ލައިލާ (2)

- by - 70- January 2, 2020

“އައްދޭ.. ދެކުދިން ހާދަ ފަތިހަކާ ހޭލައިގެން.. މަންމަ ހީކުރީ މިއަދު ދެކުދިން ލޮލަށް ފެންނަވަރު ވާނީވެސް މެންދުރުވާންވާއިރު ކަމަށް..” ސީމާގެ އަޑުގައިވާ މަލާމާތް ލައިލާއަށް ނަގައިގަނެވުނެވެ. ލައިލާ އަވަސްއަވަސްކޮށްލައިގެން ތެދުވަން އުޅުމާއެކު ނާފިޒު ލައިލާގެ އަތުގައި ހިފެހެއްޓިއެވެ. އަދި ލޮލުން އިޝާރާތްކޮށްލީ މަޑުކުރާށޭ ބުނާފަދަ ގޮތަކަށެވެ. އެޔާއެކު ލައިލާ އިށީނެވެ.

“އެނޫނަސް އަހަރެމެން ކޮންމެހެން ކުރަންޖެހޭ ކަންކަން އެބަހުރި.. މެންދަރު ވަންދެން ނިދަން އޮތީމަ އެ ފާފަ ބޮލުގައި އަޅަނީ ކާކު؟” ނާފިޒު އެހެން ބުނެލުމުން ސީމާގެ އަނގަ ސަކަރާތްވިއެވެ. ނާފިޒު އޭނާއަށް ރައްދު ދޭންޖެހޭ ހެއްޔެވެ؟ އެހާ އަވަހަށް ނާފިޒު އޭނާއަށްވީ ވަޢުދުތަކުގެ މަތިން ހަނދާން ނައްތާލީ ހެއްޔެވެ؟ ސީމާ ރުޅިވެރިކަމާއެކު ބަލައިލުމުން ނާފިޒު އެއްލޯ މަރާލިއެވެ. ނާފިޒުގެ އެ ހަރަކާތުން ސީމާއަށް ހިނިތުންވެލެވުނީ ނާފިޒު ލައިލާގެ ލޮލުގައި އަނދުން އަޅުވާލަން ބުނެލި އެއްޗެއް ކަމުގައި ޤަބޫލުކުރެވުނީމައެވެ.

ލައިލާ އިނީ ނާފިޒަށް ބަލައިލަންވެސް ބޭނުން ނުވެފައެވެ. ސީމާ ކޮންމެ އެއްޗެކޭ ކިޔަސް ނާފިޒު އެއަށް ރައްދުދޭން ޖެހޭ ހެއްޔެވެ؟ ލައިލާގެ ދިފާޢުގައި ބުނި އެއްޗެއް ނަމަވެސް އެކަމަކުން ލައިލާއަކަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. ތިމާއަށްވުރެ އުމުރުން ދޮށީ މީހުންނާއި އަދަބުކުޑަކޮށް ވާހަކަދެއްކުމަކީ އެއްއިރެއްގައިވެސް އޭނާ ކޮށް އުޅުނު ކަމަކަށް ނުވާތީ އެކަން ބަލައިގަންނަން އޭނާއަށް އުނދަގޫވީއެވެ. ޚާއްސަކޮށް އޭނާގެ މަންމަގެ މަޤާމުގައި ހުރި މީހާއާއި އެގޮތަށް ވާހަކަދެއްކުމުން ލަދުވެތިކަމެއް އިހުސާސްކުރެވުނެވެ. ދޮންމަންމަ ކިތަންމެ ނުބައިވިޔަސްވެހެވެ.

ކޮފީ ބޯހިތްވެސް ކެނޑުމުން ލައިލާ ތެދުވެ ބަދިގެއިން ނުކުންނަން ހިނގައިގަތެވެ. ނާފިޒު ގޮވައިލުމުންވެސް އޭނާ މަޑެއް ނުކުރިއެވެ. ލައިލާ އެ ހިތްހަމަނުޖެހުނީ ކޮންކަމަކާ ކަމެއް ނާފިޒަކަށް ނޭނގުނެވެ. އޭނާވެސް އަވަސްއަވަހަށް ކޮފީ ތަށި ބޯލައިގެން ބަދިގެއިން ނުކުތެވެ. އެ މަންޒަރު ބަލަން ހުރި ސީމާގެ ތުންފަތުގައި ދުވެލީ މަލާމާތުގެ ހިނިތުންވުމެކެވެ.

“އަންހެނަކާ ހެދި ހޭނެތުނަސް ބޮޑުވަރު..” ސީމާ މަޑުމަޑުން އެހެން ބުނެލަމުން އޭނާއަށް ކޮފީ ގިރުމައިގެން އުޅުނެވެ.
ނާފިޒު ގޮސް ކޮޓަރިއަށް ވަންއިރު ލައިލާ އެނދުގެ ފަޑީގައި ލެނގިލައިގެން އިނެވެ. ނާފިޒު ވަނުމުން ދުރަށް މޫނު އަނބުރާލީ އޭނާ ހިތްހަމަނުޖެހިފައި އިންވަރުންނެވެ. ނާފިޒު މަޑުމަޑުން ގޮސް ލައިލާގެ ގާތުގައި އިށީނެވެ.

“ލައި.. ކޮންކަމަކާތަ ރުޅިއައިސްގެންތަ ތިއައީ؟ ސީމާ އެހެން ބުނެގެންތަ ރުޅިއައިސްގެން ތިއައީ؟” ނާފިޒު މަޑުމައިތިރިކަމާއެކު އަހާލިއެވެ. ނަމަވެސް ލައިލާ އަނގައަކުން ނުބުންޏެވެ.

“އޭތް.. ތިހެން ރުޅިއައިސްގެން އަނގައިން ނުބުނެ އިނަކަސް އަހަރެންނަކަށް ނޭނގޭނެ ވީގޮތެއް.. ބުނެބަލަ.. ކިހިނެއްތަ ވީ؟” ލައިލާގެ އަތުގައި ހިފާލަމުން އޯގާތެރިކަމާއެކު ބުނެލިއެވެ.

“ނާފިޒު ޖެހޭތަ ދޮންމަންމަ އެއްޗެކޭ ބުނާއިރަށް ރައްދުދޭން؟” ލައިލާ ހިތްހަމަނުޖެހިފައި އެހެން ބުނެލުމުން ނާފިޒު ޕިސް ޖަހާލިއެވެ.

“އެވަރު ކަމަކާތަ ރުޅިއައިސްގެން ކޮފީ ނުބޮއި ތިއައީ؟” ނާފިޒު އެކަން އެހާ ބޮޑު ކަމަކަށް ނުހެދިއެވެ.

“އެވަރު ކަމެކޭ! ނާފިޒަށް އެއީ އެއީ ބޮޑު ކަމަކަށް ނުވިޔަސް އަހަރެންނަށް އެއީ ވަރަށް ބޮޑު ކަމެކޭ.. އަހަރެން ވަރަށް ލަދުވެސް ގަނޭ.. އެއީ މިއަދު އަހަރެންގެ މަންމަގެ..”

“އެއީ މީހަކު މަންމަ ކިޔާވަރުގެ މީހެއް ނޫން.. އަދި އޭނައަކީ އިންސާނުންގެ ތެރޭ ގެންގުޅެން ހެޔޮވެސްވާވަރުގެ މީހެއް ނޫން..” ލައިލާގެ ވާހަކަތައް މެދުކަނޑާލަމުން ނާފިޒު ބުނެލިއެވެ. އޭނާގެ އަޑުންވެސް އޭނާ ހިތްހަމަނުޖެހިފައިވާވަރު ހާމަވެއެވެ. ނަމަވެސް ލައިލާ ބޭނުންވީ އެވާހަކަ ހުއްޓުވާށެވެ.

“އެކަމަކުވެސް ހެޔޮ.. މީގެފަހުން ދޮންމަންމަ ކިޔާ އެއްޗިއްސަށް ނާފިޒު ރައްދު ދީގެން ނުވާނެ..” ލައިލާ ބުނެލިއެވެ.

“އަހަރެންނަކީ ވަރަށް އަނގަގަދަ މީހެއް.. އަހަރެންނަށް ވަރަށް އުނދަގޫވާނެ ލައިލާއާއި ދިމާއަށް އެއްޗެހި ކިޔަންޏާ އަނގައިން ނުބުނެ ހުންނަން.. އެކަމަކު ލައިލާ ބުނެފިއްޔާ އަހަރެން މަސައްކަތް ކުރާނަން އެއްޗެކޭ ނުބުނެ ހުރެވޭތޯ.. އަހަރެން އޮށޯވެލާނަން ކުޑަކޮށް ނިދާލަން.. އަހަރެންނަށް އަށެއް ޖަހާލާހާއިރު ގޮވާލާތި..” ނާފިޒު އެހެން ބުނެލުމަށްފަހު ލައިގެން ހުރި ޓީޝާޓު ބާލައި އެނދުގެ ފަޑީގައި އަޅުވާލާފައި އޮށޯވެލިއެވެ.

ނާފިޒަށް ބަލަން އެނދުގައި އިންއިރު ލައިލާގެ ހިތަށް އެތައް އެއްޗެއް އަރާފައިބަމުން ދިޔައެވެ. ނާފިޒަކީ ކާކުބާއެވެ؟ ކޮންތާކުން އައި މީހެއްބާވައެވެ؟ އޭނަގެ އާއިލާ މީހުން ކޮބައިބާވައެވެ؟ ނާފިޒަކީ ކޮންކަހަލަ މިޒާޖެއްގެ މީހެއްބާވައެވެ؟ ވަރަށް ރުޅިގަދަ މީހެއް ކަންނޭނގެއެވެ. ސީމާ އެންމެ އެއްޗެއް ބުނެލުމުންވެސް ނާފިޒު އެހާ އަވަހަށް ރުޅިއައިސްފިއެވެ. އެއީ ހަޤީޤީ ރުޅިއެއްބާވައެވެ. ނޫނީ މަކަރެއްބާވައެވެ. ނާފިޒު ލޮލުން ސީމާއަށް ކޮށްލި އިޝާރާތުގެ ސިއްރަކީ އެއީބާވައެވެ. ލައިލާއަށް އެ މަންޒަރު ފެނުނުކަމަށް ނުހެދިޔަސް އޭނާއަށް ހަމަ ރީއްޗަށް އެ މަންޒަރު ފެނުނެވެ. އިރުކޮޅަކު އެގޮތަށް ވިސްނަން އިނދެފައި އޭނާ ބޭރަށް ނުކުތީ ސައި ތައްޔާރުކުރަން ޖެހޭނެކަން އެނގޭތީއެވެ.

ސިޓިންގރޫމަށް ނުކުމެ ގަޑި ބަލައިލިއިރު އަދި ކިރިޔާ ހައެއް ޖެހީއެވެ. ސައި ތައްޔާރުކުރަން ތަންކޮޅެއް އަވަސްވެ، ލައިލާ ހިނގައިގަތީ ގޯތިތެރެއަށް ނުކުންނާށެވެ. ބަދިގެ ހުރަސްކޮށް ބޭރަށް ނުކުންނަން ދިޔަ ލައިލާ ސީމާގެ ލޮލުގައި އަޅައިގަތެވެ. ފަތިސް ގަޑީގައި ދިމާވި ކަންތަކަށްފަހު ލައިލާ އެހުރީ ވަރަށް ހިތްހަމަޖެހިފައޭ ސީމާގެ ހިތަށް އެރިއެވެ. އޭނާ އަވަސްއަވަހަށް ކޮފީ ތަށި ބޯލައިގެން ނުކުތީ ލައިލާއަށް ލިބިފައިވި ހިތްހަމަޖެހުން ނެތިކޮށްލުމަށެވެ. އޭރު ލައިލާ ހުރީ ބޭރު ދޮރުކަނީގައި ލެނގިލައިގެން ބޭރު ބަލާށެވެ.

“އޭތް ރަނިކަމަނާ..” ސީމާގެ އަޑަށް ލައިލާ ދިޔައީ ސިއްސައިގެންނެވެ. ފަސްއެނބުރި ބަލާލާފައި އޭނާ އިހު ހުރިގޮތަށް އެނބުރުނެވެ. ސީމާގެ މޫނު ފެނިފައި ހިތަށް ފޫހިކަން ވެރިވިއެވެ. މިއޮއްފަދަ ހެނދުނު އޭނާގެ ޠަބީއަތު ހަރާބުކޮށްލަން ސީމާ އައީތީއެވެ. އެހެންޏާ ނުވައެއް ދިހައެއް ޖަހާ ފަހުން ކޮޓަރިން ބޭރަށް ބޯ ދިއްކޮށްލާ މީހާ މިއަދަކު ފަޖުރުލުމާއެކު ނުކުމެގެން އެ އުޅެނީ ކީއްވެގެންބާއޭ ލައިލާގެ ހިތަށް އެރިއެވެ. އޭނާގެ ކައިވެނި ސީމާ އެދުނު ގޮތަށް ކުރެވުނީތީ ލިބުނު ހިތްހަމަޖެހުމުގައި ރޭ ހަތަރުދަމު އުފާ ފާޅުކުރީ ކަންނޭނގެޔޭ އޭނާގެ ހިތަށް އެރިއެވެ.

“ކަމަނާ ބަދިގެއަށް ނުވަންނަވާ މިތާނގައި ތި ހުންނަވަނީ މިގެއަށް މާގިނަ ނޯކަރުންތަކެއް ލައްވާފައިތޯ؟ ނޫނީ މިއަދު މިގޭގެ ހުރިހާ ކަމެއް ކުރަންވީ އަޅުގަނޑު ފަކީރުތޯ؟” ލައިލާގެ ކުރިމަތީގައި ސީމާ ނިކަމެތިވެގަތް ގޮތުން ލައިލާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ނަމަވެސް އޭނާގެ ދުލުން އެންމެ ލަފުޒެއްވެސް ބޭރުކުރާކަށް ގަސްތެއް ނުކުރިއެވެ. ދަތްކުނޑި ވިކާލުމަށްފަހު ތުން އަނބުރާލާފައި ލައިލާ ހިނގައިގަތީ ކޮޓަރިއަށް ވަންނާށެވެ.

“އޭތް.. ކަލޭއަށް އަހަރެން މިކިޔާ އެއްޗެއް އަޑެއް ނީވޭތަ؟” އެއްލި އަތުން ލައިލާގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތެވެ. އިސްތަށިގަނޑަށް އެރި ވާނުގައި ލައިލާއަށް ހަޅޭއްލަވައިގަނެވުނެވެ.

“އައްދޯތް މަންމާ..” ލައިލާގެ ލޮލުން ކަރުނަ ނީރާލީ ބޮލަށް ވަމުންދިޔަ ތަދުންނެވެ.

“ބުނަން.. ކަލޭ އަދި ނާފިޒާ އިނެއް ކަމަކު ކަލޭ މިގޭގައި އުޅޭހާ ދުވަހަކު އަހަރެމެން އެންމެނަށް ކައްކައި ކާންދޭން ޖެހޭނެ.. ދޮވެ އިސްތިރި ކޮށްދޭން ޖެހޭނެ.. ގެޔާއި ގޯތިތެރެ ކުނިކަހައި ފޮޅައި ސާފުކުރަން ޖެހޭނެ.. ގޭތެރޭގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން ޖެހޭނެ.. އަޑުއިވިއްޖެތަ؟ އެ ކަންކަން ކުރަން ބޭނުން ނުވަންޏާ ހަމަ މިހާރު ހުރިހާ އެއްޗެއް ހިފައިގެން ނާފިޒާއެކު ރައްކާވޭ..” ލައިލާގެ އިސްތަށިގަނޑުގައި ހިފައިގެން ހުރެ ސީމާ ބުންޏެވެ. އޭރުވެސް އޭނާ ލައިލާގެ އިސްތަށިގަނޑުން ދޫކޮށްލާ ޚިޔާލެއް ނުކުރެއެވެ.

“އާހް.. އައްދޯތް.. ދޫކޮށްބަލަ..” އިސްތަށިގަނޑުގެ ބޮޑުގައި ހިފަހައްޓައިގެން ހުރެ ލައިލާ ބުނެލިއެވެ. ސީމާ ލައިލާ ކޮއްޕާލަމުން އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތީ މޫނަށް ނުބައި ވައްތަރުތަކެއް ޖައްސަމުންނެވެ. ބަދިގެ ފާރު ކައިރީގައި ލައިލާ އޭނާގެ އިސްތަށިގަނޑުގެ ބުޑުގައި ފިރުމާލަ ފިރުމާލައި ހުރީ އޭނާގެ އިސްތަށިގަނޑުގެ ބުޑުން ވިންދު ޖަހަމުން ދިޔައީތީއެވެ. ސީމާ ކޮއްޕާލި ވަގުތު ފާރުގައި ނިތްކުރި ޖެހުމުގެ ސަބަބުންވެސް އޭނާގެ ބޮލުގެ ރިހުން އިތުރުވެފައިވެއެވެ. އޭރުވެސް ހުއްޓުމެއްނެތި އޭނާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ސީމާގެ ކޮޓަރި ދޮރު ހުޅުވުނު އަޑަށް އަވަސްއަވަހަށް ދެލޯ ފޮހެލާފައި ސީމާ ބަދިގެއަށް ވަންނަން ހިނގައިގަތީ އަނެއްކާވެސް ސީމާގެ އިތުރު ހަމަލައެއް އައިސްދާނެތީއެވެ.

“ދަރިފުޅާ.. ހާދަ ހެނދުނަކާ ހޭލައިގެން..” ޒާހިރުގެ އަޑަށް ލައިލާ ފަސްއެނބުރި ބަލާލިއެވެ. ލައިލާގެ މޫނުމަތި މިލާފައިވާތަން ފެނުމުންވެސް ޒާހިރަށް ވީގޮތް އެނގުނެވެ. ދެންމެގައި ސީމާ ބޭރަށް ނުކުމެ އުޅުނުކަން އޭނާއަށް އެނގޭތީއެވެ.

“ބައްޕަ ސައި ބޯންވީނު.. ކޮފީ ތަށްޓެއް ހަދައިދެންތަ؟” އެއްވެސް ކަމެއް ނުވާކަމަށް ހެދެމުން ލައިލާ އަވަހަށް ބަދިގެއަށް ވަނީ ޒާހިރަށް އޭނާގެ މޫނުމަތީގައިވާ އަސަރުތައް ދައްކަން ބޭނުން ނުވާތީއެވެ.

ލައިލާގެ ފަހަތުން ޒާހިރު އޭނާ އިންނަ ފުރޮޅުލީ ގޮނޑި ދުއްވަމުން ބަދިގެއަށް ވަނެވެ. ބަދިގެއަށް ވަދެ މޭޒު ކައިރިއަށް ގޮސް ޒާހިރު އިނީ ލައިލާގެ ހަރަކާތްތަކަށް ބަލާށެވެ. ކޮފީ ގިރަން އުޅުނުއިރު ލައިލާގެ އިސްތަށިގަނޑުން އުނދަގޫވަމުން ދިޔައީތީ އޭނާ އިސްތަށިގަނޑު އޮޅާލައި ހުޅިއެއް ޖަހަން އުޅުނެވެ. އެވަގުތު އޭނާގެ އިސްތަށިގަނޑަށް ވީ ތަދުން އަނގައިން އާހްގެ އަޑު ބޭރުވެގެން ދިޔައެވެ.

“ކިހިނެއްވީ ދަރިފުޅާ؟” ޒާހިރުގެ އަޑުން ލައިލާގެ ހަރަކާތަށް ހުއްޓުމެއް އައި ނަމަވެސް ނިކަން އަވަހަށް ހަމަޖެހިލަމުން އޭނާ ދޫދޫކޮށް ހުޅިއެއް ޖަހާލިއެވެ.

“ކަމެއްނުވޭ.. ކުޑަކޮށް ބޮލުގައި ރިއްސާތީ މި އުޅެނީ..” ބައްޕައަށް ދޮގެއް ހަދަން ޖެހުމުން ލައިލާއަށް އުނދަގޫވިއެވެ. ނަމަވެސް ބައްޕަގެ ހިތަށް އިތުރު ތަކުލީފެއް ދޭކަށް އޭނާ ބޭނުމެއް ނުވެއެވެ.

“ކޮބާ ނާފިޒު؟”

“ނިދާފައި.. ފަތިސް ނަމާދު ކޮށްގެން އެބައޮތް ނިދާފައި.. ބުނި އަށެއް ޖަހާލާހާއިރު ގޮވާށޭ.. މިގަޑީ އޮށޯވެލައިގެން ނިދިއްޖެއްޔާ ސައެއް ނުހެދޭނެ.. އެހެންވެ އަވަހަށް ސައި ހަދަން މިއައީ..” ކޮފީ ޖޯޑު ބަހައްޓަމުން ލައިލާ އެހެން ބުނެލިއިރުވެސް އޭނާގެ ބޮލުގައި ރިހުމެއް ހުއްޓެވެ.

“ދަރިފުޅު އޭނައަށް ރަނގަޅަށް ކަންތައް ކުރައްޗޭ.. ބައްޕައަށް އެނގޭ ދަރިފުޅު ބޭނުންވެގެން ނޫންކަން ކައިވެނިކުރީ.. އެކަމަކު ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށޭ ހީކޮށްލާފައި ކުރިއަށްދޭ.. ބައްޕައަށް ހީވަނީ ނާފިޒަކީ ވަރަށް ރަނގަޅު ކުއްޖެއްހެން.. ތިބުނީނު ފަތިސް ނަމާދަށްވެސް ތެދުވި ވާހަކަ.. މިޒަމާނުގައި ޒުވާނަކު ފަތިސް ނަމާދަށް ތެދުވާނީ އެމީހަކު ވަރަށް ރަނގަޅުވީމަ.. އިރާދަކުރެއްވިއްޔާ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ..” ޒާހިރު އާދައިގެ މަތިން އޭނާގެ ދަރިފުޅަށް ނަސޭޙަތް ދިނެވެ. ލައިލާ އަނގައިން ބަހެއް ނުބުންޏެއްކަމަކު ޒާހިރުގެ ވާހަކައަށް ބޯޖަހާލީ ޒާހިރުގެ ހިތްހަމަޖައްސައިދޭށެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ވަރަށް އަވަހަށެވެ. ނޯކަރެއް ފަދައިން ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަމުން ދިޔައިރު ސީމާގެ ރަޙުމުކުޑަ ބަސްތަކާއި ކުރިމަތިލާން ނުޖެހޭ ދުވަހެއް ނުދެއެވެ. ނާފިޒުގެ ކުރިމަތީގައި ސީމާ އެއްޗެކޭ ބުނެފިނަމަ ނާފިޒު ބައެއް ފަހަރަށް ރައްދު ދެމުން ދިޔައީ ލައިލާއާއި ދިމާއަށް އެއްޗެހި ކިޔާ އަޑު އަހަން އޭނާއަށް ކެތްނުވާތީއެވެ. ބައެއް ފަހަރު ނާފިޒު ރައްދު ދޭން އުޅޭއިރަށް ލައިލާ އޭނާ ހުއްޓުވައެވެ. ޒާހިރަށްވެސް ބައެއް ފަހަރަށް ނާފިޒު ލައިލާގެ ދިފާޢުގައި ބަސްބުނާތީ އަޑުއިވެއެވެ. އެއަޑު އިވޭ ކޮންމެ ފަހަރަކު އޭނާގެ ހިތަށް ބަޔާންކުރަން ދަތި އުފަލެއް ލިބެއެވެ. އޭނާއަށް ލައިލާ ނާފިޒާ ދެވުމަކީ ނިންމުނު ވަރަށް ރަނގަޅު ނިންމުމެއްކަމުގެ އިހުސާސް ކުރެވެއެވެ.

ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް ނާފިޒުގެ ފަރާތުން ލައިލާއަށް އަޅާލުމާއި ލޯބި ލިބެމުން ދިޔައެވެ. ކުރިން ނާފިޒާއިމެދު ދެކެވެމުން އައި ގޯސް ވިސްނުން ބަދަލުވާން ފެށިއެވެ. ނާފިޒުގެ ފަރާތުން ފެންނަމުންދިޔަ ހަރުދަނާކަމާއި މާތް ސިފަތައް އޭނާގެ ހިތް ފަތަޙަކޮށްފިއެވެ. ނާފިޒާއިމެދު އޮތް ދުރުކަން ނެތެމުން ދިޔައެވެ. ނާފިޒަށްވެސް ލައިލާއަށް އަންނަމުންދިޔަ ބަދަލުތައް ފާހަގަވަމުން ދިޔައެވެ. ނަމަވެސް އޭނާ އެއިން ކަމެއް އެނގޭކަމަށް ހަދާނުލާ ކެތްތެރިވަމުން ދިޔައީ ލައިލާ އިސްވެ އޭނާގެ ފަރާތުން ގާތްކަމަކަށް އެދެންދެނެވެ. ކައިވެނި ކުރި ރޭ އޭނާ ހަވާލުވި އިމްތިޙާނުން ނާކާމިޔާބުވާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ލައިލާއާއި ކައިވެނިކުރީ ރަނގަޅު މަޤުސަދެއްގައިކަން އޭނާ ސާބިތުކޮށްދޭން ބޭނުންވެއެވެ.

ބަދަހިވަމުންދިޔަ ލައިލާއާއި ނާފިޒުގެ ގުޅުން ސީމާގެ ލޮލުން ކައްސާލައިގެން ނުދިޔައެވެ. ލައިލާގެ ޙަޔާތް ބަރުބާދުކޮށް އެގެއަށް ވެރިވެގަންނަން ކުރި މަސައްކަތް ފެނަށް ވާން އުޅޭފަދަ އިހުސާސެއް އޭނާއަށް ކުރެވެމުން ދިޔައެވެ. ކަންތައް ގޯހުން ގޯހަށް ނުދަނީސް މިކަމަށް ޙައްލެއް ހޯދަން އޭނާ ވިސްނިއެވެ. ވިސްނާ ވިސްނާވެސް އޭނާގެ ސިކުނޑިއަށް ރަނގަޅު ޚިޔާލެއް އަންނަ ގޮތެއް ނުވިއެވެ. އެކަމާވެސް އޭނާ ހުންނަނީ ދަތް ބާރުވެފައެވެ.

“ލައި.. ހިނގާ މިރޭ ބޭރަށް ގޮސްލަން.. ބޭރަށް ގޮސް ކާލައިގެން ދުއްވާލާފައި އަންނާނީ..” ނާފިޒު ފެންވަރައިގެން ނުކުންނަމުން ބުނެލިއެވެ. އޭރު ލައިލާ ހުރީ ނާފިޒު ލާނެ ގަމީހެއް އިސްތިރި ކުރާށެވެ.

“އެންމެ ރަނގަޅު.. އެކަމަކު އެހާ ލަސްނުވެ އަންނަންވާނެ.. މިހާރަކަށް އައިސް ދޮންމަންމަ އުޅެނީ ވަރަށް ފާޑަކަށް.. ކުއްލިއަކަށް ވަރަށް މުރާލިވެފައި ވަރަށް ހިތްހެޔޮވެއްޖެ.. އެކަމާ އަހަރެން ވަރަށް ހިތް ބިރުގަނޭ.. ހިތަށް އަރަނީ ކޮންމެވެސް ކަމެއް ވާން އުޅެނީއޭ.. އެކަމަކު މިކަހަލަ ޚިޔާލެއް ކުރާކަށްވެސް އަހަރެން ބޭނުމެއް ނޫން.. ނޭނގެ ކީއްވެކަމެއް.. އަބަދުވެސް ހިތް ނުތަނަވަސްވެފައި ހުންނަނީ..” ލައިލާގެ ހިތުގައި ސީމާއާއި ދޭތެރޭ ޝައްކުތަކެއް އުފެދޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ކުއްލިއަކަށް ސީމާ މާ ހެޔޮވެގަނެގެން އުޅޭތީ އޭގައި ފޮރުވިފައި ސަބަބެއްވެޔޭ އޭނާގެ ސިކުނޑީގެ ކަނަކުން ބުނަމުން ދިޔައެވެ.

“އަހަރެން ބުނެފާނަން އޭނައަށް އައިސްގެން އެއުޅޭ ބަދަލަކީ ކީއްވެ އައިސްގެން އުޅޭ ބަދަލެއްކަން.. އޭނަ އަހަރެންނާ ލައިގެ ކައިވެނި ކުރުވީ ލައިގެ ދިރިއުޅުން ހަލާކުކޮށްލަން.. އެކަން އޭނައަށް ކާމިޔާބުނުވެ އަހަރެމެން ގުޅިގެން އުޅޭތީ އެކަން ހަޖަމު ނުކުރެވިގެން އެއުޅެނީ.. މިހާރު އެއުޅެނީ ކޮންމެވެސް ގޮތަކުން އަހަރެމެން މިތަނުން ބޭރުކުރަން.. އަހަރެމެން ދެމީހުން ދުރުކުރާނެ މޮޅު ގޮތެއް ރާވާނެކަން ޔަޤީން..” ނާފިޒު އެހެން ބުނެލުމުން ލައިލާ ނާފިޒަށް ބަލައިލީ ހައިރާންވެފައެވެ.

“ނާފިޒަށް ކިހިނެއް އެނގެނީ އަހަރެމެން ދެމީހުން ދުރުކުރަން އުޅޭކަމެއް؟” ލައިލާ ނާފިޒުގެ މޫނަށް ބަލަން ހުރީ އެ މޫނުން އޭނާއަށް އެއްޗެއް އެނގޭތޯއެވެ. ނަމަވެސް ނާފިޒުގެ މޫނުން ތަފާތު އެއްވެސް ކަމެއް ނުފެނުނެވެ. އޭނާ ހުރީ އެއަށްވުރެ މާ ހަމަޖެހިފައެވެ.

“އެއީ ސީމާގެ ގޮތް އަހަރެންނަށް ރަނގަޅަށް އެނގޭތީ.. ދެން ތިވާހަކަ ބާއްވާފަ އަވަސްކޮށްލާ.. މިހާރު އެއޮއްގެން މަޣްރިބު ނަމާދު ބަންޤި ގޮވަނީ..” ސީމާގެ ވާހަކަ ދައްކަން ބޭނުން ނުވާތީ ނާފިޒު އެވާހަކަ ކުރުކޮށްލީ މަޣްރިބު ނަމާދު ބަންޤި ގޮވާއަޑު އިވުނީމައެވެ.

“އަހަރެން ދެން އަންނާނީ އިޝާ ނަމާދު ކޮށްލައިގެން.. އޭރަށް ވާއިރަށް ތައްޔާރުވެގެން ހުންނައްޗޭ..” ގަމީސް ލައި ގަޔަށް ސެންޓު ބުރުވާލަމުން ނާފިޒު ބުނެލިއެވެ. ލައިލާ ހިނިތުންވެލަމުން ބޯޖަހާލިއިރު ސީމާގެ ޙަޤީޤަތޭ ކިޔައިގެން ނާފިޒު ބުނި ވާހަކައާއިމެދު އޭނާގެ ހިތުގައި ސުވާލު އުފެދިފައިވެއެވެ. ނަމަވެސް އެވަގުތު އެ ސުވާލުކުރަން އޭނާ ބޭނުމެއް ނުވިއެވެ. ފަހުން ހަމަޖެހިލައިގެން އެވާހަކަ އަހާނީއޭ އޭނާގެ ހިތަށް އެރިއެވެ.

ލައިލާ އަވަސްއަވަހަށް ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން ނުކުމެ ނަމާދަށް އެރިއެވެ. ނަމާދުން އަވަދިވެގެން ކޮޓަރިން ނުކުމެ ބަދިގެއަށް ދިޔައީ ކާނެ އެއްޗެއް ތައްޔާރުކޮށްލާށެވެ. އޭނާއާއި ނާފިޒު ބޭރުން ކެޔަސް އޭނާގެ ބައްޕައަކީ ހަކުރު ބަލި ހުންނަ މީހެއްކަމުން ބައްޕައަށް ކެވޭނެ ގޮތަށް ކާއެއްޗެއް ތައްޔާރުކޮށްލަން އޭނާ އަވަސްވެގަތެވެ. ސީމާގެ އުޅުން ބަދަލުވެފައިވިޔަސް އޭނާ ސީމާއަކަށް އިތުބާރެއް ނުކުރެއެވެ. އެއީ ސީމާ ދައްކާ ދަޅައެކޭ އޭނާއަށް ހީވަނީ ސީމާގެ ޢަމަލުތައް މީގެކުރިން ހުރި ގޮތުންނެވެ.
ނާފިޒު މިސްކިތުން ފައިބައިގެން ގެއަށް އައީ ލައިލާ ޒާހިރަށް ކާއެއްޗެއް ތައްޔާރުކުރަން އުޅެނިކޮށެވެ. އޭނާ އައުމުން ކޮފީއެއް ބޭނުންތޯ ލައިލާ އަހާލިއެވެ. ނާފިޒު އާނއެކޭ ބުނެލުމުން ލައިލާ ކޮފީއެއް ގިރައިދިނެވެ. އެއަށްފަހު އަނެއްކާވެސް އޭނާ ކުރަން ހުރި މަސައްކަތަށް އެނބުރުނެވެ. ނާފިޒު ކޮފީ ބޮމުން ދިޔައިރު އޭނާ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ލައިލާއަށް ސީމާގެ ޙަޤީޤަތް ކިޔައިދޭންވީއޭ އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް އޭގެ ސަބަބުން ވެދާނެ ގޮތަކާއި ދޭތެރޭ އޭނާ ކަންބޮޑުވިއެވެ. އެ ޙަޤީޤަތް އެނގުމުން ޒާހިރަށް ވާނީ ކިހިނެއްބާވައޭވެސް އޭނާގެ ހިތަށް އެރިއެވެ. އެއްވެސް ކަމަކީ އަބަދަށް ސިއްރުކުރެވޭނެ ކަމެއް ނޫންކަން އޭނާ ޤަބޫލުކުރެއެވެ.

“އަހަރެން އެބައޮތް ނާފިޒު ގާތު ވަރަށް ބޮޑު ވާހަކައެއްވެސް ދައްކަންވެފައި.. ރަނގަޅު ވަގުތެއް ނުލިބިގެން އެވާހަކަ ނުދެއްކިގެން މިއުޅެނީ.. މިރޭ ބޭރަށް ގޮސްފައި އެވާހަކަ ދެއްކުން ކިހިނެއްވާނެ؟” ލައިލާ އުނދުން ކައިރީގައި ހުރެ ވާހަކަދައްކަމުން ދިޔައީ މޭޒު ކައިރީގައި އިން ނާފިޒާއެވެ. އޭނާގެ ވާހަކައަށް ނާފިޒުގެ އެއްވެސް އިޝާރާތެއް ނުލިބުމުން ލައިލާ ފަސްއެނބުރި ބަލާލިއެވެ. ޚިޔާލަކަށް ގެއްލި ހުސްވެފައި އިން ނާފިޒަށް ދެފަހަރަކު ލައިލާ ގޮވާލިއެވެ. ނަމަވެސް ނާފިޒަށް އެތަނުގައި ކަމެއް ވާހެންވެސް ހިއެއް ނުވެއެވެ.

“އޭތް.. ކޮން ޚިޔާލަކަށް ގެއްލިފައި؟” ނާފިޒުގެ އަތުގައި ކޮއްޓާލުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. އެވަގުތު އަތުން ޖެހިފައި ކޮފީތަށިން ބައެއް މޭޒުމައްޗަށް ބަންޑުންވިއެވެ.

“ހާދަ ވަރަކަށް ތި ސިހުނީ.. އަހަރެން ހާދަ ވަރަކަށް ގޮވައިފީމޭ.. ކޮން ޚިޔާލަކަށް ގެއްލިފައި؟” ލައިލާ އަނެއްކާވެސް އަހާލިއެވެ.

“މިދެން ދިރިއުޅުމުގެ ކަންކަމާ ވިސްނާލެވުނީ.. ކައްކާ ނިމުނީތަ؟” ނާފިޒު ތެދުވެ އަތްދޮންނަ ސިންކާއި ދިމާއަށް ދަމުން އަހާލިއެވެ.

“އުހުނ.. އަހަރެން ވާހަކަ ދައްކަދައްކާ ޚަބަރެއް ނުވީމަ ބަލާލިއިރު ޚިޔާލަކަށް ގެއްލިފައި އިންތަން ފެނިގެން މިއައީ..”

“ދެން ދޭ އަވަހަށް ތިކަން ނިންމާލަން..” ނާފިޒު ސިންކު މަތީގައި އޮތް ސްޕަންޖުކޮޅު ހިފައިގެން އައިސް މޭޒުމައްޗަށް ކޮފީ އެޅުނުތަން ސާފުކޮށްލިއެވެ. އެ މަންޒަރު ލައިލާއަށް ފެނުމުން ހިނިތުންވެވުނެވެ. އޭނާއަށް ނާފިޒުގެ ފަރާތުން ފެންނަ އެކަހަލަ ކުދިކުދި ކަންކަން ވަރަށް ކަމުދެއެވެ.

އިޝާ ނަމާދަށްފަހު ނާފިޒު ގެއަށް އައިއިރު ލައިލާ ހުރީ ނަމާދަށެވެ. އެހެންކަމުން އޭނާ ސިޓިންގރޫމުގައި މަޑުކޮށްލީ ލައިލާ ނަމާދުކޮށް ނިންމާލަންދެނެވެ. އޭނާ އެހެން އިންދާ ކޮޓަރި ދޮރު ހުޅުވާލާފައި ނުކުތީ ޒާހިރެވެ. އޭނާއަށް ނާފިޒު ފެނުމާއެކީ އެތަނަށް އައިސް ވާހަކަދައްކަން ފެށިއެވެ. ޒާހިރުގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަޖެހިފައި އިންނަކަމުގެ އަސަރުތަކެވެ. ނާފިޒުގެ ފަރާތުން ފެންނަމުންދިޔަ މާތް ސިފަތަކުގެ ސަބަބުން އޭނާގެ ހިތުގައި ނާފިޒުގެ މައްޗަށް ވަނީ ދަރިކުލުނު ޖެހިފައެވެ. ނާފިޒާއި ވާހަކަދައްކަން އިންދާ ލައިލާ ތައްޔާރުވެލައިގެން ކޮޓަރިން ނުކުތެވެ.

“ކޮބާ ނިމުނީތަ؟” ނާފިޒުގެ ސުވާލަށް ލައިލާ ބޯޖަހާލިއެވެ. ލައިލާގެ މޫނުމަތިންވެސް ފެންނަމުންދަނީ އޭނާގެ ދިރިއުޅުމާއިމެދު ހިތްހަމަޖެހިފައިވާ މިންވަރެވެ. އެކަމުގެ ސަބަބުން ޒާހިރުގެ ހިތަށް އިތުރު ފިނިކަމެއް ލިބުނެވެ.

“ދަރިފުޅުމެން ތަނަކަށް ދާންތަ ތިއުޅެނީ؟” ލައިލާ ބޭރަށް ދާން ތައްޔާރުވެގެން ހުރިތަން ފެނި ޒާހިރު އަހާލީ ނާފިޒަށް ބަލާލަމުންނެވެ.

“އާނ.. އަޅުގަނޑުމެން މިއުޅެނީ ބޭރަށް ގޮސްލަން ވެގެން.. މާ ލަހެއްނުވެ އަންނާނަން..” ނާފިޒު އެހެން ބުނެލުމުން ޒާހިރު ހިނިތުންވެލަމުން ބޯޖަހާލިއެވެ.

ސައިކަލުގައި ދެމީހުން ބޭރުމަގުން ދުއްވަމުން ދިޔައިރު ނާފިޒު ދައްކަމުންދާ ސަމާސާ ވާހަކަތަކުން ލައިލާއަށް ހެވެއެވެ. ނާފިޒުގެ އުނަގަނޑާއި ހަމައިގައި ހިފަހައްޓާލައިގެން އިންއިރު ލައިލާ އިނީ ވަރަށް ހިތްހަމަޖެހިފައިކަން ނާފިޒަށް އެނގުނެވެ. ނާފިޒު ބޭނުންވީ ހުޅުމާލެއަށް ދާށެވެ. ލައިލާއަކީ ކަނޑު ދަތުރުކުރަން ބިރުގަންނަ މީހަކަށް ވާތީ ނާފިޒު އޭނާގެ ރައްޓެއްސަކަށް ގުޅައިގެން ދެ ހެލްމެޓު ހޯދިއެވެ. ބުރިޖުގެ މަތީ ދުއްވަމުން ދިޔައިރު ލައިލާ އިނީ ނާފިޒު ގައިގައި ބާރަށް ހިފަހައްޓައިގެންނެވެ. މިނޫނީ އޭނާ ބާރަށް ދުއްވާ ސައިކަލެއްގެ ފަހަތަކަށް ނާރައެވެ. އެހެންކަމުން އޭނާ އިނީ ކުޑަކޮށް ބިރުގެންފައެވެ. ކުޑަކޮށް ބޯއަނބުރާ ކަހަލަ ގޮތެއް ވެފައި ހުރިނަމަވެސް އޭނާ އެވާހަކައެއް ނާފިޒު ގާތުގައެއް ނުބުނެއެވެ.

ހުޅުމާލޭގެ މަގުތަކުގައި ދުއްވަމުން ގޮސް އަތިރިމަތީގައި ހުރި ޑައިނަމޯ ކައިރިއަށް ސައިކަލު މަޑުކޮށްލިއެވެ. ދެމީހުންވެސް މިސްރާބުޖެހީ ރާޅުޖަހާ ފަށާއި ދިމާއަށް ހުރި މޭޒުތަކާއި ދިމާއަށެވެ. ކާއެއްޗަކަށް އޯޑަރު ދިނުމުން ލައިލާ އިނީ އޭނާ ދައްކަން ގަސްތުކުރާ ވާހަކަ ފަށާނީ ކިހިނެއްތޯ ވިސްނާށެވެ. އެވާހަކަ އެހުމުން ނާފިޒު ރުޅިއައިސްދާނެތީ އެކަމާ އޭނާ ކުޑަކޮށް ޖެހިލުންވެސްވިއެވެ. ނަމަވެސް އެއީ އޭނާއަށްވެސް އެނގެންޖެހޭ ކަމެއްކަމަށް ޤަބޫލުކުރާތީ އެވާހަކަ އަހަން ނިންމިއެވެ.

“ނާފިޒު.. އަހަރެން ވާހަކައެއް އެހިއްޔާ ރުޅި އަންނާނަންތަ؟” ލައިލާ ކުޑަކޮށް ޖެހިލުންވެފައި އަހާލިއެވެ.

“އަހާ ވާހަކައެއްގެ ގޮތުން އިނގޭނީ.. އެކަމު ހިއެއްނުވޭ އަހަރެން ރުޅި އަންނާނެވަރުގެ ވާހަކައެއް ލައިއަށް އެހޭނެހެނެއް.. އަޅެ އަހާބަލަ..” ނާފިޒުގެ ޖަވާބުން ލައިލާއަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ.

“އަހަރެމެން އިނދެގެން އުޅޭތާވެސް މިހާރު އަހަރެއް ވާން ކައިރިވަނީނު.. މިހާދުވަސް ވީއިރުވެސް ނާފިޒު، ނާފިޒުގެ މައިންބަފައިންނާ އާއިލާއާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކަނީ ކީއްވެ؟” ލައިލާގެ ސުވާލުން ނާފިޒަށް ކުޑަ ސިހުމެއް ލިބުނެވެ. ނަމަވެސް އޭނާ އިނީ ކޮންމެވެސް ދުވަހަކުން ލައިލާ އެވާހަކަ އަހާނެކަމުގެ އިންތިޒާރުގައިހެން ހީވެއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ނާފިޒު ލައިލާއަށް ބަލާލިއެވެ.

“އަސްލު އަހަރެން ހުރީ ލައި އެހި ދުވަހަކުން ނޫނީ އެވާހަކަ ނުދައްކަން ނިންމައިގެން.. އަހަރެން މި ދުނިޔެއަށް އުފަންވީ އިރުވެސް އަހަރެންގެ ބައްޕަ ވަނީ ނިޔާވެފައި.. ހުރީ ހަމައެކަނި މަންމަ.. އާއިލާގައި އިތުރު އެއްވެސް މީހެއް ނެތް.. ދުރުތާ ތިމާގެ ބަޔަކު އުޅޭ.. އެކަމަކު އެމީހުންނާ މާބޮޑު ގުޅުމެއް ނޯވޭ އެއްވެސް އިރަކު.. އެކަމު މުޅިން ގުޅުން ކެނޑިފައެއްވެސް ނޫން..” ނާފިޒުގެ ވާހަކަ މެދުކަނޑާލީ ލައިލާ އެ ވާހަކައާއި ގަޔާވެފައި އިންގޮތުންނެވެ. ދެން ބުނަން އޮތީ ލައިލާއަށް އަޑުއަހަން ފަސޭހަވާނެ ވާހަކައެއް ނޫން ވީމައެވެ.

“ދެން މަންމަ ކޮބާ؟”

“އަސްލު އަހަރެން މަންމަދެކެ ވަރަށް ލޯބިވޭ.. މަންމަވެސް.. އެކަމަކު މިހާރު މަންމައާ ގުޅުމެއް ނޯންނަތާ އަހަރެއް ވަނީ..”

“އެއީ ކީއްވެ؟ އެއްވެސް ސަބަބަކާއިހެދި މަންމައާ ގުޅުން ކަނޑާލާކަށް ނުވާނެއެއްނު..” ލައިލާއަށް ހައިރާންކަމާއެކު ބުނެވުނެވެ. މަންމައާއި ގުޅުން ކަނޑާލާފައި ނާފިޒު އެހާ ހަމަޖެހިލައިގެން އުޅޭތީ ލައިލާ އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

“އަހަރެންވެސް ބޭނުމެއްނޫން މަންމައާއި ގުޅުން ކަނޑާލާކަށް.. ޙަޤީޤަތުގައި ގުޅުން ކަނޑާލީ މަންމަ.. އެކަމަކު އަހަރެންގެ ހިތް ބުނޭ މަންމަ އަދިވެސް އަހަރެންދެކެ ލޯބިވެޔޭ.. މަންމަ އަދިވެސް އަހަރެންނަށް ބޭނުންވެޔޭ..” ނާފިޒުގެ މޫނުމަތިން މާޔޫސްކަން ފެންނަމުން ދިޔައެވެ.

“އެކަމަކު ތިހިސާބަށް ކަންތައް ދިޔަ ސަބަބެއްވެސް އޮންނާނެއެއްނު..” ލައިލާ އިނީ ހުރިހާ ކަމެއް އޮޅުންފިލުވަން ބޭނުންވެފައެވެ.

“އެއީ އަހަރެން މަންމަގެ ބަސް ޤަބޫލުނުކޮށް ލައިލާއާއި ކައިވެނިކުރީމަ.. މަންމަ ބޭނުންވީ ރަށުގެ މަޝްހޫރު ވިޔަފާރިވެރިޔާ ހާދީގެ ދަރިފުޅު ނައުރީންއާ އަހަރެން ކައިވެނިކުރަން.. ނައުރީންއަކީ އޭނާގެ ބައްޕަގެ މުއްސަނދިކަމުގެ ސަބަބުން ތިމާގެ ފެންވަރު އޮޅިފައި ހުންނަ އަންހެނެއް.. ގޮތް ދެއްކުމާއި ކިބުރުވެރިކަން އޭނާގެ ކިބައިގައި ވަނީ އިންތިހާއަށް ގޮސްފައި.. އަހަރެންނަކީ އާދައިގެ ދިރިއުޅުމަށް ލޯބިކުރާ މީހެއް.. އެއްވެސް މީހެއްގެ މައްޗަށް ބަރޯސާވެގެން އުޅޭކަށް އަހަރެން ބޭނުމެއްނުވޭ.. ނައުރީންގެ ބުރުސޫރަ ކިތަންމެ ރީތިވިޔަސް އެއްވެސް އުޅުމެއް ހުރި އަންހެނެއް ނޫންކަން އަހަރެންނަށް އެނގޭތީ އަހަރެން ފާޅުގައި އެ ކައިވެންޏަށް ދެކޮޅު ހެދިން.. ލައިލާ ބުނެބަލަ.. އެއްވެސް އުޅުމެއްނެތް މީހަކާ އިނދެގެން އަހަރެންނަށް ކޮން ދިރިއުޅުމެއް ލިބޭނީ؟ ތާއަބަދު އަހަރެންނަށް އަހަރެންގެ ނިކަމެތިކަން އިހުސާސްވުން ނޫންކަމެއް ނުވާނެ..” ނާފިޒުގެ ވާހަކަ މެދުކަނޑާލީ ވެއިޓަރު އެމީހުން އޯޑަރުކުރި ކާއެއްޗެހި ގެނައުމުންނެވެ. ޝުކުރު އަދާކޮށްލުމާއެކު ހިނިތުންވެލަމުން ވެއިޓަރު ދާން ހިނގައިގަތެވެ.

“އަހަރެންގެ މަންމަ ބޭނުންވީ ފައިސާ.. އެއްގޮތެއް ނެތިއްޔާ އަނެއްގޮތުންވެސް މަންމަ ހުރީ އަހަރެން ނައުރީންއާ ކައިވެނި ކުރުވަން މަޖުބޫރުކޮށްގެން.. މަންމައަށްޓަކައިވެސް އަހަރެންނަށް އެ ކައިވެނި ކުރެވުނީސް.. އެކަމަކު.. އެކަމަކު އަހަރެންނަށް އެނގޭ އަހަރެންގެ ދިރިއުޅުން ނަރަކައެއް ފަދައިން ވެއްޖެނަމަ މަންމައަށް އަމިއްލަ ނަފްސު ކުށްވެރިކުރެވި އެކަމާ ހިތާމަކުރާނެކަން.. އެހެންވެ އަހަރެން މަންމައަށް ފިލައިގެން މާލެ އައީ.. އައިސްފައި އަހަރެން މަންމައަށް ގުޅިން.. ގުޅާފައި މަންމަ އެދުނު ކަންތައް ނުކޮށްދެވޭނެކަމަށް ބުނިން.. އަދި އަހަރެން މިއައީ ފައިސާ ހޯދަން ވަޒީފާއެއް ހޯދަންކަމަށްވެސް ބުނިން.. އަހަރެން މިކޮޅަށް އައިސް ވަޒީފާއެއް ލިބި ވަޒީފާއަށްދާން ފެށިތަނާ އަހަރެންނަށް ލައިލާ ފެނުނީ.. އެއީ އިއްތިފާޤަކުން ދިމާވި ކަމެއް.. ހަނދާންވޭތަ ލައިލާ ސްކޫލުގައި އުޅުނުއިރު ސްކޫލުން ގެއަށް ދަމުން މަގު ހުރަސްކުރަނިކޮށް ލޮރީއެއްގައި ކިރިޔާ ނުޖެހި ސަލާމަތްވި ހަނދާން؟”

ލައިލާގެ ހަނދާނަށް އައީ އޭނާ ގްރޭޑް ނުވައެއްގައި ކިޔަވަމުން ދިޔައިރު ދިމާވި ކަމެކެވެ. އޭނާ ސްކޫލު ނިންމާފައި ގެއަށް އައީ ކުލާހުގައި ދިމާވި ކުޑަ މައްސަލައަކާއި ހެދި ބޯގޮވާފައި ހުރެއެވެ. އަނެއްކާ ގެއަށް ދާތަނުން ކުރިމަތިލާން ޖެހޭނެ ކަންތައްތަކުގެ ސަބަބުން އޭނާ ހުރީ ހިތުގައިވެސް ޖެހިފައެވެ. ބައްޕަގެ ޙާލު ހުރިގޮތުން އޭނާއަށް އެހީއެއް ވުމަށް ބައްޕަ ވަނީ ނުކުޅެދިފައެވެ. އެފަދަ ޚިޔާލުތަކެއްގައި ހުރެ ލައިލާ މަގު ހުރަސްކުރަން ހިނގައިގަތްއިރު މަގަކަށް ސަމާލުކަމެއް ނުދެވުނެވެ. އޭނާއަށް މަގަށް ނަޒަރު ހިންގާލެވުނީ މީހެއްގެ ހަޅޭކުގެ އަޑަށެވެ. އޭރު ބާރު ދުވެލީގައި އައި ލޮރީ ހުރީ އޭނާއާއި ވަރަށް ގާތްވެފައެވެ. ލިބުނު ޝޮކުގައި ފިޔަވަޅެއް ނޭޅިފައި ހުއްޓާ ކުއްލިއަކަށް އޭނާގެ އަތުގައި މީހަކު ހިފައި ދަމައިގަތެވެ. އޭނާ ލޮރީގައި ނުޖެހި ސަލާމަތްވީ ކިރިޔާއެވެ. އެދުވަހަކީ ދުވަހަކުވެސް އޭނާގެ ހަނދާނުން ނުފިލާނެ ބިރުވެރި ދުވަހެކެވެ. ލައިލާ ބޯޖަހާލީ އޭނާ އެދުވަސް ހަނދާން އެބަހުއްޓޭ ބުނާފަދަ ގޮތަކަށެވެ.

“އެދުވަހު އަހަރެންނަށް ލައިލާގެ އަތުގައި ހިފައި ދަމައިނުގަނެވުނުނަމަ ލައިލާ ލޮރީގެ ދަށުވީސް.. ލައިލާ ފުރަތަމަ ފެނުނު ވަގުތުން ފެށިގެންވެސް އަހަރެންނަށް ލައިލާ ވަރަށް ކަމުދިޔަ.. އެދުވަހަށްފަހު އަހަރެން ލައިލާއަށް ފާރަލާން ފެށިން.. އެގޮތަށް ފާރަލަނިކޮށް އަހަރެންނަށް ސީމާއާ ދިމާވީ.. އޭރު ލައިލާގެ ބައްޕަގެ އެކްސިޑެންޓު ހިނގައިގެން.. ސީމާއަށް އަހަރެން ލައިލާއަށް ފާރަލާކަން އެނގިގެން އޭނަ އަހަރެންނާ ބައްދަލުކޮށް ލައިލާގެ ކައިވެނީގެ ވާހަކަ ދެއްކީ.. އަހަރެން ބޭނުންވެފައި ހުރިވަރުން ވަގުތުން އެއްބަސްވިން.. މަންމައަށް ގުޅާފައި އެވާހަކަ ބުނި ހިސާބުން މަންމަ އަހަރެންނަށް ގުޅުން ކަނޑާލީ.. އަހަރެން ވަރަށް ގުޅިން.. އެކަމު އަހަރެންގެ އެއްވެސް ކޯލަކަށް މަންމަ ޖަވާބެއް ނުދިން.. އެހެންވެ ފަހުން ނުގުޅަން.. އެކަމަކު އަހަރެން އަދިވެސް ރަށުގެ ބައެއް ރައްޓެހިން މެދުވެރިކޮށް މަންމަގެ ޙާލު ބަލައި ލާރިވެސް ފޮނުވަން.. އެއީ އެމީހުން ދޭ އެއްޗެއްގެ ގޮތުގައި މަންމައަށް ހީވެފައި އޮންނާތީ މަންމަ އެ ބޭނުންވެސް ކުރޭ.. އެހެންވެ އެކަމާ އަހަރެން ހިތްހަމަވެސްޖެހޭ.. އެއީ އެކަން ވީގޮތަކީ..” ނާފިޒުގެ މޫނުމަތިން ފެނުނު މޮޅިވެރިކަމުން ލައިލާ ދެރަވިއެވެ.

“ދެން ނާފިޒު އަދިވެސް ބަލަންވީނު މަންމައާއި ގުޅުން ބަދަހިކުރެވޭތޯ..” މޭޒުމަތީގައި އޮތް ނާފިޒުގެ އަތްމަތީ އަތް ބާއްވާލަމުން ލައިލާ ބުނެލިއެވެ.

“އަހަރެން ދެން މަންމައަކަށް ނުގުޅާނަން.. އަހަރެން މި ވިސްނަނީ ލައި ގޮވައިގެން ރަށަށް ދާން.. އަހަރެންގެ ހިތް ބުނޭ މަންމަގެ ކުރިމައްޗަށް އެރީމަ މަންމައަށް އެހެން ހިތް ހިލަކޮށްލައިގެން ނުހުރެވޭނެޔޭ..” ނާފިޒު އެހެން ބުނެލުމުން ލައިލާ ކުޑަކޮށް ޖެހިލުންވިއެވެ. ލައިލާއަށް ވީގޮތް ނާފިޒަށް ނަގައިގަނެވުނެވެ.

“ހާސްނުވޭ.. އަހަރެން މިއުޅެނީ ލައި ގޮވައިގެން ރަށަށް އެއްކޮށް ބަދަލުވާކަށް ނޫނޭ.. އެހެންނޫނަސް މަންމަ އަހަރެންދެކެ އަންނަ ރުޅިއެއް އެހެން މީހަކަށް ނުބާލާނެ.. އަސްލު ޙަޤީޤަތުގައި މަންމަ އަހަރެންދެކެ ލޯބިވެސްވޭ.. އެކަމު އަހަރެމެން އުޅުނުލެއް ނިކަމެތިކަމުން ކަންނޭނގެ މަންމަ ފައިސާއަށް އެހާ ދަހިވެތިވެގެން އެ އުޅެނީ.. އަރާމު ދިރިއުޅުމަކަށް އެދެވޭލެއް ބޮޑުކަމުން ކަންނޭނގެ.. އެކަމުވެސް މަންމައަކީ ގޯސް މީހެއް ނޫން..” ނާފިޒު ލައިލާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ލައިލާ ހިނިތުންވެލީ އެންމެ ރަނގަޅޭ ބުނާފަދަ ގޮތަކަށެވެ.

“އަދިވެސް އަހަރެންގެ ހިތުގައި އުފެދިފައި އޮތް ސުވާލެއް ކޮށްލަންތަ؟” ލައިލާ ނާފިޒުގެ މޫނަށް ބަލަން އިނދެ އަހާލިއެވެ. ނާފިޒަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

“މިރޭ މިއޮތީ ވަރުގަދަ ސުވާލު މުބާރާތަކާތާ ލައްވާލާފަ.. ތި ސުވާލެއްވެސް ކޮށްބަލަ.. އަހަރެންނަށް ޖަވާބު އިނގެންޏާ ތެދަށް ޖަވާބުދޭނަން..” ހިނިއައިސްފައި އިނދެ ނާފިޒު ބުނެލިއެވެ.

“މިއަދު ވާހަކަ ދައްކަމުން ބުނީމެއްގެ ސީމާގެ ޙަޤީޤަތް އެނގޭތީއޭ.. ކީއްވެ އެހެން ބުނީ؟” ލައިލާ ކުރި ސުވާލުން ނާފިޒަށް ހުއްޓުމެއް އެރިއެވެ. އޭނާ އެ ސުވާލަށް ޖަވާބުދޭން ފަސްޖެހުނެވެ. ނަމަވެސް ލައިލާ އެ ސުވާލު ކުރީތީ ޖަވާބު ދޭންވެސް ބޭނުންވެއެވެ.

“އަހަރެންނަށް ހީވަނީ މީ އެވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތެއް ނޫންހެން.. އަހަރެން ލައިގެ ތިސުވާލަށް ޖަވާބު ދޭނަން.. އެކަމު މިވަގުތަކު ނޫން.. އެންމެ ރަނގަޅުތަ؟” ނާފިޒު ވިސްނަން އިނދެ ބުނެލިއެވެ. ލައިލާވެސް ބޯޖަހާލީ ނާފިޒަށް އިތުބާރު ކުރާތީއެވެ. ކައިގެން ދެމީހުންވެސް ނިންމީ ކުޑަކޮށް ދުއްވާލާފައި ގެއަށް ދާށެވެ.

*****

ސީމާ އުއްމީދުކުރި ގޮތަށް ކަންތައްތައް ނުވެ އޭނާގެ ބާރު ކެނޑެމުން ދާކަމުގެ އިހުސާސް ކުރެވެމުންދިޔަ ވަރަކަށް ސީމާ ދިޔައީ ލައިލާއަށް ގޭގައި އުޅުމަށް ދަތިކުރަމުންނެވެ. ނާފިޒާއި އެކީ ނުކުމެގެން އޭނާ އުޅޭ ތަނަކަށް ދާށޭވެސް ސީމާ ބުނެފިއެވެ. ނަމަވެސް ލައިލާ ދުލުން އެންމެ ލަފުޒެއްވެސް ނުބުނެއެވެ. ސީމާގެ ދުލުން ނުކުންނަ ރަޙުމުކުޑަ ބަސްތަކަށް އޭނާ ހެނިފައިވާ ކަހަލައެވެ. ސީމާގެ ފަރާތުން ކޮންމެވެސް ވަރަކަށް އަނިޔާ ލިބެމުން ދިޔަނަމަވެސް ލައިލާ އެކަން ނާފިޒަށް ސިއްރުކުރަމުން ދިޔައީ ނާފިޒަށް އެކަން އެނގިއްޖެނަމަ ކަންތައް ގޯހުންގޯހަށް ހިނގައިދާނެތީއެވެ. މިވީ ދުވަސްތަކުގައި ނާފިޒު އޭނާދެކެ ވާލޯބި އޭނާއަށް ވަނީ ފެނި އިހުސާސް ކުރެވިފައެވެ. ނާފިޒުގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އޯގާތެރިކަމުގެ ސަބަބުން އޭނާއަށްވެސް ވަނީ ނާފިޒުދެކެ ލޯބި ވެވިފައެވެ. އޭނާ ވަނީ ނާފިޒަށް އެކަން ހާމަވެސް ކޮށްފައެވެ. އެ ދެމެދުގައިވާ ދުރުކަން މުޅިން ނެތިގެން ގޮސްފިއެވެ.

“ނާފިޒު.. އަދިވެސް ސީމާގެ ވާހަކަ ކިޔައިދޭކަށް ނުވޭތަ؟ މިހާރު އޭގެ ފަހުންވެސް ކިހާ ދުވަހެއް މިވަނީ..” ނިދަން އޮށޯވެފައި ލައިލާ ކެތްތެރިކަންކުޑަ ގޮތަކަށް އަހާލިއެވެ.

“އަހަރެން ހިތަށް އަރަނީ ލައިއަށް އެވާހަކަތައް އަޑުއަހަން ކެތްވާނެބާއޭ.. އެހެންވެ ހައްތާވެސް ލަސް މި ކުރެވެނީ..” ނާފިޒު އެހެން ބުނެލުމުން ލައިލާ ނާފިޒުގެ އަތުގައި އަތް ބާއްވާލަމުން ބޯޖަހާލީ އޭނާއަށް ކެތްކުރެވޭނެޔޭ ބުނާފަދަ ގޮތަކަށެވެ.

“ސީމާއަކީ ވަރަށް ރަޙުމުކުޑަ ނުބައި ނުލަފާ އަންހެނެއް.. އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތް މީހެއް.. އޭނައަށް ހުރިހާވެސް އެއްޗަކީ މުދަލާއި ފައިސާ.. އެޔަށްޓަކައި އޭނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ.. އެއީ މީހެއްގެ ފުރާނަ ދުއްވާލުންކަމަށް ވިޔަސް.. އޭގެ ހެއްކެއް ލައިގެ ބައްޕައަކީ..” ނާފިޒު ބުނި އެއްޗަކުން ލައިލާގެ ދެލޯ ބޮޑުވިއެވެ. ފުންމައިގެން އެނދުންވެސް ތެދުވެވުނެވެ.

“ތިބުނީ!؟ ތިބުނީ އަހަރެންގެ ބައްޕަގެ އެކްސިޑެންޓަކީ..”

“އެއީ އެކްސިޑެންޓެއް ނޫން.. އެއީ ހަމަ ސީދާ ލައިގެ ބައްޕަގެ ދުވަސް ދުއްވާލުމަށް އޭނަ ރޭވި ރޭވުމެއް.. އެކަމު އެމީހެއްގެ އަޖަލު ނުޖެހެނީސް ކިހިނެއް އެމީހަކު މަރާލާނީ؟ ލައިގެ ބައްޕަ ސަލާމަތްވީ މާތް ﷲގެ ރަޙުމަތްފުޅުން.. ފަހަރެއްގައި އެކަން އެގޮތަށްވީ ލައިއަށް ރަނގަޅު ގޮތެއް މެދުވެރިވާން ކަންނޭނގެ..” ނާފިޒު ދެއްކި ވާހަކަތަކުން ލައިލާގެ ހިތަކަށް ކެތެއް ނުކުރެވުނެވެ. އޭނާގެ ދެލޮލުން ކަރުނަތައް އޮހެން ފެށީ އިޒުނައަކާއި ނުލައެވެ. ނާފިޒުވެސް ލައިލާ ހުއްޓުވާކަށް ނޫޅެއެވެ. ލައިލާގެ ކައިރިއަށް ޖެހިލައި ލައިލާގެ ގައިގައި ބައްދާލައިގެން އިނީ ލައިލާއަށް އެވަގުތު ބޭނުންވާނީ އެފަދަ އޯގާތެރިކަމަކާއި އަޅާލުމަކަށްކަން އެނގޭތީއެވެ.

“ކިހިނެއް ނާފިޒަށް ތިކަން އެނގުނީ؟” ރުއިން ހުއްޓާލެވުމުން ނާފިޒަށް ބަލައިލަމުން ލައިލާ އަހާލިއެވެ.

“އަހަރެންނަށް އެކަން އެނގުނު ގޮތް ކިޔައިދެންތަ؟” ލައިލާ ބޯޖަހާލިއެވެ.

ނާފިޒު ގެއިން ބޭރަށް ނުކުތީ އޭނާގެ ރައްޓެއްސަކު ގުޅުމުން ކޮފީއަކަށް ދާށެވެ. އޭނާ އަވަސްއަރުވާލާފައި ގޭ ދޮރާށިން ނުކުތް ވަގުތު ސީމާ ކޮންމެވެސް ފިރިހެނަކާއި މާ ސިއްރުވެރިކޮށް ވާހަކަދައްކަން ހުރިތަން ފެނުމުން ދޮރާށިން ކުޑަކޮށް އެތެރެއަށް ޖެހިލައި މަޑުކޮށްލިއެވެ. ސީމާގެ އަތް ދަބަހުން ފައިސާ ބޮނޑިއެއް ދިންތަން ނާފިޒުގެ ލޮލުން ދުށްޓެވެ.

“ދެން ނާފިޒު މިކަން މިހާ ދުވަހު ސިއްރުކުރީ ކީއްވެ؟”

“އަހަރެން ކީކޭ ކިޔާފައި އެވާހަކަ ބުނާނީ؟ އަހަރެން އެވާހަކަ ބުނިއްޔާ އެއްވެސް މީހަކު އެވާހަކަ ޤަބޫލު ކުރާނެތަ؟ އެއްވެސް ހެއްކެއް ނެތި އަހަރެން އެކަހަލަ ވާހަކައެއް ދެއްކީމަ އަހަރެންނަށް ޔަޤީން ލައިވެސް ޤަބޫލެއް ނުކުރާނެ.. އޭރު އަހަރެން އެވާހަކަ ދެއްކިނަމަ.. މިހާރު އަހަރެން ޤަބޫލުކުރަނީ ލައި އަހަރެންނަށް އިތުބާރު ކުރެޔޭ.. އެހެންވެ މި ކިޔައިދިނީވެސް..” އެކަން ސިއްރުކުރި ސަބަބު ނާފިޒު ބުނެދިނެވެ.

“އަހަރެން ބައްޕައަށް މިވާހަކަ ކިޔައިދޭނަން.. އަހަރެން ބޭނުމެއް ނޫން ބައްޕަ މަރާލަން އުޅުނު މީހަކާ ބައްޕަ އިނދެގެން އުޅޭކަށް.. އަހަރެން ބަލާނަން ސީމާއަށް މިގެއިން ކިހާ ފައިސާއަކާއި ކިހާ މުދަލެއްތޯ ލިބެނީ..” ސީމާގެ މައްޗަށް ލައިލާގެ ހިތުގައި އުފެދިފައިވާ ނަފުރަތުގެ އަލިފާނަށް ދަރު އެޅިފަދައެވެ.

“ލައި.. ހަމަޖެހޭ.. އަދި އެވާހަކަ ބުނާކަށް ނުވޭ.. އަހަރެމެން ރަނގަޅު ވަގުތެއް ހޯދާފައި ބައްޕަ ކައިރީ މިވާހަކަ ދައްކާނީ.. ކުއްލިއަކަށް އަވަސްއަރުވާލައިގެން މިކަހަލަ ކަންކަން ނިންމީމަ ނަތީޖާ ނުކުންނާނީ ހީވެސް ނުކުރާހާ ގޯސްކޮށް..” ލައިލާގެ އަތުގައި ހިފަހައްޓަމުން ނާފިޒު ބެލީ ލައިލާއަށް ވިސްނައިދެވޭތޯއެވެ.

“ހަމަޖެހޭށޭ! ނާފިޒުގެ މީހަކަށް މީހަކު އެހެން ކަންތައް ކުރިނަމަ ނާފިޒު ހަމަޖެހިލައިގެން ހުންނާނީތަ؟” ނާފިޒުގެ އަތް ފޮޅުވާލަމުން ލައިލާ އެނދުން ތެދުވިއެވެ.

“އަހަރެން މިހެން މިބުނީ ލައިއަށްވެސް އަދި ބައްޕައަށްވެސް ރަނގަޅަކަށް.. ކުއްލިއަކަށް މިކަހަލަ ވާހަކައެއް ދެއްކީމަ ބައްޕައަށް ވަރަށް ބޮޑު ޝޮކެއް ލިބޭނީ.. ލައި ބޭނުންތަ ބައްޕައަށް ދެރަގޮތެއް ވާން؟” ނާފިޒު ނިކަން ފަސޭހައިން ލައިލާގެ ސިކުނޑިއާއި ކުޅެލިއެވެ. ނާފިޒުގެ ބަސްއަހައިގެން ލައިލާ އެނދުގައި އޮށޯތް ނަމަވެސް އޭނާއަކަށް ނުނިދުނެވެ. ނާފިޒުވެސް އޭނާގެ ގާތުގައި ހޭލައި އިނީ ލައިލާ އަތުންފައިން ގޯހެއް ހަދާފާނެތީއެވެ.

*****

“އަހަރެން މިއުޅެނީ ހުޅުމާލެއަށް ގޮސްލަންވެގެން.. އަހަރެންގެ ރައްޓެހިންތަކަކާ އެކީގައި.. ލަޔާންވެސް ގޮވައިގެން ދާނީ.. އެކޮޅުގައި ދެދުވަހު މަޑުކޮށްލާފައި އަންނާނީ.. އަހަރެންނަށް ރުފިޔާކޮޅެއް ދީބަލަ..” ސީމާގެ އެދުމެއް އޮތީތީ އޭނާ ޒާހިރުއާ ވާހަކަދެއްކީ ވަރަށް މަޑުމައިތިރިކޮށެވެ.

“މިހާރު ސީމާގެ އެކައުންޓުން ފައިސާ ހުސްވީ؟ ގައިމު ކޮންމެ މަހަކު ހަހާސް ރުފިޔާ ޖަމާވާނެ..” ކުށްވެރިއެއް ފަދައިން ސީމާ އިސްޖަހާލިއެވެ.

“ސީމާވެސް ކޮންމެވެސް ވަރަކަށް ޚަރަދަށް ބަލައިލަން ވެއްޖެއެއްނު.. އަހަރެންނަކީ މިހާރު މާބޮޑު މަސައްކަތްތަކެއް ކުރެވޭ މީހެއް ނޫން.. މިއަދު ނިޒާމް ނެތްނަމަ އަހަރެމެން މިހެންވެސް އުޅޭނީ ކިހިނެއް؟ އޭނަގެ ތެދުވެރިކަމުގެ ސަބަބުން އަހަރެންގެ އޮފީސް އެހާ ރަނގަޅަށް ބަލަހައްޓައިދޭތީ އަހަރެމެންނަށް މިހެން މި އުޅެވެނީ..” ޒާހިރު ހިތްހަމަނުޖެހުނު ނަމަވެސް އޭނާ ވާހަކަދެއްކީ މަޑުންނެވެ. އޭނާ ފޯނުން ސީމާއަށް ހަހާސް ރުފިޔާ ޓްރާންސްފާ ކޮށްލިއެވެ. އަދި އެއިން މި މަސްދުވަހު ފުއްދަން ޖެހޭނެކަމުގައި ބުންޏެވެ. ދަނީކަމުގައި ބުނަމުން ސީމާ ކޮޓަރިން ނުކުންނަން ހިނގައިގަތީ ހިތާހިތުން ކުދިކިޔަމުން ޒާހިރަށް މަލާމާތް ކުރަމުންނެވެ.
ސީމާ ދިޔުމުން ޒާހިރު ފޯނު ނަގައި އޭނާގެ އެކައުންޓުގައި ފައިސާ ހުރިވަރެއް ބަލައިލިއެވެ. އޭނާގެ އެކައުންޓުގައި ފައިސާ ހުންނަންވާ ވަރަށްވުރެ ދިހަ ވަރަކަށް ހާސް ރުފިޔާ މަދުކަން ފާހަގަވުމުން އޭނާ ހައިރާންވިއެވެ. ހަމަ ޔަޤީނުންވެސް އޭނާ އެއިން ފައިސާއެއް މީހަކަށް ނުދެއެވެ. ސީމާގެ އެކައުންޓަށް ކޮންމެ މަހަކު ހަހާސް ރުފިޔާ ޖަމާކުރަމުން ދިޔައީ އޭނާގެ އެކައުންޓުންނެވެ. އޭނާގެ ކޭޝް ކާޑުގެ ޕިން ނަންބަރު އެނގޭނީ އޭނާގެ އިތުރުން ސީމާއަށެވެ. ސީމާއަށް އެކައުންޓެއް ހުޅުވައިދިނުމުގެ ކުރިން ސީމާވެސް ބޭނުންކުރަމުން ދިޔައީ ޒާހިރުގެ އެކައުންޓެވެ. ނަމަވެސް ސީމާއަށް އެކައުންޓެއް ހުޅުވައިދިން ފަހުން އޭނާ އެ އެކައުންޓު ބޭނުމެއް ނުކުރެއެވެ. އަދި ބޭނުންކުރި ނަމަވެސް ސީމާއަކަށްވެސް އޭނާއަށް ނޭނގި އޭނާގެ އެކައުންޓަކުން ފައިސާއެއް ނުނެގޭނެއެވެ. ވީއިރު އޭނާގެ އެކައުންޓުން ރުފިޔާ މަދުވީ ކިހިނެއްކަމާއިމެދު ސުވާލު އުފެދުނެވެ. ސީމާގެ އުޅުން ނުބައިވީ ނަމަވެސް ވައްކަމެއް ކޮށްފާނެކަމަކަށް ޒާހިރަށް ޝައްކު ކުރެވިފައެއް ނުވެއެވެ. ނަމަވެސް ފުރަތަމަ ފަހަރަށް ސީމާއާއިމެދު އެފަދަ ޝައްކެއް އޭނާއަށް ވެއްޖެއެވެ.

ދެދުވަހަށްފަހު ސީމާ އެނބުރި ގެއަށް އައިއިރު ޒާހިރު ހުރީ ވަރަށް ވިސްނައިގެންނެވެ. ސީމާގެ ގާތުގައި ސުވާލުކޮށްގެން އެދެވޭ ޖަވާބެއް ނުލިބޭނެކަން ޔަޤީނެވެ. އެހެންކަމުން އެ ބޭކާރު މަސައްކަތް ކުރުމުގެ ޚިޔާލެއް އޭނާގެ ނެތެވެ. ސީމާއަށް ފާރަލާން އޭނާ ނިންމިއެވެ. ސީމާއަކީ ގިނަ ވަގުތު ފޯނުގައި ހޭދަކުރާ މީހެކެވެ. އެފަދަ ފޯނު ކޯލުތަކުގައި އޭނާ ވަރަށް ސިއްރު ވާހަކަތައް ދައްކާކަން ޒާހިރަށް އެނގެއެވެ. ބައެއްފަހަރު އޭނާއަށް އެފަދަ ވާހަކަތައް އަޑުއިވިފައިވެސް އެބަހުއްޓެވެ. ނަމަވެސް އޭނާ އެ ވާހަކަތައް އަޑުއިވުނު ކަމަކަށް ނުހަދައެވެ.

ޒާހިރުގެ ނަސީބު އަތުގައި ހިފީ ދާދި އަވަހަށެވެ. އޭނާ ނިދާފައި އޮއްވައި ހޭލެވުނީ ސީމާގެ ފޯނު ރިންގުވީ އަޑަށެވެ. މަޑުމަޑުން ދެލޯ ހުޅުވާލި ވަގުތު ސީމާ ފޯނު ކަނޑާލިއެވެ. ދެތިން ފަހަރު ގުޅިފަހުން ސީމާ ފޯނު ނެގިއެވެ. ޒާހިރު އޮތީ ދެލޯ މަރައިގެން ސީމާ ދައްކާ ވާހަކައެއް އަޑުއަހަން ސަމާލުވެގެންނެވެ.

“އޭތް.. ކީއްކުރަން މިގަޑީގައި ތި ގުޅީ؟ ޒާހިރު ފޯނު ނެގިނަމަޔޯ؟” ސީމާ ވާހަކަދެއްކީ މަޑުމަޑުން ނަމަވެސް ޒާހިރަށް އެއަޑު ހަމަ ރީއްޗަށް އިވުނެވެ.

“އަހަރެން ބުނީމެއްނު އަހަރެންނަކަށް ދެން ކަލޭއަކަށް ފައިސާއެއް ނުދެވޭނެޔޭ.. އަހަރެންގެ އަތަކު ނެތޭ.. ކުރީ ފަހަރުވެސް ނިކަން މަސައްކަތުން ޒާހިރަށް ނޭނގި އޭނަގެ އެކައުންޓުން ފައިސާ ނެގުނީ.. އަހަރެން އެކަން ކުރަންޏާ ޖެހޭނީ އޭނަ ނިދާފަ އޮއްވާ ފޯނު ނަގައިގެން އޭޓީއެމްއަށްވެސް ދާން.. ކަލޭއަށް އަހަރެން އިތުރަށް ދޭން ޖެހޭނެ ފައިސާއެއް ނޯންނާނެ.. ކަލޭ ކީ އެއްލައްކަ ރުފިޔާއެއްނު.. އެކަމު ކަލޭއަށް މަސައްކަތް ފުރިހަމައެއް ނުކުރެވުނު.. އެވަރުންވެސް މިވީ ދުވަސްތަކުގައި ކަލޭ ކިތައް ލައްކަ ރުފިޔާ އަހަރެން އަތުން ހޯދާނީ.. އިތުރަށް އަހަރެން އެންމެ ރުފިޔާއެއްވެސް ކަލޭއަކަށް ނުދޭނަން..” ސީމާ ދައްކަމުންދިޔަ ވާހަކަ އަޑުއިވުމުން ޒާހިރަށް ހައިރާންކަމެއް ލިބުނެވެ. ސީމާ އެހާވަރުން އެ ފައިސާ ދެނީ ކާކަށްބާވައެވެ. ކީއްވެބާވައެވެ.

“ކަލޭއަށް ކޮން ހެއްކެއް ދެއްކޭނީ؟ ކަލޭ ދިހަ ބާރަ އަހަރު ފަހުން އައިސް ޒާހިރު އެކްސިޑެންޓު ކޮށްލީ ސީމާގެ ރޭވުމަކުންނޭ ބުނިއްޔާ ކާކު އެވާހަކަ ޤަބޫލުކުރާނީ؟ ކަލޯ! ތިއުޅެނީ އަމިއްލައަށް ގޮޅިއަށް ވަންނަންވެގެން.. ކަލޭ ކޮންމެ އެއްޗެކޭ ކިޔަސް ޒާހިރު ކަލޭ ދައްކާ ވާހަކަ ޤަބޫލެއް ނުކުރާނެ.. އޭނަ ޤަބޫލުކުރާނީ އަހަރެންގެ ވާހަކަ.. ކަލޭއަށް ދެއްކޭނެ ހެއްކެއް ނެތްއިރު ބޭކާރު އަނގަ ނުތަޅާ.. މީގެފަހުން އަހަރެންނަށް ނުގުޅާތި!” އަމުރުވެރި ރާގަކަށް އެހެން ބުނެލުމަށްފަހު އެނދާއި ދިމާއަށް އެނބުރިލި ވަގުތު އޭނާއާއި ދިމާއަށް ބަލަން އިން ޒާހިރު ފެނުމުން އޭނާގެ މެޔަށް ފިނިވެގެން ދިޔައެވެ. ޒާހިރުގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ޒާހިރުގެ މޫނުމަތިން ފެންނަމުންދިޔަ ރުޅިވެރިކަމުންވެސް އޭނާއަށް ހުރިހާ ކަމެއް އެނގިއްޖެކަން ސީމާއަށް އެނގުނެވެ.

“ޒާހިރު.. އަހަރެން..”

“ޚަބަރުދާރު! ކަލޭގެ ތި ދުލުން އަހަރެންގެ ނަންވެސް ކިޔައިގެން ނުވާނެ! އިތުރު ވާހަކައެއް ދައްކާކަށްވެސް އަދި އަޑުއަހާކަށްވެސް ބޭނުމެއް ނޫން.. ތިހިރީ ވަރިކޮށްފަ.. ހަމަ މިހާރު އަހަރެންގެ ކުރިމަތިން ދުރަށްދޭ!” ޒާހިރު ހަޅޭއްލަވައިގަތެވެ. ސީމާ އޭނާއާއި ދިމާއަށް އަންނަން ފެށުމުން ޒާހިރު އަތުގެ އިޝާރާތުން މަޑުކުރުމަށް ބުނެ ކޮޓަރި ދޮރާއި ދިމާއަށް އިޝާރާތްކުރީ އަމުރުވެރިކަމާއި އެކުގައެވެ. އިސްޖަހާލަމުން ސީމާ ކޮޓަރިން ނުކުންނަން ހިނގައިގަތީ އޭނާ ނިކަމެތިވާނެވަރު ހިތަށް އެރުމުންނެވެ.

“އަދި މަޑުކުރޭ! މާދަމާ މެންދުރުވުމުގެ ކުރިން ކަލޭ މިގެއިން ނުކުންނަން ޖެހޭނެ! ލާން ގެންގުޅޭ އަންނައުނު ފިޔަވައި އެއްވެސް އެއްޗެއް ގެންގޮސްގެން ނުވާނެ! އަޑުއިވިއްޖެ؟ ދެން ދާންއުޅޭ!” ހަރުކަށިކަމާއެކު އެހެން ބުނެލިނަމަވެސް އޭނާގެ ހިތުގައި ރިހުމެއް ވިއެވެ. ދިހަ ބާރަ އަހަރު ކައިވެނިކޮށްގެން އުޅުނު އަނބިމީހާއަކީ ނުބައި މީހެއް ނަމަވެސް މުދަލާއި ފައިސާއާއި ހެދި ނުބައިކަމުގައި ހައްދުފަހަނަ އަޅާފައިވާ މީހެއް ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. ނަމަވެސް މި އެނގުނު ޙަޤީޤަތުން އޭނާ އެންމެ ސިކުންތަކުވެސް ސީމާ އޭނާގެ އަނތްބެއްގެ މަޤާމުގައި ބަހައްޓާކަށް ބޭނުމެއް ނުވިއެވެ. ސީމާ ވަރިކޮށްލިޔަސް އޭނާގެ ހަގު ދަރިފުޅު ލަޔާންއާއިމެދު ވިސްނާލެވުމުން ދެރަވިއެވެ. ނަމަވެސް އެފަދަ ނުބައި މައެއްގެ ފަރާތުން އެ ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ނުލިބޭނެކަން ޒާހިރަށް ޔަޤީނެވެ.

ފަތިސް ނަމާދަށް ހޭލެވުނު ލަޔާންއަށް އެނދުން ތެދުވެވުނީ ފަނަރަ ވަރަކަށް މިނެޓު ވަންދެން އެނދުމަތީ ފުރޮޅެން އޮތުމަށްފަހުއެވެ. އެއަށްފަހު މޯޅިއަކަށް ދެމިލަމުން ދެލޯ އުނގުޅާލާފައި ތެދުވިއެވެ. ކޮޓަރީގައިވާ ނިދާބޮކި އަނދާފައި ހުރިކަން އޭނާ ހަނދާންވީވެސް ކޮޓަރިތެރޭގައި އެއްވެސް އަލިކަމެއް ނެތުމުންނެވެ. ޕިސްޕިސް ޖަހާލާފައި އެނދުން ފައިބައިގެން ފާޚާނާއަށް ވަންނަން ދަނިކޮށް އެއްޗެއްގައި އަޅައިގެންފައި އަނގަވަތަށް ވެއްޓުނެވެ. ވެއްޓި ޖެހުނު ގޮތުން އަތާއި ފަޔަށްވެސް ތަދުވިއެވެ. ތެދުވަން އުޅުނު ވަގުތު އޭނާގެ އަތުގައި ތެތް އެއްޗެއް ޖެހުނުކަން އިހުސާސްވިއެވެ. ކޮޓަރިތެރެއަށް ފެން އެޅެންވީ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. ދެއަތަށް ބޯ ހޫރާލާފައި މޫނު ފޮހެމުން އޭނާ ގޮސް ފާޚާނާއަށް ވަނީ ފެންވަރައިގެން ނަމާދަށް ދާށެވެ. ފާޚާނާއަށް ވަދެ މޫނުބަލާ ލޯގަނޑު ކައިރިއަށް ހުއްޓިލި ވަގުތު މޫނުގައި ހުރި ލޭ ފެނިފައި ލަޔާންއަށް ހާސްކަމެއް ލިބުނެވެ. މޫނު ދޮވެލުމުން މޫނުގައި ހޭކުނު ލޭތައް ދޮވެވުމުން އެއީ ކޮޓަރި ތެރެއިން ހޭކުނު އެއްޗެއްކަން އޭނާއަށް ޔަޤީންވިއެވެ.

ދުއްވާފައި ކޮޓަރިއަށް ނުކުތްއިރު ފާޚާނާގެ އަލިން ކޮޓަރިތެރެއަށް ކޮންމެވެސް ވަރަކަށް އަލިވެފައިވެއެވެ. އެވަގުތު އެނދުގެ އެއްފަރާތުން ހުރަސްވާ ކަހަލަ ގޮތަކަށް މީހަކު ވެއްޓިފައި އޮތްތަން ފެނުނެވެ. އޭނާ އަވަހަށް ކޮޓަރީގެ ހޮޅިބުރި ދިއްލާލިއެވެ. އެވަގުތު ކޮޓަރިތެރޭގައި ވެއްޓިފައި އޮތް ސީމާ ފެނުމުން އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަނެވުނެވެ. ސީމާގެ ވައަތުގެ ކުޑަހުޅު ކައިރިން މައިނާރު ބުރިކޮށްލާފައި ވާއިރު އޭނާގެ ގައިދަށުގައި ވަނީ ލޭގެ ކޯރެއް ހެދިފައެވެ. ކަނާއަތުގައި ވަޅިއެއް އޮތްއިރު އޭނާ އޮތްގޮތުންވެސް އޭނާ މަރުވި ފަހުން މާގިނައިރެއް ނުވާކަން އެނގެއެވެ. މަންމަ އެފަދަ ގޮތަކަށް މަރުވާންވީ ކީއްވެބާވައޭ އެވަގުތު ހިތަށް އެރި ނަމަވެސް އޭނާ އަވަސްވެގަތީ އެ ޚަބަރު ބައްޕައަށް ދޭށެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ގޭތެރޭގައި ހަލަބޮލިކަން ފެތުރިގެން ދިޔައިރު ފުލުހުންނަށްވެސް އެކަން އަންގައިފިއެވެ. ފުލުހުންގެ ޓީމެއް އައިސް އެ ކޮޓަރިތެރެ ބަލައި ފާސްކުރިއިރު މޭޒުމަތީ ލިޔެފައި އޮތް ނޯޓެއް އޮތެވެ. އޭގައި ވަނީ ސީމާ އަމިއްލައަށް މަރުވި ސަބަބު ވަރަށް ތަފްސީލުކޮށް ލިޔެފައެވެ. އޭނާ ޒާހިރުގެ ދުވަސް ދުއްވާލަން މަސައްކަތް ކުރިކަމާއި، މުދަލާއި ފައިސާގެ ދަޅައަށް ހެއްލިގެން ލައިލާ އެގެއިން ނެރެލުމަށް އޭނާ މީހަކާ ދެވިކަމަށް ލިޔެފައިވެއެވެ. އަދި ޒާހިރަށް ޙަޤީޤަތް ފަޅާއަރައި އޭނާ ވަރިކުރުމުން އޭނާގެ ރަޙުމަތްތެރިންގެ ފަރާތުން ކުރިމަތިވާނެ މަލާމާތާއި ކުރިއަށް އޮތްތާނގައި އޭނާ އުޅެން ޖެހޭނެ ނިކަމެތި ދިރިއުޅުން ދެކެން ބޭނުން ނުވާތީކަމަށް ލިޔެފައިވެއެވެ. އަދި ޒާހިރާއި ލައިލާއަށް ވެގެންވާނަމަ އޭނާއަށް މާފުކޮށްދިނުމަށާއި ލަޔާން ރަނގަޅަށް ބަލައިދިނުމަށް އެދިފައިވެއެވެ.

ޒާހިރު ސީމާދެކެ ރުޅިއައިސްގެން ވަރިކުރި ނަމަވެސް ސީމާ އެފަދައިން ކަންތައް ކޮށްފާނެ ކަމަކަށް އޭނާ ހިތަކަށްވެސް ނާރައެވެ. ތައުބާވެ ކުށަށް ޢަފޫ ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި އޭނާ ޚިޔާރުކުރީ އެންމެ ނުބައި މަގެވެ. ސީމާއަށް ދެދުނިޔެވެސް ގެއްލުނީއެވެ. ޒާހިރާއި ލައިލާގެ މަޢާފު ލިބުނުނަމަވެސް އެއިން ސީމާއަށް ދެން ކުރާނީ ކޮން ފައިދާއެއްހޭ ޒާހިރުގެ ހިތަށް އެރިއެވެ. ސީމާ ވަރިކުރި ނަމަވެސް އޭނާ ތައުބާވެ މަޢާފަށް އެދުނުނަމަ ޒާހިރު ހުރީ އޭނާއަށް މަޢާފުކުރަން ތައްޔާރަށެވެ. އޭނާގެ ދިރިއުޅުމަށް އެނބުރި ނުގެނަޔަސްވެހެވެ. ނަމަވެސް ތައުބާވެ އިސްލާޙުވުމުގެ ބަދަލުގައި ކުފުރު މަރަކުން މަރުވީތީވެސް އޭނާގެ މަޢާފެއް ސީމާއަކަށް ނެތެވެ.

ހަފުތާއެއް ވޭތުވެ ދިޔައިރު މަޑުމަޑުން ގޭތެރެ ހަމައަކަށް އެޅެން ފަށައިފިއެވެ. ލަޔާންވެސް މަޑުމަޑުން ހަމައަކަށް އެޅެމުން ދިޔައެވެ. ނާފިޒު ލައިލާއާއި ޒާހިރު އަދި ލަޔާން ގޮވައިގެން އޭނާގެ ރަށަށް ދާން އެވާހަކަ ދެއްކީ މާހައުލު ބަދަލުވުމުންވެސް ހިތަށް ހަމަޖެހުމެއް ލިބިދާނެކަމަށް ޤަބޫލު ކުރެވުމުންނެވެ. ސްކޫލުގެ ކިޔެވުން ބަންދު ދުވަސްވަރަކަށް ވުމުން ޒާހިރުވެސް އެކަމަކާ ދެކޮޅެއް ނުހަދައެވެ. އެހެންކަމުން އެމީހުން ނާފިޒުގެ ރަށްކަމަށްވާ ތުލުސްދޫއަށް ދާން ތައްޔާރުވިއެވެ.

“ނާފިޒު.. މަންމަ އަނެއްކާ އަހަރެން ޤަބޫލުކުރާނެތަ؟” ނާފިޒުގެ މަންމައާއި އަލަށް ބައްދަލުވާތީ ލައިލާ އިނީ ފިނިވެފައެވެ. އެ ކައިވެންޏާއި ދޭތެރޭ ނާފިޒުގެ މަންމަ ޤަބޫލު ނޫންކަން އޭނާއަށް ނާފިޒުގެ ފުށުން އެނގިފައިވާތީއެވެ.

“އިރާދަކުރެއްވިއްޔާ މިހާރު މަންމަގެ ޚިޔާލު ބަދަލުވެފައި ހުންނާނީ.. މަންމަ ލައި ބަލައިގަންނާނެ..” ނާފިޒުވެސް ހުރީ ދެ ފިކުރެއްގައެވެ. ނަމަވެސް އޭނާއަށް ބޮޑަށް ބުރަވެވެނީ މަންމަގެ ޚިޔާލު ބަދަލުވެދާނެ ކަމަށެވެ.

ދެދުވަސް ފަހުން ނާފިޒު ލައިލާގެ އާއިލާއާއިއެކު ތުލުސްދޫއަށް ދިޔައެވެ. އޭނާ އަތިރިމަތިން ދިޔަ ކުޑަ ޕިކަޕެއް ހުއްޓުވައިގެން އޭގައި އޭނާގެ ގެއަށް މިސްރާބު ޖެހިއެވެ. ގޭ ކައިރިއަށް ޕިކަޕު މަޑުކޮށްލިއިރު އޭނާގެ ހިތް އަވަސްވެފައިވެއެވެ. އޭނާގެ މަންމަ މަދީހާއަށް އޭނާ ފެނުމުން ޢަމަލުކުރާނެ ގޮތެއް ނޭނގޭތީއެވެ.

އާދައިގެ ގޮތަކަށް ހަދާފައިވާ އެގެއަށް އިޝާރާތްކޮށްލަމުން މީ ތިމަންނަގެ ގެޔޭ ނާފިޒު ބުނެލިއެވެ. ލައިލާގެ ކުޑަ އާއިލާ ގޮވައިގެން ނާފިޒު އެތެރެއަށް ވަތްއިރު ގޭތެރޭގައިވާ ހިމޭންކަމުން އޭނާއަށް އުނދަގޫވިއެވެ. ދެފަހަރަކު އޭނާގެ މަންމައަށް ގޮވާލުމުންވެސް އެއްވެސް ޚަބަރެއް ނުވުމުން އޭނާ އެތެރެއަށް ވަންނާށޭ ބުނެ އެމީހުން އެތެރެއަށް ވެއްދިއެވެ. ގޭގެ ބިއްދޮށް ފަރާތަށް ނާފިޒު ދިޔައީ އެބަ އަންނަމޭ ބުނެފައެވެ. ނާފިޒު ދިޔަތާ އިރުކޮޅެއް ފަހުން ގޭތެރެއަށް ވަދެގެން އައީ މެދު އުމުރުގެ އަންހެނެކެވެ. ހީވާގޮތުން އެއީ ނާފިޒުގެ މަންމަ މަދީހާއެވެ. ގޭތެރެއަށް ނުދަންނަ ބަޔަކު ވަދެ ތިބީތީ އޭނާ އިނީ ހައިރާންވެގެން ގޮސް ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

“ތީ ކޮން ބައެއް؟ ކޮން ބޭނުމަކު އައި ބައެއް؟” ހައިރާންވެފައި މަދީހާއަށް އަހާލެވުނެވެ.

“މަންމާ!” ބިއްދޮށް ފަރާތުން ގޭތެރެއަށް ވަދެގެން އައި ނާފިޒުގެ އަޑަށް މަދީހާ އެނބުރިލިއެވެ. އޭނާގެ ދެލޮލުން ކަރުނަތައް އޮހިގަތީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. އޭނާއަށް ނާފިޒުގެ ގައިގައި އޮޅުލައިގަނެވުނެވެ. ދުވަސްތަކަކަށްފަހު އޭނާގެ ދަރިފުޅު ފެނުމުން އެތައް ޝަކުވާއެއް ކުރިއެވެ. ދިޔަފަހުން އޭނާގެ ޚަބަރެއް ނުބެލީތީއެވެ. އޭނާ ދެކެލަން ނައީތީއެވެ. ނާފިޒުގެ ލޮލުންވެސް އުފާވެރިކަމުގެ ކަރުނަ ފައިބަ ފައިބާ ހުއްޓެވެ. އޭނާ އެއްވެސް އެއްޗެކޭ ނުބުނެ ހުރީ މަދީހާގެ ޝަކުވާތަކަށް ފުރުސަތު ދީގެންނެވެ. ނަމަވެސް ނާފިޒު އޭނާ އަބަދުވެސް މަދީހާގެ ޙާލު ބަލާކަމާއި އޭނާގެ އެކުވެރިން ލައްވައި މަދީހާއަށް އެހީވަމުން އައިކަން ހާމަކުރުމުން މަދީހާގެ ހިތުގައިވާ ޝަކުވާތައް އެކީ ފިލައިގެން ދިޔައެވެ. އެ ދެމައިންނަށް ބަލަން ތިބި ޒާހިރުގެ ތިން ބަފައިންގެ ލޮލުންވެސް ކަރުނަ ހިލުނެވެ.

މަދީހާ އޭނާއަށް ކުރެވުނު ކުށަށް މާފަށް އެދުނެވެ. ދަރިފުޅުގެ ކައިވެނި ވަކި މީހަކާއި ކުރަން މަޖުބޫރުކޮށް އެކަން ނުކުރީތީ ދަރިފުޅާއި ގުޅުން ކަނޑާލެވުނީތީއެވެ. އަދި ލައިލާއަކީ އޭނާގެ ޅީދަރިއެއް ކަމަށް ނުބަލައި އަމިއްލަ ދަރިއެއްގެ ގޮތުގައި ޤަބޫލުކުރިއެވެ. އަދި ލަޔާންއަށްވެސް އޭނާ ކަންތައް ކުރީ ހަމަ ދަރިއަކާއިމެދު މަންމައަކު ކަންތައް ކުރާނެ ފަދައިންނެވެ. ދެ ހަފުތާ ވަންދެން ތުލުސްދޫގައި ތިބެފައި ނާފިޒު އެނބުރި މާލެ ދިޔައީ އޭނާގެ މަންމަވެސް ގޮވައިގެންނެވެ. އޭނާގެ ދިރިއުޅުން މާލޭގައި ހަމަޖެހިފައިވުމުން ރަށުގައި ނުހުރެވޭނެކަމާއި މަންމަ އެކަނި ދޫކޮށްލާފައި އޭނާއަށް ގޮސް ނުހުރެވޭނެކަމަށް ބުނުމުން މަދީހާވެސް މާލެ ދާން އެއްބަސްވީ ނާފިޒުގެ އުފަލަށެވެ.

ލައިލާއާއި ނާފިޒުގެ ކައިވެންޏަށް ދެ އަހަރު ވީއިރު ލައިލާ އިނީ އެމީހުންގެ އަލަތު ދަރިފުޅަށް ބަލިވެއެވެ. އޭނާގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. އޭނާއަށް ލިބެމުންދާ މިނެއް ނެތް ލޯތްބާއި އަޅާލުމުގެ ސަބަބުން އޭނާގެ ހިތް ފުރި ބަންޑުންވާވަރުވެއެވެ. ލަޔާންގެ މޫނުމަތިންވެސް ފެންނަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. ނަމަވެސް އޭނާ ބައެއް ފަހަރު މަންމަ ނެތުމުގެ ހިތާމަ ކުރާތަން ޒާހިރަށް ފެނެއެވެ. އެކަން އެގޮތަށް އެ ދިމާވީ ސީމާ ދުނިޔެ ދޫކުރި ގޮތުންކަމުގައި އޭނާއަށް ޤަބޫލުކުރެވެއެވެ. ލަޔާންގެ އެ ހިތާމަ ކުޑަކޮށްދޭން ބޭނުންވިޔަސް ލައިލާއަށް ދިމާވިގޮތުން އޭނާ ލަޔާންއަށް ދޮންމަންމައެއް ހޯދައިދޭން ފަސްޖެހުނެވެ.

ލައިލާގެ ބަނޑަށް ދުވަސް ފުރި ލޯބިލޯބި އަންހެންކުއްޖެއް ވިހައިފިއެވެ. ލައިލާއާއި ނާފިޒުގެ މޫނުމަތިން ނުފިލާ ހިނިތުންވުމެއް ވާތަން ފެނި ޒާހިރާއި މަދީހާގެ ހިތް ވަނީ އުފަލުން ފުރިފައެވެ. އަލަތު ކާފަ ދަރިފުޅުގެ ސަބަބުން މުޅި ގޭތެރެއަށް ވަނީ ބަހާރު މޫސުމުގެ އުފާވެރިކަން ވެރިވެފައެވެ. ލަޔާން އަބަދު ކަހަލަ ގޮތަކަށް އިންނަނީ ލައިލާގެ ކޮޓަރީގައި އެ ތުއްތު ތުއްތު ލުޔޫންގެ ގާތުގައެވެ. އޭނާގެ ނަމާއި ގުޅުވާފައި ނަން ކިޔުމުންވެސް އޭނާ ހުންނަނީ ނިކަން އުފަލުންނެވެ. ލަޔާން އަބަދުހެން އެ ކޮޓަރީގައި އިންނާތީ ނާފިޒު ހުންނަނީ ލައިލާއާއެކު އެކަނިވެލާނެ ވަގުތުކޮޅެއް ނުލިބިފައެވެ. އެކަން ދެނެގަތީ ޒާހިރެވެ. އޭނާ ލަޔާން އެ ކޮޓަރިން ނެރުނީ އޭނާއަށް ކޮންމެވެސް ކަމެއް ކޮށްދޭން އާދެބަލާށޭ ބުނެއެވެ. ލަޔާންވެސް ދެބަހެއް ނެތި ޒާހިރު އެދުނު ކަންތައް ކޮށްދޭން ދިޔައެވެ. ދަނޑިވަޅުގެ ބޭނުން ހިފައި ނާފިޒު ގޮސް ކޮޓަރި ތަޅުލިއެވެ. އޭރު ލުޔޫންއަށްވެސް އޮތީ ނިދިފައެވެ.

“އެސޮރުވެސް ހީވަނީ އަހަރެން ލައިލާއާއި ގާތްވެދާނެތީ އުޅޭހެން.. އަބަދު އައިސް ކައިރީ ވިއްދާލާފަ..” ސަމާސާ ރާގަކަށް ނާފިޒު އެހެން ބުނެލުމުން ލައިލާ ގާތަށްވެސް ހިނިއައެވެ.

“އެހެންނު ވާނީ.. އަދި ކިރިޔާ ލަޔާން މުޅިން އެ ހަމައަކަށް އެޅުނީ.. އެކަމު މިހާރުވެސް އޭނަ މަންމަ މަތިން ހަނދާންވެގެން ރޯތީ އަހަރެން ދެކެން.. އެހެންވެ ކަންނޭނގެ އަބަދު އައިސް މިތާ އެ އުޅެނީ.. އަދި މިމަންޖެވެސް ލަޔާންއާ ނިކަން ގުޅެޔޭ..”

“ނަމުން ގުޅޭތީވެސް އެހެން ވާނެ ދޯ.. ހެހެ..” ނާފިޒު އެހެން ބުނެލުމުން ލައިލާ ނާފިޒުގެ ކޮނޑުގައި ޖަހާލީ ހީލަމުންނެވެ.

“ދީބަލަ..” ނާފިޒު ލޮލުން އިޝާރާތެއް ކޮށްލުމުން ލައިލާ ދެލޯ ބޮޑުކޮށްލަމުން ކުޑަ އެނދަށް ބަލައިލިއެވެ.

“ހޫން.. ހާދަ ކެތްމަދޭ..”

“އެހެންނު ވާނީ.. ކިހާ ދުވަހެއް މިވަނީ..” ނާފިޒު އެހެން ބުނެލަމުން ގޮސް ކޮޓަރީގެ ހޮޅިބުރި ނިވާލަމުން ނިދާބޮކި ދިއްލާލިއެވެ. އެއަށްފަހު ލައިގެން ހުރި ގަމީސް ބާލަމުން އައިސް އެނދާއި ދިމާއަށް ތިރިވިއެވެ. ލައިލާއަށްވެސް ނާފިޒުގެ ބީހުންތަކަކަށް ފުރަގަހެއް ނުދެވުނެވެ.

(ނިމުނީ)

70

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

You may also like...

18 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
    1. taetae!! Vaahaka nimunee-ey.. Dhen anekkaaves aa vaahakaeh.. Seedhaa dhuvaheh bunaakah neynge

Leave a Reply

Your email address will not be published.