ރާސްތާ 2 ފަސްވަނަބައި

- by - 12- October 12, 2019

ޒެވިޔަން ފަސް މިނެޓޭ ބުނުމުން އަވަސް ކުރާށޭ ކިޔާފައި އަލްޔަސް ފޯނު ކަނޑާލިއެވެ. ފޯނަށް ނަޒަރު ހުއްޓައިގެން ހުރި އަލްޔަސްއަށް އިސްއުފުލާލަށް މަޖުބޫރުވީ މީހާކު އޭނާގެ ނަމުން ގޮވާލުމުންނެވެ.
އެއަޑަކީ ދުވަހަަކުވެސް އޭނާ އެހި އަޑެއްނޫނެވެ. މިއުޒިކެއްފަދަ އެރީތި އަޑުގެ ވެރިޔަކީ ކާކުތޯ ހޯދުމަށް އަލްޔަސް ދެކޮޅަށް ނަޒަރު ހިންގާލިއެވެ. އޭރު އޭނާ ކުރިމަތީގައި ހުރި އަންހެންކުއްޖާ ހެވި ދިލިފައި ބަލަހައްޓައިގެން އިނެވެ.
ޔާޒް ކާރު މަޑުކޮށްލީ ރެސްޓޯރެންޓާ ތަންކޮޅެއް ދުރުގައެވެ. އެންމެންނަށްވުރެއް ކުރިން ފައިބައިގެން އަލައިކާ ރެސްޓޯރަންޓާ ދިމާއަށް ދުވެލައިފައި ދިޔައެވެ. އެހިސާބަށް އެރިތަނުން އޭނާގެ ދެލޯ ބޮޑުވީ ކުރިމަތީގައި ފޯނަށް ނަޒަރު ހުއްޓައިގެން ހުރި އަލްޔަސް ފެނިފައެވެ. އަލްޔަސްގެ ނަން ދުލުން ބޭރުވީ ގަސްތަކާ ނުލައެވެ.
“މްމްމް..އައި އޭމް ރިއަލީ ސޮރީ. އެކަމް އަޅުގަނޑަކަށް ތިކުއްޖާއެއް ނޭންގޭ. ކިހިނެއް އަޅުގަނޑުގެ ނަން އިނގުނީ؟” އެއަންހެން ކުއްޖާ އެއްޗެކޭ ނުބުނެ އޭނާއަށް ބަލަހައްޓައިގެން އިން ގޮތުން އަލްޔަސް ރަކިވެގެން އަހާލިއެވެ. “އޯ ބޯއި. ކްރިސްޓިއާނޯ ޖޭއާރް. ނޫނީ ތިއާގޯ މެސީމެންނަށް އެމީހުންގެ ނަމުން ގޮވީމަ އަހާނެތަ ކިހިނެއްހޭ ތިކުއްޖާއަށް މަގޭ ނަން އިނގުނީ؟” އަލްޔަސް ސީރިއަސްވެފައި އެހި ގޮތުން އަލައިކާއަށް ހެވުނެވެ.
އެކުއްޖާގެ ފަރާތުން އޭނާއަށް އެލިބުނީ ތައުރީފުގެ ބަހެއްކަން އެނގުންވީ ހިނދު އަލްޔަސްއަށް ހިނިތުންވެވުނެވެ. ނުދަންނަ ކުއްޖެއް ކަމުގައި ވީ ނަމަވެސް ޒަޚަމްވެފައިވާ އޭނާގެ ހިތަށް ކުޑަނަމަވެސް ފަރުވާއަށް ދީފިއެވެ. “ތިބުނި އެއްޗެއް ނޭންގުނު!” އެކުއްޖާއާ އިތުރަށް ވާހަކަ ދައްކާލާ ހިތުން އަލްޔަސް ބުންޏެވެ. “އުމްމް. އާ ޔޫ އެލޯން؟” އަލައިކާއާއެކީ އެއްވެސް މީހަކު ފެންނަން ނެތުމުން އަލްޔަސް އަހާލިއެވެ. އަލައިކާ ދެފަރާތަށް ބޯ ހޫރާފައި ފްރެންޑްސްއާއެކީއޭ ބުންޏެވެ. އަލްޔަސް އޯއޭ ބުނެފައި އޭނާއާއެކު ވަންނަން ދައުވަތުދިނެވެ. “މައިންޑް ޑިޗިން ޔުއަރ ފްރެންޑްސް؟” އަލައިކާ ދެލޯ ބޮޑުކޮށްފައި އަނގަ ތަންމިނަށް ހުޅުވާލިއެވެ. އަލްޔަސް ދެވަނަ ފަހަރަށް އެހުމުން އެކުވެރިން ކޮބާތޯ ފަހަތް ބަލާލިއެވެ. އެކަކުވެސް ފެންނަށް ނެތުމުން އަލްޔަސްއަށް ބަލާލާފައި ބޯ ޖަހާލިއެވެ.
***
ޔޫސުފްއާ އައިރާ ކާރުން ފައިބައިގެން ތަންކޮޅެއް ދުރުގައި ތިއްބައި އަލައިކާ ފިރިހެން ކުއްޖަކާ ވާހަކަ ދައްކާތަން ފެނިގެން އަލައިކާއަށް ނުފެންނާނެހެން ދެމީހުން ނިވާވެލިއެވެ. “ތީކޮންކަމެއް؟ މިއަޮށް ވާރޭ ގަނޑު ތެރޭ ހަނިދޭތެރެ ދޭތެރެއަށް ވަދެގެން؟ އަލްކޮ ކޮބާ؟” ޔޫސުފް އަލައިކާއާ ދިމާއަށް އިނގިލި ދިއްކޮށްލުމުން ޔާޒް ބަލާލިއެވެ. އޭރު ނިކަން ފަރިގޮތަކަށް ހިނގާފައި އެޒުވާނާއާއެކީ އަލައިކާ އެތެރެއަށް ވަންނަނީއެވެ. “ވެއިޓް. އަލްކޮ އަހަރުން ޑިޗްކުރީތަ؟” އައިރާ ރުޅި އަންނަކަމަށް ހެދެމުން ބުންޏެވެ.
***
އެ ނުދަންނަ އަންހެން ކުއްޖާއަށް ދައުވަތު ދެވުނީ ކީއްވެކަމެއް ޚުދު އަލްޔަސްއަކަށްވެސް ނޭންގެއެވެ. ފުރަތަމަ ފެނިލުމުންވެސް އޭނާއަށް އެކުއްޖާ ޚާއްސަވެއްޖެއެވެ. އަލްޔަސްއާ އަލައިކާ ގޮސް އިށީނީ އެހެން މޭޒުތަކާ ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައެވެ.
އަލައިކާގެ ހިތް ނޭންގޭ ބާރު މިނެއްގައި ތެޅެމުން ދިޔައެވެ. ނޫސްވެރިއަކަށް ވިއަސް ދުވަހަކުވެސް މިހެން ކުޅުންތެރިއަކާ އޭނާއަކާ އަދި ބައްދަލެއްނުވެއެވެ. އަދި އޭނާ އެދާއިރާގައި މަސައްކަތް ކުރަން ފެށިތާ މާގިނަދުވަސް ނުވާތީ އެންމެން ދަންނަ މޫނަކަށް އޭނާ އަދި ނުވެއެވެ. އަލައިކާ ތުރުތުރު އަޅަމުން ދިޔަ ނަމަވެސް ހިނިތުންވެލައިގެން އިނެވެ.
“އައި އޭމް އަލައިކާ. ސްޕޯޓްސް ޖާނަލިސްޓެއް. އަދި މީ ފުރަތަމަ ދުވަސްކޮޅު ފީލްޑަށް ނުކުތްތާ. އެހެންވެ މީހުންނަކަށް އެހާ ނޭންގޭނެ. އަސްލު އަލްޔަސްއާ މީޓްކޮށްލަން ވަރަށް ބޭނުންވެފަ މިހުންނަނީ. ޔޫ ވާރ އެމެއިޒިން މި ވީކްއެންްްޑްގަ. އިޓް ވޯޒް ހަމަ އޯސަމް” އަމިއްލައަށް ތައާރަފުވެފައި އަލައިކާ އަލްޔަސްއަށް ތައުރީފްގެ ބަސްތަށް އޮއްސާލިއެވެ.
އަލްޔަސްއަށް ހީވީ އުދުއްސައިގެނެވުނުހެންނެވެ. އެހެނީ އޭނާގެ ޓީމު މީހުން ފިޔަވާ އޭނާގެ ކުޅުމަށް އެހާ ބޮޑަށް ތައުރީފު އެކުރީ އަލައިކާއެވެ. އަލައިކާއަކީ ނޫސްވެރިއެއްކަން އެނގުމާއެކު އިތުރު ހިތްހަމަޖެހުމެއް އަލްޔަސްއަށް ލިބުނެވެ. “ތޭންކްސް” ލަދުގަތް ނަމަވެސް އަލްޔަސް ޝުކުރު އަދާކުރިއެވެ. ވެއިޓަރު އައިސް މެނޫ ދިނުނުން އަލްޔަސްއާ އަލައިކާ އޯޑަރު ދިނެވެ. އަލްޔަސްއާ ކުރަން އެތައް ސުވާލެއް އަލައިކާ ހިތުތެރޭގައި ވިއެވެ.
**
ރެސްޓޯރަންޓަށް ވަދެގެން އައި ޒެވިޔަންގެ ދެލޯ ބޮޑުވީ އަންހެން ކުއްޖެއް ގޮވައިގެން އިން އަލްޔަސް ފެނިފައެވެ. އެކުއްޖާ ބުރުގާ އަޅައިފައި އިނުމުން އެއީ ތާނިޔާ ނޫންކަން ޒެވިޔަންއަށް ޔަގީނެވެ. އެއީ ކޮންއަންހެން ކުއްޖެއްތޯ އަހާފައި ޒެވިޔަން އަލްޔަސްއަށް މެސެޖެއް ފޮނުވާލިއެވެ.
“އޯ ޝިޓް ޒެވް” ފޯނަށް އައި މެސެޖް ބަލާފައި އަލްޔަސްއަށް ނިއްކުރީގައި ޖަހައިލެވުނެވެ. އަލައިކާ ގޮވައިގެން ވަންއިރު ޒެވިޔަން މަތިން ހަނދާންނެއްވެސް ނެތެވެ. “އަނެއްކާ ކުއްޖަކަށް ޑޭޓަކަށް ކިޔާފަތަ އަހަރެން ގޮވައިގެން ތިވަނީ؟” އަލްޔަސް މޫނަށް އެރިކުލަވަރު ފެނުމުން ދެލޯ ބޮޑުކޮށްފައި އަލައިކާ އެހިއެވެ. އަލްޔަސް ދެފަރާތަށް ބޯ ހޫރާލާފައި ނޫނެކޭ ބުންޏެވެ. “އުމްއުމް ނޯ. ބެސްޓް ފްރެންޑް” އަލައިކާ ގާތު އަހާފައި އެތަނަށް އައުމަށް އެދި ޒެވިޔަންއަށް އަލްޔަސް މެސެޖް ކުރިއެވެ.
އަލައިކާ އިނީ ދޮރާ ފުރަގަސް ދީގެން ކަމުން ޒެވިޔަންއަކަށް އަލައިކާގެ މޫނެއް ރީއްޗަކަށް ނުފެނެއެވެ. ޖީބުތެރެއަށް ފޯނު ލަމުން ހަމަޖެހިލައިފައި ޒެވިޔަން ކުރިއަށް ހިނގައިގަތެވެ.
“ކަލޭ މަ އައުމުގެ ކުރިން ވަނީދޯ!” ކަންފަތަށް އިވުނު އަޑާއެކީ އަލައިކާ ހިތުގެ ހިނގުންވެސް ހުއްޓުނުހެން ހީވިއެވެ. އެއަޑަކީ ދުވަހަކުވެސް އޭނާގެ ހަނދާނުން ފިލައިގެން ދާނެ އަޑެއްނޫނެވެ. އަލައިކާއަށް މަޑު މަޑުން އެއަޑުގެ ވެރިޔާއާ ދިމާއަށް ބަލާލެވުނެވެ.
ހިނިތުންވެލާފައި އަލްޔަސްއާއެކީ އިން އަންހެންކުއްޖާއަށް ބަލާލި ޒެވިޔަންއަށް ހީވީ ބޮލުގައި ދަނޑިބުރިއަކުން މީހަކު ޖެހިހެންނެވެ. މުޅި މީހާ އެކީ ހުއްޓުން އަރައިގެން ދިޔައެވެ.
އެއް ފަހަރު އަލައިކާއަށް އަނެއް ފަހަރު ޒެވިޔަންއަށް ބަލާލި އަލްޔަސްއަށް އެދެމީހުންގެ ގުޅުމެއް ވާކަން އެނގުނެވެ. އަލްޔަސް އެއްޗެކޭ ނުބުނެ ހުރީ އެދެމީހުންކުރެ އެކަކުވެސް އަނގައިން ބުނޭތޯއެވެ.
“ޔަން؟” އަލައިކާގެ އަޑު ނުކުތީ ކިރިޔާއެވެ. އޭރު އަލައިކާގެ ބޮޑުދެލޮލުގައި މުތީ ތަކެއް ފަދަައިން ކަރުނަ ބަބުޅަމުން ދިޔައެވެ. “އަލް؟” ޒެވިޔަންއަށް ވެސް އަހާލެވުނެވެ. މީގެ ތިން އަހަރު ކުރިއެކޭވެސް އެއްފަދައިން އެއްވެސް ބަދަލެއް ނައިސް އަލައިކާ ހުއްޓެވެ. މޫނު މަތީގައި އޭރުހުރި މައުސޫމްކަން މިޔަދުވެސް އެބަހުއްޓެވެ.
އެންމެ ހިނދުކޮޅަކުވެސް އެތާމަޑު ކުރާނެހާ ހިތްވަރެއް އަލައިކާއަކަށް ނުލިބުނެވެ. ހިތުގައި ފޮރުވާފައިހުރި އެތައް އިހްސާސްތަކެއް އެއްފަހަރާ ޖަމާވަމުން ދިޔައެވެ. ހަނދާން ކުރަން ބޭނުންނުވާ އެތައް ކަމެއް ހަނދާންވަމުން ދިޔައެވެ. ނޭންގޭ ރިހުމެއް މޭގައި އުފެދެމުން ދިޔައެވެ. “އައި ހޭވް ޓު ގޯ ނައު. އައި އޭމް ސޮރީ!” އިސްޖަހައިގެން އިނދެ ކިރިޔާ އަލްޔަސްއަށް އިވޭ ވަރަށް ބުނެފައި އަލައިކާ ދުއްވައިގަތެވެ. މީހުންގެ ނަޒަރު ހުއްޓުނެއް ކަމަކު އެކަމަށް ފަރުވާލެއްނުދީ އަލައިކާ ރެސްޓޯރަންޓުން ނުކުތެވެ.
އިސްތަށިގަނޑު ތެރޭއަށް އަތް މަހާލުމަށްފަހު ޒެވިޔަން ފުން ނޭވާއެއް ދޫކުރިއެވެ. “ޑޭމް އިޓް” އަތުގެ އެތިފަހަރެއް މޭޒުމައްޗަށް ޒެވިޔަން ވީއްލާލިއެވެ. “ޒެވް؟” ވެގެން އުޅޭގޮތް ކިޔާދޭށޭ ބުނާ ފަދައަކުން އަލްޔަސް ޒެވިޔަންއަށް ގޮވާލިއެވެ. ޒެވިޔަަން މޫނުގައި ދެއަތުން ފިރުމާލިއެވެ. ހިތުގެ ކަނެއްގައި ރައްކާކޮށްފައި ހުރި އިހްސާސްތައް އުތުރި އަރަން ފެށިއެވެ.
***
ނިކުންނަ ދޮރާ ތަންކޮޅެއް ކައިރީގައި ހުރި މޭޒެއްގައި ޔާޒް، ޔޫސުފް އަދި އައިރާ ތިއްބެވެ. ތިން ޒުވާނުން ތިބެގެން އަލައިކާއާ އެޒުވާނާއާ ބެހޭ ގޮތުން ހީހީފައި ވާހަކަ ދެއްކިއެވެ. ތިން މީހުންނަށްވެސް ހައިރާންކަން ލިބުނީ އަނގަމަތީގައި އަތް އަޅައިގެން ދުވެފައި ނުކުންނަން ދިޔަ އަލައިކާ ފެނުމުންނެވެ. ތިން މީހުން އެއްފަހަރާ ކަހަލަ ގޮތަކަށް އަލްއޭ ކިޔާ ގޮވާލުމުންވެސް އަޑުއިވުނުކަމަަށްވެސް ނުހަދާ އަލައިކާ ދިޔައީއެވެ. އައިރާ އަލައިކާ ފަހަތުން ދާން ތެދުވިއެވެ. ޔާޒްއާ ޔޫސުފް ބަލާލީ އަލައިކާއާ އަލްޔަސް ތިބި މޭޒުކައިރިއަށެވެ. އެތާ ހުރި ޒެވިޔަން ފެނުމާއެކު ފުންމައިގެން ޔާޒްއަށް ތެދުވެވުނެވެ. އޭނާގެ ދަތްކުނޑިވިކި އަތް މުށްކަވާލެވުނެވެ. އަތުގެ ނާރުތައް ފުއްޕާލާފައި ކަތުރުކަށިގަނޑުވެސް ތުރުތުރު އަޅަމުން ދިޔައެވެ. “ޔޫސުފް.ވެއިޓް ހިއާރ!” ރުޅި އައިސްފައި ޔާޒް ބުނި ގޮތުން އެތަނުން ތެދުވާކަށް ޔޫސުފްއަކަށް ނުކެރުނެވެ. ޔާޒްކޮށްފާނެ ކަމަކާމެދު އޭނާ ބިރުގަތް ނަމަވެސް ތެދުވާކަށްވެސް ނުކެރުނެވެ.
****
ވެހެމުން ދިޔަ ބޯވާރޭއަށް ސަމާލުކަން ނުދީ އަލައިކާ ދުވަމުން ދިޔައެވެ. ފަހަތުން އައިރާ ގޮވާ އަޑުއިވުނު ނަމަވެސް ހުއްޓާނެހާ ހިއްވަރެއް އޭނާ ގަޔަކު ނެތެވެ. މުޅި ކުއްޖާ ތެމިފޯވިއެވެ. ހީކަރުވައިގަނެގެން ތުރުތުރުލަމުން ދިޔައިރުވެސް ދުވުން ހުއްޓާކަށް ބޭނުމެއްނުވިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވާރެއާއެކު ވަމުން ދިޔައެވެ.
އައިރާ ދުވެދުވެ ވަރުބަލިވާން ކައިރިވިއިރުވެސް އަލައިކާ އަތެއްނުވިއެވެ. ވާރޭތެރޭ ބާރަށް ދުވުން ވެގެން ދިޔައީ އޭނާއަށް އުނދަގޫކަމަކަށެވެ. ނުހަނު ބާރަށް ވައިވެސް ޖެހެމުން ދާތީއާއެކީ ދުވަން އިތުރަށް އުނދަގޫވިއެވެ.
ދެފައިން ވާގި ދޫވާހެން ހީވުމާއެކު އަލައިކާ ދުވުން ހުއްޓާލިއެވެ. ތުންފަތު ދަތް އަޅައިގެން އިނީ އަޑުން އަޑުނަގައި ރޮވިދާނެތީއެވެ. އައިރާ އައިސް ލޮތްބާއެކު ގޮވާލުމުން އަލައިކާގެ ހިތްވަރުކޮޅުން ލައިގެން ދިޔައެވެ. އަޑުން އަޑުނަގައި ރޮއެ ގަންނަންމުން އައިރާ ގައިގައި ބައްދައިގެތެވެ. ބޯވާރޭގަނޑު ތެރޭ އެދެކުދިން ފިޔަވާ އިތުރުބަޔަކު ނެތުމަކީ ނަސީބެކެވެ.
***
ޔާޒް ގޮސް ޒެވިޔަން ލައިގެން އިން ގަމީހުގައި ހިފައި ދަމައިގަންނަމުން ކޮޅަށް ނެގިއެވެ. ޔާޒް ކުއްލިއަކަށް އައިސް އެހެން ހެދުމުން ސިހިފައި އަލްޔަސްއަށްވެސް ތެދުވެވުނެވެ.
ޔާޒް އަތަށް ލެވުނުހާ ބާރެއް ލައިފައި ޒެވިޔަން މޫނު މައްޗަށް ހަމަލާއެއް ދިނެވެ. ވީތަދާއެކު ޒެވިޔަންއަށް ހަޅޭއްލަވައިގަނެވުނެވެ. ރެސްޓޯރަންޓްގަ ތިބިއްޔާ ތިބި މީހެއްގެ ނަޒަރު ވަނީ އެމީހުންނަށް ހުއްޓިފައެވެ.
އަލްޔަސް ދެލޯ ބޮޑުކޮށްގެން ހަދަންވީ ގޮތެއް ނޭންގިފައި ހުއްޓެވެ. ޒެވިޔަންގެ އަނގަމަތި ފަޅައިގެން ގޮސް އަނގައިން ލޭފައިބަމުން ދިޔައެވެ. “ކަލޭ އަދިވެސް މައޭ ކޮއްކޮއަށް ދެވުނު ހިތާމަ ކުޑަވެގެންތަ ތިއުޅެނީ؟” ޔާޒް އަޑުގެ ނެތްކޮޅަށް ހަޅޭއްލައިވައިގަތެވެ. ޔާޒްގެ ރުޅިގަނޑު ފެނިފައި އެތާތިބި އެންމެން ބިރުން ތުރުތުރު އަޅައެވެ.
ޔާޒް އިތުރު ގޯހެއް ހަދައިފާނެ ކަމުގެ ބިރަށް ޔޫސުފް ގޮސް ޔާޒް ޒެވިޔަންއާ ދުރުކުރިއެވެ. ޔާޒް ދަމަމުން ކަހަލަ ގޮތަކަށް ޔޫސުފް އެތަނުން ނުކުތެވެ.
“ބްރޯ މޮޔަވީތަ؟ އެންމެންގެ ތެރޭ އޭނާ ގައިގައި ޖެހީ؟” ހިތްހަމަ ނުޖެހިފައި ހުރެ ޔޫސުފް އެހިއެވެ. ޔާޒް އެއްޗެކޭ ނުބުނެ ހިމޭނުން އިނެވެ. ވާރޭ ތެރެއަށް ދެވުމާއެކު މުޅި މީހާގެ ރުޅިގަނޑު ފިލައިގެން ދިޔައެވެ.
***
މޭޒުމަތީގައި ދެހާސް ރުފިޔާ ބާއްވާފައި އަލްޔަސްއާ ޒެވިޔަން ނުކުތެވެ. އަލްޔަސް ސައިކަލުގައި ޒެވިޔަން ގޮވައިގެން މިސްރާބްޖެހީ ހޮސްޕިޓަލަށް ދާށެވެ.
***
އަލައިކާ އައިރާ ކޮނޑުގައި ބޯއަޅައިގެން އޮތްއިރު އަދިވެސް ގިސްލެވެމުން ދިޔައެވެ. ޔޫސުފްއާ ޔާޒްގެ ހިލަމެއް ވޭތޯ އައިރާ ދެކޮޅު ބަލާލައެވެ. ނަސީބަކުން ޔޫސުފްއާ ޔާޒް އެހިސާބަށް އަންނަތަން އައިރާއަށް ފެނުނެވެ.
ޔޫސުފް ގޮސް އަލައިކާއާ އައިރާ އިށީންދެގެން ތިބި ބެންޗުކުރިމަތީ ކަކޫ މައްޗަށް އިށީނެވެ. “އަލް” އަލައިކާ އަތުގައި ހިފަމުން ޔޫސުފް ގޮވާލިއެވެ. އައިރާ ކޮނޑުމަތިން ބޯ ނަގަމުން އަލައިކާ ޔޫސުފްއަށް ބަލާލިއެވެ. ޔޫސުފްއެކޭ އެއް ފަދައިން ޔާޒްވެސް އައިސް އަލައިކާ ކުރިމައްޗަށް ވާގޮތަށް ކަކޫ މައްޗަށް އިށީނެވެ. ޔާޒްއާ ޔޫސުފް އަދި އައިރާ އެތައް ވާހަކައެއް ދައްކައިގެން އަލައިކާ ހަމައަކަށް އެޅުވިއެވެ. އެކުދިން އެތާ ތިބޭތާ އިރުކޮޅެއްވީ ތަނާ ވާރޭވެސް ހުއްޓާލިއެވެ. ކަންތައް ވީ ގޮތުން އިތުރަށް ކާންދާކަށް އެކަކުވެސް ބޭނުމެއްނުވިއެވެ. ކުޑަކޮށް ހިކުމުން ހަތަރު ޒުވާނުން ގޮސް ކާރަށް އެރީ ގެއަށް ދާންށެވެ.
*****
ރޮއެ ރޮއެ ނަވާރްގެ ދެލޯ ވަނީ ދުޅަވެފައެވެ. މުޅި މޫނުގައި މަޑުރަތް ކުލައެއް އަރާފައި ހުއްޓެވެ. ރޮއެ ރޮއެ ވަރުބަލި ވުމުން ނަވާރް އެނދުން ތެދުވެ ދެލޯ ފުހެލިއެވެ. އޭރުވެސް އޭނާއަށް ކޮންމެސް ވަރަކަށް ގިސްލެވެމުން ދިޔައެވެ.
އަލަމާރިމަތީގައި އޮތް ފިޔާތޮށި ކުލައިގެން ހެދުން އަޅާ ފޮށި ނަވާރް ނެގިއެވެ. ބޭނުންވާ ސާމާނު އެއަށް އެޅުމަށްފަހު ނަވާރް ފޮށި ބަންދުކުރިއެވެ. އެއަށްފަހު ފޯނު ނަގައި އޭނާގެ އެންމެ ގާތް އެކުވެރިޔާ ދީނާއަށް ގުޅާލިއެވެ.
***
ޔާޒް ގެއަށް އަންނަންދެކަށް ނަވްޔާ ސިޓިން ރޫމް ސޯފާގައި އިނެވެ.
ބާރަޖަހަން ދިހައަކަށް ވީއިރު ޔާޒް ތެމިގެން ގެއަށް އައެވެ. ނަވްޔާ ސޯފާގައި އިންއިރު ފެންނަކަމަށްވެސް ނުހަދާ ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. ނަވްޔާ ހިތަށް ކުރި އަސަރާއެކު ދެފަރާތަށް ބޯހޫރާލެވުނެވެ. ޔާޒް އޭނައާ މާއިޒްދެކެ އެހާ ރުޅު އަންނަން ދިމާވީ ކޮން ސަބަބެއް ކަމެއްވެސް ނަވްޔާއަކަށް ނޭންގެއެވެ. ޔާޒްއަކީ އޭނާ ދެލޮލުގެ ފިނިކަމެވެ. ހަގު ދަރިފުޅު ޒާޔާއަށް ވުރެ ޔާޒްއަށް އަޅާލެވެއެވެެ. ބައެއް ފަހަރު ޒާޔާއެކަމާ ޝަކުވާވެސް ކުރެއެވެ.
އަލައިކާ ފެންވަރައިގެން އައިސް އެނދުގައި އޮށޯތެވެ. ހަމަޖެހެން އުޅުނެއް ކަމަކު އެކަމެއް ނުވެއެވެ. ލޯމަރާލާ ކޮންމެ ފަހަރަކު ޒެވިޔަންގެ ސޫރަ ސިފަވެގެންދެއެވެ.
***
ހުރިހާ ކުދިންގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރުމުން އަލައިކާ ނުތަނަވަސްވާ ގޮތްވިއެވެ. އަތުގައި ހުރި ފޮތްތަކުގައި ބާރަށް ހިފަހައްޓައިގެން ކުރިއަށް ހިނގަމުން ދިޔައެވެ. ދާންވިކޮންތަނަކަށްކަން ނޭންގި ކުދިންތަކުގެ މެދުގައި އަލައިކާއަށް ހުރެވުނެވެ. ޔާޒްއާ އައިރާ އޭނާ އަންނަގަޑިއަށް ނުކުންނާނަމޭ ކިޔާފައި ނުނިކުމެއެވެ. ސަކަރާތްޖަހަމުން އައި ކުދިންތަކެއް ގައިގައި ޖެހިފައި އަލައިކާ ވެއްޓެން ދިޔައެވެ. އަތުގައި ހުރި ފޮތްތައް ދޫވެ ވެރުނެވެ. ދެލޯ މަރާ ބާރުކޮށްލަމުން ތޫލި އަޑަކުން އަލައިކާ ހަޅޭއްލަވައިގެތެވެ. ބާރުގަދަ އަތަކުން އޭނާގެ އަތުގައި ހިފެހެއްޓިކަން އިހްސާސްކުރެވުމާއެކު އަލައިކާ ލޯ ހުޅުވާލިއެވެ. އޭނާ އަތުގައި ހިފަހައްޓައިގެން ހުރި ޒުވާނާ ފެނުމާއެކު އަލައިކާ ހިތުގެ ހިނގުންވެސް ނުހުއްޓުނީ ކިރިޔާއެވެ. ހިތްތެޅެން ފެށީ އެއެއްމިއެއް ބަލާފައެއްނޫނެވެ. ރީތިކަން ހުސްކޮށްގެން ހުރި އެޒުވާނާާ އަލައިކާއަށް ބަލާލާފައި ހިނިތުންވެލިއެވެ. ފުރަތަމަ ނަޒަރުންވެސް އަލައިކްގެ ހިތުގައި އެޒުވާނާ ބިންވަޅުނެގިގެން ދިޔައެވެ. އަލައިކާ ރީތިކޮށް ތެދުކޮށްފައި އެޒުވާނާ އަލައިކާގެ ފޮތްތައް ނަގައިދިނެވެ. “ހައި ޒެވިޔަން” އަލައިކާއަށް ފޮތްތައް ދިއްކޮށްލަމުން ޒެވިޔަން އަމިއްލައަށް ތައާރަފުވެލިއެވެ. ޒެވިޔަންގެ އަޑު އަލައިކާ ކަންފަތަށް އިވުނީ ލުއި މިއުޒިކެއް ފަދައިންނެވެ.އެހާ ފިރިހެންވަންތަ އަޑެއް މީގެ ކުރިން އަލައިކާ އަހާފައެއް ނުވެއެވެ. ޒެވިޔަންއަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި އަލައިކާއަށް ހުރެވުނެވެ.
**
އެދުވަސް އިއްޔެ ވީކަމެއްހެން އަލައިކާ ހަނދާނުގައި އެބަހުއްޓެވެ. ލޮލުން ކަރުނަ އަންނަކަން އެނގުނީ ބޯއަޅައިގެން އޮތް ބާލީސް ތެމުމުންނެވެ. ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލުމަށްފަހު އަލައިކާ އެނދުން ތެދުވިއެވެ.
ލެޕްޓޮޕުން އަލައިކާ ފޭސްބުކަށް ވަނީ އަލްޔަސްގެ އެކައުންޓް ހޯދާށެވެ. އަލްޔަސް ޖަހައިގެން ނުފެނުމުން އަލައިކާ އަލްޔަސް ކުޅޭ ޓީމުގެ ޕޭޖަށްވަނެވެ. އޭގެން އަލްޔަސް ޓެގްކޮށްފައި ހުރި ޕޯސްޓަކުން އަލްޔަސް އައިޑީ ހޯދައިގެން އަލްޔަސްއަށް ސޮރީ ޖަހާފައި މެސެޖެއް ފޮނުވާލިއެވެ.
**
ތާނިޔާއާ މެސެޖުން ވާހަކަ ދައްކަން އޮތް އަލްޔަސްއަށް މެސެންޖާއިން މެސެޖް ރިކުއެސްޓެއް އައުމުން ބަލާލިއެވެ. އަލައިކާ އަލް 01 ޖަހައިފައި އިން އެކައުންޓް ފެނުމުން އެއީ އަލައިކާކަން ވަގުތުން އަލްޔަސްއަށް އިނގުނެވެ. ވަގުތުން މެސެޖް ހުޅުވާފައި ބަލާލިއެވެ. އަލައިކާގެ ސޮރީއަަށް އިޓްސް އޯކޭ ޖަހާފައި އަލްޔަސް ރިޕްލައި ކުރިއެވެ.
އަލައިކާ ދެންފެށީ ރިޕޯޓް ލިއުމުގެ މަސައްކަތް ކުރާށެވެ. މާދަމާ އޮފީހަށް ދިއުމުގެ ކުރިން އެރިޕޯޓް ނިންމަން އަލައިކާ ބޭނުންވިއެވެ. ނުކައި ހުރުމުން އަލައިކާ ބަނޑުހައިވާން ފެށިއެވެ. މަޑުމަޑުން ކޮޓަރީ ދޮރުހުޅުވައިފައި ބަދިގެއަށް ގޮސް ހޫނު ކޮފީ ތަށްޓެއް ގިރައިގެން އެނބުރި އައިސް ކޮޓަރިއަށްވަނެވެ. ކޮފީ ބޮމުން އަލައިކާ ރިޕޯޓް ލިޔަމުން ދިޔައެވެ.
****
ފަތިހު ހޭލައިގެން އައިރާ އެންމެ ފުރަތަމަވެސް ބަލާލީ ފޯނެވެ. ޝާރިމްގެ އެތައް މެސެޖްތަކެއް އައިސްފައި ހުއްޓެވެ. އެއިން އެންމެ މެސެޖެއްވެސް ބަލައިނުލާ އައިރާ ހުރިހާ މެސެޖްތައް ޑިލީޓް ކުރިއެވެ. އެންމެ މެސެޖެއްވެސް ބެލިއްޖެނަމަ އެހިތުގެ ލަގަން އޭނާ އަތުން ދޫވާނެކަން އައިރާއަށް އެނގެއެވެ. ފޯނު އެނދުމައްޗަށް އެއްލާލުމަށްފަހު އައިރާ ގޮސް ފާޚާނައަށްވެނެވެ.
**
ރިޕޯޓް ލިޔަން އިނދެފައި ނިދުނީ ކިހާއިރަކުކަމެއްވެސް އަލައިކާއަކަށް ނޭންގެއެވެ. އޭނާއަށް ހޭލެވުނީ ކަރަށް ނާރެއް އަރައިގެންނެވެ. ރިޕޯޓް ލިޔަން އިނދެފައި މޭޒުގައި ބޯ އަޅައިގެން އޭނާއަށް ނިދުނީއެވެ. ކަނދުރާގައި އަތުން ފިރުމަމުން އަލައިކާ ތެދުވިއެވެ. ގަޑިން ފަސްގަޑިބައިވީކަން އެނގުމާއެކު ކަންނެއްގޮތަކަށް ގޮސް ފާޚާނައަށް ވަދެ ވުޟޫކޮށްގެން ނިކުތެވެ. ފަތިސް ނަމާދުކޮށްގެން މަޑެއްނުވެ އަލައިކާ އެނދަށް ވެއްޓިގަތެވެ. ހަތްގަޑި ބަޔަށް ފޯނު އެލާމަށްލާފައި އަނެއްކާވެސް ފުން ނިންޖެއް ތެރެއަށް އަލައިކާ ގެނބުނެވެ.
**
ޓެކްސީއިން ފޭބި ނަވާރް މަގު މައްޗަށް ނަޒަރެއް ހިންގާލިއެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު ފޮށި ދަމަމުން އެކުވެރިޔާގެ ގޭއެތެރެއަށް ވަންނަން ހިނގައިގަތެވެ.
ދީނާ ރަށުން އޯލެވެލްއާ ހަމައަށް ކިއެވުމަށްފަހު އޭލެވެލް ކިޔަވަން މާލެބަދަލުވިއެވެ. ރަށާ މާލޭގެ ފެންވަރު އެއްހަމައެއްގައި ހުރި ނަމަވެސް ދީނާގެ މައިންބަފައިން ބޭނުންވީ މާލެއިން ކިޔަވައިދޭށެވެ.
ހަގީގަތް އެނގުމާއެކު ނާފިއުމެންގޭ އެންމެ ސިކުންތަކުވެސް މަޑުކުރާކަށް ނަވާރް ބޭނުމެއްނުވިއެވެ. ދީނާއަށް ގުޅައިގެން އޭނާ މާލެ ދެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދުނެވެ. ހަމްދާ ނަވާރްއަށް ކުރާ އަނިޔާތަށް އެންމެ ގާތުން ދީނާއަށްވަނީ ފެނިފައެވެ. ދީނާއާއެކު މާލެދިއުމަށް ކުރިންވެސް ދީނާ ނަވާރް ގާތުން އެދުނެވެ. ނަމަވެސް މައިންބަފައިން ދޫކޮށްފައި ދާން ބޭނުންނުވާތީ ނަވާރް މަޑުކުރީއެވެ. ދީނާ ބައްޕަގެ ޚަރަދުގައި އެދުވަހުން ދުވަހަށް ނަވާރްއަށް ޓިކެޓު ހަމަޖައްސަދިނެވެ. ނާފިއުއާ ހަމްދާ ހޭލުމުގެ ކުރިން ނަވާރް ގެއިން ނުކުތެވެ. ހެނދުނު ހައެއްގެ ފްލައިޓުން ފުރައިގެން އޭނާ މާލެއައީއެވެ.
ގެއަށް ވަންނަ ދޮރު ބަންދުކޮށްފައި ހުރުމުން ނަވާރް ދޮރުގައި ލެގިލައިގެން ދީނާއަށް ގުޅާލިއެވެ. ދީނާ ތިރިއަށް އެބަދަމޭ ބުނުމުން ފޯނު ކަނޑާލައިފައި ދޮރުގައި ލެގިލައިގެން ހަމަޖެހިލައިފައި ނަވާރް އިނެވެ.

ހަތެއް ޖަހާއިރު ޕްރެކްޓިސްއަށް ދާން ނުކުތް ޔޫސުފް ދުވަމުން ކަހަލަ ގޮތަކަށް ދިއައީ ގަޑިޖެހޭތީއެވެ. ގަޑިޖެހިގެން ޕްރެކްޓިސްއަށް ދިއުމަކީ ކޯޗު މާ ހިތްހަމަޖެހޭ ކަމެއް ނޫނެވެ. ދުވަމުން ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް ޔޫސުފް ކާޑު ޖަހައިފައި ނިކަން ބާރަށް ދޮރުހުޅުވިއެވެ.
އެތެރެއިން ދޮރު ހުޅުވުމާއެކު ނުވިސްނާ އިން ނަވާރް އަރި އަޅައިލިއެވެ. ނިކުންނަން އައި މީހާ ގައިގައި ޖެހިގައި ދެމީހުންއެކީ ބިންމައްޗަށް ވެއްޓުނެވެ.
ބުރަކަށްޓަށް އެރި ތަދާއެކީ ޔޫސުފްގެ އަނގައިން މަޑު އާހެއްގެ އަޑު ނުކުތެވެ. އެއޮށް ލަސްވެގެން އުޅެނިކޮށް އެލިބުނީ އަނެއް ލަނޑެވެ.
ނަވާރްގެ މޫނު ޔޫސުފްގެ މޭމަތީ ޖެހުމާއެކު ތަދުވެސްވިއެވެ. ނަވާރް ހަލުވި ކަމާއެކު ޔޫސުފް ގައިމަތިން ތެދުވެ މާފަށް އެދުނެވެ. ޔޫސުފްއަށް ނަވާރްގެ މޫނު ފެނުމާއެކު އެއީ އެރަށުން އޭނާ ގައިގައި ޖެހިފައި ވެއްޓުނު ކުއްޖާކަން ވަގުތުން އިނގުނެވެ. އުނދަގޫ ގޮތަކަށް ޔޫސުފް ތެދުވެފައި ނަވާރްއަށް ލޯއަޅާލިއެވެ. “މީ ހަމަ އެކުއްޖާ ރަނގަޅަށްވެސް މަށާ އަޅައިގަނެފަ” ހިތާހިތުން ބުނެލަމުން ޔޫސުފް ނުކުމެގެން ދިޔައެވެ. ދޮރު ލެއްޕުމުގެ ކުރިން ނަވާރް ފޮށި ދަމަމުން އެތެރެއަށް ވެއްދިއެވެ. އޭރު ދީނާ ދުވަމުން އާދެއެވެ. “ނަވާ” ދީނާ އައި ގޮތަށް އައިސް ނަވާރް ގައިގައި ބައްދާލިއެވެ. ނަވާރް އަތުން ފޮށި އަތުލާފައި ދީނާ ލިފްޓާ ދިމާއަށް ހިނގައިގަތެވެ. ދީނާ ފަހަތުން ނަވާރްވެސް ދިޔައެވެ.

ނަވާރް ދީނާމެން އުޅޭ އެޕާޓްމެންޓަށް ދިޔައިރު ދީނާގެ މަންމަހުރީ ސައި ތައްޔާރުކޮށްފައެވެ. ނަވާރް ފެނުމުން ހިތްހެޔޮކަމާއެކު ސައިބޯން އަންނަން އެދުނެވެ. ދީނާ ނަވާރް އަތުގައި ހިފައި ދަމަމުން ގެންގޮސް ސައިބޯން އެރުވިއެވެ. މަސްހުންނާ ރޮށްޓާ ކުޅި ރިހާކުރާ ރިހަ ހުއްޓެވެ. ދީނާ ނަވާރްގެ ތަށްޓަށް މަސްހުނި އަޅައިދީފައި ދެރޮށި ލައިދިނެވެ. އެކުވެރިޔާގެ ހެޔޮކަން ފެނިފައި ނަވާރްގެ ދެލޯ ފެންކަޅިވިއެވެ. ދީނާއަށްް ފެނުމުގެ ކުރިން ކަރުނަތައް ހިންދާލުމަށްފަހު ނަވާރް ކެއުމައިގެން އަވަސްވިއެވެ.

އެލާމްކޮށްގެން އޮއްވައިވެސް އަލައިކާއަށް ހޭލެވުނީ އަށެއްޖެހި ފަހުންނެވެ. އަށްގަޑި ބައިވާއިރަށް ދާންޖެހެއެވެ. ފުންމައިގެން އެނދުން ތެދުވެ ފާޚާނައާ ދިމާއަށް ދުއްވައިގަތެވެ. ނިކަން އަވަސްކޮށްލައިގެން ފަނަރަ މިނެޓުތެރޭ އަލައިކާ ތައްޔާރުވެގެން ނުކުތެވެ. އިޝްްމާ ސައިބޯން އަންނާށޭ ބުނުމުންވެސް ގަޑިޖެހެނީ ކަމަށްބުނެ ދުވެފައި ގެއިން ނުކުތެވެ.
މަގުމަތީގައިވެސް އަލައިކާ ދިޔައީ ދުވަމުން ކަހަލަ ގޮތަކަށެވެ. އޮފީސް ހުންނަ މަގަށް އެޅާފައި ހަމަޖެހުމުގެ ނޭވައެއް ދޫކޮށްފައި ނިކަން ބާރަަށް ހިނގައިގަތެވެ. ނަސީބަކުން އަށްގަޑިބައި ވާންވާއިރަށް ފިންގާ ޖަހެނުވެ. އަލައިކާ އޭނާގެ ޑެސްްކްގައި ސާމާނުތައް ބެހެއްޓުމަށްފަހު ޓެބްލެޓް ހިފައިގެން ޔޫއާން ގާތަށް ދިޔައެވެ. އޭނާ ނުނިދައި ިއިނދެގެން ލިއުނު ރިޕޯޓް ޔޫއާންއަށް ދެއްކިއެވެ. “ގެސް ވަޓް. އައި މެޓް އަލްޔަސް ލާސްޓް ނައިޓް!” ގޮނޑީގައި އިށީންނަމުން ފޮނިވެގައި އަލައިކާ ބުންޏެވެ. ޔޫއާން ހޫން އަޅުވާފައި އަލައިކާ ލިޔުނު ރިޕޯޓް ކިޔަންފެށިއެވެ. “ހޫމްހޫމް ވަރަށް ފައްކާ މި ރިޕޯޓް. ދެން ކުރަންވީ ކަމަކީ އަލްޔަސްގެ އިންޓަވިއުއެއް ނަގަންވީ! އެކަން ވާނެތަ!” އެރިޕޯޓް ކިޔާ ނިންމާފައި ޔޫއާން ބުންޏެވެ. އަލައިކާ އާއެކޭ ބުނެފައި އިންޓަވިއު ނަގަންވީ ކޮންދުވަހަކަށްތޯ އެހިއެވެ. ކުރިއަށް އޮތް މެޗުދުވަސްތަކުގެ ކުރިންނޭ ބުނުމުން އެންމެ ރަނގަޅުކަމަަށް ބުނެފައި އަލައިކާ އޭނާގެ ޑެސްކަށް ދިޔައެވެ.

ޕްރެކްޓިސް ނިންމާފައި ގެއަށް އައި އަލްޔަސްގެ ހަމަޖެހުން ނަގާލީ އޭނާގެ ބައްޕަގެ ނަފްރަތުގެ ބަސްތައް އަޑުއިވުމުންނެވެ. އަލްޔަސް ފުޓުބޯޅަ ކުޅޭތި އޭނާގެ ބައްޕަ އެކަމާ ނުރުހެއެވެ. ވިލްދާން ބޭނުންވީ އަލްޔަސް މޮޅު ޑޮކްޓަރަކަށް ވާށެވެ. އެހެނަސް އޭނާގެ އެހުވަފެން ބޮލާލާ ޖެހުމަށްފަހު އަލްޔަސް އިޚްތިޔާރު ކުރީ ފުޓުބޯޅައެވެ. އެކަމާހެދި ވިލްދާން ހުންނަނީ އަލްޔަސްދެކެ ރުޅި އައިސްފައެވެ. އަލްޔަސް ކުޅެން ފެށިފަހުން އަލްޔަސްއާ ރީއްޗަށް އަނގައިން ބުނުމަކީ ވިލްދާން ކުރާކަމެއްނޫނެވެ. އެއާ ޚިލާފަށް އަލްޔަސްގެ މަންމަ ޝިއުރާ އޭނާއަށް ހިތްވަރުދެއެވެ. ބައްޕަ ނުރުހުނަސް މަންމަގެ ހިތްވަރާ އެއްބާރުލުން އަބަދުވެސް އަލްޔަސްއަށް ލިބެއެވެ. މިއަދުވެސް ބައްޕަ ނުރުހިފައި އަލްޔަސްއާ ދިމާއަށް އެއްޗެކޭ ބުނުމުން މަންމަ އައިސް ހިއްވަރުދިނެވެ. އަލްޔަސްވެސް އެކަމާ މާބޮޑަށް އަޅާނުލާ ފެންވަރައިގެން ބޭރަށް ދާން ނުކުތެވެ. ތާނިޔާގެ ރިކޯޑިންއަށް ދިހައެއް ޖަހާއިރު ދާންޖެހެއެވެ. ގިނަލަވަތައް ތާނިޔާ ރިކޯޑްކުރާއިރު އެތަނުގައި އަލްޔަސް ހުރެއެވެ. އެއީ އަލްޔަސްއަށް ލިބޭ އުފަލެކެވެ. އެނާއެކޭ އެއްވަރަށް ތާނިޔާ ތާނިޔާގެ ދާއިރާގައި ކުރިއަރަން އަލްޔަސް ބޭނުމެވެ.
***
ނަވާރްގެ ޚަބަރެއް ނުވުމުން ކުދި ކިޔަމުން ނަމަވެސް ހަމްދާ ގޮސް ނަވާރް ކޮޓަރީ ދޮރުގައި ތަޅައިގެތެވެ. ފަސް މިނެޓު ތެޅިއިރުވެސް ނަވާރްގެ ޚަބަރެއް ނުވުމުން ހަމްދާ ހިތުތެރޭގައި ބިރުވެރިކަން އުފެދުނެވެ. ދޮރު ތަޅުގައި ހިފިއިރު ތަޅުނުލައި ހުރުމުން ހަމްދާ އެތެރެއަށްވަނަވެ. ނަވާރްގެ ހިލަމެއް ކޮޓަރިން ނުވުމުން ފާޚާނަ ބެލިއެވެ. ފާޚާނާގައިވެސް ނެތުމުން ހަމްދާ ގެއެެއްކޮށް ނަވާރް ކޮބައިތޯ ބެލިއެވެ.
ހަމްދާ މާވަރަކަށް ނަވާރްއަށް ގޮވާތީ ވީ ކިހިނެއްތޯ ބަލަން ނާފިއު ނުކުތެވެ. “މިހާރު ކިހިނެއްވީ؟” ނުރުހިފައި ނާފިއު އެހުމުން ނަވާރް ކޮޓަރީގައި ނެތްކަމަށް ހަމްދާ ބުންޏެވެ. ނާފިއު ކީކޭހޭ ކިޔާ ގޮސް ނަވާރް ކޮޓަރިތެރެ ބެލިއެވެ. ޑްރެސިންޓޭބަލް މަތީ ބާއްވާފައި އޮތް ގަނޑުކޮޅު ނާފިއު ލޮލުގައި އަޅައިގަތެވެ. “މިހާ ދުވަސް ވަންދެކަށް ގެއިން ނެރެނުލާ ބަލާ ދިނީތީވެ ވަރަށް ބޮޑަށް ޝުކުރިއްޔާ. ހުރިހާ ހަގީގަތެއްވެސް އެނގިއްޖެ. އަމިއްލަ މައިންބަފައިން ކަމަށް މިއޮށް ހުރިހާ ދުވަހު ހީކޮށްގެން މިއުޅެވުނީ މަންމައާ ބައްޕަ ނޫންކަން އެނގިއްޖެ. އިތުރަށް ގޭގައި ހުންނާނެހާ ހިތްވަރެއްނެތް. އެދުމަކީ ބައްޕަ އަޅުގަނޑު ހޯދަން ނޫޅުން. ކޮންމެތާކު ހުރިނަމަީވެސް އަޅުގަނޑު މިހިރީ ހެޔޮ ހާލުގައެވެ.
-ނަވާރް-”
ގަނޑުކޮޅު ކިޔާ ނިމުމަށްފަހު ރުޅިވެރި ނަޒަރަކުން ނާފިއު ހަމްދާއަށް ބަލާލިއެވެ. “ކަލޭ އެންމެ ފަހުން ބުނީދޯ!” ދުވަހަކުވެސް ހަޅޭއްނުލަވާހާ ބާރަށް ނާފިއު ހަޅޭއްލަވައިގަތެވެ. ހަމްދާ ބިރުން ހުރެ ދެފަރާތަށް ބޯހޫރާލިއެވެ. ދޮރުފަތުގައި ގޮށް މުށުން ޖަހާފައި ނާފިއު ހަލުވިކަމާއެކު ގޭންނުކުންނަން ދިޔައެވެ.

ނަވާރްއާއި ދީނާ ތިބީ ދީނާމެން ކޮޓަރީގައެވެ. ނަވާރް ފޮށިން އަންނައުނުތައް ނަގައި އަލަމާރިއަށް ލާން ދީނާވެސް އެހީވަމުން ދިޔައެވެ. “ދީނާ. މަށަކަށް ނޭންގެ ދީނާއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް” އެނދުގައި އިށީންދެފައި ނަވާރް ބުންޏެވެ. އެއީ އެއްވެސް ކަމެއް ނޫންކަމަށް ދީނާ ބުނެލިއެވެ. “އަހަރެންގެ އަސްލު މަންމައާ ބައްޕަ ހޯދަން ދީނާ ހެލްޕް ވެދޭނަން ދޯ!” ދީނާ އަތުގައި ހިފާލަމުން ނަވާރް ބުންޏެވެ. “އޮފް ކޯސް ނަވާ. އަހަރެންނަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ނަވާއަށް ވެދޭނަން” ދީނާ ޔަގީންކަން ދިނެވެ. ޝުކުރުގެ ލޮލަކުން ދީނާއަށް ބަލާލަމުން ނަވާރް ހިނިތުންވެލިއެވެ.

ބަނޑުހައިވެފައި ހުރުމުން ބާރަޖެހީމާ ގެއަށް ދާން އަލައިކާ ނުކުތެވެ. އަލައިކާ ސިއްސައިގެން ދިޔައީ އޮފީސް ދޮރުމަތީ ސައިކަލުގައި މަޑުކޮށްގެން ހުރި އަލްޔަސް ފެނުމުންނެވެ. “އަލްޔަސް؟ މިތާ ކީއްކުރަނީ؟” އަލައިކާ އަލްޔަސް ގާތަށް ގޮސް އަހާލިއެވެ. “އޯ ހެއި އަލައިކާ. މިތާ ކުރިމަތީ އިންގެއަށް ކުއްޖެއް ލާން އައިސަ ނުގޮސް މިހިރީ! މިތަނުގަތަ އަލައިކާ ވޯކްކުރަނީ؟” ކުރިމަތީގައި ހުރި ތަނަށް އިޝާރާތް ކުރަމުން އަލްޔަސް އަހާލިއެވެ. އަލައިކާ ބޯޖަހާލަމުމް ހިނިތިންވެލިއެވެ. “ހީވާ ގޮތުން ބްރޭކްއަށް ތިދަނީ! ލިފްޓެއް ދެންތަ؟ ނޫނީ އަހަންނާއެކު ކާންދާން ވީނު؟” އަލްޔަސްގެ ދައުވަތު ގަބޫލުކޮށް އަލްޔަސްއާ އެއްކޮށް މެންދުރުކާންދާން އަލައިކާ އެއްބަސްވިއެވެ. ޖެހިލުންވެފައި އިން ނަމަވެސް އަލްޔަސް ފަހަތަށް އަލައިކާ އެރިއެވެ.

އަލްޔަސް ގޮސް މަޑުކޮށްލީ އަލައިކާ އޮފީހާ މާދުރުނޫން ރެސްޓޯރަންޓެއް ކުރިމަތީގައެވެ. އަލައިކާ ފޭބުމާއެކު އަލްޔަސް ސައިކަލު ޕާކުކޮށްފައި އައެވެ. ދެޒުވާނުން އެކީ ގޮސް ރެސްޓޯރަންޓަށްވަނެވެ. “މިއަދުވެސް ފިލާނީކީ ނޫން އިނގޭ” ލާނެއް ގޮތަކަށް އަލްޔަސް ބުނެލިއެވެ. ހިނިތުންވެލަމުން އަލައިކާ ބޯޖަހާލިއެވެ. މާގިނަ ވާހަކަތަކެއް އެދެމެދުގައި ނުދެކެވުނު ނަމަވެސް ދެޒުވާނުން އެކުވެރިންނަށް ވިއެވެ. އަލްޔަސްގެ އިންޓަވިއުއެއް ނަގަން ބޭނުންވާ ވާހަކަ ބުނުމުން އަލްޔަސް އެއްބަސްވިއެވެ. ވަކިދުވަހެއް ހަމަޖައްސާފައި ބުނާނެކަމަށް އަލައިކާ ބުނުމުން އަލްޔަސް އެންމެ ރަނގަޅޭ ބުންޏެވެ. ބްރޭކްނިމެން ވާއިރަށް އަލްޔަސް އަލައިކާ އޮފީހަށްވެސް ލައިދިނެވެ.

އައިރާ ބޭރަށް ނުކުތީ އިސްރާ ބުނެގެން އެއްޗެއް ގަންނަން ފިހާރައަށް ދާށެވެ. މީހުން މަދު ގޯޅިއަކަށް އައިރާ އެޅިތަނުން އޭނާގެ އަތުގައި މީހަކު ބާރަށް ހިފައި ދަމައިގަތެވެ. އައިރާ ހަޅޭއްލަވައިގަންނަން ކުރި މަސައްކަތް ބޭކާރުވީ އެމީހަކު އައިރާ އަނގަމަތީ ބާރަށް އަތްއެޅުމުންނެވެ.
ނުނިމޭ

12

Kiyara

A girl who loves to read and write stories. You can contact me via email [email protected]

You may also like...

5 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Salam all. This might be the last part i upload before November 13. Hope all the readers enjoy reading this part. This part is longer than other episodes. I wud like to thank all the readers for their love and support
    -Kiyara-

    ⚠Report!

Leave a Reply

Your email address will not be published.