ފުން އިހުސާސެކޭ 28
އެރޭ ފަހުން ޔާނިއު ގުޅައިފައި މާފަށް އެދުނެވެ. އޭނާއަށް އެހައި ރުޅި އާދެވުނީ، އަނާނީ އޭނާ ދެކެ ލޯބި ނުވަނީ ކަމަށް ހީކުރެވުމުން، ނަފްސު ކޮންޓްރޯލުން ނައްޓައިގެން ދިޔުމުން ކަމުގައި ބުންޏެވެ. ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުވާނެ ކަމުގެ ޔަޤީންކަން ދިނެވެ. އަނާނީ އެ ހުރިހާ ވާހަކައެއް ޤަބޫލު ކުރިއެވެ. އެއާއެކު އޭނާގެ ހިތަށް އެރިއެވެ. ޔާނިއު އަކީ ގޯސް މީހެއް ނޫނެވެ. އެއީ އެއް އިރެއްގައި އަނާނީގެ ހިތުގެ ތެޅުމޭ ބުނެވިދާނެއެވެ. އެހެންކަމުން، ލޫކަސް ކައިރިން ވަރިވެގެން ޔާނިއު ކައިރިއަށް ގޮސް، ޔާނިއުއަށް އިތުރު ފުރުސަތެއް ދީފި ނަމަ، އަލުން އަނބުރާ އަނާނީގެ ހިތުގައި ލޯބި އުފެދިދާނެއެވެ.
ވަރަށް ހިތްވަރު ކޮށްފައި، އަނާނީ އެރޭ ލޫކަސްއާ ކުރިމަތިލާން ނިންމިއެވެ. އިއްތިފާގުން ނުކުމެވުނީ، ލޫކަސް ބެލްކަނީގައި ސިނގިރޭޓު ބޯން ހުއްޓައެވެ. އަނާނީ ލަސް ފިޔަވަޅުތަކެއްގައި ގޮސް އެތަނަށް ވަނެވެ. ލޫކަސްއަށް މީހަކު އައިކަން އެނގުނީ ވެސް އިރުކޮޅެއް ފަހުންނެވެ. ނަމަވެސް އަނާނީގެ މޫނަށް އެއްފަހަރު ބަލައިލާފައި، އަނެއްކާ ބޭރަށް ބަލަހައްޓައިގެން ހުރެ ސިނގިރޭޓު ބޮމުން ދިޔައެވެ. މިކަމުން ވެސް އަނާނީގެ ހިތަށް އަސަރު ކުރިއެވެ. ނަމަވެސް އޭނާ ދައްކަން އައި ވާހަކަ ފެއްޓިއެވެ. “ލޫކަސް. އިނގޭ ދޯ އަހަރެމެން މިއުޅެނީ ކިހާ ދުރު ދުރުން ކަން.. މިހެން އުޅުމުގެ ބޭނުމެއް ނެތެން..” އަނާނީގެ ވާހަކަ މިހިސާބަށް ދިޔަތަނާ ލޫކަސް ހުއްޓުވިއެވެ.
“އިނގޭ ތި އައީ ކީކޭ ބުނަން ކަން. އަހަރެން އޮންނާނެ މިއަދު ހަވީރު ގޮސް ވަރީގެ ފޯމު ނަގާފަ ގެނެސް. އައި ހާޑް ވަޓް ޔޯ ބޯއިފްރެންޑް ސެއިޑް ޓުޑޭ. އެންޑް ޔޫ އާ އޯލްސޯ ރައިޓް. އަހަރެން ވެސް އެހެން ބުނަން ވެގެން މި ހުންނަނީ. ވަރަށް ބޭކާރު ކައިވެންޏެއް މިއީ މިހާރު.” ލޫކަސް އެއްމިޔަކަނުން ހީލިއެވެ.
“ވަޓް؟ ޔާން ދެއްކި ވާހަކަ ކިހިނެއް އަޑު އިވުނީ؟؟” އަނާނީ ހައިރާންވީ އެ ވާހަކައިންނެވެ. އަނެއްކާ ލޫކަސް އެމީހުންނަށް ފާރަލައިގެން އަޑު އަހަން ހުރީ ހެއްޔެވެ.
“ހަހަ. ހާދަ ހާސްވީ. އަހަރެން ކޮޓަރިއަށް ވަންނަން ދަނިކޮށް ހަމަ އިވުނީ އެހެން ބުނި އަޑު. ތި ކޮޓަރި ހުރީ ހުޅުވާފަ ވިއްޔަ.” ލޫކަސް ސިނގިރޭޓުގެ ބުޑު އަޅިކަނޑާ އެތީގެ ތެރެއަށް ލަމުން، ވަރަށް ހަމަޖެހިފައި ބުންޏެވެ. “އެހެންވީމަ އެ ފޯމް ފިލް ކުރަން އުޅެންވީ ދޯ.” މިހެން ކިޔާފައި އަނާނީއަށް ބަލައިލާފައި ގޭތެރެއަށް ވަދެގެން ދިޔައެވެ. އަނާނީ ހުރީ ޖެހި ބުދެއް ހެންނެވެ. ލޫކަސް އެހާ ހަމަޖެހިގެން އެހުރީ ކީއްވެ ހެއްޔެވެ. އޭނާގެ ހިތުގައި އަނާނީއާ ދޭތެރޭ ހަމަ އެއްވެސް އެއްޗެއް ނެތީ ހެއްޔެވެ؟
ޖެހިގެން އައި ދުވަހު، ލޫކަސް ވަރީގެ ފޯމު ފުރުމަށް ފަހު، އަނާނީ ފުރަން ޖެހޭ ބައި ފުރުމަށް، ފޯމު ބޭއްވީ ޓީވީ ރެކު މަތީގައެވެ. އަނާނީއާ ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ނެތެވެ. ކޮންމެ ގޮތަކަށް ވިޔަސް، އަނާނީ އޭނާގެ މިލްކަކަށް ވެގެން ދުވަސްކޮޅު ނަމަވެސް ހުރެފިއެވެ. ވަރި ކުރަން ޖެހުމުން އޭނާއަށް ކުރެވެނީ ވަރަށް ޙާއްސަ އެއްޗެއް އަތުން ބީވެގެން ދާ އިރު ކުރެވޭ ކަހަލަ އިޙުސާސެކެވެ. އަނާނީގެ ހިތް އޭނާއަށް ހޯދޭނެ ކަމަށް ކުރިން ހީކުރެވުނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އުއްމީދުގެ ހުޅުކޮޅު ކިތަންމެ ކުޑަޔަސް، އެ އުއްމީދު އޭނާގެ ހިތުގައި އަބަދުވެސް އޮތެވެ. ނަމަވެސް ޔާނިއު ފެނުނު ދުވަހު ލޫކަސްއަަށް ހުރިހާ ކަމެއް ރޭކާލައި، ހުވަފެނަކުން ނުކުމެވުން ކަހަލައެވެ. އެއްކަލަ ހުޅުކޮޅު އެއްކޮށް ނިވިގެން ދިޔައީ އެދުވަަހެވެ. އެހިސާބުން އެއީ ކިހާ މޮޔަ ޚިޔާލެއްކަން ވިސްނުނެވެ. އަނާނީ އަކީ އަބަދުވެސް އެހެން މީހެއްގެ ޙައްޤެކެވެ. ލޫކަސްއަށް މިހާރު އެކަން ވަރަށް ރަނގަޅަށް އޮޅުންފިލައިފިއެވެ. އޭގެ ފަހުން އޭނާ އެ ހުންނަނީ ހުރިހާ އިޙުސާސްތަކެއް އެތެރެއަށް ހިންދާލައިގެނެވެ. ކުރިން އޮތް ވަރަށް ވެސް އަނާނީއާ ގުޅުމެއް ބާއްވާކަށް ބޭނުމެއް ނުވެއެވެ. އެއީ އަނާނީ ދޫކޮށްލަން ޖެހޭ ދުވަހަކުން މާ ދެރަވާނެ ކަން އެނގޭތީއެވެ. އެދުވަސް މިއޮތީ އައިއްސައެވެ.
ޙަޤީޤަތުގައި، ސާރާއާ އަލުން ގުޅެން ނިންމީ ހިތުން ރުހުމަކުން ނޫނެވެ. އެހެނަސް، އަނާނީގެ މަތިން ހަނދާން ނައްތައިލުމަށް އެއަށްވުރެ މޮޅު ގޮތެއް ނުވިސްނުނެވެ. މައްސަލަ އަކީ، އަދިވެސް ސާރާ ދެކެ ޙަޤީޤީ ލޯބި ނުވެވޭތީއެވެ. ސާރާ ކައިރި ވާ އިރު ޚިޔާލުގައި ވަނީ އަނާނީއެވެ. ދުވަހަކު އަނާނީގެ ގައިގައި ބީހިލެވިފައި ނެތަކަސް، އޭނާގެ ހިތުގައި އަނާނީގެ ކުދި ކުދި ހަނދާންތައް ރައްކާކުރެވިފައި އެބަހުއްޓެވެ. އަނާނީ ވާރޭ ތިކިތަކާއި ކުޅެން ބެލްކަނީގައި ހުންނަ މަންޒަރެވެ. ހެނދުނު ހެނދުނާ ސައި ހަދާފައި ގެނެސްދޭ ދުވަސްތަކެވެ. ލޫކަސްއަށް މީރު ވާނޭހެން ވަކި ޚާއްސަ ގޮތަކަށް ކާ އެއްޗެހި ތައްޔާރު ކޮށްފައި ހުންނަ ހުރުމެވެ. އަނާނީ ކޮލެޖަށް ލާން ގޮސް، ގެނެސްދީ ހެދި ދުވަސްތަކެވެ. މީން ކޮންމެ ދުވަހަކު އަނާނީ ގެއަށް އައިސް ޝުކުރު އަދާ ކުރާނެއެވެ. މި ހުރިހާ ކަމެއް މަތިން ލޫކަސް ވަރަށް ހަނދާން ވާނެއެވެ. އެއީ ކިތައްމެ ކުދި ކަންތައް ތަކަކަށް ވިޔަސް، ލޫކަސްއަށް ވަރަށް ހާއްސައެވެ.
ލޫކަސްގެ ވިޔަފާރީ އެހާ އަވަހަށް ފެއްޓީ ވެސް، އެހެން ކަމަކަށް ސަމާލު ދީގެން، ވިސްނުން އަނބުރައިލާށެވެ. އެކަން ކޮންމެވެސް ވަރަކަށް ކާމިޔާބު ވިއެވެ. ވިޔަފާރީގެ ކަންކަމުގައި އޭނާ އުޅެން ޖެހުނީ ހީކުރި ވަރަށް ވުރެ ވެސް ބުރަކޮށެވެ. އެހެންކަމުން އެހެން ކަމަކާ ދޭތެރޭ ވިސްނާނެ ވަޤުތެއް ނުވެއެވެ. އެކަނި ވަޤުތު ހޭދަކުރުމުގެ ބަދަލުގައި ސާރާ ގޮވައިގެން އުޅެއެވެ. ސާރާ ދެކޭ ގޮތުގައި، ލޫކަސް އޭނާ ދެކެ އެ ވަނީ ޙަޤީޤީ ލޯތްބެވެ. އޭނާއާ ދުރުގައި މާ ގިނަ ދުވަހު ނުހުރެވުނީ އެހެންވެއެވެ. މިހާރު އޭނާއަށް އިންތިޒާރު ކުރެވެނީ ލޫކަސްއާ ކައިވެނި ކުރެވޭނެ ދުވަހަކަށެވެ.
ޓީވީ ރެކުމަތީގައި އޮތް ފޯމު އަނާނީއަށް ވުރެ ކުރިން ފެނުނީ ސާރާއަށެވެ. އެހިނދު އޭނާގެ ހިތް ހީވީ އުފަލުން ފުންމައިގަތް ހެނެވެ. އަދި ލޫކަސް އެ ފޯމު ފުރާފައި އޮތްކަން އެނގުމުން، އޭނާއަށް ސަަޕްރައިޒެއް ދޭން ވެގެން އެ ވާހަކަ ނުބުނެ އޮތީ ކަމަށް ހީކުރިއެވެ. އެހެންކަމުން، އޭނާ އޭގައި އަތް ނުލައި އޮތްތާ ބޭއްވިއެވެ. އަދި އެ ފެނުން ކަން ލޫކަސް ކައިރީގައި ނުބުނެއެވެ. ނަމަވެސް، ގެއަށް ދެވުމާއެކު، ހުރިހާ އެކުވެރިންނަށް މެސެޖުކޮށް، ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ވާހަކަ ބުންޏެވެ. ނުހުރެވިގެން، އޮފީސް ވައިބާ ގުރޫޕުގައި ވެސް އިޢުލާނު ކޮށްލިއެވެ. އެންމެން މަރުޙަބާ ކިޔަން ފެއްޓުމުން، ސާރާ ވަކިން ފޮނި ވިއެވެ.
އަނާނީ ކޮޓަރިން ނުނުކުމެ އޮތުމުން، އެ ފޯމު ފެނުނީ އޭގެ އަނެއް ދުވަހެވެ. އެ ފެނުނު ވަޤުތު، އޭނާގެ މޫނުމަތި އިހުނަށްވުރެ އުދާސްވެ، ހިތް މަރުވި ކަހަލަ އިޙުސާސެއް ވިއެވެ. ލޫކަސް އެރޭ ކުރީ ސަމާސާއެއް ނޫނެވެ. ޙަޤީޤަތުގައި ވެސް އޭނާ އެހުރީ އަނާނީ ވަރިކުރަން ތައްޔާރަށެވެ. ހީވަނީ އަނާނީ އެވާހަކަ ނުބުނެގެން ހުރި ހެނެވެ. އަނާނީ އޭތި ފުރަން އިން އިރު، މި ކުރެވެނީ މޮޔަ ކަމެކޭ ހީވިއެވެ. ނަމަވެސް އިތުރު ގޮތެއް އޭނާއަކަށް ނެތެވެ. ލޫކަސްއާ މެދު އޮތް އިޙުސާސްތައް މިއަދު ބަޔާން ކުރާނީ ކޮން ދުލަކުން ހެއްޔެވެ. ކުރިން ލޫކަސް އޭނާއާ ގުޅުން ބަދަހި ކުރަން އުޅުމުން، އެކަމަށް ފުރަގަސްދެވުން ކަން ހަނދާން އެބަހުއްޓެވެ. ލޫކަސް ކައިރިވާން އުޅުނު ކޮންމެ ފަހަރަކު، ރައްދުގައި އަނާނީ އަމާޒު ކުރީ ރުޅިވެރިކަމެވެ. ނަމަވެސް މިހާރު މާ ލަސް ވެއްޖެއެވެ. ފުރުސަތު ގެއްލިއްޖެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.



Haadha kurey mibaives dhen edhekudhinnah angadheebala ekaku anekakah beynun vaanan anyways vaahaka Hama varah reethi waiting for the next part?
Varah?? varah?? reethi??maa sha Allah??. waiting?? for?? the??next?? part.?
maa kuru thankolheh dhigukohlajey nxt part varah reethi waiting for the next part ??
alheyy…
varah reethi mi partt vx ingeyy…loved it
ekam thankolheh kuru ingey..
dhigukohlachey next partt…wiating 4 next parttt
Salhi kon irakun next part waiting… kobai ba hoor handi.. kiyaalache mibai vx eyna ge fav o mi story aky dhw