ނިކްހާ އަށް ހޭލެވުނީ ހޫނުއަރާތީއެވެ. އެއިރު ޔަނާލް އޮތީ ނިދާފައެވެ. ނިކްހާ ބޭރަށް ނުކުމެލީ ސާފުވައިކޮޅެއް ހޯދާލުމުގެ ބޭނުމުގައެވެ. މެންދަމުގެ ވަގުތު ކަމުން މާހައުލުގައި ވަނީ މަޑު ތެތްފިނި ކަމެކެވެ. އެއްވެސް ހިޔާލެއް ފިކުރެއްނެތި ހިނގަމުން ދިޔަ ނިކްހާ އަށް ގެއާއި މާދުރަށް ދެވުނުއިރުވެސް އެކަމުގެ ހިލަމެއްވެސް ނުވިއެވެ. އަނގައިން މަޑުމަޑު ރާގެއް ގޮއްވާލަމުން ލޯހުޅުވާލި އިރު ނިކްހާއަށް ބިރުންގޮސް ހަޅޭއްލަވައިގަނެވުނެވެ. ކުރިމަތީގައި އޮތް ބޮޑުފެންކޯރުން ބޮޑެތި ކިނބޫތައް އަނގަހުޅުވައިގެން ތިބިއިރު ނިކްހާ އަށް އިންތިޒާރު ކުރާކަހަލައެވެ. އޭއްޗެހީގެ ލޯތައް އޭނާއަށް އަމާޒުކޮށްގެންތިބެ ބިރުވެރި އަޑުތައް ލައްވަމުން ދިޔައެވެ.
ނިކްހާ ހަދާނެގޮތެއްނޭނގި ވަށައިގެން ބަލައިލި އިރު އޭނާގެ ދެލޯބޮޑުވެގެންދިޔައެވެ. އޭނާއަށް މިހުރެވުނީ ކިނބޫކޯރެއްގެ މެދުގައި ހުރި ކުޑަ ފަރުބަދައެއް ކަހަލަ ތަނެއްގައިގަން އެނގުމުން ހަދާނެ ގޮތްހުސްވިފަދައެވެ. މިތަނައް އާދެވުނު ގޮތަކާއިމެދު ހިތުގައި ސުވާލު އުފެދުނު ނަމަވެސް ހާލަތުގެ ނާޒުކުކަމުން އަމިއްލަ ސަލާމަތާއި މެދު ވިސްނާލިއެވެ. ނިކްހާ އަށް ބިރުންގޮސް ހަރަކާތެއް ކުރަންވެސް ނުކެރިފައި ހުއްޓާ އެތަނުން ކިނބުލެއް ހަޅޭއްލަވައިގަންނަމުން އޭނާއާއި ދިމާއަށް ފުންމައިގަތެވެ. ނިކްހާއަށް ބިރުން ގޮސް ފަހަތަށް ޖެހެވުނު ގަޑީގައި އޭނާގެ ފައި ފުރޮޅާލައި އެތަނުން ވެއްޓެން ދިޔައެވެ.
*** ** ***
“މަންމާ…” ނިކްހާއަށް ފުންމައިގެން ތެދުވެވުނު އިރު އޭނާ ވަނީ ދާހިއްލާ ފޯވެފައެވެ. ފެނުނީ ހުވަފެނެއްކަން އެނގުމުން ހިތައް ކުޑަނަމަވެސް ހަމަޖެހުމެއްލިބުނެވެ. އެހުވަފެނާއި މެދު ވިސްނާލަމުން މޭގައި އަތްފިރުމާލީ ނޭވާ ކުރުވެފައި ހުރުމުންނެވެ.
ސޯފައިގައި ލެޕްޓޮޕުން ފިލްމެއް ބަލަންއިން ޔަނާލް އަށް ސިހުމެއްގެނުވީ ނިކްހާގެ ހަޅޭކުގެ އަޑުންނެވެ. ނިކްހާ ނިދާފައި އޮވެފައި ތެދުވިގޮތުންނާއި ވަށައިގެން ބަލައިލި ގޮތުން ނިކްހާ އެއުޅެނީ ހުވަފެނެއް ފެނިގެންކަން ޔަނާލް އަށް ޔަގީން ކުރެވުނެވެ. އަވަހަށް ސޯފާކައިރި ހުރި ކުޑަފެންފުޅި ހިފައިގެން ނިކްހާއާއި ދިމާއަށް ހިނގައިގަތް ޔަނާލް ފިޔަވަޅުތައް އަވަސް ކޮށްލީ ނިކްހާ ނޭވާލާން އުނދަގޫވެގެން އުޅޭހެން ހީވެގެންނެވެ. “ނިކާ… ފެންފޮދެއް ބޯލަބަލަ…” ފެންފުޅި މަތިނަގަމުން ޔަނާލް ބުނެލީ ހާސްކަމާއި އެކުގައެވެ. ނިކްހާއަކީ ބޮޑު އޮޕަރޭޝަނެއް ކުރެވިފައި ހުރި ކުއްޖަކަށް ވުމުން ނިކްހާއަށް ކިތަންމެ ކުޑަކަމެއް ވިޔަސް ޔަނާލް އެކަމަކާއި ހާސްވަނީ މާބޮޑަށެވެ. ފެންފޮދެއް ބުއިމަށް ފަހުވެސް ނިކްހާ ވާހަކަ ދައްކަންނޫޅުމުން ޔަނާލް ނިކްހާގެ އަތުގައި ހިފައި ތަޅުވައި ގަތެވެ.
ނިކްހާ ޔަނާލް އަށް ހުވަފެނުގައި ވީގޮތް ކިއައިދިނުމުން ފެށީ ހޭށެވެ. “ނާލް… އެއްވެސް މަޖަލެއް ނޫން އިނގޭ…” ޔަނާލް ހޭންފެށުމުން ނިކްހާ ބުނީ ރުޅިމޫނު ހަދާފައެވެ. “ހެހެ… ނިކް ކިނބޫ ދެކެ ބިރުގަންނާތީ ފެނުން ހުވަފެނެއް ދޯ… އާނ އެހެންނު ވާނީ ޓީވީ އަކުން ކިނބުލެއް ފެނުނަސް މީނަ ހީވާނީ ދެފަޔަށް ހިނިއަރައިގެން އުޅޭހެން… އެއްތާކު ނުހުރެވޭނެ ކިނބޫ ފަހަތުން އައިސްދާނެތީ… ހެހެހެ…” ޔަނާލް އަދިވެސް ހަމަހުނުން ހުއްޓާކަށް ނޫޅެއެވެ. މިތަނުގައި ހަމަ އެހާ މަޖާކަމެއް ވެއްޖެ ބާއޭ ނިކްހާ ހިތައްއެރިއެވެ. ޔަނާލް އާހެދި ހެވުނު ނަމަވެސް ނިކްހާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއްވިއެވެ. “ގަޑިން ކިހާވަރެއްތަ؟” ލޯއުނގުޅާލަމުން ނިކްހާ އަހާލީ މިހައިރު ފަތިސްވެދާނެ ކަމަށް ހީކޮށެވެ. ޔަނާލް އެކެއް ޖެހީއޭ ބުނުމުން ނިކްހާ އޭނާއަށް މިހައިރު ފަތިސް ވެދާނެ ކަމަށް ހީކުރެވުނު ވާހަކަ ބުންޏެވެ. “އޯހް މާއަވަހަށް ދޯ ކިނބޫތައް ދިމާކޮށްލީ… އަހަރެން ނިދިނާންނާތީ ފިލްމެއްބަލައިލަން މިއިނީ… އަދި ނުވާނެ ބައިގަޑިއިރުވެސް… އެކަމް މިހައިރު ނިދިއައިސްސި… ދެންވެސް ޝަހާދަތް ކިޔައިގެން ނިދާނީ…” ޔަނާލް އާފުރެމުން ގޮސް އެނދުގައި އިއްތާލިއެވެ. ނިކްހާ ބާރަށް ޝަހާދަތް ކިޔަންފެށީ ޔަނާލް ހެއްވާލުމުގެ ބޭނުމުގައެވެ. ކަންވީވެސް ހަމައެހެންނެވެ. ދެ އެކުވެރިން އިރުކޮޅަކު ސަކަރާތް ޖަހައިލަން ތިބުމަށްފަހު ނިދީ އަވަހަށް ހޭލަން ޖެހޭނެތީއެވެ.
*** ** ***
އަލިމާގެ އެއްކޮށް ފޮޅާ ނިމުނު އިރު ނަޔާނީ ހުރީ ދަލުންފެން ވެރިފައެވެ. އަރާމުކޮށްލަން ކިތަންމެ ބޭނުންނަމަވެސް މިއަދުގެ ހާލަތު މަޖުބޫރުކުރާ ގޮތަކީ މިއީކަން އޭނާއަށް އެނގެއެވެ. ކުރަންހުރި މަސަތްކަތްތައް ނިންމާލަން ނުހަނު ބޭނުންވެފައި ހުރެ އަވަސްކުރަނިކޮށް އަތުންޖެހިފައި މޭޒުމަތީ ހުރި މާ ޓުކުރި ވެއްޓި ތެޅިއްޖެއެވެ. ނަޔާނީ ގަސްދުގައި ކުރިކަމަކަށް ނުވިނަމަވެސް މިކަމަކީ ޒާހިރާގެ ފަރައިތުން އަނިޔާތަކެއް ލިބޭނެކަމެއްކަން އޭނާގެ ހިތަށް އެރިވަގުތު ހިތުގައިޖެހި ރޮވެންފެށުނެވެ. ޒާހިރާ އަށް ގެޔަށް ވަދެވުނީ އެވަގުތުއެވެ. ބިންމަތީ ތެޅިފައި އޮތް މާޓުކުރިއާއި ކައިރީ ހުރި ނަޔާނީ ފެނުމުން އޭނާގެ ދެލޮލުން އަލިފާން ކަނި ބުރައިގަތެވެ. އޭތްއޭ ކިޔާ ހަލޭއްލަވައި ގަންނަމުން އޭނާއާއި ދިމާއަށް ދިޔައީ މިނިކާޖަނަވާރެއް އޭގެ ޝިކާރަ ފެނުމުން އަންނަފަދައަކުންނެވެ. ނަޔާނީއަށް ކުރެވުނުހާވެސް ކަމަކީ އިސްދަށަށް ޖަހާލުމެވެ. “ލަދެއްހަޔާތެއްވެސް ނެތެންނު… ދުވާލު ދެދަޅަޔަށް ކާބޭހެއްހެން އެއްޗެހި ތި ހަލާކުކުރަނީ މީ ކަލޭ ހޯދާފައި ހުރިހާއެއްޗެހިތަ…” ޒާހިރާ ހަޑިހުތުރު ބަހުން ނަޔާނީއާ ދިމާއަށް އެއްޗެހި ގޮވަމުން ދިޔައެވެ. ޒާހިރާގެ ކުރިމަތީ ރޯންބޭނުން ނުވިނަމަވެސް ނަޔާނީގެ ލޮލުން ކަރުނަތައް އޮހޮރިގަތީ ޒާހިރާގެ ވިހަގަދަބަސްތަކުން އެހިތައް ކެތްނުކުރެވުމުންނެވެ. ކަލެޔަށް ރަނގަޅަށް ކުރެވޭ އެއްކަމެއްވެސް ނޯންނާނޭ ކިޔާ ޒާހިރާ އޭނާގެ ކޮޓަރިއަށް ދިޔައީ ނަޔާނީ ތެޅިފައި އޮތް މާޓުކުރީގެ މައްޗަށް ކޮއްޕާލާފައެވެ. ހަށިގަނޑުގެ އެތަންމިތަނަށް ތޫނު ބިއްލޫރި ކޮޅުތައް ހެރިގަތް ވަގުތު އޭނާ އަށް މަންމާއޭ ކިޔާ ގޮވާލެވުނީ ހަށިގަނޑުގައި އެޅައިގަތް ވޭނެއްގެ ސަބަބުންނެވެ. އެޅަހިތްފުރިގެން އައީ ހިތާމަޔާއި ޝަކުވާއިންނެވެ.
އޭނާގެ ހިތައް ވެރިވެގަން އިހުސާސަކާއި އެއްކޮށް ހަށިގަނޑުގައި އަޅަމުން ދިޔަ ވޭންވެސް ފިލަގެން ދިޔަފަދައެވެ. މުށިގަނޑުމަތީ އަތްވިއްދާލަމުން ތެދުވަން އުޅުނުވަގުތު އެތާހުރި ތޫނު ބިއްލޫރި ކޮޅުތައް އަތްތިލައަށް ހެރިގެންދިޔައެވެ. މިހައިރު ނަޔާނީގެ ތަދޭ އެކިޔާ އިހްސާސް ހުރިހެންވެސް ހީނުވެއެވެ. ތެޅިފައިހުރި ބިއްލޫރިތައްމަތީ ދެފައި ވައްކޮށްލައިގެން އިންއިރު ބިއްލޫރިތައް ހެރިފައި ހުރި ތަންތަނުން ފައިބަމުން ދިޔަލެއިން އޭނާގެ ހެދުން ކަޅިވަމުން ދިޔައެވެ. އޭނާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައިރު އެހިތުގައި ވަނީ ގުނާ އަދަދު ނުކުރެވޭހާ ޝަކުވާއެވެ. އޭނާގެ އިސްތަށިގަނޑުން މޫނުގެ ބޮޑުބައެއް ފޮރުވިފައިވީއިރު އޭނާ އިންގޮތުން ސިކުނޑި ހަމަނުޖެހޭ މޮޔައެއްފަދައެވެ.
ދޮވެފައި ހުރި ޒާހިރާގެ ހެދުންތައް ހިފައިގެން ސިޑިން ފައިބައިގެން އައި ރައިޝާ އަށް ނަޔާނީ އިން ހާލު ފެނި އެއްޗެހިތައް އުކާލާފައި ދުއްވައި ގަނެވުނީ އެދިމާއަށެވެ.
*** ** ***
“ނިކާ އުޅޭ މިއަދު ޝޮޕިން އަށް ދާން… ކުރިން ދުވަހު ޔަނާ މަންމައާއެކު ދިޔަފިހާރަޔަށް…” ކޮލެޖުގެ ކެންޓީނުގައި ޔަނާލް އާއި ނިކްހާ ތިބިއިރު ޔަނާލް ހުއްޓައިނުލާ ވާހަކަދައްކަމުން ދިޔައެވެ. ނިކްހާ ހަމައެކަނި އެވާހަކަތަކައް އާނ ހޫން ކިޔާލަ ކިޔާލަ އިނީއެވެ. މިހައިރަކަށް އައިސް ފެންނަމުން ދާ ގޮތްނޭނގޭ ހުވަފެންތަކުން އޭނާގެ ހިތައް ވަނީ ބުނެދޭން ނޭނގޭކަހަލަ ނުތަނަވަސް ކަމެއް ވެރިވެފައެވެ. ނިކްހާގެ ހަމަހިމޭންކަން ފެނި ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަން ޔަނާލް އަށް އެނގުނެވެ. ޔަނާލް ކިހިނެއް ވީހޭ އެހުމުން ނިދިއަންނަ ކަމަށް ބުނެ އެވާހަކަ ހިންދާލީ ހިނިތުންވާން މަސަތްކަތް ކުރަމުންނެވެ. ނަމަވެސް ޔަނާލް ވީކީއްތޯ ތަކުރާރުކޮށް އަހަމުން ދިޔައެވެ. ނިކްހާ އެވާހަކަތައް ޔަނާލްއަށް ކިޔައިދޭން ފަސްޖެހެނީ ޔަނާލް އެއިން އެއްވެސްކަމެއް ސީރިއަސްކޮށް ނުނަގާތީއެވެ. ނިކްހާ އަމިއްލަ ނަފުސައް ހުވަފެނަކީ ބިލާހެއްކަން ވިސްނައިދޭން މަސައްކަތް ކުރިނަމަވެސް އޭނާގެ ސިކުނޑި އެކަމައް ދެކޮޅުހަދަނީއެވެ. ނަސީބަކުން އެވަގުތު އެތަނަށް އެހެން ކުއްޖަކު އައުމުން ނިކްހާ އެވަގުތަށް ޔަނާލްގެ ކިބައިން ސަލާމަތްވިއެވެ.
*** ** ***
ނިކްހާ ހުރީ މާ ކަނޑުގެ މެދުގައެވެ. އޭނާގެ ކަރާއި ހިސާބަށް ލޮނުގަނޑު ހުރިއިރު ދޭތެރެ ދޭތެރެއިން އުފެދޭ ކުދި ރާޅުތަކުން އަނގަޔާ ހިސާބައް ލޮނުގަނޑު އަރާފަހަރުވެސް އާދެއެވެ. އެއިން ކޮންމެ ފަހަރަކުވެސް ނިކްހާ އަނގަ ލައްޕާލަމުން ލޮނުގަނޑު އަނގަޔަށް ވަނަނުދީ ހިފަހައްޓައެވެ. ވަށައިގެން ނަޒަރު ހިންގާ ލާއިރު ރަށެއްގެ މަލަމަތިވެސް ފެންނަން ނެތެވެ. ނިކްހާ ހަދާނެގޮތް ހުސްވެފައިވާ މީހަކު ފަދައިން ހުރިއިރު އޭނާގެ ފަހަތުން ނަގަމުން އައި ބިޔަ، ބޮޑު ރާޅުގެ ހިލަމެއްވެސް ނުވާފަދައެވެ. ކުއްލިއަކަށް ބޯމައްޗައް ބިންދާލި ރާޅުން ނިކްހާއަށް ލިބުނު ސިހުމުގައި ތެޅިގަނެވުނެވެ. ކަނޑުގެ އޮއި ބާރުވީވަގުތު އޭނާގެ ފައިކައްސާލާ ކަނޑުގެ ރާޅުތަކުތެރެއަށް ދަމައިގަތެވެ. އޭނާ ހާޅޭއްލަވައިގަންނަން ހުޅުވާލިއަނގަ ފުރިގެންއައީ ހުސް ލޮނު ފެނުންނެވެ. އޭނާގެ ފައިގައި ހިފައިގެން މީހަކު ދާކަހަލަ އިހްސާސެއް ނިކްހާއަށް ކުރެވުނެވެ. އެމީހަކު އޭނާގޮވައިގެން އެދަނީ ކަނޑުގެ އެންމެ އަޑިއަށް ބާއޭ އޭނާގެ ހިތައް އެރިއެވެ. ނިކްހާގެ ފުއްޕާމެއަށް ބާރުވަމުން ދިޔައެވެ. އޭނާގެ ހަށިގަނޑުގައި ހުރި ހުރިހައި ކަށިތައް މުގުރެމުން ދިޔަހެން ހީވެއެވެ. ނާރުތައް ބުރި ބުރިވެ ހަށިގަނޑު ކުނޑި ކުނޑި ވަނީހެން ހީވެއެވެ. އަދިވެސް އެމީހަކު އޭނާ އެގެންދަނީ އަޑިއަށެވެ. ހައްތަހާ އަޑިއަށެވެ. ނިކްހާގެ ދެލޯބޮޑުވެ އަނގަ ހުޅުވިފައި އޮތްއިރު ނޭވާ އުފުރެނީ ހެންވެސް ހީވެއެވެ. ދުރު ދުރުން ރީތި މާބަގީޗާތައް ފަނޑު ފަނޑުކޮށް ފެންނަމުން ދިޔައެވެ. އޭނާގެ ދެލޯ މެރި ހަށިގަނޑުގެ ބާރު ހުސްވަމުންދިޔައެވެ.
*** ** ***
“ނިކްހާ… ނިކާ… އޭތް…” ޔަނާލް ނިކްހާއަށް ގޮވަމުން ދިޔައީ އޭނާގެ ދެކޮނޑުގައި ހިފައި ތަޅުވަމުންނެވެ. ނިދީގައި އޮތް ނިކްހާ ނޭވާނުލެވިގެން ތެޅިފޮޅެމުން ދިޔައިރު ޔަނާލް ފެންކަޅިވެފައި އިނދެ ބާރުބާރަށް ގޮވަމުން ދިޔައެވެ. ނިކްހާ ކުއްލިއަކަށް ދެލޯހުޅުވާލިއެވެ. މޭގައި ދެއަތުން ފިރުމަމުން ދިޔައިރު އަދިވެސް ނިކްހާއަށް ނޭވާ ލެވޭހެން ހިޔެއްނުވެއެވެ. ޔަނާލް އެވަގުތު ބާރަކަށް ނިކްހާގެ މޫނުމަތީގައި ޖެހިއެވެ. ހަމަހޭވެރިކަން ވީ މީހަކުފަދައިން ނިކްހާ ޔަނާލް އަށް ބަލައިލިއެވެ. “ނިކްހާ… ކިހިނެއްތަ ތިވަނީ؟ ނުބުނެ ހުރެ މީހާގެ ދުވަސް ދިޔައިމަ ތަ ކަމެއްކުރާނީ… އެނގޭދޯ ނިކާއަށް ކަމެއްވެއްޖެއްޔާ އަހަރެން ދެރަވާނެވަރު… ކީއްވެތަ ނުބުނެވެނީ… އަހަރެން ކިތައްފަހަރުތަ ސުވާލު ކުރާނީ… ކިނެއްހޭ ތިވަނީ؟؟” ޔަނާލް ހާސްވެފައި އިންވަރުން ވާހަކަދެއްކުނީ ފުދޭވަރަކަށް ބާރަށެވެ. ޔަނާލް ދެއްކި އެއްވެސް ވާހަކައެއް ނިކްހާއަށް އަޑު އިވުހެންވެސް ހީނުވެއެވެ. އެއްދިމާއަކައް ނަޒަރު ހުއްޓައިލައިގެން އިންއިރު އޭނާގެ ލޮލުގައި ކަރުނަތައް ވިދަމުން ދިޔައެވެ. ޔަނާލް ނިކްހާގެ އަތުގައި ހިފައި ބާރު ކޮށްލުމުން ނިކްހާ ޔަނާލް ގެ މޫނަށް ބަލައިލިއެވެ. “އަހަރެން ބިރުގަނޭ…” ނިކްހާއަށް ބުނެވުނުހާވެސް އެއްޗަކީ އޭނާ ބިރުގަންނަ ވާހަކައެވެ. ޔަނާލް އަހާ އަހާވެސް އިތުރަކަށް ވާހަކައެއް ނުދެއްކިއެވެ. ޔަނާލް ސުވާލު މާކެއްތެރޭ ހުރިއިރު އިންތިޒާރު ކުރެވެމުން ދިޔައީ ނިކްހާގެ ވާހަކަ ތަކަށެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ޔަނާލްއަށް އެނގުނެވެ. ނަމަވެސް ނިކްހާ ގާތު އަރާމު ކޮށްލާށޭ ބުނެ ޔަނާލް ބޭރަށް ނުކުމެލީ ނިކްހާ އެކަނިވެލަން ބޭނުން ވެފައި ހުރިހެން ހީވާތީ އެވެ.
މިހައިރަކަށް އައިސް ނިކްހާއަށް އަބަދު ވިސްނެނީ ފެންނަމުންދާ ގޮތްނޭނގޭ ހުވަފެންތަކާއި ދޭތެރޭގައެވެ. މި ހުވަފެން ތަކެއްގެ ސަބަބުން ނިކްހާގެ މިޒާޖަށްވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފައެވެ. ބަސް މަދުވުމާއި އަބަދު ނެގިމަޑުވެފައި އިނުމާ ނިދަން އުނދަގޫވުން ފަދަ ކަންކަމެވެ. ނިދާލެވޭ ވަގުތަކު ނަމަ ފެންނަނީ ފާޑެއެއްގެ ހުވަފެނެކެވެ. މިއިން ކޮންމެ ހުވަފެނަކުން ވެސް އޭނާއަށް ދެނީ އިންޒާރެއް ފަދައެވެ. ތަފާތު ގޮތްގޮތައް ފެނުނު ނަމަވެސް ދޭހަވަނީ އެއްމާނައެކެވެ. އޭނާއަށް މިހާވަރަކުން މި ފެންނަ ހުވަފެން ތަކުގައި އަސްލެއް ވޭބާވައެވެ؟؟؟
***ނުނިމޭ***
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




Sissy???? mi pet vex vvvvv reethi ngey….
Next part he inthixaaruga….
Ly sissy???
Thanku viiii…
V reethi mi part vx……. Waiting fr nxt part…..
Thanku Kylie…
Vvvv salhi
thankxx tree
Vrh loabi masha Allah ???♥️♥️♥️
Yesss????nicee