Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ނާކާ (އެޕިސޯޑް 09)

Maseeh Level 110 Stories
December 7, 2019 10 Mins Read
6 Comments

ސަމާހު: “ބުނީމެއްނު ފަޒީން މަރުވިރޭ ތިމަންނަޔާ އޭނަ ދިމަލެއް ނުވެޔޭ. އެކަމަކު ދެންމެ މި ދައްކާލި ވީޑިއޯގަ އެވާގޮތް މަށަށް ކިޔާދެވިދާނެތަ؟”

ނަޒީހު: “އޭނަ ފުރަތަމަ ތަޅަން ފެށީ.. އަހަރެން ހަމަ ރީތިކޮށް ވާހަކަ ދެއްކީ ދޯ؟”

ސަމާހު: “ރަނގަޅޭ.. ތިނޫން ވާހަކައެއް އަހަރެން ނުބުނަން ދޯ؟ މަގޭ މިބުނަނީ އެރޭ ވީގޮތް ރަނގަޅަށް ކިޔާދޭށޭ..”

ނަޒީހު: “ބަލާއެއްނު. ތި ހޯދައިގެން ތިއުޅޭ ވީޑިއޯއެއްގަ އެޔޮތީއެއްނު ވީގޮތް ފެންނަން. ދެން އިތުރަށް ކޯއްޗެއްތަ ނޭނގިގެން ތިއުޅެނީ؟”

ނަޒީހު އިންތަނުން ތެދުވެ މޭޒުމަތީގައި އޭނާގެ ދެއަތުން ޖެހިއެވެ.

ސަމާހު: “އޭއި އޭއި. ހަމަ ޖެހޭ.. އެރޭ އެފިހާރަ ކުރިމަތީގައި ތަޅާފައި ދިޔަފަހުން ނަޒީހުއާއި ފަޒީން ދިމާވިތަ؟”

ނަޒީހު: “ނޫން. ނުވޭ..”

ސަމާހު: “އެރޭ ނަޒީހުއާ ފަޒީންއާ ދެބަސްވީ ކޮންކަމަކާ؟”

ނަޒީހު: “ހަމަ އެހެން ނޫނިއްޔާވެސް ދެބަސްވާ ކަންތަކާ.. ޝިމާގެ މައްސަލައިގަ.”

ސަމާހު އިންތަނުން ތެދުވެ އެދެމީހުން ތިބި ކޮޓަރިން ނުކުތެވެ. “އެކަކުވެސް އެއްބަހެއް ނުވި” ޕޮލިސް އިންޗާޖު އަލީ އުމަރުގެ މޭޒު ކައިރީގައި ހުއްޓިލާފައި ސަމާހު ބުނެލިއެވެ. އެވަގުތު އަލީ އުމަރު ސަމާހުއާއި ދިމާލަށް ބަލައިލިއެވެ. “އެހެންވިއްޔާ އިހަށް ބައިތިއްބާ. މާދަމާ ބަންދަށް މުއްދަތު ޖަހާނީ..”

**********************

އުޑުމަތިން ތަރިތަށް ވިދަމުން ދެއެވެ. ހަނދުވަނީ ފުރިހަމަ ވެފައެވެ. މުޅި ފަޒާއާއި ޖައްވު ވަނީ ހަނދުގެ ހިތްގައިމު އަލިން ދިއްލިލާފައެވެ. ރަށުގެ މީހުން މޫދަށް އެރި މަޖާކޮށް ހަދާލަން އަންނަ އުތުރު ފަރާތުގެ މި ހަމަހިމޭން މާހައުލަކީ މިރަށުގެ ހިތްގައިމު މަންޒިލް ތަކުގެ ތެރެއިން އެއް މަންޒިލެވެ. ފަތީން އާއި ޝައިހާ މޫދުގެ ރާޅު ޖަހާހިސާބާ މާ ދުރުނޫން ހިސާބެއްގައި ހުރި ބެންޗެއްގައި އިށީނދެލައިގެން ތިބިއިރު އިވެމުންދަނީ މޫދުފަށުގައި ހުރި ހިމޫން ދޮންވެލިތަކުގެ މައްޗަށް ކަނޑުގެ ހިމޭން އޮއިވަރުން އުފެދިގެން ފުރޮޅެމުން އައިސް ބީއްސާލާ ރާޅުތަކުގެ އަޑެވެ. ޖައްވުން ފޯރުކޮށްދޭ ފިނި ވައިރޯޅިން ހިތް ފުރާލަދޭފަދައެވެ.

ފަތީން: “މިރޭ ފެނުނު ނަޒީހުމެން ޖިޕަށް އަރުވާތަން. އިރާދަ ކުރެއްވިއްޔާ ބޭބެއަށް އިންސާފު ލިބޭނެ.”

ޝައިހާ: “އެ ކީއްވެ އަނެއްކާ އެ ގެންދިޔައީ؟ ކުރިން ދުވަހު ގެންގޮއްސަ ދޫކޮށްލީއެއްނު؟”

ފަތީން: “އާނނ.. އަދި ނުބުނެވޭދޯ؟ މިއަދު ފެނިއްޖެޔޭ އާނިސް މެންގެ ފިހާރަ ކެމެރާޔަށް އަރާފަ ހުރިތަން ނަޒީހުއާ އަދި ދެމީހަކާ ތިއްތިބެ ގައިގަ ތަޅާތަން. އެހެންވެ އެވީޑިއޯ ޕޮލިހުންނަށް ދިނީމަ ކަންނޭގެ އެ ހައްޔަރު ކުރީ..”

ޝައިހާ: “އެހެންވިއްޔާމު ފަތީންގެ ބޭބެ މަރުވީ އެމީހުން އަތުންތާދޯ؟”

ފަތީން: “އަދި ޔަގީންކޮށް ބުނާކަށް ނޭނގެ. އެކަމަކު ވަރަށް ބޮޑަށް ޝައްކު..”

އެރޭވެސް ލޯބިން އެތަށް އިރަކު ވާހަކަ ދައްކަން ފަތީންއާއި ޝައިހާ ތިއްބެވެ. މިވީ ހަތަރު ވަރަކަށް ދުވަސްތެރޭ ފަތީންގެ ހިތުގައި ޝައިހާއާއި މެދު އުފެދިފައި މިވާ ލޯބި ގަބޫލު ކުރަންވެސް ފަތީންއަށް އުނދަގުލެވެ. ނަމަވެސް މިއީ ހަމަ ހަޤީގަތެވެ.

އެރޭ ފަތީން ގެޔަށް ދިޔައިރު އެގާރަގަޑި ބައިވެ ބޮޑުވެއްޖެއެވެ. ގެޔަށް ވަތްއިރު ބައްޕަ އިބްރާހިމް ހުރީ ފަތީން ނައިސްގެން ރުޅިއައިސްފައެވެ. “ކޮންތާކަށް ގޮއްސަތަ ތިއައީ؟ ފޯނުވެސް ނިވާލައިގެނޭ އުޅެނީ މީހަކު ގުޅާފާނެތީ.. މީނަވެސް މިހާރު މިއުޅެނީ މީނަގެ ބޭބެ ދިޔަ މަގުން ދާންދޯ؟” އިބްރާހިމް ފަތީންއާއި ދިމާލަށް ހަޅޭ ލަވަން ފެށިއެވެ. “އަޅުގަނޑު މިއައީ ޖިޔާދު ކައިރިއަށް ވާހަކައެއް ބުނަން ގޮސްފަ..” ފަތީން މަޑުމަޑުން ބުނެލިއެވެ. “މީތަ މީހުން މީހުން ކައިރީގަ ވާހަކަ ބުނަން ދާގަޑިއަކީ؟ ފޯނާ އަނެކެއްޗަކާ އަނެކެއްޗަކާ ދީފަ ތިޔަ އޮއްނަނީ ވާހަކަތައް ގޭގަ ހުރެގެން ބުނެވޭތޯ…” އިބްރާހިމް ހުރީ ވަރަށް ރުޅި އައިސްފައެވެ. އިބްރާހިމްގެ ހަޅޭކުގެ އަޑަށް ކޮޓަރީގައި ހުރެފައި ފާތުމާވެސް ނުކުތެވެ.

“ތި ގޮވަނީ ހަމަ ކަލަ.. ބައްޕަތީ ވަރަށް ދަހި މީހެއް. ފޯނެއް ދިނީތީ ތިގޮވަނީ އަބަދު ފޯނު ދިން ވާހަކަ.. ބަލަ ބައްޕަ ހަނދާނެއް ނެތްތަ މީ އަހަރެން ފިހާރައިގަ މަސައްކަތް ކޮށްދީގެން ހޯދި ރުފިޔާއަށް ގަތް ފޯނެއް ކަމެއް؟؟ އެކަމުވެސް ތިބުނަނީ މީ ބައްޕަ ގަނެދިން އެއްޗެކޭ.. ތީ އަހަރެމެންނަށް އެއްޗެއް ގަނެދޭ މީހެއްތަ؟” ފަތީން ކައިރިއަށް ރުޅިއައެވެ.

“ފަތީން…” ފާތުމާ ބަލަން ނުހުރެ ހަޅޭލަވައިގަތުނެވެ. “މަންމަ މިކަމުގެ ތެރެޔަށް އަނގަ ނުލާބަލަ.. ބައްޕަ އެއުޅެނީ މާ ރަނގަޅަށްތަ؟ މަންމަ ފުރަތަމަ ބައްޕަ އިސްލާހު ކޮށްބަލަ.. މީ އަހަރެމެންނަށް ކޮން ކަމެއް ކޮށްދޭ ބައްޕައެއް؟؟ އެހާ ވަރަށް ފައިސާ ގެޔަށް ވަންނަ އިރުވެސް އަހަރެމެން ސުކޫލުގެ ސްޕޯޓްސް ބޫޓު ގަންނަން ބޭނުންވިއަސް ޖެހޭނީ ގޮސް އޭނަގެ ފިހާރައިގަ ގުލާނުކޮށްދެން.. ދެން އެ ގޯސްވީ މަ އެންމެ ފަހަރަކު ބޭރުގަ ލަސްވީމަ އެކަންތަށް. ތިއްތިބެ މަރުވީވެސް ހަމަ ތި ބައްޕަޔާހެދި.. ބައްޕަ އެރޭ ތިއްތިއާ ދިމާލަށް އެއްޗެހި ނުގޮވާ ރަނގަޅަށް ނަސޭހަތް ދިންނަމަ ތިއްތި ނޯންނާނެ ގެޔަށް ނުވަންނަން ބޭރަކު.. ހަމަ ކަމެއް ވާއިރަށް ބަލާނީ ހަޅޭ ލެވޭތޯ..” ފަތީން ރުޅި އައިސްގެން ހުރެ އެއްޗެހި ގޮވަމުން ގެންދިޔައެވެ. “އޭއި.. ކޮންތާކުންތަ މާ އަނގަފަޅައިގެން މިއުޅެނީ..” އިބްރާހިމް އައިސް ފަތީންގެ ގައިގައި ޖެހިއެވެ. އެއީ އިބްރާހިމްގެ އަބަދުގެވެސް ހާލެވެ. މާ އަވަހަށް ރުޅި އިސްކުރުމާއި ދަރިން ގައިގައި ޖެހުމަކީ އޭނާއަށް މާ އުނދަގޫ ކަމެއް ނޫނެވެ.

“ކީއްވެ ތިހާ މަޑުން ތި ޖެހީ؟؟ ޖެހިޖެހީނުން މަ މިތަނަށް ދަންމާލަބަލަ..” ފަތީން ދިޔަގޮތަށްގޮސް ކޮޓަރިއަށްވަދެ ވަރަށް ބާރަށް ދޮރުލެއްޕިއެވެ.

********************

ޖެހިގެން އައި ދުވަހު ފަތީން އަނެއްކާވެސް ވަރަށް ބޮޑަށް އެ ގޮތްނޭގޭ މީހާ ބުނި ފައިސާ ހޯދާނެ ގޮތާމެދުގައި ވިސްނިއެވެ. ކޮންމެ ގޮތެއްވިއަސް މިކަން ނުކުރެވިއްޖެއްނަމަ ވެއްޓޭނީ ފަތީންގެ އަގެވެ. ވެއްޔާ މޮޑެވިގެންދާނީ ފަތީންގެ މުސްތަގުބަލެވެ. އެމީހާ ބުނި ގޮތުންނަމަ މާދަމާރޭ ވެގެންދާނީ އެ ފައިސާ ހޯދުމަށްއޮތް ވަގުތު ނިމޭ ރެޔަށެވެ. ކޮންމެ ގޮތެއް ވިއަސް މާދަމާރޭ އެފައިސާ ދައްކަން ޖެހޭނެއެވެ.

ދެބަސްވެވުނީތީ އަލުންގޮސް މައާފަށް ނޭދި ހުއްޓަސް ވާނެ އެއްވެސް ފައިދާއެއް ނެތެވެ. ރުޅި އާދެވުނީތީ އަބަދުގެ އަބަދަށް ގުޅުން ކަނޑާލުމުގެ މާނައެއްވެސް ނެތެވެ. އަދިވެސް ވަގުތު އެބައޮތެވެ. ފަތީން ވިސްނީ އަލުން ޖިޔާދު ކައިރިއަށްގޮސް އެކަމުގަ ގޮތެއް ނިންމާށެވެ. ނަމަވެސް ކަންތަށްވީ އެހެންނަކުން ނޫނެވެ.

ފަތީން ހުކުރު ނަމާދުން ފައިބައިގެން ނުކުތްވަގުތު ފަހަތުން އައިސް ޖިޔާދު އޭނާއާ އަރާ ހަމަކުރިއެވެ.

ޖިޔާދު: “މަށަށް އިއްޔަ ވާހަކަ ދެއްކުނީ ރަނގަޅަށް ނޫންކަން މަށަށް އިނގޭ.. އަސްލު ފަތީން ތިބުނީ ރަނގަޅު ވާހަކައެއް. މަ ތިގޮލާ މިކަމުގެ ތެރެޔަށް ބާނުވާ ނުލިނަމަ މިއަދު ތިގޮލާ އަތުން ތިހާ ބޮޑު އަދަދުން ފައިސާތަކެއް ދާކަށް ނުޖެހުނީސް..”

ފަތީން: “އާނ.. ތިވާހަކައޭ މަވެސް ބުނީ.. އެކަމަކު މަގޭގާތަށް ނެއްޓީ އަސްލު ތިގޮލާ ހެލްޕެއް ވެވެން ނެތޭ ބުނީމަ..”

ޖިޔާދު: “ތިގޮލާއަށްވެސް ހަމަ ރަނގަޅަށް އެނގޭނެ މަށަށް ފައިސާއެއް ނުލިބޭނެކަން. އެކަމަކު ތިގޮލާ އޯކޭއިއްޔާ މަށަށް ތިގޮލާ ބައްޕަގެ އެކައުންޓުން އެއަދަދަށް ފައިސާ ނަގަން ހެލްޕް ވެވިދާނެ..”

ފަތީން: “އެއީ ކިހިނެއް..؟”

ޖިޔާދު: “އޮންލައިން ބޭންކިން ޔޫސް ކޮށްގެން ނިއައްޓެ ކަޓުވާނެ މީހުން އެކައުންޓުން ފައިސާ.. އޭނަ މިކަމަށް ވައްދާލެވިއްޖެއްޔާ ތިކަން ވެދާނެ..”

ނިއައްޓެއަކީ ޖިޔާދުގެ ކްލާސް ކުއްޖެކެވެ. އޭނާގެ އަސްލު ނަމަކީ ނިއަމްއެވެ. ނިއަމްއަކީ ކޮންޕިއުޓާ ހެކިންގައި ވަރަށް ކުރީގައި އުޅޭ ކުއްޖެކެވެ.

ފަތީން: “އޭ ތީތި ކަޑަ. މަގޭ އަތަކު ނެތް އެކްސެސް ވެވޭނެ އެއްވެސް ކޭޝް ކާޑެއް.. އެހެންވީމަ އޮންލައިން ބޭންކިންގް އިސް ޔޫޒްލެސް ދޯ.. އެހެންނޫނަސް މަ ބޭނުމެއްނޫން ތި ނިއައްޓެއަށް ޓްރަސްޓް ކުރާކަށް. އޭނަ ކަމަކާ ހާޑުވުން ލަސްވާނީ.. އަހަރެމެން ދެމީހުން ބާނުވާލާނެ.”

ޖިޔާދު: “އެއީ މަށަށް ފެނުނު އެންމެ ރަނގަޅު ގޮތް.. ދެން ތިގޮލާ ގޮތެއް ކިޔާ..”

ފަތީން: “ހިނގާ ފިހާރަ ތިޖޫރީ ކޮޅާލަން.. މަ ހޯދާނަން ތަޅުދަނޑި.. ފިހާރައިގެ ޑަބަލް ކީވެސް އިންނާނެ މަގޭ އަތުގަ.. ފިހާރައިގަ އިންނާނެ ބައްޕަ ބޮޑު ތިޖޫރީއެއް ބައިންދާފަ މީހުނަށް ނުފެންނަ ގޮތަށް. އެ އިންނާކީ ފާރު ތެރޭގަ ކަނޑާފަ ލާފަ. ފިހާރަޔަށް ވަދެފަ އޭތިން ނެގީމަ ނިމުނީ… ކަލޭ އެކަމަކު މަށާއެކީގަ ދާންވާނެ..”

ޖިޔާދު: “މައްސަލައެއް ނެތް..”

ފަތީން: “އިރު އޮއްސުނީމަ މަގުޅާނަން އިނގޭ..”

ޖިޔާދު މެންގެޔާ އަރާ ހަމަވުމުން ޖިޔާދު ގެޔަށް ވަދެގެން ދިޔައެވެ. ގެޔަށް ދިޔަ މަގުމަތީގައި ފަތީންއަށް އެނޫން ކަމަކާ ދޭތެރޭގައެއް ނުވެސް ވިސްނެއެވެ. ހިތަށް އަރަނީ އެ ނުލަފާ މީހާއަށް ފިހާރައިގެ ރަޖިސްޓްރީ ދީފިއްޔާމު ވާނެ ގޮތަކާއި މެދުގައެވެ. ކޮންމެ ފަދަ ގޮތެއްވެސް އޭނާ އެޔަށް ހަދާފާނެއެވެ. އޭނަ ކުރާކަމެއްގެ ސަބަބުން ބައްޕަގެ އަތުން ފިހާރަ ވީއްލިގެންވެސް ގޮސްދާނެއެވެ. އެހެންވެއްޖެނަމަ އެކަމާ ޒިންމާވާން ޖެހޭނީވެސް ހަމަ ފަތީންއަށެވެ. ބައްޕަ ކަންތަށް ކުރާގޮތުން ފަތީން ބައްޕަދެކެ ކިތަންމެ ރުޅިއަޔަސް ހަމަ އެމިންވަރަށް ފަތީން ބައްޕަދެކެ ލޯބިވެސް ވެއެވެ. އެހާބޮޑު ގެއްލުމެއް ބައްޕަޔަށް ވެގެންދާތަން ދެކޭކަށް ފަތީންއަކަށް ކެތެއްވެސް ނުވާނެއެވެ.

**********************

“އެއްބަސް ނުވިއެއް ކަމަކު ނަޒީހުއާއި އިތުރު ދެޒުވާނަކު ފަޒީންއަށް ކޮށްފައި އެވާ އަނިޔާއަކީ އެއަނިޔާގެ ގެއްލުމުންވެސް އިންސާނަކު މަރުވެދާނެ ވަރުގެ ބޮޑު ގެއްލުމެއް. ފަޒީންގެ ބޮލުގައި ވަރަށް ބާރަށް ޖަހާތަން ވީޑިއޯއިން ދައްކައިދޭ.. ފަޒީން މަރުވެފައި އޮއްވާ ފެނުނުއިރު އޭނާގެ ބޯވަނީ ފަޅައިގެންގޮސްފައި. މީހާ އެއްކޮށްވަނީ ހުދުވެފައި. އެހެންވީމަ ފަޒީން މަރުވީ ގައިން ލޭ ހުސްވެގެންނޭވެސް ބުނެވެން އެބަ އޮތް. މިހުރީ ހައްތަހާވެސް ނަޒީހުމެނާ ދެކޮޅަށް ހުރި ފެކްޓްސް..” ޕޮލިސް އޮފިސަރު ސަމާހު ވާހަކަ ދައްކަމުން ދިޔައީ ނަޒީހުގެ ބައްޕަ މަހަމޫދު އާއެވެ.

“ދެން އަޅުގަނޑަށް ކީއްކުރެވޭނީ އޭނަ ސަލާމަތް ކުރަން…” މަހަމޫދު ސުވާލު ކޮށްލިއެވެ. “އަސްލު މަހުމޫދު މިއަދު މިގެނެވުނީ އެރޭ ހިނގާދިޔަ މާރާމާރީ ހިންގި ތިންމީހުން ތެރެއިން އެކެއްގެ ބަލަދުވެރިޔާ ކަމުގައި ވާތީވެ. މިއަދު އެވަނީ ނަޒީހުގެ ބަންދަށް ފަނަރަ ދުވަސް ޖެހިފައި. ހުކުން ކުރުން އޮންނާނީ މިއަންނަ އަންގާރަ ދުވަހު. އެއީ 09 ޖުލައި. އެހެންވީމަ ލޯޔަރެއް ހޯދުން ރަނގަޅު. ނަޒީހު އެއްބަސް ނުވާހާ ހިނދަކު އެއީ ހަމައެކަނި ސަލާމަތް ކުރުމުގެ އުންމީދެއް އޮތް ގޮތަކީވެސް. ސަލާމަތް ވިއަސް މާރާމާރީ ހިންގި ކަމުގެ މައްޗަށް ހުކުމް އަންނާނެ” ސަމާހު ކިޔައިދިނެވެ.

ހަމަ އެދުވަހު ފަޒީންގެ މަރުގެ މައްސަލަ ހުށައަޅައިގެން އުޅޭ ފަރާތް ކަމުގައިވާ އޭނާގެ ބައްޕަ އިބްރާހިމްވެސް ޕޮލިހަށް ގެންދެވުނެވެ. ހުކުން އިއްވާނެ ތާރީހެއް އެންގުމަށެވެ.

******************

ފަތީން އިނީ ސިޓިންރޫމުގައި ޓީވީ ބަލާށެވެ. މަންމަ ފާތުމާ އުޅެނީ އަވަސްކޮށްފައި ބޭރަށް ދާށެވެ. މަންމަ ތައްޔާރުވަމުން އެދަނީ މިނިވަންދުވަހު އަންހެނުން ކޮމިޓީއިން ބާއްވާ ހަރަކާތްތަކަށެވެ. ގަޑިން ހަތަރެއް ޖަހާކަށް މާގިނަ ވަގުތެއް ނެތެވެ. ފާތުމާގޮސް ގޭގެ ދޮރާ އަރާ ހަމަވި ވަގުތު އިބްރާހިމް އައިސް ގޭތެރެޔަށް ވަދުނެވެ.

“އަންގާރަ ދުވަހު ހުކުން ކުރުން އޮންނާނެ ވާހަކަ ސަމާހު ބުނީ.. ލޯޔަރެއް ހޯދާށޯ.. ފަހަރެއްގަ މާލެދާންވެސް ޖެހިދާނެޔޯ..” އިބްރާހިމް ގެޔަށްވަދެ ސޯފާ މައްޗަށް ޖެހިގަތުނެވެ. “އެއީ ކިއްވެ މާލެދާން ޖެހެނީ؟” ފާތުމާ ދޮރުކައިރީގައި ހުރެފައި އައިސް އިބްރާހިމް ކައިރީގައި ހުއްޓިލިއެވެ. “މިރަށުގަ ނެތެއްނުންތަ ގާޒީއެއް..” އިބްރާހިމް ބުނެލިއެވެ. “ދެން ލޯޔަރެއް ހޯދުމާ އުޅެންވީ ނުންތަ..” ފާތުމާ އުރަށް އަތް ޖަހާލިއެވެ. “އާނނ.. ލޯޔަރެއް ލިބިދާނެއޭ.. އަންނަ އަންގާރަ ދުވަހަށް މާލެ ފުރަން ތައްޔާރު ވާތި.” އިބްރާހިމް ބުނެލިއެވެ. “މިކުދިން ސުކޫލު ބަންދު އަންނަ ހަފްތާ.. މިކުދިން ގޮވައިގެން ދޯ ދާނީ؟ ދަރިފުޅު ދާނަން ދޯ؟” ފާތުމާ ސުވާލު ކޮށްލީ ފަތީން އާއެވެ. “އާނ މަންމާ..” ފަތީން ޖަވާބު ދިނީ އިބްރާހިމްއަށް ބަލާލާފައެވެ. މިއަދު ބައްޕަ އިނީ ހިނިތުން ވެލާފައެވެ. ރޭގެ ރުޅިގަނޑު ފިލައިގެން ގޮއްސަ ހުރިކަން ފަތީންއަށް އެނގެއެވެ.

ފަތީން އިނީ ދަނޑިވަޅަކަށް ބަލަބަލައެވެ. ފާތުމާ ނުކުމެގެން ދިޔަތާ މާގިނައިރެއް ނުވެ އިބްރާހިމްވެސް ފިހާރަޔަށް ހިނގައްޖެއެވެ. ފަތީން ވަގުތުން ތެދުވެގެންގޮސް މަންމަމެންގެ ކޮޓަރިއަށް ވަދުނެވެ. އަލަމާރީގެ އެތަން މިތަން ހާވާ އެ ތިޖޫރީގެ ތަޅުދަނޑި ފަތީން ހޯދިއެވެ. އެހެންނަމަވެސް އެއްވެސް ތާކުން ފިހާރައިގެ ރަގިސްޓްރީ އެއް ނުފެނުނެވެ.

އިރު އޮއްސި ހަތެއް ޖަހާގެން ދިޔައިރުވެސް ބައްޕަ ގެއަށް ނައުމުން ފަތީން ހުރީ ވަރަށް ކަންބޮޑުވެފައެވެ. “ހަލޯ.. އޭ ހިނގަދާން.. ބައްޕައެއް ނައި.. އެކަމް މިރޭ ނުނަގާފިއްޔާ ވަރަށް ކަޑަވާނެ. ހިގަދާން މިގަޑީގަ..” ފަތީން ޖިޔާދުއަށް ގުޅައިގެންހުރެ ވާހަކަ ދެއްކިއެވެ. “އާނ އާދޭ.. މަ މިހިރީ ގޭ ދޮރުމަތީގަ..” ޖިޔާދު ބުނެލިއެވެ.

ފަތީން ގެއިން ނުކުމެގެން ދިޔައިރު ފައުޒާވެސް، އަދި ފާތުމާވެސް އުޅެނީ ކޮޓަރީގައެވެ. އޭނާ ދިޔައީ އޭނާ އިބްރާހިމްއަށް ފޮރުވައިގެން ގެންގުޅޭ ފިހާރައިގެ ތަޅުދަނޑި އާއި، ފިހާރައިގެ ތަނެއްގައި ރައްކާ ކުރެވިފައިވާ ތިޖޫރީގެ ތަޅުދަނޑީގެ އިތުރުން ފައިސާ ނަގައިގެން އަޅަން ތަންކޮޅެއް ބޮޑު ސިޓީ އުރައެއްވެސް ހިފައިގެންނެވެ.

ފިޔަވަޅަކަށްވުރެ ފިޔަވަޅެއް ބާރު ކުރަމުން އަވަސް އަވަހަށް ފަތީން ހިނގަމުން ދިޔައެވެ. ކުއްލިއަކަށް ފަތީންގެ ޖީބުގައިއޮތް އޭނާގެ ފޯނު ރިންގްވާން ފެށިއެވެ. ފަތީން ފޯނު ނެގިއެވެ. ގުޅަނީ ޝައިހާއެވެ. “ހަލޯ..” ފަތީން ފޯނަށް ޖަވާބު ދިނީ ހިނިތުން ވެލާފައެވެ. “މިއަދު ހަބަރެއްވެސް ނުވާތީ މިގުޅީ މިސްވެގެން…” ޝައިހާ ބުނެލީ ލަދުރަކި ގޮތަކަށެވެ. “އޯނނނ… ހާދަ ލޮތްބޭ.. އެކަމަކު އަހަރެން މެސެންޖާއިން މެސެޖު ކުރިން..” ފަތީން އިތުރަށް އުފާވީ ޝައިހާ ގުޅީ ފަތީން މަތިން ހަދާންވެގެންކަން އެނގުމުންނެވެ.

“އަހަރެން ނުވަންނަމޭ އަދި މިއަދު މެސެންޖާއަކަށް.. މިރޭ ނާންނާނަންތަ؟” ޝައިހާ އަހާލިއެވެ. “މިރޭ ދޯ؟ ރޭގަ ބައްޕަ ވަރަށް އެއްޗެހި ގޮވި މާލަހުން ގެޔަށް އައިމަ. މިރޭ އަނެއްކޮޅުން ޓިއުޝަނެއްވެސް ނެތް. ދައްކާނެ ބަހަނާއެއްވެސް ނެތް. އެކަމަކު މަންމަމެން ނިދީމަ ޓްވެލްގެ ފަހުން ދެވިދާނެ.. މާދަމާ ސުކޫލެއްވެސް ނޯންނާނެ އެއްނު” ފަތީން ވިސްނާލާފައި ބުނެލިއެވެ. “ތިގޮތްވެސް އޯކޭ..” ޝައިހާ ހިނިތުން ވެލިއެވެ.

އެއިރު ފަތީން ހުރީ ޖިޔާދު މެންގޭގެ މަގު ކޮޅުގައެވެ. ޖިޔާދު ފެނުމުން ފަތީން ވަގުތުން ފޯނު ބޭއްވިއެވެ. ޝައިހާއާއި އެކު ފަތީން މިބާއްވާ ގާތްކަން ސުކޫލު ކިޔެވުން ނިމެންދެން އެއްވެސް މީހަކަށް އިނގޭކަށް ފަތީން ބޭނުމެއް ނުވެއެވެ. އެކަން އެނގިއްޖެނަމަ ފަތީންއަށްވެސް ވަރަށް ހުތުރެވެ. ރަށުގެ މީހުންގެ ފަރާތުން ހަޑިހުތުރު ބަސްތައްވެސް ރަށްދުވާނެއެވެ. ފަހަރެއްގައި ޝައިހާ ސުކޫލުން ވަކިކޮށް، ފަތީން އާއި ޝައިހާ ދުރުވާން މަޖުބޫރު ކުރުވަނިވި ކަންތަށްތަކަކާވެސް ކުރިމަތިލާން ޖެހިދާނެއެވެ. މިއިން އެއްވެސް ކަމެއް ވާކަށް ފަތީންގެ ހިތެއް ނޭދެއެވެ. މިހާރު ފަތީންގެ ހިތުގައި ޝައިހާއަށްޓަކައި ވަރަށް ފުން ލޯތްބެއް އެވަނީ އުފެދެން ފަށާފައެވެ. އެ ލޯބި ދެމެހެއްޓުމަށް ފަތީން ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ.

ފަތީންއާއި ޖިޔާދު އެކީގައި ހިނގާފައި ގޮސް ފަތީންގެ ބައްޕަގެ ފިހާރަ މުނިޓްރޭޑް އާއި އަރާ ހަމަވިވަގުތު ބަންގިގޮވަން ފެށި އަޑު އިވުނެވެ. “މަ އެކަނިތަ ވަންނަންވީ؟؟” ފިހާރައިގެ ދޮރު ކައިރީގައި ހުއްޓިލަމުން ފަތީން ސުވާލު ކޮށްލީ ޖިޔާދުއާއެވެ. “މަ ވަންނަންވީތަ؟؟” ޖިޔާދު އަހާލިއެވެ. “އާނ ކަލޭވެސް އާދޭ..” ފަތީން ދޮރުގެ ތަޅު ހުޅުވާލިއެވެ.

ފިހާރަޔަށް ވަނީ ދެކުދިން އެކީގައެވެ. ފިހާރައަށް ވަނުމާއެކު ފިހާރައިގެ ދޮރު ލެއްޕުނެވެ. ފިހާރަތެރެ އޮތީ ވަރަށް އަނދިރި ކޮންނެވެ. އާންމުގޮތެއްގައި ދެނަމާދު ދޭތެރެ ގަޑީގައި ފިހާރަ ބަންދު ކޮށްފައި ދަމުން ބައްޕަ ބަހައްޓާނީ ކޮންމެސް އެއް ހޮޅިބުރިއެއް ދިއްލާފައެވެ. ނަމަވެސް މިރޭ އެއްވެސް ހޮޅިބުރިއެއް ދިއްލާފައެއް ނެތެވެ. ޖިޔާދު ފަތީންގެ ފަހަތުން ހިނގާފައި ދިޔައެވެ. ފިހާރައިގެ ދޮރާވީފަޅިނޫން އަނެއް ފަޅީގައި ހުރި އެ ތިޖޫރީ އިންތަނާ ދިމާލަށެވެ. އެހިސާބަށް ދެވުމާއެކު މީހެއްގެ ފުން ނޭވާއެއްގެ އަޑު އެ ދެކުދިންގެ ކަންފަތުގައި އެއްފަހަރާ ޖެހުނެވެ. “އޭއި.. އެއީ މީހެއްދޯ؟؟” ޖިޔާދު ވައިއަޑުން ފަތީން ކައިރީގައި އަހާލިއެވެ. “އާނ މަށަށްވެސް ހީވަނީ..” ފަތީން ޖިޔާދުގެ ކޮނޑުގައި އަތް އަޅައި އެއްފިޔަވަޅު ފަހަތަށް ޖެހިލިއެވެ. އެވަގުތު އަނެއްކާވެސް އެ ފުންނޭވާގެ އަޑު ތަކުރާރުވިއެވެ. “ވަގެއްތަ؟” ޖިޔާދު އަނެއްކާވެސް ސުވާލު ކޮށްލިއެވެ. ފަތީން ދެތިން ފިޔަވަޅު ފަހަތަށް އެޅުމަށްފަހު ހުއްޓިލީ ޖެހިގެން ހުރި ހަރުގަނޑުގެ ކޮޅުގައެވެ. އެތާއިން ސްވިޗް އޭނާ އޮން ކޮށްލިއެވެ. އެއީ ކަސްޓަމަރުން ގަންނަ ލައިޓުތައް ޗެކުކުރުމަށް އިންނަ ހޯލްޑަރުގެ ސްވިޗެވެ. ނަސީބު ކަންދިމާކުރިގޮތުން އެވަގުތު ހޯލްޑަރުގައި ހޮޅިބުރިއެއް އިނެވެ.

އެ ހޮޅިބުރި ދިއްލުމާއެކު މުޅި އެސަރަހައްދު އަލިވެގެން ދިޔައެވެ. އެވަގުތު ފަތީންގެ ދެލޮލަށް ފެނުނީ އޭނާ ހީވެސް ނުކުރާފަދަ މަންޒަރެކެވެ. ފަތީންގެ މޫނުމަތީގައި އުފެދުނީ ސުވާލު މާކެކެވެ. ދެލޯ ތަންމިނަށް ހުޅުވާލެވުނެވެ. ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވީމައެވެ.

ކުރިމަތީގައި ހުރީ އޭނާގެ ބައްޕަ އިބްރާހިމްއެވެ. ހޮޅިބުރި ދިއްލުމާއެކު ބައްޕަގެ އަތުތެރޭގައި ހުރި އަންހެނާ ބައްޕަގެ ފުރަގަހަށް ވަދެ ފިލިއެވެ. އެ ކުޑަ ވަގުތުކޮޅު ތެރޭގައި ފަތީންއަށް އެ އަންހެން މީހާގެ މޫނަށް ބަލާލަންވެސް ހުރީ ހަނދާން ނުވެފައެވެ. ލިބިފައި ހުރި ޝޮކެއްގެ ބޮޑު ކަމުންނެވެ. “ބައްޕާ؟؟” ފަތީންއަށް ބުނެލެވުނެވެ. މަޑުމަޑުންނެވެ. އިބްރާހިމް މޫނުމަތިން ފާޅުވާން ހުރީ އަނގުރު އަލިފާން ފަދަ ރުޅިވެރި ކަމެކެވެ.

ހަތަރު ފޫޓެއްހާ ދުރުގަ ހުރި އިބްރާހިމް ހިނގާފައި އައިސް ފަތީންގެ ކަރުގައި ހިފައިފައި ޖެހިގެން ހުރި ހަރުގަނޑުގައި ޖެއްސިއެވެ. “ކަލޭ ކީއްކުރަން މިތަނަށް ތިވަނީ؟؟ ކަލޭ މަށަށް ފާރަ ލަނީދޯ؟ ބުނޭ ތެދަށް..” އިބްރާހިމް ފަތީންގެ ކޯތާފަތް މަތީގައި ޖެހިއެވެ. ކައިރީގައި ހަދަންވީ ގޮތެއް ނޭނގިފައި ޖިޔާދު ބަލަން ހުއްޓެވެ. “އަދި މީ ކާކުތަ؟” އިބްރާހިމް އައިސްފައި ހުރި ރުޅިގަނޑުގައި ގޮސް ޖިޔާދުގެ މޭމަތީގައި އަތްއަޅާ ކޮށްޕާލިއެވެ. ކޮށްޕާލިލެއް ބާރުކަމުން ޖިޔާދުގޮސް ޖެހުނީ އޭނާގެ ފުރަގަހުގައި ހުރި މޭޒެއްގައެވެ.

ޖިޔާދުއާ ދިމާލަށްދާން އިބްރާހިމް އެއްފަރާތަށް ޖެހިލިވަގުތު އެ އަންހެންމީހާ ހަރުގަނޑެއްގެ ފުރަގަހަށް ދެމިގަތްތަން ފަތީންއަށް ފެނުނެވެ. ނަމަވެސް އެވަގުތުވެސް އެމީހާގެ މޫނު ފެންނަގޮތެއް ނުވިއެވެ. “އޭ ކަލޭ ބުނާށޭ… ކީއްކުރަންހޭ މިތަނަށް ވަދެ ތިއުޅެނީ؟؟” އިބްރާހިމް އަނެއްކާވެސް އައިސް ފަތީން ލައިގެންހުރި ގަމީހުގައި ހިފައި ދަމައިގަތުނެވެ. “އަޅުގަނޑުމެން މިމަގުން ދަނިކޮށް ފިހާރަ ހުޅުވާފަ ހުރިހެން ހީވެގެން މިވަދުނީ..” ފަތީން ސިކުނޑިއަށް އެވަގުތު އައި އެންމެ މޮޅު ދޮގު އޭނާ ހަދާލިއެވެ. “ބުނަން؟؟ ދެންމެ ތި ފެނުނު ކަންތައް މިފިހާރައިން ބޭރަށް ގޮސްފިއްޔާ ނިމުނީ.. މަ ކަލޭ އަމާ ވަރިކުރާނަން.. ހަދާން ކުރާތި!! ރައްކާވޭ..” އިބްރާހިމް އަތުގައި ހުރި ބާރެއްލާފައި ފަތީން ކޮށްޕާލިއެވެ.

އެތަނުގައި އިތުރަށް މަޑު ކުރާކަށް ފަތީންއަކަށް ނުކެރުނެވެ. އެއީ ކޮން އަންހެނެއްތޯ ބަލަން ފިހާރައިގެ އެތެރެޔަށް ވަންނާކަށްވެސް ފަތީންއަކަށް ދެން ނުކެރޭނެއެވެ. އެއަށްވުރެން ބޮޑަށް އިބްރާހިމް އެހުރީ ރުޅިއައިސްފައެވެ. އެ ރުޅިގަނޑުގައި އޭނާ ފަތީންއަށް ކޮންމެ ފަދަ ގޮތެއް ހަދާފާނެކަންވެސް ފަތީންއަށް އެނގެއެވެ. އިބްރާހިމް އަކީ ރުޅި އަތުވެއްޖެނަމަ އެހާވެސް ރުޅި ގަދަ މީހެކެވެ. ފަތީން ބަލަން ނުހުރެ ދުއްވައިގަތުނެވެ. ފިހާރައިގެ ދޮރާ ދިމާލަށެވެ. ޖިޔާދުވެސް އޭނާގެ ފަހަތުން ދުއްވައިގަތުނެވެ.

ފަތީން އާއި ޖިޔާދު ފިހާރައިން ނުކުތުމާއެކު އިބްރާހިމް ފިހާރައިގެ ދޮރު ތަޅުލިއެވެ. އަދި މިފަހަރު ދޮރު ހުރީ ތަޅުލެވިފައިތޯ އޭނާ ދެ ފަހަރަށް ޔަގީންވެސް ކުރިއެވެ.

“އަޅެ ދެން ކިހިނެއް ހަދާނީ؟” އިބްރާހިމްގޮސް އެ އަންހެންމީހާ ހުރި ހަރުގަނޑު ކައިރީގައި ހުއްޓިލި ވަގުތު އޭނާ ބުނެލިއެވެ. “ހާސް ނުވޭ.. ފަތީން އަކަށް ނުކެރޭނެ އެވާހަކަ ދައްކާކަށް. އެއަށްތުރެން ބޮޑަށް ބިރު ގަންނުވާލާފަ ބަހައްޓަނީ..” އިބްރާހިމް ބުނެލީ ހީލަމުންނެވެ. “އެކަމް އަހަރެން ވަރަށް ބިރުގަނޭ އެބަ ފަތީންއަށް އަހަރެންގެ މޫނު ފެނިފަ ހުރެދާނެތީ.. މިއޮއް ހުރިހާ ދުވަހުވެސް އަހަރެމެން މިއުޅުނީ އެކީގަ.. މިކަހަލަ ކަމެއް ދިމަލެއް ނުވޭ.. ދެމަހެއް ހާ ދުވަސްފަހުން އެކުދިންގެ ބޮޑު އިމްތިހާނެއް ފެށޭނެ. މި ދަނޑިވަޅު މިކަހަލަ ކަމަކާ ދިމާވީމަ އެކުދިން ވަރަށް ވިސްނާނެ. އެހެންވީމަ އިމްތިހާންތަށް ނުނިމެނީސް މަބޭނުމެއްނޫން މި ގުޅުން ފަޅާއަރާކަށް. އަނެއްކާ ފަތީން އަހަރެމެނަށް ފާރަ ލަނީ އެއްނޫންތަ؟” އެ އަންހެން މީހާ ވާހަކަ ދައްކަމުން ގެންދިޔައީ ހާސްވެފައި ހުރެގެންނެވެ.

“ދެން ތިކަމާ އެހާ ކަންބޮޑު ނުވެބަލަ. މަށަކަށް ނޭނގެ އޭނަ ފާރަ ލަނީ ކަމެއް. ހަމަ ގައިމުވެސް އަހަރެން ލޯބިއާ ގުޅުމެއް ބާއްވާ ކަމެއް އޭނައަކަށް ނޭނގޭނެ. އަހަރެން ލޯބިއާ ގުޅައިގެން ހުއްޓައެއްވެސް އޭނައަކަށް ނުފެންނާނެ. އަހަރެން އެހީމަ ބުނީ މި މަގުން ދަނިކޮށް ދޮރު ހުޅުވާފަ ހުރިހެން ހީވެގެނޯ ވަނީ.. ވެދާނެ އެއްނު އަހަރެމެން ފޯރީގަ ތަޅުނުލާ ބެހެއްޓުނީކަމަށް.. އެހެން ނޫނަސް ފަތީންއެއް ނުވިސްނާނެ މިކަހަލަ ކަމަކާ. މިއީ މަގޭ އަމިއްލަ ކަމެއް..” އިބްރާހިމް އެ އަންހެނާގެ ކޮނޑުގައި އޭނާގެ އަތް އަޅުވާލައި އިބްރާހިމްގެ ގަޔާއި ގާތްކޮށް އޭނާގެ ގައިގައި ބައްދާލިއެވެ. “އަހަންނަކަށް ނޭނގެ ފަތީންގެ ގޮތެއް. މަށަށް އެނގޭހާވެސް އެއްޗަކީ މަގޭ ދަރި މިކަމާ ވިސްނާނެކަން މިއަޑު އޭނަޔަށް އިވިއްޖެޔާ..” އޭނާ އިބްރާހިމްގެ މޭގައި ބޯއަޅައިގެން ހުރެ ވާހަކަ ދެއްކިއެވެ. “ދެން ހާސް ނުވޭ.. މިރޭ އަދި މަ ފަތީން މައިތިރިކޮށްލަން އެއްޗެއް ބުނެލާނަން..” އިބްރާހިމް ބުނެލިއެވެ.

*****************

ޖެހެމުންދަނީ ފިނި ވައިރޯޅިއެކެވެ. އިވެމުންދަނީ ހިތްގައިމު މިއުޒިކެއްގެ އަޑެކެވެ. އެ ހިތްގައިމުކަން އިތުރަށް ފުރިހަމަ ކޮށްދެނީ މާދުރުނޫން ހިސާބަކުން ތުނޑިފަށުގެ ދޮންވެލިގަނޑަށް ރާޅުތަށް ބީއްސަމުންދާ ދިއުމުގެ އަޑެވެ. ކުރިމަތީގައި ބެއިންދިފައި އިން ކޮފީތަށީގެ ތެރެޔަށް ބަލަހައްތައިގެން ހުއްޓިފައި ފަތީން އިނީ އަނގައިން ބަހެއްވެސް ނުބުނެއެވެ.

“މޭން.. މަށަށް އިނގޭ މިކަމާ ތިމީހަ ކަޑަ ވާނެ ވަރު.. އެކަމަކު އިޓްސް ދެއާ ލައިފް. އަހަރެމެން އެންޖޯއީ ކުރާގޮތަށް އެމީހުންވެސް އެންޖޯއި ކުރާނެދޯ..” ޖިޔާދު މަސައްކަތް ކުރީ ފަތީންގެ ފިކުރުރުތަށް އޭނާގެ ބޮލުން ނެރެދެވޭތޯއެވެ. “އަހަރެން މި ވިސްނަނީ އޭނަ އަންހެނެއް ގޮވައިގެން އޮތީމައެއް ނޫން.. ކުރިންވެސް އޭނަ ތެޅޭ ވައްތަރު އެއީ.. މަށަށް އަލަކަށް ނޫން މި ފަޅާ އެރީ.. މަ މި ކަޑަވަނީ މަންމަ ވަރި ކުރާނަމޭ ބުނީމަ..” ފަތީންގެ އަޑުގައި ކޮންމެސް ވަރަކަށް ނަފުރަތުގެ އަސަރުތަކެއްވެސް ހުއްޓެވެ.

“އެއީ ބައްޕަ އެހާ މީންކޮށްފަ ބުނި އެއްޗެއް ނޫން ކަންނޭގެ އެއްނު. އަޅާނުލާ..” ޖިޔާދު މިހެން ބުނުމުން ފަތީން ބޯޖަހާލިއެވެ.

“ދެން ވިސްނަބެ ތިބުނާ ތިޖޫރީއަށް ރީޗް ވެވޭނެ ގޮތަކަށް…” ޖިޔާދު ދެފަރާތް ބަލާލިއެވެ.

“ދެން ނެތް އިތުރު ގޮތެއް. މާދަމާރޭ މީ އެންމެ ފަހުރޭ.. މިރޭ ދަންވަރު ދެން މަ ވަންނާނީ.. ބައްޕަ އަކަށް ނޭނގޭނެ އެއްނު މަގޭއަތުގަ ތަޅުދަނޑި އޮތް ކަމެއް..” ފަތީން ވިސްނާލާފައި ބުންޔެވެ.

**************************

“މިއުޅެނީ މާލެ ޖައްސާލަން. ޝޮޕިންއަށް..” އާނިސް އޮތީ ސިޓިންރޫމް ސޯފާގައި ފައުޒާއާއި ގުޅައިގެންނެވެ. “އޭ އަހަރެމެންވެސް މިއުޅެނީ މާލެދާން.. ކޯޓުން މައްސަލަ ބަލާތަނަށް ހާޒިރުވާން ޖެހޭތީ.. މަންމަ އެބަ ކިޔާ މަށާ ކުޑަބެޔާ ގޮވާގެނޭ ދާނީ..” ފައުޒާވެސް ކޮޓަރިތެރޭ އޮވެ އާނިސްއާ ވާހަކަ ދެއްކިއެވެ.

އާނިސްގެ ބައްޕަ އުޒައިރު އިޝާ ނަމާދުކޮށްގެން އައިސް ވަދުނީ ވަރަށް ބަނޑު ހައި ވެގެންނެވެ. “ދަރިފުޅާ ކޮބާތަ މަންމަ؟” އުޒައިރު އަހާލިއެވެ. “ބޭރަށް ދިޔައީ. ނަޖާއްތަ މެންގެޔަށޭ ކިޔާފަ.” އާނިސް މިހެން ބުނެލި ވަގުތު ޝިރާނީ އައިސް ގެޔަށް ވަދުނެވެ.

“ޝިރާނީ… ކާން ހަދާބަލަ!” އުޒައިރު ބުނެލިއެވެ. “މި އަންނަނީ އެއްޗެހި ބަދަލު ކޮށްލައިގެން.” ޝިރާނީ ގެޔަށް ވަދެގެން ދިޔައީ އިސްދަށަށް ޖަހައިގެން ހުރެއެވެ. “ޝިރާނީ މަޑުކޮށްބަލަ..” އުޒައިރު ގޮވާލުމާއެކު ޝިރާނީ އުޒައިރަށް ބަލާލިއެވެ. “ތުންފަތުގަ ހުރި ލިޕްސްޓިކް ތަކަށް ތިހިރީ ކިހިނެއް ވެފަ؟ އަނެއްކާ މަގުމަތިން ކަމެއް ވީތަ؟” އުޒައިރުގެ ދެލޯ ބޮޑުވީ ޝިރާނީގެ ބުރުގާ ރޫޅިފައި ވާކަންވެސް ފާހަގަ ވުމުންނެވެ. “އެއީ.. މީ.. އަނެއް.. މިއީ އަލަށް ގަނެގެން އުޅޭ ލިޕްސްޓިކެކޭ.. އެކްސްޕަޔާ ވެފަ ކަންނޭގެ. ހަމަ ފޭދެނީ.. ނަޖާހަތުވެސް ކިޔާފި ތިވާހަކަ..” ޝިރާނީ ހިނގާފައިގޮސް ވަދުނީ ކޮޓަރިއަށެވެ.

“ދަރިފުޅާ އެއްކަލަ ވީޑިއޯތަށް ބަލާލާފިންތަ؟” އުޒައިރު، އާނިސް ކައިރީގައި އިށީނދެލާފައި އަހާލީ ފިހާރައިގެ ސީސީ ކެމެރާ ފުޓޭޖް ތަކުގެ ވާހަކައެވެ. “އާނ ހުރިހާ ވީޑިއޯއެއް ބަލާފިން. ގުދަނަށް ދެމީހަކު ފައިބާތަން އެބަ އޮތް އަރާފަ. އެމީހުން ފައިބަނީވެސް މަތިން. ދަނީވެސް މައްޗަށް އަރައިގެން. ނޭނގެ ނުކުންނަ ގޮތެއް..” އާނިސް އަތުގައި ފޯނު ބާއްވައިގެން ވާހަކަ ދެއްކިއެވެ.

އުޒައިރު ތެދުވެގެން ބަދިގެޔާ ދިމާލަށް ހިނގައިގަތް ވަގުތު އާނިސް ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. “ސޮރީ.. ބައްޕަ އައިސް ވާހަކަ ދައްކަން ފެށީ” މާގިނައިރު ފައުޒާ ވެއިޓިންގައި ބެއިންދުނީތީ އާނިސް މާފަށް އެދުނެވެ. “ޕިސްޕިސް.. އަބަދު ވާނީ ތިވަރު. ދެން ކޮންމެހެން ޖެހޭތަ ބޭރުގަ އިންނަން. ގޭތެރޭގަ މީހުން ވާހަކަ ދައްކަން ފެށީމަ ކޮޓަރިއަށް ދިޔަނަމަ.” ފައުޒާ ވިސްނަނީ ވަރަށް ކުޑަ ކޮންނެވެ. “ހްމްމްމް.. މިހާރު އެ ރުޅިއައީ. މަ ކިހިނެއްތަ ބައްޕަ އައިސް ވާހަކަ ދައްކަ ދައްކަ ހުއްޓަ ކޮޓަރިއަށް ވަދެގެން ދާނީ.. އެވަރުވެސް ނުވިސްނެނީތަ؟” އާނިސް ހިތްހަމަ ނުޖެހުނެވެ. “ދެން ތިބުނީ މަމީ އެއްވެސް އެއްޗެއް ނުވިސްނޭ މީހެކޭދޯ؟” ފައުޒާ ވިސްނާ ނުލާ ރުޅި އިސްކުރިއެވެ. “މަ ބުނެފިންތަ އެހެން؟ ހާދަ އަވަހަކަށްށޭ ފައޫ ތި ރުޅި އަންނަނީ..” އާނިސް މަސައްކަތް ކުރީ ފައުޒާއާއި ރީތިކޮށް ވާހަކަ ދައްކާށެވެ. “މަބުނިންދޯ ވެއިޓިންގަ ބެއިންދީމަ މަ ވަރަށް ފޫހިވެޔޭ..” ފައުޒާ ރުޅި އައިސްފައި ފޯނު ކަނޑައިލިއެވެ.

ފައުޒާގެ މިޒާޖަށް މި ފަހަކަށް އައިސް ވަރަށް ބޮޑު ބަދަލު ތަކެއް އައިސްފައިވާކަން އާނިސްއަށް ފާހަގަ ވެއެވެ. ކިތަންމެ މަސައްކަތް ކުރިއަސް އާނިސްއަކަށް ފައުޒާގެ ހިތްހަމަ ޖައްސައެއް ނުދެވެއެވެ. އަބަދުވެސް ފައުޒާ ދައްކާނީ އާނިސްގެ ކޮންމެސް ކުށެކެވެ. މިދުވަސްކޮޅު މިކަހަލަ ކަމަކާ ވިސްނާކަށް އާނިސް ބޭނުމެއްވެސް ނުވެއެވެ. އެހެންނަމަވެސް މިހާރު އާނިސްއަށް އިހުސާސް ކުރެވެނީ ފައުޒާ އާނިސްއާ ރައްތެހިވެގެން އެއުޅެނީ އޭނާގެ ބޭބެ ބުނީމަ ހެންނެވެ. ފައުޒާ ބޭނުން ވެގެން ރައްޓެހިވިނަމަ މިހާ ފަސޭހައިން ފައުޒާ އާނިސް ދެކެ ހިތްހަމަ ނުޖެހިގެނެއް ނޫޅޭނެއެވެ. އެހެންނަމަވެސް އަދިވެސް އާނިސް ހުރީ ކެތް ކުރާގޮތަށެވެ. އާނިސް ދެކޭ ގޮތުގައި އަދިވެސް އާނިސްގެ ހިތުގައި ފައުޒާއަށް އޮތް ލޯބި ދަނީ ބޮޑު ވަމުންނެވެ. މިގުޅުން ދިރުވަން އަދިވެސް އާނިސް ބޭނުންވެއެވެ.

ގަޑިން ދިހަގަޑި ބައިވެ ބޮޑުވިއިރު ފަތީންއޮތީ ރިވަޑޭލް ބަލާށެވެ. ކުއްލިއަކަށް ފަތީން ތެދުވީ ޗާޖަށް ޖަހާފައި އޮތް އޭނާގެ ފޯނަށް މެސެޖެއް އައުމުންނެވެ. ފަތީން ހީކުރީ އެއީ ޝައިހާ ކަމަށެވެ. ނަމަވެސް އެއީ އެ ގޮތްނޭގޭ މީހާގެ މެސެޖެކެވެ. “ބާކީ ސީދާ އެއްދުވަސް. މާދަމާރޭ 11 ޖަހާއިރު ހުންނަންވާނީ އުތުރުފަރާތު ބްރިޖް މަތީގަ ފައިސާވެސް އަދި ރެޖިސްޓްރީ ސެޓްފިކެޓުވެސް ހިފައިގެން. ހަނދާން ކުރާތި މީހަކު ގެނެސްފިއްޔާ ޑީލް ނިމުނީ..”

 

– ނުވަވަނަ އެޕިސޯޑް ނިމުނީ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Maseeh

Level 110 Stories

Other Articles

Previous

މިހިރީ އުފާތައް ގެއްލިފާ (4ވަނަ ބައި)

Next

ކަލާޔާ ނުލާ 20

Next
December 7, 2019

ކަލާޔާ ނުލާ 20

Previews
December 7, 2019

މިހިރީ އުފާތައް ގެއްލިފާ (4ވަނަ ބައި)

6 Comments!

  1. mxxxxhaaa says:
    December 7, 2019 at 11:06 am

    waaau mi partves varah obi cant wait for the next one. ???❤❤thank you soooooo much mikahala salhi vaahaka eh kiyaalan up kohdhineema dont stop till ur done bruh ehn ekaku nethas youll always have my support?

    1. Maseeh says:
      December 7, 2019 at 6:35 pm

      owwwn mxxxxhaaa that made my day. aslu thigothah dhigu comments dhineema varah bodah happy vey.. varah motivate vey. hivvaru libey. you r welcome and keep supporting igey

  2. Rainstorm says:
    December 7, 2019 at 2:59 pm

    ummm so ehnmma aanisge mom a faathiinge dad a dhw miulheny ? goaheh nuun ? vhk vrh riithi ingey as always… waitinxxx hama abadhu vx bunaa hen next part ah… ? adhi vx kuda koh vanii innan v than thanah vadhunii use kurevifa eba huri… ekamu vrh bodah improve vefa huri kan faahaga vi ? 2 thankolhuga inii vadhunii vx dhn neiy ehn eh vx mahsala eh… hama perfect…. masha allah ?❤

    1. Maseeh says:
      December 7, 2019 at 6:38 pm

      އިރާދަ ކުރެއްވިއްޔާ އެ މައްސަލަތައް އެއްކޮށް ރަނގަޅު ކޮށްލަދޭނަން ކުރިއަށް އޮތް ތަނުގަ. ފަހަރެއްގަ ހަމަ ވެދާނެ އާނިސްގެ މަންމަ އެއައީ އެހެން މީހަކު ކައިރިއަށް ވަދެފަ ކަމަށްވެސް. ހެހެ. ކޮންމެއަކަސް ވަރަށް ބޮޑަށް ޝުކުރިއްޔާ

  3. Ibsha says:
    December 8, 2019 at 11:16 pm

    Mihaaru Esfiya ga ehme kiyaahiyvany mi vaahaka varah reethi varah reethi

    1. Maseeh says:
      December 16, 2019 at 5:35 am

      owwwn.. v happy vehje. thankx

Comments are closed.

Next Episodeނާކާ (އެޕިސޯޑް 10)←


All Right Reserved!