ފަސް ސިކުންތު
އަމާޒު
ރިހުން އެކުލެވިފައިވީ ނަމަވެސް، ލޯތްބަކީ ފޮނި އެއްޗެކެވެ. އަހަންނަށް އެނގެއެވެ. އެކަން އިޙްޞާޞްކުރެވެއެވެ. ތެދެކެވެ. މަދު ބަޔަކަށް މެނުވީ ފުރަތަމަ ލޯތްބެއް ނުލިބޭނެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެމީހުންގެ ބަދު ނަޞީބުކަމުން ބާވައެވެ؟ ނުވަތަ ހަމަ ތަޤްދީރުގައި އެގޮތަށް ހަމަޖެހިފައި އޮތުމުން ބާވައެވެ؟
އަހަންނަކީވެސް އެފަދަ މީހެކެވެ. ފުރަތަމަ ލޯބީގެ އުފަލުން މަޙްރޫމްވެފައިވާ މީހެކެވެ. އެންމެ ލޯބިވާ މީހާ ނުލިބުނު މީހުންގެ ލިސްޓަށް އަހަރެންގެ ނަންވެސް އެރީއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ހިތަށް އަރައެވެ. އަހަންނަށް މިހެންވާންވީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް ހެދުނީ ކޮން ގޯހެއް ބާވައެވެ؟ އެޅުނީ ކޮން ޅަ އެއްޗެއްހެއްޔެވެ؟ ކުރެވުނީ ކޮން ކުށެއް ބާވައެވެ؟ ތެދެކެވެ. އަހަރެން ކުށެއް ނުކުރަމެވެ. ބޭވަފާތެރިއެއް ނުވަމެވެ. ނުވެސްވާނަމެވެ. ދުވަހަކުވެސް މެއެވެ.
އަހަންނަށް އަދިވެސް ޤަބޫލެއް ނުކުރެވެއެވެ. ޔުމުނާ ދޮގު ހެދި ސަބަބެވެ. އޮޅުވާލަންޖެހުނު ގޮތެވެ. އަހަރެންގެ ފަރާތުން ޔުމުނާއަށް ފެނުނީ ކޮން ކުށެއް ބާވައެވެ؟ ގޯސްކޮށް ކުރެވުނީ ކޮން ކަމެއް ބާވައެވެ؟ އަހަންނަށް އެނގެއެވެ. އަހަރެން ދޮގެއް ނަހަދަމެވެ. އޮޅުވައެއް ނުލަމެވެ. މަކަރެއް ނަހަދަމެވެ. ޚިޔާނާތެއް ނުވަމެވެ. އަހަންނަށް އެނގިގެން އެއްވެސް ގޯސްކަމެއް އަހަރެންގެ ފަރާތުން ޔުމުނާއަށް ފެނިފައެއް ނޯންނާނެއެވެ. ނުވެސް ފެންނާނެއެވެ. މާޒީގައެވެ. އަދި މުސްތަޤްބަލުގައެވެ. ދުވަހަކުވެސް މެއެވެ.
އަހަރެން އިނީ އާޓިފިޝަލް ބީޗުގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެންނެވެ. ޚިޔާލުތަކަށް ގެއްލިފައެވެ. ގޮނޑުދޮށަށް ބީއްސާލަމުންދާ ރާޅުތަކުގެ ތެރެއިންވެސް އަހަންނަށް ޔުމުނާގެ މޫނު ފެންނަ ކަހަލައެވެ. އެހިނިތުންވުން ސިފަ ކުރެވޭ ކަހަލައެވެ. ރަތްވިލާތަކުގެ ތެރެއިން އެމޫނުގެ ހަން އޮމާންކަން ފާޅުވާ ކަހަލައެވެ. އަހަންނަށް ހަނާ އަޅާހެންވެސް ބައެއް ފަހަރު ހީވާ ކަހަލައެވެ. ހިނިތުންވެ ގޮވާލާހެންވެސް ހީވެއެވެ. ތެދެކެވެ. އަހަރެން މިހުރީ ދީވާނާ ވެފައެވެ. މޮޔަވެފައެވެ. އާވާރާވެފައެވެ. ޔުމުނާއަށްޓަކައެވެ. ޔުމުނާގެ ލޯތްބަށްޓަކައެވެ.
ދެންމެ ދެންމެވި ކަމެއްހެން އަހަރެން އަދިވެސް ހަނދާން އެބަހުއްޓެވެ. ޔުމުނާއާއި ބައްދަލުވި ދުވަހެވެ. އެއީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިއެވެ.
އަހަންނަށް ޔުމުނާ ފެނުނީ ޔުމުނާގެ ރަށުންނެވެ. އޮފީސް ދަތުރެއްގައި ގޮސް އުޅެނިކޮށެވެ. އެއީވެސް މިކަހަލަ ހަވީރެކެވެ. ރަށުތެރެ ބަލާލުމަށްޓަކައި އަހަރެން ހިނގާލަން ނިކުތީމެވެ. އެކަންޏެވެ. ހިނގަމުން އަތިރިމައްޗަށް ދަނިކޮށް އަހަންނަށް ޔުމުނާ ފެނުނެވެ. އަހަރެން ފެނުމުން ޔުމުނާ ހިނިތުންވެލިއެވެ. އެވަގުތުން ފެށިގެން އަހަރެންގެ ހިތުގައި އެސޫރަ ފެވުނެވެ. އެރީތި ދެލޮލެވެ. ދިގު އެސްފިޔަ ތަކެވެ. ފިޔާތޮށި ކުލައިގެ ތުނިތުނި ނާޒުކު ތުންފަތެވެ. އަހަރެންގެ ހިތުގެ ފުންމިނަށް އަސަރުކުރިއެވެ. އެހިނދުން ފެށިގެން އަހަރެންގެ މިލްކަކަށް ޔުމުނާ ހަދަން އަހަރެން ވަރަށް ބޭނުންވިއެވެ.
ގެއަށް އައިއިރުވެސް، އަހަރެންގެ ހިތުގައިވަނީ ޔުމުނާއެވެ. ހިތަށް އެރިއެވެ. އެހިނިތުންވުމުގެ މާނައަކީ ކޮބައިހެއްޔެވެ؟ ލޯބީގެ ދަޢުވަތު ހެއްޔެވެ؟ ނޫނީ ހަމަ ހިތްހެޔޮކަމުގެ ނިޝާނެއް ބާވައެވެ؟ ތެދެކެވެ. އަހަންނަށް އެ ހިނިތުންވުން ފާހަގަ ކުރެވުނީ ލޯބީގެ ނިޝާނެއްގެ ގޮތުގައެވެ. ފޮނުވި ފެހި ސިގްނަލެއްގެ ގޮތުގައެވެ. ހިތަށް އެރިއެވެ. އަހަންނަށް އެކަން ވާނެބާވައެވެ؟ ޔުމުނާ ލިބޭނެ ބާވައެވެ؟ މައްސަލައެއް ނެތެވެ. މަސައްކަތް ކުރެވިދާނެ ނޫންހެއްޔެވެ؟ ލިބުން ނުލިބުން އެނގޭނީ އޭރުންނެވެ. މީހުން ބުނާތީ އަޑުއަހަމެވެ. ހިނިވެސް ފަރުބަދަ ކަނޑައެވެ. އަހަންނަށްވެސް މިކަން ހަމަ ވެދާނެ ނޫން ހެއްޔެވެ؟
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޔުމުނާގެ ހުރިހާ މަޢުލޫމާތެއް އަހަރެން އެއްކުރީމެވެ. ރައްޓެއްސެއްގެ އެނހީގައެވެ. އަދި މަޑުމަޑުން ޔުމުނާއާއި ރައްޓެހިކަން ބާއްވަންފެށީމެވެ. އޭގެ ފަހުން، އެގެއަށް އައުމުގެ ދަޢުވަތު ޔުމުނާ އަހަންނަށް ދިނެވެ. އަހަރެން ހުރީ އުފަލުންނެވެ. އެފަދަ ފުރުޞަތެއް ލިބުމުންނެވެ.
އެއް ރެއެއްގެ ރޭގަނޑެވެ. އަހަރެން ހުރީ ޔުމުނާގެ ގޭގައެވެ. ސިޓިންގ ރޫމްގައެވެ. އެގޭ އެންމެންވެސް ތިއްބެވެ. ޔުމުނާވެސް އިނެވެ. އަހަރެން ވައްކަޅިން ޔުމުނާއަށް ބަލަމުން ގެންދިޔައީމެވެ. ވަރަށް ރީއްޗެވެ. އަހަރެން އެންމެ އަޅައިގަތީ ޔުމުނާގެ އެ ހަން އޮމާން މޫނުގައެވެ. އެމޫނުގައި ލަފެއް ލަކުނެއް ނެތެވެ. ޔުމުނާ ދެކެ އަހަންނަށް އެހާ ލޯބި ވެވުނު ސަބަބަކީވެސް އެއީއެވެ.
އަހަރެން ހުރީ ވަރަށް ވާހަކަ ދައްކާ ހިތުންނެވެ. އެކަމަކު، ގޭގެ ހުރިހާ މީހުން ތިބުމުން އެއްވެސް ވާހަކައެއް ނުދެއްކުނެވެ. ބައެއް ފަހަރު، ޔުމުނާގެ މޫނުމަތިންވެސް ލޯބީގެ ނިޝާންތައް ފާޅުވާހެން އަހަންނަށް ހީވިއެވެ. ޔުމުނާ ބަލަމުން ދިޔަ ގޮތުންނެވެ. ހިތަށް އެރިއެވެ. ޔުމުނާއާއި ވަކިން އެކަނި ބައްދަލު ކުރަންވީއެވެ. ހިތުގެ އެދުން ހާމަ ކުރަންވީއެވެ. ލޯބިވާވަރު ބަޔާންކޮށްދޭންވީއެވެ. އެންމެފަހުން، އަހަރެން ނިންމީ ޔުމުނާއާއި އެކަނި ބައްދަލުކުރުމަށެވެ.
އަހަރެން ޔުމުނާ އާއި ބައްދަލުރީ ދެތިން ދުވަސް ފަހުންނެވެ. އެކަނި މާ އެކަންޏެވެ. ރައްޓެއްސެއްގެ އެނހީ ހޯދައިގެންނެވެ.
” ރައްޓެއްސަކު ބުނި ނާއިފް ބުންޏޭ، އަހަރެންދެކެ ވަރަށް ލޯބިވެޔޭ! ތެދެއްތަ އެއީ؟” ޔުމުނާ ސުވާލުކޮށްލިއެވެ.
” އާނ. އަހަރެން ބުނިން. ވަރަށް ލޯބިވޭ ޔުމުނާ ދެކެ. މިބުނީނު ކުރިމަތީގަވެސް. ބޭނުމިއްޔާ މާލެ ގޮސްފައި އަންނާނަން އިންނަން.” އަހަރެން ސާފްކޮށް ބުނީމެވެ.
” އަހަރެން އުޅެނީ މީހަކާއި ރައްޓެހިވެގެން. އެކަމަކު އޭނާއަށްވެސް އަހަރެން އިތުބާރެއް ނުކުރަން.” ޔުމުނާ ބުނެލިއެވެ.
” އަހަރެންގެ ކުރިމަތީގައި ދިރިއުޅުމަކީ ކުޅޭ ކުޅޭ ކުޅިވަރެއްނޫން. އެވާންޖެހޭނީ ހަރުދަނާ ދިރިއުޅުމަކަށް.” އަހަރެން ސީރިއަސް ރާގެއްގައި ބުނެލީމެވެ.
ޔުމުނާވެސް އެކަމާއި އެއްބަސްވިއެވެ. ލޯބިން އަހަންނާއި ގުޅުމަށް ނިންމިއެވެ. އަހަރެން ވަރަށް އުފާވިއެވެ. ހިތް އުފަލުން ފުރުނެވެ. ވާނީވެސް އެހެންނެވެ. އެންމެ ލޯބިވާ މީހާ، ލޯބިވާ ވާހަކަ ބުނުމުން އުފާ ނުވާނީ ކާކު ހެއްޔެވެ؟ މަޑުމަޑުން އަހަރެމެން ދެމީހުންގެ ގުޅުން ބަދަހިވަމުން ދިޔައެވެ. އެހެނަސް، އެހާ ގިނައިން ބައްދަލެއް ނުވެއެވެ. ވާނީވެސް އެހެންތާއެވެ. އަހަންނަކީ ޔުމުނާގެ ރަށަށް އަރާ ހުރި ބީރައްޓެސެކެވެ. ޔުމުނާއަކީ މުޅި ރަށުގައިވެސް ހުރި އެންމެ ރީތި އަންހެން ކުއްޖާއެވެ. ވީއިރު، ބައެއް ކަންތައްތައް ޖެހޭނީ ވަރަށް ބަލައިގެން ކުރާށެވެ. އެހެން ނޫނީ ނިކުންނާނީ ބައިވަރު އެހެން ބޮޑެތި މައްސަލަތަކެކެވެ.
އެއް ރެއެވެ. އަހަރެން ހުރީ ޔުމުނާގެ ކައިރީގައެވެ. ވަރަށް ކައިރީގައެވެ. އަހަރެމެން ދެމީހުންވެސް ދެއްކީ ދިރިއުޅުމުގެ ވާހަކައެވެ. ޔުމުނާވެސް، އަހަރެންދެކެ ލޯބިވާވާރު ހާމަކުރިއެވެ. އަހަރެންވެސް ހަމަ އެގޮތަށް ބަޔާންކުރީމެވެ. އަދި ޔުމުނާއާއި ވަރަށް ގާތަށް ޖެހިލީމެވެ. ހިތުގެ ވިންދުގެ އަޑުވެސް އިވޭ ހިސާބަށެވެ. ދެން ދިޔައީ ހަމަ ހިމޭނުގެ ސިކުންތުކޮޅެކެވެ. އަހަރެންގެ ހިތް އުފަލުން ފުރި ބަންޑުންވި ކަހަލައެވެ. ހުރިހާ އުފަލެއް އެވަގުތު ކޮޅުގައި ލިބުނު ކަހަލައެވެ.
ޔުމުނާގެ މޫނު މަތިން ހިތާވެރިކަން ފާޅުވިއެވެ. އަހަރެން މާލެ ދާން ޖެހޭތީއެވެ.
” ދެރަނުވޭ! ވަރަށް އަވަހަށް އިންނަން އަންނާނަން.” ޔުމުނާގެ ދަތްދޮޅީގައި ހިފާ ހިއްލާލަމުން އަހަރެން ބުނީމެވެ.
ޔުމުނާ ހިނިތުންވެލިއެވެ. އެއީ އާނއެކޭ ބުނުމުގެ ގޮތުންވި ހިނިތުން ވުމެއް ބާވައެވެ. އަހަރެންގެ ހިތަށް އެރިއެވެ.
ދެދުވަސް ފަހެވެ. އަހަރެން ހުރީ މާލޭގައެވެ. މާލެ އައިސް ފުރަތަމަވެސް އަހަރެން ގުޅީ ޔުމުނާއަށެވެ. ޔުމުނާ އަށް ގުޅުނީ ވަރަށް މަސައްކަތުންނެވެ. އެއީ ވާނެގޮތެވެ. ޔުމުނާ އާއި ވާހަކަދައްކަން ބޭނުމިއްޔާ ގުޅަން ޖެހޭނީ ފޯނު ބޫތަށެވެ. އެއީ ފޯނު ބޫތުގެ ޒަމާނެވެ.
” ކޮބާތަ ކިހިނެއް؟” އަހަރެން ހެމުން އަނހާލީމެވެ.
” ރަނގަޅު.” ޔުމުނާ ދިނީ ކުރު ޖަވާބެކެވެ.
” ކިހާތާކު އިންނަން ދާންވީ؟” އަހަރެން އަވަސް އަވަހަށް ސުވާލުކޮށްލީމެވެ.
” އޭނ. ކީކޭ؟ އަހަރެން މިއުޅެނީ އެހެން މީހަކާއި އިންނަން. ބުނީމެއްނު އެހެން މީހަކާއި ރައްޓެހިވެގެން އުޅޭ ވާހަކަ. އޭނައާއި އިންނަން މިއުޅެނީ.” ޔުމުނާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ހަމަޖެހިގެންނެވެ.
” އަސްލުވެސްތަ؟ އަހަރެން ހިޔެއް ނުކުރަން ޔުމުނާ ތިހެން ހަދާނެކަމަށް. އަހަރެން ޔުމުނާދެކެވީ ޙަޤީޤީ ލޯބި. ތިހެން ހެދުމުން ވަރަށް ދެރަވެއްޖެ. މީއީ ދިރިއުޅުން. މިއީ ފިލްމެއް ނޫނޭ.” އަހަރެން ހުރީ ވަރަށް ހިތުގައި ޖެހިފައެވެ.
” އަހަރެން ހިޔެއް ނުކުރަން އަސްލު ނާއިފް އަހަރެންދެކެ ތިހާ ލޯބިވާނެކަމަކަށް. އެކަމަކު މިހާރު އެނގިއްޖެ ލޯބިވާވާރު. އަދި ވަރަށް ދެރަވެސް ވެއްޖެ. ދޮގުހެދުނީމާ. އަނެއްކޮޅުން އޭނާއަށްވެސް ދެރައެއް ދޭކަށް ބޭނުމެއްނޫން. ކުރިން ލޯބިވީ އޭނާ. އެކަމަކު، އަހަރެން ކިހިނެއް ދެމީހުންނާއި އިންނާނީ.” ހެމުން ހެމުން ޔުމުނާ ބުނެލިއެވެ.
” ކުރިން ތިވާހަކަ ބުނިނަމަ ކިހާ ރަނގަޅުވީސް.” އަހަރެން އަވަހަށް ފޯން ކަނޑާލީމެވެ.
ތެދެކެވެ. ކުށްވެރިޔަކީ އަހަންނެވެ. ޔުމުނާ ފެނުމާއެކު ހިތްދެވުނީއެވެ. ކާކުކަން ބަލާނުލައެވެ. ރީތި ވުމުންނެވެ. ޔުމުނާގެ ފަރި ހިނިތުންވުމުގެ ޖާދޫގައި ޖެހިގެންނެވެ. އެހިނިތުން ވުމުގެ މާނައަކި ލޯބިކަމުގައި ހީކުރެވުމުންނެވެ. ހިނިތުންވުމަކުން ލޯތްބެއް ނުފެށޭނެއެވެ. ލޯބިފެށޭނީ ލޯބިންނެވެ. އަހަރެން ދެރަވީ އެންމެ ކަމަކާއެވެ. ޔުމުނާ އަހަންނަށް ފުރުޞަތު ދިނުމުންނެވެ. މަދު ހިނދުކޮޅަކަށް ނަމަވެސް، އަހަރެންގެ ހިތުގައި ފިރުމުމުންނެވެ. އެކަމަކު މިހާރު ހިތަށް އަރައެވެ. އެވަގުތު ކޮޅުގެ ބޭނުން ނުހިފުނު ނަމައެވެ. ހިތަށް އަރައެވެ. އަހަރެންގެ ޙަޔާތުގައި އެފަސް ސިކުންތު ނައިނަމައެވެ.
3 Comments!
Comments are closed.
V V V reethi??????
Haadha loabi ge vaahaka ekey
Thank you