މިހިރީ އުފާތަށް ގެއްލިފާ (1ވަނަ ބައި)

- by - 39- November 29, 2019

އޮފީހުން ގެއަށް އައީ 10 ގަޑީރެއްހާއިރު ހުއްޓުމެއް ނެތި މަސައްކަތް ކުރުމަށްފަހު ވަރަށް ބޮޑަށް ވަރުބަލި ވެގެންނެވެ. ގެޔަށް އައިސް ވަނުމާއެކު އިވުނީ ލިވިއާ ރޮއިގަތް އަޑެވެ. އަހަރެން ވަގުތުން ދަރިފުޅާއޭ ކިޔާ ދުއްވައިގަތީމެވެ. ކޮޓަރިއާ ދިމާލަށެވެ. ކޮޓަރީގެ ދޮރު ހުރީ ތަޅުލާފަކަން އެނގުނީ އަހަރެން ހާސްވެފައި ހުރިލެއް ބޮޑުކަމުން ދުވެފައި ގޮސް ގައިގައި ހުރި ބާރެއް ލާފައި ތަޅުގައި ހިފުމުންވެސް ތަޅު ގުޑާ ނުލީމައެވެ. “ހުޅުވާ މިދޮރު!” އަހަރެން ވަރަށް ބާރަށް ހަޅޭ ލަވައިގަތީމެވެ. އެއިރުވެސް ލިވިއާ ރޮމުން ގެންދަނީ އެވެ. އެފަކީރަށް ވަރަށް ބޮޑު އަނިޔާއެއް ކޮށްގެން އުޅޭކަން އެރުއިމުން އަހަންނަށް ދޭހަވިއެވެ.

އަހަރެން ދެތިން ފަހަރަކަށް ދޮރުގައި ވަރަށް ބާރަށް ޖެހިފަހުން އެލީނާ ދޮރު ހުޅުވިއެވެ. އަހަރެން ވަގުތުން ކޮޓަރިތެރެއަށް ދެމިގަތީމެވެ. އެލީނާއާއި އެކީ ދޮރު ފޮޅާލާފައެވެ. އެއިރު ކުޑަކުޑަ ލިވިއާ އޮތީ ޑްރެސިން ޓޭބަލް އާއި ޑްރެސިންޓޭބަލް ގޮނޑިއާ ދެމެދުގައި ފިތިފައެވެ. “ސުބުހާނަﷲ” އަހަރެންގެ ހިތް ކުދިކުދި ނުވީ ކިރިޔާއެވެ. “ކިހިނެއް ވެގެންތަ އެލީނާ ތިއުޅެނީ..؟ މިއީ ތަންދޮރު ވަކި ނުވާ ވަރުގެ ކުޑަ ކުއްޖެކޭ ތިވަރަށް ތި އަނިޔާ ކުރަނީ..” ލިވިއާ އުރާލަމުން އަހަރެން އެލީނާ އާއި ދިމާލަށް ހަޅޭލަވައި ގަތީމެވެ. “ކަލޭ އަކަށް ނުބެހެވޭނެ.. ކަލޭ ގޮސް ހަތަރު ދަމު އޮފީހުގަ އޮތީމަ ނިމުނީ އެއްނު ޑިގު އަރުވަން ބޮޑެތި މީހުން ކުރިމަތީ.. އެތާ އުޅޭ އަންހެނުންނަށް ތުއި ދެއްކެން..” އެލީނާ ފެށީ އަހަރެންނާ ޒުވާބު ކުރާށެވެ. އުމުރުން ހަތަރު އަހަރަށް އަޅާލައިފައިވާ އެ ތުއްތު ދަރިފުޅު ކުރިމަތީގައި ޒުވާބު ކުރަން ބޭނުން ނުވާތީ ހިތުތެރޭ ހުރި އެއްޗެހި އަޑިއަށް ހިންދާލާގެން އިތުރު އެއްޗެކޭ އެލީނާއާއި ދިމާލަށް ނުބުނެ އަހަރެން ކޮޓަރިން ނުކުތީމެވެ. ލިވިއާ ހުއްޓުވާ ލެވޭތޯއެވެ.

މިއަދު ލިވިއާއަށް އެ އަނިޔާ ކުރަނީ ކީއްވެގެން ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. ދުނިޔެއަށް އުފަން ވީއްސުރެ މި ކުޑަ ކުއްޖާ ދިރިއުޅެން މިޖެހެނީ މިފަދަ އަނިޔާވެރި ކަމެއްގައެވެ. މިކަމުގައި ލިވިއާގެ އޮތީ ކޮން ކުށެއް ބާއެވެ. އެލީނާ ގާތު ބަހަށްޓައިގެން އަހަރެންގެ މިދަރިފުޅު ބޮޑުކުރާކަށް އަހަރެންނެއް އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ. ނަމަވެސް އޮތީ ވަކި އިތުރު ކޮން ގޮތެއް ހެއްޔެވެ؟ އެލީނާ ވަރި ކުރެވޭކަށްވެސް ނެތެވެ. އެއީ އަހަރެންގެ ބައްޕަ އެލީނާގެ ބައްޕަ އަތުން ނަގާފައިވާ ގުނާ އަދަދު ނުކުރެވޭހާ ދަރަނިތަށް މުއްދަތު ހަމަވެގެން އެތަށް ދުވަހެއް ދެވުމުންވެސް އަނބުރާ ނުދެއްކުމުން ބައްޕަގެ ފަރާތުން ދޭން ޖެހުނު ބަދަލެވެ. އަހަރެން އެލީނާ ވަރި ކޮށްފިއްޔާމު އަހަރެންގެ ބައްޕަ 20 އަހަރު ދުވަހަށް ޖަލަށް ދާން ޖެހޭނެއެވެ. އޭރުން އަހަރެންގެ މަންމަ ވަރަށް އެކަނިވެރި ވާނެއެވެ. އެދުވަސް ދެކޭކަށް އަހަންނެއް ބޭނުމެއް ނޫނެވެ. އެހެންނޫންނަމަ މި އަނިޔާވެރި ދިރިއުޅުން ދޫކޮށްލާފައި އަހަރެން ދާނެތާ ކިތަންމެ ދުވަހެއް ވެދާނެއެވެ.

ސިޓިންރޫމް އުނދޯލީގައި ލިވިއާ އުނގަށް ލައިގެން އެތަށް އިރަކު މި ހިތްދަތި ދިރިއުޅުމާ ދޭތެރޭ ވިސްނަން އިނުމަށްފަހު އަހަރެން ތެދުވީ ލިވިއާ އަށް ނިދުނީމައެވެ. ކޮނޑުމަށްޗަށް ލިވިއާ ލައިގެންގޮސް ކޮޓަރިއަށް ވަތް އިރު އެލީނާ އޮތީ ފޯނެއްގައެވެ. “ދެން ބޭބީ ބޭނުން ނޫނިއްޔާމު ދޫނި ހުރެދާނަން ނުގޮސް” އެލިނާގެ ބަސްމަގު ހުރިގޮތުން ގުޅައިގެން އެއުޅެނީ ކޮންމެވެސް ފިރިހެނަކާކަން އަހަރެންނަށް އެނގުނެވެ. އަހަރެން ގޮސް ލިވިއާ އެނދުމަތީގައި ބާއްވާލީމެވެ. އެއިރު އަހަރެން ހުރީ ވަރަށް ބަނޑުހައި ވެފައެވެ. “ކާން ހަދައި ދީބަލަ!” އެލީނާއާއި އަހަރެން ވާހަކަ ދެއްކީ ވަރަށް ޖެހިލުންވެ ހުރެއެވެ. އަހަރެން އެހެން ބުނުމާއެކު އެލީނާ ހީވީ ފުންމައިގެން އަރާ އަހަރެންގެ ކަށި ހަފާ ކައިލަފާނެހެންނެވެ. “ކަންޔާ އަމިއްލަޔަށް އަޅައިގެން ކާން ދޭބަލަ. މީހަކަށް ތާކު އޮވެވޭކަށް ނެތޭ..” އޭނާގެ އަތުގައި ޖެހުނު ބާލިސް ނަގާ އަހަރެންނާއި ދިމާލަށް ހޫރާލަމުން އޭނާ ހަޅޭއް ލަވައިގަތުނެވެ.

އަހަރެން ބަދިގެޔަށް ވަދެ އެތަންމިތަން ހާވާލީމެވެ. ބަތްތެލި ފުލުގައި ވާބަތްފުކެއް ހިސާބުވެސް ނެތެވެ. އައިސް އަލަމާރީގައި ބިސްކޯދެއް ހާހިސާބުވެސް ނެތެވެ. އަހަރެން ކިރުތަށްޓެއް ބޮއިލައިގެން އަރާމުކޮށްލަން ކޮޓަރިއަށް ދިޔައީމެވެ. އެއިރުވެސް އެލީނާ ފޯނުން ކޮންމެސް މީހަކާ މެސެޖް ކުރަމުން ގެންދެއެވެ. އަހަރެން އޭނާއާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރީމެވެ. “މިއަދު ކީއްވެގެންތަ ލިވިއާ ވަށްޓާލީ.؟” އަހަރެން މަސައްކަތް ކުރީ މަޑުމައިތިރި ކަމާއިއެކު ވީގޮތް އޮޅުން ފިލުވޭތޯއެވެ. އެވަގުތު އެލީނާ އަހަރެންނާއި ދިމާލަށް ބަލައިލިއެވެ. ވަރަށް ރުޅި އައިސްފައެވެ. “ކިހާދެރަ ކަމެއްތަމީ.. ބަސް އަހައިގެން އުޅެވޭނަމަ މަވެސް އަނިޔާ އެއް ނުކުރާނެދޯ.. ބޮލާ ނުކުޅަދާނައޭ މި ކުއްޖާގަނޑާ ހެދި. ރީއްޗަށް ތާކު އިންނާކަށް ނުކެރެ.” އެލީނާ އަހަރެންނަށް އެހާ ނަފްރަތު އެކުރަނީ ކީއްވެގެން ބާއެވެ. އަހަރެންގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. އިތުރަށް އެންމެ ބަހެއްވެސް ނުބުނެ އަހަރެން އަނެއް ފަރާތަށް އެނބުރިލީމެވެ. އެއިރު އަހަރެންގެ ލޮލުން ކަރުނަތަށް ފައިބަމުން ދަނީއެވެ. އަދިވެސް އަހަރެން ކެތް ކުރާނަމެވެ.

ފުން ހިޔާލުތަކެއްގައި އޮއްވައި އަހަންނަށް ނިދި ޖެހުނެވެ. އިރުކޮޅެއްނުވެ އެލީނާ އަހަރެން ކޮށްޕަން ފަށައިފިއެވެ. ގުގުރިދަމާ ވަރުން އޭނާއަށް ނުނިދެނީއޭ ބުނެ އޭނާ އަހަރެން ކޮޓަރިން ބޭރަށް ލުމަށް މަސައްކަތް ކުރިއެވެ. އަހަރެން ތެދުވެ ބާލީހެއް އަތުން ހިފައިގެން ކޮޓަރިން ބޭރަށް ނުކުތީމެވެ. އަހަރެން ކޮޓަރިން ނުކުތުމާއެކު އެލީނާ ބަންލާފައި ކޮޓަރީގެ ދޮރުފަތް ލެއްޕިއެވެ. އެއިރު ލިވިއާ އޮތީ ސިޓިންރޫމް ސޯފާ މަތީގައި ބާއްވާފައެވެ. އެވަގުތު އަހަންނަށް ވިސްނާލެވުނެވެ. ގުގުރި ދަމަނީއޭ ކިޔައި ދޮގު ހަދައިގެން އެލީނާ އަހަރެން ކޮޓަރިން ބޭރަށް އެ ނެރެލީ ކީއްވެކަން އަހަންނަށް ވިސްނުނެވެ. އަހަރެންގެ ލޮލުގެ އަރާމު ނިދިކޮޅު ފިލައިގެން ދިޔައެވެ. ގައިން ވާގި ދޫވިހެން އަހަންނަށް ހީވިއެވެ. އަތުގައި އޮތް ބާލިސް ދޫވެ ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ.

އިރުކޮޅެއްނުވެ ކޮޓަރި ތެރެއިން ވައިއަޑުން ހެމުން ގެންދާ އަޑު އިވެން ފެށިއެވެ. އިވެމުން އެދަނީ އެލީނާ އޭނާގެ ހިތުގެ އެދުންތަށް ހާސިލް ކުރުމަށް އޭނާގެ ލޯބިވެރިޔަކު ގޮވައިގެން ކޮޓަރިތެރޭގައި މަޖާ ނަގަމުން ދާއަޑެވެ. ފިރިހެނަކަށްވެ ހުރެ އަމިއްލަ ނަފްސްގެ ނިކަމެތި ކަމާއިމެދު އަހަރެންނަށް ވިސްނުނެވެ. އަނބިމީހާގެ މައްޗަށް އެއްވެސް ބާރެއް ނުހިނގައެވެ. އަނބިމީހާގެ ފަރާތުން ލޯބީގެ ޒައްރެއްގެ މިންވަރުވެސް ނުލިބޭތާނގައި އަނބިމީހާގެ ފަތާތުން ލައްޒަތެއްވެސް އަހަރެންނަކަށް ނުލިބޭތާ މިވަނީ ދެއަހަރެވެ. އެލީނާގެ ލޯބި އަހަންނަށް ނުލިބެނީ ކީއްވެ ބާއެވެ؟ އެލީނާގެ ލޯބި ހާސިލް ކުރަން އަހަރެން ކުރަންވީ ފަހެ ކޮންކަމެއް ބާއެވެ. އަހަރެން މިހިތްދަތި ކަމުގައި ދުނިޔެއިން ނިމިގެން ދާންވީ ހެއްޔެވެ؟ މިކަމާއިމެދު އަހަރެން އަޅާނީ ވަކި ކޮން ފިޔަވަޅެއް ހެއްޔެވެ؟ އަހަރެންގެ މި އުދާސްތަށް އަޑުއަހާނީ މިދުނިޔެއިން ފަހެ ކާކު ހެއްޔެވެ؟

 

-ނުނިމޭ-

39

You may also like...

4 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Hei mi vhk vx Hama fab ingey 😘😘😘 Masha Allah… 🤗😍 I wanna ask you something… How old you? 🤔 Dhn out part ah inthizaaru kuramun valid velan…
    Vrh salaam ♥️

    ⚠Report!
  2. Varah ❤️❤️reethi..❤️❤️maa sha Allah. ❤️curiously ❤️❤️ waiting ❤️❤️for❤️❤️ the ❤️next ❤️❤️part…❤️❤️❤️❤️❤️

    ⚠Report!

Leave a Reply

Your email address will not be published.