Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 8

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login
February 13, 2020 9 Mins Read
8 Comments

“އަހަރެން ބޭނުމެއް ނޫން ނިހާންއާ އެކީ ދާކަށް. ނިހާންއަށް ކޮން ކަމެއް އަހަރެން އެކަނި ދިޔަޔަސް؟ އަހަރެން ބައްޔަސް؟ އަހަންނަށް ކޮންމެ ކަމެއް ވިޔަސް އެއީ ނިހާންއާ ބެހޭ ކަމެއް ނޫން. ދޫކޮށްލާ އަތުން” ނިހާންގެ އަތު ތެރޭން އަތް މިނިވަން ކުރަން މަސައްކަތް ކުރަމުން ދައުހާ ބުންޏެވެ.

“ކޮންމެ ކަމެއްގަ ތިހާ ގޮތް ދޫ ނުކުރަން ޖެހޭތަ؟ ތީ ހާދަ ނުވިސްނޭ ކުއްޖެކޭ” ނިހާން ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

“ތީ ވަކި ގޮތް ދޫކުރާ މީހެއްތަ؟ އަތަށް ތަދުވޭ އެބަ، ދެން ދޫކުރަން ވެއްޖެއެއްނު؟” ރުޅި އައިސްފައި ދައުހާ ބުންޏެވެ.

“ދައު!” ނިހާން ދައުހާގެ ނަމުން ގޮވާލިއެވެ.

“ހަމަ ތެދެއް މިބުނީ. އިރު އަރަން ދެން މިތާ ހުންނަން ޖެހުނަސް އަހަރެން ނާރާނަން ނިހާންގެ ސައިކަލަކަށް. ދޫ ކުރޭ ދެން. އަހަރެން ދާން ވެއްޖެ” އޭރު ދައުހާގެ ލޮލުން ކަރުނަ އައިސްފިއެވެ.

ނިހާން ދައުހާގެ އަތުން ދޫކޮށްލިއެވެ. އެއާއެކު ދައުހާ ކުރިއަށް ދާން ފެށިއެވެ.

ނިހާން ސައިކަލުގެ ތަޅުދަނޑި ނަގައިގެން ދައުހާގެ ފަހަތުން ދާން ފެށިއެވެ.

“ހެޔޮ ނަޔަކަށް” ނިހާން އައިސް ދައުހާއާ އަރާ ހަމަ ކުރުމުން ދައުހާ ބުނެލިއެވެ.

“ދައުއަށް އަހަރެން ހުއްޓުވޭނެތަ؟” ނިހާން ބުންޏެވެ.

ޖަވާބެއް ނުދީ ދައުހާ ކުރިއަށް ހިނގަން ފެށިއެވެ. ނިހާން ނުހުއްޓުވޭނެ ކަން އެނގޭތީއެވެ. ވިއްސަކަށް މިނަޓަށް ފަހު ދައުހާއަށް ގެޔާ ހަމައަށް ދެވުމުން ނިހާންއާ ދިމާއަށް ބަލާލުމެއް ނެތި ދައުހާ ވަނެވެ.

ދައުހާ ވަނުމުން ނިހާން އައި ކޮޅަށް އަނބުރާލިއެވެ. ހިތަށް އުނދަގޫ ވެފައި ހުރި ނަމަވެސް ދައުހާ މެން ގެޔާ ހަމައަށް ދެވެން ދެން ނިހާން އެއްވެސް ވާހަކައެއް ނުދައްކައެވެ. އެ ބޯ ހަރު އަންހެން ކުއްޖާއަށް ވިސްނައިދޭނެ ގޮތެއް ނިހާންއަކަށް ނޭނގެއެވެ. އެ ދެމީހުން ގުޅުމަކީ ނުވާނެ ކަމެއް ކަން ދައުހާއަށް ގަބޫލު ނުކުރެވެނީ ކީއްވެ ހެއްޔެވެ؟ ދައުހާގެ ބައްޕައަކީ ހަރުކަށި މިޒާޖެއް ހުންނަ މީހެކެވެ. ދައުހާގެ ދޮންތަގެ ކައިވެނި ކުރަން އުޅުނު އިރުވެސް މައްސަލަތަކެއް ކުރިމަތި ވީ ދައުހާގެ ބައްޕަ ދުންޔާއާ ނާއިލްގެ ކައިވެންޏަށް ގަބޫލު ނުވެގެންނެވެ.

އޭގެ ފަހުން ދެ މަސް ވެގެން ދިޔަ އިރު ދައުހާ އެއް ފަހަރުވެސް ޒައިނާ މެން ގެޔަކަށް ނުދެއެވެ. އެކި ފަހަރު މަތިން ދައުހާއަށް ގުޅައިގެން އެކަމާ ނަޝީލާ ވަރަށް ޝަކުވާ ކުރިއެވެ. ނަމަވެސް އޮފީހުގައި މާ ބުރައީ ކަމަށް ބުނެ ދައުހާ ނަޝީލާ ރުއްސައެވެ.

އެ ދުވަސްތަކުގައި ނިހާންވެސް އުޅުނީ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. އަބަދު އަބަދު ދައުހާއާ މެދު ނިހާންއަށް ވިސްނެއެވެ. ނިހާން ހީކުރީ ދައުހާ ނުފެނި ގިނަ ދުވަސް ވުމުން ނިހާންގެ ހިތުގައި ދައުހާގެ މައްޗަށް ވާ އިހުސާސްތައް ފަނޑު ވެގެން ދާނެ ކަމަށެވެ. ނަމަވެސް އެހެންނެއް ނުވިއެވެ. ދުވަހެއް ދުވަހަކަށް އެ ސޫރަ ނިހާންގެ ހިތުގައި ދިޔައީ އިތުރަށް ފެވެމުންނެވެ. ދައުހާ ނުފެނި ގިނަ ދުވަސް ވީ ވަރަކަށް ހިތުގައި ދައުހާއާ މެދު ކަންބޮޑުވުން އިތުރު ވަމުން ދިޔައެވެ. ކުރިން ދޭތެރެއަކުން ނިހާންއަށް ގުޅާލި ނަމަވެސް ފަހުން އެއްގޮތަކަށްވެސް ދައުހާ ނުގުޅައެވެ.

އެކަން އެހެން އެ ވީ ނިހާންގެ ސަބަބުން ކަން ނިހާންއަށް އެނގއެވެ. ދައުހާ ނާންނާތީ ނަޝީލާ ޝަކުވާ ކުރާ އަޑު އިވުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވިފައި ނިހާންއަށް އިނދެވެއެވެ. ކުރިން ހަފްތާއަކު އެއް ފަހަރު ނަމަވެސް އެ ގެޔަށް ދައުހާ އަންނަ ދުވަސް ދުވަހަކީ ގޭތެރޭގައި ސަކަރާތް ޖެހުމާ ސަމާސާ ކުރުން ގިނަ ވެގެން ދާނ ދުވަސް ތަކެވެ. ނިހާންގެ ކޮއްކޮމެންނަކީ އަބަދުވެސް ދައުހާ އެގެޔަށް އަންނަ ދުވަހެއް ވިއްޔާ ކޮންމެވެސް ވަރަކަށް ދައުހާއާ އެކު ވަގުތު ހޭދަ ކުރާ ބައެކެވެ. އެ މީހުންވެސް ދައުހާ ނާންނާތީ ޝަކުވާ ކުރަން ފެށިއެވެ. ވަސީމްވެސް ތިން ހަތަރު ދުވަހު ދައުހާ އާ ބެހޭ ގޮތުން ޒައިނާއާ ސުވާލު ކުރިއެވެ.

ދުވަސްތައް ފާއިތު ވަމުން ދިޔަ ވަރަކަށް ނިހާން ގޭގައި ހޭދަ ކުރާ ވަގުތު މަދު ވަމުން ދިޔައެވެ. ހެނދުނު އޮފީހަށް ދާ ގޮތަށް ބައެއް ރޭރޭ ގެޔަށް އަންނަނީ އެގާރަ ޖަހާ ފަހުންނެވެ. ކެއުމާވެސް ދުރު ކަމުން އެކަމާ ނަޝީލާ ސުވާލު ކުރަން ފެށިއެވެ.

ހަމަ އެހެން ދައުހާވެސް ގޭގައި ހުސް ވަގުތު ހޭދަ ކުރުމުގެ ބަދަލުގައި ގިނަ ވަގުތު އުޅެން ފެށީ އޮފީހުގައެވެ. އަމީރާ ސުވާލު ކުރުމުން އޮފީހުގައި މަސައްކަތް މާ ގިނައީ ކަމަށް ބުނެ އޮޅުވާލައެވެ.

ކޮންމެ ދުވަހަކުވެސް ޒައިނާ ފޯނުން ދައުހާއާ ވާހަކަ ދައްކައެވެ. އެންމެންގެ ވާހަކަ ދައްކާ އިރުވެސް ނިހާންގެ ވާހަކައެއް ދައުހާ ނާހައެވެ. ޒައިނާ ނިހާންގެ ވާހަކައެއް ބުނަން އުޅުނަސް ދައުހާ މަނާ ކުރެއެވެ.

 

ކުޑަ ކުޑަ އަދާ ގޮވައިގެން ބޭރަށް ނިކުމެލާ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޒައިނާއަށް އިޔާދު ފެނެއެވެ. ޒައިނާއާ އަދާ ފެންނަ ކޮންމެ ފަހަރަކު އިޔާދުގެ ހިތަށް ބަޔާން ކޮށްދޭން ނޭނގޭ ފަދަ ގޮތެއް ވެއެވެ. އެއް ދުވަހަށް ވުރެ ބޮޑަށް އަނެއް ދުވަހު، އެ ތުއްތު ކުއްޖާ ދެކިލުމުގެ އެދުން އިޔާދުގެ ހިތުގައި ދިޔައީ ބޮޑު ވަމުންނެވެ. ޒައިނާ ފެންނަ ކޮންމެ ފަހަރަކު، ކުރެވުނު ކުށުގެ އިހުސާސް ކުރެވި، ޒައިނާގެ ކިބައިން މާފަށް އެދެން އިޔާދުގެ ހިތް ގޮވަމުން ދެއެވެ. ނަމަވެސް އެ ފަދަ ހިތްވަރެއް ކުރަން އިޔާދުއަކަށް ނުކެރެއެވެ.

އަޒްމަން މަދު މަދުން ޒައިނާމެން ގެޔަށް ދެއެވެ. ފަހުން އެ ވާހަކަ ނުދެއްކި ނަމަވެސް އަޒްމަން ބަލާލާ ގޮތުންވެސް އެ ހިތް ޒައިނާއަށް އެދޭ ވަރު ޒައިނާއަށް އިހުސާސް ކުރެވެއެވެ. ދުވަހެއް ދުވަހަކަށް އަޒްމަންއާ މެދު ޚިޔާލު ކުރެވޭ ވަރު އިތުރު ވީ ނަމަވެސް އަޒްމަން އެދޭ ޖަވާބު ދޭން ޒައިނާ ފަސްޖެހެއެވެ. އިޔާދުގެ އަނިޔާވެރިކަން އެ ހިތުގައި ބިންވަޅު ނެގިފައި ވަނީ އެހެން މީހަކަށް އެހާ ފަސޭހައިން އިތުބާރު ނުކުރެވޭ ފަދަ ގޮތަކަށެވެ.

ނަމަވެސް އަޒްމަން އުންމީދު ދޫކޮށެއް ނުލައެވެ. ޒައިނާގެ ލޯބި ކާމިޔާބު ކުރެވޭނެ ކަން އަޒްމަންއަށް ޔަގީނެވެ. ނޭނގެނީ ކޮން ދުވަހަކުން ކަމެވެ. ހަމަ އެހެން އެ ޔަގީން ކަމަށް އިތުރު ބާރެއް ލިބޭ ކަމަކީ، ޒައިނާގެ އާއިލާގެ އެންމެންވެސް އަޒްމަން އާ ރުހޭޭ ފަދަ ގޮތަކަށެވެ. ައެކެވެ. ާނ ކަން އެނގުމެވެ.

ނަޝީލާއާ ވަސީމް އެދެނީ އަޒްމަން އާ ޒައިނާ ގުޅުމެވެ. އަޒްމަން އެ ގެޔަށް އަންނަނީ ކޮން ބޭނުމަކު ކަން އެ މީހުންނަށް އެނގެއެވެ. ޒައިނާގެ ފަރާތުން އަޒްމަންއަށް އަދި އާނ ބަސް ނުބުނާ ކަން އެނގޭ އިރު، ޒައިނާއަށް ބާރު ނާޅާ އެ މީހުން ތިބެނީ ދިމާވި ކަންތަކަށް ފަހު އެ ފަދަ ގުޅުމަކަށް ފުރުސަތު ދޭން ޒައިނާއަށް އަދި ވަގުތު ބޭނުން ވާކަން ވިސްނޭތީއެވެ.

އަޒްމަން ނައިސް ހަފްތާއެއް ވެއްޖެ ނަމަ އެންމެ ފުރަތަމަ އަޒްމަންއަށް ގުޅައިގެން ނާންނާތީ ޝަކުވާ ކުރާ އެކަކީ ނިހާންއެވެ. ނަޝީލާވެސް ނިހާން ނުވަތަ ނަވާޒް ކައިރީ ބުނެގެންވެސް އަޒްމަންއަށް ގުޅައިގެން ގެނެއެވެ.

 

އަދާއަށް ހަ މަސް ވީ ދުވަހެވެ. ނީލަމް ހުން އައިސްގެން އުޅޭތީ ނަބާހާއަށް ޒައިނާއާ އެކު ނުދެވޭނެތީ އަދާ ކިރަން ދިޔައީ ޒައިނާ އެކަންޏެވެ. ނަޝީލާ ދާން އުޅުމުން، ޒައިނާ މަނާ ކުރީ އެކަނި ގޮސްދާނެ ކަމަށް ބުނަމުންނެވެ. ގޭތރޭގެ ކަންތައް ބެލުމަށް ނަބާހާއަށް އުނދަގޫ ވެދާނެތީ ނަޝީލާވެސް ޒައިނާ ބުނުމުން މަޑު ކުރީއެވެ.

ކިރާ ނިމުމުން ނަޝީލާއަށް ގުޅާލާފައި، އެ ހިސާބާ މާ ދުރު ނޫން ދައުހާ މެން ގެޔަށް ވަދެލާނެ ވާހަކަ ޒައިނާ ބުނީ، އެ ދުވަހު ދައުހާ ބަލި ވެގެން އޮފީހަށް ނުދާތީއެވެ.

“ޒައިނާތަ؟ އެކަނިތަ ތި އައީ؟ މި ގަޑިގަ އެ ކުއްޖާވެސް ގޮވައިގެން؟” ބެލް ޖަހާލި އަޑު އިވިގެން ދޮރު ހުޅުވި އަމީރާ އަދާ އުރާލައިގެން ހުރި ޒައިނާ ފެނުމުން ސުވާލު ކުރަން ފެށި އިރު މޫނުމަތީގައި މަރުހަބާގެ ހިނިތުންވުމެއް ވިއެވެ.

“ކިރާލަން އައީ. އެކަނި މި އައީ ނީލް ބަލިވެ އުޅޭތީ ތިއްތިބޭދައްތައަށް ނާދެވުނީމަ. ދެން ދައު ބަލިވެ އުޅޭތީ ހިތަށް އެރީ ގޮވާލާފައޭ ދާނީ” އެތެރެއަށް ވަންނަމުން ޒައިނާ ޖަވާބު ދިނެވެ.

“އާދެބަލަ އުރާލަން” ޒައިނާ އިށީނުމުން އަދާއާ ދިމާއަށް އަތް ދިއްކޮށްލަމުން އަމީރާ އެކި އަޑު ލައްވަން ފެށިއެވެ.

ދެކޮޅު ހެދުމަކާ ނުލާ އަދާ، އަމީރާ ކައިރިއަށް ދިޔައެވެ.

“ދައު މަންމާ، ކޮބާ ދައު؟” ޒައިނާ އަހާލިއެވެ.

“ކޮޓަރީގަ ވެއްޖެ، ޒައި ދޭބަލަ. ހެނދުނު ހޭލި އިރު މާ ގަދައަކަށް ބޮލުގަ ރިއްސާތީ ބޭސް ކައިގެން ނިދާލާފަ ދެންމެ ހޭލައިގެން މިތާ އިނދެފަ އެ ވަނީ” އަދާއާ ސަކަރާތް ޖެހުމުގައި އިން އަމީރާ ބުންޏެވެ.

ޒައިނާ ތެދުވެގެން ގޮސް ދައުހާގެ ކޮޓަރީގެ ދޮރު ހުޅުވާލި އިރު ހިންދީ ލަވައެއްގެ އަޑު އިވެމުން ދިޔައެވެ.

“ޒަރާސި ދިލް މޭ ދޭ ޖަގާ ތޫ…

ޒަރާ ސަ އަޕްނާ ލޭ ބަނާ…

ޒަރާ ސަ ޚާބޯންމޭ ސަޖާ ތޫ…

ޒަރާ ސަ ޔާދޯންމޭ ބަސާ…”

އެނދުގައި ބަންޑުން އޮތް ދައުހާގެ ކައިރީގައި އޮތް ފޯނުން ލަވަ އަންނަމުން ދިޔައެވެ. އެ ލަވައިގެ އަޑު އިވުމާ އެކު ދައުހާގެ ހާލު ޒައިނާއަށް ވިސްނުނެވެ.

“ދައު…” ދައުހާ ކައިރިއަށް ގޮސް އެނދުގައި އިށީނދެލާފައި ޒައިނާ ގޮވާލިއެވެ.

ފުންމައިގެން ތެދުވި ދައުހާ ޒައިނާގެ ނަމުން ގޮވާލަމުން ޒައިނާ ގައިގައި ބައްދައިގަތެވެ.

“ބުނެވެސް ނުލާ! ކޮބާ އަދާ؟ އެކަނިތަ ތި އައީ؟ އަޅެ އަދާވެސް ގޮވައިގެން އައި ނަމައެއްނު؟” ދައުހާ ދުރަށް ޖެހިލަމުން ސުވާލު ކުރަން ފެށިއެވެ.

“ދައު މަންމަ އެބައިން އަދާ ގޮވައިގެން” ޒައިނާ ބުންޏެވެ.

“ކިރައިގެންތަ ތި އައީ؟” ދައުހާ ތެދުވެ ފޯނުން ލަވަ ނިއްވާލާފައި އިސްތަށިގަނޑު އެއްކޮށް އައްސާލިއެވެ.

“އާނ، ހެނދުނު ދައު އޮފީހަށް ނުދާ ވާހަކަ ބުނީމަ ހިތަށް އެރީ މި ގެޔަށް ވަދެލާފައޭ ދާނީ” ޒައިނާވެސް ދައުހާގެ ފަހަތުން ކޮޓަރިން ނިކުތެވެ.

އަމީރާގެ އަތުގައި އިން އަދާ ފެނުމާ އެކު ދައުހާ ގޮސް އެ ކުއްޖާ އުރާލަމުން އެ ތުއްތު މޫނުގައި ބޮސްދޭން ފެށިއެވެ.

“ސައި ބޯން ވީނު ޒައި؟” އަމީރާ އަހާލިއެވެ.

“ނޫން ދައު މަންމާ، ފިނި ފެން ފޮދެއް ދެނިކޮށް ރަނގަޅު ވާނެ” ޒައިނާ ބުންޏެވެ.

“ދޮގެއް މަންމާ. ކޮންމެސް އެއްޗެއް ދީފަ ޒައި ފޮނުވަން ވާނީ. އަހަރެން އަންނާނަން ފިނި އެއްޗެއް ގަނެގެން” ޒައިނާ އަތަށް އަދާ ދެމުން ދައުހާ ބުންޏެވެ.

“ދަރިފުޅު ޒައި ކައިރީ މަޑު ކުރޭ، މަންމަ އަންނާނަން އެއްޗެއް ގަނެގެން” ޒައިނާ ފެނުމުން ދައުހާގެ މިޒާޖަށް އައި ބަދަލު ފެނިފައި އަމީރާ ހުރީ ވަރަށް އުފަލުންނެވެ. ފާއިތުވެ ދިޔަ ދުވަސްތަކުގައި ދައުހާ ހީވީ ކަމަކާ މާ ބޮޑަށް ހިތާމަ ކަރަމުން ދިޔަ ހެންނެވެ. އެ މޫނު މަތީން އެފަދަ އުފާވެރިކަމެއް އެ ފެނުނީ ކިހާ ދުވަހެއް ފަހުން ހެއްޔެވެ؟

އަމީރާ ދިޔުމުން ދައުހާ އަނެއްކާވެސް އަދާ އުރާލައިގެން ސަކަރާތް ޖަހަން ފެށިއެވެ.

“ހޫނ ދެން، އަހަރުމެން މަތިން ހަނދާން ވާ ނަމަ މިހާ ދުވަސް ވަންދެން ދައު ނުހުރީސް ގެޔަށް އައިސް ނުލައެއް. އަދާ މަތިންވެސް ދައު ނުވޭ ހަނދާނެއް” ތުން ދަމާލަމުން ޒައިނާ ޝަކުވާ ކޮށްލިއެވެ.

“ނޫން ޒައި، އަދާ މަތިން ވަރަށް ހަނދާން ވި، އެކަމަކުވެސް ތި ގެޔަށް ނުދާން ވެގެން ހުރެވުނީ. ކިތަންމެ ފަހަރަކު ހިތަށް އެރި ޒައި ކަރީ އަދާ ގޮވައިގެން މި ގެޔަށް އަންނަން ބުނަން. އެކަމަކު…” ޒައިނާއަށް ބަލާލަމުން ދައުހާ ބުންޏެވެ.

“ދެން ހަމަ ނުދާނަންތަ؟” ޒައިނާ އަހާލިއެވެ.

“ޒައި ޕްލީޒް…” ދައުހާ ބުނެލިއެވެ.

“މަންމަވެސް އުޅޭ ދައު މިސް ވެގެން” ޒައިނާ ބޭނުން ވަނީ ދައުހާ ޒައިނާ މެން ގެޔަށް ގެންދާށެވެ.

“ކޮބާ ނަޝީއްތަ މެން؟ ނީލް ރަނގަޅުތަ މިހާރު؟” ދައުހާ އެކި މީހުންގެ ވާހަކަ އެހިއެވެ.

“މަންމަ އެބަ އުޅޭ. ނީލް އަދި ރަނގަޅެއް ނޫން. އެކަމަކު ކުރިއަށް ވުރެ ރަނގަޅު މިއަދު” ޒައިނާ ޖަވާބު ދިނެވެ.

“އެ ތުއްތޮންބެ އަދިވެސް ނޫޅޭތަ މެރީ ކުރާކަށް؟” ދައުހާ އެހިއެވެ.

“ނޭނގެ އަދި. ނުދައްކާ މެރީ ކުރާ ވާހަކައެއް. އެކަމަކު ދެން މާ ގިނަ ދުވަސް ވާނެ ހެންނެއް ހިއެއް ނުވޭ” ދައުހާގެ ސުވާލުތަކަށް ޒައިނާ ޖަވާބު ދެމުން ދިޔައެވެ.

“ހުންގަނޑެއް ގެޔަށް ވަދެގެން އުޅެނީ، މިހާރު ކުޑަބެއާ ބައްޕައާ ތިއްތިބޭދައްތައާ ތިއްތިބޭއާ ދޮންބެވެސް އެއާ ހިފަހިފާފަ ރަނގަޅު ވެއްޖެ. ނީލް މިހާރު އެކަމާ އުޅެނީ” ޒައިނާ ކިޔާ ދިނެވެ.

ނިހާން ގެ ނަން ބުނުމާ އެކު ދައުހާ ހިމޭން ވިއެވެ.

“ދައު، ދޮންބެ މިހާރު އުޅެނީ ވަރަށް ފާޑަކަށް. ކުރިޔާ ވަރަށް ތަފާތު. މުޅި ދުވަހު އުޅެނީ އޮފީހުގަ، ގެޔަށް އައިސްވެސް ތިއްތިބޭ ނޫން މީހަކާ ވާހަކައެއް ނުދައްކައޭ ބުންޏަސް ދޮގަކަށް ނުވާނެ. ރޭގަނޑު ބައްޕައާ އެކީ ކާން އަންނާނީވެސް ބައްޕަ ގުޅާފަ ބުނެފިއްޔާ. އެހާ ވަރަށް ހުން އައިސްގެން އުޅުނު އިރުވެސް ފުރަތަމަ ދުވަހު މަންމަ ކައިރީވެސް ނުބުނޭ. އެ ދުވަހު އޮފީހަށް ނުދާތީ މަންމަ ދޮންބެ ކޮޓަރިއަށް ދިޔައިމަ އެނގުނީވެސް. ރޭގަނޑު ގެޔަށް އައިސް އަދާ ކައިރިއަށް ވަދެލާ އިރު ނޫނިއްޔާ އަހަރެންވެސް ގިނަ ދުވަސް ދުވަހު ދޮންބެ ނުވެސް ދެކެން” ޒައިނާ ކިޔައިދީ ނިމެން ދެން ދައުހާ އަޑު އަހަން އިނެވެ.

“ދައު… އެއްޗެއް ބުނެބަލަ!” ދައުހާ އަބގައިން ނުބުނެ އިނުމުން ޒައިނާ ދައުހާގެ އަތުގައި ހިފާ ތަޅުވާލިއެވެ.

“ޒައި ތި އައީ ޒައިގެ ދޮންބެގެ ވާހަކަ ދައްކަންތަ؟” ދައުހާ ކޮށްލީ ސުވާލެކެވެ.

“ނޫން، އަހަރެން އައީ އަހަރެންގެ ބެސްޓް ފްރެންޑް ނުފެންނާތީ ދެކެލަން ވެގެން. އަހަންނަށް ހީވަނީ ދައުވެސް ތި އުޅެނީ ދޮންބެ އުޅޭ ގޮތަށް ހެން. ކީއްކުރަން އެހެން އުޅެންވީ؟ ނިކަން ދޮންބެއަށް ދައްކާލަބަލަ ދޮންބެ ވާހަކަ ނުދެއްކިޔަސް ދައުއަށް ވަރިހަމަ ކަން. ތިހެން ފިލައިގެން އުޅުނީމަ ކޮން ކަމެއްތަ ވަނީ؟” ޒައިނާ ބޭނުން ވަނީ އެކުވެރިޔާއަށް ހިތްވަރު ދޭށެވެ.

“ވަރިހަމަ ނޫނިއްޔާ ކިހިނެއްތަ އެހެން އުޅޭނީ؟ އަހަންނަކަށް ވަރިހަމައެއް ނޫނޭ ޒައި” ދައުހާ ބުންނެވެ.

“ދައު، އަހަންނަކަށް ނޭނގެ ބުނަން ވީ ކީކޭ ކަމެއް، ދޭންވީ ކޮން ނަސޭހަތެއް ކަމެއް. އެކަމަކު އަހަންނަށް ޔަގީން ތީއެއް ނޫން ކަން ހަދަންވީ ގޮތަކީ” ދައުހާގެ އަތުގައި ހިފާލަމުން ޒައިނާ ބުންޏެވެ.

ދެ އެކުވެރިންގެ ވާހަކަ އެ ހިސާބުން މެދު ކެނޑުނީ އަމީރާ އައުމުންނެވެ. ދައުހާ ކައިރީ ދެ ގަޑިއެއްހާ އިރު މަޑުކޮށްލާފައި ޒައިނާ ގެޔަށް ދާން ނިކުތީ ދޭއް ޖެހި ފަހުންނެވެ. ކާރެއްގައި ގޮސް ގޭ ކައިރީ ހުރި ކައުންޓްލައިން ފިހާރަ ކައިރިއަށް މަޑު ކޮށްލުމަށް ޒައިނާ އެދުނީ، އެ ފިހާރަ ފެނުމުން ކޭކު ކާ ހިތް ވެގެންނެވެ.

ބޭނުން ވާ އެއްޗެހި ނަގާފައި ފައިސާ ދެއްކުމަށް ފަހު އެއް އަތުން ކޮތަޅު ހިފައިގެން، އަނެއް އަތުން އަދާ އުރާލައިގެން ފިހާރައިން ނިކުމެ މަގުމަތީގައި ޒައިނާ މަޑު ކޮށްލީ ހުސް ޓެކްސީއެއް އާދޭތޯއެވެ.

“ޒައިނާ…!” ފަހަތުން ގޮވާލި އަޑު އިވުމާއެކީ ޒައިނާ ގަނޑު ވި ކަހަލައެވެ. ހިތުގެ ތެޅުން ބާރު ވެގެން ދިޔަ އިރު ހީވީ މޭ ފަޅާފައި ނިކުމެދާނެ ހެންނެވެ. ހަދާނެ ގޮތެއް ނޭނގިފައި ހުރި ޒައިނާއަށް އަދާ ގައިގައި ބާރަށް ހިފަހައްޓާލެވުނީ ބޭއިޚްތިޔާރުގައެވެ.

ހަރަކާތެއް ނުކުރެވިފައި ހުރި ޒައިނާއަށް ހޭވެރިކަން ވީ ދެވަނަ ފަހަރަށް ޒައިނާގެ ނަމުން ގޮވާލުމުންނެވެ.

ފަހަތަށް ބަލާވެސް ނުލާ ޒައިނާ ހިނގައިގަތެވެ. ނަމަވެސް ތަންކޮޅަކަށް ނުދެވެނީސް ފަހަތުން އައި މީހާ ޒައިނާގެ އަތުގައި ހިފެހެއްޓިއެވެ.

“އަތުން ދޫ ކުރޭ!” އިޔާދު އައިސް ޒައިނާގެ ކުރިމައްޗަށް އެރުމުން ޒައިނާ ބުނެލިއެވެ.

“އަހަރެން ބުނާ އެއްޗެއް އަޑު އަހަން މަޑުކޮށްލާނަންތަ؟ ޕްލީޒް…؟” އިޔާދު އެހިއެވެ.

“ދޫ ކުރާށޭ” އިޔާދުގެ އަތު ތެރޭން އަތް ދަމައިގަންނަން މަސައްކަތް ކުރަމުން ޒައިނާ ދެ ވަނަ ފަހަރަށްވެސް އެހެން ބުނި އިރު އިޔާދު ބުނި އެއްޗެއް އަޑު ނީވޭ ފަދައެވެ.

“ޒައި… އަޑު އަހާބަލަ، ޕްލީޒް…” ޒައިނާގެ އަތުން ދޫކޮށްލާފައި އިޔާދު ބުންޏެވެ. ނަމަވެސް އަޑު އަހަން މަޑުކޮށްލުމެއް ނެތި ޒައިނާ ހިނގައިގަތެވެ.

“އަހަންނަށް އެނގޭ އަޑު އަހަން ބޭނުން ނުވާނެ ކަން، އެކަމަކު އެންމެ ޗާންސެއް ދީ—”

“އަހަރެން ކުރި އާދޭސް އަޑު އެހިންތަ؟” އިޔާދުގެ ވާހަކަ މެދު ކަނޑާލަމުން ޒައިނާ އަހާލިއެވެ.

ވަގުތުން އިޔާދުގެ ބަސް ހުއްޓުނެވެ. އެއް އަތް ބޮލުގެ އިސްތަށިގަނޑުގައި ހިންގާލަމުން އިސް ޖަހާލީ ދޭނެ ޖަވާބެއް ދުލަށް ނައުމުންނެވެ.

އެއް އިރެއްގައި އެ މީހަކަށް ޓަކާ ޒައިނާ އާއިލާއަށް އޮޅުވާލާ، ދީވާނާއެއް ފަދައިން ލޯބިވި އެ ސޫރައަށް ޒައިނާ ބަލާލީ ނަފްރަތުގެ ބެލުމަކުންނެވެ. އެހާ ކައިރިން އިޔާދު ފެނުމުން، އެ ހިތުގައި ކުރިން އިޔާދުއަށް ވީ ލޯބި ނެތިގެން ގޮސްފި ކަން ޒައިނާއަށް ޔަގީންވިއެވެ. އެހެން ވިޔަސް އިޔާދުގެ ސަބަބުން ޒައިނާއަށް ދިމާވި ކަންތައް ހިތަކުން އަދި ނުފިލައެވެ. ދުވަހަކު ނުވެސް ފިލާނެއެވެ. ޒައިނާ އުރައިގެން ހުރި ދަރިފުޅަކީ އޭގެ ހެއްކެކެވެ.

ދެ ހިތުގައިވެސް އެ ދުވަހުގެ ހަނދާންތައް އާ ވެގެން ދިޔައެވެ. އިސް އުފުލާ އިޔާދު ޒައިނާއަށް ބަލާލި އިރު، އެ ލޮލުން ފެނުނު ނަފްރަތު އެއީ އިޔާދުއަށް ހައްގު އެއްޗެއް ކަން ގަބޫލު ކުރެވުނީ މީހެއްގެ ބުނުމަކާ ނުލައެވެ. ޒައިނާ އިޔާދު ފަސްދީ ދިޔަތަން ބަލަން ހުރި އިރު، ކުރިން ދުވަހަކުވެސް ނުވާ ފަދަ ގޮތެއް އިޔާދުގެ ހިތަށް ވަމުން ދިޔައެވެ. ޒައިނާ އުރައިގެން ހުރި ތުއްތު އަންހެން ދަރިފުޅު އެއީ އިޔާދުގެ ލެއެވެ. އެ ދުވަހު އެއީ އިޔާދު ކުރި ކަމެއް ނޫން ކަމަށް ބުނެ އިންކާރު ކުރި އިރު، ކޮންމެވެސް ދުވަހަކުން އެ ދަރިފުޅު އުރާލުމަށް އެދި ހިތް ތެޅި ފޮޅޭނެ ކަން އިޔާދުއަށް ނުވިސްނުނީއެވެ.

ޒައިނާ އިޔާދުއަށް ކިހާ އިތުބާރެއް ކުރި ހެއްޔެވެ؟ ދެ އާއިލާގެ މެދުގައި އެ ރުޅިވެރިކަން އޮންނަތާ އެތައް އަހަރުތަކެއް ވެފައި ވީ އިރުވެސް، އިޔާދުގެ ބަސް ޒައިނާ ގަބޫލު ކުރީ އެއްވެސް ސުވާލެއް ނެތިއެވެ. އިޔާދު ބުނި ކޮންމެ ގޮތަކަށް ކަންތައް ކުރީ ހިތުގައި އިޔާދުއާ މެދު ކުޑަވެސް ޝައްކެއް ނެތިއެވެ. އެ ރޭވެސް އިޔާދުގެ އެދުމަށް އިޔާދު މެން ގެޔަށް ޒައިނާ ދިޔައީ ގޭ މީހުންނަށް ދޮގު ހަދާފައެވެ. އެކަމަކު އިޔާދު ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟ ޒައިނާގެ ދިރި އުޅުން، އެންމެ ރެއަކުން، މުޅިން ހަލާކު ކޮށްލީ އިޔާދުއަށް އެކަން ކުރެވިދާނެ ކަން ދައްކާލުމަށެވެ.

ޒައިނާ އަނެއް މަގުން ލަނބާލާ، ލޯ މަތިން ގެއްލުމުން އިޔާދު ލޯ މަރާލިއެވެ. އެއާއެކު ސިފަ ވީ ރޮއެރޮއެ އިން ޒައިނާއެވެ. ދެ ކަންފަތުގައި އަތް އަޅާލެވުނީ ޒައިނާ ކުރި އާދޭސް، އިޔާދުގެ ކަންފަތުގައި ގުގުމާލި ހެން ހީވުމުންނެވެ.

ލޮލުން ފައިބަން ތައްޔާރަށް ހުރި ކަރުނަތައް ޒައިނާއަށް ހިފެހެއްޓުނީ ގެޔާ ހަމައަށް ދެވެން ދެނެވެ. ގޭތެރެއަށް ވަދެވުމާ އެކު ޒައިނާއަށް ބާރަށް ރޮވުނެވެ. އަތުގައި ހުރި ކޮތަޅު ދޫކޮށްލާފައި މޫނުގައި އެ އަތް އަޅާލަމުން ޒައިނާ ކޮޓަރިއާ ދިމާއަށް ދިޔައެވެ. އޭރު ސިޓިންގ ރޫމްގައި ތިބި ނަޝީލާއާ ނަބާހާއާ އަޒްމަން ޒައިނާއަކަށް ނުފެނެއެވެ.

ޒައިނާ ރޮމުން ކޮޓަރިއަށް ވަދެގެން ދިޔަ ގޮތުން ނަޝީލާ ވަގުތުން ތެދު ވެގެން ޒައިނާ ފަހަތުން ކޮޓަރިއަށް ވަނެވެ. ނަބާހާއާ އަޒްމަން އެކަކު އަނެކަކަށް ބަލާލާފައި ނަބާހާވެސް ނަޝީލާ ފަހަތުން ދިޔައެވެ. ހަދާނެ ގޮތެއް ނުވިސްނިފައި އިން އަޒްމަން އިރުކޮޅަކު އެހެން އިނދެފައި ގޮސް ޒައިނާގެ ކޮޓަރި ދޮރު މަތީ މަޑުކޮށްލިއެވެ.

ކޮޓަރިއަށް ވަދެ އެނދުގައި އަދާ ބާއްވާފައި ޒައިނާ ދެ އަތުން ލޯ ފޮހެލި ނަމަވެސް ރުއިމެއް ނުހުއްޓުނެވެ. އެނދުގައި އިށީނދެ ދެ އަތުން މޫނު ފޮރުވާލީ ރޮވޭތީ އަމިއްލަ ނަފްސަށް އެއްޗެހި ކިޔަމުންނެވެ.

“ދަރިފުޅާ، ކިހިނެއް ވީ؟” ނަޝީލާ އައިސް ޒައިނާ ކައިރީ އިށީނދެފައި އަހާލިއެވެ.

ނަޝީލާ އެހެން އަހާލުމާ އެކު ނަޝީލާ ގައިގައި ބައްދާލި ޒައިނާގެ ރުއިން ބާރު ވެގެން ދިޔައެވެ. ނަބާހާއަށްވެސް ޒައިނާގެ ބޮލުގައި ފިރުމާލެވުނީ ޒައިނާ ރޯ ގޮތުން ދެރަ ވެގެންނެވެ.

ވާހަކައެއްގައި ތިބެ ގެޔަށް ވަދެގެން އައި ނިހާންއާ ވަސީމް ޒައިނާގެ ކޮޓަރިއާ ދިމާއަށް ދިޔައީ ދޮރުމަތީ އަޒްމަން ހުއްޓާ ފެނުމުންނެވެ.

“ކޮބާ ނަންނަ؟” އަޒްމަން އާ ހަމައަށް އައިސްފައި ނިހާން އަހާލިއެވެ.

ޖަވާބެއް ނުދީ އަޒްމަން އެތެރެއަށް އިޝާރާތް ކޮށްލިއެވެ.

“ދަރިފުޅާ، ބުނެބަލަ ވީ ގޮތެއް. ކީއްވެތަ ތި ވަރަށް ތި ރޮނީ؟” ނަޝީލާ އެ ވަގުތު ސުވާލު ކުރި އަޑު އިވުމުން ނިހާންއާ ވަސީމް ކޮޓަރިއަށް ވަނެވެ.

“ނަންނައަށް ކިހިނެއް ވީ؟” ނިހާން އެހިއެވެ.

“ނޭނގެ ވީ ގޮތެއް. އަދާ ކިރަން ގޮސްފަ ދައު މެން ގެޔަށް ވަދެލާފަ ދެންމެ އެ އައީ. ގެޔަށް ވަނީވެސް ރޮމުން” ނަޝީލާ ބުންޏެވެ.

“ދަރިފުޅު ވީ ގޮތެއް ބުނެބަލަ. މަގުމަތިން މީހަކު އެއްޗެއް ބުނީތަ؟ ކަމެއް ކުރީތަ؟” ނަޝީލާ ކައިރީ އިށީނދެފައި ޒައިނާގެ ކޮނޑުގައި ހިފާ ގެނެސް މޭގައި ޖައްސާލަމުން ވަސީމް ބުންޏެވެ.

“ބައްޕާ، އޭނަ… އޭނަ…” ޒައިނާ ރުއިމުގެ ތެރެއިން ބުނަން މަސައްކަތް ކުރިއެވެ.

“ކާކު؟ ކާކު ކީއް ކުރީ؟ ކީކޭ ބުނީ؟” ޒައިނާގެ އަތުގައި ހިފާ ވަސީމްއާ ދުރުކޮށްލަމުން އެ މޫނުގައި ހިފާފައި ނަޝީލާ އެހިއެވެ.

“ޒައިނާގެ ގައިގަ އަތްލިތަ އޭނަ؟ އަދާ ގައިގަ އަތްލިތަ؟” އެ ވަގުތު ދުރުގައި ހުރެފައި ނިހާން އަހާލީ ޒައިނާ އެ ބުނީ ކާކުގެ ވާހަކައެއް ކަން ވިސްނިގެންނެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ރާސްތާ2 (36)

Next

ހުރިގޮތްހޭމީ؟ (2ވަނަ ބައި)

Next
February 13, 2020

ހުރިގޮތްހޭމީ؟ (2ވަނަ ބައި)

Previews
February 13, 2020

ރާސްތާ2 (36)

8 Comments!

  1. Mar Sha Marsha says:
    February 13, 2020 at 1:13 pm

    Salaam, like vanya comment kollaafa like eh dhehchey.. Part 9 on Sunday. Have a happy weekend ❤️❤️❤️

  2. Yaash says:
    February 13, 2020 at 1:49 pm

    mi part ves v reethi…im watting 4 next part

  3. Mona says:
    February 13, 2020 at 1:56 pm

    Saturday ga vaahaka genes dhyba plxxxxxxxx

  4. Raani says:
    February 13, 2020 at 3:02 pm

    V furihama……♥️♥️♥️

  5. Anonymous says:
    February 13, 2020 at 4:10 pm

    Marsha thihen nubunyas kamudhanya kohme kujjaku ves like dheyne kahneyge dwww

  6. Yanaa says:
    February 13, 2020 at 5:07 pm

    Varah Varah reethi ?????
    maa sha Allah ❤❤❤❤❤❤❤
    waiting for the next part???

  7. Kairaa says:
    February 13, 2020 at 9:39 pm

    Varah reethi….enme kiyaa hiyy v thankolhun e nimuny vx?????….waiting for the nxt part….

  8. Mar Sha Marsha says:
    February 16, 2020 at 2:59 pm

    Thank u hurihaa kudhin. New part now uploaded ❤️?

Comments are closed.


All Right Reserved!