ޚަމްދު ލީލާ – 02
އަދޫއަށް ހީވަނީތަ އަހަރެން މިކަން ކުރާނީ ވަރަށް ސިމްޕަލްކޮށޭ.. އެހެން ހީނުކުރޭ.. ލީލާގެ ބަލާވެރިކަމުން ސަލާމަތްވާން އުޅޭތާ ކޮންދުވަހެއް…. އަދޫދެކެ އަހަރެން ލޯބިވަނީ…” އަދުރާގެ ނަމުން މުހާތަބު ކުރަމުން އެ ފިރިހެންމީހާ އަދުރާއާއި ގާތްވިއެވެ. އޭނަގެ ވާހަކަތަކުން ހީވަނީ ލީލާއާއި ދެމެދު ކޮންމެވެސް ގާތްކަމެއް އޮތް ހެންނެވެ. އަދުރާއާއި ގާތްވެލަމުން އޭނަގެ ގައިގައި އޮޅުލައިގަތެވެ. އެވަގުތު އެޒުވާނާގެ މޫނުމަތިން ނުލަފާ ހިނިތުން ވުމެއް ދުވެލިއެވެ.
އެއީ މޫނުކޮޅު ދިގު ދޮން މޫނެއްގެ ވެރި ޒުވާނެކެވެ. މަސްތީ ދެލޮލަކާއި ކަޅު ވަރުގަދަ ތުނބުޅިން އޭނަގެ ފިރިހެންވަންތަކަން އޭނަގެ މޫނުމަތިން ފެންނަމުން ދިޔައެވެ. އޭނަގެ ހިނިތުންވުންވެސް އެހާމެ ހިތްގައިމެވެ. އިސްތަށިގަނޑު އާދައިގެ ވަރަކަށް ދިގެވެ. ކަޅު ވަރުގަދަ ބުމައެކެވެ. އޭނަގެ އެއް އަތުން އަދުރާގެ ބޮލުގައި ފިރުމާލަމުން އަދުރާގެ މޫނަށް ބަލައިލިއެވެ. އަދުރާގެ ދެލޮލަށް ބަލައިލަމުން އޭނަގެ ކޮލުގައި އަތުން ފިރުމައިލިއެވެ.
އަދުރާއަކީވެސް ބަލައިބެލުމަށް ހުތުރު އަންހެނެއްނޫނެވެ. އަދުރާގެ ދެލޯ ކުޑައެވެ. ތުންފަތް ބޮޑުވެފައި ދެކޮލުގައި މަސްޖަހާލާފައި ހުއްޓެވެ. ޒަމާނީ އާލަތްތަށް ބޭނުންކޮށްގެން ކަނޑާނަގާފައި ހުރި ހިމަ ބުމައެކެވެ. މޫނުމަތިން ނުލަފާ ގޮތެއް ހުއްޓެވެ. ދެލޯ ކައިރި ކޮންމެވެސް ވަރަކަށް ކަޅުވެފައި ހުއްޓެވެ. އަދުރާގެ މޫނަށް އިރުކޮޅެއް ވަންދެން އެޒުވާނާ ބަލަން ހުއްޓެވެ. ބަލައިބެލުމަށް ހީވަނީ ސައްބީސް ނޫނީ ހަތާވީސް އަހަރުގެ ޒުވާނެއް ހެންނެވެ.
“ބަޓް… ޕޮލިހުންނަށް ބަސްޓުވެއްޖެއްޔާ ކިހިނެއް ހަދާނީ؟” އެޒުވާނާއާއި ގާތްވެލަމުން އަދުރާ ބުންޏެވެ. އޭނަގެ މޫނުމަތިން ނުތަނަވަސްކަން ވެރިވަމުން ދިޔައެވެ. އެމީހުންގެ ވާހަކަތަކުން ހީވަނީ ކޮންމެވެސް ބޮޑުކަމެއް ރާވައިގެން އެކަން ކާމިޔާބުކުރަން ތައްޔާރުވަމުން ދިޔަހެންނެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކަތަކުން ޔަޤީންވަނީ ލީލާއަށް ދެރައެއްދޭވެގެން ވާހަކަތަކެއް ދައްކަމުން ދިޔަހެންނެވެ.
“އެހާ ވަރަށް ތިކަމާއި ނުވިސްނަބަލަ… މިހާރު ހުރިހާކަމެއްވެސް ރެޑީ.. އަހަރެމެންގެ މި ގުޅުން ކުރިއަށް ގެންދެވޭނީ ލީލާ އެއްފަރާތްކޮށްގެން..” އަދުރާގެ އަތުގައި މަޑުމަޑުން ހިފައިލަމުން އެޒުވާނާ ބުންޏެވެ. އެޒުވާނާގެ ކަރުގައި އަތް ވަށާލަމުން އޭނަގެ ދެލޮލަށް ވަރަށް ފުންކޮށް ބަލައިލިއެވެ. މާނައިން ފުރިގެންވާ ގޮތަކަށް އަދުރާ ބަލަމުން ދިޔައިރު އެތައްކަމެއް ފާހަގަކުރެވުނެވެ. އަދުރާއަށް އުނދަގޫވަނީއެވެ.
“ޔާސީން… ބޭބީ.. ބޭބީ އަށް ކަމެއް ވެއްޖެނަމަ ދެން ކިހިނެއް ހަދާނީ؟ މަށަށް އެނގޭ މަދެކެ ލޯބިވާކަށް.. އެކަމަކުވެސް.. ވަރަށް ހާސްވޭ…” ޔާސީންގެ ނަމުން ވާހަކަ ދައްކަމުން އަދުރާ ބުންޏެވެ. އަދުރާގެ އަޑުގައި ނުތަނަވަސްކަމެއް ހުއްޓެވެ. ހީވަނީ ކޮންމެވެސް މުސީބާތެއް ކުރިމަތިވެދާނެތީ އިހްސާސްކުރެވިގެން އުޅެނީހެންނެވެ.
“އަދޫ.. ޑަރލިން.. ހާސްނުވެބަލަ… ކޮންމެ ގޮތެއް ވިއަސް އޭނަ އެބަޖެހޭ އެއްފަރާތްކުރަން.. މިނޫން ގޮތެއް ނެތެއްނު.. އެހާ ވަރަށް ނުވިސްނަބަލަ…” އަދުރާގެ އަތުގައި މަޑުމަޑުން ހިފައިލަމުން ޔާސީން ބުންޏެވެ. އޭނަގެ އަޑުގައި އަޒުމެއް ހުއްޓެވެ. ކުރަން އުޅޭ ކަންތަކުގައި އިތުބާރު އޮތެވެ. ޔާސީންގެ ވާހަކަތަކުން އެނގޭ ކަމަކީ ލީލާއާއި އޭނަ އާއި ދެމެދު ގޮންނޭންގޭ ގުޅުމެއް ވާކަމެވެ.
***
“ލޫލޫ… ދެން އެހާ ވަރަށް ވިސްނާ ފިކުރު ނުކޮށްބަލަ.. ދޮންތަ ބޭނުންވަނީ ލޫލޫ ކިޔަވައިގެން މޮޅު ކުއްޖަކަށްވާން.. އެކަނިވެސް ދުނިޔޭގައި އުޅެން ދަސްކުރަންވާނެ.. މާދަމާވެސް ދޮންތައަށް ކަމެއް ދިމާވެދާނެ.. މި ދުނިޔެއަކީ ވަގުތީ ތަނެއް… ކޮންމެ ހާލަތެއްގައި ވެސް އެކަނި އުޅެން ދަސްކުރަންޖެހޭނެ.. ލޫލޫ ތި ދަނީ ކިޔަވަން.. ލޫލޫ ބޭނުންވެގެން ދޮންތަ ލޫލޫ ކިޔަވަން ބަންގުލަދޭޝަށް މި ފޮނުވަނީ.. ކިޔަވައިގެން މޮޅު ޑޮކްޓަރަކަށް ވާން ލޫލޫ ބޭނުމެއް ނުވޭތަ؟ މިތާ ހުރެގެން ކިހިނެއް އެވަރުގެ ކިޔެވުމެއް ކިޔަވާނީ.. އެންމެ ފަސްއަހަރު.. ޗުއްޓީއަށް ދޮންތަ ކައިރިއަށް އާދެވޭނެ.. އަވަހަށް ސައިބޮއިގެން އެއަރޕޯޓަށް ދާންވީ…” ލައިލާގެ މޫނުގައި ފިރުމާލަމުން ލީލާ ބުންޏެވެ. އޭނަގެ އަޑުގައި އޯގާތެރިކަމެއް ހުއްޓެވެ. ލޯތްބާއި ހަމަދަރުދީ އެކުލެވިފައި ހުއްޓެވެ. ލީލާގެ ވާހަކަތަކުން ލައިލާ ދެރަވެގެން އުޅޭ ސަބަބުވެސް ފަހުމްވިއެވެ. ލައިލާ ދެރަވަނީ ލީލާއާއި ވަކިވާން ޖެހޭތީއެވެ. އެހާ ދުރު ޤައުމަކަށް ދާން ލައިލާ ބޭނުން ނުވަނީއެވެ. އޭނަގެ ހުރިހާވެސް މީހަކީ ލީލާއެވެ. ލީލާއާއި ދުރުގައި އެހެން ޤައުމެއްގައި އުޅެން ޖެހުމަކީ ލައިލާގެ ހިތަށް ކުޅަދާނަވާވަރުގެ ކަމެއްނޫނެވެ. އެއްބަނޑު އެއްބަފާހުރި ހަމައެކަނި ދައްތައާއި ދުރުގައި އުޅެން ކެތްކުރަން ދަތިވަނީއެވެ.
“ދޮންތާ…!” ލައިލާއަށް ކެތްކުރެވޭގޮތެއް ނުވިއެވެ. ލީލާގެ ލޮލުން ކަރުނަ ހިލުނެވެ. އެ ދެލޮލުން ކަރުނަ ފެނުމާއެކު އޭނަގެ ހިތަށްވެސް އަސަރު ކޮށްލައިފިއެވެ. ލީލާއާއި ގާތްވެލަމުން ބައްދައިގަތެވެ. ހަމަ އެވަގުތު ލައިލާގެ ލޮލުގައި ޖަމާވެފައިވާ ކަރުނަތަށް އިސާހިތަކު އޭނަގެ ކޯތާފަތް ތެއްމާލައިފިއެވެ. ލީލާއަށްވެސް ވީ ހަމަ އެފަދަ ގޮތެވެ. ކޮއްކޮއާއި ވަކިވާން ޖެހޭތީ އޭނަގެ ހިތަށްވެސް ކެތެއް ނުކުރެވުނެވެ. ދެމީހުން އިރުގަނޑަކު ރޮމުން ބައްދައިގެން ތިއްބެވެ. ލައިލާގެ ހަށިގަނޑުން އަތްދޫކޮށްލަމުން ލައިލާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެދިނެވެ.
“ދެރަނުވޭ.. ދޮންތަވެސް ކިހާ އުފާވާނެ ލޫލޫ ކިޔަވައިގެން މޮޅު ކުއްޖަކަށްވީމަ.. ދެން ދެރަނުވައްޗޭ.. ދޮންތަވެސް ޗުއްޓީއަށް ބަންގުލަދޭޝްއަށް ދާނަމޭ.. ލޫލޫއަށްވެސް މިކޮޅަށް އާދެވޭނެ..” ލައިލާ ހިތްހަމަ ޖައްސައިދިނުމުގެ ނިޔަތުގައި ލީލާ ވާހަކަ ދައްކަންފެށިއެވެ. ހިތަށް ކިތއްމެ ވޭނެއް އެޅި ނަމަވެސް ލައިލާގެ ކުރިމަތީގައި އުފާވެރި ހިނިތުންވުމެއް ދައްކައިގެން ލައިލާ ހިތްހަމަ ޖައްސާލަދޭން ލީލާ ބޭނުންވިއެވެ. ލީލާގެ ހުރިހާ އުފަލެއް ޤުރުބާން ކުރަމުންދަނީ ލައިލާއަށެވެ. ކިޔެވުމުގެ ޚަރަދާއި ލޯތްބާއި އަޅާލުން ދީގެން ލައިލާގެ ހުރިހާ ބުރައެއް އުފުލަނީ ހަމައެކަނި ކޮއްކޮގެ އުފަލަށްޓަކައެވެ.
“ޔާސީންބެ އަންނާނެތަ ލޫލޫ ފުރުވާތަނަށް…؟” މޫނު ރަނގަޅުކޮށްލަމުން ލައިލާ ބުންޏެވެ. އެވަގުތު ލީލާގެ ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވިއެވެ. އޭނަގެ މޫނު “ބުލަޝް” ވެގެން ދިޔައެވެ. “އައްދޭ ހާދަ ލަދެއް ތިގަތީ؟” ލީލާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކުން ލައިލާ ބުންޏެވެ.
“ދޮންތަ ހަނދާން ނެތިފައޭ މިހުރީ.. ނޭންގޭ އަދި ޔާސީންބެ ހޭލާ އުޅޭ ކަމެއްވެސް.. ބުނި އެއަރޕޯޓަށް ދިއުމުގެ ކުރިން ޚަބަރެއް ވައްޗޭ.. ދެންވެސް ސައިބޮއިގެން އަވަހަށް އެއަރޕޯޓަށް ދާން ތައްޔާރުވާން އުޅެންވީ… ސައިބޮއިގެން ގޮސް ދޮންތަ ގުޅާލަން ޔާސީންބެއަށް…” ލީލާ ބުންޏެވެ. އެމީހުންގެ ވާހަކަތަކުން ޔާސީންއަކީ ލީލާގެ ލޯބިވެރިޔާކަން ފަހުމްވެގެން ދިޔައެވެ. ދެމީހުން އަތްމަތި އަވަސްކޮށްލީ ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށެވެ.
***
ޔާސީން ނުކުތީ ފާހަނާއިންނެވެ. އޭނަގެ މެދު ހަށީގައި އޮޅާލާފައިވާ ހުދުކުލައިގެ ތުވާލި ރަނގަޅު ކޮށްލަމުން ދޮރުމަތީގައި ބާއްވާލާފައި އޮތް ފައިފުހި މަތީގައި ފައިތިލަ ހާކާލަމުން ދެއަތުން ބޮލުގެ ފެންތަން ފޮޅައިލިއެވެ. އޭނަގެ ހަށިގަނޑަކީ ރީތި ފިރިހެންވަންތަ ހަށިގަނޑެކެވެ. ޖިމަށް ގޮސް ކަޓްތަށް އަރުވާލާފައިވާ ވަރުގަދަ ހަށިގަނޑެކެވެ. ބައިމަތި ފުޅާ ވަރުގަދަ ހަށިގަނޑެކެވެ. މޭމަތީގައި ރަނގަޅަށް ނުހިކި ހުރި ފެންބޮކިތަކުން ވިދުމެއް އެކުލެވިފައި ހުއްޓެވެ. އާދައިގެ ހިނގުމެއް ޔާސީން ހިނގަމުން ދިޔައީ އެނދާއި ދިމާއަށެވެ. އެނދުމަތީގައި އޭނަ ލާންގެންގުޅޭ އަންނައުނުތަށް ތަރުތީބުން އަތުރާލާފައި ހުއްޓެވެ. އެނދާއި ހަމައަށް ނުދެވި އުޅެނިކޮށް ފާހަނާގެ ދޮރުހުޅުވާލަމުން ނުކުތީ އަދުރާއެވެ. އޭނަވެސް ހުރި ފެންވަރާލައިގެންނެވެ. މޫނުމަތިން ތާޒާކަށް ފެންނަމުން ދިޔަ ނަމަވެސް ޔާސީނާއި އޭނައާއި ދެމެދު ހުރި އުމުރުގެ ފަރަޤު ފެންނަމުން ދިޔައެވެ. އަދުރާއަކީ ޔާސީނަށް ވުރެ އުމުރުން ދޮށީ އަންހެނެއްކަށް އޭނަގެ މޫނުމަތިން ފެންނަމުން ދިޔައެވެ. މޭމަތި ނިވާވާވަރަށް އަނދެލައިގެން ހުރި ތުވާލި ރަނގަޅުކޮށްލަމުން އަދުރާ ހިނގައިގަތީ ޑްރެސިންޓޭބަލާއި ދިމާއަށެވެ.
“ލީލާގެ ކޮއްކޮ ފުރުން އިނީ ކިހާއިރަކު؟” ބޮލުގައި އޮޅާލާފައި އޮތް ތުވާލި ނިއުޅާލަމުން އަދުރާ ކުރީ ސުވާލެކެވެ. އޭރު ޔާސީން ހުރީ ބޮކްސާލާށެވެ. ބޮކްސާ ރަނގަޅުކޮށްލަމުން އަދުރާ ހުރި ދިމާއަށް ބަލައިލިއެވެ. އަދުރާއަކީ ޔާސީންގެ ވަގު ލޯބިވެރިޔާކަން އެދެމީހުން އުޅެމުންދިޔަ ގޮތްކުޑަ ގޮތުންވެސް ޔަޤީންކުރެވޭނެއެވެ. ދައްކަމުން ދިޔަ ވާހަކަތަކުން އެކަން މޭރުންވާނެއެވެ.
“އަށެއް ޖަހާއިރު ޗެކިން ކްލޯޒް ކުރާނެ.. ބުނި ގުޅާނަމޭ.. އަދި ޚަބަރެއްނުވޭ…” އަދުރާގެ ސުވާލަށް ޖަވާބުދެމުން ޔާސީން ހިނގައިގަތީ ޑްރެސިންޓޭބަލާއި ދިމާއަށެވެ. ދިޔަގޮތަށް ގޮސް އަދުރާގެ ފުރަގަހުން ބައްދާލަމުން މެދުހަށީގައި އަތް ވަށައިލިއެވެ. އަދުރާގެ ކަނދުރާއަށް ބޮސްދެމުން އޭނަގެ މޫނަށް ބަލައިލިއެވެ.
“އަހަރެން އަބަދުވެސް ބޭނުންވަނީ މިހެން ހަމަޖެހިލައިގެން އުޅެން.. އެކަމަކު…” ޔާސީންގެ ކޯތާފަތަށް ބޮސްދެމުން އަދުރާ ބުންޏެވެ.
“ދެން މާގިނަ ދުވަހެއް ނެތެއްނު.. އަހަރެމެން ބޭނުންވާ ކަންތައް ވަރަށް އަވަސް ފުރުސަތެއްގައި ލިބިގެންދާނެ.. ހުރިހާ ވެސް މައްސަލައަކީ ލީލާއެއްނު.. ލީލާ އެއްފަރާތްކުރީމަ ހުރިހާ ކަމެއްގެ ހައްލު ލިބުނީ.. މިއަދު މީ އޭނަގެ ފަހު ދުވަސްކަމަށް ބަލަމާ.. އޭގެ ފަހުން އަހަރެމެންގެ ދިރިއުޅުމަށް ލޯ އަޅާނެ އިތުރު މީހަކު ނާންނާނެ.. ” ވަރަށް ހަމަޖެހިލާފައި ޔާސީން ބުންޏެވެ. އޭނަގެ ވާހަކަތަކުން ހީވަނީ ލީލާގެ ނިމުން އަންނަނީހެންނެވެ. އެމީހުންގެ ދިރިއުޅުމުން ލީލާ އެއްފަރާތްކުރަން އެމީހުން ކޮންމެވެސް ނުބައި ރޭވުންތަކެއް ރޭވިފައިވަނީހެންނެވެ. އެމީހުންގެ އުފާވެރި ދިރިއުޅުމުގެ ހުރިހާވެސް ހުރަހަކަށް ވެފައިވަނީ ލީލާކަން އެމީހުންގެ ވާހަކަތަކުން ޔަޤީންކުރެވުނެވެ.
“މިކަމުން ޔާސީންއަށް ދެރަގޮތެއް ވެއްޖެނަމަ އަހަރެން ކިހާ އެކަނިވާނެ…” އަދުރާ ބުންޏެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ ނުބައި ނުލަފާގޮތްތަކެވެ. ވާހަކަ ދެއްކުމުގެ ރާގު ހުރިގޮތުންވެސް ޔާސީންދެކެ އޭނަވަނީ ލޯބި ކަމެއް ނޫނީ ޔާސީން ހައްދަނީކަމެއް ޚުދު އެނގޭނީ އަދުރާއަށެވެ. އޭނަގެ ވާހަކަ ދެއްކުން ހުރި ރާގުން ޔާސީން އޭނަ ގެންގުޅެނީ އޭނަ ކުޅޭ ކުޅޭ އެއްޗެއް ފަދައިންހެންނެވެ.
“ތިކަމާ ހާސްނުވެބަލަ.. މިވެސް އަދޫގެ އައިޑިއަރ އެންނު.. އަހަރެންނަށް މިހާލުގަ މިއުޅެވޭނީ ހަމަ ލީލާގެ ރަނގަޅުކަމުން.. ހުރިހާ ހަރަދެއްވެސް ކޮށްދެނީ ލީލާ…” ނޭންގި ނަމަވެސް ޔާސީންނަށް ލީލާގެ ރަނގަޅު ވާހަކަ އޭނަގެ ދުލުން ހާމަކުރެވުނެވެ. ލީލާގެ ފަރާތުން އޭނައަށް ލިބެމުންދަނީ ކޮންކަހަލަ ފައިދާތަކެއް ނޭންގުނު ނަމަވެސް އޭނަގެ ދުލުން ލީލާގެ ފަރާތުން ކޮންމެވެސް ބޮޑު ފައިދާތަކެއްވާކަށް އެނގުނެވެ. ޔާސީން ބުނި އެއްޗަކުން އަދުރާ ހިތްހަމަ ނުޖެހުނެވެ. މޫނަށް ގޮތެއް ހަދާލަމުން ޔާސީންގެ އަތުގައި ހިފަމުން އަތް ފޮޅައިލިއެވެ. ޔާސީންއާއި ދުރަށް ޖެހިލަމުން ޔާސީންއާއި ދިމާއަށް ލޯއަޅައިލިއެވެ. އަދުރާ ހިތްހަމަ ނުޖެހުނީކަން ޔާސީންއަށްވެސް އެނގުނެވެ.
“ދެން އެހެންވިއްޔާ އޭނަ ގާތަށް އުމުރަށް އުޅެން ރައްކާވޭ.. ކޮންމެހެން މަގޭ ހަށިގަނޑުގައި ބައްދައިގެން މަގޭ ހަށިގަނޑުން ވަސްބަލަން ހުންނާނެ ކަމެއްނެތް… އޭނަގެ ފަރާތުން މިކަން ނުވާތީ އައިސް މަގޭ ހަށިގަނޑުގައި ތަތްވެގެން ތި އޮންނަނީ…. އޭނަގެ ފަރާތުން ލިބޭ ފައިސާއާއި މުއްސަނދިކަމުގެ ބޭނުން ހިފަން ދޭބަލަ… ކަލޭ ހީކުރީ ފައިސާއާއި ތަނަވަސްކަމުން ލޯބި ލިބޭނެ ކަމަށް.. އެކަމަކު އޭގެ ބަދަލުގައި އޭނަގެ ފަރާތުން ކަލެއަށް ލިބުނީ ކޮން އުފަލެއް.. އެންމެ ކުޑަމުން އެ ހަށިގަނޑު ފޮނި މީރުކަން އަދިވެސް ނުލިބޭ.. ހިތާވެގެން ގަނޑަތެޅޭތާ ދެއަހަރު.. އަބަދުވެސް ކަލޭ ޖެހެނީ އަތުން ކުރާކަމެއް ކޮށްލަން.. އެބައި ވެސް މި ފުރިހަމަ ކޮށްދެނީ އަހަރެން.. ކުޑަމިނުން ތުންފަތްވެސް ތެއްމާލެވޭ ވަރުނުވޭ.. އަންހެނެއްގެ ފަރާތުން ލިބެންޖެހޭ ހުރިހާ އުފަލާކާއި އަރާމެއް ތި ހޯދަނީ މަގޭ ފަރާތުން.. ދެން މަމީ ކަލޭ ގެންގުޅޭ ޖާރިޔާއެކޭ ނެތެއްނު ތަފާތެއް..” އަދުރާ ގާތަށް އައި ރުޅީގައި ޔާސީނާއި ދިމާއަށް ހިތުހުރި އެއްޗެއް ގޮވައިގަތެވެ. އޭނަގެ ބަހުގެ ހަމަލާތަކުން ޔާސީން އާއި ލީލާގެ ގުޅުން ވަރަށް ސާފުކޮށް އެނގުނެވެ. ލީލާއަކީ ހަމައެކަނި އޭނަގެ ޖީބު ފުރާލަން ގެންގުޅޭ ލޯބިވެރިޔާއެވެ. ލީލާއަކީ އަދުރާކަހަލަ ގޮތްކުޑަ މުޑުދާރު އަންހެނެއްނޫނަންކަން ޚުދު އަދުރާގެ ދުލުންވެސް ބޭރުކުރެވުނެވެ. ލީލާއާއި ޔާސިން ލޯބީގެ ގުޅުމަށް ދެއަހަރުވެފައިވީ ނަމަވެސް ޔާސީން އެލޯތްބަށް އެއްވެސް ޤަދަރެއް އިޚްތިރާމެއް ނުކުރާކަންވެސް އެނގި ހާމަވިއެވެ. އަދުރާގެ ވާހަކަތަކުން ޚުދު އޭނައަކީވެސް ކިހާ ފެންވަރެއްގެ އަންހެނެއްކަން ހާމަކޮށްލިއެވެ.
ޔާސިންއަށް ދޭނެ ޖަވާބެއްވެސް ނޭންގުނެވެ. ބޯކަހާލަމުން އެއްޗެކޭ ނުބުނެ ލޯގަނޑު ކުރިމަތީގައި ހުއްޓިލައިގެން ރެޑީވާން ފެށިއެވެ. އަދުރާ އެހުރިގޮތަށް ހުރީއެވެ. އޭނަގެ މޫނުމަތިން ހިތްހަމަނުޖެހުމާއި ރުޅިވެރިކަން އަނދައަނދާ ހުއްޓެވެ. ޔާސީން އެއްޗެކޭ ނުބުނެ ހުއްޓެވެ.
“ދޭނެ ޖަވާބެއް ނޭންގުނީތަ؟ ހަމަ މަ އެއްޗެކޭ ބުނާއިރަށް ހައްޕު..” އަދުރާއަށް އެއްޗެކޭ ނުބުނެ ނުހުރެވިގެން ބުންޏެވެ. އިރުކޮޅެއް ނުވެ ފޯން ރިންގްވާންފެށިއެވެ. އެނދުމަތީގައި އޮތް ފޯނަށް ޔާސީން ބަލައިލިއެވެ. އަތުގައި އޮތް ލޯޝަންފުޅި ޑްރެސިންޓޭބަލަން މަތީގައި ބަހައްޓަމުން އެދިމާއަށް ހިނގައިގަތެވެ. އެނދުކައިރީގައި މަޑުޖެހިލަމުން ފޯނަށް ނަޒަރު ހިންގައިލިއެވެ. ގުޅަނީ ލީލާއެވެ. އަދުރާއަށް ބަލައިލަމުން ފޯނު ނެގިއެވެ.
“ހަލޯ…”
(ނުނިމޭ)
One Comment
Comments are closed.
Varah reethi Masha Allah ? konirakun next part ? curious