ޝާޔާ އެތައް އިރަކު އެދެކުދިންނާ ވާހަކަ ދައްކަން އިނދެފައި ބަލައި އަންނާނެ ކަމަށް ބުނެ އެގެއިން ނިކުތް އިރު އޭނާގެ ހިތް އުފަލުން ނަށަމުން ދިޔައެވެ. އޭނާ ކުރަމުން އައި މަސައްކަތް ފުރިހަމަ ވާން އުޅޭ ކަމުގެ ފެހި ސިގްނަލް އާއެކު އެހިތުގައި އާ ޖޯށެއް އުފެދިފައި ވާފަދައެވެ. ޝާޔާ އެހާވަރަކަށް ވާހަކަ ދައްކާ ނަޔާނީ އެ އެއްބަސް ކުރުވީ ކޮން ކަމަކަށް ބާއެވެ.
*** ** ***
ކޮޓަރި އަށް ވަދެވުމާއެކު ނިކްހާއަށް ދެވުނީ ޑައިރީ ނަގާށެވެ. އޭގައި ބާކީ ހުރި ޞަފްހާތަށް ކިޔާލުމަށް އޭނާ ވަނީ ކެތްމަދުވެފައެވެ. އޭނާގެ ހިތުގައި ދެގުނަ ވެފައިވީ ސުވާލު ތަކާއެކު ނިކްހާ އެންމެ ފަހުން ކީހިސާބުން ކިޔަން ފެށިއިރު ފޯނުން އިވެމުން އައި އަސުރު ނަމާދުގެ ބަންގީގެ އަޑަށް ބީރު ކަންފަތެއް ދެވުނެވެ.
** * **
ސިއްސައިގެން ގޮސް އަހަރެންނަށް ހޭލެވުނީ ބާރު ބާރަށް ކޮއްކޮ ރޮއެގަތް އަޑަށެވެ. ފުންމައިގެން ތެދުވެވުނު އިރު ބޭއްވިތާކު ކޮއްކޮއެއް ނެތެވެ. އަހަރެންނަށް ތެދުވެގެން ދުއްވައި ގަނެވުނު ގޮތްވެސް ނޭނގެއެވެ. ކޮޓަރިން ބޭރަށް އަހަރެންނަށް އެޅުނު ފިޔަވަޅާ އެއްކޮށް ފެނުނު މަންޒަރުން ދެފައިގައި ކަސްތޮޅު އެޅުވުނު ފަދައެވެ. ފޮށިތަކާއި އެއްކޮށް ގޭދޮރުމަތީ ހުރި މަންމަ ފެނިފައި އަހަރެންގެ މެޔަށް ގޮތެއް ވެލިއެވެ. އަތުގައި އޮތް ފޯނަށް މަންމަގެ ނަޒަރު ހުއްޓިފައިވީއިރު އުރުގައި އިން ތުއްތު ކުއްޖާ ރޯލަ ރޯލާ އިންކަން ނޭނގަނީ ބާއެވެ. އަހަރެން ބަލަން ހުއްޓާ ކޮންމެސް މީހަކު މަންމަ ކައިރީ ހުރި ފޮށިތަށް ގޭ ދޮރުމަތީ އޮތް ކާރަކަށް އަރުވައިފިއެވެ.
ނުބައެއް އުޅޭކަން އަހަރެންގެ ޅަސިކުނޑިއަށް ވިސްނުމުން ދުއްވައި ގަނެވުނެވެ. އެއިރު ގޭ ދޮރުމަތީ އޮތް ކަޅު ކުލައިގެ ކާރަށް މަންމަ އަރަނީ އެވެ. އަހަރެންނަށް ބައްދައިގަނެވުނީ މަންމަގެ ދެފައިގައެވެ. ކޮއްކޮ ގޮވައިގެން ތިދަނީ ކޮންތާކަށްތޯ ސުވާލުކުރީމެވެ. އަހަރެން ބަހައްޓާފައި ނުދާށޭ ބުނީމެވެ. އަހަރެމެން ދޫކޮށްފައި ނުދިޔުމަށްބުނެ މަންމަގެ ދެފައިގައި ހިފާ އާދޭސް ކުރީމެވެ. ނަމަވެސް…
ބަދަލުގައި ލިބުނީ މަންމަގެ އަތުގެ ހޫނު ހަމަލާއެކެވެ. މަންމަގެ އެއަނިޔާތައްވެސް އަހަރެންނަށް ފުދެއެވެ. އެކަމަށް އަހަރެންނަށް ކެތްކުރެވިދާނެއެވެ. ނަމަވެސް މަންމަ އެއުޅެނީ އަހަރެންނާ ކޮއްކޮވެސް ވަކި ކުރަން ހެއްޔެވެ.. ފޮށިތައް ހިފައިގެން މަންމަ އެދިޔައީ މިގޭގައި ނޫޅެންތޯ ހިތައް އެރިވަގުތު ހަށިގަނޑު ސީދާ ކޮށްލެވުނެވެ. ކޮއްކޮ އަހަރެންގެ ލޯމަތިން އަބަދުގެ އަބަދަށް ގެއްލެނީ ހެއްޔެވެ؟
އެކި ވިސްނުން ތަކުގައި ހުރެފައި މަގަށް ބަލައިލި އިރު ފެނުނީ ޖެހިގެން އޮތް މަގަށް އަޅާލި ކާރެވެ. މަންމަމެން އެދަނީ ބަނދަރަށޭ އަހަރެންނަށް ހީވާން ފެށި ވަގުތު ނޭވާވެސް ކުރުވާން ފެށިއެވެ. ދުވެވުނުހާ ބާރަކަށް އަހަރެން ދުއްވައިގަތީ ބަނދަރާ ދިމާއަށެވެ. އަވަހަށް ދުވަން ހަދައިގެން ދެތިން ތަނަކަށް ވެއްޓެން ވެސް ވެއްޓުނެވެ. ނަމަވެސް ނެތް ހިތްވަރު ލައިގެން އަހަރެން މަސައްކަތް ކުރީ ބަނދަރާ ހަމައަށް ފޯރާތޯއެވެ. އެވަގުތު މަގުމަތީ ތިބިހާ ބައެއްގެ ނަޒަރުވީ އަހަރެންނަށް އަމާޒުވެފައެވެ. ވާނީވެސް އެހެންތާއެވެ. ނިދާހޭލިގޮތައް ބޯވެސް ހާވާލައިގެން ހުރެ ދާއިރު ހީވާނީ ސަންތިމަރިޔަނބު އަރައިގެން ދާހެން ވިއްޔާއެވެ. ނަމަވެސް އަހަރެންގެ ފަރުވާލެއް ނެތެވެ. އަހަރެންގެ ހިތުގައި އަޅާ ވޭން އެމީހުންނަށް އަންދާޒާ ވެސް ކޮށްނުލެވޭނެއެވެ.
ބަނދަރާ ހަމައަށް ދެވުނު އިރު އަހަރެންގެ ލޮލުގައި އަޅައިގަތީ ފުރަން ތައްޔާރުވެފައި އޮތް ލާންޗެވެ. އަހަރެން ގޮސް ވާޓަރު މައްޗައް އެރުމާއެކު ލާންޗު ދުއްވާލިއެވެ. އެއިރު ވެސް މަންމަގެ އުނގުގައި ނަޔާނީ އޮތީ ރޯލަރޯލައެވެ. އަހަރެން ކަރުން ހަންދަންދެން މަންމައަށް ގޮވީމެވެ. ނަމަވެސް އެންމެ ކުޑަމިނުން ބަލައިވެސް ނުލިއެވެ. ރަހުމުގެ ކަންފުޅެއްވެސް ހިތުގައި ނުވާ މީހެކެވެ. ލާންޗު ގޮސް ލޮލުކޮޅަށް އޮބާލުމުން އަހަރެންނަށް ހުރިތަނަށް ތިރި ވެވުނެވެ. ކުޑަކުޑަ ނަޔާނީއަށް މަންމަ ހަދާލާނެ ގޮތެއްވެސް އެނގެނީކީ ނޫނެވެ.
ދުވަސްތައް އެކަނި ވެރިކަމާއެކު ހޭދަވަމުން ދެއެވެ. ފަރީޝާއްތަގެ އިހްސާންތެރިކަން ނުލިބުނު ނަމަ އަހަރެން މިއަދު ދުނިޔޭގައިވެސް ނުހުރީސް ކަންނޭނގެއެވެ. އަހަރެންނަށް ވެވުނު ވަރަކުން ނިކްހާއަށް އަޅާލީމެވެ. ހުދު އަހަރެން ވެސް މިވަނީ މީހެއްގެ އެހީތެރިކަން ބޭނުންވެފައެވެ. އުމުރުގެ ހަގުކަމާއެކު ވެސް އަހަރެން ކަށިން ހިތްވަރު ނެރެ މަސައްކަތް ކުރީމެވެ. ނިކްހާ އަކީ އަހަރެންގެ ދިރިހުރުމުގެ އުންމީދެވެ. މަންމަ ނަޔާނީ ގޮވައިގެން ދިޔަފަހުން މިއަދަށް ދެއަހަރު ވީއިރު އެކުއްޖާގެ ހާލެއްވެސް ނޭނގެއެވެ.
ފަރީޝާއްތަ އަހަރެމެން އެގެއަށް ބަދަލު ކުރަން އުޅުނެއްކަމަކު އަހަރެން ދެކޮޅު ހެދީމެވެ. ތިޔަދޭ އެހީތެރިކަމުން ހިތް ފުރިއްޖޭ ބުނީމެވެ. ގޭގައި އަހަރެމެން ނިދާ ކޮޓަރި ފިޔަވާ ބާކީ ހުރި ދެކޮޓަރި ކުއްޔައް ދިނީމެވެ. އެތަނުން ލިބޭ ފައިސާ ކޮޅުވެސް ފަރީޝާއްތަ ދިނީ އަހަންނަށެވެ. އަހަރެން އެ ބާއްވާށޭ ބުނުމުން އެއީ ނިޝާގެ “ހައްގެކޭ” ބުނެ އަހަރެންގެ މުށު ތެރެއަށް ކޮންމެ މަހަކު ލިބޭ ލާރިކޮޅު ލައިދެއެވެ.
ދުވަސްތައް ފައްވަމުން ދެއެވެ. އަހަރުތައް ވެސް މެއެވެ. މިއަދަކީ އަހަރެންގެ އަށާރަވަނަ އުފަންދުވަހެވެ. މަންމަ އަހަރެންގެ ހަޔާތުން ދުރަށް ދިޔަފަހުން އަށްއަހަރު ވީއެވެ. އަދިވެސް މަންމަ އަހަރެންނަށް ދިން އަނިޔާތަކުގެ އަސަރު މިހަށިގަނޑުން ނުފިލައެވެ. ދޮން ދަގަނޑު ޖައްސާފައި ހުރި ތަންތަނުންނާއި އެ ލަކުނު ތަކުން ދިލަނުނެގި ނަމަވެސް އެލަކުނު ތަކުގައި ވޭން ނޭޅި ނަމަވެސް މި ހިތްވަނީ ފޮތިފޮތިވެ ކުނޑި ކުނޑި ވެފައެވެ. އަލުން ނުގުޅުވޭނެ ފަދައަކުން މިހިތް ބައިބައި ވެފައި ވީއިރު އެލަކުނުތައްފެނި ވޭން އަޅަނީ ވެސް ހަމަ އަހަރެންގެ މި ނިކަމެތި ހިތުގައެވެ.
އަހަރެން ނިކްހާ ބެލުމުގެ ޒިންމާއާއި ހަވާލުވީ މީގެ އަހަރެއް ކުރިންނެވެ. ރަށު ފިހާރައަކުން ވަޒީފާ ލިބުމުން އަހަރެމެންނަށް ހިތް ހަމަޖެހިލައިގެން އުޅެލެވޭ ވަރުވެއެވެ. އަހަރެންނަކީ ތައުލީމު އުގެނުމުން މަހުރޫމުވެފައިވީ ކުއަޖަކަށް ވީނަމަވެސް ނިކްހާއަށް އެފުރުސަތު ފަހި ކޮށްދިނީމެވެ. ނިކްހާ ވެސް ބޮޑުވަމުން އައި ވަރަކަށް މަންމަ އާއި ބެހޭ ގޮތުން ސުވާލު ކުރެއެވެ. ނަމަވެސް އަހަރެން ދޭނީ ކޮންޖަވާބެއް ހެއްޔެވެ.
ނިކްހާ ކައިރީ އަދި މިއާއިލާގައި އެކަކު ހުންނާނޭ ބުނަން ބޭނުމެވެ. ނަމަވެސް އަހަރެންގެ އެ ހިތްވަރެއް ނެތެވެ. ނަޔާނީވެސް މިހައިރު އަންނާނީ ބޮޑުވަމުން ތާއެވެ. ނަމަވެސް މަންމަގެ ފަރައިތުން ނަޔާނީ އަށް އެއްވެސް ލޮއެއްބެއް ނުލިބޭނެކަން އަހަރެންނަށް ޔަގީނެވެ. އަހަރެން ނަޔާނީ ވެސް ބެލީމުހެވެ. ދެކޮއްކޮ އަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދެވޭތޯ މަސައްކަތް ކުރީމުހެވެ.
އަހަރެންވެސް ކިޔަވާ މޮޅުމީހަކަށް ވުމަށްޓަކައި ހުވަފެން ތަކެއް ދުށީމެވެ. ނަމަވެސް ބައްޕައާއި މަންމަ އަހަރެންގެ ދިރިއުޅުމުން ދުރަށް ދިޔައީއެވެ. މަންމަ ދިޔަފަހުންވެސް އަހަރެން ދެއަހަރު ކިޔެވީމެވެ. ނަމަވެސް ފަރީޝާއްތަ މެންނަށް ބުރައަކަށް ވާން ނޭދޭތީ އަހަރެން ސުކޫލުން ކެނޑުނީއެވެ. ނިކްހާގެ ހިދުމަތުގައި ރެއާއި ދުވާލު ހޭދަކުރީއެވެ. އެއީ މުޖުތަމައު ބަލައިގަންނަ ފަދަ ހަރުދަނާ ކުއްޖަކަށް ހެދޭތޯ މަސައްކަތްކުރީމެވެ.
ނިކްހާ އޯލެވެލް ޓެސްޓު ނިންމާލީ ފަސޭހަކަމާއެކުގައެވެ. އަހަރެން އުންމީދު ކުރި ފަދަ އަހަރެން އެދުނު ފަދަ ނަތީޖާއެއް އޭނާ ހޯދައިދިނެވެ. ނަމަވެސް އެއިރު އަހަރެންގެ ދިރިއުޅުން ވަނީ އެފުއް މިފުށަށް ޖެހިފައެވެ. ގަދަކަމުން ހިނިތުންވެ ހުރެ ނިކްހާގެ އެ އުފަލުގައި އަހަރެން ބައިވެރިވީމެވެ.
މަންމަ ބޭނުންވަނީ އަހަރެންގެ ވަސް މިދުނިޔެއިން ވެސް ފޮހެލަންހެއްޔެވެ. އަހަރެންގެ ހަޔާތުން މަންމަ ދުވެ ފިލުމަށްފަހު ވެސް އެހުރިތާކު ހުރެގެން އަހަރެންގެ ދިރިއުޅުން ޖަހަންނަމައަކަށް ހަދަން މަސައްކަތް އެބަކުރެއެވެ. އެއްޗެއް އެނގިފައި ހުރީތީ އޭގެބޭނުން އެބަކުރެއެވެ. ކުށެއްނެތް ބައެއްގެ ދިރިއުޅުމާ ކުޅެގެންނެވެ. މަންމަ އަހަރެން ޖިންނިއަކަށް ހިބައިން ދިނީ ހެއްޔެވެ؟ އަހަރެން މަރާލަނީ ހެއްޔެވެ؟ ލޮލަށްފެނި ކަންފަތައް އަޑުއިވުމުންވެސް އަހަރެންނަކަށް މި ހަޤީގަތެއް ގަބޫލެއް ނުކުރެވުނެވެ. ގަބޫލުކުރާނީވެސް ފަހެ ކިހިނަކުން ހެއްޔެވެ. އެއީ އަހަރެންގެ މަންމައެވެ. އުފަން މައިމީހާއެވެ.
އަހަރެންނަށް އަބަދުވެސް އަޑުއިވެނީ ދަރިއަކު މަޔަކަށް ނަފުރަތު ކުރާވާހަކައެވެ. ނޫނީ ދަރިންގެ ސަބަބުން މައިން ހިތާމަކުރާ ވާހަކައެވެ. ނަމަވެސް އަހަރެންނަށް ކުރިމަތިވެފައި މިވަނީ ކޮންފަދަ އިމްތިހާނަކާ ހެއްޔެވެ؟
ޔާﷲ އެވެ. މިއަޅާއަށް ކެއްތެރިކަން ދެއްވާށިއެވެ. މިނިކަމެތި އަޅާއަށް ކުރިމަތިވެފައި މިވާ މުސީބާތުން މިއަޅާ ސަލާމަތްކޮށް ދެއްވަވާށިއެވެ. މިއަޅާގެ މަންމައަށް ހިދާޔަތް ދައްކަވާށިއެވެ. ގޮތް ހުސްވެފައިވާ ހާލު އަހަރެން މިކަމުން ސަލާމަތް ވޭތޯ މަސައްކަތް ކުރީމެވެ.
ރޫހާނީ މިކަންތައް ގަނޑުތެރޭ އަހަރެން މިހިރީ ތާށިވެފައެވެ. ދާނޭ ދިމާލެއްނޭނގި ހައްޔަރުވެފައެވެ. އެ ޖިންނިގެ ކިބައިން އަހަރެންނަށް އެތަކެއް ގެއްލުމެއް ލިބިއްޖެއެވެ. އަހަރެންގެ ނަފުސު ބަލިކަށި ވެއްޖެއެވެ. އެޖިންނި ބޭނުންވަނީ އަހަރެން އެއަށް ސަޖިދަ ޖަހާށެވެ. އަހަރެން އެކަމަށް ދެކޮޅު ހެދީމެވެ. ދުވަސްތައް ފާއިތުވަމުން ދަނީއެވެ. އަހަރެންނަށް ހަދާނެ ގޮތް ހުސްވެއްޖެއެވެ. ނަމަވެސް އަހަރެންގެ ހަށީގައި ފުރާނަ ހުރިހާ ހިނދަކު އެފުރޭތައަކަށް ސަޖިދައެއް ނުޖަހާނަމެވެ. ﷲ ގެ މަގުން އެއްކިބާއެއް ނުވާނަމެވެ.
އަހަރެންގެ ހިތް ރޮނީއެވެ. ނިކްހާ ދޫކޮށް މާދުރަށް ދާންޖެހޭ ދުވަސް ކައިރިވެއްޖެކަމުގެ އިހްސާސް ކުރެވެނީއެވެ. ދޮންތައެއްގެ ފަރައިތުން ދޭންޖެހޭ ރައްކާތެރިކަން ލޯބިވާ ދެކޮއްކޮއަށް ނުދެވުނުކަމުގެ ކުށްވެރި އިހްސާސް ކުރެވެނީއެވެ. ނަޔާނީ ވީތަނެއް ހޯދުމަށް ހިތް އެދެނީއެވެ. ނިކްހާ ފަދަ ލޯބި ކުއްޖެއް މިއާއިލާގައި އަދި ހުންނާނޭ ނިކްހާގާތު ބުނަން ބޭނުން ވަނީއެވެ.
ނަމަވެސް އަހަރެންގެ ހަޔާތުގައި އިނގިލިން ގުނާލެވޭހާ މަދު ދުވަސް ކޮޅެއް އިންކަމެއް ވެސް ދެން ނޭނގެއެވެ. އަހަރެންގެ ހަޔާތް ދެން މިހިސާބުން ނިންމާލަންވީ ހެއްޔެވެ. އަހަރެންގެ ހުރިހާ އުންމީދުތަކެއްވެސް ކަފުންކޮށް ވަޅުލީމެވެ. މާގިނަދުވަހެއް ނުވެ މިހަށިގަނޑުވެސް ކަފުންކޮށް ވަޅުލާނެއެވެ.
ގަލަމުގައި އަދިވެސް ދެލިއެބަ ހުއްޓެވެ. ފޮތުގައި ގަނޑުވެސް އެބަހުއްޓެވެ. ނަމަވެސް ވަގުތެއް ނެތެވެ. އަހަރެންގެ ހިތުގައި މަންމައަށް އެއްވެސް ހިތްބުރަ ކަމެއްނެތެވެ. މަޢާފު ކޮށްފީމެވެ.
*** ** ***
ފޮތުގެ ބާކީ ހުރި ގަނޑު ތަކުގައި ނިކްހާ އަތް ފިރުމިއެވެ. ފޮތް މެއާލާ ބޮނޑި ކޮށްލި އިރު އޭނާއަށް ބާރަށް ރޮވިއްޖެއެވެ. ދޮންތަ ދުނިޔެ ދޫކޮށް އެދިޔައީ ހާދަހާ ވޭނެއްގައި އުޅެފައެވެ. ކުރިމަތިވި ކަންތަކުން ކެތްނުކުރެވިގެން ދޮންތަ އަމިއްލަޔަށް މަރުވީ ހެއްޔެވެ؟ މިސުވާލުގެ ޖަވާބު އޭނާއަށް ލިބޭނީ ކޮންދުވަހަކުން ބާއެވެ.
*** ** ***
“މަ ހަމަ ހައިރާން ވޭ ފަރީޝާގެ ތިހިރަ ވިސްނުމާ ދޭތެރޭ.. ތިހާ ރުފިޔާ ގިނަވެގެން އުޅެންޏާ އެންމެނަށް ބަހަން ވީނު.. ފައިދާއެއް ނެތްކަމެއްގައި ބޭކާރު ހަރަދު ތަކެއް މިކުރަނީ..” މޫނިސާ ދައްކަމުން އައި ވާހަކަތަކަށް ހުއްޓުމެއް އައީ ފަރީޝާ އަތުގެ ހޫނު ހަމަލާއަކުންނެވެ.
“މޫނިސާ..” ފަރީޝާގެ އަޑުން އޭނާ ހިތްހަމަ ނުޖެހިފައި ހުރި ވަރު އެނގެއެވެ. ”އަހަރެން ނުކުރަން ބޭކާރު ހަރަދެއް.. މިއޮށް ހުރިހާ ދުވަހު އަހަރެން އެކުއްޖާ މިބެލީ ދަރިއެއްހެން… އުފަން ދަރިންނާ ތަފާތު ކުރުމެއް ނެތި.. ދެން މިއަދު އެ ދަރިފުޅަށް އަނިޔާ ވެރި ވާން ވީތަ.. ތިނޫން ކޮންމެ..” ފަރީޝާ ވާހަކަ ދެއްކޭތޯ ބެލިއެވެ. ނަމަވެސް މޫނިސާ އޭނާއަކަށް އެ ފުރުސަތެއް ނުދިނެވެ.
“ކަލޭ ބޭނުން ވަނީ ކަލޭގެ ދެ ދަރިންގެ ފުރާނަނެތް މަސްގަނޑު ކަމަށް ވަންޏާ ދިޔަޔަސް އެންމެ ރަނގަޅު.. މަށަކަށް ވަގުތެއް ނެތް އަވަސް ކުރޭ.. ޖަވާބު ދޭށޭ..” ފަރީޝާ ވަށައިގެން ހިނގަމުން ދިޔައިރު މޫނިސާގެ މޫނުމަތީވީ މަކަރުވެރި ހިނިތުން ވުމެކެވެ. ގޮތް ހުސްވެފައިވާ ހާލު މޫނިސާއާ ދިމާއާށް ބަލައިލި ފަރީޝާގެ ދެލޮލުން ވޭނީ ރިހުމެއް ފެނިލިއެވެ. ނަމަވެސް މޫނިސާ ވީ އެކަން ވިސްނޭ ވަރަށްވުރެ ދުނިޔަވީ އެދުން ތަކަށް ފެން ބޮވައި ގަނެފައެވެ.
*** ** ***
ރީނދޫ ކުލައިގެ ކުދި ކުދި މާތަކުން ބިންމަތީ ވަނީ ދޫލަ ލެވިފައެވެ. އެ މަލުގެ ލުއި ލުއި މީރުވަހުން މުޅި ފަޒާގައި ވަނީ ހުވަނދު ލެވިފައެވެ. ދާދި މަދު ފަތް ކޮޅެއް ގަހުގައި ހުރި އިރު ވެސް އައިބު ކަމެއް ނާންނަނީ ހާހުންވެސް ނުގުނޭހާ ކުދި ރީނދޫ ކުލައިގެ މާތަކުންނެވެ. އެ ބޮޑު ގަހުގެ ދިގު ގޮފިތައް ދުރު ދުރަށް ދާންދެން ފެތުރިފައި ވީއިރު، ކޮކާތައް އެސޮރުމެންގެ ބަގީޗާއަކަށް އެތަން ހަދާ އުދުހެމުން ދިޔައެވެ. މި ހިތްގައިމު މާހައުލަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދެނީ ގަހުގެ މެދާކަށް ހިސާބުގައި ގޮފިގަނޑެއްގައި އިށީނދެގެން އިން ޗާލު އަންހެން ކުއްޖާއިންނެވެ.
އެކުއްޖާ ލައިގެން އިން ހުދު ހެދުމުގެ ދިގު ފަސްބައި ތިރިއަށް އެލިފައި ވީއިރު އެކުއްޖާގެ ރަންކުލައިގެ ފަން އިސްތަށިގަނޑު ވައިރޯޅިއާ އެއްވަރަށް ނަށަމުން ދިޔައެވެ. އޭނާގެ ހަނދެއްފަދަ މޫނާ ޖަންބު ކުލަ އަރާފައިވާ ކުޑަ ނޭފަތް ފެނި އިންސާނަކު މޮޔަވާހާ ވަރު ވެއެވެ. ނަމަވެސް އޭނާގެ މޫނުމަތީ އުޖާލާ ކަމެއް ނެތެވެ. އޭނާގެ ބޮޑު ދެލޯ އެއްދިމާއަކަށް އަމާޒު ކޮށްލައިގެން އިން އިރު އެ ފިޔާތޮށި ކުލައިގެ ކޯތާފަތް މަތީ ކަރުނައިގެ ރޮނގެއް ދެމެމުން ދިޔައެވެ.
އޭގެ ކުޑަ އިރުކޮޅެއް ފަހުން އެހެން އަންހެން ކުއްޖަކު ވެސް އައިސް ހަމަ އެގޮފީގައި އިށީނެވެ. އެއީވެސް ހަމަ އެހާ ރީތީ ކުއްޖެކެވެ. މުށި ކުލައިގެ ފަން އިސްތަށިގަނޑަކާއި
ލޫޅާފަތި ހަށިގަނޑެކެވެ. ބޮޑު ދެލޮލާއި އޮމާން ހަންގަނޑެކެވެ. އެކުއްޖާ އަތް އުފުލާލަމުން ކައިރީ އިން ކުއްޖާގެ އަތްތިލަ މަތީ އަތްބާއްވާލިއެވެ.
“ސޮރީ.. ބުނިގަޑިއަށް ވުރެ ލަހުން އާދެވުނީމަ.. ޒޯރާ، އަހަންނަށް އެނގޭ ޒޯރާ ތިހެން ދެރަވެފަ އިންނާނީ ވަރަށް ބޮޑުކަމެއް ވީމަކަން… އަދި ވެސް އެކަމާތަ ތިވިސްނަނީ.. ޒޯ އަބަދު ތިހެން ތި އިންނަނީ.. ކިތަންމެ ވަރަކަށް އެކަމާ ދޭތެރޭ ވިސްނިޔަސް ދެން ކުރެވޭނެ ކަމެއް ނެތް..” އެއޮށް ހުރިހާއިރު އެއްދިމާއަކަށް ނަޒަރު ހުސް ކޮށްލައިގެން އިން ޒޯރާ އިސް އުފުލައިލިއެވެ.
“ރޫބީ.. އަހަންނަށް ވެސް އެނގޭ ދެން ކުރެވޭނެ އިތުރު ކަމެއް ނެތްކަން.. އެކަމަކު ވެސް ހަމަ ވިސްނެނީ.. މިހައިރު މާބޮޑަށް އެބަ އެކަމާ ވިސްނޭ.. އަލުން އެމަންޒަރުތައް ތަކުރާރު ވާން އުޅޭ ފަދަ..” ރޫބީގެ މޫނުމަތީ ވީ ކުލަވަރުން އޭނާއަށް އެވާހަކަ ރަނގަޅަށް ފަހުމު ނުވިކަން ޒޯރާއަށް އެނގުނެވެ.
“މި ކިއަނީ އޭނާގެ ކޮއްކޮގެ ވާހަކަ.. ބައްޕަ މިހައިރު އެ ދިމާކޮއްލީ އޭނާގެ ކޮއްކޮއާ.. ދެން ވެސް އަހަރެން ހަމަ ހުންނަން ވީތަ ބަލަން.. އަދިވެސް މިއުޅެނީ ކުރިން ވީ ކަންތަކުން ހަމަނިދި ނުލިބިގެން.. އެހެންވެ މިބުނީ ހަމަ އެމަންޒަރު ތައް ތަކުރާރު ވާން އުޅޭހެން ހީވަނީއޭ…” ޒޯރާ، ރޫބީ ގެ މޫނައް ބަލައިލިއެވެ.
ރޫބީ.. އަހަންނަކީ ބައްޕަހާ އަނިޔާވެރިއެއްނޫން.. އެކަމަކު ބައްޕަ އެކުރާ ކަންކަމުގައި ބައިވެރިވާން އަހަރެންނަށް މަޖުބޫރުވަނީ ކީއްވެތަ.. އަދިވެސް އެކުއްޖާ ސަލާމަތަށް އެދި ރޮއެ އާދޭސް ކުރި އަޑު އަހަންނަށް އިވޭ ކަހަލަ.. ހާދަ އަނިޔާވެރި ކޮށޭ އެމަރާލީ.. އާހް… ނޭވާ ނުލެވިގެން ތެޅި ފޮޅޭ އިރު ކުރެވޭނެ އިހްސާސް އެނގޭތަ..” ޒޯރާއަށް މޭގައި އަތްއަޅާލެވުނެވެ.
“ޒޯ.. އަދިވެސް ނުކިޔައި ދެމެންނު އެދުވަހު ކަންތައް ވީގޮތެއް.. މިހައިރު އޭގެ ފަހުން ތިން އަހަރު މިވީ..” ރޫބީ ހުރީ އެވާހަކަ ތައް އެނގެން ބޭނުން ވެފައެވެ.
“ދެން ކިޔައިދީބަލަ..” ޒޯރާގެ ކޮނޑުގައި އަތްޖައްސާލަމުން ރޫބީ އެދުނެވެ.
“އެދުހު..” ޒޯރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެވާހަކަތައް ކިޔައިދޭން ތައްޔާރު ވުމުގެ ގޮތުންނެވެ.
“ޒޯރާ ހުރީ ކޮޓަރި ތެރޭ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އޭނާއަށް ނިންމަންޖެހިފައިވާ ބޮޑު ނިންމުމުގެ ސަބަބުން އެހިތަށް އުނދަގޫ ކުރަނީއެވެ. ދެއަތް ދެއަތާ މޮޑެލަ މޮޑެލާ ހުރި އިރު އޭނާގެ ނިތްކުރިން ދާތިކީގެ އަސަރު ފާޅުވާން ހުއްޓެވެ. ކުއްލި އަކަށް ކޮޓަރީގެ ދޮރު ހުޅުވުނެވެ. ބަރްޒަލްގެ ނަފުރަތުގެ ނަޒަރު ހުއްޓުނީ ޒޯރާއަށެވެ.
“ދޭ.. މަބުނިގޮތައް ކަންތައް ކުރާތި..” ބަރްޒަލްގެ ބަރު އަޑުން އަމުރު ކޮއްލިއެވެ.
“ނޫން.. ނޫން ބައްޕާ.. އާދޭސް ކޮށްފަ މި ބުނަނީ ތި ހިޔާލު ބަދަލު ކުރޭ..” މުޅި އުމުރުގައި ވެސް ޒޯރާ ބައްޕަ ކައިރީ އެދުނު ފުރަތަމަ ކަންތަކެވެ. ބައްޕަ އާ ދެބަސްވި ފުރަތަމަ ފަހަރުވެސް މެއެވެ.
“ޒޯރާ.. ޒެވިއަކް ހުރީ އަހަރެންގެ ކައިރީގައި ކަން ހަނދާން ނައްތާ ނުލާތި.. އަދި މަންމަ ވެސް ހުންނާނެންނު..” ބަރްޒަލް މަލާމާތުގެ ގޮތަކަށް ހިނިތުންވެލިއެވެ.
ކޮއްކޮއާ މަންމަގެ ފުރާނައަށް ޓަކައިވެސް އޭނާ ޖެހޭނީ މިކަން ކުރަން ހެއްޔެވެ. އެކަމަކު އެއީވެސް މައުސޫމު ފުރާނައެކެވެ. ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހެއް ފަދައިން ޒޯރާ ކުޑަ ކަކޫ މައްޗައް ތިރިވިއެވެ. އެހެން މީހެއްގެ އެހީތެރިކަމަށް އެދޭކަށްވެސް ވަގުތެއް ނެތެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ލޯމަރާލަމުން ވާއަތު ޝަހާދަތް އިނގިލީގައި އަޅާފައި އިން އަނގޮއްޓީގައި ޒޯރާ އަތްފިރުމާލިއެވެ. އެއިރު މަރާލެވިފައިވާ އޭނާގެ ދެލޮލުން ކަރުނައިގެ ތެތްކަން ފެންނަން ހުއްޓެވެ.
ނިޝާ ހުރީ ހިނިތުން ވެލައިގެން އޭނާގެ ލޯބިވާ ކޮއްކޮ އަށް ބަލާށެވެ. ނިޝާ ކޮޓަރި ދޮރުމަތީގައި ހުރި އިރު ޔަނާލް އާއެކު ނިކްހާ ހުރީ ސިޓިންގްރޫމްގައެވެ.
“ދޮންތަ ކީއްވެ މާފާޑަކަށް ހެވިފަ ތިހުރީ..” ނިކްހާގެ ލޮލުގައި ނިޝާ އަޅައިގަތުމާއެކު ބުންޏެވެ.
“ހެހެ.. ކަމެއް ނުވޭ.. މިހައިރު ގަޑިޖެހެނީނު.. ދެން އަވަހަށް ދެކުދިން ދޭ އިނގޭ.. އޯލެވެލްގެ ރިޒަލްޓް ހެން އޭލެވެލްގެ ރިޒަލްޓްވެސް ރަނގަޅުވާނެ.. އިންޝާ ﷲ..” ނިޝާ، ނިކްހާ ގައިގައި ބައްދާލި އިރު އެއީ އެކޮއްކޮ އާ ކުރެވޭ ވަދާއުގެ ސަލާން ކަން އޭނާއަށް އެނގޭނީ ފަހެ ކިހިނަކުން ހެއްޔެވެ. ނިޝާ ޔަނާލްގެ ބޮލުގައިވެސް ފިރުމާލަމުން ގަޑި ނުޖެހެނީސް ދިޔުމަށް އެދުނެވެ. ނިކްހާމެން ދިއުމުން ނިޝާ ހިނގައިގަތީ ކޮޓަރިއަށް ދިއުމަށެވެ. އޭނާގެ ކޮޓަރި ދޮރުމަތީ ހުރި ޒޯރާގެ ގައިތެރެއިން ލާފާ ނިޝާ ކޮޓަރިއަށް ވަނެވެ.
ޒޯރާއަށް ބެލެނީ އަނގޮއްޓިއާ ދިމާއަށެވެ. އޭނާ އަނގޮއްޓީގައި ފިރުމަމުން ދޭތެރެ ދޭތެރެއިން ނިޝާއަށް ވެސް ނަޒަރެއްދެއެވެ. ނިޝާ ޑައިރީގައި ކޮންމެވެސް އެއްޗެއް ލިއެފައި ގެންގޮސް އަލަމާރިއަށް ލިއެވެ.
ޒޯރާއަށް ނިޝާގެ ހާލަތު އެނގެއެވެ. ނަމަވެސް އޭނާއާށް ކޮށްދެވޭނެ ކަމެއް ނެތެވެ. އަމިއްލަ ބައްޕަގެ އަނިޔާވެރިކަމުން އެ ނިކަމެތި އަންހެން ކުއްޖާ ސަލާމަތް ކުރާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ.
މަޑު ނޫ ކުލައަކުން ދިއްލެމުން ދިޔަ އަނގޮޓީގެ އެސް ކުއްލިއަކަށް ރަތްކުލައަށް ބަދަލު ވެއްޖެއެވެ. ދެލޯބޮޑު ކޮށްލަމުން ޒޯރާއަށް ފަހަތަށް އެނބުރެވުނު ގޮތްވެސް ނޭނގުނެވެ.
** ނުނިމޭ **
8 Comments!
Comments are closed.
OMG.. sissy ur back thrr.. v dhigu inthixaareh kurevijje.. v reethi mi prt vx.. when next..
Yess im back? v ufaa vejje mi vaahaka ah inthixaaru kurikan enguny ma.. nxt prt inaha ahllah v avahah
U r back dhw.. vr reethi ni part vs.. when is next part??
Yess im back.. next prt insha ahllah v avahah kiyalan libeyne??
wooowwww. waiting for next part
Siss. Anehkkaa vx las vany.. kon irakun nxt… dhn prt eh up kollaafa ehaa ginadhuvas kohfa aneh prt… thihen vannaamu nueh kiyeyne dhw.. nu vannaa nufeshuma nimunynu.. ma hykkuree v gatu huregen kamah fashany.. ekam dhe dhuhu hama ah up kuran nukerey… manje thihen stry up kuriyas mashah kiyeyne… aslu mi stry v reethi.. ekam maa lahun up kiraathy bolah thuraaa
Dhogeh nnoon… manje ah mi kameh nuvaane.. novaa kan kamah boa nugelhe bala..
Parts of the story are delayed too much
But story is very nice since I am from Saudi Arabia RIYADH..
Will wait for the next part IA
????????