= ކިޔުންތެރިންގެ ސަމާލުކަމަށް =

(މިވާހަކައިގެ ފުރަތަމަ 7 އެޕިސޯޑް ވާނީ މީގެ 2 މަސް ކުރިން މިއަދު ނޫހަށް ވިއްކާލެވިފައެވެ. އެހެންނަމަވެސް ބާކީ ހުރި އެޕިސޯޑުތަށް މިއަދު ނޫހުން ގެނެސްދެވެން ނެތުމުގެ ސަބަބުން އެ އެޕިސޯޑުތަށް އަޕްލޯޑު ކުރެވޭނީ ހަމައެކަނި އެސްފިޔަ.ކޮމް އަށް ކަމުގައި ދެންނެވީމެވެ.)

 

 

އޮލަ ވާހަކަ ތަކަކަށް ގައިދުވެފައިތިބި ތިން ކުދިންނަށް ވަގުތުތަށް ދިޔަގޮތްވެސް ނޭނގުނެވެ. އެކުދިންގެ ވިސްނުން ކުލާސްރޫމުގެ ތެރެޔަށް ގެނަސްދިނީ ބޯޑުކައިރީގައި ހުއްޓިލައިގެން ހުރި ޝައިހާމިސް ގޮވާލުމުންނެވެ. ދިވެހި ގަޑި ފެށުމަށް ރަނގަބީލު ޖެހި އިރުވެސް އެކުދިންނަށް ނޭނގުނެވެ.

ޝައިހާ މިސް ދިވެހިގަޑި ނަންގަވާ ދެއްވަމުން ދިޔައިރު ފަތީންގެ ހިތަށް އަންނަމުން ދިޔައީ ރޭގައި ހިނގާދިޔަ ކަންތަށްތަކެވެ. މިސްގެ ފަރާތުން ލިބުނު އޯގާވެރިކަމެވެ. ފަތީންގެ ހިތަށް އެހަނދާނުން ފިނިކަން ގެނެސްދެނީ ކީއްވެކަން ފަތީންއަށް އިނީ ދެނެގަންނަން ނޭނގިފައެވެ. މިސް ރޭގައި ދެއްކެވި ވާހަކަތަށް ފަތީންއަށް ހިތްވަރަކަށް ވެގެން ދަނީ މިސްގެ ކޮން ހުނަރެއް ހުރެގެން ބާއޭ ފަތީންގެ ހިތަށް އަރަމުންދިޔައެވެ.

ދުވަހަށް ކަނޑައެޅިފައިއޮތް ފިލާވަޅު ނަގާދީ ނިމުމުން ޝައިހާ ކުލާހަށް މަސައްކަތެއް ހަވާލުކުރިއެވެ. ދިވެހި ގަޑި ނިމިގެން ދިޔައިރުވެސް ފަތީންއަށް އިނދެވުނީ އަމިއްލަ ޚިޔާލު ތަކަކަށް ގެއްލިފައެވެ. ރަނގަބީލު ޖެހުމުގެ ކުރިން ޝައިހާ ހަވާލު ކުރި ފިލާވަޅު ކުރިއަށް ގޮސްފަ އޮތީ ކިހާވަރަކަށްތޯ ހުރިހާ ކުދިންގެ ފޮތްތަށް ޝައިހާ ބެލިއެވެ. ފަތީންގެ ފޮތުގައި އެއްވެސް ތަންކޮޅެއް ލިޔެވިފައި ނެތުމުން ފަތީން ސެޝަން ނިންމާފައި މަޑުކުރުމަށް ޝައިހާ މިސް އެންގިއެވެ.

ޝައިހާގެ އެންގުމުގެ މަތިން ސެޝަން ނިންމައިގެން ހުރިހާ ކުދިން ގެޔަށް ދިޔައިރު ފަތީން އިނީ ކުލާހުގައި މަޑުކޮށްގެންނެވެ. މާ ގިނައިރުތަކެއްނުވެ ޝައިހާ ކުލާހަށް އައެވެ. “ކީއްވެ މިއަދު ފިލާވަޅު ނުހެދީ؟” ފަތީން އިށީންދެގެން އިން ގޮނޑީގެ ކައިރީގައި ހުރި ހުސް ގޮނޑީގައި އިށީންނަމުން ޝައިހާ އަހާލިއެވެ. އާދައެކޭ އެއްފަދައިން ވަރަށް ހިތްހެޔޮ ހިނިތުން ވުމަކާއި އެކުގައެވެ. “ކަމެއް ނުވެ..” ފަތީން ދިން ޖަވާބުގެ އަޑީގައި ފޮރުވިފައި އެތަށް ސިއްރެއް ވާކަން ޝައިހާއަށް ޔަގީންވިއެވެ. “ނޫން.. މިސްއަށް އިނގޭ ފަތީން ތި ގޯތުރޫ ކުރާ ކަންތަކުން ފަތީންއަށް ވަރަށް ބޮޑަށް އަސަރު ކުރާކަން.. މިސްއަށް ކިޔައިދިނީމަ މިސް އަށް ވެވުނު ވަރަކުން ހެލްޕް ވާނަމޭ” ޝައިހާ ބޭނުންވީ ފަތީންއަށް އެހީވާށެވެ. ފަތީންގެ އުދާސްތަށް އޭނާގެ ހިތުތެރެއިން ބޭރު ކުރުމަށް އެހީވެދިނުމަށެވެ. މާގިނަވަގުތު ވާހަކަ ދައްކަން ތިބެވޭ ގޮތެއްނުވިއެވެ. ބަންގި ވަގުތު ވުމާއެކު ޝައިހާއަށް ޖެހުނީ ފަތީން ގެޔަށް ފޮނުވާލާށެވެ.

“މިރޭ އަންނަންވީނުން މިސް މެންގެޔަށް ވާހަކަ ދައްކާލާ ބޯހަމަ ޖައްސާލަން… މީހުނާ އެކީ ގިނައިން ވަގުތު ހޭދަކުރުމަކީ ފިކުރު ތަކާ ދުރަށްދާން އެހީވެދޭ ކަމެއް..” ކުލާހުން ނުކުންނަމުން ޝައިހާ ފަތީންއަށް ޙިޔާލު ދިނެވެ. ފަތީން އެކަމަށް އެއްބަސް ވުމުގެ ގޮތުން ހިނިތުން ވެލިއެވެ. އެވަގުތު ޝައިހާ ކުޑަ ކަރުދާސްކޮޅެއް ފަތީންއަށް ދިއްކޮށްލިއެވެ. “ބޭނުން ކޮންމެ ވަގުތަކު މިސްއަށް ގުޅާލާ.. މިސް އުޅޭނީ ވަރަށް ފްރީކޮށް.” ޝައިހާ މިހެން ބުނަމުން ދިއްކޮށްލި ގަނޑުކޮޅުގައި ލިޔެފައި ވަނީ އޭނާގެ ނަންބަރެވެ.

*******************

“އިއްޔަ އެސޮރު ސުކޫލުން އައިއިރު އިޔޮތީ އެސޮރު ޔުނީފޯމު އިރާލާފަ! ރޭގަ އަނިޔާ ކުރިކުރީނުން އިޔޮތީ އެސޮރު ބޯ ދުޅަ ކޮށްލާފަ! ކިހާ ދެރަކަމެއްތަ މީ.. ކަލޭއާ އެއް އުމުރެއްގެ ކުއްޖެއްވެސް ނޫނެއްނު އެއީކީ އެސޮރާ ޖައްސާލައިގެން ތިއުޅެނީ..” ފަތީން އަށް ގެޔަށް އާދެވުނުއިރު ފަތީންގެ މަންމަ ފާތުމާ ހުރީ ނަޒީހުއާ ޒުވާބު ކުރާށެވެ. “ކަލޭ ދަރި މަށާ ދިމާލަށް ގޮވާ އެއްޗެހި ކަލެޔަކަށް ނޭނގޭނެ. ކަލޭ ހުރެބެ ދަރި ދޮންފުތު ކޮށްގެން. ދެންވެސް މަބޮލުގަ އެކަހަލަ ތުހުމަތެއް އަޅުވާފިއްޔާ ތަޅާލާނަން. މިދިނީ އިންޒާރު..” ހޫނު ވެފައިވާ މާހައުލުން ނަޒީހު ފާތުމާ އާއި ދިމާލަށް ބުންޔެވެ. ފަތީން އަކަށް މަންޒަރު ބަލާކަށް ނުހުރެވުނެވެ. އޭނާގޮސް ފާތުމާ ގޮވައިގެން ގެޔަށް ވަދެވޭތޯ މަސައްކަތް ކުރިއެވެ. “ދެން ނިމުނީ މަގޭ ދަރިގައިގަ ކަލޭ އަތް ޖައްސާލިޔަސް.. ފުލުހުންނާ ހަވާލު ކުރާނަން..” ފާތުމާގެ ރުޅި ހުރީ ކޮންޓްރޯލް ނުވާ ހިސާބަށް ގޮސްފައެވެ. “ނުކުރެވޭނެ އެއްކަމެއްވެސް.. ނުފުއްޕާ ހުރެބެއަ..” ނަޒީހު އޭނާގެ ގާތުގައި ތިބި އޭނާގެ ދެ ރަހުމަތް ތެރިންނާ އެކު ހިނގައި ގަންނަމުން ބުނެލިއެވެ. ފަތީން ވަރަށް މަސައްކަތުން ފާތުމާ ގޮވައިގެން ގެއަށް ވަދުނެވެ. “މަންމަ ތިގޮތަށް ޒުވާބު ކުރަންޔާ އެމީހުން އަހަރެންނަށް މަގުމަތިން ހިނގަންވެސް އުނދަގޫވާވަރު ކުރާނެ..” ގޭތެރެޔަށް ވަދެފައި ފަތީން ބުނެލިއެވެ. “ދެން އެކަމަކު މަންމަގެ ހިތަކަށް ކުޅަދާނައެއް ނުވާނެދޯ ދަރިފުޅަށް އެހާ ގެއްލުން ދޭތަން ބަލަން ހުންނާކަށް..” ފާތުމާ ސޯފާގައި އިށީނދެލިއެވެ.

**************

ސުކޫލުން އައިސް ތާޒާ ވެލުމަށް ފަތީން ހުރީ ފެންވަރާލައިގެން ނުކުމެ ރީތި ވާށެވެ. ކުއްލިއަކަށް ފާތުމާ ދޮރުގައި ޓަކި ތަޅަން ފެށިއެވެ. “ދަރިފުޅާ ވަރަށް އަވަހަށް އައިސްބަލަ..” ފާތުމާ މިހެން ބުނިއަޑު އަހާފައި ފަތީން ކިހިނެއް ވީބާއޭ ހިތަށް އަރާފައި އަވަސް އަވަސް ކޮށްލައިގެން ކޮޓަރިން ނުކުތެވެ. އެއިރު ދެ ފުލުހަކު ގޭގައި ތިއްބެވެ. އެމީހުން އައީ ފަޒީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ބޭނުންވާ ބައެއް މައުލޫމާތު ސާފު ކުރުމަށް ފަޒީންގެ އާއިލާގެ މެންބަރުންގެ ހައިސިއްޔަތުން ފަތީން އާއި ފައުޒާ އާއި ކޮށްލަން ޖެހޭ ސުވާލު ތަކެއް ހުރުމުން އެދެކުދިން ބަލައެވެ. ފަތީން ނުކުތްއިރު ފައުޒާވެސް ސޯފާގައި އިނެވެ. ނަމަވެސް ފައުޒާގެ މޫނުމަތީގައި އެއްވެސް ތާޒާ ކަމެއް ނެތެވެ.

ކޮންމެއަކަސް ފަތީން އާއި ފައުޒާ ފުލުސް އޮފީހަށް ގެންދެވުނެވެ. އަދި ސުވާލު ކުރުމަށް ދެކުދިންވެސް ފާތުމާމެން ވެއްދުނު ކޮޓަރިއަށް ވެއްދުނެވެ.

“ފަތީން އަށް އެންމެފަހުން ފަޒީން ފެނުނީ ކޮން އިރަކު؟” އިއްޔެއެކޭ އެއްފަދައިން މިއަދުވެސް ތަހުޤީގީ ސުވާލުތަށް ކުރުމަށް ފުލުހުންގެ ފަރާތުން އިނީ ސަމާހުއެވެ. އޭނާ ފަތީންގެ ގާތުން ސުވާލު ކޮށްލިއެވެ. “އެރޭ، ބޭބެ މަރުވިރޭ 9 ޖަހާކަށް ހާއިރު ކޮޓަރިން ފެނުނީ.. އެފަހުން ނުފެނެ.” ބޭބެގެ ވާހަކަ ދައްކަން ފެށުމުން ފަތީންގެ ހިތަށް ކުރަން ފެށި އަސަރުތަށް ފަތީން ފޮރުވޭތޯ ބެލިއެވެ.

“ފަތީންގެ ބައްޕަ ބުނި އެރޭ ގޭތެރޭގަ މައްސަލައެއް ޖެހުނު ވާހަކަ! ފަތީންއަށް ހީވޭތަ އެރޭ ފަޒީން ނުކުމެގެން ދިޔައީ އެކަމާ ހިތްހަމަ ނުޖެހިފައި ހުރިވަރުންހެން؟” ސަމާހު ސުވާލު ކޮށްލިއެވެ.

“އާނ އެކަމާ ވަރަށް ރުޅިއައިސްފަ ބޭބެ ހުރީ.. ބުނީ ތިމަންނާހެދި މިއާއިލާއަށް ވަރަށް ބޮޑަށް އުނދަގޫ ވެޔޯ. ތިމަންނަ އުޅޭނެ އެހެން ތަނެއް ހޯދައިފާނަމޯ..” ފަތީން ކިޔައިދިނެވެ.

“ފަޒީން މަރާލަން މީހަކު އިންޒާރުދީ ނޫނީ ފަޒީން މަރާލަން މީހަކު ބޭނުން ވެގެން އުޅޭ ފަދަ އެއްވެސް އިޝާރާތެއް ފަތީން އަށް ވިތަ؟” ސަމާހު ކުރި ސުވާލަށް ފަތީން މިފަހަރު ޖަވާބު ދިނީ އޭނާގެ ނިއްކުރީގެ ހަމަހިމޭން އިޝާރާތަކުންނެވެ. “އެއީ ކާކު؟” ފަތީންގެ ޖަވާބު ވެގެން ދިޔައީ ސަމާހުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ދަމައިގަތް ޖަވާބަކަށެވެ. “އެއީ ނަޒީހު..” ފަތީންގެ އަޑުން ކޫރުންގެ އަސަރުތަކެއް ފާޅުވާން ފެށިއެވެ. ނަމަވެސް ހިތުތެރޭ އުތުރެމުން ދިޔަ ޖަޒުބާތުތަށް ފަތީން ބެލީ ފޮރުވޭތޯއެވެ. “ކީއްވެ ނަޒީހު ފަޒީން މަރާލަން އިންޒާރު ދޭން ވީ؟” ސަމާހު އޭނާގެ ސުވާލުތަށް ކުރިއަށް ގެންދިޔައެވެ. “ފަޒީންބެގެ ގާލްފުރެންޑު ބޭނުން ވެގެން ނަޒީހު އުޅެނީ. އެކަމަކު ފަޒީންބެ ބޭނުމެއް ނުވޭ ޝިމާ އާއި ރުޅިވާކަށް.. އެކަމާ އަބަދު މަގުމަތިން ފެނުނަސް ކޮންމެސް ގެއްލުމެއް ނަޒީހު ދޭނެ ފަޒީންބެއަށް.. އެގޮތުން އަޅުގަނޑު ހުއްޓަވެސް މަރާލާނަމޭ ކިޔާ އިންޒާރު ދިން.” ފަތީން ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ދެލޯ ވަނީ ފެންކަޅި ވެފައެވެ. ފަތީންގެ ފަރާތުން ސަމާހުގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބުނު ފަދައެވެ. ފަތީންއަށްފަހު ފައުޒާވެސް އެ ކޮޓަރިއަށް ވެއްދުނެވެ.

“ބޭބެ ބުނީ މަރުވާށޯ ބޭނުމީ.. ބައްޕަމެން އަބަދު ތަފާތު ކުރަނީއޯ.. އެކަމް އެއީ ބޭބެއަށް ހީވާގޮތެއް. ވަކި ބޭބެއަށް ނުދޭ އެއްޗެއް އަޅުގަނޑު މެނަކަށްވެސް ބައްޕަ ނުދޭ. ބޭބެ އެރޭ ރުޅިއައިއްސަ ހުރިވަރުން އެހެން ކީ.. ބޭބެ އެންމެ ބޮޑަށް ރުޅިއައީ ލާރި ދޭށޭ ބުނީމަ ބައްޕަމެން ލާރި ނުދޭތީ. އެކަމަކު އެކަހަލަ ގޯސްކަމެއް ކުރަން އެއްވެސް ދަރިއަކަށް ބައްޕަމެން ލާރިއެއް ނުދޭނެ އެންނު. އެރޭ ގާތްގަނޑަކަށް 8 ގަޑި ބައިހާއިރު ބޭބެ އަޅުގަނޑު ކޮޓަރިއަށް އައިސް ވަރަށް ބޮޑަށް ރުޅިއައިސްގެން މިކަހަލަ ވާހަކަ ތަކެއް ދެއްކި.. އެކަމަކުވެސް އަޅުގަނޑު ހިއެއްނުކުރަން އެރޭ ބޭބެ މަރުވާނެ ކަމަކަށް.” ފައުޒާ ރޮމުން އިނދެ ފައުޒާގެ ތަޖުރިބާ ސަމާހުއަށް ކިޔައިދިނެވެ. އެވަގުތު ސަމާހުގެ ވިސްނުން އެއްކޮށް ބަދަލުވެގެން ދިޔައެވެ. ފަޒީން މަރުވީ އަމިއްލަޔަށް ބާއޭ ސަމާހުގެ ހިތުގައި ސުވާލުތަށް އުފެދެން ފެށިއެވެ. “އެހެންވިއްޔާ ތިބުނަނީ ފަޒީން މަރުވީ އަމިއްލަޔަށް މޫދަށް ފުންމާލާގެނޭތަ؟” ސަމާހު ސުވާލު ކޮށްލިއެވެ. “ނޫން.. ބޭބެއަށް އިނގޭނެ ފަތަން. އެހެންނޫނަސް އަޅުގަނޑާ ކުޑަބެ ދޫކޮށްލާފަ ތިއްތިބެއެއް ނުދާނެ އެހާ ކުޑަ ކަމެއް ދިމާވެގެންނެއް.. އެއަށްވުރެން ބޮޑަށް ތިއްތިބެ އަހަރެމެންދެކެ ލޯބިވާނެ..” ފައުޒާ ރޮމުން ގެންދިޔަ ވަރުން ސަމާހުގެ ހިތަށްވެސް އަސަރުކުރިއެވެ. ފައުޒާ އިނީ އެހާވެސް ހިތުގައި ޖެހިފައެވެ.

ފައުޒާގެ ވާހަކަ ތަކަށް ބަލާއިރުވެސް ފަޒީން މަރުވީ އަމިއްލަޔަށޭ ބުނެވޭކަށް ނެތެވެ. ސަބަބަކީ ފަޒީންގެ ހަށިގަނޑުގެ ބޭރު ފުށުގައި އެތަށް ބައިވަރު އަނިޔާތަކެއް ފެންނަން ހުރުމުންނެވެ. ފަޒީންގެ ބޯވެސް ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ. ގައިގެ ބައެއް ތަންތަން ވަނީ ނޫފައި ގަތްފައެވެ. އެވަރުގެ ބޮޑު އަނިޔާއެއް އަމިއްލަ ނަފްސައް އެއްވެސް މީހަކު ދީފާނެ ބާއޭ އެއީ އުފެދޭ ބޮޑު ސުވާލެކެވެ.

ފަތީން އާއި ފައުޒާ ޕޮލިސް ސްޓޭޝަނުން ނުކުމެ ގެޔާދިމާލަށް ހިގައިގަތް އިރު ތިނެއް ޖަހަނީއެވެ. ގެޔާއި ހަމަޔަށް ނުދެވެނީސް ފަތީންގެ ފޯނަށް މެސެޖެއް އައެވެ. ފަތީން ފޯނު ނަގާ ބަލައިލިއިރު އެއީ ނުދަންނަ ނަންބަރަކުން އައި މެސެކެވެ. “ކޮބާ ރަނގަޅަށް ވާހަކަ ދައްކައެއް ނުލެވުނު ދޯ.. މާއަވަހަށޭ ތި ދިޔައީ ބަޔާން ދޭން. މިރޭ ހަނދާންކޮށް 9 ގަ އަންނާތި.” މެސެޖުގައި ލިޔެވިފައިވާ އެއްޗެހި ކިޔާލުމާއި އެކު ފަތީންއަށް ވަގުތުން އެއީ ކާކުކަން އެނގުނެވެ. އެވަގުތު ފަތީންގެ ފޯނަށް ކޯލެއް އައެވެ. ގުޅަނީ އާނިސް އެވެ.

ފަތީން: “ހަލޯ.”

އާނިސް: “އޭ ކޮބާ ކޮން ކަމެއްގަ؟”

ފަތީން: “މި އަންނަނީ ޕޮލިސް ސްޓޭޝަނުން.. ބަޔާން ދީފަ. ކިހިނެއް ވީ؟”

އާނިސް: “ކޮބާތަ ފައުޒާ؟ އޭނަ ފޯނު އަދިވެސް އޮންނަނީ ނިވާލާފަ!”

ފަތީން: “އޭނަ އެބަހުރި މިތާ. ދޭން ވީތަ!”

ފަތީން މިހެން ބުނަމުން ފައުޒާއަށް ފޯނު ދިއްކޮށްލިއެވެ.

“ކާކު؟” ފައުޒާގެ މޫޑު އަދިވެސް ހުރީ އެހާ ރަނގަޅަކަށް ނޫނެވެ. “އާނިސް އޭ… ވާހަކަ ދައްކަބަލަ..” ފައުޒާގެ ކަންފަތުގައި ފޯނު ޖައްސަމުން ފަތީން ބުނެލިއެވެ. “ހަލޯ” ފައުޒާ ވާހަކަ ދެއްކިއެވެ. “ބޭބީ ކީއްވެގެންތަ ފޯނު ނިވާލާގެން ތިއުޅެނީ.. ނޭނގޭތަ މަ ހާސްވާނެ ވަރެއް؟” އާނިސް ހުރީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. “ފޯނުގަ އަތެއް ނުލަން މިހާރު..” ފައުޒާ ވާހަކަ ދައްކަމުން ގެންދިޔައީ މަޑުމޮޅި ގޮތަކަށެވެ. އޭނަގެ ވާހަކަ އަޑުއަހާ މީހަކަށް އޭނަ އެ ވާހަކަ ދައްކަނީ ދައްކާ ހިތަކުން ނޫންކަން ވަރަށް ރަނގަޅަށް ދޭހަވާނެއެވެ. “އަހަރެން ބޭނުން މީޓް ކޮށްލަން.. ހަމަ މިހާރު..” އާނިސްގެ އެދުމަށް ފައުޒާ ދެކޮޅު ހެދޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އާނިސް އެއްގޮތަކަށް ވެސް ގޮތް ދުލެއް ނުކުރިއެވެ. އެހެން ކަމުން ފައުޒާ އެންމެ ފަހުން އެއްބަސް ވިއެވެ.

އާނިސް: “އޯކޭ އެހެންވީމަ ދީބަލަ ފަތީން އަތަށް..”

ފަތީން: “ހަލޯ.. ކިޔާބަލަ..”

އާނިސް: “އޭ މަށާ ފައޫއާ މިއުޅެނީ މީޓް ވެލަން. ކަލޭ ވެސް ބުނީމެއްނު އޭނަޔަށް ހިތްވަރުދޭން ދާށޭ.. އެހެންވީމަ ތިގެޔަށް ވަދެލެވޭނެތަ؟”

ފަތީން: “އާނ އޯކޭވާނެ.. މަގޭ ރޫމްގަ ތިބޭނީ.. އޭރުން މަންމަމެން ހީކުރާނީ ކަލޭ މަކާރިޔަށް އައީ ކަމަށް..”

އާނިސްގެ ފޯނު ކޯލް ނިމުނު އިރު އެކުދިންނަށް ވަނީ ގެޔާ ހަމަޔަށް އާދެވިފައެވެ. ފައުޒާ އާއި ފަތީން ގޮސް ވަދުނީ ފަތީންގެ ކޮޓަރިއަށެވެ. ގިނަ އިރުތަކެއް ނުވެ އާނިސް އައިސްފިއެވެ. އާނިސް ގެއިން ބޭރުގައި ހުރެފައި ފަތީންއަށް ގުޅުމުން ފަތީން ނުކުމެ އާނިސް ގޮވައިގެން ވަތްއިރު މާމަ ސިޓިން ރޫމްގައި ބަލަހައްޓައިގެން އިނެވެ.

އާނިސް ކޮޓަރިއަށް ވަދުމާއިއެކު ފައުޒާ ދުވެފައި އައިސް އާނިސް ގައިގައި ބައްދައިގަތުނެވެ. “އަހާ މާބޮޑަށް ދެރަވީދޯ..” އާނިސް މިހެން ބުނަމުން އޭނާގެ މޭތެރޭ އޮތް ފައުޒާގެ މޫނަށް ބަލައިލިއެވެ. އެއިރު ފައުޒާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.

“އޭ މަ މި ޖައްސާލަނީ ބޭރަށް..” އެ ދެކުދިންނަށް ވަގުތުކޮޅެއް ދިނުމުގެގޮތުން ފަތީން ކޮޓަރިން ނުކުންނަމުން ބުނެލިއެވެ.

ފަތީން ނުކުމެ ބަދިގެޔާއި ދިމާލަށް ހިނގައިގަތް ވަގުތެވެ. “އޭއި ފާޑެއްގެ ސޮރެއް ގެނަސް ފައުޒާ ކޮޓަރީގަ އުޅެނިކޮށް ކޮޓަރިއަށް ލާފަ ދަރިފުޅު ތިދަނީ ކޮންތާކަށް؟” މާމަ އަނގަ ތަޅުވައި ގަތުނެވެ. “ޕިސް ޕިސް.. މަ ނުދަމޭ ތާކަށް. އެއީ މަގޭ ކްލާސް ކުއްޖެއް. މާމަ ތިކަހަލަ އެއްޗެހި ނުކިޔާ އިނދެބަލަ. އޭނައަށް އަޑުއިވިއްޖެޔާ އޭނަ ކިހާ ލަދު ގަންނާނެތަ.” ފަތީން ވަރަށް ރުންކުރު ގޮތަކަށް މިހެން ބުނުމަށް ފަހު ގޮސް ބަދިގެޔަށް ވަދުނެވެ.

އާނިސް ފައުޒާ ގޮވައިގެން އެނދުމަތީގައި އިށީނދެލިއެވެ. ފައުޒާގެ ފިކުރުތަށް އޭނާގެ ސިކުނޑިން ފުހެލަދޭން އާނިސް މަސައްކަތް ކުރިއެވެ. އާނިސް ފައުޒާއާ ގާތްވެލީ އެކަހެރި ތަނެއްގައިތިބި ދެކުއްޖަކު ގާތްވެގެން ނުވާނެ މިންވަރަށެވެ. އެނދުގެ ފަޑިއާއި ގާތުގައި އިށީނދެލައިގެން އިން ފައުޒާގެ ކޮނޑުގައި ހިފާ އާނިސް އެނދުގެ ފަޑީގައި ޖައްސާލިއެވެ. އަދި މަޑުމަޑުން ފައުޒާގެ ކަރާއި ގާތްވެ ފައުޒާގެ ކަރަށް ބޮސްދިނެވެ. އެކަން ތަކުރާރުވާން ފެށުމުން އެކަންވީ ފައުޒާއަށް އުނދަގޫވިއެވެ. އޭނާ އާނިސްގެ މޭމަތީގައި އަތް އަޅުވާ، ގަޔާއި ދުރުކޮށްލިއެވެ. އަދި އިންތަނުން ތެދުވިއެވެ. “ކިހިނެއްވީ؟” އާނިސް ސުވާލު ކޮށްލިއެވެ. ނަމަވެސް ފައުޒާގެ ޖަވާބެއް ނުލިބުނެވެ.

 

 

-4 ވަނަ އެޕިސޯޑް ނިމުނީ-

50

10 Comments

 1. Friend

  November 17, 2019 at 9:27 pm

  Salhi wow
  😉😉😉

 2. §HåĂĶĶÓ

  November 17, 2019 at 9:44 pm

  Reethi

 3. ރާނީ

  November 17, 2019 at 11:19 pm

  V salhi wow… ❤️❤️❤️😍😍❤️❤️❤️

 4. Zoo

  November 18, 2019 at 7:04 pm

  Varah varah varah reethi… adhi varah thafaathu story eh kan faahaga vey. keep it up

 5. Shifaa

  November 18, 2019 at 7:06 pm

  Aanis haadha vahushee ey.. beybe maruvi hithaamaiga fauzaa ulhenikoh ais e keythen feshee.. eyna dhen maraalan vee

  • rainstorm

   November 19, 2019 at 6:55 pm

   aan mashah vrh shahku e aanis vx baiveri vegen hn hiivany fazeen maraalii

 6. Yanaa

  November 18, 2019 at 7:48 pm

  Varah😍😍 varah😍😍reethi😍😍maa sha Allah😘waiting😘😘for😍 the😍😍next 😍😍episode😚😘😙

 7. Alyy

  November 19, 2019 at 7:45 am

  Furathama 7 episode kiyaaleveyny konthaakun? Btw vaahaka vrh thafaathu vrh reethi😍❣

  • Maseeh

   November 20, 2019 at 6:21 pm

   esfiya.com inn kiyaa leveyne hama

 8. އާބިދާ ޢަލީ

  November 19, 2019 at 8:23 am

  varah reethi… cannot wait.. avahah aneh bai genesdhee

Comments are closed.