Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ނުރޮއްވާ… (29)

Raina Level 110 Stories
December 11, 2014 7 Mins Read
11 Comments

  ޒީޝާނާއިއެކު ރިހާގެ ޙަޔާތުގައި ލިޔެވެން ފެށީ މުޅިން އާ ބާބެކެވެ. ދުވަސްތައް ފާއިތުވަމުން މާޒީ އާއި އެކުވަމުން ދިޔައިރު، ޒީޝާން ވީ ރިހާގެ ދިރިއުޅުމުން އުނިވެފައިވީ ލޮތްބާއި، އަޅާލުމާއި، އުފާ ރިހާގެ ޙަޔާތަށް ގެނެސްދިން ފަރާތަށެވެ. ކުޑައިރު ކިޔާ އުޅުނު ފެއަރީޓޭލް ވާހަކަތައް ފަދަ ފެއަރީޓޭލް އެއްގަ އުޅެވޭ ފަދަ އިޙްސާސެކެވެ. ޒީޝާނާއި އެކު ވޭތުވަމުން ދިޔަ ކޮންމެ ވަގުތަކީ ރިހާގެ ހިތް އުފަލުން ފުރާލަދޭ ވަގުތުތަކެކެވެ. ރީތި މާބޮނޑިތަކާއި، ޗޮކްލެޓް ފަދަ އެއްޗެތި އެއީ ޒީޝާންގެ ފަރާތުން ކޮންމެ ދުވަހަކުވެސް ރިހާއަށް ލިބޭ ކުދިކުދި ހަދިޔާއެވެ. ނިހާއަށް ނަސީމާގެ ފަރާތުން ލިބޭ ލޮތްބާއި އަޅާލުން ފެނި ހިތް އުދާސްވާ ކޮންމެ ފަހަރަކު ރިހާގެ ހިތްހަމަޖައްސައިދީ އެ މޫނަށް ހިނިތުންވުން ގެނުވަނީ ޒީޝާނެވެ. ޒީޝާން ވަޢުދުވީ ފަދައިން ޒީޝާން އަބަދުވެސް ރިހާ އުފަލުގައި ބަހައްޓަމުން ދިޔައެވެ. ރިހާގެ ހިނިތުންވެފައިވާ މޫނު ފެންނުމުން ޒީޝާންގެ ހިތްވެސް އުފަލުން ފުރިގެންދެއެވެ.

              ޒުބޭރުގެ ޢާއިލާ މެންބަރުން ތިބީ “ޕެރަޑައިސް” ގައި ހުންނަ ޒުބޭރުގެ ކޮޓަރީގައެވެ. ޒުބޭރު ދައްކަމުން ދިޔައީ ދިރިއުޅުން އަނބުރާ ޒުބޭރުގެ އުފަން ރަށަށް ބަދަލުކުރާ ވާހަކައެވެ. ނަމަވެސް އޭނާގެ ކުދިންނަށް ކުޅުދުއްފުއްޓަށް ބަދަލުވާން މަޖުބޫރުނުކުރާނެ ކަމަށާއި އެކުދިން ބޭނުން ނަމަ ކުރިންވެސް އުޅުނުގޮތަށް މާލޭގަ އުޅުމުގެ މިނިވަންކަން އޮތްކަމަށް ޒުބޭރު ބުންޏެވެ. އަދި އެރަށުގައި ހުންނަ ޒުބޭރުގެ ގެ މިހާރު އަލުން ޢިމާރާތް ކުރުމުގެ މަސައްކަތް ގާތްގަޑަކަށް ނިމިއްޖެ ކަމަށާއި ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އެގެއަށް އެމީހުނަށް ބަދަލު ވެވޭނެ ކަމުގެ އުފާވެރި ޙަބަރު ވެސް ޒުބޭރު ދިނެވެ.

              “ވާއު ޒީ!” ޒުބޭރު އެ ރަށަށް ދިރިއުޅުން ބަދަލު ކުރާ ވާހަކަ ބުނެލުމުން ލާނެތް ގޮތަކަށް ޒީޝާނާއި ދިމާއަށް ޒިޢާ ބުނެލީ ދިމާކޮށްލުމުގެ ގޮތުންނެވެ. “ޑޭޑް، ހާސްނުވޭ އެހެން އެކަކު ޑޭޑް އެކީ މިރަށުގަ ނޫޅުނަސް ޒީ އުޅޭނެ، ދޯ ޒީ؟” ޒީޝާން އޭނާގެ ދޮންބެއަށް ލޯ އަޅާލަމުން ކައިރީގަ އޮތް ކުޝަންއެއް ނަގާ ޒިޢާ އާއި ދިމާއަށް އެއްލިއެވެ. އެއިން އެއްވެސް މީހެއް ގާތު ޒީޝާން، އޭނަ އާއި ރިހާގެ ވާހަކަ ނުބުންޏަސް އެއީ މިހާރު އެންމެނަށްވެސް އެނގޭނެ ބޮޑު ސިއްރެއްކަން ޒީޝާން ދަނެއެވެ. ނަމަވެސް ބައްޕަމެންގެ ކުރިމަތީގައި އެގޮތަށް އެވާހަކަ ފަށާފާނެ ކަމަށް ޒީޝާން ހިއެއްނުކުރެއެވެ. ޒިޢާ އެބުނި އެއްޗެއްގެ ފަހަތުގައި ފޮރުވިފައިވީ މާނަ އެނގޭތީ ޒުބޭރުވެސް އަދި ދެން ތިބި އެންމެންވެސް ހިނިއައެވެ. “ޒީޝާން ދަރިފުޅާ! އެއީ ތެދެއްތަ؟” ޒުބޭރުވެސް ނޭނގޭ ކަމަށް ހަދާލަމުން ޒީޝާން ގާތު އަހާލިއެވެ. “އޮފްކޯޒް. އެހެންނޫނަސް މަންމަ ކިހިނެތް އުޅޭނީ ޒީ އާއި ނުލައި، ދޯ މަންމާ؟” ޒީޝާން ސަމީރާއަށް ދޯދިނެވެ. ސަމީރާ އޭނާގެ އުނގުގައި ބޯއަޅާލައިން އޮތް އޭނާގެ އެންމެ ހަގު ދަރިފުޅުގެ ކަންފަތުގައި ހިފާލަމުން ބުނެލިއެވެ. “މަންމައަށް ހީވަނީ ދަރިފުޅަށްހެން މާލޭގަ ނޫޅެވޭނީ.” އެރޭ ހޭދަވީ އެންމެން ވެގެން ޒީޝާނާއި ދިމާކުރުމުގައެވެ. އެހެންކަމުން ޒީޝާން އެންމެ ފަހުން އޭނާގެ ޢާއިލާ ގާތު ޒީޝާން ރިހާ ދެކެ ލޯބިވާ ކަމުގަ ބުންޏެވެ. ޒީޝާން އަމިއްލައަށް އެހެންބުނުމުން ޒުބޭރުވެސް އޭނާގެ ހިތުގެ އެދުން ހާމަކުރިއެވެ. “ބައްޕަ ބޭނުން ވަނީ ދަރިފުޅުމެން ދެކުދިން ވީހާވެސް އަވަހަށް ކައިވެނި ކުރަން!”

              އެ ވާހަކަ ޒުބޭރު ނަސީރާއި ހަމައަށް ގެންދިއުމުން ނަސީރުވެސް ބޭނުންވީ ޒުބޭރު ފަދައިން ދެ ކުދިންގެ ކައިވެނި ވީހާވެސް އަވަހަށް ކުރުވާށެވެ. އެހެންކަމުން ނަސީރު ބޭނުންވީ އަވަހަށް ރިހާއާއި ވާހަކަ ދައްކާށެވެ. ނަސީރު ގޮސް ރިހާގެ ކޮޓަރި ދޮރުގަ ޓަކި ޖަހާލުމުން ރިހާ ދޮރުހުޅުވާލިއެވެ. “ޑޭޑް!” ނަސީރު އެވަގުތު އެތަނުން ފެނުމުން ކުޑަކޮށް ސިހިފައި ރިހާ ކިޔާލިއެވެ. “އަޅުގަނޑަށް ގޮވާލިނަމަ.” ރިހާ އެތެރެއަށް ވަންނަން ތަންދިނުމުން ނަސީރު ހިނިތުން ވެލަމުން ރިހާގެ ކޮޓަރިއަށްވަނެވެ. “ދަރިފުޅާ! ބައްޕަ މިއައީ ވަރަށް ބޮޑު ވާހަކައެއް ދައްކަން.” ނަސީރު ރިހާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ރިހާ ކޮންވާހަކައެއްތޯ އަހާލުމުން ނަސީރު އައި ބޭނުން ހާމަ ކުރިއެވެ. “ރިހާ! ބައްޕަ އަބަދުވެސް ބޭނުންވަނީ ދަރިފުޅު އުފަލުގަ ހުންނަން. ބައްޕައަށް މިހާރު ފެންނަ މަންޒަރު ތަކުން، ދަރިފުޅު ތިއުޅޭ ގޮތުން، ބައްޕައަށް އެނގޭ ދަރިފުޅު ،މިހާރު ތިހުންނަނީ ވަރަށް އުފަލުންކަން. ރިހާ އުފަލުގަ ހުރުން އެއީ ބައްޕަވެސް އެންމެ އުފާ ވާ ކަންތައް. ރިހާ އުފަލުން ހުންނަންޏާ ބައްޕަވެސް ހުންނާނީ އުފަލުން.” ނަސީރު ދެން ދުރުދުރުން ފެށީ ޒީޝާނާއި ރިހާގެ ވާހަކައެވެ. ރިހާއަށް ނަސީރު ގާތު އެވާހަކަ ދައްކަން ނުކެރޭނެކަން އެނގޭކަމާއި، އެ ދެކުދިންގެ ގުޅުން ވެސް ނަސީރަށް އެނގޭކަމަށް ބުނުމުން ރިހާ ލަނދުގަނެ އިސްޖަހާލީ އެއީ ރިހާގެ ބައްޕައަށް ވީމައެވެ. ހަމައެހެންމެ ރިހާ އުފާވީ ނަސީރުގެ ރުހުން އެ ދެކުދިންނަށްވެސް އޮތްކަމަށް ނަސީރު ބުނުމުންނެވެ. ރިހާ ޤަބޫލުނަމަ ނަސީރު ބޭނުންވަނީ ވީ އެންމެ އަވަހަކަށް ރިހާ އާއި ޒީޝާންގެ ކައިވެނި ކުރުވަން ކަމަށްވެސް ނަސީރު ރިހާ ގާތު ބުންޏެވެ. ނަމަވެސް އެއީ ރިހާ އެކަމަށް ތައްޔާރު ކަމަށް ވާނަމައެވެ.

              ރޭގަނޑުގެ ވަގުތެވެ. “މެޕްލް އެންޑް ޕެރެޑައިސް” ގެ މަސައްކަތް އެ ރެއަށް ނިންމާލުމަށްފަހު ރިހާ އޮފީސް ތަޅުލާފައި ކާރާއި ދިމާލަށް ހިނގައިގަތެވެ. ކާރާއި ދިމާއަށް ހިނގަމުން ދިޔަ ރިހާގެ މިސްރާބު ބަދަލުވީ އޮފީހުގެ ބިއްދޮށުން މަޑު އޮރެންޖު އަލިކަމެއް ފެންނަހެން ހީވުމުންނެވެ. ކުޑަކޮށް ދުވެލާފައި އެދިމާއަށް ރިހާ ދިއަޔީ އެ އަލިކަމަކީ އަލިފާނުގެ ހާދިސާއެއް އެތަނުގައި ހިނގައިގެން ފެންނަ އަލިކަމެއް ކަމަށް ހީކޮށެވެ. ނަމަވެސް އިމާރާތުގެ އަނެއްފަރާތަށް ދެވުމާއި އެކު ރިހާގެ ފިޔަޅުތަކަށް ހުއްޓުމެއް އައިއިރު މޫނުމަތިން ފާޅުވީ ހައިރާންކަމެވެ. އެ އަލިކަން އެއީ އަލިފާނުގެ އަލިކަމަށް ވީނަމަވެސް އެއީ ރިހާ ހީކުރިގޮތަށް އަލިފާނުގެ ހާދިސާއެއްގެ ސަބަބުންނެއް ނޫނެވެ. ނަމަވެސް ކުރިމަތިން ރިހާއަށް ފެނުނީ އޮފީހުގެ ފުރަގަހުގައި، މުވައްޒަފުންނަށް ތިބެވޭނެހެން، ކުޑަ ބަގީޗާއެއް ގޮތަށް ހަދާފައިވާ ތަންކޮޅުގައި އެތައް ބައިވަރު އުއްބަތިތަކެއް ދިއްލާ އެތަން ޒީނަތްތެރިކޮށްލާފައިވާ ތަނެވެ.

              ތަނުގެ މެދަށްވާ ގޮތަށް ހުރި މޭޒެއްކައިރީ ޒީޝާން ހުއްޓިލައިން ހުރިއިރު މޭޒުމަތީގައި ކެއުމެއް ތައްޔާރުކޮށްފައިހުއްޓެވެ. ރިހާ ފެނުމުން ޒީޝާން އަންނާށޭ ބުނާފަދަ ގޮތަކަށް ރިހާއާއި ދިމާއަށް އަތް ދިއްކޮށްލީ ހިނިތުންވެލަމުންނެވެ. ރިހާވެސް މަޑުމަޑުން ޒީޝާނާއި ދިމާއަށް ދާންފެށިއެވެ. ރިހާ ގޮސް ހުއްޓުމުން އެއް ކަކޫ މައްޗަށް ތިރިވެ، ޒީޝާން ރަތް ކުލައިގެ ފިނިފެންމަލެއް ދިއްކޮށްލަމުން ބުނެލިއެވެ. “ހުރިހާ ކަމެއް މާ އަވަހަށް ދާތީ، ރީތި ރިންގެއް ގަންނަން ވަގުތު ނުވީ، ބަޓް ވިލް ޔޫ މެރީ މީ؟” ޒީޝާންގެ އެ ސުވާލުން ރިހާއަށް ލިބުނު އުފާވެރިކަން އެކަނި އެ މޫނުމަތިން ފެނުނު ހިނތުންވުމުންވެސް ފާޅުވެގެން ދިޔައެވެ. އަދި ޒީޝާން ދިން މަލުގައި ހިފާލިއެވެ. އަދި ކުރިން ދުވަހެއްގައި ޒީޝާން ރިހާގެ އަތުގައި އަޅުވާލަ ދިން ރޫބީ އަނގޮޓި ބޭލުމަށްފަހު އެ އަނގޮޓި ދިއްކޮށްލަމުން ބުންޏެވެ. “އައި ތިންކް، ދިސް އިޒް ދި ޕާފެކްޓް މޯމަންޓް ފޮ ދިސް.” ޒީޝާން ވެސް ރިހާ އާއި އެއްބަސް ވެލަމުން އެ އަނގޮޓީގައި ހިފާ ޒީޝާންގެ ސުވާލު ތަކުރާރު ކޮށްލިއެވެ. “ޔެސް” ރިހާ އާއެކޭ ބުނެ ބޯޖަހާލަމުން ބުންޏެވެ.

              ޒާން އެނބުރި އައުމާއެކު، ދެ ހަފްތައެއްހާ ދުވަސް ތެރޭ ކުރަން ހަމަޖެހުނު މާޔާ އާއި ޒާންގެ ކައިވެނީގެ އެންމެ ފަހުގެ ކަންކަން ނިންމުމުގައި އަވަދިނެތި އުޅެމުން ދިޔަ ނަސީމާ ގާތު ވާހަކައެއް ދައްކަންވެފަ އޮތްކަމަށް ބުނެ ނަސީރު، ނަސީމާ ގޮވައިން އެއްފަރާތަކަށް ޖެހިލިއެވެ. ނަސީރު ދެއްކީ ރިހާއާއި ޒީޝާންގެ ކައިވެނީގެ ވާހަކައެވެ. އެކަމާއި ނަސީމާ ހިތްހަމަޖެހޭތޯ އާއި އެކަމުގައި ނަސީމާގެ ޙިޔާލު ނަސީރު ހޯދިއެވެ. ނަސީމާގެ ރުހުން އެކަމަށް އޮތްކަމަށް ބުނުމުން ނަސީރު ހުރީ ހިތްހަމަޖެހިފައެވެ. ނަމަވެސް، އެހެން ލާފައި ދިޔަ ނަސީރާއި ނަސީމާ އާއި ދެމީހުންގެ ދެއްކި ވާހަކަ އަޑުއިވުނު ނިހާގެ މޫނުގެ ކުލަ އޮއްސުނީ ދާދި އަވަހަށެވެ. އިސާހިތަކު، ލޮލަށް ކަރުނަ ޖަމާވާން ފެށުމުން، ނަސީރުމެނަށް ނޭނގޭނެހެން ނިހާ އެތަނުން ދިޔައެވެ.

              މެންދުރުގެ ކެއުމަށް ނިހާ ނައުމުން ނިހާ ހޯދަމުން ގޮސް ނަސީޟާ ނިހާގެ ކޮޓަރިއަށް ވަތްއިރު ނިހާ އޮތީބަންޑުން ބާލީހުގަ މޫނުފޮރުވާލައިންނެވެ. ނިހާގެ ހަށިގަނޑަށް އަންނަމުން ދިޔަ ކުދިކުދި ލޮޅުން ތަކުން ނިހާ ރޮނީކަން އެނގުމުން ނަސީމާ ކަންބޮޑުވިއެވެ. ނިހާގެ މަގަތުގައި އިށީނދެ ނަސީމާ ނިހާގެ ބޮލުގައި ފިރުމާލިއެވެ. އެއާއި އެކު ނިހާ ތެދުވެ ދެ ލޯ ފުހެލާ ހިނިތުންވެލަމުން ނަސީމާ ގާތު ކިހިނެއްވިތޯ އަހާލިއެވެ. “މަންމަ މިއައީ ދަރިފުޅު ކާން ނައިމަ. އެކަމު މަންމަ ކަންނޭގެ ދަރިފުޅު ގާތު ތި ސުވާލު ކުރަންވީ.” ނަސީމާ ލޮތްބާއި އެކު ބުނެލިއެވެ. “ދެން ބުނެބަލަ ދަރިފުޅާ، ކިހިނެތްވީ؟” މާޒީ ހަނދާންވެ، އޭރު އުޅެންޖެހުނު ގޮތް ހަނދާންވެފަ ދެރަވީ ކަމަށް ނަސީމާގެ އެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ބުންޏެވެ. ނަސީމާގެ ހިތުގައިވެސް ނިހާއަށް އުޅެންޖެހުނުގޮތް ސިފަކޮށްލުމުން ރިއްސާލިއެވެ. އަދި ކުރެވުނު އިޙްސާސުން ނިހާ ގަޔާ ކައިރިކޮށްލާ، ބައްދާލީ ހިމާޔަތްދޭ ފަދަ ގޮތަކަށެވެ. އެއީ މާޒީ ކަމާއި، އެ ދުވަސް ދެން އަނބުރާ ނާންނާނެ ކަމަށް ބުނެ ނަސީމާ، ނިހާގެ ހިތްހަމަޖައްސައިދިނެވެ. ނިހާ ހަމައަކަށް އެޅުމުން އަރާމުކޮށްލުމަށް ބުނެ ނަސީމާ ހިނގައިގަތެވެ. “ޒީޝާން.” ނަސީމާ ހުއްޓި އެނބުރި ނިހާއަށް ބަލާލިއިރު ނިހާ އިނީ އިސްޖަހާލައިން ދެއަތް ދެއަތާ މޮޑެލަމޮޑެލައެވެ. ނިހާ ބުނަން ބޭނުންވަނީ ކީކޭތޯ ބެލުމުގެ ޝައުގުއުފެދުނެވެ. “ނިހާ ލޯބިވޭ.” ނިހާގެ އެ ޖުމްލައާއި އެކު އެ ލޮލުން ވެއްޓުނު ކަރުނަ ތިކިގޮސް ޖެހުނީ ނިހާނީގެ އަތްތިލައިގައެވެ. ނަސީމާއަށް ހީވީ ހަތަރު އުދަރެސް ފެނުޖެހުނުހެނެވެ. ނަސީމާ އަވަހަށް ނިހާގެ ކޮޓަރިން ނުކުތީ ނިހާއަށް ނަސީމާ އެތާ ހުރިކަން ނޭނގި އެހެންބުނީ ކަމަށްހިތައެވެ. އެހެންކަމުން އެކަން އެގޮތުގައި ބޭއްވުމަށެވެ.

              ނިހާ ހަމަ އިންގޮތަށް އިނީއެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނައަށް އެއްވެސް ފަރުވާލެއްނެތި އަމިއްލަ ޙިޔާލީ ދުނިޔެއެއްގައެވެ. ފުރަތަމަ ޒީޝާން ފެނުމުންވެސް ނިހާއަށް ޒީޝާން ހާއްސަވިއެވެ. ކަންމިހެން އޮއްވަ މިވީ މަދު ދުވަސްކޮޅު ތެރޭ ނިހާ ވަނީ ޒީޝާނާއި އެކު ފުދޭވަރަކަށް ވަގުތު ހޭދަކޮށްފައެވެ. އެގޮތުން ރިހާ އަމިއްލައަށް ނިހާއަށް ކިޔަވައިދިން ނަމަވެސް ބައެއް ފަހަރު މަސައްކަތް ބުރަވުމުން ރިހާގެ ބަދަލުގަ ޒީޝާން ފޮނުވާނެއެވެ. އަދި ދެ ޢާއިލާގެ ކުދިން އެކުވެ މަޖާކޮށް ސަކަރާތްގަންނަނީ މަދެއްކޮށެއްނޫނެވެ. އެއިން ކޮންމެ ފަހަރަކުވެސް ޒީޝާން ނިހާއާއި މެދު ހާއްސަގޮތެއް ބެހެއްޓިއެވެ. ނިހާ ހީކުރީ އެއީ ޒީޝާނަށްވެސް ނިހާ ކަމުދާތީކަމަށެވެ. ނަމަވެސް ނިހާއަށް ނޭނގުނީ އެއީ ރިހާއަށް ޒީޝާން ބަހައްޓާ ހާއްސަ ކަމަކުން، ރިހާއަށް ނިހާ ހާއްސަ ވާވަރު އެނގޭތީ ކަންކުރާގޮތެއްކަމެވެ. އެހެންކަމުން ލޮލަށް ފެންނަމުން ދިޔަ މަންޒަރުތަކާއި ވަށައިގެން އިވެމުންދިޔަ އަޑުތަކަށް ނިހާ ފަރުވަލެއްނުބަހައްޓައެވެ. ޒީޝާނާއި އެކު ހިޔާލީ ގަނޑުވަރެއް ބިނާކުރަމުން އައި ނިހާއަށް ޒީޝާންގެ ހިތުގައިވަނީ އެހެން ފަރާތެއްކަން އެނގުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. ނިހާއަށް ޒީޝާންދެކެ އިންތިހާއަށް ލޯބި ވެވިއްޖެއެވެ.

              ނިހާ އަމިއްލަ ހިތާއި ޝަކުވާކުރީ ރިހާއާއި ޒީޝާން އަބަދު އެކުގަ އުޅޭތަން ފެނުނުއިރު، އަދި އެންމެން އެ ގުޅުމުގެ ވާހަކަ ދެއްކިއިރުވެސް، އެކަންކަން ޤަބޫލު ނުކޮށް ޒީޝާނަށް ޓަކައި އެހިތް ވިންދުޖެހީމައެވެ. ނިހާ ޒީޝާން ދެކެ ލޯބިވެއެވެ. ނަމަވެސް ނަރަކައެއް ފަދަ ދިރިއުޅުމަކުން ނިހާ ސަލާމަތްކޮށްދީ، މިއަދު ނިހާއަށް ލިބިފައިވީ ދިރިއުޅުން ނިހާއަށް ހޯދައިދީ، އަދިއަދަށް ދާންދެންވެސް މުޖުތަމަޢު ބަލައިގަންނަ ފަދަ މީހަކަށް ނިހާ ހެދުމަށް މަސައްކަތް ކުރަމުންދާ އޭނާގެ އެއްމާބަނޑު ދައްތަ އުފާތަކަށް އަރައިގަންނަން ނިހާ ބޭނުމެއްނުވެއެވެ. ނަމަވެސް ނިހާގެ ބަސްނާހާ ހިތަށް ވިސްނައިދޭނީ ކިހިނެއްކަމެއް ނިހާއަކަށް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ ޒީޝާންދެކެ ލޯބިވެވިއްޖެކަމެވެ.

              މާޔާގެ ކައިވެންޏަށް ގެ ތައްޔާރު ކުރެވި ޒީނަތްތެރިކުރެވެމުން ދިޔައިރު ނަސީރާއި ޒުބޭރު ނިންމާފައި އޮތީ އެ ކައިވެނި ޙަފްލާގައި ރިހާމެންގެ ކައިވެނިވެސް އިޢުލާންކުރާށެވެ. އެހެންކަމުން މާޔާގެ ކައިވެނީގެ ތައްޔާރީތައް ނިމެމުން ދިޔައިރު ރިހާއާއި ޒީޝާންގެ ކައިވެނީގެ ވާހަކަ ދިޔައީ ދެ ޢާއިލާގައިވެސް ދެކެވެމުންނެވެ. މިހުރިހާ ކަމަކުން ހިތަށްތަދުވެ މިލާ މޮޅިވެފަ ހުންނަނީ ހަމައެކަނި ނިހާއެއް ނޫނެވެ. ނަމަވެސް ނިހާގެ މޮޅިވެފައިވާ މޫނުފެނި ނަސީމާވެސް ހުރީ ހިތުގަޖެހިފައެވެ. އެއް ފަރާތުގައި ހުރީ މިއިން ދުވަހަކު ރުހުމުގެ ލޮލަކުން އެ ދަރިއަކާއި ދިމާއަށް ބަލާނުލެވުނު ދަރިފުޅެވެ. މިއަދު ނިހާ އަނބުރާ ގެނެސްދީ ނަސީމާއަށް އޭނާގެ ގެއްލުނު ދަރިފުޅު އަނބުރާ ގެނެސްދިން ފަރާތެވެ. އަނެއްކޮޅުން ހުރީ ވިހި އަހަރު އެ ދަރިއަކު އަނބުރާ ލިބުމަށް އެދިއެދި ހުރި ދަރިފުޅެވެ. އެ ދަރިއެއްގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓޭތަން ދެކެން ނަސީމާއަށް ކެތްނުވާ ދަރިފުޅު، ނިހާއެވެ. ނަމަވެސް ނަސީމާއަށް ކުރެވެމުން ދިޔައީ ހަތަރު އަނގޮޅި ކަންމައްޗެއްގައި ދާންވީ ދިމާ ނޭގި މިސްރާބު ގެއްލިފައިވާފަދަ އިޙްސާސެކެވެ. ރިހާގެ ޙަޔާތުގައި ނަސީމާގެ ފަރާތުން ރިހާއަށް އުފާވެރިކަމެއް ހޯދަދެވިފައި ނުވާއިރު، މިއަދު ރިހާއަށް ކުޑަނަމަވެސް އުފަލެއް ލިބެންއޮތް ދަނޑިވަޅުގައި، ނިހާ އަނބުރާ ގެނެސްދިނުމުން ނޭނގި ނަމަވެސް ރިހާ، ވަސީމާއަށް ވެދިން އިޙްސާންތެރިކަމުގައިވެސް ކޮޅުފައިން ޖަހާ ނިހާއަށް ޓަކައި ރިހާގެ މި ކުޑަކުޑަ އުފާކޮޅުވެސް ފޭރިގަންނަންވީ ހެއްޔެވެ؟

              ރިހާގެ ކޮޓަރި ދޮރުގަ ޓަކިޖަހާއަޑަށް އައިސް ދޮރު ހުޅުވާލުމުން ކުރިމަތީ ހުރި މީހާ ފެނި ރިހާ ހުރީ ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ. ކުރިމަތީގައި ހުރީ ނަސީމާއެވެ. ރިހާ ބުނާނެ އެއްޗެއް ނޭނގިފައި ބަލަހައްޓައިން ހުރީއެވެ. ނަސީމާއަކީ ރިހާ އެއީ އުޅޭމީހެއްކަންވެސް ނުދަނެހުރިކަމަށް ހަދައިން އުޅޭ މީހަކަށް ވާއިރު މިއަދު ކުއްލިއަކަށް ނަސީމާ ރިހާގެ ދޮރުބުޑަށް އަންނަންޖެހުނީ ކީއްވެބާއޭ ރިހާގެ ހިތުގައި ސުވާލުއުފެދުނެވެ. “ރިހާ އާއި ވާހަކައެއް ދައްކާލަން ބޭނުން!” ނަސީމާ ރިހާއަށް ބަލާލަމުން ބުނެލިއެވެ. ރިހާ އެ ހުރިގޮތަށް ހުރެ ނަސީމާއަށް ވަދެވޭނެހެން ބޮޑަށް ދޮރު ހުޅުވާލާ ނަސީމާ ވަންނަން ތަން ދައްކަމުން އެއްފަރާތަކަށް ޖެހިލިއެވެ. ނަސީމާ އެތެރެއަށް ވަދެގެން ދިއުމުންވެސް ރިހާ އިރުކޮޅަކު ދޮރުކައިރީ ވިސްނަން ހުރެފަ އެންމެ ފަހުން ދޮރު ލައްޕާލަމުން ނަސީމާ ގާތަށް ދިޔައެވެ.

              ނަސީމާ އިނީ ސޯފާގައި އިށީނދެލައިންނެވެ. ނަސީމާގެ ކުރިމައްޗަށް ވާ ގޮތަށް ރިހާ ހުރީ ކޮއްޅަށެވެ. ނަސީމާ ބުނާއެއްޗެއްގެ އިންތިޒާރުގައެވެ. ނަސީމާ ފެންކަލިވެފައި އިނދެ ރިހާއަށް ބަލާލަމުން އާދޭހާއިއެކު ބުންޏެވެ. “ދަރިފުޅާ! މަންމައަށް މަޢާފުކޮށްދީ!” ނަސީމާ އެބުނި އެއްޗެއް ރިހާއަށް ޤަބޫލުކުރަން ދަތިވިއެވެ. އެއީ ދުވަހަކުވެސް ނަސީމާގެ ދުލުން އެހެން ބުނާއަޑު އިވިދާނެކަމަށް ރިހާ އުންމީދުކޮށްފައި ނުވުމެވެ. ފުރަތަމަ ފަހަރަށް މިއަދު “ދަރިފުޅާ” އޭ ކިޔާ ނަސީމާ އެ ގޮވާލީ ހަމަ ރިހާއަށެވެ. އެވަރުން ނުވެގެން ރިހާ ގާތުން މަޢާފަށްވެސް އެދުނީއެވެ. މަންމަގެ ލޯބި އެންމެފަހުން ލިބެނީ ކަމުގެ ފެހި ސިގްނަލް ލިބުމުން ރިހާގެ ހިތް އުފަލުން ނަށައިގަތެވެ. ރިހާ ގޮސް ނަސީމާ ގާތު ތިރީގައި އިށީނދެ ނަސީމާގެ އަތުގައި ހިފާލިއިރު މަޑު ތުރުތުރެއް އެއަތުގައިވިއެވެ. އެކުރެވޭ ކަމަކުން ނަސީމާ ރުޅިއައިސްދާނެއޭ ހިތައެވެ. “މަންމާ…” ނަސީމާގެ އަތުގައި ހިފަމުން ރިހާ މަޢާފުކޮށްފީމޭ ބުނަން ފެށި ޖުމްލަ މެދުކަނޑާލަމުން ނަސީމާ އަނެއްކާވެސް ބުންޏެވެ. “އެގޭ މިއީ މިވާހަކަ ދައްކަން ރަނގަޅު ވަގުތު ނޫންކަން… މިކަމަށް ވަގުތު ފާއިތުވެއްޖެކަން…” ނަސީމާއަށް ވާހަކދެއްކުނީ ހުއްޓަމުންނެވެ. އޭރު ކޮންމެވެސް ވަރަކަށް ނަސީމާއަށް ވަނީ ރޮވިފައެވެ. ރިހާ ބޯ ހޫރާލަމުން އަނެއްކާވެސް ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. އޭނާ ނަސީމާއަށް މަޢާފުކޮށްފިކަމާއި ދެން އެކަމާއި އަޅާނުލުމަށް ބުނެވިސްނައިދޭން އުޅުނެވެ. ނަމަވެސް އަނެއްކާވެސް ނަސީމާ ބުންޏެވެ. “ރިހާއާއި ޒީޝާންގެ ކައިވެނި ހަމަޖެހުމުން މިހެން ބުނަން މަންމަ ދެރަވޭ… އެކަމް، މިވާހަކަ ނުބުނެ ނުހުރެވޭނެ. އެނގޭ ދަރިފުޅު ގާތުން މިއެދެނީ ވަރަށްބޮޑު ކަމަކުކަން… އެނގޭ މި އަރައިގަނެވެނީ ރިހާގެ ހައްޤަކަށްކަން. އެކަމް، ނިހާ ޒީޝާން ދެކެ ވަރަށް ލޯބިވޭ. ނިހާއަށް ޓަކައި ޒީޝާން ދޫކޮށްލަދީ… މަންމައަށްޓަކައި…!” ނަސީމާ އެ އެދުނު ކަމަކުން ރިހާއަށް ބޭއިޙްތިޔާރުގައި ނަސީމާގެ އަތުން ދޫކޮށްލެވުނެވެ. އަދި ދެ ލޯ ބޮޑުވެ އަގައިން ބަހެއް ނުބުނެވި ނަސީމާއަށް ބަލަހައްޓައިން އިނދެވުނީއެވެ. ރިހާއަށް ބަލާލުމަށް ފަހު ނަސީމާވެސް އެތަނުގައި ނީންނަންވެގެން އަވަހަށް ތެދުވެގެން ދިޔައީއެވެ. ނަސީމާ ދިޔަ ދިމާ ބަލަހައްޓައިން އިން ރިހާގެ ލޮލުން އެވަގުތު ކަރުނައައެވެ. ނަމަވެސް އެ ކަރުނަ ދެކޭނީ ކާކުހެއްޔެވެ؟ އެއިން އަސަރެއް ކުރާނީ ކާކަށްހެއްޔެވެ؟

ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ލޯބި، ހިތާމަ

Share Article

Follow Me Written By

Raina

Level 110 Stories

Other Articles

Previous

ޤާޠިލް… 12 ވަނަ ބައި….

Next

ހުޅެވި ހަނދު (ހަށިގަނޑު ރީތިކޮށް ބެހެއްޓުން)

Next
December 12, 2014

ހުޅެވި ހަނދު (ހަށިގަނޑު ރީތިކޮށް ބެހެއްޓުން)

Previews
December 10, 2014

ޤާޠިލް… 12 ވަނަ ބައި….

11 Comments!

  1. ummi says:
    December 11, 2014 at 10:25 am

    Omg haadha goassss mom ekeyyyy… plx riha n zeeshan dhuru nukurshcheyyy.. v v reethi mi baiii vs.. waiting for the next part. . Avahah up kohdhehcheyyy plxxxxx

  2. shooty says:
    December 11, 2014 at 10:56 am

    Just wow and so exited :-O niha loves xeeshaan :-O ooooooooiyyyyyy :\

  3. leen says:
    December 11, 2014 at 11:07 am

    kihaa bodu kameh.. mi rihaa nama bavaalimus.. hama ufaleh rihaa yah libey irah eufaa eba feyriganeyey.. e fakyrah ehen hadhan heyo nuvane.
    This is my first comment.. asaru gadha kamun comment nukohlaa hithah keh nuvy.. next part avahah upload kohdhehchey.. v nice mi part vx..

  4. aii says:
    December 11, 2014 at 11:39 am

    riha ehen nuhadhaa

  5. lilii says:
    December 11, 2014 at 12:19 pm

    🙁 riha ah thihen nuhadhaa

  6. reen says:
    December 11, 2014 at 12:21 pm

    please xeeshaan aa rihaa dhuru nukurey … nihaa ah hurihaa ehchah mihaaru eba libe ehnu …. dhn nihaa vess haadha goahey .. rihaa ah libunu hama ekani ufaa kolhuvess feyrigan nan tha nihaa e ulheny .. enme faharaku amihla dhahtha yaa medhu visnaa laa nama dhw … rihaa ehbas nuvaa thi zeeshaan dhookohlan … such a heart touching story … this is the most beautiful story i’ve ever red .. please e dhe myhun dhuru nukuraathi … please raina

  7. min says:
    December 13, 2014 at 4:47 pm

    waiting………..

  8. look says:
    December 14, 2014 at 12:20 am

    Raina Nxt part kondhuvahakuntha. Pls avas

  9. Raina says:
    December 14, 2014 at 10:25 am

    Sorry! I am trying to update the next part today or tomorrow sometime In Sha Allah!

  10. zany says:
    December 14, 2014 at 3:27 pm

    wow ! ebunaahen riha nd zeeshan duru nukuracchey
    niha ulhey gothun emmn hate vaany niha deke riha aai zeeshan duru kuriyya i ‘ll hate niha . 🙁

  11. Shadhi says:
    December 16, 2014 at 7:54 pm

    Konkahala mamma eh dhonmmamain kanthah kuraa gothah … pis pis

Comments are closed.

Next Episodeހިތް ނުރޮއްވާ…(30)←


All Right Reserved!