އެދިގެން ތި ލޯތްބަށް 8
“ނައި، އައިމް ސޮރީ!” އިޝާމް މާފަށް އެދުނެވެ.
ނައިހާ އިސް އުފުލާ ބަލާ ނުލާ ހުރީއެވެ.
“ނައި… އޭރު ވަރަށް ބޭނުން ވި ވީ ގޮތް ބުނެދޭން، އެކަމަކު އެ ޗާންސެއް ނުލިބުނު، މިހާރު ބުނެދިނަސް ވާނެ ކަމެއް ނެތް… އެކަމަކުވެސް—”
“އަހަރެން އިޝާމްއަށް މާފު ކޮށްފިން” އިޝާމްގެ ވާހަކަ މެދު ކަނޑާލަމުން ނައިހާ ބުންޏެވެ.
އިރުކޮޅަކު އެއްޗެއް ނުބުނެ ނައިހާއާ ދިމާއަށް ބަލަން އިޝާމް ހުރީ ނައިހާ އެ ބުނި އެއްޗެއް އަޑު އިވުނު ނަމަވެސް ގަބޫލު ނުކުރެވިފައެވެ.
ވީ ގޮތް ނައިހާ ގާތު ނާއިލް ބުނީ ހެއްޔެވެ؟ ނޫން ނަމަ ނައިހާއަށް އެނގުނީ ނަޒްހާގެ ފަރާތުން ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް ނައިހާގެ ދުލުން އެހެން ބުނެލި އަޑު އިވުމުން އިޝާމްގެ ހިތަށް ލިބުނީ ބަޔާން ކުރަން އުނދަގޫ ހަމަ ޖެހުމެކެވެ.
“އާރ ޔޫ ހެޕީ؟” އިޝާމް އެހިއެވެ.
“ޕްލޭން ކުރި ލައިފްއެއް ނޫން މި އުޅެނީކީ، ބޭނުން ވި ގޮތަކަށް އެއްވެސް ކަމެއް ނުވޭ. ކުރިއަށް ދާން ބޭނުން ވި މަގު ނޫނަސް ހަމަ ކުރިއަށް މި ދަނީ” ނައިހާ ވިސްނާލާފައި ބުންޏެވެ.
“އަހަރެން އުންމީދު ކުރީ ނައި އުޅޭނީ ވަރަށް އުފަލުން ކަމަށް، އަބަދުވެސް ދުޢާ ކުރިން ނައިއަށް ހުރިހާ އުފަލެއް ލިބޭތޯ” އިޝާމް ބުންޏެވެ.
“އޭރު އަހަރެން ބޭނުން ވީ އަހަރެން ދެރަވި ވަރަށް އިޝާމްވެސް ދެރަ ކޮށްލަން، އުފަލެއް އެހެން އެއްޗެއް ނެތް ހިތަކު، ހަމަ އެކަނި އޮތީ ފާޑެއްގެ ބަދަލު ހިފުމެއް” ހިތުގައި އޮތް ގޮތަށް ނައިހާ ބުންޏެވެ.
“އަހަރެން ދެރަވި… ވަރަށް ދެރަވި. އަހަރެން ދެރަވިޔަސް ނައި އުފަލުން ހުރުން އަހަންނަށް މުހިންމު ވީ. ފަހުން ދުރުގަ ހުރީ އެހެންވެ. އެކަމަކު…” ނައިހާ އުޅެނީ އުފަލުން ނޫން ކަމަށް ނައިހާ ބުނުމުން އިޝާމްއަށް އަނެއްކާވެސް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ހިތަށް ލިބުނު ހަމަ ޖެހުން ގެއްލިގެން ދިޔައެވެ.
“އަހަރެން ހީ ކުރީ ލޯބި ވެގެން ކަމަށް އެހާ އަވަހަށް ކައިވެންޏާ ހަމައަށް ދިޔައީ” އިޝާމް ބުންޏެވެ.
ނައިހާ އިސް އުފުލާ އިޝާމްގެ މޫނަށް ބަލާލި އިރު، އެ ލޮލުގައި ވި ކަރުނަ އިޝާމްއަށް ޖަވާބަކަށް ފުދުނެވެ.
“އަހަރެން ލޯބި ވީ އެންމެ ފަހަރަކު…” ޖަވާބު ނުދޭނެ ހެން ހީވާހާ އިރު ފަހުން ނައިހާ މަޑުމަޑުން ބުންޏެވެ.
މޭގައި ޖަހާލި ފަދަ އިހުސާސެއް ކުރެވުމާއެކު އިޝާމްއަށް ނައިހާއާ ދިމާއަށް ފިޔަވަޅެއް އަޅާލެވުނެވެ. ނަމަވެސް ނައިހާ އެއް އަތުން ލޯ ފޮހެމުން އިޝާމްއާ ދުރަށް ދާން ފެށުމުން އިޝާމްއަށް ބަލަން ހުރެވުނީއެވެ.
“އިޝާމް…” ދުރުގައި އިޝާމްއާ ނައިހާއަށް ބަލަން ހުރި ނާއިލް އައިސް އިޝާމްގެ ކޮނޑުގައި ހިފާލީ ނައިހާ ދިޔުމުންނެވެ.
“ނާއިލް، ބުނިންތަ ނައި ކައިރީ؟” އިޝާމް އެ ސުވާލުގެ ޖަވާބު ބޭނުންވިއެވެ.
“ނުބުނަން. ކިހިނެއް ވީ؟” އިޝާމް އެހީ ކޮން ވާހަކައެއް ކަން ނާއިލްއަށް އެނގުނެވެ.
“އެކަކުވެސް ނުބުނޭތަ؟” ނާއިލްއާ ދިމާއަށް އިޝާމް ބަލާލީ ޔަގީން ނުވެފައެވެ.
“ނުބުނޭ” ނާއިލް ޖަވާބު ދިނެވެ.
އިޝާމްއަށް އަނެއްކާވެސް ބަލާލެވުނީ ނައިހާ ދިޔަ ދިމާއަށެވެ.
“އިޝާމް…؟” ނާއިލް ގޮވާލިއެވެ.
“ނައިއަށް ނޭނގި މާފު ކޮށްފީމޭ އެ ބުނީ…؟” އިޝާމްއަށް ސުވާލު ކޮށްލެވުނީ އަމިއްލަ ނަފްސާއެވެ.
އިޝާމްއަށް މޭގައި އަތް ޖައްސާލެވުނީ ނައިހާ އިޝާމް ދެކެ އަދިވެސް ލޯބި ވާ ވަރު އިހުސާސް ކޮށްލެވުމުންނެވެ. ދެ މީހުން ވަކި ވާން ޖެހުނީ އިޝާމްގެ ކުށުން ކަމަށް ގަބޫލު ކުރާ އިރުވެސް ނައިހާ އިޝާމްއަށް މާފު ކުރީ އެ ހިތުގައި އަދިވެސް އިޝާމްއަށް ދެވިފައިވާ މަގާމުގެ ސަބަބުންނެވެ.
“އިޝާމް…؟” އިޝާމްގެ ކޮނޑުގައި ހިފާލަމުން ނާއިލް އަނެއްކާވެސް ގޮވާލިއެވެ.
އެނބުރި ނާއިލްއާ ކުރިމަތި ލާފައި އިޝާމް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ބުނާނެ ލަފްޒެއް އިޝާމްގެ ދުލަކަށް ނައެވެ. އެއްވެސް އެއްޗެއް ނުބުނެ އިޝާމް އެ ގެއިން ނިކުމެގެން ދިޔައެވެ.
ސިޑިން މައްޗަށް އެރުމާއެކު ނައިހާއަށް އަނގަމަތީ އަތް އަޅާލެވުނީ ރޮވުމުންނެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަދެވުމާއެކު ނައިހާގެ ރުއިން ހުއްޓުނީ ނަޒްހާއާ ޝާދު ފެނުމުންނެވެ.
ކޮޓަރީގައި ހުރި ކުޑަ ސޯފާގައި، ޝާދުގެ އުނގުގައި އިން ނަޒްހާ ކުއްލިއަކަށް ތެދުވިއެވެ. ނައިހާއަށް ބަލާލާފައި އެއްޗެއް ބުނަން އުޅެފައި، ނައިހާ ހުރި ގޮތް ފާހަގަ ކުރެވުމުން ނަޒްހާ ބާރަށް އައިސް ނައިހާ ގައިގައި ބައްދާލިއެވެ.
“ކިހިނެއް ވީ؟” ނަޒްހާ އަހާލީ ނައިހާގެ ބޮލުގައި ފިރުމަމުންނެވެ.
ނަޒްހާއަށް އިޝާރާތް ކޮށްލާފައި ޝާދު ބޭރަށް ނިކުތެވެ.
“ނައި…؟” ނައިހާ ގޮވައިގެން އެނދުގައި އިށީނދެފައި ނަޒްހާ ގޮވާލިއެވެ.
ރުއިން ހުއްޓާލެވުމުން ނައިހާ ވީ ގޮތް ކިޔާދިނެވެ.
“އޯހ…!” ނަޒްހާއަށް ބުނެވުނެވެ.
“އަހަރެން ބޭނުމެއް ނޫން ދެން މިހެން އުޅޭކަށް” ނައިހާ ކުއްލިއަކަށް ބުންޏެވެ.
“ނައި!” ނަޒްހާއަށް ބުނެވުނެވެ.
އެ ދުވަހާ ހަމައަށް ޔަޒާންއާ ނައިހާގެ މެދުގައި ވީ ހުރިހާ ކަމެއް ނައިހާ ކިޔާދޭން ފެށިއެވެ. ނަޒްހާ އެ ވާހަކަތައް އަޑު އަހަން އިނީ ޔަގީން ނުވެފައެވެ.
“އަހަންނަކަށް ނޭނގެ ކޮން އިރަކު ކަމެއް އިޝާމްއަށް މާފު ކުރެވުނީ… އެނގޭހާވެސް އެއްޗަކީ އިޝާމްއާ މެދު އަހަރެންގެ ހިތުގަ ޝަކުވާއެއް ނެތް ކަން. މި ބުނީ އެ ރޭ ވީ ކަންތަކާ ދެރަ ނުވެއެކޭ ނޫން. އަހަރެން އިޝާމްގެ ވާހަކަ އަޑު އެހި ނަމަ… އިޝާމްއަށް އެކްސްޕްލެއިން ކޮށްދޭން ޗާންސެއް ދެވުނު ނަމަ… އެކަމަކު ކަމެއް ވިސްނޭ ވަރަށް ވުރެ އަހަރެން ހުރީ ރުޅި ގަދަވެފަ… އަހަރެން އަމިއްލައަށް ކުރި ކަމެއް މީ. އަހަރެން ދެރަ ނުވާ ކަން އިޝާމްއަށް ދައްކަން ވެގެން އޭރު އެހާ އަވަހަށް ޔަޒާންއާ އިނީ. މިހާރު ހިތަށް އަރަނީ އަހަރެންގެ މޮޔަކަން” ނައިހާ ކިޔާދިނެވެ.
“އަޅެ، ތި ހުރިހާ ކަމެއް ވީ އިރުވެސް ނައި ކީއްވެ ނުބުނީ؟” ނަޒްހާއަށް ބުނެވުނެވެ.
ނޫރާ ބުނި ވާހަކަ މަތިން ނަޒްހާ ހަންދާން ވިއެވެ. އެ ވާހަކަ ބުނަން ހިތަށް އެރި ނަމަވެސް ނަޒްހާއަކަށް ބުނާކަށް ނުކެރުނެވެ. އަދި ފަހުން ބުނާނީ ކަމަށް ހިތަށް ވިސްނައި ދެމުން ނަޒްހާ އެކަން ފަސްކޮށްލިއެވެ. ނައިހާގެ ހިތް ހަމަ ޖައްސައިދޭން ބުނާނެ އެއްޗެއް ނުވިސްނުމުން ނައިހާގެ އަތުގައި ހިފާލައިގެން ނަޒްހާ އިނީއެވެ.
ނައިހާވެސް އިނީ އެ ކަމާ ވިސްނާށެވެ. ހުރިހާ ވާހަކައެއް ކިޔާދިން އިރުވެސް އެ ވާހަކަ ބުނަން ނުކެރުނީއެވެ. އަމިއްލަ ކޮއްކޮއާ، ފިރިމީހާ ގުޅުވައިގެން އެ ފަދަ އެއްޗެއް ހިތަށް އެރުމުންވެސް ނައިހާ އިނީ މޭ ނުބައި ވެފައެވެ. ވީ އިރު އެ ފަދަ ވާހަކައެއް ދުލާ ހަމައަށް ގެންނާނީ ކިހިނެއް ހެއްޔެވެ؟ ދެ ފަރާތަށް ބޯ ހަލުވާލަމުން ނައިހާ ނިންމީ އެ ވާހަކަ އެއްވެސް މީހަކަށް ނާންގާށެވެ.
އިޝާމް ގެޔަށް ދިޔަ ގޮތަށް ކޮޓަރިއަށް ވަދެ އަލަމާރި ހުޅުވާލިއެވެ. ކުޑަ ފޮއްޓަކަށް ލާފައި އޮތް ކެވެލިކޮޅާ އަނގޮޓި ނަގައިގެން އެނދުގައި އިށީނދެ އެއާ ދިމާއަށް ބަލަން އިޝާމް އިން އިރު، ނައިހާ އެ ކެވެލިކޮޅާ އަނގޮޓި އިޝާމްއާ ދިމާއަށް އެއްލާފައި ދިޔަ ދުވަސް މަތިން އިޝާމް ހަނދާން ވިއެވެ.
ނައިހާގެ ދިރިއުޅުން ހަލާކު ވެގެން އެދަނީ އިޝާމްގެވެސް އަދި ނައިހާގެ ވެސް ކުށަކުން ނޫނެވެ. ލޯބި ނުވާ މީހަކާ ކައިވެނި ކޮށްގެން ނައިހާ އެ އުޅެނީ އުފަލުންނެއް ނޫނެވެ. ވީ އިރު އެ ކައިވެނީގައި ނައިހާ ދެމި ހުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟
ހުރިހާ ވާހަކައެއް ނައިހާއަށް ކިޔާ ދޭންވީ ހެއްޔެވެ؟ އެއަށް ފަހު އެ ކައިވެނި ރޫޅާލުމަށް ބުނަން ވީ ހެއްޔެވެ؟ ކޮންމެ ހާލެއްގައިވެސް އިޝާމް އެ ހުރީ ނައިހާ ގަބޫލު ކުރަން ތައްޔާރަށެވެ.
“އަހަރެން ލޯބި ވީ އެންމެ ފަހަރަކު” ނައިހާ ބުނީ އެހެންނެވެ. އެ ހުރިހާ ދުވަހު ނައިހާ ލޯބި ވީ އިޝާމް ދެކެއެވެ. އެކަން ހިތުގައި ފޮރުވައިގެން، އެހެން މީހަކާ އެކު ނައިހާ ދިރިއުޅުން އެ ހޭދަ ކުރަނީ ކިހިނެއް ހެއްޔެވެ؟
ހުރިހާ ކަމެއް ވީ އިޝާމްގެ ސަބަބުންނެވެ. އޭރު ނައިހާއާ ވާހަކަ ދައްކަން އިޝާމްއަށް އިތުރަށް މަސައްކަތް ކުރެވުނު ނަމައެވެ. ނާއިލްއަށް ކިޔާދޭން އިތުރަށް މަސައްކަތް ކުރެވުނު ނަމައެވެ.
“އައި ލަވް ޔޫ ނައި… އައި ލަވް ޔޫ ސޯ މަޗް…” ކެވެލިކޮޅު ތުންފަތުގައި ޖައްސާލަމުން އިޝާމްއަށް ބުނެވުނެވެ.
ޕާޓީ ނިމި ގޭތެރެ ހިމޭން ވީ އިރު ނައިހާ އިނީ ނަރީމާ ކައިރީގައެވެ. ގަޑިން އެގާރަ ޖަހާ ދިޔަ ނަމަވެސް ޔަޒާންއަށް ނުގުޅާ ނައިހާ އިނީ ގެޔަށް ދާ ހިތް ނުވެފައެވެ.
ބާރަ ޖަހަން އުޅެނިކޮށް ޔަޒާން ގުޅުމުން ނައިހާ ދާން ނިކުންނަނިކޮށް ނަޒްހާ އައިސް ނައިހާގެ އަތުގައި ހިފާލިއެވެ.
“އަންނާނަން ނައިއާ އެއްކޮށް ދޮރުމައްޗަށް ނިކުމެފަ” ނަރީމާ ކައިރީ އެހެން ބުނެފައި ނައިހާއާ އެއްކޮށް ނަޒްހާ ނިކުތެވެ.
“ނައި… އަހަންނަކަށް ނޭނގެ ނައި ހިތްހަމަ ޖައްސައިދޭން ބުނާނެ އެއްޗެއް. އަހަންނަށް ހީވަނީ ޔަޒާންއާ އެކީ ނައި އުޅެން ބޭނުން ނުވަންޏާ ރަނގަޅު ގޮތަކީ ވަކިވުން ހެން… ނައިއަށް އެނގޭނެ އަހަރުމެން އެންމެންވެސް، މަންމައާ ބައްޕަވެސް ނައިގެ ނިންމުމާ ދެކޮޅެއް ނުހަދާނެ ކަން… އެކަމަކު މާ ބޮޑަށް އެ ކަންތަކާ ނުވިސްނާތި އިނގޭ. އެހެން ނޫނީ އަހަރުމެންގެ ލޯބި ޕުޑިން ދެރަ ވާނެ. އައި އޯލްވޭޒް ވޯންޓް ޔޫ ޓު ބީ ހެޕީ” ނައިހާގެ އަތުގައި ހިފާލަމުން ނަޒްހާ އެހެން ބުނީ ގޭ ދޮރުމައްޗަށް ނިކުމެފައެވެ. ދުރުގައި ހުރި ޔަޒާންއަށް ބަލާލަމުން ނައިހާ ބޯ ޖަހާލިއެވެ.
ކޮޓަރިއަށް ވަދެ ނިދަން ތައްޔާރު ވެގެން ނައިހާ އެނދުގައި އިށީން އިރަށް ޔަޒާން އައިސް ނައިހާ ގައިގައި ބައްދާލިއެވެ. އުނދަގޫ ވި ނަމަވެސް ޔަޒާން ބޭނުން ގޮތެއް ހަދަން ދީގެން ނައިހާ އިނެވެ. އެނދުގައި އޮށޯވެލަމުން ނައިހާ ލޯ މަރާލިއެވެ. އެއާއެކު އެރޭ ނައިހާއާ ދިމާއަށް ބަލަހައްޓައިގެން އިޝާމް ހުރި ގޮތް ސިފަ ވިއެވެ. ލޮލަށް ކަރުނަ ޖަމާ ވަމުން ދިޔަ ނަމަވެސް ޔަޒާންއަށް ދެކޮޅު ނުހަދާ ނައިހާ އޮތެވެ.
ނާޔާގެ ފޯން ރިންގް ވީ ނިދަން ތައްޔާރު ވެގެން އެނދަށް އަރާ ފޯނާ ކުޅެން އޮއްވައެވެ. ސޭވް ކޮށްފައި ނެތް ނަމްބަރެއް ނަމަވެސް ނާޔާ އަވަހަށް ފޯނަށް ޖަވާބު ދިނީ، ގުޅީ ކާކު ކަން އެނގިގެން ކަހަލައެވެ.
“ނާޔާ؟” ޔާނިއުގެ އަޑު އިވުމާއެކު ނާޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
“ކީކޭ؟” ނާޔާ އަހާލިއެވެ.
“ހެޕީ ބަރތްޑޭ!” ޔާނިއު ބުންޏެވެ.
“ޝުކުރިއްޔާ” ހިނިއައިސްފައި އޮވެ ނާޔާ ބުންޏެވެ.
“ކީއް ތި ކުރަނީ؟ ނިދަން އޮއްވާތަ މި ގުޅުނީ؟” ޔާނިއު އެހިއެވެ.
“ނިދަން ވެގެން އުޅުނީ، އެކަމަކު އަދި ނުނިދިފަ އޮތީ” ނާޔާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ރީތިވާ މޭޒު ކައިރީ އިން ނޫރާއަށް އަޑު އިވިދާނެތީއެވެ.
“އަހަރެން ގުޅާތޯތަ؟” ލުއި ހުނުމަކާއެކު ޔާނިއު ސުވާލު ކޮށްލިއެވެ.
“ވެދާނެ” ނާޔާވެސް ސަމާސާ ކޮށްލިއެވެ.
“ނާޔާ ހިތަށް އަރާނެ ދޯ އަހަރެން ހަދިޔާއެއްވެސް ނުދެޔޭ؟” ޔާނިއު އަހާލިއެވެ.
“ނޫން، ހަދިޔާއެއް ނޫން މުހިންމީކީ. ވިޝް ކޮށްލީމަ އެ ނިމުނީ” ނާޔާ ބުންޏެވެ.
“ހަދިޔާއެއް ދޭން ބޭނުމިއްޔާ ނާޔާ ހިފާނަންތަ؟” ޔާނިއު އެހިއެވެ.
“މީހަކު ދޭ އެއްޗެއްގަ ނުހިފުމަކީ ރަނގަޅު ކަމެއް ނޫން ދޯ؟” ޔާނިއު ދޭނީ ކޯޗެއް ބާއޭ ނާޔާ ހިތަށް އެރިއެވެ.
“ދޮންބެދައްތަ ދާ ދުވަހަކުން ފޮނުވާނަން އިނގޭ. ދެން މިރޭ ނިދާލާ” ޔާނިއު ބުންޏެވެ.
“އޯކޭ، ގުޑް ނައިޓް” ނާޔާ ފޯން ކަނޑާލިއެވެ.
“ކާކު؟” ނޫރާ އަހާލިއެވެ.
ސިހިފައި ޔާނާއަށް ބަލާލެވުނެވެ.
“މާ ސިއްރުން ވާހަކަ ދައްކާތީ ނޭނގޭ ކަމަށް ހަދައިގެން އިނީ އޭރު. އެކަމަކު ދެން މަޑުންނެއް ނީނދެވޭނެ. ކާކު މިހާ އިރު ކޮށްފަ ނާއަށް ގުޅީ؟ އަނެއްކާ މިރޭ ނާއަށް ފޯނެއް ލިބުނީވެސް، އެހާ އަވަހަށް ނަމްބަރު ހޯދީ ކާކު؟” ނޫރާ އައިސް ނާޔާ ކައިރީ އެނދުގައި އިށީނެވެ.
“ޔާނިއު” ނާޔާ ބުންޏެވެ.
“އޯހ! ސޯ… ތި ދެމީހުންނަކީ މިހާރު ކަޕްލްއެއްތަ؟” ނޫރާ އެހީ ހިނި އައިސްފައި އިނދެއެވެ.
“ދެން ތިއްތާ!” ނާޔާ ރަކި ވެގެން މޫނުގައި ދެ އަތް އަޅާލިއެވެ.
އެ ވަގުތު ނަޒްހާ ފާހާނައިން ނިކުތެވެ.
“ތުއްތާ، އަހަރުމެންގެ ކުޑަކުޑަ ނާޔާވެސް މިހާރު ބޮޑު ވެއްޖެ” ނަޒްހާއަށް ގޮވާލާފައި ހިނިއައިސްފައި އިނދެ ނޫރާ ބުންޏެވެ.
“ކިހިނެއް ވީ؟” ނަޒްހާ އަހާލިއެވެ.
“މިރޭ ކުއްޖަކު ގުޅައިފި ނާޔާއަށް، ބަރތްޑޭ ވިޝް ކުރަން. ގެސް ހޫ؟” ނޫރާ ބުންޏެވެ.
“ކާކު؟” ނާޔާއާ ދިމާއަށް ބަލާލަމުން ނަޒްހާ އެހިއެވެ.
“ދެން ތުއްތަ ގެސް ކޮށްބަލަ. ވަރަށް ސްޕެޝަލް ފްރެންޑެކޭ ގުޅީ” ނާޔާއާ ދިމާ ކުރާ ހިތުން އިނދެ ނޫރާ ބުންޏެވެ.
“ޔާނިއުތަ؟” ނަޒްހާ އަހާލިއެވެ.
“ޔެސް!” ނޫރާ ބުންޏެވެ.
“އަސްލުތަ؟ ކޮން އިރަކު ތި ދެ މީހުން…؟” ނަޒްހާ އައިސް ނާޔާ ކައިރީ އިށީނދެ ނާޔާގެ އަތުގައި ހިފާލިއެވެ.
“ކުރީ ދުވަހު ދޮންތަމެން ގެޔަށް ގޮއްސަ… ޔާނިއު އެހީމަ އާނއެކޭ ބުނީ” ލަދުން އިނދެ ނާޔާ ޖަވާބު ދިނެވެ.
“ވާއު!” ނަޒްހާ އާ ނޫރާ އެއްފަހަރާ ނާޔާ ގައިގައި ބައްދާލިއެވެ.
ނޫރާއަށް ހެނދުނު ހޭލެވުނީ ފޯން ރިންގް ވާ އަޑަށެވެ.
“ހަލޯ؟” ލޯ ނުހުޅުވާ އޮވެ ނޫރާ ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ.
“ނޫ؟ ނުހޭލަންތަ އަދި؟” އަދީމް އެހިއެވެ.
ނޫރާ ލޯ ހުޅުވާ ފޯނުން ގަޑި ބަލާލިއެވެ.
“ރޭގަ ވަރަށް ލަހުން ނިދުނީ، އެލާމްވެސް ކަނޑާލާފަ ނިދުނީ އެހެންވެ” ނޫރާ ބުންޏެވެ.
“ނަސީބެއްނު އަހަރެން ގުޅި ކަން ދޯ؟” ހީލަމުން އަދީމް ބުންޏެވެ.
“ކީއްވެ މިހާ ހެނދުނާ ތި ގުޅީ؟ ކަމެއް ވީތަ؟” ނޫރާ ތެދުވެ އެނދުގައި އިށީނެވެ.
“މަންމަ ބުނީ މިއަދު ހަވީރު ނޫއަށް އާދެވިދާނެ ތޯ އަހާބަލާށޭ، އެހެންވެ ނޫ ކޮލެޖަށް ދިޔުމުގެ ކުރިން މި ގުޅީ” އަދީމް ބުންޏެވެ.
“މިއަދު؟” ނޫރާއަށް އަހާލެވުނެވެ.
“ނޫ ބުނީމެއްނު…” އަދީމް ހަނދާން ކޮށްދިނެވެ.
“އާނ… އޯކޭ، ކިހާ އިރަކަށް؟” ނޫރާ އަހާލިއެވެ.
“ފައިވް އޯކޭތަ؟” އަދީމް ބުންޏެވެ.
“އާނ، އަދީމް އަންނާނަން ދޯ ބަލާ؟” އެނދުން ތެދުވެގެން ދެ ކޮޅަށް ހިނގަމުން ނޫރާ އެހިއެވެ.
“އާނ، ދާނަން. ދެން އެހާ ކަންބޮޑު ނުވެބަލަ. އަހަރެންގެ މަންމަ ނޫ ކައެއް ނުލާނެޔޭ” ސަމާސާ ރާގަކަށް އަދީމް އެހެން ބުނި އިރު ހީވީ ކުރިމަތީގައި ނޫރާ ހުއްޓާ ފެނިގެން ބުނި ހެންނެވެ.
“ކަންބޮޑެއް ނުވެޔޭ. އޯކޭ، ދެން ބާއްވަނީ” ނޫރާ ބުންޏެވެ.
“އޯކޭ” އަދީމް ފޯން ކަނޑާލިއެވެ.
ހަވީރު ފަހެއް ޖެހި އިރު ނޫރާ ހުރީ ތައްޔާރު ވެގެންނެވެ. އަދީމް ގުޅުމުން ނަރީމާ އަށް ގޮވާލާފައި އަދީމްއާ އެކު ބޭރަށް ދާ ވާހަކަ ބުނެފައި ނޫރާ ނިކުތެވެ.
އަދީމްއާ އެކު އެ ގެޔަށް ނޫރާ ވަދެގެން ދިޔައިރު ކަންބޮޑުވެފައި ހުރި ނަމަވެސް ނޫރާ އެކަން ނުދައްކާ ވޭތޯ މަސައްކަތް ކުރިއެވެ.
“މަންމާ” އެތެރެއަށް ވަދެ ކޮތަރިއެއްގެ ދޮރުގައި ޓަކި ޖަހާލަމުން އަދީމް ގޮވާލިއެވެ.
ކޮޓަރީގެ ދޮރު ހުޅުވާލާފައި މިންނާއާ ފަޔާޒް ނިކުތުމުން އަދީމް އެ ދެމީހުންނަށް ނޫރާ ދައްކާލިއެވެ.
“މީތަ ނޫރާއަކީ؟” ނޫރާގެ މޫނަށް ބަލާލާފައި މިންނާ ހިނިތުން ވެލަމުން އަހާލިއެވެ.
އަދީމް ބޯ ޖަހާލިއެވެ.
“މިހާ ރީތި ކުއްޖަކު މަންމަމެންނަށް ނުދައްކާ މިހާ ދުވަސް ވަންދެން އަދީމް ތި ގެންގުޅުނީ؟” ނޫރާގެ ދެ އަތުގައި ހިފާލަމުން މިންނާ ބުންޏެވެ.
“މި ދެއްކީނު؟” އަދީމް ހިނިއައިސްފައި ބުންޏެވެ.
“ހިނގާ އިށީންނަން” ނޫރާގެ އަތުގައި ހިފައިގެން މިންނާ ގޮސް ސޯފާގައި އިށީނދެ، މިންނާ ކައިރީގައި ނޫރާ ބޭންދިއެވެ.
އިރުކޮޅަކު އެކި އެކި ވާހަކަ ދައްކަން ތިބެފައި އެންމެން އެކުގައި ސައި ބޮއެގެން އަދީމް ނޫރާ ގޮވައިގެން އަދީމްގެ ކޮޓަރިއަށް ވަނީ ނޫރާއަށް ކޮޓަރި ދައްކާލަން ދާށޭ މިންނާ ބުނުމުންނެވެ.
“ސޯ… އަހަރެންގެ ފެމިލީ ކިހިނެއް؟” ދޮރު ލައްޕާލާފައި ދޮރުގައި ލެނގިލަމުން އަދީމް ހިނިއައިސްފައި އަހާލިއެވެ.
“ވަރަށް ސަޅި. އައި ލައިކް ދެމް” ޖަވާބު ދެމުން ނޫރާވެސް ހީލިއެވެ.
“ދެންވެސް މެރީ ކުރުން އަވަހެއް ނުކުރެވޭނެތަ؟” އަދީމް އަހާލިއެވެ.
“އަވަހަށް މެރީ ކުރޭތޯތަ އަހަރެން ގެޔަށް ތި ގެނައީ؟” އަދީމްގެ އަތުގައި ޖަހާލަމުން ނޫރާ އަހާލީ ހެމުންނެވެ.
“އަހަރެންގެ މަންމަމެން ނައިސް ކަމުން ނޫ ބޭނުން ވެދާނެއެއްނު އަވަހަށް މެރީ ކޮށްގެން އައިސް އެ މީހުން ކައިރީ އުޅެން؟ ހޯޕް ކުރެވިދާނެ ދޯ؟” އަދީމްގެ އަޑުގައި ވަނީ ސަމާސާއެވެ.
ނޫރާ އެއްޗެއް ނުބުނެ ކޮޓަރިއަށް ވަށައިގެން ބަލާލިއެވެ.
“މެރީ ކުރަން ވާ އިރަށް ރޫމްއަށް ބަދަލެއް ގެންނަން ޖެހޭތަ؟” އަދީމް އައިސް ފަހަތުން ނޫރާ ގައިގައި ބައްދާލަމުން އަހާލިއެވެ.
“ނޫން، މި ގޮތް ހަމަ ބެސްޓް” އަދީމް ގައިގައި ލެނގިލަމުން ނޫރާ ޖަވާބު ދިނެވެ.
“އެނގޭ ދޯ އަހަރެން ލޯބި ވާ ވަރު؟” ނޫރާގެ ކަންފަތުގައި މަޑުމަޑުން ދަތް އަޅާލަމުން އަދީމް އެހިއެވެ.
“ކިހާ ވަރަކަށް…؟” އަދީމްގެ އަތުތެރޭ ހުރެ އެނބުރިލާފައި ހީލަމުން ނޫރާ ދެ އަތް އަދީމްގެ ކަނދުރާގައި އަޅުވާލިއެވެ.
“ބުނެދޭކަށް ނޭނގޭ…” އެހެން ބުނެފައި އަދީމް ދެ އަތުން ނޫރާގެ އުނަގަޑުގައި ހިފާ ގެނެސް އަދީމްގެ ގައިގައި ނޫރާ ޖައްސާލަމުން ނޫރާގެ ތުންފަތުގައި ބޮސްދިނެވެ.
“އަދީމްގެ މަންމަމެން ކީކޭ ހީކުރާނީ މިހެން އަހަރުމެން ކޮޓަރީގަ ތިބީމަ؟” ނޫރާ އަހާލިއެވެ.
“ދާން ވީ ދޯ؟” އަދީމް އަހާލިއެވެ.
ނޫރާ ބޯ ޖަހާލިއެވެ. ނޫރާގެ މޫނުގައި ދެ އަތުން ހިފާލަމުން އަދިވެސް އެއް ފަހަރު އަދީމް ނޫރާގެ ތުންފަތުގައި ބޮސްދިނެވެ.
އަދިވެސް އެ ގެޔަށް އަންނާނެ ކަމަށް ބުނެފައި ނޫރާ އަދީމްއާ އެކު ނިކުތް އިރު މިންނާއާ ފަޔާޒް ދޮރުމަތީ ތިއްބެވެ.
ނަޒްހާއާ ޝާދުގެ ކައިވެންޏަށް ދެ ފަރާތުގެ އާއިލާ ތައްޔާރު ވަމުން ދިޔައެވެ. ކައިވެނި ކުރެވެން ހަފްތާއަކަށް ވީ އިރު ހުރިހާ ކަމެއްހެން އޮތީ ނިމިފައެވެ. ކައިވެނި ކުރެވެނީ ހުކުރު ދުވަހެއްގެ ރޭގައެވެ. އޭގެ ކުރީ ހޯމަ ދުވަހުގެ ރޭ ނަޒްހާ ޝާދުއާ އެކު ޝާދުމެން ގެޔަށް ދިޔައީ ކޮޓަރި ތައްޔާރު ކޮށްފައި ހުރި ގޮތް ބަލާލަން ދާން ޝާދު އެދުމުންނެވެ.
އިރުކޮޅަކު ޝާދުގެ ދައްތައާ ކޮއްކޮ އަދި މަންމައާ ވާހަކަ ދައްކަން އިނދެފައި ނަޒްހާއާ ޝާދު ކޮޓަރިއަށް ވަނެވެ.
މުޅި ކޮޓަރި ހުރީ އެކީގައި ބަދަލު ކޮށްލާފައެވެ. ކުރިން ހުރި ބެޑްރޫމްސެޓް ބަދަލު ކޮށްފައި ހުރީ ނަޒްހާއަށް ކަމުދާނެ ހެން ހުދު ކުލައަށެވެ. ފާރުގައާއި ސީލިންގް ގައި ހުރީ މަޑު ފެހި ކުލައާ އޮރެންޖް ކުލައެވެ.
“ކަމުދޭތަ؟” ޝާދު އަހާލިއެވެ.
“އިޓްސް ދަ ބެސްޓް!” އެނބުރިފައި ޝާދު ގައިގައި ބައްދާލަމުން ނަޒްހާ ބުންޏެވެ.
“އެބަ އަންނަން” އިރުކޮޅަކު ނަޒްހާ ގައިގައި ބައްދާލައިގެން ހުރެފައި ޝާދު ދުރަށް ޖެހިލިއެވެ. ނަޒްހާ ގޮސް އނދުގައި އިށީނެވެ.
ޝާދު ކޮޓަރީގެ ބޮކި ނިއްވާލާފައި ނިދާބޮކި ދިއްލާލަމުން އޭގެ އަލި މަޑުކޮށްލިއެވެ. ލެޕްޓޮޕް ހުޅުވާލާފައި އިނގިރޭސި ލޯބީގެ ލަވައެއް ޖަހާލާފައި ޝާދު ގޮސް ނަޒްހާއާ ދިމާއަށް އަތް ދިއްކޮށްލިއެވެ.
ނަޒްހާ ހީލަމުން ޝާދުގެ އަތުގައި ހިފާލައިގެން ތެދުވިއެވެ. އެކަކު އަނެކަކުގެ އަތުތެރޭ ތިބެ ލަވަޔާއި އެއްވަރަށް ދެ މީހުން މަޑުމަޑުން ހަރަކާތް ކުރަމުން ދިޔައެވެ. އެއް ފަހަރު ލަވަ ނިމުމުން ޝާދު ހަމަ އެ ލަވަ ރިޕީޓް ވާ ގޮތަށް ހަދާލިއެވެ.
ކޮޓަރީގައި ހުރި ފަނޑު އައްޔާ، ލޯބީގެ އެ ލަވަޔާ، އެ މާހައުލުން ދެ މީހުންނަށްވެސް ގޮތްތަކެއް ވަމުން ދިޔައެވެ. ނަޒްހާގެ ތުންފަތާ ކަރުގައި ޝާދުގެ ތުންފަތް ހަރަކާތް ކުރަމުން ދިޔައިރު ނަޒްހާވެސް ޝާދު ހުއްޓުވާކަށް ނޫޅެއެވެ. ނަޒްހާ ލައިގެން ހުރި ގަމީހުގެ ދަށުން ޝާދުގެ އަތް ނަޒްހާގެ ބުރަކަށީގައި ހަރަކާތް ކުރަމުން ދިޔައެވެ. ނަޒްހާ ލައިގެން ހުރި ގަމީހުގެ ގޮށްތައް ނެއްޓުނު އިރުވެސް ނަޒްހާއަށް ހުރެވުނީއެވެ. ލޯ މަރާލައިގެން އެ އިހުސާސްތަކުގެ ތެރެއަށް ގެއްލިފައި ހުރި ނަޒްހާއަށް ސިހިފައި ދުރަށް ޖެހިލެވުނީ ޝާދުގެ ތުންފަތް ނަޒްހާގެ މޭމަތީ ޖަހުމުންނެވެ.
“ޝާދު…” ޝާދު ދޫ ނުކުރުމުން ނަޒްހާ ގޮވާލިއެވެ.
“އިޓްސް އޯކޭ ޑާލިންގ…” ޝާދު ބުންޏެވެ.
“ނޫން… ދޫކޮށްލަބަލަ އިހަށް” ޝާދުގެ މޭގައި އަތް އަޅާ ދުރަށް ޖައްސަން މަސައްކަތް ކުރަމުން ނަޒްހާ ބުންޏެވެ.
ނަމަވެސް ޝާދުއަށް އެކަން ނޭނގޭ ކަހަލައެވެ. ދެ އަތުން ނަޒްހާގެ އުނަގަނޑުގައި ހިފާ ކައިރިއަށް ދަމާލަމުން ނަޒްހާގެ ތުންފަތުގައި ބޮސްދޭން ފެށިއިރު ނަޒްހާ ދެކޮޅު ހަދަމުން ދިޔަކަން ޝާދުއަށް އިހުސާސެއް ނުވެއެވެ.
“ޝާދު!” ތަންކޮޅެއް ބާރަށް ގޮވާލަމުން ނަޒްހާ ދެ އަތަށް ބާރު ލާފައި ޝާދު ދުރަށް ކޮއްޕާލިއެވެ.
“ވަޓް؟” ނުރުހިފައި ޝާދު އަހާލިއެވެ.
ގަމީހުގެ ގޮށްތައް އަޅުވަމުން ނަޒްހާ އަނެއް ފަރާތަށް އެނބުރުނެވެ.
“ނަޒް…” ޝާދު ފަހަތުން އައިސް ނަޒްހާ ގައިގައި ބައްދާލަން އުޅުނެވެ.
“ހިނގާ ދާން” ނަޒްހާ ޝާދުއާ ދުރަށް ޖެހިލަމުން ބުންޏެވެ.
“އަދި ނުވޭ…” ޝާދު އަނެއްކާވެސް ނަޒްހާއާ ކައިރި ވާން އުޅުނެވެ.
“ޝާދު، ކިހިނެއްތަ ތި އުޅެނީ؟” ނަޒްހާއަށް ބާރަށް ބުނެވުނެވެ.
“އައި ނީޑް ޔޫ ނަޒް… ޕްލީޒް…” ދެ އަތުން ނަޒްހާގެ މޫނުގައި ހިފާލަމުން ޝާދު ބުންޏެވެ.
“ޝާދު… ނޫން…” ޝާދު އެ ބުނި އެއްޗެއްގެ މާނަ ނަޒްހާއަށް ވިސްނުނެވެ.
“ނަޒް… ޕްލީޒް…” ދުރަށް ޖެހިލަން އުޅުނު ނަޒްހާގެ އަތުގައި ހިފާ ގެނެސް ގައިގައި ޖައްސާލަމުން ޝާދު އެދުނެވެ.
“ނޫނެކޭ ބުނެފީމެއްނު؟” ނަޒްހާއަށް ބާރަށް ބުނެވުނެވެ.
ޝާދު ކައިރިއަށް ރުޅި އައީ ކުއްލިއަކަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.








Hi, mi faharu ves las vee thee sorry, but will try next part Saturday ga genesdheyn. Kiyaalaafa comment kollahchey ingey.
???1st baa…kiyaafa comment eh kohlaanan ingey insha allah???
It’s okay Marsha sis. . varah Varah reethi…maa sha allah…when is next part???waiting for the next part…
Wow! Vaahaka varah reethi dhen anna baeh ge inthizaaruga
Alhey, haadha haadha reehchey mi story. Waiting for the next part ?
Mi vaahaka haadha haadha reehchey!! Can’t wait for the next part ?
Isham ♥️ Naiha
Wow varah reethi mi part vx… Waiting for next part?❤
Wowww…. Kihineh thr vaan miulheny????? Curiously Waiting for nxt……
Wow…….??????????????? Varah reethi…… Varah kiyaalhitun huhta E nimuny……….. Waiting for next part……… ???????
Wow ? Masha Allah ????? varah varah reethi ingyy mi part ves???? curiously waiting for Saturday …….. Can’t wait to read it ?????????? lysm ????❤️❤️❤️❤️❤️ ? one of my favourite ?????❤️❤️❤️
Marsha Isham nd naiha gulhuvabala pls… misunderstanding egge sababun dhemyhun umurah vaki nukuruva..Story hama v reethi masha Allah…waiting for nxt part
dhen haadha foohsey egey enmenves fahu gadyga kaiveni cancel kuraathy. dhen yageen nazhaves kaiveni cancel kuraanykan. so foohi same things annaathy. and shaadhves dhen marry kuran weekakah v ma ehaa sick vegen noolheyne kanneynge. mi hurihaa dhuvahu shaadhge bai rnaglhah genesdheefa mihaaru shaadh goas kuruvan. so foohi