ތަޤްދީރު 01 ވަނަ ބައި

- by - 69- January 1, 2020

” އެކަމަކު ވިދާން. ތިދެން ބޮޑުވަރު ކަންނޭންގެ. އަޅެ އެނދު ހުރަސްބަލި ޖެހިފަތަ ސައުވީސް ގަޑިއިރު ކޮޓަރީގަ ތިއޮށްނަނީ ” ސަލީމާ ވިދާންގެ ކޮޓަރީ ދޮރު ހުޅުވާލުމަށްފަހު ދެފަރާތަށް ބޯ ހޫރާ ލުމަށްފަހު ބުނެލިއެވެ. އެވަގުތު ސަލީމާގެ އަޑަށް ވިދާން ދޮރާ ދިމާއަށް ބަލާލިއެވެ. ” ކިހިނެއްވީ މަންމާ ” ވިދާން އޮށޯވެގެން އޮތުމަށްފަހު ތެދުވެ ބުނެލިއެވެ. ” ކަމެއްނުވޭ. އަތުން ފައިން މަސައްކަތެއް ނުކޮށް ކޮންމެހެން ކޮޓަރީގަ އޮންނާނެ ކަމެއްނެތް. ހުރިހާ ބުރައެއް އުފުލަން ޖެހެނީ މަށަށް ” ސަލީމާ ރުޅިވެރި ރާގަކަށް އެހެން ބުނެލުމަށްފަހު އެތަނުން ދިޔައެވެ. ސަލީމާ ދިޔަ މަންޒަރު ފުންއަސަރާ ހިތާމަޔާއެކު ވިދާން ބަލަން އިނުމަށްފަހު އިސްދަށަށް ޖަހާލިއެވެ.

މީ ވިދާންއަށް ހެވާ ނުބައި ވަކިވާން ފެށީންސުރެއް ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ކޮންމެ ދުވަހަކު ވެސް މިފަދައިން އެއްޗެހި ކިޔާލެވިއްޖެނަމަ ސަލީމާއަށް ހަމަޖެހުމެއް ނުލިބޭ ކަހަލައެވެ. ނަމަވެސް ސަލީމާއަކީ ވިދާންގެ މަންމަ ކަމަށްވެފާ، ބަފަޔާކާ ނުލާ ވިދާން ބަލާ ބޮޑުކުރީ ސަލީމާ ކަމަށް ވާތީ ސަލީމާގެ އެބަސްތަކަށް ވިދާން ކެއްކުރަމުން ދިޔައީ، ސަލީމާގެ މޫނުމަތީ އެއްޗެއް ބުނަން ބޭނުން ނުވާތީއެވެ. ކަންމިހެން ހުރި އިރުވެސް ސަލީމާ ކިޔާ އެއްޗެއް ހިތުގެ އެއްފަރާތުގައި ރައްކާކުރަމުންދާ ވިދާންއަށް އެއްކަމެއްގަ ވަރަށް އުދަގޫ ވަމުންދިޔައެވެ. އުމުރުން ސޯޅަ އަހަރުވެގެން ދިޔައިރު އަދި ވެސް ވިދާންގެ ބައްޕައަކީ ކާކުކަމެއް ނޭންގެއެވެ. ބައްޕަގެ ސިފަ ވަކިކުރަން ނޭންއިރު، ހުންނަނީ ކިހިނެއް ކަމެއްވެސް ހިތަށް ގެންނަށް ވިދާނަށް ނޭންގެއެވެ. ވިދާން ހަނދާން ހުންނައިރު ބައްޕަ ކޮބާތޯ ސުވާލު ކުރުމުން ސަލީމާ ބައްޕަ ވީތަނެއް ނޭންގެއޭ ބުނާ ހަނދާން ވިދާން ހުރެއެވެ. އެންމެ ކުޑަ މިނުން ސަލީމާ ފޮޓޯއެއް ހާ ހިސާބު ވެސް ވިދާންއަށް ދައްކާފަ ނެތެވެ. ސަލީމާގެ އަމަލުތައް ހުންނަ ގޮތުން ވިދާނަށް މިހާރު ބައްޕަ ކޮބާތޯ ސުވާލުކުރަނަ ވެސް ނުކެރެއެވެ.

” ހަލޯ ” ވިދާން އެނދުގެ ހެޑް ބޯޑުގައި ލެގިލައިގެން އިންދާ ފޯން ރިންގް ވާން ފެށުމުން ފޯން ނަގާ ކަންފަތުގައި ޖައްސާ ބުނެލިއެވެ. ” ކޮންތާކުތަ؟ ” ޝުހާދު އަހާލިއެވެ. ” އަހަރެން ވާނެތަން ޝުހާދަށް އެނގޭނު ” ކައިރީގައި އޮތް ބާލިސް ނަގާ އުނގުތެރެއަށް ލަމުން ވިދާން ބުނެލިއެވެ. ” ނޭންގޭނެއްނު. ހަމަ ބޭރުގަ ވެސް ހުރެދާނެ ވިއްޔާ ” ޝުހާދު ބުނެލިއެވެ. ” އަހަރެން ބޭރުގަ ހުއްޓަސް އަދި ގޭގަ ހުއްޓަސް ހަމަ ވާނީ އެއްކަމެއް. އެއީ އަހަރެންނަށް ހުރިގޮތް ” ވިދާން ބުނެލިއެވެ. ” އަނެއްކާ ފެށީ ދޯ. އަހަރެން އަބަދުވެސް ބުނަމެއްނު ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަކަށޭ. އަބަދު ތިކަހަލަ ވާހަކަ ދައްކާކަށް ނުވާނެ ” ޝުހާދު ނަސޭހަތުގެ ރާގެއްގައި ބުނެލިއެވެ. ” ކަމަކުތަ ތިގުޅީ ” ވިދާން އަހާލިއެވެ. ” އާނ… އަހަރެންނާއެކު ފިހާރަޔަށް ހިނގާބަލާށޭ ބުނަންވެގެން ” ޝުހާދު ބުނެލިއެވެ. ” އޯކޭ… އާދޭ ގެކައިރިއަށް އަހަރެން މިނިކުންނަނީ ” މިހެން ބުނެ ވިދާން ފޯން ކަޑާލުމަށްފަހު ގޮސް ފާހާނާއަށް ވަނެވެ. އިރުކޮޅެއް ކޮށްލާފަ ވިދާން ފާހާނާއިން ނިކުމެގެން އައިސް ޑްރެސިންގ ޓޭބަލް ކައިރިއަށް ހުއްޓި ލޯގަނޑުން މޫނު ބަލާލުމަށްފަހު ބޮލުގެ އިސްތަށިގަނޑު ރީކޮށްލުމަށްފަހު، ކޮޓަރިން ބޭރަށް ނިކުތެވެ.

” ދެން ތިދާ ގޮތަށް މިރޭ ކިހާ އިރެއްވީމާ ގެއަށް އަންނަނީ ” ވިދާން ކޮޓަރިން ބޭރަށް ނިކުމެ ހިނގައިގަތުމުން ސިޓީންގ ރޫމުގައި ޓީވީ ބަލަން އިން ސަލީމާ ބުނެލިއެވެ. އެވަގުތު ވިދާން މަޑުޖެހިލިއެވެ. ” މިދަނީ ޝުހާދާއެކުގަ ފިހާރައަކަށް ” ވިދާން ބުނެލިއެވެ. ” އަބަދުވެސް ތިކަހަލަ ކޮންމެވެސް ބަހަނާއެއް ދައްކާނެ. ތީ އަލަކަށް ވާ ކަމެއްނޫނޭ ” ސަލީމާ މިހެން ބުނެލުމުން ވިދާން އެއްޗެއް ނުބުނެ ގެއިން ނިކުތުމަށް ހިނގައިގަތެވެ. ގެއިން ބޭރަށް ނިކުތް އިރު ޝުހާދު ބޭރުގައި ހުރުމުން ދެމީހުން އެކުގައި ހިނގައިގަތެވެ.

” ކޮންކަމަކާ އަބަދު ދާން ތި ވިސްނަނީ ” ފިހާރައަށް ދިޔުމަށްފަހު ދެމީހުން އެކުގައި ރަސްފަންނުގައި ހުރި ހަޓް ތަކުން ހަޓެއްގައި ތިބެފަ، ވިދާން ދުރު ބަލަހައްޓައިގެން އިނުމުން ޝުހާދު ސުވާލު ކޮށްލިއެވެ. ” އަހަރެންގެ ދިރިއުޅުމާމެދު މި ވިސްނެނީ ” ވިދާން ބުނެލިއެވެ. ” އަދި ދިރިއުޅުމާމެދު ވިސްނާ ފިކުރު ބޮޑު ވާވަރެއް ނުވޭނު. އިހަކަށް ދުވަހު އަދި ކިޔަވާ ނިންމާލީ ވެސް. އޯލެވެލްގަ އެހާ ރަގަނޅަށް ފާސްވެސްވި. އެހެންވީމާ އަދި ދިރިއުޅުމާ މެދު ވިސްނާ މީހާ މާޔޫސް ވާކަށް ނުވޭނު ” ޝުހާދު ބުނެލިއެވެ. ” ޝުހާދަށް އަދި އެއްޗެއް ނޭންގެނީ. އަހަރެން މިއުޅޭހެން ޝުހާދު އުޅެން ޖެހިއްޖެނަމަ އަހަރެން މިބުނާ އެއްޗެއް ވިސްނޭނެ ” ވިދާން ޝުހާދަށް ބަލާލަމުން ބުނެލިއެވެ. ” އަހަރެންނަށް އެނގޭ ދާންގެ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް މަންމަ ބަލާކަން. އެހެންވީމާ ދާންއަށް ދަތިވާނެ ކަމެއް ނޯންނާނެ ” ޝުހާދު ބުނެލިއެވެ. ” ވަރަށް ރަނގަޅު ވާހަކައެއް ތިބުނީ. އަހަރެންނަކީ މާލޭ މީހެއްގެ ދަރިއެއް. އެހެންވީމާ އަހަރެންނަށް ހުރިހާ ކަމެއް ފުރިހަމަ ވާނެއޭ ތިބުނަނީ ޝުހާދު އަހަރުންގެއަށް ގޮސް ނޫޅޭތީ. އެކަމަކު އަދި ތިވިސްނަނީ ރަނގަޅަކަށް ނޫން. އަހަރެން ޝުހާދާ ހިތްސާ ނުކުރާ ވަރަށް ގިނަ ކައްތައް އެބަހުރި. އެކަންތައް ތަކަކީ އާއިލީ ކަންތައްތައް ވީމާ އަޅާނުލާން މިހުންނީ ” ވިދާން ބުނެލިއެވެ. ” ދާންއަށް އަހަރެން ގާތުގަ ނުބުނެވޭނެ އެއްވެސް ވާހަކައެއް އޮވެގެން ވާނެކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. އެކަމަކު ދާން އަހަރެންނަށް އިތުބާރު ނުކުރާތީ ކަންނޭންގެ ނުބުނެ ތިހުންނަނީ ” ޝުހާދު ބުނެލިއެވެ. ” ނޫނޭ ޝުހާދު. އަހަރެން މިހާރު ތިހާ އިތުބާރު ކުރާ މީހެއް ނުހުންނާނެ. އަހަރެންނަށް އެނގޭ އަހަރެން ބުނަން ބޭނުން ކޮންމެ އެއްޗެއް ޝުހާދު ގާތުގަ ބުނެވިދާނެކަން. އެކަމަކު ގޭތެރޭގެ ކައްތައްތައް ވީމާ ކެއްކުރެވޭތޯ މަސައްކަތް މިކުރަނީ ” ވިދާން ޝުހާދުގެ އަތުގާ ހިފާލަމުން ބުނެލިއެވެ. ” އޯކޭވާނެ. ކިޔައިދީބަލަ. އޭރުން ވެސް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިދާނެއްނު ތި ހިތަށް ” ޝުހާދު ބުނެލިއެވެ. ” ފަހުން ކިޔާދޭނަން. ދެން ހިނގާ ގެއަށް ދާން ” ވިދާން މިހެން ބުނުމުން ޝުހާދު ވެސް ގެއަށް ދިޔުމަށް ތެދުވެ ކުރިއަށް ހިނގައިގަތެވެ.

” އަހަރެން ދޫކޮށްލާފަ ދުވަހަކު ވެސް ނުދާންނަންތަ؟ ” ޔާނާ ސުވާލުކޮށްލިއެވެ. ” ކިހިނެއްވީ… ޝައްކުވަނީތަ؟ ” ފަޒީލް ޔާނާއަށް ބަލާލަމުން ބުނެލިއެވެ. ” ޝައްކުވަނީ އެއްނޫން. ހަމަ އަހާލީ ” ޔާނާ ބުނެލިއެވެ. ” ލޯބިވެގެން ރައްޓެހި ވަނީ ކުޅޭ ކުޅިވަރެއްގެ ގޮތުގައެއްނޫން. އަހަރެން އެގޮތަކަށް ނުވެސް ވިސްނަން ” ފަޒީލް އެހެން ބުނެލުމުން ޔާނާ ފަޒީލްގެ އަތުގައި ބައްދާލަމުން ފަޒީލްގެ ކޮޑުގައި ބޯޖައްސާލިއެވެ.

ޝުހާދާއެކުގައި ބޭރުގައި ހުރެފަ އައިސް ވިދާން ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލައިގެން އޮތެވެ. މާޔޫސްކަމާ މޮޅިވެރިކަމާއެކުއެވެ. ދިރިއުޅުމުގައި ކައްތައް ވަމުންދާ ގޮތުންނެވެ. ބޭނުން ނުވާ ކިތައްމެ ކަމެއް، އަދި އަޑު އަހަން ބޭނުން ނުވާ އެތައް އަޑުތަކާއި، މަންޒަރުތައް ވިދާނަށް ފެންނަމުން ދިޔައެވެ. ނަމަވެސް އެއިން ކަމަކާ ޝަކުވާ ކޮށްލާނެ މީހެއް ވިދާންގެ ނެތްކަހަލައެވެ. މަންމަ ހުރިކަމުގަ ވިޔަސް ވިދާނަށް މަންމަ ނެތް ކަހަލައެވެ. ބައްޕައަކީ ދުވަހަކު ވެސް ވިދާނަށް ފެނިފަވާ މީހެއް ނޫނެވެ. ސަލީމާގެ އަމަލުތައް ހުންނަގޮތުން ވިދާން ބައްޕަޔާ މެދު ކުރެވޭ ސުވާލުތައް އިތުރު ވެގެން ދިޔައެވެ. ނަމަވެސް ހުރިހާ ސުވާލެއް ވެސް ކުރަމުން ދިޔައީ އަމިއްލަ ހިތާއި، ނަފްސާއެވެ. ނަމަވެސް އެއިސް ސުވާލަކަށް ޖަވާބު ލިބޭނެ ހަމަ އެއްގޮތެއް ވެސް ނެތެވެ. އެކަނި ވެއްޖެނަމަ ވިދާންގެ ހާލަކީ މިއީއެވެ. ބައެއްފަހަރު ސިއްރު ސިއްރުން ރޯލުންފިޔަވާ އެހެން ކަމެއް ވިދާނަށް ނުކުރެވެއެވެ.

” ސިޓީއަކުން ދެއްނެވީމަތަ ކާންވެސް އަންނަން އެނގެނީ ” ވިދާން ކޮޓަރީގައި އޮތްވާ ސަލީމާ އައިސް ކޮޓަރީ ދޮރު ހުޅުވާލުމަށްފަހު ބުނެލިއެވެ. ” ކާހިތް ނެތީމާ މިއޮތީ ” އޮށޯވެގެން އޮވެފަ ތެދުވަމުން ވިދާން ބުނެލިއެވެ. ” ކަންޏާ މިހާރު އާދޭ. ފަހުން މޭޒްމަތީ ތަށިތައްފަތުރަން ހަދާނެކަމެއްނެތް ” ސަލީމާ މިހެން ބުނެފަ ދިޔުމުން، ބޭރަށް ދިޔައިރު ލައިގެން ހުރި އެއްޗެހި ބަދަލުކޮށްގެން ވިދާން ކޮޓަރިން ބޭރަށް ނިކުތެވެ.

ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ވިދާން ކޮޓަރިއަށް ވަދެ އެނދުގައި އިށީދެލިއެވެ. އަދި ކޮޓަރީގެ ތެރެއަށް ވަށައިގެން ބަލާލިއެވެ. ނިދާ ބޮކީގެ ފަޑު އަލިކަން ފިޔަވާ އެހެން އަލިކަމެއް ނެތެވެ. އެފަޑު އަލިކަމުގެ ހިޔަނި ވިދާންގެ ހަޔާތަށް ވެސް ވަނީ އެޅިފައެވެ. ދިރިއުޅުމުގައި އަލިވާނެ އެއްޗެސް ގޮތެއް ވިދާން އަކަށް ނުވިސްނުނެވެ. ވިސްނާ ވިސްނުންތަކުން ވިދާން އެއްކިބާ ވެލަނީ ކޮންމެ ފަހަރަކު ވެސް ބޮލުގައި ރިއްސައިގަތީމައެވެ. ބޮލުގައި ރިހުން ވެސް ވިދާންގެ އެކުވެރިއަކަށް ވިއެވެ.

” ކީކޭ ޝުހާދު ” އެނދުގައި އިށީދެގެން އިނދެފަ ބޮލުގަ ރިއްސަން ފެށުމުން އޮށޯވެލަންވެގެން އުޅެނިކޮށް ވިދާންގެ ފޯން ރިންގް ވާންފެށުމުން ފޯން ނަގާ ކަންފަތުގައި ޖައްސާ ބުނެލިއެވެ. ” އަދި އަހަރެން އެއްޗެއް ނުބުނަން ” ހީލަމުން ޝުހާދު ބުނެލިއެވެ. ” ކިހިނެއްވީ ތިގުޅީ. ކަމަކުތަ؟ ” ވިދާން އަހާލިއެވެ. ” ކަމަކުއެއްނޫން. ހަމަ ގުޅާލީ ” ޝުހާދު ބުނެލިއެވެ. އޭރު ވިދާންގެ ބޮލުގެ ރިހުން މަޑުމަޑުން ގަދަވަމުން ދިޔައެވެ. ” ކިހިނެއްވީ. ކަމެއްވެފަތަ ތިހުރީ ” ބޮލުގެ ރިހުން ގަދަވާން ފެށުމުން ވިދާންއަށް ލައްވާލެވުން އަޑަކުން ޝުހާދު އަހާލިއެވެ. ” ނުވޭ ކަމެއް ” ނިއްކުރިމަތީ އަތް އުނގުޅަމުން ވިދާން ބުނެލިއެވެ. ” ނުވާނެ އެހެނެއް. ކޮންމެވެސް ކަމެއްވެއްޖެ. ބުނެބަލަ ” ޝުހާދު ބުނެލިއެވެ. ” ވަރަށް ގަދަޔަށް ބޮލުގަ ރިއްސާތީ މިއުޅެނީ ” ވިދާން ބުނެލިއެވެ. ” އެކީއްވެ ބޮލުގަ ރިއްސަންވީ ” ޝުހާދު ހާސްވެފާ ސުވާލުކޮށްލިއެވެ. ” ނޭންގެ ކީއްވެގެންކަމެއް. ދުވަސްކޮޅެއްޖެ މިހެން ބޮލުގަ ރިއްސާތާ ” ވިދާން ބުނެލިއެވެ. ” އެހެންވިއްޔާ ބޭހެއް ކާލައިގެން ނިދާލެވޭތޯ ބަލަންވީނު. އޭރުން ވެސް ރަނގަޅު ވެދާނެ ” ޝުހާދު ބުނެލިއެވެ. ” އޯކޭ. އަހަރެން ފަހުން ހަބަރެއް ވާނަން ” މިހެން ބުނެ ވިދާން ފޯން ކަޑާލިއެވެ. އޭރު ވިދާންގެ ބޮލުގެ ރިހުން ކެއްނުވާ ވަރަށް ގަދަވަމުން ދިޔައެވެ. އެހެންކަމުން ވިދާން ބޮލުގެ ދެފަރާތުގައި އަތް އަޅާ ބާރުކޮށްލިއެވެ. އަދި ރިހުން ގަދަވަމުން ދާން ފެށުމުން ތެޅެންފެށިއެވެ. ނަމަވެސް ވިދާންގެ ހާލު ބަލާލާނެ މީހަކު ވެސް ނެތުމުން އެކަނި އެހެން އޮތުން ނޫންގޮތެއް ވެސް ނެތެވެ. ރިހުން ގަދަވަމުން ގޮސް އިރުކޮޅަކުން ވިދާންގެ މައުސޫމް ހަށިގަނޑަށް ހަމަހިމޭންކަން ވެރިވިއެވެ.

ރޭގަނޑުގެ ވާގުތުތައް ފާއިތުވެ އާދުވަހަކަށް އިރު ދުނިޔެ މައްޗަށް ދައްކާލިއެވެ. އޭރުވެސް ވިދާން އޮތީ އެނދުުގައި އޮށޯވެގެންނެވެ. އެހެން އޮށްވާ ކުއްލިއަކަށް ވިދާންގެ ފޯން ރިންގް ވާންފެށިއެވެ. ދެތިން ފަހަރު ރިންގް ވީފަހުން ފާޑަކަށް ބަންޑުންޖެހިގެން އޮތް ވިދާންގެ އަތުގެ އިނގިލިތައް ހަރަކާތް ކޮށްލިއެވެ. ” ކީއްވެތަ ދާން ފޯން ނުނަގަނީ. ރޭގަ އުޅުން ހާލެއްވެސް ނޭންގެ ބޮލުގަ ރިއްސާތީ ” ޝުހާދު ފޯން ކަންފަތާ ދުރުކޮށްލަމުން ބުނެލިއެވެ. އަދި އޮށޯވެގެން އޮތުމަށްފަހު ތެދުވެ އެނދުގައި އިށީދެ އަނެއްކާ ވެސް ވިދާނަށް ގުޅަން ފެށިއެވެ. އިރުކޮޅަކު ރިންގްވި ފަހުން ވިދާން ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ. ” ފޯން ނަގަން އެގިއްޖެތަ؟ ” ވިދާން ފޯން ނެގުމުން ޝުހާދު ބުނެލިއެވެ. ” ކިހިނެއްވީ ” ބޮލަށް ބަރުވެފަ ހުރުމުން ނިއްކުރިމަތީ އަތް ހާކަލަމުން ވިދާން ބުނެލިއެވެ. ” ކަމެއްނުވޭ. ބޭފުޅާ ރޭގަ ބޮލުގަ ރިއްސާނީއޭ ކިޔާފަ ފޯން ކަޑާލިމާ، އަހަރެން ހޭލާފަ ގުޅާލީ ހަބަރެއް ބަލާލަން ” ޝުހާދު ބުނެލިއެވެ. ” މިހާރު ކުޑަކޮށް ރަނގަޅު. އެކަމަކު ފާޑަކަށް ބޮލަން ބަރުވެފަ ހުންނަނީ ” ވިދާން ބުނެލިއެވެ. ”  ހިނގާ ޑޮކްޓަރަށް ދައްކަން ދާން ” ޝުހާދު ބުނެލިއެވެ. ” އަހަރެންނަކަށް ތިކަމެއް ނުވާނެ ” ވިދާން ބުނެލިއެވެ. ” ކީއްވެ ނުވާންވީ. ދިޔައީމާ ރަނގަޅުވާނީ ” ޝުހާދު ބުނެލިއެވެ. ” އަހަރެންގެ އަތުގަ ނެތް ލާރިއެއް ޑޮކްޓަރަށް ދައްކާކަށް. އެހެންވެ މިބުނީި އަހަރެންނަކަށް ތިކަމެއް ނުވާނޭ ” ވިދާން ތެދުވެ އެނދުގައި އިށީދެލަމުން ބުނެލިއެވެ. ” މަންމަ ގާތުގައި ބުނެބަލަ ލާރިއެއް ދޭން ” ޝުހާދު ބުނެލިއެވެ. ” މަންމަ ގާތުގަ ބުނެގެން ނުލިބޭނެ. ދެން އެކަމާ އަލާނުލާބަލަ ” ވިދާން ބުނެލިއެވެ. ” އަޅާނުލާށޭ ބުނެގެން ހުރިހާ ކަމެއް ރަނގަޅު ވާނެ ނަމަ އަޅާނުލާ ހުރެވިދާނެ. އެކަމަކު އެހެން ރަނގަޅު ނުވާނެތީ މިބުނީ ޑޮކްޓަރަށް ދައްކަންދާން ” ޝުހާދު އެނދުން ތެދުވަމުން ބުނެލިއެވެ. ” އެކަމަކު އަހަރެންނަކަށް ލާރިއެއް ނުލިބޭނެ. މަންމަ ގާތުގަ ބުނެގެން ވެސް ނުލިބޭނެ. ހިތްހެޔޮ ކަމާއެކު ބަހެއް ބުނެގެންދޯ އެހެން ކަމެއްވާނީ ” ވިދާން ބުނެލިއެވެ. ” އެންމެ ރަނގަޅު. ޑޮކްޓަރަށް ދައްކަން ދާން ބޭނުން ނޫންނަމަ ނުދިޔަސް. ފުރެޝް ވެލައިގެން ސައިބޯން މިދަނީ. ދާން ވެސް ދޭ ދެން ސައިބޯން ” މިހެންބުނެ ޝުހާދު ފޯން ކަޑާލުމަށްފަހު ފޯން އެނދުމައްޗަށް އެއްލުމަށްފަހު ތުވާލި ހިފައިގެން ފާހާނާއަށް ވަނެވެ.

ޝުހާދު ފޯން ކަޑާލުމުން ވިދާން އެދުން ތެދުވެ މޯޅިއަކަށް ދެމިލުމަށްފަހު އެނދުގެ ބެޑްޝީޓް ރީތިކޮށްލުމަށް ރޫއަރާފަ ހުރި ހިސާބު ތަކުން ރޫފިލުވާލަން، ބޭޑްޝީޓަށް ދަމާލުމުން ބެޑްޝީޓްގައި ޖެހިފައި ހުރި ލައްގަނޑެއް ވިދާންއަށް ފެނުނެވެ. އެ ލައްގަނޑު ފެނުމުން ވިދާން ލައްގަޑުގައި އަތް ހާކާލިއެވެ. ބެޑްޝީޓްގައި ޖެހިފައި ހުރި އެއްޗެއް ހިކިފައި ހުރުމުން ވިދާން ނިޔަފަތި ހާކާލުމުން އެ އެއްޗެއް ނިޔަފަތީގައި އުނގުޅުނެވެ. ވިދާން އިނގިއްޔަށް ބަލާލުމުން ރަތް ކުލައެއް ހުރުމުން ވިދާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި އަވަސް އަވަހަށް ފާހާނާއަށް ވަދެ ލޯގަނޑުން މޫނު ބަލާލިއެވެ. އެވަގުތު ވިދާނަށް އަނގައިގެ އެއްފަރާތުގައި ހަމަ އެގޮތަށް ހިކިފަ ހުރި ރަތްކުލައިގެ އެއްޗެއް ހުރުމުން އަތް ހާކާލެވުނެވެ. އަދި އަތަށް ބަލާލާ، ދެއިނގިލި ދެއިނގިއްޔަށް ކާތާލިއެވެ. އެއީ ކޮންއެއްޗެއްކަން ޔަގީން ވުމުން ވިދާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި މޫނު ދޮންނަ ތަށިމަތީ ދެފަރާތުން އަތްއަޅާ އިސްދަށަށް ޖަހާލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އިސްއުފުލާ އަނެއްކާ ވެސް ލޯގަނޑަށް ބަލާލިއެވެ. އަދި އިސްކުރު ދޫކޮށް މޫނު ދޮވެލުމަށްފަހު ފާހާނާއިން ނިކުމެގެން އައިސް އެނދުގައި އިށީދެލިއެވެ.

69

You may also like...

2 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.