ނާކާ – (އެޕިސޯޑް 06)

- by - 40- November 20, 2019

ޝައިހާގެ ގެއިން ނުކުމެގެން ފަތީން އައިސް ގެޔަށް ވަތްއިރު ފައުޒާ ސިޓިންގްރޫމް ސޯފާމަތީގައި ފޯނެއްގައި އިނެވެ. ފަތީން ކޮޓަރިއަށް ދިޔައީ ފައުޒާއާއި ސަމާސާ ކޮށްލުމުގެ ގޮތުން އޭނާގެ އިސްތަށިގަނޑަށް ދަމާލާފައެވެ.

“ދެން މަ ދާހިތްވީމަ ދާނަމޭ ސުކޫލަށް. އާނިސް ދެން ހުރިހާ ކަމަކާ ނުބެހި އޮވެބަލަ.” ފައުޒާ، އާނިސްއާއި ވާހަކަ ދެއްކީ ވަރަށް ރުންކުރު ގޮތަކަށެވެ. މިފަހަކަށް އައިސް އާނިސް ކޮންމެ އެއްޗެއް ބުންޔަސް ފައުޒާ ވަރަށް ފަސޭހައިން ރުޅިއަންނަކަން އާނިސްއަށް ފާހަގަ ކުރެވެއެވެ. “ބޭބީ ކީއްވެތަ މިހާރު ތި ރުޅި އައީ؟ މިތާކު ރުޅިއަންނަ ވަރުގެ ވާހަކައެއް މަ ނުބުނަމެއްނު. ބޭބީއަށް ރަނގަޅަކަށް ދޯ ސުކޫލަށް ދާންވެސް މަމިބުނަނީ..” އާނިސް ވަރަށް ދެރަވެލާފައި ބުންޔެވެ. “ހްމްމްމްމް… ދެންހެވޭ.. އަބަދު ފަތުވާ ނުދިނަސް ވެދާނެދޯ..” ފައުޒާ ބުނިގޮތުން އޭނާ ހުރީ ބޮލަށް އުނދަގޫ ވެފައިކަން އާނިސްއަށް އެނގުނެވެ. “ދެން… ތިވައްތަރަށް ވާހަކަ ދައްކާތީއޭ މަ ނައްޓަނީ.. ފައޫ ތިއްތިބެ ނެތީމަ ދެރަވެފަ ހުންނަވަރުން މަމިހުންނަނީ ކެތްކޮށްގެން އެއްޗެކޭ ނުބުނަން.. މަކުރާ މެސެޖުތަކަށް ރިޕްލައެއް ނުދޭ.. ފޯނު ނަގަނީ ހިތަށް އެރިއްޔާ.. އެކަމަކު ފޯނު ނަގާ ފަހަރަކުވެސް ތިއިންނަނީ އެއްޗެކޭ ބުނެލާއިރަށް ރުޅިއައިސްފަ. ތިގޮތަށް ހެދީމަ އަހަރެން ވަރަށް ދެރަވޭ. ތިހެން ނުހަދާ ރީއްޗަށް ބުނީމަ މަ ފޯނު ބާއްވަފާނަމޭ..” އާނިސްއަށް ކެތް ނުކުރެވުމުން އޭނާ ފައުޒާއާއި ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިގެންނެވެ. “އެހެންވީރު ބާއްވަންވީއެންނު.” ފައުޒާ މިހެން ބުނެފައި ފޯނު ސޯފާ މައްޗަށް އެއްލާލިއެވެ. އެވަގުތު އާނިސް ފޯނު ކަނޑައިލިއެވެ.

ފައުޒާ އެހާ ބަދަލުވީ ކީއްވެގެންބާއޭ އާނިސްގެ ހިތަށް އެރިއެވެ. އާނިސްދެކެ މިހާރު ފައުޒާ ލޯބި ނުވަނީ ބާއެވެ؟ ނޫނީ މިހުރިހާ ދުވަހު އާނިސްއާއި އެކީގައި ފައުޒާ އުޅުނީ އެއީ ފަޒީން އެދޭގޮތް ވީމަބާއެވެ؟ މިފަދަ ޖަވާބު ނޭނގޭ އެތަށް ސުވާލު ތަކަކާއިމެދު އާނިސް އެރޭ ވަރަށް ބޮޑަށް ވިސްނިއެވެ. އަދި އެވާހަކަ ފަތީންއާއި ހިއްސާ ކުރުމަށް އޭނާ ހުރީ ވިސްނައިގެންނެވެ.

ފަތީން ދަތް އުނގުޅާ، މޫނު ދޮވެލާހަދައިގެން ފާހަނައިން ނުކުމެ އެނދުމައްޗަށް ވެއްޓިގަތީ ވަރަށް ވަރުބަލިވެފައި ހުރީމައެވެ. އެވަގުތު އޭނާގެ ހިތަށް މިރޭ މިހިނގާދިޔަ ކަންތަށްތަށް އަންނަން ފެށިއެވެ. ޝައިހާގެ ވިސްނުން އެންމެ ހިނދުކޮޅަކަށްވެސް ފަތީންގެ ހިތަކުން ނުދިޔައެވެ. އެ ޙިޔާލު ތަކުގައި ފަތީން އޮތީ ނިދިނައިސްފައެވެ.

ދެފަރާތަށް ފުރޮޅި ފުރޮޅި އެތަށް އިރަކު އޮތުމަށްފަހު ފަތީން އޭނާގެ ފޯނު ނެގިއެވެ. ފޭސްބުކަށްވަދެ ހާވަމުން ދަނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ ފޭސްބުކުގެ ‘ސަޖެސްޝަން ލިސްޓް’ ގައި ޝައިހާގެ ފޮޓޯ އަކާއި އެކު އޭނާގެ ނަން ޖަހައިފައިއިން އައިޑީއެކެވެ. ފަތީން ވަގުތުން އެއައިޑީއަށް ވަދެލިއެވެ. އެއީ ޝައިހާގެ ފޭސްބުކް އައިޑީއެވެ. ފަތީން ވަގުތުން ފްރެންޑް ރިކުއެސްޓް ފޮނުވާލިއެވެ.

“ކަލެޔަށް އަދި އެއްފުރުސަތު ލިބިދާނެ.” ކުއްލިއަކަށް ފަތީންގެ ފޯނަށް އައި މެސެޖް ފަތީން ހުޅުވާލީއިރު އެއީ އެ ގޮތްނޭގޭ މީހާގެ ފަރާތުން އައި މެސެޖެކެވެ. އޭނާ އެދައްކަނީ ކޮން ފުރުސަތެއްގެ ވާހަކަކަން ފަތީންއަށް ހަމަ ރަނގަޅަށް އެނގެއެވެ. ނަމަވެސް ފަތީން އެ މެސެޖަށް ރަށްދެއް ނުފޮނުވައި މަޑުކޮށްލިއެވެ. އެމީހާގެ ދެވަނަ އިޝާރާތެއް ލިބޭތޯއެވެ.

ފަތީންއަށް ހީކުރެވުނީ ރަނގަޅަށެވެ. ދެތިން މިނެޓު ފަހުން އެ ނަމްބަރުން ފަތީންއަށް ގުޅަން ފެށިއެވެ.

ފަތީން: “ހަލޯ..”

އޭނާ: “އަހަރެން ކަލެޔަށް އަދި އެއްފުރުސަތު ދީފާނަން. މިކަމުން ފައިދާ ވާނީ ހަމަ ކަލެޔަށް. އަހަރެން ކަލެޔަށް ދޭން މިއުޅެނީ ކަލޭ ބޭބެގެ މަރުގެ މައްސަލަ ތަހުޤީގު ކުރުމަށް ކަލެޔަށްވެސް އަދި ފުލުހުންނަށްވެސް ވަރަށް ފަސޭހަ ވާނެ އެއްޗެއް.”

ފަތީން: “އެއީ ކޯއްޗެއް؟”

އޭނާ: “އިހައް އަޑުއަހާބަލަ. އެއީ ކޯޗެއްކަން އިނގޭނީ ކަލޭ އައީމަ. އެކަމަކު މިރޭ ކަލޭ ތިކުރި ކަހަލަ ކަޑަ ކަމެއް ތަކުރާރު ވެއްޖެޔާ އޭގެމަތިން ހަނދާން ނައްތާލާ..”

ފަތީން: “ކޮންމެހެން މަތާކަށް ނުގެންދިޔަސް ކަލޭ ތިދޭންއުޅޭ އެއްޗެއް މިގޭ ކައިރިއަށް އައިސްވެސް ދެވިދާނެދޯ..”

އޭނާ: “ހަހަހަހަހާ… ބަލަ މޮޔަޔާ.. މިޒަމާނުގަ އެއްވެސް މީހަކު އެދުމެއް މެތި ވެދުމެއް ކުރޭތަ؟ މަ ކަލޭއަށް އެހާ ބޭނުންތެރި އެއްޗެއް ދޭއިރު ކަލޭގެ ފަރާތުން މަ ބޭނުންވާ އެއްޗެއް ލިބެންވާނެދޯ. އެވާހަކަ ރަނގަޅަށް ދައްކާލެވޭނީ ކަލޭމެންގޭ ދޮރުމަތީތަ ނޫނީ އެކަހެރި ތަނެއްގަތަ؟”

ފަތީން: “ހްމްމްމްމް… އެކަހެރި ތަނެއްގަޔޯ.. ކޮންތާކަށްތަ ދެން ދާންވީ؟”

އޭނާ: “ހަމަ މިރޭވެސް ދިޔަތަނަށް. އެކަމަކު މާދަމާރޭ ދަންވަރު 1 ޖަހާއިރު. ނަމަނަމަ ސުކޫލުންވެސް މީހަކު ކައިރީ ނުބުނާތި. ބުނެފިއްޔާ ޑީލް ނިމުނީ..”

އޭނާ މިހެން ބުނުމަށްފަހު ފޯނު ކަނޑައިލިއެވެ.

ޖެހިގެންއައި ދުވަހު ފަތީން ސުކޫލަށް ދާން ނުކުތްއިރު ފަތީންއަށް ފެނުނީ ވަރަށް އުފާވެރި މަންޒަރެކެވެ. ފައުޒާ އިނީ ސުކޫލަށް ދާން ތައްޔާރުވެ ޔުނީފޯމު އަޅާލައިގެންނެވެ. “ހާދަ ރަނގަޅު ކުއްޖެކޭދޯ މީނީ؟” ފަތީން މިހެން ބުނުމާއެކު ފައުޒާ ހިނިގަނޑެއް ޖަހައިލިއެވެ. “ތިކަހަލަ ރަނގަޅު ބޭބެއެއް ލިބުނީތީވެސް ރަނގަޅަށް އުޅެވޭތޯ ބަލަން ވާނެއެއްނު.” ފައުޒާގެ މޫނުމަތީގެ އުފާވެރިކަން ފެނިފައި ފަތީންގެ އުންމީދު އާލާވިއެވެ. ގޭތެރޭއަށް ގެންނަން ބޭނުންވާ ދިރުމުގެ ކޮޅުމަތި ފެނުނު ފަދައެވެ. ބަދިގެއަށް ވަތްއިރު ބައްޕަވެސް އިނީ ފިހާރަޔަށްދާން ތައްޔާރުވެގެންނެވެ. ފަތީންގެ ބައްޕަ އިބުރާހިމްގެ ވިޔަފާރިއަކީ ރަށުގައި އެންމެ ފުޅާކޮށް ހިންގާ ވިޔަފާރި ތަކުގެ ތެރެއިން އެއް ވިޔަފާރިއެވެ. އިބްރާހިމްއަކީ މިހާރު މިރަށުގައި ހުރި އެންމެ މުއްސަނދި ފަސް މީހުންގެ ތެރޭގައި ހިމެނޭނެ އެކަކެވެ. ނަމަވެސް އޭނާ އެފައިސާ ގެންގުޅެނީ ވަރަށް ފިއްތައިގެންނެވެ. އޭނާގެ ދަރިން ކަމަކު ބުންޔަސް އޭނާ ބަލަނީ އެކަމެއް ނުކޮށްދީ ވޭތޯއެވެ. އެ ފައިސާ މަދުވެދާނެތީއެވެ.

މިއަދުވެސް ކުލާހުން ފަތީންއަށް ޝައިހާއާއި ދިމާވިއެވެ. ނަމަވެސް މިއަދު އޭނާގެ މިޒާޖު ތަފާތެވެ. އެ މޫނުން ފެންނަ ހިނިތުންވުމާއި ހިތްހެޔޮކަން މިއަދު ނުފެންނަކަން ކުލާހުގައި ކިޔަވަންތިބި ހުރިހާ ކުދިންނަށްވެސް އިނގޭނެއެވެ. ދިވެހިގަޑި ފެށިގެން ނިމެންދެންވެސް ފަތީންއަށް އިނދެވުނީ ކަޅިޖަހާނުލައި އެރީތިކަމަށް ބަލާށެވެ. ފަތީންގެ ހިތުގައި ޝައިހާއަށްޓަކާ ލޯބި އުތުރެމުން ދިޔައެވެ. ނަމަވެސް އޮޅުމަކުންވެސް މިއަދު ޝައިހާ، ފަތީންއާއި ދިމާލަށް ބަލައެއް ނުލައެވެ.

އާދައެކޭ އެއްފަދައިން ކުލާސް ނިންމާފައި ފަތީން ސުކޫލުން ނުކުތީ އާނިސްއާއި ޝިމާއާ އެކުގައެވެ. “އެއްކަލަ މީހާގެ ޙަބަރެއް ނުވޭތަ؟” ޝިމާ އަހާލިއެވެ. “އާނ ނުވޭ.. އެއީ މީހަކު އަހަރެން ތަޅުވަން ދެއްކި ވާހަކައެއް ކަންނޭގެ..” ފަތީން ހެދީ ދޮގެކެވެ. ސަބަބަކީ އެމީހާއާއެކު ފަތީންވި އެއްބަސްވުމާ ޙިލާފުވާން ފަތީން ބޭނުން ނުވީމައެވެ.

“އޭ ތިއެއް ނޫނޭ.. ވަރަށް ސަކަރާތޭ މިހާރު. ފައޫ ވަރަށް ޗޭންޖް. ގުޅާގެން ރީތިކޮށް ވާހަކަ ދައްކަން އުޅުނަސް ފަތުވާ ދެނީއޭ ކިޔާފަ ރުޅިއަންނަނީ.. އޭނަ ރުޅި ނާންނަ ކަހަލަ އެއްވެސް އެއްޗެއް މިހާރު މަށަކަށް ނުބުނެވެ.” އާނިސް ވަރަށް ކަންބޮޑުވެފައި ހުރެ ފަތީން ކައިރީ ބުނެލިއެވެ. “އެހެންތަ؟ މަ ވާހަކަ ދައްކާލާނަން އޭނަޔާ އިނގޭ..”

އެކިއެކި ވާހަކަތަކުގައި ތިންކުދިން ހިނގަމުން އައިސް ޕޮލިސް ސްޓޭޝަންއާ އަރާ ހަމަވިވަގުތެވެ. ފުލުހުންގެ އުޅަނދު އައިސް ޕޮލިސް ސްޓޭޝަން ދޮރުމައްޗަށް ހުއްޓާލިއެވެ. އޭގެން ފެއިބީ ނަޒީހުއެވެ. ނަޒީހު އެ ތިންކުދިންނާ ދިމާލަށް ބަލައިލި ވަގުތު އެތިންދުކުދިން ނުލަފާ ގޮތަކަށް ހިނިގަނޑެއް ޖަހައިލިއެވެ. ޕޮލިސް އޮފިސަރު ސަމާހުއާ އެކީގައި ނަޒީހު ޕޮލިސް ސްޓޭޝަންއަށް ވަދުނީ އެކުދިންނާއި ދިމާލަށް ދެލޯ އަޅައިގެން ހުރެއެވެ.

“ފަޒީން އަލީ އިބްރާހިމްގެ އާއިލާއިން އެބަބުނޭ ނަޒީހު އޭނަ މަރާލަން ތަކުރާރުކޮށް އިންޒާރު ދިން ވާހަކަ! މީ ކިހާވަރެއްގެ ތެދު ވާހަކައެއް؟” ސަމާހު ސުވާލު ކޮށްލިއެވެ. “އަހަރެން އޭނަޔާ ދިމާލަށް ބުނިން މަރާލާނަމޭ.. އެކަމަކު އަހަރެން މީންކޮށް ބުނި އެއްޗެއް ނޫން އެއީކީ…” ނަޒީހު ޖަވާބުދިނެވެ. “އެހެންވިއްޔާ 28 ޖޫން 2019 ވީ ހުކުރު ދުވަހުގެރޭ ނުވައެއްގެ ފަހުން ނަޒީހުއަށް ފަތީންއާއި ދިމާވިތަ؟” ސަމާހު ސުވާލު ކޮށްލިއެވެ. ނަޒީހު ނޫނެކޭ ބުނުމުގެގޮތުން ބޯ ހޫރާލިއެވެ.

ސަމާހު: “ކޮބާ އަސްލު ނަޒީހުއާ ފަޒީނުގެ ދެމެދުގައި ޖެހިފައިއޮތް މައްސަލައަކީ؟”

ނަޒީހު: “އަނެއްހެން މައްސަލައެއް ނުޖެހެ. އަހަރެން އޭނަ ކައިރީގަ ބުނަނީ އަހަރެން ޝިމާ ދެކެ ލޯބިވެޔޭ. ބުނީމަ އޭނަ ނައްޓާގެން ގަޔަށް ބޮލަށް އަރަނީ..”

ސަމާހު: “ދެންކީއްވެ މަރާލާނަމޭ ބުނަން ޖެހުނީ؟”

ނަޒީހު: “އެއީ އެގޮތަށް އޭނަ އަހަރެން ފްރެންޑްންނާއެކު އުޅޭ ގަޑިތަކުގަވެސް އައިސް ބޮލަށް އަރާތީ ރުޅިއައިސްގެން ބުނެވޭ އެއްޗެއް. އެކަމަކު ރުޅި މަޑުވީމަ އަހަރެން އަޅައެއް ނުލަން ފަހަކުން. އޭނަ މަރާލަން ވިސްނުމެއްވެސް އަހަރެން ނުގެންގުޅެން. އެހެންނޫނަސް މީކީ ލޮތްބަށްޓަކާ އެކަކު އަނެކަކުގެ ފުރާނަ ދުއްވާލާ ޒަމާނެއްވެސް ނޫނެއްނު.”

ނަޒީހުގެ ބަޔާނަށްފަހު ސަމާހުއަށް އެނގުނު ގޮތުގައި ނަޒީހުގެ ހިތުގައި ފަޒީންއާއި މެދު މާބޮޑު ރުޅިވެރިކަމެއް އުފެދިފައެއް ނެތެވެ. އަދި އެރޭ ފަޒީންއާއި ނަޒީހު އެއްވެސްތާކުން ބައްދަލުވެފައި ވާކަމުގެ ހެތްކެއް ފެންނާކަށްވެސް ނެތެވެ. އެހެންކަމުން އިތުރަށް މައްސަލަ ތަހުޤީގު ކުރުމަށް ނަޒީހު ދޫކޮށްލެވުނެވެ.

**********************

ފަތީން ޔުނީފޯމް ބަދަލު ކޮށްލައިގެން ބަދިގެޔަށް ދިޔައިރު ފައުޒާ އިނީ މޭޒު ދޮށުގައި ކާށެވެ. މަންމަ ފާތުމާ ހުރީ ފަތީންއަށް ކާން ހަދައިގެން ފަތީން ނައިސްގެން ލަސްވެފައެވެ. ފަތީން މޭޒު ދޮށުގައި އިށީނދެ ކާންފެށުމުން ފާތުމާ އުނދުން މަތީހުރި ތެއްޔެއް ހިފައިގެން ބޭރަށް ނުކުތެވެ. “ކޮއްކޮ ކީއްވެގެންތަ މިހާރު އާނިސް ދެކެ އެހާ އަވަހަށް ރުޅިއަންނަނީ؟” ދަނޑިވަޅު ބަލާފައި ފަތީން ބުނެލިއެވެ. “ނޭނގެ… އޭނަގެ ވާހަކަ މިހާރު ހުންނަނީ އަހަރެން ވަރަށް ބޮލަށް އުނދަގޫވާ ކަހަލަ ގޮތަކަށް..” ފައުޒާ މޫނު ހަދައިލިއެވެ. “އެކަމަކު އޭނަ ކޮއްކޮ ދެކެ ކިހާ ލޯބިވޭ.. އެހެންވީމަ ކޮއްކޮވެސް ވާނެ ކެތްތެރިވާން އޭނައަށް ކޮއްކޮ ހިތްހަމަ ނުޖެހޭކަހަލަ ކަމެއް ކުރެވުނަސް.” ފަތީން، ފައުޒާއަށް ވިސްނައިދިނެވެ.

ނަމަވެސް ފައުޒާ އަކީ ގިނަ ފަހަރު މީހުން ދައްކާ ވާހަކަ ގަބޫލު ކުރާ ކުއްޖެއް ނޫނެވެ. ކޮންމެ މީހަކު ބުންޔަސް އޭނާ ކަންތަށް ކުރާނީ އޭނާގެ ހިތަށް އައި ގޮތަކަށެވެ. މީހަކު މާގިނައިން އޭނާއަށް ނަސޭހަތް ދެންޔާ އޭނާގެ ގާތަށް އަންނާނީ ރުޅިއެވެ. ކުޑަ އިރުއްސުރެވެސް ފައުޒާ އަކީ ސިގު ރުޅިއެއް ގެންގުޅޭ ކުއްޖެކެވެ.

ކައިނިމިގެން ފަތީން ގޮސް ވަދުނީ ކޮޓަރިއަށެވެ. އަރާމުކޮށްލާށެވެ. އެނދުމަތީގައި އޮތް ފޯނު އަތުގައި ޖެހުމާއިއެކު ފަތީން އެންމެ ފުރަތަމަވެސް ވަދެލީ ފޭސްބުކަށެވެ. ޝައިހާ ވަނީ ފަތީންގެ ފްރެންޑް ރިޗުއެސްޓް އެކްސެޕްޓް ކޮށްފައެވެ. އެވަގުތު ފަތީންއަށް ކުރެވުނީ ބުނެދޭން ނޭނގޭނެފަދަ އުފާވެރި އިހުސާސެކެވެ. އޭނާގެ މެޔަށް ފިނިވެގެން ދިޔައެވެ. ފަތީން އޭނާއަށް މެސެޖަހުން ގޮވާލިއެވެ. މާގިނައިރުތަކެއް ނުވެ އެކޮޅުން ރިޕްލައިގެ މެސެޖެއް އައުވެ.

ފަތީން: “ހިތް ހަމަ ނުޖެހިފަތަ؟”

ޝައިހާ: “ހެހެ ނޫން… މިސް ހީކުރީ ފަތީން ހިތްހަމަ ނުޖެހިފަ ކަމަށް.”

ފަތީން: “ނޫން.. ކީއްވެ ހިތްހަމަ ނުޖެހެންވީ؟”

ޝައިހާ: “ނޭނގެ. ދެން ނާންނާނަންތަ ޓޯކް ކޮށްލާކަށްވެސް؟”

ފަތީން: “ނޫން ވަރަށް ބޭނުން ދާން..”

ޝައިހާ: “ހެހެ ކިހާވަރަކަށް ބޭނުން؟”

ފަތީން: “ވަރަށް ބޮޑަށް. ބޮޑު ކަނޑެއް ހުރަސްކޮށް ފަތާފަވިޔަސް ދާހާ ބޮޑަށް. ހެހެ”

ސަމާސާއެއްގެ ގޮތުގައި ފަތީން އޭނާ ޝައިހާއާއި ގަޔާވާކަން ހާމަ ކުރިއެވެ. ނުސީދާ ބަސްތަކަކުންނެވެ. ޝައިހާއަށް އެކަން ދެނެގަންނަން އެނގޭތޯ ފަތީންގެ ހިތާހިތުން ދުއާ ކުރަމުން އޭނާ ގެންދިޔައެވެ.

ޝައިހާ: “އާދޭ މިރޭވެސް އެހެންވިއްޔާ..”

ފަތީން: “ޔާ.. އެކަމް މިރޭ ހިނގާ އެހެންތާކަށް ދާން.. ތިގެއަށް ކޮންމެރެޔަކު ވަންނަތަން މީހުނަށް ފެނުނިއްޔާ ކަޑަވާނެ.”

ޝައިހާ: “ހަމަ އޯކޭ.. އުތުރު ފަރާތު ބްރިޖް ކާރިއަށް ދާންވީނު؟”

ފަތީން: “އޯކޭ..”

ޝައިހާއާއި ވާހަކަ ދައްކާލެވުމުން ފަތީންއަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނެވެ. އެ ހިތްހަމަ ޖެހުމުގައި ފަތީން އޮއްވާ އޭނާއަށް ނިދުނެވެ.

އެރޭވެސް 9 ޖެހުމާއެކު ފަތީން ޝައިހާއަށް ގުޅިއެވެ. ޝައިހާ ބޭނުންވީ އެވަގުތު ބައްދަލުވާށެވެ. ފަތީން ވަގުތުން ލައިގެންހުރި ގަމީހަށް ސެންޓް ޖަހާލާ، މޫނުމަތީގައި ފުއް ޖަހާލައިގެން ނުކުތެވެ. އެއިރު މަންމަ ފާތުމާ ސިޓިންރޫމްގައި އިނެވެ. “ކޮންތާކަށް މާރީތިވެގެން ދަރިފުޅު ތިދަނީ؟” ފާތުމާ ސުވަލު ކޮށްލިއެވެ. އެވަގުތު ފަތީން ހަދާނެ މޮޅު ދޮގެއް ވިސްނާލިއެވެ. “މިދަނީ ޝިމާމެން ގެޔަށް ގްރޫޕް އެސައިންމެންޓެއް ނިންމަން.” ފަތީން ބުނެލިއެވެ. “ދިހައެއް ޖަހަންވާއިރަށް ގެޔަށް އަންނައްޗޭ..” ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިނދެ ފާތުމާ ބުނެލިއެވެ.

ފަތީން ހިނގާފައި ދިޔައީ ވަރަށް ބާރަށެވެ. ޝައިހާއާއި ބައްދަލު ކޮށްލާހިތުން ކެތްމަދު ވެފައިހުރީމައެވެ. ރަށުގެ ބޮޑުމަގާއި އަރާ ހަމަވި ވަގުތު ނަޒީހުއާއި އިތުރު ދެމީހަކު ޖޯލިފައްޗެއްގައި ތިބިތަން ފަތީންއަށް ފެނުނެވެ. ފަތީން ފެނުމާއެކު ނަޒީހު އިންތަނުން ތެދުވެ ފަތީންއާއި ދިމާލަށް ހިނގާފައި އައެވެ. “އޭ ދަންނަނުދަންނަ މަޑުކޮށްބެ..” ނަޒީހު ވާހަކަ ދެއްކީ ފަތީންއާ ކަން އޭނާއަށް އެނގެއެވެ. ނަމަވެސް އޭނާއާއި ވާހަކަ ދައްކަން ބޭނުން ނުވާތީ ފަތީން އިސްއުފުލާ ބަލާވެސް ނުލައި ކުރިއަށް ދިޔައެވެ. “ކަލޭ ހީކުރީ ޕޮލިސް ސަމާހު ކައިރީގަ މަގޭ ވާހަކަ ކުޓުވާލީމަ މަ ބެދޭނެ ކަމަށް ދޯ. ހެހެ ސޮޑު ގޮލާ.. މިހިރީމަ.. ހައްޔަރެއްވެސް ނުކުރެވޭނެ.” ނަޒީހުގެ ވާހަކަޔަށް ފަތީން އެއްވެސް ސަމާލުކަމެއް ނުދީ ކުރިއަށް ދިޔައެވެ. “ހެހެހެ.. ތަޅާލީމަ މިހާރު ބިރުންދޯ ތިދަނީ އެއްޗެކޭ ނުބުނެ. ހެހެހެ.. މީއޭ މިމީހުންގެ ފެންވަރަކީ ދޯ؟” ނަޒީހު އޭނާގެ ރައްޓެހިންނާއި އެކު ފަތީންއަށް މަލާމާތްކޮށް ހެމުން ގެންދިޔައެވެ.

ފަތީން ޝައިހާ އާއި ބައްދަލު ކުރީ އޭނާގެ ގޭގެ ކަންމަތިންނެވެ. އެވަގުތު އެތާކު އެއްވެސް މީހަކުވެސް ނެތެވެ. މަޑުމަޑުން ހިނގާލާފައި ޝައިހާ އާއި ފަތީން ދިޔައީ އުތުރުފަރާތު ބުރިޖާ ދިމާލަށެވެ. އެސަރަހައްދުގެ ހަމަހިމޭން މާހައުލުން ފަތީން އާއި ޝައިހާ އިށީނދެލީ ވަރަށް ރީތިކޮށް ސިމެންތިން ރާނާ ކުލަލާފައި ހުރި ގޮނޑިއެއްގައެވެ. ރަށު މީހުންގެ ނަމުން ނަމަ އެއީ އެސަރަހައްދުގައި ހުންނަ ބެންޗް ތަކުގެ ތެރެއިން ބެންޗެކެވެ.

ރެއަކީ ފުދޭވަރަކަށް ހަނދުވަރުދޭ އުޑުމަތި ސާފު ރެއެކެވެ. އެރޭގެ ހިތްގައިމުކަން އިތުރަށް ފުރިހަމަ ކޮށްދެނީ ބިޔަބޯ ގަސްތަކުގެ ތެރެއިން ފުރޭނިގެން އުދުހެމުން އައިސް ބީހިލާ ޖައްވުގެ ވައިރޯޅިން ލިއްބައިދޭ އަރާމު ފިނިކަމުންނެވެ.
ޝައިހާގެ ރީތިކަމަށް ގެއްލިފައި ފަތީންއަށް އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. އެއްވެސް ބަހެއް ނުބުނެ ޝައިހާވެސް ފަތީންގެ ދެލޮލަށް ބަލަހައްޓައިގެން އިނެވެ. ޝައިހާގެ ހަމަހިމޭންކަން ފަތީންއަށް ބުނެދެނީ ވަރަށް ފުން ވާހަކަ ތަކެކެވެ. އެއީ ޝައިހާ ފަތީންދެކެ ގަޔާވާކަމުގެ އިޝާރާތްތަކެވެ. ނަމަވެސް އެއީ ހަޤީގަތެއްތޯ ބެލުމަށް ޝައިހާގެ ކުރިމަތީގައި ފަތީންގެ ހިތް ހުޅުވާލަން އޭނާ އިނީ ނުކެރި ފިނޑިވެފައެވެ.

“ކޯއްޗެއް ތި ބަލަނީ؟” ޝައިހާ އަހާލީ ލަދުން އިނދެއެވެ. މިހާތަނަށް އެ ލަދުވެތިކަން ފެނުނީ ފަތީންގެ ފަރާތުންނެވެ. ނަމަވެސް ފުރަތަމަ ފަހަރަށް ޝައިހާ، ފަތީން ކުރިމަތީގައި ލަދުރަކި ވެފައި އިންކަން ފަތީންއަށް ފާހަގަ ކުރެވުނެވެ. “ރީތި ކަމުން މި ބަލަނީ..” ފަތީން ލަދުވެތި ކަމުގެ ފަރުދާ ކަހާލާފައި ވާހަކަ ދެއްކިއެވެ. އެވަގުތު ޝައިހާ އިށީނދެގެން އިންތަނުން ތެދުވިއެވެ. އަނގައިން އެއްވެސް އެއްޗެއް ނުބުނެއެވެ. “ކީއްވީ؟” ފަތީންވެސް ތެދުވިއެވެ. އެވަގުތު ފުރަގަސްދީގެން ހުރި ޝައިހާ އެނބުރިލިއެވެ. ނަމަވެސް އޭނާ ހުރީ ފަތީންއާއި ހަތަރު ކަޅި ހަމަކުރަން ފަސްޖެހިފައިކަން ފަތީންއަށް ދޭހަވެއެވެ. އޭނާ ހުރީ އިސްދަށަށް ޖަހައިގެންނެވެ. ދެއަތުން ދެއަތުގައި ހިފާ ބާރު ކޮށްލައިގެންނެވެ. ދެފައި ކައިރިކޮށް ފިއްތާލައިގެންނެވެ. “ވާހަކައެއް ބުނަންތަ؟” ފަތީން އަނެއްކާވެސް ސުވާލު ކޮށްލިއެވެ. ޝައިހާ ޖަވާބު ދިނީ ބޮލުގެ އިޝާރާތަކުންނެވެ. ފަތީންއަށް ބަލާލާފައެވެ. “ޝައިހާ ދެކެ އަހަރެން ވަރަށް ގަޔާވަން..” ފަތީން މިހެން ބުނެލީ ލޯ މަރާލާފައެވެ. އެވަގުތު ޝައިހާގެ މޫނުމަށްޗަށް ވެރިވީ ހިނިތުން ވުމެކެވެ. އެ ހިނިތުންވުން ދޭހަ ކޮށްދެނީ އުފާވެރިކަމެވެ. ފަތީން ލޯ ހުޅުވާލިވަގުތު ފެނުނު އެ ހިނިތުންވުމުން ފަތީންއަށް އުންމީދެއް ދިނެވެ. ފަތީން ޝައިހާ އާއި ގާތްވެލިއެވެ. އެވަގުތު ޝައިހާ ފަތީންގައިގައި ބައްދާލިއެވެ. ފަތީން އަށް ދުރަށް ދާނެ ހިއްވަރެއް ނުލިބުނެވެ. ފަތީންވެސް ޝައިހާގެ ގައިގައި ބައްދާލިއެވެ. ނަމަވެސް މިފަހަރުގެ ތަފާތަކީ މިއީ އޮޅުމަކުން ބައްދާލެވުނު ބައްދާލެވުމަކަށް ނުވުމެވެ. މިއީ ދެފަރާތުގެ އިހްތިޔާރުގައި ކުރެވުނު ކަމެކެވެ. ފަތީންއަށް އެ ބައްދާލުމުން އޭނާ ބޭނުންވި ޖަވާބު ލިބުނެވެ.

 

– އެޕިސޯޑް ހައެއް ނިމުނީ –

40

You may also like...

4 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. This story is great❤️
    Keep it up darling❤️
    Write till end I love these parts ❤️
    Can’t wait to know what is gonna happen in next part ❤️

    ⚠Report!

Leave a Reply

Your email address will not be published.