އަހަރެން ކޮޓަރިއަށް ވަތްއިރު އެލީނާ އުޅެނީ ލިވިއާ ނުނިދައިގެންނެވެ. ލިވިއާ ރޯންއޮވެފައި އަހަރެން ފެނުމާއިއެކު ދުއްވައިގަނެގެން އައިސް އަހަރެންގެ އަތުތެރެޔަށް ވަދުނެވެ. އަހަރެން ލިވިއާ އުރާލިވަގުތު އަހަރެންނަށް ފެނުނީ ލިވިއާގެ ނިއްކުރި ވަރަށް ބޮޑަށް މަށައިގެންގޮސްފައިވާތަނެވެ. އެލީނާ ކޮންމެސް އަނިޔާއެއް ކުރީކަން އަހަރެންނަށް ޔަގީނެވެ. އަހަރެން ލިވިއާ ގޮވައިގެން ބޭރަށް ނުކުތީމެވެ. ލިވިއާ ހުއްޓާލީ އަހަރެން އުނދޯލީގައި އިނދެ އިރުކޮޅަކު ނާނާ ކިޔާދިންފަހުންނެވެ. އަހަރެންގެ ނާނާ ނިމުނުއިރު ލިވިއާއަށް ވަނީ ނިދިފައެވެ.

“ކީއްވެތަ މިރޭ ޒުވާބެއް ނުފަށަން ތި ހުންނަނީ.؟” ލިވިއާ ބާއްވަން އަހަރެން ކޮޓަރިއަށް ވަތް ވަގުތު އެލީނާ ބުނެލިއެވެ. އަހަރެން އޭނަޔާއި ވާހަކަ ނުދެއްކިޔަސް އޭނަޔަށް އުނދަގޫވެއެވެ. ވާހަކަ ދެއްކިޔަސް އުނދަގޫވެއެވެ. އަހަރެން އޭނަ ބުނި އެއްޗަށް އެއްވެސް ޖަވާބެއް ނުދީ ލިވިއާ ބާއްވާފައި އެނދުމަތިން ބާލީހެއް ހިފައިގެން ނުކުތީމެވެ. އަހަރެން ދެން އެލީނާ ގާތުގައި ނުނިދާނަމޭ ހިތާއެވެ.

އަހަރެން ނުކުމެ ސޯފާގައި އޮށޯވެ އޮއްވައި ކޮޓަރީގެ ދޮރު ހުޅުވާލިއަޑު އިވުނެވެ. “މަ ދެރަ ވާނެ ކަމަށްތަ ކަލޭ ތިތާ ތިއޮތީ؟ މަށަށް ވަރިހަމަ ކަލޭ ތިތާ އޮތަސް.” އެލީނާ މަސައްކަތް ކުރީ އަހަރެންނާއި ޒުވާބު ކުރެވޭތޯއެވެ. ނަމަވެސް އަހަރެން ސަމާލުކަމެއް ނުދެމެވެ. އެލީނާ އެތާހުރެ އެތައް އެއްޗެއް އަހަރެންނާއި އަހަރެންގެ އާއިލާއަށް ރަށްދުކޮށް ކިއެވެ. ނަމަވެސް ދެނެއް އެއިން އެއްވެސް ބަހަކުން އަހަރެންގެ ހިތުގައި އަޅާނެ ވޭނެއް ކުރާނެ އަސަރެއްވެސް ނެތެވެ. އަހަރެން އަޅާނުލުމުން އެލީނާ ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ.

ޖެހިގެންއައި ދުވަހު އޮފީހުގައި އިނދެ އަހަރެން ވަރަށް ވިސްނީމެވެ. ލީޒާ ދޭން އެއުޅޭ ފައިސާ އަހަރެން އަނބުރާ އަދާ ކުރަން ވަރަށްބޮޑު މަސައްކަތެއް ކުރަން ޖެހޭނެއެވެ. 1 މިލިއަން ތިން މިލިއަނަށް ހެދުމަށް އަހަރެން ހަދާނެ ގޮތަކާއި މެދު އަހަރެން ވަރަށް ބޮޑަށް ވިސްނީމެވެ.

އެގޮތުގައި ތިން ދުވަސް ހޭދަ ވެގެން ދިޔައީ އަހަރެންނާއި ހަވާލުވާން މިއުޅޭ ބޮޑު މަސައްކަތަށް އަހަރެން ތައްޔާރު ވެލުމަށް ލިބިގެން ދިޔަ ފުރުސަތަކަށެވެ. ލީޒާ މަސައްކަތުގައި ބުރަކޮށް އުޅުމުގެ ސަބަބުން އަހަރެންނާއި ދިމާވާ ގޮތެއް ނުވިއެވެ. ގޭތެރެއިން އަހަރެން އެލީނާއަށް ދައްކަމުން ދިޔައީ އަހަރެމެންގެ ކައިވެނީގައި މިހާތަނަށް އެލީނާއަށް ނުދައްކާފަދަ ސިފަތަކެކެވެ. އަހަރެން މިހާރު އެލީނާއާ ވާހަކައެއް ނުދައްކަމެވެ.

ލީޒާއާއި ބައްދަލު ނުވާތާ ހަތަރު ވަނަޔަށް ވީދުވަހު ލީޒާ އަހަރެންނަށް ގުޅިއެވެ. ފައިސާގެ ޗެކު ހަވާލު ކުރުމަށް ބައްދަލު ކޮށްލަން ބޭނުން ވާތީއެވެ. އަހަރެން ލީޒާ އާއި ވާހަކަ ދެއްކީ ކޮޓަރި ތެރޭގައި އޮވެއެވެ. އެއިރު އެލީނާވެސް ކޮޓަރި ތެރޭގައި އުޅެއެވެ. އަހަރެން ވާހަކަ ދެއްކީ ރޭގަނޑު 9 ޖަހާއިރު ބައްދަލު ކުރަންކަން އެލީނާއަށް އެނގޭނެއެވެ. “ކާކާ ބައްދަލު ކުރަން ދާން ތިއުޅެނީ؟” އަހަރެން ފޯނު ބޭއްވުމާއިއެކު އެލީނާ ވަރަށް މަޑުން ބުނެލިއެވެ. މުޅި ހަޔާތުގައިވެސް އެލީނާ އަހަރެންނާއި ރީތިކޮށް ވާހަކަ ދެއްކި މިއީ ފުރަތަމަ ފަހަރެވެ. އަހަރެންގެ ފަރާތުން މިހާރު ފެންނަ މިޒާޖުން އަހަރެން ބީވެދާނެ ކަމުގެ ބިރު އެލީނާގެ އުފެދެން ފެށީބާއެވެ. “އަހަރެން ކޮންމެ މީހަކާ ބައްދަލު ކުރިއަސް ކަލެއަކަށް ނުބެހެވޭނެ.” އަހަރެން ރަށްދު ދިނީ ކެރި ހުރެއެވެ. އެވަގުތު އެލީނާގެ މޫނުން އަހަންނަށް ފެނުނީ މާޔޫސް ކަމެވެ. އޭނާގެ އަނގައިން އިތުރު އެއްވެސް ބަހެއް ނުނުކުތެވެ.

އެރޭ އަހަރެން ލީޒާ އާއި ބައްދަލު ކުރަން ދިޔުމަށް ތައްޔާރު ވަމުން ދިޔައިރު އެލީނާ އެނދުމަތީގައި އިނެވެ. “ކޮންތާކަށް ދާން ތިއުޅެނީ؟” އެލީނާ ސުވާލު ކޮށްލިއެވެ. އަހަރެން އަނގައިންނެއް ނުބުނަމެވެ. ނަމަވެސް އެލީނާ ގާތަށް ރުޅިއެއް ނައެވެ. އަހަރެންގެ އުޅުމަށް މިއައި ބަދަލުގެ ސަބަބުން އެލީނާގެ މިޒާޖަށް ބަދަލުތަކެއް އައިސްފިއެވެ. އަހަންނަށް މިހާރު އެކަން ޔަގީންވެއްޖެއެވެ.

އެރޭ ލީޒާ އަހަރެންނާއި ފައިސާ ހަވާލު ކުރީ ޗެކަކުންނެވެ. އަހަރެން ބޭނުން ވަގުތަކު ފައިސާ ނެގޭ ގޮތަށެވެ. ވަކިވުމުގެ ކުރިން އަހަރެން އެރޭ ލީޒާ އާއި މަޝްވަރާކުރީމެވެ. އެލީނާގެ އުޅުމަށް އައި ކުއްލި ބަދަލާ ބެހޭގޮތުންނެވެ. އަދި އެލީނާ ރަނގަޅު ވުމުގެ ކުލަވަރުތަކެއް އޭނާގެ އުޅުމުން ފެންނަން ފަށައިފިކަން އަހަރެން ލީޒާއަށް ހާމަކޮށްދިނީމެވެ. އެ ވާހަކަތައް އަހާފައި ލީޒާގެ މޫނުމަތިން އަހަންނަށް ފެނުނީ އުފާވެރިކަމުގެ ބަދަލުގައި މާޔޫސް ކަމެވެ. އެކަން ލީޒާގެ ވާހަކަ ދެއްކުމުން ހާމަ ނުކުރަން ލީޒާ މަސައްކަތް ކުރިއެއްކަމަކު އަހަރެންނަށް ލީޒާގެ މޫނުން ވަރަށް ރަނގަޅަށް އެކަން ފާހަގަވާން ހުއްޓެވެ. “ދެން އެލީނާ ރަނގަޅު ވެއްޖެޔާމު އެލީނާ ވަރިއެއް ނުކުރާނަންތަ؟” ލީޒާ ސުވާލު ކޮށްލިއެވެ. ލީޒާ މާޔޫސް ވެފައި އެއިނީ ކޮންކަމަކާ ކަމެއް އަހަރެންނަކަށް ނޭނގުނެވެ. “ކޮންމެގޮތެއް ވިއަސް ވަރިކުރާނަން..” ލީޒާގެ މޫނަށް ހަމަޖެހުން އައީ އަހަރެން މި ޖަވާބު ދިނުމުންނެވެ.

އެލީނާ ރަނގަޅު ވިއަސް އަހަރެންނަކަށް ދެން އެލީނާ އާއި އެކުގަޔެއް ނޫޅެވޭނެއެވެ. އަހަރެންގެ ހިތް އަލަކުންދެން އެލީނާގެ ނަމެއް ނުކިޔާނެއެވެ. އަހަރެންގެ ހިތް މިހާރު ގޮވަނީ އެހެން މަންޒިލަކަށް ދާށެވެ. އެއީ ލީޒާއެވެ. އަހަރެންނަށް ލީޒާ ދެކެ ލޯބި ވެވިއްޖެކަން ޔަގީނެވެ. އަހަރެން އެލީނާގެ މިޒާޖަށް އައި ބަދަލުގެ ވާހަކަ ބުނުމުން ލީޒާގެ މޫނުން އެ ފެނުނު މާޔޫސް ކަމަކީ އަހަރެން ދެކެ ލޯބިވާ ކަމުގެ ނިޝާނެއް ބާއެވެ؟ އަހަރެންނަށް ޔަގީނެއް ނޫނެވެ. އަހަރެން އަދި މަޑުކޮށްލާނަމެވެ. ލީޒާގެ ހިތް އަހަރެން ހާސިލް ކުރާނީ އެލީނާގެ ކިބައިން ސަލާމަތް ވެގެންނެވެ.

އެރޭ އަހަރެން ގެޔަށް އައިއިރު އެލީނާ ކޮޓަރި އެނދުމަތީގައި އޮތެވެ. އަހަރެން ގޮސް އެލީނާއަށް ފެންނާނެހެން ލީޒާ ދިން ޗެކު ޑްރެސިންގް ޓޭބަލް މަތީގައި ބޭއްވީމެވެ. އަހަރެން ބޭނުންވީ އެލީނާއަށް އެ ފައިސާ ލިބުނުކަން އަންގާލާށެވެ. އަހަރެން ފާހާނާއަށް ވަދެ އެއްޗެހި ބަދަލު ކޮށްލައިގެން ނުކުތްއިރު އެލީނާ ހުރީ ޑްރެސިންގް ޓޭބަލް ކައިރީގައި އެޗެކު ހިފައިގެންނެވެ. “މީ ކޮންހާ ފައިސާއެއް؟” އެލީނާ އަހަރެންނާ ސުވާލު ކޮށްލިއެވެ. “ތީ ކަލޭ ތިކިޔާ ފައިސާބޮނޑި. ކަލޭ ބަފާ އަތުން މަގޭ ބައްޕަ ނެގި. ތީތި މަދައްކާނަން މާދަމާ ކަލޭ ބައްޕަޔަށް. ކަލޭވެސް މިނިވަންވާން ތައްޔާރަށް ހުރޭ..” އަހަރެން އެލީނާ ވަރި ކުރަން ވިސްނާކަން އަހަރެން އެލީނާޔަށް އަންގައިދިނީމެވެ. އަހަރެން ހީކުރީ އެލީނާ ހަޅޭއް ލަވަން ފަށާނެ ކަމަށެވެ. ނަމަވެސް ކަންތަށްވީ އެހެންނަކުން ނޫނެވެ. އެހެން ބުނުމަށްފަހު އަހަރެން ބާލީހެން ނަގައިގެން ކޮޓަރިން ނުކުތުމަށް ހިނގައިގަތް ވަގުތު އެލީނާ އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އެވަގުތު އަހަރެން އެލީނާ އަތުން އެ ޗެކު ޖަހައި ގަތީމެވެ. އޭނާ އޭތި ވީދާލަ ފާނެތީއެވެ.

“ކީއްވެ ތިހެން ތި ހަދަނީ؟ އަހަރެން ވަރި ކުރީމަ މަންމަމެން ކިހާ ދެރަވާނެ. އަހަންނާ ވަކި އިންނާނީ ކާކު؟ އަހަރެންގެ ދެން ހުރީވެސް ވަކި ކާކު. ހެޔޮނުވާނެ އަހަރެން ދޫ ނުކޮށްލާ. އަހަންނަށް ވަރިހަމަ ތި ފައިސާ ނުލިބުނަސް. އަހަރެންދެން އުޅޭނީ ވަރަށް ލޯބިން. އަހަރެން އިސްލާހުވާން ފުރުސަތެއް ދީ. އަހަރެން ދެން ލިވީއަކަށް އަނިޔާއެއްވެސް ނުކުރާނަން”. މިއޮއް ހުރިހާ ދުވަހު އޭނަ ހިތުހުރި ގޮތެއް ހަދަމުންދިޔަ އަހަރެންނާއި ވަކިވާން ޖެހުނީމަ އަހަންނަށްޓަކާ ފުރަތަމަ ފަހަރަށް އޭނާގެ ލޮލުން އޭނާ ކަރުނަ އަޅައިފިއެވެ. އޭނާގެ ދިރިއުޅުމަށް އަހަރެންނަކީ މުހިންމު މީހެއްކަން އޭނާއަށް އިހުސާސް އެކުރެވުނީ އަދި ކިރިޔާއެވެ. އަހަރެން އޭނާގެ އަތް ފޮޅައި ލީމެވެ. އެ އާދޭސްތަށް އަހަރެން އަހާކަށް ބޭނުމެއް ނުވިއެވެ. އަހަރެން ކޮޓަރިން ނުކުތް އިރުވެސް އޭނާ ރޯން ހުއްޓެވެ.

 

-ނުނިމޭ-

50

4 Comments

  1. Huneyy

    December 7, 2019 at 5:31 am

    Varahves furihama genesdheefa inn goih❤❤❤
    I wish one day u get to be in vanavana list. Hehe. Keep it up maseeh

  2. Chocolate lover🍫

    December 7, 2019 at 12:14 pm

    Maseeh ge vaahaka thah varah varah varah reethi Maasha Allah❤️😊👍👏💯👌

    • Maseeh

      December 7, 2019 at 6:31 pm

      owwwn. thank you so much

  3. Maisha maii

    December 7, 2019 at 9:08 pm

    Varah reethi mi part vx varah… Waiting for next part… When next?

Comments are closed.