އަޔާޒް މައުވާ އަންނަންވާއިރަށް ތާޒާވެލަން ދިޔުމުން މަލާކަށް އޭނަގެ އަމިއްލަ ޚިޔާލުތަކުގައި އިން ގޮތަށް އިނދެވުނެވެ. މި ޙާލަތް ވެގެން މި ދަނީ އޭނަ ހީކުރާވަރަށްވުރެ ދަތި ޙާލަތަކަށެވެ. އެދުވަހު އޭނަގެ އިޙްސާސްތައް ބަދަލުވެގެން ދިޔަ ގޮތުން އޭނައަށް އަޔާޒާއި އޭނަގެ ލޯބިވެރިޔާ އެކުގައި ތިބޭ މަންޒަރު ފެނުނަސް އޭނައަށް އަސަރެއް ނުކުރާނެކަމަށް މަލާކަށް ހީކުރެވުނެވެ. އެހެނަސް އެ ލޯބިވެރިޔާ އަންނާނެ ކަމުގެ ޚަބަރުން ވެސް އޭނަގެ ހިތަށް މާޔޫސްކަމެއް ވެރިވެފައިވެއެވެ. އެ ވާހަކަ އިވިފައި އެހެންކަމަކާމެދު ވިސްނަން އޭނަގެ ސިކުނޑި ނުކުޅެދިފައިވެއެވެ. ތަކުރާރުކޮށް އަޔާޒް އޭނަގެ ލޯބިވެރިޔާއާއެކީ ހިނގައިގަންނަ މަންޒަރު ސިފަވަމުން ދިޔަ ގޮތުން މަލާކަށް ޙަރަކާތެއް ކުރަން ނޭނގިފައި އިނދެވުނެވެ. އެ ޚިޔާލުތަކުގެ މައްޗަށް އޭނައަށް ބާރު ފޯރުވުނީ އެ ހުރިތަނުން ގޮނޑި ދުއްވަން އޭނަ ހިތާހިތުން ނިންމިތާ 6 ވަނަ ފަހަރެވެ.

 

ގޮނޑި ދުއްވަން ފެށުމުން މަލާކް އުއްމީދު ކުރި ފަދައިން ހިނދުކޮޅަކަށް ނަމަވެސް އޭނަ އެ ނޭދެވޭ ޚިޔާލުތަކާއި ދުރުވިއެވެ. އެ ޚިޔާލުތައް މުޅިން ފޮހެލުމަށްޓަކައި މަލާކް ވަށައި ހޯދަމުން ގޮސް ފާރުގައި ހަރުކޮށްފައިވި ބޮޑު ޓީވީއަށް ނަޒަރު ހުއްޓާލިއެވެ. އެއަށްފަހު އެތާހުރި ބިއްލޫރި މޭޒުމަތީގައި އޮތް ރިމޯޓަށް ބަލައި އޭގެ ބަޓަންތަކަށް ބަލަން ފެށިއެވެ. މަލާކް އެ ބަޓަންތަކަށް ގެއްލިފައި ވަނިކޮށް ކުއްލިއަކަށް އަޔާޒް ވަން ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔަ އަޑަށް އޭނަ ސިއްސައިގެން ދިޔަދިޔަހެން ރިމޯޓް މައްޗަށް އެއްލި އަނެއްކާވެސް އޭނަގެ އަތުތެރެއަށްއައެވެ. އޭތި ވެއްޓިދާނެތީ ސިކުނޑިއަށް ވެރިވި ނުތަނަވަސްކަމާއެކީ މަލާކަށް ރިމޯޓުގައި ހިފާލެވުނީ ދެ އަތުން ވަރަށްވެސް ބާރަށެވެ. އޭނަ ދެލޯ މަރައި ތަގުޅި ކޮށްގެން އިންދާ އެ މަންޒަރު ފެނުނު އަޔާޒް ހީލި އަޑަށް މަލާކަށް ލަސްލަހުން ލޯ ހުޅުވާލަމުން ބަލާލެވުނެވެ.

 

“ނައިސް ކެޗް! ހެހެ….” އަޔާޒް ފުރިހަމަ ހިނިތުންވުމަކާއެކީ އެހެން ބުނަމުން ނިކުތް ހިނދު މަލާކަށް އެސްފިޔަ ޖަހާލުމެއްނެތި ބަލަން އިނދެވުނެވެ. އަޔާޒް އޭނަ ކުރިން ލައިގެން ހުރި ގޮޅި ޖެހި ގަމީސް ބަދަލުކޮށްފައިވީ ގަދަ ނޫކުލައިގެ އަތްދިގު ގަމީހެކެވެ. ގަމީހުގެ އަތުކުރި އޮޅަމުން އަޔާޒް އައިއިރު އޭނަގެ ކަނދުރައާއި ހަމައަށް އޮތް އިސްތަށިގަނޑުގައި ފުނާ އެޅިފައިވި ގޮތުން އިހުނަށްވުރެ ރީތި ގޮތެއް ދައްކަމުން ދިޔައެވެ. މަންޒަރު ބަލަމުން ދިޔަ މަލާކަށް ވިސްނެމުން ދިޔަހާ ކަމަކީ އެ ގަމީސް އެ ބާރުގަދަ ހަށިގަނޑަށް ހިފިފައިވި ގޮތާއި މެދުގައެވެ.

 

މަލާކް އޭނައަށް ގެއްލި ބަލަހައްޓައިގެން އިންނަން ފެށުމުން އަޔާޒް ވަކި ހިސާބަކުން އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލިއެވެ. އޭނަ ބަލާލުމުން ވެސް މަލާކަށް ހޭވެރިކަމެއް ނުލިބުމުން އަޔާޒަށް ހިނިތުންވެލެވުނު ހިނދު އޭނަގެ މޫނުވެސް ހިސާބަކަށް ރަތްވިއެވެ. އެހެނަސް ލަދުވެތިކަމަށްވުރެ ބޮޑަށް އޭނައަށް އިޙްސާސް ކުރެވުނީ ފަޚުރުވެރިކަމެވެ. އޭނަގެ ރީތިކަން އިތުރު އަންހެން ކުއްޖަކަށް ފާހަގަވެއްޖެކަން އެނގުންވުމުންނެވެ. އެހެނަސް އެހެން އަންހެން ކުދިންނާއި ޚިލާފަށް މި އަންހެން ކުއްޖާއަށް އޭނަ ކަމުގޮސްފިކަން އެނގުންވުމުން އޭނަގެ ހިތަށް ނޭނގޭ އުފާވެރިކަމެއްވެސް ވެރިވިއެވެ.

 

މަލާކް އޭނައަށް ބަލަން އިންގޮތުން އޭނައާއި ދިމާކޮށްލަން އަޔާޒްގެ ހިތަށްއެރި ވަގުތަކީ ބެލް އަޅުވާލި އަޑު އިވުނު ވަގުތެވެ. އެއާއެކު އެ ސޫޓްގެ ބޮޑު ދޮރާއި ދިމާލަށް އަޔާޒަށާއި މަލާކަށް ބަލާލެވުނީ އެކުއެކީގައެވެ. އެ ހިނދުކޮޅުގައި ވެސް އަޔާޒަށް މަލާކާއިމެދު ވިސްނެން އުޅުނެއްކަމަކު އޭނަ އަވަސްއަވަހަށް ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ.

 

“އޮހް! އެ ވާނީ މައުއަށް. މަލާކް ވެސް މީޓް ކޮށްލައްޗޭ މައުއާ. އޭރުން މައު ވެސް ހިތްހަމަޖެހޭނީ. އަހަރުމެން ވަކިވާން ޕްލޭންކޮށްފަ އޮތްގޮތް އަހަންނާ އެކީ ކިޔައިދެއްޗޭ މަލާކް…އޯކޭ؟” އަޔާޒް ވާހަކަ ދައްކަމުން ދޮރާއި ދިމާލަށް ބަލަމުން ސުވާލުގެ ރާގަކަށް ބުނެލިއެވެ. އެ ހިނދު މަލާކް ކިތަންމެ ހިތްހަމަނުޖެހިފައި ހުއްޓެއްކަމަކު ހިނިތުންވުމެއް ދައްކާލަމުން ބޯޖަހާލީ އޭނަ ރަނގަޅުކަން އަޔާޒަށްވުރެ ބޮޑަށް އޭނަގެ އަމިއްލަ ނަފްސަށް ވިސްނައިދިނުމަށެވެ. އޭނަ އެ އިޙްސާސްތަކާއިމެދު މިހާރު ވިސްނަންވީ ކީއްކުރަން ހެއްޔެވެ؟ އޭނަ ވަނީ އަޔާޒާއި އޭނަގެ ގުޅުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަނޑާލަން ވަޢުދުވެފައެވެ. އަޔާޒްގެ ލޯބިވެރިއެއް ހުންނަކަން މިވަގުތުކޮޅުގެ ކުރިން ވެސް އޭނައަށް އެނގެއެވެ. ވީއިރު އެކަމާމެދު މިވަގުތު ޝަކުވާކުރުމުގެ ބޭނުމެއްނެތެވެ. އެންމެ ރަނގަޅުވާނީ ޙަޤީޤަތާއި ވީހާވެސް އަވަހަކަށް ކުރިމަތިލުމެވެ. އަޔާޒަކީ އޭނަގެ މީހެއް ނޫނެވެ. އަޔާޒްގެ ލޯބި އޭނައަށް ލިބުމަކީ ނާދިރު ކަމެކެވެ. އަޔާޒް އޭނަ ދޫކޮށްފައި އެހެން މީހަކާއެކީ ދިރިއުޅުމެއް ފެށިޔަސް އޭނައަށް ކުރެވޭނެ ވަކި ކަމެއްނެތެވެ. ވީއިރު ރަނގަޅުވާނީ އޭނަ މި އިޙްސާސްތަކުން އަމިއްލަ ހިތަށް އިތުރު ސަޒާއެއް ނުދިނިއްޔާއެވެ.

 

އަޔާޒް ގޮސް ސޫޓްގެ ދޮރު ހުޅުވާލީ މަލާކް އެ ޚިޔާލުތަކުގައި ވަނިކޮށެވެ. އެއާއެކު މަލާކް އިސްއުފުލާލި ހިނދު ދޮރުމަތީގައި ހުރި އަންހެން ކުއްޖާ އޭނައަށް ފެނުނެވެ. ކުރު ހެދުމެއް ލައިގެން ހުރި އެ އަންހެން ކުއްޖާ ދޮރު ހުޅުވުނު ވަގުތު އޭނައަށް ނަޒަރެއް ދިންކަން މަލާކަށް ފާހަގަވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އަޔާޒްއޭ ކިޔައި ވަގުތުން އަޔާޒްގެ ގައިގައި އޮޅުލައިގަތް ގޮތުން މަލާކްގެ އަތުގައި ރިއްސާލިއެވެ. އެއީ ކީއްވެކަމެއް ދޭހަކުރަން މަލާކަށް ވެސް ދަތިވިއެވެ. އެނގުނުހާ ވެސް ކަމަކީ އެ މަންޒަރު ބަލަން އޭނައަށް އުދަގޫވިކަމެވެ. އެ ވީ އުދަގުލާއެކީ މަލާކަށް ބަލަން ނުބަލަން އިނދެ އިސްޖަހާލެވުނީ ދެރަވެފައިވާ ހިތަކާއި އެކީގައެވެ.

 

މައުވާ ކުއްލި ގޮތަކަށް އޭނަގެ ގައިގައި ބައްދާލުމުން އަޔާޒްގެ ހިތަށް ސިހުމެއް ލިބުނެވެ. އެހެނަސް އެ ހިނދު އެދެމީހުން އަލަށް ރައްޓެހިވި ދުވަސްތައް ހަނދާންވެގެން ދިޔުމުން މައުވާ އޭނަ މަތިން މާ ބޮޑަށް ހަނދާންވީތާއޭ ހިތް ބުނެލި ހިނދު އަޔާޒަށް ހިނިތުންވެލަމުން މައުވާގެ ގައިގައި ބައްދާލެވުނެވެ. ހިނދުކޮޅަކަށް ނަމަވެސް އޭނަ އޭނަގެ ދުވަސްވީ ލޯބިވެރިޔާގެ ގައިން ދުވަމުން ދިޔަ މީރު ވަހުގެ ތެރެއަށް ގެއްލޭ ގޮތްވިއެވެ. އެހެނަސް ސިކުނޑީގެ ކަނަކުން މަލާކްގެ ނަން އޭނަގެ ހަނދާނަށް އައުމުން އޭނަގެ ހިތަށް ދަތިވިއެވެ. އިސާހިތަކު މައުވާއާއި ދުރުވެލަން ހިތް ބުނި ވަގުތަކީ މައުވާ އޭނަގެ އަތުގެ ފަލަ މަސްގަނޑުގައި ހިފައިގެން ހުރެ އޭނައާއި ދުރުވެލީ ވަގުތެވެ. ދުރުވެލުމަށްފަހު މައުވާ އޭނަ ނުހަނު ޢާއްމު ގޮތެއްގައި ހަދާހެން އަޔާޒް ގާތު ލޯބިވާ ވާހަކަ ބުނެލީ ރަޝިޔާ ބަހުންނެވެ. އެ ބަސްތައް އިވިފައި މާޒީގެ ހަނދާންތައް އާވުމުން ހީލެވުނު އަޔާޒް ވެސް ޖަވާބު ދިނީ ހަމަ އެ ބަހުންނެވެ. އޭނަގެ މައުވާ ހަމަ އަނބުރާ އައީތޯ ހިތަށްއެރި އަޔާޒަށް ނޭނގުނު ކަމަކީ މައުވާގެ މަޤްޞަދަކީ މީހަކު ޙަސަދަވެރިކޮށްލުން ކަމެވެ.

 

އެހެނަސް އޭނަގެ އެ މަޤްޞަދު ޙާޞިލުވަމުން ދިޔައީ ވަކި ވަރަކަށެވެ. ނުހަނު އަވަހަށް އޭނަގެ ވިސްނުން ބަދަލުކޮށްލުމުގެ ބާރު ލިބިފައިވި މަލާކް މައުވާއާއި އަޔާޒް ވާހަކަ ދެއްކި މަންޒަރު ބަލަން އިނީ ދެބުމަ ކައިރިކޮށްގެނެވެ. ދެމީހުންގެ ގޮތް ހުރި ގޮތުން މަލާކް ހިނދުކޮޅަކަށް އެދެމީހުންނަށް ވެސް ފޫހިވިއެވެ. ފެޝަން ވިޔަސް މައުވާ ލައިގެން އެހެރީ މާ ކުރު ހެދުމެކޭ ހިތް ބުންޏެވެ. އެފަދަ ކުރު ހެދުމެއް ލައިގެން ބޭރުތެރޭގައި އުޅޭ އަންހެނަކު އަޔާޒަށް ކަމުދާނީ އަޔާޒަކީ ކޮންކަހަލަ މީހަކަށްވުމުންތޯ ހިތަށްއެރިއެވެ. އަދި އެ ދެމީހުން ދޮރު މަތީގައި ތިބެ ގައިގޯޅިވަނީ ފިލްމެއް ކުޅެންތޯ ހިތަށްއެރިއެވެ. މައުވާ އަޔާޒްއާ ކައިރިވުމުން އޭނަ ދެރަވިއެއްކަމަކު މި ޚިޔާލުތަކުގެ ސަބަބުން އެއީ އޭނަގެ މޭގައި ރިހުމެއް އުފައްދާފަދަ ހިތާމައަކަށް ނުވިއެވެ.

 

“ހިނގާބަލަ މައު އެތެރެއަށްދޯ؟ ޔޫ ހޭވް ގޮޓް ޓު މީޓް މަލާކް! އަހަރެން މެރީކުރީ މަލާކް ކަހަލަ ކުއްޖަކަށްވުމީ އެއީ ހަމަ އަހަރެންގެ ނަސީބު…” އަޔާޒް މައުވާއާއެކީ އެތެރެއަށް ހިނގައިގަންނަމުން ބުނެވުނު ވާހަކައިން ޚުދު އޭނަވެސް ހުއްޓުން އަރާ ގޮތްވިއެވެ. އޭނަ މަޑުޖެހިލި ހިނދު މައުވާގެ ފިޔަވަޅުތައް ވެސް ހުއްޓުމަކަށް އައި ހިނދު މަލާކްގެ ވެސް ހުރިހާ ޙިއްސެއް ހޭލިއެވެ. އެ ހިނދުކޮޅުގައި އަޔާޒާއި މަލާކްގެ ހަތަރުކަޅި ބައްދަލުވެގެން ދިޔުމުން އެދެމީހުން ދެމީހުންނަށް ބަލަމުން ދިޔަ މައުވާގެ ލޯ ހަނިވީ ނުރުހުމުގެ ގޮތަކަށެވެ. އެހެނަސް އެ ނުރުހުމުގައި އޭނައަށް އެއްޗެކޭ ނުބުނެވެނީސް އަޔާޒް ވާހަކަ ދެއްކިއެވެ.

 

“މި ބުނީ….މަލާކް ކައިރި އަހަރެން މައުގެ ވާހަކަ ބުނީމަވެސް މަލާކް ރުޅިއެއްނާދޭ. މަލާކް ވެސް އަސްލު ބޭނުމެއްނޫން މި އެރޭންޖްޑް މެރިއޭޖްގަ އުޅޭކަށް. އަހަރުމެން ވަރަށް އަވަހަށް ޑިވޯސް ކުރާނަން. ދޯ މަލާކް؟” އަޔާޒް އެހެން ބުނެލީ މަލާކްގާތު އާނއެކޭ ބުނަން އާދޭސްކުރާ ފަދަ މޫނަކާއި އެކީގައެވެ. މަލާކް ދެބުމަ ކައިރިކޮށްގެން ހުރެ ފުން ނޭވައެއް ދޫކޮށްލަމުން ބޯޖަހާލިއެވެ.

 

“ސީ؟ އެހެންވެގެންނޭ ނަސީބެކޭ ބުނީ. ބަހުގެ ގޮތުން ބައެއްފަހަރު ވަރަށް އޮޅުންއަރާ ދޯ ވާހަކަ ދައްކާއިރު؟ ހެހެ….މައުވާ އަންނަންވީއެއްނު އިށީންނަން މިތާ؟” އަޔާޒް އެތާހުރި ސޯފާއަށް ޢިޝާރާތް ކުރަމުން އެހެން ބުނެލީ އެ ޙާލަތު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުންނެވެ. އެއާއެކު ދެއަތް އުރައިގެން ހުރި މައުވާ އެއްފަހަރު އަޔާޒަށް އަނެއްފަހަރު މަލާކަށް ބަލާފައި ފުން ނޭވައެއް ދޫކޮށްލަމުން އަޔާޒް ދެއްކި ސޯފާގައި ގޮސް އިށީނދެ އެއްފައި މައްޗަށް އަނެއްފައި އަރުވަމުން ކުރިމަތީގައި ހުރި މޭޒުމަތީގައި އޮތް ފޮތެއް ނެގީ ކިބުރުވެރިކަން ވެރިވެފައިވި މޫނަކާއި އެކީގައެވެ. އޭނަ އެ ޙަރަކާތުން ވެސް އަޔާޒް ދުރުކުރަން އުޅޭކަން އޭނަ އަންގަން އުޅޭ ފަދައެވެ. އެކަން އެނގުންވުމުން މިފަހަރު މަލާކް މައުވާދެކެ ވީ ފޫހި ދެގުނަ ވީހިނދު ނުރުހުންވެސް ވާގޮތްވިއެވެ. އެހާ ކުޑަކުޑަ ކަމަކާހެދި ލޯބިވާ މީހަކާ ދޭތެރޭ އެހެން ހަދާތޯ ހިތަށްއެރި ހިނދު މަލާކަށް އެދިމާލަށް ގޮނޑި ދުއްވެން ފެށިއެވެ. މަލާކްގެ ގޮނޑި ގޮސް އެ ސޯފާތަކުގެ ކައިރީގައި މަޑު ކޮށްލީ އަޔާޒް ގޮސް އޭނަގެ ކުރިމައްޗަށް ވާ ގޮތަށް ވަކިން ހުރި ސޯފާގައި އަޔާޒް އިށީންވަގުތެވެ. އެ ސޯފާ ހުރީ މައުވާ އިށީނދެގެން އިން ދިގު ސޯފާގެ ކައިރީގައި ކަމަށްވުމުން މަލާކަށް އެދެމީހުން ވެސް ފެންނަމުން ދިޔައެވެ.

 

“އައިމް ސޮރީ މައު….” އަޔާޒް ކުށްވެރިއެއް ފަދައިން ބުނެލިއެވެ. އެ ހިނދު މަލާކްގެ ނުރުހުންތެރިކަން އިންތިހާއަށް ދިޔައެވެ. އަޔާޒް މަޢާފަށް އެދޭކަށް ނުޖެހޭ ކަމަށް ބުނެ ހިތް ހަޅޭއްލެވިއެވެ. އަޔާޒް އެ ބަސްތައް ބުނުމުން އޭނަގެ ހިތަށް ވެރިވި ބަސްތައް މައުވާ ބުނާނެ ކަމަށް މަލާކަށް ހީކުރެވުނެވެ. އެހެނަސް….

 

“ސޮރީ ބުންޏަސް އަހަންނަށް ހީވަނީ ވާންއޮތްކަމެއް ވެ ނިމިފަހެން އޮތީ. ބަހުގަ ކިތަންމެ އޮޅުން އެރިޔަސް އެފަދަ ވާހަކައެއް އޮޅިގެން ވެސް ދެއްކޭނީ ކޮންމެވެސް ވަރެއްގެ ޙަޤީޤަތެއް އޮތީމަ….އަސްލު ބައެއް ސުވާލުތައް ކޮށްލަން ބޭނުން އަޔާޒްއާ މި އަންހެން ކުއްޖާއާ ވެސް.” މައުވާ އެންމެ ފަހު ބަސްތައް ބުނެލީ އޭނަ ކިޔަން ހުރި މަޖައްލާ ލައްޕައި އޭނަގެ ދެ ފަރާތުގައި ތިބި އަޔާޒަށާއި މަލާކަށް ވަކިވަކިން ބަލާލަމުންނެވެ. އެ ހިނދު މައުވާއަށް ވީ ފޫއްސާއެކީ މަލާކްގެ ބުމަގޮށްޖެހުނެވެ. އަމިއްލައަށް ވެގެން ހުންނެވި ރަނިކަމަނާ ކުރައްވާނީ ކޮން ސުވާލެއްތޯ ހިތާހިތުން ކިޔާލެވުނެވެ.

 

“ދެމީހުން ނިދަނީ ކޮންތާކު؟ އެކީގަތަ؟” މައުވާ ސުވާލުކުރިއެވެ. އިސާހިތަކު މަލާކް އާނއެކޭ ބުނެ މައުވާ ރުޅިއަރުވާލަން ހިތަށްއެރި ހިނދު އަޔާޒް ވާހަކަ ދެއްކިއެވެ.

 

“މައުއަށް އެނގެއެއްނު މާލޭގަ އަހަރެންގެ ކޮޓަރި ހުންނަ ގޮތް؟ ކޮޓަރި ތެރޭގަ ވަކިވަކިން ހުރި ދެކޮޓަރީގަ ދެމީހުން ނިދަނީ.” އަޔާޒް ކިޔައިދިނެވެ.

 

“އޮހް! އައި ސީ….އެހެންވެއްޖެއްޔާ ހެނދުނު ނިކުމެގެން އަންނައިރު މަލާކް ނިދާފަ އޮންނަ މަންޒަރު އަޔާޒްއަށް ފެންނާނެތާ! ކިއުޓް!” މައުވާ ނުރުހުމުގެ ރާގަކަށް ބުނެލި ގޮތުން މަލާކަށް އައި ރުޅީގައި އޭނަގެ ގޮނޑީގެ އަތްގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ. އޭނަ ރުޅިއައީ އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް މައުވާ އަޔާޒް ދެރަކުރަމުން ދިޔައީތީވެއެވެ.

 

“ހެހެ….ނޫނޭ ލޯބި…މަލާކް އަބަދުވެސް ވަރަށް ހެނދުނާ ހޭލާނެ. އެއަށްފަހު ސައިބޯން…ހެނދުނު ހޭލައިގެން ހަމަ ވަގުތުން ސައިބޯން އަހަރެން ދަނީ. ޑެއިލީ ރޫޓީން. ހެހެ….” އަޔާޒް އޭނަގެ ވާހަކައިގެ މިޞްރާބު ބަދަލުކޮށްލީ އޭނަ މަލާކާއެކީ އެހާ ގިނަ ވަގުތު ހޭދަކުރާކަން މައުވާއަށް ފޮރުވުމަށެވެ. މައުވާ ދެންވެސް އޭނައަށް ޝައްކުގެ ނަޒަރަކުން ބަލަން އިނދެފައި ވާހަކަ ދެއްކިއެވެ.

 

“ކަން ވަނީ ތިހެން ވެއްޖެއްޔާ ހަމަ ވަރަށް ރަނގަޅު…..އައި ޓްރަސްޓް ޔޫ އަޔާޒް. އެކަމަކު މިއުޅޭ ރާއްޖެތެރޭ ކުދިންނަށް ހަމަ އިތުބާރު ކުރާހިތެއްނުވޭ. މުއްސަނދި ފިރިހެނަކު ފެންނައިރަށް ގައިން ނުފިލަންވިއްޔާ އުޅޭނީ. އަޔާޒް ނުހެއްލޭނެކަން ޔަޤީންވީމަ ކުޑަކޮށް ހިތްހަމަޖެހިއްޖެ….ދެން މިހާރު ތިހިރީ އަހަރެން ކައިރިއަށް އައިއްސައެއްނު؟ އެހެންވީމަ ވަކި އެހެން އަންހެނަކާއެކީ އަޔާޒް އުޅުމުގެ ބޭނުމެއްނެތް. މަލާކް ފޮނުވާލަންވީއެއްނު އެހެން ހޮޓެލަކަށް؟” މައުވާ ބުނެލިއެވެ. އޭނަގެ ބޭނުމަކަށް ވެފައިވީ އެކި ގޮތްގޮތުން ސުވާލުތައްކޮށް އަޔާޒާއި މަލާކްގެ ދެމެދުގައި އޮތް ގުޅުން ސާފުކުރުމެވެ. އޭނަ އެ ސުވާލުކުރުމުން ވެސް މަލާކާއި އެއްވަރަށް އަޔާޒްގެ މޫނުމަތިން ވެސް ކަންބޮޑުވުން ފާޅުވެގެން ދިޔަ މަންޒަރު ފެނިފައި އޭނަގެ ދެބުމަ ކައިރިވިއެވެ.

 

“އެކަމަކު މައު…..މަލާކަށް އުދަގޫވާނެއެއްނު އެކަނި އުޅެން ނުހިނގޭއިރު….އެކަނި އުޅެނިކޮށް ގޮތެއްވެސް ދިމާވެދާނެ. އޭޒް އަ ޑޮކްޓާރ އައި ކާންޓް ލީވް ހާރ….” އަޔާޒަށް އެ ބަސްތައް ސީރިއަސްކަމާއެކީ ބުނެލެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އަޔާޒް އެ ބަސްތައް ބަދަލުވެސް ކުރަން ޚިޔާލެއް ނުކުރީ އިންސާނިއްޔަތުކަމުގެ ގޮތުން ބަލާއިރު ވެސް އޭނަގެ އެ ނިންމުން ރަނގަޅުކަން ޔަޤީންވީތީވެއެވެ.

 

“އައްދެ! ހާދަ ވަރަކަށޭ ހާސް ތިވަނީ އަނބިމީހާ އެކަނި ބަހައްޓާފަ ދާންވީމަ….އޭޒް އަ ޑޮކްޓާރ ކަންބޮޑުވަންޏާ ހޮސްޕިޓަލެއްގަ ބާއްވަންވީއެއްނު؟” މައުވާ މަލާކަށް ލޯ އަޅާލަމުން އެހެން ބުނެލީ އޭނަގެ ރުޅިވެރިކަމުގެ އަލިފާން ބޮޑުކުރަމުންނެވެ. އެއާއެކު މަލާކް ވެސް އައި ރުޅީގައި ކެތްނުވެގެން އެއްޗެކޭ ބުނަން އުޅެނިކޮށް އަޔާޒް ވާހަކަ ދެއްކިއެވެ.

 

“މައު ޕްލީޒް! ލެޓްސް ނޮޓް ފައިޓް…..ކިހާ ދުވަހެއް ފަހުން ދެމީހުން މި ދިމާވީ؟ ހިނގާބަލަ މި ވާހަކަ ބާއްވާފަ ދެމީހުން ތަނަކަށް ދާން. ލެޓްސް ގޯ އޮން އަ ޑޭޓް!” އަޔާޒް އެ ޙާލަތު ބަދަލުކޮށްލުމުގެ ގޮތުން ހިނިތުންވުމެއް ފަތުރާލަމުން ބުނެލިއެވެ.

 

“ހުމް….ޑޭޓްއަށް ދަނީ މި ގޮނޑިވެސް ގޮވައިގެންތަ؟” މައުވާ އެ ސުވާލުކޮށްލީ މަލާކަށް ބަލާލަމުންނެވެ. މައުވާ މަލާކަށް މުޚާތަބު ކުރި ގޮތުން އަޔާޒް ހުއްޓުންއަރާ ވަރަށް ނުރުހުންވިއެވެ. އެހެނަސް އެ ނުރުހުންތެރިކަމުގެ ފަހަތުގައިވި ސަބަބާއިމެދު ވިސްނަން ބޭނުމެއް ނުވުމުން އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ނޫން މައު….މަލާކް ބަހައްޓާފަ ދާނީ. ޖަސްޓް މީ އެންޑް ޔޫ…..މަލާކްއަށް ހުރެވިދާނެދޯ އެކަނި އަހަރުމެން އަންނަންދެން؟ ރޫމް ސާރވިސްއަށް އަންގާފަ ބާއްވާނަން މަލާކް ބޭނުން އެއްޗެއް އަހާފަ ޑިނާރ ގެނެސްދިނުމަށް. އެންމެ ރަނގަޅުތަ؟” އަޔާޒް މަލާކަށް ބަލަން ހުރެ އެހިއެވެ. އެއާއެކު މަލާކް ރުޅިވެރިކަން އެކުލެވިފައިވި މޫނަށް ހިނިތުންވުމެއް ވެރިކުރުވަމުން އެންމެ ރަނގަޅޭ ބުނެލިއެވެ. އެހެން ބުނެފައި މަލާކްގެ މޫނުމައްޗަށް އަނެއްކާވެސް ނުރުހުންތެރިކަން ވެރިވެގެން ދިޔަ ގޮތުން އަޔާޒަށް ހިތާހިތުން ހީލެވުނެވެ. ނޭނގޭ ސަބަބަކާހުރެ އެވަގުތު މަލާކްއާއެކީ ގޭގައި މަޑުކޮށްލަން ބޭނުންވިއެވެ. މަލާކް މިވަގުތު ދައްކާނެ ވާހަކަތަކަށް އޭނައަށް ހެވޭނެކަން ޔަޤީންވުމުންނެވެ. އެވަގުތުކޮޅުން ހަމަ ގައިމުވެސް އޭނަގެ ހިތަށް ހަމަޖެހުމެއް ލިބޭނެކަމަށް އޭނަގެ ހިތް ބުނުމުންނެވެ. އެހެނަސް މައުވާ ހިނގާށޭ ބުނެލުމުން އަޔާޒް އޭނަގެ އެ ގޮތް ނޭނގޭ އިޙްސާސްތަކުގެ މަތިން ހަނދާން ނައްތާލަމުން މައުވާއާއި އެކީ ދާން ހިނގައިގަތެވެ.

 

މިގޮތުގައި ދެތިން ދުވަސް ފާއިތުވެގެން ދިޔައެވެ. މައުވާ ކޮންމެ ދުވަހަކުހެން އަޔާޒާއި ބައްދަލުކުރަން އާދެއެވެ. އަދި ވަކިން ޚާއްޞަކޮށް މަލާކްގެ ކުރިމަތީގައި އެދެމީހުންގެ ގާތްކަން ދެއްކޭތޯ މަސައްކަތް ކުރެއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އަޔާޒްގެ ހިތުގައި މައުވާއަށްޓަކައިވި އިޙްސާސްތައް ވެސް ވަރުގަދަ ވަމުން ދިޔައެވެ. މައުވާ އެންމެ ކުރިން ހަދާހެން އޭނައާއި އެކީ ވަގުތު ހޭދަކޮށް ލޯބީގެ ބަސްތަކާއެކީ އެދެމީހުންގެ ފޮޓޯ ސޯޝަލް މީޑިޔާގައި ޙިއްސާ ކުރަމުން ދިޔަ ގޮތުން އޭނައަށް އުޑުގައި އުދުހެވެމުން ދިޔަހެން އަޔާޒަށް ހީވިއެވެ. އެދެމީހުންގެ ލޯބީގެ ވާހަކަ ފަދަ ލޯބީގެ ވާހަކައެއް ނޯންނާނެހެން ހީވިއެވެ. އޭނަ އެދުވަސްވަރު އެންމެ އުފާވެގެން ދިޔައީ އޭނައާއި މައުވާގެ ގުޅުމާއިމެދު ކަމަށްވުމުން އޭނަ އެ ވާހަކަ އޭނަގެ އެންމެ ގާތް ‘އެކުވެރިއަކަށް’ ވެފައިވި މަލާކާއި ވެސް ޙިއްސާ ކުރަމުން ދިޔައެވެ. ކުރީކޮޅު އެ ފޮޓޯތައް ބަލަން މަލާކަށް އުދަގޫވިއެއްކަމަކު ފަހުން ފަހުން އައިސް އޭނަ ވެސް އަޔާޒްގެ އެ ވާހަކަތައް އަޑުއަހަން ފެށީ އުފާވެރި ހިނިތުންވުންތަކާއި އެކީގައެވެ. އެ ގުޅުމުން އަޔާޒަށް އުފަލެއް ލިބޭކަން އެނގުންވުމުން އޭނަގެ ހިތަށް ވެސް އުފަލެއް ލިބުނު ކަހަލައެވެ. އަޔާޒް އުފަލުގައި އުޅޭހާ ހިނދަކު އޭނައަށް އަޔާޒް ނުލިބުނަސް އޭނައަށް ވަކި މައްސަލައެއް ނެތް ފަދައެވެ. ހެވާއި ނުބައި ވަކިކުރަން އެހާ ރަނގަޅަށް އެނގިފައި ނެތް މަލާކަށް ނޭނގުނު ކަމަކީ އޭނަގެ ލޯބިވާ ފަރާތް އޭނަ އެ ދޫކޮށްލަނީ ކިހާ އަނދިރި މަގަކަށްކަމެވެ. އަދި އޭނައަށް ޙައްޤާއި ބާޠިލް ރަނގަޅަށް އެނގިފައިވިނަމަ އޭނަ އޭނަގެ ލޯބިވާ ފިރިމީހާ އެފަދަ ފާފައެއްގައި އުޅެން ދޫކޮށްނުލީސްކަމެވެ. އޭނައަށް މި ކަންތައް އެނގުންވާން ނުހަނު ކައިރިވެފައިވިކަން އޭނައަށް ރޭކާނުލައެވެ.

 

އެއްރެއަކު އަޔާޒް އާދައިގެ މަތިން މައުވާއާއެކީ ބޭރަށްދާން ތައްޔާރުވަމުން އޭނަ މަލާކާއި އެކީ ޙިއްޞާކުރާ ބޮޑު ކޮޓަރީގައި ހުރި ރީތިވާ މޭޒު ކައިރީގައި ހުރެ ވާހަކަ ދެއްކިއެވެ.

 

“މިރޭ މައު އަހަރެން ގެންދަނީ ސަޕްރައިޒެއް ދޭންށޯ މައު ބުނީ.” އަޔާޒް އޭނަގެ ބޮލުގައި ފުނާ އަޅަމުން އެހެން ބުނެލީ އެނދުގެ ހެޑް ބޯޑަށް ލެނގިގެން އެނދުގައި ފޮތެއް ކިޔަން އިން މަލާކް ގާތުގައެވެ.

 

“އަނެއްކާ ކޮންކަހަލަ ސަޕްރައިޒެއްބާ؟” މަލާކް އޭނަގެ ފޮތް ތިރިކޮށްލަމުން މޫނުބަލާ ލޯގަނޑުން އަޔާޒްގެ މޫނަށް ބަލަން އިނދެ އަހާލިއެވެ.

 

“ނޭނގެ…މައު ވަރަށް ނުދޭނެ އަހަންނަށް ސަޕްރައިޒެއް. ނައު ދެޓް އައި ތިންކް އެބައުޓް އިޓް އަހަންނަށް ހީވަނީ މިއީ މި ވޭތުވެދިޔަ އަހަރުތަކުގައި މައު އަހަންނަށް ދޭން އުޅޭ ފުރަތަމަ ސަޕްރައިޒްހެން. އައި ވަންޑާ ވަޓް އިޓް އިޒް! ހެހެ….ޢާއްމު ގޮތެއްގަ އަންހެން ކުދިން އެމީހުންގެ ބޯއިފްރެންޑުންނަށް ދީ އުޅެނީ ކޮންކަހަލަ ސަޕްރައިޒްތަކެއް؟” އަޔާޒް ފަހު ފަހަރަށް ލޯގަނޑުން އޭނަގެ ސޫރައަށް ބަލަން ހުރެފައި ފަސްއެނބުރި މަލާކަށް ބަލާލިއެވެ.

 

“ނޭނގެ އެހެން ބުނެދޭކަށް. މަލާކް ދުވަހަކުވެސް އަދި ބޯއިފްރެންޑަކަށް ސަޕްރައިޒެއްދޭން ނުޖެހޭ. އެކަމަކު މަލާކްގެ އެކުވެރިން އެކިއެކި ހަދިޔާތައް ދީ އުޅޭތަން ދެކެން. މިސާލަކަށް އެ ފިރިހެން ކުއްޖާއަށް ކަމުދާނެ ކަހަލަ ގަމީހެއް. ނޫނީ ގަޑިއެއް. ނޫނީ އަތްތެރި މަސައްކަތުންނާއި ފަންވަތުން ހަދާފަ ހުންނަ ކުދިކުދި އެއްޗެހި…” މަލާކް ވިސްނުމެއްގައި އިނދެ އޭނައަށް އެނގޭވަރު ކިޔައިދިނެވެ.

 

“ހާދަ މަޖާ ބައެކޭދޯ އަންހެން ކުދިންނަކީ؟ ތިއީ އަހަރެން އުއްމީދުކޮށްގެން ހުރި ކަހަލަ ގިފްޓެއްނޫން….އެނީވޭސް…..އެހެންވީމަ މަލާކް ވެސް ހިޝާމްއާ ރައްޓެހިވީ ދުވަހަކުން ދޭނީ އެކަހަލަ ގިފްޓެއްދޯ؟ ލޯބިވާ ކުއްޖާ އުފާކޮށްދޭންވާނެތާ!” އަޔާޒް ރީތިވާ މޭޒަށް ލެނގިލަމުން ފުރިހަމަ ހިނިތުންވުމަކާއެކީ ބުނެލިއެވެ. އޭނަ އެހެން އަހާލީ މަލާކް އެހެން މީހަކާ ރައްޓެހިވިޔަސް އޭނައަށް އަސަރެއް ނުކުރާ ކަމަށް އަމިއްލަ ނަފްސުގާތު ބުނަމުންނެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ ހިޝާމްގެ ނަން ކިޔުމަށްފަހު މަލާކްގެ މޫނަށް އޭނައަށް ފަރުވާތެރިކަމާއެކީ ބެލުނެވެ. އެ މޫނުމަތިން އޭނަ ލޯބިވަނީ ހިޝާމްދެކެ ނޫންކަން ހާމަވާ ފަދަ އަސަރެއް ފެނޭތޯއެވެ. އޭނަގެ އެ މުރާދު ޙާޞިލު ނުވަނީސް މަލާކް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ވާހަކަ ދެއްކިއެވެ.

 

“މަލާކް ހަދިޔާއެއްދެންޏާ ދޭނީ އެ ޙާލަތަކަށް ވިސްނާފަ މަލާކްގެ ލޯބިވެރިޔާއަށް އެންމެ ކަމުދާނެހެން ހީވާފަދަ ހަދިޔާއެއް. އޭނަ ދުރުގަ ހުރިއްޔާ މަލާކްގެ ހަނދާނަކަށް މަލާކް ފޮނުވާނީ ކުޑަކުޑަ ހަދިޔާއެއް. އޭނަ މަސައްކަތެއްގެ ތެރޭގަ އުޅެންޏާ އެ މަސައްކަތް ފަސޭހަވެގެންދާނެ ފަދަ ގޮތެއް މަލާކް ފަހިކޮށްދޭނަން. އޭނަ މަލާކްގެ ވަގުތު ބޭނުންވަންޏާ ދެމީހުން އެކީގަ ވަގުތު ހޭދަކުރެވޭނެ ފަދަ ގޮތެއް ރާވާނަން.” މަލާކް ބުނެލިއެވެ. އޭނަ އޭގެއިން ކޮންމެ ނުކުތާއެއް ބުނެލި ހިނދު އޭނައަށް ޚިޔާލު ކުރެވިގެން ދިޔައީ އަޔާޒަށްޓަކައި އޭނަ އޭގެއިން ކޮންމެ ކަމެއް ކޮށްދޭ މަންޒަރެވެ. އެހެނަސް އެކަން ނޭނގުނު އަޔާޒްގެ ހިނިތުންވުން އޭނައަށް ނޭނގި ލަސްލަހުން ފަނޑުވިއެވެ. އޭނަ މިހާރު ގެންގުޅޭ ލޯބިވެރިޔާ އޭނައަށް ލޯބި ދިނުމުގައި މަލާކާއި އަޅާވެސް ނުކިޔޭކަން އެނގުންވުމުންނެވެ. އެހެނަސް އޭނަ އަވަސްއަވަހަށް އެ ޚިޔާލު މަތިން ހަނދާން ނައްތާލަމުން ހިނިތުންވުން ފުންކުރިއެވެ.

 

“ހެހެ….ހިޝާމް އިޒް ވަން ލަކީ ޑޫޑް އައި މަސްޓް ސޭ! ދެން އަހަރެން ވެސް ލަކީދޯ އަނެއްހެން ބުނަންޏާ. މައުވެސް ޕްރޮބެބްލީ ވަރަށް ސްޕެޝަލް ޑޭޓްއަކަށް އަހަރެން ގެންދާނީ ސަޕްރައިޒެއްގެ ގޮތުން….އޮހް! އެއޮތް 8:30 ވަނީ. ގޮޓަ ގޯ! ބާއި!” އަޔާޒް އަވަސްއަވަހަށް އެހެން ބުނަމުން ދާން ހިނގައިގަތީ އޭނަގެ ހިތުތެރޭގައި އުތުރި އަރައިގަތް އިޙްސާސްތަކުގެ މައްޗަށް ބާރު ހޯދުމަށެވެ. އަޔާޒް ދިގު ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިން ނިކުމެ ދޮރު ލައްޕާލި ވަގުތު މަލާކަށް އެދިމާލަށް ބަލަން އިނދެ މާޔޫސީ ގޮތަކަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.

 

**

 

މައުވާގެ މަޑު ފެހި ކުލައިގެ އާ ކާރު ގޮސް އަޔާޒްމެން އުޅޭ ހޮޓެލްގެ ޢިމާރާތުގެ ކުރިމަތީގައި މަޑުކޮށްލީ އެވަގުތެވެ. ދުވަސްކޮޅަކީ ވިއްސާރަ ދުވަސްކޮޅަކަށްވުމުން ތާރު މަގުމަތިން ފެނުގެ އަސަރު ފެންނަމުން ދިޔައެވެ. އޭނަ ގޮސް ކާރު މަޑުކޮށްލިތަނާހެން ކާރު ތެރެއިން އޭނަގެ ފޯނު ރިންގުވާން ފެށި އަޑު އިވުނެވެ. ކާރުގެ ސްކްރީނަށް ‘މަމް’ އޭ އަރާފައި އޮތް މަންޒަރު ފެނިފައި މާ ގިނައިރެއްނުވެ މައުވާ އެ ކޯލް ރިސީވްކުރިއެވެ.

 

“ހެލޯ މަންމާ…” މައުވާ އެހެން ބުނެލީ އަޔާޒް ހޮޓެލުން ނިކުމެގެން އާދޭތޯ ބަލަން ކުޑަދޮރުން ބޭރަށް ނަޒަރެއް ދެމުންނެވެ.

 

“ހެލޯ….ކޮބާ އަޔާޒްއަށް ދައްކައިފިންތަ ހުރިހާ ކަމެއް؟” އެކޮޅުން މަންމަ ސުވާލުކުރިއެވެ.

 

“ނޫން އަދި ނުދައްކަން. ދެއްކުމުގެ މަގުމަތީގަ މިހިރީ. އަޔާޒް ގޮވައިގެން ކްލަބަށްދާން މިއުޅެނީ.” މައުވާ ބުނެލިއެވެ.

 

“އެހެންތަ؟ އަސްލު އަޔާޒްއަށް ހުރިހާ ވާހަކައެއް ކިޔައިދީގެން ތި ނަގަނީ ވަރަށް ބޮޑު ރިސްކެއް މައު. އޭނައަށް އަހަރުމެން ކުރާ ކަންތައް ކަމުނުގޮއްސިއްޔާ ވާނެގޮތާއިމެދު ވިސްނާލިންތަ؟ އޭނަ މައު ދޫކޮށްފަ އެ މަލާކްދެކެ ލޯބިވެގެން އުޅެން ފަށައިފިއްޔާޔޯ؟ އަދި ޢާއްމުކޮށް ކުދިކުދި ރަށްރަށުގަ އުޅޭނީވެސް ދީންވެރި ކުދިންވިއްޔާ. އަޔާޒް އަހަރުމެންނާ ދެކޮޅުވުމުގެ ގޮތުން މަލާކްއާ މުޅިން ތަތްވެގެން އުޅެން ފަށައިފިއްޔާ ވެސް ވަރަށް ގެއްލުންވާނެ.” އެކޮޅުން މައުވާގެ މަންމަ ކަންބޮޑުވުން ފާޅުކުރިއެވެ.

 

“މަންމާ….ނަން އޮފް ދެޓް ވިލް ހެޕެން! އަޔާޒް އަހަރެން ދަންނަތާ 3 އަހަރު ވެއްޖެ. އަޔާޒްއަކީ ތިހާ ދީނާއިގެން އުޅޭ މީހެއްނޫން އެއްގޮތަކަށްވެސް. ކިރިޔާވެސް އެކަހަލަ ވާހަކައެއް ދެއްކިއްޔާ ދައްކާނީ އޭނަގެ ބައްޕަގެ ހަނދާނުގަ. އެންޑް ދެޓްސް އިޓް! އައިމް ޝުއާރ އަޔާޒް އަހަރުމެންނަށް ސަޕޯޓް ކުރާނެކަން. އަޔާޒްއަކީ ނުލާހިކު މޮޑަން ވިސްނުމެއްގެ ވެރިއެއް…..ޕްލަސް ޑޯންޓް އިވެން ޓޯކް އެބައުޓް މަލާކް. މަލާކްއަކީ ހުވަފެނުން ވެސް އަޔާޒްއާ ކައިރި ވެވޭނެ ފެންވަރުގެ މީހެއްނޫން. އަދި އަމުދުން މި ވޭތުވި 3 ދުވަހުގެ ތެރޭގަ އަހަންނާ އަޔާޒް ނުލާހިކު ކްލޯޒްވެއްޖެ. ވީއިރު އަހަރުމެން ވަތްކެއް ނުވާނެ.” މައުވާ އެހެން ބުނެލީ ނުހަނު ޔަޤީންކަމާއި އެކީގައެވެ. އަޔާޒްގެ ހިތުގެ ފުން މިނުގައި އުފަންވާން ފަށާއިފައިވި އިޙްސާސްތަކާއިމެދު ނޭނގޭ ޙާލުގައެވެ.

 

މައުވާގެ އެ ވާހަކަތައް އަޑުއެހުމަށްފަހު އޭނަގެ މަންމަ ފުން ނޭވައެއް ދޫކޮށްލި އަޑު އިވިފައި މައުވާގެ ދެބުމަ ކައިރިވިއެވެ. އޭނަގެ އެ ބަސްތައް ސާބިތުކޮށްދިނުމުގެ ރޫޙެއް އިހުނަށްވުރެ ބޮޑަށް އޭނަގެ ހިތުގައި އުފެދިގެން ދިޔައީ އެވަގުތެވެ.

 

“އޯލް ދަ ބެސްޓް އެހެންވެއްޖެއްޔާ. އަޔާޒް މައުއަށް ރުޅިއަޔަސް ޖަސްޓް މޭކް ޝުއާރ އޭނަ މަލާކްއާ ނުގުޅޭތޯ. މަންމަ ބުނާނެ އިތުރު ވާހަކައެއް ނެތް.” މަންމަ ބުނެލި އަޑު އިވުނެވެ. ހަމަ އެވަގުތު ހޮޓެލުން ނިކުމެގެން އެދިމާލަށް އަންނަމުން ދިޔަ އަޔާޒް މައުވާއަށް ކުޑަދޮރުން ފެނިގެން ދިޔައެވެ.

 

“އާނ މަންމާ ދެން ބާއްވަނީ. އަޔާޒް އެބަ އާދޭ! ބާއި!” މައުވާ އެހެން ބުނެލުމުން އޭނަގެ މަންމަވެސް ބާއިއޭ ބުނެލުމުން މައުވާ ފޯނު ކަނޑާލިއެވެ. އެ ހިނދު އަޔާޒް އެ ކާރާއި ނުހަނު ކައިރިވަމުން މައުވާއާއި ހިނިތުންވެލީއެވެ. މައުވާ އެވަގުތު ހަމަޖެހުން ނެތިފައިވި ހިތެއްގެ ސަބަބުން ހިނިތުންވާންޖެހުނީ ގަދަކަމުންނެވެ. އަޔާޒް ވަކި މަޑުކުރުމެއްނެތި ކާރުގެ ކުރިމަތިން ގޮސް ކާރުގެ ކުރީ ސީޓަށް އަރައި ދޮރު ލައްޕާލިއެވެ.

 

“ހާއި!” އަޔާޒް ބުނެލީ އުޖާލާވި ހިނިތުންވުމަކާއި އެކީގައެވެ.

 

“ހާއި!” މައުވާ އަޔާޒަށް ލުއި ގޮތަކަށް ބަލާފައި ކާރުގެ ގިޔަރު ބަދަލުކޮށް ކާރު ދުއްވަން ފެށި ގޮތުން އަޔާޒްގެ ހިތް ދެރަވިއެވެ. ދާދި ދެންމެއަކު ކޮންމެވެސް އަންހެން ކުއްޖަކު އޭނަގެ ލޯބިވެރިޔާއަށްޓަކައި އޭނަ ކޮށްދޭނެ ކަންތައް ކިޔައިދީފައިވި ގޮތް ހަނދާނަށް އައުމުން އިތުރަށް މާޔޫސްވިއެވެ. އެކުއްޖާ ގޮތަށް މައުވާ ނުވާންވީ ކީއްވެބާއޭ ހިތަށްއެރި ވަގުތު އަޔާޒަށް ކުރިމައްޗަށް ނަޒަރު ހުއްޓާލެވުނީ ހިސާބަކަށް ނުރުހުންވެފައި އިނދެއެވެ.

 

ދަތުރުގެ ފުރަތަމަ 10 މިނެޓް ވޭތުވެގެން ދިޔައީ މަރު ހިމޭންކަމުގައެވެ. އަޔާޒާއި މައުވާ ތިބި ގޮތުން އެއީ ދެ ލޯބިވެރިންނޭ ވެސް މީހަކު ނުބުނާނެއެވެ. އަޔާޒްގެ ސިކުނޑީގައި މަލާކް ދެއްކި ވާހަކަތައް ދައުރުވަމުން ދިޔައިރު މައުވާގެ ޚިޔާލުތައް ވެސް ވީ އެހެން ދިމާލެއްގައެވެ. އޭނަ އަޔާޒަށް ކިޔައިދޭން އުޅޭ ޙަޤީޤަތާއިމެދު އޭނަ ނުތަނަވަސްވެފައިވެއެވެ. މި ހުރިހާ ދުވަހު އަޔާޒްގެ އަތުން ލާރި ހޯދައިގެން ކުރި މަސައްކަތާއިމެދު އަޔާޒް ދެކޭނީ ކިހިނެއްބާއޭ ހިތަށްއަރަމުން ދިޔައެވެ. އެއްސިކުންތުގައި ހުރިހާ ކަމެއް ރަނގަޅުވާނެއޭ ހިތް ބުންޏެއްކަމަކު އަނެއް ސިކުންތުގައި ހުރިހާ ކަމެއް ބަރުބާދުވެގެންދާ މަންޒަރުވެސް އޭނައަށް ސިފަވަމުން ދިޔައެވެ. މަންމަ ބުނިހެން އަޔާޒަށް މި ވާހަކަތައް ކިޔައިނުދޭން ވެސް އެތައް ފަހަރެއްގެ މަތިން ހިތަށްއެރިއެއްކަމަކު މައުވާ އޭނަ އެއްފަހަރު ނިންމި ކަމަކުން ފަސްޖެހޭކަށް ބޭނުމެއްނުވިއެވެ. އަޔާޒަށް ޙަޤީޤަތް ކިޔައިދޭން އޭނަ ނިންމީ އޭނަ ފަދައިން އަޔާޒް ކަހަލަ ހަރުދަނާ ޝަޚްޞިއްޔަތެއްގެ އެހެން ދިވެއްސެއް ވެސް އެ ޚިޔާލުތަކަށް ތާޢީދުކުރާކަން ދެއްކުމަށްޓަކައެވެ. އެހެންވެއްޖެނަމަ އޭނަ ހިންގާ ‘ޕްރޮޖެކްޓް’ ގެ ކާމިޔާބީ ދެގުނަވެގެން ދާނެއެވެ. އެ ކާމިޔާބީ ލިބިގަތުމުގެ އަވައިގައި ބައެއްފަހަރު އަޔާޒް އޭނައަށް ރުޅިއަޔަސް އޭނައަށް ކޮންކަމެއްހޭ މައުވާގެ ހިތް ބުނަމުން ދިޔައެވެ. އަޔާޒް އޭނައަށް ގެއްލުނިއްޔާ އޭނައަށް ފައިސާ ދޭނެ އެހެން މީހަކު އޭނައަށް ހޯދިދާނެއެވެ. މައުވާއަށް އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް މުހިއްމުވީ އޭނަގެ ކާމިޔާބީގެ ގޮތުގައި ސިފަކުރާ ޚިޔާލުތައް ފެތުރުން ފަދައެވެ.

 

މައުވާއާއި އަޔާޒްގެ ދެމެދަށް ވެރިވެފައި އޮތް ހިމޭންކަމަށް ނިމުމެއް އައީ މައުވާ ހަމަޖެހުމުގެ ގޮތުން ފުން ނޭވައެއް ދޫކޮށްލަމުން އިނގިރޭސި ލަވައެއް ޕްލޭކޮށްލުމުންނެވެ. ލަވައިގެ އަޑު ނުހަނު ބާރަށް އިވެން ފެށުމުން އަޔާޒަށް އެއްފަހަރު އެ ސްކްރީނަށް އަނެއްފަހަރު މައުވާއަށް ބަލާލެވުނެވެ. މައުވާގާތު ބުނާނެ ވަކި ވާހަކައެއް ނުވިސްނުމުން އަޔާޒް އަނެއްކާވެސް ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ. އެހެނަސް އެމީހުން ދާންއުޅޭ މަންޒިލާއި ގާތްވަމުން ދިޔަދިޔަހެން މައުވާ އެހާރުއްސުރެ އަޔާޒާއި މަޑުމަޑުން އެ ވާހަކަ ޙިއްސާކޮށްލަން ބޭނުންވިއެވެ.

 

“ސުވާލެއްކޮށްލަންތަ އަޔާޒް؟” މައުވާ ލަވައިގެ އަޑުމަޑު ކުރަމުން އަހާލިއެވެ. އެއާއެކު އަޔާޒް އަނެއްކާވެސް މައުވާއަށް ބަލާލިއެވެ.

 

“ކޮން ސުވާލެއް؟” އަޔާޒަށް ޙައިރާންކަމާއެކީ އަހާލެވުނެވެ. އެ ހިނދު މައުވާ ދޭން އުޅޭ ސަޕްރައިޒާއިމެދު ވެސް ސުވާލުކުރަން ބޭނުންވިއެއްކަމަކު މައުވާ މި ކުރި ސުވާލަކީ އެކަމާއި ގުޅޭ ސުވާލެއްކަމަށް އޭނައަށް ހީކުރެވުނެވެ. މައުވާ އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޖަވާބު ދިނެވެ.

 

“އަޔާޒް ބިލީވް ކުރަންތަ ފްރީޑަމް އޮފް އެކްސްޕްރެޝަންއަށް؟” މައުވާ އަޔާޒަށް ބަލާލުމެއްނެތި ސުވާލުކުރިއެވެ.

 

“ތިބުނީ؟” އުއްމީދު ނުކުރާ ކަހަލަ ވާހަކައެއް އިވުމުން އަޔާޒްގެ ނިތަށް ރޫއެރިއެވެ.

 

“މިބުނީ…..އަނެއްހެން ޔޫ ނޯ…..ލައިކް ކޮންމެ މީހަކަށް ވެސް އެމީހަކު ދެކޭ ގޮތް ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭކަން. މި ދުވަސްކޮޅު ވަރަށް ޓްރެންޑިންގް ވާހަކައެއްނު އެއީ؟” މައުވާ އެހެން ބުނެލީ ހިސާބެއްގެ ނުތަނަވަސްކަމާއި އެކީގައެވެ.

 

“އަހަންނަށް ނޭނގޭ ތި ދައްކާ ވާހަކައެއް މައު….ކޮންކަހަލަ މިނިވަންކަމެއް؟” އަޔާޒަށް އަހާލެވުނެވެ. މައުވާ ދެއްކި ވާހަކަތަކުން މި ދުވަސްވަރު ސޯޝަލް މީޑިޔާގައި ދައުރުވާ ވާހަކަތައް އޭނަގެ ހަނދާނަށް އަޔަސް އެވަގުތު މައުވާ އެ ވާހަކަ ދައްކަންވީ ސަބަބެއް އަޔާޒްގެ ވިސްނުމަކަށްނައެވެ. މައުވާގެ ކާރު ތަނެއްގެ ކުރިމައްޗަށް މަޑުކޮށްލީ އެވަގުތެވެ. އަޔާޒް ކުޑަދޮރުން ބޭރު ބަލާލި ވަގުތު މައުވާ އަބަދުވެސް ގޮސް އުޅޭ ކްލަބް ފެނިގެން ދިޔުމުން އިސާހިތަކު އަޔާޒް ރުޅިން ރަތްވިއެވެ.

 

“ސީރިއަސްލީ މައުވާ! އަހަރެން ގޮވައިގެން މިތަނަށްތަ ތިއައީ؟ އާރ ޔޫ މޭޑް އޯ ވަޓް؟!” އަޔާޒަށް އެހެން ބުނެލީ ކޮންޓްރޯލް ނުކުރެވުނު ރުޅިއެއްގެ ސަބަބުން ހަރުއަޑުންނެވެ. މައުވާ އެ ބުއިންތަކުގެ ވަބާއިން ސަލާމަތްކުރަން އޭނަ ކުރިހާ މަސައްކަތަކަށް ފަހުވެސް މައުވާ އޭނައަށް މި މަންޒަރު ދައްކަފާނެކަމަށް އޭނަ ހިއެއްނުކުރެއެވެ.

 

“އަޔާޒް ޗިލް……ޑްރިންކް ކުރާކަށް ނޫން މިތަނަށް މިއައީ. އެއްޗެއް ދައްކާލަންވެގެން. ފައިބަބަލަ އިރުކޮޅަކަށް.” މައުވާ ބުނެލިއެވެ. އެހެނަސް އަޔާޒަށް ޤަބޫލުކުރަން ވެސް ބޭނުމެއް ނުވެފައި ދަތްކުނޑި ވިކަވިކައި އިނދެވުނެވެ. އޭނަ އިންގޮތަށް އިންނަން ފެށުމުން މައުވާ އަޔާޒްގެ އަތް މަތީގައި އެއްއަތް އަޅާލިއެވެ. އެއާއެކު އަޔާޒް އަނެއްކާވެސް މައުވާއަށް ބަލަން މަޖުބޫރުވިއެވެ.

 

“ޖަސްޓް ޓްރަސްޓް މީ އެންޑް ލެޓްސް ގޯ.” މައުވާ މަޑުމައިތިރި އަޑަކުން ބުނެލިއެވެ. އެއާއެކު އަޔާޒް މައުވާއަށް ބަލަން އިނދެއިނދެފައި ކުއްލިއަކަށް ކާރުން ފޭބިއެވެ. އަދި ކުރިމަތިން ފެންނަމުން ދިޔަ ކްލަބާއި ދިމާލަށް ދާން ފެށީ މައުވާއަށް ބެލުމެއްނެތިއެވެ. އެހެނަސް މައުވާވެސް ކުޑަކޮށް ދުވެލަމުން ގޮސް އަޔާޒާއި އެއްހަމަ ކުރިއެވެ. އަދި އަޔާޒާއި އެކީ ހިނގަންފެށިއެވެ. ދެމީހުން އެކީގައި ހިނގަމުން ހިނގަމުން ގޮސް ކްލަބްގެ ތެރެއަށް ވަދެވުމާއެކުހެން ފެނުނު މަންޒަރުން އަޔާޒްގެ ފިޔަވަޅުތައް މަޑުޖެހުނެވެ.

 

ނުނިމޭ

177

19 Comments

  1. Shina

    October 22, 2019 at 8:02 pm

    Yeah I am the first 😉🙂🙂🙂🙂🙂🙂

    • Jana

      October 23, 2019 at 5:53 pm

      yay! 😀

  2. 🤩

    October 22, 2019 at 9:11 pm

    Masha allah vrh reethi..

    • Jana

      October 23, 2019 at 5:54 pm

      Alhamdhulillah! (All praise and thanks belong to Allah) ^_^

  3. Kiyaa

    October 22, 2019 at 9:16 pm

    Aleey mau keekurantha eulenee.. soo curious when next part please avas kohlachey 😊😊😊😊🤩🤩🤩

    • Jana

      October 23, 2019 at 5:54 pm

      Mau hama gaimuves rangalhu kamaku noon dho eulheny? balamaa. Next part sunday ga In Sha Allah 🙂

  4. Lilly

    October 22, 2019 at 9:31 pm

    Varah varah reethi maa sha Allah. ….avahah mauva men ge reyvun ingey nama dhw..When is next part???waiting for the next part

    • Jana

      October 23, 2019 at 5:56 pm

      Mauva menge reyvun dhen oiy bain kiyuntherinnah hama gaimuves saafuvaane. Ayaz ah ves varah bodu bai engen kanneynge dho miulheny. balama next part in. Next part sunday ga In Sha Allah 🙂

  5. Malaa

    October 22, 2019 at 9:33 pm

    Ayaaz ah nubey kamei viya nudheichey….Mi part hama habeys..Avahah mauve ge kanthahthah ingey nama..waiting for the next part

    • Jana

      October 23, 2019 at 5:57 pm

      Ayaaz nubai kameh kuraanehen Malaa ah heeveytha? Mauva ge kanthah engeykashennun miulheny dho? hehe….In Sha Allah next part sunday ga ^_^

  6. Snow

    October 22, 2019 at 9:39 pm

    Sooo curious hehe v reethi ♥️♥️♥️

    • Jana

      October 23, 2019 at 5:58 pm

      Alhamdhulillah! 🙂

  7. Xaaan

    October 23, 2019 at 8:57 am

    Masha Allah mi partves vvvvv reethi waiting for next part

    • Jana

      October 24, 2019 at 9:18 pm

      Alhamdhulillah! Next part sunday ga In Sha Allah 🙂

  8. Jana

    October 23, 2019 at 3:03 pm

    As a precursor to the blog post related to this episode, I’d like to ask a question. What is freedom of expression in your opinion? Is it a good thing or a bad thing? Please answer this question as a reply to this comment without googling. Need those answers in order to prove a point in the next blog post. I’d like to hear the opinions of especially the young people out there. So leave the comments below. Jazaakumullah khairan 😊

    ********
    Khiyaalu faalhu kurumuge minivankamaky koba? Thiba dhekey gothugai ey rangalhu kameh tho noony nubai kameh tho? Kuriah huri blog post ah takai kameh saabithu kohdhinumah mi suvaaluge javaabu beynunve eve. Ehen kamun javaabu dheveyne vaguthu vaa kiyuntherin javaabu dhinun edhemeve. Vakin khaassakoh furaavaruge kudhinge khiyaalu hoadhan beynumeve. Jazaakumullah khairan 😊

  9. Anonymous

    October 23, 2019 at 11:36 pm

    This story awesome. Masha Allah. In my opinion this is the best story ever in this site. Thanks for uploading this story without delay. Let me answer your question. Feedom of expression is communicating or expressing your thoughts, views, opinions about issues, problems, etc without disrespecting or harming others rights, beliefs, norms or values. And I believe this kind of expression is good and have positive results. when people express CORRECTLY without discriminating others. And this freedom of expression is BAD for those who do this to tarnish others IMAGE. Hope I’m right. Jazaakumullah khairan.

    • Jana

      October 24, 2019 at 9:30 pm

      Wow! You must be a super reader to be able to say that 😀 You must have read tons of stories haven’t you? hehe….Jazaakallah Khairan for answering Anonymous. Quite frankly, there is no right or wrong answer to the question. Had actually expected a number of answers from a number of readers. Since we normally see those young people talking and ‘expressing’ their views on social media so openly. Was expecting an uproar to be honest. And i do think the issues that i do address in this story are likely to cause such a rising and thats exactly what i’m hoping for too. Because i want to talk to those young people personally. But i guess there aren’t many of those in this crowd of readers. Or maybe I posted the comment too late. Or maybe I’m just too intimidating for any readers to answer O_O It has to be one of those. But anyways, I request all readers reading this comment to share this story with as many young people as you can In Sha Allah 🙂 Since I got only one response, might as well lay out the issues in the next episode before I write the blog post so that its clear to all readers.

      Jazaakallah Khairan once again Anonymous. 🙂 Much love <3

  10. ~ISHAAN~

    October 25, 2019 at 4:31 pm

    💙MaSha Allah💦

  11. jiji

    October 26, 2019 at 9:52 am

    Sorry ingey comment mihaa lasvyma😔..mi part upvithanaa kiyaalin ekam handhaan nethuny comment kohlan..I want ask u a question about last part…u posted that about a session dhw..E session ga ky mai gandu ehchehi jiji menah vx kiyaidhiny…assu kaakthuga e session dhiny sis menah😊..N mi part vx vrh vrh rythi ingey masha allah 😀…alhey vrh curious dhen kohnme akas….ayaaz rulhi ahnaane hen haadha hyvey..faheh vx nujeheyne kahneyge mauvaa dhuukohlaaakah…mauva dhuukohliyas adhi salaamatheh noahnaane hen hyvany..poor ayaaz..hehehe😁

    Um, minivan kan ohnan jehey kanneyge dhw…But ekam aee dhn maa mahchah dhiyumeh nuun..Minivankamey bunyma eki meehun maana nagany eki gothah…minivan kamey bunyma hahdhun nahtaigen dhaa insaanun vx ulhey..hama nuvisney kan dhw..piss piss..then, as anonymous said freedom of expression means communicating and expressing ur thoughts, beliefs, norms etc…hiyaal faalhu kurumuge minivankan ohnan jeheyne jiji dhekey gothuga….but aee minivan kamey kiyaafa mi story ga mauvaa men ulhey gothakah nuun dhw..anyway it’s my opinion ingey..Comment dhiguvehjiyyaa vx sorry..hehe

    Jazakillah khairan for bringing a lovely story😊….much loves <3

Comments are closed.