Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 1

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
January 28, 2020 6 Mins Read
8 Comments

ބެލްކަނީގައި ހުރި އިޔާދު، އެތެރެއަށް ވަންނަން އުޅެފައިވެސް މަޑުކޮށްލީ ކުރިމަތީ ހުރި “އެވަރ ގްރީން” ގޭ ދޮރުމައްޗަށް ޓެކްސީއެއް މަޑުކޮށްލުމުންނެވެ. އިޔާދު ހުރީ ގޭގެ ތިންވަނަ ފްލޯރގެ ބެލްކަނީގައި ނަމަވެސް ކާރުން ފޭބި މީހުން އިޔާދުއަށް ރަނގަޅަށް އެނގުނެވެ.

ފުރަތަމަ ކާރުން ފޭބީ، ފިޔާތޮށި ކުލައިގެ ރަޖަލެއް އޮޅާލައި ފޮރުވާލާފައިވާ ތުއްތު ކުއްޖެއް ދެއަތުގެ ތެރެއަށް ލައިގެން ހުރި ނަޝީލާއެވެ. ނަޝީލާއާއެކީ ކަހަލަ ގޮތަކަށް ކުރީ ސީޓުގެ ދޮރު ހުޅުވާލާފައި ފޭބީ ނަޝީލާގެ ދެވަނަ ދަރިފުޅު ނަވާޒްގެ އަންހެނުން ނަބާހާއެވެ. ނަޝިލާގެ ފަހަތުން ފޭބި ދައުހާ އަވަހަށް ގޮސް ކާރުގެ އަނެއް ފަރާތު ދޮރު ހުޅުވާލާފައި އެތެރޭގައި އިން މީހަކަށް ފޭބުމަށް އެހީ ވެދިނެވެ.

އެމީހަކު ކާރުން ފައިބަން ދެން އިޔާދުގެ ސަމާލު ކަން ހުއްޓިފައިވީ ނަޝީލާގެ އަތުގައި އޮތް ތުއްތު ކުއްޖާއަށެވެ. ފިޔާތޮށި ކުލައިގެ ރަޖަލަކަށް ލާފައި އޮތުމުން އެއީ އަންހެން ކުއްޖެއްކަން އިޔާދުއަށް އެނގުނެވެ.

“ޒައިނާ ކަހަލަ އަންހެން ކުއްޖެއް…” އިޔާދުގެ ހިތަށް އެރިއެވެ.

އެއާއެކު ދައުހާގެ އެހީގައި ކާރުން ފޭބި ޒައިނާއަށް އިޔާދުގެ ސަމާލުކަން ދެވުނެވެ.

ޓެކްސީގެ ފަހަތުން ކަހަލަ ގޮތަކަށް މަޑުކޮށްލި ސައިކަލުން ފޭބި ނަޝީލާގެ ފިރިމީހާ ވަސީމްއާ، އެ ދެމަފިރިންގެ ދޮށީ ދަރިފުޅު ނިހާން އަވަސް ވެގަތީ ޓެކްސީގެ ޑިކީގައި ހުރި އެއްޗެހި ނަގާށެވެ. އެކަން ނުނިމެނީސް ގޭތެރޭން ނަބާހާގެ ފިރިމީހާ ނަވާޒްއާ ނަޝީލާގެ ހަތަރުވަނަ ދަރިފުޅު އަޔާޒް ނިކުމެ ނިހާންއާ ވަސީމްއަށް އެހީވިއެވެ. އެމީހުންގެ ފަހަތުން ނިކުތް އަޔާޒްގެ އަންހެނުން ހޫރިޔާ ގޮސް ނަޝީލާ އަތުން އެ ތުއްތު ކުއްޖާ ނަގާ އުރާލިއެވެ.

ނަޝީލާވެސް ޒައިނާ ކައިރިއަށް ގޮސް ޒައިނާއަށް އެހީވިއެވެ. ނިހާންމެން އެއްޗެހިތައް ހިފައިގެން އެތެރެއަށް ވަނުމުން އެމީހުންގެ ފަހަތުން ހޫރިޔާއާ ނަބާހާ ބޭބީ ގޮވައިގެން ވަނެވެ. ނަޝީލާއާ ދައުހާއާ އެކީ ޒައިނާވެސް ވަންނަން ދިޔައެވެ. އެވަގުތު ބޭބީ ރޯން ފެށުމުން ނަޝީލާ ޒައިނާގެ އަތުން ދޫކޮށްލާފައި ކުރިއަށް ހިނގައިގަތީ އެ އަޑަށެވެ.

ގޭ ދޮރާ ހަމައަށް އަރާފައި ޒައިނާ މަޑުކޮށްލިއެވެ. ދައުހާވެސް މަޑުކޮށްލާފައި ޒައިނާއަށް ބަލާލީ ކިހިނެއްވީތޯ އަހާލަމުންނެވެ.

ޒައިނާ ޖަވާބެއް ނުދީ ދައުހާގެ އަތުގައި ހިފާ ފިތާލަމުން މަޑުމަޑުން އެނބުރިފައި މަގުގެ އަނެއް ފަރާތުން ދިހަ ބުރިއަށް ނަގާފައި ހުރިގޭގެ ތިންވަނަ ފްލޯރގެ ބެލްކަނީގައި ހުރި އިޔާދުއާ ދިމާއަށް ބަލާލިއެވެ. އެއާއެކު ވަގުތުން ޒައިނާގެ ލޯ ފެންކަޅި ވެގެން ދިޔައެވެ.

އެހާ ދުރުންވެސް ޒައިނާގެ ލޮލުގައިވި ޝަކުވާއާ އާދޭސް އިޔާދުއަށް ފެނުނެވެ. އެ ފުން ދެލޮލުން ނަޒަރު ވަކި ކޮށްލަން އިޔާދުއަށް އުނދަގޫވިއެވެ.

ޒައިނާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެތައް ވާހަކައެއް އެލޮލުން އިޔާދުއާ ދައްކަމުން ދިޔައެވެ. ތުން ފިއްތައިގެން ހުރީ ދުލުން ބަހެއް ބުނެވިދާނެތީއެވެ. ބުނަން ބޭނުންވި އެތައް ވާހަކައެއް ހުރުމުންނެވެ. ނަމަވެސް ބުނާނެ ހިތްވަރު ނެތިފައެވެ.

ޒައިނާ ބަލަން ހުރި ދިމާއަށް ބަލާލުމާއެކު ދައުހާއަށް، ވެގެން އުޅޭ ގޮތް އެނގުނެވެ.

“ޒައި…” ދައުހާ ޒައިނާގެ އަތަށް ދަމާލަމުން ގޮވާލިއެވެ.

ދައުހާއަށް ބަލާލުމާއެކު ޒައިނާގެ ލޮލުގައިވި ކަރުނަ ކޯމައްޗަށް ފައިބައިގެން އައެވެ. އިސްޖަހާލަމުން ޒައިނާ މޫނު ފޮހެލިއެވެ.

“ނަންނާ، މިވަގުތު ނަންނަގެ ދޮންބެ ނިކުމެއްޖެއްޔާ ވާނެ ގޮތް އެނގެއެއްނު؟ ޕްލީޒް، ހިނގާ އެތެރެއަށް” ދައުހާ މަޑުމަޑުން ބުންޏެވެ.

ބޯ ޖަހާލަމުން ޒައިނާ ދައުހާއާ އެކު ގެޔަށް ވަނެވެ.

“އަދި ދެލޯ ބޮޑުކޮށްފަ ބަލަން އެބަ ހުއްޓެއްނު…” ދައުހާއަށް ދަތްތަކަށް ބާރުކޮށްލަމުން އެހެން ބުނެވުނީ ފަހަތަށް ބަލާލި އިރު އިޔާދު އަދިވެސް އެމީހުންނަށް ބަލަން ހުރުމުންނެވެ.

ޒައިނާމެން ގެޔަށް ވަން ފަހުންވެސް އެގެޔާ ދިމާއަށް ބަލަން ހުރި އިޔާދު ސިހުނީ ރާބިޔާ ގޮވާލި އަޑު އިވުމުންނެވެ.

ކޮޓަރިއަށް ދެވުމާއެކު ޒައިނާ ބޭނުންވީ އެކަނި ވެލާށެވެ. ނަމަވެސް އެވަގުތު ގޭ އެންމެން ބޭނުންވީ ޒައިނާއާ ކުޑަ ދަރިފުޅު ކައިރީގައި ތިބޭށެވެ.

ފަސް ދުވަސް ފަހެވެ. ހެނދުނު ހެނދުނާ ގޭތެރޭގައި އެކި މީހުން އެކި މަސައްކަތުގައި އުޅެއެވެ. ނަޝީލާއަށް އެހީ ވުމަށް ނަބާހާއާ ހޫރިޔާގެ އިތުރުން ނަޝީލާގެ ދޮށީ އަންހެން ދަރިފުޅު ޒިދުނާވެސް އެދުވަހު އުޅުނީ އެގޭގައެވެ. ދިހައެއް ޖެހި ތަނާ އަޔާޒްގެ ހަގަށް ހުންނަ އާހިލްއާ އެކު ސިދްރާވެސް އައިސް ނަޝީލާމެންނަށް އެހީވުމުގައި އުޅެން ފެށިއެވެ.

ދުވަހަކީ ހޯމަ ދުވަހެއް ނަމަވެސް އެކަކުވެސް އެދުވަހު އޮފީހަކަށް ނުދެއެވެ. އެހެން ދުވަސް ދުވަހަށް ވުރެ ގޭތެރޭގައި އަޑު ގަދަވެގެން އުޅެނީ ޒިދުނާގެ ދެކުދިން އާއިޝްއާ އީޝަލްވެސް އެގޭގައި އުޅޭތީއެވެ. ނަވާޒްއާ ނަބާހާގެ ނީލަމްވެސް އެދެކުދިންނާއެކު ކުޅެން އުޅުނީ އެހެން ދުވަސްތަކަށް ވުރެން އަޑު ގަދަ ކޮށްލާފައެވެ.

ޒައިނާގެ ދަރިފުޅަށް ނަން ކިޔުމަށް ކަތިލި ބަކަރިއާ، ބޮނޑިބަތާ އަދި އޭގެ އިތުރުން ކުކުޅުވެސް ހަދާ ނިންމާފައި ބެހުމަށް ތައްޔާރު ކުރި ޕާރުސަލްތައް ހިފައިގެން ނިހާންއާ ނަވާޒްއާ އަޔާޒް އަދި އާހިލް ދިޔައިރު މެންދުރު ވެއްޖެއެް ހަދާ ނިންމާފައި ބެހުމަށް ތައްޔާރު ކުރި ޕާރުސަލވެ.

ނަޝީލާގެ ނަމުގެ އެއް ބަޔާއެކު ފާތުމަތު އަދާގެ ނަމުން ނަން ކިޔުނު ތުއްތު ދަރުފުޅު އުރާލައިގެން ވަސީމް ސިޓިންގްރޫމްގައި އިން އިރު ވަސީމްގެ ދެ ފަރާތުގައި އާއިޝްއާ އީޝަލް އާދަޔާ ޚިލާފަށް މަޑުން ތިއްބެވެ. އިރުކޮޅެއް ނުވެ ނީލަމްވެސް އައިސް ވަސީމްގެ ކުރިމަތީ އަދާއަށް ބަލަން ހުއްޓެވެ.

“ދަރިފުޅުމެން ބޭނުންތަ ކޮއްކޮ އުރާލަން؟” ވަސީމް އަހާލިއެވެ. އެއާއެކު ތިން ކުދިން އެއްފަހަރާ ކޮއްކޮ އުރަން ބޭނުން ވެގެން ވާހަކަ ދައްކަން ފެށިއެވެ. ޒައިނާ ކައިރީ އިން ނަޝީލާ އައިސް ފަހަރަކު ކުއްޖެއްގެ އުނގަށް އަދާ ލައި ދިނުމުން އިރުކޮޅެއްގެ ތެރޭ ތިން ކުދިން ތިބީ ހިތްހަމަޖެހިފައެވެ.

ޕާރުސަލްތައް ބަހަން ދިޔަ މީހުން ގެޔަށް އައި އިރު އަސުރު ނަމާދު ކައިރި ވެފައި ވާތީ ގޭ ހުރިހާ ފިރިހެނުން ދިޔައީ މިސްކިތަށެވެ. ބޭރުގައި އިނދެ ވަރުބަލި ވުމުން ޒައިނާވެސް ކޮޓަރިއަށް ވަނީ އޭރު އަދާއަށް ނިދިފައި އޮތުމުން އިރުކޮޅަކު ނިދާލަން ބޭނުން ވާހަކަ ނަޝީލާ ގާތު ބުނެފައެވެ. ނަމަވެސް ކޮޓަރިއަށް ވަން ގޮތަށް ޒައިނާ ގުޅީ ދައުހާއަށެވެ.

“އަޅެ ނާންނަންތަ؟” ދައުހާ ފޯން ނެގުމާއެކު ޒައިނާ އެހިއެވެ.

“ދާނަމޭ ނަންނާ، އެކަމު އަދި އިރުކޮޅެއް ވާނެ. މިއަދު ހަމަ މާ ބޮޑަށް ބިޒީ ވެގެން މިއުޅެނީ… އެކަމު ދެން މާ ލަހެއް ނުވާނަން އިނގޭ” ދައުހާ ބުންޏެވެ.

“ލަހެއް ނުވާނެ ދެނެއް، އިރު އޮއްސޭފަހުން ކަމަނާގަނޑަށް އާދެވޭނީ” ޝަކުވާގެ ރާގަކަށް ޒައިނާ ބުނެލިއެވެ.

“އަޅެ ނަންނާ، އައިމް ސޮރީ، ރުޅި ނާދެބަލަ، މަގޭ ދޫނިކޮޅު ކައިރިއަށް ދާނެއެއްނު ދެން ކޮންމެ ގޮތެއް ހަދާފަވެސް. ބަލާތި، ފައިވްގެ ކުރިން ދާނަން އިނގޭ. ދެން އިހަށް ބާއްވަނީ، އޭރުން މި ފައިލްގަނޑު އަވަހަށް ނިންމާލާފަ މިތަނުން ނުކުމެވޭނީ. މަގޭ ދޮންގަނޑަށް ބޮޑު އުންމައެއް ދެއްޗޭ މަގޭ ފަރާތުން” ދައުހާ އެނަގެ މަޖާ މިޒާޖުގައި ބުންޏެވެ.

“އާނ، ދެން ދައު ވިއްޔަ، އޯކޭ، އެކަމު ފައިވްއަށް ވުރެ ލަސް ވެއްޖެއްޔާ މިގެޔަކަށް ނުވައްދާނަން” ހެމުން ޒައިނާ ބުންޏެވެ.

“ޒައި ނުވެއްދިޔަސް ނަޝީއްތަ ހުންނާނެއެއްނު. އޯކޭ ދެން، ސީ ޔޫ ސޫން” ދައުހާ ފޯން ކަޑާލުމުގެ ކުރިން ބުންޏެވެ.

ހަތަރުގަޑި ބައި ވީއިރު ގޭތެރެ މުޅިން ހިމޭން ވީ ޒިދުނާއާ ނާދިރު އެދެމަފިރިންގެ ދެކުދިންނާއެކު ނީލަމްވެސް ގޮވައިގެން ދިޔުމުންނެވެ. އާހިލްވެސް ސިދްރާ ގެޔަށް ލައިދޭން ދިޔައީ ޒިދުނާމެން ފަހަތުން ކަހަލަ ގޮތަކަށެވެ. ސިޓިންގރޫމްގައި ޓީވީ ހުޅުވައިގެން ނަޝީލާއާ ނަބާހާއާ ހޫރިޔާ ތިއްބެވެ. ނިހާންއާ ނަވާޒްއާ އަޔާޒްއާ އެކު ހަގަށް ތިބި ދެ ފިރިހެން ކުދިން، ރާއިދުއާ ރިޔާން ތިބީ މަތީގައި ފުޓްބޯޅަ މެޗެއް ބަލާށެވެ.

ދައުހާއަށް އެގެޔަށް އާދެވުނީ ފަހެއް ޖަހަން ވިއްސަކަށް މިނަޓަށް ވެފައި ހުއްޓައެވެ. އެތެރެއަށް ވަން ގޮތަށް ފުރަތަމަވެސް ދައުހާ ބަލާލީ އަތުކުރީގައި އޮތް ގަޑިއަށެވެ.

“އަނެއްކާވެސް ދާން ޖެހެނީތަ ގަޑި ތި ބަލަނީ” ނަޝީލާ އަހާލިއެވެ.

“ނޫނޭ، ނަންނަ ބުނީ ފަހެއްގެ ކުރިން އަންނަން ޖެހޭނެޔޭ، އެހެންވެ ޔަގީން ކޮށްލީ. ކޮބާ އޭނަ؟” ދައުހާ އަހާލިއެވެ.

“މާ ލަހުން ވިއްޔަ ދައު ތި އައީ” ނަޝީލާ ހިނިއައިސްފައި ބުނެލިއެވެ.

“އަޅެ ސޮރީ ނަޝީއްތާ، ހަމަ ނާދެވުނީ ބިޒީ ކަމުން. އެހެންނެއްނު ވާނި؟ ވީކްއެންޑެއްގަ ކައްކަން މަޑުކުރާށޭ ބުނީމަވެސް ނަޝީއްތަމެން މަޑެއް ނުކުރި ވިއްޔަ! އެނގެއެއްނު ބަންދު ދުވަހެއްގަ ނޫނީ އަހަންނަށް މިކަހަލަ ކަމެއްގަ ބައިވެރިއެއް ނުވެވޭނެ ކަން؟ އެހެން ވީމަ އަހަންނަށް ނާދެވުމުގަވެސް ކުށްވެރި ވާނީ ހަމަ ނަޝީއްތަމެން. ކޮބާތަ ޒައި؟ އަދި ކޮބާތަ މަގޭ ލޯބިކޮޅު؟” ނަޝީލާ ކައިރީ ގައި އިށީންނަމުން އެއްވެސް މީހަކަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ދައުހާ ވާހަކަ ދައްކާ ނިންމާލިއެވެ.

“ޔާރައްބީ! ނިމުނީތަ؟” ހެވިފައި ނަޝީލާ އަހާލިއެވެ.

“އާނ، އިހަށް ނިންމާލީ. ޒައި ނިދާފަތަ؟” ނަޝީލާއަށް ޖަވާބު ދެމުން ދައުހާ އަހިއެވެ.

“ފެންވަރާލަން ވަނީ، މިހާރު ނިކުންނާނެ ކަންނޭނގެ. އިހަށް ބޮނޑިބަތް ކޮޅެއް ކާލަން ވީނު؟” ނަޝީލާ ބުންޏެވެ.

“އާނ، އަވަހަށް ގެނެސްދީ ނަޝީއްތާ، މިއަދު މެންދުރުވެސް ނުކައި މީނީ މިގޭން ބޮނޑިބަތް ކާން ވެގެން، މިހާރު ބަނޑުހައި ވެގެން ބަނޑުން އަޑުވެސް ގޮވަން ފަށައިފި” ސޯފާއިން ތެދުވެގެން ގޮސް ކާމޭޒު ކައިރީ ގޮނޑިއެއްގައި ދައުހާ އިށީނެވެ.

ނަޝީލާ ބޮނޑި ބަތް ގެނެސް ދިނުމުން ދައުހާ ކާން ފެށި ނަމަވެސް ވާހަކަ ނުދައްކައެއް ނީނދެވުނެވެ.

“އާނ، އަދި ހަނދާން ނެތިފައޭ މިހިރީ، ނަޝީއްތާ، މަންމައަށް ނާދެވުނު ވާހަކަ ބުނާށޭ ބުންޏޭ. ދާއިން ބަލިވެ އުޅޭތީ މިއަދު އެގާރަ ޖެހި އިރު ޑޮކްޓަރަށް ދައްކަން ދިޔަ މީހުންނަށް ގެޔަށް ދެވުނު އިރު ތިނެއް ޖަހައިފި، މަންމަ ހުރީ ވަރަށް ވަރުބަލި ވެފަ އެހެންވެ ނާދެވުނީޔޯ ހަވީރު، އެކަމަކު ބުނި މިރޭ އަންނާނަމޯ” ދައުހާ ބުންޏެވެ.

“އާނ، މަންމަ ގުޅިއޭ. ދެން ދައު ހަމަ ޖެހިގެން ކައިބަލަ އިހަށް، ދައްކަން ހުރި ވާހަކަތައް ހުހެއް ނުވާނެއެއްނު؟” ހިނި އައިސްފައި ނަޝީލާ ދައުހާއަށް ފެން ތައްޓެއް އަޅައިދިނެވެ.

ކައި ނިމިގެން ދައުހާ، ޒައިނާގެ ކޮޓަރިއަށް ވަން އިރު ޒައިނާ ނިންދަވަން ހޫރިޔާ އިނެވެ. ނަބާހާ، ޒައިނާގެ ބޮލުގައި ފުނާ އަޅައިދޭން އިނެވެ.

“އަހަރެން އުރާލަންތަ؟” ހޫރިޔާ ކައިރީ އިށީނދެފައި ދައުހާ ކުޑަ ކުއްޖެއްހެން އަހާލިއެވެ.

“އަވަހަށް ނަގާ، އެކަމަކު ނިންދަވަން ވާނެ، އިނގޭ” ބާލީހާއެކު އަދާ، ދައުހާގެ އުނގަށް ލައިދެމުން ހޫރިޔާ ބުންޏެވެ.

“ނަންނަ ދެން އިރުކޮޅަކަށް އޮށޯވެލާ” ނަބާހާ ތެދުވަމުން ޒައިނާއަށް ބުންޏެވެ. އަދި ހޫރިޔާއާ އެކު ނިކުމެ ކޮޓަރީގެ ދޮރު ލައްޕާލިއެވެ.

“އަހަރެން ހީކުރީ އަމީދައްތައާ އެކީ ކަމަށް ދައު އަންނާނީ” އެނދުގައި އޮށޯވެލަމުން ޒައިނާ ބުންޏެވެ.

“މަންމައާ އެކީ އަންނަން ވެއްޖެއްޔާ މިރޭ އަންނަން ހުރި ނަމަ މިރޭ އާދެވޭނީ، އަހަންނަކަށް އެހާ އިރު ވަންދެނެއް ނުހުރެވޭނެ، އެހެންވެ އޮފީހުން ނިކުތް ގޮތަށް ގެޔަށްވެސް ނުގޮސް މިއައީ. މިއޮއް ދޮންގަނޑު ނުފެނި އެހާ އިރު ވަންދެން ނުހުރެވޭނެއެއްނު؟” އުނގުގައި އޮތް އަދާ ނަގާ، އެ ކުއްޖާގެ ނިތްކުރިއަށް ބޮސްދީފައި ދައުހާ ބުންޏެވެ.

ދައުހާއަށް ބަލަން އޮތް ޒައިނާ ހީލިއެވެ.

“ތިހެން ހީލަ ހީލައެއް ނޯވެވޭނެ އިނގޭ! ހަނދާން އެބަ ހުރިތަ ވިހެއުމުގެ ހުރިހާ ސްޓެޕްތަކެއް އަހަންނަށް ކިޔާދޭނަމޭ ބުނި ހަނދާން؟” ޒައިނާއާ ދިމާއަށް ދައުހާ ލޯ އަޅާލިއެވެ.

“އާނ، ބުނީމޭ އެހެން. އެކަމަކު އަހަރެން އެ ހުރިހާ އެއްޗެއް ކިޔާ ދީފިއްޔާ ދައު ދުވަހަކުވެސް ކުއްޖަކު ހޯދާކަށް ބޭނުމެއް ނުވާނެ. ތީ އެހާ ފިނޑި ކުއްޖެއް ވިއްޔަ” ހިނިއައިސްފައި އޮވެ ޒައިނާ ދައުހާއާ ދިމާކޮށްލިއެވެ.

“އަސްލުވެސްތަ؟” ލޯ ބޮޑުކޮށްލަމުން ދައުހާ އަހާލިއެވެ.

އެއްޗެއް ނުބުނެ ޒައިނާ ބޯ ޖަހާލިއެވެ.

“އެހެން ވިއްޔާ ނުކިޔާތި އެއްވެސް އެއްޗެއް. އަޑު އަހާކަށް ބޭނުމެއް ނޫން…” ދައުހާ އަވަސްއަވަހަށް ބުނެލިއެވެ.

އިރުކޮޅަކު ދެ އެކުވެރިން އެއްވެސް ވާހަކައެއް ނުދައްކާ ތިއްބެވެ. އުނގުގައި އޮތް ތުއްތު އަދާއަށް ބަލަން ދައުހާ އިން އިރު، ޒައިނާވެސް އޮތީ އެ ދަރިފުޅަށް ބަލާށެވެ.

“ނަންނާ…” ގޭ މީހުން ޒައިނާއަށް ލޯބިން ކިޔާ ނަމުން ދައުހާ ގޮވާލިއެވެ.

“ހްމްމް..؟” ޒައިނާ ދައުހާއަށް ބަލާލިއެވެ.

“އަދާ… ވަރަށް ވައްތަރު ދޯ… އޭނަޔާ؟” އަދިވެސް އަދާގެ މޫނަށް ބަލަން އިނދެ ދައުހާ އަހާލީ މަޑުމަޑުންނެވެ.

“އަދާ އެކަކާވެސް ވައްތަރެއް ނޫން…” ޒައިނާ ބުންޏެވެ.

ދައުހާ ޒައިނާއަށް ބަލާލިއެވެ. ލޯ މަރާލައިގެން އޮތް ޒައިނާގެ ލޮލުގެ އަރިމަތިން ފޭދިގެން އައި ކަރުނަ ތިކި އަވަސް އަވަހަށް ޒައިނާ ފޮހެލިއެވެ.

“ނަންނާ… އައިމް ސޯ ސޮރީ…” ދައުހާ ބުންޏެވެ. އަދި ނިދިފައި އޮތް އަދާ، ކުޑަ އެނދަށް ލާފައި އައިސް ޒައިނާގެ އަތްތިލައިގައި ހިފާލިއެވެ.

“އަހަރެން އަނގަ ބޮޑު ކަމުން ދައްކަން ނުވާ ވާހަކަވެސް ދެއްކެނީ… ސޮރީ އިނގޭ…” އެކުވެރިޔާގެ ހިތާމަ އެނގޭތީ، ބުނެވުނު ބަސް އަނބުރާ ގެންދަން ބޭނުންވި ނަމަވެސް އެއީ ނުވާނެ ކަމެއް ކަން ދައުހާއަށް އެނގެއެވެ.

މަޣްރިބް ނަމާދުން ފައިބައިގެން އައިސް ގެޔަށް ވަދެ ފޯން ހުޅުވާލިތާ މިނަޓެއްވެސް ނުވަނީސް ނިހާންގެ ފޯނަށް މެސެޖެއް އައެވެ. މެސެޖް އައި ނަމްބަރު ބަލާލާފައި ނިހާން މައްޗަށް އަރާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. މެސެޖް ހުޅުވާލީ އޭގެ ފަހުންނެވެ.

“ނަންނަ ރަނގަޅުތަ؟ ބޭބީ ކިހިނެއް؟ ކޮން ނަމެއް ކީ؟” މެސެޖްގައި އޮތީ އެ ތިން ސުވާލެވެ. އިރުކޮޅަކު ފޯނަށް ބަލަން ހުރެފައި ނިހާން އެ ނަމްބަރަށް ގުޅާލިއެވެ.

“ފާތުމަތު އަދާ” އެކޮޅުން ފޯން ނެގުމާއެކު ނިހާން ބުންޏެވެ.

“ވަރަށް ލޯބި ނަމެއް. ނަންނަ ރަނގަޅުތަ؟” ޝަނާޒް އެހިއެވެ.

އާނ، ގޯހެއް ނޫން. އިތުރަށް ގޯސް ވާކަށް ކަމެއް ނެތެއްނު؟” ނިހާން އެނދުގައި އިށީނެވެ.

“ކޮބާ އެންމެން؟ މަންމަ މިއަދު ހުރި ދޯ ތެޅިލާފަ؟” ޝަނާޒް އެހިއެވެ.

“ނާޒްއަށްވެސް އެނގެއެއްނު މިކަހަލަ ދުވަހެއްގަ މަންމަ އުޅޭނެ ގޮތް؟ އެންމެން އައިސް އުޅެފަ، ޒިދޫމެން އައިސް އުޅެފަ މިހާރު ގޮއްސި، ނަވާމެންވެސް އެބަ އުޅޭ… އަހަރެންވެސް އެބަ އުޅެން…” ނިހާން ބުންޏެވެ.

“ނިހާން، ކިހިނެއް…؟” މަޑުމަޑުން ޝަނާޒް އަހާލީ އިރުކޮޅެއް ފަހުންނެވެ.

“މި ބުނީނު އެބަ އުޅެމޭ…” ނިހާންގެ އަޑުގައި ރިހުމެއް އެކުލެވިގެން ދިޔައެވެ.

“ނިހާން، ޕްލީޒް… ދެން ލައިފްއާ މެދު ވިސްނަން ފަށާބަލަ، މިހާރު ހަ އަހަރު ވާން އުޅެނީ” ޝަނާޒް އާދޭހުގެ ރާގެއްގައި ބުންލިއެވެ.

“ދުވަސްތައް އަހަރެންވެސް ގުނަމޭ… ވިސްނަމޭ އަހަރެން… ނުވިސްނާ ކިހިނެއް ވާނީ؟ އެއަށް ވުރެ ގޮތް ދޫ ނުކުރާ ކުއްޖެއް އެއީ. އެކަމަކު… ކިތަންމެ ވިސްނިއަސް އަހަރެންގެ ހިތެއް އެއްބަހެއް ނުވޭ…” ނިހާން އެނދުން ތެދުވެގެން ގޮސް ކުޑަދޮރު ކައިރީ ހުއްޓުނެވެ.

“ތިހާ ހަރު ހިތެއް ނޫން ނިހާންގެ ހިތަކީ… އެ ކުއްޖާ އިންތިޒާރު ކުރާތާ ދެ އަހަރު ވީ… ތި ހިތަށް ބަދަލެއް ގެނައުމުގަ އޭނައަށް ހަމަ ކާމިޔާބު ނުވަނީތަ؟” ޝަނާޒް އަހާލިއެވެ.

ނިހާން އެއްޗެއް ނުބުނެ ލޯމަރާލިއެވެ. އެއާއެކު އެ ސޫރަ ހިތަށް ސިފަ ވެގެން ދިޔައެވެ. ނަމަވެސް ސިކުންތެއް ނުވެ އެ ސޫރަ ފަނޑުވެގެން ދިޔައީ އެހެން ތަސްވީރެއް ނިހާންގެ ހިތުގައި ގަދަވެގަންނަމުންނެވެ.

“ހިތަށް ބަދަލެއް ނާނަންނީކީ ނޫން ނާޒް… އަދިވެސް މި ހިތުގަ ކުރިން ފެވުނު ތަސްވީރު ފޮހެ ނުލެވެނީ… އެ ހަނދާންތައް ފަނޑު ނުވަނީ…” ނިހާން ބުންޏެވެ.

“ހެޔޮ ނުވާނެ ނިހާން، އޭނަގެ ކެތްތެރިކަމާ މެދު އެއްފަހަރުވެސް ވިސްނާލިންތަ؟ އޭގެންވެސް އޭނަ ލޯބި ވާ ވަރު ނުވިސްނޭތަ؟ ކޮން އިރަކުތަ ތިހާ ހިތް ހަރު މީހަކަށް ނިހާން ވީ؟” ނިހާންއަށް ވިސްނައިދޭން މަސައްކަތް ކޮށްކޮށް ޝަނާޒް ވަރުބަލި ވެއްޖެއެވެ.

“ނާޒްއަށް އެނގޭނެ ކޮން އިރަކު ކަން… އަހަރެން ބުނެދޭކަށް ނުޖެހޭނެ…” ނިހާން ބުނެލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ރާސްތާ2 (30)

Next

ތެދުވެރި ލޯބި- 13

Next
January 28, 2020

ތެދުވެރި ލޯބި- 13

Previews
January 25, 2020

ރާސްތާ2 (30)

8 Comments!

  1. Mar Sha Marsha says:
    January 28, 2020 at 3:00 pm

    Assalaam Alaikum, adhi kiriya mikan mi vy, mee aa vaahaka eh noon, Ehen website ehga start koffa in vaahaka eh, ekamu esfiyaiga alah upload mi kurany. Mi vaahaka ves kiyuntherinnah kamudhaane kamah hykuran. Part Insha Allah on Thursday. ❤️❤️??

  2. Nash says:
    January 28, 2020 at 4:04 pm

    Mi vaahaka first start kury Kon page eh ga

  3. ސިާނިއިއނހސކއނސިެމއޖިއނއުެމ2ޖ2ޮސނނނނދ says:
    January 28, 2020 at 4:24 pm

    Mi story ga miulhey meehun thah v Olhey. Ehnveema mi story ga miulhey meehunnaa name thanaa bunela dheeba

  4. ސިާނިއިއނހސކއނސިެމއޖިއނއުެމ2ޖ2ޮސނނނނދ says:
    January 28, 2020 at 4:36 pm

    Mi story ga miulhey meehun thah v Olhey. Ehnveema mi story ga miulhey meehunnaa name thakaa bunela dheeba

  5. Naal. says:
    January 28, 2020 at 9:58 pm

    Name thah vrh olhey…Main character akee kaaku tha?mibuni girl ingey??.Please shaya name use kodhee bala.varah reethi part

  6. Meekkomee says:
    January 28, 2020 at 11:02 pm

    Sis varah Reethi ingyyy mi part ves ??? but name tha kudhakoh olhun but okk??? ….. Waiting 4 the next❤️❤️……….ly❤️❤️❤️

  7. Aisha says:
    January 29, 2020 at 11:05 am

    Viyas kiyaa website ehga ebain

  8. Mar Sha Marsha says:
    January 30, 2020 at 8:59 am

    Thank u hurihaa kudhin ❤️

Comments are closed.

Next Episodeހީވޭ ހިތް ބުނާހެން 2←


All Right Reserved!