ރާސްތާ2 (42)
ރާއްޖެ އަދި ޖަޕާން މެޗުގެ ދެވަނަ ލެގު ކުޅެން ދެދުވަސްކޮށްފައި ޓީމު ދިޔައެވެ. ކުޅުންތެރިން އަދި ސަޕޯޓަރުންވެސް ތިބީ ވަރަށް އުއްމީދާ އެއްކޮށެވެ. ރާއްޖެއަށް ތަށި ލިބުނު ފަހުން ކުޅުނު ހުރިހާ ވޯލްޑްކަޕެއްގައި ރާއްޖެވަނީ ކުޅެފައެވެ. ނަމަވެެސް މުބާރާތުގެ ވަކި ހިސާބަކުން ކަޓަނީއެވެ. އެންމެ ފަހުން ކުޅުނު ފަހަރު ގަދަ ސޯޅައަށްވެސް ނުގޮސް ކެޓީއެވެ.
ޖަޕާނުގައި ކުޅުނު ނަމަވެސް މެޗު ބަލަން އައިސް ތިބި ދިވެހި ސަޕޯޓަރުން މަދެއްނޫނެވެ. ރަތްކުލައިގެ ޖާޒީއާއި ހެދުން ލައިގެން ޓީމަށް ސަޕޯޓްކުރަން އެންމެ ފުރިހަމައަށް ތައްޔާރުވެގެން އައިސް ތިއްބެވެ. ދަނޑުގައި ގުގުމަމުން ދިޔަ ސަޕޯޓަރުންގެ އަޑުން ކުޅުންތެރިންގެ ރޫހު އާލާވިއެވެ. ސަޕޯޓަރުންނަށް ޓަކައިވެސް މެޗުން މޮޅުވާން ބޭނުންވިއެވެ. އަޒުމް ވަރުގަދަވިއެވެ.
ގޭ ޓެރަހުގައި ބޮޑު ސްކްރީނެއް އަޅުވައިގެން މެޗު ބަލަން އެންމެން ތިއްބެވެ. އަލައިކާ އެދިގެން ޝިއުރާ އަދި ޝަރާހްވެސް އެރޭ އެގެއަށް ދިޔައެވެ. އައިރާ ކިޔައިގެން އަންޖަލްވެސް އެރޭ ގޮސް ހުއްޓެވެ. ޝަރާހްއަށް އަންޖަލް ފެނުނީންސުރެ އެހެން ދިމާއަކަށް ނުބެލެއެވެ. ޝަރާހް ބަލާކަން އެނގިގެން އިސްއުފުލާލަންވެސް އަންޖަލް ނުކުޅެދުނެވެ. އަބަދުހެން ސަކަރާތްޖަހައި އުޅޭ އަންޖަލް އަނގައިން އަޑެއްވެސް ބޭރުކޮށް ނުލައެވެ.
ނަވާރްއާއި ދިނާވެސް މެޗު ބަލަން ޓެރަހުގައި ތިއްބެވެ. މާނީ އިރު އިރުކޮޅާ އޭނާއަށް ބަލާކަން ނަވާރްއަށް އެނގެއެވެ. އެއީ ކީއްވެކަންވެސް އެނގެއެވެ. ޚާއްސަކޮށް ޔޫސުފް ޓީވީން ދައްކައިފައި ނަމަ ނޫނީ ޔޫސުފްގެ ވާހަކައަށް ބުނެފި ނަމަ މާނީ ބަލާކަން ފާހަގަވިއެވެ. އެކަމާ ހެދި އެތަނަށް އާދެވުނު މޮޔަ ނަވާރް ހިތަށް އެރިއެވެ. މާނީއަށް އެނގިދާނެތީ ޔޫސުފް ދެއްކުމުން އެއްވެސް އަސަރެއް ނުގެނަސް އިންނަން މަސައްކަތް ކުރިނަމަވެސް ނަވާރްއަށް ހުވަފެނީ ގޮތަކަށް ހިނިތުންވެލެވެއެވެ. މެޗު ފެށުމުގެ ކުރިންވެސް އެނަލިސްޓުން ޔޫސުފްއަށް ކުރަމުން ދިޔަ ތައުރީފުން ހިތް ފުރިގެން ދިޔައެވެ. ނަވާރްގެ ހިނިތުންވުން ފިލައިގެން ދިޔައީ ޔައިނާ އައުމުންނެވެ. ޔައިނާ އައުމުން ތުންކޮޅު އޫކޮށްލަމުން ދީނާ ގައިގައި ކޮށްޓާލާފައި ޔައިނާ ދެއްކިއެވެ. އަދި ވައިއަޑުން ޔައިނާއާ ދިމާއަށް އެއްޗެކޭ ބުނެލިއެވެ.
އަންޖަލްއާއި ޝަރާހް އެކަކު އަނެކަކަށް ބަދަލު ކުރަމުން ދިޔަ ނަޒަރުތައް އަލައިކާ އަދި އައިރާއަށް ފާހަގަވިއެވެ. ދެކިދުން ތިބީ އެކަމާ ހީލަހީލައެވެ. އަންޖަލް މީހަކާ އިންނާނެ ދުވަހަކަށް އިންތިޒާރު ކުރާތާ ލައްކަ ދުވަސް ވެއްޖެއެވެ. އަންޖަލް އުމުރުން އަށާރަ އަހަރުގައި ރަށްޓެހިވެގެން އުޅުނު ލޯބިވެރިޔާ އޭނާއަށް ދޯކާ ދީފައި އޭރު އަންޖަލްގެ އެންމެ ގާތް އެކުވެރިޔާއާއި ރަށްޓިހިވިއެވެ. އެކުވެރިޔާއާއި ލޯބިވެރިޔާގެ ފަރާތުން ލިބުނު ހިތްދަތިކަމުގެ ސަބަބުން އެތައް ދުވަހެއްގެ ނިދި ނަގާލިއެވެ. އާލާއާއި އައްމާރު އަންޖަލް ގޮވައިގެން ބޭރަށް ބަދަލުވުމުގެ އަސްލަކީވެސް އެއީއެވެ. އެހަނދާންތަކުން އަންޖަލް ދުރުކޮށްދިނުމެވެ. އެ ދުވަހަށް ފަހު އަންޖަލް ލޯބިވެރިއެއް އަދި ބޭރުތެރެއިން ގާތް އެކުވެރިއެއްވެސް ނުގެންގުޅެއެވެ.
މެޗު ފެށިގެންވެސް މޮޅަށް ކުޅެމުން ދިޔައީ ދިވެހި ޓީމުންނެވެ. ޖަޕާނު ކުޅުންތެރިން ހީވަނީ މާކުރިންވެސް ބަލިވާނެކަން އެނގި މަސައްކަތް ނުކުރަން ތިބިހެންނެވެ. އެމީހުން އަތުން ދިވެހި ކުޅުންތެރިން ބޭނުން ގޮތަކަށް ބޯޅަ ހޯދަމުން ދިޔައެވެ. ނަމަވެސް އެމީހުންގެ ގޯލަށް ލަނޑެއް ވައްދާލުން ވީ އުނދަގޫ ކަމަކަށެވެ. އެހެން ކުޅުންތެރިންނާ ޚިލާފަށް ޖަޕާންގެ ގޯލު ކީޕަރަށް ހުރީ އަދަޔާ ޚިލާފު ފޯރިއެއް އަރާފައެވެ. ދިވެހި ކުޅުންތެރިން ކުރިއަށް ފޮނުވާލާ ބޯޅަތައް މަތަކޮށްލާއިރު ހީވަނީ ތިބަންނަ ކޮޅަށް މިއަދު ލަނޑެއް ވައްދާލަން ލާހިކެއް ނޫނޭ ބުނާހެންނެވެ. ގޯލް ކީޕަރު ދައްކަމުން ދިޔަ ހިތްވަރު ފެނިފައި ދެންތިބި ކުޅުންތެރިންވެސް ކުރިއަށްވުރެއް ބޮޑަށް މަސައްކަތް ކުރަން ފެށިއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމެން ދަނިކޮށް ޖަޕާނުގެ ޑިފެންޑަރަކު ޕެނަލްޓީ އޭރިއާ ތެރެއިން އަލްޔަސް ބޯޅަ ހިފައިގެން ދަނިކޮށް ދަތިއަޅުވާ ވައްޓާލިއެވެ. ބާރު ސްޕީޑުގައި ދަނިކޮށް ދަތިއަޅުވާ ވައްޓާލުމުން އަލްޔަސް ވެއްޓިޖެހުނު ގޮތުން އަތުގެ ކޮނޑުހުޅު ނެއްޓުނެވެ.
“މަގޭ ދަރި!” “އަޅޭ ނޯ!” އަލްޔަސް ވެއްޓުމާއެކު ޝިއުރާ އަދި އަލައިކާ އެއްފަހަރާ ހަޅޭއްލަވައިގަތެވެ. އަލްޔަސް ވެއްޓި އަތަށް ތަދުވެގެން ދެފަރާތަށް ފުރޮޅޭ މަންޒަރު ބެލުންވީ ޝިއުރާ އަދި އަލައިކާއަށްވެސް އުނދަގޫވި ކަމަކަށެވެ. ލޯބިވާ ދަރިފުޅަށް އަނިޔޭވެ ތެޅެމުން ދިޔަ ގޮތް ބެލުންވީ ޝިއުރާގެ މައިލަނގޮޑިއަށް ކެއްވާވަރުގެ ކަމަކަށް ނުވިއެވެ. އަޑުން އަޑުނަގައި ނުރޮއެ ނަމަވެސް އޭނާއަށް ރޮވުނެވެ. ކައިރީގައި ހިތްވަރުދޭނެ ބަޔަކު ނެތްނަމަ އޭނާ މޮޔަވީހެވެ.
އިޝްމާ އާއި މާނީ އަލައިކާއަށް ހިތްވަރުދިނެވެ. އަލައިކާއަށް ރޮވެން ފެށުމާއެކު އިޝްމާ ކޮނޑުގައި ބޯއަޅާލިއެވެ. އަލައިކާއަކީ އޭނާ ސަޕޯޓު ކުރާ ކުޅުންތެރިއަކަށް އަނިޔާވިއަސް ދެރަވެގެން ރޯ ކުއްޖެކެވެ. އަދި ލޯބިވާ ފިރިމީހާއަށް އަނިޔާވުމުން ކިހާ ދެރަވާނެހެއްޔެވެ.
ވަގުތުން އަލްޔަސް ދަނޑުން ބާލައިގެން ހޮސްޕިޓަލަށް ގެންދެވުނެވެ. އަލްޔަސް ވަށްޓާލި ކުޅުންތެރިޔާއާއި ދިމާއަށް ޔޫސުފް ބަލައިލި ގޮތުން އެކުޅުންތެރިޔާ ފިއްސާލަފާނެހެން ހީވިއެވެ. ރުޅިގަދަ ވެގެން ގޮސް ޔޫސުފްގެ މޫނާއި ދެލޯ ވަނީ ރަތްވެފައެވެ. ޔޫސުފްގެ އެ ނަޒަރުން އެ ކުޅުންތެރިޔާ ޖެހިލުންވިއެވެ.
އަލްޔަސްއަށް ކުރި ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީ ޖެހީ ޔޫސުފްއެވެ. މަޑު މަޑުން ފޮނުވާލި ބޯޅަ ފެނު ޖެހިފައި ގޯލްތެރެއަށް ވަނެވެ. ޔޫސުފް އެލަނޑު ހަދިޔާ ކުރީ އަލްޔަސްއަށެވެ.
ރުއިމުގެ ތެރެއިންވެސް ޔޫސުފް ޕެނަލްޓީ ކާމިޔާބު ކުރުމުން އަލައިކާއަށް ހިނިތުންވެވުނެވެ. އަލްޔަސްއަށް ޔޫސުފް އެ ގޯލް ހަދިޔާ ކުރުމުން އުފާވިއެވެ.
ޔޫސުފް ގާތަށް ކުޅުންތެރިޔަކު ގާތްވިއަސް ނަވާރް އިންނަނީ ބިރުންނެވެ. ދެވަނަ ހާފް ފެށިގެން ދިހަ ވަނަ މިނެޓުގައި ކުޅުންތެރިޔަކު ޔޫސުފް ވައްޓާލުމާއެކު ނަވާރްއަށް ހަޅޭއްްލަވައި ގަނެވުނެވެ. އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުމާއެކު ލަދުން ހަލާކުވާވަރުވިއެވެ. އޭނާގެ ދޮން ކޯތާފަތް އެކީ ރަތްވެގެން ދިޔައެވެ. ތުންފަތުގައި ބާރަށް ދައިގަންނަމުން އިސްޖަހާލިއެވެ.
މެޗު ނިމިގެން ދިޔައީ ފަސް ލަނޑު ސުން ލަނޑުގެ ބޮޑުތަފާތަކުން ރާއްޖެއިން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި ޔޫސުފްވަނީ ހެޓްރިކް ހަދާފައެވެ. އަނެއް ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ. ޔޫސުފް ތަނަވަސްކޮށްދިން ފުރުސަތުތަކުން ދެލަނޑުވެސް ޖެހީ ޒެވިޔަންއެވެ. މެޗުގެ އެންމެ ފަހު ކަށިގަނޑު ރެފްރީ ފުމުމާއެކު ދިވެހިރާއްޖެ އެކީ އެކައްޗަކަށް އުފާފާޅު ކުރިއެވެ. ކުރިއަށް އޮތް ވޯލްްް ކަޕަށް ދިވެހިރާއްޖެ ވަރަށް ފުރިހަމަ ނަތީޖާއަކާ އެކު ކޮލިފައިވީއެވެ.
އަނިޔާގެ ސަބަބުން ތިންމަސް ދުވަހު ކުޅުމާ ދުރަށް އަލްޔަސް ދާން ޖެހުނެވެ. އަނިޔާގައި ހުރިއިރު އަލައިކާ އަދި މަންމަގެ ފަރާތުން ގުނާ އަދަދު ނުކުރެވޭ ވަރަށް ލޮތްބާއި އަޅާލުން ލިބުނެވެ. އޭނާގެ އާއިލާގައި މަންމަ ފިޔަވައި ދެންތިބި މީހުންނަށް ވުރެ އަލައިކާގެ އާއިލާއިން އޭނާގެ ހާލު ބެލިއެވެ. ޖަޕާނު މެޗަށް ފަހު، އޮސްޓްރިއާއި ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗުން ދޭއް ސުމެއްގެ ނަތީޖާއަކުން ރާއްޖެ މޮޅުވިއެވެ. އެ މޮޅު ކުޅުންތެރިން ހަދިޔާ ކުރީ އޭނާއަށެވެ. މެޗުގައި ނުކުޅެވުނު ނަމަވެސް ހިތަށް އުފާވެރިކަން ލިބުނެވެ.
އަލައިކާގެ ހުރިހާ ވަގުތެއް ހޭދަކުރީ އަލްޔަސްއަަށެވެ. އަލްޔަސްއަށް މީރުވާނެހާ އެއްޗެއް އަމިއްލަ އަތުން ކައްކައިގެން ކާންދިނެވެ. ޑޮކްޓަރަށް ދައްކަން ޖެހޭ ކޮންމެ ދުވަހަކު އަލްޔަސްއާއެކު ހޮސްޕިޓަލަށް ގޮސް ހަދައެވެ. އެ ހުރިހާ ކަމެއްވެސް އަލައިކާ ކޮށްދެނީ ނުހަނު ލޮތްބާއެކުއެވެ.
އިންޓަނޭޝަނަލް ބްރޭކް ނިންމާފައި އެނބުރި ލިވަޕޫލަށް ޔޫސުފް ދިޔައީ ހިތްހަމަ ޖެހިގެންނެވެ. ޤައުމީ ޓީމަށް ކުޅެދިން ތިން މެޗުގައިވެސް އޭނާ ވަނީ ލަނޑުޖަހައި އަދި ލަނޑުޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ. އަދި އޭޝިއާ ކުޅުންތެރިންގެ ލަނޑު ލިސްޓުގެ އެއް ވަނައަށް އަރާފައެވެ. ޕްރިމިއާރ ލީގުގެ ނިމިދިޔަ މަހުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް އޭނާއަށް ލިބުނެވެ. އޭގެ އިތުރަށް އޭނާއާ ނަވާރްގެ ގުޅުންވެސް ވަނީ ރަނގަޅުވެފައެވެ. ރަށްޓެހިނުވެ ލޯބިވާކަން ހާމަނުކުރިއަސް ދެ ލޯބިވެރިންހެން މެސެޖުކޮށް ހަދައެވެ. ހެނދުނު ހޭލާ ގޮތަށް މެސެޖް ކުރެއެވެ. ނިދަންވުމުންވެސް މެސެޖްކޮށްފައި ނިދަނީ ކަމުގައި ޔޫސުފް ބުނެއެވެ. ގަޑި ތަފާތުވި ނަމަވެސް ޔޫސުފްއާއި ވާހަކަ ދައްކަން ނަވާރް ހޭލާ އިނދެއެވެ. ރޭގަނޑުގެ ނިންޖަށް ވުރެ ޔޫސުފްއާއި ވާހަކަ ދައްކާލަން ނަވާރް މާ ބޭނުމެވެ.
ރޭގަނޑު ނުނިދުމުގެ ސަބަބުން ދުވާލު ގިނަ ވަގުތު ނަވާރް އިންނަނީ ނިދި އައިސްފައެވެ. އެހެންޏާ ހަވީރު ނުނިދާ ކުއްޖާ ހަވީރު ނިދަން ފެށިއެވެ. މަސަައްކަތުގައި އުޅެފައި އިވާން ހަވީރު އަންނައިރު ކޮންމެ ދުވަހަކުވެސް ނަވާރް އޮންނަނީ ނިދާފައެވެ. ބަދަލުވަމުން ދިޔަ ދަރިފުޅުގެ އާދަތަކާމެދު އިވާން ކަންބޮޑުވިއެވެ. ނަވާރް ކުއްޖަކާ ރަށްޓެހިވެގެން އުޅޭހެން އިވާންއަށް ހީވާން ފެށިއެވެ. އެހާ ޅަ އުމުރުގައި އެފަދަ ގުޅުމަކަށް ނަވާރް ދާކަށް އިވާން އެއް ގޮތަކަށްވެސް ބޭނުމެއް ނޫނެވެ.
“އިސްކޮ ބައްޕަ ވާހަކައެއް އަހާލަންތަ؟” ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން ދިޔަ ގަޑީ އިވާން ބޭނުންވީ އޭނާގެ ދަރިފުޅާ ސުވާލު ކުރާށެވެ. ނަވާރް ބޯ ޖަހައިލައި އާނއެކޭ ބުނުމުން އިވާން އެހީ ނަވާރް އުޅެނީ ކުއްޖަކާ ރަށްޓެހިވެގެންތޯއެވެ. އިވާން ކުރި ސުވާލުން ނަވާރް ކުޑަކޮށް ހުއްޓުން އެރި ނަމަވެސް ނުހަނު އަވަހަށް ނޫނެކޭ ބުނެ ދެފަރާތަށާ ބޯ ހޫރާލިއެވެ. ނަވާރް ދެކޮޅު ހެދުމުން އިވާން އިތުރަށް ސުވާލެއް ނުކުރެއެވެ. ދަރިފުޅު އޭނާއަށް ދޮގު ނުހަދާނެކަމަށާ ހިތް ބުންޏެވެ.
ކޭތަށިތައް ދޮވެ ބަދިގެތެރެ ކުޑަކޮށް ހަމައަކަށް އަޅުވައިފައި ނަވާރް ކޮޓަރިއަށް ވަނެވެ. އިވާން އޭމާނާ ކުރި ސުވާލު އަމިއްލަ ނަފްސާވެސް ކުރެވުނެވެ. އެ ސުވާލުގެ ޖަވާބަކީ ޚުދު އޭނާ އަމިއްލައަށްވެސް އޮޅުން ފިލުވަން ބޭނުންވާ ސުވާލެކެވެ. “ނޫން މިހިރަ މޮޔަ ނަވާރް. ޔޫސުފް ޔައިނާއާއި ރަށްޓެހިވެގެން އުޅޭއިރު ކިހިނެއް އަހަންނާ ރަށްޓެހިވާނީ؟ ހަމައެކަނި އެކުވެރިއެއްގެ ގޮތުގަ ޔޫސުފް އަހަންނާ ވާހަކަ ދައްކަނީ. ވީ އާރ ޖަސްޓް ފްރެންްްޑްސް!” ފަހުން ހިތަށް ތަދުވާން ބޭނުން ނުވާތީ ޔޫސުފް އޭނާ ދެކެނީ ގާތް އެކުވެރިއެއް ގޮތުގައި ކަން ނަވާރް ހިތަށް ވިސްނައިދިނެވެ.
ޗެމްޕުިއަންސް ލީގު ގަދަ ސޯޅައިގެ ދެވަނަ ލެގު ލިވަޕޫލްގައި ކުޅެވުނެވެ. ރިއަލްމެޑްރިޑް ކުރީގައި އޮވެގެން ފެށި މެޗު ނިމުނީ ކުއާޓާ ފައިނަލުން ލިވަޕޫލްޖާގަ ހޯދައިގެންނެވެ. ފުރަތަމަ ލެގާއި މި ލެގުގެ ތަފާތަކަށްވީ ފުރަތަމަ އެގާރައިގައި ކޯޗު ޔޫސުފް ހިމަނައިގެން ކުޅުންކަން އިދިކޮޅު ކުޅުންތެރިން އަދި ކޯޗުވެސް ފާހަގަ ކުރިއެވެ. މެޗު ފަށައިގެން ފުރަތަމަ ދިހަ ވަރަކަށާ މިނެޓު ބޯޅަ ހިފަހައްޓައިގެން ރިއަލް ކުޅުނެވެ. ނަމަވެސް ޔޫސުފްއަށް ބޯޅަ ލިބުނު ހިސާބުން އެބޯޅަ ނެރެން ޖެހުނީ ގޯލު ތެރެއިންނެވެ. މެޗުގެ ކުރީކޮޅު ޔޫސުފް ކާމިޔާބުކޮށާދިން ލަނޑުން ލިވަޕޫލް ކުޅުންތެރިންނާއި ސަޕޯޓަރުންގެ އުއްމީދު އާވިއެވެ. އެންފިލްޑް ދަނޑުގައި ކޮންމެފަދަ ގޮތެއް ވުމަކީވެސް ވެދާނެކަމެއް ކަމުގައި އެމީހުން ގަބޫލުކުރިއެވެ. ފުރަތަމަ ހާފު އެކެއް ސުމަކުން ނިމުނެވެ. ދެވަނަ ހާފުގައި ލިވަޕޫލުން ނުކުތީ ވަރުގަދަ އަަޒުމަކާއެކީއެވެ. ކަށިން ހިތްވަރު ނެރިގެން ވިއަސް ރިއަލް ބަލިކޮށް ކުއާޓާފައިނަލަށް ދިއުމަށް އަޒުމްކޮށްގެންނެވެ. އަހަރުތަކެއް ކުރިން ސްޕެއިންގެ ގަދަ ބާރު ބާސެލޯނާ ބަލިކުރި ފަދައިން ރިއަލްމެޑްރިޑްވެސް ބަލިކުރާށެވެ. ލިވަޕޫލްގެ ރަންޒަމާނުގައިވެސް އެމީހުންނަށް ރިއަލް ބަލި ކުރެވިފައެެއް ނެތެވެ. ތާރީޚު ބަދަލުކުރަން ހުރިހާ ކުޅުންތެރިންވެސް ވަރުގަދަ އަޒުމަކާއެކު ނުކުތެވެ.
އަމިއްލަ ދަނޑުގައި ސަޕޯޓަރުންގެ ސަޕޯޓާއިއެކި ލިވަޕޫލް ކުޅުންތެރިންނަށް ހީވީ ތަފާތު ބާރެއް ލިބިފައި ތިބި ހެންނެވެ. ވަކި ކުޅުންތެރިއެއްގެ ނަން ކިޔާނެ ކަމެއް ނެތެވެ. އެންމެ ކުރިއަށް ކުޅޭ ކުޅުންތެރިޔާއިން ފެށިގެން ގޯލު ކީޕަރުވެސް އެންމެ މޮޅު ކުޅުން ދައްކަމުން ދިޔައެވެ. މަޓެއޯ މެސީ ހުސްކޮށް ހުރެފައި ގޯލަށް ފޮނުވާލި ބޯޅަ ހުށިޔާރުކަމާއެކު މަތަކުރިއެވެ. ކްރިސްޓިއާނޯ ޖޭއާރގެ ޕެނަލްޓީވެސް މަތަކުރިއެވެ. އަނެއްކޮޅުން މެދުތެރެއިން ކުޅެމުން ދިޔަ ކުޅުންތެރިން ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދެމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން އޭރިއާ ބޭރުގައި ހުރެފައި ލިވަޕޫލްގެ މެދުތެރެއަށް ކުޅެމުން އަންނަ އޮލިވާރ އެލެން ބާރަށް ފޮނުވާލި ބޯޅަ ގޯލުގެ ތިރީކަނަށް ވަދެ ލިވަޕޫލުން ދެވަނަ ކަނޑު ކާމިޔާބު ކުރިއެވެ. އެވަގުތު މުޅި ދަނޑުއެކީ އެކައްޗަކަށް އުތުރި އަރައިގަތެވެ. މެޗުގެ އަށްޑިހަ ނުވަވަނަ މިނެޓުގައި ލިވަޕޫލަށް ހިލޭ ޖެހުމެއް ލިބުނެވެ. ޕެނަލްޓީ އޭރިއާ ރޮނގާއި ކައިރިން ލިބުނު ހިލޭ ޖެހުމަށް ތައްޔާރުވެގެން ތިބީ ޔޫސުފްއާއި އޮލިވާރއެވެ. ބޯޅަ ކައިރީ މަޑުކޮށްގެން ދެކުޅުންތެރިންވެސް ތިއްބެވެ. ރެފްރީ ކަށިގަނޑު ފުމެލުމާއެކު ޔޫސުފް ރީތި ހިލޭޖެހުމެއް ޖަހައިލިއެވެ. ބޯޅަ އޮޅެމުން އޮޅެމުން ގޮސް ގޯލު ތެރެއަށް އޮހިގެން ދިޔައެވެ. އެއީ މި ފަހަކަށް އައިސް ފެނުނު އެންމެ ރީތި ލަނޑަށް ވެގެން ދިޔައެވެ. ލަނޑާއެކު ލިވާޕޫލް ކުޅުންތެރިންނާއި ސަޕޯޓަރުންް ހީވީ ދަނޑު ވައްޓާލަން އުޅުނުހެންނެވެ. ސަޕޯޓަރުންގެ ތެރެއިން އެއް ބަޔަކު ޔޫސުފްއަށް ލަވަ ކިޔަމުން ދިޔައެވެ. ކުޅުންތެރިން އައިސް ޔޫސުފް ގަޔަށް އަރައިގަތެވެ. ރިއަލް ކުޅުންތެރިން މާޔޫސްވެ ބައެއް ކުޅުންތެރިން ލޮލުން ކަރުނަ ހިލުނެވެ. އުނގަނޑުގައި ދެއަތް އަޅުވައިގެން މާޔޫސު ގޮތަކަށް މަޓެއޯ މެސީ އިނެވެ. އޭނާގެ ލޯ ކަރުނައިން ފުރެމުން ދިޔައެވެ. އެވަގުތު އަހަރުތަކެއް ކުރީގެ ހަނދާންތައް އާވަމުން ދިޔައެވެ. ހަމަ އެ ދަނޑުގައި ފުރަތަމަ ލެގުގައި ބަލިވެފައި އޮއްވައި ފަހަތުން އަރައި ލިވަޕޫލުން ބާސެލޯނާ ބަލި ކުރި ރޭގެ ހަނދާންތަކެވެ. އެރޭ އޭނާގެ ބައްޕަ ކަރުގައިލީ ހިތިރަހަ މިރޭ އޭނާވެސް ލާން ޖެހުނީއެވެ. ދެރަވެގެން ގޮސް މީހާ ހަލާކުވަން ކައިރިވިއެވެ. އެވަގުތު ހިތަށް ވަމުން ދިޔަ ތަދު ބަޔާންވެސް ނުކުރެވޭނެއެވެ. ކްރިސްޓިއާނޯ ޖޭއާރުވެސް ވިނަގަނޑު މަތީ އިށީންދެލައިގެން އިނެވެ. ވީ ދެރައިން ގިސްލާފައި ރޮވުނެވެ.
މެޗު ނިމިގެން ދިޔައީ ތިނެއް ސުމަކުން ލިވަޕޫލް މޮޅުވެގެންނެވެ. އެގްރިގޭޓުން ހަތަރެއް ހަތަރަކުން އެއް ވަރުވެ އަވޭ ލަނޑުން ލިވަޕޫލް މޮޅުވީއެވެ. ރިއަލް ކުޅުންތެރިންނާއި ސަޕޯޓަރުންގެ ހިތްތައް ކުދި ކުދިކޮށްފައެވެ.
“ދެރަވެސްވޭ އެބަ އުފާވެސް ވޭ. މަޓެއޯ ރޯތަން ފެނުނީމަ ހިތްހަލާކުވާ ވަރުވޭ. ކޮއްކޮއަށް އުފަލެއް ލިބުނީމަ އުފާވެސް ވޭ. އާހްއާހް ކީއްވެތަ މިހާ ކޮމްޕިލިކޭޓްއީ!” އަލައިކާ އޮތީ އަލްޔަސް ކޮނޑުމަތީ ބޯ އަަޅައިލައިގެންނެވެ. މެޑްރިޑު ބަލިވެ މަޓެއޯ މެސީ ރޯތަން ފެނުމުން ދެރަވިއެވެ. އަނެއްކޮޅުން ކޮއްކޮގެ މޮޅު ކުޅުމާއެކު ލިވަޕޫލް މޮޅުވުމުން އުފާވެސް ވިއެވެ. މެޗު ބެލިގަޑީ ސަޕޯޓު ކުރަންވީ ކޮންބަޔަކަށް ކަމެއްވެސް އޭނާއަކަށް ނޭންގުނެވެއޭނާގެ ހިތް ދެފަޅިކޮށް ދެޓީމަށް ވެސް ސަޕޯޓްކުރިއެވެ.
“މިއީ ހަމަ ހުރިހާ ކުޅުންތެރިންގެވެސް މަސައްކަތް. ހަމަ ވަރަށް އުފާވޭ. އަހަރުމެން މިރޭ މެޗުން މޮޅުވެ އަލުން ތާރީޚު ތެރެއަށް ވަދެވުނީމަ. އޭގެ ތެރޭގަ އަހަރެން ހިމެނޭތީވެސް އުފާވޭ. ހުރިހާ ކުޅުންތެރިންވެސް މޮޅުވުމުގެ ރޫހުގަ ކުޅުނީވެސް. ކޯޗުވެސް ވަރަށް ހިތްވަރުލައިދިން އަދި ކުރީގަ ބާސާއާ އެއްކޮށް މޮޅުވިއިރުގެ ތަޖުރިބާތައްވެސް ހިއްސާކުރި. މި މޮޅަކީ ހަމައެކަނި އަހަރެންގެ މޮޅުކަމުން ވީ މޮޅެއްނޫން. މުޅި ޓީމާ ސަޕޯޓަރުންގެ ވެސް މަސައްކަތް. މި އެވޯޑް ހުރިހާ ކުޅުންތެރިންނަށްވެސް ހައްޤު އެއީ އެއިން ކޮންމެ ކުޅުންތެރިއަކު އެމީހެއްގެ ސަތޭކަޕަސެންޓް ދެއްކި” މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ ޔޫސުފްއަށެވެ. އެމަޤާމު އޭނާއަަށް ލިބުނަސް ޔޫސުފް ގަބޫލު ކުރާ ގޮތުގައި އެ މެޗުން މޮޅުވެވުނީ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް މަސައްކަތްކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުމުން ލިބުނު އެވޯޑް އޭނާ ހަދިޔާ ކުރީ އޭނާގެ އިތުރަށް މެޗުގައި މޮޅު ކުޅުމެއް ދެއްކި ޓީމުގެ ގޯލް ކީޕަރު އަދި ކެޕްޓަންކަމަށްވާ ޖޭމްސް ވިލިއަމްސަންއަށެވެ.
ނުނިމޭ
6 Comments!
Comments are closed.
Salam. Here is the 42nd part of rastha2. I am sry fr the delay. Wifi slow vegen vaahaka up vun lasvu. Next part In Sha Allah Saturday noony sunday ga.
Miadhu rajjeyge Maziya in vany sarahadhuge gadha baareh kamah vaa Bengaluru Fc vaadhaveri kulhumakah fahu e club balikoh AFC cup ah qualify vefa. Miee rahjjeyge football ah libunu varah bodu kurierumeh. Maaziya ge muhli team ah varah bodah maruhaba.
Siss ….. Story varah Varah Reethi ingyy ? ? curiously waiting for the nxt part ????Luv yeahhhh ❤️❤️❤️?????✌️✌️
Varah reethi mi part vx….waiting for the nxt part….
Wow this story and this part is awesome keep it up
When next
Waitingggggg
Varah Varah Varah reethi ????????????????
maa sha Allah ❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤
waiting for the next part ????????????????????????????
Great