ސޫޓްގެ ނަންބަރު ޖަހާލުމަށްފަހު ދޮރު ހުޅުވާލަމުން އޭނައަށް އެތެރެއަށް ވަދެވުނީ ރޫރޫއަޅާ އަޑަކުން މަލާކްގެ ނަމުން ގޮވަމުންނެވެ. ވެފައިވި ހާސްކަމެއްގެ ސަބަބުން އޭނަ ވަދެގެން ދިޔައީ ވެސް ސޫޓްގެ ދޮރު ލައްޕާލުމެއްނެތިއެވެ. އަޔާޒް ވަގުތުން ސީދަލަށް ގޮސް އެ ވީޑިޔޯއިން ސާޝާ މަލާކް ލީ ކޮޓަރިއާއި ހަމައަށް ގޮސް އެ ދޮރު ކައިރިއަށް ދިޔައެވެ. ދޮރާއި ކައިރިވަމުން ދިޔަދިޔަހެން ވެސް އޭނައަށް ކުކުރުމެއްގެ އަޑު އިވެމުން ދިޔައެވެ. ކުޑަކޮށް ހުއްޓިފައި ހުރުމަށްފަހު އަޔާޒް ދޮރު ހުޅުވާލުމާއެކު އޭނަ ގަނޑުވިއެވެ. ބިންމަތީގައި އޮތް ދެލޯ މެރިފައިވި މަލާކްގެ އަތްފައި ގަދައަށް ތުރުތުރު އަޅަމުން ދިޔައިރު އޭނަގެ މޫނުމަތީގައިވި އަސަރުންނާއި އޭނަގެ ކުކުރުމުން އޭނަވީ ގަދަ ވޭނެއްގައިކަން އެނގެއެވެ. އެތަން ފެނިފައި އަޔާޒަށް ވަގުތުން ކޮޓަރިއަށް ވަދެ މަލާކްގެ ކައިރިއަށް ތިރިވެލަމުން މަލާކް އޭނަގެ އަތުތެރެއަށް ލިއެވެ. އެއާއެކު އަނެއްކާވެސް އޭނަގެ ލޮލުން ދިލަނަގަން ފެށިހެން އޭނައަށް ހީވި ވަގުތު އޭނައަށް މަލާކްގެ ނަމުން ގޮވާލެވުނެވެ. އޭނަގެ އަޑު ރޮވިފައިވާ ގޮތަކަށް ނިކުތް ގޮތުން އޭނަ ޙައިރާންވިއެއްކަމަކު އެވަގުތު އެކަމާމެދު ވިސްނަން އޭނަ ނުކުޅެދުނެވެ. އޭގެ ބަދަލުގައި އޭނައަށް އޭނަގެ އަތުތެރޭގައި އޮތް އަންހެން ކުއްޖާ އޭނައާއި ގާތްކޮށްލަމުން އެކުއްޖާގެ ގައިގައި ބައްދާލެވުނީ ލޯތްބާއި އެކީގައެވެ. މި ދުނިޔޭގައި އޭނައާއިމެދު އިޚްލާޞްތެރި ހިތަކުން އަޅާލާނެ މީހަކު ހުރިއްޔާ އެ އަންހެން ކުއްޖާ އެމީހާއަށް ވާނެކަން ޔަޤީންކުރެވުނު ހިނދު އަޔާޒްގެ ހިތް ލޯބިން ފުރިގެންއައެވެ.

 

އެވަގުތުކޮޅަށް ގެއްލިގެން ދިޔަ އަޔާޒަށް ނޭނގުނުކަމަކީ އެ ކޮޓަރީގެ ދޮރުމަތީގައި އެވަގުތު އެހެން މީހެއް ހުރިކަމެވެ. އަޔާޒް މަލާކްގެ ގައިގައި ބައްދައިގެން ހުރިގޮތުން އައި ރުޅީގައި އޭނަގެ ސިކުނޑި ގޯސްވެދާނެހެން މައުވާއަށް ހީވިއެވެ.

 

މައުވާ ބަލަބަލާ ހުއްޓާ އަޔާޒް އޭނަގެ އަތްދަނޑިމައްޗަށް މަލާކް ނަގަމުން ކޮޅަށް ތެދުވިއެވެ. އަދި މަލާކްގެ މޫނުން ނަޒަރު ވަކި ކުރުމެއްނެތި ކޮޓަރިން ނިކުންނަން ދިމާކުރިއެވެ. މައުވާ އުޅުނީ އަޔާޒްގެ ނަމުން ގޮވަމުން ތިއީ ކީއްކުރަނީތޯ އަހައި އަޔާޒް އެހާ ހިސާބުންވެސް ހުއްޓުވާށެވެ. އެހެނަސް އަޔާޒް އޭނައަށް ބެލުމެއްވެސް ނެތި ކުރިއަށް އަންނަމުން ދިޔަގޮތުން ދޮރު މަތިން ދުރުވާން މައުވާއަށް މަޖުބޫރުވިއެވެ. އޭނަ ނުރުހުމުގެ ނަޒަރަކުން ބަލަން ހުއްޓާ އަޔާޒް މަލާކާއެކީ އޭނައަށް ފަސްދީފައި ގޮސް މިޞްރާބުޖެހީ މުޅި އެ ސޫޓްގައި ވެސް ހުރި އެންމެ ބޮޑު ކޮޓަރިއަށެވެ. އެއީ އަޔާޒް ޢާއްމުގޮތެއްގައި ނިދާ ކޮޓަރިކަން މައުވާއަށް އެނގުންވި ވަގުތަކީ އަޔާޒް އޭނަ ނަފްރަތުކުރާ އަންހެން މީހާއަކީ އެކޮޓަރިއަށް ވަން ވަގުތެވެ. ދެމީހުން ލޯ މަތިން ގެއްލުނު ވަގުތު މައުވާއަށް ރުޅިން ރަތްވެ ހުރެ ހަޅޭކަކާއެކީ އެއްފައި ބިންމަތީގައި ޖަހާލެވުނެވެ. އެއަށްފަހު ރުޅިވެރިކަމާއެކީ ފުން ނޭވާތަކެއް ލަމުން ކުއްލިއަކަށް އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ދާން ހިނގައިގަތެވެ.

 

ކޮޓަރިއަށް ވަދެގެން ގޮސް އަޔާޒް މަލާކް އެނދުމަތީގައި ބޭއްވިއެވެ. އޭރުވެސް މަލާކްގެ ދެއަތާއި ފައިގައި ތުރުތުރެއްވިއެވެ. މަލާކަށް ބަލަން ހުރެފައި އަޔާޒް އޭނަގެ ޖީބުން ފޯނު ނަގައި ނަންބަރަކަށް ގުޅާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.

 

“ހެލޯ….އަޅުގަނޑު މި ކިޔައިދޭ ބޭސްތައް ސޫޓް 322 އަށް ގެނެސްދިނުން އެދެން…..” އަޔާޒް އެހެން ބުނެ މަލާކަށް ބޭނުންވާނެ ބޭސްތަކާއި އިންޖެކްޝަންތައް ކިޔާލަދިނެވެ. އޭނަ ފޯނުން ވާހަކަ ދައްކަމުން ދިޔައިރު ތުރުތުރު އަޅަމުން ދިޔަ އަތުން މަލާކް އޭނަގެ އަމިއްލަ ފައިގައި އަތްޖައްސަން މަސައްކަތް ކުރަމުން ދިޔަތަން އަޔާޒަށް ފެނުނެވެ. އަޔާޒް ފޯނު ކަނޑާލި ވަގުތު މަލާކް އެކަން ކުރަން ނުކުޅެދުމުން ފައިގައިވި ރިހުމާއެކު ވޭނީ އާހެއްގެ އަޑު ލެއްވިއެވެ. އެ މަންޒަރު ބަލަން ހުރެފައި އަޔާޒް އޭނަގެ ކަކޫމައްޗަށް ތިރިވިއެވެ. އެއަށްފަހު މަލާކްގެ ވޭނުން ފުރިގެންވި އަސަރެއްވި މޫނަށް ބަލަން ހުރެފައި އޭނަގެ ދެއަތް މަލާކްގެ އެއްފައިގައި އެޅިއެވެ. އެއަށްފަހު އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް މަލާކް އޭނަގެ އެހީ ބޭނުންވާކަން ދަނެގެން ފައިގެ އެކި ހިސާބުގައި މަޑުމަޑުން ހިފަން ފެށިއެވެ. އޭނަ ހިފަން ފެށިތާ މާ ގިނައިރެއްނުވެ މަލާކްގެ ތުރުތުރުތައް އިހުނަށްވުރެ ކުޑަވެގެން ދިޔައެވެ. އޭނަ އުއްމީދު ކުރިވަރަށްވުރެ އަވަހަށް މަލާކްގެ ޙާލަތަށް ބަދަލެއް އައުމުން ލިބުނު ހިތްހަމަޖެހުމާއެކީ މަލާކްގެ މޫނަށް އަޔާޒަށް ބަލާލެވުނީ ލުއި ހިނިތުންވުމަކާއި އެކީގައެވެ.

 

އޭގެ އިރުކޮޅެއްފަހުން އޭނަ އޯޑަރު ކުރި ބޭސްތައް އައުމުން އަޔާޒް މަލާކަށް ފަރުވާ ދޭންފެށީ އެއީ ހޮސްޕިޓަލެއްހެން ހީވާ ފަދައަކުންނެވެ. މަލާކަށް އިންޖެކްޝަން ދިނުމަށްފަހު އައިވީއެއް ވެސް ގުޅާލީ ކޮޓަރީގައި އެއްޗެހި އަޅުވަން ހުންނަ އެތީގެ އެހީގައެވެ. އޭނަ އެކަންތައް ކުރިތާ 15 ވަރަކަށް މިނެޓް ފަހުން މަލާކް މުޅިންހެން ހިމޭންވެގެން ދިޔައެވެ. އެކަން ފާހަގަވުމުން މަލާކަށް ބަލަން ހުރެފައި އަޔާޒަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އޭނަ އެހެން ހުރެފައި މަލާކަށް ފަސްދެމުން އެނދުގެ ކުރިމައްޗަށްވާ ގޮތަށް ހުރި ސޯފާއާއި ދިމާލަށް މިޞްރާބުޖެހީ ކޮންމެ ރެއެކޭ އެއްފަދައިން އޭގައި ނިދާލުމަށެވެ. އެއީ ރަޝިޔާއަށް އައި ފުރަތަމަ ރޭ އަޔާޒާއި މަލާކްއާ ދެމެދު ނިންމުނު ނިންމުމެކެވެ. މަލާކް ފުރަތަމަ އުޅުނީ އަޔާޒަށް އެނދު ދީފައި ސޯފާގައި އޮންނާށެވެ. އެހެނަސް މަލާކަށް ގެނެވޭ ޙަރަކާތަކުން އޭނަ އެހާ ކުޑަ ތަންކޮޅަކުން ވެއްޓުން ނުހަނު ގާތްކަން ދަނެގެން އަޔާޒް މަލާކަށް އެނދު ދިނެވެ. އަޔާޒް ފުރަތަމަ ނިންމީ މަލާކަށް އެކޮޓަރި ދީފައި އޭނަ އެހެން ކޮޓަރިއެއްގައި ނިދާށެވެ. އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. އޭނަ މަލާކް އެކަނި ދޫކޮށްފައި އެހާ ދުރުގައި އޮންނާކަށް ބޭނުމެއްނުވިއެވެ. މަލާކް އެކަނި އޮތްވާ ގޮތެއް ދިމާވެދާނެއޭ ހިތް ބުނަމުން ދިޔަ މިންވަރުންނެވެ. މިވީހާ ދުވަހު މަލާކާއެކީ އެއްކޮޓަރިއެއްގައި ހޭދަވި ރޭތަކުން އަޔާޒް ލަފާކޮށްގެން ހުރި ހުރިހާ ކަންތައް އޭނައަށް ފެންނަމުން ދިޔައެވެ. ދޭތެރެދޭތެރެއިން މަލާކް ނިދީގައި ވެސް ސިއްސައިގެން ދާ މަންޒަރު ފެނިފައި ކުރީކޮޅު އޭނަ މަލާކަށް އެހީވާން ބޭނުންވިއެވެ. އެހެނަސް ސިއްސައިގެންދާ ކޮންމެ ފަހަރަކު މަލާކް ރުޅި މޫނު ހަދަމުން އަނެއްފަރާތަށް އެނބުރެމުން ދިޔަ ގޮތުން އޭނައަށް މަންޒަރު ބަލަން އިނދެވެނީ ހެވިފައެވެ.

 

އެވަގުތުކޮޅުތައް ހަނދާންކުރަމުން އަޔާޒަށް އެވަގުތުވެ ހިނިތުންވެވެން އުޅެނިކޮށް ކުއްލިއަކަށް މަލާކް ސިއްސައިގެންދާ ހިނދު އޭނަ އެތެރެއަށް ދަމާ ކުރު ނޭވާގެ އަޑު އިވިގެން ދިޔައެވެ. އަޔާޒް ބަލާލި ވަގުތަކީ އެހެން ރޭ ތަކާއި ޚިލާފަށް އެ ކުޑަ ޙަރަކާތުން ވެސް މަލާކްގެ މޫނުމަތިން ތަދުވެގެން އުޅޭ ފަދަ އަސަރެއް ފެނިގެން ދިޔަ ވަގުތެވެ. އެ ހިނދު އަޔާޒަށް އަނެއްކާވެސް މަލާކްގެ ކައިރިއަށް ދެވުނީ ދެވަނަ ވިސްނުމެއްނެތިއެވެ. މަލާކަށް ބަލަބަލާ ހުރެފައި މިފަހަރު އަޔާޒް ފުން ނޭވައެއް ދޫކޮށްލަމުން އެނދުގެ އަނެއްފަރާތަށް ދާން ފެށިއެވެ. އެފަރާތަށް ދެވުމާއެކު އޭނައަށް އެނދުގެ ޑުވެޓް ހިއްލައި އެނދަށް އެރެން ފެށި ގޮތުން ޚުދު އޭނަ ވެސް ޙައިރާންވިއެވެ. އޭނައަށް މިކުރެވެނީ ކޮންކަމެއްތޯ ހިތަށްއެރިއެވެ. އޭނައަށް ނޭނގުނެވެ. އެހެނަސް އޭނައަށް އެނގުނުހާ ކަމަކީ އެރޭ އޭނަ މަލާކްގެ ގާތުގައި ނެތްނަމަ އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެކަމެވެ. އަޔާޒް އެނދަށް އަރައި މަލާކާއިވީ ފަރާތަށް އެނބުރެމުން މަލާކާއި ނުހަނު ގާތްކޮށް އޮށޯތެވެ. މަލާކްގެ މޫނަށް ބަލަން އޮވެފައި އަޔާޒް މަލާކްގެ އަތަށް ނަޒަރު ހިންގާލިއެވެ. އެހިނދު އައިވީ ގުޅާފައިވި އަތުގެ އިނގިލިތައް ކުއްލިކުއްލިއަށް މައްޗަށް ހިއްލެމުން ދިޔަތަން ފެނިފައި އަޔާޒް އެ އަތްމަތީގައި އޭނަގެ އެއްއަތް އަޅާލިއެވެ. އެއާއެކު މަލާކަށް އެކަން އެނގުންވީ ފަދައަކުން މަލާކް ދެންވެސް ދެލޯ މެރިފައި އޮވެ އަޔާޒާއިވީ ފަރާތަށް އެނބުރި އޭނަގެ މޫނު އަޔާޒްގެ މޭމަތީގައި ޖައްސަމުން އިހުނަށްވުރެ އަޔާޒާއި ގާތްވެލިއެވެ. ވަމުން ދިޔަ ގޮތުން އަޔާޒްގެ ހިތަށް ލިބިގެން ދިޔަ ސިހުންތަކާއެކީ އޭނައަށް ޙަރަކާތެއްކުރަން ނޭނގިފައި އޮވެވުނެވެ. އެހެނަސް މަލާކްގެ ހޫނު ނޭވާތައް އޭނަގެ މޭމަތިން އިޙްސާސްކުރެވެން ފެށުމުން އަޔާޒަށް މަލާކްގެ ގައިގައި ބައްދާލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ހިނދު ހިތަށް ލިބުނު އާދަޔާ ޚިލާފު ހަމަޖެހުމާއެކީ އަޔާޒަށް ދެލޯ މަރާލެވުނެވެ. ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން ނުހަނު އަވަހަށް އޭނަވެސް ފުން ނިންޖެއްގެ ތެރެއަށް ގެނބުނެވެ.

 

އޭގެ އަނެއްދުވަހު އަޔާޒަށް ހޭލެވުނީ ހެނދުނު 8 ޖަހައި ބޮޑުވި ފަހުންނެވެ. ހޭލެވުނުއިރު އޮވެވުނު ތަނާއި އޮވެވުނު ގޮތް އެނގުންވުމުން އަޔާޒަށް ވަގުތުން ތެދުވެވެން އުޅުނެވެ. އެހެނަސް އޭނަގެ އަތުތެރޭގައި އޮތް އަންހެން ކުއްޖާގެ ސަބަބުން އޭނަ ޖެހިލުންވިއެވެ. އޭނަ ކުޑަކޮށް ދުރުވެލަމުން މަލާކްގެ މޫނަށް ބަލާލި ވަގުތު އޭނަ އުއްމީދުކޮށްގެން ހުރީ ހަމަޖެހިފައިވި އަސަރެއް އެމޫނުމަތިން ފެނިގެންދާނެ ކަމަށެވެ. އެހެނަސް އެ ހަމަޖެހުމާއެކީ އެ ތުންފަތްމަތިން ލުއި ހިނިތުންވުމެއް ފެނިފައި ޤަބޫލުކުރަން ނޭނގިފައި އިރުކޮޅެއް ވަންދެން އަޔާޒަށް އޮވެވުނެވެ. މަލާކް ހިނިތުންވީ އޭނަ މަލާކްގެ ކައިރީގައި އޮންނާތީތޯ ހިތަށްއެރިއެވެ. އެހެނަސް އެހެންވާނީ ކިހިނެއްހެއްޔެވެ؟ މަލާކް އެކަމާމެދު ހިނިތުންވާނީ އެކަން އެނގިގެން ނޫން ހެއްޔެވެ؟ ނޫނެކެވެ. މަލާކަށް ހިނިތުންވެވިފައިވާނީ ފެނިފައިވާ ހުވަފެނެއްގެ ސަބަބުންކަމަށް އެންމެ ފަހުން އަޔާޒަށް ނިންމުނެވެ.

 

ކޮންމެ ގޮތެއްވިޔަސް އަޔާޒަށް އޭނައާއި ނުހަނު ގާތުން ފެނުނު އެ ސޫރަ ރީތިވިއެވެ. އެގޮތުގައި އެތައްއިރެއް ވަންދެން އޮންނަން ހިތަށްއެރި ހިނދު އޭނަ ޙައިރާންވިއެވެ. އެހެނަސް ޙައިރާންވާންވީ ސަބަބެއް ނެތް ކަމަށް އޭނަ އަމިއްލަ ނަފްސުގާތު ބުނެލައިފިއެވެ. މިގޮތަށް ކައިރިން އަންހެން ކުއްޖަކު ފެނުމުން އޭނައަށް ރީތި ނުވާނީ ކޮން އަންހެން ކުއްޖެއްތޯ އަހައި އޭނަގެ ހިތް ދެއްކި ބަހަނާއިންނެވެ. އެ ބަހަނާއާއެކީ ވެސް އޭނަ އަމިއްލަ ނަފްސާއި ކަހަލަ ގޮތަކަށް ހިނިތުންވެލަމުން މަލާކާއި ދުރުވާން ޖެހުނީ ހިތާއި ދެކޮޅަށެވެ. އެކަމާމެދު ވެސް އިތުރަށް އަޖާއިބުވެގެން ދިޔައެއްކަމަކު އޭނަ އެކަމާމެދު ވިސްނުމެއްނެތި އެނދުން ފޭބުމަށްފަހު ކޮޓަރިން ނިކުންނަން ދިޔައެވެ.

 

ކޮޓަރިން ނިކުމެގެން ދިޔުމަށްފަހު އަޔާޒް ބަދިގެއާއި ދިމާލަށް މިޞްރާބުޖެހީ ކޮފީއެއް ބޯލުމަށެވެ. މަގަކަށް ކޮފީ ހަދައި ނިމުނު ވަގުތު ސިޓިންގް ރޫމުން ވައިބާރގެ ރިންގްޓޯން އޭނައަށް އިވެން ފެށިއެވެ. ޙައިރާންކަމެއްގެ ތެރޭގައި އޭނަ ކޮފީ ތަށި ހިފައިގެން ސިޓިންގް ރޫމަށް ދިޔައިރު ރިންގުވަމުން ދިޔައީ ސިޓިންގް ރޫމުގެ މޭޒުމަތީގައި އޮތް މަލާކްގެ ފޯނެވެ. އަޔާޒް ގޮސް ފޯނު ނަގައި ބަލާލިއިރު ސްކްރީނުން ބޮޑުމަންމަގެ ނަން ފެނިފައި އޭނައަށް ހިނިތުންވެލެވުނެވެ. އޭނަ ވަގުތުން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“ހެލޯ ބޮޑުމަންމާ….” އަޔާޒް ސޯފާގައި އިށީންނަމުން ޖަވާބު ދިނެވެ.

 

“ވަޢަލައިކުމުއްސަލާމް….ހާދަ ނުލަފާ ގަޑިއެއްގައޭދޯ މި ގުޅާލެވުނީ؟ ގުޅަން އުޅުނު ކުއްޖާގެ ފިރިމީހާ މި ފޯނު ނެގީ….ބާއްވަނީ އިނގޭ ފަހުން އެބަ ގުޅަން.” ބޮޑުމަންމަ ހެވިފައިހުރެ ވާހަކަ ދައްކަމުން ގޮސް ބާއްވަން އުޅުމުން އަޔާޒަށް ވާހަކަ ދެކެވުނެވެ.

 

“ނޫނޭ ނޫނޭ….އެހެންނެއްނޫން އަސްލު…” ބޮޑުމަންމަ އޭނައާއި މަލާކްއާމެދު ވިސްނިގޮތް ސިފަވުމުން އަޔާޒް ގަތް ލަދާއެކީ އެހެން ބުނެލެވުނީ ހެވިފައިހުރެއެވެ. އެ އިޙްސާސް ދެގުނަވެގެން ދިޔައީ ރޭ އޭނަ ނިދަން އޮތީ މަލާކާއި ކިހާ ކައިރީގަކަން އެނގުންވުމުންނެވެ.

 

“އެހެންތަ؟ ދެން ކިހިނެއްވެގެން އަޔާޒް މި ފޯނު ނަގަންވީ؟ މަލާކް ކޮބާ؟ އަޔާޒް ނަމާދުކުރިންތަ؟” ބޮޑުމަންމަ އާދައިގެ މަތިން ސުވާލުކުރިއެވެ.

 

“އަދި ނުކުރަން ބޮޑުމަންމާ….ދެންމެ މި ހޭލީ. ރޭގަ ކުޑަ ކަންތައް ގަނޑެއްގެ ތެރޭގަ އުޅެފަ ވަރަށް ދަންވި ފަހުން ނިދުނީ…..” އަޔާޒަށް ކިޔައިދެވުނެވެ.

 

“ސުބްޙާނަ ﷲ! ކޮން ކަންތައްގަނޑެއް އަނެއްކާ؟” ބޮޑުމަންމަ ކަންބޮޑުވުމަކާއެކީ އަހާލުމުން އަޔާޒަށް ދެލޯ މަރާލެވުނެވެ.

 

“އެއީ ބޮޑުމަންމާ…..މަލާކް ކުޑަކޮށް ބަލިވެ އުޅޭތީ މިއުޅެނީ. ރޭގަ ކުޑަކޮށް ސަކަރާތްވީ. މިހާރު ވަރަށް ބޮޑުތަން ރަނގަޅުވެފަ އޮތީ އަހަރެން ބޭސް ދިނީމަ. ދެ ތިން ދުވަހަށް އަރާމުކުރީމަ ރަނގަޅުވާނެ.” އަޔާޒް ކިޔައިދިނެވެ. އޭނަ އެއްގޮތަކަށްވެސް ރޭ ހިނގި ކަންތައް ބޮޑުމަންމައަށް ކިޔައިދޭން ބޭނުމެއްނުވިއެވެ.

 

“އިން ޝާ ﷲ…..މަލާކް ރަނގަޅަށް ބަލައްޗޭ ދަރިފުޅު….ފަރީދައްތަ ބޮޑުމަންމައަށް ކިޔައިދިން އެ ރަށަށް އަނުމް ހޯދަން ދިޔަ ދުވަހު މަލާކްއާ ބެހޭގޮތުން އިވުނު ވާހަކަތައް. ސިކުނޑީގެ މައްސަލައެއް ޖެހިފަޔޯ މަލާކް ހުންނަނީ.” ވަސީމާ ކިޔައިދިނެވެ.

 

“ތިކަން އެނގޭ ބޮޑުމަންމާ….އެކަމަކު އެއީ މާ ބޮޑު މައްސަލައެއްނޫން.” އަޔާޒް ބުނެލިއެވެ.

 

“ކިހިނެއް އެނގެނީ؟ މަލާކް ބުނީތަ؟” ވަސީމާއަށް އަހާލެވުނެވެ.

 

“ނޫނޭ…..އަހަންނަށް ހަމަ އެނގެނީ.” އަޔާޒް އެވަގުތު ކިޔައިދޭން ބޭނުމެއް ކުރު ގޮތަކަށް ބުނެލިއެވެ. އެ ވާހަކަ އިވިފައި ބޮޑުމަންމަ ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ.

 

“ހަމައެކަނި އެކަމާހެދި މަލާކް ދޫކޮށްނުލައްޗޭ ދަރިފުޅު. މަންމައަށް ހަމަ ޔަޤީން ދަރިފުޅު ހިތް ފުރޭހާ ވަރަށް މަލާކް ދަރިފުޅަށް ލޯބި ދޭނެކަން. ރަނގަޅު އަންހެން ކުދިންނަކީ އެމީހުންގެ ޒާތުގައި ވެސް އެންމެންނަށް ހެޔޮހިތުން ކަންތައް ކޮށްދޭ ބައެއް. ވަކިން ޚާއްޞަކޮށް އެމީހުންގެ ފިރިންނަށްޓަކައި އެމީހުންނަށް ވެވުނުހާ ވަރަކުން ކަންތައް ކޮށްދޭނެ. ކޮށްނުދޭތަ މަލާކް؟” ބޮޑުމަންމަ އެ ސުވާލު ކޮށްލިތަނާހެން އަޔާޒަށް ސިފަވެގެން ދިޔައީ ރޭ އޭނަ ބެލި ސީސީޓީވީ ފުޓޭޖެވެ. އެ ވީޑިޔޯއިން މަލާކް އޭނައަށްޓަކައި ވޭނުގައި ވެސް ދެފައި މައްޗަށް ކޮޅަށް ތެދުވި މަންޒަރު ސިފަވުމުން އަޔާޒްގެ ގައިން ހީބިހި ނެގިއެވެ.

 

“ކޮށްދޭ….” އަޔާޒަށް އެހެން ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ. އަޔާޒްގެ އެ ބަސް އިވިފައި ފޯނުގެ އަނެއްކޮޅުގައި ހުރި ވަސީމާއަށް ހިނިތުންވެލެވުނެވެ.

 

“އެހެންވީމަ މަލާކްގެ އަތުން ދޫކޮށްނުލައްޗޭ…މަލާކް ކޮންމެ ގެއްލުމަކާއި ހިތާމައަކުން ރައްކާތެރިކޮށްދޭތި….އެއީ މަލާކްގެ ހެޔޮ ކަމުގެ ބަދަލުގަ އަޔާޒްއަށް ކޮށްދެވެން އޮތް ކަމަކީ….އާނ ދެން ބާއްވަނީ އިނގޭ. ދެކުދިން ނަމާދު ކުރާތި ކިތަންމެ ދުރުގަ ތިއްބަސް. އެއީ ބޮޑުމަންމަގެ ނަޞޭޙަތަކީ. އަދި އަޔާޒްގެ ބައްޕަގެ ވެސް ނަޞޭޙަތަކީ.” ބޮޑުމަންމަ ބުނެލިއެވެ.

 

“އާނ ބޮޑުމަންމާ….އޯކޭ.” އަޔާޒް އެހެން ބުނެލުމުން އެކޮޅުން ވެސް ފޯނު ކަނޑާލެވުނެވެ. އެއާއެކު އަޔާޒް އަނެއްކާވެސް ކޮފީ ތަށިން ކޯވަރެއް ދަމާލަމުން އެ ތަށި މޭޒުމަތީގައި ބެހެއްޓިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް އޭނަގެ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލެވުމުން ދަމާ ބާރެއްގެ އިޙްސާސް އޭނައަށް ކުރެވުނެވެ. އޭނައަށް ކޮޅަށް ތެދުވެލަމުން އަނެއްކާވެސް ކޮޓަރިއާއި ދިމާލަށް ދެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ކުޑަކޮށް ހުޅުވިފައިވި ކޮޓަރީގެ ދޮރު ހުޅުވާލި ވަގުތު މަލާކް ދެލޯ ތަގުޅިކޮށް ދެލޯ މަޑުމަޑުން ހުޅުވަމުން ދިޔަ މަންޒަރު އޭނައަށް ފެނުނެވެ. އޭރުވެސް މަލާކްގެ ތުންފަތްމަތީގައިވި ހިނިތުންވުން ފެނިފައި އަޔާޒަށް ލަސްލަހުން އެދިމާލަށް ދެވުނީ ޙައިރާންކަން އެކުލެވިފައިވި ހިނިތުންވުމަކާއި އެކީގައެވެ. އޭނަ ގޮސް އެނދުގެ ކައިރީގައި ހުއްޓިލީ ވަގުތު ލޯ ހުޅުވާލި މަލާކަށް އޭނަ ފެނުނީއެވެ. އާދައިގެ މަތިން އުއްމީދުކޮށްގެން ނެތް ކަމެއް ފެނުމުން މަލާކް ސިހިގެން ދިޔައެވެ. އެހެނަސް އެއީ ކުޑަ ސިހުމަކަށްވުމުން ރެއާއި ޚިލާފަށް އޭނަގެ ގައިގައި ރިހުމެއް ނުއުފެދެއެވެ.

 

“އަނހަ! މިއީ ހާދަ ސިހޭ ސުޕާރ ހީރޮއިންއެކޭ. ރޭގަ ބޮޑު މާ ސިންގާ ދެ ފިރިހެނުން ތިއްބާ ކަންތައް ކުރި ގޮތް ފެނިފަ މަ ހީކުރީ މި ކުއްޖާ ދެން އެއްވެސް ކަމަކަށް ނުސިހޭނެކަމަށް.” އަޔާޒް ސަމާސާ ރާގަކަށް ވާހަކަ ދެއްކިއެވެ. އަޔާޒްގެ ވާހަކަ އިވިފައި މަލާކަށް ހީލެވުނެވެ.

 

“އަޔާޒްއަށް ކިހިނެއް އެނގުނީ؟” މަލާކަށް އަހާލެވުނެވެ. އެ ހިނދު އަޔާޒް ކަކޫމައްޗަށް ތިރިވެ މަލާކްގެ އައިވީ ގުޅާފައިވި އަތުގައި ހިފީ ކަށި ނައްޓާލުމަށެވެ.

 

“އެނގުނު ގޮތަކަށް އެނގުނީ…އަތަށް ދޫކޮށްލަބަލަ މީތި ނައްޓަން.” މަލާކްގެ އަތަށް ބާރުވެފައިވި ގޮތުން އަޔާޒް އެދުނެވެ. އެއާއެކު މަލާކް އެއަތަށް ބަލާލަމުން ދެލޯ ބޮޑުކުރިއެވެ.

 

“އަޔާޒް ޕްލީޒް ދެން މި ގަޑީގައެއް ނޫން ވަރަށް ބަލިވެފަ މަލާކް މިހިރީ ތަންކޮޅެއް ފަހުން ޕްލީ….” މަލާކް ހާސްކަމާއެކީ މެދުކެނޑުމެއްނެތި ވާހަކަ ދައްކަން ފެށުމުން އަޔާޒް ނުހަނު އާދައިގެ ގޮތަކަށް ބޭރުގައި އޮތް ފަތާ ފެންގަނޑާއި ދިމާލަށް ޢިޝާރާތް ކުރަމުން އެހެރީ ދޫންޏެއްތޯ އެހިއެވެ. މަލާކް ކޮބައިތޯ އަހައި އެދިމާލަށް ބެލުމުން އަޔާޒް ފަރިތަކަމާއެކީ ސިކުންތެއްގެ ތެރޭގަ ކަށި ނެއްޓިއެވެ. ވެގެން ދިޔަ ތަދާއެކީ އެތެރެއަށް ދަމާލި ނޭވާއާއެކު މަލާކް އެފަރާތަށް ބަލާލި ވަގުތު އަޔާޒް މަލާކްގެ މައުސޫމްކަމާމެދު ހެމުން ކަށި ނެއްޓި ތަނުގައި ކަފަކޮޅެއް އަޅައި ބެންޑޭޖެއް އަޅަނީއެވެ.

 

“އަދި އެބަ ހެވެއެއްނު؟ ބަލިމީހާގެ އިޒުނައާ ނުލާ އެގޮތަށް ކަންތައް ކުރޭތަ؟” މަލާކް ނުރުހުންތެރިކަމާއެކީ ސުވާލުކުރިއެވެ.

 

“ހެހެ…..ޓު ބީ އޮނެސްޓް ޑޮކްޓަރުން ކުރާ ގިނަ ކަންތައްތަކަކީ ބަލިމީހުން ކުރުވަން ބޭނުންނުވާ ކަންތައް. މަލާކް އެއްބަހެއް ނުވަންތަ އެކަމާ؟ އެނީވޭސް، ތެންކިއު މަލާކް. މަލާކް މިއަދު ބަލި އެނދުގަ އޮންނަން ޖެހުނިއްޔާ އެއީ ހަމައެކަނި އަހަންނަށްޓަކައި ކޮށްދިން ކަމެއްގެ ސަބަބުން. ހިއެއްނުވޭ އޭގެ ބަދަލު އަހަންނަށް ފަސޭހައިން އަދާކޮށްދެވޭނެ ހެންނެއް. އެކަން އެކުރި ބަޔަކު ކުރީ ކީއްވެކަން ހޯދައި އަހަރެން އެމީހުންނަށް އަދަބު ދެވޭތޯ މަސައްކަތް ކުރާނަން މިއަދުން މިއަދަށް ވެސް. އެކަމަކު އެންމެ ފުރަތަމަ ޝުކުރު ޙައްޤުވާ ފަރާތަށް ޝުކުރު އަދާ މިކުރީ.” އަޔާޒް މަލާކްގެ އަތް މަތީގައި އަތް އަޅަމުން މަލާކާއި ހަތަރުކަޅި ހަމަކޮށްގެން ހުރެ ބުނެލިއެވެ. އެ ހިނދު އެ ދެ ހިތުގައި ވެސް އާދަޔާ ޚިލާފު ޖަޒުބާތުތަކެއް ހިނގާލިއެވެ. ދެމެދަށް ހިމޭންކަމެއް ވެރިވީ އެ ޖަޒުބާތުތައް ދޭހަކުރަން ނޭނގިފައި ދެމީހުން ވެސް ތިބުމުގެ ސަބަބުންނެވެ. އެހެނަސް އެ ހިމޭންކަމަށް ނިމުމެއް ގެނައީ ހިނިތުންވުމެއް ދައްކާލި މަލާކެވެ.

 

“ޝުކުރު ޙައްޤުވާ ފަރާތޭ ބުނީމަ ހަނދާންވީ ﷲ މަތިން. މަންމަ އަބަދުވެސް ބުނާނެ އެހެން މީހުންނަށް ވެސް ޝުކުރު އަދާކުރަން ވާނެއޭ. އެކަމަކު ހަނދާން ބަހައްޓަން ވާނެއޭ ހަމައެކަނި ﷲ ގެ އިރާދަފުޅުންކަން އެމީހަކަށް އެގޮތަށް ކަންތައް ކޮށްދިނުމުގެ ތައުފީޤު ލިބުނީ. ހެހެ….އެހެންވީމަ. އަލްޙަމްދުލި ﷲ!” މަލާކް އުޖާލާވި ހިނިތުންވުމަކާއެކީ އެހެން ބުނެލި ހިނދު އަޔާޒްގެ ހަނދާނަށް އައީ އޭނަގެ ބައްޕަވެސް ނުހަނު ގިނައިން އެ ބަސްތައް ބޭނުންކުރާ ހަނދާނެވެ. މަލާކަށްފަހު އޭނަ ވެސް އަލްޙަމްދުލި ﷲ އޭ ކިޔާލި ހިނދު އަޔާޒްގެ ހިތަށް ނޭނގޭ ހިތްހަމަޖެހުމެއް ލިބުނެވެ. މިއީ އޭނައާއި އެއްޢުމުރެއްގެ މީހަކު އޭނައަށް ދީނުގެ ވާހަކައެއް ކިޔައިދިން ފުރަތަމަ ފަހަރަށްވުމުން އެކަމާމެދު ވެސް އުފާވެގެން ދިޔައީ މާ ބޮޑަށެވެ. އެކަމާމެދު މަލާކާއި ހިނިތުންވެގެން އިންދާ މަލާކް އޭނަ ތެދުވަން ބޭނުންވާ ވާހަކަ ބުނެލިއެވެ.

 

“އާނ….ތި ވާހަކަ ދައްކަންވެގެންނޭ އަހަރެން މި ހުންނަނީ. ދުވަސްކޮޅަކަށް މަލާކް މުޅިން ވެސް ބެޑް ރެސްޓެއް ނަގަން އެބަޖެހޭ. މިވަގުތު ތުރުތުރު ނޭޅިޔަސް ފަހަރެއްގަ ފައި ބޭލީމަ އަނެއްކާވެސް ތުރުތުރު އަޅަން ފަށާފާނެ. އެހެންވީމަ އެކަނި ހުރެ ފައިބަން މަސައްކަތް ނުކުރައްޗޭ. އަހަރެން ރިސެޕްޝަނަށް ގުޅާފަ ބުނާނަން މަލާކަށް ކަންތައް ކޮށްދޭން ކުއްޖަކު ފޮނުވާށޭ. އަހަރެން ވެސް މިދަނީ ކުޑަކޮށް ފްރެޝްވެލަން ތަނަކަށް ދާންވެގެން. އެބަ ގުޅަން އިނގޭ. އިރުކޮޅަކުން ސްޓާފަކު އަންނާނެ މަލާކް ކައިރިއަށް.” އަޔާޒް ކޮޓަރިން ނިކުތީ އޭނަ ފޯނުން ރިސެޕްޝަނަށް ގުޅަމުންނެވެ.

 

“ފް….ފިރިހެނެއްތަ އަންނާނީ؟” މަލާކް ނުހަނު ނުތަނަވަސްވެފައި ސުވާލުކުރިއެވެ. އޭނަ އެ ސުވާލުކުރީ ގިނަފަހަރު އެމީހުންގެ ކާއެއްޗެހި ހިފައިގެން އަންނަނީ ވެސް ފިރިހެނެއް ކަމަށްވާތީވެއެވެ. މަލާކްގެ ސުވާލު އިވުމާއެކު އަޔާޒް ފިޔަވަޅުތައް މަޑުޖައްސާލަމުން މަލާކަށް ބަލާލިއެވެ.

 

“ކިހިނެއްވީ؟ އަހަރެން ކަހަލަ ރީތި އަދި ހޮޓް ފިރިހެނަކު ފޮނުވާށޭ ބުނަންވީތަ؟ އެކަމަކު އެކަހަލަ މީހަކު ހޯދުން ވަރަށް ދަތިކަމަކަށްވާނީ…..އެހެންނޫނީ އަހަރެން ވެސް ހެލްޕް ވެދީފާނަމޭ މަލާކް ޗޭންޖް….” އަޔާޒް އެހެން ބުނެ މަލާކްގެ ގާތަށް އަންނަން ފެށުމުން މަލާކް ހަރުއަޑުން ތަކުރާރުކޮށް ނޫނެކޭ ބުނަމުން މޫނުމަތީގައި ޑުވެޓް އަޅާލިއެވެ. މަލާކަށް ވީގޮތް ފެނިފައި އަނެއްކާވެސް އަޔާޒަށް ހީލެވުނެވެ. އޭނަ ހީލި އަޑަށް މަލާކް ހަމައެކަނި އޭނަގެ ލޯ ފެންނާނެހެން ޑުވެޓް ތިރި ކޮށްލުމުން އަޔާޒް ހިނިތުންވުމަކާއެކީ ބޯހޫރުވަމުން އަނެއްކާވެސް ކޮޓަރިން ނިކުންނަން ދިޔައެވެ. ކޮޓަރިން ނިކުމެ ދޮރު ކައިރީގައި އަޔާޒަށް މަޑުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނައަށް މިވަނީ ކިހިނެއްތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ. އެހެނަސް އެ ސުވާލާއިމެދު ވިސްނަން ބޭނުމެއްނުވީ މަލާކަކީ އޭނަގެ ‘އެކުވެރިއެއް’ ކަމުގެ ބަހަނާ އޭނަގެ ހިތް ދިނުމުންނެވެ. ކޮންމެ ގޮތެއްވިޔަސް އޭނައަށް ދެންވެސް ހިނގައިގަނެވުނީ އެ އެކުވެރިޔާގެ ހަނދާންތަކުގައި ނުފިލާ ހިނިތުންވުމެއްގައި ހުރެއެވެ.

 

**

 

“ހީވަނީ އެކޮޅުގެ ކަންތައް ފުދޭ ވަރަކަށް ރަނގަޅުހެން ނިޝާން. މިއަދު ހެނދުނު މަލާކްއަށް ގުޅީމަ އަޔާޒް ފޯނު ނެގީވެސް.” ވަސީމާ އެ ވާހަކަ ބުނެލީ ކާމޭޒު ދޮށުގައި ސައިބޯންއިން ނިޝާންގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ގޮނޑީގައި އިށީންނަމުންނެވެ.

 

“އައްދެ! ތިހާ ހިސާބަށް ހަމަ ކަންތައް ގޮއްސި؟ މާ ޝާ ﷲ! ދުވަސްކޮޅަކުން ބޮޑުމަންމަ ބޭނުންވާ ގޮތަށް އިތުރު ބޮޑުމާމަ ކިޔާ ކުދިންވެސް ލިބިދާނެތާ!” ނިޝާން ބުނެލިއެވެ.

 

“އާނދޯ؟ އިން ޝާ ﷲ…..ކޮބައިތަ ލަޔާން؟ ސައިބޮއިގެން ގޮއްސަ އެކޮޓަރިއަށް ވަނީ. ނިޝާންއާ ވާހަކަ ދެއްކިތަ؟” ވަސީމާ މިފަހަރު ކޮށްލި ސުވާލުން ނިޝާންގެ މޫނުމަތި ބަނަވެ އޭނަގެ ޙަރަކާތްތައް ލަސްވިއެވެ.

 

“ނުދައްކާ…” އޭނަ އެހެން ބުނެ އޭނަގެ މޭގައިވި ރިހުމާއިމެދު ނުވިސްނުމަށްޓަކައި ސަޔާއިގެން ކުރިއަށް ދިޔައެވެ.

 

ލަމްޔާ ލަޔާންއާއި ވާހަކަ ދެއްކި ދުވަހަށްފަހު ލަމްޔާ ރާވައިގެން ހުރި ފަދައިން ނިޝާނާއި ލަޔާންއާއި ދެމެދު ފާރެއް ލެވިފައިވެއެވެ. އެދުވަހު ލަޔާން ގެއަށް ގެންދިޔަ ގޮތައް ރޮމުން ދިޔަ ގޮތުން ނިޝާން މުޅި އެދުވަސް ހޭދަކުރީ ލަޔާން މަސަލަސް ކުރުމުގައެވެ. އެހެނަސް އެކަން ކާމިޔާބުވާ ގޮތެއްނުވީ ލަޔާން ތަކުރާރުކޮށް އޭނަ ކުށްވެރިކުރަމުން ދިޔަ ގޮތުންނެވެ. މަންމަ ދިޔައީ ބައްޕަ ޖެހީމަ ކަމަށް ބުނަމުން ދިޔަ ގޮތުން ނިޝާންގެ ހިތް ރޫރޫއަޅަމުން ދިޔައެވެ. ނިޝާން އޭނައަށް ވީ ވަރަކުން ލަޔާންއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. ބައްޕަ ދުވަހަކުވެސް ކޮއްކޮއަށް ދެރައެއް ލިބެން ބޭނުމެއްނުވާ ވާހަކަ ބުނަމުންނެވެ. މަންމަ ކޮއްކޮ ކައިރީގައި ހުރުމަކީ ކޮއްކޮއަށް ރަނގަޅުކަމަކަށް ވީ ނަމަ ބައްޕަ މަންމަ ގެނައީސްކަމަށް ބުނަމުންނެވެ. އެހެނަސް ލަޔާން އެ ވާހަކަތައް ޤަބޫލުކުރަން އިންކާރު ކުރިއެވެ.

 

އެ ހާސްކަމުގެ ސަބަބުން އޭގެ އަނެއްދުވަހު ނިޝާން ވަކާލާތު ކުރަން އޮތް ފާރޫޤާއި މަހީރާގެ މައްސަލައަށް އޭނައަށް ކޯޓަށް ވެސް ހާޒިރެއް ނުވެވުނެވެ. އަދި އޭނަ އަޑުއެހި ގޮތުގައި މަހީރާ ރާއްޖޭގައި ހުރެވެސް އެ މައްސަލައަށްޓަކައި ކޯޓަށް ހާޒިރެއްވެސް ނުވެއެވެ. އެހެންކަމުން އެ މައްސަލަ ފަސްވެގެން ދިޔައެވެ. ހަމަ އެއާއި ވިދިގެން އޭނައާއި އަޔާޒްގެ ގެދޮރުގެ މައްސަލަވެސް އަދި އިތުރު ދެ މަސް ފަހަށް ތާވަލުވެގެން ދިޔަ ވާހަކަ އޭނައަށް އިވިގެން ދިޔައީ އަޒީޒާމެންނަށް ނަޞްރުދޭ ގާޒީގެ މަލާމާތުގެ ފޯނު ކޯލަކުންނެވެ. އެހެނަސް އޭނަ ދެންވެސް ފަސްޖެހޭކަށް ނުނިންމައެވެ.

 

“ހުރިހާކަމެއް ރަނގަޅުވާނެ ނިޝާން. އިން ޝާ ﷲ! ކުރިން ލަޔާން ހަމަ އެއްގޮތަކަށް ވެސް ނުވެސް ހެއެއްނު ނިޝާން ހުންނައިރު؟ މިހާރު ނިޝާން ސަމާސާކުރާއިރާއި ކުޅޭ އިރު ހުރެއެއްނު؟ ކުޑަކުދިންނަށް އެހާ ގިނަ ދުވަސްވެގެން ރުޅިވެގެން ނުތިބެވޭނެ.” ވަސީމާ ނިޝާންގެ ހިތްހަމަޖައްސައިދެވޭތޯ ބެލިއެވެ.

 

“އެނގޭ މަންމާ. ލަޔާންއަށް އަދި ވިސްނޭނެ….އެހެންވެއެއްނު އަނެއްކާ ކޯޓަށް ވަންނަން އަހަރެން މިދަނީ؟ އެ ތާނގަ އަދި ކުރަންޖެހޭ ކަންތައް އެބަހުރި. އަހަރުމެންގެ ގެދޮރުގެ މައްސަލަ ލަސްވިޔަސް ވަރަށް ބޮޑު ކުރިއެރުމެއް ލިބެން އުޅޭހެން އަހަންނަށް ހީވޭ.” ނިޝާން ވިސްނުމެއްގައި އިނދެ ބުނެލިއެވެ.

 

“އެއީ ކިހިނެއް؟” ވަސީމާ ސުވާލުކުރިއެވެ. އެއާއެކު ނިޝާން އޭނަގެ ބޮޑުމަންމައަށް ބަލާލިއެވެ.

 

“ބޮޑުމަންމަ ހަނދާން އެބަހުރިތަ ބައްޕަގެ ވަޞިއްޔަތުގަ އޮތް ދެ ހެކިވެރިން؟ މަސްޢޫދުބެއާއި އަދިވެސް ކޮންމެވެސް ބައްޕަގެ އެހެން އެކުވެރިއެއް. އަހަރުމެންގެ ފިހާރަތަކުގެ ތެރެއިން އެއްފިހާރައަކީ މުޅިންވެސް އެ ބޭބެގެ މިލްކެއް….އެ ބޭބެ މިވަގުތު އުޅެމުން ދަނީ ކޮންމެވެސް ބޭރު ޤައުމެއްގަ އަމިއްލަ ވިޔަފާރިއެއް ފަށައިގެން. ވަރަށް ފަހުން އެނގުނީ އަހަރުމެން މި ގެންގުޅޭ މަޒުހަރަށް އެ ބޭބެ އެނގޭކަން. މަޒުހަރު ނަންބަރު ދިނީމަ އަހަރެން ގުޅަން ވަރަށް މަސައްކަތް ކުރިން. އެކަމަކު އެ ނަންބަރު އޭރު ނުގެންގުޅޭ ކަމަށްވީ. މަޒުހަރު ބުނީ އޭނަގެ އެހެން އެކުވެރިޔަކު ބުންޏޭ އެ ބޭބެ އެހެން ޤައުމަކަށް ދިޔައިމައޭ ޢާއްމު ގޮތެއްގަ އެހެން ނުގުޅޭނީ. ވެދާނެއޯ ރާއްޖެއަށް ކަމަށްވެސް އަންނާނީ.” ނިޝާން ކިޔައިދިނެވެ.

 

“އެހެންވެއްޖެއްޔާ ތި ބޭބެ އައިމަ ތި މައްސަލަ ކުރިއަށް ގެންދަން ވަރަށް ފަސޭހަވެގެންދާނެތާ!” ވަސީމާ ބުނެލިއެވެ. ނިޝާން ވެސް އެ ވާހަކައަށް ހޫންލައްވާލީ ސީރިއަސް ނަޒަރެއްގައި ހުރެއެވެ.

 

**

 

ހެނދުނުގެ އެ ވަގުތު މައުވާ އޮތީ އޭނަގެ އެނދުގައި ހުރަހަށް ބަންޑުން އޮށޯވެވިފައެވެ. އަރިމަތީ މޭޒުމަތިންނާއި ބިންމަތިން ފެންނަމުން ދިޔަ އެކި ޒާތްޒާތުގެ ފުޅިތަކުން ކަންތައް ވެފައިވާނެ ގޮތް ދޭހަކުރެވެއެވެ. މައުވާ އެ އޮތް ގޮތަށް އޮތްވާ އޭނަ ހޭލެވިގެން ދިޔައީ އެނދުމަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށުމުންނެވެ. ދެލޯ މަރައި ތަގުޅި ކޮށްލުމަށްފަހު އޭނަ ކައިރީގައި އޮތް ބާލީހެއް ނަގައި ބޯމަތީގައި އަޅާލީ ފޯނު ނަގަން ބޭނުމެއްނުވެގެންނެވެ. އޭނަ އެހެން އޮތްވާ ފޯނު ކެނޑިފައި އަނެއްކާވެސް ފޯނު ރިންގުވާން ފެށުމުން އައި ރުޅީގައި މައުވާ ތެދުވެ އެނދުގެ މެދުގައި އިށީންނަމުން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“ހެލޯ!” މައުވާއަށް އެހެން ބުނެލެވުނީ ނުރުހުމާއެކީ ކަމަށްވިޔަސް އޭނަގެ އަޑުގައި ނިދީގެ އަސަރެއްވިއެވެ.

 

“ހެލޯ މައު! ސޮރީ ޓު ޑިސްޓާބް އިނގޭ ދޫނި އެކަމަކު ވަރަށް މުހިއްމު ކަމެއް ހަނދާންވެގެން މި ގުޅާލީ. ދަރިފުޅު ހުރިހާ ކަމެއް ރޭ ހަމަޖެއްސި އިރު ސީސީޓީވީގެ ކަންތައް ބެލިންތަ؟” އެކޮޅުން މަންމަގެ ކަންބޮޑުވުން އެކުލެވިފައިވި އަޑުން އިވުނު ވާހަކައިން މައުވާގެ ލޮލުން ނިދިފިލީ އޭނަގެ ހިތަށް ވެރިވި ނުތަނަވަސްކަމާއި އެކީގައެވެ.

 

“ސީސީޓީވީ…” މައުވާއަށް އެހެން ކިޔާލެވުނީ ވައި އަޑުންނެވެ.

 

“ޔެސް ސީސީޓީވީ! އޭތި ނުބެލެންޏާ މިހާރުން މިހާރަށް ވެސް ހޮޓެލަށް ގުޅާފަ އެކަންތައް ހަމަޖައްސަބަލަ. ސާޝާ ކުރި ކަންތައް އެމީހުންގެ އަތުގަ އެގޮތަށް ހުރިއްޔާ އަހަރުމެންނަށް ކުރެވޭނެ އިތުރުކަމެއް ނޯންނާނެ. ކުރީގަ ރާވާފަ އޮތްހެން އަޔާޒް ސާޝާއާއި ސުވާލުކުރީމަ ދެއްކޭނެ ބަހަނާއެއްވެސް ނޯންނާނެ އަޔާޒަށް އޭތި ފެނިފަ ހުރިއްޔާ. އެހެންވީމަ އަވަސްކުރޭ!” އެކޮޅުން މަންމަ އަވަސްއަވަހަށް ވާހަކަ ދެއްކި އަޑު އިވިފައި މައުވާވެސް އާނއެކޭ ބުނެ ފޯނު ކަނޑާލަމުން ހޮޓެލަށް ގުޅަން އަވަސްވިއެވެ. އެހެނަސް އޭނައަށް ނޭނގުނު ކަމަކީ އޭރު އެކަންތައް ކުރަން މާ ލަސްވެފައިވިކަމެވެ.

 

**

 

ހެނދުނު 10 ޖަހަން ގާތްވެފައި ވަނިކޮށް އަޔާޒް އިނީ އޭނަ ކުއްޔަށް ހިފި ކާރު ތެރޭގައެވެ. ބާރު ސްޕީޑެއްގައި ކާރު ދުއްވަމުން ދިޔައިރު ކާރުގެ މިޞްރާބުހުރީ ސާޝާގެ ގެއާއި ދިމާލަށެވެ. ސާޝާގެ ނަން ހިތަށް ވެރިވާ ކޮންމެ ފަހަރަކު އަޔާޒްގެ ހިތުގައި ރުޅިވެރިކަމުގެ އަލިފާނެއް ރޯވަމުން ދިޔައެވެ. ސާޝާ މަލާކް ގޮނޑިން ވައްޓާލި މަންޒަރާއި މަލާކްގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލި މަންޒަރު ލޮލަށް ސިފަވާ ވަގުތު އަޔާޒަށް މަޑުން އިންނަން ވެސް ދަތިވަމުން ދިޔައެވެ. އެންމެ ފަހުން އޭނަގެ ކާރު ގޮސް ސާޝާގެ ގެއާއި ހަމަވީ ވަގުތު އޭނައަށް ބުރަކި ޖައްސާލެވުނީވެސް ކުއްލި ގޮތަކަށެވެ. އެ ގެ ފެނުމާއެކު އަޔާޒް މަޑު ކުރުމެއްނެތި ކާރުން ފޭބުމަށްފަހު ގޭގެ ދޮރުމައްޗަށް ގޮސް ބެލް އެޅުވުމެއްނެތި ދޮރުގައި ގޮށްމުއްކަވައި ތަޅަން ފެށީ އައިސްފައިވި ރުޅިއެއްގެ ސަބަބުންނެވެ. އޭނަ ތަޅަން ފެށިތާ މާ ގިނައިރެއްނުވެ ސާޝާ ގޮސް ދޮރު ހުޅުވާލީ ނުބައި ބަހެއް ކިޔަމުންނެވެ. ނިދި ބަރުވެފައިވި ލޮލަކާއެކީ ހުރި ސާޝާ ފެނުމާއެކު އަޔާޒަށް އޭނަގެ ގޮށްމުށުން ސާޝާގެ މޫނުމައްޗަށް އެތި ފަހަރެއް ވިއްލާލެވުނެވެ. އެކަހަލަ ކަމަކަށް ތައްޔާރުވެގެން ނެތް ސާޝާ ވަގުތު ފަހަތަށް ޖެހި ވެއްޓެން އުޅުނެވެ. އެހެނަސް ނޭވާއަށްވީ ތަދާއެކީ ނޭވާއިން ލޭ އަންނަން ފެށިކަން އެނގުންވުމުން ސާޝާ ވެސް އަޔާޒްގެ މޫނުމައްޗަށް އެތި ފަހަރެއް ވިއްލިއެވެ. އެއާއެކު އަޔާޒްގެ ވެސް ތުންފަތް ފަޅައިގެން ދިޔައެއްކަމަކު އަޔާޒް ހުއްޓުމެއްނެތި އެ ތަޅާލުން ކުރިއަށް ގެންދަމުން ސާޝާއާއި ހަރުއަޑުން އޭނަގެ ބަހުރުވައިން ސުވާލުތައް ކުރަމުން ގެންދިޔައެވެ. އޭނަގެ އަންހެނުން ގަޔަށް އަތްލީ ކީކޭ ހިތަށް އަރައިގެންތޯ ބުނަމުންނެވެ. އޭނައަށް އެހެން ހެދީ ކާކު ބުނެގެންތޯ ބުނަމުންނެވެ. އެންމެ ފަހުން އަޔާޒް ސާޝާގެ ގިރުވޯނުގައި ހިފައި ފާރަށް ތަތްކޮށްލިއެވެ.

 

“ބުނޭ! ކާކު ބުނެގެން ރޭ އަހަރުމެން ގެއަށް އައީ؟ އެއީ ކޮން ސިޓީ އުރައެއް؟” އަޔާޒް ހަރުކަށި އަޑަކުން ސުވާލުކުރިއެވެ. ސާޝާއަކީ އޭނަގެ ގާތް އެކުވެރިއަކަށް ވިޔަސް އޭނައާއެކީ އުޅުނުއިރު ވެސް ފައިސާއަށްޓަކައި ސާޝާ އެފަދަ ކަންތައް ކުރާކަން އޭނައަށް އެނގޭތީވެއެވެ. ސާޝާ ދެންވެސް ޖަވާބެއް ނުދީ އަޔާޒްގެ ފައިގައި ފައިން ޖަހަން އުޅުމުން އަޔާޒް އެ ހަމަލާއިންވެސް ރެކިގަންނަމުން ސާޝާގެ ގިރުވޯނަށް ބާރުކޮށްލިއެވެ.

 

“ބުނޭ! ކާކު ފޮނުވީ؟” އަޔާޒް ތަކުރާރުކޮށް ސުވާލުކުރިއެވެ. އެހިނދު އަޔާޒްގެ ހިފާލުމުގެ ސަބަބުން ނޭވާއަށް އުދަގޫވެފައިވި ސާޝާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.

 

“އަޔާޒްގެ ގާލްފްރެންޑް…މް..މައުވާ…” ސާޝާ ނުހަނު އުދަގުލާއެކީ ބުނެލި ނަމުން އަޔާޒް ހުއްޓުން އެރި ހިނދު އޭނަގެ ދެލޯ ބޮޑުވިއެވެ.

 

ނުނިމޭ

172

22 Comments

 1. Jana

  November 3, 2019 at 11:30 am

  Assalaam’alaikum. varah bodah maafah edhen midhuvaskolhu comment thakah reply nukureveythy. mi week aky jana fudhevarakah busy hafthaa eh…English vaahakaige fahu bai up nukoggen mihaaru janage gey kurimatheega muzaahara kuranvy hisaabah ves gossi kanneynge. hehe….ulhe ulhe hama eh vaahaka akah mulhin samaalukan mi dheveny. In Sha Allah English vaahakaige chapter ves up kureveytho balaanan mi hafthaa nimumaffahu.

  In Sha Allah next part wednesday ga ^_^ Jazaakumullah Khairan to all readers for the support.

 2. azaan

  November 3, 2019 at 11:59 am

  English vaahaka kiyeynee konthaakuntha jana sis ?

  • Snow

   November 3, 2019 at 1:56 pm

   Wattpad at JanaMohamed ga innane Chance kiyaa vaahak eh

  • Jana

   November 7, 2019 at 5:06 pm

   fenijje tha mihaaru azaan ah? Jazaakillah Khairan snow 🙂

 3. jiji

  November 3, 2019 at 12:31 pm

  mifaharu second dhw mi libuny 😀…hehe…anyway kiyaalaafa comment eh kohlaanan In Sha Allah🙂

  • Jana

   November 7, 2019 at 5:06 pm

   labba second. hehe 😀

 4. aish

  November 3, 2019 at 12:35 pm

  jana sis ge gey dhoshah vs mihaaru readers dhaan fesheetha?? 😅😲i wish i could meet you in real life. jana sis fenunas nuves engeyne kanneynge dhw 😅😅 anyways vaahaka hama vrrrrrrhhh reethi masha allah.. ♥♥♥

  • Jana

   November 7, 2019 at 5:08 pm

   hehe….nooney aish. jana buny geydhoshah anna hisaabah gossi kanneynge ey 😛 hehe…jana aa meet kuriyas ehaa majaleh nuvaane. i’m a very boring person you see? *sigh* anyway meet kuran beynunmiyya In Sha Allah jannatul firdaus in meet kuramaa dho? 😀 rangalhu kanthah gina kurama ekamuge ummeedhuga In Sha Allah

 5. Ram

  November 3, 2019 at 1:08 pm

  Maashaa Allah vvvvv reethi😙😙😙😙😙

  • Jana

   November 7, 2019 at 5:09 pm

   Alhamdhulillah! 😀

 6. Yanaa

  November 3, 2019 at 1:53 pm

  Varah varah reethi…maa sha allah…waiting for the next part….

  • Jana

   November 7, 2019 at 5:09 pm

   Alhamdhulillah! Next part upvejje 😀

 7. Koyuki

  November 4, 2019 at 4:52 pm

  Waa’laikum salaam sis..
  Koyuki ves vrh beynun real life ga jana sis aa meet kollah…but jana sis gaiga alhaigenfa vettunas neygeyne kanneyge dhw…hehe
  Anyways, I love this part ingey hama v v v reethi Masha Allah🙂

  • Jana

   November 7, 2019 at 5:13 pm

   Nooney Koyuki hama engen ves nubalaane. ekamaku massala aky jana aky ehaa ginain gein nikunna meehakah nuvun. ehenya thaa fennaany ves dho? hehe…kommehen dhaan jehey thanakah noony varah nudhan. Have too much work to do and most people around me are workacholics too. hehe…Alhamdhulillah! 😀

 8. Mai

  November 4, 2019 at 6:32 pm

  V v reethi mi prt vxx.. Dhn kn iraku nxt prt

  • Jana

   November 7, 2019 at 5:14 pm

   Alhamdhulillah! Next part up vejje ^_^

 9. Kairaa

  November 4, 2019 at 8:24 pm

  Maashaa allah mi part hama varah reethi……dhn kihinehbaa vaanee?????and whn nxt…..waiting ingey….nxt avahah up kohla dhehchey ingey….

  • Jana

   November 7, 2019 at 5:15 pm

   engijjetha vaagoiy kaira? reethi dho veegoiy? 😀 hehe… ^_^

 10. Kiyaa

  November 5, 2019 at 10:58 am

  🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩💞💞💞💞
  💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 Mauvaage hageegai egenidho

  • Jana

   November 7, 2019 at 5:15 pm

   engijjedho? *__*

 11. Mary

  November 6, 2019 at 5:40 pm

  Inthixaarukohkoh varubalivejje🤩

  • Jana

   November 7, 2019 at 5:16 pm

   Sowwy mary. edhuvahu hama episode dhigukuran beynunvi varun lasvy :*

Comments are closed.