ރާސްތާ2 (39)
އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަަޤާމު ލިބުނީ ޔޫސުފްއަށެވެ. ލިވަޕޫލްގެ ކޯޗު ރޮބާރޓޯ ފިރްމިނޯގެ ތައުރީފުގެ އިތުރަށް ހެރީކޭންގެ ތައުރީފުވެސް ޔޫސުފްއަށް ލިބުނެވެ. މޭން އޮފް ދި މެޗް އެވޯޑް އޭނާ ދިނީ މާނީއާއި އާރާޝް އަތަށެވެ.
***
ދުވަހަކު ޕްރިމިއާރ ލީގު މެޗެއް ނުބަލައި ނަވްރާ އެ މެޗު ބެލިއެވެ. ޔޫސުފް ލިވަޕޫލަށް ބަދަލުވުމާއެކު ހުރިހާ ސޯޝަލް މީޑިއާ އެކައުންޓަކުން ލިވަޕޫލަށް ފޮލޯކުރަން ފެށިއެވެ. މެޗުތައް އޮންނަ ގަޑިއާ ފުރަތަމަ އެގާރަ ބަލައި ހެދިއެވެ. މެޗު ފެށުމުގެ ކުރިން އޮތް ޕްރީޝޯވގައި ވާހަކަ ދެއްކި ދެ އެނަލިސްޓުންވެސް ކޯޗު ޔޫސުފްގެ ބޭނުން މެޗުގެ ކޮންމެ ހިސާބެއްގައި ކުރާނެކަން ޔަޤީން ކަމާއެކު ބުންޏެވެ. މެޗު ފެށުނީންސުރެ ޝައުޤުވެރިކަމާއއކު ނަވާރްއަށް ބަލަން އިނދެވުނީ އެހެންވެއެވެ. ދޭތެރެ ދޭތެރެއިން ބެންޗުގައި އިން ޔޫސުފް ދައްކާލުމުން ނަވާރްއަށް ހިނިތުންވެވެއެވެ. ޔޫސޫފް ވާމްއަޕްވާން ދިޔަ ވަގުތުވެސް އުފަލުން ކުޑަކޮށް އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ. ޔޫސުފް ދަނޑަށް އަރަން ދިޔަ ވަގުތު ކޮމެންޓޭޓަރުން ޔޫސުފްއަށް ކުރި ތައުރީފުން ޔޫސުފްއާ މެދު އޭނާ ފަޚުރުވެރިވިއެވެ. ދަނޑަށް އެރިގޮތަށް އަމިއްލަ މަސައްކަތުން ބޯޅަ ހޯދައިގެން ޔޫސުފް ޖެހި ލަނޑުން މުޅިން އޭނާ ހައިރާންކޮށްލިއެވެ. އެ ހައިރާންކަންމަތީ ހުއްޓައި ޔޫސުފް ދެވަނަަ ލަނޑުވެސް ކާމިޔާބު ކުރިއެވެ. މޮޔަ އަންހެން ކުއްޖެއްހެން ނަވާރް ޓީވީއާ ވާހަކަ ދެއްކިއެވެ. ޔޫސުފް ހެޓްރިކް ހެދުމާއެކު ނަވާރްއަށް ފުންމާލެވުނެވެ. އަދި ޔޫސުފްއަށް ފްލައިން ކިސްއެއްވެސް ފޮނުވާލިއެވެ. ނަމަވެސް ލަނޑު ޖަހައިގައި ޔޫސުފް ދިޔަގޮތަށް ގޮސް ކެމެރާ ކުރިމަތީ ޔައިނާ ގައިގައި ބައްދާލުމުން ނަވާރްގެ ހިތް ފުނޑުފުނޑުވެގެން ދިޔަ ފަދަ އިހްސާސްތަކެއް ކުރެވުނެވެ. ލޮލަށް ކަރުނަ ޖަމާވުމުން ލަސް ލަހުން ސޯފާގައި އިށީނެވެ. އެ މަންޒަރު ފެނުމަށްފަހު ޓީވީން ފަހުން ދެއްކި އެއްވެސް އެއްޗެކަށް ސަމާލުކަމެއް ނުދެވުނެވެ. ސޯފާގައި ބޯ އަޅައިގެން އޮވެ އެތައް އިރެއް ވަންދެން ރުއެވެ.
ބާށާރުން އައިސް ގެއަށް ވަން އިވާންގެ ހިތަށް ބިރުވެރިކަން ވަނީ ސޯފާގައި ބޯ އަޅައިގެން ރޯން އޮތް ނަވާރް ފެނިފައެވެ. ބާޒާރު ކޮތަޅުތައް ބިންމަތީގައި ބަހައްޓާފައި އިވާން ގޮސް ދަރިފުޅަށް ވީ ކިހިނެއްތޯ ބެލިއެވެ. ފުޓުބޯޅަ ޗެނަލްއެއް ނަވާރް އަޅުވައިގެން އޮތުމުން އޭނާ ހައިރާންވެސް ވިއެވެ. “އިސްކޮ ކިހިނެއްވީ؟ މީހަކު އެއްޗެކޭ ބުނީތަ؟ ބައްޕަ ގޭގައި ނެތްގަޑީގައި އަނެއްކާ މީހަކު އައީތަ؟” ކަންބޮޑުވުމާއެކު އިވާން އެހިއެވެ. ދަރިފުޅު އަތުގައި ހިފައި އޭނާ އަތުގެ ހިމާޔަށް ދަރިފުޅަށް ދިނެވެ. އިވާން ހިތުގައި ބިރުވެރިކަން އުފެދުނެވެ. ދަރިފުޅަށް އެއްވެސް ގެއްލުމެއް ވާކަށް އޭނާ ނޭދެއެވެ. “ނޯ އައި އޭމް ފައިން. އެއީ ދެންމެ ފިލްމެއް ބެލީ ދެރަވާ ފިލްމެއް އެހެންވެ ރޮވުނީ!” އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ނަވާރް ބައްޕައަށް ހިނިތުންވެލިއެވެ. އިވާން މޭގައި އަތް އަޅާފައި ފުންނޭވައެއް ދޫކޮށްލިއެވެ. “ދަރިފުޅު ދެން އެހެން ނުރޮއްޗޭ. ބައްޕައަށް ކިރިޔާ ހާޓްއެޓޭކެއް ނުޖެހުނީ!” ދަރިފުޅުގެ ނިތުގައި ބޮސްދީފައި ވަރިބަލިވެފައި ހުރުމާއެކު އިވާން އޭނާގެ ކޮޓަރިއަށް ދިޔައެވެ.
ނަވާރް މޫނު ދޮވައިލައިގެން އައިސް ފޯނުން އިންސްޓަގްރާމަށް ވަދެލިއެވެ. އޭނާ ފޮލޯ ކުރާ ބައިވަރު ކުދިން ޔޫސުފް ޓެގްކޮށްފައި ސްޓޯރީއަށް ލައިފައި ހުއްޓެވެ. ބައެއް މީހުން ޔައިނާ ގައިގައި ޔޫސުފް ބައްދައިގެން ހުރި ފޮޓޯ ލާފައި ތައުރީފުގެ ބަސްތައް ލިޔެފައި ހުއްޓެވެ.
ނަވާރް ޔޫސުފްގެ އެކައުންޓަށް ގޮއްސައި މެސެޖަސްއަށް ދިޔައެވެ. ޔޫސުފް އޭނާއަށް ލޯބި ހުށަހެޅުމުގެ ކުރިން ފުދޭވަރަކަށް ގިނަ ވާހަކަ އިންސްޓަގްރާމުން ދައްކާފައި ހުއްޓެވެ. އެ މެސެޖުތައް ފެށިގެން ނިމެންދެކަށް ނަވާރް ކިއެވެ. އޭނާގެ ތުންފަތްމަތީގައި ލުއި ހިނިތުންވުމެއް ވިއެވެ. މެސެޖުތައް ކިޔާ ނިމުމުން އަވަސްވެފައިވި ހިތަކާއެއްކޮށް ނަވާރް އާ މެސެޖެއް ޔޫސުފްއަށް ފޮނުވިއެވެ.
މެޗު ނިންމާފައި ގެއަށް އައިސް ހަމަޖެހިލެވޭވަރުވީ ރޭގަނޑުއެވެ. އާއިލާއާ އެއްކޮށް ކުޑަ ވަގުތުކޮޅެއް ހޭދަކޮށްފައި ޔޫސުފް ނިދަންވަނެވެ. އެނދަށް އަރާފައި އޭނާ ވައިފައި ޖައްސާލުމާއެކު ނޮޓިފިކޭޝަންތައް ފުލުފުލުގައި އަންނަން ފެށިއެވެ. އަލައިކާއާއި ޔާޒް އަދި އައިރާވެސް ބައިވަރު މެސެޖްކޮށްފައި ހުއްޓެވެ. އިންސްޓަގްރާމުން ވެސް އެތައް ބައިވަރު މީހުން ސްޓޯރީގައި އޭނާ މެންޝަންކޮށްފައި ހުރިކަމުގެ ނޮޓިފިކޭޝަންވެސް އަންނަމުން ދިޔައެެވެ. އިންސްޓަގްރާމްގެ ޑީއެމްސްއަށް ދިޔައިރު އެންމެ މަތީގައި އިން ނަވާރްގެ މެސެޖްފެނުމާއެކު ޔޫސުފް އެ ބެލިއެވެ. ނަވާރްގެ މެސެޖަށް ލައިކެއްދީފައި ޝުކުރު އަދާކުރިއެވެ.
ފަތިސް ނަމާދަށް ހޭލައިފައި ނަވާރް އެންެމެ ފުރަަތަމަވެސް ވަނީ އިންސްޓަގްރާމަށެވެ. ޔޫސުފް ރިޕްލައިކޮށްފައި އިނުމުން ހިތަށް އުފާވެރިކަން ލިބުނެވެ. ޔޫސުފްގެ މެސެޖަށް ލައިކެއް ދީފައި ޔޫސުފް ކިހިނެއްތޯ އަހައިފައި ނަވާރް މެސެޖްކުރިއެވެ. ދިހަ މިނެޓު ވީ ފަހުންވެސް ޔޫސުފްގެ ޖަވާބެއް ނައުމުން ނަމާދަށް ތައްޔާރުވިއެވެ.
އެއް ހަފްތާ ތެރޭ ޔަޒަން ޔާޒްއާއި ވަރަށް ދޯޅުވިއެވެ. އަބަދުހެން ހުންނަން ބޭނުންވަނީ ޔާޒް ގާތުގައެވެ. ޔާޒް ފެންނަން ނެތްނަމަ ހަޅޭއްލަވައެވެ. ޔާޒް ޔަޒަންއާއި ވެގެން އުޅޭގޮތް ބަލަން އައިރާ އިނދެއެވެ. އައިރާ ގޭތެރޭ މަސައްކަތް ކުރާއިރު ޔަޒަން ގޮވައިގެން ސިޓިންރޫމްގައި ޔާޒް އިންނާނެއެވެ. ޔަޒަން ނިދާފައި އޮވެއްޖެނަމަ އައިރާއަށް އެހީވެދެއެވެ. ކައިވެނީގެ ހަގީގީ ފޮނި މީރުކަން ޔާޒް އާއި އައިރާއަށް ލިބެމުން ދިޔައީ އަދި ކިރިޔާއެވެ.
********
މިސްޓިކް އިންޓަނޭޝަނަލް ހައި ސްކޫލްގެ ދޮރުމައްޗަށް ހުއްޓާލި ކާރުން ފޭބި ދެ ޒުވާނުންނަށް އެންމެންގެ ނަޒަރު ހުއްޓުނެވެ. ރީތިކަން ހުސްކޮށްގެން ތިބި އެދެޒުވާނުން ފެނި ސްކޫލް އެތެރޭގައި ތިބި އަންހެން ކުދިން އެނބުރުން އަރާ ގޮތްވިއެވެ. ފިރިހެން ކުދިންގެ ލޯތައް ހަސައިދައިގެ ބެލުމަކުން އެދެޒުވާނުންނަށް އަމާޒުވަމުން ދިޔައެވެ. އިސްކޮޅުން ދިގު ދެޒުވާނުންގެ ހަމުގެ ކުލަ އާދައިގެ ދިވެހިންނަށްވުރެ އައްޔެވެ. ކަޅުކުލައިގެ ދަބަސް އަޅުވައިގެން ކަޅު ގަމީހާއި ޖިންސްގައި ހުރި ޒުވާނާގެ އިސްތަށިގަނޑު ފަންވެފައި އޮތީ ކަނދުރާއާ ހަމައަށެވެ. ދެން ހުރި ޒުވާނާގެ އިސްތަށިގަނޑު ފަންނަމަވެސް އޮތީ ރީތިވަރަކަށް ކޮށާފައެވެ. އަނގައިގައި އޮތް ޗުއިންގަމް ގަނޑު ހަފަމުން ދެޒުވާނުންވެސް ފިރިހެންވަންތަ ހިނގުމެއްގައި ސްކޫލްގެ ރިސެޕްޝަން އާއި ދިމާއަށް ދިޔައެވެ.
އާލިޔާ އޭނާގެ އެންމެ ގާތް އެކުވެރިންކަމަށް ބަލްޤިސް އަދި ކައިރާ ހޯދަމުން ދިޔައެވެ. އަތުގައި އޮތް ފޯނަށް ބަލަމުން އާލިޔާ ކުރިއަށް ހިނގައިގަތެވެ. ނުވިސްނާ އިނުމުގެ ސަބަބުން ފަހަތަށް އެނބުރުނު ގަޑީ ބާރުގަދަ ހަށިގަނޑެއްގައި ޖެހިފައި އޭނާ މަތަވިއެވެ. “އައި އޭމް ސޮރީ!” އާލިޔާގެ ހަރަކާތްތައް ހުއްޓުނީ ކުރިމަތީގައި ހުރި ޒުވާނާ ފެނިފައެވެ. އެހާ ފުރިހަމަ ފިރިހެންވަންތަ ކުއްޖެއް މީގެ ކުރިން އާލިޔާއެއް ނުދެކެއެވެ. އަނގަ ހުޅުވި ގޮތަށް ލައްޕަންވެސް ނޭންގިފައި އޭނާއަށް އިނދެވުނެވެ. “އިޓްސް އޯކޭ” ކުޑަކޮށް ހިނިތުންވެލައިފައި އެ ކުއްޖާ ކުރިއަށް ހިނގައިގަތެވެ. ކަޅި ޖަހަންވެސް ހަނދާން ނެތިފައި އާލިޔާއަށް އިނދެވުނެވެ.
******
ލިވަޕޫލްގެ ހިތްފަސޭހަ ޕާކެއްގައި ޔައިނާއާއި ޔޫސުފް ތިއްބެވެ. ސެމީހުން އަތުވެސް އާވި އަރައަރާ ހުރި ހޮޓްޗޮކްލެޓް ތަށްޓެއް ހުއްޓެވެ. ފިނި މޫސުމަށް ވުމުން މެންދުރުގެ އެވަގުތުގައިވެސް ފިނިކަމުން ތުރުތުރު އަޅައެވެ. މަތި މަތިން އަންނައުނު ލައިގެން ހުރިއިރުވެސް ޔައިނާ ތުރުތުރު އަޅައެވެ. ސެޒުވާނުން އެކީ ހިނގައިލައިފައި ގޮސް ހުސްކޮށް ހުރި ބެންޗެއްގައި އިށީނެވެ. ހޮޓްޗޮކްލެޓް ތަށިން އެތިފޮދެއް ބޯލައިފައި ޔައިނާ އަނގައިން އަޑެއް ލައްވާލިއެވެ. “ވާއު ދިސް އިޒް ދި ބެސްޓް ހޮޓް ޗޮކްލެޓް އައި އެވާރ ޑްރަންކް” ޔައިނާ ތުންފަތުގައި ހޭކިފައި ހުރި ހޮޓްޗޮކްލެޓް ކޮޅުލޮވެލިއެވެ.
ޔޫސުފް ޔައިނާގެ ފޮޓޮއެއް ނަގައި އިންސްޓަގްރާމް ސްޓޯރިއަށް ލިއެވެ. ޔައިނާއަށް ޔޫސުފް ނެގި ފޮޓޯ ފެނުމުން މޫނަށް ގޮތެއް ހަދާލެވުނެވެ. ޔޫސުފް ނަގައިފައި އިން ފޮޓޯގައި އޭނާ އިނީ މޮޔައެއް ހެންނެވެ. ޔައިނާ ޔޫސުފްގެ ފޯނު އަތުލާފައި އެފޮޓޯ ޑިލީޓްކުރަން އުޅުނެވެ. އެ ފުރުސަތު ޔައިނާއަށް ނުދީ ފޯނު އަތުލައިފައި ޔޫސުފް ދުއްވައިގަތެވެ. ޔައިނާވެސް ބަލާކަށް ނުހުރެ ޔޫސުފް ފަހަތުން ދުއްވައިގަތެވެ. މަޖާވެފައި ދުވަމުން ދިޔަ ޔައިނާ ހުއްޓުނީ މީހެއް ގައިގައި ލައިގަނެފައެވެ. އޭނާގެ އުނގަނޑުގައި އެމީހަކު ނުހިފެހެއްޓިނަމަ ހުރިގޮތަށް ޔައިނާ ބިންމައްޗަށް ވެއްޓުނީހެވެ. ވެއްޓިދާނެ ކަމުގެ ބިރަށް ޔައިނާއަށްވެސް އެމީހާގެ ކޮނޑުގައި އޭނާގެ ދެއަތް ވަށާލެވުނެވެ. “ޔައިނާ؟” ޔައިނާގެ ކަންފަތުގައި ޖެހުނު އަޑުން ޔައިނާ އެމީހާގެ މޫނަށް ބަލާލިއެވެ. އެއީ ކާކުކަން އެނގުމާއެކު ޔައިނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެމީހާ އަތު ތެރެއިން ވީއްލިގެން ފަހަތަށް ޖެހިލިއެވެ. “ސާދިން؟” ޔައިނާއަށް ވައި އަޑުން ކަހަލަ ގޮތަކަށް ސާދިންގެ ނަން ކިޔައިލެވުނެވެ. ސާދިން ފެނުމުން ޔައިނާގެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. ލިވަޕޫލްގައި ސާދިން ކުރަނީ ކީއްކުރަނީތޯ އަހަން ބޭނުންވިއެވެ. ނަމަވެސް އެހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.
ދުރުގައި މަންޒަރު ބަލަން ހުރި ޔޫސުފްއަށް ޔައިނާގެ މިލައިގެން ދިޔަ މޫނު ފެނުނެވެ. އޭނާ އަވަހަށް ޔައިނާ ގާތަށް ދިޔައެވެ. ޔައިނާއަށް ސާދިން ބަލަހައްޓައިގެން ހުރި ގޮތުންނާއި ސާދިންއަށް ޔައިނާ ބަލަން ހުރި ގޮތުން އެއީކާކުކަން ކޮންމެސް ވަރަކަށާ ޔޫސުފްއަށް ރޭކައިލިއެވެ. “ލެޓްސް ގޯ!” ޔޫސުފް އަތުގައި ހިފައި ޔައިނާ ދަމައިގަތެވެ. އެންމެ ހިނދުކޮޅަކަށްވެސް އެތާ ހުންނަން ބޭނުންނުވާ ކަހަލައެވެ.
“ސޯ ދެޓްސް ސާދިން ރައިޓް؟” ޔައިނާ ހަމަ ޖެހުނީވެސް އެ ދިޔަ ގޮތަށް ގޮސް ޕާކުން ނިކުމެވުނީމައެވެ. އަނގައިން ބަހެއް ބުނުމެއް ނެތި ޔައިނާ ހަމައެކަނި ބޯޖަހައިލީއެވެ. ޔޫސުފްވެސް ދެން އިތުރަށް ސުވާލު ކުރަން ނަހަދައި ޔައިނާ ގޮވައިގެން ގެއަށް ދިޔައެވެ.
އެނދުމައްޗަށް ފޯނު އެއްލާލާފައި ނަވާރް އެނދަށް ވެއްޓިގަތެވެ. ޔައިނާގެ ފޮޓޯ ޔޫސުފްގެ ސްޓޯރީއަށް ލުން އާންމުކަމަކަށް ވެއްޖެއެވެ. ކޮންމެ ދުވަހަކުވެސް ކޮންމެސް ތަނަކަށް ގޮއްސައި އިންސްޓައަށް ލައެވެ. ޔޫސުފްގެ ސްޓޯރީ ބަލައިފި ނަމަ ނަވާރްގެ ހިތަށް ތަދުވެގެން ދިޔައެވެ. ސްޓޯރީލާފައި ހުރިތަން ފެނުމުން ނުބަލައި ހުންނަން އަޒުމު ކަނޑައަޅައެވެ. އެހެނަސް އެގޮތުގައި ހުރެވެނީ އިރުކޮޅަކަށެވެ. އިޚްތިޔާރުން ބޭރުގައި ބެލެނީއެވެ. ފަހަކަށް އައިސް ނަވާރްގެ މިޒާޖަށް ބަދަލު އަންނަކަން ފާހަގަވެގެން އިވާން އެވާހަކަ ދައްކައިވެސްފިއެވެ.
ސާދިން ފެނުނު ފަހުން ޔައިނާ މުޅިންހެން އިންނަނީ ނެގި މަޑުވެފައެވެ. ސާދިންގެ ވާހަކަ ދައްކަން ޔައިނާ ހިތްހަމަ ނުޖެހޭކަން އެނގޭތީވެ ޔޫސުފްވެސް އެވާހަކަ ނުދައްކައެވެ. މަޖާ ވާހަކައެއް ދައްކައިގެން ޔައިނާ ހެއްވާލެވޭތޯ ޔޫސުފް މަސައްކަތް ކުރިއެވެ. “ޔޫ ޝުޑް ޓެލް ހާރ އަދިވެސް ލޯބިވާކަން” ޚިޔާލަކަށް ގެއްލިފައި އިނދެ ޔައިނާ ބުނެލިއެވެ. ޔޫސުފް ކީކޭހޭ އެހުމާއެކު ޔައިނާ ހިނިތުންވެލިއެވެ. “ނަވާރް. މަށަށް ޔަގީން ނަވާރްވެސް ޔޫސުފްދެކެ ލޯބިވާކަން. ތިގެއަށް ގޮސް އުޅޭއިރު ނަވާރް ޔޫސުފްއަށް ބަލާ ގޮތުންނާއި އަހަރުމެން ދެމީހުން އެކީ ފެނުނީމަ ވާ ގޮތް އަހަރެން ބަލައިފިން. މަށާ ޔޫސުފްއާ އެއްކޮށް އުޅޭތަން ފެންނަ ކޮންމެ ފަހަރަކު އެ އަންހެންކުއްޖާ ލޮލުން ފެންނަ ރިހުމަކީ ހަމައެކަނި ލޯބިވާ މީހާ އެހެން މީހަކާއެއްކޮށް އުޅޭތަން ފެނުނިމާ ފެންނަ ރިހުން. އެއް އިރެއްގަ އެ އަންހެން ކުއްޖާގެ މަޤާމުގަ އަހަރެންވެސް އިނިން. ޑޯންޓް ވޭސްޓް ޔުއަރ ޓައިމް ޔޫސުފް ޓެލް ހާރ ހައު މަޗް ޔޫ ލަވް ހާރ. އެ އަންހެން ކުއްޖާ މުޅި އުމުރަށް ނުގެއްލެނީސް ތި ހިތުގެ ހާލަތު ބުނެދީ!” އަސަރާއެކު ޔައިނާ ބުނެލިއެވެ. ޔޫސުފް އެކަމާ ގުޅޭ ގޮތުން އެއްޗެކޭ ނުބުނެއެވެ. ނަވާރް ހިތުގެ ހާލެއް އޭނާއަކަށް ނޭންގެއެވެ. އިނގޭހާވެސް އެއްޗަކީ އޭނާގެ ހިތުގައި އަދިވެސް ވަނީ ނަވާރްކަމެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ މެޗު ވާދަވެރި ރިއަލް މެޑްރިޑްއާ ދެކޮޅަށް ކުޅެން ލިވަޕޫލިން މެޑްރިޑަށް ދިޔައެވެ. ލިވަޕޫލް ކުޅުންތެރިން ބަހުގައި ތިބެން ހަމަޖެހިފައި ހުރި ހޮޓެލްއަށް ދިޔައެވެ. ގިނަ އަދަދެއްގެ މެޑްރިޑް ސަޕޯޓަރުން ޔޫސުފްއާއި ބައްދަލު ކުރަން ހޮޓެލް ބޭރުގައި ތިއްބެވެ. “ވާއު ދިސް އިޒް ސޯ ކޫލް!” އޭނާގެ ސަޕޯޓަރުން ފެނި ޔޫސުފްއަށް ބުނާނެ އެއްޗެއްވެސް ނޭންގުނެވެ. މެޑްރިޑްގައި އޭނާގެ އެހާ ގިނަ ސަޕޯޓަރުން ތިބޭނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ.
ނޫސްވެރިންވެސް އޭނާ އެމީހުންގެ ކެމެރާތަކާ މައިކްތައް އޭނާއަށް އަމާޒުކުރިއެވެ. ބައްޕަގެ ކުރީގެ ކްލަބާ ދެކޮޅަށް ޖުޅެން ޖެހުމުން ކުރެވޭ އިހްސާސަކީ ކޮބައިތޯވެސް އެހިއެވެ. “އެހެން ބުނާކަށް ނޭންގެ ދޯ! މި ބުނީ އަހަރެން ކުޑަ ކުއްޖެއްގެ ގޮތުގަ ހުންނާނެ މިކުލަބުގެ މެޗުތައް ބަލަން އައިއްސަ ބައްޕަ ކުޅުނުއިރުގަ އެކަމް އެއީ މާ ކުރިދޯ! އެކަމްވެސް ވަރަށް އެހެން ކަހަލަ އިހްސާސެއް ކުރެވޭ. ވަރަށް އުފާވޭ” ހިތުގައި އުތުރި އަރަމުން ދިޔަ ހުރިހާ އިހްސާސެއް ބަޔާންކޮށްދޭން ޔޫސުފްއަށް ދަތިވިއެވެ. ނަމަވެސް ސްޕެނިޝް ބަހުން ފަރިތަކަމާއެކު އޭނާ ޖަވާބު ދިނެވެ. ނޫސްވެރިން ހިތްހަމަ ޖެހޭ ވަރަށް ސުވާލު ކުރުމުގެ ފުރުސަތު ޔޫސުފް އެމީހުންނަށް ދިނެވެ. އެމީހުން ހިތް ހަމަ ޖެހޭ ވަރުވީ ވިއްސަކަށް ސުވާލު ކުރެވުމުންނެވެ.
މެޗު ފެށެން ކައިރިވަމުން ދިޔަވަރަކަށް ޔޫސުފްގެ ހިތް އޮބި ނޯންނަވަރަށް ތެޅެމުން ދިޔައެވެ. ހިތްއަވަސްވެ ފިނިވިއެވެ. ޔޫސުފް ހާސްވާން ފެށުމުން އާރާޝްއަށް ގުޅިއެވެ. ބައިގަޑިއިރު އާރާޝް އަދި މާނީއާއި ވާހަކަ ދައްކާލެވުމުން ހިތަށް ހަމަޖެހުން ލިބުނެވެ. އެކުވެރިންގެ ފަރާތުން ހިތްވަރުގެ މެސެޖުތައްވެސް ލިބުނެވެ. އެންމެ ބޮޑަށް ހަމަޖެހުން ލިބުނީ ނަވާރްގެ ގުޑްލަކް މެސެޖް ފެނުމުންނެވެ. އަލައިކާމެންގެ މެސެޖްތަކަށް ރިޕްލައި ނުކޮށްވެސް ނަވާރްގެ މެސެޖަށް ރިޕްލައި ކުރިއެވެ.
ނުނިމޭ
5 Comments!
Comments are closed.
Salam all. Here is the 39th part of rastha2. Mi baiga ihnnane Zakham story ge feshuma adhi Yaain story ge sequel ge kuda intro. Hope u all enjoyed reading this part too. Luv ya all
v reethi when next keep it up dear
Varah varah reethi mi part ves… maasha allah….
varah varah varah reethi?????????????????maa sha Allah ❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤waiting for the next part??????????????????
Varah reethi mi part vx….maashaa allah….keep it up kiyaa….and whn nxt…waiting for the nxt part…