ހީވޭ ހިތް ބުނާހެން 7
“ނާޒް ލޯބި ވޭތަ އޭނަ ދެކެ؟” ނިހާން ފުރަތަމަ ފަހަރަށް އެ ސުވާލު ކޮށްލިއެވެ.
“އާނ، ލޯބި ވޭ” ޝަނާޒް ލަސް ލަހުން ބުންޏެވެ.
ޝަނާޒްގެ ޖަވާބު އަޑު އަހާފައި ނިހާންގެ މެއަށް ބާރު ވެލިއެވެ. ދެ މީހުންވެސް ވާހަކަ ނުދައްކާ އިރުކޮޅެއް ދިޔައެވެ.
“އަހަރެން ހިތަށް އަރާ އަހަރުމެންގެ މެދަށް އޭނަ ނައި ނަމައޭ… އެހެން ނޫން ނަމަ މި އޮޅުންބޮޅުންގަނޑު ތެރެއަށް އަހަރުމެންގެ ދިރިއުޅުމެއް ނުވެއްޓުނީސް. އަހަންނާ ނާޒް ވަކި ވާކަށް ނުޖެހުނީސް… ކަންތައް ކުރަން ވީ ގޮތެއް ނުވިސްނިފަ އަހަރެން ހުންނާކަށް ނުޖެހުނީސް” ނިހާން ހިތުގައި ވި ޝަކުވާތައް ބޭރުކޮށްލީ ޝަނާޒް އަސަދު ދެކެ ލޯބި ވާ ކަމަށް ބުނުމުންނެވެ.
“ނިހާން…” ޝަނާޒް ގޮވާލިއެވެ.
“ނާޒް ޕްލީޒް… އަހަރެން ކިތަންމެ ވަރަކަށް ހިތަށް ވިސްނައިދޭން އުޅުނަސް އަހަރެން ނާޒް ދެކެ ލޯބި ނުވާ ކަމަކަށް ނުވާނެ، މިއަދުވެސް އަހަރެން ނާޒްއަށް ވެއިޓް ނުކުރާ ކަމަކަށް ނުވާނެ… އަހަރެން ދައުއަށް އާނއެކޭ ބުނެފަ، ބައި ސަމް މިރެކްލް އޭނަގެ ފެމިލީ އިން ގަބޫލު ވެގެން އަހަރުމެން މެރީ ކޮށްފަ އޭގެ ފަހުން ނާޒްއާ އޭނަ ވަކި ވާ ދުވަހަކުން އަހަރެން ކިހިނެއް ހަދާނީ؟ އެ ދުވަހަކުންވެސް އަހަރެން ނާޒް ބޭނުން ވާނެ، ދެން އަހަރެން ދައުއަށް ދޭނީ ކޮން ޖަވާބެއް؟” ނިހާން ހިތުގައިވާ ހުރިހާ އެއްޗެއް ބޭރު ކުރަން ނިންމައިގެން ހުރި ކަހަލައެވެ.
“ކިތައް ފަހަރު އހަރެން ބުނާނީ ފަހުން ވާނެ ގޮތްގޮތާ މެދު ވިސްނަން ނޫޅޭށޭ، ތި ހުރިހާ ވިސްނުމެއް ވިސްނަން ހަދައިގެން ނިހާން ތި އުޅެނީ މިއަދުވެސް ކަމެއް ނުނިންމިގެން. ތި ހުރިހާ ޚިޔާލެއް ދޫކޮށްލަބަލަ. އަހަރެންނާ އަސަދު ވަކި ވެދާނެ ކަމަށް ކީއްވެތަ ވިސްނަނީ؟ އެއީ މިހާރު އަހަރެން ބޭނުން ވާ ގޮތެއް ނޫނޭ. އަހަރެން ނުބުނާނަން އެހެންނެއް ނުވާނެއެކޭ، އެކަމަކު ދެން ނިހާން ހުންނަން ވީތަ އެ ދުވަސް އައިސްދާނެ ކަމަށް އޭގެ އިންތިޒާރުގަ؟ ނިހާންއަށް ކިހިނެއްތަ ވެފަ ތިހިރީ؟ ތީކީ ކުރިން ތި ކަހަލަ މީހެއް ނޫން، ކަންކަމާ ތިހާ ވަރަށް ވިސްނާ، ކަމެއް ކުރުމުގެ ކުރިން ބިރުން އުޅޭ މީހެއް ނޫން ތީކީ” ޝަނާޒް ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިފައި ހުރެއެވެ.
“ކުރިން އަހަރެންގެ ހިތް ބުނާ ގޮތާ މެދު އަހަންނަށް ޔަގީން ކަން އޮވޭ، މިހާރު އެހެންނެއް ނޫން” ނިހާން ބުންޏެވެ.
“މިހާރުވެސް ހަމަ އެހެން، އަމިއްލަ ނަފްސަށް އިތުބާރެއް ނެތީ މިހާރު” ޝަނާޒް ބުނެލިއެވެ.
ކަންފަތުގައި ހެޑްސެޓް ޖަހައިގެން އިން ޝަނާޒްއަށް، ދޮރުމަތީ އަސަދު ހުރި ކަމެއް ނޭނގެއެވެ. ޑްރެސިންގޓޭބަލް މަތީ ހުރި ފުޅިތަކާ ކުޅެލަ ކުޅެލާ ޝަނާޒް އިން ގޮތުން ޝަނާޒް ފޯނެއްގައި އިން ކަމެއް އަސަދުއަކަށް ނޭނގެއެވެ.
“ހުރިހާވެސް މައްސަލައަކީ ނާޒްގެ ފިރިމީހާ. ހުރިހާ ކަމެއް މި ވަނީ އޭނާޔާ ހެދި، އެކަމަކު ނާޒްގެ ދުލުން އޭނަގެ ޝަކުވާއެއް ނާދޭ ވިއްޔަ” ނިހާން ބޭނުން ވީ ހުރިހާ ކަމެއްގައި އަސަދު ކުށްވެރި ކުރާށެވެ.
“ޕްލީޒް ނިހާން، މީހުން ޗޭންޖް ވެޔޭ، އަސަދުވެސް ޗޭންޖް ވީ، ނިހާންވެސް އަހަރެންވެސް ޗޭންޖް ވީ. އެއްވެސް މީހަކު ބޭނުން ވާހާ ގޮތަކަށް ކަންތައްތަކެއް ނުވާނެ. އެޖަސްޓް ވާން ޖެހޭނީ. އަހަރެން އަސަދުގެ ޝަކުވާ ނުކުރަނީ ޝަކުވާއެއް ކުރާނެ ޗާންސެއް އޭނަ ނުދޭތީ. އެހެން ނޫނަސް އަސަދުގެ ވާހަކަ ދައްކަންތަ މިއަދު ގުޅައިގެން ތި އުޅެނީ؟” ޝަނާޒް އެހިއެވެ.
“ނާޒް ވާހަކަ ދައްކާ ގޮތުން ހީވަނީ އޭނަޔާ ދެކޮޅަށް އެއްޗެއް އަޑު އަހަންވެސް ބޭނުން ނުވާ ހެން. ހަމަ އެހާ ލޯބި ވޭތަ އޭނަ ނާޒް ދެކެ؟” ލުއި ހުނުމަކާ އެކު ނިހާން ޝަނާޒްއާ ދިމާ ކޮށްލިއެވެ.
“ދެން އަހަރެންގެ ފިރިމީހާއާ ދެކޮޅަށް އެއްޗެއް ބުނާ އަޑޫ އަހާކަށް އަހަރެން ބޭނުމެއް ނުވާނެ ދޯ؟” ހިނިއައިސްފައި ޝަނާޒްވެސް ބުނެލިއެވެ.
“ނާޒް ތި ބުނާހާ އޭނަ ރަނގަޅިއްޔާ ބުނޭ އަހަންނަށް ޕްރޫވް ކޮށްދޭށޭ، އޭރުން އަހަރެން ގަބޫލު ކުރާނަން” ނިހާން ބުންޏެވެ.
ޝަނާޒްއަށް ޖަވާބެއް ނުދެވެނީސް އަސަދު އައިސް ޝަނާޒްގެ ފަހަތުން ހުއްޓިފައި، ތިރިވެލަމުން ޝަނާޒްގެ ކަނދުރާގައި ތުންފަތް ޖައްސާލިއެވެ.
“ވަރަށް ލޯބި ގޮތަކަށް ތީނީ، ދުރުގަ ހުންނަން ކެތް ނުވާ ގޮތަކަށް… ލަވް ޔޫ ޝަނާ…” އަސަދު ބުނެލިއެވެ. ހަމަ އެއާ އެކު ޝަނާޒްގެ ދެ ކޮނޑުން ފެށިގެން ތިރިއަށް އަތްތިލައާ ހަމައަށް އަސަދުގެ ދެ އަތުން ފިރުމާލަމުން ދެން ބުނެލި ޖުމްލައިން ޝަނާޒްގެ މޫނު ރަތް ވެގެން ދިޔައީ ނިހާންއަށްވެސް އެ އަޑު އިވޭނެތީއެވެ.
“އަސަދު!” ޝަނާޒް އެއް ކަންފަތުން ހެޑްސެޓް ނައްޓާލަމުން އަސަދުއަށް ދައްކާލިއެވެ.
“އާހ!! ފޯނެއްގަތަ އިނީ؟ އައިމް ސޯ ސޮރީ…” އަސަދު ބުނި އެއްޗެއް ޝަނާޒް ފޯނު ކޮށްގެން އިން މީހަކަށްވެސް އަޑު އިވޭނެ ކަން އެނގުމާއެކު އަސަދުގެ މޫނުވެސް ރަތް ވެލިއެވެ. ދުރަށް ޖެހިލަމުން ދެ ކަންފަތުގެ ފޫޅުގައި ހިފާލަމުން އަޑު ނީވޭހެން އަނެއްކާވެސް އަސަދު މާފަށް އެދުނެވެ.
“އަމް… ސޮރީ…” ބުނާނެ އެއްޗެއް ނުވިސްނިފައި އިން ޝަނާޒް މާފަށް އެދުނީ އަސަދުގެ އެ ބަސްތަކުން ނިހާން ހީކޮށްފާނެ އެއްޗަކާ މެދުވެސް ކަންބޮޑުވެ އިނދެއެވެ.
“ސޯ ހީ ނީޑްސް ޔޫ ނައު، ދޭ ދެން” ހިނިގަނޑަކާ އެކު ނިހާން ބުނެލިއެވެ.
“ބާއި!” އިތުރު އެއްޗެއް ނުބުނެ ޝަނާޒް ފޯން ކަނޑާލިއެވެ.
“ސާބަސް އަސަދު!” ފޯން ބާއްވާފައި ޝަނާޒް އަސަދުއާ ދިމާއަށް ލޯ އަޅާލިއެވެ.
“ސޮރީއޭ ބުނެފީމެއްނު؟ ކިހިނެއްތަ އެނގޭނީ ޝަނާ ފޯނެއްގަ އިން ކަމެއް؟” ޝަނާޒް ގައިގައި ބައްދާލަމުން ހިނި އައިސްފައި އަސަދު ބުންޏެވެ.
ކުރީރޭ ރަނގަޅަށް ނުނިދުމުން، ކައިގެން ކޮޓަރިއަށް ވަދެ އޮށޯވެލި އިރަށް ޒައިނާއަށް ނިދުނެވެ. ދައުހާ ފޫހި ވެފައި އަދާ ކައިރީގައި އިނދެފައި ސިޓިންގރޫމަށް ނިކުތެވެ. އޭރު ނަބާހާ އާ ނަޝީލާ ޓީވީ ބަލަން ތިއްބެވެ.
“ނަންނަ ކޮބާ؟” ދައުހާ ފެނުމުން ނަބާހާ އަހާލިއެވެ.
“ނިދިފަ އެބަ އޮތް” ނަބާހާ ކައިރީ އިށީނދެފައި ،ނަބާހާގެ އުނގުގައި އިން ނީލަމް އުރާލަމުން ދައުހާ ޖަވާބު ދިނެވެ.
“ދައު ގެނެއްސަ ނަންނަ ނިދީ ދޯ؟ ދެން ދައު ކިހާ ފޫހި ވާނެ؟” ނަޝީލާ ބުންޏެވެ.
“ނޫން ނަޝީއްތާ. ރޭގަ އެހާ ކުޑަ އިރުކޮޅަކު ނިދުނީމަ ޒައިއަށް އެ ނިދުނީ. ނަޝީއްތަ މެން ތި ތިބީއެއްނު އަހަރެން ފޫހި ފިލުވަ ދޭން” ނަޝީލާއަށް ބަލާލަމުން ދައުހާ ބުންޏެވެ.
އިރުކޮޅެއް ނުވެ ޒިދުނާ އާ ނާދިރު އެމީހުންގެ ދެ ކުދިން ގޮވައިގެން އައެވެ. އެ މީހުންގެ ފަހަތުން ކަހަލަ ގޮތަކަށް އަޔާޒްއާއި ހޫރިޔާވެސް އައެވެ. ގެޔަށް ވަން ގޮތަށް ހޫރިޔާއާ ޒިދުނާ ވަނީ ޒައިނާގެ ކޮޓަރިއަށެވެ. ނަބާހާ މައްޗަށް އަރާފައި ނަވާޒް ކައިރީ އަޔާޒް އައި ވާހަކަ ބުނުމުން ނީލަމް ގޮވައިގެން ނަވާޒްވެސް ފޭބިއެވެ.
“ދޮންބެ ކޮބާ؟” ނަވާޒް ކައިރީ އަޔާޒް އަހާލީ ނިހާން ނުފެނުމުންނެވެ.
“އެބަ އޮތް ކޮޓަރީގަ. މިއަދު ފާޑެއްގެ ބައްޔެއް ޖެހިގެން އުޅޭ ދުވަހެއް. ހެނދުނު ސައި ބޮއެގެން މައްޗަށް އަރާ ކޮޓަރިއަށް ވަން ގޮތަށް ހުކުރަށް ދާން ނޫނީ ނުވެސް ނިކުމޭ” ނަބާހާ ކައިރީ އިން ދައުހާއަށް ބަލާލަމުން ނަވާޒް ބުންޏެވެ.
“ފާޑެއްގެ ބައްޔެކޭ؟ އެއީ ކޮން ކަހަލަ ބައްޔެއް؟” ހިނިގަނޑެއް ޖަހާލަމުން އަޔާޒް އެހިއެވެ.
“ނޭނގެ. ގައިމުވެސް ބައްޔެއް ނޫން. ކޮންމެސް ކަމަކާ ބޯ ގޮވައިގެން ކަންނޭނގެ” ނަވާޒް ދެ ފަރާތަށް ބޯ ހަލުވާލިއެވެ.
“އަޔާޒް ދޭބަލަ ދޮންބެއަށް ގޮވާލަން، ބުނޭ އީޝްމެންވެސް އައިސް އެބަ ތިއްބޭ” ނަޝީލާ އަޔާޒްއަށް ބުންޏެވެ.
އަޔާޒްއަށް ސިޑިން ނޭރެނީސް ނިހާން ފައިބާ ތަން ފެނުމުން އަޔާޒް މަޑުކޮށްލިއެވެ.
“ހީވެއްޖޭ މިހާ އަޑު ގަދަ ވެގެން މިއުޅެނީ އީޝް މެން އައިސްގެން ހެން” ނީލަމްއާ އެކު ކުޅެން ތިބި އީޝަލްއާ އާއިޝް ފެނުމުން ނިހާން ބުނެލިއެވެ.
ނިހާންގެ އަޑު އިވުމާ އެކު ތިން ކުދިންވެސް ދުވެފައި އައިސް ނިހާން ވަށާލިއެވެ.
“އައިސް ކްރީމް، އައިސް ކްރީމް” އާއިޝްއާ އީޝަލް އެއް އަޑަކުން ކިޔަން ފެށިއެވެ.
“މަންމަ ކައިރީ އަހާފައެއްނު ދޯ؟ މަންމާ، ޒިދޫ ނާދޭތަ؟” ނިހާން ބުންޏެވެ.
“ނަންނަ ކައިރީގަ ވެއްޖެ” ޒައިނާގެ ކޮޓަރިއާ ދިމާއަށް ނަޝީލާ އިޝާރާތް ކޮށްލިއެވެ.
އެ ހުރިހާ އިރު އެތާ އިން ދައުހާއާ ދިމާއަށް ނުބަލަން ހުރި ނިހާން އެ ވަގުތު ދައުހާއާ ދިމާއަށް ބަލާލިއެވެ.
އިސް ޖަހައިގެން އިން ދައުހާ އިން ގޮތަށް އިނެވެ.
ނިހާން ޒައިނާގެ ކޮޓަރިއަށް ވަދެ ޒިދުނާ ކައިރިން ހުއްދަ ހޯދައިގެން އިޝާލްއާ އާއިޝްގެ އިތުރުން ނީލަމްވެސް ގޮވައިގެން ނިކުމެ ގެޔާ ކައިރީގައި ހުރި ފިހާރައިން އައިސް ކްރީމް ގަނެގެން އައެވެ. އޭރު ދައުހާ ޒައިނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.
މުޅި ދުވަހު ހިތް ނުތަނަވަސް ވެފައި ހުރި ނިހާންއަށް ހަމަ ޖެހުމެއް ލިބުނީ އެ ކުދިންގެ ސަބަބުންނެވެ. ނަމާދަށް ދާން ވަންދެން ނިހާން އުޅުނީ އެ ކުދިންނާ އެކުއެވެ.
އެ ދުވަހު އެ ގޭގައި ދައުހާ ހުރި ނަމަވެސް ނިހާންއަށް އެކަން ނުވެސް އެނގޭ ކަހަލައެވެ. ކުޑަކުދިންނާ އެކު، ނޫން ނަމަ ނިހާންގެ ކޮއްކޮމެންނާ އެކު އެކި ސަމާސާ ކުރުމުގައި ވަގުތު ހޭދަ ކުރަމުން ދިޔަ އިރު ނިހާން ދައުހާ މަތިން ހަނދާންވެސް ނުވޭ ބާއޭ ދައުހާ ހިތަށް އަރައެވެ. ރޭގެ އެ ވަގުތު ކޮޅަށް ފަހުވެސް ނިހާންއަށް ދައުހާ މަތިން ހަނދާން ނައްތާލާކަށް އުނދަގުލެއް ނުވިއެވެ. އެއީ ނިހާންއަށް އެއްވެސް ޚާއްސަ ކަމެއް ނެތް ވަގުތުކޮޅެއް ހެއްޔެވެ؟
އެފަދަ ޚިޔާލު ތަކުން ދައުހާގެ ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ. އެ ފަހަރު ނޫނީ ޒައިނާ މެން ގެޔަށް އައިސް އެ ގޭގައި ފޫހި ވެފައި ހުންނަން ޖެހުނު ފަހަރެއް ނުދެއެވެ. ޒައިނާގެ ދޮންތަ އައުމުން، ދޮންތައާ އެކު ވަގުތުކޮޅެއް ހޭދަ ކުރި ނަމަވެސް ދައުހާ އެކަނި ވިޔަ ނުދީ ވޭތޯ ޒައިނާ ބެލިއެވެ. އަދި އަމްދުން ރެއަށް ފަހު ދައުހާ ދެރަ ވެފައި ހުރި ކަން އެނގޭތީ ޒައިނާ ބެލީ ވީހާވެސް ގިނަ ވަގުތު ދައުހާއާ އެކު ހޭދަ ކުރެވޭތޯއެވެ.
އިރު އޮއްސެން ކައިރި ވުމުން ޒިދުނާ ކުދިން ގޮވައިގެން ދިޔައެވެ. އަޔާޒްއާ ސިދްރާ ކައިރީ، އެރޭ ކައިގެން ދާން މަޑު ކުރުމަށް ވަސީމް އެދުމުން އެ ދެމީހުން މަޑު ކުރިއެވެ. ކުދިން ދިޔުމުން ނިހާން އަނެއްކާވެސް މައްޗަށް އެރިއެވެ. ނިހާންއާ އެކު އަޔާޒްވެސް ނިހާންގެ ކޮޓަރިއަށް ދިޔައެވެ.
ނީލަމް ނިންދަވަން ނަބާހާ ދިޔުމުން، ކާން ހަދަން އެރޭ ނިކުތީ ހޫރިޔާއެވެ. ނަޝީލާ ބަދިގެއަށް ވަނުމުން އެރޭގެ ހުރިހާ ކަމެއް ހޫރިޔާ ކުރާނެ ކަމަށް ބުނަމުން ހޫރިޔާ ނަޝީލާ ފޮނުވާލިއެވެ. އަދާ ނިންދަވާފައި ޒައިނާވެސް ހޫރިޔާއަށް އެހީ ވާން އުޅުނެވެ. ކާން ހެދުމުން ވަސީމްގެ އެދުމަށް ނިހާންއާ ނަވާޒްއާ އަޔާޒްއަށް ކާން ގޮވަން ދިޔައީ ޒައިނާއެވެ. ނިހާންމެން ފޭބުމާ އެކު އަދާ އޮތް ގޮތެއް ބަލާލާފައި އަންނާނަމޭ ބުނެފައި ދައުހާ ކޮޓަރިއަށް ވަން ގޮތަށް ބައިގަޑި އިރު ވީ އިރުވެސް ނުނިކުތުމުން ވީ ގޮތް ޒައިނާއަށް ވިސްނުނެވެ. ނިހާން ބޭރުގައި ހުރުމުން ދައުހާ ނުކުންނަން ބޭނުން ނުވީއެވެ.
ނިހާންމެން ކައި ނިމުމުން ދައުހާއަށް ކާން ގޮވަން ޒައިނާ ކޮޓަރިއަށް ވަން އިރު، ގެނައި ކުޑަ ދަބަސް އުނގަށް ލައިގެން އެނދުގައި އިށީނދެގެން ދައުހާ އިނެވެ.
“ކިހިނެއް ތީނީ؟” ދައުހާ އިން ގޮތުން ޒައިނާ އަހާލިއެވެ.
“ގެޔަށް ދާން ބޭނުމީ” ދައުހާ އިސްވެސް އުފުލާ ނުލާ ބުންޏެވެ.
“ހާދަ އަވަހަކަށް؟ ދައު އައީ މާދަން ދާ ގޮތަކަށްނު؟” ޒައިނާ ގޮސް ދައުހާ ކައިރީ އިށީނެވެ.
“ޒައި ޕްލީޒް… އަހަރެން ދިޔަ ދީ. ޕްލީޒް…” ޒައިނާ އާ ދިމާއަށް ބަލާލަމުން އާދޭސް ކުރާ ރާގަކަށް ދައުހާ އެދުނެވެ. އެ ލޮލުގައި ވި ކަރުނަ ފެނުމުން ޒައިނާވެސް ދެރަ ވިއެވެ. ބޯ ޖަހާލަމުން ދައުހާގެ ދެ އަތްތިލައިގައި ޒައިނާ ހިފާލިއެވެ.
“ދައު، ދޮންބެއަށް އަދި ވިސްނޭނެ…” ޒައިނާ ބުނަން ފެށި ނަމަވެސް ދައުހާ އެ ވާހަކަ ހުއްޓުވިއެވެ.
“ނޫން ޒައި، ނުވާނެ ކަމެއްގެ ވާހަކަ ދައްކައިގެން އަހަރެން ހިތްހަމަ ޖައްސައިދޭން އުޅޭނެ ކަމެއް ނެތް. އަހަންނަށް މިހާރު ޔަގީން ވެއްޖެ ނިހާން އަހަންނަށް ނުލިބޭނެ ކަން. އޭނައަށް ޝަނާޒްއަށް ވުރެ މުހިންމު މީހަކު ނުހުންނާނެ. އަހަރެން ދެކެ ދުވަހަކުވެސް ނިހާން ލޯތްބެއް ނުވާނެ. މުޅި އުމުރަށް އަހަރެން އޭނަ ފަހަތުން ދުވިޔަސް އޭނަ އަޅައެއް ނުލާނެ. އެހެން މީހަކު އޭނަގެ ހަޔާތަށް ގެންނަން ހިތަށްވެސް އަރާ ނަމައެއްނު އޭނަ މަސައްކަތްވެސް ކުރާނީ؟ އޭނަ އެ ހުންނަނީ ޝަނާޒްގެ އިންތިޒާރުގަ. އެހެން އޭނަ ހުރެދާނެ އުމުރަށްވެސް”
ދައުހާ ދެއްކި ވާހަކައަށް ޒައިނާ އެއްވެސް ޖަވާބެއް ނުދީ އިނެވެ. ބުނާނެ އެއްޗެއް ނެތީއެވެ. ދައުހާ އެ ބުނަނީ ތެދެއް ކަން އެނގޭތީއެވެ. އެހެން ނޫން ނަމަ ހަ އަހަރު ވާން ކައިރި ވީ އިރު ނިހާޏްގެ ހަޔާތަށް އެހެން އަންހެން ކުއްޖަކު ނައިސް ނުހުރީއެވެ.
“ހެޔޮ ދޯ އަހަރެން ދިޔަޔަސް؟” ދައުހާ އަހާލިއެވެ.
އާނއެކޭ ބުނުމުގެ ގޮތުން ޒައިނާ ބޯ ޖަހާލިއެވެ.
ޒައިނާއާ އެކީ ނިކުތް ދައުހާގެ އަތުގައި އޮތް ދަބަސް ފެނުމުން، ކާން އިން ނަޝީލާ ހައިރާން ވެފައި ދައުހާގެ މޫނަށް ބަލާލިއެވެ.
“ދާންތަ ތި އުޅެނީ؟” ނަޝީލާ އަހާލިއެވެ.
“އާނ ނަޝީއްތާ، ދާން މި އުޅެނީ” ދައުހާ މަޑުމަޑުން ބުންޏެވެ.
ދައުހާއާ ދިމާއަށް ނުބަލަން އިން ނިހާން، ދައުހާގެ އަޑު އިވުމުން ބަލާލިއެވެ.
“ހާދަ އަވަހަކަށް؟ ނަންނަ ބުނި މާދަމައޭ ދައު ދާނީ” ނަބާހާ ބުންޏެވެ.
“އާނ، އެ ގޮތަށް އައީ. އެކަމަކު…” ދައްކާނެ ބަހަނާއެއް ދައުހާއަކަށް ނުވިސްނުނެވެ.
“ދައު ހެނދުނުން ފެށިގެން ބޮލުގަ ރިއްސާތީ އެ އުޅެނީ، އެހެންވެ ދާން އެ އުޅެނީ” ޒައިނާ އެ ވަގުތު ބަހަނާއެއް ހަދާލިއެވެ.
“އަޅޭ، ކީއްވެ ނުބުނީ؟ ބޭސް ގުޅައެއް ކާލި ނަމަ މިހާ އިރު ވީ އިރު ރަނގަޅު ވީހެއްނު؟” ނަޝީލާ ބުންޏެވެ.
“ގެޔަށް ގޮސް ބޭސް ކައިގެން ނިދާލާނީ، މާދަމާ ހޭލާ އިރަށް ރަނގަޅު ވެދާނެ” ދައުހާ ބުންޏެވެ.
ނިހާންގެ ނަޒަރު ދައުހާއަށް ހުރި ކަމުގެ އިހުސާސް ކުރެވިގެން އެ ވަގުތު ދައުހާ އެ ދިމާއަށް ބަލާލިއެވެ. ދެ މީހުންގެ ހަތަރު ކަޅި ހަމަވުމާއެކު ދައުހާގެ ހިތަށް ގޮތެއް ވެލިއެވެ. ލޮލުން ކަރުނަ އައީ އިޚްތިޔާރަކާ ނުލައެވެ. އެ މަންޒަރު ފެނުމުން ނިހާން އިސް ޖަހާލިއެވެ.
“ވަރަށް ބޮޑަށްތަ ރިއްސަނީ؟” ކާން އިން ބަތްތަށި ދުރަށް ޖައްސާލަމުން ނަޝީލާ އައިސް ދައުހާގެ ބުރަކަށީގައި ފިރުމާލަމުން އަހާލީ ދައުހާގެ ލޮލުން ކަރުނަ އައި ތަން ފެނުމުންނެވެ.
“ލޯ ފޮހެލާފައި ދައުހާ ދެ ފަރާތަށް ބޯ ހަލުވާލަމުން ނަޝީލާއަށް ބަލާލާފައި ހިނިތުން ވެލަން މަސައްކަތް ކުރިއެވެ.
“ނޫނެކޭ ބުންޏަސް ނަޝީއްތައަށް އެނގޭ ވަރަށް ބޮޑަށް ރިއްސާތީ ކަން ތި އުޅެނީ” ދައުހާގެ ބޮލުގައި ނަޝީލާ ފިރުމާލިއެވެ.
“ޒައި، ޓެކްސީއަކަށް ގުޅާލަން ވީނު؟” ދައުހާ ބުންޏެވެ.
“އުހުނ، ޓެކްސީ އެކަނި ދާނެ ކަމެއް ނެތް، އަދި އަމްދުން ތިހާ ބަލިކޮށް ހުރެ. ނިހާން! ދޭ ދައު ގެޔަށް ލައި ދޭން” އެ ހާލުގައި ދައުހާ އެކަނި ފޮނުވާލަން ނަޝީލާގެ ހިތެއް ނުރުހުނެވެ. އެހެން ނަމަވެސް ދައުހާއަށް އެހީ ވުމަށް ނަޝީލާ ކުރި މަސައްކަތުން ދައުހާގެ ހިތަށް އިތުރަށް ތަދުވުން ނޫން ކަމެއް ނުވާނެ ކަމެއް ނަޝީލާއަކަށ ްނޭނގެއެވެ.
“ނޫން ނަޝީއްތާ، ޓެކްސީގަ އަހަރެން ގޮސް ދާނަމޭ” ދައުހާ ދެކޮޅު ހެދިއެވެ.
“ނޫން، ނުކެރޭނެ އެކަނި ފޮނުވާކަށް. ދެން އަވަސް ކޮށްބަލަ ނިހާން” ދައުހާއަށް ޖަވާބު ދީފައި ނަޝީލާ ނިހާންއަށް ގޮވާލިއެވެ.
“އާނ، ތިހާ ވަރަށް ބޮލުގަ ރިއްސަނިކޮށް އެކަނި ޓެކްސީއެއްގަ ވިޔަސް ގޮސްގެން ނުވާނެ. ނިހާން، ދަރިފުޅު އަވަހަށް ދޭ ދައު ގެންގޮސްދޭން” ވަސީމްވެސް ދައުހާ އެކަނި ފޮނުވަން ދެކޮޅު ހެދިއެވެ.
ބައްޕަވެސް ބުނުމުން ނިހާން ތެދުވިއެވެ.
“ނަޝީއްތާ، އަސްލުވެސް ރަނަގޅު ވާނެޔޭ. އަނެއްކާ އުނދަގޫ ވާނެ އަހަރެން ގޮވައިގެން ދާން ވީމަ” ދައުހާ އާދޭސް ކުރާ ފަދަ ގޮތަކަށް ބުންޏެވެ.
“ދެން ކޮން އުނދަގުލެއްތަ އެއީ؟ ނަޝީއްތައަކަށް ހަމަ ނުކެރޭނެ ދައު އެކަނި ފޮނުވާކަށް. ދޭ ނިހާންއާ އެކީ” ދައުހާގެ ބޮލުގައި ފިރުމާލަމުން ނަޝީލާ ބުންޏެވެ.
އިތުރަށް ދެކޮޅު ހަދަން ނުކެރިގެން ދައުހާ އެންމެ ފަހުން ބޯ ޖަހާލިއެވެ. ޒައިނާއާ ދިމާއަށް ބަލާލާފައި ނިހާންގެ ފަހަތުން ލަސްލަހުން ދައުހާ ދިޔައެވެ.
ދައުހާ ނިކުތް އިރު ގޭ ކުރިމަތީ، މަގުގެ އަނެއް ފަރާތުގައި ސައިކަލުގައި ނިހާން އިނެވެ. ދައުހާ ހުރިތާ ހުއްޓި ހުރުމުން ނިހާން އައިސް ދައުހާގެ ކުރިމަތީ މަޑުކޮށްލިއެވެ.
ސައިކަލުގެ ކައިރިއަށް ޖެހިލާފައި ދައުހާ ވިސްނާލީ ނިހާން ގައިގައި އަތް ނުލާ ސައިކަލަށް އަރާނެ ގޮތަކާ މެދުއެވެ. ނަމަވެސް ގޮތެއް ނުވިސްނުމުން ނިހާންގެ ކޮނޑުގައި ހިފާފައި އަރާ ނިހާންއާ ވީހާވެސް ދުރުގައި އިށީނީ ގޭ ތެރެއިން މީހަކު ނިކުމެދާނެތީއެވެ.
“މިތަނަށް މަޑު ކޮށްލާ” ގޭ މަގުން ނިކުމެ އަނެއް މަގަށް އަޅާލުމާ އެކީ ދައުހާ ބުންޏެވެ.
“ކިހިނެއް ވީ؟” މަގުގެ އެއް ފަރާތަށް ސައިކަލު މަޑުކޮށްލާފައި ނިހާން އަހާލިއެވެ.
ދައުހާ ޖަވާބެއް ނުދީ ސައިކަލުން ފޭބިއެވެ.
“ދައު، ކިހިނެއް ވީ؟” ވީ ގޮތެއް ނުވިސްނިފައި ނިހާން އަހާލިއެވެ.
“އެކަނި ހިނގައިދާނަން” އެހެން ބުނެފައި ދައުހާ ހިނގައިގަތެވެ.
ނަމަވެސް ތިން ފިޔަވަޅުވެސް ނޭޅެނީސް ނިހާން ދައުހާގެ އަތުގައި ހިފެހެއްޓިއެވެ.
“އަހަރެން ގެންގޮސްދީފާނަމޭ، އަރާ” ނިހާން ބުންޏެވެ.
“އަހަންނަށް އެކަނިވެސް ދެވިދާނެ. އަތުން ދޫކޮށްލާ” ދައުހާ ބުންޏެވެ.
“ސައިކަލަށް އަރާ. ދައު ތި އުޅެނީ ބަލިވެ، ތި ގެ ހުންނަނީ އެހާ ދުރުގަ. އަނެއްކާ މީ ރޭގަނޑު” ނިހާން ދައުހާގެ އަތުން ދޫކޮށްނުލާ ބުންޏެވެ.
“އަހަރެން ބޭނުމެއް ނޫން ނިހާންއާ އެކީ ދާކަށް. ނިހާންއަށް ކޮން ކަމެއް އަހަރެން އެކަނި ދިޔަޔަސް؟ އަހަރެން ބައްޔަސް؟ އަހަންނަށް ކޮންމެ ކަމެއް ވިޔަސް އެއީ ނިހާންއާ ބެހޭ ކަމެއް ނޫން. ދޫކޮށްލާ އަތުން” ނިހާންގެ އަތު ތެރޭން އަތް މިނިވަން ކުރަން މަސައްކަތް ކުރަމުން ދައުހާ ބުންޏެވެ.
“ކޮންމެ ކަމެއްގަ ތިހާ ގޮތް ދޫ ނުކުރަން ޖެހޭތަ؟ ތީ ހާދަ ނުވިސްނޭ ކުއްޖެކޭ” ނިހާން ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
“ތީ ވަކި ގޮތް ދޫކުރާ މީހެއްތަ؟ އަތަށް ތަދުވޭ އެބަ، ދެން ދޫކުރަން ވެއްޖެއެއްނު؟” ރުޅި އައިސްފައި ދައުހާ ބުންޏެވެ.
“ދައު!” ނިހާން ދައުހާގެ ނަމުން ގޮވާލިއެވެ.
ނުނިމޭ
9 Comments!
Comments are closed.
Hi, mi bai ves kiyaalaafa comment kollaafa like eh dhehchey. ?? Part 8 on Thursday. ♥️♥️♥️
V reethi
Varah salhi???? waiting…..Ly❤️❤️❤️❤️??
Varah varah reethi.❤❤❤❤❤
maa sha Allah???????
waiting for the next part?❤?
Varah reethi….ehaa kiyaa hithun hutta thi nimmaalee…
Nihaan aw dhau dhen gulheynetha vvv reethi waiting for the next part
Varah reethi mi part vx????maashaa allah???whn nxt…waiting
v reethi mi part ves
Thank u hurihaa kudhin.. 2 ge kurin part 8 upload kollaanan ♥️♥️♥️♥️