ތަޤްދީރު 02 ވަނަ ބައި

- by - 66- January 9, 2020

” އަނެއްކާ އެއްޗެހިތަކެއް ދާކޮށްގެން ނިކުތީދޯ. ސައުވީސް ގަޑިއިރު ގޭގަ އޮންނަ މީހަކު އެއްޗެއްހި ދާކުރަނީ ވެސް ވަކި ވަރެއް ބަލައިގެނެއް ނޫންވިއްޔާ. ވިދާން ހީކުރަނީ އަހަރެންމީ ރޮބަޓެއް ކަމަށްތަ؟ ” ދޮންނަން ވެފަހުރި ވިދާންގެ އަންނައުނުތައް ހިފައިގެން ކޮޓަރިން ނިކުތުމުން ސިޓީންރޫމުގައި އިން ސަލީމާ ރުޅިވެރި ފާޑަކަށް ބުނެލިއެވެ. ” ދެހަފްތާވީ އެއްޗެހި ނުދޮންނަތާ. އެހެންވެ ދޮންނަން އެއްޗެހި ނެރުނީ ” ސަލީމާގެ އަޑަށް ވިދާން މަޑު ޖެހިލުމަށްފަހު އިސްދަށަށް ޖަހައިގެން ހުރެ ބުނެލިއެވެ. ” މަހެއްވިޔަސް ވިދާން ހީނުރާތި އަހަރެންމީ ވިދާންގެ ނޯކަރެއްކަމަށް. މީގެ ފަހުން ވިދާންގެ އެއްޗެހި ދޮންނަން ޖެހޭނީ އަމިއްލައަށް. ތިޔަ ވަރުކޮށްފަ ތިހުރީ އަހަރެން. އަހަރެންނަކަށް ވެސް ހުރިހާ ކަމެއްނުވާނެ ” ސަލީމާ މިހެން ބުނެ އަތުގައި އޮތް ރިމޯޓް ސޯފާއަށް ޖަހާފަ ތެދުވެގެން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. ސަލީމާ ސޯފާއިން ތެދުވެގެން ދިޔަ މަންޒަރު ވިދާން ބަލަން ހުރުމަށްފަހު މެޝިންކައިރިއަށް ދިޔުމަށް ހިނގައިގަތެވެ.

މެޝިނަށް އަންނައުނުތައް އަޅާ ދޮންނަން ފެށުމަށްފަހު ވިދާން މެޝިނުގައި ލެނގިލިއެވެ. އަދި ދިރިއުޅުމާއިމެދު ވިސްނާލިއެވެ. ސަލީމާގެ އެ ވާނުވާ ނޭންގޭ ރުޅީގެ ސަބަބުން ވިދާންއަށް ގޮތް ހުސްވެފާ ކަހަލައެވެ. އެހެން ނަމަވެސް ކޮންމެވެސް އެއް ދުވަހަކުން އަދި ސަލީމާގެ ފިރުމުންތަކުން ހިތް ފުރިގެންދާނެ ކަމަށް ވިދާން އުންމީދު ކުރަމުން ވިދާން ގޮސް ކޮޓަރިއަށް ވަނެވެ.

” ދަރިފުޅާ ވިދާން ކޮބާ؟ ” ސޯފާގައި ފޯނަށް ބަލަންއިން ޝުހާދު ކުރެން ސަކީލާ އަހާލިއެވެ. ” ގޭގަވީ. ކިހިނެއްވީ މަންމާ ” ޝުހާދު އަހާލިއެވެ. ” ނާންނާތީ މިއަހާލީ ” ކާމޭޒު ކައިރީ ހުރި ސަކީލާ ބުނެލިއެވެ. ” ކުޑަކޮށް ބަލި ވާހަކަ ބުނި ” ޝުހާދު ސަކީލާއާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. ” ކުރިން ދުވަހު ގެއަށް އައިސް އިން އިރު ކަމަކާ ދެރަވެފާ ހުރިހެން މަންމައަށް ހީވި ” ސަކީލާ ބުނެލިއެވެ. ” ނޭންގެ. ކަމެއް ވެގެން އުޅޭ ވާހަކައެއް ނުބުނޭ ” ޝުހާދު ބުނެލިއެވެ.

” ކީއްކުރަނީ ” ފަޒީލް އަހާލިއެވެ. ” ކަމެއްނުކުރަން ” ޔާނާ ބުނެލިއެވެ. ” މިރޭ އެއްވެސް ކަމެއް ޕުލޭންކޮށްފަ އެބައޮތްތަ؟ ” ފަޒީލް އަހާލިއެވެ. ” ނޫން. އަދި ނެތް ކަމެއް ” ޔާނާ ބުނެލިއެވެ. ” މިރޭ މިއުޅެނީ ރައްޓެހިން ތަކަކާއެކު ކޮފީއަކަށް ދާން. ޔާނާ ދާނަންތަ؟ ” ފަޒީލް އަހާލިއެވެ. ” ފަޒީލް އަހަރެން ގެންދަން ބޭނުމިއްޔާ ދެވިދާނެ. އެހެން ނޫނީ އަހަރެން ނުދާނަން ” ޔާނާ ބުނެލިއެވެ. ” ގެންދަން ބޭނުންވާތީދޯ މިބުނީވެސް ” ފަޒީލް ބުނެލިއެވެ. ” ގެންދަން ބޭނުންނަމަ ދާނަންހޭ ނާހާނެ ” ޔާނާ ބުނެލިއެވެ. ” އޯކޭ. އަށަކަށް ރެޑީވެގެން ހުންނާތި. ދާނަން ބަލާ ” މިހެން ބުނެ ފަޒީލް ފޯން ކަޑާލިއެވެ.

އާދައިގެ މަތިން ޝުހާދާއި ވިދާން ރަސްފަންނަށް އައެވެ. އަދި އެހެން ދުވަސްތަކާ ހިލާފަށް ދެމީހުން ގޮސް އިށީނީ ރަސްފަންނުގެ ބޭރު ތޮށީގެ ހިލަތައްމަތީއެވެ. ” މިހާރު ކިހިނެއްތަ ބޮލުގެ ރިހުން ” ޝުހާދު އަހާލިއެވެ. ” މިހާރު ކުރިއަށް ވުރެއް ރަނގަޅު ” ވިދާން ބުނެލިއެވެ. ” ސުވާލެއް ކޮށްލަންތަ؟ ” ޝުހާދު ވިދާންގެ މޫނަށް ބަލާލުމަށްފަހު ބުނެލިއެވެ. ” ކޮން ސުވާލެއް. ” ވިދާން ފަޒީލްއަށް ބަލާލަމުން ބުނެލިއެވެ. ” ދެން ސުވާލު ކުރެވުނީމާ ދާންއަށް ވެސް އެނގޭނެއްނު އަހަރެން ކުރަނީ ކޮންކަހަލަ ސުވާލެއްކަން ” ޝުހާދު ބުނެލިއެވެ. ” އެހެންވިއްޔާ ތި ސުވާލެއް ކޮށްބަލަ ” ވިދާން ފުރަގަހުން ދެއަތް ހިލަގަނޑުމަތީ ވިއްދާލަމުން ބުނެލިއެވެ. ” ގޭތެރޭގަ ކަމެއްވެގެންތަ ތިއުޅެނީ ” ޝުހާދުގެ ސުވާލުން ދުރު ބަލަހައްޓައިގެން އިން ވިދާން ޝުހާދަށް ބަލާލިއެވެ. ” ކިހިނެއްވީ ތިހެން ތި އެހީ ” ވިދާން އަހާލިއެވެ. ” ސުވާލު ނުކޮށް ބުނެބަލަ. ކިހިނެއްވެގެން ތިއުޅެނީ ” ޝުހާދު އަނެއްކާވެސް ބުނެލިއެވެ. ” ނުވޭ އެއްވެސް ކަމެއް ” ވިދާން ބުނެލިއެވެ. ” ބުނަން ވިދާން ވާހަކައެއް. އަހަރެންމީ ވިދާންގެ އެންމެ ގާތް އެކުވެރިޔާ. އަހަރެންނަށް އެނގޭ ކޮންމެވެސް ކަމެއް ވެގެން ކަން ތިއުޅެނީ. ވެގެން އުޅޭ ގޮތެއް ދާން އަހަރެން ގާތުގައި ނުބުނާން ވެގެން ތިއުޅެނީ ” ރާގު ބަދަލުކޮށް ޝުހާދު ބުނެލިއެވެ. ” ކަމެއް ނުވަންޏާ ނުވާ ވާހަކަ އެއްނު ބުނާނީ ” ވިދާން ޝުހާދަށް ބަލާލަމުން ހިނިތުން ވުމަކާއެކު ބުނެލިއެވެ. ” ހުން ދޮގު ތިހަދަނީ. އަހަރެންނަށް ދާންގެ މޫނުމަތިން ކަމެއް ވެގެން އުޅޭކަން ފާހަގަވޭ. ޖަވާބު ނޭންގޭ ސުވާލުތަކެއްގެ ތެރޭގަ ދާން ހުރިކަމުގެ އިހުސާސް އަހަރެންނަށް ކުރެވޭ. މިއަދު މަންމަ ވެސް އަހަރެން ގާތުގަ އެހެން ބުނެފި ” ޝުހާދު ބުނެލިއެވެ. ” މަންމަ ކީކޭ ބުނީ ” ވިދާން އަަވަސް އަވަހަށް އަހާލިއެވެ. ” މަންމަ ބުނި އެއްޗެއް ނުބުނާނަން. ދާންވެސް އަހަރެންނަށް އެއްޗެއް ކިޔާދެނީ އެއްނޫން ” ޝުހާދު ބުނެލިއެވެ. ” ބުނެބަލަ. ކީކޭތަ މަންމަ ބުނީ ” ވިދާން ޝުހާދުގެ ކޮޑަށް އަތް ވައްޓާލަމުން ބުނެލިއެވެ. ” ޝަރުތެއްގެ މަތިން މަންމަ ބުނި އެއްޗެއް ބުނާނީ ” ވިދާންގެ އަތް ކޮޑުމަތިން ފޮޅުވާލަމުން ޝުހާދު ބުނެލިއެވެ. ” ކޮން ޝަރުތެއް ” ވިދާން ބުނެލިއެވެ. ” ތިވެގެން އުޅޭ ގޮތެއް ސާފުކޮށް އަހަރެންނަށް ކިޔާދޭ މަތިން މަންމަ ބުނި އެއްޗެއް ބުނާނީ ” ޝުހާދު ބުނެލިއެވެ. ” އޯކޭ. ކިޔާދޭނަން. މަންމަ ބުނި އެއްޗެއް ބުނެބަލަ ” ވިދާން ބުނެލިއެވެ. ” މަންމަ ބުނީ ދާން ގެއަށް އައި ދުވަހަކު ކަމަކާ ދެރަވެފަ އިންކަން ފާހަގަވިޔޭ. ދެން ނުބުނާތި ކަމެއް ނުވެޔޭ. މަންމަ އެހެން ބުނާނީ ޔަގީނާގާތަށް އެއްޗެއް ހީވެގެން ” ޝުހާދު ބުނެލިއެވެ. ” ދެން ތިކަމާ އަހަރެން ކިކޭ ބުނާނީ ” ވިދާން ބުނެލިއެވެ. ” އެކަމާ އެއްޗެއް ބުނާނެ ކަމެއްނެތް. ތިވެގެން އުޅޭ ގޮތެއް ކިޔާދީބަލަ ” ޝުހާދު ބުނެލިއެވެ. ” އަހަރެންނަށް ނޭންގެ މިވާހަކަ ފަށާނެ ހިސާބެއްވެސް ” ވިދާން ބުނެލިއެވެ. ” ދެން ކޮންމެވެސް ހިސާބަކުން ފަށާބަލަ ” ޝުހާދު ބުނެލިއެވެ.

” އަހަރެންނަށް ކަންތައްތައް އެނގެން ފެށީއްސުރެން މަންމަ އަހަރެންނާ ރީތިކޮށް ވާހަކަ ނުދައްކާ. ހުންނަނީ އަބަދުވެސް ރުޅި އައިސްފަ. މިހާރަކަށް އައިސް އަހަރެންނަށް ރަނގަޅަށް ކުރެވޭ އެއްވެސް ކަމެއް ނެތް. ކުރެވޭ ކުޑަކުޑަ ކަމަކުން ވެސް އަހަރެން ދެކެ ރުޅި އައިސް ދާނެ. މިއަދުވެސް އަހަރެން ދާވެފަ ހުރި އަންނައުނު ހިފައިގެން ކޮޓަރިން ބޭރަށް ނިކުންނަ ތަނުން މަންމަ ބުނެލީ އަމިއްލައަށް އެއްޗެހި ދޮންނާށޭ ” ވިދާން ބުނެލިއެވެ. ” ދެން ވިދާން ކިހިނެއް ހެދީ ” ޝުހާދު އަހާލިއެވެ. ” އަހަރެންނަށް ވަކި ކޮންއެއްޗެއް ހެދޭނީ. އެހެންވެ އަހަރެން އަމިއްލައަށް އެއްޗެހި ދޮވުނީ ” ވިދާން ބުނެލިއެވެ. ” އަމިއްލައަށް ދޮންނާނެ ކަމެއްނެތް. ގެނޭ އަހަރެން އަތަށް. އޭރުން މަންމަ ލައްވާ ދޮވެފަ ގެނެސްދޭނަން ” ޝުހާދު ބުނެލިއެވެ. ” ނޫނޭ ޝުހާދު. އަހަރެން އަމިއްލައަށް ކަންތައްތައް ކޮށްލަފާނަން. އަހަރެން ވެސް އަމިއްލަ ކަންތައްތައް ކުރަން ޖެހޭނެއްނު. އަބަދަކު މަންމަ އެއްވެސް ނުހުންނާނެއްނު. އެހެން ނޫނަސް ތިގެއަށް އެއްޗެހި ގެންގޮސްފިނަމަ ޝުހާދު މަންމަ އެހާ ސުވާލު ކުރާނެ. އޭރުންވެސް އެހެން މީހުންގެ ނަޒަރުގަ މަންމަގެ އަގު ވެއްޓިގެން އެދަނީ. އަހަރެން ބޭނުމެއްނޫން އެހެން ވާކަށް ” ވިދާން ބުނެލިއެވެ.

” އެހެންވިއްޔާ ދާންގެ ބައްޕަ ކޮބާތަ؟ ” ޝުހާދުގެ ސުވާލާއެކު ވިދާން މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. ” ތީއެއްނު އަހަރެންނަށް ވެސް ނޭންގޭ ކަމަކީ. އަހަރެންނަށް ނޭންގެ އަހަރެންގެ ބައްޕަ ދުނިޔޭގަ ހުރިކަމެއްވެސް ” ވިދާން މޮޅިވެރި ގޮތަކަށް ބުނެލިއެވެ. ” މަންމަ ގާތުގަ ނާހަންތަ؟ ” ޝުހާދު ބުނެލިއެވެ. ” ކިހާވަރަކަށް ސުވާލު ކުރާނީ. އެކަމަކު އަހަރެން ސުވާލު ކުރާ ކޮންމެ ފަހަރަކު މަންމަ އަހަރެންނާ ދިމާއަށް އެއްޗެހި ކިޔައި ގަންނަނީ. އެހެންވެ އަހަރެންނަށް ނުކުރޭ ގިނަފަހަރު ސުވާލު ކުރާކަށް ” ވިދާން ބުނެލިއެވެ. ” އެކަމަކު ދާންގެ ބައްޕަގެ ވާހަކަ އޮޅުންފިލުވުމަކީ ދާންގެ ހައްގެއްނު. އެހެންވީމާ ސުވާލު ކުރެވޭނެއްނު ” ޝުހާދު ހައިރާންވެފަ ބުނެލިއެވެ. ” އެނގޭ ތިހުރިހާ ކަމެއްވެސް އޮޅުންފިލުވުމަކީ އަހަރެންގެ ހައްގެއްކަން. އެކަމަކު މިހާރު ކާކު ހައްގު ހޯދަން އުޅެނީ. ކާކު ހައްގު ހޯދަދޭން އުޅެނީ ” ވިދާން ބުނެލިއެވެ. ” މިހުރިހާ ކަމަކާ ވިސްނާ ވިސްނާ އަހަރެން ބޮލުގެ ރިހުން ނުކެޑޭ. ބައްޕަ ވީތަނެއް ނޭންގުނަސް މަންމަ ހިތް ހެޔޮ ކަމާއެކު އެއްޗެއް ބުނާނަމަ ވެސް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނީސް. އެކަމަކު އަހަރެންގެ ނަސީބުގަ ނެތްކަމެއް އަހަރެން ކުރަން އުޅުނަސް އެކަމަކުން ވާނެ ފައިދާއެއް  ނޯއްނާނެ ” ވިދާން ބުނެލިއެވެ. ” ތިހެން ނުބުނޭ. ކައްތައްތައް ކާމިޔާބު ވަނީ ހިތްވަރާއެކު މަސައްކަތް ކޮށްގެން. މަންމަ ދާން ދެކެ ރުޅި އަންނަ ސަބަބު ހޯދަން އުޅެފިނަމަ އެކަންވެސް ވާނެ ” ޝުހާދު ބުނެލިއެވެ. ” ނުވާނެ. ޝުހާދަށް އަހަރެންގެ މަންމަގެ ގޮތް ނޭންގޭތީ ތިހެން ތިބުނަނީ. އަހަރެން މިހާވަރު ވެފާ ހުއްޓަސް މަންމަގެ ކުރިމަތީ ގިނަ ވާހަކަ ދައްކާ ސުވާލުތަކެއް ކުރުމަކީ އަހަރެންނަށް ކުރަން ފަސޭހަ ކަމެއްނޫން. އެހެންވެ އަހަރެން ސުވާލުތަކެއްވެސް ނުކުރަނީ. ތަގްދީރުގަ އަހަރެންނަށް ހުރީ މިގޮތްކަމަށް ވެދާނެއްނު ” ވިދާން ޝުހާދަށް ބަލާލަމުން ބުނެލިއެވެ.

” ތީދެން ދައްކާ ކަހަލަ ވާހަކައެއްތަ؟ ” ޝުހާދު  ބުނެލިއެވެ. ” އަދި އަހަރެން އެއްވެސް މީހެއްގެ ގާތުގަ ނުބުނާނާ ވާހަކަ އެއް ބުނަންވެފަ އެބައޮތް ” ވިދާން ބުނެލިއެވެ. ” ކޮން ވާހަކައެއް އަނެއްކާ! ” ޝުހާދު ބުނެލިއެވެ. ” އަހަރެން މިވާހަކަ ބުނީމާ ވާހަކަޔާ ގުޅޭ ގޮތުން އެއްވެސް ކަމެއް ކުރަން ޝުހާދު ނުބުނާމަތިން ބުނަނާނީ ” ވިދާން އެހެން ބުނެލީ ވާހަކައިގެ ބާވަތުން ޝުހާދު ގޮތެއްގައި ހިފަހައްޓާނެކަން ޔަގީންވާތީއެވެ. ” ހޫމް… ނޫޅެމޭ އެއްޗެއް ކިޔާކަށް. ދެން ތިވާހަކައެއް ބުނެބަލަ ” ޝުހާދު ބުނެލިއެވެ.  ” ކުރިން ދުވަހު އަހަަރެން ނިދާ ހޭލި އިރު ބެޑް ޝީޓްގަޔާ އަހަރެން އަނގަކައިރީގައި ލޭހުރި ” ވިދާން ބުނެލިއެވެ. ” ލޭ ހުންނަންވީ ކީއްވެ؟ ” ޝުހާދު ހީލުމަށްފަހު ބުނެލިއެވެ. ” ނޭންގެ. އަހަރެންވެސް ވަރަށް ހައިރާންވި ” ވިދާން ބުނެލިއެވެ. ” އެހެންވެ އަހަރެން ކުރިންވެސް ބުނީ، ދާން ބޮލުގަ ރިއްސާ ވާހަކަ ބުނީމާ ޑޮކްޓަރަށް ދައްކަންދާން. އެކަމަކު ގޮތްދޫނުކުރާންވެގެން ތި ހުންނަނީ ” ޝުހާދު ބުނެލިއެވެ. ” އެހާ ކުޑަ ކަމަކާ ދެން ހޮސްޕިޓަލަށް ގޮސް ނުހުރެވޭނެ. އެހެން ނޫނަސް އަހަރެން ކުރިންވެސް ބުނެފަ އޮންނާނެ ޑޮކްޓަރަށް ދައްކަންދާން ރުފިޔާ ނުލިބޭނެ ވާހަކަ ” ވިދާން ބުނެލިއެވެ. ” ދާން ބުންޏަސް އެއީ ކުޑަކަމެއްނޫން. ދާން އަށް ތިބުނާ ކުޑަ ކަންތައް ބޮޑު ވާނީ ކަފުނަށްލާ ބަނދެލީމަދޯ ” ޝުހާދު ހިތްހަމަ ނުޖެހޭ ފާޑަކަށް ބުނެލިއެވެ. ” ތިހެން އަހަރެން ނުބުނަމެއްނު. ދެން އެވާހަކަ ބާއްވާ. މިހާރު އެހެރަ އިރުއޮށްސެންވަނީ. ދެން ހިނގާ ގެއާދިމާއަށް ” މިހެންބުނެ ވިދާން ހިލަގަނޑުމަތިން ތެދުވުމުން ޝުހާދުވެސް ތެދުވިއެވެ. އެއަށްފަހު ދެމީހުން އެކުގައި ގެއަށް ދިޔުމަށް ހިނގައިގަތެވެ.
” ކޮބާ ތައްޔާރު ވެވިއްޖެތަ؟ ” ފަޒީލް އަހާލިއެވެ. ” އަދި ފަސްމިނިޓް ” ޔާނާ ފޯން ނާގާ ސްޕީކަރަށް ލުމަށްފަހު ބުނެލިއެވެ. ޔާނާ ވާހަކަދައްކަމުން ދިޔައިރު ވެސް ދިޔައީ މޭކަޕް ކުރަން ގެންގުޅޭ ފިހި މޫނުގެ ދެފަރާތު ހާކަމުންނެވެ. ” ދެން އަވަސް ކޮށްބަލަ. ރީތިވާށޭ ކިޔާފަ އަހަރެން ގުޅިތާވެސް ކިހާއިރެއް ވެއްޖެތަ؟ ” ލަސްވެފާ ހުރި ފަޒީލް ބުނެލިއެވެ. ” މި ނިމެނީ. މަޑުކޮށްލާ ” މިހެންބުނެ ޔާނާ ފޯން ކަޑާލިއެވެ. ޔާނާ ފޯން ކާޑާލުމުން ފޯން ޖީބަށް ލަމުން ފަޒީލް މަގުގެ ކޮޅަަށް ބަލާލިއެވެ. އޭރު ފަޒީލް ސައިކަލް މަޑުކޮށްލައިގެން އިން ފަރާތު ޕޭމަންޓް މަތިން ޒުވާން ދެ އަންކުދިން ހިނގަމުން އާދެއެވެ. އެދެކުދިން ހިނގަމުން އައިސް ފަޒީލާ އަރާ ހަމަވުުން ފަޒީލް އެމީހުންނާ ދިމާއަށް ބަލާލުމަށްފަހު ތުބުން ފުމެލިއެވެ. އެވަގުތު އެއަޑަށް އެދެ ކުދިން ހުއްޓި ފަޒީލްއަށް ބަލާލިއެވެ. ” ކޮންދިމާއަކަށް ދަތުރުކޮށްލަނީ ” ފަޒީލް ބުނެލިއެވެ. ” ނުބެހޭ ކަންތައްކާ ނުބެހި ހުރެބަލަ ” އޭގެތެރެއިން އެއްކުއްޖަކު އެހެން ބުނެލުމުން ފަޒީލް ލާނެއްފާޑަށް ހީލިއެވެ. ފަޒީލްގެ އެ ހަރާކާތުން އެދެކުދިން ރުޅިގަދަގެން ހުރެ ކުރިއަށް ހިގަނއިގަތެވެ. އޭރު އެމަންޒަރު ބަލަން ހުރި ޔާނާގެ މޫނުމަތިން އިންތިހާއަށް ރުޅިވެރިކަން ފާޅުވަމުން ދިޔައެވެ.  އަދި ފަޒީލް ބަލާލުމުގެ ކުރިން ޔާނާ މޫނުގެ ކުލަވަރު ބަދަލުކޮށް ހިނގާފައި އައިސް ސައިކަލް ކައިރީ މަޑުކޮށްލިއެވެ. ” ކޮންއެއްޗެއް ތި ހޯދަނީ ފަތަށް އެނބުރިގެން ” ޔާނާގެ އަޑަށް އެދެކުދިންނަށް ބަލަން ފަސްއެނބުރިގެން އިން ފަޒީލް ދިޔައީ ސިހިގެންނެވެ.

” އެއްޗެއް ނުހޯދަން ” ފަޒީލް އަވަސް އަވަހަށް ހަމަޖެލިމުން ބުނެލިއެވެ. ” އެކަމަކު ހީވަނީ އެއްޗެއް ހޯދާހެން ” ޔާނާ ވެސް ޒަފީލްގެ ފުރަގަހުން މަގަށްބަލާ ހޯދަމުން ބުނެލިއެވެ. ” ސާބަހޭ. އެއްޗެއް ނުހޯދަން. ދެން ވެސް އަވަސްކޮށް އަރާބަލަ. އެމީހުން ލަސްވެގެން މިހާރުވެސް އުޅެނީ ” ޔާނާ އެހެން ކިޔަން ފެށުމުން ފަޒީލް ވާހަކަ އޮޅުވާލަންވެގެން އަވަހަށް އެހެން ބުނެލުމުން ޔާނާ ސައިލަށް އަރާ ހަމަޖެހިލުމުން ފަޒީލް ސައިކަލް ދުއްވާލިއެވެ.

” އޭ ވިދާން ކާން އާދޭ! ” ވިދާން ކޮޓަރީ އެނދުގައި އޮށޯވެލައިގެން އޮށްވާ ސަލީމާ އައިސް ކާން ދިޔުމަށް ބުނުމަށްފަހު ދިޔައެވެ. ވިދާން ކާން ވެގެން ކޮޓަރިން ބޭރަށް ނިކުތް އިރު މޭޒުމަތީގައި ކާން ހަދާފަ ހުއްޓެވެ. ނަމަވެސް ސަލީމާ ގޭތެރެއިން ފެންނާކަށް ނެތެވެ. ސަލީމާ ވިދާންއަށް ކާން ގޮވުމުން ލިބުނު ކުޑަ ހިތްހަމަ ޖެހުމާއެކު ކާމޭޒާ ދިމާއަށް ވިދާން ހިނގައިގަތެވެ. އަދި މޭޒު މަތީ ހުރި ތަށިތަކުގެ މަތި ނަގަމުން ދިޔައެވެ. އެވަގުތު ގަރުދިޔަ އަޅާފަ ހުރި ތަށިމަތީގައި ބަންޑުން ބާއްވާފަ އޮތް ތަށި ނަގަނިކޮށް ވިދާންގެ އަތުން ތަށި ދޫވެގެން މޭޒުމައްޗަށް ވެއްޓި ތަށި ތަޅައިގެން ދިޔައެވެ. އެވަގުތު ވިދާންއަށް ސަލީމާގެ ކޮޓަރިއާދިމާއަށް ބަލާލެވުނެވެ. ހަމަ އެހިނދު ސަލީމާ ތަށީގެ އަޑަށް ކޮޓަރީ ދޮރުހުޅުވާލާފަ ނިކުތެވެ. އަދި ބާރު ހިނގުމެއްގައި އައިސް މޭޒް ކައިރީ ހުއްޓި މޭޒުމައްޗަށް ބަލާލިއެވެ. އޭރު ވިދާން ހުރީ އަމިއްލަ ދިފާއުގައި ބުނާނެ އެއްޗެއް ނޭންގި އިސްދަށަށް ޖަހާލައިގެންނެވެ. މޭޒުމަތީގައި ހުރި ބިއްލޫރިތައް ފެނުމުން ސަލީމާގެ ރުޅިގަނޑު އިންހާއަށް ގަދަވެގެން ދިޔައެވެ. ވިދާން އިސްއުފުލާ ސަލީމާއަށް ބަލާލި ވަގުތު ސަލީމާގެ ރުޅިގަނޑު އަތުގެ މުލައްދަޑިން އަތްތިލަޔާ ހަމަޔަށް ދިޔަކަމުގެ އިހުސާސާއެކު، އަތުގައި ހުރި ބާރެއްލާފަ ވިދާންގެ ކޯތާފަތަށް ސަލީމާގެ ރުޅިގަނޑު ހުސްކޮށްލިއެވެ. އެވަގުތު ހިނދުކޮޅަކަށް ވިދާންގެ ވިންދު ކެޑުންކަހަލަ އިހުސާސެއް ކުރެވުނެވެ. އަދި ލޯމައްްޗަށް އަނދިރިވެގެން ދިޔަ ވަގުތު ދެލޯމަރާ ބާރުކޮށްލިއެވެ.

66

You may also like...

7 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Wooooowwww … haadha ryhchey mi part vx … ma sha allah
    I think vidhaan ah huriii cancer jehifa hn…
    😅Hehe …
    Ma sha allah …
    ❤❤❤Waiting fr nxt part

Leave a Reply

Your email address will not be published.