Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޒަޚަމް 3

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
March 12, 2020 6 Mins Read
5 Comments

ކުދިންތައް ނެތް ހަމަހިމޭންކަން އޮތް ހިސާބުގައި އާލިޔާއާއީ ދަހުލާން ހިނގަމުން ދިޔައެވެ. ދުލުން ވާހަކަ ނުދެކެވުނު ނަމަވެސް ހިތުން އެތައް ވާހަކައެއް ދެކެވެމުން ދިޔައެވެ. ފުރަތަމަ ނަޒަރުންވެސް ދެ މީހުންނަށްވެސް ދެ މީހުން ކަމުގޮސްފިއެވެ. އެކީގައި ހޭދަކުރެވުނު މަދު ވަގުތުުކޮޅުވެސް ޚާއްސަވިއެވެ.

ދެމެދުގައި ވީ ހަމަހިމޭންކަން ނައްތާލީ ދަހުލާންއެވެ. އެމީހުންނާއި ތަންކޮޅެއް ދުރުގައި ބަލަން ހުރި މިހްތަރްއާ ބެހޭ ގޮތުން ސުވާލު ކުރަމުންނެވެ. އާލިޔާގެ ހިނިތުންވުން ފިލައިދިޔައެވެ. އާލިޔާ މިހްތަރްއަށް ބަލައިލިއެވެ. އެއާއެކު އޭނާ ދުރުބަލައިލަމުން ދިޔައެވެ. އެ ސުވާލުގެ ޖަވާބު ދޭން އާލިޔާއަށް އުނދަގޫވިއެވެ.

މިހްތަރަކީ ކުޑައިރުން ފެށިގެންވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ކައިރާއާއި ބަލްޤިސްއެކޭ އެއްފަދައިން އިތުބާރު ކުރެވޭ ހެޔޮއެކުވެރިއެކެވެ. މިހްތަރްގެ މައިންބަފައިންނާއި އޭނާގެ މައިންބަފައިންނާ ދެމެދު އޮންނަ އެކުވެރިކަމުގެ ސަބަބުން ކުޑައިރުންސުރެ އުޅެ ބޮޑުވީ އެއްކޮށެވެ. އޭނާގެ ހަޔާތުގައި މިހްތަރްއަށް ނޭންގެ ސިއްރެއް ނޯންނާނެ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ހަޔާތުގައި ދިމާވި ކޮންމެ އުފަލެއް އަދި ހިތާމައެެއްގައި މިހްތަރް އޭނާއާއި އެކުވިއެވެ. ބައެއްކަންކަމުގައި ކައިރާއާއި ބަލްޤިސްއަށް ވުރެ މިހްތަރްގެ އެހީ އޭނާ ވަނީ ހޯދާފައެވެ. މިހްތަރްއާއި އޭނާގެ އެކުވެރިކަން އިތުރު ހަރުފަތަކަށް ބަދަލުވީ އާލިޔާގެ ސޯޅަވަނަ އުުފަންދުވަހުއެވެ. މިހްތަރް ލޯބި ހުށަހެޅުމުން އާބަސް ބުނީ ދެވަނަ ވިސްނުމަކަށް ނުގޮހެވެ. ލޮތްބަކީ ކޯޗެއްކަން ނުވިސްނޭ އޭނާގެ ޅަސިކުނޑިއަށް ވިސްނުނީ އޭނާވެސް މިހްތަރްދެކެ ލޯބިވާކަމެވެ. އޭނާއަށް ނުވިސްނުނީ އެއީ އެކުވެރިކަމުގެ ލޯބިކަމެވެ. ކުޑައިރުންސުރެ އެކީ އުޅެބޮޑުވުމުން ހިތުގައި މިހްތަރަށް ދެވިފައިވި ޤަދަރު ކަމެވެ. ފަހުން ވިސްނިގެން އާލިޔާ މިހްތަރްއާއި ވަކިވާން ބޭނުންވިއެވެ. ނަމަވެސް އެކިވެރިޔާގެ ހިތްހަލާކު ކުރަން ބޭނުންނުވިއެވެ.
ދަހުލާންއަށް މިހްތަރްއަކީ ކާކުކަން އާލިޔާ ބުނެދިނެވެ. އަދި މިހްތަރްގެ އެކުވެރިކަން އަދިވެސް އޭނާ ބޭނުންވާ ކަމަށް ބުންޏެވެ. އޭނާއަށް މާފުކޮށް އެކުވެރިކަން ކުރިއަށް ގެންދާނެ ދުވަހަކަށް އިންތިޒާރު ކުރަމުން ދާކަމަށްވެސް ބުންޏެވެ. “ދެރަނުވޭ. އަދި އެކުވެރިޔާއަށް ވިސްނޭނެ. އޭނާއަށްވެސް ވަގުތު ބޭނުންވާނެ. ވަރަށް އުފާވެއްޖެ އާލިޔާ އަހަރެންވެސް އެކުވެރިއެއްގެ ގޮތުގައި ބަލައިގަތީމަ. މިރަށަށް އަހަރެން އަދި ވަރަށް އާވާނެ. އުއްމީދު ކުރަން އާލިޔާގެ އެހީތެރިކަން އަހަންނަށް ލިބޭނެ ކަމަށް” ދަހުލާން ސަލާމަށް އަތްދިއްކޮށްލުމުން ހިނިތުންވެފައި އާލިޔާ ސަލާން ކޮށްލިއެވެ. ހިނިތުންވި ވަގުތު އާލިޔާގެ އެއް ކޮލަށް އެޅުނު އަޑިކޮޅުން އެ ރީތިކަން ފުރިހަމަކޮށްދިނެވެ. ކަޅިވެސް ޖަހައިނުލައި އެ އަންހެން ކުއްޖާއަށް ބަލަން ދަހުލާންއަށް ހުރެވުނެވެ.

ސުފްޔާންގެ މަޖާ މިޒާޖުން އެރެއިން އެ ރެއަށް އެކުވެރިން އޭނާ ހޯދިއެވެ. ގިނައީ އަންހެން ކުދިންނެވެ. އަންހެން ކުދިންތައް އޭނާ ވަށައިގެން ތިއްބެވެ. ކޮންމެ އަންހެން ކުއްޖަކުވެސް ޚިޔާލު ކުރަމުން ދިޔައީ އެ ކުއްޖަކަށް ސުފްޔާންގެ ލޯބިވެރިއާގެ މަގާމު ލިބުމުން ވާނެ ގޮތަކަށެވެ. ސުފްޔަންގެ އެންމެ ހިނިތުންވުމަކުންވެސް އެކުދިންގެ ހިތްތަަކަށް އަސަރުކުރުވައެވެ. އެހެން އަންހެން ކުދިން ސުފްޔާމުގެ ޖާދޫގައި ޖެހިފައި ތިބި ނަމަވެސް ކައިރާއަށް ވިސްނެމުން ދިޔައީ ދަހުލަންއާއި މެދުގައެވެ. އިރު އޮރުކޮޅާ ދަހުލާންގެ ހިލަމެއް ވޭތޯ ވަށައިގެން ނަޒަރު ހިންގައެވެ. ދަހުލާން ނުފެންނަ ކޮންމެ ފަހަރަކު ހިތް މާޔޫސްވެގެން ދެއެވެ. ދެ އަންހެން ކުދިން ގާތްކޮށްގެން ކޮންމެސް ވާހަކައެެއް ދައްކައިފައި ހޭން ސުފްޔާން އިނެވެ. ކައިރާ ލޮލަށް ގޮތެއް ހަދައިފައި އެތަނުން ދާން ހިނގައިގަތެވެ.

ދަހުލާންއާއި ވާހަކަ ދައްކާލަމުން އާލިޔާގެ ހިތަށް ލުއިކަން ލިބިގެން ދިޔައެވެ. އެތައް ދުވަހަކަށް ފަހު ހަގީގީ ހިނިތުވުމެއް އޭނާގެ މޫނު މަތީގައި ވިއެވެ. ހަމަޖެހިގެން ދަހުލާންއާއި ވާހަކަ ދައްކަން އިން އާލިޔާގެ ސަމާލުކަން ދަމައިގަތީ ކޮއްކޮ ޖިރާން އެތަނުން ފެނުމުންނެވެ. އާލިޔާ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައި ދެބުމަ ގޮށްޖެހުނެވެ. “އާލިޔާ ކިހިނެއްވީ؟” ކަންބޮޑުވުމާއެކު ދަހުލާން އަހާލިއެވެ. އާލިޔާ ވަކި ޖަވާބެއް ނުދީ ދެފައި ހުރި ބާރެއް ލައިފައި ދިޔައެވެ.

ނުހަނު ހަމަޖެހިލައިގެން އިން ޖިރާންއަށް އާލިޔާގެ ރުޅިވެރި މޫނު ފެނުމުންވެސް ކަމެއްވީ ހެންނެއް ހިޔެއްނުވެއެވެ. އޭނާ އަތު މުލައްދަނޑީގައި ހިފުމާއެކު އާލިޔާގެ އަތް ޖިރާން ފޮޅުވާލިއެވެ. “ޖިރާން!” އާލިޔާ ރުޅި އައިސްފައި ބާރަށް ހަޅޭއްލަވައި ގަތެވެ. ގިނަ ކުދިންގެ ނަޒަރު އެ ދެބެއިންނަށް ހުއްޓުނެވެ. ކުދިންތައް ބަލަން ފެށުމާއެކު ޖިރާންވެސް ރުޅިގަދަވިއެވެ. އެންމެން ކުރިމަތީ އާލިޔާ ބާރަށް ހަޅޭއްލެވުމުންނާވެސް އެކީއެވެ. “މަނާކަމެއްކަން އެނގޭއިރު ކީއްކުރަން މިތަނަށް ތިއައީ؟ ޖިރާންގޭގަ ނެތްކަން އެނގުނީމަ ދައްތަ ކަންބޮޑުވާނެކަން ނޭންގޭތަ؟” އެންމެންގެ ނަޒަރު އަމާޒުވިއަސް އާލިޔާގެ ފަރުވާއެއް ނެތެވެ. ކޮއްކޮގެ ކަންތައް މާ މައްޗަށް ދަނީކަން ޤަބޫލު ކުރެވުނެވެ. “ކިތަންމެ ބާރަށް ހަޅޭއްލެވިއަސް އަހަރެން ބިރެން ނުގަނޭ. ބުނަން މުޅި ރަށުގެ ރައްޔިތުން މިތަނަށް ޖަމާކުރިއަސް މަށަށް ވަރިހަމަ. އާލިޔާއަކަށް މަށެއް ނުހުއްޓުވޭނެ!” ޖިރާންވެސް އޭނާގެ އަޑު ވަކި މަޑެއް ނުކުރެއެވެ. އެންމެން ކުރިމަތީގައި އާލިޔާއާއި ދިމާއަށް ބާރަށް ހަޅޭއްލަވަން ޖެހިލުމެއް ނުވެއެވެ.

އާލިޔާގެ ލޮލަށް ކަރުނަ ޖަމާވެ އަރުތެރެ ބެދޭހެން ހީވުމުން އިތުރަށް އަނގައިން ބުނާކަށް އޭނާ ގަސްތެއް ނުކުރިއެވެ. ޖިރާން އޭނާއަށް ފަސްދީފައި ދިޔަތަން ބަލަން އިނދެވުނެވެ. ލޮލުކޮޅަށް ޖިރާން ގެއްލުމާއެކު ދެފައި ވަރުދޫވެ ބިންމައްޗަށް ވެއްޓެން އުޅޭހެން ހީވިއެވެ.

އާލިޔާ އަރިއަޅާހެން ހީވުމާއެކު ދަހުލާންއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. އާލިޔާއާއި ހަމައަށް ދަހުލާން ދިޔުމުގެ ކުރިން މިހްތަރް ގޮސް އާލިޔާ ގައި ހިފެހެއްޓިއެވެ.

“މެޓް. ޖިރާން..” މިހްތަރް މޭގައި މޫނު ފޮރުވައިގެން އާލިޔާ ރުއެވެ. ކޮއްކޮގެ ރުޅިވެރިކަމާއި އުޅުން ހުންނަ ގޮތުން އޭނާގެ ހިތް ފަޅައިގެން ދާން ކައިރިވެއްޖެއެވެ. އުމުރަށް ކޮއްކޮ ގެއްލިއްޖެހެން ހީވިއެވެ. އެއީ އޭނާއަށް ބަރުދާސްތު ކުރެވޭނެވަރުގެ ކަމެއްނޫނެވެ.

މެއަށް ތަދުވިހެން ހީވުމާއެކު ދަހުލާންއަށް މޭގައި އަތްއަޅާލެވުނެވެ. ކުރިއަށް ދިޔުމުގެ ބަދަލުގައި ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ.

ކައިރާއާއި ބަލްޤިސް އައުމުން އެދެކުދިންނާ އާލިޔާ ހަވާލުކޮށްފައި މިހްތަރް ދިޔައީ ޖިރާން ހޯދާށެވެ.

މިހްތަރަށް ޖިރާން ފެނުނީ ގުރުޕަކާ އެއްކޮށެެވެ. އެއީ މުޅި ސްކޫލްގައިވެސް ފާޖަގަކޮށްލެވޭ އެންމެ ނުބައި ގުރޫޕެވެ. އެ މީހުންގެ ކަންތައް ހައްދުފަހަނަ އަޅައި ގޮސް ޕޮލިހަށްވެސް ވަނީ އެތައް ފަހަރަކު ގެންގޮއްސައެވެ. އެކުދިންގެ މައިންބަފައިންގެ ނުޒޫޒު ގަދަކަމުން ކޮންމެ ފަހަރަކު ސަލާމަތްވަނީއެވެ. ސްކޫލުންކަނޑާ ނުލައި އެތިބީވެސް އެހެންވެއެވެ.

މިހްތަރް ގޮސް ޖިރާން އާތުގައި ހިފައި ދަމަމުން އެކުދިންނާއި ދުރަށް ގެންދިޔައެވެ. ޖިރާން އަތްފޮޅުވަން މަސައާކަތް ކުރިނަމަވެސް މިހްތަރް އެއަށްވުރެ ބާރުގަދައެވެ. އެ ތަނުން ނުކުމެފައި ކައިރާގއ ކާރާއި އަރާ ހަމަވެފައި މިހްތަރް މަޑު ޖެހުނެވެ. އޭރު ޖިރާންގެ ރުޅިވަނީ އިންތިހާއަށް ގަދަވެފައެވެ. ރުޅިން ދެލޯ ރަތްވެ އަލިފާން ކަނި ބުރާހެން ހީވިއެވެ. ޖިރާންއަށް އެއްޗެކޭ ބުނަން ފުރުސަތު ނުދީ އޭނާ ކާރަށް އެރުވިއެވެ. އޭރު ފަހަތުގައި އާލިޔާ ބަލްޤިސް އަދި ކައިރާ ތިއްބެވެ.

އާލިޔާމެންގޭ ކުރިމައްޗަށް ކާރު މަޑު ކުރުމާއެކު ޖިރާން ވަގުތުން ނުކުތެވެ. ޖިރާންގެ ފަހަތުން ކަހަލަ ގޮތަކަށް ދުވެފައި އާލިޔާ ނުކުތެވެ.

“ރާން ޕްލީޒް. އެއް ފަހަރު ނަމަވެސް ދައްކާ ވާހަކަ އަޑުއަހައިބަ” ޖިރާން ދެއަތް މުއްކަވާލަމުން ހުއްޓުނެވެ. އާލިޔާއާއި ދިމާއަށް އެނބުރިފައި އެއްޗެއް ބުނަން އުޅެފައިވެސް ހިމޭނަކަން އިޚްތިޔާރު ކުރިއެެވެ. އޭނާ އެއްޗެކޭ ބުނެފިނަމަ އާލިޔާގެ އެކުވެރިން ދޫ ނުދޭނެކަން އެނގޭތީއެވެ.
“އަހަރެން ވަރަށް ނިދި އައިސަ މިހިރީ” އާލިޔާ އިރުކޮޅަކު އެއްޗެކޭ ނުބުނެ އިނުމުން ޖިރާން އެތެރެއަށް ވަނެވެ. އޭރު ޖިރާންގެ ޚަބަރެއް ނުވެގެން ކަންބޮޑުވެފައި ދެކޮޅަށް ހިނގާލަ ހިނގާލަ ޖޫން ހުއްޓެވެ. ޖިރާން ވަންތަން ފެނުމުން ޖޫންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ޖޫންއަށް ވެސް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ ޖިރާން އޭނާގެ ކޮޓަރިއަށް ދިޔައެވެ. ޖޫންއަށް ހިނިތުންވެލައިފައި އާލިޔާވެސް އޭނާގެ ކޮޓަރިއަށް ދިޔައެވެ. އެކުވެރިން ބޭރުގައި ތިބިކަން ހަނދާންވުމާއެކު ފޯނު ނަގައި މިހްތަރަަށް ގުޅާލިއެވެ. ކައިރާ އަދި ބަލްޤިސް ގޮވައިގެން މިހްތަރް ދަނީ ކަމަށް ފޯނު ނެގި ބަލްޤިސް ބުންޏެވެ.

އާލިޔާ ނިދަން ތައްޔާރުވެގެން އައިސް އޭނާ ގެންގުޅޭ ޑައިރީ ހިފައިގެން އެނދަށް އެރިއެވެ.

ސުފްޔާންއާއި ދަހުލާން ގެއަށް ދިޔައިރު އެދެމީހުންގެ އިންތިޒާރުގައި ލިލީ އިނެވެ. ދެކުދިން ގެއަށް އައިކަން ޔަޤީންވުމުން ގޭގެ ބޮޑޮ ދޮރު ތަޅުލައިފައި ނިދަން ވަނެވެ.

ދަހުލާންއަށް ނިދޭ ގޮތެއް ނުވިއެވެ. އާލިޔާއާއި މެދު ވިސްނެމުން ދިޔައެވެ. އާލިޔާގެ ހާލަތެއް ނޭންގޭތިއެވެ. ޖިރާންގެ ސަބަބުން އާލިޔާ ހިތުގައި ވަރަށް ބޮޑަށް ޖެހިފައި ހުރިކަން އެނގެއެވެ. އާލިޔާގެ ހާލެއް ނޭންގެނީސް އޭނާއަށް ލޮލުފިޔައެއް ޖެހޭނެ ހެންނެއް ހިޔެއްނުވެއެވެ. ނަމަވެސް އާލިޔާއަށް ގުޅޭނެ ގޮތެއް އޭނާއަަކަށް ނޭންގެއެވެ. ނަންބަރު ހޯދާކަށް ހަނދާނެއްނުވިއެވެ.

ގޭގައި އަލިކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތެވެ. ކައިރާ ފޯނުން ފްލެޝް ލައިޓް ޖައްސާލުމަށްފަހު ގޭ ތަޅު ހުޅުވިއެވެ. ގޭތެރޭގައިވީ މަޑުފަދަ ހިމޭންކަމެވެ. އަދިވެސް މަންމަ ގެއަށް ނާންނަނީކަން އޭނާއަށް އެނގުނެވެ. ދެރަވެ ރުޅިގަދަވި ނަމަވެސް ކައިރާ ހަމަޖެހިލިއެވެ. މިރޭ ކަންތައްވީ ގޮތުން އޭނާގެ މިޒާޖުއެކީ ވަނީ ބަދަލުވެފައެވެ. އަތުގައި އޮތް ތަޅުދަނޑިފައްޗާއި ފޯނު ސޯފާ ކުރިމަތީ ހުރި ކުޑަ މޭޒުމައްޗަށް އެއްލާލައިފައި ސޯފާއަށް ވެއްޓިގަތެވެ.

ސޯފާއަށް ވެއްޓިގަތް ކައިރާ އަނގައިން ތޫލި ހަޅޭކުގެ އަޑު ނުކުތީ އޭނާގެ އުނގަނޑުގައި ބާރުގަދަ ދެއަތުން ވަށާލުމުންނެވެ. އަނދިރި ކަމުން ސޯފާގައި މީހަކު އޮތްކަމެއް އޭނާއަކަށް ނޭންގުނެވެ. އެމީހަކު ހުށިޔާރު ކަމާއެކު ކައިރާ އަނގަ މަތީ އަތްއެޅިއެވެ. ކައިރާ ގަދަ ހަދައިފައި ތެދުވަން އުޅުނެވެ. ނަމަވެސް އެމީހެއްގެ ބާރުގަދަ ކަމުން ކައިރާއަށް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.

ނުނިދިގެން މަންމައަށް ސިއްރުން ބޯހަމަޖައްސާލަން ދަހުލާން ބޭރަށް ނުކުތެވެ. އެ ރަށަށް އާވުމާއެކު ދަހުލާންއަށް މަގުތައް މާ ރަނގަޅަކަށް ނޭންގެއެވެ. ވަކި ހިސާބަކަށް އެރި ތަނުން އަންހެން ކުއްޖެއްގެ ބާރު ހަޅޭކުގެ އަޑު އޭނާ ކަންފަތުގައި ގުގުމައިގެން ދިޔައެވެ. އެއަޑު އައީ ކުރިމަތީ ހުރި ގެއިންނެވެ. ގޭކައިރީ ޕާކުކޮށްފައި އޮތް ކައިރާގެ ކާރު ފެނުމުން އެއީ ކައިރާމެންގެކަން އިނގުނެވެ. އިރުކޮޅަކުން އަނެއްކާވެސް އެ އަންހެން ކުއްޖާގެ އަޑު އިވުނެވެ. އެއީ ކައިރާގެ އަޑުކަން ދެނެގަންނާކަށް ދަހުލާންއަށް އުނދަގުލެއް ނުވިއެވެ. ކައިރާއާއި ހެދި ކިތަންމެ ބޮލަށް އުނދަގޫވި ނަމަވެސް އެކުއްޖާ ނުރައްކަލެއްގައި ވާކަން އެނގިހުރެ އެހީނުވެ ދާކަށް ނުކެރުނެވެ. ދަހުލާން ހަކުވި ފިޔަވަޅުތަކެއްގައި ގޮސް ގޭ ބޮޑު ދޮރު ހުޅުވިއެވެ. ތަޅު ނުލާ ހުރިކަން އެއީ ނަސީބެވެ.

ގޭދޮރު ހުޅުވުނު އަޑަށް އެމީހަކު ކައިރާ ގައިން ދޫކޮށްލިއެވެ. ދަހުލާން ފޯނުން އަލިކޮށްގެން އެތެރެއަަށް ވަން ވަގުތު ދުވެފައި ފަހަތު ދޮރުން ނުކުމެގެން ދިޔަ މީހާ ފުރަގަހުން ފެނުނެވެ. “ކައިރާ؟”
އެމީހާގެ ސަބަބުން ބިރުގަނެފައި ހުރި ކައިރާގެ ނަފްސަށް ހަމަޖެހުމެއް ލިބުނީ ދަހުލާންގެ އަޑު އިވުމުންނެވެ. ފުރަތަމަ އޭނާއަށް ހީކުރެވުނީ އެއީ ބިރުން ހުރުމުން އޭނާއަށް ހީވި ގޮތް ކަމަށެވެ. އޭނާ އަނގައިން ނުބުނެ އުޅެނިކޮށް ދެވަނަ ފަހަރަށްވެސް ދަހުލާން ގޮވާލި އަޑު އިވުނެވެ. “ދަހުލާން؟” ކައިރާގެ ކަރުން އަޑުބޭރުވީ ކިރިޔާއެވެ.

ކައިރާ ސޯފާއިން ތެދުވެގެން ގޮސް ދަހުލާން ގައިގައި ބައްދައިލިއެވެ. މުޅި ކުއްޖާއެކީ ތުރުތުރު އަޅަމުން ދިޔައެވެ. ކައިރާ ދުރުކުރަން އުޅެފައިވެސް އެހެން ހަދާކަށް ނުކެރުނެވެ. އެ އަންހެން ކުއްޖާއަށް މި ވަގުތު ބޭނުންވަނީ އެހީތެރިކަމެވެ.

ނުނިދިފައި އޮތް އާލިޔާއަށް ސިހުން ގެނުވީ އެ ވަގުތު އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަމުން ދިޔައީ ނުދައްނަ ނަންބަރަކުންނެވެ. ދެ ޚިޔާލެއްގައި ހުރެފައި އާލިޔާ ފޯނަށް ޖަވާބު ދިނެވެ. “ހަލޯ މިއީ ދަހުލާން. ވަރަށް އަވަހަށް ބޭރަށް ނުކުމެބަ!” އާލިޔާއަށް އަނގައިން ނުބުނެވި އުޅެނިކޮށް ދަހުލާން ފޯނު ކަނޑާލިއެވެ. އަތްކެނޑި ޓީޝާޓް މަތިން ޖެކެޓެއް ލައިގެން ސިއްރު ފިޔަވަޅުތަކުގައި ގޮސް އާލިޔާ ދޮރު ހުޅުވިއެވެ. “ކައިރާ؟” ދަހުލާންއާއި އެއްކޮށް ހުރި ކައިރާ ފެނުމުން އާލިޔާގެ ހިތުގައި ހަސަދައިގެ އޮއެވަރެއް ދަތުރު ނުކުރެއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ކައިރާ ކޮނޑުގައި ދަހުލާންގެ އަތް ވަށައިލެވިފައި ހުރިއިރު ކައިރާ އިނީ ހެދުން މަތިން ދަހުލާންގެ ޖެކެޓް ލައިގެންނެވެ.

ކައިރާ ދަހުލާންއަށް ބަލާލުމުން ދަހުލާން ބޯ ޖަހައިލިއެވެ. ދަހުލާންއާއި ކައިރާއަށް ނަޒަރު ހުއްޓައިގެން އާލިޔާގެ ހިތަށް ތަފާތު އެއްޗިހި އަރައި ފައިބަމުން ދިޔައެވެ. ކައިރާ ކުރިއަށް ޖެހިލައި އާލިޔާ ގައިގައި ބައްދައިލިއެވެ. ކައިރާ ރޮނީކަން އެނގުނީ ކައިރާގެ ކަރުނައިން އޭނާގެ ކޮނޑު ތެމުމުންނެވެ. “ކެރާ! އާ ޔޫ އޯކޭ؟” ކައިރާ އޭނާއާއި ދުރުކޮށްލަމުން އާލިޔާ އަހާލިއެވެ. “އޯކޭތަ މިރޭ މިގޭގަ މަޑުކޮށްލިއަސް؟” ސުވާލަށް ޖަވާބު ދިނުމެއްނެތި ކައިރާވެސް ސުވާލެއް ކުރިއެވެ. ކައޮރާ އިން ހާލުން ދެކޮޅު ހަދާކަށް އާލިޔާއަކަށް ނުކެރުނެވެ. ބޯ ޖަހައިލުމާއެކު ދުވެފައި ކަހަލަ ގޮތަކަށް ކައިރާ އެތެރެއަށް ވަނެވެ.

ކައިރާ ދިއުމުން ވީގޮތް ދަހުލާން އާލިޔާއަށް ކިޔައިދިނެވެ. “ތޭންކްސް ކެރާއަށް ހެލްޕްވެދިނީމަ!” އެކުވެރިޔާއަށް އެހީތެރިކަމުގެ އަތެއް ދަހުލާން ފޯރުކޮށްދިނުމުން އާލިޔާ ޝުކުރު އަދާކުރިއެވެ. ދަހުލާން އެއީ އެއްވެސް ކަމެއް ނޫންކަމުގައި ބުންޏެވެ. އަދި ކައިރަ އެކަނި ނުބަހައްޓައި ކައިރާ ގާތަށް އަވަހަށް ދިއުމަށް އެދުނެވެ.

އާލިޔާ ކޮޓަރިއަށް ދިޔައިރު ކައިރާ އޮތީ ނިދާފައެވެ. ނޫނީ ނިދާކަމަށް ހެދިގެންނެވެ. އާލިޔާވެސް އެނދަށް އަރާ ނިދޭތޯ މަސައްކަތް ކުރިއެވެ.

ބޭބެ ސުފްޔާން އެތެރެއަށް ވަނުމުންވެސް ދަހުލާން ބޭރުގައި މަޑު ކުރީ އާލިޔާ އަންނަން ދެނެވެ. އާލިޔާއާއި އެކު ކާރުގައި ކައިރާ އަދި ޖިރާންވެސް އައެވެ. ދަހުލާން ގޮސް ކައިރާގެ ހާލު އޮޅުންފިލުވިއެވެ. ހިނިތުންވެލައިފައި ރަނގަޅު ކަމަށް ކައިރާ ބުންޏެވެ. އަދި އޭނާއަށް އެހީވި ކަމަށްޓަކައި ުކުރު އަދާކުރިއެވެ.

“ކެރާ ކިހިނެއްވީ؟” އެމީހުން ފަހަތުގައި ހުރި މިހްތަރްއަށް ދެއްކި ވާހަކަ އަޑު އިވުމުން އެހިއެވެ. ބްރޭކްގަޑީގައި ކިޔައިދޭނަމޭ ކިޔައިފައި ކައިރާ ކުލާހަށް ދާން ހިނގައިގަތެވެ.

ކުލާހުގައި ތިބިއިރު ވެސް ދަހުލާންއާއި އާލިޔާ އިރުއިރުކޮޅާ ނަޒަރު ބަދަލު ކުރެއެވެ. ދަހުލާން ބަލާލާ ކޮންމެ ފަހަރަކު ލަދުން އާލިޔާ އިސްޖަހައިލައެވެ.

ބްރޭކް ގަޑީގައި ކެންޓީނަށް ދިޔައީ ގުރޫޕު އެއްކޮށްށެވެ. ބަލްޤިސް ކައިރާ އާލިޔާ މިހްތަރް އަދި ތަސްލީނެވެ. އެމީހުންނާއި ބައިވެރި ވުމަށް ކައިރާ ދަހުލާންއަށް ދަޢުވަތު ދިނެވެ. ދަހުލާން ދެކޮޅު ނުހަދައި އެމީހުންނާއި ބައިވެރިވީ އާލިޔާ އިނުމުންނެވެ.

ނުނިމޭ

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Other Articles

Previous

މިނަން ތިހިތުން ފިލުވާލަނީހޭ…20

Next

ހިތުގެ ކޮންމެ ވިންދެއްގައި – 2 އަދި 3 =އެޑިޓް ކުރެވިފަ=

Next
March 13, 2020

ހިތުގެ ކޮންމެ ވިންދެއްގައި – 2 އަދި 3 =އެޑިޓް ކުރެވިފަ=

Previews
March 12, 2020

މިނަން ތިހިތުން ފިލުވާލަނީހޭ…20

5 Comments!

  1. MinSnail says:
    March 13, 2020 at 10:57 am

    Very nice, keep it up… But there are some punctuation mark mistakes…. Please improve them.. Then it would be much better??

  2. MinSnail says:
    March 13, 2020 at 11:06 am

    Ibaaraiykurun v reethi Maa shaa Allah

  3. Reader says:
    March 14, 2020 at 12:07 am

    Story vrh vrh sallhi?ma sha allah?❤️?but names dhw..names change nukureveynetha hama? Anyway waiting for the next part inge❤️keep it up darling ?

    1. Reader says:
      March 24, 2020 at 10:52 pm

      Hey kiyara. When nxt part???❤️

  4. jaeminie says:
    April 30, 2020 at 9:55 pm

    varah loabi mi part ves but end ga dhahulaan and aaliya dhekudhin igey couple akah kadhany… sorry kuryge part ah comment nukure vunythy… but its also nice… to be honest kiyaa ge vaahaka thakaky best….

Comments are closed.


All Right Reserved!