
ކަމަކު ނޫނަސް.. މާނު މިއަދު ބުނަން އުޅުނު ވާހަކަ ކޮބާ؟” އެތެރެއަށް ވަންނަމުން މާނާ ހަނދާންކޮށްދިނެވެ. އުސްމާނު ހައިރާންވެފައި މާނާއަށް ބަލަހައްޓައިގެން ދޮރުމަތީގައި ހުރީއެވެ.
“ސާބަސް މާނޫ.. ތި ދޮރުލައްޕާފައި އާދެބަލަ…” މާނާ އަޑުހަރުކޮށް އުސްމާނަށް ގޮވައިލިއެވެ.
މާނާ ގޮސް އެނދުގެ މަގަތުގައި ޖައްސައިލިއެވެ. އުސްމާނު ހުރިފިޔަވަޅު މަތީގައި ހުއްޓިލައިގެން ހުއްޓެވެ. އޭނަގެ ކަޅި ހުއްޓާލައިގެން ހުރީ މާނާއަށެވެ. މޫނަށް ގޮތެއް ހަދާލަމުން މާނާ އަތުގެ އިޝާރާތަކުން އެދުނީ އައުމަށެވެ.
“ދެން އާދެބަލަ.. ދޮންތަ ހަނދާންކޮށްލަ ދޭނަން.. އޭރުން ހަނދާންވާނެ ދޯ…” ވާނުވާ ނޭންގިފައި ހުރެ އުސްމާނު ފިޔަވަޅުތަށް ނަގަމުން ގޮސް މާނާ ކުރިމަތީގައި ހުއްޓުނެވެ.
“ދޮންތަ ކިހިނެއްވެފަ..” ހައިރާންވެފައި އުސްމާނު ބުންޏެވެ.
“މިތާ އިށީންދެބަލަ. ދޮންތަ ވާހަކަ އެއްބުނަން ވެގެން… އޯކޭތަ؟” އުސްމާނުގެ ފަރާތުން ވާނުވާ ނޭންގިފައި ހުރިކަން އެނގުމުން މާނާ ބުންޏެވެ. އުސްމާނު އެނދުގެ މަގަތުގައި އިށީނެވެ.
“އޯން.. ދެން ބުނެބަލަ ތިވެގެން އުޅޭގޮތެއް…” ހަމަ ޖެހިލަމުން އުސްމާނު ބުންޏެވެ. މާނާ އިންގޮތަށް އިނދެފައި އުސްމާނާއި ދިމާއަށް އެނބުރިލަމުން އުސްމާނުގެ މޫނަށް ބަލައިލިއެވެ.
“މިއަދު ހަވީރު ވާހަކައެއް ދައްކަން އުޅުނީމެންނު. ހަނދާން ވެއްޖެތަ؟” އުސްމާނަށް ބަލަހައްޓައިގެން އިނދެ މާނާ ބުންޏެވެ. އުސްމާނު ވިސްނައިލިއެވެ. ކަމެއް ހަނދާން ވުމުން އޭނަގެ މޫނުމަތިން ހާސްކަން ވެރިކޮށްލިއެވެ. ކޮޓރިތެރެއަށް ނަޒަރު ހިންގާލަމުން ފުންނޭވާއެއް ބޭރުކޮށްލިއެވެ.
“އާން.. ހަނދާންވެއްޖެ…” ކޮޓަރިތެރެއަށް ކަޅި ހިންގާލަމުން އުސްމާނު ވާހަކަ ދައްކަންފެށިއެވެ. ” އެކަމަކު ޕްރޮމިސްކުރޭ.. މި ދައްކާ ވާހަކަ އެއްވެސް މީހެއްކައިރީގައި ބުނެގެން ނުވާނެ. މަންމަ ގާތުވެސް..”އުސްމާނު ހީވަނީ ބޮޑުކަމެއް ސިއްރުކުރަން އުޅެމުން ދިޔަހެންނެވެ. އޭނަގެ މޫނުމަތިން ހާސްކަމާއި ބިރުވެރިކަމެއްހުރިކަން މާނާއަށްވެސް ފާހަގަކުރެވުނެވެ.
“ނުބުނާނަން.. އެއްވެސް މީހެއްގަތު ނުބުނާނަން… ވެގެން އުޅޭގޮތެއް ކިޔައިދީބަލަ…” އުސްމާނުގެ އަތްތިލައިގައި މަޑުމަޑުން ހިފާލަމުން މާނާ ބުންޏެވެ. ވާހަކަ ދެއްކުމުގައި މަޑުމައިތިރިގޮތެއް ހުއްޓެވެ. އޭނަގެ ވާހަކައިގައި އިތުބާރާއި ޔަޤީންކަން ހުއްޓެވެ.
“ދޮންތާ.. ވެގެން މިއުޅޭ ގޮތަކީ…” ވާހަކަ ކުރިއަށް ގެންދަން އުސްމާނަށް އުނދަގޫވަނީއެވެ. ކޮޓަރިތެރެއަށް ބަލަމުން ދިޔައީ މީހަކު އުޅޭކަމުގެ އިހްސާސްތަކެއް ކުރުވާތީއެވެ.
“ކޯއްޗެއް ތި ހޯދަނީ؟” ކޮޓަރިތެރެއަށް އުސްމާނު ބަލަމުން ދިޔަ ގޮތުން މާނާވެސް ކޮޓަރިތެރެއަށް ނަޒަރު ހިންގާލަމުން ބުންޏެވެ.
“ދޮންތާ؟ ވެގެން މިއުޅޭގޮތަކީ…” އަނެއްކާވެސް އުސްމާނު ވާހަކަ މެދުކަނޑައިލިއެވެ. ބުނަން އުޅޭ ވާހަކައިގެ ގޮތުން ހިތްބިރުގަނެ ޖެހިލުންވަނީއެވެ.
“ބުނެބަލަ.. ކިހިނެއްތަވީ؟” މާނާގެ ވާހަކަދެއްކުމުގެ ރާގު ބަދަލުވިއެވެ. އަޑަށް ބާރުލާފައި ސުވާލު ކުރިއެވެ.
“ހިއެއްނުވޭ ދޮންތަ މިވާހަކަތަށް ޤަބޫލުކުރާނެހެން.. އެކަމަކު މިވާހަކަ ނުބުނެ ހުންނަން އުނގަދޫވަނީ..” އުސްމާނު ވާހަކަ ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރިއެވެ.
“މާނު ކޮންމެ ވާހަކައެއް ދެއްކިއަސް ދޮންތަ ޤަބޫލު ކުރާނަން.. ތީ ދޮންތަގެ ބެސްޓުފްރެންޑް.. މީ މާނުގެ ބެސްޓްފްރެންޑް.. އަހަރެމެން ދެބެންގެ ދެމެދުގައި ސިއްރުވާނެ އަދި ކުރެވޭނެ، ނުބުނެވޭ އެއްވެސް ވާހަކައެއް ނުހުންނާނެ..” މާނާގެ ވާހަކަތަކުގައި ވަނީ އިތުބާރާއި ޔަޤީންކަމެވެ. އެހެނަސް އުސްމާނަށް އުނދަގޫތަކެއްވަނީއެވެ. ދައްކަން އުޅޭ ވާހަކައިގެ ބާވަތުން ޖެހިލުންވަނީއެވެ. މާނާގެ އާދޭސްތަކާއެކު އުސްމާނު ހޫނު ނޭވާއެއް ބޭރުކޮށްލިއެވެ. އެވާހަކަ ކިޔައިދިނުމަށެވެ.
“ދޮންތާ.. ދޮންތަ ޤަބޫލު ކުރަންތަ ރޫހާނީ ކަންތައް؟” ކުޑަ ހިތްވަރެއް ކޮށްލާފައި އުސްމާނު ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ. ދެބުމަ ކައިރިކޮށްލަމުން ނިތަށް ރޫތަކެއް އަރުވާލަމުން މާނާ ބަލައިލިއެވެ. އުސްމާނުގެ ވާހަކަތަށް ސަމާލުކަމެއް ދެވުނެވެ.
“ޤަބޫލު ކުރަން.. އެކަމަކު…” ވިސްނާލަމުން މާނާ ޖަވާބުދިނެވެ. ނަމަވެސް އުސްމާނު ދައްކަން އުޅޭ ވާހަކަތަކާއި މެދު ހިތުގައި ސުވާލުތަކެއް ފުނިޖެހުނެވެ.
“އެހެން ވިއްޔާ އަޑުއަހާ…..” އުސްމާނު ވާހަކަތައް ކިޔައިދޭން ފެށިއެވެ. ދެކަންފަތް ތަންމިނަށް ހުޅުވައިގެން މާނާ އެވާހަކަތައް އަޑުއަހަމުން ދިޔައެވެ. އުސްމާނު ދައްކަމުން ދިޔަ ވާހަކަތަކާއި އެއްވަރަށް އޭނަގެ މޫނަށް ތަފާތު ކުލަވަރުތައް އަރައި ފައިބަމުން ދިޔައެވެ. އެވާހަކަތައް ޤަބޫލުކުރަންވީބާއޭ ނޫނީ އެއީ ތެދެއްބާއޭ ހިތަން އަރާ ހާލުގައެވެ. އުސްމާނު ހުރިހާ ވާހަކަތަކެއް އަލިފުން ޔާއަށް ކިޔައި ނިންމާލިއެވެ. ދަތްދޮޅީގައި އަތް ވިއްދާލަމުން މާނާ ވިސްނަމުން ދިޔައެވެ. ހީވަނީ އެވާހަކަތަކާއިމެދު ސިކުނޑި ގާނާލަނީހެންނެވެ. އުސްމާނުވެސް އެއްޗެކޭނުބުނެ ހިމޭނުން އިނެވެ.
ކުއްލިއަކަށް ދެމީހުން ސިހުނީ މޭޒުމަތީގައި ބަހައްޓާފައި ހުރި ފޮތްތަށް ބިންމަތީގައި ޖެހުނުއަޑަށެވެ. ފޮތްތައް ހުރީވެސް ނުލާހިކު ތަރުތީބުން މޭޒުަމތީގައި ބަހައްޓާލާފައެވެ. ވެއްޓޭކަހަލަ ގޮތަކަށްވެސް ނޫނެވެ. ސިއްސައިގެން ދިޔަގޮތުން މާނާގެ ދެފައިކޮޅަށް ޖެހުނެވެ. ބިރުން ތުރުތުރުއަޅައިގަތެވެ. ގައިގެ ކުދި ލޯލިތަށް އުފުލިގެން ދިޔައެވެ. އުސްމާނުވެސް ގަބުވެފައި ކަހަލަ ގޮތަކަށް ބިންމަތީގައި ހުރި ފޮތްތަކަށް ކަޅިޖަހާނުލައި ބަލަމުން ދިޔައެވެ. ދެމީހުންގެ މޫނަށްވެސް ބަލައިލެވުނީ ކުއްލިއަކަށެވެ. މާނާގެ މޭގަނޑު ތެޅިފޮޅެމުން ދިޔައިރު އުސްމާނުގެ ހާލަކީވެސް އެއީއެވެ. އޭނަގެ ހިތްވެސް ހީވަނީ އިންޖީނެއް ޖައްސާފައިހުރިހެންނެވެ. ސިކުނޑިއަށް ފާޑަކަށް ބަރުހެލިވިކަހަލަ އިހްސާސްތަކެއް ވިއެވެ.
“ދެމީހުން ތަޅާ ފޮޅަނީ ދޯ..” ފޮތްތައް ޖެހުނު އަޑަށް ސަމީރާ ހަޅޭއްލަވައިގަތް އަޑުއިވުނެވެ. އަވަސް ފިޔަވަޅުތަކެއް ނަގަމުން މާނާ ގޮސް ފޮތްތަށް ނަގަންފެށިއެވެ. އިރުކޮޅެއް ނުވެ އިޝާނަމާދު ބަންގިދޭ އަޑުއިވުނެވެ.
“ދޮންތަ މިދަނީ ވުޟޫކުރަން.. މާނު ވެސް އަވަސްކޮށްލައިގެން ނަމާދަށްދޭ..” އެކަމާއި ވިދިގެން މާނާވެސް އެއްވެސް އެއްޗެކޭ ނުބުނެ ފޮތްތަށް މޭޒުމަތީގައި ބަހައްޓަމުން ކޮޓަރިން ނުކުތެވެ.
***
ޒަމީރާ އޮތީ އޭނަގެ ކޮޓަރީގައި ހިޝްމާއަށް ޝަހާދަތްލައިދޭށެވެ. ތުއްތު ތުއްތު ހިޝްމާ މާމަގެ އަޑުދަށުން ޝަހާދަތްކިޔަމުން ދިޔައެވެ. އަތުގައި އޮތް ބާރބީ ޑޯލެއް މޭމަތީގައި ބާއްވާލާފައި އޮތެވެ. ޒަމީރާ އޮތީ އެއް އަތް ކަނދުރާގައި ވިއްދާލައިގެން ހިޝްމާގެ މޫނަށް ބަލަހައްޓައިގެންނެވެ. ކޮޓަރީގެ ދޮރުހުޅުވުނު އަޑަށް ޒަމީރާ ކަނދުރާ ހަރާކަތްކޮށްލިއެވެ.
“މަންމާ… މިދަނީ ސުކޫލަށް.. މީޓިން ނިމުނުހާ އަވަހަކަށް އަންނާނަން.. ދޫނީ ބަސްއަހައިގެން ނިދާލާ…” ކޮޓަރީގެ ދޮރުހުޅުވާލަމުން ލޯތްބާއެކު ޒުމްރާ ބުންޏެވެ. ޒަމީރާ ބޯޖައިލުމުން ކޮޓަރީގެ ދޮރު މަޑުމަޑުން ލައްޕާލަމުން ނިކުތީ މަދަރުސާގައި އޮތް ބައްދަލުވުމަކަށް ދިއުމަށެވެ. އަޅާއިގެން ހުރި ރަތްކުލައިގެ މާޖެހި ބުރުގާ ރަނގަޅުކޮށްލަމުން ބޫޓަށް އަރައިގެން ގޭގެ ގޯތިތެރޭގައި ހިނގަމުން މިސްރާބުޖެހީ ގެއަށް ވަންނަން ހުންނަ މައިދޮރާށި ހުރި ދިމާއަށެވެ. ބޭރު އަލިކުން ދިއްލާފައިވާ ހޮޅިބުރީގެ އަލިކަން މުޅި އެސަރައްދު އަލިކޮށްށްލާފައި އޮތެވެ.
ޒުމްރާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ދިގު ހިޔަންޏެއް ބަނބުކެޔޮ ގަހާއިދިމާލުން ހުއްޓިލައިގެން ހުރިކަހަލަ އަލާމާތެއް ފެނިގެންނެވެ. އެހިޔަނި ހުރީވެސް ސީދާ އޭނަ ހުރި ދިމާއަށެވެ. ވައްކަޅިން ހިޔަންޏަށް ބަލައިލަމުން އޭނަގެ ހިޔަންޏަށް ކަޅި ހިންގައިލިއެވެ. ކޮންމެވެސް ވަރަކަށް ހިތަށް ބިރުވެރިކަން ފުރޭނިގެން ދިޔައެވެ. ދުލަށް އައި ހެޔޮއެއްޗެއް ކިޔާލަމުން ހިޔަނި ހުރި ދިމާއަށް ކަޅި ހިންގައިލިއެވެ. ނަމަވެސް އެހިޔަނީގެ އެއްވެސް ނިޝާނެއް ފެންނާކަށްނެތެވެ. ޒުމްރާގެ ހިތަށް ބިރުވެރިކަމެއް ވަދެގެން ދިޔައީ ހިޔަނި އޭނަގެ ހިޔަނީގެ ސިފައިގައި ހުރުމުންނެވެ. ހީވި ހީވުމަކަށް ހަދާލަމުން މޫނު ރީތިކޮށްލަމުން ދޮރުން ބޭރަށް ނުކުންނަން އުޅުނު ވަގުތު އަންހެނަކު ހަޅޭއްލަވައިގަތް އަޑު އޭނަގެ ކަންފަތުގައި ޖެހުނެވެ. އެވަގުތު ކަންފަތުގެ ތޫރި ހީވީ ބެރަކުން ތަޅައިގަތްހެންނެވެ. ކަންފަތުގައި އަތް އަޅާލަމުން ދެލޯވެސް މަރައި ތަގުޅިކޮށްލެވުނެވެ.
“މިސް…..” ޒުމްރާ ސިއްސައިގެން ދިޔައީ އޭނައާއި ދާދިގާތުން ކުއްޖަކު ގޮވާހެން ހީވުމުންނެވެ. އޭނައާއި ދާދި ގާތުގައި ހުއްޓިލައިގެން ހުރީ އުސްމާނެވެ. ޒުމްރާ ހުރިގޮތުން އުސްމާނުވެސް ބަލަހައްޓައިގެން ހުރީ ހައިރާންކަމެއް މޫނުމައްޗަށް ވެރިކޮށްލައިގެންނެވެ. “ކިހިނެއްވެފަ.. މިސް ހާދަ ބިރުން ހުރިހެން ހީވެޔޭ..” އުސްމާނު ސުވާލުކުރަންފެށިއެވެ.
ޒުމްރާއަކީ އުސްމާނުގެ ކުލާހުގައި ހިސާބު ކިޔަވައިދޭ މުދައްރިސެވެ. ޒުމްރާ އަވަސް ހަރަކާތާކާއެކު މޫނުގެ ކުލަވަރު ބައްދަލުކޮށްލިއެވެ. އުފާވެރި މޫނެއް ދައްކާލަމުން ހިނިތުންވެލިއެވެ. ނަމަވެސް އުސްމާނު ހުރީ އަދިވެސް އެގޮތަށް ބަލާށެވެ. ޒުމްރާއަށް ކަމެއް ވެއްޖެކަން އޭނަ ބަލަމުން ދިޔަ އާދަޔާ ޙިލާފުބެލުމުންވެސް ފަހުންވިއެވެ.
“މިސް ކިހިނެއްތަވީ؟” ތަކުރާރުކޮށް އުސްމާނު އެ ސުވާލުކުރިއެވެ. ނަމަވެސް ޖަވާބުދިނުމުގެ ބަދަލުގައި ޒުމްރާއަށް އެ ސަރަހައްދަށް ނަޒަރު ހިންގައިލެވުނެވެ. ހަށިފުރާ ނޭވާއެއް ބޭރުކޮށްލަމުން ވާހަކަ ދައްކަން އަނގަހުޅުވައިލިވަގުތު ފިނި ވައިރޯޅިއެއް އޭނަގެ ހަށިގަނޑުގައި ބީހުނެވެ. ޒުމްރާ ތެޅިގަތެވެ. ހަމަ އެވަގުތު އުސްމާނަށްވެސް އެވައިރޯޅީގެ އަސަރުކޮށްލިއެވެ. އުސްމާނުވެސް ތެޅިގަތެވެ.
“މިސްއަށް ކަމެއް ފާހަގަ ކުރެވުނުތަ؟”
(ނުނިމޭ)
3 Comments!
Comments are closed.
VVV reethi maasha Allah
Nice konirakuntha next part upkuraani vvvvv reethi vaahaka waiting love you ???
Masha Allah v reethi . gain heebihi nagan fashaafi waiting for the next part ???