހޫނނނ، އަދި އަހާނުލެވިގެންނޭ މިއުޅެނީ، މަށަށް ދޯކާދޭވަރުގެ ކޮންކަމެއްތަ ރޭގަ ލައިގަތީ؟…” ރޭޝަމް އެހިއެވެ. މަލްސާއަށް ޖަވާބު ނުދެވެނީސް ގިޔާން ވާހަކަދެއްކިއެވެ.
”ދޮންތަ ރޭގަ ދިޔައީ ޑޭޓަކަށް، ރޭގަ ޑޭޓުން އައިސް ހުރީ ފާޑަކަށް މޮޔަ ވެފަ، މިއަދު ހެނދުވެސް ހުރީ ހެވިދިއްލިފަ، ހީވަނީ ވަރަށް ކާމިޔާބުކޮށްހެން ދިޔައީ…” ވިސްނުމަކާ ނުލާ ގިޔާން ބުނެލި ޖުމްލައާއެކު މަލްސާއާއި ރޭޝަމްގެ ނަޒަރު ވެސް އޭނައަށް ހުއްޓިއްޖެއެވެ. މަލްސާގެ ފަރާތުން ފެންނަނީ ހާސްކަމެވެ. އެއާ ހިލާފަށް ރޭޝަމްގެ ފަރާތުން ފެނުނީ ހައިރާންކަމެވެ.
(ނުނިމޭ)
9 Comments!
Comments are closed.
Love this part.. Masha Allah ?
Maasha allah … mi baives v v v reethi …. im so happy for malsa and ashkaan … just wishing them a happy life …. btw curiously waiting for the next part … ly ❤❤❤❤
This story has a special place in my heart. i love the complexities of the characters and the plot feels fresh while also having familiar tropes. I really loved this part as well! Can’t wait to find out what happens next ❤️
Oh varah reethi
Varah reethi Masha Allah ekam Yan ah hyvany thidhey thereyah fanivahadhan ashkaan ge mama ehennoony kayis ge koko ulheyne kanneyge
Yeaaa Mannu ah ves heevany ehen??
Varah reethi
❤️
Feshi iru malsaa buruga alhaafa huri kamah vaahakaa ga othy ekam date night ga buruga naalha why?