ސިއްރެއް 6
ސައިބޮއެ ނިންމާލައިގެން ހަތަރު ކުދިން އެއްކޮށް ގޮސް ސޯފާގައި އިށީނމުން އުޝާ ވާހަކަ ދައްކަން ފެށިއެވެ. “މި ކޭސް މިހިސާބަށް ގޮސް އޮތްއިރ ކުރިއަށް ގެންދިޔައިރު ފުރަތަމަ އަލުން ފޮރެންސިކް ކަންތަކާއި ހަވާލުވެ ހުރި އަހުމަދު ސާރ ކައިރިއަށް ދާން ވީ ދެމީހަކު. އަނެއް ދެމީހުން ދާންވީ އަލުން ޖަލުގައި ތިބި ސަސްޕެކްޓުންނާއި ސުވާލުކުރަން. މަދާނީ ސުވާލުކުރަން. ކާކު މަށާއިއެކު ދާނީ؟” މިހެން ބުނުމާއެކު އިޝާން އުޝާ އާއެކު ދާން އެއްބަސްވެއްޖެއެވެ. “ހޫނ… ހިނގާ ދާން. މިހުރާނާއި ޔަނާ ދޭ އަހުމަދު ސާރ ކައިރިއަށް. ރިކޯޑު ކޮށް ހަދާތި. އަވަސްކުރަންވާނެ.”
މިހުރާން ޔަނާލް ގޮވައިގެން ފޮރެންސިކް ޑިޕާރޓްމެންޓްމެންޓާއި ދިމާލަށް ދިޔުމުން އުޝާ ގޮސް ތައްޔާރުވެލައިގެން ނިކުތްއިރު މީހާ ހުރީ ވަރަށް ތަފާތު ކޮށެވެ. އަތްދިގު ކަޅުކލައިގެ ޓީޝާޓެއް ލައިގެން ހުރިއިރު ލޮލުގެ ކަޅީގައި ހުރީ ފެހިކުލައެވެ. ކަރުގައި އަޅާފައި އޮތް ކާރޑުގައި ފުލުސް ނިޝާން ޖަހާފައި ހުރިއިރު ކާރޑުގެ އަނެއް ފރާތުގައި އިނީ އޭޖެންސީގެ ނިޝާން ޖަހާފައެވެ. ހުޑީއިން ބޯނިވާ ކޮށްލަމުން ކޮޓަރިން އޭނާ ނުކުތްއިރު އިޝާންވެސް ހުރީ އެފަދަ ގޮތަކަށް ތައްޔާރުވެލައިގެންނެވެ. ތަފާތަކީ އޭނާގެ ކަޅިގައި ހުރީ ނޫކުލަކަމެވެ. އޭރު އޭނާހުރީ ފޯނުން މީހަކާއި ވާހަކަދައްކާށެވެ. އިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު ފޯނު ބޭއްވިއެވެ. “މިހާރު ހަމަޖައްސާފިން އެމީހުނާއި ސުވާލުކުރެވޭނެ ގޮތެއް. ހިނގާ ދާން.” މިހެން ބުނުމަށްފަހު އޭނާ ހިނގައިގަތުމުން އުޝާވެސް އޭނާގެ ފަހަތުން ހިގައިގަތެވެ. ގޮސް ލިފްޓަށްއަރާފައި އެންމެ މަތީ ފްލޯރއަށް އެރުމަށްފަހު ފުލުސް ސްޓޭޝަންގެ އިންޓެރެގޭޝަންއަށް ހާއްސަ ކުރެވިފައިހުރި ބަޔަށް ވަތެވެ. އެތާ ހުރި ފުލުސް މީހާއަށް ކާރޑުގެ އަނެއް ފަރާތް ދެއްކުމުން އެތެރެއަށް ވެއްދިއެވެ. މޭޒެއްގެ ކައިރީ ގޮނޑިއެއްގައި ބިޑިއެއް އަޅުވާފައި އޭރުވެސް މީހަކު އިނެވެ. ބުޅި އިސްތަށިގަނޑު ދިގުކޮށްލާފައި އޮތްއިރު މީހާގެ ހަށިގަނޑު ވަނީ ހިކި އަނަރޫފުވެފައެވެ.
“މިއީ އެގޭންގުގެ ބޮޑުމީހާ ކަމަށް ބުނެވޭ މީހާ. އިތުރަށް އެބަތިބި މިގޭންގުގެ ހަ މީހުން ހައްޔަރު ކޮށްފައި. ތިފަރާތުން ފުރަތަމަ ސުވާލުކުރަން ބޭނުންވާ މީހަކާ ފުރަތަމަ ސުވާލުކުރަންވީ. މިފަރާތުގެ އެއްބާރުލުން ލިބޭނެ.” ޝުކުރުވެރިވަމުން އުޝާ ސުވާލިކުރާ ކޮޓަރިއަށް ވަތެވެ. އިޝާންވެސް އުޝާ ފަހަތުން ވަނުމުން އެތާ ތިބި ދެ ފުލުހުންވެސް ނިކުތެވެ. އެމީހާގެ ކުރިމަތީ ހުރި ހުދުކުލައިގެ ޕްލާސްޓިކު ދެ ގޮނޑީގައި ދެމީހުން އިށީނެވެ. ބަރާބަރު ބައިގަނޑިއިރު އެމީހާއާއި ސުވާލުކުރެވުނު އިރުވެސް އަނގައިން އެއްޗެއް ނުބުނިތާ އިސްއުފުލާ ބަލާވެސް ނުލިއެވެ. އެ ތުންފަތުގައިވީ މަކަރުވެރި އަދި ސިއްރުވެރި ހިނިތުންވުމެކެވެ. އެންމެފަހުން ގޮތްދޫކޮށް އޭނާ ގެންދިޔައީއެވެ. ދެންތިބި ހަ މީހުންގެ ސުވާލުކުރުމުންވެސް އެކައްޗެއްވެސް ނޭނގުނެވެ. އަނގައިން އެއްޗެއް ބުނީވެސް އެންމެ ދެ މީހެކެވެ. އެކަކު އިޝާން މާގިނައިން ސުވާލުކުރަން ފެށުމުން ރުޅިގަދަވެގެން “މަށަކަށް ކިހިނެއް އިނގޭނީ މަ ކުޑަކުޑަ ގޮޅިއަކަށް މިއޮއް ހުރިހާ ދުވަހު ލާފައި ބޭއްވީމަ؟” މިހެން ކިޔައި ހަޅޭއްލަވައިގަތެވެ. ދެންއިން މީހާ ޖެއްސުމަށް އުޝާއާއި އިޝާން ކިޔާހާ އެއްޗެއް ކިޔަން ފެށުމުން ރުޅިގަދަވެގެން އެންމެ ފަހުން އޭނާއާއި އިތުރަށް އެންމެ ސުވާލެއް ކުރަންވެސް އިޝާން އެއްބަހެއްނުވިއެވެ.
އެންމެ ފަހުންއެތަނުން ނުކުތްއިރު މެންދުރު އެކެއްޖަހާ ބޮޑުވެއްޖެއެވެ. ވަރުބަލިކަމާއެކު ބަނޑުހައިވެފައި ވުމުން ދެމީހުންވެސް ހިނގައިގަތީ ދޮންތަމެން ބަޔަށެވެ. އެބަޔަށް ގޮސް ވަތްއިރު މިހުރާނާއި ޔަނާލް ކާންތިއްބެވެ. ކާމޭޒުދޮށުގައި އިށީނދެ ތައްޓަށް ބަތާއި ރިހަފޮދެއް އަޅާ ކާންފަށަމުން ޔަނާލް ގާތު ސުވާލުކުރުމުން ޔަނާލް އިޝާރާތްކޮށްލީ ސޯފާ ކުރިމަތީހުރި ލަކުނޑި ކޮފީ ޓޭބަލްއަށެވެ. އެތާ ހުރި ގަނޑުތަކާއި ޔަނާލްގެ ޓެބު ފެނުމުން އެއީ އެތަނުން ރިކޯޑުކުރެވުނު އެއްޗިހިކަން ވިސްނުމުން އުޝާ ބޯޖަހާލުމަށްފަހު ކެއުމާއިގެން ކުރިއަށް ގެންދިޔައެވެ. އަވަސްއަރުވާލައިގެން ކައި ނިންމާލުމަށްފަހު އެންމެން ސޯފާގައި އިށީނދެލައިގެން ކޮންމެ މީހަކުވެސް އެމީހަކަށް ފާހަގަކުރެވުނު ކަންތައް ކިޔައިދިނެވެ. “ފުރަތަމަ އަހަރެމެން ދިޔައީ އޮޓޯޕްސީރިޕޯޓުގެ ކަންތައްތައް ބަލަން ދާމިސް ސާރ ކައިރިއަށް. ސާރ ކިޔައިދިން ގޮތުގައި ދެ ހަށިގަނޑުންވެސް އެއްވެސް ކަހަލަ ވިހައެއް ފެނިފައެއްނެތް. ވަޅިހަރާފައި ހުރި ތަންތަން ބެލިބެލިމުން ވަޅިހެރި ދެމީހުންގެ ތެރެއިން އެކަކު އެއީ ކަނާތްތެރިއެއް ނަމަވެސް ދެވަނަ މީހާއަކީ ވާތްތެރިއެއް. އެކަމަކު ފުރަތަމަ އަހަރުމެންނަށް ދިން ރިޕޯޓުގައި އިނީ ދެމީހުންނަކީ ވެސް ކަނާތްތެރިންކަމަށް. ދެ ވަޅި ބޭނުންކޮށްފައިވީއިރު ދެ ވަޅީގެ ސައިޒު ވަނީ ދެވަރު. އެއްވަޅީގެ ތިލަ ބެލެވޭގޮތުގައި ވާނީ ނުވައެއް ނުވަތަ ދިހަ ސެންޓިމީޓަރު. އަނެއް ވަޅިވާނީ ގާތްގަނޑަކަށް ސާދަ ސެންޓިމީޓަރު. އެކަމު ކުރީ ރިޕޯޓުގައި އިނީ ދެވަޅިވެސްވަނީ ބާރަ ސެންޓިމީޓަރ ކަމަށް.”
ޔަނާލްގެ ވާހަކަ ނިމުމުން މިހުރާން އޭނާގެ ޓެބު ނަގާފައި ކުރިއަށް ގެންދިޔައެވެ. “ފަހުން އަހަރުމެން ފޮރެންސިކްސް ބަޔަށް ދިޔައިރު އަހުމަދު ސާރ ކިޔައިދިންގޮތުގައި ތިންވަނަ މީހެއްގެ ލޭ ފާހަގަކުރެވިފައި އެބަހުރި މަރާލި ތަނުގައި. ޑީއެންއޭ ޓެސްޓެއް ހެދުމަށްފަހު ފުލުސް ޑާޓާބޭސްގެ އެއްވެސް މީހަކާއި އެއްގޮތްވޭތޯ ބެލިއިރު އެއްވެސް މީހަކާއި މެޗުވެފައި ނެތީމަ ފަހުންވެސް އެއީކާކު ކަމެއް ނޭނގުނު. އެކަމު އެއީ އޭބީ ނެގެޓިވްލޭކަން އެނގުނު. މިއީ މަރާލި މީހުންގެ ތެރެއިން އެކެކެއްގެ ލޭކަން އަހަރުމެންނަށް އެނގޭ. މީގެން އަހަރުންނަށް ފަސޭހަ ވާނެ. އެއީ އޭބީ ނެގެޓިވްއަކީ އެހާގިނަ ބައެއްގެ ގައިގައި ހުންނަ ވައްތަރެއްގެ ލެއެއް ނޫން. މީގެ އިތުރުން ވީޑިއޯއިން ފާހަގަ ކުރެވުނު ކަންތައްތައް ކިޔާދިންއިރު އެމީހުންގެ ތެރެއިން އެކަކުގެ ދިގުމިނަކީ ސަތޭކަ ހަތްދިހަ ސެންޓިމީޓަރ. އަނެކަކުގެ ދިގުމިނަކީ ސަތޭކަ ފަސްދޮޅަސް ފަސް ސެންޓިމީޓަރ. އަދި ދެމީހުންނަކީވެސް ފިރިހެނުންކަމާއި އެކަކު އާދައިގެ ވަރަކަށް ދޮން ނަމަވެސް ދެން ހުރި މީހާއަކީ ހަމުގެ ކުލަ ތަންކޮޅެއް އަނދިރި މީހެއް. ދެމީހުންގެ އުމުރުވެސް ވާނީ ގާތްގަނޑަކަށް ތިރީސް ނުވަތަ ތިރީސް ފަހެއް. ދެން ހައިރާންވާންޖެހޭ ތަންކޮޅަކީ ދެންމެ މިކިޔާދިން ހުރިހާ އެއްޗެއްގެ ތެރެއިން ކުރީގެ ރިޕާޓާއި ދިމާވާ ހަމައެކަނި ތަންކޮޅަކީ އެމީހުން މެރުމުގައި ބައިވެރިވީ ދެމީހުންކަމާއި އެދެމީހުންނަކީވެސް ފިރިހެނުންކަން. އިތުރަށް ތެދު އެއްވެސް އެއްޗެއް ރަގަޅަށް ލިޔެފައި ނެތްކަން.” މިހުރާނާއި ޔަނާލްގެ އެވާހަކަތައް އިވުމުން އުޝާގެ ބޮލުގައި ރިއްސާލިއެވެ. “މިހާރު އެހުރިހާ އެއްޗެއް ރަގަޅުކޮށްފައި ލިޔެފިންތަ؟” އުޝާ އަހާލުމުން ޔަނާލް ބޯޖަހާލަމުން ޓެބުގައި އޭނާ ޓައިޕްކޮށްފައި އިން ރިޕޯޓު އުޝާއަށް ދައްކާލިއެވެ.
“ދެން އެއްކަލަ މީހުންނާއި ސުވާލުކޮށްގެން އެއްވެސް އެއްޗެއް އިނގުންތަ؟” މިހުރާން އަހާލުމުން އިޝާން ސޯފާގައި އިތުރަށް ހަމަޖެހިލަމުން ދެފައި ނުގާ ކޮފީ ޓޭބަލްއަށް ލަމުން ފެށިއެވެ. “އެއްޗެއް އިނގުނުހޭ؟ އެއްޗެއް އިނގޭނީ އެއިން މީހަކު ކުޑަމިނުން އަނގަވެސް ހުޅުވައިގެންނު. ނުލަފާ ފާޑަކަށް ހިނިއައިސްފައި ތިބެނީ. އެއްޗެކޭ ބުނީވެސް އެންމެ ދެ މީހުން. އެކަކު ސުވާލެއް ކޮށްލިއިރަށް މަ ގޮޅިއަކަށް މިއޮތްހުރިހާ ލާފައި އޮތްއިރު އެއްޗެއް އިނގޭހޭ ކިޔާ ހަޅޭއްފަޅޭއްޖަހައިގަތީ. ދެން ހުރި ފާޑެއްގެ ކުޑަކުޑަ މީހެއް ހަމަ މަ ކިޔާހާ އެއްޗެއް މި ކިޔާގޮތަކަށް ކިޔަންފެށީ. ހަމަ ބޭކާރު ވަގުތެއް އެއީ. އެއިން އެކަކާ ދެން އެންމެ ސުވާލެއް ކުރަން ޖެހުނަސް މަށެއް ނުދާނަން. މަވާ ސަލާން.” ތުން އަނބުރާލަމުން އިޝާން ބުނެލި ގޮތުން މިހުރާން ހޭން ފެށިގޮތަށް ނުވެސް ހުއްޓިއެވެ. ޔަނާލްވެސް ހޭން ފެށިއެވެ. ނަމަވެސް އުޝާ އިނީ ޙިޔާލަކަށް ގެއްލިފައެވެ. ޔަނާލާއި މިހުރާންގެ ވާހަކަތަކުން އޭނާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އެމީހުން ހޯދަމުން އެދާ މީހުން ހީވެސް ނުކުރާހާ ގާތުގައި ވެދާނެ ކަމަށް އޭނާގެ ހިތް ބުނަންފެށުނެވެ. އުޝާ އިންގޮތް ފެނުމުން ދެންތިބި މީހުންވެސް ހުނުން ހުއްޓާލާފައި ސީރިއަސް ވެލިއެވެ. އުޝާ އެއެންމެންގެ މޫނަށް ބަލާލިއެވެ. އެއަށްފަހު ނެގީ ޖިންސު ޖީބުގައި އޮތް އޭނާގެ ފޯނެވެ. ފަރިތަކަމާއެކު ޕާސްވޯޑު ޖަހާލުމަށްފަހު އޭނާ ގުޅީ ޝާފިއު ސާރއަށެވެ. އެއަށްފަހު އިންތަނުން ތެދުވެލުމަށްފަހު ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ދެންތިބި މީހުން ތިބީ އުޝާ ކިޔަން އުޅޭ އެއްޗަކަށް ކަންފަތް ދީގެންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Varah reethi ? konirakun next part
Masha Allah
thanks. maadhan next part post kureveytho balaanan insha allah
Whattttt…dhaamis sir ey…unbelievable…dhen dhaamis keema varah odd…also varah hini Ahna gotheh vany..e nan edit kohlaba dhaanish ah???
Whatttttt. .dhaamis sir ooo…cant stop laughing….whn next by the wayy???????????