ނޭނގި ލޯބި ވެވުނީ
= ހުރިހާ ލޮބުވެތި ކިޔުންތެރިންގެ ސަމާލުކަމަށް : މިވާހަކަ އަޅުގަނޑު މީގެ ދުވަސްކޮޅެއް ކުރިން ވާނީ ފޭސްބުކް ޕޭޖަކަށް އަޕްލޯޑު ކުރަން ހަދިޔާ ކޮށްފައެވެ. އެހެންކަމުން މިވާހަކަ ކިޔުއްވާ ފަރާތްތަކަށް މިއީ ކުރިން ކީ ވާހަކައެއްހެން ހީވެލައްވާނަމަ އެއީ ކުއްހީއަކަށް ނުވުމާ ވަރަށް ގާތެވެ. ކަންމިހެން ހުރިނަމަވެސް އެސްފިޔައިގެ ކިޔުންތެރިންގެ ހިތްހަމަ ޖެހުމަށްޓަކައި އެސްފިޔައަށްވެސް މިވާހަކަ އަޕްލޯޑު ކުރުމަށް ނިންމާ މިވާހަކަ ތިޔަ ލޮބުވެތި ކިޔުންތެރިންނާ ހަމަޔަށް ދޫކޮށްލީމެވެ. =
ވަގުތަކީ މެންދުރުގެ ހޫނު ގަދަ ވަގުތެ. މި ހޫނު ގަދަ ވަގުތުގައި ދޭ ރަތްދަކަ އަވިން މުޅި ބިންގަނޑު ވަނީ ދޮން ކޮށްލާފައެ. އަތުގައި އޮތް ފޮތްކޮޅު ބޮލަށް ދަރާގެން ހުރެ ލާރާ ހިނގަމުން ދިޔައީ ޓިއުޝަން ސެންޓަރާ ދިމާއަށެވެ. ރަށުގެ ބޮޑު މަގަށް ދެމުންދިޔަ ގަދަ އަވިން ލިބޭ ހޫނުގެ އިހުސާސް ކުރެވެމުން ދިޔަވަރަކަށް ލާރާގެ ހިނގުން އަވަސް ވަމުން ދިޔައެވެ. ލާރާއަށް ހުއްޓުމެއް ގެނުވީ ޖެހިގެން ހުރި ހަނި ގޯޅި އަކުން ދުވެފައި އައި ޒުވާން ފިރިހެނެކެވެ. އޭނާ އައިސް ލާރާގެ ގައިގައި ޖެހުމާއެކު ލާރާ އާއި އެ ޒުވާނާ ބިންމައްޗަށް ވެއްޓުނެވެ. އެ ޒުވާނާ އޮތީ ލާރާގެ ގައިމަތީގައެވެ. ވެއްޓުނުލެއް ބާރުކަމުން ލާރާގެ އަތުގައި އޮތް ފޮތްބައިވެސް ބުރައިގެން ދިޔައީ ވަރަށް ދުރަށެވެ. ލާރާއަށް ވަގުތުން އެޒުވާނާގެ މޫނަށް ބަލާލެވުނެވެ. ބަލާނުލާ ދުވެފައި އައިލެއް ބާރުކަމުން މި ހިނގާދިޔަ ކަންތަކާ ހިތްހަމަ ނުޖެހި ވާ ހާލުގައެވެ. ނަމަވެސް އޭނާގެ މޫނު ފެނުމާއިއެކު ލާރާގެ ހިތުގެ ހަމަނުޖެހުން ފިލައިގެން ދިޔައެވެ. އެއީ ދޮން މޫނެކެވެ. ފިރިހެންވަންތަމުގެ މިސާލެއްނެތް ދެލޮލާއި ނޭފަތާއި ތުނބުޅިއެކެވެ. އެ ރީތިކަން ފެނިފައި ލާރާއަށް ރުޅިއިސްކުރާކަށް ނޭނގުނެވެ. އެ ރީތިކަމަށް ގެއްލިފައި ލާރާއަށް ގުޑިވެސް ނުލާ އޮވެވުނީ ކިހާ އިރަކުކަމެއް ނޭނގުނެވެ. އެ ޒުވާނާގެ ހާލަކީވެސް ހަމަ އެއީއެ. ލާރާގެ ދެލޮލުގެ ތެރެޔަށް ގައިދުވެފައި އެޒުވާނާވެސް ލާރާގެ ގައިމަތީގައި އޮތެވެ.
“އޭ ދެން އޯކޭވާނެ. މީ މަގުމައްޗޭ..” އެކަކު އަނެކަކުގެ ރީތި ކަމަށް ގެއްލިފައި ތިބި ދެކުދިންނަށް ހަމަހޭވެރިކަންވީ އެ ޒުވާނާގެ ފަހަތުން ދުވެފައިއައި ވިޝާން ގޮވާލުމުންނެވެ. ވިޝާން ފެނުމާއެކު ލާރާ ވަރަށް ލަދުގަތުނެވެ. ދުވަސްވީ އެކުވެރިއަކަށް ލާރާ އޮތް ގޮތް ފެނުނީމައެ. އޭނާ ލާރާ އާއި ދިމާ ކުރާނެ ވަރު ވިސްނޭތީއެ. ވިޝާން އެހެން ބުނުމާ އެކު އެ ޒުވާނާވެސް ފުންމައިގެން ތެދުވިއެވެ. ލާރާވެސް ވަގުތުން ތެދުވިއެވެ. “ސޮރީ ވަރަށް ބޮޑަށް” ފޮތްތަށް ނަގައިގެން ހިނގައިގަތްތަނާ ލާރާގެ ކަންފަތް ދޮށަށް ގާތްވެލާފައި އެ ޒުވާނާ ބުނެލިއެވެ. ލާރާ ވަރަށް ލަދުރަކި ހިނިތުންވުމަކާއިއެކު އެޒުވާނާގެ ދެލޮލަށް ބަލާލުމަށްފަހު ކުރިއަށް ދިޔައެވެ. އެވަގުތު ވިޝާން އެޒުވާނާގެ ގައިގައި ޖަހާލިއެވެ. އަދި ލާރާ އާއި ދިމާލަށް މަލާމާތުގެ ބަހެއް ރަށްދުކޮށްލިއެވެ. “ރަށަށް ބީރަށްޓެހިން އެރީމައި ލާރާ ތިއުޅެނީ ކިހިނެއްތަ؟؟” ވިޝާން މިހެން ބުނުމުން ލާރާ ފަސްއެނބުރި ބަލާލިއެވެ. ވިޝާން އާއި ދިމާއަކަށް ނޫނެވެ. އެ އަޖައިބެއްފަދަ ރީތިކަން ލިބިފައިހުރި ޒުވާނާ އާއި ދިމާލަށެވެ. އެނާ ހުރީ ކަޅި ޖަހާ ނުލާ ލާރާއަށް ދިމާލަށް ބަލަހަށްޓައިގެންނެވެ. ލާރާއަށް ގެއްލިފައެވެ. މަޑުމޮޅި ހިނިތުން ވުމަކާއި އެކުގައެވެ. ލަރާގެ ހިތް މޭގެތެރޭ ތެޅިގަތުނެވެ. ހިތުގެ ވިންދު އަވަސް ވެގެން ދިޔަގޮތުން މޭގެތެރެއިން ހިތް އުދުހިގެން ގޮސްފާނެއޭވެސް ލާރާއަށް ހީކުރެވުނެވެ. އެހާ ރީތި ޒުވާނެއް ލާރާ ހަޔާތުގައިވެސް ނުދެކެއެވެ. އެ އޮމާން މޫނުގެ ޖާދޫ ލާރާ ދީވާނާ ކޮށްލި ފަދައެވެ. ޓިއުޝަނުގައި އިން އިރުވެސް ލާރާގެ ސިކުނޑި ހުއްޓުމެއްނެތި ވިސްނަމުން ދިޔައީ އެ ހިނދުކޮޅާ ދޭތެރޭގައެވެ. އެ ޒުވާނާ އައިސް ލާރާ ގައިގައި ޖެހިގަތް ވަގުތު އެ ހަށިގަނޑުން ފެތުރިގެން އައި ހުވަނދުވަސް ލާރާގެ މޭގައި ހަރުލާފައި ހުއްޓެވެ. އެވަސް ލާރާއަށް ގެނުވަމުން ދިޔައީ ތަފާތު އިހުސާސް ތަކެކެވެ. އެއީ ލާރާގެ އުމުރުން އަށާރަ އަހަރުގެ ކުޑަ ސިކުނޑިއަށް ބަޔާންކުރަން ނުކުޅެދޭނެފަދަ އިހުސާސްތަކެކެވެ.
ޓިއުޝަން ކްލާސް ނިމްމާލާފައި ލާރާ ގެޔަށް އައިސް ވަތް ވަގުތު ލާރާ ދިޔައީ ސިއްސައިގެންނެވެ. ލާރާ ވަގުތުން ހުއްޓުނެވެ. ސިޓިންގްރޫމް ސޯފާމަތީގައި ލާރާގެ ބައްޕަގާތު އިށީނދެގެން އެއިނީ މިއަދު ލާރާ ޓިއުޝަނަށް ދިޔަވަގުތު މަގުމަތިން ދިމާވި ޒުވާނާއެވެ. ލާރާ ފެނުމާއިއެކު އެ ޒުވާނާގެ މޫނު މައްޗަށް ހިނިތުންވުން އައެވެ. އެ ހިނިތުންވުން ލާރާއަށް ލަދުވެތިކަން ގެނުވިއެވެ. “ދަރިފުޅާ ލާރާ… މީނީ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއެއް. މީނަ ދެން ހުންނާނީ މިގޭގަ. މިރަށުގަ ވަޒީފާ އަދާކުރަން އެ އައީ..” ލާރާގެ ބައްޕަ ލާރާއަށް އެ ޒުވާނާގެ މައުލޫމާތު އޮޅުން ފިލުވާ ދިނެވެ. ލާރާ ގަނެފައި ހުރި ލަދެއްގެ ބޮޑުކަމުން އެއްވެސް އެއްޗެކޭ ނުބުނެ ހިނގާފައިގޮސް އޭނާ ދިރިއުޅޭ ކޮޓަރިއަށް ވަދުނެވެ.
އަސްރް ނަމާދުގެ ބަންގީގެ އަޑާއިއެކު ނިދާފައި އޮތް ލާރާ އެނދުމަތިން ހިއްލާލިއެވެ. އަދި ފާހާނާއަށް ވަދެ ވުލޫ ކޮށްލާ ހަދައިގެން އައިސް ނަމާދު ކޮށްގެން ކޮޓަރިން ބޭރަށް ނުކުތުނެވެ. އެއިރު ލާރާގެ މަންމަ ސޯފާގައި ޓީވީ ބަލަން އިނެވެ. ލާރާގޮސް މަންމަ ގާތުގައި އިށީނދެލިއެވެ. ހަވީރު ކުރާނެ ކަމެއް ނެތުމުން އެކަމާ ފޫހި ވެގެން ލާރާ އޭނާގެ މަންމަ ގާތު ޝަކުވާ ކުރަން ފެށިއެވެ. މިގޮތުގައި ގިނަ އިރުތަކެއްނުވެ ބައްޕައާއި އެ ޒުވާނާ ބޭރުން ގެޔަށް އައިސް ވަދުނެ. އޭނާ ފެނުމާއި އެކު ލާރާގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. “ދަރިފުޅާ ދޭބަލަ ސައި ހަދާލަން ބައްޕަމެނަށް… އަދި ބުނަން.. ބައްޕަމެން ސައިބުއީމަ ދަރިފުޅު ވާނެ މިސޮރު ގޮވައިގެން ރަށުތެރެ ދައްކާލަން ދާން އިނގޭ..” ލާރާ ގަތްފައި ހުރި ލަދުން ބޯޖަހާލާފައި ގޮސް ބަދިގެޔަށް ވަދުނެވެ.
ބައްޕަގެ އެދުމުގެ މަތިން އެ ޒުވާނާ ސައިބޮއެ ނިމުމުން ލާރާ އޭނާ ގޮވައިގެން ހިނގާލަން ނުކުތެވެ. ލާރާގެ ހިތް އެކަމަށް ކިތަންމެ އެދިވިއަސް ހިތާއި ދެކޮޅަށެވެ. ރަށަށް އަރާހުރި ބީރަށްޓެއްސަކާއި އެކު ނުކުމެ އުޅުމުން ރަށު މީހުން ކިޔާފާނެ އެއްޗަކާއި މެދު ލާރާ ހުރީ ވަރަށް ޖެހިލުން ވެފައެވެ. ނަމަވެސް ބައްޕަގެ އެދުމަކަށް ފުރަގަސް ދިނުމަކީ ލާރާގެ ތަބިއްޔަތުގައިވާ ގޮތެއް ނޫނެވެ.
އެ ޒުވާނާ ގޮވައިގެން ލާރާ ރަށުގެ ވަރަށް ގިނަ ތަންތަނަށް ދިޔައެވެ. ލާރާގެ ހިތުގައިވާ ލަދުވެތިކަން ފޮރުވައިގެން ހުރެ ވަރަށް ފުރިހަމަ މެހެމާން ދާރީއެއް ލާރާ އެ ޒުވާނާއަށް ދެއްކިއެވެ. ދެކުދިންގެ މެދުގައި ތަފާތު ވާހަކަތަށް ބަދަލު ކުރެވެން ފެށިއެވެ. އޭނާގެ ހަށިގަނޑުގެ ބޭރުފުށެކޭ އެއްވަރަށް އެ ޒުވާނާގެ އަޑުވެސް ފިރިހެން ވަންތައެވެ. އެއީ އެއްވެސް އުނި ކަމެއްނެތް ބަރުމިނެއްގައި ހުރި ފުރިހަމަ އަޑެކެވެ. އޭނާގެ ހިނިތުން ވުމާއި އޯގާތެރި ހިތްހެޔޮ މިޒާޖަކީ ފިރިހެނެއްގެ ކިބައިން ލާރާޔަށް މުޅިން އަލަށް ފެނުނު ސިފަތަކެކެވެ. ފަހަރުގައި އެއީ ލާރާ އާންމު ގޮތެއްގައި ފިރިހެން ކުދިންނާއި ވާހަކަ ދައްކައި ނޫޅޭތީ ކަމުގައިވެސް ވެދާނެއެ. ލާރާއާއި އެ ޒުވާނާ އެދުވަހުގެ އިރު އޮއްސެންދެން އެތަން މިތަނުގައި ހިނގިއެވެ. އެދެކުދިން ގެޔަށްއައިއިރު ވަނީ އެއްކުއްޖަކު އަނެއް ކުއްޖަކާއި ބެހޭގޮތުން ވަރަށް ގިނަ މައުލޫމާތު ހިއްސާ ކުރެވިފައެވެ. އޭނާގެ ނަމަކީ ޝިނާހު އެވެ. އޭނާގެ އުމުރުން އަދި އެންމެ ވިހި އަހަރެ. އޭނާ މިރަށަށް އައިސް އެހެރީ ރަށު އޮފީހުން އެއް އަހަރު ދުވަހުގެ ވަގުތީ ވަޒީފާއެއް އަދާ ކުރުމަށެވެ. އޭނާ އަކީ އޭނާގެ އުފަން ރަށުގައި އޭނާގެ މަންމަ އާއި ކުޑަ ދެ ކޮށްކޮ ގޮވައިގެން އުޅޭ ވަރަށް ޒިންމާދާރު ޒުވާނެކެ. އޭނާގެ ބައްޕަ ވީތަނެއް އޭނާ އަކަށް ނޭނގެ އެވެ. ނަމަވެސް އޭނާގެ ދެ ކޮށްކޮގެ ބައްޕަ ވަނީ ނިޔާވެފައެ. އެހެންކަމުން އެ އާއިލާ ދިރިއުޅެމުންދަނީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ. މިހާރު މަންމައާއި ދެ ކޮށްކޮގެ ޒިންމާވެސް އުފުލަނީ ޝިނާހު އެ.
ޝިނާހުގެ ދިރިއުޅުގެ ވާހަކަތަށް ވެގެން ދިޔައީ ލާރާގެ ހިތުގައި ޝިނާހުއާއިމެދު އިންތިހާޔަށް ހަމްދަރުދީ އުފެދުނު ވާހަކަ ތަކަކަށެ.
ގެޔަށްއައިސް ޝިނާހު ވަދުނީ އޭނާގެ ކޮޓަރިއަށެވެ. ލާރާވެސް ވަދުނީ އޭނާ ދިރި އުޅޭ ކޮޓަރިއަށެވެ. ލާރާ އެނދުމަތީގައި އޮވެ ހުއްޓުމެއްނެތި ވިސްނަމުން ދިޔައީ ޝިނާހު އާއި ދޭތެރޭގައެވެ. އޭނާ މިއަދު ލާރާއާއި ހިއްސާކުރި ވާހަކަ ތަކާއި މެދުގައެވެ.
ޝިނާހުގެ ހާލަކީވެސް ހަމަ އެއީއެވެ. ޝިނާހުއަށްވެސް ލާރާ އާއި މެދުގައި ވިސްނެމުންދިޔައެވެ. ޝިނާހުއަށް ލާރާ ވަރަށް ކަމުދިޔައެވެ. ލާރާ ކަހަލަ ހިތްހެޔޮ ކުއްޖަކު ޝިނާހު އަށްވެސް ފެނުނުމީ ފުރަތަމަ ފަހަރެވެ. އެހެން ކަމުން ލާރާ ހާސިލް ކުރުމަށް ޝިނާހުގެ ހިތް އެދި ގޮވަން ފެށިއެވެ.
ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. ލާރާ އިނީ ކޮޓަރިތެރޭ ސުކޫލުން ދިން ފިލާވަޅުތަށް ހަދާށެވެ. އެވަގުތު ލާރާއަށް އޭނާގެ ކޮޓަރީގައި މީހަކު ޓަކިދޭ އަޑު އިވުނެވެ. ލާރާ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ދޮރުމަތީ ހުރީ ޝިނާހު އެވެ. ލާރާ ފެނުމާއެކު ޝިނާހު ލަދުން މޯޅިވިއެވެ. އޭނާގެ މޫނުމަތިން ކޮންމެވެސް ވާހަކަ އެއް ބުނަން ބޭނުން ވެފައި ހުރިކަން ލާރާއަށް ދޭހަވިއެވެ. ޝިނާހުގެ އެ ލަދުރަކިކަން ފެނިފައި ލާރާއަށްވެސް އެއްޗެއް ބުނަން ފަސްޖެހެވުނެވެ. ލަދުރަކި ވެވިފައި ލާރާއަށްވެސް ޝިނާހު އާއި ދިމާލަށް ބަލަން ހުރެވުނެވެ. މާ ގިނައިރުތަކެއްނުވެ ޝިނާހު އޭނާގެ ބޭނުން ހުށަހެޅިއެވެ. އޭނާ އެދުނީ ލާރާގެ ގާތުން އޭނާ އާއި އެކު ހިނގާލަން ދިޔުމަށެވެ. އެއަޑު އިވިފައި ލާރާގެ ހިތް އުފަލުން ނަށަން ފެށިއެވެ.
މިއަދުވެސް ލާރާ އާއި ޝިނާހު ވަރަށް ގިނަ ވަގުތު ބޭރުގެ އެތަން މިތާ ހިނގާ ހެދިއެވެ. ތަފާތު އެތަށް ވާހަކަ އެއް ދެއްކުމުގައެވެ. ހީސަމާސާ ކުރުމުގައެވެ. މިގޮތުގައި ދުވަސްތަށް ތަކުރާރު ވާން ފެށިއެވެ. ގޭތެރޭގައިވެސް އެދެކުދިންގެ ގުޅުން ދިޔައީ ބަދަހި ވަމުންނެވެ. ދެކުދިންގެ މެދުގައި އެއްކުއްޖަކު އަނެއް ކުއްޖެއްގެ މައްޗަށްއޮތް ލަދުވެތިކަން މަޑުމަޑުން ކެނޑެން ފެށިއެވެ. ޝިނާހުގެ އޮފީސް ނިންމާފައި ގިނަ ވަގުތު ހޭދަކުރަނީ ލާރާ އާއި އެކުގައެވެ. ލާރާވެސް ސުކޫލުގެ މަސައްކަތްތަށް ނިންމާފައި މުޅިންހެން ވަގުތު ހޭދަ ކުރަނީ ޝިނާހު އާއިއެކުގައެވެ.
ހަވީރުގެ އިރު އޮއްސެމުން ދިޔަ ވަގުތެވެ. ލާރާ އާއި ޝިނާހު ތިބީ އަތިރިމަތީ ހުރި ހޮޅު ވައްޓެއްގައި އިށީނދެލާގެންނެވެ. ޝިނާހު އިނީ ކަޅި ޖަހާ ނުލާ ލާރާ އާއި ދިމާލަށް ބަލަންށެވެ. ޝިނާހުގެ އަމަލުތަށް ފަހަށް އައިސް ބަހައްޓާ ގޮތުން ސިނާހު ލާރާއާއި ގަޔާ ވާކަން ލާރާއަށް ފާހަގަ ކުރެވެއެވެ. މިވީހާތަނަށް ލާރާއަށްވެސް ޝިނާހުގެ ފަރާތުން ފެނިފައިވަނީ ހަޔާތުގެ ބައިވެރިއެއްގެ ފަރާތުން ލާރާ ފެންނަން ބޭނުންވެފައި ހުރި ހުރިހާ ސިފަތަކެކެވެ. ޝިނާހުގެ އެ ގައިގޯޅިކަން ލާރާގެ ހިތް ޝިނާހުއާ ދިމާލަށް ދަމަމުން ގެންދިޔައީ ދަގަތްފާނުގެ ބާރަށް ދަގަނޑު ދަމާ ފަދައިންނެވެ.
ޝިނާހު ކަޅިޖަހާ ނުލާ ބަލަން އިނުމުން ލާރާ ލަދުން އިންތަނުން ތެދުވިއެވެ. އަދި ޝިނާހުއަށް ފަސްދީ ދުއްވައިގަތުނެވެ. އެވަގުތު ޝިނާހު ލާރާގެ ފަހަތުން ދުވެފައިއައިސް ލާރާގެ އަތުގައި ހިފެހެއްޓިއެވެ. އަދި އޭނާގެ ހިތުގައިވާ ލޯބި އޭނާ ލާރާގެ ކުރިމަތީގައި ހާމާކުރިއެވެ. ޝިނާހު ލާރާދެކެ ވަރަށް ބޮޑަށް ލޯބި ވެއްޖެއެވެ. ލާރާ އަށްވެސް ވަނީ ބުނެދޭން ނޭނގޭ އެތަށް އިހުސާސްތަކެއް ޝިނާހު އާއި ދޭތެރޭ ކުރެވިފައެވެ. ޝިނާހުގެ ހުށަހެޅުމަށް ލާރާއަށް ފުރަގަސް ދޭކަށް ނުކެރުނެވެ. ލާރާވެސް އޭނާގެ ހިތުގައި ވަނީ ލޯބިކަން ޝިނާހުއަށް ހާމަ ކޮށްދިނެވެ.
ކުރިއަށްއައި ދުވަސްތަކަކީ ލާރާ އާއި ޝިނާހުގެ ދިރިއުޅުން ވަރަށް ބޮޑަށް ބަދަލު ވެގެން ދިޔަ ދުވަސްތަކެކެވެ. ރޭގަނޑު ގަޑީގައިވެސް ޝިނާހު ވަގުތުތަށް ހޭދަކުރަނީ ލާރާގެ ކޮޓަރީގައެވެ. އަދި ދުރުހިލޭ ދެ ކުއްޖެއްގެ މެދުގައި ހިނގައިގެން ނުވާނެ އެތަށް ކަމެއް އެކުދިންގެ މެދުގައި ހިނގަމުން ދިޔައެވެ. މިގޮތުގައި ދުވަސްތަށް ވޭތުވަމުން ދިޔައެވެ. ލާރާ އާއި ޝިނާހުގެ ލޮތްބަށް 8 މަސް ފުރިގެން ދިޔައެވެ. ޝިނާހުގެ ވަޒީފާގެ މުއްދަތު ހަމަވާން ބާކީ އޮތީ އެންމެ މަހެކެވެ. ޝިނާހު ފުރައިގެން ދިޔުމުގެ ކުރިން ލާރާގެ މައިން ބަފައިންނަށް މި ލޯބީގެ ގުޅުން އަންގަން ލާރާ ބޭނުންވިއެވެ. ޝިނާހުވެސް ބޭނުންވީ ލާރާގެ މައިން ބަފައިންގެ ރުހުން ހޯދައިގެން އޭނާގެ ރަށަށްގޮސް ލާރާއާއި ކައިވެނި ކުރާށެވެ.
ވަގުތަކީ ރޭގަނޑުގެ ވަގުތެވެ. ލާރާގެ ބައްޕަ އިނީ ސިޓިންރޫމް ގައި ޓީވީ ބަލާށެވެ. ލާރާ ވަރަށް ވަރަށް ލަދުންހުރެގޮސް ބައްޕަގެ ކުރިމަތީ ލާރާގެ އެދުން ހުށަހެޅިއެވެ. ލާރާ ޝިނާހު ދެކެ ވަރަށް ލޯބިވާ ކަމާއި ކައިވެނިކުރަން ބޭނުންވާކަން ލާރާ އޭނާގެ ބައްޕައަށް ހާމަ ކޮށްދިނެވެ. އެވަގުތު ލާރާގެ ބައްޕަ އިންތަނުން ތެދުވިއެވެ. ލާރާގެ ބައްޕަހުރީ ވަރަށް ރުޅިއައިސްފައެވެ. އައިސްފައިވާ ރުޅީގެ ގަދަކަމުން ލާރާގެ ބައްޕަ ލާރާގެ މޫނު މަތީގައި ވަރަށް ބާރަށް ޖެހިއެވެ. “ތިހިސާބަށް ލާރާގެ ކަންތަށްތަށް ދިޔައިރު އަހަރެމެން މީ ތިބި ބަޔެއްކަންވެސް ލާރާ ހަނދާން ނެތީތަ.؟ ލާރާ މީހަކާ އިންނަން ނިންމިއިރު އެއީ އަހަރެމެން ރުހޭ މީހެއްތޯވެސް ލާރާ ބަލާލިންތަ؟” ލާރާގެ ބައްޕަގެ ރުޅި ކޮންޓުރޯލް ނުވުމުގެ ސަބަބުން ވަރަށް ބައިވަރު އެއްޗެހި ލާރާ އާއި ދިމާލަށް ކިޔުނެވެ. އެ ވާހަކަތަށް އަޑުއަހަން ލާރާ ހުރީ ރޮވިފައެވެ. “ބައްޕާ… އެކަމަކު ޝިނާހު އެއީ ކިހާ ރަނގަޅު ކުއްޖެއް. ދެން ކީއްވެ ބައްޕަ ތި ނުގަބޫލުވަނީ؟” ބައްޕަ ނުރުހުން ވާ ސަބަބެއް ހޯދަން ލާރާ ބޭނުންވިއެވެ. އެވަގުތު ބައްޕަގެ ޖަވާބު ލާރާގެ ހިތް ދެފަޅިއަށް ބުރިބުރި ކޮށްލި ކަހަލައެވެ. ލާރާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔައެވެ. ލާރާގެ މަންމައާއި ކައިވެނި ކުރުމުގެ ކުރިން ބައްޕަ އެހެން ކައިވެންޔެއް ކުރިއެވެ. އެއީ ޝިނާހުގެ މަންމައެވެ. އަދި ޝިނާހު އަކީ ލާރާގެ ބައްޕަގެ ދަރިއެކެވެ. ޝިނާހުގެ މަންމަ ވަރިކޮށްފައި އައިއިރު ލާރާގެ ބައްޕައަކަށް ޝިނާހުގެ މަންމަ އިނީ ޝިނާހުއަށް ބަލިވެކަމެއް ނޭނގެއެވެ. އަދި ވަރަށް ފަހަކާ ޖެހެންދެން ލާރާގެ ބައްޕައަށްވެސް ޝިނާހު އަކީ ދުނިޔޭގައި އުޅޭ ކުއްޖެއްކަންވެސް ނޭނގެއެވެ.
ލާރާގެ ބައްޕަ މިވާހަކަތަށް ކިޔާދިންއިރު ޝިނާހުވެސް ހުރީ ސިޓިންރޫމްގައި އަޑުއަހާށެވެ. އެ ވާހަކަ ތަކަކީ ޝިނާހު އަށްވެސް އަޑުއަހަން މާ ފަސޭހަ ވާހަކަ ތަކެއް ނޫނެވެ. ލާރާގެ ބައްޕަގެ ވާހަކަތަށް ވަކި ހިސާބަކަށް ދިޔުމާއެކު ޝިނާހު ދުވެފައިގޮސް ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ. ސިޓިންރޫމްގައި ވާހަކަ ދައްކަން ތިބި ލާރާ އަށާއި އޭނާގެ ބައްޕައަށްވެސް އެއަޑު އިވުނެވެ.
ކުޑައިރުކޮޅެއް ފަހެވެ. ޝިނާހު އޭނާގެ ފޮށި ހިފައިގެން ކޮޓަރިން ނުކުމެގެން ހިނގައިގަތުނެވެ. އެ މަންޒަރު ފެނިފައި ލާރާ ވަރަށް ހާސް ވިއެވެ. ޝިނާހު އެދަނީ ކޮންތާކަށް ބާއޭ އޭނާގެ ހިތަށްއެރިއެވެ. “އޭއި.. ޝިނާހު ކަލޭ ތިދަނީ ކޮންތާކަށް.” ލާރާގެ ބައްޕަ ޝިނާހު އާއި ސުވާލު ކުރިއެވެ. ނަމަވެސް ޝިނާހު އެއްވެސް ޖަވާބެއް ނުދީ ނުކުމެގެން ދިޔައެވެ.
ލާރާގެ ދިރިއުޅުމުން ޝިނާހު މިގޮތަށް ނިކުމެގެން ދާތަން ބަލަން ލާރާ އަކަށް ކެތެއް ނުކުރެވޭނެއެވެ. ޝިނާހު ދޫކޮށް އެދަނީ މި ގޭގެ ދިރިއުޅުން ތޯ ނުވަތަ ޝިނާހު ދޫކޮށް އެދަނީ މިގޭގައިވާ ޝިނާހުގެ ލޯބީގެ ދިރުންތަށްތޯ ބަލަން ލާރާގެ ހިތް ހަމަޖެހުމެއްނެތި އެދެންފެށިއެވެ. ލާރާ ގެއިން ނުކުމެގެން ދުއްވައިގަތުނެވެ. ލާރާގެ ބައްޕަ މަޑުކުރުމަށް ބުނަމުން ދަނިކޮށެވެ. ޝިނާހުގެ ފިޔަވަޅުތަކަށް ބަލައިގެން ލާރާ ދުވަމުން ދިޔައެވެ. ލާރާއަށް ޝިނާހު ފެނުނު އިރު އޭނާ ހުރީ ބަނދަރު މަތީގައެވެ. “ޝިނާހު… ކީއްވެ ތިދަނީ.. ތިގޮތަށް އަހަރެން ދޫކޮށްލާފަ ދިޔައިމަ އަހަންނަށް ކުރާނެ އަސަރާ ދޭތެރޭ ވިސްނާވެސް ނުލަންތަ؟” ލާރާ ރޮމުން ޝިނާހުއާއި ވާހަކަ ދެއްކިއެވެ. “ލާރާ އަށް ހީވޭތަ އަހަރެން ލާރާ ދޫކޮށްލާފަ ދާނެހެން. އަހަންނަށް އިނގޭ ލާރާ އަންނާނެކަން. ހިނގާ އަހަންނާއެކީ ރަށަށްދާން..” ޝިނާހު ލާރާ އޭނާގެ ގަޔާއި ގާތް ކޮށްލަމުން ބުނެލިއެވެ. “ކީއްވެނެގްހޭ ތި ދަނީ؟ ޑޭޓް ވެސް ނުޖެހެނީސް” “އަހަރެން ދެން ބޭނުމެއް ނޫން ތިގޭގަ ހުންނާކަށެއް. އަހަރެން ގަބޫލެއް ނުކުރަން އެވާހަކަ ތަކެއް. އެއީ އަހަރެން ބައްޕައެއް ނޫން. އަހަރެން މަންމަ އަހަންނަކަށް އޮޅުވައެއް ނުލާނެ. އަހަރެން ބޭނުމީ މަންމަ ކުރިމަތީ ހުރެގެން މިވާހަކައިގެ ހަގީގަތް ހޯދަން.”
ޝިނާހު މިހެން ބުނުމާއެކު ބަނދަރާއި ލޯންޗެއް ކައިރި ކުރިއެވެ. އެއީ ޝިނާހު މެންގެ ރަށުން އައި ލޯންޗެކެވެ. އޭތި އައިސް ބަނދަރު ކުރުމާއެކު ޝިނާހު އޭނާގެ ފައިކައިރީ ހުރި ފޮށި ހިފައިގެން ބަނދަރު މައްޗަށް އެރިއެވެ. އަދި ފޮށި ލޯންޗަށް އެރުވުމަށްފަހު ލާރާއާއި ދިމާލަށް އަތް ދިއްކޮށްލިއެވެ. ލާރާއަށް ފަސް އެނބުރި ދާކަށް ނުކެރުނެވެ. ލާރާ ޝިނާހު އާއިއެކު ލޯންޗަށް އެރީއެވެ.
ލޯންޗްގައި އިންއިރު ލާރާގެ ހިތް އެތަށް ސުވާލެއް ލާރާގެ ނަފްސާއި ކުރަމުން ގެންދިޔައެވެ. ލާރާގެ މި ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ކަމާއި މެދު ލާރާގެ ހިތް ސުވާލު އުފައްދަމުން ދިޔައެވެ. ލޯންޗް ދުވަމުންގޮސް ނެރާ އަރާ ހަމަވި ވަގުތު ލާރާ ފަސް އެނބުރި ބަލާލިއެވެ. އެއިރު ލާރާގެ މަންމަ އާއި ބައްޕަ ބަނދަރުމަތީގައި ތިއްބެވެ.
މާގިނައިރުތަކެއްނުވެ ލޯންޗް ބަނދަރު ކުރިއެވެ. ޝިނާހު އާއި ލާރާ އަވަސް އަވަހަށް ދިޔައީ ޝިނާހު މެންގެ ގެޔަށެވެ. އެއިރު ޝިނާހުގެ މަންމަ ގޭގައި އިނެވެ. ޝިނާހު އަންހެން ކުއްޖަކު ގޮވައިގެން އައުމުން މަންމަ ހުރީ ވަރަށް އުފަލުންނެވެ. ޝިނާހު ގެޔަށް ވަދުމާއިއެކު އެއީ ކޮން ކުއްޖެއްތޯ މަންމަ ސުވާލު ކުރިއެވެ. އެވަގުތު ޝިނާހު މަންމަޔަށް އެއީ ޝިނާހުގެ ލޯބިވެރިޔާކަން އަންގައިދިނެވެ. އަދި އެކުއްޖަކީ ޝިނާހު ހުރި ގޭގެ ވެރިމީހާގެ ދަރިއެއްކަން މަންމައަށް އަންގާ ދިނުމުން މަންމަގެ މޫނުމަތީގައި ހުރި އުފާވެރިކަމުގެ ކުލަވަރު އެއްކޮށް ބަދަލުވެގެން ދިޔައެވެ. އެވަގުތު ޝިނާހު މަންމައާއި ސުވާލު ކުރިއެވެ. ޝިނާހުގެ ބައްޕަ ވީތަން މަންމައަށް ހަމަ ހަގީގަތުގައިވެސް ނޭނގެނީތޯ ނުވަތަ މަންމަ ބައްޕަވީތަން ނޭނގޭ ކަމަށް ހަދާ އޮޅުވާލީތޯ ބަލަން މިހާރު ޝިނާހުއަށް މަޖުބޫރެވެ.
ޝިނާހު ފުންޔަކަށް މަންމަގެ ކުރިމައްޗަށް އަމުނާލި ސުވާލު ތަކަށް އެއްވެސް ޖަވާބެއް ނުދީ މަންމަ ކޮޓަރިއަށް ވަގުނެވެ. ކުޑަ އިރުކޮޅެއްފަހުން މަންމަ ކޮޓަރިން ނުކުމެގެން އައިސް ޝިނާހު މެންގެ ކުރިމަތީގައި ހުއްޓިލިއެވެ. އެއިރު މަމްމަގެ އަތުގައި ކަރުދާސް ގަނޑެއް އޮތެވެ. އެ ގަނޑު މަންމަ ޝިނާހު އާއި ދިމާލަށް ދިއްކޮށްލިއެވެ. އެއީ މަންމަ ކައިވެނި ކުރި ރޭގެ ފޮޓޯ ގަނޑެކެވެ. މަންމަ ގާތު ހުރީ ކާކު ކަމެއް ޝިނާހު އަކަށް ނޭނގުނެވެ. ނަމަވެސް ޝިނާހުއަށް ޔަގީންވާ ކަމަކީ އެއީ އޭނާގެ ދެ ކޮށްކޮގެ ބައްޕަ ނޫން ކަމެވެ. އެހެންނަމަވެސް ކައިރީހުރި ލާރާ އެ ފޮޓޯއަށް ބަލާލި ފުރަތަމަ ފަހަރު ލާރާޔަށް އެއީ އޭނާގެ ބައްޕަކަން ޔަގީން ވިއެވެ. ލާރާއަށް ރޮވުނެވެ. އަދި ޝިނާހުގެ މަންމަ ގާތުން އެއީ ހަގީގަތެއްތޯ ސުވާލު ކޮށްލެވުނެވެ.
ޝިނާހުގެ މަންމަވެސް އެދެކުދިންނަށް ކިޔައިދިނީ ހަމަ އެއް ވާހަކަ ތަކެކެވެ. ލާރާގެ ބައްޕަ އަކީ ޝިނާހު މަންމަގެ އަލަތު ފިރިމީހާ އެވެ. ޝިނާހުގެ މަންމަ ވަރި ކޮށްފައި ލާރާގެ ބައްޕަ ދިޔަ ފަހުން ޝިނާހުއަށް ބަލިވެ އިންކަމް އެނގުމުން އެކަން ލާރާގެ ބައްޕައަށް އެންގުމަށް ޝިނާހުގެ މަންމަ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެ މަސައްކަތުން އެނގުނު ގޮތުގައި ލާރާގެ ބައްޕަ އެއިރު ލާރާގެ މަންމަ އާއި ކައިވެނި ކޮށްގެން ވަރަށް އުފާވެރި ހަޔާތެއް ފަށައިފިއެވެ. އެހެންކަމުން އެ އުފާވެރި ދިރިއުޅުމުގެ ތެރެޔަށް ނުވަންނަން ޝިނާހު ބެލުމުގެ ހުރިހާ ޒިންމާ އަކާ ޝިނާހުގެ މަންމަ ހަވާލު ވީއެވެ. ނަމަވެސް މިއަދު ޝިނާހުގެ މަންމަޔަށް އެދުވަހު ކުރެވުނީ ކޮށްގެން ނުވާނެ ކަމެއްކަން އިހުސާސް ކުރެވިއްޖެ އެވެ. އެހެން ނަމަވެސް ކުށްވެރިވަނީ ހަމައެކަނި ޝިނާހުގެ މަންމައެއް ނޫނެވެ. ލާރާގެ ބައްޕަވެސް ޝިނާހު ލާރާމެންގެ ރަށަށް ދިޔަދުވަހު އެއީ ދެބެންކަން އަންގާދިންނަމަ މިއަދު އެދެކުދިންނަށް ލޯބީގެ ގޮތުން ނުގުޅި ތިބެވުނީސްކަން ޔަގީނެވެ.
-ނިމުނީ-
5 Comments!
Comments are closed.


Maseehge huriha story ekey ehgothah mi story vx vrh salhi Hama. ♥️ “naakaa” storyga faahaga kohli mistakes hurii Hama… Mii eyge Kurin up kohfa in story eh v ma Alun e mistakes faahaga nukurii… ? I know Dhn liyaa story ga e huriha mistake eh rangalhu kiraane kan ?
Vrh salaam ??
އޯނނނނނނނނނން…. ޝުކުރިއްޔާ ރެއިންސްޓޯން. އިރާދަ ކުރެއްވިއްޔާ މުޅިން ރަނގަޅު ކުރާނަން އަދި
Vaahaka v salhi, mi vaahaka genesdheefaingoyyves Hama v reethi, Ekam mi vaahakaiga baeh bassthah liyefahuree goskon dho, misaalakah ( vadhunin, ayge badhalugaa vanee ey jehinama v furihamavees, vaahaka v iburehtheri,
thank you mary for the advice. Insha Allah I will correct those things next time
This is how my life is. Fell in love with my brother without knowing. And now it’s hard to forget the love I have for him and see him as a brother ?