މިހިރީ އުފާތަށް ގެއްލިފާ (5ވަނަ ބައި)
ޖެހިގެން އައިދުވަހަކީ ހުކުރު ދުވަހެކެވެ. އަހަރެން ހޭލިއިރު އެލީނާ އުޅެނީ ސައި ހަދާށެވެ. އޭނާ އެއުޅެނީ އަހަރެންގެ ސަމާލުކަން ހޯދަންކަން އަހަރެންނަށް އެނގުނެވެ. އަހަރެން ތެދުވެ ފެންވަރައިގެން ބޭރަށް ދާން ހިނގައިގަތް ވަގުތު އަހަރެންނަށް އެލީނާ ގޮވާލިއެވެ. “އާދޭ ކާން..” އޭނާ ބުނެލީ ވަރަށް ލޯބިންނެވެ. “ކަލޭ ރޭގަނޑަށް ތިގުޅާ މީހުނަށް ސައިދީ..” އަހަރެން ގެއިން ނުކުތީ އެލީނާގެ އަނގަ ބަންދު ކޮށްލާފައެވެ.
އަހަރެން ދިޔައީ އެލީނާގެ ބައްޕަމެން ދިރިއުޅޭ ގެއަށެވެ. އަހަރެން ދިޔުމުން އެލީނާގެ ބައްޕަގެ ފަރާތުން އަހަރެންނަށް ފެނުނީ ސަލާން ޖަހަން އަންނަ ނިކަމެއްޗަކަށް ދައްކާފަދަ މޫނެކެވެ. އޭނާ ހީކުރީ އަހަރެން އެއްޗެހިތަކަކަށް އެދިގެން އައިސް ހުރީ ކަމަށެވެ. “ކީއްކުރަން ކަލޭ ތިއައީ؟” އޭނާ އަހަރެންނާ ވާހަކަ ދެއްކީ ވަރަށް ފޫހިވެގެން ހުރެގެންނެވެ. އެވަގުތު އަހަރެން 2 މިލިއަން ރުފިޔާގެ ޗެކެއް އޭނާއަށް ދިއްކޮށްލީމެވެ. އޭނާ އެއަށް ރަނގަޅަށް ބަލާލިއެވެ. “ތީ ކަލޭ އަތުން އަހަރެންގެ ބައްޕަ ނެގި ފައިސާ.. މިރޭ ކަލޭގެ ދަރި އަންނާނެ މިގެޔަށް. އެއީ މިހާރު މިނިވަނެއް.” އަހަރެން މި ބުނެލި ބަހުން އަހަންނަށް އެލީނާ ވަރި ކުރެވުނުކަން ޔަގީނެވެ. ނަމަވެސް އަހަރެންގެ ފަރުވާލެއް ނެތެވެ. ދެންއޮތީ ކޯޓުގައި ވަރި ސާބިތު ކުރުމެވެ.
އަހަރެން އެވާހަކަ ބުނެފައި ފަސްއެނބުރި ހިނގައިގަތް ވަގުތު އެލީނާގެ ބައްޕަ އަހަރެންނަށް ގޮވާލިއެވެ. “މިލާރި ކަލޭ ހޯދީ ކޮން ތަނަކުންތޯ ބެލުމުގެ ބޭނުމެއްނެތް. އެކަމަކު ކަލެޔަށް ހަމަ ރަނގަޅަށް އެނގޭނެ އެލީނާގެ ސިކުނޑީގަ މައްސަލަ ތަކެއް އުޅޭކަން. މިއަދު ކަލޭ އޭނަ ކަލޭގެ ހިމާޔަތުން ނެރެލީމަ ދެން އަނެއްކާވެސް އޭނަޔާ އިންނާނެ އެއްވެސް މީހަކު ނުވާނެ. އެހެންވީމަ އަހަރެންގެ ދަރި ދޫނުކޮށްލުމަކީ އަހަރެންގެ ވަރަށް ބޮޑު އެދުމެއް. މި އެދުން ފުއްދާ ދޭނެކަމަށް އުންމީދު ކުރަން..” މިއަދު މި ނިކަމެތި އަހަރެންގެ ކިބައިން އެ މުއްސަނދި ފައިސާވެރިޔާ ކަމަކު އެދެން ޖެހިއްޖެއެވެ. ނަމަވެސް އަހަރެން އޭނާއަކަށް ހަމްދަރުދީއެއް މިއަދަކު ނުވާނަމެވެ. އަހަރެންނަކީވެސް ވަކި ރަނގަޅު މީހެއް ނޫނެވެ. “ބުނަންތަ ރަނގަޅު ވާހަކައެއް؟ ތި އުންމީދު ކަލޭ ނުކުރޭ.. ކުރިޔަސް ވާނީ ބޭކާރު. ވަރަށް ދުވަހު ކަލޭގެ ދަރި ދިން ހިތާމައަށް މަ ކެތް ކޮށްފިން. ހިތުގެ އަޑީގެ ހުރިހާ ނާރެއް ހިތާނަ ކޮށްކޮށް ބުރިނުވެ މިހިރީ ހަމަކިރިޔާ. ކިތަންމެ ރެޔަކު ކަލޭގެ ދަރި މަށަށް އަޑުއިވޭ ފަށުގަ ކޮޓަރިތެރޭގަ ހިލޭ ފިރިހެނުންނާއެކީ މަޖާނަގާއަޑު މަ އަހާފިން. އެތައް ރެޔަކު ބަނޑަށް ކާއެއްޗެއް ނުލާ ނިދާފިން. އަހަރެން މި ހުރިހާ ކަމަކަށް މި ކެތްކުރީ އަހަރެންގެ މައިންބައިންނާ ދޭތެރޭ ވިސްނާފަ. އެކުޑަ މައުސޫމު ދަރިފުޅާ ދޭތެރޭ ވިސްނާފަ. މިހުރިހާކަމަކަށްފަހު ދެން މަގޭ ހަމްދަރުދީގެ ޒައްރެއްގެ މިންވަރުވެސް ލިބޭނެކަމަށް އުންމީދުނުކުރޭ.. މިކަންތައް މި ނިމުނީ..” އަހަރެންގެ ހިތުގައި އުފެދިފައިވާ ހުޅުގަނޑު އަހަރެން އެލީނާގެ ބައްޕަގެ ކުރިމަތީގައި ބޭރު ކުރީމެވެ.
ޖެހިގެން އައި ތިން ދުވަސް ތެރޭ އަހަރެން ކޯޓުން އެލީނާ ވަރި ކުރިކަން ސާބިތު ކުރީމެވެ. އެއަށްފަހު އަހަރެން އެލީނާ އަހަރެންގެ ފްލެޓުން ނެރުނީމެވެ. އަހަރެންގެ ދަރިފުޅު އަހަރެން ދުލެއް ނުކުރަމެވެ. ކުރިން މަންމަ އާއި ބައްޕައަށް އަހަރެންގެ ފްލެޓުން ބޯހިޔާ ކޮށްލާގެ ހުއްދަ ނެތަސް މިހާރު އަހަރެންގެ ފްލެޓަށް މަންމައާއި ބައްޕައަށް ވަދުން މަނާކުރާނެ އެކަކުވެސް ނުހުންނާނެއެވެ. އެހެންކަމުން އަހަރެން އަހަރެންގެ މަންމަ އާއި ބައްޕަ ފްލެޓަށް ގެނައީމެވެ. އަހަރެން ވަޒީފާއަށްދާ ގަޑިތަކުގައި ލިވިއާ ބަލާނެ މީހަކު ނެތުނީމައާއި އެކު މަންމަ އާއި ބައްޕައާ އެކުގައި އުޅެން އަހަރެން ބޭނުންވާތީއެވެ. މަންމަމެން އައިފަހުން އަހަރެންގެ ދުނިޔެ އުޖާލާވިއެވެ. 5 އަހަރެންހާދުވަސް ފަހުން ފުރަތަމަ ފަހަރަށް އާއިލާއަށް އުފާވެރިކަން އައިސްގެން ދިޔައެވެ.
އެލީނާ ވަރި ކުރިފަހުން އެލީނާގެ ހަބަރެއް ނުވެއެވެ. ދަރިފުޅު ހޯދާކަށްވެސް އޭނާ ނާދެއެވެ. ދަރިފުޅުވެސް މަންމަ ހޯދާކަށް ނޫޅެއެވެ. މިގޮތުގައި މަހެއްހާދުވަސް ވޭތުވިއެވެ. އަހަރެންގެ ބޮލުގައި އެޅިފައިއޮތް ބޮޑު މަސްއޫލިއްޔަތެއްގެ މަތިން އަހަރެން ހުރީ ހަނދާން ނެތިފައެވެ. ލީޒާ އާއި އަހަރެން ބައްދަލުވެ އުޅުމުގެ ތެރޭގައިވެސް ލީޒާ އަހަރެންނާއި އެއްފަހަރުވެސް އަހަރެންގެ ފައިސާ ގިނަކުރުމުގެ ކަންތަކާއި ބެހޭގޮތުން ވާހަކައެއް ނުދައްކައެވެ. ހަގީގަތުގައި އަހަރެންނަށް އެކަމާއި ދޭތެރޭ އެހާ ބޮޑަކަށް ނުވިސްނެއެވެ. އެއަށްވުރެން ބޮޑަށް އަހަރެންގެ ސިކުނޑިތެރޭ އެނބުރެމުން ދިޔައީ ލީޒާ ހާސިލް ކުރުމަށް އަހަރެން ކުރާނެ ކަމެކެވެ.
ލީޒާއަށް ލޯބި ހުށަހަޅަން އަހަރެން ވަރަށް ބޭނުންވިއެވެ. ނަމަވެސް އަހަރެންގެ ފިނޑިކަމުން އަހަރެން ހުރީ ނުކެރިފައެވެ. ސަބަބަކީ ލީޒާގެ ހިތުގައި އަހަރެންނާއި ދޭތެރޭ އޮތް އެއްޗެއް އަހަރެންނަށް ނޭނގޭތީއެވެ.
އާދައެކޭ އެއްފަދައިން އަހަރެންނާއި ލީޒާ ކޮފީއަކަށް ދިޔަ ދުވަހެކެވެ. އެދުވަހު އަހަރެންނާއި ލީޒާ ދެއްކީ ލީޒާގެ އަތުން އަހަރެން ނެގި ލޯނުގެ ވާހަކައެވެ. “ބާކީ ޝިއާޒްއަށް އޮތީ 11 މަސްދުވަސް. އެއްވެސް މަސައްކަތެއް މިހާރު ފެށިއްޖެތަ ޝިއާޒުގެ އަތުގައި ހުރި ފައިސާ ގިނަކުރަން؟” ދައްކަމުން ދިޔަ ވާހަކައިގެ ތެރެއިން ލީޒާ އަހަރެން ކައިރީ އަހާލިއެވެ. “ނޫން ނުފެށެ.” އަހަރެން ހުރީ ކުރާނެ މަސައްކަތެއް ނޭނގިފައެވެ. “އެގްރިމެންޓުގެ މަތިން ހަނދާން ނައްތާ ނުލަށްޗެ.. މުއްދަތު ހަމަވާއިރު ފައިސާ ނުދެއްކިއްޖެޔާމު އަހަރެންނަކަށް ނީންނާނެ އިތުރު ގޮތެއް. އެގްރިމެންޓާ އެއްގޮތަށް ކަންތަށް ކުރަން ޖެހޭނެ..” އަހަރެންނަށް ޙިޔާލެއް ދިނުމުގެ ބަދަލުގައި ލީޒާ ފެށީ އެގްރިމެންޓްގެ ވާހަކަ ދައްކާށެވެ. އެއީ ލީޒާގެ މިޒާޖާ ވަރަށް ތަލާތު ގޮތެކެވެ. އެގްރިމެންޓްގައި އޮތީ ކޮން އެއްޗެއްބާއޭ އަހަރެންގެ ހިތަށް ފުރަތަމަ ފަހަރަށް އެރީވެސް އެރެއެވެ.
އަހަރެންނަށް ފައިސާ ހަވާލު ކުރި ރޭގައި ލީޒާ ހަދާފައިއޮތް އެގްރިމެންޓެއްގައި އަހަރެން ސޮއި ކުރީމެވެ. ނަމަވެސް އަހަރެން އެ އެގްރިމެންޓްގައި ލިޔެފައި އޮތީ ކޮން އެއްޗެއްކަމެއް ނުބަލަމެވެ. ސަބަބަކީ އެއިރު އަހަރެންނަށް މުއްދަތު ހަމަވާއިރު ފައިސާ ނުދެއްކިއްޖެނަމަ ބަދަލުގައި އަހަރެން ދޭންޖެހޭ އެއްޗެއްގެ ވާހަކައެއް ލީޒާއެއް ނުދައްކައެވެ. އަދި އެފައިސާ އަހަރެން ބޭނުންވެފައި ހުރިވަރުން އަހަރެންނަށް އެކަމާއިދޭތެރޭ ނުވެސް ވިސްނުނެވެ.
އެރެޔަށްފަހު މަޑުމަޑުން ލީޒާ އަހަރެންނާއި ދުރުވާކަން އަހަރެންނަށް ފާހަގަވިއެވެ. އަހަރެން މަސައްކަތެއް ފެށޭތޯ ބެލީމެވެ. އޮފީހުގެ ބައެއް އިސްވެރިންނާއި ވާހަކަ ދައްކައި އެއް އަހަރުގެ ކުޑަ މުއްދަތެއްގެ ތެރޭގައި އެހާގިނަ ފައިސާ އެއްކުރެވޭނީ ކިހިނަކުންތޯ އަހަރެން ބެލީމެވެ. އެކި މީހުން ދެއްކި ވާހަކައަށް ބަލާފައި އަހަރެންނަށް އެންމެ ރަނގަޅު ހިޔާލަކަށް ފެނުނީ އެ ފައިސާއިން ގެޔެއް ގަތުމެވެ. އަދި ރަނގަޅު އަގެއްގައި އެގޭގެ އެޕާޓްމެންޓްތައް ކުއްޔަށް ދިނުމެވެ. ސަބަބަކީ ކުއްލިއަކަށް އެހާ ގިނަ ފައިސާ އެއްކުރަން އޮތް އެންމެ އަވަސް މަގަކީ އެއީ ކަމަށް އަހަރެންނަށް ގަބޫލު ކުރެވުނީމައެވެ.
ގެޔެއް ގަތުމުގެ މަސައްކަތް އަހަރެން ފެށީމެވެ. ރަނގަޅު ގެޔެއް ލިބޭގޮތްވެސް ވިއެވެ. އެރެޔަށްފަހު ލީޒާގެ ހަބަރެއް ނުވެއެވެ. އަހަރެން ގުޅިއަސް އޭނާ ފޯނެއް ނުނަގައެވެ. އަހަރެންގެ މެސެޖަކަށް އޭނާ ޖަވާބެއް ނުދެއެވެ. އަހަރެން ކުރަމުން މިދާ މަސައްކަތް އޭނާއާއި އަހަރެން ހިއްސާކުރަން ބޭނުންވިއަސް އަހަރެން ކުރީރޭ އޭނާ ގާތު ދެއްކި ވާހަކައިން އޭނާ ހުރީ ހިތްހަމަ ނުޖެހިފައިކަން އަހަރެންނަށް އެނގޭތީ އަހަރެން އޭނަ އާއި ގުޅުން ހުއްޓާލީމެވެ.
ދުވަސްތައް ހޭދަވެގެން ދިޔައި ވަރަށް އަވަސް ބާރުމިނެއްގައެވެ. ގޭގެ އެޕާޓްމެންޓްތައް ކުއްޔަށް ދެވި މަހެއްގެ މަށްޖަށް ދެލަށްކަ އެއްހާ ރުފިޔާ އަހަރެންނަށް ލިބެމުން ދިޔައެވެ. ނަމަވެސް އެވަރުގެ އަދަދެއް ލިބިގެން އެއްއަހަރު ވާއިރު 3 މިލިއަން ރުފިއާ އެއްނުކުރެވޭނެ ކަންވެސް އަހަރެންނަށް އިގެއެވެ. ބާކީއޮތް ދުވަސްތައް މަދުވަމުން ދިޔަވަރަކަށް އަހަރެންގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ. އަހަރެންނަށް ލިޒާ ގުޅީ ސިދާ އެއް އަހަރު ހަމަވި ދުވަހުއެވެ. އޭނާ ބުނީ ބައްދަލު ކޮށްލަން ބޭނުން ކަމަށެވެ.
އަހަރެން އޭނާ ބުނިތަނަށް ދިޔައީ އަހަރެންގެ އަތުގައި ފައިސާ ހަމަނުވާތީ އިތުރު މުއްދަތެއް ދިނުމަށް އެދެން ނިންމައިގެންނެވެ. އަހަރެން އެތަނަށް ދިޔައިރު ލީޒާ އިނީ އެގްރިމެންޓް ހިފައިގެންނެވެ. ލީޒާގެ މޫނުމަތިން ފެނިގެން ދިޔައީ އަހަންނަށް ދޭހަކުރަން އުނދަގޫވި ކުލަތަކެކެވެ. އޭނާ ހުރީ މާޔޫސް ވެފައި ކަމެއް ނޫނީ ހިތްހަމަ ނުޖެހިފައި ކަމެއް އަހަރެންނަކަށް ނޭނގުނެވެ. އަހަރެން ކެތް މަދުވެހުރެ އެއަށް ބަލާލީމެވެ. އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔައެވެ. އަހަރެންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އެތައް ސުވާލު ތަކަކާއި އެކު ލީޒާގެ މޫނަށް ބަލާލީމެވެ. އަހަރެންދެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އުފަލުންނެވެ. “ލީޒާ އަހަރެންދެކެ ލޯބިވޭތަ؟” އަހަރެންނަށް އަހާލެވުނެވެ. އެގްރިމެންޓްގައި ވަނީ މުއްދަތު ހަމަވުމުގެ ކުރިން ފައިސާ ނުދެއްކިއްޖެނަމަ ލީޒާ އާއި ކައިވެނި ކުރުމަށެވެ.
“އާނނނ.. ވަރަށް ބޮޑަށް..” ލީޒާ ލޯމަރާލިއެވެ. “ދެން ކީއްވެ މިގޮތަށް ކައިވެންޔަށް ތި ހުށަހެޅީ؟ ކުރިން ލީޒާ ބުނިނަމަވެސް އަހަރެން ލީޒާ ގަބޫލު ކުރީމުހޭ…” އަހަރެން ލީޒާގާތު އަހާލީމެވެ.
އެވަގުތު ލީޒާ އިންތަނުން ތެދުވިއެވެ. “ތީ ވަރަށް ބޮޑު ވާހަކައެއް. ޝިއާޒް އޭރު އަހަރެންނާ ވާހަކަ ދައްކާގޮތުން އަހަރެން ހުރީ ޝިއާޒް އަހަރެންދެކެ ލޯބިވާ ކަމާއިމެދު ޝައްކު އުފެދިފަ. މިހާރުވެސް ހަގީގަތުގަ ނޭނގެ ޝިއާޒް އަހަރެންނާ ދޭތެރޭ ދެކޭ ގޮތެއް. އަހަރެންގެ ހަގީގަތް އެނގޭ އެއްވެސް މީހަކު އަހަރެންނާ އިންނަން ފަސްޖެހޭނެ. އެހެންވީމަ މިގޮތަށް ކަންތަށް ކުރަން މި ޖެހުނީ.. އަހަންނަށް މާފްކުރޭ ޝިއާޒް..” ލީޒާއަށް ރޮވުނެވެ.
“ކީކޭތަ ތިކިޔަނީ ލީ؟؟ ކީއްވެ މާފަށް އެދެންވީ؟ އަހަރެން މިއަދު ދެރައެއް ނުވެއޭ ލީ އާ މެރީ ކުރަން ޖެހުނީމަކާއެއް. އަހަރެން ވަރަށް ބޮޑަށް ލީދެކެ ލޯބިވޭ…” އަހަރެން ލީޒާ އާއި ވާހަކަ ދެއްކީ ހާސްވެގެން ހުރެއެވެ.
“އާނ… އަހަރެންގެ ދިރިއުޅުމުގަ ދެން ބާކީ އޮތީ ކުޑަ ދުވަސްކޮޅެއް.. އަހަރެންނަކީ ހާޓް ޕޭޝަންޓެއް. އަހަރެންގެ ހިތުގެ ލޭދައުރު މިކޮށްދެނީ ކުޑަ މެޝިނެއްގެ ބާރުގަ. މާދަމާވެސް އެ މެޝިން ހުއްޓިއްޖެނަމަ އަހަރެންގެ ދިރިއުޅުން ނިމުމަކަށް އައީ.. އެކަމަކު އަހަރެންވެސް ބޭނުމޭ އެހެން މީހުންހެން މަރުވުމުގެ ކުރިން ލޯތްބަކީ ކޯއްޗެއްކަން ތަޖުރިބާ ކޮށްލަން. ކައިވެނީގެ ހަޔާތަކުން ލިއްބައިދެނީ ކިހާފޮނި އިހުސާސެއްތޯ ތަޖުރިބާ ކޮށްލަން.. އެ އުންމީދުގަ އަހަރެން ހުއްޓަ ޝިއާޒްއާ ދިމާވެ ޝިއާޒްއަށް އަހަރެންގެ ހިތް ކިޔަންފެށީ.. އެހިސާބުން އަހަރެން ނިންމީ އަހަރެން އަތުގަ ހުރި ހުރިހާ ފައިސާއެއް ހޭދަކޮށްފަވެސް ޝިއާޒް ހާސިލް ކުރަން..” މި ހަމަހިމޭން ރެސްޓޯރެންޓްގައި އެވަގުތު އިތުރު އެއްވެސް ކަސްޓަމަރަކު ނެތުންވީ ލީޒާއަށް ހާމަކަމާއެކު އަހަރެންނާ ވާހަކަ ދައްކާލަން ލިބުނު ފުރުސަތަކަށެވެ.
ލީޒާގެ ވާހަކަތައް އަހާފައި އަހަރެންނަކަށް ކެތެއް ނުކުރެވުނެވެ. “ނޫން އަހަރެން ދޫކޮށްލާފަ ނުދާތި.. އަހަރެން ވަރަށް ލޯބިވޭ ލީޒާދެކެ.. ހެޔޮނުވާނެ. ލީޒާ ނުލާ އަހަރެން ބޭނުމެއްނޫން ދެން ދިރިއުޅޭކަށް.. މިހާރު އަހަރެންގެ ދިރިއުޅުމުގަ މަދީ ހަމައެކަނި ލީޒާ… އާދޭސްކޮށްފަ މިބުނީ އަހަރެން ހުއްޓާ މިދުނިޔެ ދޫކޮށް ނުދާތި. އަހަރެންގެ ހިތް ހުއްޓިދާނެ. އަހަރެންނަށް ލީޒާދެކެ ކެތް ނުކުރެވޭ ވަރަށް ލޯބިވެވިއްޖެ..” އަހަރެން ލީޒާ ގައިގައި އޮޅުލައިގަނެގެން ހުރެ ރުއީމެވެ.
ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ލީޒާގެ މޭގައި އެވާ މެޝިނުގެ ހިނގުން 2 އަހަރަށްވުރެ ދިގެއް ނުކުރެވޭނެއެވެ. ވަގުތު ހަމަވުމުން ލީޒާ ގެންދަވާނެއެވެ. އެހެންނަމަވެސް އަހަރެން މިއަދު ބޭނުންވަނީ ހިނިތުން ވެލާށެވެ. ލީޒާގެ އަތުގައި ހިފައިގެން އުފަލަކީ ކޯއްޗެއްކަން މިދެލޮލުން ދެކިލާށެވެ. އަހަރެންގެ ބަނަވަމުންދިޔަ ހަޔާތުގައި އުޖާލާވުމުގެ ކުލަވަރު ޖެހިގެން ދިޔައީ ލީޒާ އައުމުންނެވެ. އެތަށް ދުވަހަކަށް ފަހު އަހަރެންގެ އުފާތައް ގެއްލިފައިވާ ދިރިއުޅުން އުފާތަކުން ފުރިގެން ދިޔައެވެ. ނަމަވެސް އެއީ ކުޑަ ހިނދުކޮޅަކަށެވެ.
-ވާހަކަ ނިމުނީ-
4 Comments!
Comments are closed.


ވާހަކަ ވަރަށް ރީތި އިނގޭ.. އެކަމަކު މަސީހުގެ ނާކާ ވާހަަކައަށް ވުރެން ގިނައިން މިވާހަކައިގަ އަކުރުގެ ކުށާ ފިލީގެ ކުށް އެބައުޅޭ… އެހެން ވާހަކައެއް ލިޔާއިރު ބޮޑަށް ޗެކް ކޮށްލާތި. ވާހަކައިގެ ނަމުގަވެސް ތިއިނީ އުފާތައް ކިޔާއިރު އަލިފު ސުކުނެއް އިންނަން ވީމަ ށަވިއަނި ސުކުނެއް ޖަހާފަ. ދެން ކިޔަމުން ދިޔައިރު ފާހަގަވި -ޗ- ޖަހަންވީ ތާކު -ޖ- ޖެހިފަ އިންކަންވެސް. އ ސުކުނުގެ ބަދަލުގަ ށ ސުކުން ހުރިކަންވެސް. އެހެންނަމަވެސް ވާހަކަ ހަމަ ވަރަށް ރީތި. އޮބިނޯވޭ.. ކަރުނަ ހިލުނު ލޮލުން
Aslu vx hama rovunu … ma sha allah mi stry vrh rythi
Whn nxt part?
Maasha Allah❤️ mibaives hama varah salhi??????????????❤️❤️❤️❤️????.
Wooooowwww … mi stry hama habeys … maseeh ge strys vrh reethi ma sha allah…???