އާދުވަހަކަށް އިރު އަރައިފި އެވެ. މިއަދުމީ ދެމަސް ދުވަހަށް ފަހު އަހަރެންގެ ބައްޕަ ރަށައް އަންނަ ދުވަހެވެ. އަހަރެންނަށް އުފަލުގެ ކޮޅެއްވެސް ނެތެވެ. އިއްޔެގެ އިރު އޮއްސުމާ ހަމައަށް އަހަރެން ހުރީ އަހަރެންގެ އަނިޔާވެރި ކަމުގެ ދުވަސްތައް ނިމުމަކަށް އަންނަ ކަމުގެ ޚިޔާލީ ފޮލާ ކައްކާށެވެ. އަހަރެން ހުރީ ބައްޕަގެ ގާތުގައި ދައްކާނެ ވާހަކަތައް ހިތުގައި ރާވައިލައިގެންނެވެ.
***
އިރު އޮއްސުނު ވަގުތު އަހަރެން އޮތީ ލިވިންގް ރޫމް ސޯފާގައި ވާހަކަ ފޮތެއް ހިފައިގެން އެކިޔާށެވެ. ބުނަން ހެއްޔެވެ. އަހަރެންނަކީ ދިވެހި ވާހަކަޔައް ނުހަނު ފޯރިއެއް ހުންނަ ކުއްޖަކީމެވެ. އަހަރެންގެ ބައްޕަ އަހަރެންނަށް ބައިވަރު ވާހަކަ ގެނެސްދީފައި ހުންނަނީ އަހަރެން އުފާ ކޮށްދޭށޭވެ. އަހަންނަށް ފޫހިވެގެން ކަމެއް ނެތިގެން އޮންނަން ޖެހޭ ވަގުތެއްވެސް ނޯވެއެވެ.
އަހަރެން ސޯފާގައި ދެފައި ދަމާލައިގެން އުއްޑުން ސޯފާގައި އޮވެވުނީ ސަމިއްތަ ގޭގައި ނެތީމައިއެވެ. ގެހުރީ އަހަރެންނަށް ބޭރަށް ނުދެވޭނެހެން ތަޅުލައިފައެވެ. ދުވާލުގެ އަލިކަން އަހަރެންނަށް ފެންނަނީ ސްކޫލަށްދާ ވަގުތާއި ސްކޫލުން އަންނަ ވަގުތު އެކަންޏެވެ. ހަނދުވަރު އޭގެ އަލިން ދުނިޔެ އަލިކުރަމުން ތަރިތަކުގެ މެދުގައި ރަނިކަން ކުރަމުންދާ މަންޒަރު ނުފެންނަތާވެސް ދެމަސްވީއެވެ. އުޑުގައި ފިޔަޖަހަމުންދާ ކުދިކުދި އެތައް މިލިއަން ތަރިތައްވެސް ނުފެންނަތާ ދެމަސްވީއެވެ. އެއްއުމުރުގެ ކުދިންނާއެކީ ކުޅެ ސަކަރާތްޖަހާ ހީމަޖާ ކުރަން އަހަރެންވެސް ބޭނުންވާނެ ނޫންހެއްޔެވެ. ނަމަވެސް އެހިލައަށްވުރެ ހަރު ހިތަކަށް އެކައްޗެއްވެސް ނާރާނެއެވެ.
އަހަރެންނަށް ވާހަކައިގެ ޖާދޫގައި ޖެހިފައި އޮވެވުނީ ކިހާ އޮރަކު ކަމެއްވެސް އަހަރެންނަށް ނޭނގެއެވެ. އަހަރެންނަށް ހޭވެރިކަމެއްވީ ގޭގެ މައިދޮރު ތަޅުވަޅަށް ތަޅުދަނޑި ކޮށްޕާލި އަޑު އިވުމުންނެވެ. އަހަރެންނަށް ހީވީ އެތައްހާސް ކުޅަނދުރެއް އައިސް އަހަރެންގެ ގަޔައް ކަށި ޖެހިހެންނެވެ. ކުއްލިއަކަށް ފުންމާފައި ތެދުވެ، ދުވެފައި ގޮސް ކޮޓަރިއަށް ވަނީމެވެ. އަހަރެންގެ އަތުގައި އެފޮތް އޮއްވާ ފެނިއްޖެ ނަމަ އެވީދަންވެސް އޭނާ ފަސް ނުޖެހޭނެއެވެ. އަހަރެންދެކެ އަންނަނީ އަމަށަކު ރުޅި އެއްނޫނެވެ.
ދުވެފައި ކޮޓަރިއަށް ވަދެ ފާޚާނަ ހުންނަ ބަޔައް ވަނީމެވެ. ފާޚާނަޔަށް ވަދެވޭނީ ކުޑަ ސްޓަޑީ ރޫމެއް ކަހަލަ ތަނަކަށް ވަނީމަ އެވެ. އެއް އަރިމަތީގައި ސޯފާއެއް ހުންނައިރު އަނެއް އަރިމަތީގައި އިންނާނީ ލިޔާ މޭޒެވެ. ދޮރުން ވަންނަތާ ކުރިމައްޗައް އިންނާނީ އަހަރެންގެ ޓްރޮފީތަކާއި ހަނދާނީ ލިޔުންތަކާއި މެޑަލް ތަކެވެ. ދޮރު ހަރުކޮށްފައި އިންނަ ބިތް އެއްކޮށް އިންނާނީ ފޮތް ހަރުގަނޑެކެވެ. ބިތެކޭ ބުންޏަސް ބިތުގެ ފުޅާމިނުގައި ހަފޫޓު ކިރިޔާ ހަމަވާ ކަމެވެ. ދިގުމިނުގައި ދިހަފޫޓު ވަރެވެ. ފޮތް ހަރުގަނޑާއި ސީލިންގާ ދެމެދު ހުންނާނީ ދެފޫޓުބައިވަރުގެ ދިގުމިނެކެވެ. އެކަބަޑު އިންނައިރު އެތާގައި އެކަބަޑު އިންހެންވެސް ހީނުވާނެއެވެ. އެއީ އެކަބަޑު އިންނަނީ ފާރައް ފައްތައިފައި ކަމުންނެވެ. އަދި އެކަބަޑުގައި ސްލައިޑް ދޮރެއް ހުންނައިރު އެދޮރު ހުންނަނީ ފާރާއި އެއްކުލަކަށް ހުންނަ ސްޓިކާ ހަރު ކޮށްފައެވެ. މުޅި އެބިތުގައި ވެސް ހުންނަނީ ސްޓިކާ ހަރު ކޮށްފައެވެ. އެއީ އެތަނަކީ ޕާޓްޝަން ޖަހައިގެން ކޮޓަރިއާއި ވަކި ކޮށްފައި ހުންނަ ތަނެވެ. އެތާގެ އެތެރެއިން ވަދެވޭނީ ފާހަހައަށެވެ. ވާހަކަ ފޮތް އޮންނަ ތަނަށް ލުމަށްފަހު އަހަރެން ނިކުމެ އެނދުގައި ނީށީންދެވިގެން އުޅެނިކޮށް ކޮޓަރީގައި ޓަކިޖަހާލައިފައި ސަމިއްތަ އަހަންނަށް ގޮވާ އަޑު އިވެއެވެ.
“އާޝާ!! އާޝާ!! ދޮރު ހުޅުވަބަލަ!” ދޮރު ކުރިމައްޗައް އަރައިފައި އަހަރެން ފުން ނޭވައެއް ދޫކޮށްލީމެވެ. އަދި ނިތުގައި ހިތްލާފައި ހުރި ދާތިކިތައް އަތުގެ ނުފުށުން ފުހެލީމެވެ. އަހަރެން ހީވަނީ ވައްކަމެއް ކޮށްގެން އެކަން ފަޅާއަރާފާނެތީ އުޅުނުހެންނެވެ. ހިތައް އައި އެއްޗަކުން އަހަރެންނަށް ހިނިތުން ވެވުނެވެ. އަހަރެންވެސް ހިތައް އަރާ މޮޔަ ކަންތަކެވެ. ސަމިއްތަ އާއި ކުރިމަތި ލާން ޖެހޭތީ އަހަރެންނަށް ވާހައި ގޮތް ގޮތެވެ.
އަހަރެން މަޑުމަޑުން ދޮރު ހުޅުވާލީމެވެ. ކުރިމަތީ ހުރި ސަމިއްތަ އަހަރެންގެ ކޮޓަރިއަށް ނަޒަރު ހިންގާލީ ވަރަށް ފާޑަކަށެވެ. ހީވަނީ ކޮޓަރިތެރޭ އޮންނަން ނުޖެހޭވަރުގެ އެއްޗެއް އޮތް ހެންނެވެ. ދެން އެބުނިއްޗަކުން އަހަރެންގެ މުޅި ދުނިޔެ އެނބުރި ގަތް ކަހަލައެވެ. “މާދަން އާކިފް އަންނާނެ.. ހަނދާން ކުރާތި… ޗުއްޕު ބުންޏަސް އެއަށް ވުރެ ބޮޑުވަރު އަރުވާލާނަން.. އަހަރެން ކަލެއާއި މެދު ކަންތައް ކުރި ގޮތުން ކުރެ ކަމެއް އާކިފް އަށް އެނގިއްޖެއްޔާ ދެން ފެންނާނީ ކަލޭގެ އަމާގެ ފުރާނަ ނެތް މަސްގަނޑު… ހަނދާން ކުރާތި..” ރުޅިވެރި ބަސްތަކުން އިންޒާރެއް ދީފައި އޭނާ ދިޔައީ އަހަރެންގެ ހިތް ހުއްޓޭ ވަރު ކޮށްލާފައި އެވެ. ޝަހާދަތް އިނގިލި ދިއްކޮށްލާފައި ބުނެލި ގޮތުން ހީވަނީ ގޭންގެއްގެ ބޮޑުމީހެއް ހެންނެވެ. އަހަރެން ލޮލުން ކަރުނަ އަންނަކަން ވެސް އިގުނީ ކޯތާފަތް މަތިން ރޮނގަކަށް ފައިބަމުން ދިޔަ ކަރުނަތިކިތައް ދަތްދޮޅު ދަށުން ވެއްޓިނު ކަރުނަ ތިއްކެއް ދޮރު ހުޅުވަން ތަޅުގައި އަތްލި އަތައް ވެއްޓުމުންނެވެ. އަހަރެން ޝޮކުގައި އިނީ ގުޑިލަންވެސް ނޭނގިފައެވެ. ކޮޓަރި ތެރެއަށް ބަލާލާފައި ހަޅޭއް ލަވައި ގަތީ އަހަރެންނަށް ތަޅުން އަތް ނުނެގިގެން އުޅެނިކޮށެވެ.
***
އަހަރެންގެ ޚިޔާލީ ވާފަށް ކެނޑުނީ ވަރަށް ލޯބިން ގޭތެރެއަށް ވަދެފައި ބައްޕަ ދަރިފުޅާއޭ ކިޔާލައިފައި ގޮވާލުމުންނެވެ. ކަރުނަތައް ފުހެލާފައި ބާލީހައި އެއްޗެހި ރީތި ކޮށްލާފައި އަހަރެން ނިކުމެގެން ދިޔައީ ބައްޕަ ގާތަށެވެ. ދޮރުން ނިކުތް ގޮތަށް އަހަރެން ދުވެލާފައި ގޮސް ބައްޕަގެ ގައިގައި ބައްދާލީމެވެ. އަހަރެން ނުރޯން ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް އެކަރުނަތަކެއް އަހަރެންނަކަށް ނުހިފެހެއްޓުނެވެ. އަހަރެން ވަނީ އޯގާތެރިކަމުގެ އަތެއް އިންތިހާއަށް ބޭނުން ވެފައިއެވެ. ގިސްލަ ގިސްލާފައި ރޮމުންދިޔައިރު އަހަންނަށް ނުފެނުނީ ބައްޕަ ލޯވެސް ކަރުނުން ތެމުނުތަނެވެ. “ޝްޝްޝް.. ދެން ހުއްޓާލާ.. މިހާރު މިރީތި ދެލޯ އެއޮތް މުޅިން ރަތްވީނު… ބައްޕަގެ ރަންކޮޅު.. ބައްޕަ މިހާރު މިއައިއްޔޭ ބައްޕަގެ ދޫނި ކައިރިއަށް… އަވަހަށް ހުއްޓާލާ…” ބައްޕަގެ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަ ތިކި އަތުގެ ނުފުށުން ފުހަމުން ބުނެލިއެވެ. ބައްޕަ އަހަރެން މަސަލަސް ކުރަމުން ދިޔައީ ފަސްއަހަރުގެ ކުޑަކުއްޖަކު މަސަލަސް ކުރާފަދައިން، ލޯބިންނެވެ. ބައްޕަގެ ފަހަތުގައި އިން ސަމިއްތަ އިނީ މޫނު ކުނި ކޮށްލައިގެންނެވެ.
ބައްޕަގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިން އަހަރެންނަށް ސިހުން ގެނުވީ ސަމިއްތަގެ ބާރު އަޑަށެވެ. “އާކިފް!! ދެން ހިނގާބަލަ ސައިބޯން.. މިހާރު އެއޮތް ނުވައެއް ޖަހަނީ..” މޫނުމައްޗައް ގަދަކަމުން ހިނިތުން ވުމެއް ގެންނަމުން ސަމިއްތަ ބުނެލިއެވެ. މިބުނުމަށް ބައްޕަ ކޮއްޅައްތެދުވެފައި އަހަރެންގާތު ސައިބޯން ހިނގާށޭ ބުނެލިއެވެ. އަދި އަހަރެންނަށް ނަޒަރެއްދީފައި ބުނެލި ވާހަކަ އަކުން، ސިހިފައި އަހަންނަށް ބަލާލެވުނީ ސަމިއްތަގެ މޫނަށެވެ. “ދަރިފުޅުހާދަ ހިތްކިއްޖޭ… އަނެއްކާ ބައްޕަ ދިޔައީމައި ނުކަނީތަ؟؟” ވަގުތުން ސަމިއްތަ އޭނާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާފައި ދެފަރާތައް ބޯހޫރުވާލީ ނުބުނާށޭ ބުނާ ފަދައަކުންނެވެ.
އަހަރެން އިނީ ދޭނެ ޖަވާބެއް ނޭނގިފައެވެ. އެއީ އެއްގޮތަކަށްވެސް ބައްޕަ ކޮށްފާނެ ކަމަށް ހީކުރި ސުވާލެއް ނޫނެވެ. “އެހެންނު ވާނީ… އަހަރެން ކާށޭ ބުނީމައިވެސް ނުކައި ހަމަ ހުންނަނީ.. އަހަރެންނަކަށް ދެން ގަދަކަމަކުން ކާކަށް ނުދެވޭނެއެއްނު… ބަލަ އޭނާ މިހާރު އެއީ ބޮޑު ކުއްޖެކޭ… ކޮންމެހެން އަހަރެން ބުނީމައި އަނގަތަޅައިގެން ކާކަށް….” ބައްޕަގެ ކުރިމަތީގައި ސަމިއްތަ ފާޅުގައި ހެދި ދޮގުގެ ސަބަބުން އަހަރެން ހައިރާނެއް ނުވިއެވެ. އެގެއަށް މީހަކު އަޔަސް، ތަޅާނީ ފޮނި އަނގަ އެވެ. ހަދާނީ ބުހުތާނު ދޮގެވެ. ސަމިއްތަ ބުނިގޮތުން ބައްޕަ ހިތްހަމަ އެއް ނުޖެހުނެވެ. އެކަން ސާބިތުވީ އެތަނަވަސް ނިތްކުރި މައްޗައް އަރައިގެން ދިޔަ ކުދި ރޫތަކުގެ ސަބަބުންނެވެ. “ސަމީރާ!! ރީތިކޮށް އަޑު މަޑުކޮށް ވާހަކަ ދައްކަބަލަ.. އާޝާ ދެރަވާނޭ… ސަމީރާ އަށް އެކުއްޖާ ބޮޑަކަސް އަހަރެންނަށް އަދި އެއީ ކުޑަކުއްޖެކޭ…” މިހެން ކިޔައިފައި އަހަރެންގެ އަތުގައި ހިފައިގެން ބައްޕަ މިސްރާބު ޖެހީ ކާބަޔާ ދިމާލަށެވެ.
އަހަރެންނަށް މިއަދު ބައްޕަ ވަރަށް އުފާވެފައި ހުންނަކަން ފާހަގަ ކުރެވެއެވެ. މޫނުމަތީގައިވި އުޖާލާކަމާއި ރީތި ހިނިތުންވުމުން އެކަން ސާބިތު ކޮށްދެއެވެ. އަހަރެންގެ ވާހަކަ އިނގޭނަމަ އެގޮތަށް އުފާވެފައި ބައްޕަ ހުންނާނެ ހެއްޔެވެ. އަހަރެންނަށް އަހަރެންގެ ވާހަކަ ބުނެދެވޭކަށް ވެސް ނެތެވެ. އެއަށް ވުރެ ޙާލަތު މަޖުބޫރީ އެވެ. ހަމަ އަހަރެންގެ ލެއަށް ޓާކައެވެ. އެބައްޕަ އަށްޓަކައެވެ. މަޑުމަޑުން އިނދެ އަހަރެން ކައިނިންމާލީމެވެ. ނަމަވެސް އަހަރެންނަށް އެންމެ އުނދަގޫވީ ދޮންމަންމަ ޖެއްސި އެކްޓުގެ ސަބަބުންނެވެ. ކާން އިށީންދުމައްފަހު އޭނާ ވަރުގެ މީހެތް ނެތްކަން ދެއްކީމައިއެވެ. އަހަރެންގެ ގައިގައި ފިރުމަ ފިރުމާފައި އުޅުނު ގޮތުން ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. ބައްޕަ އަށް ވުރެ އޭނާ އަހަރެންދެކެ ލޯބިވާހެން ހީވާ ފަހަރުވެސް އާދެއެވެ. އެހާވެސް ރަނގަޅު ކަމައް ހެދިގެން އުޅުނެވެ. އަހަރެންގެ ދުނިޔެ ފުނޑު ފުނޑު ކޮށްލި ދެއަތް ތިލައިން އަހަރެންގެ ގައިގައި ފިރުމަ ފިރުމާފައި އުޅުނުގޮތުން އަހަރެންހުރީ އުނދަގޫ ވެފައިއެވެ. އަދި ބައްޕަގެ ކުރިމަތީގައި އެކަން ނުދެއްކޭތޯ ކުރި މަސައްކަތް ވެސް ކާމިޔާބު ވިއެވެ. ނަމަވެސް އަހަރެންނަށް ކެތް ކުރެވިދާނެ ބާވައެވެ.
އަވަހައް ގޮސް ކޮޓަރިއަށް ވަދެ ތަޅުލީމެވެ. ސްޓަޑީ ރޫމަށްވަދެވެސް ބޮޑުތަޅު އެޅުވީމެވެ. އަހަރެން ވިސްނަން ފެށީމެވެ. ސަމިއްތަ އަހަރެންނަށް އަނިޔާކުރާކަން ބައްޕަ އަށް ކޮންމެވެސް ގޮތަކުން އަންގަންޖެހޭނެ އެވެ. ނޫނީ އަހަރެންގެ އުއްމީދުގެ، ދިއްލިފައި އިން ކުޑަކުޑަ ހުޅުކޮޅުވެސް ކަނިވަމުން ގޮސް ނިވިދާނެއެވެ. ކުއްލިއަކަށް އެހެން އޮވެފައި އައި ޚިޔާލަކުން އަހަރެންނަށް ގޮނޑިސެޓުން ފުންމާފައި ތެދުވެވުނެވެ. އަވަސް އަވަހަށް ލިޔާ މޭޒު ކައިރިއަށް ޖެހިލީމެވެ. އަދި ނޯޓްފޮތް ނެގުމަށްފަހު ޞަފްޙާ އެއް ފުރާ ސަމިއްތަ އަހަރެންނާއިމެދު ކަންތައް ކުރަމުން ދިޔަގޮތް ލިޔުމަށްފަހު އެގަނޑު ފޮތުން ވަކި ކޮށްލީމެވެ. އަދި އަަތައް ލައިގެން ގޮސް ކޮޓަރިން ބޭރަށް ބޯދިއްކޮށްލީ ބައްޕަމެންގެ ހިލަމެއް ވޭތޯއެވެ. ހީކުރިގޮތަށް އެމީހުން ތިބީ ލިވިންގް ރޫމުގައި ދިހައެއްގެ ޚަބަރު ބަލާށެވެ. އަހަރެން ފިޔަވަޅު އަޅަމުން ދިޔައީ އިނގިލީގެ ކުރި ޖައްސައިގެންނެވެ. ކުނޑި ފުކެއްވެސް ގުޑުވާނުލެވޭތޯ އަހަރެން ދިޔައީ ބަލަމުންނެވެ.
ބައްޕަގެ ކޮޓަރިއަށް ވަދެފައި އަހަރެން ދޮރު ލައްޕާފައި ގޮސް ހުއްޓުނީ އަލަމާރި ކައިރިއަށެވެ. އަދި ދޮރުހުޅުވާލައިފައި ކަޅުގަމީހެއްގެ ޖީބައް އޭތި ކޮށްޕާލީމެވެ. ދޮރުލައްޕާލިވަގުތު ފިޔަވަޅު ތަކެއްގެ އަޑު އިވެން ފެށިއެވެ. އަހަރެން އަވަހަށް ވަނީ އަލަމާރި ތެރެއަށެވެ. ދޮރުލައްޕާފައި ހަމަ ނުޖެހެވިގެން އުޅެނިކޮށް ކޮޓަރީގެ ދޮރުހުޅުވާލިއެވެ. އަހަރެން އެންމެ ބިރުގަތީ ސަމިއްތަ ވަތްތަން ފެނުމުންނެވެ. އޭނާ ގޮސް ވަނީ ފާހަނައަށެވެ. ފްލަޝް ކޮށްލި އަޑު އިވުމާއެކު ދޮރު ހުޅުވުނެވެ. އަހަރެން ހީކުރީ ސަމިއްތަ ނިކުންނާނީ ބޭރަށް ކަމަށެވެ. ނަމަވެސް ހީކުރި ގޮތާ ޚިލާފަށް އޭނާ މިސްރާބުޖެހީ އަހަރެން އިން އަލަމާރި އާއި ދިމާލަށެވެ. އަހަރެން ބިރުން ގޮސް ފިތް ކަނޑައިގެން ދާވަރު ވިއެވެ. އަވަހަށް އަނގަމަތީގައި އަތް އެޅީ އަޑެއް ބޭރުވެދާނެތީއެވެ. އަހަރެންގެ ނަސީބް އަތުގައި ހިފިއެވެ. އޭނާ ހުޅުވާލީ އަހަރެން އިން ފަޅި ނޫން އަނެއްފަޅި އެވެ. އަދި ކޮންމެވެސް އެއްޗެއް ހޯދަން ފެށިއެވެ. ނަމަވެސް އެހޯދުނު ކަމަކަށް ނުވިއެވެ. އެގޮތުގައި ދެތިން މިނިޓު އިރު ފާއިތު ވިއެވެ.
އެތާގެ އެތެރޭގައި ގިނައިރު ހުންނަން ޖެހުމުން އަހަރެން ހުރީ އުދާސް ވާގޮތް ވެފައިއެވެ. ދާހިތް ލިއަސް ފުހެލަންވެސް ނުކެރުނީ ދޮންމަންމަދެކެ ބިރުގަންނަ ވަރުންނެވެ. އަވަހަށް އެއެއްޗެއް ފެނޭތޯ އަހަރެން ވެސް ދިޔައީ ދުޢާ ކުރަމުންނެވެ. ނަސީބަކުން އަހަރެން އިންބައި ހުޅުވަން ނުޖެހެނީސް އެއެއްޗެއް ފެނިއްޖެއެވެ. އޭރު އަހަރެންގެ ހިތް ހީވަނީ ބޭރައް ފުންމާލަން އުޅޭ ހެންނެވެ. ސަމިއްތަ ނިކުތްތަން އަހަރެންނަށް ފެނުނީ އަލަމާރީގެ ދެދޮރުފަތް ދޭތެރެއިންނެވެ. ސަމިއްތަ ނިކުތުމުން މިނިޓެއް ކޮށްފައި އަހަރެންވެސް ނިކުމެ ދުވެފައި ގޮސް ކޮތަރިއަށް ވަދެ ތަޅުލީމެވެ.
ދޮރުގައި ލެގިލައިގެން އަހަރެންހުރީ ހިތުގެ ތެޅުން ހަމައަކަށް އަޅުވާލާށެވެ. އަހަރެން އަވަހަށްގޮސް އެނދުމައްޗައް ވެއްޓިގަތީމެވެ. ގިނައިރުތަކެއްނުވެ އަހަރެންނަށް ޚިޔާލުގެ ފުން ވަޅުގަނޑަކަށް ވެއްޓުނެވެ.
***
އަހަރެންނަށް ފުންމައިގެން ތެދުވެވުނީ ބައްޕަގެ އަޑު އިވުނީމައެވެ. އަވަހަށް ބޭރައް ނިކުމެ ބޯދިއްކޮށްލިއިރު އެކޮޓަރީގެ ދޮލައްޕަނީ އެވެ. އަހަރެން މަޑުމަޑުން އެތެރޭގެ ވަހަކަތައް އަޑު އިވޭ ހިސާބެއްގައި މަޑު ކޮށްލީމެވެ. އޭރު ސަމިއްތަގެ އަޑެއް ނީވެއެވެ. ބައްޕަ ފާހަނައިގައި މެންދުރު ނަމާދައްދާން ފެންވަރާ އަޑު އިވެއެވެ. ބައްޕަ ފާހަނައިގެ ދޮރުން ބޯދިއްކޮށްލައިފައި ބުނެލި އެއްޗަކުން އަހަރެންގެ ހިތް ހީވީ ބޭރައް ފުންމާލަފާނެ ހެންނެވެ. “ސަމީ.. އަހަރެންގެ ކަޅު ފަޓުލޫނަކާއި ކަޅުގަމީހެއް ދިއްކޮށްލަބަލަ..” ސަމިއްތަ އިތީ އެނދުގައިކަން އަހަރެންނަށް އިނގުނީ އޭނާ އެނދުން ތެދުވިއިރު އެނދުން އަޑެއް ކުޔުމުންނެވެ. ސަމިއްތަ އަށް އޭތި ފެނިއްޖެއްޔާ އަހަރެންގެ މުޅިޒިންދަގީ ބަރުބާދު ވީއެވެ. އަހަރެންގެ ހިތް ހަމަޖައްސާލީ ބައްޕަގެ އަތުގައި ތިން ކަޅު ގަމީސް އޮންނަކަން ހަނދާން ވެފައި އެވެ. އެތާގައި އިތުރަށް މަޑު ނުކުރަންވެގެން އަހަރެން ގޮސް ކޮޓަރިއަށް ވަދުނީމެވެ. އަހަރެން ކޮޓަރީގެ ދެކޮޅައް ހިނގަން ފެށުނީ ލިބުނު ނުތަނަވަސް ކަމަކުންނެވެ.
ސަމިއްތައަށް އޭތި ފެނިއްޖެއްޔާ އަހަރެންނަށް ވާނެ ގޮތެއްވެސް ނޭނގެއެވެ. ސްކޫލަށްވެސް ނުފޮނުވަފާނެއެވެ. ހަމަ އޭނާ ބުނިހެން މަންމަ މަރާވެސް ލާފާނެ ހެއްޔެވެ. އަހަރެން އަނެއްކާވެސް ހިތައް ވިސްނައި ދެވޭތޯ މަސައްކަތް ކުރީމެވެ. އެގަނޑުކޮޅު އޮތް ކަންވެސް ސަމިއްތަ އަށް ނޭނގޭނެއެވެ. އެއީ ފަތް ޖަހާ ޖަހާ ކުޑަކޮށްލާފައި އޮތް އެތި ކޮލެކެވެ. އެހެންވީމާ ސަމިއްތަ އަށް އޭއްޗެއް ނުފެންނާނެއެވެ. އެވަރުންވެސް އަހަރެންގެ ނުތަނަވަސްކަމެއް ފިލާ ނުދިޔައެވެ. އަހަރެން އަވަހަށް ގޮސް ނަމާދު ކޮށްލީމެވެ. ނިމިގެން އަހަރެން ދުޢާކޮށްލީމައި ކޮންމެވެސް ވަރަކަށް ހިތައް ހަމަޖެހުން ގެނުވިއެވެ. އަހަރެން ބޭރަށް ނިކުތީ މެންދުރުގެ ކެއުމަށް އިންސާފު ކޮށްލާށެވެ. ގޮތް ދައްކަން ސަމިއްތަ އަހަރެންނަށް ބަތް އަޅާ ދިނެވެ. ބައްޕަވެސް ހުރީ ވަރަށް އުފަލުންނެވެ. ބައްޕަ ހީކުރާނީ އަހަރެމެން ދެމީހުންގެ ދެމެދުގައި އޮންނަނީ މަންމަ އާއި ދަރިއެއްގެ ދެމެދުގައިވާ ވަރުގަދަ ލޯބިކަމަށެވެ. ތައްޓައް ކުޅިމަސް ކޮޅެއް އަޅައިފައި އަހަރެންގެ ގާތަށް ތަށި ޖައްސާލިއެވެ.
ހިތްހަމަ ނުޖެހުނުވަރުން އަހަރެންގެ ދެބުބަމަ ކައިރިކޮށްލެވުނެވެ. ނިތައް އަރައިފައި ހުރި ރޫތައް ފެނި ބައްޕަ އަހަރެންނާއި ސުވާލުކުރި އެވެ. “ދަރިފުޅާ! ކަމަކާ ހިތްހަމަ ނުޖެހުނީތަ؟ ކާއެއްޗެހި ނުބައީތަ؟” އަހަރެން ސިހުނުވަރުން ބަލާލެވުނީ ސަމިއްތަގެ މޫނަށެވެ. ސަމިއްތަ ބަލަން އިން ރުޅިވެރި ނަޒަރުން އަހަރެން ފިނިވިއެވެ. ޖަވާބުދާރީ ވާންވެސް އިނގުނީ ބައްޕަ ދެވަނަ ފަހަރަށް ސުވާލުކުރުމުންނެވެ. “ނު.. ނޫން.. ބައް..ޕާ…. ވަރަ.. ވަ.. ވަރަށް މީ..ރު” މޫނުމައްޗައް ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވަން އުޅުމުން ބަސްތައް އައީ ބުރި ބުރި ވެގެންނެވެ. ވެރިކުރުވި ހިނިތުންވުމުގެ އަސަރު ލޮލަކުން ނުފެނުނެވެ. އަހަރެންގެ ލޮލަށް ރަނގަޅައް ބަލާލައިފި މީހަކަށް ފެންނާނީ ވޭނާއި ހިތްދަތިކަމެވެ. މަޑުމަޑުން އިނދެ އަހަރެންކާން ފެށީމެވެ. ކާން ފެށުނީ ދެފިކުރެއްގައެވެ. އެއަށް ވިހަވެސް ނުލާކަން ނޭނގެ އޭ އަހަރެންގެ ހިތައް އެރިއެވެ.
އަހަރެން ކައިރީ ބައްޕަ ހަފްތާއަކު މަޑުކުރާ ވާހަކަ ބުންޏެވެ. އަހަރެންނަށް އުފަލުގެ ކޮޅެއްވެސް ނެތެއެވެ. ހަފްތާއަކު ދޮންމަންމަގެ އަނިޔާތަކާއި ކުރިމަތިލާކަށް ނުޖެހޭނެއޭ ހިތައް އަރާފައެވެ. އަންނަން އުޅޭ ތޫފާނުގެ ކުޑަ އިޝާރާތެއް ވިނަމަވެސް އެބައްޕަ ރަށުގައި މަޑުކުރިއަކަ ނުދޭނަމެވެ. ދިރިއުޅުމަށް އެބިންދާލި ރާޅަކީ އަހަރެންވެސް ނޭނގު ހުއްޓައި ބިންދާލި އެއްޗެކެވެ.
އަހަރެން އަންނާރު އޮއްތަކެއް ފަދަ ކުދި ދަތްތައް ފެންނަވަރަށް ހިނިތުން ވެލައިގެން ހުރެ ކާބައިން ނިކުތީމެވެ. އޭރު ބައްޕަ އެތެރެ ނުފެންނަ ކޮތަޅެއް ހިފައިގެން ހުއްޓެވެ. އޭރު ސަމިއްތަ ބަދިގޭގައި ތަށިތައް ދޮންނައަޑު އިވެއެވެ. ބައްޕަ އަހަރެންނަށް އެކޮތަޅު ދިއްކޮށްލިއެވެ. އަހަރެން އެތެރެ ބަލާފައި އުފާވިވަރުން ބައްޕަގެ ގައިގައި ބައްދާލައިފައި ދުވެފައި ގޮސް ކޮޓަރިއަށް ވަނީމެވެ. އޭގައި އޮތީ އަލަށް ނެރުނު ދެތިން ވާހަކަ ސީރީޒް އާއި ދެންއޮތީ ލައިލެކްމާޖެހި ބަޓަފްލައި ޓޮޕަކާއި ހުދުކުލައިގެ ސްކިނީއެކެވެ. ދެންއޮތީ އަހަރެން އެންމެ ބޭނުންވެގެން އުޅުނު ކަހަލަގެ އިސްތަށިގަނޑު ފަންކުރާ އެއްޗެކެވެ. އަހަރެންނަކީ އަބަދުވެސް އިސްތަށިގަނޑު ރީތިކޮށް ބަލަހައްޓާ ކުއްޖެކެވެ. އިސްތަށިގަނޑު ހައިލައިޓް ކޮށްލަން ބޭނުންވެފައި އެހެނަސް ބައްޕަ ހިތްހަމަ ނުޖެހޭތީވެ އެކަން ކުރަން ޖެހިލުންވެފައެވެ. މުޅި އެދުވަސް އެއްކޮށް ހޭދަވީ ވާހަކަ ކިޔުމުގައެވެ.
***
އާދައިގެ މަތިން އަހަރެން ލޯހުޅުވާލީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. މިސްކިތް އިންނަނީ ނުލާހިކު ކައިރީގައި ކަމުން އެހަމަހިމޭން ފަތިސް ގަޑީގައި ހީވަނީ ކަންފަތް ބުޑުން ބަންގި ގޮވާލާ ހެންނެވެ. މުޅިފަޒާގައި އެއަޑު ދިޔައީ އެކޯވަމުންނެވެ. ނަމާދު ކޮށްލައިގެން ޖައްސާލީ މިއަދުގެ ކަންކަން ކުޑަކޮށް ރާވާލައިފައެވެ. އަންނަން އޮތް ކޮޅިގަނޑުގެ ކުޑަ ހިލަމެއް ވިނަމަވެސް އަހަރެން އެފަތިހަކު އެނދުގައި އަރާމުކޮށް ނިދާފައެއް ނޯންނާނަމެވެ. ނަމަވެސް، ‘ނަމަ’ އަކުން ކެކޭނެ ރިހައެއް ނޯންނާނެއެވެ.
_ނުނިމޭ
3 Comments!
Comments are closed.
Varah reethi Masha Allah
jazaakallah khairan Yan.. this means a lot for me..
here is the 3rd part of the story… ummydhu kuran mibai ves kamudhaane kamah… dhen oiy bai honihiru dhuvahuga insha allah… stay safe all..