އެވަގުތު ވަދެގެން އައި ޑަކުޓަރު ފެނި ޔަނާލް އަވަސް އަވަހަށް ކޮޅަށް ތެދުވެލީ ނިކްހާގެ ހާލަތު ހުރިގޮތް އެނގެން ކެތްމަދުވެފައި ހުރެއެވެ.
“ޕޭޝަންޓް މިއޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި… ސިކުނޑިއަށް ލޭއެޅިފައި ހުރުމުގެ ސަބަބުން ވަރަށް އަވަހަށް ބޮލުގެ އޮޕަރޭޝަނެއް ކުރަން އެބަޖެހޭ… ހޭނާރާ މިދާ ކޮންމެ ވަގުތަކީ ޕޭޝަންޓް ގެ ފުރާނައަށް ނުރައްކާ ވާނޭކަމެއް…” ޑަކުޓަރުގެ އަނގައިން ބޭރުވި ބަސްތައް ޔަނާލްގެ ހިތްފޫއަޅުވާލާފައި ދިޔަފަދައެވެ. އެކުވެރިޔާގެ އަތުގައި ހިފައި ބާރުކޮށްލަމުން އެމޫނަށް ބަލައިލީ މާޔޫސްކަމާއި އެކުގައެވެ.
*** ** ***
ފަރީޝާ ޔަމާން އާއިއެކު ހޮސްޕިޓަލަށް އައި9ސް ވަތްއިރުވެސް ދެލޮލުން ކަރުނަ ފޮހެމުން ދިޔައެވެ. ނިޝާގެ އެ ވަކިވެދިޔުމުން ފަރީޝާ އަށް ވަނީ ފުންއަސަރުތަކެއް ކޮށްފައެވެ. މަޔަކު ދަރިއަކު ދެކެވާ ލޯބި ފަރީޝާ އަށް ނިޝާ އާއި ނިކްހާ ދެކެ ވެވެއެވެ. ލޭގެ ގޮތުން ގުޅުމެއް ނެތް ކަމުގައި ވީނަމަވެސް އެއާއިލާއިން ކުރާ ކޮންމެ ކަމެއްގައި ކަހަލަގޮތަކަށް އެދެކުދިން ބައިވެރި ކުރަނީ އާއިލާގެ މެންބަރުން ފަދައިންނެވެ. ފަރީޝާ ގޮސް ނިކްހާ ބޭއްވިފައި އޮތް ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް ނިކްހާގެ އަތުގައި ހިފައިލައިގެން ނިދިފައި އިން ޔަނާލްއަށް ހޭލެވުނެވެ. ކުރިމަތީ ހުރި ފަރީޝާ ފެނުމުން ދުވެފައި ގޮސް ފަރީޝާގެ ގައިގައި އޮޅުލައިގަނެ ޔަނާލްއަށް ރޯންފެށުނެވެ. ފަރީޝާ އެތަކެއް ވާހަކައެއް ދެއްކުމުން ޑަކުޓަރު ކިޔައިދިން ވާހަކަތައް ޔަނާލް ފަރީޝާ އަށް ކިޔައިދިނެވެ.
ޔަނާލްގެ ވާހަކަތައް އަޑުއަހަން ފަރީޝާއަކަށް ކެތެއްނުވިއެވެ. “ދަރިފުޅާ، މިއީ ކެތްތެރިވާންޖެހޭ ވަގުތު… އަދި އިރާދުކުރެއްވިއްޔާ ނިކްހާ ރަނގަޅުވާނެ… އެކަމަކު ދަރިފުޅު ތިހެން ނުކައި ހުރެގެން ބަލިވެއްޖެއްޔާ މާދެރަ އެންނު… އެއިރުން ނިކްހާ ކައިރީގައި ހުންނާނީވެސް ކިހިނެތް…” ފަރީޝާ ޔަނާލްގެ ބުރަކަށީގައި ފިރުމަމުން ވާހަކަ ދެއްކީ ޔަނާލްއަށް ވިސްނައިދޭފަދަ ގޮތަކަށެވެ. “ޔަނާ… އިހަށްދޭ ގެއަށް ގޮސް ރެސްޓްކޮށްލަން… ތިހެން އުޅެނިކޮށް ބަލިވެދާނެންނު… ދެން މާދަން ހެނދުނު އަންނާނީ… މިރޭ ދޮންބެ މަޑުކޮށްލާނަން…”ފަރީޝާ އާއި ޔަމާން އެތަކެއް ވާހަކައެއް ދެއްކުމުންވެސް ޔަނާލް ގެއަށްދާކަށް އެއްބަހެއްނުވިއެވެ. އެންމެފަހުން ގެއަށްގޮސް ކައިގެން އަންނާނީއޭ ބުނުމުން ގެއަށް ދާން އެއްބަސް ވެއްޖެއެވެ. ހެނދުނުން ފެށިގެން ޔަނާލް ކާއެއްޗެއް ކާނުލާހުރިއިރު އޭނާގެ ހަށިގަނޑުން ވަރުދެރަވަމުން ދިޔައެވެ.
*** ** ***
ކޮންމެ ރެއަކުހެން ފަލަކުގައި ރަސްކަން ކުރަމުންދާ ހަނދުވެސް މިރޭ ފެންނަން ނެތުމުން މުޅިދުނިޔެއަށް ވެރިވެފައިވަނީވަނީ ކަނުއަނދިރިކަމެވެ. އެހެން ރޭރެއާއި ހިލާފަށް އެއްތަރި އަނެއް ތަރިއާއި ވާދަކުރަމުންދާ ތަރިތައްވެސް މިރޭ ނިދާފައި ވާފަދައެވެ. ބެލްކަނީގެ ރެއިލިންގ ގައި އަތްއަޅުވާލައިގެން ޔަނާލް ހުރިއިރު ދޭތެރެދޭތެރެއިން ނޭފަތްދަމާލާގޮތުން އޭނާ ރޮނީކަން އެނގެއެވެ. ނިޝާގެ މަރަށް ހަފްތާއެއް ވީއިރުވެސް އެމަރުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު ހޯދައިގަތުމަށް ފުލުހުންވެސް ނުކުޅެދިފައިވެއެވެ. ފެންނަންހުރި ހެކިތަކަށް ބަލައި ނިޝާ ދަންޖެހި މަރުވީ އަމިއްލައަށް ކަމަށް ނިންމިކަމުގައި ވީނަމަވެސް ޔަނާލްގެ ހިތް އެކަން ދޮގުކުރެއެވެ.
ހަފްތާއެއް ވެގެން ދިޔައިރުވެސް ނިކްހާ ހެއެއް ނާރައެވެ. ނިކްހާގެ ސިކުނޑިއަށް ލޭފޮނުވައިދޭ ނާރެއް ބްލޮކް ވެފައިވާކަން އެނގުނު ހިސާބުން ޔަނާލްގެ ހިތް މާޔޫސްވިއެވެ. ނިޝާ ގެއްލިދިޔަ ފަދައިން ނިކްހާ ގެއްލިދާކަށް ޔަނާލް ބޭނުމެއްނޫނެވެ. ކުރިމަތިން ފެންނަ މަންޒަރުތަކަށް ނަޒަރު ހުއްޓާލައިގެން ހުރިކަމުގައި ވިޔަސް އޭނާގެ ސިކުނޑީގައި ވަނީ އެހެންހިޔާލުތަކެކެވެ. “ދަރިފުޅާ…އާދޭ ދާން… މިހައިރު އެއޮށް ދިހައެއްޖަހަނީ…” ފަރީޝާ ގޮވާލުމާއެކު ޔަނާލް ނޭފަތްދަމާލަމުން ފަރީޝާ އާއިއެކު ހިނގައިގަތީ ނިކްހާ ކައިރިއަށް ހޮސްޕިޓަލަށް ދާށެވެ. ފަރީޝާ ހިތުގައިޖެހިފައި ހުރެ ޔަނާލްއަށް ބަލައިލިއިރު އެދެލޮލަށްވެސް ކަރުނަ ޖަމާވެއްޖެއެވެ. އެދަރިފުޅު އެހާ ހިތާމަކުރާތަން ބަލަން އޭނާއަކަށް ކެތެއްނުކުރެވެއެވެ. ނިޝާގެ މަރަށް ފަހު ޔަނާލް ހިނިތުންވެލި ތަނެއް އޭނާއަކަށް ނުފެނެއެވެ. އަނެއްކޮޅުން ނިކްހާ އޮތްހާލުން މާހިތައް އަސަރު ކުރެއެވެ.
ގިނައިރު ރުއިމުގެ ސަބަބުން ޔަނާލްގެ ނޭފަތްވަނީ ރަތްވެފައެވެ. ދެލޮލުގައިވެސް މަޑުރަތް ކަމެއް ވީއިރު ލައިގެންހުރި ކަޅުކުލައިގެ ހެދުމުންނާއި އަޅައިގެންހުރި ކުޑަ، ކަޅުބުރުގާގެ ތެރެއިން އެ ދޮންމޫނު ފެންނަނީ ހިތާމައިގެ ތަސްވީރެއް ފަދައިންނެވެ. ޔަނާލްއަކީ ރަނގަޅު ހެޔޮއެދޭ އެކުވެރިއެކެވެ. އޯގާތެރި އަހްލާގު ރަނގަޅު އެކުވެރިއެކެވެ. އެކުވެރިޔާގެ ކޮންމެ އުފަލަކާއި ހިތާމައެއްގައި އޭގެ އެންމެ ފުރިހަމަގޮތުގައި ބައިވެރިވާ އެކުވެރިއެކެވެ. ޔަނާލްފަދަ އެކުވެރިއަކު ލިބުންއެއީ ނިކްހާގެ ނަސީބެވެ.
*** ** ***
ތިން އަހަރު ފަސް … . … . …
އެންމެފަހު ކަމަކަށް ގަޔަށް ސެންޓުޖަހާލިއިރު ނިކްހާގެ މޫނުމަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ. ލައިގެންހުރި މެރޫންކުލައިގެ ފަސްބަޔަށްފުޅާ ދިގުހެދުމުގައި ނިކްހާ ފެންނަނީ ނުހަނު ޗާލުކޮށެވެ. ޕީޗްކުލައިގެ ކުދި މިނާ ފުއްތައް ހެދުމުގެ މޭމަތީ ހަރުކުރެވިފައި ވީއިރު ހަމައެކުލައިގެ ޝޯލްއެއް ރީތިގޮތަކަށް އަޅާލާފައި ވިއެވެ. ލޮލުގައި އައިލައިނާ އަޅާ މަޑުރަތްކުލައިގެ ލިޕްސްޓިކަކުން ތުންފަތް ފަވާލެވިފައިވާއިރު ނިކްހާ ކުރިޔަށްވުރެވެސް ދޮންހެން ހީވެއެވެ. އަމިއްލަ ނަފުސަށް ހިނިތުންވެލަމުން ނިކްހާ ކޮޓަރިން ނުކުންނަން ހިނގައިގަތީ ވާފަށް ދިގު އަތްދަބަސް އެއްފަރައިތަށް ވާގޮތަށް އަޅުވާލަމުންނެވެ.
“ޕިސް ޕިސް… މިހައިރު އެއޮށް ގަޑިޖެހެނީ، އަދިވެސް ކެވޭތޯބަލާ…” ނިކްހާ، ޔަނާލް ހޯދަމުންގޮސް ކާގެއަށް ވަތްއިރު މޭޒުކައިރީ ބޮޑު ނޫޑުލީސް ތައްޓެއް ހިފައިގެން އިން ޔަނާލް ފެނުމުން ބުނެލިއެވެ. ” ވަޓް… ސީރިޔަސް ކޮށްވެސް ގަޑިޖެހުނީތަ…” އަވަހަށް ގޮނޑިން ތެދުވެ ސިންކާ ދިމާއަށް ދަމުން ޔަނާލް ބުނެލީ ދެލޯ ބޮޑުކޮށްލާފައެވެ. “މަ ހަމަ ހައިރާންވެއްޖެ… ޔަނާ ކާލެއްގިނަކަމުން… ޕާޓީއަކަށް ދާށޯ މިއުޅެނީ… ދެން އަޅެ ތިބަނޑުގައި އިތުރަށްކާނެ ޖާގަ ހުންނާނެތަ…” ނިކްހާ ޔަނާލް ކާލެއް ގިނަކަމުން އެވާހަކަ ބުނީ ހަގީގަތުގައިވެސް ހައިރާންވެ ހުރެއެވެ. ޔަނާލް، ކާއެއްޗެހި ހާދަމީރޭ ކިޔާގޮސްވަނީ ކޮޓަރިއަށެވެ. މާގިނައިރުތަކެއް ނުވެ ދެމީހުންވެސް ގެއިން ނުކުތީ ކިލާސް ކުއްޖެއްގެ އުފަންދުވަހުގެ ޕާޓީ އަށް ދާށެވެ.
*** ** ***
ކޮޓަރިތެރެއިން އިވެމުން ދިޔަ ވޭނީ ގިސްލުމުގެ އަޑުން ހިލަ ހިތްތަކަށްވެސް އަސަރު ކުރާނެކަން ގައިމެވެ. އެނދުގައި ބަންޑުން އޮވެ ގިސްލަމުންދިޔަ އަންހެން ކުއްޖާއަށް ބަލަހަށްޓައިގެން ހަމަދާދި އެއުމުރުގެ އަންހެން ކުއްޖަކުއިނެވެ. ބަލާބެލުމަށް އަށާރަ ވަރަކަށް އަހަރުގެ މި އަންހެންކުއްޖާ ފެންކަޅިވެފައި އިނދެ ރޮމުން ގިސްލަމުން ދިޔަ އަންހެން ކުއްޖާގެ ފަން އިސްތަށި ގަނޑުގައި ފިރުމާލިއެވެ.
” ނަޔާ… ޕްލީޒް، ހުއްޓާލަބަލަ… ރައި އަށްވެސް އެނގެއޭ ނަޔާ ދެރަވާނެވަރު… އެކަމަކު… ނަޔާ ތިހެން ރޮންޏާ ރައި އަށްވެސް ރޮވޭނެ…” ރައިޝާ ވާހަކަދެއްކި އިރު އެއަޑު ކުރެހިފައި ވީގޮތުން އޭނާގެ ހިތަށް ކޮށްފައިވާ އަސަރު އެނގެއެވެ.
“ރައީ…” މަޑުމަޑުން އިސްއިފުލާލާ ރައިޝާ އާއި ދިމާއަށް ބަލައިލި ނަޔާނީގެ ލޮލުން އެއިރުވެސް ކަރުނަ ނުހިކެއެވެ. ގިނައިރު ރުއިމުގެ ސަބަބުން އަޑުވެސް ބެދިފައިވީ އިރު ދެލޯވެސް ވަނީ ރަތްވެ ދުޅަވެފައެވެ. ނަޔާނީގެ މޫނަށް ނުބަލާންވެގެން ރައިޝާ އިސްދަށަށްޖެހީ އޭނާގެ ހިތަށް ކުރަމުންދިޔަ ފުން އަސަރެއްގެ ސަބަބުންނެވެ.
“ރައީ…” ދެވަނަ ފަހަރަށްވެސް ނަޔާނީ ރައިޝާ އަށް ގޮވާލީ އޭނާ އިސްދަށަށް ޖެހިގޮތަށް އިނުމުންނެވެ. ކުއްލިއަކަށް ރައިޝާ ނަޔާނީ ގައިގައި ބައްދައިގަތެވެ. “ނަޔާ… އަހަރެން ހާދަ ބޭނުމޭ ނަޔާގެ ތިހިތާމަތަކައް ނިމުމެއް ގެންނަން… އަހަރެން… އަހަރެން ހާދަ ދެރަވެޔޭ ނަޔާ ތިހެން ރޯތަން ފެންނާތީ… އަހަރެންނަށް ވެސް އިހްސާސް ކުރެވޭ ނަޔާގެ ހިތައް ކުރާނެ އަސަރު… އެކަމަކު… ކީއްކުރެވޭނީ…” ކުއްވެރިއެއްހެން އިސްދަށަށްޖަހާލަމުން ރައިޝާ ބުނެލިއިރު އޭނާގެ ދެލޮލުންވެސް ކަރުނަ ފާއްދާލައިފިއެވެ.
“ރައީ… އަދި އިރާދުކުރެއްވިއްޔާ އަހަރެމެން ދެމީހުންވެސް މި އަނިޔާވެރިކަމުން ސަލާމަތްވާނެ” ނަޔާނީ އެނދުން ތެދުވެ ރައިޝާއާ ފުރަގަސްދިނީ ލޮލުން ފައިބަމުން އައި ކަރުނަތައް ހުއްޓުވަން މަސަތްކަތް ކުރަމުންނެވެ. އެވަގުތު ދެކުދިންވެސް ސިއްސައިގެން ދިޔައީ ބާރުބާރަށް ދޮރުގައި ތަޅައިގެން އަޑަށެވެ. ނަޔާނީ ދުވެފައި ކަހަލަގޮތަކަށް ގޮސް ދޮރުހުޅުވާލީ ލަސްވެއްޖެނަމަ ލިބޭއަނިޔާތަށް އިތުރުވާނެކަން އެނގޭތީއެވެ. އެވަގުތު ދޮރުކުރިމަތީ ރުޅިން ފިހިފިހި ހުރި ޒާހިރާ ފެނި ނަޔާނީ އަށް އިސްދަށަށް ޖަހާލެވުނެވެ. “އަދިވެސް އިސްދަށަށް ޖަހައިގެން ހުރޭ… އެއިރުން ކުރަންހުރި ކަންކަން އަމިއްލަޔަށް ކުރެވޭނެވިއްޔަ… ކަލޭ މިގެޔަށް ގެނައީކީ ކޮޓަރިއަށްވަދެ އޮންނާކަށް ނޫނޭ…” ޒާހިރާ ހަޅޭއްލަވައިގަތެވެ. “ދައްތާ އަހަރެން…”
“ކޮން ދައްތާ ދައްތާއެކޭ ކިޔާކަށް… މަ މިކިޔަނީ އަވަސްކުރާށޭ…” ނަޔާނީ ފަހަތައް ކޮށްޕާލަމުން ޒާހިރާ ދިޔައިރުވެސް ރައިޝާ އަށް ހުރީ ގުޑިލަންވެސް ނުކެރިފައެވެ.
*** ** ***
ޕާޓީ ނިންމާފައި ނިކްހާމެންނަށް ގެއަށް އާދެވުނުއިރު ހުރީ ފުދޭވަރަކަށް ލަސްވެފައެވެ. އެއިރު ފަރީޝާ ސޯފައިގައި ޓީވީ ބަލާންއިނެވެ. “އަނހާ ދަރިފުޅުމެން އައީދޯ… ދެން އަވަހަށް ނިދަން އުޅޭ…” ނިކްހާމެން ގެއަށްއައިސް ވަންތަންފެނި ޓީވީ ނިއްވާލާފައި ފަރީޝާވެސް ދިޔައީ ކޮޓަރިއާދިމާލަށެވެ.
“ނިކާ ތިއުޅެނީ ނިދަންތަ… ހާދައަވަހަކަށް…” ނިކްހާ ނިދަން ތައްޔާރުވާން އުޅުމުން ޔަނާލް ބުނެލީ އަވަސްއަރުވާލާފައެވެ. “ހޫމް… ދެން ނުނިދާ ތިބުމުގެ ބޭނުމެއްނެތެއްނު… ވަރަށް ނިދިވެސް އާދޭ އެބަ… އަދި ފަތިސް ނަމާދަށް ހޭލަންވެސް ޖެހޭނެންނު…” ޔަނާލް އާއި ދިމާލަށް ބަލައިލަމުން ނިކްހާ ބުނެލީ ނިއް އަރުވާލާފައެވެ. ނިދާށޭ ކިޔާފައި ޔަނާލް ގޮސްވަނީ ފާހާނާއަށެވެ. މިފަހަކަށް އައިސް ޔަނާލްއަށް ވެގެން އުޅޭ ގޮތެއް ނިކްހާއަކަށް ނޭނގުނެވެ. ހީވަނީ ކަމަކާއި ހިތްހަމަނުޖެހިފައި ހުންނަހެންނެވެ. ޔަނާލް ކަމަކާއި ހިތްހަމަނުޖެހިފައި ހުންނަނަމަ އަބަދުވެސް ހުންނާނީ ކޮންމެވެސް އެއްޗެއް ކާލަކާލައެވެ. ޔަނާލް ނުކުންނަންދެން އޮށްވާ ނިކްހާއަށް ނިދުނީ ނިދިއައިސްސައި ހުރިލެއް ބޮޑުކަމުންނެވެ.
*** ** ***
ނިކްހާ އަށް ހޭލެވުނީ ހޫނުއަރާތީއެވެ. އެއިރު ޔަނާލް އޮތީ ނިދާފައެވެ. ނިކްހާ ބޭރަށް ނުކުމެލީ ސާފުވައިކޮޅެއް ހޯދާލުމުގެ ބޭނުމުގައެވެ. މެންދަމުގެ ވަގުތު ކަމުން މާހައުލުގައި ވަނީ މަޑު ތެތްފިނި ކަމެކެވެ. އެއްވެސް ހިޔާލެއް ފިކުރެއްނެތި ހިނގަމުން ދިޔަ ނިކްހާ އަށް ގެއާއި މާދުރަށް ދެވުނުއިރުވެސް އެކަމުގެ ހިލަމެއްވެސް ނުވިއެވެ. އަނގައިން މަޑުމަޑު ރާގެއް ގޮއްވާލަމުން ލޯހުޅުވާލި އިރު ޔަނާލްއަށް ބިރުންގޮސް ހަޅޭއްލަވައިގަނެވުނެވެ. ކުރިމަތީގައި އޮތް ބޮޑުފެންކޯރުން ބޮޑެތި ކިނބޫތައް އަނގަހުޅުވައިގެން ތިބިއިރު ނިކްހާ އަށް އިންތިޒާރު ކުރާކަހަލައެވެ. އޭއްޗެހީގެ ލޯތައް އޭނާއަށް އަމާޒުކޮށްގެންތިބެ ބިރުވެރި އަޑުތައް ލައްވަމުން ދިޔައެވެ.
*** ނުނިމޭ ***
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.




Vvvvvv vv reeethi mi part ves
keep it up
when next
Thanks friend.. insha Allah v avahah
Nightmare I guess…hehe…masha allah its hama v loabi ngeyy??..waiting for the next??..ly sam siss??
Let’s see… Thanks magunumm…??
Haadha 9 ginaey maa favourite number eh tha
Hehehe nooney… e typing mistakeh..SORRY. layaali vaahaka kiyaalikan engunyma v ufaa vejje
Varah reeti