ރާސްތާ2 ހަވަނަބައި
އައިރާ ބޭރަށް ނުކުތީ އިސްރާ ބުނެގެން އެއްޗެއް ގަންނަން ފިހާރައަށް ދާށެވެ. މީހުން މަދު ގޯޅިއަކަށް އައިރާ އެޅިތަނުން އޭނާގެ އަތުގައި މީހަކު ބާރަށް ހިފައި ދަމައިގަތެވެ. އައިރާ ހަޅޭއްލަވައިގަންނަން ކުރި މަސައްކަތް ބޭކާރުވީ އެމީހަކު އައިރާ އަނގަމަތީ ބާރަށް އަތްއެޅުމުންނެވެ.
އެމީހަކި އައިރާ ދަމަމުން ގޮސް ވެއްދީ ހަދަން ފަށާފައި ހުރި އިމާރާތެއްގެ ތެރެއަށެވެ. އައިރާ ގަދަ ހަދާފައި އެމީހެއްގެ އަތުން ވީއްލެންް މަސައްކަތް ކުރަމުން ދިޔައެވެ. އެހެން އުޅުމުގެ ތެރެއިން އޭނާގެ މުޅި ގަޔަށްވެސް ތަދުވާން ފެށިއެވެ. މުޅި ކުއްޖާ ބިރުން ތުރުތުރު އަޅާ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. އެމީހަކު އައިރާ އެތަނަށް ވައްދާފައި ބިން މައްޗަށް ހޫރާލިއެވެ. ހަމަ އެކަނި ތަޅުން އަޅާފައިވާ އެތަނުގައި އައިރާ ގޮސް ގުޅައަކަށް ޖެހުނެވެ. ފައިންނާ އަތުން ނަގައިގަތް ދިލައިން ބާރަކަށް އައިރާއަށް ރޮއެގަނެވުނެވެ.
“ސޮރީ ލޯބި. ތަދުވީތަ؟ ލޯބި އަހަރެން ގުޅީމަ ފޯނު ނަގާފަ މެސެޖަށް ރިޕްލައި ކުރިނަމަ މިހެންނެއް ނުވީސްއެއްނު. ބޭބީއަށް އެނގެއެއްނު އަހަރެން ރުޅި އައިސިއްޔާމުން މިހެން ވާނެކަން! ދެން ކީއްވެ އަހަރެން ރުޅި އަރުވަނީ!” އައިރާއާ އެއްވަރަށް ގުދުވަމުން މޮޔައެއްހެން ޝާރިން ބުންޏެވެ. ޝާރިމް ފެނުމާއެކު އައިރާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާނީއެއް ދުވެލިއެވެ. ދެލޯ ބޮޑުކުރަމުން އޭނާ ފަހަތަށް ޖެހިލިއެވެ. ބިރާއެކު އެހިތުގައި ޝާރިމްއަށްޓަކައި ވީ ލޯބިވެސް އުތުރި އަރަން ފެށިއެވެ. ހުރިހާ ޖަޒުބާތެއް އެކުވެގެން އައިރާއަށް ރޮވެންފެށުނެވެ. އޭނާ ސަލާމަތްކޮށް ދެއްވުމަށް އެދި ހިތާހިތުން ދުޢާކުރެވެން ފެށުނެވެ. “ބޭބް ނުރޮއެ. އަހަރެން ވަރަށް ދެރަވީ ލޯބި ތިހެން ރޯތަން ފެނުނީމަ. ޝްޝްޝް” ޝާރިމް އައިރާ ގެނަސް އޭނާ ގަޔާ ލާ ބޮނޑިކޮށްލިއިރު ހީވަނީ އޭނާއަށް ވުރެ އައިރާދެކެ ލޯބިވާ މީހަކު މިދުނިޔޭގައިވެސް ނުވާ ހެންނެވެ. އައިރާ އޭނާގެ ދެއަތް ޝާރިމް ގައިގައި ވަށާލިއެވެ. ޝާރިމް ފެނުމާއެކު މިފަހަރުވެސް އޭނާގެ ހިތް އޭގެ މަޤާމުދޫކޮށް ގޮސްފިއެވެ. “އައި އޭމް ސޮރީ ޝާރިމް” އެއްވެސް ކުށެއް ނެތް ކަމުގައި ވިއަސް އައިރް ޝާރިމްގެ ކިބައިިން މާފަށް އެދުނެވެ. “އެއީ އެވަރު ކަމެއް ނޫނޭ. ސޯ ވީއަރ ޓުގެދާރ؟” އައިރާ ބޯޖަހާލަމުން އިތުރަށް ޝާރިމް މޭތެރޭގައި ބޮނޑުވެލިއެވެ. ޝާރިމް އައިރާއަށް ޖެއްސީ ކޮންފަދަ ޖާދޫއެއް ކަމެއްވެސް ނޭންގެވެ.
ދީނާ ހުއްޓާނުލާ ހިނގާލަން ދާން ކިއުމުން ނަވާރް ހިނގާލަން ދާން އެއްބަސްވިއެވެ. ފެންވަރައިގެން ނުކުމެ އާދައިގެ ގޮތަކަށް ތައްޔާރުވެލައިގެން ދެކުދިންއެކީ ނުކުންނަމުން ދީނާ މަންމައަށް ގޮވާފައި ބޭރަށް ދާ ވާހަކަ ބުނެލިއެވެ.
ދެކުދިން ލިފްޓަށް އަރާފައި ފިތަށް އޮބާލުމާއެކު ލިފްޓް ލެއްޕެން ދިޔައެވެ. އޭރު މަތިން ތިރިއަށް ސިޑިން ފައިބައިގެން އައި ޒުވާނަކު ދުވަމުން ކަހަލަ ގޮތަކަށް ލެއްޕެމުން ދިޔަ ލިފްޓަށް ވަންނަށް އައެވެ.
ދުވެފައި ލިފްޓްތެރެއަށް ދެމިގަތް ޔާޒް ފުންނޭވައެއް ދޫކޮށްލިއެވެ. އިސްތަށިގަނޑުން މޫނަށް ވެއްޓިފައި އޮތްބައި އަތުން ރީތިކޮށްލިއެވެ. އެއަށްފަހު ލިފްޓްތެރޭގައި ތިބި ދެކުދިންނަށް ބަލާލިއެވެ.
ރަތްކުލައިގެ ޝޯލްއަކާ ކަޅުހެދުމެއް ލައިގެން އިސްޖަހައިގެން އިން ނަވާރް ފެނި ޔާޒްއަށް ސިހުމެއް ލިބުނެވެ. އެސޫރަ ފެނޭތޯ އޭނާގެ ހިތްބޭގަރާރުވަމުން ދިޔަ ސޫރަ ފެނުމުން ވާނީވެސް އެހެންނޫން ހެއްޔެވެ. ލިފްޓްތެރޭ އިތުރު ކުއްޖެއް އިންކަންވެސް ޔާޒް ހަނދާންނެތުނެވެ. ކަޅިވެސް ޖަހާނުލާ ނަވާރްއަށް ބަލަހައްޓައިގެން ހެވިފައި އިނދެވުނެވެ.
ތިރިއަށް ލިފްޓް ހުއްޓުމާއެކު ނަވާރްއާ ދީނާ ނިކުތެވެ. އޭރުވެސް ޔާޒްއަށް ހުއްޓުން އަރާފައި ލިފްޓުން ނުކުންނަންވެސް ނޭންގިފައި ހުރެވުނެވެ.
“އެހެމް އެހެމް ބްރޯ” ޔާޒްއަށް ހަމަހޭވެރިކަން ވީ އަލައިކާގެ އަޑުއިވުމުންނެވެ. ލާނެއް ގޮތަކަށް ހީލައިގެން އަލައިކާ
އިނެވެ. ޔާޒް ރަކިވެގެން އިސްތަށިގަނޑު ތެރެއަށް އަތް މަހާލިއެވެ. “ނުނިކުންނަންތަ ތިހުންނަނީ؟” ޔާޒް ހުރި ފިޔަވަޅުމަތީ ހުއްޓިގެން ހުރުމުން އަލައިކާ އަހާލިއެވެ. އޯހްއޭ ކިޔާ ޔާޒް ލިފްޓުން ނުކުތެވެ. އޭނާދިޔައީ ބޯ ކަހަމުން ކަހަމުންނެވެ.
ގެއިން ނުކުތްގޮތަށް ރާގަކަށް ދީނާ ނަވާރްއަށް ގޮވާލިއެވެ. ކިހިނެއްްވީހޭ އަހާކަހަލަ ގޮތަކަށް ނަވާރް ބަލާލުމާއެކު ދީނާ ހޭންފެށިއެވެ. “ހުހު. ނޭންގޭކަމަށްވެސް ހާދަ މޮޅޭ. ޔާޒް ކަޅިވެސް ޖަހާނުލައި ހުރީ ނަވާއަށް ބަލަން. ހީވަނީ ދީވާނާއެއްހެން” ދީނާ ލާނެއް ގޮތަކަށް ބުނެލިއެވެ. ނަވާރް ސާބަހޭ ކިޔާ ދީނާ އަތުގައި ބޮނޑިއެއް އަޅާލިއެވެ. ނުވާކަމަކަށް ހެދިގެން ހުއްޓަސް ހަގީގަތުގައި ނަވާރްގެ ހިތް ނޭންގޭ ބާރު މިނެއްގައި ތެޅެމުން ދިޔައެވެ. ލިފްޓް ތެރޭގައި އިންއިރު އޭނާ އިސްޖަހައިގެން ހުރީވެސް ޔާޒްގެ ތޫނު ނަޒަރުން ސަލާމާތްވުމަށެވެ. އެއީ ރަށުން ފެނުނު ނުދަންނަ ޒުވާނާކަން ޔާޒް ފެނުމާއެކު ނަވާރްއަށް އެނގުނެވެ. “ޔާޒް” ހިތާހިތުން ޔާޒްގެ ނަން ކިޔާލަމުން ނަވާރް ހިނިތުންވެލިއެވެ.
***
އަލައިކާ އޮފީހުން އައިސް ފެންވަރައިގެން ދިޔައީ މާނީ ގާތަށެވެ. ބައެއް ފަހަރު އޮފީސް މަސައްކަތް ކުރަން މާނީގެ އެހީ އަލައިކާ ހޯދައެވެ. މިންހާވެސް ނެތުމާއެކު މާނީ ހުރީ ފޫހިވެސްވެފައެވެ. އަލައިކާއަށް ހަދަންވީ ގޮތް ކިޔާދީފައި މާނީ ސައިހެދިއެވެ. ސައިހަދާފައި އަލައިކާއަށް ގޮވާފައި ސައިބޯން އެރުވިއެވެ.
ސައިބުއިގަޑީ
އަލްޔަސްގެ ވާހަކަ އަލައިކާ މާނީއަށް ކިޔާދިނެވެ. ނުހަނު ޖޯޝާފޯރީގައި އަލްޔަސްގެ ވާހަކަ ދައްކަމުން އަލައިކާ ދިޔައެވެ. އަލްޔަސްގެ ނަން ކިޔާއިރު އަލައިކާ ލޯބިގޮތަކަށް ހިނިތުންވެލައެވެ. ހިނިއައިސްފައި މާނީ ބަލަން އިން ގޮތުން އަލައިކާ ވާހަކަދެއްކުން ހުއްޓާލާފައި ކިހިނެއްވީތޯ އަހާލިއެވެ. “ކަމެއްނުވެ. އަލްކޮ އެކުއްޖާދެކެ ލައިކްވޭދޯ!” މާނީ އެހެން ބުނުމާއެކު އަލައިކާ ދެލޯ ބޮޑުކޮށްފައި ދަމާލަމުން ނޯއޭ ބުންޏެވެ. “އެކަމް ދޮންތިއަށް ހާދަ ހީވެއޭ އަލްކޮ އެކުއްޖާދެކެ ލައިކް ވާހެން. އާންމުކޮށް ލައިކް ވީމަ ނުޖެހެން އުޅޭނީ!” އަލައިކާ ދެންވެސް ނޫނެކޭ ބުނެފައި ދޮންތިއަށް އެޔެއް ކިހިނެއްގޭ އިނގެނީ ބުންޏެވެ.
“އެއީ ދޮންތިވެސް ކުޑައިރު އުޅުނު ގޮތް. އެހެންވެ” ފަހަތުން އިވުނީ އާރާޝްގެ އަޑެވެ. ލާނެއް ގޮތަކަށް މާނީއާ ދިމާލަށް އެއްލޯމަރާމުން އާރާޝް އިށީނެވެ. އަލައިކާ އޯވްއޭ ބުނުމާއެކު މާނީގެ މޫނު އެކީ ރަތްވެގެން ދިޔައެވެ. “ދޮންތި އިށް ބްލަޝިން އޯނނ” އަލައިކާ މަޖާވެލާފައި ބުންޏެވެ. މާނީއާ އާރާޝް އެއްފަހަރާ ހީލިއެވެ.
މާނީމެން ބައިގައި އުޅެފައި އަލައިކާ އެނބުރި އައީ މަޣްރިބަށް ގޮވުމުންނެވެ. މަޣްރިބް ނަމާދުކޮށްގެން އިޝާ ނަމާދަށް ގޮވަން ދެކަށް ކިޔަވަން އަލައިކާ އިނެވެ. އިޝާއަށް ގޮވުމުން އިޝާނަމާދުކޮށްގެން އަލައިކާ ފޯނު ހިފައިގެން އެނދަށް އެރިއެވެ. ފޯނުން ފޭސްބުކް ހާވަނިކޮށް އަލްޔަސް ގެ ޕޯސްޓެއް ފެނުމާއެކު އަލައިކާއަށް ހުއްޓެވުނެވެ. މާނީ ދެއްކި ވާހަކަ ސިކުނޑިއަށް ވެރިވިއެވެ. އަލައިކާއަށް އަލްޔަސްގެ ފޮޓޮއަށް ބަލަހައްޓައިގެން އިނދެވުނެވެ. އަލްޔަސް ހެޓްރިކް ހަދާފައި އުފާފާޅު ކުރަނިކޮށް ނަގާފައި ހުރި ފޮޓޮއެކެވެ. ގަދަނޫކުލައާ ހުދު އެކުލެވޭ ޖާޒީގައި އަލްޔަސް ފެންނަލެއް ނުހަނު ހިތްގައިމެވެ. އިސްތަށިގަނޑު ނިއްކުރި މައްްޗަށް ވެއްޓިފައި ހުރުމުން ފެންނަނީ ވަރަށް މައުސޫމްކޮށެވެ. އަލްޔަސް ކޯނަރު ދަނޑި ކައިރީ މަޑުކޮށްލައިގެން ސަޕޯޓަރުންނާ ދިމާއަށް އަތުން ހިތެއް ހަދައިގެން ހުއްޓެވެ. އަލްޔަސް ކިތަންމެ ހިތްގައިމުކޮށް ފެނުނު ނަމާވެސް އަލައިކާގެ ކަޅި ހުއްޓިފައި ހުރީ ފަހަތުން އަލްޔަސް ކަރުގައި އެލިގަނެގެން ހަޅޭއްލަވަން އޮތް ޒެވިޔަން އަށެވެ. ޒެވިޔަންގެ ފަން އިސްތަށިގަނޑު އެއްފަރާތަކަށް ސްޓައިލްކޮށްފައި ހުއްޓެވެ. ރީތިވަރަކަށް ބަހައްޓާފައި ހުރި ތުނބުޅީގެ ސަބަބުން އަލްޔަސްއަށްވުރެ ހަރު ވައްތަރު ޒެވިޔަން ޖަހައެވެ. ޒެވިޔަންގެ މޫނުމަތި ޖޯޝާފޯރި ފެންނަމުން ދިޔައެވެ. އެލޮލުގައި ތަފާތު ވިދުމެއްވިއެވެ.
އަލައިކާގެ ލޮލުން ވެއްޓުނު ކަރުނަތިކި ގޮސް ޖެހުނީ ފޯނު ސްކްރީނުން ފެންނަމުން ދިޔަ އަލްޔަސްގެ ލޮލުގައެވެ. އަލައިކާ އަތުގެ ނުފުށުން ލޯ ފުހެލާފައި ހެދުމުން ސްކްރީން ފުހެލިއެވެ. އެއަށްފަހު އެނދުމައްޗަށް ފޯނު އެއްލާލާފައި އެނދަށް ވެއްޓިގަތެވެ. އޭނާ އަލްޔަސްއާ ގަޔާވާ ކަމަށް މާނީ ބުންޏަސް އަލައިކާ ހިތުން އެކަންތައް ދޮގު ކުރިއެވެ. އަލްޔަސް ކީއްހެއްޔެވެ! އެއްވެސް ފިރިހިނެކަށް އެނާގެ ހިތުން ދެން ޖާގައެއް ނުދެވޭނެއެވެ. ލޮތްބަކީ އޭނާ ނަފްރަތް ކުރާ އެއްޗަކަށްވަނީ ވެފައެވެ. ހަގީގީ ލޮތްބަކީ ހަމައެކަނި ވާހަކަތަކުންނާއި ފިލްމުތަކުން ފެންނަ އެއްޗެކެވެ. ހަގީގީ ދިރިއިޅުމުގައި ލޮތްބަކީ ނެތް އެއްޗެކެވެ. މީހެއްދެކެ ލޯބި ވެއްޖެނަމަ އެއީ އެމީހެއްގެ ހަލާކުކަމަށް އަލައިކާއަށް ވަނީ ޤަބޫލުކުރެވިފައެވެ. ލޯބީގެ ނަމުގައި އެންމެ ގާތްކޮށް އުޅޭ އައިރާ ތަހައްމަލުކުރި ކަންތައް އަލައިކާ ވަނީ ލޮލުން ދެކިފައެވެ. ޔާޒްއާ ޔޫސުފް އައިރާއަށާ އަލައިކާއަށް ކިތަންމެ ރަނގަޅަށް ކަންތައް ކޮށްދިންނަމެވެސް އެހެން އަންހެން ކުދިންނާ އެކުދިންގެ އިހްސާސްތަކަށް ޤަދަރު ނުކުރާކަން އެންމެ ގާތުން ފެންނަނީ އަލައިކާއަށެވެ. ކުރިން އޭނާގެ ޤަބޫލު ކުރި ގޮތުގައި ހުރިހާ ފިރިހެނުންނަކީ އެއްކަހަކަ ބައެއް ނޫނެވެ. އެހެނަސް އޭނާގެ އެހީ ކުރުން ޒެވިޔަންގެ ސަބަބުން މުޅިން ދޮގު ކުރެވިއްޖެއެވެ. ލޮތްބާއި ލޯބިވެރިންނަށް ނަފްރަތު ކުރާ ވަރަށް ޒެވިޔަން އެހިތް ހަލާކުކޮށްލިއެވެ. ފިރިހެނުންނަކީ ތަނަކުން ރީތި އަންހެން ކުއްޖެއް ފެންނައިރަށް އެމީހުން އަތްދަށުލާން ބޭނުންވާ ބައެއްކަން އަލައިކާއަށް ވިސްނުނީ ޒެވިޔަންގެ ސަބަބުންނެވެ. އޭނާގެ ހިތުން އިތުރު މީހަކަށް ޖާގަ ދޭހާ ހިތްވަރެއް އޭނާ ގަޔަކު ނެތެވެ. ދެވަނަ ފަހަތު ހިތްހަލާކުވާކަށް އޭނާއެއް ނޭދެއެވެ. އެހިތާމަ ތަހައްމަލު ކުރާހާ ވަރެއް އަލައިކާ ގަޔަކު ނެތެވެ. އެއަށްވުރެ އެކަނިވެރި ދިރިއުޅުމެއް އުޅެންވެސް މާ ފަސޭހަވާނެއެވެ.
ކޮޓަރީ ދެކޮޅަށް ހިނގަލާ ހިނގާލަ ހުރިއިރު އައިރާގެ މޫނު މަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ. އެކުވެރިން ގާތު އޭނާ އަލުން ޝާރިމްއާ ގުޅުނު ވާހަކަ ބުނަން އައިރާ ކިތަންމެ ބޭނުންވި ނަމަވެސް އޭނާ ޖެހިލުންވެއެވެ. ވަކިން ޚާއްސަކޮށް ޔާޒް ގާތު ބުނަން އޭނާ ޖެހިލުންވެއެވެ. ވިސްނަ ވިސްނާފައި އައިރާ އެންމެ ފަހުން އެހަތަރު ކުދިން ތިބޭ ވައިބާ ގްރޫޕްގައި އޭނާ ޝާރިމްއާ އަލުން ގުޅުނު ވާހަކަ ޖެހިއެވެ. ދޮޅުސިކުންވެސް ނުވަނީސް ޔާޒް ގުޅަން ފެށިއެވެ. ތިންފަހަރު ރިންގް ވުމާއެކު އައިރާ ބިރުން ހުރެވެސް ފޯނުނެގިއެވެ. “އައިރާ މޮޔަވީތަ؟ ކީކޭ ހިތަށް އަރައިގެން އަލުން ޝާރިމްއާ ރަށްޓެހިވީ؟” ޔާޒް ނުރުހިފައި ހަޅޭއްލެވިއެވެ. އައިރާ ތުންފަތުގައި ދަތް އަޅައިގެން ހިމޭނުން އިނެވެ. “ޑޭމް އިޓް އައިރާ! ވަޓްސް ރޯންގް ވިތް ޔޫ؟” ދެން އިވެން ފެށީ އައިރާ ގިސްލުމުގެ އަޑެވެ. ޔާޒް ދެލޯ މަރާލުމަށްފަހު ރީއްޗަށް ވާހަކަ ދައްކަން ފެށިއެވެ. “ހެއި. ނުރޮއެބަ. އެބަދަން ތިގެއަށް!” އައިރާ އިތުރި އެއްޗެކޭ ބުނުމުގެ ކުރިން ޔާޒް ފޯނުކަނޑާލިއެވެ.
ރޭގަނޑު ކާން ހަދާފައި ކާން އަންނަން އިސްރާ އައިރާއަށް ގޮވިއެވެ. އައިރާ ނުކާނަމޭ ކިޔާފައި ކޮޓަރީގައި އޮތެވެ. އިސްރާ ދެފަރާތަށް ބޯ ހޫރާލަމުން އަހުސަމްއާއި އައިރާގެ ކުޑައަށް ހުންނަ އަހާންއަށް ގޮވިއެވެ.
އަހުސަމް ކާން އަރާފައި އައިރާ ކޮބާތޯ އެހިއެވެ. “ނުކާނަމޯ ބުނީ! ވަރެއްގެ ކުއްޖެއް އެއީ ކުޑައިރުވެސް ކާންދެވެނީ އެހާ އުނދަގުލުން. އަހުސަމް ދޭބަ ގޮވަން. އަހޫ ބުނީމަ ފަހަރެއްގަ އައިއްސާނެ” އައިރާ ނުކާވަރުން އިސްރާ ހުންނަނީ ކަންތައް ބޮޑުވެފައެވެ. މެންދުރު ކައިފިއްޔާ ރޭގަނޑަކު ނުކާނެއެވެ. ރޭގަނޑު ކައިފިއްޔާ އަނެއް ދުވަހު ހެނދުނާ މެންދުރަކު ނުކާނެއެވެ. އައިރާ ކުޑައިރުވެސް އިސްރާއަށް އެންމެ އުނދަގޫވީ އައިރާއަށް ކާންދޭށެވެ.
ކޮޓަރީ ދޮރުގައި ޓަކި ޖަހާ އަޑުއިވުމާއެކު އައިރާ މޫނު ރީތިކޮށްފައި ކަޅު ކުލަައިގެ ވަށްބުރުގާއެއް ބޮލަށް މަހާލިއެވެ. ލޯގަނޑުން މޫނު ހުރީ ރީއްޗަށްތޯ ބަލާލުމަށްފަހު އައިރާ ގޮސް ދޮރުހުޅުވީ ޔާޒްކަމަށް ހީކޮށެވެ. “ޔާޒް. އައި އޭމް…” ކުރިމަތީގައި ހުރި އަހުސަމް ފެނިފައި އައިރާ ހުއްޓުން އެރިއެވެ. ދުލުގައި ދަތް އަޅާލެވުނީ ރަކިވީވަރުންނެވެ. އައިރާއަށް ވީގޮތުން އަހުސަމްއަށް ހެވުނެވެ. “ޔާޒް އަންނަނީތަ؟” އައިރާ އިން ގޮތަށް އިނދެ ބޯޖަހާލިއެވެ. “ހިނގާ ކާންދާން. ވަރަށް ދުވަސް ވެއްޖެ އެންމެން އެކީ ނުކެވޭތާ. ކޮއްކޮވެސް މިރޭ އެބައިން. އައިރާވެސް އާދޭ!” އަހުސާމް ކާންދާން ބުނުމުން ދެކޮޅު ހަދާކަށް އައިރާއަކަށް ނުކެެރުނެވެ. މިދަނީއޭ ކިޔާފައި ކޮޓަރިއަށް ވަދެ ފޯނު ހިފައިގެން ނުކުތެވެ.
އަހުސަމް އައިރާ އެބައާދެއޭ ބުނުމުން އިސްރާ އައިރާގެ ތަށްޓަށް ބަތް އަޅާދިނެވެ. އައިރާ އަމިއްލައަށް އަޅަންނާމުން އެއް ސަމްސާވެސް ނާޅާނެކަން އިސްރާއަށް ޔަގީނެވެ. އައިރާ އައިސް އިށީންނަމުން އަހާންއަށް އުނދަގޫކޮށްލިއެވެ. އަހާން ރުޅި މޫނު ހެދުމާއެކު އައިރާ ދޫދިއްކުރިއެވެ. އައިރާ އިށީންތަނުން ޔާޒް މެސެޖްކޮށްފައި ބޭރުގައި ހުރި ކަމަށް ބުންޏެވެ. އިސްރާ ގާތު ޔާޒްއައި ވާހަކަ ބުނެފައި އައިރާ ގޮސް ދޮރުހުޅުވިއެވެ.
“އަނހާ ޔާޒް. އާދޭ ކާން. ހާދަ ނުފެނެއޭ މިހާރު!” އައިރާއާއެކީ ޔާޒް ކާގެއަށް އައުމާއެކު އަހުސަމް ބުންޏެވެ. “ގޭގަ ނޫޅޭ މީހުންނަކަށް ނުފެންނާނެއްނު. ކުރީދުވަހުވެސް އާރާޝްއާ އެއްކޮށް އެރަށުނުން އައި ގޮތަށް ގެއަށްވެސް ނުވަދެ މިގެއަށް ކަންނޭންގެ އެންމެ ފުރަތަމަ އައީ ދޯ ޔާޒް!” ޔާޒްއަށް ތަށްޓެއް ގެނަސް ބައިންދަމުން އިސްރާ ބުންޏެވެ. “އަހޫބެމެން އުޅޭލެއް ބިޒީކަމުން ކިހިނެއްދޯ ފެންނާނީ! އިސްރާދައްތަ ކައްކަ ކާއެއްޗިހި މީރުކަމުންވެސް މިގެއަށް އާދެވޭނެ!” ޔާޒް އޭނާގެ އަމިއްލަ މަންމައަށް ހުންނަ ކުލުނަށްވުރެ އިސްރާއަށް ހުންނަ ކުލުނު މާ ބޮޑެވެ. ޔާޒް އިސްރާދެކެނީވެސް އޭނަގެ މަންމަ ގޮތަށެވެ.
“ޔާޒްބެ އަބަދު މިގެއަށް އަންނަނީ ޔާޒްބެ ދޮންތަގެ ބީއެފްއަށް ވީމަތަ؟” ވަރަށް ވިސްނަން އިނދެފައި އަހާންކޮށްލި ސުވާލުން އައިރާއާ ޔާޒް އެއްފަހަރާ ކެއްސައިގަތެވެ. އައިރާ އަނގައިގައި ހުރި ކާއެއްޗި ނުވެރުނީ ކިރިޔާއެވެ. ދިހަ އަހަރުގެ އަހާން އެފަދަ ސުވާލެއް ކުރުމުން އަހުސަމްއާ އިސްރާ ތިބީ ބުނާނެ އެއްޗެއް ނޭންގިފައެވެ. “އަހާން ކުރާ ސުވާލު! ދޮންތަގެ ބީއެފްއަށް އެކަނިތަ މިގެއަށް އާދެވެނީ؟” އައިރާ ޔާޒްއަށް ކަޅިއަޅާލިއެވެ. ޔާޒް މަޖާވެފައި ހުރުމުންނެވެ. “ހޫމް މީ ދޮންތަގެ ބީއެފް. ނޮތް ބޯއި ފްރެންޑް ބެސްޓް ފްރެންޑް” ޔާޒް ބެސްޓް ފްރެންޑްއޭ ބުނުމާއެކު އައިރާ ފުންނޭވައެއް ދޫކޮށްލިއެވެ. “ބެސްޓް ފްރެންޑަކީ ބީއެފްއެފް” އަހާން މައުސޫމްކޮށް ބުނުމާއެކު ޔާޒް އެހެންހޭ ބުންޏެވެ. “އަހާން. ކޮންތާކުން ބީއެފް ކިޔަން ދަސްކޮށްގެން ތިއުޅެނީ. ތިހެން ނުކިޔާ އަވަހަށް ކައި” އަހާން މާއަނގަ ގަދަވާހެން ހީވުމާއެކު އިސްރާ ބުންޏެެވެ.
އިސްރާއާ އަހުސަމްގެ ކުޑަ އާއިލާއާއެކު ވަގުތުކޮޅެއް ހޭދަކޮށްފައި ޔާޒް ގެއަށް ދިޔައީ އެގާރަވެސް ޖެހިފަހުންނެވެ. ސިޓިން ރޫމްގައި ނިދާ ބޮކި ދިއްލާފައި ހުރުމުން ނަވްޔާ ނިދަން ދިޔައީކަން ޔާޒްއަށް އެނގުނެވެ. ޔާޒްވެސް ކޮޓަރިއަށް ވަދެފައި އެއްޗިހި ބަދަލުކޮށްގެން ނިދަން އޮށޯތެވެ.
ކިންގް ސައިޒްގެ ބޮޑު އެނދުގައި އޮށޯވެލައިގެން އަތުގައި އޮތް ގަނޑަށް ބަލަން ތާނިޔާ އޮތެވެ. މަޑު ނޫކުލައިގެ ކުޑަ ޓޮޕްކޮޅަކާ ޓައިޓެއް ލައިގެން އޮތްއިރު ތާނިޔާ ހަށިގަނޑުގެ ބޮޑުބައި އޮތީ ހާމައަށެވެ. އަތުގައި އޮތް ގަނޑުގައި އޮތީ ފިލްމެއްގެ ސްކްރިޕްޓެވެ. ރާއްޖޭގެ މިހާރު ހުރި އެންމެ މޮޅު ޑައިރެކްޓަރުގެ ފިލްމެއް ކުޅުމުގެ ފުރުސަތު އޭނާއަށް އެވަނީ ލިބިފައެވެ. ފިލްމުގެ ބަތަލާގެ ބައިކުޅެން އޭނާއަށް ލިބުނުއިރު ބަތަލުގެ ބައި ކުޅެން ހަމަޖެހިފައިއޮތީ ރާއްޖޭގެ މިވަގުތު އެންމެ އަރަމުން އަންނަ އެކްޓަރު ލަމާންއެވެ. ލަމާންއަކީ ތާނިޔާއަށް ވަރަށް ކަމުދާ ޒުވާނެކެވެ. ތެދައް ބުނަނީ ނަމަ ތާނިޔާ ފިލްމު ކުޅެން އެއްބަސްވީވެސް ލަމާންއާ އެއްކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެތީއެވެ.
ތާނިޔާ ސްކްރިޕްޓަށް ގެއްލިފައި އޮއްވައި އޭނާގެ ފޯނު ރިންގް ވާން ފެށިއެވެ. އަލްޔަސްގެ ކޯލަކަށް ވުމުން މޫނަށް ވައްތަރެއް ޖައްސާލެވުނެވެ. ފޯނު ކެނޑުނުއިރުވެސް ފޯނު ނަގާ ޚިޔާލެއް ތާނިޔާ ނުކުރިއެވެ. އަލްޔަސް ދެވަނަ ފަހަރަށްވެސް ގުޅާނެކަން އެނގޭތީވެ ސައިލެންޓަށް ލާފައި ވައިބްރޭޓްވެސް ކަނޑާލުނަށްފަހު ފޯނު ބާލީސް ދަށަށް ލިއެވެ.
ނިދުމުގެ ކުރިން ތާނިޔާގެ އަޑުއަހާލާ ހިތުން ގުޅި އަލްޔަސްއަށް ލިބުނީ މާޔޫސްކަމެވެ. ތިންފަހަރު ގުޅައިގެންވެސް ތާނިޔާ ފޯނު ނުނެގުމުން ތާނިޔާއަށް ނިދުނީކަމަށް ހީކޮށްފައި އަލްޔަސް ގުޑް ނައިޓް ޖަހާފައި މެސެޖެއްކޮށްލިއެވެ. އެނދުގައި އޮށޯތެއް ކަމަކު އަލްޔަސްގެ ލޮލަށް ނިންޖެއް ނައެވެ. ފޯނު ހާވަން އޮއްވައި މެސެންޖާއިން އަލައިކާގެ ނަން ފެނުމުން އަލައިކާއަށް ހައިއެއް ޖަހާލިއެވެ.
އިޝަލްގެ ސްކޫލް ޕްރޮޖެކެޓެއް ހަދަން އެހީތެރިވެ ދޭން އަލައިކާއަށް މެސެންޖާއިން މެސެޖެއް އައުމުން ބަލާލިއެވެ. އަލްޔަސް ހައި ޖަހައިފާ އިނުމުން އަލައިކާވެސް ހައިއެއް ޖެހިއެވެ. އަލަައިކާގެ ރިޕްލައި އައުމާއެކު ކީއްކުރަނީހޭ ކިޔާ އަލްޔަސް އަނެއްކާވެސް މެސެޖެއް ފޮނުވިއެވެ.
އިޝަލްގެ ޕްރޮޖެކްޓް ހެދުމަށް އެހީވުމަށްވުރެ ބޮޑަށް އަލައިކާއަށް ސަމާލުކަން ދެވެމުން ދިޔައީ ފޯނަށެވެ. އިޝަލް ސުވާލެއް ކުރިއަސް ޖަވާބުދެވޭ ވަރުވަނީ ދެތިން މިނެޓް ފަހުންނެވެ. ނިދިއައިސްފިޔޭ ކިޔާފައި އިޝަލް ދިއުމުން އަލައިކާވެސް ކޮޓަރިއަށް ވަނެވެ. އޭރުވެސް އެނާ ދިޔައީ އަލްޔަސްއަށް މެސެޖް ކުރަމުންނެވެ.
***
މާހައުލު ބަދަލުވުމާއެކު ނަވާރްއަށް ނިދަން އުނދަގޫވިއެވެ. އެނދުގެ ދެކޮޅަށް ފޮރޮޅި ފޮރޮޅިވެސް ނިދޭކަމަކަށް ނުވިއެވެ. އެންމެ ފަހުން ނަވާރް ތެދުވެ ކޮޓަރީގައި އިން ބެލްކަންނަށް ނުކުތެވެ. ހަނދުވަރު ރީތިރެއަކަށް ވުމުން ދުނިޔެމަތިވަނީ އަލިވެފައެވެ. އާދައިގެ ވަރަކަށް ވައިރޯޅި ޖެހެމުން ދިޔައެވެ. ތަރިތައް އުޑުގައި ފިޔަޖަހަމުން ދިޔައެވެ. ބެލްކަނީގެ ރެއިލިންގައި އަތް އަޅުވައިގެން ނަވާރް މަޑުމަޑުން އޭނާގެ ދިގު އެސްފިޔަތަށް ލައްޕާލިއެވެ. ނަވާރްއަށް އަވަސް އަވަހަށް ލޯ ހުޅުވާލެވުނީ ހިތަށް ސިފަވެގެން ދިޔަ ސޫރައަކުންނެވެ. އެއީ ކީއްވެކަމެއް އެއްގޮތަކަށްވެސް ނަވާރްއަކަށް ނޭންގުނެވެ. ދެފަރާތަށް ބޯ ހޫރާލަމުން ނަވާރް އަވަހަށް ކޮޓަރިއަށް ވަނެވެ.
***
ގޭ އެންމެ ތިރީގައި މަޑުކޮށްގެން ހުރި ޔޫސުފް ބެލްކަނީގައި ހުރި ނަވާރްގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ. ނަވާރް އުޅުނު ގޮތް ޔޫސުފްއަށް މަޖާވިއެވެ. “ޔަގީނޭ މަށަށް ފޮނި ދެއްކެންކަން މަގޭ ގެއަށް އައިސްގެން އެއުޅެނީ!” ހިތާހިތުން ޔޫސުފް ފޮނިވެލިއެެވެ. ތިރީގައި އިތުރަށް މަޑުނުކޮށް ޔޫސުފް މައްޗަށް އެރިއެވެ. ނަވާރް އުޅެނީ އޭނާއަށް ދެއްކެންށޭ ހިތާ ނިކަން ފޮނިވިއެވެ.
***
ފޯނު ކަންފަތުން ނައްޓާލާފައި ނާފިއު ފުން ނޭވައެއް ދޫކޮށްލިއެވެ. ނަވާރް ހުރިތަން އެނގުމާއެކު އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެމީހުން ގާތަށް އެނބުރި އައުމަށްވުރެ ނަވާރްއަށް ރަނގަޅުވާނީ ދީނާމެންގޭ ހުރުކަން ނާފިއުއަަށް އެނގެއެވެ. އެހެންވެ ނަވާރް ގެންނާކަށް ކޮންމެހެން އޭނާއަށް ނޫޅެއެވެ. އެހެނަސް ނަވާރްގެ ހާލުބަލައި އޭނާއަށް ވީ ވަރަކުން ނަވާރްއަށް އެހީވެދޭނެއެވެ. ނަވާރް ދިޔަތަނަކާ ބެހޭ ގޮތުން ހަމްދާ ސުވާލު ކުރުމުން ނޭންގެއޭ ބުނެ ނަވާރް ހުރިތަން ހަމްދާއަށް ނާފިއު ސިއްރުކުރިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.






Salam all. Here is the sixth episode of raastha season2. Hope u all enjoyed reading this part. Next part up kureveyne vaki dhuvaheh bunaa kah neynge. In Sha Allah liyevunuhaa avahakah up kohdheynan.
Mi first dho Vara reethi mi part ves
Hihi yweah and thank you
Mi part varah varah reethi…Maa sha Allah..waiting for the next part…..
Thnks dear
Wooww….its sooo good… i luv it.. Maashaa Allah… u r so good at writing stories…hope next ep vr avahah genes dheyne kamahh..??
Thnks dear. Kiyara ves balany vyhaaves avahakah genesdheveytho. Test dhuvaskolhu vyma gina dhuvas vany dhem oii episode liyan