ލައިލާއަކީ މުއްސަނދި އާއިލާއެއްގައި ހުރި ހަމައެކަނި ދަރިއެވެ. އޭނާގެ އުމުރުން އަށް އަހަރުގައި އޭނާގެ މަންމަ ވަނީ ނިޔާވެފައެވެ. އޭނާގެ މަންމަ ނިޔާވުމާއެކު އޭނާއަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ. އެ ހިތާމައިގައި އޭނާ އިންނަތަން ދެކެން އޭނާގެ ބައްޕަ ޒާހިރަކަށް ކެތެއް ނުވިއެވެ. މަންމަގެ ލޯތްބަށް އެދި ފެންބޮވައިގެންފައިވާ ލައިލާއަށް މައެއްގެ ލޯބި ހޯދައިދިނުމަށްޓަކައި ޒާހިރު އިތުރު ކައިވެންޏެއް ކުރިއެވެ. ސީމާއާއި އިނދެގެން ގެއަށް ގެނައުމާއެކު ސީމާގެ ފަރާތުން ލައިލާއަށް އިންތިހާއަށް ލޯބި ދިނެވެ. މައެއްގެ ފަރާތުން ލޯބި ދެވޭނެ އެންމެ މަތީ ދަރަޖައަށެވެ.

ޒާހިރުއާއި ސީމާގެ ކައިވެންޏަށް އަށް އަހަރު ވީއިރުވެސް ޒާހިރު ކުއްޖަކު ހޯދާކަށް މަސައްކަތެއް ނުކުރެއެވެ. ދަރިއަކު ލިބޭ ހިސާބުން ސީމާ ލައިލާދެކެ ވާ ލޯތްބަށް ބަދަލެއް އައިސްދާނެތީއެވެ. ލައިލާއަކީ ޒާހިރުގެ ހުރިހާ އުއްމީދެއް ގުޅިފައިވާ އޭނާގެ މުޅި ދިރިއުޅުމެވެ. ލައިލާއެއް ދެރަގޮތެއް ވެއްޖެނަމަ އޭނާގެ މުޅި ދިރިއުޅުން ބަރުބާދުވީއެވެ. ދަރިފުޅުގެ މިޒާޖަށް ކިތަންމެ ކުޑަ ބަދަލެއް އަޔަސް ޒާހިރުއަށް އެނގެއެވެ. ލައިލާދެކެ އޭނާ އެހާވަރަށް ލޯބިވެއެވެ.

“ޒާހިރު.. ދެން އަހަރެމެންވެސް ކުއްޖަކު ހޯދަން ހިނގާބަލަ.. މިހާރު ކިހާ ދުވަހެއް މިވަނީ؟ މިހާރު ލައިލާވެސް އަހައިފި އޭނައަށް ކޮއްކޮއަކު ލިބޭނީ ކޮންއިރަކުހޭ؟” ލައިލާއަކީ ޒާހިރުގެ ބަލިފައިކަން އެނގޭތީ ސީމާގެ ވާހަކަ އަމާޒުކުރީ ލައިލާއަށެވެ. ލައިލާ ބުނެފިނަމަ ޒާހިރު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން އޭނާއަށް ޔަޤީނެވެ.

“އެހެންތަ؟ އެހެންވީމަ ތިކަމާވެސް އުޅެމާ ދޯ؟ އަހަރެން ސީމާއަށް ވަރަށް އިތުބާރުކުރަން.. އަހަރެން އުއްމީދުކުރަން ދަރިއަކު ލިބުނަސް ސީމާ ލައިލާދެކެ ވާ ލޯބި ބަދަލުނުވާނެކަމަށް..” ޒާހިރު އެހެން ބުނެލުމުން ސީމާ ހީލިއެވެ.

“ޒާހިރު ދައްކާ ވާހަކަ.. ލައިލާއަކީ ހަމަ އަހަރެންގެވެސް ދަރިއެއްނު.. އެއްވެސް ޙާލެއްގައި އަހަރެން ލައިލާއަކަށް އަހަރެން މީ ދޮންމަންމަކަން އިހުސާސްވިޔަކަ ނުދޭނަން..” ސީމާ އެހެން ބުނެލުމުން ޒާހިރު ވަރަށް ލޯބިން ސީމާގެ ގައިގައި ބައްދާލިއެވެ. ޒާހިރަށް ނުފެންނާނެވަރު ވުމުން ސީމާ އެއްމިޔަކަނުން ހީލިއެވެ.

“ދޮންމަންމަ ވާނީ ދޮން ނިޔަނދުރަށް.. ކުޅި ދައްކާލާނަން މިފަހަރު..” ހިތާހިތުން މޮޅު ރޭވުމެއް ރާވާލާފައި ސީމާ ވިހަ ގޮތަކަށް ހިނިތުންވެލަމުން ދެލޯ މަރާލިއެވެ.

ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް ސީމާގެ ފަރާތުން ލައިލާއަށް ލިބެމުންދާ ލޯބި އިތުރުވަމުން ދިޔައެވެ. އެކަމުގެ ފަހަތުގައި އޮތީ ކިހާ ވަރެއްގެ ކަމެއްކަން ދެނަހުރި އެކަކުވެސް ނެތެވެ. ސީމާގެ މަޤުސަދަކީ މުދާގަނޑު އަތްދަށުލުމެވެ. އޭނާ އެކަން ކޮށްފައި ނޫނީ ހުއްޓާނުލާނެއެވެ. ސީމާގެ އިންތިޒާރު މާ ދިގެއް ނުވިއެވެ. ހަތަރު އަހަރު ވަންދެން ކުރަމުންދިޔަ އުއްމީދު ފުރިހަމަވަނީއެވެ. އޭނާ ބަލިވެ އިނީއެވެ.

ސީމާ ބަލިވެ އިން ޚަބަރު ލިބުމާއެކު ލައިލާއަށް ލިބުނީ އިންތިހާ އުފާވެރިކަމެވެ. ނަމަވެސް ސީމާ ބަލިވެ އިނުމަކީ އޭނާގެ ބަދުނަސީބުގެ ފެށުންކަން އޭނާއަށް ކުޑަކޮށްވެސް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ސީމާއެކޭ އެއްގޮތަށް ލައިލާވެސް އިންތިޒާރު ކުރަމުން ދިޔައީ ސީމާ ވިހާނެ ދުވަހަކަށެވެ. އޭރުން އޭނާގެ އެކަނިވެރިކަމަށް ނިމުމެއް އަންނާނެކަމަށް އޭނާ އުއްމީދުކުރެއެވެ. ނަމަވެސް ތަޤުދީރާއި ދެކޮޅު ހެދޭނީ ކިހިނެއް ހެއްޔެވެ؟

ދުވަސް ފުރާ ސީމާ ލޯބިލޯބި ފިރިހެން ކުއްޖަކު ވިހައިފިއެވެ. ފުރަތަމަ ބަލާލުމުންވެސް އޭނާއަށް އެ ކުއްޖާގެ ކިބައިން ލައިލާއާއި ވައްތަރު ސިފަތަކެއް ފެނުނެވެ. އެ ބޮޑު ދެލޮލާއި ތުންފަތުގެ ތިރީ ކައިރީގައި ހުރި ކުޑަ ކަޅުތިލައިގެ ސަބަބުން އެ ތުއްތު ކުއްޖާ ލައިލާއާއި އިތުރަށް ވައްތަރުވިއެވެ. އޭނާގެ ދަރިއަކު ލައިލާއާއި ވައްތަރުވުމަކީ އޭނާ ވަރަށް ނުރުހުނު ކަމެކެވެ. ނަމަވެސް ޒާހިރުގެ ކުރިމަތީގައި އެ ރުޅިވެރިކަން ދެއްކޭކަށްވެސް ނެތެވެ. އޭނާ އެކަން ދައްކާލާނީ ކަންތައްތައް އޭނާގެ މައްޗަށް އަނބުރާލެވުމުންނެވެ.

“ޒާހިރު.. ކުޑަސޮރުގެ ނެޕީ ހުސްވެފައި ހުރީ.. ނެޕީ ސެޓެއް ގެނެސްދެވިދާނެތަ؟” ޒާހިރު އޮފީހުގައި އިންދާ ސީމާ ގުޅާފައި އަހާލިއެވެ.

“މިހާރު؟”

“އާނ.. މާ ބިޒީ ވަގުތެއްތަ؟” ސީމާ ޒާހިރުގެ ލޮލުގައި އަނދުން އަޅުވާލުމަށް ހިތްހެޔޮކަން ދެއްކިއެވެ.

“އާނ.. ލައިލާ އަތަށް ކުޑަސޮރު ދީފައި ސީމާ ގޮސްލަންވީނު ކައިރީގައި ހުރި ފިހާރައަށް..” ޒާހިރު އެހެން ބުނެލުމުން ސީމާއަށް ދެބުމަ ގޮށްޖަހާލެވުނެވެ.

“ލައިލާއަކަށް އަދި ނޭނގޭނެ މިސޮރު ހުއްޓުވާލާކަށް.. އެއީ އަދި ކުޑަ ކުއްޖެއްނު.. ދެން ޒާހިރު އާދެބަލަ.. ދަރިންނަށްވުރެ އޮފީސް މަސައްކަތް ދޯ ޒާހިރަށް މުހިންމީ؟” ސީމާ ހިތްހަމަނުޖެހިފައި ބުންޏެވެ.

“އެންމެ ރަނގަޅު.. ހަމަ މިހާރު މި ނުކުންނަނީ..” ޒާހިރު އެހެން ބުނެލުމުން ސީމާ އޯކޭއޭ ބުނެފައި ފޯނު ކަނޑާލިއެވެ.
ޒާހިރު އޮފީހުން ނުކުމެގެން މަގުގެ ދެކޮޅު ބަލާލިއިރު މަގުގެ އެއްފަރާތުގައި މަޑުކޮށްލައިގެން ރަތްކުލައިގެ ޕްރައިވެޓް ކާރެއް އޮތެވެ. ކަޅު ބިއްލޫރި ޖަހާފައިވާތީ އޭގެ ތެރޭގައި މީހަކު އިންކަމެއް ބޭރުން ބަލާ މީހަކަށް ނޭނގޭނެއެވެ. މަގުގެ ދެކޮޅު ބަލާލުމަށްފަހު ޒާހިރު ހިނގައިގަތީ އޭނާގެ ސައިކަލު ޕާކުކޮށްފައިވާ ދިމާއަށެވެ. ކާރުގައި އިން ޒުވާނާ އިނީ ވަރަށް ތައްޔާރުވެގެންކަން އެނގެއެވެ. ޒާހިރަށް މަގު ހުރަސްކުރަން މަގުގެ މެދާއި ހަމައަށް ނުދެވެނީސް ބާރު ދުވެލީގައި ދުއްވާފައި އައި ކާރު ޖެހުނީ ޒާހިރުގެ ގައިގައެވެ. ކާރުން ޖެހުމާއެކު ޒާހިރު ވިއްސައިގެން ގޮސް ޖެހުނީ މަގުގެ އެއްފަރާތުގައި ހުރި ޓްރެފިކް ހޮޅިދަނޑީގައެވެ. ޖެހުމާއެކު އޭނާގެ ހޭވެރިކަން ނެތުނެވެ.

ޒާހިރު އޮތް ދިމާއަށް މީހުން އެއްވަމުން ދިޔައެވެ. އެއްވެފައިވާ މީހުންތަކުގެ ތެރެއިން އެކަކަކީ ޒާހިރުގެ ވަރަށް ގާތް ރަޙުމަތްތެރިއެއް ކަމަށްވާ ނިޒާމްއެވެ. އެއްވެފައިވާ މީހުންތަކުގެ ތެރެއިން މީހަކު އެމްބިއުލާންސްއަށް ގުޅިތާ ގިނައިރެއް ނުވެ އެމެޖެންސީގައި ސައިރަން އަރަމުން އެމްބިއުލާންސް އައެވެ. ޒާހިރު ހޮސްޕިޓަލަށް ގެންދެވުނުއިރު އޭނާގެ ޙާލު ވަރަށް ގޯހެވެ. ނިޒާމް ވަގުތުން ސީމާއަށް ގުޅާފައި އެޚަބަރު ދިނެވެ. ސީމާ ދަރިފުޅު އުރާލައިގެން ހޮސްޕިޓަލަށް ދިޔައިރު ޒާހިރު އޮޕަރޭޝަނަށް ވައްދައިފިއެވެ. އޭނާ ރޮމުން ދިޔައިރު އޭނާގެ ގާތުގައި އިން ލައިލާގެ ޙާލު މާބޮޑެވެ. ދޮންމަންމަ ކިތަންމެ ހެޔޮނަމަވެސް ބައްޕަ ނެތް ދުނިޔެއެއްގައި އޭނާ ނިކަމެތިވާނެއެވެ.

ޒާހިރުގެ އުނަގަނޑުން ތިރި ވާގި ނެތުން އެއީ ސީމާއަށް ލިބުނު ބޮޑު ކާމިޔާބެކެވެ. އޭނާގެ މަޤުސަދު ހާސިލުކުރުމަށް ނުހަނު ފަސޭހަވާނެކަމަށް އޭނާ ހީކުރިއެވެ. އޭނާގެ ފަރާތުން ލައިލާއަށް ލިބެމުންދިޔަ ލޯބި ބަދަލުވާން ފެށިއެވެ. އަނިޔާކުރަން ފެށިއެވެ. ޒާހިރުއަށް އެކަން އެނގުމުން ނުހަނު އަސަރުކުރިއެވެ. ނަމަވެސް އޭނާއަށް ކުރެވޭނެކަމެއް ނެތެވެ. އޭނާއަށް ކުރެވެން އޮތްހާވެސް ކަމަކީ މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުމެވެ. އޭނާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އޭނާގެ ފުރާނައަށްވުރެ ލޯބިވާ ދަރިފުޅަށް ހިމާޔަތް ދިނުމުގައި އޭނާ ވަނީ ނާކާމިޔާބުވެފައެވެ.

ލައިލާއަށް އަށާރަ އަހަރު ފުރުމާއެކު ސީމާ ލައިލާގެ ކައިވެނި ހަމަޖެއްސިއެވެ. ހިތްހެޔޮ ފާޑު ޖަހާ ޒުވާނެކެވެ. ލައިލާ ކައިވެނި ކުރަން ބޭނުން ނުވީނަމަވެސް ޒާހިރުވެސް ބޭނުންވީ ލައިލާ އެ ކައިވެނި ކުރާށެވެ.

“އެކަމަކު ބައްޕާ.. އަޅުގަނޑު ކިހިނެއްތޯ ނުވެސް ދަންނަ މީހަކާ އިންނާނީ؟ އެމީހާޔާ އިންނަ ހިސާބުން އަޅުގަނޑަށް ބައްޕަޔާ ވަކިވާން ޖެހޭނެ.. އޭރުން ބައްޕަ ނުކައިނުބޮއި އޮތަސް އަޅުގަނޑަކަށް ނޭނގޭނެ.. އެހެންނޫނަސް އެމީހާއަކީ ކޮންކަހަލަ މީހެއް ކަމެއްވެސް ނޭނގެއެއްނު.. އެމީހާއަކީ ނުލަފާ މީހަކަށް ވެއްޖެއްޔާ..”

“ދަރިފުޅާ.. ފަހުން ވާން ހުރި ކަންތައްތައް ފަހަށް ބަހައްޓާ.. މިހާރު ބައްޕަ ބޭނުންވަނީ ދަރިފުޅު ވީހާވެސް އަވަހަކަށް މީހަކާ އިނދެގެން މިގެއިން ދިޔުން.. ބައްޕައަށް ފެންނަ ހިސާބުގައި ދޮންމަންމަ ދަރިފުޅަށް ކުރާ އަނިޔާތައް ދެކޭނެހާ ހިތްވަރެއް ބައްޕަގެ ގަޔަކު ނެތް.. ނާފިޒަކީ ރަނގަޅު މީހަކަށްވެސް ވެދާނެއެއްނު.. އޭރުން އެއީ ދަރިފުޅުގެ ނަސީބު.. އަބަދުވެސް ވިސްނަންވާނީ ކަމުގެ އޮންނަ އެންމެ ރަނގަޅު ގޮތަށް.. ރަޙުމަތް ލައްވާނީ މާތް ﷲ.. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..” ޒާހިރު ލައިލާއަށް ވިސްނައިދިނެވެ.

“ބައްޕާ.. އަޅުގަނޑު މި ކައިވެނި ކުރަން ބިރުގަނޭ.. އެކަމަކުވެސް ބައްޕަ އެދޭނަމަ އަޅުގަނޑު މި ކައިވެނި ކުރާނަން..” ލައިލާ ރޮވިފައި ޒާހިރުގެ މޭގައި ބޯއަޅާލިއެވެ. ދަރިފުޅުގެ ހިތުގައި އަޅާ ވޭން ޒާހިރަށް އިހުސާސް ކުރެވެއެވެ. ގޮތް ނޭނގޭ މީހަކާއި ދަރިފުޅު ހަވާލުކުރަން ޖެހިލުންވެ، ދެރަވީ ނަމަވެސް ހިތާއި ދެކޮޅަށް އޭނާ އެގޮތަށް އެކަން ކުރަން ނިންމައިފިއެވެ.

“ދަރިފުޅާ.. ދެރަނުވޭ.. ބިރުނުގަނޭ.. ބައްޕަގެ ހެޔޮދުޢާތައް އަބަދުވެސް ވަނީ ދަރިފުޅާއެކު.. އަބަދުވެސް ހެޔޮ ގޮތްތައް މިންވަރުކޮށްދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދަންނަވާ.. ދުޢާއަށްވުރެ ބާރުގަދަ ހަތިޔާރެއް އަހަރެމެންނަކަށް ލިބިފައެއް ނުވޭ.. ތެދުވެރިކަމާއި ޔަޤީންކަމާއެކު ހެޔޮ ނިޔަތެއްގައި ދަންނަވާ ދުޢާ އެކަލާނގެ އިޖާބަ ކުރައްވާނެ.. އެދޭ ގޮތް އެވަގުތު ނުވިޔަސް މާޔޫސްނުވޭ.. އަބަދުވެސް އެކަލާނގެއާއި ދޭތެރޭ ހިތުގައި ޔަޤީންކަން ބާއްވާ..” ލައިލާގެ ބޮލުގައި ފިރުމަމުން ޒާހިރު ނަޞޭޙަތް ދިނެވެ. ދަރިފުޅުގެ ވޭނީ ގިސްލުންތަކުން އޭނާގެ ހިތް ތޮރުފެމުން ދާއިރުވެސް ނުރޮއި ހިތްވަރު ކުރެވޭތޯ ޒާހިރު މަސައްކަތް ކުރިއެވެ. ނަމަވެސް އެންމެފަހުން އޭނާގެ ކެތްތެރިކަންވެސް ކޮޅުންލީއެވެ.

ޖެހިގެން އައި ހަފުތާގައި ލައިލާގެ ޙަޔާތުގެ އެންމެ ބޮޑު ނިންމުން ނިންމައިފިއެވެ. ހިތާއި ދެކޮޅަށް ނުދަންނަ ބީރައްޓެސަކާއިއެކު އުމުރު ހޭދަކުރަން ނިންމައިފިއެވެ. ކައިވެނީގެ މަޖިލިސް ނިމުނު ވަގުތު ދޮންމަންމަގެ މޫނުމަތިން ލައިލާއަށް ފެނުނީ މަލާމާތުގެ ހިނިތުންވުމެކެވެ. ސީމާގެ މޫނުމަތިން ފެނުނު އަސަރުތަކުން ޒާހިރުގެ ހިތުގައި ސީމާގެ މައްޗަށް އޮތް ނަފުރަތު އެތައް ގުނައަކަށް އިތުރުވިއެވެ. ވަގުތުން ސީމާ ވަރިކޮށްފައި ގެއިން ނެރެލަންވެސް އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް އޭނާގެ ހިތުގައި އުފެދުނު ޝުޢޫރުތައް ހިތުން ފޮހެލަން މަޖުބޫރުވީ ސީމާގެ ގާތުގައި ދެރަވެފައި ހުރި ލަޔާން ފެނިފައެވެ.

“އުފާވެރި ކައިވެންޏަކަށް މަރުޙަބާ! ދެކުދިންވެސް ބަސްއަހައިގެން އުޅޭތި..” އެހެން މީހުންގެ ލޮލުގައި އަނދުން އެޅުވުމަށްޓަކައި ސީމާ ލައިލާގެ ގައިގައި ބައްދާލިއެވެ. ސީމާއާއި ދުރުވެލާފައި ދުރަށް މޫނު އަނބުރާލަމުން ލައިލާ ހިނގައިގަތީ އޭނާގެ ކޮޓަރިއާއި ދިމާއަށެވެ. ކޮޓަރިއަށް ވަނުމާއެކު ލައިލާގެ ބަދި ފަޅައިގެން ހިނގައްޖެއެވެ. ދޮރުފަތުގައި ލެނގިލައިގެން އޭނާ ހުރި ދިމާއަށް ތިރިވިއެވެ.

ލައިލާ ގޮސް ކޮޓަރިއަށް ވަނުމުން ސީމާ ނާފިޒަށް ލޮލުން އިޝާރާތްކޮށްލީ ދާށޭ ބުނުމުގެ ގޮތުންނެވެ. އަދި ދިޔުމުގެ ކުރިން ނާފިޒުގެ ކަންފަތާއި ގާތްވެލާފައި “އޯލް ދި ބެސްޓް”އޭ ބުނެލިއެވެ. ނާފިޒު ބޯޖަހާލަމުން ހިނގައިގަތެވެ. ދުރުގައި އެ މަންޒަރު ބަލަން އިން ޒާހިރު ލައިލާގެ ކޮޓަރިއާއި ދިމާއަށް ގޮނޑި ދުއްވާލިއެވެ.

“ދަރިފުޅާ ނާފިޒު..” ޒާހިރުގެ އަޑަށް ނާފިޒު މަޑުޖެހިލިއެވެ.

“ބައްޕަ ބޭނުން އިހަށް ލައިލާއާއި އެކަނި ކުޑައިރުކޮޅަކު ވާހަކަ ދައްކާލަން..” ޒާހިރު އެހެން ބުނެލުމުން ނާފިޒު އެންމެ ރަނގަޅުކަމަށް ބުނެލާފައި ގޮސް ސޯފާގައި އިށީނދެލިއެވެ. މަންޒަރު ބަލަން ދުރުގައި ހުރި ސީމާ ތުން އަނބުރާލަމުން ނާފިޒާއި ދިމާއަށް ހިނގައިގަތެވެ.

“ކިހިނެއް ތިހެދީ؟” ސީމާ ނުރުހުމާއެކު ބުނެލިއެވެ.

” ކެތްތެރިވެބަލަ.. މިހާރު ޖެހޭނެ ބަފައިބެ ލޮލުގައި ރަނގަޅަށް އަނދުން އަޅުވާލަން.. އަހަރެން ލައިލާ ގޮވައިގެން މިގެއިން ދާއިރު އޭނަ ޖެހޭނެ ލައިލާއަށްވުރެ ބޮޑަށް އަހަރެންނަށް އިތުބާރުކުރަން.. އޭރުން އަހަރެން ލައިލާ ގެންގޮސްފައި ކޮންމެ ގޮތެއް ހެދިޔަސް އޭނަ ލައިލާ ދައްކާ ވާހަކަ ޤަބޫލުނުކުރާނީ.. އުމުރު މައްޗަށް ދިޔަޔަކަސް ސީމާގެ ބޮލުގައި ނެތެއްނު ތެތްކަމެއް..” ނާފިޒު އެހެން ބުނެލުމުން ސީމާގެ މޫނުމަތިން ވިހަ ހިނިތުންވުމެއް ފާޅުވިއެވެ.

“ތިޔަ ބުނީ ހެޔޮކޮށް.. އަހަރެން އޭނަ މިގެއިން ފޮނުވާލައި އަހަރެންގެ ދިރިއުޅުމުން އެއްފަރާތްކުރަން ބޭނުންވެފައި ހުންނަލެއް ބޮޑުކަމުން މިހާ އަވަސް އަރައިގަނެގެން މި އުޅެވެނީ.. ކަލާ ވާނެ އަހަރެން ބުނި ގޮތަށް ކަންތައް ކުރަން..” ނާފިޒުގެ ގާތުގައި ސޯފާގައި އިށީންނަމުން ސީމާ ބުނެލިއެވެ.

“ތިކަމާ ނުވިސްނާ.. ސީމާ ބުނިގޮތަށް އަހަރެން ކަންތައް ކުރާނީ..” ނާފިޒު އެއްމިޔަކަނުން ހީލިއެވެ.

*****

“ދަރިފުޅާ! ދެން ތިޔަހެން ނޫޅޭ.. މިހާރު ނާފިޒަކީ ދަރިފުޅުގެ ފިރިމީހާ.. ބައްޕަ މި ދެއްކި ވާހަކަތައް ދަރިފުޅު ހަނދާން ބަހައްޓާތި.. އޭނައަށް ހެޔޮކޮށް ހިތާތި.. އޭރުން އޭނަވެސް ދަރިފުޅަށް ރަނގަޅުވާނެ.. އިންޝާ ﷲ! ހިނިތުންވުމަކާއެކު ނޫނީ އޭނަޔާ ކުރިމަތިނުލާތި.. ބައެއްފަހަރު ހިތުގައި އަޅާ ވޭން ހިނިތުންވުމަކުން ފޮރުވާލަންވެސް ޖެހޭނެ.. އަވަހަށް ދޭ ފާޚާނާއަށް ވަދެ މޫނު ދޮވެލާ ރީތިވެލަން.. ބައްޕަ ގޮސްފައި ނާފިޒު ފޮނުވާނަން..” ދަރިފުޅަށް އެތައް ނަޞޭޙަތެއް ދީފައި ޒާހިރު ނުކުތްއިރު އޭނާގެ ހިތް ވަނީ ނުތަނަވަސްކަމުން ފުރިފައެވެ. ދަރިފުޅުގެ މުސްތަޤުބަލު އަލިވެ ދިރިއުޅުން އުޖާލާވޭތޯ އެވަގުތުވެސް އޭނާ ދުޢާކުރެވުނެވެ.
ލައިލާ ހުރީ ފާޚާނާގައެވެ. މޫނު ދޮވެލަމުން ހިނިތުންވެލެވޭތޯ އޭނާ މަސައްކަތްކުރިއެވެ. ނަމަވެސް ލޯގަނޑުން ފެންނަން ހުރި އޭނާގެ ސޫރަ ފެނުމާއެކު އޭނާގެ ބަދުނަސީބުކަން ހިތަށް އަރާފައި އިތުރަށް ރޮވުނީއެވެ. ކޮޓަރީގެ ދޮރު ލައްޕާފައި ތަޅުލި އަޑު އިވުމުން ސިހިފައި ލައިލާ މޫނު ފޮހެލިއެވެ. އަދި އަވަސްއަވަހަށް މޫނު ދޮވެލައި މީހާ ހަމައަކަށް އެޅިލަން މަސައްކަތްކުރިއެވެ. ދެންމެ ޒާހިރު އޭނާ ގާތުގައި ދެއްކި ވާހަކަތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ނަފުސު ހަމައަކަށް އަޅުވާލަމުން ލައިލާ ފާޚާނާއިން ނުކުތެވެ.

ފާޚާނާގެ ދޮރު ހުޅުވުނު އަޑަށް އެނދުގައި އިށީނދެލައިގެން އިން ނާފިޒު ބަލައިލިއެވެ. އޭރު ލައިލާ ފާޚާނާއިން ނުކުންނަނީއެވެ. ދޮރު ލައްޕާލާފައި ލައިލާ ބަލައިލިއިރު އެ ދެލޯ ރަތްވެފައި ހުރިތަން ފެނުމުން ނާފިޒުގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ. އޭނާއަށް އެނދުންވެސް ތެދުވެވިއްޖެއެވެ. އަވަސް ފިޔަވަޅުތަކެއްގައި އޭނާ ލައިލާއާއި ދިމާއަށް ހިނގައިގަތެވެ. ނާފިޒު ލައިލާއާއި ދިމާއަށް ދާން ފެށުމުން އޭނާގެ ހިތް ތެޅިގަތީ އެޔެއްމިޔެއް ބަލާފައެއް ނޫނެވެ. ބިރުން ފަހަތަށް ޖެހިލެވުނީ ބޭއިޚުތިޔާރުގައެވެ. އޭނާ މަތަވީ ފާރުގައި ޖެހިފައެވެ. ނާފިޒު އައިސް މަޑުކޮށްލީ ލައިލާއާއި ދާދި ކައިރީގައެވެ.

“ނާފިޒު!” ލައިލާއަށް ބިރުން ހުރެ ގޮވާލެވުނެވެ. އެވަގުތު ނާފިޒު ލައިލާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލާފައި އިތުރަށް އެއްވެސް އެއްޗެއް ނުބުނާށޭ ބުނެލިއެވެ.

*****

ޒާހިރު އެނދުގައި އޮށޯވެލައިގެން އޮތްއިރު އޭނާގެ ހިތާއި ސިކުނޑީގައި ވަނީ އޭނާގެ ދަރިފުޅުގެ ޚިޔާލުތަކެވެ. ޙަޤީޤަތުގައި މިރެއަކީ އޭނާ ނުހަނު އުފާވާން ޖެހޭނެ ރެއެކެވެ. އެއީ އާ ކައިވެނީގެ ރެއަކީ ކޮންމެ މީހަކުވެސް އެ ރެއަކަށްޓަކައި ފޮނި ހުވަފެންތަކެއް ދެކޭނެ ރެއަކަށް ވާތީއެވެ. ބަފައެއްގެ ހައިސިއްޔަތުންވެސް އެންމެ އުފާވާނެ އެއް ދުވަހަކީ އަބުރުވެރިކަމާއެކު އަންހެން ދަރިފުޅު ފިރިއެއްގެ އަތްމައްޗަށް ދޫކޮށްލާނެ ދުވަހެވެ. ނަމަވެސް އެންމެ އުފާވާންވީ މި ޚާއްސަ ދުވަހުގައި އޭނާ އުފަލެއް ނުވިއެވެ. ލޯބިވާ ދަރިފުޅުގެ ނުރުހުމުގައި ނުވެސް ދަންނަ މީހެއްގެ އަތްމައްޗަށް ދޫކޮށްލަން ޖެހުނީތީއެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. މިއީ ތަޤުދީރުގައިވާ ގޮތޭ ބުނެ ނިންމާލުން ނޫން އެހެން ގޮތެއްވެސް ނެތެވެ.

ޒާހިރުގެ ލޮލާއި މިރޭގެ ނިދި އެއްބަހެއް ނުވާނެކަން ޔަޤީނެވެ. އެއަށްވުރެ ހިތުގައި އުފެދިފައިވާ ހައިޖާނުގަނޑު ބޮޑެވެ. ވިސްނުންތަކާއި ކުރެވޭ ފިކުރުތައް ގިނައެވެ. މިރެއަކީ ލައިލާއަށް ބޮޑު ރެއަކަށް ވާނެއެވެ. އޭނާގެ ނަޞޭޙަތްތަކުގައި ލައިލާ ހިފާނެބާވައެވެ. ކިޔަމަންތެރިކަމާއެކު ލައިލާ ނާފިޒަށް ހެޔޮކޮށް ހިތާނެބާވައެވެ. ދަރިފުޅާއިމެދު ކިތަންމެ އިތުބާރެއް އޮތަސް މިކަމުގައި އޭނާއަށް ދަރިފުޅާއިމެދު ޝައްކުވެއެވެ. ދަރިފުޅުގެ ނުރުހުންތެރިކަމެއް ނާފިޒަށް ދައްކައިފިނަމަ ކަންތައް ވާނީ ކިހިނެއްބާވައެވެ. ނާފިޒު އަނިޔާވެރި މީހަކަށް ވެދާނެބާވައެވެ. އެހެން ވެއްޖެނަމަ އޭނާގެ ޒަޚަމްވެފައިވާ ހިތަކަށް ކެތެއް ނުކުރެވޭނެއެވެ. މާތްކަލާކޯއެވެ! އަހަރެންގެ ހިތަށް މިފަދަ ނުބައި ޚިޔާލުތަކެއް މި ވަންނަނީ ކީއްވެބާވައެވެ. އަހަރެންގެ ހިތުން ނުބައި ޚިޔާލުތައް ނެރެލުމުގެ ތައުފީޤު ދެއްވާށިއެވެ! އާމީން!

“ޒާހިރު! ނިދާކަށް ނުވޭތަ؟ އެހެންޏާ ކޮންމެ ރެޔަކުވެސް މިހާއިރު ވާއިރު ނިދަމެއްނު..” ސީމާ ބުނެލިއެވެ. އޭނާގެ މޫނުމަތި ވަނީ އާދަޔާ ޚިލާފަށް އަލިވެފައެވެ. ބޮޑު ހަނގުރާމައަކުން ފަތަޙަ ލިބުމުން މޫނުމަތިން ފެންނަފަދަ އުފާވެރިކަމެއް އޭނާގެ މޫނުމަތިން ފެންނަމުން ދިޔައެވެ.

“ވަރަށް ހިތްހަމަޖެހިފައި ދޯ ތިހުރީ؟” ޖެއްސުމުގެ ރާގަކަށް ޒާހިރު އަހާލިއެވެ. ނަމަވެސް ސީމާއަށް އެކަން ނަގައިގަނެވުނުހެނެއް ހިޔެއްނުވެއެވެ.

“އާނ.. ކީއްވެ ހިތްހަމަނުޖެހެންވީ؟ ނުލާހިކު ރަނގަޅު ސޮރެއް ލައިލާއަށް އެ ލިބުނީ.. އޭނަ ހުންނަނީ ލައިލާއާހެދި މޮޔަވެފައި.. ލައިލާ ބުނެފިއްޔާ ކަނޑަށްވެސް އެރޭހާވަރު ވެފައި އޭނަ އެ ހުންނަނީ.. މިޒަމާނުގައި މީހަކުދެކެ އެވަރަށް ލޯބިވާނެ މީހަކު ލިބޭނެތަ؟ އަހަރެންނަކަށް ހިޔެއްނުވޭ.. އަޅެ ޒާހިރު ހިތްހަމައެއް ނުޖެހޭތަ އެހާ ރަނގަޅު ކުއްޖަކު ލައިލާއަށް ލިބުނީމަ؟” ޒާހިރުގެ ގާތުގައި އޮށޯވެ ޒާހިރުގެ ކޮނޑުގައި ބޯ ޖައްސާލަމުން ސީމާ ފައްޗަކަށް ހުރިހާ ވާހަކައެއް ބުނެލިއެވެ.

“އާނ.. ތިކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގިއްޖޭ.. އެހެންވީމަ ސީމާ ތި ލިބުނު ހިތްހަމަޖެހުމާއެކު އަރާމުކޮށް ނިދާލާ އިނގޭ.. އަހަރެންނަކަށް މިރެޔަކު ނުނިދޭނެ..” ޒާހިރު ޖެއްސުމުގެ ރާގުގައި ބުނެލި ވާހަކައިން ސީމާގެ މޫނުމަތީގައިވާ ހިނިތުންވުން ފިލައިގެން ދިޔައީ ބަސްބުނާހާ ހިނދުންނެވެ.

“އަދި ތިޙާލުގައި އޮވެގެންވެސް ޖެއްސުން ކުރެވޭތޯ ދޯ ތި ބަލަނީ؟ އެއްފަހަރުވެސް އަހަރެން ކުރާ ކަމަކަށް އެއްބާރުލުމެއް ދީބަލަ.. އަހަރެން މިކުރި ކަމަކީ ރަނގަޅު ކަމެކޭ.. އަބަދު ތިގޮތަށް ޖެއްސުން ފާޑަށް ވާހަކަ ދައްކަންޏާ އަހަރެންނަށްވެސް މަޑަކުން ނުހުރެވޭނެ.. އޭގެ ނަތީޖާ ވަރަށް ހިތިވާނެ..” ސީމާ ގާތަށް ރުޅިއައެވެ.

“އަހަރެން މީގެ ކުރިން ސީމާ ކުރި ކަމަކަށް ފާޑެއް ނުކިޔަން.. މަނަލެއްވެސް ނުކުރަން.. އެކަމަކު ފާޑުކިޔާ ހިސާބަށް ދިޔައިމަ އެކަންވެސް މި ކުރަން ޖެހޭނެ.. އަހަރެންގެ ދަރިފުޅަށް އަނިޔާކުރަން ފެށި ހިސާބުން އަހަރެންނަށް މަޖުބޫރުވީ ސީމާ ކުރާ ކަންތަކަށް ފާޑުކިޔަން.. އެގޮތަށް އެކަން ނުކުރުމަށް ނަޞޭޙަތް ދޭން.. އެކަމަކު ވީކަމެއް އޮތްތަ؟ ދެން ތިބުނަނީ ނަތީޖާ ހިތިވާނެޔޭ.. ސީމާ އިތުރަށް ކުރާނެ ކަމެއް އެބައޮތްތަ؟ އަހަރެންގެ މި ނުކުޅެދުންތެރިކަމުގެ ނާޖާއިޒު ފައިދާ ނެގި ގޮތް ހަނދާންކޮށްބަލަ.. އޭގެ ބޭނުންކޮށް އަހަރެންގެ އަންހެން ދަރިފުޅުގެ ދިރިއުޅުން ހަލާކުކޮށްލުމަށްވުރެ ބޮޑު ދެރައެއް އަހަރެންނަށް ދެވޭނެތަ؟ އަނ.. ބުނެބަލަ.. އަހަރެންގެ ދެ ދަރިންނަށް ލިބޭ ދެރައަށްވުރެ ބޮޑު ދެރައެއް މި ދުނިޔެމަތީގައި އަހަރެންނަކަށް ނުލިބޭނެ..” ޒާހިރުވެސް ހުރީ ގޮތް ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. އޭނާގެ ހިތުގައި އުފެދިފައި ވީހާ ނަފުރަތެއް އެއްފަހަރުން ބޭރުކޮށްލަން އުޅޭ ކަހަލައެވެ.

“ޝުކުރުކޮށްބަލަ އަހަރެން ކަލެޔާ އިނދެގެން އުޅޭކަމަށްޓަކައި.. ކަލޭ ގައިގައި އެބަހުރިތަ އަހަރެމެން އަންހެނެއް ހިތްހަމަޖައްސައިދެވޭހާ ފެންވަރު؟ ކިތައް އަހަރު މިވަނީ އަހަރެން އެ އުފަލުން މަޙުރޫމުކޮށްފައި ހުންނަތާ؟ ޝަކުވާއެއް ކުރިންތަ؟ ކަލޭ ކަހަލަ ބޭނުމެއް ނުހިފޭ މީހަކާ މަ އިނދެގެން އުޅޭތީ އެކަމާ ޝުކުރުކުރުމުގެ ބަދަލުގައި ކަލޭ ތި ކުރަނީ ޖަދަލު..” ސީމާ ހުރީ ވަރަށް ރުޅިއައިސްފައެވެ. ކުރެވެމުންދިޔަ ޒުވާބު ދިގުލާވަރަކަށް ސީމާގެ ޙަޤީޤީ ސޫރަ ފާޅުވަމުން ދިޔައެވެ. އޭނާގެ ރަޙުމު ކުޑަކަން އިހުނަށްވުރެ ބޮޑަށް ފާޅުވަމުން ދިޔައެވެ.

“އެހެންތަ؟ ވަރަށް ރަނގަޅު ވާހަކައެއް ތިބުނީ.. ކަލޭ ހީކުރީ އަހަރެންނަށް އެކައްޗެއްވެސް ނޭނގޭ ކަމަށްތަ؟ ކައިވެނީގެ ސެޓްފިކެޓްގައި ކަލޭ ފިރިމީހާގެ ގޮތުގައި އަހަރެންގެ ނަން އޮތަސް ކަލޭގެ ނަޒަރުގައި ކަލޭގެ ފިރިއަކީ އަހަރެންގެ މުދަލާއި ފައިސާ.. އެކަން އަހަރެން ބަލިވި ދުވަހުން ފެށިގެން އަހަރެންނަށް އޮތީ ވަރަށް ރަނގަޅަށް އެނގިފައި.. މިއަދު އެކަން އަދި މާރަނގަޅަށް އެނގިއްޖެ.. އަހަރެންނަކީ ފިރިމީހާކަން ޤަބޫލުކުރާނަމަ އަހަރެން އެދޭ އެދުމަކާއި ކަލޭ ދެކޮޅެއް ނުހަދާނެ.. އަހަރެން މާތް ﷲ ނަހީކުރެއްވި ކަމަކަށް ނޭދޭހާ ހިނދެއްގައި.. އަދި އަހަރެންގެ ހަށިގަނޑުގެ އެއްބައިކަމުގައިވާ އަހަރެންގެ ދަރިފުޅަކަށް ކަލޭ އަނިޔާވެރިއެއް ނުވާނެ.. އަދި އަހަރެންގެ މި ބަލި ޙާލަށް ކަލޭ ހަމްދަރުދީވާނެ.. ތި ދުލަކުން ރަޙުމުކުޑަ ބަސްތަކެއް ނުނިކުންނާނެ.. އަހަރެން ކަލެޔާ ކައިވެނިކުރީ ވަރަށް ފޮނި އުއްމީދުތަކަކާ އެކީ.. ލަޔާން ލިބުމާއި ހަމައަށް ކަލޭ އަހަރެންގެ ދެލޯ ކަނުކުރީ.. އަހަރެންގެ އާރެއްބާރެއް ނެތުނީމަ ކަލޭ އަހަރެންގެ ކަރަށް ފައިން އެރީ.. ޙަޤީޤަތުގައި ޝުކުރު އަދާކުރަން ޖެހޭ މީހަކީ ކަލޭ.. އެއީ ކަލޭގެ ނުބައި ނުލަފާކަން އެނގިހުރެވެސް އަހަރެން ކަލޭ ވަރިނުކޮށް އުޅޭތީ.. މިއަދު އަހަރެން ވަރިކޮށްލިޔަސް ކަލޭ ނުކުމެގެން ގޮސް ވަންނާނެ ތަނެއްވެސް ނުހުންނާނެ.. އެކަމަކު އަހަރެން އެހެނެއް ނުހަދާނަން.. އެއީ ހަމައެކަނި އަހަރެންގެ ލަޔާންއަށްޓަކައި.. އެނގިއްޖެތަ؟” ޒާހިރު ކިޔަން ބޭނުންވި ހުރިހާ އެއްޗެއް ކިޔާފައި ދުރަށް މޫނު އަނބުރާލިއެވެ. ސީމާ އޮތީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނަމަވެސް އޭނާގެ ހިތުގައި އަނދައިގަތް ނަފުރަތުގެ ދިލަ ހޫނު އޭނާގެ މޫނުމަތިން ފާޅުވިއެވެ. ތުން އަނބުރާލަމުން އޭނާވެސް ދުރަށް އެނބުރި ނިދަން އޮށޯތެވެ. ކުރެވުނު ޒުވާބުގެ ސަބަބުން ހިތުގެ ހަމަޖެހުން ގެއްލިފައިވާ ސީމާގެ ޚިޔާލަށް ކުއްލިއަކަށް ލައިލާ އައެވެ. މިރޭ ލައިލާގެ ދިރިއުޅުން ބަރުބާދުވެގެން ދާނެގޮތް ހިތަށް އެރުމުން އޭނާގެ ހުރިހާ ނުރުހުމެއް އެއްފަހަރުން ފިލައިގެން ދިޔައެވެ. އޭނާ ޒާހިރާއި ދިމާއަށް އެނބުރިފައި އެއްމިޔަކަނުން ހީލިއެވެ.

“މިރޭ ކަލޭގެ ލޯބިވާ ރަންދަރިފުޅުގެ ދިރިއުޅުން ނަރަކައަކަށް ވެގެންދާނެ.. ނާފިޒަކީ އަހަރެންގެ ޕާޓްނަރެއް.. އޭނަ ކަންތައް ކުރާނީ އަހަރެން ބުނި ގޮތަކަށް..” ހިތާހިތުން އެހެން ބުނެލުމާއެކު އިންތިހާއީ ނުބައި ނުލަފާކަމުގެ ހިނިތުންވުމެއް ސީމާގެ މޫނުން ފާޅުވިއެވެ.

*****

“ބިރުނުގަނޭ.. އަހަރެން އެއްވެސް ކަމެއް ނުކުރާނަން.. އެޔަށްވުރެ ބޮޑަށް ލޯބިވޭ..” ލައިލާގެ އޮމާން ކޯތާފަތުގައި ފިރުމާލަމުން ނާފިޒު ބުނެލިއެވެ. ނާފިޒު އެހެން ބުނިކަމުގައި ވީނަމަވެސް ލައިލާގެ ހިތުގެ ތެޅުމަކަށް ބަދަލެއް ނާދެއެވެ. ނާފިޒުގެ އަތް ފޮޅުވާލަންވެސް ހިތަށް އަރައެވެ. ނަމަވެސް ގެންފައިވާ ބިރެއްގެ ސަބަބުން އެކަން ކުރާނެހާ ހިތްވަރެއްވެސް އޭނާއަކަށް ނުލިބުނެވެ.

“އަހަރެންނަށް އެނގޭ ލައިލާ އަހަރެންނާ ކައިވެނިކުރީ އެއްވެސް ވަރަކަށް ބޭނުންވެގެނެއް ނޫންކަން.. މަޖުބޫރުވެގެންކަން..” ނާފިޒު އެހެން ބުނެލުމުން ލައިލާ ނާފިޒަށް ބަލައިލީ ހައިރާންވެފައެވެ.

“ކިހިނެއް ނާފިޒަށް..”

“ދެން އެވާހަކަ ބާއްވާ.. އަވަހަށް ހިނގާ..” ނާފިޒު އެހެން ބުނެލުމުން ލައިލާއަށް ބޭއިޚުތިޔާރުގައި ކޮންތާކަށްތޯ އަހައިލެވުނެވެ.

“ހާދަ ކަންބޮޑުވީ.. ނިދަންވެސް ޖެހޭނެއެއްނު..” ނާފިޒު ލައިލާގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ. ލައިލާ އިނީ ފިނިވެ ޖެހިލުންވެފައެވެ.

“އޮށޯވޭ.. އަހަރެން ލައިލާއަކަށް އުނދަގުލެއް ނުކުރާނަމޭ..” ނާފިޒު އެހެން ބުނެލުމުން ޖެހިލުންވެ ހުރެވެސް ލައިލާ އެނދުގައި އޮށޯތެވެ. ނާފިޒު އޭނާ ގައިގައި ބީހިލައިފާނެތީ އޭނާ އޮތީވެސް ނާފިޒާއި ދިމާއަށް އެނބުރިއެވެ. ލައިލާ ދެލޯ މަރާލާފައި އަވަސްއަވަހަށް ލޯ ހުޅުވާލާތީ ނާފިޒަށް އެއްޗެއް ވިސްނިއްޖެއެވެ.

“ލައިލާ.. އަހަރެން މިތާ އޮތީމަ ނިދަން އުނދަގޫވެގެން ދޯ ތިއުޅެނީ؟ ކަންބޮޑުނުވޭ.. އަހަރެން މީ ލައިލާގެ ފިރިމީހާއަށް ވިޔަސް ލައިލާގެ ނުރުހުމުގައި ލައިލާ ގައިގައި އިނގިލި ކުރިވެސް ޖައްސާނުލާނަން.. އަހަރެންނަކީ ވަރަށް ގައިގައި ރިއްސާ މީހެއް.. އެހެން ނޫންނަމަ އަހަރެން މިރޭ މި އެނދުގައި ނޯންނާނަން.. އަހަރެން ލައިލާއާއި ކައިވެނިކުރީ ހަމައެކަނި ދެ ޖިސްމުގެ ގުޅުމަކަށް ނޫން.. ހިތާހިތުގެ ގުޅުމަކަށް.. އަހަރެން އުއްމީދުކުރަން ލައިލާއަށް ވިސްނޭނެކަމަށް.. ލައިލާއަށް އަހަރެން މީ ލައިލާގެ ފިރިމީހާކަމަށް ޤަބޫލުކުރެވެންދެން އަހަރެމެން ތިބޭނީ ހަމައެކަނި ރަހުމަތްތެރިންގެ ގޮތުގައި.. އަހަރެންނަކީ ރަހުމަތްތެރިއަކަށްވުރެ ގާތް މީހެއްގެ ގޮތުގައި ލައިލާ ޤަބޫލުކުރާނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރާނަން..” ނާފިޒު ބުނެލިއެވެ. އަދި ލައިލާއަށް ފުރަގަސްދިނެވެ.
ނާފިޒުގެ ވާހަކަތަކާއި ދޭތެރޭ ލައިލާއަށް ވިސްނާލެވުނެވެ. ނާފިޒު ދެއްކި ވާހަކަތައް ޤަބޫލުކުރަންވީބާވައެވެ. ލައިލާގެ ހިތަށް އެއްފަހަރާ އެތައް އެއްޗެއް އަރާފައިބަމުން ދިޔައެވެ. ނާފިޒަކީ އޭނާގެ ފިރިމީހާއެވެ. ހިތް ނުރުހުނަސް އޭނާ ޖެހޭނީ އެކަން ޤަބޫލުކުރާށެވެ. ނާފިޒުގެ ޙައްޤު ހޯދަން އެދޭނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ. ނާފިޒު އެދެފިނަމަ އޭނާ އެ ޙައްޤު އަދާކޮށްދޭން ޖެހޭނެއެވެ. ދެކޮޅު ހަދައިފިނަމަ އޭނާ ފާފަވެރިވާނެއެވެ. ހިތް ނޭދޭ މީހަކަށް ހަށިގަނޑު ވެދުންކުރުމަކީ ކިހާ ތަކުލީފެއް ހިތަށް ލިބޭ ކަމެއް ހެއްޔެވެ؟ މާތްކަލާކޯއެވެ! ކުރިމަތި މިވީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟

ކައިރީގައި ނާފިޒު އޮތުމުން ލައިލާ އޮތީ ލޮލަށް ނިދި ނައިސްފައެވެ. އޭނާއަށް ހަމަ ނިދޭއިރަށް ނާފިޒު އޭނާގެ ފަރާތުން އުފާ ހޯދަން އުޅެފާނެޔޭ ހިތަށް އަރަނީއެވެ. ނާފިޒަށް އެ ޙައްޤު ލިބިފައިވީ ނަމަވެސް އެއީ ލައިލާ ބޭނުންވާ ގޮތެއް ނޫނެވެ. އޭނާ ބޭނުންވަނީ ހިތުން ރުހުމުން އޭނާގެ ހަށިގަނޑު އޭނާގެ ފިރިމީހާއަށް ވެދުންކުރާށެވެ. އެދުވަހެއް އަތުވެދާނެބާވައޭ ލައިލާގެ ހިތަށް އެރިއެވެ. އޭނާއަށް ދުވަހަކުވެސް ނާފިޒާއިމެދު ރުހެވޭނެބާވައެވެ.

ލައިލާއެކޭ އެއްގޮތަށް ނާފިޒުވެސް އޮތީ ލޮލަށް ނިދީގެ އަސަރު ވެރިނުވާތީއެވެ. އާ ކައިވެނީގެ ފުރަތަމަ ރެޔަށްޓަކައި އޭނާ އުއްމީދުކުރީ މިގޮތަކަށް ނޫނެވެ. އަނބިމީހާގެ ކައިރީ ހިލޭ މީހަކަށް ވެގެން އޮތުމަކީ އޭނާ އުއްމީދުކުރި ގޮތެއް ނޫނެވެ. އޭނާއަށް ފުރަތަމަ ހީކުރެވުނީ ލައިލާވެސް އޭނާއާއި ކައިވެނިކުރަން އެއްބަސްވީ ހިތުން ރުހުމުން ކަމަށެވެ. ނަމަވެސް ކައިވެނީގެ ކުރިން ލައިލާއާއި ޒާހިރު ކޮޓަރީގައި ތިބެ ދެއްކި ވާހަކަތައް އޭނާއަށް އަޑުއިވުނީ އިއްތިފާޤަކުންނެވެ. އޭނާ އައީ ސީމާއާއި ޒާހިރާއި ބައްދަލުކޮށް ކައިވެނީގެ ތާރީޚު ކަނޑައަޅާށެވެ. ނަމަވެސް ޒާހިރުގެ ދެބަފައިންގެ ފަރާތުން އިވުނު ވާހަކަތަކުން އޭނާ އެނބުރި ގެޔަށް ދިޔައީ އެއީ އެވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތު ނޫންކަން ވިސްނުނީމައެވެ. ވިސްނުމުގައި އޮވެފައި ނާފިޒު އެނބުރި ލައިލާއަށް ބަލައިލިއެވެ.

ލައިލާގެ މޫނު ނުފެނުނު ނަމަވެސް ލައިލާގެ ހިތުގެ އުދާސްތައް އޭނާއަށް ރަނގަޅަށް އެބަ ފެނެއެވެ. ލައިލާވެސް މިރެޔަށްޓަކައި ފޮނި އުއްމީދުތަކެއް ކުރާނެކަން ޔަޤީނެވެ. ނަމަވެސް އަމިއްލަ އެދުމުން ފޯވެފައިވާ ދެ އިންސާނުންގެ ސަބަބުން ލައިލާގެ އުއްމީދުތައް ފުނޑުފުނޑުވީއެވެ. ލޯބިނުވާ މީހަކާއި ކައިވެނި ކުރަން ޖެހުމަކީ ކިހާ ހިތްދަތިވާ ކަމެއް ހެއްޔެވެ؟ އޭނާއަށް ކަންތައް މި ކުރެވުނީ ރަނގަޅަކަށް ނޫނޭ ނާފިޒުގެ ހިތަށް އެރިއެވެ. އޭނާގެ ސަބަބުން ލައިލާއަށް އެ ލިބުނީ ހާދަ ބޮޑު ދެރައެކޭ ހިތަށް އަރަމުން ދިޔައެވެ. ލައިލާ މިނިވަންކޮށްދޭންވީބާވައެވެ. މާތްކަލާކޯއެވެ! މިއަޅާގެ ހިތަށް މި އަރަނީ ކޮންފަދަ އެއްޗިއްސެއް ހެއްޔެވެ؟ އަދި މި އުޅެނީ ކައިވެނި ކުރިތާ ދެ ގަޑިއިރު ނުވެގެންނެވެ. މިހާ އަވަހަށް ލައިލާ ވަރިކުރަން ހިތަށް އެރީ ކީއްވެ ހެއްޔެވެ؟ ނާފިޒު ހިތާހިތުން އަމިއްލަ ނަފުސަށް އަޑުލިއެވެ. ހިތަކީވެސް ފާޑެއްގެ އެއްޗެކޭ އޭނާގެ ހިތަށް އެރިއެވެ. ހިތުގެ އެދުންތައް ދެ ސިކުންތުގައި ދެގޮތަށް ބަދަލުވެއެވެ. ލައިލާއާއި ދޭތެރޭ މާބޮޑަށް ވިސްނާލެވުމުން އޭނާއަށްވެސް ވީ އެކަހަލަ ގޮތެކެވެ.

ލޯބިވެވުމަކީ ކުށެއް ނޫނެވެ. އަދި އެ ލޯބި ޙާސިލުކުރަން މަސައްކަތް ކުރުމަކީ މައްސަލައެއްވެސް ނޫނެވެ. މައްސަލައަކީ އެމީހަކު ޙާސިލުކުރަން މަސައްކަތް ކުރެވޭ ގޮތެވެ. އޭނާއަށްވެސް ކަންތައް މި ކުރެވުނީ ރަނގަޅަކަށް ނޫނޭ ހިތަށް އަރަނީވެސް މާވަރަކަށެވެ. ފިކުރުތަކުން ދުރުވެ ނިދޭތޯ އެތައް މަސައްކަތެއް ކޮށްފިއެވެ. ނަމަވެސް ފިކުރުތަކުން ދުރުނުވެވުނު ތާނގައި ލޮލަކަށް ނިންޖެއްވެސް ނައެވެ. އަނެއްކޮޅުން އޭނާގެ ޒުވާންކަމުގެ ޖޯޝުން ހިއްސުތައް ހޭލައްވަމުން ދަނީއެވެ. ނަމަވެސް އޭނާ ކެތްތެރިވާނެއެވެ. ލައިލާގެ ކުރިމަތީ އޭނާ ބުނި ބަހަކީ އެއްވެސް އަގެއް ނެތް ބަސްތަކަކަށް ވާކަށް އޭނާ ބޭނުމެއް ނޫނެވެ. ކައިރީގައި އޮތް އޭނާގެ ޙަލާލު އަނބިމީހާއަށް ބަލައިލީ އޭނާދެކެ އެ އަނބިމީހާވެސް ލޯބިވާނަމައޭ ހިތަށް އަރާ ޙާލުގައެވެ. އޭރުން އޭނާއަށްވުރެ އުފާވެރި، ނަސީބުގަދަ ދެވަނަ މީހަކު މި އުޑުދަށުގައި ނުހުންނާނެޔޭ އޭނާގެ ހިތަށް އެރިއެވެ. އެގޮތަށް އޮއްވައި މަޑުމަޑުން އޭނާގެ ދެލޯ މެރެން ފަށައިފިއެވެ. އޭރު މެންދަމުން އަލިވެ ތިނެއްވެސް ޖަހައިފިއެވެ.

ފަތިސް ނަމާދު ބަންޤީގެ އަޑަށް ލައިލާއަށް ހޭލެވުނެވެ. އެވަގުތު އޭނާގެ މޭމަތިން ކަރުމައްޗަށް ވާގޮތަށް އޮތް ފިރިހެންވަންތަ އަތް ފެނިފައި އޭނާއަށް ތެޅިގަނެވުނެވެ. ކައިރީގައި އަރާމުކޮށް ނިދާލާފައި އޮތް ނާފިޒު ފެނުމުން ރޭގައި އޭނާގެ ކައިވެނި ކުރެވުނުކަން ހަނދާންވިއެވެ. އެހަނދާން އާވުމާއެކު އޭނާގެ ދެލޯ ކަރުނުން ފުރުނެވެ. ކައިވެނީގެ އުފާ ހިއްސާކުރަންވީ ވަގުތުގައި އޭނާއަށް މި ޖެހުނީ ކަރުނަ އަޅައި ރޯށެވެ. އޭނާއަކީ ކޮންފަދަ ބަދުނަސީބު އަންހެންކުއްޖެއް ހެއްޔޭ ލައިލާގެ ހިތަށް އެރިއެވެ. މަޑުމަޑުން ނާފިޒުގެ އަތް ނަގައި އެނދުމަތީ ބާއްވާފައި ލައިލާ ދިޔައީ ފާޚާނާއަށެވެ. ފެންވަރައި ތާޒާވެލައިގެން ނުކުމެ ނަމާދަށް އެރިއެވެ. އޭރުން އޭނާގެ ނުތަނަވަސްވެފައިވާ ހިތަށް ހަމަޖެހުމެއް ލިބޭނެކަމުގެ ޔަޤީންކަމުގައެވެ.

ނަމާދުން އަވަދިވެގެން މުސައްލަ އޮޅާލާފައި ގެންގޮސް އަލަމާރި މަތީގައި ބޭއްވިއެވެ. އޭރުވެސް ނާފިޒު ގަދަ ނިދީގައި އޮތެވެ. ނާފިޒު ނަމާދުކުރަންވެސް ނުހޭލަނީބާވައޭ ލައިލާގެ ހިތަށް އެރިއެވެ. އަނެއްކާ ނާފިޒަކީ ނަމާދު ނުކުރާ މީހަކީބާވައެވެ. ނާފިޒަށް ގޮވަން އުޅެފައިވެސް ޖެހިލުންވިއެވެ. އޭނާ ގޮވާތަނުން ރުޅިއައިސްގެން ހަޅޭއްލަވައިގެންފާނެއެވެ. ނަމަވެސް އޭނާގެ ފިރިމީހާއަކީ ނަމާދުކޮށް ދީނީ އަޅުކަންތަކަށް ސަމާލުކަންދޭ މީހަކަށް ވާން ލައިލާ ބޭނުންވެއެވެ. އެންމެފަހުން ވަރަށް ޖެހިލުންވެ ހުރެފައިވެސް ނާފިޒު ގައިގައި ކޮއްޓާލަމުން ގޮވިއެވެ. ފިސާރި ނިދިވެސް ގަދަ ފިރިހެނެއްތާއޭ ލައިލާގެ ހިތަށް އެރިއެވެ. އެންމެފަހުން ނާފިޒުގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ.

“ކިހިނެއްވީ؟” ސިހިފައި ހޭލެވުނު ނާފިޒު ވަރުބަލި އަޑަކުން އަހާލިއެވެ.

“ފަތިސް ނަމާދު ވަގުތު ފާއިތުވަނީ މިހާރު.. ތެދުވޭ ނަމާދަށް ދާން..” ލައިލާ އެހެން ބުނެލުމާއެކު ނާފިޒުގެ ނިދި އެއްކޮށް ފިލައިގެން ދިޔަ ފަދައެވެ. ފުންމައިގެން ތެދުވެ ދެލޯ އުނގުޅާލާފައި ގަޑި ބަލައިލިއެވެ. އިރުއަރާ ވަގުތު ގާތްވަނީއެވެ.

“ހާދަ ލަހުން ތި ގޮވީ..” ނާފިޒު އަވަސްއަވަހަށް ގޮސް ފާޚާނާއަށް ވަނެވެ. އަވަސްއަވަހަށް ފެންވަރާލައިގެން ނުކުމެ އެއްޗެހި ބަދަލުކޮށްލިއެވެ.

“ރޭގައި މާލަހުން ނިދުނީމަ ނުހޭލެވުނީ.. ދެންވެސް އަހަރެންނަށް ފަތިސް ނަމާދަށް ނުހޭލެވިއްޖެއްޔާ ތަންކޮޅެއް އަވަހަށް ގޮވައްޗޭ.. މިރޭ ދެން ނެތް މިސްކިތަށް ދާނެހާ އިރެއް.. އެހެންވެ މިފަހަރު ގޭގައި ނަމާދުކޮށްލާނީ.. އިތުރު މުސައްލައެއް ނެތްތަ؟” ނާފިޒު ލައިލާ ގާތުގައި އަހައިލިއެވެ.

“އިތުރު މުސައްލައެއް ނެތް.. އަލަމާރި މަތީ އެއޮތީ އަހަރެންގެ މުސައްލަ.. އެ ބޭނުންކޮށްލާ..” ނާފިޒުގެ ގާތްކަމުން ލައިލާގެ ޖެހިލުންވުން ނެތެމުން ދިޔައެވެ.

ނާފިޒު ނަމާދަށް އެރުމުން ލައިލާއަށް ވިސްނާލެވުނެވެ. ރޭގައި އޭނާއެކޭ އެއްގޮތަށް ނާފިޒަށްވެސް ނުނިދުނީތާއެވެ. ނަމަވެސް ނާފިޒަށް ނުނިދޭންވީ ކީއްވެ ހެއްޔެވެ؟ އޭނާދެކެ ލޯބިވާކަމަށް ބުނީވެސް ހަމަ ނާފިޒެވެ. ވީއިރު އޭނާ ލޯބިވާ މީހާއާއި ކައިވެނި ކުރެވުމުން އެ ލިބުނު ހިތްހަމަޖެހުމުގައި ނާފިޒަށް ފަސޭހައިން ނިދެންވާނެ ނޫން ހެއްޔެވެ؟ އެވާނީ ތަންމަތި ބަދަލުވުމުން ނާފިޒަށް ނުނިދުނީކަމަށެވެ. އޭނާއަށްވެސް ނިދުނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ޔަޤީންވާ ކަމަކީ އޭރު މެންދަމުން އަލިވެއްޖެކަމެވެ.

“ވަރަށް ނިދިއާދޭ އެބަ.. ކޮފީއެއް ހަދައިދެވިދާނެތަ؟” ނާފިޒުގެ އަޑަށް ލައިލާއަށް ސިހިފައި ބަލައިލެވުނެވެ. އަދި ބޯޖަހާލަމުން ބަދިގެއަށް އަންނާށޭ ބުނެފައި ހިނގައިގަތެވެ. ނާފިޒު ބަދިގެއަށް އައީ ލައިލާ ދެ ކޮފީ ތައްޔާރުކުރަން ހުއްޓައެވެ. ނާފިޒު ގޮސް ލައިލާ ގާތުގައި މަޑުކޮށްލިއެވެ.

“ލައިލާ.. އަހަރެން ބޭނުން ވަރަށް ބޮޑު، ވަރަށް މުހިންމު ވާހަކައެއް ދައްކާލަން..” ނާފިޒު ވަރަށް ވިސްނާފައި ބުނެލިއެވެ. ލައިލާ ހޫމް އަޅުވާލީ ކުރިއަށް ގެންދާށޭ ބުނާފަދަ ގޮތަކަށެވެ.

“އަހަރެމެން ދެމީހުން މީ ދެމަފިރިން.. ދެމީހުންގެ ދެމެދުގައި އަނބިފިރިކަމުގެ ގުޅުން ނުހިނގިކަމުގައި ވިޔަސް އަހަރެން ބޭނުން އެހެން މީހުންނަށް އަހަރެމެންގެ ދޭތެރޭ އެއްވެސް މައްސަލައެއް ނެތްކަން އަންގަން.. މި ބުނަން އުޅެނީ، އަހަރެމެން ދެމީހުން މީހުންގެ ތެރޭ އުޅޭއިރު ދެ ބީރައްޓެހިންހެން ނޫޅެ ތަންކޮޅެއް ގާތްކޮށް އުޅެންވާނެ ވާހަކަ..” ނާފިޒުގެ ވާހަކައަށް ލައިލާ ބޯޖަހާލީ އޭނާވެސް އެކަމަށް އެއްބަހޭ ބުނާފަދަ ގޮތަކަށެވެ.

“ފަހަރެއްގައި ތަންކޮޅެއް އުނދަގޫވެދާނެ މާ ގާތްވެ އުޅެން.. އެކަމަކު އަހަރެން މަސައްކަތް ކުރާނަން އެހެން މީހުންނަށް ކަމެއް ފާހަގަނުވާވަރަށް އުޅެވޭތޯ..” ލައިލާވެސް ބުނެލިއެވެ. ނާފިޒުވެސް ބުނެލީ އޭނާއަށް އެކަން ވިސްނޭ ކަމުގައެވެ. އެއަށްފަހު ދެން ދިޔައީ ހިމޭންކަމުގެ ވަގުތުތަކެވެ. ދެމީހުން ކޮފީ ބޮމުން ދިޔައިރު ދެމީހުން އެކަކު އަނެކަކަށް ބަލާލާފައި ހިނިތުންވެލުން ފިޔަވައި ވީކަމެއް ނެތެވެ. އެ ހިމޭންކަން ނައްތާލުމަށް ވާހަކައެއް ފަށަންވީއިރަށް ސީމާ ބަދިގެއަށް އައިސް ވަދެއްޖެއެވެ. ނާފިޒުގެ ހިތަށް ފޫހިކަން ވެރިވިއެވެ. ސީމާއަށް އަންނަން އެނގުނީ ހަމަ މިވަގުތު ހެއްޔޭ ހިތަށް އެރިއެވެ.

“އައްދޭ.. ދެކުދިން ހާދަ ފަތިހަކާ ހޭލައިގެން.. މަންމަ ހީކުރީ މިއަދު ދެކުދިން ލޮލަށް ފެންނަވަރު ވާނީވެސް މެންދުރުވާންވާއިރު ކަމަށް..” ސީމާގެ އަޑުގައިވާ މަލާމާތް ލައިލާއަށް ނަގައިގަނެވުނެވެ. ލައިލާ އަވަސްއަވަސްކޮށްލައިގެން ތެދުވަން އުޅުމާއެކު ނާފިޒު ލައިލާގެ އަތުގައި ހިފެހެއްޓިއެވެ. އަދި ލޮލުން އިޝާރާތްކޮށްލީ މަޑުކުރާށޭ ބުނާފަދަ ގޮތަކަށެވެ. އެޔާއެކު ލައިލާ އިށީނެވެ.

“އެނޫނަސް އަހަރެމެން ކޮންމެހެން ކުރަންޖެހޭ ކަންކަން އެބަހުރި.. މެންދަރު ވަންދެން ނިދަން އޮތީމަ އެ ފާފަ ބޮލުގައި އަޅަނީ ކާކު؟”

(ނުނިމޭ)

76

8 Comments

 1. Neem Ahmed

  January 1, 2020 at 6:08 pm

  Ayshath Mamdhooha

 2. shaai

  January 1, 2020 at 7:40 pm

  wow . nice story…
  kon dhuvasthakehga story genasdheyni…

  • Saandy

   January 1, 2020 at 10:08 pm

   Thank You.. Mee silsilaa vaahakaeh noon.. 1 vaahaka gothah genesdheyn thankolheh dhigu veema 2 bayah bahaaly.. In Sha Allah!! Maadhamaa 2 dhen oiy bai genesdheynan 🙂

 3. taetae

  January 1, 2020 at 10:53 pm

  wow..vvv reethi next part konirakah…

  • Saandy

   January 2, 2020 at 12:51 am

   Thank You.. In Sha Allah!! Maadhamaa 🙂

 4. Ram Ziyaa

  January 2, 2020 at 7:11 pm

  Ummu Yusuf kiyaala bala v reethi

 5. Liusha Liu

  January 2, 2020 at 10:09 pm

  Asarugadha reethi vaahakayeh

  • Saandy

   January 3, 2020 at 12:49 am

   Shukuriyyaa Liusha Liu 🙂

Comments are closed.