ސިއްރެއް 5
އުޝާ އިރުކޮޅަކު ދޮންބެއާއި ވާހަކަ ދައްކާލަން އިނުމަށްފަހު ބޭރަށް ނިކުމެލުމާއެކު އޭނާ އަށް ދެލޯ ބޮޑު ކޮށްލެވުނެވެ.
ދެވަނަ ސިކުންތުގައި އެއްވެސް ހިފެހެއްޓުމެއް ނެތި ހެވެން ފެށުނެވެ. މިހުރާން ދޮންތަގެ ޝޯލެއް މުޅި ގައިގައި އޮޅާލައިގެން އިޝާން އާއި ދެ މީހުން ކަޕުލް ޑާންސް ކުރަނީއެވެ. އެޑް ޝީރަންގެ ‘ޕާރފެކްޓް’ ލަވަ ޓީވީއިން އަޅުވައިގެން ރިމޯޓު އަތަށް ލައިގެން ޔަނާލް ސޯފާގައި އޮވެގެން ހެނީއެވެ. އެހެން އެދެމީހުން ނަށަން ތިއްބާ ދޮންތައާއި ދޮންތަބެ އައުމުން މިހުރާން ލަދުން ބޯކަހަމުން ޝޯލް ދޮންތަ އަތަށް ދެމުން އިޝާން ކޮޑަށް އަތް ވައްޓާލައިގެން މިދަނީ އަހަރުން ބަޔަށޭ ކިޔާފަ ދިޔައީއެވެ. ދޮންތަމެން ވެސް ތިބި ހޭށެވެ. ޔަނާލް އާއި އުޝާވެސް އެމީހުން ފަހަތުން ދިޔައީ ހެމުން ހެމުންނެވެ. ދިޔައިރު އިޝާންމެން ސޯފާގައި ތިއްބެވެ. އުޝާ ޔަނާލްގެ އަތުގައި ހިފައި އެމީހުންނާއި ކުރިމަތިވާ ގޮތަށް ބޭންދުމަށްފަހު ކޮޓަރިއަށް ވަދެ އައީ ފައިލާއި ޓެބެއް ހިފައިގެންނެވެ. އެ ފައިލު ކޮފީ ޓޭބަލް މަތީ ބާއްވާލާފައި ޔަނާލް ކައިރި އިށީނދެލިއެވެ. “އާ މިޝަންއެއް. ފައިނަލީ” އިޝާން ދެފައި ދަމާލައި ހަމަޖެހިލިއެވެ. އުޝާ އެއްޗެކޭ ނުބުނެ ފައިލު ހުޅުވާލިއެވެ. ފައިލުގެ ފުރަތަމަ ސަފުހާގައި އިން ފޮޓޯ ފެނިފައި އެންމެން ވެސް ބަސް ހުއްޓުނެވެ. އުޝާ އެއްޗެއް ފާހަގަ ކުރެވުނު ކަމަކަށްވެސް ނަހަދައެވެ. ޖެހިގެން އޮތް ގަނޑަށް އެއްލަމުން އޭނާ ފެށިއެވެ. “މީގައި މިހިރީ ސަސްޕެކްޓް ލިސްޓާއި މިހާތަނަށް ފާހަގަ ކުރެވުނު ކަންތަކުގެ ރިޕޯޓެއް. އޮޓޯޕްސީ ރިޕޯޓން ދައްކާ ގޮތުގައި މުޅިއެކު ތިރީސް ފަހަރު ވަޅި ހަރާފައި އެބަހުރި. ނިޔާވީ މާ ގިނައިން ލޭ ބޭރުވުމުގެ ސަބަބުން.” މިހިސާބަށް ބނެވުނުތަނާ އުޝާގެ ލޮލަށް ކަރުނަ ޖަމާވާން ފެއްޓިއެވެ. ނަމަވެސް އޭނާ ހިތްވަރު ކޮށްފައި ވާހަކަ ކުރިއަށް ގެންދެވުނީ ކުރެހިފައިވާ އަޑަކުންނެވެ. “ބޭނުންކުރި ހަތިޔާރު ފެނިފައެއް ނުވޭ. އެތާ ހރި ކެމެރާތައްވެސް ހުރީ ހަލާކުކޮށްލާފައި. އެންމެ ކެމެރާއެއް ފިޔަވައި. އެ ކެމެރާއިން ނެގި ފޫޓޭޖްތައް މިހިރީ.” މިހެން ބުނެ ފޫޓޭޖްތައް ހޯދާލުމަށްފަހު ޓެބު މޭޒުމަތީ ބާއްވާލިއެވެ. “މީގައި ފާހަގަކުރެވެނީ ދެ މީހަކު. އެކަމު އައިޑެންޓިފައިކުރެވިފައެއް ނެތް. ދެ މީހުންވެސް މިތިބީ މާސްކްއަޅައިގެން. އެކަމު ދެމީހުންގެވެސް ދިގުމިން ހޯދުން.” ބަލަމުން ދިޔަ ފޫޓޭޖް ޕޯސް ކޮށްލުމަށްފަހު އުޝާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. “މިތަންކޮޅުން މިމީހާގެ އަތުން އެބަ ފާހަގަ ކުރެވޭ ޓެޓޫއެއް. މި ޓެޓޫއަކީ މަންމަމެން ހިންގި އޮޕަރޭޝަން ކާމިޔާބު ކުރިއިރު ބަސްޓްވި ގޭންގެއް. މާރޑާރ ގެ ވަގުތަކީ ދަންވަރު އެއްގަޑި ބައި. މި ގަޑީގައި މިގޭންގުގެ ލީޑަރ ކަމަށް ބުނާ މިހާއާއި މި ގޭންގުގެ އިތުރު ހަ މީހުންވެސް ތިބީ ޖަލުގައި. މި އެންމެންނާ ކުރި އިންޓެރަގޭޝަނުން އެއްވެސް ކަމެއް ނޭގުނު. ޖަލުގައި ހޭދަކުރަންޖެހޭން މުއްދަތު މަދު ކުރާނެ ކަމަށް އޮފާ ކުރުމުންވެސް އެކަކު އެކައްޗެއްވެސް ނުބުނި. މި ހިސާބަށް މި ކޭސް ކުރިއަށް ގޮސްސަ މިއޮތީ. އެއްވެސް ސުވާލެއް؟” އުޝާ ވަކިވަކިން އެންމެންގެ މޫނަށް ބަލައިލިއެވެ. އެންމެން ވެސް ތިބީ ފުން ހިޔާލަކަށް ގެއްލިފައެވެ. ފުރަތަމަ ވާހަކަ ދެއްކީ ޔަނާލްއެވެ. “އުޝް… ސާރ ތަ ތިކޭސް އަހަރުންނާއި ހަވާލުކުރީ؟” ޔަނާލް އެހެން އަހާލިއިރު އުޝާއަށް އެލޮލުން ފެނުނީ ހަމްދަރދީއެވެ. “އެދުވަހު ސާރ ކައިރި އެހީ މި ކޭސް ބޭނުމޭ. ދެން ސާރ ބުނުއްވީ އުޝާ ބޭނުމިއްޔާ މައްސަލައެއް ނެތޭ.” އުޝާ އެހެން ބުނެލުމުން އެބުނީ އުޝާ ދޮންބެ ކައިރިއަށް ލަންކާއަށް ފުރި ދުވަހުގެ ވާހަކަކަން އެންމެންނަށް ނަގައިގަނެވުނެވެ. އެންމެންވެސް އުޝާއަށް ހިތްވަރު ދިނުމަށްފަހު ކޭސް ނެގުމަށް އެއްބަސްވިއެވެ.
“ދެން އެހެންވީރުން މާދަމާ ހެނދުނު ކޭސްގެ ކަންތަކާއިގެން ކުރިއަށް ދާނީ.” އުޝާ ލުއި ހިނިތުންވުމެއް ދިނުމަށްފަހު އެ އެންމެންނާއި ދުރަށް ޖެހިލީ ފޯނެއް އައުމުންނެވެ. ގުޅަމުން ދިޔައީ ސާރއެވެ. އުޝާ ފޯނު ނެގުމާއެކު ސާރ އެހީ ކޭސްއާއި ހަވާލުވަންތޯއެވެ. “ލައްބަ ސާރ. މާދަމާއިން ފެށިގެން އިންވެސްޓިގޭޝަން ފަށާނަން.” ސާރ ފޯނު ބޭއްވުމުން އުޝާ ދިޔައީ ޔަނާލްއާއެކު ޓްރެއިނިންގްއަށެވެ. އޭޖެންސީއަށް ވަނުމަށްފަހުގައިވެސް ފިޓްނެސް ހިފެހެއްޓުމަށާއި މާޝަލް އާރޓްސް ޓްރެއިނިންގް ކުރިއަށް ގެންދަން ޖެހެއެވެ. ޓްރެއިން ކޮށްދޭން ހުންނަނީ ލީ ނަމަކަށް ކިޔާ ސާޅީހުގެ އަހަރުތައް ގުނަމުންދާ ޗައިނާގެ އަންހެނެކެވެ. އޭނާގެ ހިތްހެޔޮ ކަމާއި ރަގަޅުކަމުން އުޝާވެސް ޔަނާލްވެސް އޭނާދެކެ ވަރަށް ލޯބިވެއެވެ. ޓްރެއިނިންގް ނިމުނުއިރު އިރުއޮއްސުނުފަހުންނެވެ. ވެފައި ހުރި ވަރުބަލިކަމާއިއެކު އުޝާމެން ދިޔައީ ފެންވަރާލާށެވެ. މަޢްރިބު ނަމާދު ކޮށްލުމަށްފަހު އިޝާ ނަމާދަށް ގޮވުމުން އިޝާ ނަމާދުވެސް ކޮށްލައިގެން އަނެއްކާވެސް ދޮންތަމެންގެ ބަޔަށް ދިޔައީ ރޭގަނޑުގެ ކެއުމަށެވެ. ކައި ނިމިގެން އިރުކޮޅަކު ދޮންތަމެންނާއި ވާހަކަ ދައްކާލަން އިނުމަށްފަހު ނިދަން ވަތީ ދިހަ ގަޑި ބައިވެސް ވީފަހުންނެވެ.
އުޝާއަށް ހޭލެވުނީ އޭނާގެ ފޯނުގެ އެލާމުގެ އަޑަށެވެ. އޭނާ ތެދުވި އިރު ޔަނާލް އަދި ނުތެދުވެއެވެ. ފެންވަރާލައިގެން ރީތިވެލުމަށްފަހު ފަތިސް ނަމާދު ކޮށްލައިގެން އުޝާ ނިކުމެ ކޮފީއެއް ގިރާލައިގެން ސޯފާގައި އިށީނީ ޓެބު އަތަށް ލައިގެންނެވެ. ކޭސްގެ ކަންތައްތައް ފަރުވާތެރި ކަމާއެކު ބަލަމުންގޮސް ކޭސް ފެށުމަށް ކުރަންހުރި މަސައްކަތްތައް ލިޔެލުމަށްފަހު އޭނާ އިތުރަށް ފަރުވާތެރިކަމާއެކު ކޭސް ފައިލު އެއްކޮށް ކިޔަން އިންދާ ޔަނާލްވެސް ތެދުވެގެން އައިސް ކޮފީ ތައްޓެއް ހަދާލައިގެން އުޝާ ކައިރީ އިށީނދެލިއެވެ. ދެމީހުންވެގެން އެކިޔަން އިންދާ ދޮންތަ އައިސް ވަތެވެ. “އަނހާ! ދެކުދިން ކީއްކޮށްލަނީ؟ މިހުރާނާއި އިޝާން އަދިވެސް ނުހޭލާ ދޯ؟ ދެން ކީކޭތަ ބުނާނީ. މިހާރު އެއޮށް ނުވައެއް ޖަހާ ބޮޑުވީ ވިއްޔަ؟” ދޮންތަ ގޮސް އެދެމީހުން ނަގާ ތެދުކުރުމަށްފަހު ޔަނާލް ގާތު ސޯފާގައި އިށީނދެލިއެވެ. “މިހާރު ކޭސްގެ ކަންތައް ފެށީދޯ؟ މަންމަމެންގެ އެހީއެއް ބޭނުން ވެއްޖެއްޔާ ލަސް ނުކޮށް ބުނާތި. އިހަށް ސައިބޯން އަންނަންވީނު؟” ދޮންތަ އެދުމުން ދެކުދީން ވެސް ދޮންތަ ފަހަތުން ދިޔައީ ދޮންތަމެންގެ ބަޔަށެވެ. އެބަޔަށް ގޮސް އިށީނދެ ސައިބޯން ފެށިތަނާ މިހުރާނާއި އިޝާން އައިގޮތަށް ކާ މޭޒު ކައިރީގައި ގޮނޑިތަކަށް އައިސް ޖެހިގަތެވެ. އޭރުވެސް ދެމީހުންކުރެ މީހެއްގެ ލޮލެއް ރަގަޅަކަށް ނުހުޅުވެއެވެ. އާފުރިލަމުން ތައްޓެއް ނަގައިގެން އައިސް ރޮށި ފުޑުކޮށްފައި އެއްޗިހި އަޅައި މޮޑެން ފެށިއިރު ތަށީގައި ހުރީ ކޯއްޗެއް ކަމެއްވެސް ނޭނގެއެވެ. ހޭވެރި ކަމެއްވީވެސް ޔަނާލް އާއި އުޝާ ބާރުބާރަށް ހޭންފެށުމުންނެވެ. ރަގަޅަށް ތައްޓައް ބެލިއިރު ރޮށި ފުޑުކޮށްގެން މި މޮޑެނީ ރިހަ އަޅައިގެންނެއް ނޫނެވެ. މަސްހުނި އަޅައިގެންނެވެ. ދެމީހުންނަށްވެސް ފަކުރުން އަނގައަށް ވައްތަރުތަކެއް ޖައްސާލިއެވެ. އެވަގުތު ބަދިގެ ބައިން ނުކުތް ދޮންތައަށް އެމަންޒަރު ފެނުމުން ދެފަރާތަށް ބޯހޫރާލިއެވެ. “އެކަހަލަ ގޮތްގޮތްވެސް ވާނެ ރޭގަނޑު ނުނިދާ އުޅެންޔާ” ހެމުން ހެމުން ދޮންތަ ބުނެލިއެވެ.
ސައިބޮއެ ނިންމާލައިގެން ހަތަރު ކުދިން އެއްކޮށް ގޮސް ސޯފާގައި އިށީނމުން އުޝާ ވާހަކަ ދައްކަން ފެށިއެވެ. “މި ކޭސް މިހިސާބަށް ގޮސް އޮތްއިރ ކުރިއަށް ގެންދިޔައިރު ފުރަތަމަ އަލުން ފޮރެންސިކް ކަންތަކާއި ހަވާލުވެ ހުރި އަހުމަދު ސާރ ކައިރިއަށް ދާން ވީ ދެމީހަކު. އަނެއް ދެމީހުން ދާންވީ އަލުން ޖަލުގައި ތިބި ސަސްޕެކްޓުންނާއި ސުވާލުކުރަން. މަދާނީ ސުވާލުކުރަން. ކާކު މަށާއިއެކު ދާނީ؟” މިހެން ބުނުމާއެކު އިޝާން އުޝާ އާއެކު ދާން އެއްބަސްވެއްޖެއެވެ. “ހޫނ… ހިނގާ ދާން. މިހުރާނާއި ޔަނާ ދޭ އަހުމަދު ސާރ ކައިރިއަށް. ރިކޯޑު ކޮށް ހަދާތި. އަވަސްކުރަންވާނެ.”
One Comment
Comments are closed.
Varah reethi Masha Allah ? konirakun next part ? curious