ތަޤްދީރު 05 ވަނަ ބައި

- by - 14- January 30, 2020

އެނބުރެމުން ދިޔަ ފަންކާއަށް ބަލަން އޮތް ޔާނާގެ ފޯން ރިންގް ވާން ފެށުމުން ގައިކައިރީގައި އޮތް ފޯން ނަގާބަލާލުމަށްފަހު ފޯނަށް ޖަވާބުނުދީ ފޯން ބޭއްވިއެވެ. ދެވަނަ ފަހަރަށް ވެސް ފޯން ރިންގް ވާން ފެށުމުން ޔާނާ އެކޯލަށް ޖަވާބު ނުދިނެވެ. ތިންވަނަ ފަރަށް ފޯން ރިންގް ވާން ފެށުމުން ތެދުވެ އެނދުގައި އިށީދެ ޔާނާ ފޯން ނަގާ ކަންފަތުގައި ޖައްސާލީ ރުޅިވެރި ކަމާއެކުއެވެ. ” ޔާނާ! ” ފަޒީލް ބުނެލިއެވެ. ” ކީއްކުރަންތަ މީހާރު ގުޅައިގެން އުދަގޫތަކެއް ތިކުރަނީ. ފަޒީލް މީހާރު އަހަރެންނަށް ގުޅާކަށް ނުޖެހޭނެ. އަހަރެންނާ ފަޒީލާ އެއްވެސް ގުޅުމެއް މިހާރަކު ނޯންނާނެ. ކޮންމެހެން ޑްރާމާ ޖައްސަން އުޅޭނެ ކަމެއްނެތް ” ފަޒީލް އެއްޗެއް ބުނުމުގެ ކުރިން ޔާނާ އެއްޗެހި ކިޔަން ފެށިއެވެ. ” ތިހެން ނުބުނޭ ޔާނާ ” ފަޒީލް ދެރަވެލާފަ ބުނެލިއެވެ. ” ދެން މިހެން ނުބުނެ ކީކޭތަ ބުނަންވީ. ފަޒީލް ކަންތައް ކޮށްފަހުރީ މީހަކު އެއްޗެއް ނުބުނާނެ ގޮތަކަށްނޫން. އެވަރުންވެސް ތިބުނަނީ އެއްޗެއް ނުބުނަން ” ޔާނާ ބުނެލިއެވެ. ” ޔާނާ ތި ވިސްނާ ގޮތަކަށް އެއްވެސް ކަމެއް އަހަރެން ނުކުރަން. އެހެން މީހުން ދައްކާ ވާހަކަ އަޑު އަހައިގެން ތި ނިންމުން ތިހެން ނިންމީމާ އަހަރެންނަށް ކިހިނެއްވާނީ ” ފަޒީލް ޔާނާއަށް ވިސްނާ ދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ” މީހަކު ދެއްކި ވާހަކަޔަކުން އަހަރެން ނިންމުމެއް ނިންމާފަ ނުވާނެ. ހުރިހާ މަންޒަރެއް އަހަރެންނަށް ވަނީ ފެނިފަ. ދެއްކި ވާހަކަ ވެސް އަހަރެން އަޑުއެހިން. އެހެންވީމާ އޮޅުވާލަން އުޅޭނެ ކަމެއްނެތް. ދޮގުހެދުމާ މަކަރު ހެދުމުގާ ވެސް ހައްދެއް އޮންނާނެ. އެކަމަކު ފަޒީލް ތިހުރީ އެހުރިހާ ކަމަކުން ވެސް ހައްދު ފަހަނައަޅާފަ. ދެން ރަގަޅުވާނީ ފަޒީލްގެ ހަޔާތުގެ ބައިވެރިޔާ ޒޫނާގާތުގަ ތި ވާހަކަ ދެއްކިއްޔާ. ތި ވާހަކަ ދައްކަން އަހަރެންނަށް ނުގުޅާތި ” ޔާނާ މިހެން ބުނެ ފޯން ކަޑާލިއެވެ. ހަމަ އެހިނދުން އަނެއްކާވެސް ފަޒީލް ގުޅިއެވެ. ނަމަވެސް ޔާނާ ފޯން ބިޒީކޮށްލިއެވެ. މިގޮތަށް ފަޒީލް ގުޅަން ފެށުމުން ޔާނާ ފޯން ނިއްވާލިއެވެ.

” ކީއްވެތަ ދާން ފޯން ނުނަގަނީ ” ޝުހާދު ގުޅާގުޅާ ވިދާން ފޯން ނުނެގުމުން ފޯނަށް ބަލަން ހުރެ ބުނެލިއެވެ. ” ކަމެއްޖެހިގެން ގުޅާއިރު ފޯނު ނަގާނެ މީހެއްނޫން މީ އަދި ” ޝުހާދު އެނދުގައި އިށީދެލަމުން ބުނެލިއެވެ. އެވަގުތު ޝުހާދު ކޮޓަރީ ދޮރު ހުޅުމުން ޝުހާދު ދޮރާ ދިމާއަށް ބަލާލިއެވެ. ” ދާރިފުޅާ އާދޭ ކާން ” ޝުހާދު ދޮރާދިމާއަށް ބަލާލުމުން ދޮރުމަތީ ހުރި ސަކީލާ ހިނިތުން ވެލަމުން ބުނެލިއެވެ. ” މިދަނީ ފާހާނާއަށް ވަދެލާފަ ” ޝުހާދު މިހެން ބުނެލުމުން ދޮރު ލައްޕާލުމަށްފަހު ސަކީލާ ދިޔައެވެ. ” ބައްޕަ އަންނަނީ ކޮންއިރަކުންތަ؟ ” ޝުހާދު ކާން އިދެގެން ސަކީލާ ކުރެން ސުވާލުކޮށްލިއެވެ. ” ދަތުރު ނިންމާފަ ރާއްޖެ އަންނަން ބުނި ދުވަސް ވެސް ޖެހިއްޖެ ” ޝުހާދަށް ފެންތަޓެއް ގެނެސް ބަހައްޓަމުން ސަކީލާ ބުނެލިއެވެ. ” މިފަހަރު ބައްޕަ ކޮން ހިސާބަކަށް ދިޔައީ ” ޝުހާދު ފެންތަށި އަތުން ނަގަމުން އަހާލިއެވެ. ” ކުރިން ދުވަހު ގުޅާފަ ބުނި ކޮޗިން ބަދަރުގަ ތިބިވާހަކަ. ދަތުރު ނިންމާފަ ރާއްޖެ އައުމުގެ ކުރިން ވިޔަފާރި ވެސް ކޮށްލަން ބޭނުން ވާ ވާހަކަ ވެސް ބުނި ” ސަކީލާ ކާމޭޒް ކައިރީ ހުރި ގޮޑި ދުރުކޮށްލުމަށްފަހު އިށީންނަމުން ބުނެލިއެވެ. ” އަހަރެން ވެސް ދާނީ ބައްޕަހެން ބޯއްޓު ދަތުރުކުރަން ” ޝުހާދު ކާން އިނދެފަ ސަކީލާއަށް ބަލާލަމުން ބުނެލިއެވެ. ” ދަރިފުޅުވެސް ތި ވިސްނަނީ ބައްޕަހެން މަންމަޔާ ދުރުގަ އުޅެންތަ؟ ” ސަކީލާ ހައިރާންވެފަ ބުނެލިއެވެ. ” ކިހިނެއްވީ. ނުލާހިކު ރަނގަޅު މުސާރައެއްވެސް ލިބޭނެއްނު ” ޝުހާދު ބުނެލިއެވެ. ” ދަރިފުޅަށް ހަތަރު އަހަރުގަ ބައްޕަވެސް ދަތުރުކުރަން ފެށި ގޮތަށް އެއުޅެނީ. މާލޭގަ މަޑުކޮށްލެވެނީ ކުޑަ ދުވަސް ކޮޅެއްގަ. އަނެއްކާ ދަރިފުޅު ވެސް ތިކިޔަނި ދަތުރުކުރަން ދާނެ ވާހަކަ ” ސަކީލާގެ ރާގު ބަދަލުވެގެން ދިޔައެވެ.

” ސާބަހޭ މަންމާ. އަހަރެން ނޫޅެން ދާކަށް. މަންމަ ބުނާ އެއްޗެއް ބަލަން އެހެން މިބުނީ. އަހަރެން ކުރާ ކަމެއް ކުރާނީ މާލޭގަ ހުރެގެން ” ޝުހާދު ބުނެލިއެވެ. ” ދަރިފުޅު ކުރާ ކަމަކަށް މަންމަ އެއްޗެއް ނުބުނާނަން. އެކަމަކު ދިރިއުޅުމަށް ކުރާ ކަމެއް ކުރަންވާނީ ވަރަށް ވިސްނާފަ ” ސަކީލާ ބުނެލިއެވެ. ” ބައްޕަހެން ދޯ ” ކައި ނިމިގެން ޝުހާދު ގޮޑިން ތެދުވަމުން ހީލަމުން ބުނެލިއެވެ. ” އާނ. ދަރިފުޅުގެ ކިޔެވުން ނިމުމާ ހަމަޔަށް ބައްޕަ ދަތުރު ކުރާނެ ވާހަކަ ބުނެފަ އޮތީ. މިފަހަރު އެކުރީ އެންމެފަހު ދަތުރު ” ކާމޭޒު މަތީ އިން ތަށި ނަގަމުން ސަކީލާ ބުނެލިއެވެ. ” އެހެންތަ؟ އެހެންވީމާ ދެން ބައްޕަ ހުންނާނީ މާލޭގަ ދޯ ” ޝުހާދު ބުނެލިއެވެ. ” ދެން ބައްޕަ އައީމަ ސުވާލުކޮށްބަލަ. އޭރުން އެނގޭނެއްނު ” ސަކީލާ ތަށި ދޮންނަށް ހުރެ ބުނެލިއެވެ. ” ދަރިފުޅާ ވިދާން ކޮބާތަ؟ ” ކޮޓަރިއާ ދިމާއަށް ހިނގަތުމުން ސަކީލާ ސުވާލުކޮށްލުމުން ޝުހާދު މަޑުޖެހިލިއެވެ. ” ގެއަށް ދިޔަފަހުން ހަބަރެއްނުވޭ. އަހަރެން ގުޅައިފިން. އެކަމަކު ފޯނެއް ނުނަގާ ” ޝުހާދު ބުނެލިއެވެ. ” ކިހިނެއްވީ ފޯން ނުނެގީ ” ސަކީލާ ދޮވުނު ތަށި، ތަށި އަށިގަނޑުގައި ބާއްވަމުން ސުވާލުކޮށްލިއެވެ. ” ނޭންގެ. އޭނަގެ ހިތަށް އަރައި ފިއްޔާ ހުރެދާނެ ފޯން ނުނަގަން ވެސް. ގުޅަން ފެނުނީމާ ގުޅާނެއްނު ” މިހެން ބުނެ ޝުހާދު ކޮޓަރިއަށް ވަނެވެ.

” ހަލޯ ” ނިދިފަ އޮތް ޝުހާދު ފޯންގެ ރިންގްގެ އަަޑަށް ހޭލެވުން ބާލީސްކައިރީގައި އޮތް ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ. ” ޝުހާދު ކޮންތާކުތަ؟ ” ޝުހާދަށް ގުޅި މީހާ ސުވާލުކޮށްލިއެވެ. ” އަހަރެންގޭގަ. ކިހިނެއްވީ ” ޝުހާދު ކަންފަތާ ފޯން ދުކޮށްލާ، ފޯންގެ ސްކްރީނަށް ބަލާލަމުން ބުނެލިއެވެ. ” ވާހަކައެއް ބުނަން ވެގެން ” ގުޅައިގެން ހުރި މީހާ ބުނެލިއެވެ. ” ސާބަހޭ އަޝްފާގް. ދަންވަރު ވީމަތަ ވާހަކައެއް ބުނަން ވެގެން ގުޅަން އެނގެނީ ” އާފުރިލަމުން ޝުހާދު ބުނެލިއެވެ. ” އަސްލުވެސް ވަރަށް ބޮޑު ވާހަކައެއް ބުނަން ވެގެން މިގުޅީ ” އަޝްފާގް ބުނެލިއެވެ. ” ދެން މާ ހާސަރުގަނޑު ދިގުނުކޮށް ތިބުނަން އުޅޭ އެއްޗެއް ބުނެބަލަ. ނިދި އައިސްގެން އަހަރެން މޮޔަވަނީ މި ” ކައިރީގައި އޮތް ބާލީހުގައި ބައްދާލަމުން ޝުހާދު ބުނެލިއެވެ. ” އަހަރެން ބުނަން މިއުޅޭ އެއްޗަކުން ޝުހާދުގެ ނިދިވެސް ފިލާނެ ” އަޝްފާގް ބުނެލިއެވެ. ” ދެން ޖެއްސުން ނުކޮށް ކިޔާބަލަ ތިކިޔަން އުޅޭ އެއްޗެއް ” ޝުހާދު ބުނެލިއެވެ. ” ވިދާން އެބައިން ސްޓެލްކޯޔާ ދިމާލު ތޮށިގަނޑު މަތީގަ ” އަޝްފާގް ބުނެލިއެވެ. ” ވަޓް!!! ” ޝުހާދު ކުއްލިއަކަށް ތެދުވަމުން ހައިރާން ކަމާއެކު ބުނެލިއެވެ. ” ކީއްވެ ދާން އެތާގަ އިންނަންވީ ” ޝުހާދު އަޝްފާގާ ސުވާލުކޮށްލިއެވެ. ” ނޭންގެ އަހަރެންނަކަށް. އަހަރެން ވެސް އެހެން ދަނިކޮށް ފެނުނީމާ އަސްލު މިގުޅީ ” އަޝްފާގް ބުނެލިއެވެ. ” އަޝްފާގް ތިއުޅެނީ ތިހެން ކިޔައިގެން އަހަރެން ނިދިޔަ ނުދީ ގެއިން ބޭރަށް ނެރެންވެގެންދޯ ” ޝުހާދަށް އަޝްފާގްގެ ގޮތް އެގޭތީ ބުނެލިއެވެ. ” ނޫން. ހަމަ ހުވާ މިބުނީ. ވިދާން އެބައިން އެތާގަ ” އަޝްފާގް ބުނެލިއެވެ. ” އެހެން ވިއްޔާ އަޝްފާގް ކޮންތާކު ތިހުރީ ” ޝުހާދު އެނދުން ފައިބަމުން ސުވާލުކޮށްލިއެވެ. ” އަހަރެން މިހާރު މިހުރީ ދަރުބާރުގޭ ކައިރީގަ ” އަޝްފާގް ބުނެލިއެވެ. ” އާދެވޭނެތަ އަހަރެން ބަލާ ” ޝުހާދު އަލަމާރިން ޓީޝާޓެއް ގަމުން ބުނެލިއެވެ. ” ނިކުމެ ހުރޭ ބޭރަށް. މިދަނީ ” މިހެން ބުނެ އަޝްފާގް ފޯން ކަނޑާލިއެވެ.

ޝުހާދު ޓީޝާޓް ބޮލުން ވައްޓާލުމަށްފަހު ޓީޝާޓް ރީތިކުރަމުން އެނދު ކައިރީ ހުރި ކުޑަ ކަބަޑުމަތިން އޮތް ތަޅުދަނޑި ފަތި ނަގައިގެން އަވަސް ހިނގުމެއްގައި ގެއިން ނިކުމެ މަގުމަތީގައި ހުއްޓުނެވެ. އޭރު މަގުގެ ކޮޅުން ބާރު ސްޕީޑްގައި އަޝްފާގް އައިސް މަޑުކޮށްލަނީއެވެ. ” ހިނގާ އަވަހަށް ” ސައިކަލަށް އަރާ ހަމަ ޖެހިލަމުން ޝުހާދު އެހެން ބުނެލުމުން އަޝްފާގް ސްޓެލްކޯއާ ދިމާއަށް ދިޔުމަށް ބާރަށް ސައިކަލް ދުއްވާލިއެވެ. ވަގުތަކީ ދަންވަރުގެ ވަގުތު ކަމުން މަގުމަތި ފެންނަނީ އަމާންކޮށެވެ. އެހެންކަމުން އަޝްފާގް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޕެޓްރޯލް ޝެޑާ ހަމަޔަށް އައިސް ސައިކަލް މަޑުކޮށްލުމާއެކު ޝުހާދު ސައިކަލުން ފޭބިއެވެ. ” ކޮބާ އޭނަ ” ޝުހާދު ސުވާލުކޮށްލިއެވެ. އެވަގުތު ވިދާން އިށީދެގެން އިން ދިމާއަށް އަޝްފާގް އަތް ދިއްކޮށްލިއެވެ. އަޝްފާގް އިޝާރާތް ކޮށްލި ދިމާއަށް ބަލާލުމަށްފަހު މަގުގެ ދެކޮޅު ބަލާލަމުން ޝުހާދު އެދިމާއަށް ދުއްވައިގަތެވެ. ފަހަތުން މަޑު ދުވެއްޏެއްގައި ސައިކަލް ދުއްވާފަ އަޝްފާގް ވެސް އެދިމާއަށް ދިޔައެވެ. ވިދާންއާ ފުދޭވަރަކަށް ކައިރިއަށް އައުމަށްފަހު ޝުހާދު މަޑުޖެހިލިއެވެ. އަދި މަޑު ހިނގުމެއްގައި ހިނގާފައި އައިސް ވިދާން ގާތުގައި ތޮށިގަނޑުމަތީ އިށީދެލިއެވެ. އަދި ވިދާންއަށް ބަލާލިއެވެ. ” މިތާގަ ކީއްކުރަނީ މިހާއިރު ވީމަ ” ޝުހާދުގެ އަޑަށް ވިދާން ސިއްސައިގެން ދިޔައެވެ. ” ކަމެއް ނުކުރަން ” ޝުހާދަށް ބަލާލުމަށްފަހު މޫނު އަނެއްފަރާތަށް އަނބުރާލަމުން ވިދާން ބުނެލިއެވެ. ” ކަމެއްނުކުރާނަމަ ދާން މިވަގުތު ހުންނާނީ ގޭގައެއްނު. މިތާގަ އެކަނި އިނުމުގެ ބޭނުމެއް ނެތެއްނު ” ޝުހާދު އެހެން ބުނެލުމުން ވިދާން އިސްދަށަށް ޖަހާލިއެވެ. ” ވެގެން އުޅޭ ގޮތެއް ދާން އަހަރެން ގާތުގަ ނުބުނާހާ ހިނދެއްގަ އަހަރެންނަކަށް ނޭންގޭނެ. އެހެންވެ މި އަހަނީ ކިހިނެއްވެގެންހޭ މެންދަމު ދޭއް ޖަހާ ބޮޑު ވާއިރު ދާން މިތާގަ އިންނަންވީ ” ޝުހާދު ވިދާންގެ ކޮޑުގައި އަތްއަޅާ އަނބުރާލަމުން ބުނެލިއެވެ.

” އަހަރެން މިހާރު ދާނެ އެހެންތަނެއް ނެތީމާ މިތާގަ މީނީ ” ވިދާން ބުނެލިއެވެ. ” ކީއްވެގެންތަ ދާނެ ތަނެއްނެތީ. އަމިއްލަ ގެ ހުއްޓާ ދާނެ ތަނެއް ނެތިގެން އުޅެން ޖެހޭތަ؟ ” ޝުހާދު ބުނެލިއެވެ. ” އެއީ އަހަރެންގެ ގެ އެއް ނޫން. އެއީ މަންމަގެ އަމިއްލަ ގެ. މަންމަގެ މުދަލުން ކުޑަ މިންވަރެއް ވެސް އަހަރެންނަށް ދޭން ވިސްނާފަ އޮތްނަމަ އަހަރެން ގާތުގަ ގެއިން ނިކުގެން ދާން ނުބުނާނެ ” ވިދާންގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޮހިގަތެވެ. ކޮންކަމަކާތަ މަންމަ ދާން ގާތުގަ ގެއިން ނިކުމެގެންދާން ބުނީ ” ޝުހާދުގެ ސުވާލާއެކު ވިދާން ކަންތައްވީގޮތް ޝުހާދަށް ކިޔާ ދިނެވެ. ” އެކަންތަކާ މަންމަޔާ އަހަރެންނާ ދެބަސްވާން ޖެހުނީ. އެކަމަކު މިހާރު ހިތަށް އަރާ އެއްޗެއް ނުބުނެ ގޮސް ކޮޓަރިއަށް ވަދެވުން ނަމައޭ ” ވިދާން އެހެން ބުނެލުމަށްފަހު ބޮޑުތަކުރުފާނު މަގާ ވީފަރާތަށް އެނބުރިލިއެވެ. އެވަގުތު ސައިކަލްމަތީ އިން އަޝްފާގް ފެނުމުން ވިދާން ހައިރާންކަމާއެކު ޝުހާދުގެ މޫނަށް ބަލާލިއެވެ. އަދި ކަރުނައިން ފުރިފަ ހުރި ދެލޯ ވިދާން ފުހެލިއެވެ. ” ދާން މިތާގަ އިން ވާހަކަ އަހަރެން ގާތުގަ ބުނީ އަޝްފާގް. އެހެންވެ އަހަރެން މިތަނަށް މިއައީ އޭނަޔާއެކުގަ ” ޝުހާދު ބުނެލިއެވެ. ” ދެން ކަންތައް ތިހެން ވެގެން ދިޔައިރު އަހަރުންގެ އަށް ދާންއަށް އާދެވޭނެދޯ ” ޝުހާދު ބުނެލިއެވެ. ” ދެން ޝުހާދަށް އިތުރު ބުރައަކަށް ނުވާން ވެގެން ނުދިޔައީ ” ވިދާން ބުނެލިއެވެ.

” ސާބަހޭ. އަހަރެން ނޫޅެމޭ ބުރައަކަށް ވެދާނެތީ ބިރުންނެއް. މިރޭ ވެސް މަންމަ އަހައިފި ދާން ކޮބާހޭ. އަހަރެން ބުނިން ގޭގައޭ ވާނީ. އެހެން ބުނި އިރު ދާން ބޭރުގަ އުޅޭކަމެއް އަހަރެންނަށް ކިހިނެއް އެނގެނީ ” ޝުހާދު ބުނެލިއެވެ. ” ހިނގާ ދެން ގެއަށްދާން. މިހާރު ގަޑިން ތިނެއް ޖަހަން އުޅެނީ ” އަތުގައި އޮތް ފޯނުގެ ސްކްރީނަށް ބަލާލުމަށްފަހު ޝުހާދު ތޮށިގަނޑުމަތިން ތެދުވަމުން ބުނެލިއެވެ. ” އަހަރެން މިހާރު ދާނެ ގެއެއް ނެތް. އެހެންވީމާ ޝުހާދު ގެއަށްދޭ ” ވިދާން ބުނެލިއެވެ. ” ދާނެ ގެއެއް ނެތީ ކީއްވެ ” ޝުހާދު ފަސްއެނބުރި ވިދާނަށް ބަލާލުމަށްފަހު ބުނެލިއެވެ. ” އަހަރެންނާ ހެޔޮ ހިތުން ވާހަކަ ދައްކާލާނެ ހިތްވަރު ނެތް މީހަކު އުޅޭ ގެއަކަށް އަހަރެން ގޮސްގެން ކީއްކުރަނީ. އެއަށްވުރެއް ރަނގަޅު މިތާގަ އެކަނި އިންނަން ވެސް ” ވިދާން ބުނެލިއެވެ. ” ދެންމާ ފޮނިތަނެއް ނުވެ ހިނގާ ދާން ” ޝުހާދު ވިދާންގެ އަތުގައި ހިފާ ކޮޅަށް ނަގަމުން ބުނެލިއެވެ. ” ހަމަ ރަނގަޅަށް މިބުނީ އަހަރެން އެގެއަށް ނުދާނަން. މަންމައަށް ރަނގަޅު ވާނީ އަހަރެން ފެންނަން ނެތިއްޔާ ” ޝުހާދު ވިދާންގެ އަތުގައި ހިފާ ކޮޅަށް ނެގުމުން ވިދާން ބުނެލިއެވެ. ” އެގެއަށް ނުދިޔަސް އަހަރުންގެއަށް ދެވިދާނެއްނު ” ޝުހާދު ބުނެލިއެވެ. ” އޯކޭ ޝުހާދު އަހަރެން ދެންދަނީ ” އަޝްފާގް ސައިކަލްގެ ހަރު ނައްޓާލަމުން ބުނެލިއެވެ. ” އޭ! ތޭކްސް އިނގޭ ” ޝުހާދު މިހެން ބުނެލުމުން ވިދާން އަޝްފާގަށް ބަލާލާފަ ހީލިއެވެ. އަދި އަޝްފާގް ސައިކަލް ދުއްވާލުމުން ދެމީހުން ގެއަށް ދިޔުމަށް ހިނގައިގަތެވެ.

14

You may also like...

2 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.