
ރާސްތާ2 އަށާވީސް ވަނަ ބައި
ދިހަ ވަރަކަށް މިނެޓަށް ފަހު އައިރާ އައުމުން ޔާޒް އެދުނީ އޭނާއާ އެއްކޮށް ބޭރަށް ދިޔުމަށެވެ. އިސްރާ ގާތުން ހުއްދަ ހޯދާފައި ކުޑަ ގޮތަކަށް ތައްޔާރުވެލައިގެން އައިރާ ޔާޒްއާއީ އެކީ ބޭރަށް ދިޔައެވެ.
ޔާޒް ގޮސް ކާރު މަޑުކޮށްލީ ބްރިޖްވިއުގައެވެ. އެތާ ހުރި ފިހާރައަކުން ދެ އައިސްކްރީމް ތަށި ގަނެގެން ދެކުދިން ގޮސް އިށީނެވެ. ހެނދުނު ގަޑި ނަމަވެސް އުޑުމަތީގައިވި ކަޅު ވިލާތަކުން ދުނިޔެމަތި ވަނީ ބަނަވެފައެވެ. ދެންމެ ދެންމެ އޮއްސައި ގަނެފާނެހެންވެސް ހީވިއެވެ. ވައިބާރު ވުމާއެކު ބޮޑެތި ރާޅު ޖަހަމުން ދިޔައެވެ. އެ ރާޅުގަނޑުގައި ބިރެއް ސިހުމެއް ނެތި ފުރާވަރުގެ ކުދިން ރާޅާ އަޅުވަން އުޅުނެވެ.
އައިރާ ބަހެއް ބުނުމެއް ނެތި އައިސްކްރީމް ބޮމުން ދިޔައެވެ. އައިރާގެ މޫނު މިލައިފައި ހުރިކަން އެނގެއެވެ. ލޯވެސް ހުރީ ކޮންމެސް ވަރަކަށް ދުޅަވެފައެވެ. އައިރާ އެއައީ ކޮންމެސް ކަމަކާ ވަރަށް ގަދައަށް ރޮއެގެންކަން ޔާޒްއަށް އެނގުނެވެ. ޔާޒް އައިރާ ގާތުން އެކަން އޮޅުންފިލުވިއެވެ. ޔާޒްއަށް ސުވާލު ކުރެވުނީ ކިރިޔާއެވެ. ވާރޭ އޮއްސާލާހެން އައިރާގެ ދެލޮލުން ކަރުނަތައް ފައިބައި ގަތެވެ. “އައިރާ ކިހިނެއްވީތަ؟ ކީއްވެ ތި ރޮނީ؟” ކަންބޮޑުވެފައި ޔާޒްއަށް އަހާލެވުނެވެ. އައިރާ ގަދަކަމުން ހިނިތުންވެލަމުން ކަރުނަތައް ފުހެލިއެވެ. ނޭފަތް އެތެރެއަށް ދަމާލުމަށްފަހު ފުން ނޭވައެއްލިއެވެ. “ޔާޒް ދުވަހަކުވެސް އަހަރެން ދޫކޮށްފަ ނުދައްޗޭ. މި ހިތްވެސް ހަލާކު ނުކުރައްޗޭ. މިހިތް ވާވަރަށް ހަލާކު ވެއްޖެ. އިތުރަށް ހިތްހަލާކު ވެއްޖެޔާ މޮޔަވެސް ވޭދާނެ. ޔާޒް މެރީ ކުރަން އެހީމަ އެދުވަހު ރުޅި އައި ނަމަވެސް މިއަދު ވަރަށް އުފާވޭ. ޝާރިމްގެ ކިބައިން ސަލާމަތް ކުރަން ޔާޒް އަހަރެންގެ އަތުގަ ހިފީމަ. ދުވަހަކުވެސް މިއަތުން ދޫ ނުކުރައްޗޭ. އިނގޭ ޔާޒް އަހަންނަށް ދެރައެއް ނުދޭނެކަންވެސް އެއަށްވުރެ ލޯބިވާކަންވެސް. މަންމަގެ ހަޔާތަށް ބައްޕަ އައިހެން އަހަރެންގެ ހަޔާތަށް ޔާޒް އައިތީވެ އަހަރެން ޝުކުރުވެރިވަން!” ޔާޒްގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ އިސްރާގެ މާޒީ އައިރާ ޔާޒްއަށް ކިޔައިދިނެވެ. ނަވްޔާގެ ފަރާތުން ޔާޒްއަށް ކުރިންވެސް އޮތީ އިނގިފައެވެ. ނަމަވެސް އައިރާ ގާތު އޭނާ އެވާހަކަ ނުބުނެއެވެ. އައިރާ އޭނާ ގާތު ދެއްކި ވާހަކަތަކުން އިތުރަށް އޭނާ ބޮލުގައި ރިއްސާ ގޮތްވިއެވެ. އައިރާއާއި ބައްދަލު ކުރަން ޔާޒް އައީވެސް އެކައިވެނި ނުކުރަން ހިނގާށޭ ބުނަންވެގެންނެވެ. އެކުވެރިއެއް ގޮތަށް އައިރާދެކެ ކިތަންމެ ލޯބިވި ނަމަވެސް އިޝްޤީ ލޮތްބޭ ކިޔާ ލޯބި ޔާޒްއަށް އައިރާ ދެކެ ނުވެއެވެ. ޔާޒް އައިރާ ގާތު އިންނަން އެހީކީ އައިރާ އާނބަސް ބުނާނެ ކަމަކަށް ނޫނެވެ. އޭނާއަށް ނޫނެކޭ ބުނެ ޝާރިމްއާ ގުޅިގެން އުޅޭކަން އެންމެންނަށް އަންގާނެ ކަމަށް ހީކޮށެވެ. އޭރަށް އަހުސްމައަށް ޝާރިމްގެ ހަޤީގަތް އެނގި އަހުސަމް އައިރާ ޝާރިމްގެ ކިބައިން ސަލާމަތް ކުރާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ކަންތަން ވެގެން ދިޔައީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. އެހެނަސް އޭނާ ހީކޮށްގެން ހުރީ ދުވަސްކޮޅަކުން އައިރާއަށް ނީންދެވިގެން ކައިވެނި ހުއްޓާލާނެ ކަމަށެވެ. ނަމަވެސް އެކަންވެސް އެވެގެން ދަނީ އޭނާ ހިތަށްވެސް ނާރާ ގޮތަކަށެވެ. އައިރާ އާދޭސް ކުރަމުން އެދަނީ އެ ނާޒުކު ހިތް ހަލާކު ނުކުރުމަށެވެ. އައިރާގެ ކޮންމެ ބަހަކުން އޭނާ ޔާޒްއަށް އިތުބާރު ކުރާކަން އެނގެއެވެ. އައިރާއަށް ދެރަގޮތެއް ހަދައިފިނަމަ އެނާޒުކު އަންހެން ކުއްޖާ މޮޔަވެސް ވެދާނެއެެވެ. އައިރާއަށް އެހެން ހަދާކަށް ޔާޒްއަކަށް ނުކެރޭނެއެވެ. އެއްވެސް ޔަގީންކަމެއް ނެތި ޔާޒް އައިރާއަށް ވައުދުވިއެވެ. ދުވަހަކުވެސް އައިރާއާއި ވަކިނުވާނެކަމަށެވެ. ޔާޒްގެ ބަހުން އައިރާގެ ހިތަށް ތަސައްލީއެއް ލިބުނެވެ. އުފާވެރިކަމުގެ ދުވަސްތައް އަތުވެއްޖެކަމަށް ޤަބޫލު ކުރެވުނެވެ. އައިރާއަށް ހަމަޖެހުން ލިބިގެން ދިޔައިރު ޔާޒްގެ ހިތްއެކީ މާޔޫސްވެ ނުތަނަވަސްވިއެވެ.
ޕްރެކްޓިހުން އައިންސުރެ މާނީ އޭނާއަށް ބަލާފައި މާ ވަރަކަށް ހޭކަން ޔޫސުފްއަށް ފާހަގަވިއެވެ. ޔޫސުފް ބަލާލުމުން ނޫން ކަމަށްވެސް ހެދެއެވެ. މަންމަ މާ ވަރަކަށް އެހެނީ އަނެއްކާ ކިހިނެއްވީތޯއޭ ހިތަށް އެރިއެވެ. ވިސްނައި ވިސްނައިވެސް އެއްވެސް ސަބަބެއް ޔޫސުފްއަކަށް ނުވިސްނުނެވެ. ޔޫސުފްވެސް އެކަން ބޮޑު ކަމަކަށް ނުހަދައި އޭނާ ކުރަން ހުރިކަންތައް ކުރުމުގައި އުޅުނެވެ.
އިޝްމާވެސް މާނީއެކޭ އެއްފަދައިން އަލައިކާއަށް ބަލަލާފައި ހިނިތުންވެލައެވެ. އަލައިކާ ވެސް ބަދަލުގައި ހިނިތުންވެލައެވެ. މަންމަ މާގިނައިން އޭނާއަށް ހިނިތުންވުން ހަދިޔާ ކުރަން ފެށުމުން އަލައިކާއަށް އުނދަގޫވާން ފެށިއެވެ. އެންމެ ފަހުން އަލައިކާ އިޝްމާއަށް ހިނިތުންވާން ފެށުނީ ގަދަކަމުންނެވެ. އަލައިކާ ކާން އިނުމުން އެތަނުން އަވަހަށް ދެވޭ ގޮތެއް ނުވިއެވެ. އަވަސް އަވަސް އަރުވައިގެން ކައި ނިމުނު ގޮތަށް ކޮޓަރިއަށް ވަނެވެ.
“އިޝް ކިހިނެއްވެތަ އަލްކޮ ލަދުގަންނަ ވަރަށް ހުނީ ދެންމެ؟” ވާނުވައިގައި އިން އަކްމަލް އަހާލިއެވެ.
“ހަމަ ތެދެއް މިބުނީ އާރާޝް. ޔޫސުފްއާއި އަލްކޮއާ ދެމީހުންނޭ. އަލްކޮ އުޅެނީ އާކޭއަށް އެނގިދާނެތީ ބިރުން” އާރާޝް ގެއަށް އައުމާއެކު ކޮޓަރިއަށް ވައްދާފައިއޭނާ އާދި އިޝްމާއަށް ފެނުނު މަންޒަރު އާރާޝްއަށް މާނީ ކިޔައިދިނެވެ.
“އެކަމް އަލްކޮ ކީއްވެ މަ ރުޅިއަންނާނެ ކަމަށް ހީކުރީ؟ ޒެވިޔަން ކަންތަކުގަވެސް މަށެއް ނުބުނަން އެއްޗެކޭ!” ވެގެން އުޅޭ ގޮތް އިޝްމާ ކިޔައިދިނުމުން އަކްމަލް ދެރަވިއެވެ. ލޯބިވާ ދަރިފުޅު އޭނަދެކެ ބިރުގަންނަ ފަދަ ގޮތަކަށް އަމަލު ކުރެވުނީތޯ އަކްމަލް ވިސްނައިލިއެވެ.
“މާނީއަށް އޮޅިގެން ތިއުޅެނީ. އަލްކޮއާ ޔޫސުފް އެގޮތަށް ވުރެ ބޮޑަށް އުޅެނީ ދައްތަ ކޮއްކޮހެން! މަށަށް ވަރަށް ހީނުވޭ ޔޫސުފްއާ ދެމީހުންގެ އެފަދަ ގުޅުމެއް އޮވެދާނެހެން” އޭނާއަށް ފެންނަ ފެނުމުގައި ޔޫސުފްއާއި އަލައިކާއާއި ދެމެދު އެފަދަ ގުޅުމެއް ނޯވެއެވެ. ކުޑައިރުއްސުރެ އެދެކުދިން އުޅެމުން ދިޔަ ގޮތް އޭނާއަށް ވަނީ ފެނިފައެވެ. “ކާކު ހިތަށް އަރާނީ އަހަރުން ދެމީހުންވެސް..” “މާނީ އޮނަސްޓްލީ އެވްރީވަން. އެއީ ކުރިންވެސް އެންމެންވެސް ދޭތެރެ ދޭތެރެއިން ދިމާކުރޭ. އެހެންވީމަ. އެކަމަކު އެދެކުދިންނަށް އެކަކުވެސް ދިމާއެއްް ނުކުރޭ. ދެ އާރ މޯ ލައިކް ބްރަދާރ އެންޑް ސިސްޓާރ” އާރާޝްއަށް ދެންވެސް ޤަބޫލު ކުރަން ދަތިވިއެވެ. “ލުކް އާރާޝް. އަހަރުންނަށްވެސް މަންމައާއި ބައްޕަގެ ސްޓޯރީ އެނގިފަދޯ ތިބީ އެކަމުވެސް ޖެހިލުންވި. އެހެންނޫންތަ އާރާޝް. އަޅެ ކުއްބެއާ ކުޑާއްތަ ގާތު ބުނަން ޖެހިލުމެއް ނުވޭތަ؟ ކުޑާބެ ގާތުގަ ބުނަންވެސް އާރާޝްއަށް ނުކެރުނު. ޔޫސުފްއަށް ވެސް އެހެންވެދާނެއްނު. އަޅެ އާރާޝް ޔޫސުފްއާއި ވާހަކަ ދައްކަލާބަ އިނގޭ” އާރާޝް ބޯޖަހާލުމާއެކު މާނީ ހިނިތުންވެލާފައި އާރާޝް ގައިގައި ބައްދާލާފައި ތިއީ އެންމެ ބެސްޓްއޭ ބުނެލިއެވެ. އާރާޝް ލުއިގޮތަކަށް ހީލަމުން މާނީވެސް ތިއީ ބެސްޓްއޭ ބުނެލިއެވެ.
އަލައިކާ ރިޕޯޓެއް ލިޔަން ހުއްޓައި ކޮޓަރި ދޮރުގައި ޓަކި ދިނުމުން ވަންނާށޭ ބުނެލިއެވެ. ދޮރު ހުޅުވާފައި ވަން އަކްމަލް ފެނި އަލައިކާ މަސައްކަތް ހުއްޓާލިއެވެ. އަކްމަލް ގޮސް އަލައިކާގެ އެނދުގައި އިށީންދެފައި އަލައިކާ ގާތު އޭނާ ގާތަށް އައުމަށް އެދުނެވެ. އަލައިކާ އައިސް އަކްމަލް ގާތު އެނދުގައި އިށީންނުމުން ފުން ނަޒަރަކުން އަކްމަލް އަލައިކާއަށް ބަލާލިއެވެ.
އަކްމަލް އައުމުން އަލައިކާގެ މޭތެޅެން ފެށިއެވެ. ހިތަށް އަރަމުން ދިޔަ އެއްޗިހިން ތުންފަތް ފަޅައިގެން ދާހާ ބާރަށް ތުންފަތުގައި ދަތްއަޅާލިއެވެ. އޭސީ ޖައްސާފައި ހުރި ނަމަވެސް ނިއްކުރި މަތިން ދާތިކިފައިބަމުން ދިޔައެވެ.
“ދަރިފުޅު ޒިވާންއާ ރުޅިވީ ލޯބިވާ އެހެން ކުއްޖަކު ހުންނާތީތަ؟” އަކްމަލް ކުރި ސުވާލުން އަލައިކާގެ މޭގަނޑު ނުނިކުތީ ކިރިޔާއެވެ. ހެނދުނު ޔޫސުފް ދެއްކި ވާހަކަތައް ހަނދާންވުމާއެކު ބިރުން ތުރުތުރު އަޅަންފެށިއެވެ. ބައްޕަގެ ސުވާލަށް ދޭނެ ޖަވާބެއް ނޭންގުމުން އަލައިކާއަށް އިސްޖަހާލެވުނެވެ.
އަލައިކާ މޫނަށް އެރި ކުލަވަރުން އިޝްމާ ދެއްކި ވާހަކަތައް ޤަބޫލު ކުރަން އަކްމަލްއަށް ފަސޭހަވިއެވެ. ދަރިފުޅުގެ މޫނު މަތިން ފެންނަމުން ދިޔަ ކުލަވަރުން އެކުއްޖާ އެހުރީ ބިރުންކަން އެނގެއެވެ. އޭނާގާތު ހަގީގަތް ހާމަކުރަން ޖެހިލުންވެފައި ހުރިކަންވެސް އެނގެއެވެ. އަކްމަލްގެ ހިތް މާޔޫސްވާ ގޮތްވިއެވެ. މިއީ ދުވަހަކުވެސް ވާން އޭނާ އެދުނު ގޮތެއް ނޫނެވެ. “ދަރިފުޅާ. ލޯބިވުމަކީ ކުށެއް ނޫން. ދަރިފުޅު ކުއްޖެއްދެކެ ގަޔާވާނަމަ ބައްޕަމެން ގާތު ބުނަންވާނެ އިނގޭ. އެކުއްޖަކީ ރަނގަޅު އަޚްލާޤެއްގެ ވެރި ކުއްޖެއް ނަމަ އެއީ ކޮންމެ ކުއްޖަކަށް ވިއަސް ބައްޕަ އެކުއްޖަކާ ޤަބޫލުވާނަން. އެއީ ބައްޕަ ކޯޗުކަން ކޮށްދޭ ކުޅުންތެރިއަކަށް ވިއަސް ހެޔޮ” އަކްމަލް ދެއްކީ ޔޫސުފްގެ ވާހަކަ ނަމަވެސް އަލައިކާއަށް ހީވީ އަކްމަލް ދެއްކީ އަލްޔަސްގެ ވާހަކަ ކަމަށެވެ. އިސްޖެހި ގޮތަށް އިސްއުފުލާލަން ވެސް ނުކެރިފައި އިނދެވުނެވެ. ބައްޕަ އަަލްޔަަސްއާއި ހިތްހަމަޖެހޭ ކަން އެނގުމުން ހިތަށް ތަސަައްލީއެއްިބި ބިރު ފިލައި ދިޔައެވެ. އަކްމަލް ދެއްކި ވާހަކަތަކަށް އަލައިކާ ބޯޖަހާލިއެވެ. އަލައިކާގެ ބޮލުގައި ފިރުމާލައިފައި އަކްމަލް ނުކުމެގެން ދިއުމުން އަލައިކާއަށް ފުންނޭވައެއް ދޫކޮށްލެވުނެވެ.
ޔޫސުފް ކާން ނުކުތީވެސް ދެގަޑިބައިވެ ތިނެއް ޖަހަން އުޅެނިކޮށެވެ. ނުކުތްއިރު ސޯފާގައި ޓީވީ ބަލަން އާރާޝް އިނެވެ. ޔޫސުފް ނުކުތްކަން އެނގުމުން އާރާޝް ޔޫސުފްއަށް ގޮވާފައި ސޯފާއަށް އައުމަަށް އިޝާރަތް ކުރިއެވެ. ކަންނެއް ކަމާއެކު ޔޫސުފް ގޮސް ސޯފާގައި އިށީނެވެ. “މަންމައާއި ބައްޕަ މެރީ ކުރީ ކިހިނެއްކަން ޔޫސުފްއަށް އެނގޭދޯ؟ މަންމަ ކުރިން އިވާންއާއި މެެރީ ކުރަން އުޅެފަ ކަންތައް ވީގޮތްވެސް އެނގެއެއްނު. ބައްޕަމެންގެ ކާފަ ފުރަފަމަ ނުޤަބޫލުކަންވެސް. އެހެންނު. ބައްޕައާއި މަންމައަށް ވެސް އެނގޭ ލޯބިވެވުމުން ކުރެވޭ އިހްސާސް. އަދި މައިންބަފައިން ނުޤަބޫލު ވެދާނެ ކަމުގެ ބިރަށް ނޫނީ އާއިލާގެ އެހެން ބަޔަކު ނުޤަބޫލު ވެދާނެތީ ޖެހިލުންވާނެކަންވެސް. ބައްޕަ ބުނަން ބޭނުނީ ޔޫސުފް ކުއްޖެއް ދެކެ ލޯބިވެގެން ބައްޕަ މެން ނުޤަބޫކު ވެދާނެތީ ބިރުން ނޫޅެއްޗޭ. އެއަންހެން ކުއްޖާއަށް ޓަކައި ފައިޓް ކުރައްޗޭ. އެއީ ކޮންމެ މީހެއްގެ ދަރިއަކަށް ވީ ނަމަވެސް” އާރާޝް ވާހަކަ ދެއްކި ގޮތުން ޔޫސުފްއަށް ހީވީ އޭނާ އެދެއްކީ ނަވާރްގެ ވާހަކަ ހެންނެވެ. އޭނާ ނުބުނި ކަމުގައި ވީ ނަމަވެސް އޭނާ ލޯބިވާ އަންހެން ކުއްޖާ ބައްޕައަށް އެނގުނީ ކަމަށެވެ. އިސްރާ، އިވާން އަދި މާނީގެ މާޒީގެ ސަބަބުން އެކަން ހާމަކުރަން އޭނާ ޖެހިލުންވަނީ ކަމަށް ބައްޕައަށް ހީވީ ކަމަށެވެ. އޭނާ ބުނުމަކާ ނުލައި ބައްޕައަށް އޭނާގެ އިހްސާސްތައް ދެނަގަނެވުނީތީ އުފާވިއެވެ. “ތޭންކްސް ޑޭޑް. އެންޑް ޔެސް އައި ލަވް ހާރ އަ ލޮޓް. އައި ލަވް ހާރ އޭޒް މަޗް އޭޒް ޔޫ ލަވް މޯމް” އާރާޝް ގައިގައި ޔޫސުފް ބައްދާލިއެވެ. އަދި ނަވާރްގެ ނަން ނުބުނެ ނަވާރް ދެކެ ލޯބިވާކަން ހާމަކުރިއެވެ.
އާރާޝްއަށް ހުރެވުނީ ނޭވާލަންވެސް ހަނދާންނެތިފައެވެ. އާރާޝްއަށް ހީކުރެވުނީ ޔޫސުފް ލޯބިވާ އަންހެން ކުއްޖަކީ އަލައިކާ ކަމަށެވެ. އޭނާ މާނީދެކެ ލޯބިވާކަން އެންމެންނަށް ހާމާ ކުރި ދުވަހު އޭނާގެ ބައްޕައަށް ވާނެ ގޮތް އާރާޝްއަށް ވަޒަން ކުރެވުނެވެ.
އަލައިކާ ފޯނުން މެސެޖެއް ލިޔެފައި އެއަށް ނަޒަރު ހުއްޓައިގެން އޮތެވެ. އަލްޔަސްއަށް ފޮނުވަން މެސެޖު ލިޔެފައިވީއިރު އޭނާ އޮތީ ދެޚިޔާލެއްގައެވެ. އޭނާގެ ހިތް އެދި ގޮވަމުން ދިޔައީ އެ މެސެޖު ފޮނުވުމަށެވެ. ސިކުނޑީގެ ކަނަކުން މެސެޖު ނު ފޮނުވުމަށް ބުނަމުން ދިޔައެވެ.
އަލްޔަސްއަށް ވިސްނެމުން ދިޔައީ އަކްމަލް ދިން ނަސޭހަތާއި މެދުގައެވެ. ލޯބީގެ ސަބަބުން އޭނާގެ ކުރިމަގުއެކީ ހަލާކުވާކަށް އޭނާވެސް ނޭދެއެވެ. އަލައިކާ ކަންތައް ވަކި ކޮޅެއްގައި ހަމަޖައްސަން އަލްޔަސް ވެސް ބޭނުމެވެ. އަލްޔަސް ފޯނު ނަގައި އަލައިކާގެ ނަންބަރު ޖަހައިލިއެވެ. ކޮންމެ ގޮތެއް ވިއަސް ހެޔޮ ކަމަށް އޭނާ އަލައިކާއަށް ގުޅިއެވެ.
އަލައިކާ ސިއްސައިގެން ދިޔައީ އަލްޔަސް ގުޅަން ފެށުމުންނެވެ. ނޭންގޭ ބާރުމިނެއްގައި އޭނާގެ ހިތްތެޅެމުން ދިޔައެވެ. އަތް ތުރުތުރު އަޅަން ފަށައި މީހާ ފިނިވިއެވެ. އަލައިކާ ދެލޯ މަރާލަމުން ތުރުތުރު އަޅަމުން ދިޔަ ހާލު ފެހި ކުލައިގެ ފިތައް ފިތާލައިފައި ކަންފަތުގައި ފޯނު ޖައްސާލިއެވެ.
އަލައިކާ ފޯނު ނެގުމާއެކު އަލްޔަސް ސިކުނޑި ހުސްވިހެން ހީވިއެވެ. ބުނަން ވީ އެއްވެސް ބަހެއް ދުލަކަށް ނައެވެ.
އަލްޔަސް ނޭވާ ލައި އަޑު ފިޔަވާ އިތުރު އަޑެއް އަލައިކާއަކަށް ނީވެއެވެ. ހަމައެކަނި އެއަޑުންވެސް އަލައިކާގެ ހިތަށް ފިނިކަަމެއް ލިބުނެވެ.
“ހެލޯ އަލް. ބޭނުން މީޓްކޮށްލަން. މާދަން ރޭ އެއިޓްއަށް ރަސްފަންނަށް. އިންތިޒާރުކުރާނަން އަލް އަންނާނެ ކަމަށް އުއްމީދު ކުރަން!” އަލައިކާގެ ބުނާނެ އެއްޗަކަށް ބެލުމެއް ނެތި އަލްޔަސް ބުނާނެ އެއްޗެއް ބުނެފައި ފޯނު ކަނޑާލިއެވެ. އަލައިކާގެ އަޑު އަހާލަން ކިތަންމެ ބޭނުންވި ނަމަވެސް އަލައިކާ ބުނާ އެއްޗަކުން ހިތަށް ތަދުވެދާނެތީ އަލްޔަސް ފޯނު ކަނޑާލީއެވެ.
ނުނިމޭ
4 Comments!
Comments are closed.
Salam dear readers. Here is a new part of rastha2. I know its been long since i uploaded the last episode i am sry fr the delay. There are new twists in this episode and a lot is going to happen. Pls leave a comment abt what u think will happen next and ur views abt the stry.
v reethi story n next part koniraku tha?pls thankolheh avahah up kohdhehchey?
V v reethi mibai vx but keehve tha eha lahun update kurany…. inthizaaruga hurin
v reethi story eh mi
comment nukuriyas gavaidhun story kiyan.
ekam thankolheh avaha up kohladheeba plz plzplz