އެދިގެން ތި ލޯތްބަށް 7
“ޔަޒާން، ހިނގާ ޕްލީޒް…” ނައިހާ ޔަޒާންއާ ދިމާއަށް ނުބަލާ އިނދެ ބުންޏެވެ.
“ހިނގާ ދޯ މިރޭ ކާ އެއްޗެހި ޕެކް ކޮށްގެން ގެޔަށް ދާން؟ އެހެން ރެއަކުން އަނެއްކާވެސް އަންނާނީ” ޝާދު ބުންޏެވެ.
އެންމެން އެއްބަސް ވުމުން އެންމެ ކުރިން ނިކުތީ ނައިހާއާ ޔަޒާންއެވެ. އެހެން މީހުން މަޑު ކުރީ އެއްޗެހި ޕެކް ކޮށްގެން ގެންނަން ދެނެވެ.
“ނައިއަށް މިރޭ ކިހިނެއްތަ ވީ؟ އެންމެން އެކީގަ ގޮސް ތިއްބާ ތިހެން ހެދީމަ ޝާދުމެން ހީކުރާނީ ކީކޭ؟” ގެޔަށް ގޮސް ކޮޓަރިއަށް ވަން ގޮތަށް ޔަޒާން ބުންޏެވެ.
ނައިހާ ޖަވާބެއް ނުދީ ތުވާލި ހިފައިގެން ވަނީ ފާހާނާއަށެވެ. ނައިހާ ފެން ވަރައިގެން ނިކުތް އިރުވެސް ޔަޒާން އިނީ ހިތްހަމަ ނުޖެހިފައެވެ.
“މިއޮއް ހުރިހާ ދުވަހު ރަނގަޅަށް ހުރެފަ ހަމަ މިރޭ ކީއްވެތަ ނައި ހޮޑު ލަވަންވީ؟” ޔަޒާން ހީވަނީ ޒުވާބެއް ފަށަން ބޭނުން ވެގެން އުޅުނު ހެންނެވެ.
ނައިހާ ޖަވާބެއް ނުދީ ނިދަން ތައްޔާރު ވެގެން އޮށޯތެވެ. ޔަޒާން ކިޔާ އެއްވެސް އެއްޗަކަށް ޖަވާބެއް ނުދީ އޮތީ ހިތުގައި އޮތް ޝައްކު ދުލާ ހަމައަށް ގެންނަން ބޭނުން ނުވާތީއެވެ. އެ ފަދަ ބަހެއް ޔަޒާންއާ ދިމާއަށް ބުނަން ބޭނުން ނުވާތީއެވެ.
ޔަޒާން ކީ އެއްވެސް އެއްޗަކަށް ނައިހާ ޖަވާބު ނުދިނުމުން ޔަޒާން ހައްތަހާ ރުޅި ގަދަ ވިއެވެ. އެންމެ ފަހުން ބާރަކަށް ކޮޓަރީގެ ދޮރު ލައްޕާފައި ބޭރަށް ދިޔައީއެވެ.
ގެޔަށް ގޮސް ނަޒްހާ މެން ނިދަން ތައްޔާރު ވީ އިރު ތިން ކުދިންވެސް ތިބީ ހިމޭން ވެފައެވެ. އެރޭ ކަންތައް ވީ ގޮތުން އެ ކުދިން ތިބީ ނައިހާއާ މެދު ކަންބޮޑު ވެފައެވެ. ނަޒްހާއާ ނާޔާ ވިސްނަމުން ދިޔައީ ކުއްލިއަކަށް ނައިހާއަށް ވީ ގޮތަކާ މެދުއެވެ. ނޫރާ ކަންބޮޑު ވީ، ޔަޒާން ނޫރާއަށް ބަލަމުން ދިޔަ ގޮތް ނައިހާއަށް ފާހަގަ ކުރެވުނު ހެން ހީވެ އެ ކަމާ ޝައްކުވީ ވަރުންނެވެ. ހުރިހާ އެއްޗެއް ނައިހާއަށް ކިޔާދޭން ބޭނުން ވި ނަމަވެސް ނޫރާއަށް ވިސްނެނީ ނައިހާ ދެރަ ވާނެތީ އެ ކަމާއެވެ. ނައިހާއަށް ލިބެން އުޅޭ ދަރިފުޅަށް ދެރަ ގޮތެއް ވެދާނެތީއެވެ.
“އަހަރެން ވަރަށ ްފޫހި ވޭ އެ ޔަޒާން ދެކެ!” ކޮޓަރި ތެރޭ އޮތް ހިމޭން ކަން ނަގާލަމުން ނޫރާއަށް ބާރަށް ބުނެވުނެވެ.
ނާޔާއާ ނަޒްހާ ސިހިފައި ނޫރާއަށް ބަލާލިއެވެ.
“ހިނގާ ދޮންތައަށް ގުޅާލަން” ސުވާލު އުފެދިފައި ނަޒްހާ، ނޫރާއަށް ބަލަން އިން ގޮތުން ނާޔާ އަވަސް އަވަހަށް ބުނެލިއެވެ.
“ނޫން، މިރޭ ގުޅިމަ ކަމަކު ނުދާނެ، މާދަން ގުޅާނީ” ނަޒްހާ އަދިވެސް އިނީ ނޫރާއާ ދިމާއަށް ބަލާށެވެ.
“ބައެއް ފަހަރު ހިތަށް އަރާ…” އެ ވަރަށް ބުނެފައި ނޫރާ ނުބުނެ ހުއްޓާލިއެވެ.
“ކީކޭ؟” ނަޒްހާ އަހާލިއެވެ.
ނަޒްހާއާ ދިމާއަށް ބަލާލާފައި ނޫރާ އެއްޗެއް ނުބުނެ އިސް ޖަހާލިއެވެ.
“ނޫ، ކީކޭތަ ހިތަށް އަރަނީ؟” ނަޒްހާ އެހިއެވެ.
“ހިތަށް އަރާ ޔަޒާން ދޮންތަ ވަރި ކުރާނެ ނަމައޭ” މަޑުމަޑުން ނޫރާ ޖަވާބު ދިނެވެ.
“އެއީ ކީއްވެ؟” ނޫރާ އެހެން ބުނި ސަބަބެއް އޮޅުން ފިލުވުމަށް ނަޒްހާ ބޭނުން ވިއެވެ.
ނޫރާ ޖަވާބު ދިނުމުގެ ކުރިން ނާޔާއަށް ބަލާލިއެވެ. ނާޔާ ބޯ ޖަހާލީ ހުރިހާ އެއްޗެއް ނަޒްހާއަށް ކިޔާ ދިނުމަށް ނޫރާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ނަމަވެސް ނޫރާއަށް އެ ވާހަކަ ބުނާކަށް ފަސޭހައެއް ނުވިއެވެ.
“ނޫރާ، ތުއްތަ މެންނަށް ނޭނގޭ ކަމެއް ނޫއަށް އެނގެނީތަ؟ ކަމެއް ވީތަ؟ ދޮންތަ އެއްޗެއް ބުނީތަ؟” ނަޒްހާ ތެދު ވެގެން އައިސް ނޫރާ ކައިރީ އިށީނދެފައި އެހިއެވެ.
“ދޮންތައަކަށް ނޭނގޭނެ…” ނޫރާ ބުންޏެވެ.
“ކޮން ކަމެއްތަ؟” ނަޒްހާގެ އަޑު ކުރިއަށް ވުރެ ބާރު ވިއެވެ.
“އެއީ ޔަޒާން… ޔަޒާން އުޅެނީ…” ނޫރާ ދެންވެސް ބުނަން ފަސް ޖެހުނެވެ.
“ޔަޒާން އުޅެނީ…؟ އޭނައާ އެހެން މީހަކާ ގުޅުމެއް އޮތީތަ؟” ނަޒްހާއަށް ހީވާ ގޮތަކަށް އެހިއެވެ.
“އެއަށް ވުރެވެސް ގޮތް ކުޑަ މީހެއް އެއީ” ނޫރާ ބުނެލިއެވެ.
“ނޫރާ، ބުނެބަލަ ރީތިކޮށް. ކިހިނެއްތަ ވީ؟” ނަޒްހާ އަހާލީ ނޫރާގެ އަތުގައި ހިފާ ތަޅުވައި ގަންނަމުންނެވެ.
“އޭނަ އުޅެނީ އަހަރެންގެ ފަހަތުން” ލޯ މަރާލަމުން އަވަސް އަވަހަށް ނޫރާ ބުނެލިއެވެ.
“ކީކޭ؟” ނޫރާ ބުނި އެއްޗެއް އަޑު އިވުނު ނަމަވެސް ނަޒްހާއަށް އަހާލެވުނީ ގަބޫލު ކުރަން ދަތި ވުމުންނެވެ.
“އޭނަ އުޅެނީ ތިއްތަ ފަހަތުން” ނޫރާ ދެވަނަ ފަހަރަށް ނުބުނުމުން ނާޔާ ބުންޏެވެ.
ނަޒްހާއަށް ބުނާނެ އެއްޗެއް ނުވިސްނިފައި އެއް ފަހަރު ނޫރާއަށް، އަނެއް ފަހަރު ނާޔާއަށް ބަލަން އިނދެވުނެވެ.
“ގަބޫލެއް ނުކުރެވޭ ދޯ؟” ނޫރާ އަހާލިއެވެ.
“ނޫ ކައިރީ ޔަޒާން އެހެން ބުނީތަ؟” ނަޒްހާއަށް އަހާލެވުނެވެ.
ނޫރާ ހުރިހާ ކަމެއް ފެށުނު ހިސާބުން ކިޔާދިނެވެ.
“މިރޭ ދޮންތައަށް ޝައްކު ވެއްޖެ ހެން ހީވަނީ. އެހެންވެ ދޮންތަ ކުއްލިއަކަށް ބަލިވީ” ނޫރާ ބުންޏެވެ.
“ދޮންތަ ކައިރީ ރީއްޗަށް ބުނަން ވީނު؟” ނާޔާ ބުންޏެވެ.
“ނުކެރޭނެ ބުނާކަށް… ދޮންތަ ކިހާ ދެރަ ވާނެ؟ އަނެއްކާ އެކަމާ ހެދި ދެ މީހުން ވަކި ވެއްޖެއްޔާ ދޮންތަގެ ބޭބީއަށް ކިހާ ދެރަ؟” ނޫރާ ބުންޏެވެ.
“އެކަމަކު ނުބުނުން އެއީވެސް ރަނގަޅު ގޮތެއް ނޫން ކަންނޭނގެ. ޔަޒާންއާ އެކީ އުޅެގެން ނައިއަކަށް ހެޕީއެއް ނުވެވޭނެ. އެހެން އުޅޭ މީހަކު އަބަދުވެސް އުޅޭނީ އެހެން. އޭނަގެ ގޮތެއް ނެތް ކަން ދޯ އެނގެނީ ނޫރާ ފަހަތުން އޭނަ އުޅެން ފެށީމަ؟ އަދި ލިބެން އެ އުޅެނީ އެންމެ ކުއްޖެއް. ފަހުން ތިން ހަތަރު ކުދިން ލިބޭ ފަހުން ވަރި ވާން ވީމަ މާ ދެރަ ވާނެއެއްނު؟” ނަޒްހާ ވިސްނާލަމުން ބުންޏެވެ.
“އަދި ބުންޏޭ އަހަރެން އޭނަޔާ އިންނަން ހުރިއްޔާ ދޮންތަ ވަރި ކޮށްފާނަމޭ. އަހަރެން އެބަ އުޅޭތަ މޮޔަ ވެގެން؟” ނޫރާ އަނެއްކާވެސް ރުޅި ގަދަވާން ފެށިއެވެ.
“ތުއްތާ، ކިހިނެއް ހަދާނީ؟” ނާޔާ، ނަޒްހާގެ އަތުގައި ހިފާލަމުން އަހާލިއެވެ.
“ނޭނގެ ހަދާނެ ގޮތެއް. އެނގޭހާވެސް އެއްޗަކީ ނައިއަށް ދެރަ ގޮތެއް ނުވަނީސް ކޮންމެސް ގޮތެއް ހަދަން ޖެހޭ ކަން” ނަޒްހާ ބުންޏެވެ.
އެރޭ އެ ތިން ކުދިންނަށް ނިދުނީވެސް އެ ޚިޔާލުގައި ތިއްބައެވެ.
ހެނދުނު ދިޔަ ގޮތަށް ނޫރާއަށް ކޮލެޖުން ނިކުމެވުނު އިރު، އިރު އޮއްސެން ކައިރި ވެއްޖެއެވެ. މުޅި ދުވަހު އިރުއިރުކޮޅާ ވާރޭ ވެހި ވެހިފައި އޭރު ހުއްޓާލާފައި އޮތް ނަމަވެސް ހީވަނީ ހަމަ ދެންމެ ދެންމެ އަނެއްކާވެސް ވެހިގެންފާނެ ހެންނެވެ. ވަރުބަލި ވެފައި ހުރުމުންނާ އެކު މަގުތަކުގައި ފެން ބޮޑުވެފައި އޮތުމުން ހިނގާފައި ދާން ބޭނުން ނުވެފައި ހުރެ ނޫރާ ނާއިލްގެ ނަމްބަރަށް ގުޅާލިއެވެ. ނާއިލް ފޯނަށް ޖަވާބު ނުދިނުމުން ދެން ނޫރާ ގުޅީ އަދީމްއަށެވެ.
“އަދީމް، ބަލާ އާދެވިދާނެތަ؟ ތުއްތުބޭއަށް ގުޅީމަ ނުނަގާ ފޯނެއް” އަދީމް ފޯން ނެގުމުން ނޫރާ ބުންޏެވެ.
“ވަރަށް ބިޒީކޮށް މި އުޅެނީ. އަދި ބައި ގަޑިއެއް ހާ އިރު ވާނެ މި ކަންތައް ނިމެން. ޓެކްސީއެއް ލިބޭތޯ ބަލާލާފަ ނުލިބިއްޖެއްޔާ ގުޅާލާ” މަސައްކަތުގައި ބުރަކޮށް އުޅެމުން ދިޔަ އަދީމް ވާހަކަ ދެއްކީ އަވަސް އަވަހަށެވެ.
“އޯކޭ” ނޫރާ ފޯން ކަނޑާލާފައި އަނެއްކާވެސް ނާއިލްއަށް ގުޅޭތޯ ބެލިއެވެ. ނަމަވެސް ތިން ފަހަރު ގުޅުމުންވެސް ނާއިލް ފޯނެއް ނުނެގިއެވެ.
މަގު މައްޗަށް ނިކުމެ ޓެކްސީއެއް ލިބޭތޯ ހުއްޓާ އިރު އޮއްސުމުން އެންމެ ފަހުން ހިނގާފައި ދާން ނިންމައިގެން ނޫރާ ނިކުތެވެ. އޭރު ތުނިކޮށް ވާރޭ ވެހެން ފަށައިފިއެވެ.
“ނޫރާ!” ނޫރާގެ ނަމުން ގޮވާލި އަޑަށް ނޫރާ އެނބުރިފައި ބަލާލި އިރު ޔަޒާން ސައިކަލުގައި އައިސް ނޫރާއާ އަރާ ހަމަ ކުރަނީއެވެ.
“ހިނގާ ގެއަށް ގެންގޮސް ދޭނަން. އެހެން ނޫނީ ތެމިދާނެ” ޔަޒާން ބުންޏެވެ.
“ނޫން، ހިނގާފަ ދާނީ” ނޫރާ ކުރިއަށް ހިނގައިގަތެވެ.
“ނޫރާ، އަރާބަލަ ފަހަތަށް. އަހަރެން ނޫޅެމޭ ނޫރާ ކާލާކަށް” ޔަޒާން ބުންޏެވެ.
“އަހަރެން ހިނގާފަ ގޮސްދާނަމޭ” ނޫރާ ބަލާވެސް ނުލާ ބުންޏެވެ.
ޔަޒާން ސައިކަލު ބަހައްޓާފައި އައިސް ނޫރާގެ އަތުގައި ހިފާ ހުއްޓުވިއެވެ.
“ގައިގަ އަތް ނުލާތި!” ޔަޒާންގެ އަތް ފޮޅުވާލަމުން ނޫރާ ބުންޏެވެ.
“އަހަރެން މީ އަދީމް ނޫނަކަސް އަހަންނާ އެކީގަ ނޫރާއަށް ގެއަށް ދެވިދާނެއެއްނު؟ އެހެން ނޫނީ އަހަންނާ އެކީ ދިޔުމަށް ވުރެ ތެމިގެން ދާންވެސް ނޫރާއަށް ރަނގަޅީތަ؟” ޔަޒާން ވާހަކަ ދެއްކި އިރު އެ އަޑުގައި ރުޅިވެރި ކަން ވިއެވެ.
“އާނ، ވާރެއާ ތެމިގެން މި ފެންތަކު ތެރޭގަ ހިނގާފަ ދިޔުންވެސް ޔަޒާންއާ އެކީ ސައިކަލުގަ ދިޔުމަށް ވުރެ މާ ރަނގަޅު” ނޫރާ ބުންޏެވެ.
ޔަޒާން ކުއްލިއަކަށް ކުރިއަށް ޖެހިލާ ދެ އަތުން ނޫރާގެ ދެ ކޮނޑަށް ވުރެ ތިރިން ދެ އަތުގައި ހިފާ ގެނެސް ޔަޒާންގެ ގައިގައި ޖައްސާ ބާރު ކޮށްލިއެވެ.
“ކޮން ކަމަކާތަ ތިހާ ފޮނި ވެގެން ތި އުޅެނީ؟ އަހަރެން ބޭނުމިއްޔާ ބޭނުން ގޮތެއް ހަދާލެވިދާނެ. އެކަމަކު ނަހަދަމެއްނު އެއްވެސް ގޮތެއް؟ ނޫރާ މާ ގޮތް ދައްކަންޏާ އެކަން އަހަރެން ނައިހާއަށް ދައްކަން ފަށައިފިއްޔާ ކީކޭ ބުނާނީ؟” ނޫރާގެ މޫނާ މޫނު ކައިރި ކޮށްލަމުން ޔަޒާން ބުނެލިއެވެ.
ރުޅި އައިސްގެން ތުރުތުރު އަޅަމުން ދިޔަ ނޫރާ ދެ އަތުން ޔަޒާންގެ މޭގައި އަޅާ ކޮއްޕާލުމާ އެކު ޔަޒާންގެ މޫނު މަތީ އަތްތިލައިން ޖެހިއެވެ.
“އަހަރެން ނުގަނޭ ބިރެއް. އެނގިއްޖެތަ؟” ނޫރާ ބުނެލިއެވެ. އަދި ޔަޒާންގެ ޖަވާބަކަށް ބަލާލުމެއް ނެތި ކުރިއަށް ހިނގަން ފެށިއެވެ.
އެ މަންޒަރު ބަލަން ޖެހިގެން އޮތް ގޯޅި ކަންމަތީގައި މަޑުކޮށްގެން އިން އަދީމް އިނީ ވާނުވާ ނޭނގިފައެވެ. ނޫރާ ގުޅިތާ ބައިގަޑިއެއްހާ އިރު ފަހުން އަދީމް ނިކުތީ އެހާ ވިއްސާރައިގައި ޓެކްސީއެއް ނުލިބި ނޫރާ އެކަނި ގެޔަށް ދާން ޖެހިދާނެތީއެވެ. އެ ހިސާބުގައި އަދީމްއަށް މަޑުކޮށްލެވުނީ ޔަޒާން ސައިކަލުން ފައިބައިގެން ގޮސް ނޫރާގެ އަތުގައި ހިފެހެއްޓި ތަން ފެނުމުންނެވެ. އެ ދެމުދުގައި އެފަދަ ރުޅިވެރި ކަމެއް އޮންނަ ކަމެއް އަދީމްއަކަށް އެނގިފައެއް ނެތެވެ. ހުރިހާ ކަމެއް އަދީމްއާ ހިއްސާ ކުރަމުން އައި ނޫރާ އެ ކަން އަދީމްއަށް ސިއްރު ކުރީ ކީއްވެ ބާއޭ ހިތަށް އަރާފައި އަދީމްގެ ހިތުގައި ނޫރާއާ މެދު ޝަކުވާއެއް އުފެދުނެވެ.
ނޫރާ ދިޔަ ދިމާއަށް ބަލަން ހުރެފައި ޔަޒާން ސައިކަލަށް އަރާ ދުއްވާލުމުން އަދީމް ގޮސް ނޫރާއާ އަރާ ހަމަ ކުރިއެވެ.
“ނޫރާ” އަދީމް ގޮވާލި އަޑަށް ސިހިފައި ނޫރާ ބަލާލިއެވެ. އެއާއެކު އަވަސް އަވަހަށް ދެ އަތުން މޫނު ފޮހެލީ ލޮލުން އަންނަމުން ދިޔަ ކަރުނަ އަދީމްއަށް ފޮރުވާށެވެ.
“އޭ… ކިހިނެއް ވީ؟” އަވަސް އަވަހަށް ސައިކަލުން ފައިބާފައި ނޫރާގެ ކޮނޑުގައި ހިފާ ކައިރި ކޮށްލަމުން އަދީމް އަހާލީ، ދެންމެ ވީ ކަންތައް ފެނުނު ކަން ސިއްރު ކުރަމުންނެވެ. ނޫރާ އަމިއްލައަށް ބުނާނެ ކަމުގެ ޔަގީން ކަން އަދީމްގެ ހިތުގައި އޮތީތީއެވެ.
“ކަމެއް ނުވޭ” ނޫރާ ބުންޏެވެ.
“ކަމެއް ނުވެ ނުރޯނެއެއްނު؟ މަގުމަތިން ކަމެއް ދިމާވީތަ؟” އަދީމް އެހިއެވެ.
ނޫރާ މޫނު ފޮހެލާފައި އަދީމްގެ މޫނަށް ބަލާލިއެވެ. ހުރިހާ އެއްޗެއް އަދީމްއަށް ކިޔާދޭން އެ ވަގުތު ނޫރާ ހިތަށް އެރިއެވެ.
“އަދީމް…” އަދީމްއަށް އެ ވާހަކަތައް ކިޔާދޭން ވީ ނައިހާއަށް ކިޔާދިނުމަށް ފަހު ނޫން ހެއްޔެވެ؟ އެއީ ސީދާ ނައިހާގެ ދިރިއުޅުމާ ގުޅިފައިވާ ކަމަކަށް ވީ އިރު އެހެން މީހަކަށް އެނގެން ޖެހޭނީ ނައިހާއަށް އެނގުމަށް ފަހުގައި ނޫން ހެއްޔެވެ؟
“ނޫ…؟” ނޫރާ އެއްޗެއް ނުބުނުމުން އަދީމް ނޫރާގެ ނަމުން ގޮވާލިއެވެ.
“ކަމެއް ނުވޭ، ކުޑަކޮށް ބިރު ގަތީ” ނޫރާ އިސް ޖަހާލަމުން ބުންޏެވެ. ނުބުނެ ހުރުމަށް ވުރެން ބޮޑަށް، އަދީމްއަށް ދޮގެއް ހަދަން ވުމުން ނޫރާއަށް އުނދަގޫ ވިއެވެ. ނަމަވެސް ނައިހާއާ މެދު ވިސްނާލާފައި އެ ވާހަކަތައް އަދީމްއާ ހިއްސާ ކުރަން އެއީ ރަނގަޅު ވަގުތު ނޫން ކަމުގައި ނޫރާ ނިންމިއެވެ.
“ޔަގީންތަ؟” އަދީމްގެ ހިތުގައި ފުރަތަމަ ފަހަރަށް ނޫރާއާ މެދު ޝައްކެއް އުފެދުނެވެ.
“ހިނގާ ދެން ދާން، އެހެން ނޫނީ ވާރޭ ބޯ ކޮށްލަފާނެ” އަދީމްގެ އަތުގައި ހިފައިގެން ސައިކަލާ ދިމާއަށް ދަމުން ނޫރާ ބުންޏެވެ.
ދުވަހަކީ ހޮނިހިރު ދުވަހެކެވެ. ނާޔާގެ އޯ ލެވެލްގެ އެންމެ ފަހު ޓެސްޓް ހެދި ދުވަހެވެ. އިއްތިފާގުން އެއީ ނާޔާގެ ސަތާރަ ވަނަ އުފަން ދުވަސްވެސް މެއެވެ. ހެނދުނުން ފެށިގެން ހުރިހާ މީހުންވެސް އުޅުނީ އެރެއަށް ޚާއްސަ ކޮށްގެން ބާއްވާ ޕާޓީއަށް ތައްޔާރު ވުމުގައެވެ.
ހަތެއް ޖަހަން އުޅެނިކޮށް ނައިހާއާ ޔަޒާން އައިސް ވަން އިރު ނަޒްހާއާ ނޫރާއާ ލައިލާއާ ނަރީމާވެސް އުޅެނީ އެކި އެކި ކަން ކަމުގައެވެ.
“ދޮންތާ، ހާދަ ލަހުން ތި އައީ؟” ނައިހާ ފެނުމުން ނޫރާ ބުންޏެވެ.
“އަދިވެސް އަވަހީނު؟ ތި އުޅެނީ ކަންތައް ނުނިމިގެން ވިއްޔަ” ގެނައި ޗިލީ ޗިކަން ތަށި މޭޒުމަތީ ބަހައްޓަމުން ނައިހާ ބުންޏެވެ.
“ނުނިމޭނެއެއްނު؟ ރޭގަ ހެދުން ގެނެއްސަވެސް ނާޔާ ކައިރީ ބުނިން ހެޔޮވަރު ތޯ ބަލާށޭ، އެކަމަކު މިން ނަގައިގެން ފެހީމަ މައްސަލައެއް ނުހުންނާނެޔޭ ކިޔާފަ މިއަދު ލީ އިރު ބާރު. ދެން ގޮސް އަނެއްކާ އެ ކަމާ އުޅެއުޅެފަ އައި އިރު އިރު އޮއްސިއްޖެ. ނަސީބެއް ހަވީރު އެ ލާން އޭނަ ހިތަށް އެރި ކަންވެސް” ނަރީމާ ހިތްހަމަ ނުޖެހިފައި ހުރި ރާގަކަށް ބުންޏެވެ.
“މަންމާ، ދެން އަޅާނުލާ. ނާޔާ ދެރަ ވާނެ ދެން އެ ވާހަކަ މާ ގިނައިން ދެއްކީމަ. މިހާރު އޯކޭ ވެއްޖެއެއްނު؟” ލައިލާ ދޮންނަމުން ދިޔަ ތަށިތައް ހިއްކަން ހުރި ނަޒްހާ ބުންޏެވެ.
“އެކަކުވެސް އަދިވެސް ރެޑީ ނުވަންތަ؟” ނައިހާ ފަހަރަކު މީހަކަށް ބަލާލަމުން އަހާލިއެވެ.
“ކިހިނެއް ރެޑީ ވާނީ؟ އަދިވެސް މިއުޅެނީ ބަދިގެއިން ނުނިކުމެވިގެން. އަދި ކޭކު ބަލާވެސް ދާން ޖެހޭ” ފްރައިޑް ރައިސް ހަދަން ބަތާ ތަރުކާރީ އެއްކުރަން ހުރެފައި ނޫރާ ބުންޏެވެ.
“ސާބަސް. ދޮންތަ އަތަށް ތި ދީފަ ނޫ ދޭ ދެން ފެން ވަރައިގެން އެ ބަލާ. ނަޒްވެސް ތަށިތައް ބަހައްޓާފަ ދޭ، އަހަރެން މި އެއްކޮށްލާފަ ތި ތަށިތައް ހިއްކާލާނަން” ނޫރާގެ އަތުން ދޭފަތް އަތުލަމުން ނައިހާ ތެއްޔާ ކައިރި ވެލިއެވެ.
“ފޮނި އެއްޗަކަށް ކޯޗެއް ހެދީ؟” ނައިހާ އަހާލިއެވެ.
“ޕިރިނީ ކެއްކީމަވެސް ނާޔާ ހަމަ ވެއްޖެ ޗޮކްލެޓް މޫސް ހަދަން. އެހެން ވެ ޝާލިޔާ ހަވީރު ތަނަކަށް އޯޑަރު ދީގެން ދެންމެ އެ ގެނެއްސަ އެހެރީ” ނަރީމާ ބުންޏެވެ.
“އެހެންތަ؟ އަސްލު ޕިރިނީއަށް ވުރެ މީރީ ހަމަ ޗޮކްލެޓް މޫސް އޭ، ދޯ ތުއްތުބޭ ދައްތާ؟” ނައިހާ ފްރައިޑް ރައިސް ތެލީގެ މަތި ޖަހާފައި ގޮސް ފޮއިލް އިން ނިވާ ކޮށްފައި އިން ތަށީގެ އަރިމަތިން ހިއްލާ ބަލާލިއެވެ.
އަށެއް ޖަހަން ވީ އިރަށް އެންމެން ތައްޔާރު ވެގެން އައެވެ. އޭރު އަދީމްއާ އެކު ނޫރާ ގޮސް ކޭކުވެސް ގެނެސްފިއެވެ. ނާޔާ ފޭބީ އެންމެންނަށް ވުރެ ފަހުން ނަރީމާއާ އެކީއެވެ. މަޑު ފޮޔާތޮށި ކުލައިގެ، ތަނބިކައްޓާ ހަމައަށް އަރާ ހެދުމެއްގައި ހުރި ނާޔާ ފެނުމުން ނައިހާ ހަނދާން ވީ އެ އުމުރުގައި ނައިހާ ހުރި ގޮތެވެ.
ނަޒްހާއާ ނައިހާއަކީ އެއްމާބަނޑު ދެ ކުދިން ނަމަވެސް ނުދަންނަ މީހަކަށްވެސް ފާހަގަ ކުރަން އެނގޭ ވަރަށް ދެ ކުދިން ތަފާތެވެ. ސިފައިގެ ގޮތުން ނައިހާއާ ބޮޑަށް ވައްތަރީ ނާޔާއެވެ. ހަމަ އެހެން ނަޒްހާއާ ވައްތަރީ ނޫރާއެވެ. ނާޔާގެ އުޅުމާ މިޒާޖުވެސް ގުޅެނީ ނައިހާއާއެވެ. ލޯބިވާ އެންމެ ކުޑަ ކޮއްކޮ ފެނުމުން ނައިހާ ހިނި އައިސްފައި ބަލަން ހުރި އިރު ދެލޯ ފެންކަޅި ވެފައި ހުރީ އެ ކުދިންނާ ދުރުގައި އުޅެން ޖެހޭތީއެވެ.
“ފެމިލީގެ ބޭބީއަށް އުފާވެރި އުފަން ދުވަހަކަށް އެދެން” ނާޔާ ގައިގައި ބައްދާލަމުން ނައިހާ ބުންޏެވެ.
“ޝުކުރިއްޔާ ދޮންތާ. އެކަމަކު ދެން މާ ގިނަ ދުވަހެއް ނުވެ ދޮންތަގެ ބޭބީ އައީމަ އަހަރެން ޕްރޮމޯޓް ވާނެއެއްނު؟” ހެވިފައި ހުރެ ނާޔާ ބުންޏެވެ.
“މީ ދޮންތައާ ދޮންތަބޭގެ ފަރާތުން ދޭ ހަދިޔާ” ޔަޒާން އައިސް ނާޔާއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔަމުން ކުޑަ ފޮއްޓެއް ނާޔާގެ އަތަށް ލައިދިނެވެ.
“ޝުކުރިއްޔާ” ނާޔާ އަވަސް އަވަހަށް ފޮށި ކަނޑަން ފެށިއެވެ. ކަރުދާސްތައް ނައްޓާލުމާ އެކު ނާޔާ ހަޅޭއް ލަވާފައި ފުންމަން ފެށިއެވެ.
“ފޯނެއް، ފޯނެއް!” ނާޔާ ބުންޏެވެ.
“މަންމާ، ހެޔޮ ދޯ ނާއަށް ދެން ފޯނެއް ދިނަސް؟” ނަރީމާއަށް ބަލާލާފައި ނައިހާ އެހިއެވެ.
“އާނ، މިހާރު ދެން ރަނގަޅު ވާނެ، ދޯ އާދިލް؟” ނަރީމާ އާދިލްއަށް ބަލާލިއެވެ.
ނާޔާ އުޅޭ ގޮތުން ހިނި އައިސްފައި އިން އާދިލް ބޯ ޖަހާލިއެވެ.
“މަންމާ، ސިމްއެއް” ނަރީމާގެ ގައިގައި ބައްދާލަމުން ނާޔާ އެދުނެވެ.
“ފޯނުގަ އިންނާނެ ސިމްއެއްވެސް” ނައިހާ ބުންޏެވެ.
އާދިލްއާ ނަވާފްއާ އެކު ކައިގެން ނުވައެއް ޖަހަން ވީ އިރަށް ޔަޒާން ދިޔައީ ގެޔަށް ދާން ވުމުން ގުޅުމަށް ނައިހާ ކައިރީ ބުނެފައެވެ.
އެރޭގެ އެ ކުޑަ ޕާޓީއަށް ދައުވަތު ދީފައި ވަނީ އާއިލާގެ އިތުރުން މަދު ބަޔަކަށެވެ. ނާޔާގެ އެންމެ ގާތް ހަ އެކުވެރިންނާ، ނަރީމާގެ ކޮއްކޮގެ އާއިލާއާ، އާދިލްގެ ދައްތަގެ އާއިލާއާ، ޔަޒާންއާ އަދީމްއާ ޝާދުގެ އިތުރުން އިޝާމްއަށެވެ.
އެރޭ އިޝާމް އަންނާނެ ކަން ނައިހާއަށް އެނގެއެވެ. ޔަޒާން ދިޔުމުން މައްޗަށް ދާން އުޅެފައިވެސް މަޑުކޮށްލީ ނާޔާ ކިޔާ ވަރުންނެވެ. ނުވަގަޑި ދިހައެއް ވީ ތަނާ ނަޒްހާ އައިސް ނައިހާ ކައިރީ މަޑުކޮށްލިއެވެ.
“ކިހިނެއް ވީ؟” ނަޒްހާ އެއްޗެއް ބުނަން ބޭނުން ވެފައި ހުރިހެން ހީވެގެން ނައިހާ އަހާލިއެވެ.
ނަޒްހާ ޖަވާބެއް ނުދީ ބަލާލީ ގެޔަށް ވަންނަ ދޮރާ ދިމާއަށެވެ. ނުބުނި ނަމަވެސް ނައިހާއަށް ވިސްނުނެވެ. ހިތުގެ ތެޅުން ބާރު ވެގެން ދިޔުމާއެކު ނައިހާއަށް އެ ދިމާއަށް ބަލާލެވުނީ އަމިއްލަ އިޚްތިޔާރަކާ ނުލައެވެ.
ނާޔާއާ ވާހަކަ ދައްކަން ހުރި އިޝާމް އެނބުރިފައި އެ ވަގުތު ނައިހާއަށް ބަލާލި އިރު ހިވީ ނައިހާ ބަލަން ހުރި ކަން އިހުސާސް ވެގެން ބަލާލި ހެންނެވެ. އެކަކު އަނެކަކާ ދިމާއަށް ބަލަހައްޓައިގެން ތިބެވުނު ދިހަ ވަރަކަށް ސިކުންތުގައި ހީވީ އެ ދެމީހުން ނޫން އެހެން ބަޔަކު އެތާ ނެތް ހެންނެވެ. ދެ އަހަރު ކުރީގެ ހަނދާންތައް ދެ ހިތުގައި އެނބުރިގެން ދިޔުމާ އެކު ނައިހާއަށް އިސް ޖަހާލެވުނި ލޮލަށް ކަރުނަ ޖަމާ ވުމުންނެވެ. އޭރުވެސް ނައިހާއަށް ބަލަން ހުރި އިޝާމް ސިހިފައި ބަލލީ ނާއިލް އިޝާމްގެ ކޮނޑުގައި އަތް ޖައްސާލުމުންނެވެ. ނާއިލް ބުނި އެއްޗަކަށް ޖަވާބު ދީފައި އިޝާމް ބަލާލި އިރު ނައިހާ ފެންނާކަށް ނެތެވެ. ވަށައިގެން ހޯދާލުމުންވެސް އިޝާމްއަށް ނައިހާއެއް ނުފެނުނެވެ.
ނަރީމާމެންގެ ކޮތަރިއަށް ވަދެފައި ނައިހާ އިރުކޮޅަކު އެނދުގައި އިނެވެ. ނަމަވެސް އެހެން ފިލައިގެން އިނުމަކީ ހައްލެއް ނޫން ކަމުގައި އަމިއްލަ ނަފްސަށް ވިސްނައިދީފައި ނައިހާ ނިކުތެވެ. ނޫރާއާ އަދީމް ފެނުމުން އެ މީހުން ކައިރީ ނައިހާ އިށީނެވެ. އިރުކޮޅަކުން ނާޔާ އައިސް ނާޔާގެ އެކުވެރިންނަށް ނައިހާ ތައާރަފް ކޮށްދިނެވެ. އެ ކުދިންނާ ވާހަކަ ދައްކަން ހުރެފައި ނައިހާ ދުރަށް ޖެހިލީ ފައި ވާޅު ވުމުން އިށީނދެލާށެވެ. ނަމަވެސް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ނައިހާއަށް ހުއްޓެވުނީ ކުރިމަތީ ހުރި އިޝާމް ފެނުމުންނެވެ.
ނައިހާ އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ.
“ނައި…” އިޝާމްގެ ދުލުން ނައިހާގެ ނަން އެ ބުނެލީ ކިހާ ދުވަހެއް ފަހުން ހެއްޔެވެ؟ ނައިހާއަށް ލޯ މަރާލެވުނެވެ. ކުރިއަށް ދާން ބޭނުން ވި ނަމަވެސް ފައި ހަރަކާތެއް ނުކުރިއެވެ.
“ނައި…” ދެ ވަނަ ފަހަރަށް އިޝާމް ގޮވާލިއެވެ.
ނައިހާ ލަސް ލަހުން އެނބުރުނެވެ.
“މަރުހަބާ!” ނައިހާގެ ބޮޑުވެފައި ވާ ބަނޑަށް އަތުން އިޝާރާތް ކޮށްލަމުން އިޝާމް ބުންޏެވެ.
ސިހިފައި ކަހަލަ ގޮތަކަށް ނައިހާއަށް އިސް އިފުލާ އިޝާމްގެ މޫނަށް ބަލާލެވުނެވެ.
“ޝުކުރިއްޔާ” ނައިހާއަށް ބުނެވުނީ އިރުކޮޅެއް ފަހުންނެވެ. އެހެން ބުނެފައި ނައިހާ ދާން އުޅުނެވެ. ނަމަވެސް ދެންވެސް ހުއްޓުނީ އިޝާމް ގޮވާލުމުންނެވެ.
“ނައި، އައިމް ސޮރީ!” އިޝާމް މާފަށް އެދުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.








Assalaam Alaikum, mihaa lahun mibai genesdheyn jehunythy sorry, but Marsha ah kuda kameh dhimaa vegenq story nugenesdhevi las vee, dhen iraadha kiurevviyyaa twice weekly genesdheynan baraabarah, mibaives kamudhaane kamah hykuran, kiyaalaaf commnet kohlahchey inge. thank u
Finally……varah inthixaaru kurevihjje mi story ge new episode akah…thanks Marsha up kohdhineema….reethi mi bai vess.
Haadha inthixaareh kurevihjeyey mi story ge new episode akah….vvvvvvvvv reethi mi bai vx….
Siss mi Bai ves varah Reethi ingyy ???? waiting for the next part ??? luv it ???? LYSM ❤️❤️❤️❤️❤️????
Varah reethi mi part vx….???…. Can’t wait for nxt dear…..??? Lysm❤️❤️❤️❤️
Wow varah reethi mi part vx???… Maasha Allah❤❤❤… Waiting for the next part?
Waiting for the next part???
މާޝާގެ މިވާހަކަވެސް ކުރީގެ ވާހަކަހެން ޝައުގުވެރިކަމާއެކު އެބަ ކިޔަން. ވާހަކަޔާ ދޭތެރޭ އެއްޗެއް ބުނަން އަދި ތަންކޮޅެއް އަވަސް. ކުރީގެ ބަޔަށް ފަހު ދެހަފުތާއެއްހައި
ދުވަސް ފަހުން ނަމަވެސް ބައެއް އެހެން ލިޔުންތެރިންހެން ހިތްވަރު އެލުވައިލުމެއް ހުއްޓާލުމެއް ނެތި ވާހަކަކުރިޔަށް ގެންދާތި އުފާކުރަން.އަދި ކިޔުންތެރިެއްގެ ހައިސިއްޔަތުން ޝުކުރުއަދާކުރަން