ނާކާ (އެޕިސޯޑް 07)

- by - 30- November 25, 2019

“ޝައިހާގެ އޭޖް ކިހާ ވަރެއްތަ؟” ޝައިހާގެ އުނގުމަތީގައި އޮށޯވެގެން އޮވެ ފަތީން އަހާލިއެވެ. “25 ވާނެ މިއަހަރު!” ޝައިހާ މިހެން ބުނުމުން ފަތީން ފެށީ ހޭށެވެ. ދެމީހުން އުމުރުގެ ހުރި ތަފާތާއި އެކުވެސް އެކަކު އަނެކަކު ދެކެ ގަޔާވެވުނީތީ ފަތީން އޮތީ ހައިރާންވެފައެވެ. “ކީއްވެ ތިހެނީ..” ޝައިހާ އަހާލިއެވެ. “ދެން އަހަރެންނަށް އަދި 18 އަހަރު. ކިހާ ތަފާތު ދޯ އުމުރުގެ ގޮތުން؟” ފަތީން މިހެން ބުނުމާއެކު ހިނިތުންވެފައި އިން ޝައިހާގެ މޫނުމަތީގެ ކުލަވަރު ބަދަލު ވިއެވެ. “އާނ.. އަނެއްކޮޅުން ޝައިހާމީ ފަތީންގެ ޓީޗަރު.. އެހެންވީމަ މިކަން މީހުނަށް އެނގިއްޖެއްޔާ ވަރަށް ސަކަރާތް ވާނެ. ކުލާސް ކުދިން ކައިރީވެސް ނުބުނައްޗޭ..” ޝައިހާ މިހެން ބުނުމާއެކު ފަތީން އޭނާގެ އުނގުމަތިން ތެދުވިއެވެ. “އާނ.. މިކަން އޮންނާނީ އަހަރެމެންގެ މެދުގަ އެކަނި.” ޝައިހާގެ ދެލޮލަށް ބަލަން އިނދެ ފަތީން ބުނެލިއެވެ. “މިކަން އޮންނާނީ އަހަރެމެންގެ މެދުގަ އެކަނި.” ޝައިހާ ހިނިތުންވެލިއެވެ. ފަތީންއަށް އިތުބާރު ކުރެވޭތީއެވެ. ފަތީން އެކަން ސިއްރު ކުރާނެކަން ޝައިހާގެ ހިތުން އޭނާ ގަބޫލު ކުރީމައެވެ.

ފަތީންއަށް ކުއްލިއަކަށް އޭނާގެ އަތުގައި އަޅައިފައި އޮތް ގަޑިއަށް ބަލާލެވުނެވެ. އެއިރު ގަޑިން ދިހަގަޑި ބައިވަނީއެވެ. މަންމަ ދިހައެއް ޖަހަންވާއިރަށް ގެއަށް އަންނާށޭ ބުނިކަން ހަނދާންވީ އެވަގުތެވެ. ފަތީން ފުންމައިގެން ތެދުވިއެވެ. “އޭ މަންމަ ބުންޔޭ ދިހައެއް ޖަހަން ވާއިރަށް ގެއަށް އަންނައްޗޭ..” ފަތީން ވަރަށް ހާސް ވެފައި ބުނެލިއެވެ. “އެހެންވިއްޔާ ހިނގާ ދާން..” ޝައިހާވެސް އިންތަނުން ތެދުވެ ހިނގައިގަތުނެވެ.

ފަތީން ގެއަށް ދިއައީ ޝައިހާ ގެޔަށް ލާފައެވެ. ގެއާއި ދިމާލަށް ފަތީން ހިނގާފައި ދިޔައިރު އޭނާއަށްވުރެން އުފާވެރި މީހަކު މިދުނިޔެމަތީގައި ނެތްހެން އޭނާ ފެންނަ ކޮންމެ މީހަކަށްވެސް ހީވާނެއެވެ. އަޅާ ކޮންމެ ފިޔަވަޅަކާއިއެކު އޭނާ ފުންމާލާފައި ތެޅިގަނެއެވެ. އެ މޫނުމަތިން އެންމެ ހިނދުކޮޅަކަށްވެސް ހިނިތުންވުން ފިލައިގެންނެއް ނުދެއެވެ. ޝައިހާ ހާސިލް ވުމުން ދިރިއުޅުމަށްޓަކާ ފަތީންއަށް އާ ހިއްވަރެއް ލިބުނެވެ.

ފަތީން ގެއައް ވަތްއިރު މަންމަ ފާތުމާ އޮތީ ސޯފާމަތީގައި ނިދިގެން ވެއްޓިފައެވެ. އެއިރު ގަޑިން ދިހަގަޑި ބައިވެގެން އެތަށް މިނެޓެއް ހިނގައިފިއެވެ. ފަތީން އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަދުނެވެ.

****************

“އަވަސް ކޮށްބެއަ އަހޭ…” ގުޑްސް ޓްރޭޑް ފިހާރައިގެ ފުރާޅުގެ ޓިނުގަނޑަށް ޖަހާފައި އިން އިސްކުރެއް ދޫކުރަން އިން އަތޫފް އާއި ދިމާލަށް ނަޒީހު ވައިއަޑުން ހަޅޭ ލަވައިގަތުނެވެ. ނަޒީހު ހުރީ ފިހާރައިގެ ސަރަހައްދަށް މީހަކު އާދޭތޯ ވަރަށް ސިއްރުން ތިރި ބަލާށެވެ. ފިހާރައިގެ ކަންމަތީގައި ނަޒީހުގެ އެކުވެރި ޝައްފާނު މީހަކު އާދޭތޯ ބަލަން ހުއްޓެވެ. އަތޫފް ޓިނުގަނޑުގެ ތިންތަނަކުން އިސްކުރު ދޫކޮށްފައި ދެމީހުނަށް ވަދެވޭހާ ޖާގަ ހެދުމަށްފަހު އިސްކުރުތަކާއި، އިސްކުރުތަށް ދޫކުރަން ގެންގުޅުނު އިސްކުރު ދޫކުރާ ކަށިގަނޑު ޖީބަށް ލިއެވެ.

އަތޫފް ޓިނުގަނޑު ހިއްލާލުމާއެކު ނަޒީހު އެތެރެއަށް ވަދުނެވެ. ނަޒީހުގެ ފަހަތުން އަތޫފްވެސް އެތެރެޔަށް ވަދުނެވެ. ފިހާރައިގެ މުދާތަށް ރައްކާކޮށްފައި ހުރި ކޮޓަރީގެ ހަރުގަނޑުގެ އެހީގައި ދެމީހުން ތިރިޔަށް ފެއިބިއެވެ. ނަޒީހުގެ ކޮނޑުގައި އަޅުވަފައި އޮތް ދަބަހަށް އެންމެ އަވަހަށް ފެނުނު ދެ ލެޕްޓޮޕް އަތޫފް ލިއެވެ.

އުޒައިރު އިނީ ފިހާރައިގެ ސޭލްސް ނިމްމާލާށެވެ. ފިހާރައިގެ ގުދަނުން އެއްޖެހި މަދުވާކަން ފާހަގަ ކުރެވޭތީ އެއީ އޭނާއަށް ހީވާގޮތްތޯ ނުވަތަ ހަޤީގަތެއްތޯ ބެލުމަށް އޭނާ އިނީ ފިހާރަ ބަންދުކޮށް ފިހާރައިގެ ހުރިހާ ހޮޅިބުރި އެއްވެސް ނިވާލައިގެންނެވެ. މިހެން އިންދައި ގުދަނުގެ ތެރެއިން އެއްޗެއް ތެޅޭއަޑު އިވޭހެން އުޒައިރުއަށް ހީވިއެވެ. މޭޒުމަތީއޮތް ގުދަނުގެ ތަޅުދަނޑި އުޒައިރު ނެގިއެވެ. އަދި ގުދަނާ ދިމާލަށް ހިނގައިގަތުނެވެ.

އެވަގުތު ފިހާރަ ތެރެއިން މީހެއްގެ ފިޔަވަޅުގެ އަޑު އިވޭހެން އަތޫފަށް ހީވިއެވެ. “އޭ އެއީ މީހަކު ހިނގާ އަޑުދޯ؟” އަތޫފް އަހާލިއެވެ. “އާނ ކަލޯ އަވަސް އަވަސް އަވަސް އަރާ..” ދެމީހުން އެކީގައި އިސްކުރުތަށް ނެއްޓުވިފައިވާ ޓިނުގަނޑާއި ދިމާލުގައި ހުރި ހަރުގަނޑަށް އެރިއެވެ.

“ސްސް ސްސް” ފުރާޅު މައްޗަށް އަރައިގެން ނަޒީހު ގޮސް ބިންމަތީގައި ހުރި ޝައްފާނު އަށް ގޮވާލީ އަޑެއް ލައްވާލާފައެވެ. އެވަގުތު ޝައްފާނު ދެފަރާތަށް ނަޒަރު ހިންގާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޝައްފާނު ނަޒީހު ބޯ ދިއްކޮށްގެން އޮތް ހިސާބާއި ގާތް ވެލިއެވެ. އެވަގުތު ނަޒީހު އޭނާގެ ކޮނޑުގައި އޮތް ދަބަސް ޝައްފާނު އަތަށް ވައްޓާލިއެވެ. “ހިނގަ ދާން އަވަހަށް..” ފުރާޅުގައި ނައްޓުވާފައި ހުރި ހުރިހާ އިސްކުރެއް ރަނގަޅަށް ޖަހާ ބާރުކޮށްލުމަށް ފަހު އަތޫފް ވައި އަޑުން ބުނެލިއެވެ.

އުޒައިރުއަށް ގުދަނަށް ވަދެވުނު އިރު އެއްވެސް މީހެއްގެ ހިލަންވެސް ނެތެވެ. އުޒައިރު ސޭލްސް ނިންމާލާފައި ގެޔަށް ދިޔައީ ސީސީޓީވީ ކެމެރާ ތަކުގެ ސްޓޯރޭޖް ހިފައިގެންނެވެ. އެއްވެސް މީހެއްގެ ހިއްސާ ނުވާގޮތަށް އުޒައިރު މި ފިހާރަ ހިންގާތާ މިއީ 15 ވަނަ އަހަރެވެ. މިވީހާތަނަށް ދުވަހަކުވެސް ފިހާރައިން އެއްޗެހި ގެއްލޭކަން ފާހަގަ ވެފައެއް ނުވެއެވެ.

*****************

“މިހާރު ރުޅިގަނޑު މައިތި ވީތަ؟” އާނިސް އޮތީ އޭނާގެ ކޮޓަރި އެނދުމަތީގައި ފައުޒާއަށް ގުޅައިގެންނެވެ. “އެއީ އަސްލު ރުޅިއެއް ނޫނޭ.. ރުޅިއެއް ނާންނަމޭ..” ފައުޒާ މިހެން ބުނުމުން އާނިސް ފެށީ ހޭށެވެ.

އުޒައިރު ގެއަށް ވަތްއިރު އަނބިމީހާ ޝިރާނީ އޭނާ ނައިސްގެން ނުނިދާ ޓީވީ ބަލަން އިނެވެ. “ކޮބާތަ އާނިސް؟” ޝިރާނީ ގާތުގައި އިށީނދެލަމުން އުޒައިރު އަހާލިއެވެ. “ދެންމެ މިތާ އަނގަ ތަޅަން އިނދެފަ އެދިޔައީ ކޮޓަރިއަށް.. މިއަދު ސޭލްސް ރަނގަޅުތަ؟ އެއްކަލަ ގުދަނުން އެއްޗެހި ގެއްލޭ ކަންތައް ކިހިނެއްވީ؟” ޝިރާނީ ސުވާލު ކޮށްލިއެވެ. “މިރޭވެސް ބަޔަކު ވަދެގެން އުޅޭހެން ހީވެގެން މަ ގޮސް ވަތް އިރު ނެތް އެކަކުވެސް. މަގޭ ހިތަށް މި އަރަނީ ކިހިނެއް ބާއޭ އެތަނަށް ބަޔަކު ވަންނަންޔާ އެ ވަންނަނީ…” އުޒައިރު ބުނެލިއެވެ. “ދެން އެތަނުގަ ބިދޭސީއަކު ބަހައްޓަން ހިނގާބަލަ ދަންވަރަށް!”. ޝިރާނީ ހިޔާލު ދިނެވެ. “ހްމްމްމްމް… މާދަމާ ތިކަމާ އުޅޭނަން.”

“ދަރިފުޅާ….. ދަރިފުޅާ އާނިސް..” އުޒައިރު ގޮވާލިއެވެ.

“އޭ ފައޫ… މަޑުކޮށްލައްޗެ.. ބައްޕަ އެބަ ގޮވާކަންނެ.. މަ އެބަ އަންނަން ބޭރަށް ނުކުމެލާފަ.” އަތުގައި އޮތް ފޯނު އެނދުމަތީގައި ބާއްވާފައި އާނިސް ކޮޓަރިން ބޭރަށް ނުތެވެ.

“ކީކޭ ބައްޕާ؟” އާނިސް ކޮޓަރީގެ ދޮރުން ބޭރަށް ބޯ ދިއްކޮށްލާފައި އަހާލިއެވެ. “އާސްބަލަ މިކޮޅަށް ދަރިފުޅާ..” އުޒައިރު އަތުން އިޝާރާތް ކޮށްލަމުން ބުނެލިއެވެ.

“މި ކާޑު ތަކުގަ ހުންނާނެ މިދިޔަ ހަފްތާގެ ސީސީޓީވީ ކެމެރާގެ ފޫޓޭޖްތަށް. ދަރިފުޅު ލެޕުން މީތި ބަލާ ދީބަލަ.” އުޒައިރު ބުނި ވާހަކައިން އާނިސް ހިތުގައި ސުވާލުތަކެއް އުފެދުނެވެ. “ކީއްވީ ބައްޕާ؟ ފިހާރައިން އެއްޗެއް ގެއްލުނީތަ؟” އާނިސް ސުވާލު ކޮށްލިއެވެ. “އާނ ދަރިފުޅާ…. މިއުޅެނީ ގުދަނުން އެއްޗެހި ގެއްލޭތީ.. ގުދަނުގެ ފުޓޭޖާ ދޮރު މަތީގަ ބެހެއްޓިފަ ހުރި ކެމެރާގެ ފުޓޭޖު އޮންނާނެ ތީގަ… މިރޭ ދެން ދަރިފުޅު ދޭ ނިދަން. މާދަމާ ސުކޫލުން އައިސް ވަގުތެއް ހޯދައިގެން ބަލާލާ..” އުޒައިރު މިހެން ބުނުމުން އާނިސް ބޯ ޖަހާލާފައި ދިޔައީ ކޮޓަރިއަށެވެ.

ގަޑިން ބާރަގަޑި ބައިވީއިރު ފަތީން އޮތީ އޭނާގެ ލެޕްޓޮޕުން އިނގިރޭސި ސީރީޒެއް ކަމަށްވާ ‘ރިވަޑޭލް’ ބަލާށެވެ. ބޭބެގެ މަރަށްފަހު އޭނާއަށް ލެޕްޓޮޕުގައި އަތް ލެވުނު މިއީ ފުރަތަމަ ފަހަރެވެ. ކުއްލިއަކަށް އޭނާގެ ފޯނު އެލާމްވާން ފެށިއެވެ. ސީރިޒް ބަލަން އޮއްވައި ނިދިދާނެތީ އޭނާ އޮތީ އޭނާގެ ފޯނު ބާރަގަޑި ބަޔަށް އެލާމް ކޮށްގެންނެވެ. ވައިބްރޭޓު ވަމުންދިޔަ ފޯނުގެ އެލާމް ކަނޑާލުމަށްފަހު ފަތީން ލެޕްޓޮޕްވެސް ނިއްވާލާފައި އެނދުމަތިން ތެދުވިއެވެ. ގޭތެރެއިން އެއްވެސް މީހެއްގެ އަޑެއް ނީވެއެވެ. މިގަޑީގައި ދޮރުހުޅުވައިގެން ބޭރަށް ދާން އުޅެފިނަމަ ގޭތެރެއިން މީހަކަށް އަޑުއިވިދާނެކަން ފަތީން އަށް އިނގެއެވެ. ފަތީން ވިސްނާލިއެވެ. އަދި ކޮޓަރީގެ ކުޑަދޮރު ހުޅުވާލުމަށް ފަހު މަގުމައްޗަށް ނުކުތެވެ.

މަގުމަތި ވަރަށް އަމާނެވެ. އެއްވެސް މީހަކު ފެންނާކަށްވެސް ނެތެވެ. ފަތީން ބްރިޖާއި ދިމާލަށް ހިނގައިގަތުނެވެ. އެކެއް ޖެހިއިރު ފަތީން ހުރީ ބުރިޖު މަތީގައެވެ. އޭނާ ފެނޭތޯ ގަސްބޯ އެމާހައުލުގެ އެކި ދިމަދިމާލަށް ނަޒަރު ހިންގާލުމަށްފަހު ފަތީން އެނބުރިލި ވަގުތު ފަތީން ދިޔައީ ސިއްސައިގެންނެވެ. ކުރިމަތީގައި ހުރީ އިސްކޮޅުން ދިގު، ގާތްގަނޑަކަށް ދެބައި އުމުރަށް ދާވަރުގެ ބާމަތިފުޅާ އާދައިގެ ފަލަމިނެއްގައި ހުރި މީހެކެވެ. އޭނާގެ މޫނުމަތި ފޮރުވިފައިވަނީ ބޮލަށް ވައްދާފައިހުރި ކަޅު ކުލައިގެ ފޮތިގަނޑުންނެވެ. ނަމަވެސް އެފޮތިގަނޑުގައި އޭނާގެ ލޮލާދިމާލުން ލޯވަޅު ކެނޑިފައި ހުއްޓެވެ. ބުރިޖުގައި ދިއްލާފައިހުރި ބައްތީގެ މަޑުއަލިން ފަތީންއަށް އޭނާގެ ދެލޯ ރަނގަޅަށް ފެނެއެވެ. އޭނާ ހުރީ ފަތީންއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެއީ ފިރިހެނެއްކަން ދޭހަ ކޮށްދެނީ އޭނާ ލައިގެންހުރި ކަޅުކުލައިގެ ގަމީހާއި ފަޓުލޫނުންނެވެ. އޭނާގެ ދެއަތްތިލަވެސް ވަނީ ފޮރުވިފައެވެ. “ކާކު؟” ތެޅިތެޅިއޮތް މެއަކާއިއެކު ފަތީން ވާހަކަ ދެއްކިއެވެ.

“ހަމަ ނޭނގިގެންތަ ތިއެހީ؟” އޭނާ ވާހަކަ ދެއްކީ ވަރަށް ބަރު އަޑަކުންނެވެ. އެއީ ގުދުރަތުން ލިބިފައި ހުރި އަޑުނޫންކަން ދޭހަވާވަރަށް އޭނާގެ އަޑު އައިބެވެ. “އާނ.. ކަލޭ މޫނުމަތީގަ ތިހިރީ މާސްކެއް އަޅާފަ. ދެން ކިހިނެއް ތީ ކާކުކަން އިނގޭނީ..” ފަތީން ކުޑަކޮށް ބިރުގަންނަން ފެށިއެވެ.

“މަމީ ކާކުކަން ނުބަލާވެސް ކަލޭ ތިކުރަން އައި ކަންތަށް ކޮށްލައިގެން ކަލެއަށް ދެވިދާނެދޯ؟” އެމީހާ ފަތީންއާއި ގާތްވާން ފެށިއެވެ.

ފަތީން: “ހްމްމްމް.. ކަލޭ ތިދޭންބުނި އެތި ދީބަލަ. މަށައް ވަގުތެއްނެތް.”

އޭނާ: “ހާދަ އަވަހަށް ދާން ތިއުޅެނީ. މަ ކުރިންވެސް ބުނިންދޯ މިޒަމާނުގަ މީހަކު އެދުމެއްނެތި ވެދުމެއް ނުކުރާނެއޭ..”

ފަތީން: “ހްމްމްމް.. ކަލޭ ބުނާ ކަމެއްވެސް މަ ކޮށްދީފާނަމޭ.. އަދިވެސް ތި ދޭން އުޅޭއެއްޗެއް ނުދެވެއެންނު!”

އެވަގުތު އޭނާ އޭނާގެ ޖީބުގައި އޮތް ފޯނު ނެގިއެވެ. އަދި އެ ފޯނު އޭނާ ފަތީންއާއި ދިމާލަށް ދިއްކޮށްލީ ވީޑިއޯއެއް އަޅުވާފައެވެ. ފަތީން އެ ވީޑިއޯއަށް ބަލައިލިއެވެ. އެ ވީޑިއޯއިން ދައްކުވައިދެނީ ދެކުއްޖަކު ކޮންޕިއުޓަރު ތަކެއްގައި ދަގަނޑު ގަނޑަކުން ތަޅަމުން ގެންދާ ތަނެވެ.  ހަމަ އެވަގުތު ފަތީންއަށް އެއީ އޭނާ އާއި އޭނާގެ އެކުވެރި ޖިޔާދުކަންއެނގުނެވެ. އެއީ މީގެ ދެހަފްތާ ކުރިން ފަތީން އާއި ޖިޔާދު ސުކޫލުގެ ސުޕަވައިޒާރސް ރޫމުގައި ހުރި ހަތް ކޮންޕިއުޓަރު ދަގަނޑު ގަނޑަކުން ތަޅާ ހަލާކު ކޮށްލާތަންކަން ފަތީންއަށް އެނގެއެވެ. އެ ވީޑިއޯ ނެގިފައިވަނީ ސުކޫލުން ބޭރާވީ ފަޅީގައިހުރި ކިޑިކީ ދޮރާ ދިމާލުންނެވެ. އެތަން ކޮންމެވެސް ވަރަކަށް އަނދިރި ކަމުގައިވިއަސް އެ ވީޑިއޯއިން ފެންނަނީ ފާތީން އާއި ޖިޔާދުކަން ވަރަށް ސާފުކޮށް އިނގެއެވެ. ނަމަވެސް އެއީ ކޮންބައެއްކަން ފަތީންއަށް އެނގޭކަން އެމީހާއަށް އަންގަން ފަތީން ބޭނުމެއް ނުވިއެވެ.

ފަތީން: “ތީ ކޮން ވީޑިއޯއެއްތަ؟”

އޭނާ: “ހަހަހަ.. ކަލޭއަށް މީ ކޮން ވީޑިއޯއެއްކަން ހަމަ ނޭނގެ؟”

ފަތީން: “އާނ… ނޭނގޭތީދޯ މި އަހަނީ..”

އޭނާ: “ކަލޭ ދެލޯ ކަނީތަ؟ ކީއްވެގެންތަ އަސްލު ސުކޫލުގެ އަގުބޮޑެތި އެއްޗެއްސައް ތިހެން ތިހެދީ؟”

ފަތީން: “އެއީކީ ކަލޭއަކާ ބެހެވޭ ކަމެއް ނޫން..”

ފަތީންގެ ވާހަކަ ފަތީންއަށް ދިފާއު ކުރެވޭކަށް ނެތެވެ. އޭނަގެ ވާހަކަ ދެއްކުންތެރިކަން ހުރީ ފަތީންއަށް ވުރެން މާ ކުރީގައެވެ.

އޭނާ: “ހައްހައްހައް… ކަލޭ ދެންމެ ބުނީ މީ ކޮން ކޮން ވީޑިއޯއެއްކަން ކަލެއަކަށް ނޭނގެއޭ.. މިހާރު ތިކިޔަނީ ކީކޭ؟”

ފަތީން: “ހެވޭ ދެން.. ތީތި ދައްކަންތަ މަތިގެނައީ މިތަނަށް. ކޮބާ މަ ބޭބެގެ ތަހުގީގަށް އެހީވާން ކަލޭ ތިޔަ ދޭން އުޅޭ އެތި. އެއެއްވެސް ނެތްދޯ؟؟ މުޅިން ދޮގޭ މިމީހާގަނޑު ހަދަނީ..”

އޭނާ: “އެވެސް ލިބޭނެ އަދި.. ކަލޭ ޖެހޭނީ ކުޑަ މަސައްކަތެއް ކޮށްލަން..”

ފަތީން: “ތިޔައެއްޗެއް ކަލޭ ނުދިނަސް މަށަށް ދެން ހެޔޮ. ކަލޭ ތިޔައެއްޗެއް ނުދިނަސް ޕޮލިހުން ބޭބެގެ ގާތިލު އަދި ހޯދާނެ އިރާދަ ކުރެއްވިއްޔާ..”

ފަތީން މިހެން ބުނުމަށްފަހު އެމީހާއަށް ފުރަގަސްދީ ހިނގައިގަތުނެވެ.

އޭނާ: “އޭ އަދި މަޑޫކޮށްބަލަ.. ދެން މިވީޑިއޯއަށް ކިހިނެއް ހަދަނީ؟ މަ މީތި އެފްބީއަށް ލާންތަ؟”

އޭނާ މިހެން ބުނުމާއެކު ފަތީން ވަގުތުން ހުއްޓުނެވެ. އެވީޑިއޯ އެއްވެސް މީހަކަށް ފެންނާކަށް ފަތީން ބޭނުމެއް ނޫނެވެ.

އޭނާ: “އޭރުން ވަރަށް ސަޅި ވާނެއެއްނު. ފަހަރެއްގަ ކަލޭ ސުކޫލުންވެސް ވަކިކޮށްފާނެ. އަދި ކަލޭ މަންމައާ ބައްޕައާ ވަރަށް ރުޅި އަންނާނެ ދޯ؟”

ފަތީން ފަސްއެބުރި އޭނާ އާއި ދިމާލަށް ބަލައިލިއެވެ.

ފަތީން: “ކަލޭ ތި ވީޑިއޯ ލީކް ނުކޮށްލާނީ ކިހިނެއް ހެދިއްޔާ؟”

އޭނާ: “ހެހެހެ.. ކަލޭ ޖެހޭނީ ކުޑަކުޑަ މަސައްކަތެއް ކޮއްލަން.. ކަލޭ ބައްޕަ އަކީ ކިހާ މުއްސަނދި މީހެއް. ބައްޕަގެ އެކައުންޓުން މަށަށް ގެނެސްދޭންވީ ފަންސާސް ހާސް ރުފިޔާއާ ބައްޕަގެ ފިހާރައިގެ ރަގިސްޓްރީ ފޯމާ. އޭރުން މަ މީތި ޑިލިޓް ކޮށްލާނަން..”

ފަތީން: “މަގޭ އަކަށް ނޭނގެ ބައްޕަގެ ކާޑުގެ ނަންބަރެއް. އަދި އެ ފޯމު ވީތަނެއްވެސް”

އޭނާ: “އެހެންވީމަ މަ މީތި ލީކް ކޮށްލަންވީދޯ؟ މައްސަލައެއްނެތް.”

ފަތީން: “ނޫން. މަޑުކުރޭ.. އަހަރެން ހޯދަފާނަން”

އޭނާ: “ހެހެ.. ކޮބާ.. މާ އުނދަގޫ ކަމެއް ނޫނެއްނު.. މަ ކަލޭޔަށް ދޭނަން ތިން ދުވަސް. ތިން ދުވަސްތެރޭ ފައިސާ ރައްދު ނުކޮށްދީފިއްޔާ އަހަރެން މި ވީޑިއޯ އާންމު ކޮށްލާނަން.”

އޭނާ މިހެން ބުނެފައި ރަށުގެ އަނެއްފަރާތުގެ ގަސްގަނޑާ ދިމާލަށް ހިނގައިގަތުނެވެ.

ފަތީންއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އޭނާގެ ބޮލަށް އުނދަގޫވިއެވެ. ބައްޕަގެ އެކައުންޓް ނަންބަރު ހޯދާނީ ކިހިނެއްބާއޭ އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. ކޮންމެ ގޮތެއްވިއަސް އެ ވީޑިއޯ އާންމު ކޮށްލުމުގެ ފުރުސަތު އެމީހާއަށް ދެވޭކަށް ނެތެވެ. އޭތި ލީކު ވެއްޖެޔާމު ފަތީންއަށް ސުކޫލުން ވަކިވާންވެސް ޖެހިދާނެއެވެ. ނޫނީ ބޮޑު ޖޫރިމަނާއެއްވެސް އައިސްފާނެއެވެ. ނުވަތަ ސަސްޕެންޑްވެސް ކޮށްފާނެއެވެ. އެގޮތަށް ކަންތަށް ވެއްޖެނަމަ ފަތީންގެ މުޅި މުސްތަގްބަލަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތި ވާނެއެވެ.

******************

އާ ދުވަހަކަށް އިރުއެރީ ފަތީން އާއި ފައުޒާއަށް ފާތުމާ ގޮވަމުން ދަނިކޮށެވެ. “ރޭގަނޑު ގަޑީގަ ނުނިދާ ފޯނާ ބެހެން ތިބެންޔާ ހެޔެއް ނުލެވޭން ނުންތަ..” ބަދިގެޔަށް ވަންނަމުން އިބްރާހިމް އާއި ދިމާލަށް ފާތުމާ ބުނެލިއެވެ. “ދެން ފާތުން އެވަރަށް ހަޅޭ ނުލަވާބަލަ. އަވައްޓެރިން ތިބޭނީ ކިޔާނެ އެއްޗެއް ނުފެނިފަ..” އިބްރާހިމް ކޮފީތަށި ބޮއިލައިގެން ބަދިގެއިން ނުކުތެވެ. ފިހާރައަށް ދާށެވެ.

“ބޮޑު މީހާ… ބޮޑު މީހާ އަހަރެން މުސާރަ ލިބެނީ ކޮންއިރަކުން؟” އިބްރާހިމް ގޮސް ފިހާރަޔަށް ވަނުމާއެކު މަސައްކަތުމީހާ ރުބޭލް އަހާލިއެވެ. “ޕިސް ޕިސް ޕިސް.. އަދި މިއީ މަހުގެ ތިނެކޭ.. އަދި ނުވެއެއްނުންތަ މުސާރަ ނުލިބިގެން އުޅޭކަށް.. ތިހެން އުޅެންޔާ ވަޒީފާއިން ވަކި ކޮށްފާނަން..” އިބުރާހިމް ފިހާރަ ތެރެޔަށް ވަދެގެން ދިޔައީ ހަޅޭއްލަވަމުންނެވެ.

*******************

“މިހާރު ކޮށްކޮއާ އާނިސްއާ އޯކޭތަ؟” ސުކޫލަށް ދިޔަ މަގުމަތީގައި ފަތީން، ފައުޒާ ކައިރިން އަހާލިއެވެ. “އާނ މިހާރު އޯކޭ..” ފައުޒާ ބުނެލިއެވެ.

ސުކޫލަށް ދިޔަ މަގުމަތީ ފަތީން އޭނާގެ ބޮލުގައި އެޅިގެން މިދިޔަ ބޮޑު ޒިންމާ އާއި ދޭތެރޭގައި ވަރަށް ފުންކޮށް ވިސްނިއެވެ. ބައްފަގެ އެކައުންޓު ނަންބަރު ބުނެދޭށޭ ބައްޕަ ކައިރީގައި ބުނާކަށް ނުކެރޭނެއެވެ. ކޮންމެ ގޮތެއްވިއަސް ފަތީންއަށް މިކަމުން ސަލާމަތް ވެވޭކަށް ނެތެވެ. މި ކަންތަށްގަނޑު ފަޅާއެރިއަސް އެހާގިނަ ފައިސާ ސުކޫލަށް ދައްކަން ޖެހޭނެއެވެ. ނަމަވެސް އޭރުން ފަތީންގެ އަގު އެންމެންގެ ކުރިމަތީގައި ވެއްޓޭނެއެވެ. ލީވިންގް ސެޓްފިކެޓު ހަޑިވުންވެސް ގާތެވެ. އެހެންކަމުން ރީތި ގޮތަކީ އެ މީހާގެ އަތުން އެވީޑިއޯ ލީކު ވިއަނުދީ ކުރެވެންއޮތް ހުރިހާ ކަމެއް ކުރުމެވެ.

ކުލާހުގައި ހޭދަވި އެންމެ ހިނދުކޮޅަކުވެސް ފަތީންގެ ސިކުނޑިން އެ ވިސްނުންތަށް ދުރަކަށް ނުދެއެވެ. އާދައެކޭ އެއްފަދައިން އިންޓަވަލް ގަޑީގެ ރަނގަބީލު ޖެހުމާއިއެކު ޝިމާ އާއި އާނިސް އިންޓަވަލްއަށް ގެނައި ކާނާ ހިފައިގެން ފަތީން އިންތަނަށް އައެވެ. “ކޮބާ ނެއްތަ އޮލަ ވާހަކަ އެއް؟” އާނިސް އަހާލިއެވެ. އެވަގުތު ފަތީންގެ ސިކުނޑިއަށް އައީ ރޭގެ ހާދިސާއެވެ. އެވާހަކަ އެ ދެ އެކުވެރިންނާއި ކިތަންމެ ހިއްސާކޮށްލާ ހިއްވި ކަމުގައިވިއަސް ފަތީން އާއި ޖިޔާދު އެރޭ ސުޕަވައިޒާސް ރޫމުގެ ކޮންޕިއުޓަރުތަށް ހަލާކު ކޮށްލިކަން އެދެކުދިންނަށްވެސް ނޭނގޭނެއެވެ. “ކަލޭމެން ދެމީހުން މިތނަށް އައިމަ އަހަރެން އެންމެ މިސްވަނީ ތިއްތިބެ މަތިން.. މިހާރު މިތަނުގަ މަދީ ތިއްތިބެ އެކަނި..” ފަތީން ބުނެލިއެވެ. “އާނނ.. ވަރަށް މިސްވޭ ފަޒީން މަތިން.. ވަރަށް ބޮޑަށް މިސްވޭ..” ޝިމާ އިންޓަވަލް ތަށި ހުޅުވާފައި ކާން ފެށިއެވެ.

އާނިސްއާއި ޝިމާ ވާހަކަ ދައްކަން ތިއްބައި ފަތީން ތެދުވެގެން ހިނގައިގަތުނެވެ. “ކޮންތާކަށް ތިދަނީ އިންޓޯލް ނުބޮއެ؟” ޝިމާ އަހާލިއެވެ. “އެބަ އަންނަން..”

ފަތީން ނުކުމެގެން ދިޔައީ ޖެހިގެން ހުރި ކުލާހަށެވެ. އެކުލާހުގެ ކުލާސް ޓީޗަރަކީ ޝައިހާއެވެ. ފަތީން ގޮސް އެކުލާހުގެ ދޮރުމަތީގައި ހުއްޓިލިވަގުތު ޝައިހާގެ މޫނުމައްޗަށް ވެރިވި ހިނިތުންވުން އޭނާ ފޮރުވާލިއެވެ. “ޖިޔާދު!” މޭޒެއްގެ ދޮށުގައި އިށީނދެލާގެން އިން ޖިޔާދުއަށް އިނގިލިން އިށާރަތްކޮށްލަމުން ފަތީން ޝައިހާ ގާތު ބުނެލިއެވެ. އެމަންޒަރު ފެނުމުން ޖިޔާދުއަށް ފަތީން އެއައީ އޭނާ ހޯދަންކަން އެނގުނެވެ. ޖިޔާދު ތެދުވެގެން އައިސް ކުލާހުން ނުކުތެވެ.

ޖިޔާދު: “ކިހިނެއްވީ ބްރޯ؟؟”

ފަތީން: “ވަރަށް ކަޑަ ކަމެއް ވެއްޖެ.. ކުރީރޭ އަހަރެމެން ސުޕަވައިޒާސް ރޫމް ފުނޑާލަން ދިޔައިރު ކަލޭ އެއްވެސް މީހަކު ކައިރީ ބުނިންތަ؟”

ޖިޔާދު: “ނޫން ނުބުނަން.. ކިހިނެއްވީ؟”

ފަތީން: “އެކަމް އެރޭ މީހަކު އެބައޮތޭ ވީޑިއޯ ކޮށްފަ!”

ޖިޔާދު: “އޭ ވަޓް؟ ކާކު އެއީ؟”

ފަތީން: “ނޭނގެ މަށަކަށް.. ރޭގަ ނުދަންނަ ނަންބަރަކުން މަށަށް އެ ވީޑިއޯ ފޮނުވީ..”

ޖިޔާދުއާ އެމީހާގެ ވާހަކަ އަދި ހިއްސާ ކުރާކަށް ފަތީން ބޭނުމެއް ނޫނެވެ. އެހެންކަމުން ފަތީން ހަދާލީ މޮޅު ދޮގެކެވެ.

ޖިޔާދު: “އައްޗީޑި. ހާދަ ކަޑައޭ.. އޭ… ތިވާހަކަ ދައްކަން ހިނގާބެ ދިމާވާން މިއަދު.. މިތަން ކައެއަށްވެސް އިނގެއެންނު މިއީ އެންމެ ރަނގަޅު ތަން ނޫންކަން ތިވާހަކަ ދައްކަން..”

ފަތީން: “އާނ އޯކޭ މަ ނައްޓާލީ އިނގޭ..”

ފަތީން އެނބުރި ކުލާހަށް ދަމުން އެ ކުލާހުގެ ކިޑިކީދޮރުން ކުލާސް ތެރެޔަށް ބަލާލިއެވެ. ޝައިހާ ހުރީ ފަތީންއާއި ދިމާލަށް ބަލާށެވެ. ފަތީން ދިޔައީ ޝައިހާއާއި ދިމާލަށް އެއްލޯ މަރާލާފައެވެ. އެވަގުތު ޝައިހާ އިސްޖަހާލިއެވެ. ކުލާހުގެ ކުއްޖަކަށް ޝައްކު ވެދާނެތީއެވެ.

*************

ސުކޫލު ނިންމާފައި ގެޔަށް ގޮސް އާނިސް ލެޕްޓޮޕް ހިފައިގެން އޮށޯތުނީ ބައްޕަ އުޒައިރު ރޭގައި ގެނައި ފުޓޭޖުތަށް ބަލާލާށެވެ. ވީޑިއޯ އަކަށްފަހު ވީޑިއޯއެއް އޮޅަމުން އޭނާ ގެންދިޔައެވެ. ފިހާރައިގެ ދޮރުމަތީގެ ވީޑިއޯ އޮޅަމުން ދަނިކޮށް އާނިސްގެ ސަމާލުކަން ހުއްޓުނީ ބަޔަކު ތަޅާ މަންޒަރު ފެނުނު ހިސާބުންނެވެ. އަވަސްމިނުގައި އޮޅަމުންދިޔަ އެވީޑިއޯ އާނިސް ހުއްޓާލިއެވެ. އަދި އަލުން އެ ވީޑިއޯ އޭނާ އެޅުވިއެވެ. އެންމެ ފުރަތަމަ ފެންނަނީ ފިރިހެން ކުއްޖަކު ހިނގާފައި އައިސް ހުއްޓޭތަނެވެ. އެވަގުތު އާނިސް ވީޑިއޯ ޕޯސް ކޮށްލިއެވެ. ވީޑިއޯއިން އެ ފެންނަނީ ފަޒީންއެވެ. އާނިސްގެ ސަމާލުކަން އިތުރަށް ދަމައިގަތީ އެހިސާބުންނެވެ. ވީޑިއޯގެ ބާކީ އޮތް ބައި ބެލުމަށް އާނިސް ލެޕްޓޮޕްގެ “ސްޕޭސް” ބަޓަނަށް ފިތާލިއެވެ.

ފަޒީން އައިސް ފިހާރައިގެ ދޮރުމައްޗެއްހާ ހިސާބުގައި ހުއްޓި ހުރެލުމަށްފަހު ފަހަތަށް ބަލައިލިއެވެ. އެވަގުތު އޭނާއާއި ދިމާލަށް އިތުރު ތިންމީހަކު ހިނގާފައި އައެވެ. އެއަށްފަހު ފަޒީން އެމީހުނާ ވާހަކަ ދައްކާކަން ދޭހަވާގޮތަށް އޭނާގެ އަތުގެ ހަރަކާތްތަށް ހުއްޓެވެ. ފަޒީންގެ ގާތުގައި ހުރީ ނަޒީހުއާއި އަދި އިތުރު ދެމީހުންކަންވެސް އާނިސްއަށް ސާފުކޮށް އިނގެއެވެ. އިރުކޮޅަކުން ނަޒީހު ފަޒީންގެ މޭމަތީގައި އަތް އަޅުވާލައި ކޮށްޕާލާފައި ހިނގައި ގަތުނެވެ. އެވަގުތު ފަޒީން އޭނާގެ ފަހަތުންގޮސް އޭނާއަށް ހަމަލާދިނެވެ.  އެދެމެދުގައި ތަޅާފޮޅުންގަނޑު އުފެދުނީ އެހިސާބުންނެވެ.

އާނިސްގެ ހިތް ވަރަށް ބާރަށް ތެޅެން ފެށިއެވެ. އޭނާ ވަގުތުން އޭނާގެ ފޯނު ނަގާފައި ފަތީންގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ.

 

=އެޕިސޯޑް ހަތެއް ނިމުނީ=

30

You may also like...

6 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.