ލަދު ލޯބި
މުޅި ކޮޓަރި ތެރެއިން ފެންނަނީ ހަމަހިމޭން ކަމެވެ. ނިދާ ބޮކީގެ ފަނޑު އަލީގެ ތެރޭގައި ނަަމްހާ އޮތީ ގަދަ ނިދީގަ އެވެ. އޭރު ގަޑިން ރޭގަނޑު 9 ޖަހަނީ އެވެ.
” ނަމްހާ… އޭ… ނަމްހާ.. ހާދަ އަވަހަކަށް ތި ނިދަނީ… ހޭލަ ބަލަ… ”
ނިދާފައި އޮތް ނަމްހާ އަށް އޭނާގެ ބެސްޓް ފްރެންޑް ކަމުގައި ވާ ނަތާޝާ ގޮވަމުން ދިޔަ އެވެ. ނަމްހާ ނުހޭލުމުން އެންމެ ފަހުން ނަތާޝާ ނަމްހާގެ ދެ އަތުގައި ހިފައި ކޮޅަށް ނެގި އެވެ.
” ނަތާ… އަޅެ ތިހެން ނުހަދާ.. އަހަރެން ހާދަ ނިދި އެބަ އާދެ އޭ…”
ނިދި މޫޑެއް ގައި ކުޑަކުޑަ ކޮށް ދެ ލޯ ހުޅުވައި ލައިގެން ނަމްހާ ވާހަކަ ދެއްކި އެވެ. އެހެނަސް ނަތާޝާ ގޮތް ދޫނުކުރި އެވެ. ނަމްހާ ގެން ގޮސް ފާޚާނާ އަށް ވެއްދި އެވެ.
ފެންވަރައި ރީތި ވެގެން ނަމްހާ ކޮޓަރިން ނިކުތް އިރު ނަތާޝާ އިނީ ގޭގެ ސިޓިންގރޫމްގެ ސޯފާގައި އިށީނދެެގެން ނަމްހާގެ މަންމަ ނަފީދާ އާއި ވާހަަކަ ދައްކަންށެވެ. ނަފީދާ ވެސް ނަތާޝާ އަށް ވަރަށް ހެޔޮކޮށް ހިތަ އެވެ. ނަމްހާގެ ބެސްޓް ފްރެންޑަށް ވީތީ ވަރަށް ޤަދަރު ކުރެއެވެ. ނަފީދާ ދެކެނީ ނަމްހާ ގޮތަށް ނަތާޝާ އަކީ ވެސް އޭނާގެ އަމިއްލަ ދަރި އެއް ފަދަ އިންނެވެ.
” މަންމާ… އެބަ އަންނަން ނަތާމެން ގެޔަށް ގޮސްފަ އެނގޭ.. ”
ނަތާޝާ އާއި ނަމްހާ ގެއިން ބޭރަށް ނިކުތެވެ. ނަމްހާ ދިޔައީ ނަތާޝާގެ ގެއަކަށް ނޫންނެވެ. ދެމީހުން އެއްކޮށް މުޅި މާލެ ތެރޭގައި ސައިކަލް ދުއްވީ އެވެ. ހެނދުނު ގެއިން ނިކުތް ނަމްހާ، ގެއަށް ވަތް އިރު ހުރީ ރޭގަނޑު 8 ޖަހާފައި އެވެ. ނަމްހާ ގެއަށް ވަތް އިރު ނަފީދާ އިނީ ސިޓިންގރޫމްގައި ޓީވީ ބަލަންށެވެ. ނަމްހާ އެހާ ލަހުން ގެއަށް ވަނީމަވެސް ނަފީދާ ހަމަ އެކައްޗެކޭ ވެސް ނުބުނެއެވެ. ކުޑަމިނުން ލަސްވީ ކީއްވެތޯ ވެސް އަހައެއް ނުލައެވެ. ސަބަބަކީ ނަމްހާ އާއި ނަތާޝާއަށް ނަފީދާ ވަރަށް ބޮޑަށް އިތުބާރު ކުރާތީއެވެ.
ދުވަސްތައް ފައްވަމުން ދިޔައެވެ. މިއަދަކީ ނަމްހާގެ 22 ވަނަ އުފަން ދުވަހެވެ. މުޅި ގެ ވަނީ އެކަމަށް ޓަކައި ޖަރީކޮށްފައެވެ. ޕިއްޒާ އާއި ކޯކު ފުޅިތަކުން މުޅި މޭޒުމަތި ވަނީ ތަނަވަސްވެފައެވެ. އާއިލާ މީހުުންނާއި ނަމްހާގެ ރައްޓެހިންނަށް ދަޢުވަތު ދީ އުފަންދުވަސް ފާހަގަ ކުރަން ފެށިއެވެ. ކޭކު ފެޅީވެސް ނަމްހާ އާއި ނަތާޝާ އެކުގައެވެ. މުޅި އެތަނުން ފެންނަނީ އުފާވެރިކަމެވެ. ތަފާތު ލަވަ ތަކާއި ތަފާތު ނެށުން ތަކާއި އެކު އުފަން ދުވަހުގެ ޙަފުލާާ ނިމިއްޖެއެވެ.
އާދުވަހަކަށް އިރު ފެނުން ތޮޅެލިއެވެ. ނަމްހާ އާއި އޭނާގެ މަންމަ ނަފީދާ އިނީ ހެނދުނުގެ ނާސްތާއަށް އިންސާފުކުރަމުށަވެ.
” ދަރިފުޅާ… މިހާރު ދަރިފުޅުގެ އުމުރުން 22 އަހަރުވީ… އަދިވެސް ދަރިފުޅު ކައިވެންޏަކާއި ދޭތެރޭ ނުވިސްނަންތަ؟؟..”
ނަފީދާ ފެށި ވާހަކައިން ނަމްހާގެ އަނގައިގައި ހުރި ކާއެތިކޮޅުވެސް އޭނާގެ އަރުތެރޭގައި ތާށިވި ކަހަލައެވެ.
” މަންމާ… ތި ފެށީ ކޮން ވާހަކައެއް…؟ ”
ނަމްހާ ހައިރާންކަމާއި އެކު އެހިއެވެ.
” އާނ ދަރިފުޅާ… މަންމަ މިހާރު ބޭނުން މާމަ ދަރިއެއްވެސް… ދަރިފުޅު ދެން އަވަހަށް މީހަކާ އިންނަށް އުޅޭ… ”
ނަފީދާ ދައްކަމުން ދިޔަ ވާހަކަތަކުން ނަމްހާ ހުރީ ފާޑަކަށް ފޫހިވެފައެވެ. އަދި އޭނާ ކައިވެނި ކުރަން ބޭނުން ނުވާތީއެވެ. އެހެންނަމަވެސް ނަމްހާއަށް އެކަމަށް އިންކާރު ކުރާކަށްވެސް ނުކެރުނެވެ.
“މަންމާ.. އަދި ޖެހޭނީ ރަނގަޅު ކުއްޖެއް ހޯދާކަށްނު… އަހަރެން ތިކަމާ މެދު ވިސްނާނަން އިނގޭ މަންމާ… ” ނަމްހާ މިހެން ބުނެ ނަފީދާ އަށް ބަލާލަމުން ހީލިއެވެ.
ދުވާލުގެ ދަންފަޅި ނިމި ރޭގަނޑުގެ ދަންފަޅި ފެށިއްޖެއެވެ. ނަމްހާގެ ފޯނު ރިންގުވާ އަޑަށް ނަފީދާއަށް ބަލާލެވުނީ ނަމްހާގެ ފޯނަށެވެ. އޭރު ނަމްހާ ވީ ފޯނު ސިޓިންގރޫމުގައި ބާއްވާފައި ފާޚާނާއަށް ވަދެއެވެ.
“ލަވް ”
ބޭއިޚުތިޔާރުގައި ނަފީދާއަށް ފޯނަށް ބަލާލަމުން ބުނެވުނެވެ. އެވަގުތަކީ ނަމްހާވެސް އެތަނަށް އައި ވަގުތެވެ.
” ދަރިފުޅާ… ކޮން ލަވް އެއްތަ އެ ގުޅަނީ… ؟ ދަރިފުޅު އުޅެނީ ކުއްޖަކާއި ރައްޓެހިވެގެންތަ؟.. ކީއްވެތަ މަންމަ ގާތު ތި ވާހަކަ ނުބުނީ..؟ ”
ނަފީދާއަށް ހުރީ ހެވިފައެވެ. ނަމްހާގެ ލޯބިވެރިއެއް ހުންނަކަން ޔަގީންވީމައެވެ. ނަމްހާ ވަގުތުން ލަދުން މޫނު އިސްދަށަށް ޖެހިއެވެ. އަދި ލަދުވެތި ގޮތަކަށް ހީލިއެވެ.
” މަންމާ… އާނ… އަހަރެންގެ ލޯބިވެރިޔަކު ހުރޭ… މަންމަ ގާތު ބުނަން ލަދު ގަތީ… ސޮރީ މަންމާ..” ވަރަށް ލަދުން ހުރެ ނަމްހާ ވާހަކަ ދެއްކިއެވެ. ނަފީދާ ހުރީ އުފަލުން ފޮޅިފައެވެ.
ދުވަސްތައް ވޭތުވަމުން ދިޔައެވެ. ކޮންމެ ދުވަހެއްގެ އެތައް އިރަކު ނަމްހާ އާއި ނަތާޝާ އެކީގައި ވަގުތު ހޭދަކުރަމުން ގެންދިޔައެވެ. އެކީގައި ކެއުންތަކަށް ގޮސް ވަރަށް މަޖާކޮށް އުޅުނެވެ. ނަފީދާ އަބަދުވެސް ބުނަމުން ދިޔައީ ނަމްހާގެ ލޯބިވެރިޔާ ގެއަށް ގެނައުމަށެވެ. ނަފީދާއަށް އޭނާ ދައްކާލުމަށެވެ. ރަޙުމަތްތެރިކަން ބަދަހިކޮށްލުމަށެވެ. އެހެނަސް ކޮންމެ ފަހަރަކުވެސް ވަރަށް އަވަހަށް ގެންނާނެ ކަމަށް ބުނެ ނަމްހާ ފަރުޖައްސާލަނީއެވެ.
މުޅިން އާދުވަހެއްގެ ރޭގަނޑުގެ ވަގުތެވެ. ނަމްހާ ފެންވަރާލައިގެން ބޭރަށް ނިކުންނަށް ތައްޔާރުވެލިއެވެ.
” ދަރިފުޅާ… ކޮބާތަ ތި ރައްޓެހިވެގެން އުޅޭ ކުއްޖާ…؟ އަދިވެސް މަންމަ އަށް ދައްކާކަށް ނުވޭތަ؟ ” ނަފީދާ އެހިއެވެ. ވަރަށް ގިނައިން ނަފީދާ އެކަމަށް އެދޭ އިރުވެސް އެދެވާ ނަތީޖާއެއް ނުފެންނާތީ އޭނާ ހުރީ ދެރަވެފައެވެ.
” މަންމާ ހާސް ނުވެބަލަ… މިރޭ ވަރަށް ބަލާނަމޭ މަންމަ ގާތަށް ގެނެވޭތޯ… ” ނަމްހާ އޭނާގެ މަންމަގެ އުއްމީދު އާ ކޮށްދެމުން ގެއިން ނިކުތެވެ.
ނަމްހާ ޓެކްސީއަކަށް އަރައިގެން ދިޔައީ މާފަންނުގައި ހުންނަ “ކޮކާ” ނަމަކަށް ކިޔާ ގެސްޓް ހައުސްއަކަށެވެ. އަވަސް ފިޔަވަޅު ތަކާއި އެކު އެ ގެސްޓްހައުސްގެ 2 ވަނަ ބުރީގެ 37 ވަނަ ނަމްބަރު ކޮޓަރީގެ ދޮރުގައި ނަމްހާ ޓަކި ދިނެވެ. އެތެރެއިން ދޮރު ހުޅުވާލީ ނަމްހާގެ ލޯބިވެރިޔާއެވެ. ނަމްހާ ގޮސް އޭނާގެ ލޯބިވެރިޔާގެ ގައިގައި އޮޅުލައިގަތެވެ. ވަރަށް ބާރަށެވެ.
“އިނގޭތަ މަންމަ ކިޔާ އެއްޗެއް..؟ އަހަރެންގެ ލޯބިވެރިޔާ މަންމައަށް ދައްކާށޯ .. ”
ނަމްހާ ހެމުން މިހެން ބުނުމާއިއެކު ނަމްހާގެ ލޯބިވެރިޔާވެސް ހޭންފެށިއެވެ. ދެމީހުންވެސް ހެމުން ދެމީހުން ލައިގެން ހުރި ހެދުން ބޭލިއެވެ. އެއާއިއެކު ދެ ތުންފަތް އެކީ އެކައްޗަކަށް ގުޅި ގުލްޒާރުން ފޮޅުނު މާތަކުން އެ ދެމީހުންގެ ހަށިގަނޑަށް އަރާމާއި ލައްޒަތް ލިބެން ފެށިއެވެ. އެނދުމަށް ވެއްޓި ދެމީހުން ދިޔައީ އެކެއް އަނެކެއްގެ ގައިގައި އޮޅުލާ ހިތަށް އަރާމް ލިބިގަންނަމުންނެވެ.
ނަމްހާއާއި އޭނާގެ ލޯބިވެރިޔާ ސިއްސައިގެން ދިޔައީ ކޮޓަރީގެ ދޮރު ވައްޓާލި އަޑަށެވެ. އޭރު ފުލުހުން ކޮޓަރިތެރެއަށް ވަދެގެންފިއެވެ. ދުނިޔެއަށް އުފަންކުރުވި ގޮތަށް ހުރި ނަމްހާ އާއި އޭނާގެ ލޯބިވެރިޔާ ފުލުހުން ހައްޔަރުކޮށްފިއެވެ.
ނަމްހާ އޭނާގެ ލޯބިވެރިޔާ ގޮވައިގެން އަންނާނެ އިރެއްގެ އިންތިޒާރުގައި ނަފީދާ ގޭގައި އިނެވެ. ނަފީދާ އެހެން އިންދާ އޭނާގެ ކަންފަތުގެ ހިނދުރި ތޮރުފާލީ އޭނާގެ މުޅި ޙަޔާތް ބަރުބާދު ވެގެން ދާ ފަދަ ޚަބަރަކުންނެވެ. ގޭތެރެއަށް ދުވެފައި އައިސް ވަތް މީހަކު ނަމްހާ ފުލުހަށް ގެންދިޔަ ވާހަކަ ބުނުމާއިއެކު ނަފީދާ އަށް ދުއްވައިގަނެވުނީ ފުލުހުންގެ މަރުކަޒާއި ދިމާލަށެވެ.
ފުލުހުންގެ މަރުކަޒަށް ދެވުނު އިރު ނަފީދާގެ ނޭވާ ވަނީ ކުރުވެފައެވެ. ނަފީދާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އޭނާގެ ދަރިފުޅު ނަމްހާ އެވެ. ނަމްހާގެ ގާތުގައި ނަތާޝާވެސް ހުއްޓެވެ. ދެ މީހުންވެސް ތިބީ ބިޑި އަޅުވާފައެވެ. ފުލުހުން ކަންތައް ވީގޮތް ކިޔައިދިނުމުން ނަފީދާ ގެ ގައިން ވަރު ދޫވެގެން ހުރިތަނަށް ތިރި ވިއެވެ. އަދި ވަރަށް ބާރު ބާރަށް ރޯންފެށުނެވެ. ނަމްހާ އާއި ނަތާޝާ ޖިންސީ ގުޅުން ހިންގަން ތިއްބާ ހައްޔަރުކުރި ވާހަކަ ބުނުމުން ނަފީދާގެ ހިތް ހަލާކު ވާވަރުވިއެވެ. ނަފީދާއަށް އޭނާގެ ދަރިފުޅު މާ ބޮޑަށް ދޫކޮށްލެވުނީއެވެ. މާ ބޮޑަށް ދަރިފުޅަށް އިތުބާރު ކުރެވުނީއެވެ. ދަރިފުޅު ޚިޔާރު ކުރި ބެސްޓް ފްރެންޑަކީ އެ ދަރިފުޅު ގެ ލޯބިވެރިޔާކަން ނަފީދާއަށް ރޭކާވެސް ނުލީއެވެ. އެ ވަރުގެ ބޮޑު ފާފައަކަށް ދަރިފުޅު އަރައިގަނެފާނެކަމަށް ހިތަށް ވެސް ނޭރީމައެވެ.
****
ނަމްހާ އާއި ނަތާޝާ އެއް ޖިންސުން ގުޅުން ހިންގުމުން ޖަލަށް ލާން ހުކުމް ކުރިއެވެ. ނަފީދާ މުޅިން އެކަނި ވެރިވީއެވެ. މުޅި ޙަޔާތް ބަނަވީއެވެ. މިއީ ނަފީދާއަށް ރަނގަޅަށް ދަރިފުޅު ތަރުބިއްޔަތު ނުކުރެވުމުގެ ހިތި ނަތީޖާކަން އޭނާ މިއަދު ޤަބޫލުކުރެއެވެ. އެކަމާ ނަފީދާ ހިތާމަ ކުރެއެވެ. އެކަމު މިއަދު ދެން ކުރާނީ ކީއްހެއްޔެވެ؟ ދަރިފުޅު ވަނީ ގެއްލި ހަލާކުވެގެން ގޮސް ޖަލުގެ ތޭރިތަކުގެތެރޭގައެވެ. ނަފީދާ މޫނު މަތީގައި އަތްއަޅާ ރޯންފެށިއެވެ. ހިތަށް ވަރަށް އަސަރު ކޮށްގެންނެވެ. ނަފީދާ މޫނު މަތިން އަތް ނަގާ ކަން ބޭނުމެއް ނުވެއެވެ. މުޅި ދުނިޔެ އާއި ކުރިމަތި ލާން މިއަދު ނަފީދާ ވަނީ ޖެހިލުންވެފައެވެ.
-ނިމުނީ.
3 Comments!
Comments are closed.


ewww… sounds discusting… ???
Ewwww… Achheedi… Dude mi kahala vaahaka nuliyebrrr… Varah gothkuda…
Strongly agree.
It really disgusting.
Feels so annoying to read