“ދޭނެ ޖަވާބެއް ނޭންގުނީތަ؟ ހަމަ މަ އެއްޗެކޭ ބުނާއިރަށް ހައްޕު..” އަދުރާއަށް އެއްޗެކޭ ނުބުނެ ނުހުރެވިގެން ބުންޏެވެ. އިރުކޮޅެއް ނުވެ ފޯން ރިންގްވާންފެށިއެވެ. އެނދުމަތީގައި އޮތް ފޯނަށް ޔާސީން ބަލައިލިއެވެ. އަތުގައި އޮތް ލޯޝަންފުޅި ޑްރެސިންޓޭބަލަން މަތީގައި ބަހައްޓަމުން އެދިމާއަށް ހިނގައިގަތެވެ. އެނދުކައިރީގައި މަޑުޖެހިލަމުން ފޯނަށް ނަޒަރު ހިންގައިލިއެވެ. ގުޅަނީ ލީލާއެވެ. އަދުރާއަށް ބަލައިލަމުން ފޯނު ނެގިއެވެ.
“ހަލޯ…” ފޯނު ކަންފަތުގައި ޖައްސާލަމުން ޔާސީން ބުންޏެވެ. ފޯނު ކަންފަތުގައި ޖައްސާލަމުންވެސް އަދުރާއަށް ނަޒަރު ހިންގައިލިއެވެ. އަދުރާ ހުރީ ދެއަތް ގަތާލައިގެން ޔާސީނަށް ބަލަހައްޓައިގެންނެވެ. “ނައްޓާލަން މިއުޅެނީ. ލީލްމެން ކޮން އިރަކުން އެއަރޕޯޓަށް ދަނީ..” ލުއި ހިނިތުންވުމަކާއެކު ޔާސީން ވާހަކަ ދެއްކިއެވެ.
“މިހާރު މިތިބީ އެއަރޕޯޓުގަ.. ކޮން އިރަކުން ސީން އަންނަނީ؟” ލީލާ ބުނި އަޑު އިވުނެވެ.
“މިހާރު މިދަނީ….؟’ ޔާސީން ދިނީ ކުރު ޖަވާބެކެވެ.
“ދެން މަޑުކުރޭ.. ލޫލޫގެ ޗެކިންވެސް ނިމިއްޖެ.. ލޫލޫ ފުރީމަ މަވެސް އޮފީހަށްދާނީ.. މިހާރު ގަޑިވެސްޖެހިއްޖެ.. މިރޭ ދެން ދިމާކުރާނީ ދޯ…” ލީލާގެ ވާހަކަ ދެއްކުންހުރީ ފޫހި ރާގަށެވެ. ޔާސީން ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލިއެވެ.
“ދެން އަވަހަށް ދާން ވީއެންނު….” ދެއަތް ތިރިކޮށްލަމުން ނުރުހުމެ ރާގެއްގައި އަދުރާ ބުންޏެވެ. ޔާސީން ރައްދުގައި އެއްވެސް އެއްޗެކޭ ނުބުނެ އެނދުމަތީގައި އޮތް ޖީންސް ނެގިއެވެ.
***
ލައިލާ ފުރުވާލުމަށްފަހު ލީލާ ކާރު ދުއްވަމުން ދިޔައީ މާލެއާއި ވީކޮޅަށެވެ. ކާރު ދުއްވަމުން ދިޔައިރު ލީލާ އިނީ ވަރަށް ހަމަޖެހިލައިގެންނެވެ. އޭނާއަކީ އަމިއްލަ ކުންފުންޏެއް ހަދައިގެން އެތަން ހިންގުމާއި ހަވާލުވެގެން ހުރި އިސް ފަރާތެވެ. އޭނަގެ އޮފީސް ހުންނަނީ މާލޭގައެވެ. ޑިއުޓީއަށް ދާންޖެހޭތީ ލީލާ ދަތުރުކުރަމުން އެދަނީ މާލެއަށެވެ. “ލާލް ކޮންސްޓްރަކުޝަން” ގެ ނަމުގައި މާލޭއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޭނަގެ ކުންފުނިން ވަރަށްގިނަ ގެދޮރު އިމާރާތްތައް ކުރެވެމުންދެއެވެ. މާލޭގައި މިހާރުވެސް ރީތި އެތައް އިމާރާތްތަކެއް އެ ކުންފުނީގެ ދަށުން ރީތި އެތަކެއް އިމާރާތްތަކެއް ދަނީ އިމާރާތްކުރަމުންނެވެ. ލީލާގެ ކުންފުންޏަކީ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ކުރިއަރަމުންދާ ކުންފުންޏެއްގެ މެނޭޖިން ޑިރެކަޓަރެވެ. އޭނަގެ ދަށުން މަސައްކަތްކުރާ ދިވެހި އެތަކެއް މުވައްޒަފުންނާއި ބޭރުގެ އެތައްބަޔަކު ހީވާގިކަމާއެކު މަސައްކަތްކުރަމުންދެއެވެ. ލީލާއަކީ ހީވާގި މަސައްކަތްތެރި އަންހެން ކަނބަލެކެވެ. އެވަރުގެ މިންނެތް ބުރަ މަސައްކަތަކެއް ހަވާލުވެގެން ކުރިއަށްގެންދެވޭނީ ވަރަށް ހީވާގި މުރާލި އަންހެނަކަށެވެ. އެވަރުގެ މިންނެތް މަސައްކަތެއް ހީވާގި ކެރޭ މީހަކަށް މެނުވީ ނުކުރެވޭނެއެވެ. ހުޅުމާލޭގައި އަމިއްލަ އެޕަރޓްމަންޓެއްގައި ދިރިއުޅެމުންދަނީ އޭނަގެ އަމިއްލަ މަސައްކަތުން ގަނެފައިވާ ތަނަވަސް ތަނެއްގައެވެ. މާލޭގައި ހުންނަ އަމިއްލަ ގެދޮރު ކުއްޔަށް ދިނުމަށްފަހު ހުޅުމާލެއަށް ދިރިއުޅުން ބަދަލުކުރީ އަރާމައި ހިތްފަސޭހަ މާހައުލެއްގައި ދިރިއުޅެން ގަސްތުކޮށްގެންނެވެ. ހުޅުމާލެއަކީ ދިރިއުޅުމަށް އަމާން ހިތްފަސޭހަ މާހައުލެކެވެ.
ކާރު ދުއްވަމުން ދިޔައިރު ބުރިޖު މަތިން ސައިކަލުތަކާއި ޓެކްސީތަށް ކޮޅުކޮޅަށް ހޭލަމޭލަވަމުން ދިޔައެވެ. ސަރުކާރުން އަޅާފައިވާ ހުޅުމާލެ މާލެ ގުޅުވައިދޭ ބުރިޖަކީ ރައްޔިތުންނަށް އެތަކެއް ފަސޭހަތަކެއް ލިބިގެންދިޔަ ތަރައްޤީގެ ފުރިހަމަ ލާމަސީލު ބުރަ މަސައްކަތެވެ. ކާރު ދުއްވަމުން ދިޔައިރު ލީލާގެ ފޯނު އޮތީ ޖެހިގެން އޮތް ގޮނޑިމަތީގައެވެ. ލީލާގެ ނަޒަރު ފޯނަށް ހުއްޓުނީ ފޯނު ރިންގްވާންފެށުމުންނެވެ. ފޯނަށް ބަލައިލަމުން ފޯނު ނަގަން އުޅުނު ވަގުތު ލީލާގެ ދެލޯ ބޮޑުވެގެން ދިޔައީ ކުރިމައްޗަށް ބާރު ސްޕީޑެއްގައި އައި ސައިކަލެއް އަންނަތަން ފެނުމުންނެވެ. ބްރެކި ޖައްސަން އުޅުނުނަމަވެސް ލީލާއަށް އެކަން ކުރެވޭގޮތެއް ނުވިއެވެ. ބާރު ސްޕީޑެއްގައި އައި އެ ސައިކަލު ކާރުގައި ޖެހިފައި ކާރު ކޮންޓްރޯލުން ނެއްޓިގެންގޮސް ބުރިޖުގައި ހުރި ވަރުގަދަ ދަގަނޑުތަކުގައި ޖެހިފައި ކާރު ބަންޑުންޖެހުނެވެ. ގޭނެމުން ގޭނެމުން ގޮސް ކާރު މައިތިރިވި އިރު ކާރުގެ ބިއްލޫރިގަނޑާއި ކާރުގެ ކުރީކޮޅުގެ ބޭނުމެއް ނެތެވެ. ދުއްވަމުން އައި ސައިކަލާއި އެކު ސައިކަލު ދުއްވަން އިން މީހާވެސް ކާރުގައި ޖެހިފައި ވިއްސައިގެން ގޮސް ތާރުގަނޑުމައްޗަށް ޖެހުނެވެ. އޭނަ އަޅައިގެން އިން ހެލްމެޓާއެކު އޭނަ ގޮސް ތާރު މަތީގައި ޖެހުމާއެކު އޭނަގެ ހަށިގަނޑުގެ އެތައް މިތަނުން ލޭ އޮހިގަތެވެ. ގައިގެ އެތަށް ތަނަކުން ޒަޚަމްވެ މުޅި ހަށިގަނޑުން ލޭއޮހޮރިގެން ދިޔައެވެ. ލައިގެން ހުރި އަންނައުނުގެ އެކި ހިސާބުތަކުން ޖެހުނުގޮތުން އިރައިގެންވެސް ދިޔައެވެ. ސައިކަލު ދުއްވާފައި އައީވެސް ފިރިހެނެވެ. އޭނަ އަޅައިގެން އޮތް ހެލްމެޓާއެކު ބިންމަތީގައި ޖެހުނު ވަގުތު ސައިކަލު ބައިތަށްވެސް ނެއްޓިގެން ގޮސް އެކި ހިސާބުތަކަށް ބުރައިގެން ދިޔައެވެ. ސައިކަލަށް ވެސް ބޭނުން ނުކުރެވޭވަރަށް ހަލާކުވެގެން ދިޔައެވެ.
ލީލާ ދުއްވަމުން ދިޔަ ކާރުގޮސް ޖެހުނު ވަގުތު ކާރުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ކާރަށްވެސް ބޭނުންނުކުރެވޭ ވަރުގެ ގެއްލުތަށްވެގެން ދިޔައެވެ. އެވަގުތު އެ ސަރަހައްދުން ދުއްވަމުން ދިޔަ ބައެއް ވެހިކަލްތައް މަޑުވެސް ކުރިއެވެ. ހިނގައިދިޔައީ އާދައިގެ އެކްސިޑެންޓެއްނޫނެވެ. ސައިކަލުތަކުގައާއި ކާރުގައި ދަތުރު ކުރަމުން ދިޔަ މީހުން އެސަރަހައްދުގައި މަޑުކުރިއެވެ. އެއްބަޔަކު ސައިކަލުގައި ވެއްޓި އަނިޔާވެފައި އޮތް މީހާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އަތްމަތި އަވަސްކޮށްލައިގެން އުޅުނެވެ. އިރުކޮޅެއްނުވެ އެ ސަރަހައްދުގައި ޕްޓްރޯލުކުރަން އުޅުނު ފުލުހުންގެ ވެހިކަލް އެސަރަހައްދުގައި ހަރާކާތްތެރިވާން ފެށިއެވެ.
މަދު ވަގުތުކޮޅެއްގެތެރޭގައި އެސަރައްދު ބަންދުކުރެވުނެވެ. އިރުކޮޅެއްނުވެ އެންބިއުލާންސްގެ ސައިރަން އަޑު އިވިގެން ދިޔައެވެ. އެންބިއުލާންސް އައިސް މަޑުކޮށްލުމާއެކު ސައިކަލުގައި އެކްސިޑެންޑުވި ޒުވާނާ އެންބިއުލާސަށް އަރުވައިގެން ހަސްފަތާލަށް ގެންދިއުމުގެ މަސައްކަތް ފެށުނެވެ. ކާރު އޮތް ގޮތުން ފުލުހުން އަވަސްވެގަތީ އޭގެތޭގައި އޮތް ލީލާގެ ހަށިގަނޑު ނެގުމުގެ މަސައްކަތުގައެވެ. ދެވަނަ އެންބިއުލާންސް އެ ހިސާބަށް އާދެވުނުއިރު ލީލާގެ ހަށިގަނޑު ކާރުން ބޭރަށް ނެރެވުނެވެ. އޭނަގެ މުޅި ހަށިގަނޑުވަނީ ލެއިން ތަޤައްޔަރުވެފައެވެ. ބޮލަށް ލިބިފައިވާ އަނިޔާގެ ސަބަބުން މޫނުމައްޗަށް އޮހެމުންދިޔަ ލޭތަކުން އޭނަގެ މޫނަށް ލިބިގައިވާ ޒަޚަމްތަށް ބުނެދޭންވެސް ދައްޗެވެ، ލީލާގެ ހަށިގަނޑުން އެކިވަރުގެ އަނިޔާތަށް ފެންނަން ހުއްޓެވެ. ލީލާ ލައިގެން ހުރި ހުދުކުލައިގެ ޕާކިސްތާނު ހެދުމެކެވެ. ރަތްކުލައިގެ ދޯޕައްޓާ ކަރުގައި އޮތް އިރު ހެދުންވެސް ވަނީ ލެއިން ތަތްތެޅިފައެވެ. އޭނަގެ އެއްވެސް ހަރަކާތެއްނެތެވެ. ފުލުހުންގެ އެހީތެރިކަމާއެކު ލީލާގެ ހަށިގަނޑު އެންބިއުލާންސްގައި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަށް ގެންދެވުނެވެ.
ވަގުތަކީ ހެނދުނުގެ ހިތްގައިމު ވަގުތުގައި ހުޅުމާލޭ ބުރިޖުގައި ހިނގައިދިޔަ ގޮތްނޭންގޭ ނުރައްކާތެރި އެކްސިޑެންޓުގެ ވާހަކަ ނޫސްތަކުގެ ފަލަ ސުރުޚީތަކުގައި ބޮޑުއަކުރުން ފަވާލެވިގެން ދިޔައެވެ. ސޯޝިއަލް މީޑިއާގައިވެސް އެޚަބަރު އިސާހިތަކު ހަލުވިކަމާއެކު ފެތުރިގެންދިޔައެވެ. އެ ޚަބަރު އެކިގޮތްގޮތަށް ރާއްޖޭގެ އެކި ހިސާބުގެ އެކި ކަންކޮޅުތަކުގައި ދެކެވެމުންދިޔައެވެ.
ޔާސީން އިނީ ފޯނާއި ކުޅެން ސޯފާގައި އިށިންދެލައިގެންނެވެ. ޔާސީން އުޅެމުންދާ އެޕަރޓްމަންޓަކީވެސް ތަނަވަސް ތަނެކެވެ. އޭނަ ދިރިއުޅެމުންދަނީ ލީލާގެ ގޭގެ އެންމެމަތީ ބައިގައެވެ. އެގޭގެ ހުރިހާކަމެއް ހަވާލުކޮށްފައި އޮންނަނީ ޔާސީނަށެވެ. އެގެއިން ލިބޭ ކުއްޔާއި އެހެނިހެން ކަންތައްކުރުމުގެ ޒިންމާވެސް ހަވާލުކޮށްފައި އޮންނަނީ ޔާސީނަށެވެ. ޔާސީންދެކެ ވާލޯތްބާއި ކުރެވޭ އިތުބާރެއްގެ ބޮޑުކަމުންނެވެ. ޔާސީންދެކެ އިންތިހާއަށް ލީލާ ލޯބިވާކަން އެވަރުންވެސް އެނގޭނެއެވެ. އެހެނަސް އެވަރު ޔާސިން ނުދަންނަނީ ކީއްވެކަން އެއީ އޭނަގެ ކުށެވެ. މިފަދަ ޒަމާނެއްގައި އެވަރުގެ އިތުބާރެއް އިންސާނަކަށް ކުރަން ހެޔޮވެސް ނުވާނެއެވެ. މާދަމާ އެމީހަކު ތިމާގެ ކަރަށް ފައިން އަރަން ތައްޔާރުވާނެ ވަގުތެއް އިރުވަރެއްވެސް ނޭންގޭނެއެވެ.
ޔާސީން ފޯނާއި ކުޅެން އިންދާ އޭނަގެ ފޯނަށް ގުޅަނީ ލޭންޑްލައިން ނަމްބަރަކުންނެވެ. މޫނަށް ގޮތެއް ހަދާލަމުން ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ. އޭނަގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ފުންމައިގެން ކަހަލަ ގޮތަކަށް ސޯފާއިން ތެދުވިއެވެ. ފޯނު ޖީބަށް ލަމުން ސޯފާކުރިމަތީގައި ހުރި މޭޒުމަތީގައި އޮތް ސައިކަލުގެ ތަޅުދަނޑި ޖަހައިގަނެގެން އަވަސް އަރުވާލާފައި މިސްރާބުޖެހީ ގޭގެ މައިދޮރާއްޓާއި ދިމާއަށެވެ. އޭނަގެ އަވަސް ހަރަކާތްތަކުން ކޮންމެވެސް ބޮޑުކަމެއް ދިމާވެއްޖެކަން އެނގުނެވެ. ދޮރުހުޅުވާލަމުން ނުކުމެގެން ގޮސް ލިފްޓަށް އެރިއެވެ. އޭރުވެސް އޭނަގެ މޫނުމަތިން ފެންނަމުންދިޔަ ނުތަނަވަސްކަމާއި ހާސްކަން ފިލައިގެން ނުދެއެވެ. ގެއިން ނުކުމެގެން އަވަސް ހިނގުމެއްގައި ހިނގައިގަތީ އޭނަގެ ސައިކަލު ޕާރކުކޮށްފައި ހުރި ދިމާއަށެވެ. ސައިކަލަށް ތަޅުދަނޑި ޖަހަމުން ސައިކަލުގެ މަޑި ހުޅުވާލަމުން އޭގެތޭގައި އޮތް ހެލްމެޓް ނަގަމުން ބޮލަށް ހެޔޮވަރުކޮށްލިއެވެ. އޭނަގެ އަތްމަތި އަވަސްކަމުން ހީވަނީ ކޮންމެވެސް ބޮޑުކަމެއް ދިމާވެގެން އުޅެނީހެންނެވެ. އަވަސް އަވަހަށް ސައިކަލަށް ތަޅުދަނޑިޖަހަމުން ސައިކަލް ސްޓާޓްކޮށްލަމުން ސައިކަލު ދުއްވައިލިއެވެ. ބާރު ދުވެއްޔެގައި ސައިކަލު ދުއްވަމުން ދިޔައިރު އޭނަގެ މިސްރާބުހުރީ ބުރިޖާއި ދިމާއަށެވެ. އަމީނީމަގުން ސައިކަލު ދުއްވަމުންގޮސް ދަރުބާރުގޭ ކައިރިން ގޯޅިއަޅަމުން ތާރުމަގަށް ނުކުތެވެ.
ބާރު ދުވެއްޔެއްގައި ސައިކަލު ދުއްވަމުން ހުޅުމާލެއަށް މަރުހަބާ ކިޔުމާއެކު އޭނަގެ މިސްރާބުޖެހީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލާއި ދިމާއަށެވެ. ހޮސްޕިޓަލުގެ ދޮރުމަތީގައި ސައިކަލު ޕާރކުކޮށްލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި ހިނގާފައި އެދަނީ ހޮސްޕިޓަލުގެ އަވަސްފަރުވާދޭ ސަރަހައްދާއި ދިމާއަށެވެ. ވެގެން އުޅޭގޮތް ވަރަށް ރަނގަޅަށް ސާފުވަމުން ދިޔައެވެ. އޭރުވެސް އޭނަގެ މޫނުމަތިން ހާސްކަމާއި ބިރުވެރިކަން ފެންނަމުން ދިޔައެވެ.
އަވަސްފަރުވާދޭ ކޮޓަރިއަށް ވަދެވުމާއެކު އެތަނުގައި ހުރި ނަރުސްކުއްޖެއް އޭނަގެ ލޮލުގައި އަޅާއިގަތެވެ. މޫނުމަތީގައި އަތް ހާކާލަމުން ޖީބަށް އަތްވެސް ޖަހާލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ނަރުސްކުއްޖާގެ މޭމަތީގައި ހަރުކޮށްފައިވާ ނަންޓެގުކޮޅަށް ޔާސީނަށް ބަލައިލެވުނެވެ. ދިވެހި ކުއްޖެއްކަން އެނގުމުން ޔާސީން ދިވެހިބަހުން އެކުއްޖާއާއި ވާހަކަ ދެއްކިއެވެ. ލީލާ ނަން ބުނުމުން ނަރުސްކުއްޖާ އަތުން އިޝާރާތެއް ދިނީ އެތަނުގައި ހުންނަ ކޮޓަރިއަކަށެވެ. ޔާސީނަށް އެދިމާއަށް ބަލައިލެވުނެވެ.
“މިހާރު ފަރުވާދެވެމުންދަނީ.. އިހަށް މަޑުކޮށްލާ…” އަތުގައި އޮތް ފައިލް ތިރިކޮށްލަމުން ނަރުސްކުއްޖާ ހިނގައިގަތީ އެކޮޓަރިއާއި ދިމާއަށެވެ. ޔާސީނަށް ހަދާނެގޮތެއް ނޭންގުނެވެ. ލީލާއާއި ގުޅޭގޮތުން އެއްވެސް މައުޟޫމާތެއް ނުލިބުނެވެ. ހަމައެކަނި ނަރުސްކުއްޖާވެސް ބުނީ އެހާވަރަށެވެ. ޔާސީންގެ ދެލޮލަށް ކަރުނަތަށް ޖަމާވަމުންދިޔައެވެ. އޭނަގެ މޫނުމަތިން ދެރަވެފައިވާކަން ހާމަވަމުންދިޔައެވެ. ނަމަވެސް އެއީ ދައްކާ ދަޅައެއްކަމެއް ނޫނީ ވެފައިވާ ދެރައެއްކަމެއް ބުނެދޭކަށް ނޭންގެއެވެ. އޭނައަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.
***
3 އަހަރު ކުރި
މެދު ރާއްޖެތެރެއަށް ނިސްބަތްވާ ހިތްގައިމު ރަށެކެވެ. އާބާދީގެ ގޮތުން މީހުން މަދު ނަމަވެސް ތަރައްޤީގެ ކުލަވަރު ފެންނަމުންދާ ރަށެކެވެ. ރަށުގެ މަލަމަތި އެހާމެ ހިތްގައިމެވެ. ފެހި ރުއްގަސްތަކާއި ހުދު ދޮންވެލީގެ ގޮނުދޮށެއް ޤުދުރަތުން ލިބިފައިވާ ޗާލޫރަށެކެވެ. އެރަށުގެ މީހުން ދިރިއުޅޭ ހިސާބުގައި ހިތްގައިމު ބަނދަރެއްވެސް އޮވެއެވެ. ދަތުރުފަތުރުގެ ނިޒާމުގެ ތަރައްޤީއަށް އަންނަމުންދާ ބަދަލާއެކު ކޮންމެ ރަށެއްގައި ބަނދަރެއް އޮތުމަކީ ކޮންމެހެންވެސް ލާޒިމުކަމެކެވެ. ބަނދަރެއް އޮތް ނަމަވެސް އެރަށުގެ ހިތްގައިމު ތިމާވެއްޓަށް މާބޮޑު ބަދަލުތަކެއް އައިސްފައެއް ނެތެވެ. ޤުދުރަތުގެ ރީތިކަން އެރަށުން ފެންނަމުން ދެއެވެ. ރަށުގެ ގިނަ މަގުތަކާއި ގޯޅިތަކުގައި އިންދާ ހައްދާފައިވާ ބޮޑެތި ބިޔަގަސްތަކުން ރަށުގެ ފެހިކަމާއި ތާޒާކަން ފެންނަމުންދެއެވެ. މަގުތަށް އޮަތީ ކުނިކަހައި ސާފުކޮށްފައެވެ. އެރަށުގެ މީހުންގެ ހިވާގިކަމާއި މުރާލިކަން އެވަރުންވެސް ޔަޤީންކުރެވޭނެއެވެ.
ވަގުތަކީ މެންދުރުގެ ދަންފަޅި ފިލައިގޮސް ހަވީރު ފިންޏަށް ވަގުތު ހޭލައްވަމުންދިޔަ ވަގުތެވެ. މަގުތަކުގައި އެކި އުމުރުފުރާތަކުގެ މީހުން ހޭލަމޭލަ ވަމުން ދިޔަ ވަގުތުވެސް މެއެވެ. ޅަ އުމުރުފުރާގެ ކުދިން މަގުމަތީގައި ސަކަރާތްޖަމުން އުޅެމުން ދިޔައެވެ. އެކުދިންގެ މައިންބަފައިން އެކުދިން އުޅޭ ގޮތް ބަލަން މަގުމަތީގައި ހުންނަ ޖޯލިފަތިތަކާއި ގަސްތަކުގައި އެލުވާފައިވާ އުނދޯލިތަކުގައި ދަތްޕިލަށް އަތަށް ނަގައިގެން ހެވިލާފައި ތިއްބެވެ. ކޮންމެ ގެއެއްގައިވެސް ވިޔަފާރިކުރުމަށް ސްވެނިއަރ ޝޮޕްތަށް ރީތި ގޮތްގޮތަށް ހަދާލާފައި ހުއްޓެވެ. ރަށުގެ ބޮޑުމަގުން ރަށުގައި ޗުއްޓީ ހޭދަކުރުމަށް އައިސް އުޅޭ ފަތުރުވެރިންތަށް އެމީހުންގެ އުފާވެރިވަގުތު ކޮޅު ހޭދަކުރުމުގައި އައިލާއެކު ރަށުގެ އެކި ހިސާބުތަށް ބަލައި ދިރާސާކޮށް އުޅެމުން ދިޔައެވެ. ރަށުގައި އަޅާފައިވާ ތަނަވަސް ގެސްޓްހައުސްތަކަކީވެސް ރަށުގެ ފޯރުންތެރިކަން ފެނިގެންދާ ވަރުގަދަ ހެއްކަކަށް ފުދޭނެއެވެ. ރަށުގެ މާހައުލަށް ބަލައިލައިފިނަމަ އެރަށަކީ ވެސް ފަތުރުވެރިންގެ މަންޒިލެކޭ ނުބުނެވި ފަރަޤު ޖައްސާލެވޭކަށް ނެތެވެ.
ފަތުރުވެރިންތަށް ނުކުމެ އުޅޭތީ އެރަށުގެ ބައެއް ވިޔަފާރިވެރިން އެމީހުންގެ ގެސްޓް ފިހާރަތަށް ހުޅުވައިގެން ދޮރުމަތީގައި ހަމަޖެހިލައިގެން ތިބީ އެމީހުން އެހިސާބަށް އަންނާނެކަމުގެ ވަގުތަކަށް ކެތްކޮށްލައިގެންނެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ޖެއްސުނު މޮޅު އުކުޅެއްގެ ބޭނުންކުރަނީ ރަނގަޅު ފައިދާއެއް ޖީބަށް އިތުރުކުރެވޭނެ ގޮތަކަށް ވިސްނައިގެންނެވެ.
ހަތަރުވަރަކަށް ފަތުރުވެރިންނާއެކު އޮލަ ވާހަކައެއްގައި ހިނގަމުން އަންނަ އަންހެނަކީ އެމީހުންގެ ބެލެނިވެރިކަމުގައި ހުރި އެމީހުންގެ ގައިޑެކެވެ. އެރަށުގެ ގެސްޓުހައިސްގައި މަސައްކަތްކުރާ ހީވާގި މަސައްކަތްތެރި އަންހެން ކަނބަލެކެވެ.. އެރަށުގެ މީހުންގެ ނަމުން ނަމަ އޭޑީ ނުވަތަ އަސްލު ނަމުން ނަމަ އަދުރާއެވެ. އަދުރާއަކީ އެރަށުގައި ހުންނަ “ލެވެންޑާރ އިން” ގެސްހައުސްގައި މަސައްކަތްކުރަމުންދާ ހީވާގި ގައިޑެކެވެ. އޭނަގެ މަސައްކަތަކީ އެ ގެސްޓުހައުސްއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚިދުމަތްކޮށްދިނުމެވެ. އެމީހުން ގޮވައިގެން ރަށުތެރެ ބެލުމާއި ގެސްޓު ވިޔަފާރި ކުރާ ފިހާރަކަތަށް އެމީހުންނާއެކު ވިޔަފާރި ކުރަން ޒިޔާރާތްކުރުމާއި ސްނޯކްލިންއަށް ދިއުންފަދަ ކަންތަކުގައި އިސްވެ ހަރަކާތްތެރިވުމެވެ. އޭނަގެ ޒަވާޖީ ހަޔާތުގެ ބައިވެރިޔާ ސައީރަކީ އެ ގެސްޓުހައުސްގެ އިސްފަރާތެވެ. ސައިރާއެކު އެ ވިޔަފާރި ހިންގުމުގައި އަދުރާ އަކީ ލާމަސީލު އަންހެނެކެވެ.
އަދުރާއާއި ސައީރުގެ އުމުރުގެ ފަރަޤެއް ހުރި ނަމަވެސް ސައީރު އަދުރާއާއި ކައިވެނިކޮށްގެން އުޅެމުންދިޔައީ އެހާމެ ލޯބިންނެވެ. ސައީރުގެ އުމުރަކީ އެންމެ ބާވީހަކަށް އަހަރެވެ. އަދުރާއަކީ ތިރީހުގެ އަހަރުތަށް ގުނަމުން އަންހެނެވެ. ދެމީހުންގެ ކައިވެންޏަށް ތިންއަހަރު ފުރިގެން ދިޔައިރުވެސް ދެމީހުންނަށް ދަރިއަކު ލިބިފައެއްނެތެވެ. ސްވެނިއަރ ޝޮޕުން ފަތުރުވެރިންތަށް ގޮވައިގެން އަދުރާ ނުކުތްވަގުތަކީ ސައީރުވެސް އެހިސާބަށް އަރައިހަމަވިވަގުތެކެވެ.
“އަދޫ…” އަދުރާ ފެނުމުން ސައީރު ގޮވައިލިއެވެ. ގޮވައިލި ގޮތުންވެސް ހީވަނީ ކޮންމެވެސް ވާހަކަ އެއް ބުނަންވެގެން ގޮވައިލިހެންނެވެ. ސައީރަކީވެސް ބަލައިލަން ހުތުރު ފިރިހެނެއް ނޫނެވެ. ބޮލުގެ އިސްތަށިގަނޑު ފަންވެފައި ކޮނޑާހަމައަށް ދިގުކޮށްފައި އޮތެވެ. ބޮލުގެ އިސްތަށިގަނޑުގެ ކުލަ ތަފާތެވެ. ރަން މުށިކުލައެކެވެ. ގިނަވަގުތު އައްވާއި ލޮނުގައި އުޅޭކަމުގެ އަސަރު އޭނަގެ ހަންގަނޑުން އެނގެން ހުއްޓެވެ. ކަރުގައި އަޅާފައި އޮތް ކަޅުކުލައިގެ ރޮދި ފަށެއްގައި ސާރފްބޯޑުގެ ފުލެއް އިނެވެ. ވާއަތު ކަންފަތުގައި ދެތިން ތަނުން ތޮރުފާފައި ހުރި އިރު ކޮންމެ ތަނެއްގައި ކަޅުކުލައިގެ ސްޓަޑެއް ހަރުކޮށްލާފައި އިނެވެ. ފަޔާއި އަތުގައިވެސް ޔަފާތު ވައްތަރުގެ އެއްޗެހި އަޅާފައި ހުއްޓެވެ. ލައިގެން ހުރީ ސާރފުކުރާ މީހުން ލާންގެންގުޅޭ ޒާތުގެ ރިޕްކާރލް ސޯޓެކެވެ. ލައިގެން ހުރީވެސް އެޒާތުގެ ރީތި ޓީޝާޓެކެވެ. ދެލޯ ކުޑަ ވަށް މޫނެކެވެ. ތަރުތީބެއްނެތް އޭނަގެ ތުނބުޅިން އޭނަގެ ފިރިހެންވަންތަކަމާއި ހައިބަތު ފެނިގެންދިޔައެވެ. އިސްކޮޅުން ދިގު ހިމަތޮޅި ޒުވާނެކެވެ. ސައީރުގެ އަޑު ޖެހުމުން ފުޅާ ހިނިތުންވުމަކާއެކު ގާތްވެލަމުން އަދުރާ އޭނަގެ އަތުގައި ހިފައިލިއެވެ. ފަތުރުވެރިންވެސް ސައީރު ފެނުމުން އެމީހުންގެ ބަހުރުވައިން ސައީރަށް މަރުހަބާކިޔައިލިއެވެ.
“ބޭބީ.. ރޫމް ރެޑިތަ؟ ފަސްގަނޑިބައިގަ ލީލާއަންނަ ވާހަކަ ބުނީމެންނު. ހުރިހާ ކަމެއް އޯކޭތަ؟” އަދުރާގެ ބޮލުގެ އިސްތަށިކޮޅާއި ކުޅެލަމުން ސައީރު ބުންޏެވެ.
(ނުނިމޭ)
3 Comments!
Comments are closed.
Nice konirakun next part upkuraani waiting for next part love you ???
Thanks ?
Varah reethi Masha Allah