ތަޤްދީރު 4 ވަނަ ބައި

- by - 81- January 23, 2020

” ތިހެން ހީވާއިރުވެސް ޔާނާ ތިހުންނަނީ ހަމަ ސުވާލުވެސް ކޮށްނުލާންތަ؟ ” ސީމާ ބުނެލިއެވެ. ” އެއްޗެއް އަހާލާ އިރަށް ފަޒީލް ރުޅި އަންނަނީ. އެހެންވެ ސުވާލު ނުކުރަނީ ” ޔާނާ ބުނެލިއެވެ. ” އެއްޗެއް ނުބުނެ ހުރެގެން ވަކި ރަނގަޅެއް ނުވާނެ. ތިކަހަލަ އެއްޗެއް ހީވާނަމަ ވާނުވާ ބަލަންވާނެ. އެހެން ނޫނީ ފަހުން  ލިބޭ ލަނޑު ބޮޑުވާނެ ” ސީމާ ބުނެލިއެވެ. ” ގޮތް ބަލާލަން ވެސް ތިހެން ކިޔާފަ އަހަރެން ސުވާލު ކުރާއިރަށް ބުނާނެ އަހަރެން ޝައްކު ކުރަނީއޭ ” ޔާނާ ބުނެލިއެވެ. ” ޝައްކު ކުރަނީއޭ ބުންޏަސް ކަންތައްވާ ގޮތް ޔާނާ އަށް އެނގުމުގެ ހައްގު އޮންނާނެ ކަންނޭންގެ. އަޅެ ރީތިކޮށް ބުނޭތޯ ބަލަން ފަޒީލްއާ ސުވާލު ކޮށްލަބަލަ. ފަޒީލް ދޮގު ހަދާކަން ފާހަގަ ވަންޏާ ކަންތައް ކުރާނެ ގޮތް ޔާނާއަށް އެނގޭނު ” ސީމާ ބުނެލިއެވެ. ” އެންމެ ރަނގަޅު. އަހަރެން ސުވާލުކޮށްލާނަން. އެނގިދާނެތާދޯ ފަޒީލް ބުނާ އެއްޗެއް ” ޔާނާ ވިސްނާލާފަ ބުނެލިއެވެ. ” ހިނގާދާން ދެން. އަދި އަހަރެން އެނބަޖެހޭ މިއަދު ސެލޫންއަށް ވެސް ގޮސްލަން ” އާޓިފިޝިއަލް ބީޗްގައި ހުރި ހަޓްތަކުން ހަޓެއްގެ ދަށުގައި އިދެފަ ސީމާ ބުނެލިއެވެ. ” ކީއްކުރަން ސެލޫންއަށް ދަނީ ” އިށީދެ އިންތަނުން ތެދުވެ ހިނގައި ގަންނަމުން ޔާނާ ސުވާލުކޮށްލިއެވެ. ” އެއީ މިރޭ އޮތް ރައްޓިއްސެއްގެ ކައިވެނިގެ ޕާޓީއަށް ދާންވެގެން ” ސީމާ މިހެންބުނެ ޔާނާއާއެކު ހިނގައިގަތެވެ.

” ދެން ކޮން ދުވަހަކުން އަހަރުން މެރީ ކުރާނީ” ރަސްފަންނު ކައިން ހިނގާފަ ދަމުން ޔާނާ ފަޒީލްކުރެން އަހާލިއެވެ. ” އޭރުވެސް ފަޒީލްގެ ނަޒަރު ހުއްޓިފަހުރީ އެހެން ދިޔަ އަންހެން ކުދިން ތަކަކާ ދިމާއަށެވެ. އެމަންޒަރު ސާފުކޮށް ޔާނާއަށް ފެނުނެވެ. ނަމަ ވެސް އެކަން ފަޒީލްއަށް އަންގާވެސް ނުލާ ޔާނާ ފަޒީލްގެ އަތުގައި ހިފާލިއެވެ. އެވަގުތު ފަޒީލް ތެޅިގަތެވެ. ” ކީއްވެ އެއްޗެއް ނުބުނީ ” ޔާނާ ބުނެލިއެވެ. ” ކީކޭ ޔާނާ ތިކިޔަނީ ” ފަޒީލް ޔާނާއަށް ބަލާލަމުން ބުނެލިއެވެ. ” ކޮން ދުވަހަކުންހޭ އަހަރުން މެރީ ކުރަނީ ” ޔާނާ އަނެއްކާވެސް ބުނެލިއެވެ. ” އަދި ނުކުރެވިފައެއް ނެތެއްނު ” ފަޒީލް ބުނެލިއެވެ. ” އެކަމަކު އަބަދަކު މިހެން ވެސް ނޫޅެވޭނެއްނު. އަހަރުމެންވެސް ލައިފެއް ފައްޓަން ޖެހޭނެއްނު ” ޔާނާ ބުނެލިއެވެ. ” މެރީ ނުކުރާނަމޭ އަހަރެން ނުބުނަމެއްނު. އެކަމަކު އަދި އެހާ އަވަހަކަށް ނޫން ” ރަސްފަންނުގެ ނަން ބޮޑުކޮށް ޖަހާފަ ހުރި ހިސާބުގެ ފާރުމަތީ އިށީންނަމުން ފަޒީލް ބުނެލިއެވެ. ” ފަޒީލްއަށް ތިބުނާ ވަގުތެއް އަންނައިރު ވެސް އަހަރެން ހުންނަންވީ މިހެންތަ؟ ” ޔާނާ ފަޒީލް ގާތުގައި އިށީންނަމުން ބުނެލިއެވެ. ” މިރޭ ކީކޭ ކިޔަން ތިއުޅެނީ ” ފަޒީލް ޔާނާއަށް ބަލާލަމުން ބުނެލިއެވެ. ” އަހަރެން ނޫޅެން އެއްޗެއް ކިޔާކަށް. އެކަމަކު އެއީ ދައްކަން ޖެހޭ ވާހަކަޔަކަށް ވީމާ އަހާލީ ” ޔާނާ މޫނު އަނެއްފަރާތަށް އަނބުރާމުން ބުނެލިއެވެ. ” އަދި އަހަރުން މެރީ ނުކުރެވިގެން އުޅޭ ވަރެއް ނުވޭނު. ރައްޓެހި ވެގެން މާ ގިނަ ދުވަހެއްވެސް ވީއެއްނޫން ” ފަޒީލް ބުނެލިއެވެ. ” މެރީ ކުރަން ޖެހެނީ ކޮންމެހެން ރައްޓެހިވެގެން އުޅޭތާ ފަސް އަހަރުވީމަ ކަމެއް ނޭންގެ. ދެމީހުންނަށް އެކީގަ އުޅެވިދާނެ ކަމުގެ ޔަގީންކަން އޮންނަ ނަމަ ކޮންމެހެން ދުވަސްތަކެއް ބޭކާރު ކުރާނީ ކީއްކުރަން ” ޔާނާ ބުނެލިއެވެ. ” އެކަމަކު ވެސް އަހަރެން އެހާ އަވަހަކަށް މެރީ ކުރާކަށް ބޭނުމެއްނޫން ” ޔާނާ ބުނެފާނެ އެއްޗަކަށް ވިސްނާނުލާ، އަދި ޔާނާ މެރީ ކުރާ ވާހަކަ ދައްކަންފެށީ ކީއްވެކަން ނޭންގޭ ހާލުގައި ފަޒީލް ބުނެލިއެވެ.

” އެންމެ ރަނގަޅު އަހަރެން މިހެން ހުރެވޭތޯ ބަލާނަން ފަޒީލް ތިބުނާ ދުވަހެއް ވަންދެން ” ޔާނާ މިހެން ބުނެ ޝޯސަލް ސެންޓަރާ ދިމާއަށް ބަލާލި ވަގުތު ޝޯސަލް ސެންޓަރުގެ ފާރު ކައިރީ ހުރި އަންހެން ކުއްޖަކު ފެނުނެވެ. އެ ކުއްޖާގެ ހަރަކާތްތައް ހުރި ގޮތުން ކޮންމެވެސް ކަމަކަށް އިންތިޒާރު ކުރާކަން ޔާނާއަށް ފާހަގަ ކުރެވުނެވެ. ” އެބަ އަންނަން އެހެރަ ތަކުން ސޮސެޖް ގަނެގެން. މިތާ އިންނާތީ ” އެކުއްޖާ ފެނުމުން ވާނުވާ ބަލާލުމަށް ޔާނާ ގަސްތުގައި ސޮސެޖް ގަންނަން ދިޔައެވެ.

” ކީއްކުރަން މިތަނަށް ތިއައީ ” އޭރު ޔާނާއަށް ފެނުން އަންހެން ކުއްޖާ، ޔާނާ އެތަނުން ދިޔުމުން މަގުގެ ދެކޮޅު ބަލާފަ ފަޒީލް ކައިރިއަށް އައުމުން ފަޒީލް ބުނެލިއެވެ. ” މިތަނަށް އަންނާށޭ ބުނީމާ މިއައީ ” ޒޫނާ ބުނެލިއެވެ. ” އަހަރެން ބުނީމެއްނު ފްރީ މާ ގުޅާނަމޭ ” ފަޒީލް ފަސްއެނބުރި ބަލާލަމުން ބުނެލިއެވެ. ” އެކަމަކު ފަޒީލް ބުނި ގަނޑިއަށް މިއައީ ” ޒޫނާ ބުނެލިއެވެ. ” ރައްޓެހި ކުއްޖަކާ އެކުގަ މިއުޅެނީ. އެހެންވެ ގަޑިން ވީއިރެއް ނޭންގުނީ ” ފަޒީލް ބުނެލިއެވެ. ” ދެން އަހަރެން ކިހިނެއް ހަދަންވީ ” ޒޫނާ އަހާލިއެވެ. ” ގެއަށްދޭ. އަހަރެން ގުޅާނަން ” ފަޒީލް ޒޫނާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ” ފޮނުވާލާނެ ކަމެއްނެތް. އެކަކަށް ވުރެއް ގިނަވީމާ ފަޒީލްއަށް ރަނގަޅެއްނު ” ޔާނާގެ އަޑަށް ފަޒީލް ސިހިފައި ފަސްއެނބުރި ބަލާލިއެވެ. ” ތީދެން ކޮންކަމެއްތަ؟ ” ފަޒީލް ޔާނާއާ ގާތަށް ޖެހިލަމުން ބުނެލިއެވެ. ” މީ ކޮންކަމެއްކަން އެންމެ ރަނގަޅަށް އެނގޭނީ ފަޒީލްއަށް. އެހެންވީމާ ފަޒީލް ތިހެން ކިޔާފަ ސުވާލު ކުރާކަށް މާ ތާހިރެއްނޫން ” ޔާނާ ރުޅިގަދަވެގެން ބުނެލިއެވެ. ” ކީއްވެ އަހަރެންނަށް އެނގެންވީ ” ފަޒީލް ބުނެލިއެވެ. ” އެގެން ޖެހޭނެ ހުރިހާ ގޮތަކުން ފަޒީލްއަށް އެނގޭނެ. ބުނަން ފަޒީލް ވާހަކައެއް. ތި ޖައްސަމުން ދިޔަ ހުރިހާ ވައްތަރެއް އަހަރެންނަށް ފެނިއްޖެ. އެހެންވީމާ ދެން ކޮންމެހެން ތިކަން ފޮރުވަން އުޅޭނެކަމެއްނެތް ” ޒޫނާއާ ދިމާއަށް ބަލާލަމުން ޔާނާ ބުނެލިއެވެ. ” އަހަރެން އެއްވެސް ކަމެއް ނުފޮރުވަން ” ފަޒީލް ހާސްކަމާއެކު ބުނެލިއެވެ. ” މިހާތަނަށް އަހަރެންނަށް ފެނިވާ މަންޒަރުތަކާ، އަދި އަހަރެންނަށް ނުފެންނަ މަންޒަރު ތަކުގެ ހަގީގަތް އެގިއްޖެ. ފަޒީލް ތީ އެކަކުން ފުދޭ މީހެއްނޫން. މިއަދު އަހަރެންނަށް މިފެނުނީ އެކެއް. ފަރުދާގެ ފުރަގަހުގާ އަދި ތިބި ވަރެއް ނޭންގެ ” ޔާނާއަށް ޝައްކުވަމުން ދިޔަ މަންޒަރު ލޮލަށް ފެނުމުން ބުނެލިއެވެ. ” ޔާނާ ތި ހީކުރަނީ އަދި ރަނގަޅަކަށް ނޫން ” ފަޒީލް ބުނެލިއެވެ. ” ދެން އަހަރެން އިތުރަކަށް ހީކުރާނެ، ވިސްނާނެ ރަނގަޅެއް ނެތް. ހުރިހާ ކަމެއް އަހަރެންނަށް ސާފު ވެއްޖެ. ތިވަރުގެ މީހަކާއެކު އުޅުމަށްވުރެއް ރަނގަޅުވާނެ ނޫޅުނަސް. އިތުރަށް ތި މަންޒަރު ބަލާކަށް ބޭނުމެއް ނޫން. މިހާ ހިސާބުން ހުރިހާ ކަމެއް ނިމުނީ. ހަދާން ކުރާތި!!! އަހަރެންގެ ފަހަތުން ނާންނާތި ” ޔާނާ ފަޒީލްއާ ދިމާއަށް އިގިލި ދިއްކޮށްލަމުން އެހެން ބުނެލުމަށްފަހު ޔާނާ އެތަނުން ދިޔުމަށް ހިނގައިގަތެވެ. އޭރު މަންޒަރު ބަލަން ހުރި ޒޫނާ ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އަދި ފަޒީލް ޒޫނާއަށް ވެސް ދޮގު ހަދާފަ ވާކަން ހާމަވުމުން ރުޅި ވެރި ބެލުމަކުން ބަލާލުމަށްފަހު ކުރިއަށް ހިނގައިގަތެވެ. އެވަގުތު ފަޒީލް ޒޫނާއާ ދިމާއަށް ދިޔުމަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ.

” ގެއަން އަންނަން އެގިއްޖެދޯ ” ޝުހާދާ އެކުގައި އެގޭގައި ހުރުމަށްފަހު އިރު އޮށްސުނު ފަހުން ވިދާން އައިސް ގެއަށް ވަންނަން ދޮރު ހުޅުވާލުމުން ސިޓިން ރޫމް ސޯފާގައި އިން ސަލީމާ ބުނެލިއެވެ. ” ކިހިނެއްވީ ” ވިދާން ގޭތެރެއަށް ވަދެ ދޮރު ލައްޕާލަމުން ބުނެލިއެވެ. ” އުޅޭ ވައްތަރުން ސުވާލު ކުރަންޖެހެނީ ” ސަލީމާ ބުނެލިއެވެ. ” އަހަރެން ކޮންފާޑަކަށްތަ އުޅެނީ ” ވިދާން ސަލީމާއަށް ބަލާލަމުން ބުނެލިއެވެ. ” ބޭރަށް ނިކުތިއްޔާ ގެއަށް ވަންނަން ނޭންގޭތީ ” ސަލީމާ ބުނެލިއެވެ. ” އަހަރެން ކޮޓަރީގަ އޮތަސް، ބޭރަށް ނިކުތަސް ނެތް ސަލާމަތެއް ” ވިދާން ސަލީމާއަށް ބަލާލުމަށްފަހު އިސްދަށަށް ޖަހާލަމުން ބުނެލިއެވެ. ” އެއްޗެއް ބުނާއިރަށް މޫނުމަތީ ޒުވާބު ކުރަން އުޅޭނެ ކަމެއްނެތް ” ސަލީމާ ރުޅި އައިސްގެން ބުނެލިއެވެ. ” މަންމަ ތިހެން ބުނާއިރު ހަމަ ކުޑަކޮށް ވެސް ވިސްނާލަން ނޭންގެނީތަ؟. މަންމަ އެއްޗެއް ބުނެގެން އަހަރެން ދުވަހަކުވެސް އެއްޗެއް ނުބުނަން. އެކަމަކު މިވީ ޒުވާބު ކުރާކަމަށް ” ފުރަތަމަ ފަހަރަށް ވިދާން ސަލީމާގެ ކުރިމަތީ ސުވާލަކަށްފަހު ސުވާލެއްގެ ޖަވާބު ދެމުން ދިޔައެވެ. ” ބުނަން ވިދާން ވާހަކައެއް. އަހަރެން ކައިގެން އުޅެނީ ވިދާން ބުރަ މަސައްކަތުން ހޯދާ އެއްޗަކުން ނެއްނޫން. އެހެންވީމާ ވިދާން ތިފާޑަށް ވާހަކަ ދައްކާނެ ކަމެއްނެތް ” ސަލީމާ ސޯފާއިން ތެދުވެ ވިދާންއާ ދިމާއަށް ބުނެލިއެވެ. ” އަހަރެން މަންމަ ރުޅި އަރާ ވަރުގެ ކަމެއް ނުކުރަން. އެކަމަކު އަހަރެން ހަނދާން ވާންފެށިއްސުރެއް ފެށިގެންވެސް މަންމަގެ ވާހަކަ ހުންނަނީ ތިހެން. ވިސްނާ ވިސްނާވެސް މަންމަ އަހަރެން ދެކެ ރުޅި އަންނަ ސަބަބެއް ނޭންގުން ” ހަގީގަތް ނޭންގިފާއޮތް ބޮޑު ސިއްރުގެ ވާހަކަ ވިދާން ބުނެލިއެވެ. ” ވިދާން ކުރާ ހުރިހާ ސުވާލަކަށް ޖަވާބު ދޭކަށް ނުޖެހޭނެ. މިގޭގަ އުޅެންޏާ އަހަރެން ބުނާ ގޮތް ހަދައިގެން އުޅެންޖެހޭނީ. އެހެން ނޫނީ މިގޭން ނިކުމެގެން ދާންއުޅޭ ” ސަލީމާ މިހެން ބުނެ ސޯފާގައި އިށީނެވެ. ” ރީތި ކުށެއް ނުކުރިއަސް ކުއްވެރި އެއްގެ ގޮތުގަ ހުރުމަށް ވުރެއް ރަނގަޅު ވާނެ ދިޔަސް ” ވިދާން މިހެން ބުނެލުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ.

ވިދާން ކޮޓަރީ ދޮރު ލައްޕާލި އަޑު އިވުމުން ސަލީމާ ފަސްއެނބުރި ބަލާލީ ފެންކަޅިވެ ހުރެގެންނެވެ. އަދި ފުރަތަމަ ފަހަރަށް ވިދާން އާއި މެދު ވިސްނާލާފަ ސަލީމާގެ ލޮލުން ހިލިގެން ދިޔަ ކަރުނަ އެންފިޔަތަކުގެ ތެރެއިން ފޫދިގެން ފައިބައިގަތް ވަގުތު ސަލީމާ އަތުން ކަރުނަ ފޮހެލިއެވެ. ކަންތައް މިހެންވީނަމަވެސް ވިދާން ފެންނަ ކޮންމެ ފަހަރަކު ސަލީމާއަށް މާޒީގެ ދުވަސްތަކުގެ މަތިން ހަދާން ވެގެން ދެއެވެ. އެ ވޭނީ ހިތްދަތި އެކަނި ވެރި ދުވަސްތައް އެއީ ސަލީމާ ބޭނުންވި ކަމުގަ ވިޔަސް ހަނދާނުން ފޮހެލަން އުނދަގޫ ހަނދާން ތަކެކެވެ. ހިތްދަތިކަމާއި ވޭނުގެ ލައްގަނޑު ސަލީމާގެ ފަސްބައިގައި ޖެހުނީ ސަލީމާގެ ޒުވާން ދުވަސްވަރު ވިސްނާނުލާ ކުރެވުނު ކަމަކުންނެވެ. އިތުބާރު ކުރަން ނުވާވަރަށް އިތުބާރު ކުރެވި، ހިތުން ޖާގަ ދޭންނުޖެހޭ މިންވަރަށް ޖާގަދެވުމުގެ ނަތީޖާ އަކަށްވީ ސަލީމާގެ ދިރިއުޅުމުގައި ކަޅު ލައްގަނޑެއް ޖެހި އޭގެން ސަލާމަތްވާނެ ގޮތެއް ނުވުމެވެ. އަދި ދުނިޔޭގައި ހުރިހާ ހިނދަކު އެ ލައްގަނޑުން ސަލާމަތް ނުވާނެކަން ސަޅލީމާއަށް އެނގެއެވެ. އެކަންތައްތަކުގެ ރުޅި ވިދާން ދެކެ އައުމަކީ ސަލީމާ ފަހަރެއްގައި ވެސް ބޭނުންވާ ކަމެއްނޫނެވެ. ނަމަވެސް އެދުވަހުގެ އެ އާދޭހާ ލޮލުން އޮހެރިގެން ދިޔަ ލޭ ކަރުނަ ސަލީމާގެ މައިވަންތަ ކަމުގެ ނިޝާނުގައި އަލިފާން ރޯކުރަމުން ދިޔައެވެ.

ވިދާން ކޮޓަރިއަށް ވަދެ އެނދުގައި އިށީދެލިއެވެ. އަދި ރޯންފެށިއެވެ. ސަލީމާގެ ވިހަގަދަ ބަސްތަކުގެ ސަބަބުން ވިދާންގެ ލޮލުން ކަރުނަ އައުން ނޫންކަމެއް ނުވެއެވެ. ސަލިމާގެ ކުރިމަތީ ވިދާން މިހާރު ހުންނަން ވެސް ބޭނުން ނުވާ ކަމުގެ އިހްސާސް ވިދާންއަށް ކުރެވުނެވެ. އަދި ސަލީމާއާ އެހާ ރުންކުރު ގޮތަކަށް ވާހަކަ ދެއްކުނީތީ ވެސް ވިދާން ދެރަވިއެވެ. ސަބަބަކީ ސަލީމާ ކޮންމެ އެއްޗެއް ކިޔަސް އެއީ ވިދާންގެ މަންމަކަން ވިދާން ހަނދާން ނައްތާނުލުމެވެ. އަދި ބައްފަޔަކާ ނުލާ ވިދާން އެހާވަރުވީ ސަލީމާގެ ގާތުގައި ހުރެގެން ކަމަށްވާތީއެވެ.

މަންމަ ކަމަށް ވިޔަސް ސަލީމާ ކިޔާ އެއްޗެހިން ވިދާންގެ ހިތް ހަލާކުވަމުން ދިޔައެވެ. ކޮންމެ ދުވަހަކީ ވިދާންގެ ހަލާކުވަމުންދާ ހިތަށް ވޭނާ އަނިޔާ ލިބޭ ދުވަހަކަށް ވިއެވެ. ވިދާންގެ ލޮލުން ފައިބަމުން ދިޔަ ވޭނީ ކަރުނަޔާއެކު ވިދާންގެ ލޯކުރިމަތީ ސިފަވަމުން ދިޔައީ ސަލީމާގެ އަމަލުތަކުގެ މަންޒަރުތަކެވެ. ކުޑައިރު ހަނދާން ވާން ފެށި ހިސާބުން ފެށިގެން އެންމެ ފަހު ވަގުތާ ހަމަޔަށެވެ. ސިފަވަމުން ދިޔަ މަންޒަރު ތަކާއެކު ކުއްލިއަކަށް ވިދާންގެ ބޮލުގައި ރިއްސާލިއެވެ. ހަމަ އެވަގުތު ވިދާން ބާރަށް ދެލޯ މަރާ ފިއްތާބާރުކޮށްލާ، ދެފަރާތަށް ބޯ ހޫރާލިއެވެ. އަދި މަޑުމަޑުން ލޯ ހުޅުވާލިއެވެ. ނަމަވެސް ވިދާންގެ ބޮލުގެ ރިހުން ކުޑަވާގޮތެއް ނުވިއެވެ. ބޮލުގައި ރިހެމުން ދިޔަ ރިހުމާއެކު މަޑުމަޑުން ބޮލަށް ބަރުވާގޮތްވެ، ލޯ ފުސްވާހެން ވިދާންއަށް ހީވުމުން ދެއަތުން ދެލޯ ފުހެލިއެވެ. ނަމަވެސް ވިދާންއަށް ފުސްކޮށް ފެންނަން ހުރި ހުރުމަކަށް ބަދަލެއް ނައެވެ. ވަމުން ދިޔަ ގޮތްތަކާއެކު ވިދާން އެނދު މަތީގައި އަޅާފަ އޮތް ބޭޑް ޝީޓްގައި ބާރަށް ހިފާބޮޑިކޮށްލިއެވެ. ފާޑަކަށް ވިދާން މޭނުބައިކޮށް ހޮޑު ލަވާހެން ހީވާން ފެށުމުން އަވަސް އަވަހަށް ވިދާން ގޮސް ފާހާނާއަށް ވަނުމާއެކު ހޮޑުލެވުނެވެ. ފާހާނާ ތައްޓާ ދިމާއަށް ގުދުވެގެން އޮތް ވިދާން ހޮޑުލަމުން ދިޔައިރު ލޮލުން ފައިބަމުން ދިޔަ ކަރުނައިގެ ތެރެއިން ފުސްކޮށް ވިދާންއަށް ލެވިފަ ހުރި ހޮޑުގައި ރަތްކުލަ ހުރިހެން ހީވިއެވެ. އަދި ދެލޯ ފުހެމުމަށްފަހު ރަނގަޅަށް ބަލާލުމުން އެއީ ހީވި ހީވުމެއް ނޫންކަން ވިދާންއަށް އެނގުނެވެ. އެ މަންޒަރު ފެނުމުން ވިދާންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހިގަތެވެ. އަދި ގިސްލާ ރޯންފެށިއެވެ. ހޮޑު ލެވުން ފަހުން ވިދާންގެ މެއިން ނަގަމުން ދިޔަ ދިލައިގެ ސަބަބުން ވިދާން ގުދަށް އޮވެގެން ރޮމުން ބޯތިރިކޮށްލިއެވެ. އަދި ހޮޑުލެވުން ހުއްޓުމުން ވިދާން މޫނު ދޮވެލައިގެން މަޑުމަޑުން ފާހާނާއިން ނިކުމެގެން އައިސް އެނދުގައި އިށީދެލިއެވެ.

81

You may also like...

5 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.