ވަޢުދު (ބައްތިރީސްވަނަ ބައި)

- by - 93- November 28, 2019

“އާނ އަޔާޒް….ވަރަށް ކިޔައިދޭނެ…އަދި…..އަޔާޒް….އަޔާޒް މި ފެންގަނޑު ބޮޑުވަނީތަ؟” މަލާކަށް ކުއްލިއަކަށް މަޢުޟޫ ބަދަލުކޮށްލެވުނީ އޭނަގެ ކޮނޑުގެ ކައިރިން ފިނިވާން ފެށުމުންނެވެ. އޭނަ އެ ސުވާލުކޮށްލިއިރު ދެލޯ ބޮޑުވެފައި ހުރިގޮތުން އޭނަގެ ޚިޔާލުތަކުން ނިކުމެވުނު އަޔާޒަށް ނުހެވުނީވެސް ކިރިޔާއެވެ.

 

“އާނދޯ؟ ވަރަށް ބޮޑު އެބަވޭ. ދެން ކިހިނެއް ހަދާނީ؟ ދެމީހުން މިތަނަށް މަރުވާނިތަ؟” އަޔާޒް ދެންވެސް އޭނައާއެކީ މަލާކް ފުން ހިސާބަށް ގެންދަމުން އެހެން ބުނެލީ މަލާކަށް ވާގޮތް ބަލަން ބޭނުންވެގެންނެވެ.

 

“އަޔާޒް ދެން މަޑުކޮށްލަބަލަ….މީ ކިހިނެއްތަ މިވަނީ؟!” މަލާކް ހާސްވެފައިހުރެ ސުވާލުކުރިއެވެ.

 

“ނޭނގެ….ޕޫލުން ސުނާމީއެއް އަރަން އުޅެނީ ކަންނޭނގެދޯ؟” އަޔާޒް ނުހަނު ހަމަޖެހިގެން ހުރެ ބުނެލިއެވެ. އެހެނަސް މަލާކް ހަމަޖެހޭ ގޮތެއްނުވީ ކަމެއްވިޔަސް އޭނައަށް ސަލާމަތްވެވޭނެ ގޮތެއްނެތްހެން ހީވުމުންނެވެ.

 

“އަޔާޒް…..ހިނގާ މައްޗަށް އަރަން. ދެން ނުތިބޭނެ މިތާނގަ!” މަލާކް ބުނެލިއެވެ.

 

“އުނހު އަދި ފަހުންދާން މަޑުކޮށްލަބަލަ.” އަޔާޒް ބުނެލިއެވެ.

 

“ދެން! އެހެންވީއިރު މަލާކް ދަނީ!” އަޔާޒްގެ ފަރުވާކުޑަކަމުން މަލާކް އައި ރުޅީގައި ބުނެލެވުނެވެ.

 

“އާނ ދޭ އެހެންވެއްޖެއްޔާ.” އަޔާޒް އެހެން ބުނެލީ މަލާކްގެ އުނަގަނޑުގައި ހިފައިގެން ހުރި އޭނަގެ އަތަށް ކުޑަ ލުޔެއް ދެމުންނެވެ. ދެންވެސް އޭނަގެ އަތް އެ އުނަގަނޑުގައި ވަށާލެވިފައިވުމުން މަލާކް ވެއްޓުމުގެ ފުރުޞަތު ވަރަށް ވެސް ކުޑައެވެ. އެހެނަސް އަޔާޒް އެހެން ހެދީ މަލާކް ކަންބޮޑުވާނެކަން ދަނެގެންނެވެ. އޭނަ ހީކުރީ މަލާކް ހަޅޭއްލަވައި މަލާކް ވެއްޓިދާނެކަމަށް ބުނާނެ ކަމަށެވެ. އެހެނަސް އޭނަ އަތަށް ދޫކޮށްލުމާއެކު މަލާކްގެ މޫނުމަތިން އޭނައަށް ފެނިގެން ދިޔައީ އޭނައަށްޓަކައިވި ކަންބޮޑުވުމެއްހެން އޭނައަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ. އެ ހީ ޔަޤީނަކަށް ބަދަލުވެގެން ދިޔައީ މަލާކް އޭނަގެ ނަމުން ގޮވައި އޭނަގެ ޓީޝާޓުގައި ހިފައި ދަމާލި ގޮތުންނެވެ. އަމިއްލަ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ ޔަޤީންކަން ނެތްއިރު ވެސް މަލާކް އޭނައާއި މެދު ވިސްނާލި ގޮތުން އަޔާޒް ހިސާބަކަށް ހުއްޓުންއެރިއެވެ. އޭނަ ހުރި ގޮތަށް ހުއްޓާ މަލާކް އައިސް އޭނަގެ ގައިގައި ޖެހުނު ވަގުތު ހިތަށް ސިހުމެއް ލިބުނު ވަގުތުވެސް އޭނައަށް ވިސްނުނީ މަލާކް އޭނައާއިމެދު އަޅާލާ މިންވަރާއި މެދުގައެވެ. އެކަން އެނގުންވި ވަގުތު މަލާކްގެ ތެމިފައިވި މޫނު އޭނަގެ މޫނާއި ޖެހޭ ނުޖެހޭ ހިސާބުގައިވުމުން އަޔާޒްގެ ނޭވާވެސް މެދުކެނޑިގެން ދިޔައެވެ. އޭނަ ބަލަބަލާ ހުއްޓާ މަލާކް ޖެހިލުންކަން އެކުލެވިގެންދިޔަ މޫނަކާއެކީ އޭނައާއި ދުރުވާން އުޅުމުން އަޔާޒަށް މަލާކްގެ ގައިގައި ހިފައި އިތުރަށް ގާތްކޮށްލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އެއާއެކު އޭނައާއި މަލާކްގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު ހިތުގެ ތެޅުން އަވަސްވެގެން ދިޔަ ގޮތުން އަޔާޒް ބިރުވެސް ގަތެވެ. ކުރިމަތިން ފެންނަމުން ދިޔަ އަންހެން ކުއްޖާގެ ސަބަބުން އޭނައަށް އެހާ ބޮޑެތި ބަދަލުތައް އަންނަން ފަށައިފިކަން އެނގުންވުމުންނެވެ.

 

ހިމޭންކަން ވެރިވެފައިވި އެ މާޙައުލުން ދެމީހުންނަށް އިވެމުން ދިޔަހާވެސް އަޑަކީ ދެމީހުންގެ ހިތުގެ ތެޅުމުގެ އަޑެވެ. ފުރަތަމަ ފަހަރަށް އެފަދަ ގޮތަކަށް ދެމީހުންނަށް ވެސް އިސްނަގައިގެން ކައިރިކައިރީގައި ތިބެވުނު ގޮތުން، ދެމީހުންގެ ޚިޔާލުތައްވެސް ދާދި އެއް މިޞްރާބަކަށް ދާންފެށިއެވެ. ދެމީހުންގެ ކައިވެނި ކުރެވިގެން ދިޔަ ގޮތާއި މި ކައިވެންޏާއި މެދު ދެމީހުން ނިންމާފައިވި ގޮތް ދެމީހުންވެސް ހަނދާންނެތޭ ގޮތްވިއެވެ. އަޔާޒް ދެން ގެނެސްފާނެ ޙަރަކާތަކާމެދު މަލާކް ޖެހިލުންވީ ހިނދު ނޭނގޭ ސަބަބަކާހުރެ ކެތްމަދުވެސްވިއެވެ. އެދެމެދަށް މިވަގުތު ދެން އެއްވެސް ހުރަހެއް ނޭޅޭނެހެން މަލާކަށް ޔަޤީންވި ވަގުތަކީ، އަޔާޒް ކެތްތެރިކަން ކޮޅުންލި ހިތަކާއެކީ އޭނައާއި އިހުނަށްވުރެ ގާތްވާން ފެށި ވަގުތެވެ. އަޔާޒް ދެލޯ މަރާލި ހިނދު މަލާކަށް ވެސް ދެލޯ މަރާލެވުނީ އިޚްތިޔާރުން ބޭރުގައެވެ. ދެމީހުން އެވަގުތުކޮޅުގެ މަސްތަށް ގެއްލުނު ވަގުތު ކުއްލިއަކަށް އެ ހިމޭންކަމުގެ ތެރެއިން ނުހަނު ކައިރިން އިވެން ފެށި ވައިބާރ ރިންގްޓޯންއިން މަލާކް ސިއްސައިގެން ދިޔައެވެ. އިސާހިތަކު ދެމީހުންގެ ލޯ ހުޅުވި އެ ވަގުތުކޮޅުގެ ހުރިހާ ޚިޔާލުތައް ވިއްސިވިހާލިވެގެން ދިޔައެވެ. ދެމީހުން ފަޅި ސިކުންތަކަށް އެކަކު އަނެކަކަށް ބަލާފައި އަޑު އަންނަމުން ދިޔަ ދިމާލަށް ބަލާލީ އެކުއެކީގައެވެ. ބަލާލިއިރު ރިންގުވަމުން ދިޔައީ ޕޫލުގެ ކައިރީގައި ބެހެއްޓިފައިފި ދެގޮނޑީގެ ދެމެދުގައި ހުރި ތިރި މޭޒުމަތީގައި އޮތް މަލާކްގެ ފޯނެވެ. ފޯނަށް ނަޒަރު ހުއްޓާލިއިރު ވެސް މަލާކްގެ މޫނު ރަތްވެފައިވީއިރު އަޔާޒްގެ މޫނުމަތިން ފެނިގެން ދިޔައީ ޝަކުވާއެކެވެ.

 

“ބް….ބޮޑުމަންމަ ކަމަށްވާނީ…” މަލާކް ޖެހިލުންވުމަކާއެކީ އެހެން ބުނެލީ އޭނަ ޕޫލަށްދާން ނިކުތްތަނާހެން އޭނައަށް ގުޅައި ކައިފިތޯ އެހުމަށްފަހު އަދި ފަހުން ގުޅާނެކަމަށް ބުނި ބޮޑުމަންމަ މަތިން ހަނދާންކުރަމުންނެވެ.

 

“ބޮޑުމަންމަ…” މަލާކް އޭނައަށް ބަލަހައްޓައިގެން ހުންނަން ފެށުމުން އަޔާޒް އެހެން ކިޔަމުން ބޯޖަހާލިއެވެ. އަޔާޒްގެ މޫޑު ޚަރާބުވެގެން ދިޔަގޮތުން އޭނަ ބޭނުންވީ ހުރިތާ ހުންނާށެވެ. ހިނދުކޮޅަކަށް ނަމަވެސް އޭނަ އެތާ ބެހެއްޓުމަށްފަހު މަލާކް އަމިއްލައަށް ފޯނު ނަގަންދާ މަންޒަރު އޭނައަށް ސިފަކުރެވުނެވެ. ޚިޔާލުތަކުގެ ތެރެއިން ޙަޤީޤަތަށް އޭނައަށް އާދެވުނީ މަލާކް އޭނައަށް ގޮވާލުމަށްފަހު ފޯނަށް ނަޒަރެއް ދިނުމުންނެވެ. އެއާއެކު މަލާކް ބުނި އެއްޗެއް ނަގައިގަނެވުމުން އަޔާޒް ވަކި ދެވަނަ ޚިޔާލެއްނެތި އާދައިގެ މަތިން މަލާކް އަތްދަނޑިމައްޗަށް އުފުލާލިއެވެ. އެއީ އެދެމެދުގައި ހިނގާ ނުހަނު ޢާއްމުކަމަކަށްވުމުން އެއަކުން އެދެމީހުންނަށް މާ ބޮޑު އަސަރެއް ނުކުރެއެވެ. އެހެނަސް ދާދި ދެންމެއަކު ވާންއުޅުނު ގޮތް ދެމީހުންނަށް ވެސް ޚިޔާލުކުރެވެމުން ދިޔައެވެ.

 

އަޔާޒް މަލާކް ގޮވައިގެން ގޮސް ޕޫލުގެ ކައިރި ފަށުގައި ބޭންދުމަށްފަހު އަމިއްލައަށް ޕޫލުން މައްޗަށްއެރިއެވެ. އެއަށްފަހު އަނެއްކާވެސް މަލާކް އުފުއްލާލަމުން އެތާ މޭޒު ކައިރީގައި ހުރި މަލާކްގެ ގޮނޑީގައި މަލާކް ބޭންދިއެވެ. ގޮނޑީގައި އިށީނދެވުމާއެކު މަލާކް މޭޒުމަތީގައި އޮތް އޭނަގެ ފޯނުގެ ސްކްރީނަށް ބަލާލިއެވެ. އޭނަ ހީކުރި ފަދައިން ބޮޑުމަންމަގެ ނަން ފެނިފައި މަލާކް ވަގުތުން އެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“ސަލާމް ބޮޑުމަންމާ…” މަލާކަށް އެހެން ބުނެލެވުނު ވަގުތު އޭނަގެ އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔައެވެ. ހަމަ އެހިނދު ޖެހިލި ވައިރޯޅިއަކުން މުޅި މީހާ ގަނޑުވެ ހަތަރެސްފަޔަށް ބާރުވީ ވަގުތު މުޅި ހަށިގަނޑުން ތުރުތުރެއް ވެސް އަޅާލިއެވެ. މަލާކަށް އެވީ ގޮތް ބަލަން އަޔާޒަށް ހުރެވުނީ ކަންބޮޑުވުމެއް އެކުލެވިފައިވި މޫނަކާއި އެކީގައެވެ.

 

“ވަޢަލައިކުމުއްސަލާމް….ކީއްކޮށްލަނީ މަލާކް؟ ތިކޮޅަށް އަދި ކިރިޔާ 8:50 ކަންނޭނގެދޯ ވީ؟ މިކޮޅުން 11 ޖަހަން ގާތްވަނީ….ކޮބައިތަ އަޔާޒް؟” ބޮޑުމަންމަ ސުވާލުކުރި އަޑު މަލާކާއެކީ އަޔާޒަށް ވެސް އިވުނީ ކޯލް ވޮލިއުމް ފުދޭވަރަކަށް މަތިކުރެވިފައި ވުމުންނެވެ.

 

“އަ….ޔާޒް އެބް…ބަހުރި މި..ތާ….” މަލާކަށް ކެނޑިކެނޑިގެން ވާހަކަ ދެކެވުނީ ދެންވެސް ޖެހެމުން ދިޔަ ވައިރޯޅިތަކުން އޭނަގެ ދެދަތްޕިލަ ޖެހެން ފެށުމުންނެވެ. އޭނަ ވާހަކަ ދެއްކިއިރު ކުއްލިއަކަށް އޭނަގެ ދެފައި ވެސް ގަދައަށް ތުރުތުރު އަޅަން ފެށި ގޮތުން މަލާކް ބިރުގަތް ހިނދު އަޔާޒަށް މަލާކާއި ދިމާލަށް ފިޔަވަޅެއް އަޅާލެވުނެވެ.

 

“މަލާކް ދަރިފުޅު ބަލީތަ؟ ކިހިނެއް ތި ވާހަކަ ދައްކަނީ؟” ބޮޑުމަންމަ އެހެން ބުނެލި ވަގުތު މަލާކްގެ ދެފައިވެސް އިހުނަށްވުރެ ގަދައަށް ހިއްލިފައި ތިރިވާން ފެށުމުން އަޔާޒް ކުރު ފައި މައްޗަށް ތިރިވެ އޭނަގެ އެއްއަތުގެ މުލައްދަނޑި މަލާކްގެ ދެފައި މަތީގައި ހުރަހަށް ބޭއްވިއެވެ. އެއަށްފަހު އަނެއްއަތުން މަލާކްގެ ކަންފަތުގައި ހުރި ފޯނު ނަގައި އަމިއްލަ ކަންފަތުގައި ޖައްސާލިއެވެ.

 

“ހެލޯ ބޮޑުމަންމާ މަލާކް ދެންމެ ޕޫލަށް ފައިބާފަ މައްޗަށް އެރީ. ކުޑަކޮށް ހީކަރުވައިގެން އުޅެނީ. މާދަމާ ގުޅާލާނަން އިނގޭ ބޮޑުމަންމާ؟” އަޔާޒް ހާސްވެފައިވިއެއްކަމަކު އޭނަ ހަމަޖެހޭ ގޮތް ދައްކަމުން ބުނެލިއެވެ. ބޮޑުމަންމަ އެންމެ ރަނގަޅޭ ބުނެލި ތަނާހެން އަޔާޒް ފޯނު ކަނޑާލަމުން ފޯނު މޭޒުމައްޗަށް ދޫކޮށްލިއެވެ. އެއަށްފަހު އޭނަގެ އަނެއް އަތްވެސް މަލާކްގެ ފަލަމަސްގަނޑުގައި އަޅައި އޮބާލިއެވެ. ހަމައެއާއެކު އަޔާޒްގެ އަތުގެ ހޫނުކަމުގެ ސަބަބުން ލަސްލަހުން މަލާކްގެ އެ ތުރުތުރު ކުޑަވެގެން ދިޔައެވެ. 5 ވަރަކަށް މިނެޓް ތެރޭގައި އެ ތުރުތުރު މުޅިންހެން ރަނގަޅުވެގެން ދިޔުމުން އަޔާޒް ފުން ނޭވައެއް ދޫކޮށް އޭނަގެ އަތް ނަގާލިއެވެ. އެ ހިނދުވެސް ފިނިވެފައި ހުރި މަލާކް ކިތަންމެ ބޭނުން ނުވިއެއްކަމަކު އޭނަގެ ދެދަތްޕިލަ ޖެހެމުން ދިޔައެވެ.

 

“ހިނގާ އަވަހަށް އެތެރެއަށްދާން….އެތެރެއަށް ގޮއްސަ ވީހާވެސް އަވަހަކަށް ފެން ހިއްކައިގެން ތެތް ހެދުން ބަދަލުކޮށްލައްޗޭ. އެހެންނޫނީ އިތުރަށް ބަލިވެދާނެ…” އަޔާޒް ބުނެލިއެވެ. މަލާކް އެ ވާހަކައަށް އުދަގުލާއެކީ ބޯޖަހާލަމުން ގޮނޑި ދުއްވަން އޭނަގެ އަތް ހިއްލިއެވެ. އެހެނަސް ބާރުވެފައިވި ދެއަތް ވެސް ތުރުތުރު އަޅަމުން ދިޔަގޮތުން އެކަންވެގެން ދިޔައީ މުސްތަޙީލު ކަމަކަށެވެ. އަޔާޒަށް އެ މަންޒަރު ފެނުމާއެކު އޭނައަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. މަލާކް ރޭގަނޑު ފެންގަނޑަށް ގެންދިޔުމުން މިފަދަ ކަންތައް ދިމާވެދާނެކަމާމެދު އޭނައަށް ނުވިސްނުނީ ކީއްވެބާއޭ ހިތަށްއެރިއެވެ. ކަންދިމާވި ގޮތުން މިރޭ ވެގެން ވެސް މިދިޔައީ އޭނަ ހީކުރި ވަރަށް ވުރެ ފިނި ރެއަކަށެވެ. މަލާކަށް މިހާ ގިނަ ދަތިތައް ކުރިމަތިވަނީ އެހެންވީމައެވެ. އެކަމާމެދު ވިސްނަން ހުރެހުރެފައި އަޔާޒް އަވަސްއަވަހަށް މަލާކްގެ ގޮނޑި އަނބުރާލަމުން ކޮޓަރިއާއި ދިމާލަށްދާން މިޞްރާބުޖެހިއެވެ. ކޮޓަރިއަށް ވަދެވުމާއެކު އަޔާޒް ވަގުތު ބޭރަށް ނިކުމެވޭ ދޮރު ކަހާލަމުން ލައްޕާލިއެވެ. ދެންވެސް ހުއްޓުމެއްނެތި މަލާކްގެ ދެދަތްޕިލަ ޖެހެމުން ދިޔަ ގޮތުން ވީ ދެރައާއެކީ އަޔާޒް މަލާކްގެ ގައިގައި ބައްދާލަން ބޭނުންވިއެވެ. މަލާކަށް އަމިއްލައަށް ހެދުން ބަދަލު ނުކުރެވޭނެކަން އެނގުންވުމުން އޭނަ އަމިއްލައަށް މަލާކްގެ ހެދުން ބަދަލުކޮށްދޭ މަންޒަރު ވެސް ލޮލަށް ސިފަވެގެން ދިޔައެވެ. އެކަމަށްޓަކައި ފިޔަވަޅެއް އަޅަން އިތުރު ހިތްވަރެއް ލިބިގެން ދިޔައީ އެސިސްޓެންޓް އަންނަން ވާއިރަށް ވެސް ތެތް ހެދުމުގައި މަލާކް ހުރުމުން މަލާކަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަމުގެ ބަހަނާއާއި އެކީގައެވެ.

 

އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. މަލާކް އެ ޙާލަތުގައި ހުރި މަންޒަރު ފެނިފައި އަޔާޒް އޭނަގެ ޖަޒުބާތުތަކުގެ އޮޔާއި ޖެހިގެން ދާކަށް ބޭނުމެއް ނުވިއެވެ. އޭނަ އެކިއެކި ބަހަނާތަކާއެކީ މަލާކާއި ކައިރިވާން ބޭނުންވަނީ ވަކި ކަމަކުކަން އޭނައަށް އެނގެއެވެ. އެހެނަސް އޭނަ އެއްގޮތަކަށް ވެސް މަލާކްގެ އެ ޙާލަތުގެ ނާޖާއިޒު ފައިދާ ނަގާކަށް ބޭނުމެއްނުވިއެވެ. އަދި އަމުދުން އެގޮތަށް ކަންތައް ކޮށްގެން އޭނައާއިމެދު މަލާކްގެ އޮތް ނަޒަރިއްޔާތުވެސް ބަދަލުކުރާކަށް ބޭނުމެއްނުވިއެވެ. ދެމީހުންވެސް އެއްބަސްވެގެން މިތިބީ ވަކި މުއްދަތަކަށްފަހު ވަކިވާށެވެ. ވީއިރު އެފަދަ ދެމަފިރިންގެ ދެމެދުގައި ރަނގަޅުވާނީ އެފަދަ ގުޅުމެއް އޮތުމަށްވުރެ ނެތުން ނޫންހެއްޔެވެ؟ ހިތަށްވެރިވި އެ ސުވާލުން އަޔާޒްގެ ހިތަށް އުދަގޫވިއެވެ. އޭނައާއި މަލާކްގެ ދެމެދުގައި އެއަށްވުރެ ގާތްގުޅުމެއް އޮންނާނެނަމައޭ ހިތަށްއެރިއެވެ. ހިތަށް ވެރިވި އެ އެދުމުން ވެސް އޭނަ ޙައިރާންވިއެވެ. އޭނަ ބޭނުންވަނީ ހަމަ އެގޮތްތޯ ހިތް ސުވާލުކުރި ވަގުތު ފިންޏަށް ކެތް ނުކުރެވިގެން މަލާކް ދެލޯ މަރައި ތަގުޅިކޮށްލި މަންޒަރު އަޔާޒަށް ފެނުނެވެ. އެއާއެކު އޭނައަށް ވާހަކަ ދެކެވުނެވެ.

 

“އަމް……އެސިސްޓެންޓަކަށް ގުޅާލާނަން މަލާކްގެ ހެދުން ބަދަލު ކުރުވަން. ހިކި އެއްޗެއްސަށް ބަދަލުކުރުމުގެ ކުރިން ހޫނުފެނުން ފެންވަރާލާތި. އެއަށްފަހު އަރާމުކޮށްލީމަ ރަނގަޅުވާނެ.” އަޔާޒް ބުނެލިއެވެ. އަޔާޒަށް ބަލާލަމުން އަނެއްކާވެސް ބޯޖަހާލުން ނޫންކަމެއް މަލާކަށް ނުކުރެވުނެވެ. އެއާއެކު މަލާކަށް ވީހާވެސް އަވަސް އެހީއެއް ހޯދުމަށްޓަކައި އަޔާޒް އެ ހުރިގޮތަށް ހުރެވެސް ސިޓިންގް ރޫމުގައި އޮތް އޭނަގެ ފޯނު ނަގަން ދިޔައެވެ.

 

އަޔާޒް އޭނަގެ ތެތް އެއްޗެހި ބަދަލުކޮށް ކުޑަކޮށް ފެންވަރާލަން ޖެހިގެން ހުރި ކޮޓަރިއަށް ދިޔައީ މަލާކަށް އެހީވާނެ މުވައްޒަފަކު އައުމުންނެވެ. ހޫނުފެން އަންނަން ފެށި ފެންމާގަނޑުގެ ދަށުގައި އެކަނި ހުރެ ދެލޯ މަރާލުމާއެކު އަނެއްކާވެސް މަލާކާއި އޭނަ ގާތްވެގެން ދިޔަ މަންޒަރު ލޮލަށް ސިފަވެގެން ދިޔައެވެ. އެ މޫނުމަތިން ފެނުނު ނިޔަނެތިކަން ފެނިފައި އޭނަ އާޝޯޚުވެގެން ދިޔަ ގޮތް ހަނދާނަށްއައެވެ. އޭނަ ކިތަންމެ ގިނަ ކުދިންނާއި ރައްޓެހިވެފައި ވިޔަސް މަލާކާއެކީ އެ ހޭދަކުރެވުނު ކުޑަ ހިނދުކޮޅުގައި އޭނައަށް އިޙްސާސް ކުރެވުނީ ކުރިން ކުރެވިފައިވި އިޙްސާސެއް ނޫނެވެ. ހިތުގައި އުފެދިގެން ދިޔަ ނޭނގޭ ޖަޒުބާތާއެކީ އޭނަ މަލާކާއި ގާތްވާން އުޅުނުތަނާހެން މަލާކް ސިއްސައިގެން ދިޔަ ގޮތް ހަނދާންވެފައި އަޔާޒަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ. އޭނަ އޭރު ލޯ ހުޅުވާލިއިރު މަލާކްގެ މޫނު ރަތްވެފައިވި ގޮތުންނާއި އެ މޫނުމަތިން ފެނުނު ނުތަނަވަސްކަން ހަނދާންވެފައި ފުރިހަމަ ހިނިތުންވުމެއްގައި ހުރެވުނެވެ. އޭނައަށް މި ލިބުނީ އާދަޔާ ޚިލާފު އަދި މަޖާ އަންހެން ކުއްޖެއްތާއޭ ހިތަށްއެރިއެވެ. އެހެނަސް އޭނައަށް އެ އަންހެން ކުއްޖާ ‘ލިބިއްޖެ’ ހެއްޔެވެ؟ އެ ސުވާލާއިމެދު ވިސްނާލެވުމުން އަޔާޒްގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. ނޫނެކެވެ. އެއީ އޭނައަށް ލިބިފައިވެސް ނުލިބި ހުރި އަންހެން ކުއްޖެކެވެ. އެކަން އެގޮތަށް ނިންމީ ޚުދު އޭނައެވެ. އެކަން އެނގުންވާ ކޮންމެ ހިނދަކު މިއަދު އޭނަގެ ހިތްދަތިވަނީ ކީއްވެ ހެއްޔެވެ؟ އޭނަގެ ހިތުގައި މަލާކަށްޓަކައި އިޙްސާސްތަކެއް އުފެދެނީ ހެއްޔެވެ؟ އަމިއްލައަށް ގާތްވާން ކިތަންމެ ބޭނުން ވިޔަސް މަލާކްގެ އިޙްސާސްތަކަށް ރިޢާޔަތް ކުރެވެނީ އެހެންވެ ހެއްޔެވެ؟ އަންހެން ކުއްޖެއްގެ ކުރިމަތީގައި އެފަދަ ދަރަޖައަކަށް ވެއްޓުމުން އެއްކިބާވާން އޭނައަށް އިންޒާރު ދިން އެކުވެރިން ދެއްކި ވާހަކަތައް ހަނދާންވެފައި އެހެން ސުވާލެއް އޭނަގެ ހިތަށް ވެރިވިއެވެ. އޭނައަށް ލޯބި ވެވެނީ ހެއްޔެވެ؟

 

އެ އެންމެ ފަހު ސުވާލު އަޔާޒްގެ ހިތް ކޮށްލުމާއެކު އޭނައަށް ހުއްޓުން އަރާފައި ދެބުމަ ކައިރި ކޮށްގެން ހުރެވުނެވެ. އެ ސުވާލުގެ ޖަވާބު ޔަޤީނާއި ގާތްވިއެއްކަމަކު އަޔާޒް ދެންވެސް އެ ޚިޔާލަށް މަލާމާތުގެ ހީލުމެއް ދީފައި އޭނަގެ އިސްތަށިގަނޑުގެ ތެރެއިން އިނގިލިތައް ހިންގާލީ އެކަމާއިމެދު ވިސްނަން ބޭނުމެއް ނުވުމުންނެވެ.

 

މަލާކަށް އެހީވާން އައި މުވައްޒަފު އެ ކޮޓަރިން ނިކުމެގެން ދިޔައީ މަލާކް ފެންވަރުވައި ހެދުން ބަދަލު ކުރުމަށްފަހު އެނދަށްވެސް އަރުވައި ކޮޓަރީގެ ބޮކިތައް ބަދަލު ކުރުމަށްފަހުއެވެ. މަލާކް އެނދުގައި އޮވެވެސް މުވައްޒަފު ކޮށްދިންހާ ކަންތަކަށްޓަކައި ޝުކުރު އަދާކުރުމުން އެ ޝުކުރު ބަލައިގަންނަމުން އެ މުވައްޒަފު ކޮޓަރިން ނިކުމެ ދޮރު ލައްޕާލިއެވެ. އެއާއެކު އެނދުގައި އޮތް މަލާކަށް އޮރެންޖު ކުލައިގެ ފަނޑު އަލީގެ ތެރެއިން ފެންނަމުން ދިޔަ ސީލިންގްއަށް ނަޒަރު ހުއްޓާލެވުނެވެ. ހަމަ އެއާއެކު އަޔާޒް ފަދައިން މަލާކަށް ވެސް ވިސްނެން ފެށީ ދާދި ދެންމެއަކު އެ ދެމެދުގައި ހިނގި ކަންތަކެވެ. އެހެނަސް އަޔާޒާއި ޚިލާފަށް މަލާކްގެ ސިކުނޑިއަށް ވެރިވާން ފެށީ މާ އެހެން ޒާތެއްގެ ޚިޔާލުތަކެވެ. އަޔާޒް ހަމަ ޙަޤީޤަތުގައި ވެސް އޭނައާއި ގާތްވާން އުޅުނީތޯ ހިތަށްއެރިއެވެ. އެހެންނޫނީ އެއީ އެ ވަގުތުކޮޅު ދިގު ދެމިގެން ދިޔުމުން އޭނައަށް ހީވި ގޮތް ހެއްޔެވެ؟ އަޔާޒް ދެވަނަ ފަހަރަށް އޭނަގެ އުނަގަނޑުގައި ހިފައި ދަމާލުމުގެ ފަހަތުގައި އޭނަ ވެއްޓިދާނެކަމުގެ ބިރުހީވުން ނޫންކަމެއް އޮވެދާނެ ހެއްޔެވެ؟ އެ ޚިޔާލުން ވެސް މަލާކްގެ ގައިން އެއްކަލަ ޒާތުގެ ތުރުތުރެއް ހިނގާލިއެވެ. އެއާއެކު މަލާކްގެ ހަނދާނަށް އަންނަން ފެށީ އޭނަގެ އެކުވެރިން ފިރިހެނުންގެ އެދުންތަކާއިމެދު އޭނައަށް ކިޔައިދީފައިވާ ވާހަކަތަކެވެ. އަންހެނަކު ކައިރިވުމުން ފިރިހެނަކަށް އެ އެދުންތަކުގެ މައްޗަށް ބާރު ފޯރުވަން އުދަގޫވާނެކަމަށް ބުނެލި ވާހަކަތަކެވެ. އަޔާޒަށްވީ އެހެން ހެއްޔެވެ؟ ދެމީހުންގެ ގުޅުމަކީ އާދައިގެ ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުމަކަށް ނުވިޔަސް އަޔާޒް އޭނަގެ ‘ބޭނުންހިފަން’ އެދުނީ ހެއްޔެވެ؟ ހިތަށްވެރިވި އެ ޚިޔާލުން މަލާކްގެ ހިތް މޭތެރޭގައި އޮވެ ޖެހި ފިތި ބާރުވާން އުޅުނުހެން ހީވިއެވެ.

 

އެކަމާމެދު ވިސްނަން އޮވެއޮވެފައި މަލާކަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެގޮތްވެސް ހެވޭ މަލާކްގެ ހިތަށްއެރިއެވެ. އެގޮތަށް ކަންތައް ކުރުމުގައި އަޔާޒްގެ އެއްވެސް ކުށެއްނެތެވެ. ވަކި މުއްދަތަކަށް ނަމަވެސް އޭނައަކީ އަޔާޒްގެ އަނބިމީހާއެވެ. ވީއިރު އަޔާޒް ބޭނުން އިރަކު އޭނައާއި ގާތްވުމަކީ އަޔާޒްގެ ޙައްޤެކެވެ. އެކަން އެނގުންވި ހިނދު މަލާކްގެ ހިތް މާޔޫސްވެގެން ދިޔައީ އޭނަގެ ސަބަބުން މުޅި އެވަގުތުކޮޅު ޚަރާބުވެގެން ދިޔަ ގޮތް ހަނދާންވުމުންނެވެ. އޭނަ ހަމަ އެވަގުތު ސިއްސައިގެންދާން ޖެހޭ ހެއްޔެވެ؟ އޭނައަށް އެހެންވުމުން އަޔާޒް ހާދަ ސަކަރާތްވާނެއެވެ. އޭނަ ނޫން އަންހެން ކުއްޖަކު އެ މަޤާމުގައި ހުރިނަމަ އެހެން ނުވީހެވެ. އަޔާޒަށް ވެސް މިކަން އެނގުންވެ އަޔާޒް ވެސް އޭނަ މަތިން ފޫހިވާނެތާއޭ ހިތަށްއެރިއެވެ. އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. އެ ވަގުތުކޮޅަށްފަހު ވެސް އަޔާޒް އޭނައަށް ދައްކައިދިނީ ހާދަ ފުރިހަމަ އޯގާތެރިކަމެކެވެ. އޭނަ ހީކުރާވަރަށް އަޔާޒްގެ އަމިއްލަ އެދުން ބޮޑުނަމަ ކޮޓަރި ތެރޭގައި އެކަނިވުމުން ވެސް އަދި އޭނަ ކިތަންމެ ނާޒުކު ޙާލަތެއްގައި ވިޔަސް އަޔާޒް އޭނައާއި ކައިރިވީސް ނޫންހެއްޔެވެ؟ އެހެނަސް އަޔާޒް އެހެންނެއް ނަހަދައެވެ.

 

މަލާކްގެ ޚިޔާލުތައް އޮޅުމެއްގެ ތެރެއަށް ދާން ފެށި ވަގުތު ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އޭނަ ސިހިގެން ދިޔައެވެ. އެހެނަސް ދޮރު ހުޅުވި މީހަކު ނުފެނުނަސް އެއީ އަޔާޒްކަން ޔަޤީންވުމުން މަލާކް ވަގުތުން ދެލޯ މަރައި ނިދާކަމަށް ހެދުނީ އަޔާޒާއި ކުރިމަތިލާން ބޭނުމެއް ނުވުމުންނެވެ. އޭނަގެ ދެ ފަޔާއެކީ ސިކުނޑިވެސް ވަރުބަލިވެފައިވިހެން ހީވަމުން ދިޔަގޮތުން ދެލޯ މަރާލުމާއެކު އޭނަ ފުން ނިންޖެއްގެ ތެރެއަށް ގެނބެން އުޅުނެވެ. އެހެނަސް ދެ ހޭ ދޭތެރޭގައި އޮވެވުމުން އޭނައަށް އަޔާޒްގެ ފިޔަވަޅުތަކުގެ އަޑު އިވެމުން ދިޔައެވެ.

 

ކޮޓަރިއަށް ވަން އަޔާޒް ދޮރު ލައްޕާލަމުން ވަދެގެން އައީ ދެލޯ މެރިފައި އޮތް މަލާކަށް ބަލަމުން ބަލަމުންނެވެ. ހިނގަމުން ގޮސް އޭނަ އޮށޯންނަ ސޯފާއާއި ހަމަވީ ވަގުތު ފިޔަވަޅުތައް މަޑުޖައްސާލެވުނެއްކަމަކު އޭނަގެ ނަޒަރު ދެންވެސް ހުއްޓިފައިވީ މަލާކަށެވެ. އެ ހިނދު އޭނައަށް ހިނިތުންވެލެވުނީ އޭނައަށް ވެސް ނޭނގިއެވެ. އެއަށްފަހު ނިދަން އޮށޯތުމުގެ ޚިޔާލު ބަދަލުކޮށް އޭނަ މަލާކާއި ދިމާލަށް ދާން ފެށީ މަލާކްގެ ފައިގެ ޙާލަތު އޭނަ ބަލަންޖެހޭނެ ކަމުގެ ބަހަނާ އަމިއްލަ ނަފްސަށް ދައްކަމުންނެވެ. އެނދުގެ ފައިލާ ކޮޅުގެ ކައިރިއަށް ގޮސް މަޑުކޮށްލި ހިނދު އާދައިގެ މަތިން ރަޖާގެ ދަށުން މަލާކްގެ ދެފައި އެއްފަރާތަކަށް ވެއްޓިފައިވިކަން އަޔާޒަށް ފާހަގަވިއެވެ. އޭނަ އެކަމާމެދު ވަކި މާޔޫސެއް ނުވެއެވެ. ބޭރުފުށުން ފެންނާނެ ފަދަ ބަދަލެއް މަލާކްގެ ކިބައިން ފެންނާނީ ފުދޭވަރަކަށް ދުވަސްވަންދެން ފަރުވާ ކޮށްގެންކަން އޭނައަށް އެނގޭތީވެއެވެ. އެހެންކަމުން މަލާކްގެ ފައިގެ މަސްތައް ވެސް އެރޭ ނުބަލަން ނިންމަމުން އަޔާޒް މަލާކަށް ފަސްދޭން ހިތަށްއެރިއެވެ. އެހެނަސް ހަމަ އެވަގުތު މަލާކްގެ މޫނަށް ނަޒަރު ހުއްޓާލެވުމުން އޭނަ ހުއްޓުންއެރިއެވެ. ރީނދޫކުލައިގެ ފަނޑު އަލީގެ ތެރެއިން ފެނުނަސް އެހެންނޫނީ ހަނދުވަރުގެ އަލީގެ ދަށުން ފެނުނަސް އެ މޫނު ރީތީ އެއްވަރަކަށްތާއޭ ހިތަށްއެރިއެވެ. ހަމަ އެހިނދު އޭނައަށް އެނދުގެ އެއްފަރާތަށް ޖެހި މަލާކްގެ ކައިރިއަށް ދެވެން ފެށީ އަނެއްކާވެސް އެ މޫނު ގާތުން ދެކިލަން ހިތް އެދުނު ވަރުންނެވެ. ލަސް ފިޔަވަޅުތަކެއްގައި އަޔާޒް ގޮސް މަލާކްގެ މޫނާއި ކައިރިވާނެހެން އެނދުގެ ކައިރީގައި ކުރުފައިމައްޗަށް ތިރިވެލިއެވެ. އެ މޫނުމަތިން ފެނުނު ހިމޭންކަމުން އަޔާޒްގެ ހިތަށްވެސް ހިމޭންކަމެއް ގެނުވިއެވެ. ހަމައެއާއެކު މަލާކްވާނީ ފުން ނިންޖެއްގައި ކަމަށް އޭނައަށް ނިންމުނެވެ. އެނޫންނަމަ އެ މޫނުމަތިން އުދަގުލެއްވެގެން އުޅޭފަދަ އަސަރެއް ފެނުނީހެވެ. އަދި އަމުދުން މިރޭ ޖެއްސި ޙަރަކާތުން ވެފައި ހުންނާނެ ވަރުބަލީގައި މިހާއިރުވާއިރު މަލާކަށް ނުނިދި ހުންނާނެހެން އަޔާޒަށް ހީނުވިއެވެ. އެހެންކަމުން އޭނަ މަލާކްގެ މޫނުގެ އެއްފަރާތުގައި އޮތް އިސްތަށިކޮޅު އެއްފަރާތްކުރަން އަތް އުފުލާލީ ވަކި ޖެހިލުންވުމެއް ނެތިއެވެ. އަދި ލަސްލަހުން އޭނަ ގެ އިނގިލިތަކުން އެ މޫނުގައި ބީހިލަމުން އެ އިސްތަށިގަނޑު އެއްފަރާތް ކުރިއެވެ. އޭނަ ބީހިލުމާއެކު މަލާކްގެ ދެބުމަ ކައިރިވެ މައްޗަށް އަރައިގެން ދިޔަ ގޮތުން އަޔާޒްގެ ހިތް އިތުރަށް އޭނައަށް ލެނބުން ނޫންކަމެއް ނުވިއެވެ. އެއީ މަލާކްގެ ބަލީގެ ސަބަބުން ވާގޮތެއްކަން އެނގުނަސްމެއެވެ. އެ ބަލީގެ ޒާތުން މަލާކް ކިތަންމެ ފުން ނިންޖެއްގައި އޮތަސް އެހެންވެދާނެކަން އަޔާޒަށް އެނގެއެވެ. އެހެންކަމުން މަލާކް ހޭލާ އޮވެދާނެކަމަށް އޭނަ ދެންވެސް ހިއެއްނުކުރެވެ. އޭނަ އަތް ނަގާލުމުން ވެސް މަލާކްގެ އެ މޫނުމަތި ހުރިގޮތަށް ހުރިތަން ފެނިފައި އެމީހުން ކައިވެނިކޮށްގެން އުޅުނު ފުރަތަމަ ދުވަސްކޮޅު އޭނަގެ ހަނދާނަށް އައެވެ. މަލާކްގެ މޫނުމައްޗަށް ވެރިވެފައިވި ވޭނީ އަސަރު ފިލުވުމަށްޓަކައި އޭނަ މަލާކްގެ ނިތްކުރި މަސާޖުކުރަން ފެށުމުން ވީގޮތް ހަނދާންވެފައި ލުއި ގޮތަކަށް ހީލެވުނެވެ. އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. އެވަގުތު މަލާކްގެ މޫނުމަތީގެ އަސަރު ރަނގަޅު ކުރެވޭނެ އެއަށްވުރެ ފަސޭހަ ގޮތެއް އަޔާޒަށް ޚިޔާލުކުރެވުނެވެ. އެ ޚިޔާލުކޮށްފައި މަލާކަށް ބަލާލުމުން އަޔާޒަށް އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވަން އުދަގޫވިއެވެ. އެހެންކަމުން އޭނަ ވަކި ދެވަނަ ވިސްނުމެއްނެތި ލަސްލަހުން މަލާކާއި ގާތްވެލަމުން މަލާކްގެ ނިތުގައި ބޮސްދިނެވެ. އޭނަ ބޮސްދީފައި ލަސްލަހުން ދުރުވެލީ ވަގުތު އަނެއްކާވެސް މަލާކްގެ ދެބުމަ ތިރިވިއެއްކަމަކު ނިތަށް ކުޑަކޮށް ރޫއަރާފައިވި މަންޒަރު ފެނުނެވެ. އަޔާޒް މަޑުމަޑުން މަލާކްގެ ނިތުގައި އަތް އަޅައި ބޮޑުވާ އިނގިލިން ފިރުމާލުމުން އަނެއްކާވެސް އެމޫނުމަތިން އެއްކަލަ ހިމޭންކަން ފެނިގެން ދިޔުމުން އަޔާޒަށް ހިނިތުންވެލެވުނެވެ. އެއަށްފަހު އޭނަ ފުން ނޭވައެއް ދޫކޮށްލަމުން ވައި އަޑުން ‘ސްލީޕް ޓައިޓް’ އޭ ބުނެ ދެފައި މައްޗަށް ތެދުވެލިއެވެ. އެއަށްފަހު އާދައިގެ ހިނގުމެއްގައި ގޮސް އޭނަގެ ސޯފާގައި އިށީނދެ އޮށޯވެލިއެވެ. އެހިނދު އަޔާޒަށް ނޭނގުނުކަމަކީ މަލާކްގެ ލޯ ހުޅުވިގެން ދިޔަކަމެވެ. ލޯ ހުޅުވުމާއެކު މަލާކް ނުތެދުވުނެއްކަމަކު އަޔާޒް ދިޔަ ދިމާލަށް ބަލަން އޮވެވުނެވެ. އަޔާޒް ދެންމެ ކުރިކަމުގެ އަސަރު އޭރުވެސް އޭނަގެ ނިތުން އިޙްސާސް ކުރެވެމުން ދިޔަ ގޮތުން ފުރިހަމަ ހިނިތުންވުމެއް މަލާކްގެ މޫނުމައްޗަށް ވެރިވިއެވެ. އަޔާޒްގެ އެ ޙަރަކާތުގެ މާނައަކީ ކޮންމެ ކަމަކަށް ވިޔަސް މަލާކަށް އެނގުނުހާ ކަމަކީ އެވަގުތު އޭނަގެ ހިތް އުފަލުން ފުރިގެން ދިޔަކަމެވެ.

 

އޭގެ އަނެއްދުވަހުގެ ފަތިސް ނަމާދަށް މަލާކްގެ ފޯނު އެލާމްވިއެއްކަމަކު މަލާކަށް ގޮވަން ޖެހުނީ އަޔާޒެވެ. ލޯ ހުޅުވުމާއެކު އަޔާޒް ފެނުމުން ލުއްކެއްޖަހައި މަލާކަށް ތެދުވެވުނެވެ. އޭނައަށް ހޭނުލެވުނީ ކީއްވެކަން މަލާކަށް ދޭހަ ނުކުރެވުނެއްކަމަކު އަޔާޒަށް އެނގެއެވެ. މަލާކްގެ ފަޔަށް ރޭ ޖެއްސި ޙަރަކާތްތަކުން ސިކުނޑިއަށް ވެރިވެފައިވާނެ ވަރުބަލިކަން ފިލުވަން ފުދޭވަރަކަށް އަރާމާއި ވަގުތު ބޭނުންވާނެއެވެ. ފަތިސް ނަމާދު ކުރުމަށްފަހު ވެސް އެހެން ދުވަސްދުވަހާއި ޚިލާފަށް މަލާކް ނިދާލުމުން އަޔާޒް ޙައިރާނެއް ނުވީ އެހެންވެއެވެ. ދެމީހުން ފުރަން އޮތީ އެދުވަހު ރަޝިޔާ ގަޑިން 11:15 ގައި ކަމަށްވުމުން ހެނދުނު 7 ޖެހުމުން ވެސް އަޔާޒް ތަނަކަށް ދާން ހޮޓެލުން ނިކުތީ މަލާކް ނިދަން ބާއްވާފައެވެ.

 

އަޔާޒް ހޮޓެލުން ނިކުމެގެން ފިހާރައަކާއި ދިމާލަށް ދާން މިޞްރާބުޖެހީ ވެސް ރޭގެ ޚިޔާލުތަކާއި އެކީގައެވެ. އެހެނަސް މިފަހަރު އޭނައަށް އެ ޚިޔާލުތަކުގެ ތެރެއިން ސަމާލުކަން ދެވެމުން ދިޔައީ އެހެންކަމަކަށެވެ. އެއީ މަލާކް ޕޫލުގެ ތެރޭގައި އޭނަގެ ގާތަށް އައިސް ދެއަތުން އޭނަގެ ޓީޝާޓުގައި ހިފަހައްޓައިގެން ހުރި ގޮތެވެ. މަލާކް އޭރުވީ ކަންބޮޑުވުމެއްގައި ކަމަށްވުމުން އޭނަ އަތުން ކޮންމެ އެއްޗެއްގައި ހިފިޔަސް ހިފާނީ ވީ އެންމެ ބާރަށްކަން އޭނައަށް ޔަޤީނެވެ. އެހެނަސް ރޭ މަލާކްގެ ވާތް އަތުން އެފަދަ ބާރެއް އޭނައަށް އިޙްސާސް ކުރެވުނުއިރު ކަނާތް އަތުން ހިފަހައްޓައިގެން ހުރީ ކިރިޔަކިރިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކަމާމެދު ވިސްނަމުން ދަނިކޮށް މަލާކްގެ އެހެނިހެން ޙަރަކާތްތަކާމެދު ވެސް އަޔާޒަށް ވިސްނުނެވެ. މަލާކް ދެއަތް ބޭނުންކުރަން ޖެހޭ ޙާލަތްތަކުގައި ވެސް އެއަތް ބޭނުން ނުކުރާކަން ފާހަގަވިއެވެ. ފޯނުން މެސެޖެއް ލިޔާއިރުވެސް ދެއަތުން ފޯނުގައި ހިފަހައްޓައިގެން ހުރިއެއްކަމަކު އަނެއްއަތުގެ އިނގިލިތައް ބޭނުން ނުކުރާކަން ފާހަގަވިއެވެ. ވާތްއަތުން ބޮޑު ތަށްޓެއް ކަހަލަ އެއްޗެއް އުފުލާއިރު ކަނާތްއަތުގެ އިނގިލިތަކަށް ބާރުވެފައި ހުންނަކަން ފާހަގަވިއެވެ. އަޔާޒް ގޮސް ފިހާރައަކަށްވަނީ މި ހުރިހާ ކަމަކާމެދު ވިސްނަމުންނެވެ.

 

މަލާކަށް ހެނދުނު ހޭލެވުނީ 7:30 ވާން ގާތްވެފައި ވަނިކޮށެވެ. ހޭލެވުމާއެކު އަރިމަތީ މޭޒުމަތީގައި ހުރި ގަޑި ފެނިފައި މިއަދަކީ ފުރަންވީ ދުވަސްކަން އެނގުމުން އެދުވަހު ދެވަނަ ފަހަރަށް ލުއްކެއްޖަހައި ތެދުވެވުނެވެ. ތެދުވެވުނު ވަގުތު އާދައިގެ މަތިން އޭނަގެ ފައިގެ ފަލަމަސްގަނޑުގައި ރިހުމެއް އުފެދުނެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އެވެގެން ދިޔައީ އޭނަ އުއްމީދު ކުރި ވަރަށްވުރެ ކުޑަ ރިހުމަކަށެވެ. އެކަމާމެދު ހިސާބަކަށް ޙައިރާންވެ ހުރެ އޭނައަށް ޑުވެޓް ދުރުކޮށްލަމުން އޭނަގެ ފައި އެނދުން ބޭލިއެވެ. އެހިނދު ވެސް އާދައިގެ މަތިން ފައިގައި ރިހުމެއް އުފެދުނެއްކަމަކު އެ ޙަރަކާތް ގެންނަން އޭނައަށް އިހުނަށްވުރެ ފަސޭހަވިހެން ހީވީ ކީއްވެކަމެއް ނޭނގުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ގޮނޑިއަށް ބަލަން ހުރެ ކުއްލިއަކަށް ތެދުވެލަމުން ގޮނޑިއަށް ބަދަލުވީ ހިނދުވެސް ފައިގައި ރިހުނެއްކަމަކު އިހުނަށްވުރެ ކޮންޓްރޯލާއި އެކީ އޭނައަށް އެކަން ކުރެވުނުހެން ހީވިއެވެ. މަލާކް އެކަމާމެދު ފުން ވިސްނުމަކަށް ގެއްލެން އުޅުނު ވަގުތު ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔަ އަޑަށް އޭނަ ސިއްސައިގެން ދިޔައެވެ.

 

“އޮހް! ސޮރީ….ހީކުރީ އަދިވެސް ފުން ނިންޖެއްގަ ކަމަށް އޮންނާނީ…” އަޔާޒް އެހެން ބުނެލީ މުށި ކުލައިގެ ކަރުދާސް ކޮތަޅަކާއެކީ ކޮޓަރިއަށް ވަދެ ދޮރު ލައްޕަމުންނެވެ.

 

“ކިހިނެއް ނިދަން އޮވެވޭނީ؟ މިއަދު ފުރަނީވިއްޔާ…އަދި ކިރިޔާ ހެދުންތައް ފޮށްޓަށް އެޅިފަ ހުރީ.” މަލާކް އެހެން ބުނެލީ ގޮނޑި ދުއްވަމުން ގޮސް އަނބުރާލަމުން އަޔާޒާއި ކުރިމަތިލަމުންނެވެ. ދެމީހުން ވާހަކަ ދައްކަން ފެށި ގޮތުން ރޭ ހިނގި ކަންތަކާމެދު ދެމީހުންވެސް ހަނދާން ނެތުނު ފަދައެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވީ ވަގުތު އެކަން ހަނދާންވިއެއްކަމަކު އަޔާޒް އޭނައާއި މަލާކާއި ދެމެދު ފާރެއް ލެވެން ބޭނުމެއް ނުވުމުން ވާހަކަ ދެއްކިއެވެ.

 

“އިޓްސް އޯކޭ މަލާކް އަދި 2 ގަޑިއިރު ފަހުން އަހަރުމެން މިތަނުން ނައްޓާނީވެސް. ސަމްޓައިމްސް ޔޫ ނީޑް ޓު ޗިލް އައުޓް! ޗިލް ކޮށްލާފަ މީގަ ހިފާ!” އަޔާޒް އެހެން ބުނެ ކުއްލިއަކަށް އޭނަ ގެނައި ކޮތަޅު ތެރެއިން ބޯޅައެއް ނަގައި މަލާކާއި ދިމާލަށް އެއްލާލިއެވެ. އަޔާޒް ކުއްލިއަކަށް ބުނެލި ވާހަކައިންނާއި ބޯޅައެއް ފެނިގެން ދިޔުމުން މަލާކް ތެޅިގެންފައި ކަހަލަ ގޮތަކަށް އޭގައި ހިފަން އުޅުނެވެ. އެހެނަސް ބޯޅަ ކައިރި ވީވީހެން މަލާކް ދެލޯ މަރާލަމުން ދެއަތް ގުޅުވާލި ވަގުތު ބޯޅަ އޭނަގެ އެއްފަރާތުން ދިޔައީއެވެ.

 

“ހަހަ! ނައިސް ކެޗް!” އަޔާޒް އެވަގުތު މަލާކްގެ މޫނުމަތިން ފެނުނު މައުސޫމްކަމާހެދި ހިނިތުންވެހުރެ ފަހަތަށް ދަމުން ދިޔަ ބޯޅަ ނަގަން ދިޔައެވެ.

 

“ތި ނައިސް ކެޗަކީ މަލާކަށް ހުވަފެނަކުން ވެސް ކުރެވޭނެ ކަމެއްނޫން. ކުޑައިރުއްސުރެ އުޅެއުޅެ ކުރެވުނު ކަމެއްނޫން ތިއީ. ވަރަށް ބޮޑު ބޯޅައެއް ނޫނިއްޔާ. މީހުން ބުނެއުޅުނު އެއީ މަލާކްގެ ލޮލުގެ މައްސަލައެއް ހުންނާތީވެއޭ ވެސް. އެހެން ކިޔާތީ ބައްޕަ ލޮލުގެ ޑޮކްޓަރަކަށް ވެސް މަލާކް ދެއްކި. އެކަމަކު މަލާކަށް އެނގޭ އެ ޑޮކްޓަރު ދެއްކި ބޯޑުގަ ހުރި ހުރިހާ އަކުރެއް ކިޔަން.” މަލާކް އެވާހަކަ ކިޔައިދިނީ ހިސާބަކަށް ލަދުގެންފައި ހުރެއެވެ. ދެންމެ އަޔާޒަށް އޭނަ ފެނިފައި ހުންނާނީ މޮޔަ ގޮތަކަށްތާއޭ ހިތަށްއެރިއެވެ. އެހެނަސް އޭނަ އެ ވާހަކަ ކިޔައިދީ ނިމުނުއިރު އޭނައާއި ތިން ފިޔަވަޅެއްހާ ދުރުގައި ހުއްޓިލީ އަޔާޒްގެ މޫނުމަތީގައި އޭރުވެސްވީ ލުއި ހިނިތުންވުމެކެވެ.

 

“އެއީ ލޮލުގެ މައްސަލައެއްނޫން….އެއީ ހޭންޑް އައި ކޯޑިނޭޝަން މައްސަލައެއް.” އަޔާޒް ދަށްކުރެވިފައިވި އަޑަކުން އަމިއްލަ އަމިއްލައަށް ބުނެލީ ވަކި މަލާކަށް އިއްވާކަށް ނޫނެވެ.

 

“ހޭންޑް؟ މަލާކްގެ އަތުގަ ވެސް މައްސަލައެއް ހުންނާތީތަ އެހެންވަނީ؟” މަލާކަށް އޭނައަށް އިވުނު ބަހަށް ބުރަވެ އަހާލެވުނެވެ. އަޔާޒް ހިސާބަކަށް ކަންބޮޑުވިއެއްކަމަކު ވަގުތުން ހަމަޖެހޭ ގޮތް ދެއްކިއެވެ.

 

“ކާކު ދެއްކި ވާހަކައެއް؟ މަލާކްގެ އަތާ އަހަރެންގެ އަތާ ކޮން ތަފާތެއް ހުރީ؟ އަސްލު ވާ ގޮތަކީ ބައެއްފަހަރު ލޮލަށާއި އަތަށް ވެސް ޖެހޭނީ އެކި ކަންތައް ވަކިވަކިން ދަސްކޮށްދޭން. ދަސްކޮށްދީފަ ޕްރެކްޓިސްކުރީމަ ލޮލަށާއި އަތަށް އަމިއްލައަށް އެނގޭނެ އެކުއެކީގަ މަސައްކަތް ކުރަން…މިސާލަކަށް މަލާކް މި ބޯޅަ ހިފަން ބޭނުމިއްޔާ މިއަށް ބަލާ ފުރަތަމަ ކަމަކަށް.” އަޔާޒް އޭނަގެ އަތުގައި އޮތް ބޯޅަ ދައްކާލަމުން ބުނެލިއެވެ. އެއާއެކު މަލާކް އޭނަގެ ހުރިހާ ސަމާލުކަމެއް އެ ބޯޅައަށް ދިނެވެ.

 

“ދެން ބޯޅަ ހިފަން ދެއަތް ތައްޔާރުކުރޭ.” އަޔާޒް ބުނެލިއެވެ. އެއާއެކު މަލާކް ބޯޅުން ނަޒަރު ވަކި ކުރުމެއްނެތި އޭނަގެ ދެއަތް ގޮނޑީގެ ދެ އަތްގަނޑުގައި ޖެހޭވަރަށް ބެހެއްޓިއެވެ. އެއާއެކު އަޔާޒަށް ދެލޯ މަރައި ތަގުޅި ކޮށްލެވުނެވެ.

 

“ބޮޑު ބަރުބޮލެއް ހިފަންތަ މަލާކް ތިހާ ދުރުގަ އަތް ބަހައްޓައިގެން ތިއުޅެނީ؟” އަޔާޒް ސަމާސާ ރާގަކަށް އަހާލަމުން މަލާކަށް ހީލެވުނެވެ. އޭނަ އެއްފަހަރު ބޯޅައަށް އަނެއްފަހަރު އޭނަގެ އަތަށް ބަލާލަމުން ދެއަތް ކައިރި ކުރިއެވެ. އަދި އަނެއްކާވެސް ބޯޅައަށް ބަލާލީ ނުހަނު ޝައުޤުވެރިވެފައި ހުރެއެވެ. އޭނައަށް ކުރިން ނުކުރެވޭ ކަމެއް ކުރެވެން އުޅޭހެން ހީވުމުންނެވެ.

 

“ބޯޅަ ދާ ދިމާލަކަށް އަތް ގެންދަން ހަނދާންކުރާތި މަލާކް. ތައްޔާރު؟” އަޔާޒް އެހެން ބުނެލަމުން ދެ ފިޔަވަޅު މަލާކާއި ގާތަށް ޖެހިލީ އެހާ ދުރުން އެއްލުމުން ވެސް މަލާކަށް އަދި ނުހިފޭނެހެން ހީވުމުންނެވެ. އެގޮތަށް ކަންތައްވެ މަލާކްގެ ހިތް ދެރަވާކަށް އަޔާޒް ބޭނުމެއްނުވިއެވެ. މަލާކާއި އޭނައާއި ދެމެދު އެންމެ ބޮޑު ޓައިލްއެއްހާ ދުރުމިނުގައި ހުރެ އަޔާޒް މަލާކްގެ އަތާއި ދިމާލަށް ބޯޅަ އެއްލިއެވެ. އެއާއެކު މަލާކް މަޑުމަޑުން އަތް ހިއްލާލަމުން ބޯޅަ ހިފާލިއެވެ. އެ ހިނދު މޫނުމައްޗަށް ވެރިވެގެން ދިޔަ އުޖާލާކަމާއެކީ ދެލޯ ބޮޑުކޮށްލަމުން މަލާކް އެ ބޯޅައަށް ބަލާލީ ޤަބޫލުކުރަން ދަތިވެފައި ހުރެއެވެ. މިއީ އޭނަގެ ޙަޔާތުގައި ވެސް މިހާ ކުޑަ ބޯޅައެއް އެހާ ރީއްޗަށް ހިފުނު ފުރަތަމަ ފަހަރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މަލާކަށް ވީ ގޮތް ފެނިފައި އުފަލާއެކީ ހީލެވުނު އަޔާޒް ވަގުތުން މަލާކަށް ހިތްވަރު ދިނުމަށް ފުރުޞަތުގެ ބޭނުން ހިފިއެވެ.

 

“ޔެސް! މަލާކް 1 އަޔާޒް 0! އަވަހަށް އެއްލާ މިކޮޅަށް.” އަޔާޒް އެހެން ބުނެލީ އެ ހުރި ދިމާލުން ބިންމަތީގައި އިށީންނަމުންނެވެ. އޭނަ އެހެން ބުނުމާއެކު މަލާކް އޭނައާއި ދިމާލަށް ކުއްލި ގޮތަކަށް އުއްކާލިއެވެ. އެހެނަސް އަޔާޒް ފަރިތަކަމާއެކީ ހިފިއެވެ. މަލާކް ވަކި ކޮންޓްރޯލެއް ނެތި އުކަމުން ދިޔަ ގޮތުން ބޯޅައިގައި ހިފައިގެން ހުންނަ ގޮތަށް ވިސްނުމަށްވެސް އަޔާޒް ދަސްކޮށްދިނެވެ. އަދި އުކާއިރު އަތަށް ވެގެންދާ ގޮތަށްވެސްމެއެވެ. އެހެނަސް މަލާކް މަސައްކަތް ކުރިޔަސް އެއަތް ދަނީ ރަނގަޅަށް ނޫންކަން އަޔާޒަށް އެނގުނެވެ. އެނގުނަސް އޭނަ އެކަން މަލާކަށް ނޭންގީ އެކަން ރަނގަޅުކުރެވޭނީ އެހެން ކަމަކުން ކަން އޭނައަށް އެނގުންވީތީވެއެވެ.

 

ކޮންމެ ގޮތެއްވިޔަސް އެވަގުތުކޮޅުވެގެން ދިޔައީ ދެމީހުންނަށް ވެސް އުފާވެރި ވަގުތުކޮޅަކަށެވެ. އަޔާޒް ލަސްލަހުން އެއްލުމުން މަލާކް ފަރިތަކަމާއެކީ ހިފަން ފެށުމުން އަޔާޒް ނޫންކަމަށް ހަދާފައި ތަންކޮޅެއް ދުރަށް ވެސް ޖެހިލަމުން އުކިއެވެ. މަލާކަށް ބައެއްފަހަރު ހިފި ބައެއް ފަހަރު ނުހިފެން ފެށުމުން މަލާކް ދެރަވާތަން ފެނިފައި އަޔާޒްވެސް ނުހިފޭ ކަމަށް ހެދެން ފެށިއެވެ. އޭގެއިން ކޮންމެ ފަހަރަކު އަޔާޒް ޖައްސާލާ ޑްރާމާގެ ސަބަބުން މަލާކަށް ހެވެމުން ދިޔައެވެ. އެންމެ ފަހުން އެ ކުޅިވަރު އަޔާޒް ނިންމާލީ މިއަދު އެންމެ ލަހުން ތައްޔާރުވާ މީހަކު ކޮންމެހެން ކުރަންޖެހޭ ކަމެއް އޮންނާނެ ކަމަށް ބުނަމުންނެވެ. ހަމައެއާއެކު ދެމީހުންވެސް ތެޅިގަންނަމުން ފުރަން ދިޔުމަށްޓަކައި ތައްޔާރުވާން ދިޔައެވެ.

 

މަލާކް ނުހަނު ތެޅިފޮޅިގެން ހެދުން ފޮށި ތައްޔާރުކޮށް ފެންވަރައި ރީތިވެލައިގެން ކޮޓަރިން ނިކުތީ އަދި ހަމަ ޔަޤީނުންވެސް އަޔާޒް ނުނިކުންނާނެކަމަށް ހިތާހިތުން ކިޔަމުންނެވެ. އެހެނަސް އޭނަ ނިކުތް އިރު ތާޒާވެ ހެދުން ބަދަލުކޮށްގެން ހުރި އަޔާޒް ނުހަނު ހަމަ ޖެހިލައިގެން ހެދުން ފޮށި ކައިރީގައި ބަހައްޓައިގެން ސިޓިންގް ރޫމުގެ ސޯފާގައި މަޖައްލާއެއް ކިޔަން އިނެވެ. މަލާކް ފެނުމާއެކު އޭނަ ހިނިތުންވުމަކާއެކީ ‘ހައި’އޭ ބުނެލިއެވެ.

 

މަލާކް ކުރަންޖެހޭ ކަމެއް އަޔާޒް ކިޔައިދިނީ ދެމީހުން ގެއިން ސައި ބުއިމަށްފަހު އެއާރޕޯޓަށް ދިޔުމަށްޓަކައި ޓެކްސީއަށް އެރުމުންނެވެ. ޓެކްސީގައި ދަތުރު ފެށުމާއެކު އަޔާޒް އެދުވަހު ހެނދުނު ދެމީހުން އުކައި ހިފި ބޯޅަ މަލާކްގެ ކަނާތް އަތަށް ލައިދިނެވެ.

 

“މަލާކް ކުރަންވީ ކަމަކީ އަހަރެން މި ބޯޅަ މި ލައިދިން އަތުން ވީހާވެސް ބާރަކަށް ބޯޅައަށް 20 ފަހަރު ފިތަންވީ.” އަޔާޒް ބުނެލިއެވެ. އޭނަ އެހެން ބުނުމާއެކު އެ ބޯޅަ ލެވިފައި އެވަނީ އޭނަގެ ބަލި އަތަށްކަން މަލާކަށް އެނގުންވިއެވެ.

 

“އަޔާޒް…..މިއަތުން ތަންކޮޅެއް އުދަގޫ….އަނެއްއަތުން ހެދިޔަސް އޯކޭތަ؟” މަލާކަށް އަހާލެވުނެވެ.

 

“އުނހު….ރޫލްސް އާރ ރޫލްސް….އަހަރެން މި ލައިދިން އަތުން އެކަން ކުރަންޖެހޭނީ.” އަޔާޒް ސީރިއަސްވާ ކަމަށް ހެދެމުން ބުނެލިއެވެ. އެއާއެކު މަލާކް ފުން ނޭވައެއް ދޫކޮށްލަމުން ނޫކުލައިގެ އެ ރަބަރު ބޯޅައަށް ބަލާލިއެވެ. އެއަށްފަހު ނުހަނު އުދަގުލާއެކީ އޭނަގެ އިނގިލިތައް އެ ބޯޅައިގައި ޖައްސާލިއެވެ. ފިތަން އުޅުނެއްކަމަކު އެ ފުރަތަމަ ފަހަރު އޭނައަށް އެކަމެއް ނުވިއެވެ. ދެވަނަ ފަހަރުވެސް އޭނަގެ އިނގިލިތަކަށް ދޫވެގެން ދިޔައީ ބޯޅައަށް ފިތާލެވުމުގެ ކުރިންނެވެ. އެހިނދު އޭނަގެ ހުރިހާ ސަމާލުކަމެއް އޭނަގެ އިނގިލިތަކަށް ދެމުން ދިޔައިރު އޭނަގެ ނިތުން ދާތިކިތަށްވެސް ހިއްލަން ފެށިއެވެ. އެހެނަސް މަލާކް ބަލި ޤަބޫލުކުރުމެއްނެތި ތިންވަނަ ފަހަރުވެސް އޭނަގެ އިނގިލިތައް ބޯޅައިގައި ވަށާލަމުން އެ އިނގިލިތަކަށް ބާރުލިއެވެ. ހަމަ އެހިނދު އެ ބޯޅައަށް ކުޑަކޮށް އެނގުންވެގެން ދިޔަ ގޮތުން މަލާކް ހުއްޓުންއަރާ ގޮތްވިއެވެ.

 

“އެބަވޭ އަޔާޒް!” މަލާކަށް އަޔާޒަށް ބަލާލަމުން އެހެން ބުނެލެވުނީ ލިބުނު ޙައިރާންކަމާއެކީ ވީ އުފަލާއި އެކުވެސްމެއެވެ. އެއާއެކު އަޔާޒްވެސް މަލާކަށް ހިނިތުންވުމެއް ހަދިޔާކުރިއެވެ.

 

“ސީ؟ ބުނީމެއްނު މަލާކަށް ވާނެއޭ؟” އަޔާޒް ހުވަފެނީ ގޮތަކަށް މަލާކަށް ބަލަން އިނދެ އުއްމީދީ ގޮތަކަށް ބުނެލިއެވެ. މަލާކް އެ ވާހަކައާއި އެއްބަސްވަމުން ބޯޖަހާލަމުން އަނެއްކާވެސް އޭނައާއި ޙަވާލުކުރެވުނު މަސައްކަތަށް ސަމާލުކަން ދިނެވެ. މަލާކް އެ މަސައްކަތަށް ގެއްލުނު ވަގުތު އަޔާޒް އޭނަގެ ފޯނު ހުޅުވައި ފޭސްބުކަށް ވަދެލިއެވެ. އެ ދުވަސްވަރުގެ އާދައިގެ މަތިން ފޭސްބުކް ހުޅުވާލުމާއެކު ފެނިގެން ދިޔައީ ދީނާއި ދެކޮޅުވެގެން އުޅޭ މީހުންގެ ވާހަކައެވެ.

 

“މިހާރު ހާދަ ވަރަކަށޭދޯ މިއުޅޭ ކުދިން ދީނޭ ދީނޭ ކިޔައިގެން މިއުޅެނީ….” އަޔާޒް ބައެއް ޒުވާންކުދިންގެ ޓުވިޓާ ޕޯސްޓްތަކުގެ ފޮޓޯތަކުގެ ތެރެއިން ސްކްރޯލް ކުރަމުން ބުނެލިއެވެ.

 

“އާނ….އަދި މިފަހަކަށް އައިސް ތި އަޑު ހަރުވެގެން އުޅެނީ އެ މަހީރާ އާދަމެއްގެ ސަބަބުންނެއްނު؟” މަލާކް ވަކި ވިސްނުމެއްނެތި ބުނެލިއެވެ. އެހެނަސް އޭނަ ބުނެލި ނަމަކުން ކުއްލިއަކަށް އަޔާޒްގެ ދެލޯ ބޮޑުވިއެވެ.

 

“ކް….ކާކޭ؟” އަޔާޒަށް ޖެހިލުންވުމަކާއެކީ އަހާލެވުނެވެ.

 

“މަހީރާ އާދަމް….އެ އަންހެން މީހާއެއްނު ކޮންމެވެސް ޑޮކިއުމެންޓްރީއެއް ހަދައިގެން އުޅެނީ؟” މަލާކް އޭނަ ޢާއްމުގޮތެއްގައި ކިޔައި އުޅޭ އޮންލައިން ނޫސްތަކުން ފެނުނު ވާހަކައެއް ބުނެލިއެވެ. އެހެނަސް އަޔާޒްގެ ސަމާލުކަން ދެވިފައިވީ އެންމެ ނަމަކަށެވެ. މަހީރާ އާދަމްގެ ނަން އޭނަގެ ސިކުނޑީގައި ގުގުމަން ފެށި ވަގުތު އެ ލޯމަތިން ރުޅިވެރިކަން ފާޅުވާން ފެށިއެވެ.

 

“މިހާރު އެނގޭދޯ؟ އަހަރެން! އަހަރެން ކަލޭގެ މަންމައާއި ބައްޕަ ވަކިކުރީ…..އެކަމަކު ކަލޭގެ ބަސް ޤަބޫލުކުރާނީ ކާކު؟ ކަލޭވެސް ޖެހޭނީ އެހެން މީހުން ބުނާ ވާހަކައަށް ހެއްލެން. ކަލޭގެ މަންމަ އެ ދިޔައީ މުޅިން އެހެން ވާހަކައެއް ކިޔައިދީފަ ވިއްޔާ….” އަޔާޒްގެ ކަންފަތުގައި އެ ބަސްތައް ގުގުމާލިއިރު މީގެ 22 ވަރަކަށް އަހަރު ކުރިން ބޮޑު އޮފީސް ގޮނޑިއެއްގައި އޭނައަށް ފަސްދީގެން އިން އަންހެނަކު ލޮލަށް ސިފަވިއެވެ. އެ ގޮނޑިއާއި ޖޯޑުވާ މޭޒުމަތީގައި ހުރި ނަން ބޯޑުގައި ލިޔެވިފައިވީ ‘މަހީރާ އާދަމް’ އެވެ.

 

ނުނިމޭ

93

You may also like...

30 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Assalaam’alaikum. mi bain Anum menge bai gennan hithah araafaves hithah ery dhen oiy bayah faskollaany ey. ey maadhama reah jana miulheny kommehenves English vaahaka nimmeytho. Anumge bai gennanya jana beynun veehaaves avasavahah post thah genesdheyn. ehenveema dhen oiy bain Anumge bai annaany In Sha Allah.

    Varah avahah mi maazeege kanthah ves dhen engen fashaane. Next part sunday ga In Sha Allah 🙂

    ⚠Report!
    1. Masha allah varah reethi mi part ves. Malaak ah varah kuri erun libey eba masha allah. Ayaaz aa Malaak aa vaki nukurahchey jana siss ❤

      ⚠Report!
  2. ❤❤❤❤❤❤varah💙💙💙💙💙
    💙💙💙💙💙varah❤❤❤❤❤❤
    ❤❤❤❤varah💙💙💙💙💙💙💙
    💙💙💙reethi ❤❤❤❤❤❤❤❤
    ❤❤❤❤❤maa sha Allah💙💙💙
    💙💙💙💙💙curiously❤❤❤❤❤
    ❤❤❤❤❤❤waiting 💙💙💙💙
    💙💙💙💙💙💙💙for ❤❤❤❤❤
    ❤❤❤❤❤❤❤❤the 💙💙💙💙
    💙💙💙💙💙💙💙💙💙next❤❤❤
    ❤❤❤❤❤❤❤❤❤❤❤part.💙

    ⚠Report!
    1. 💙💙💙💙Alhamdhulillah!❤❤❤❤
      ❤❤❤❤❤❤next part💙💙💙💙💙💙
      💙💙💙💙💙sunday❤❤❤❤❤
      ❤❤❤❤In Sha Allah💙💙💙

      ⚠Report!
  3. Wow
    This story seems beautiful
    Friend eh he suggest kuri story eh new n adhi kiyuny 1st two part
    Ekm vex vaa gotheh balaalan mi part Kirin mi kyyy
    But v avahah continuous koh kiyamun mihaahisaabah hamakuraanan
    N I hope malaak n ayaaz b together ♥️♥️♥️🥰
    Anyways love the storyy 😍😍😍🤩🤩

    ⚠Report!
    1. Hehe….dark princess jana mi visnany kihaa dhuvahakun baaey mihaa hisaabah foaraany. 32 parts viyas varah dhigu baithah ingey mee. Jana recommend nukuraanan binge kuraakah. Dhuvahaku thin bai binge kureema thankolheh healthy gothakah enjoy kureveynee dho? 😉

      ⚠Report!
  4. v curious ingey jaan sis. Mee v reethi vaahaka eiy Maasha Allah. Jana sis ge kureege vaahakathavves v reethi Maasha Allah. I am waiting sis. Love you Jana sis.

    ⚠Report!
  5. V v v reethi☺️ romantic scenes tha ves migotha modest koh genes hurigoh v furiha ma..egotha genes huryma can feel the beauty of Islam..Alhamdhulillah ☝️💓

    ⚠Report!
    1. Thats the whole point ey snow. Romance genesdhey iruves modest koh plus kaivenyegge therein dhekkun. Hehe…Alhamdhulillah 😊❤

      ⚠Report!

Leave a Reply

Your email address will not be published.